"މާކިން ކިޔަނީ" މާކިން ޒަލަފްގެ މޫނަށް ބަލަން ހުރެފައި އިރުކޮޅަކުން ޖަވާބުދިނެވެ. ޒަލަފް އެވަގުތު ހިނިތުންވެލާފައި އޭނާގެ އަތަށް ދަމާލައިގެން ގެންގޮސް ދެމީހުން ކާރަށް އެރުމުން ފަޔާޒް ފަހަތުން އަރައި ދުއްވާލިއެވެ.

*****

"ކިހިނެތްވީ؟" މާކިން ކޮޓަރިން ޖަނާއަށް ނިކުމެވުނީ ޝަރުމީލާ ކުރިމައްޗަށެވެ. ހިތަށް އަސަރުކޮށްފައި ހުރި ވަރުން ޖަނާ ބޭނުންވިއަސް ހާލަތު ސިއްރެއް ނުކުރެވުނެވެ. ތުންފިތާލެވުމާއެކު ކަރުނަތައް ފޮރުވަން އޭނާ އަތްތިލަ ހުރަސްކޮށްލީ ލޯމަތީގައެވެ. "ޖަނާ..!" ޝަރުމީލާ އަކުރުތަކަށް ބާރުލައިފައި ގޮވާލިއެވެ "މިއަދު އަނެއްކާ މާކިންއާ ޒުވާބު ކުރީތަ؟" ޝަރުމީލާ ކައިރިއަށް ޖެހިލާފައި އޮޅުންފިލުވަން މަސައްކަތް ކުރަނިކޮށް ފަޔާޒްވެސް ހުކުރު ހެދުން ބަދަލު ކޮށްގެން ނިކުމެއްޖެއެވެ. އެވަގުތު ޝަރުމީލާއަށް ފަޔާޒްގެ އަޑު އިވިގެން އެނބުރި ބަލާލައިފައި އަނެއްކާ ޖަނާ މޫނަށް ނަޒަރު ހުއްޓައިލިއެވެ. "ކިހިނެތްވީޝަރުމީލާ؟" ޖަނާ ކަރުނަތައް ދިރުވާލައިފައި އަތް ނެގި ވަގުތު ފަޔާޒް އައިސް ޝަރުމީލާ ކުރެން އަހައިލިއެވެ. ކަންބޮޑުވެގެން ޖަނާއަށް ކުރެވުނު ކަމަކީ ތުންފަތުގައި ދަތް އަޅައިލުމެވެ. "ތިހެން އަހަރެންވެސް މިއަހަނީ." ޝަރުމީލާ ފަޔާޒްއަށް ޖަވާބު ދީފައި ދެމީހުން ވެގެން އެމޫނަށް ކަޅި ހުއްޓާލުމުން އިތުރަށް ދޮގު ހަދަން ޖަނާ ނުކުޅެދުނެވެ. އޮޅުވާލަން މަސައްކަތް ކުރުމަށްވުރެ ހިމޭނުން ހުރުންވެސް މޮޅެވެ. އެއީ އެދެމެދުގައި ކަމެއް އޮތްކަން އެނގޭވަރަށް އެމީހުންނަށްވެސް މިހާރު ހުންނާނީ ހެކި ފެނިފައެވެ.

"ޖަނާ! މަންމަ އެއްޗެކޭ އެބަ އަހަމޭ. ޖަވާބު ދީބަލަ!" ޖަނާގެ ހިމޭންކަންދެކެ ހިތްހަމަ ނުޖެހިގެން އެއަތުގައި ހިފާ ތަޅުވައިގެންފައި ޝަރުމީލާ އިތުރަށް އެހިއެވެ. ހިފަހައްޓައިގެން ހުއްޓާވެސް ލޮލުން ކަރުނަ އަންނަން ފެށުމުން ޖަނާ ދެފަރާތަށް ބޯ ހޫރާލަމުން އަތް އެޅީ އަނެއްކާވެސް މޫނުގައެވެ. "އަޖައިބެއް ކަހަލަ ކަމެއްނު މީ. ކާކުތަ އަހަރެންނަށް ވެގެން އުޅޭ ގޮތެއް ކިޔައިދޭނީ؟ ފަޔާޒް އަހާބަލަ މާކިން ކައިރީ. އަހާބަލަ ޖަނާ ދެރަވާ ކަހަލަ އެއްޗެއް ބުނިންތޯ." ޝަރުމީލާގެ ކެތްތެރިކަން ކޮޅުންލާ ގޮތްވުމުން ފަޔާޒްއާ ދިމާއަށް މޫނު އަނބުރާލައިފައި ބުނެލިއެވެ. ފަޔާޒް ވަގުތުން ބޯ ޖަހާލައިފައި އެތެރެއަށް ވަންއިރު ބާކީ ތިބި މީހުން ލަސްވެގެން ދީނާމެން ނިކުތެވެ. ދީނާ އަވަހަށް އެދިމާއަށް އައިސް ސުވާލު ކޮށްލި ވަގުތު އަކްޔަން ދެރަވެގެން އައިސް މަންމަގެ ދެފައިގައި އޮޅުލައިގެންފިއެވެ. ކަރުނަ ފުހެލާފައި މޫނުން އަންނެގި ގޮތަށް ޖަނާ ހިނިތުންވެލީ އަކްޔަންއަށް ދައްކަން ވެގެންނެވެ.

"މަންމާ އަހަރެން ބޭނުމެއް ނޫން މާނައެއް ނެތް ބޭކާރު ވާހަކައެއް ދައްކާކަށް. އެއީ މިގެއިން ނިކުންނަ ވަގުތުން ފެށިގެން އަހަރެންވެސް ދެން ހަނދާނެއް ނުކުރާނަން އެތާ ވީ ކީއްކަމެއް." ޖަނާ އަކްޔަން އުރާލައިފައި ދެއްކި ވާހަކައިން ދެންތިބި ދެމައިން އެކަކު އަނެކަކަށް ބަލައިލިއެވެ. "ދީނާ ބޭނުމިއްޔާ ކައިގެން ދޭ. އަހަރެމެން ކާނީ ގެއަށް ގޮސް އެއްޗެއް ތައްޔާރުކޮށްގެން ހިނގާ ދޫނި މަންމައާއެކު ގެއަށް ދާން." ޖަނާ ދީނާއަށް ބަލާލުމަށްފަހު އަކްޔަން ކައިރީ އެވާހަކަ ބުނުމުން ނިކަން ފަސޭހައިން ބޯ ޖަހައިލިއެވެ. "އެކަމަކު ދޮންތަ ކައްކާފަ ނުކައި ދަނީ ކީއްވެ؟" ދީނާ ސުވާލު ކުރިއިރު ބަލައިލީ މަންމައަށެވެ. ޝަރުމީލާ ހިތްހަމަ ނުޖެހިފައި އަކްޔަންއަށް ކާންދީގެން ނޫނީ ދާނެކަމެއް ނެތޭ ބުނީމަވެސް ޖަނާ ނުހުއްޓުނެވެ.

"މާކިން!" ފަޔާޒް ވަންއިރު މާކިން ފެންނަން ނެތިގެން ގޮސް ފާޚާނާ ދޮރުގައި ޓަކި ޖަހާލުމުން އެތެރެއަށް ޖަވާބު އައެވެ. އޭނާ އައިސް އެނދުގައި އިށީންދެ އިންދާ އިރުކޮޅަކުން ނިކުމެގެން އަންނަތަން ފެނުނީ މޫނު ފުހެމުންނެވެ. "ބައްޕަ މިކުރާ ސުވާލު ޖަވާބު ދީބަލަ. މާކިން ޖަނާ ދަންނަން ފެށީ ކޮންއިރަކު؟ ބައްޕައަކަށް ހިއެއް ނުވޭ ތިދެމީހުން އަލަށް ބައްދަލުވީ މިގޭތެރެއިން ހެނެއް. ޔަޤީނުންވެސް ދެމީހުން ދެބަސްވެ ޒުވާބު ކުރަނީ ދަންނަތާ އެތައް ދުވަހެއް ވެފައިވާ ބައެއްހެން." ފަޔާޒް ވާހަކަދެއްކިއިރު މާކިންގެ މޫނަށް ފުން ނަޒަރެއް ދިނެވެ. މާކިން އޮޅުވާލަން ބޭނުންވިއަސް އެމޫނުގެ ކުލައިން އޭނާއަށް ހުރިހާ އެއްޗެއް އެނގޭނެއެވެ. މާކިންވެސް އެވަގުތު ހިތަށް އެރީ ބައްޕައަށް ދޮގު ހަދަން އުޅުން އެއީ ކިހާ ބޭކާރު ކަމެއް ކަމެވެ. އޭނާ ބަލަން ހުރެލާފައި މަޑުމަޑުން ބޯ ޖަހައިލިއެވެ. އެސްފިޔަތައް އުފުލާލި ވަގުތު ފަޔާޒް އަތުން އިޝާރާތް ކޮށްފައި ކައިރީ އިށީންނަން ބުނެލުމުން ފިޔަވަޅެއް އަޅާލައިފައި ގޮސް ކައިރީގައި ޖައްސައިލިއެވެ.

"ދެން ކޮންކަމަކާ ދެމީހުން އަބަދު ޒުވާބު ތިކުރަނީ؟ ޖަނާ ދެންމެވެސް ރޮމުން ނިކުމެގެން އެދިޔައީ. ޝަރުމީލައްތަވެސް ވަރަށް ހިތްހަމަ ނުޖެހިފަ ހުރީ. މައްސަލައެއް އޮތިއްޔާވެސް މިހާރުދެން ހައްލު ކުރަން ވެއްޖެއެއްނު. ޝަރުމީލައްތަ ކިހާ ދެރަވާނެ ޖަނާ މިގެއަށް އައިސް ކޮންމެފަހަރަކު މާކިންއާ ދެބަސްވެގެން ރޮންޏާ. ޖަނާ މިގެއަށް ނާންނަންވެސް ނިންމަފާނެ." ފަޔާޒް މާކިންއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ބައްޕަ ހިތްހަމަ ޖައްސަދޭން ބޭނުންވިއަސް އެގޮތުން ބުނާނެ އެއްޗެއް ހިތަށް ނައުމުން މާކިން ހަމައެކަނި ބޯ ޖަހާލިއެވެ. ފަޔާޒް އެވަގުތު ހިނިތުންވެލާފައި ތެދުވެ ކާން ހިނގާށޭ ބުނުމުން ދެމީހުން ތެދުވެގެން ދިޔައިރު ކާކޮޓަރީގައި ތިބީ ދެމީހުންނެވެ. ފަޔާޒް ސުވާލު ކުރުމުން ޖަނާ ހިނގައްޖެއޭ ބުނެފައި ޝަރުމީލާ ބަލައިލީ މާކިންއަށެވެ. އޭނާ އިސްޖެހި ގޮތަށް އިތުރު މީހަކަށް ބަލައިވެސް ނުލައި ކެއުމާއިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރިއެވެ.

އެރޭ ޒަލަފްއާ ދެމީހުން ކެއުމަށް ދާން ނިންމާފައި އޮތްކަން ޖަނާ ހަނދާންނެތިފައި ހުއްޓާ ޒަލަފް ކޮށްލީ މެސެޖެކެވެ. އަދިވެސް ބައްދަލު ވުން އެބައޮތްތޯ އާއި މިހެން މިއެހީ އެއްވެސް އިޝާރާތެއް ދީފައި ނެތުމުންނޭ ލިޔެލާފައި އޮތެވެ. ޖަނާ ގަޑި ބަލާލިއިރު ނުވައެއް ޖަހަން ދަނީއެވެ. އަކްޔަން ނިންދަން ބާއްވާފައި އަވަހަށް ގޮސް ދީނާ ކޮޓަރިއަށް ވަންއިރު ފޮތެއް ހުޅުވާލައިގެން ދީނާ އޮވެފައި ތެދުވިއެވެ. "ދީނާ ހެލްޕް މީ. އަހަރެން ނުވައެއް ޖަހާއިރު ޒަލަފްއާ ބައްދަލު ކުރަން ދާން މިއުޅެނީ. ދެން ހުރީ އެންމެ ދިހަ މިނިޓް. ލާނެ ހެދުމެއްވެސް ތައްޔާރެއް ނުކުރެވޭ. ދޮންތަ ފެންވަރާލައިގެން ނިކުންނަންވާއިރަށް ވީއެއްނު ހެދުމެއް އިސްތިރިކޮށްލަދޭން." ޖަނާ ހިތް އަވަސްވެފައި ހުރެގެން އެއްފައްޗަކަށް އަމުނާލައިފައި ނިކުމެގެން ދިޔައީ އިސްތިރި ކުރަންވީ ކޮން ހެދުމެއްކަންވެސް ނުބުނެއެވެ.

ފެންވަރަން ހުރިއިރު އޭނާ ދައްކަން ހުރި ވާހަކައާމެދު އަދިވެސް އެއްފަހަރު ވިސްނުން ހިންގައިލިއެވެ. މާކިން ދެކޮޅު ހެދިއަސް ޒަލަފްގެ ހުށައެޅުން ގަބޫލު ކުރެވެން ނެތް ވާހަކަ އޭނާ މިރޭ ބުނާނެއެވެ. މާކިންގެ ލޯބި ނުލިބުމުން މާކިންގެ އެންމެ ގާތް އެކުވެރިޔާއާ ގުޅުމަކީ އެއްވެސް ކޮޅަކުން ބަލާއިރު ބުއްދިވެރި ގޮތެއް ނޫނެވެ. އަދި އެވެސް އޭނާގެ ހިތުގައި މިހާރު ޒަލަފްއަށް މަޤާމެއް ނެތިއެވެ. ހަޔާތުގައި ކުރިއަށް ދިއުމަށްޓަކައި އޭނާ ގުޅެން ޖެހޭނީ ކޮންމެވެސް އެހެން މީހަކާއެވެ.

"ދީނާ؟ މީ ކޮންކަމެއް؟" ޖަނާ ތުވާލި އޮޅާލައިގެން ކޮއްކޮ ކޮޓަރިއަށް ދިޔައިރު ކޮނޑުގައި އަޅުވާފައި ހުރި ހެދުން ފެނިގެން ހައިރާންވެފައި ސުވާލު ކޮށްލެވުނެވެ. މަޑުނޫ ކުލައިގެ އަތްކެނޑި މިޑީއާ ހުދު ޖެކެޓްކޮޅު އެއީ އޭނާ ކުރިން ދުށް އެއްޗެއްސެއް ނޫނެވެ. "މީ އިމާން އަހަރެންނަށް ހަދިޔާ ކުރި ހެދުމެއް. އަހަރެންނަށް ބޮޑުވީމަ އަނބުރާ ދޭން އުޅެނިކޮށް ކިޔައިފި ދޮންތައަށް ދޭށޭ. އަލަމާރީގައި އޮތީމަ ހަނދާންނެތިފަ ހުއްޓާ މިރޭ ކުއްލިއަކަށް ފެނުނީ." ދީނާ ދެއަތް ޖޯޑުކޮށްލައިގެން ހިނިތުންވެފައި ހުރެ ކިޔައިދިނެވެ. ޖަނާ ބޯ ޖަހާލައިފައި ވަކި ގޮތެއް ނުނިންމިގެން ބަލަން ހުއްޓާ ދީނާ އެއެއްޗެހި ހިފައިގެން އައިސް ކުރިމަތީ ހުރެ އާދޭސް ކުރަނިކޮށް އެއްލުނު ކަޅިއަކުން ގަޑި ފެނުނުއިރު ފަސް މިނިޓްވެސް ނެތެވެ. "އޯހ ނޯ. ޔަޤީން ގަޑި ޖެހޭނެކަން. ގެނޭ ތިހެދުން." ޖަނާ ކަންބޮޑުވެގެން ހަޅޭތްލަވައިގެންފައި ހެދުން އަތުލައިގެން އެނބުރިލުމުން ދީނާ ވަގުތު ދީފައި ބޭރަށް ނިކުމެއްޖެއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ސިޓިންރޫމްގައި އިނދެފައި ކޮޅަށް ތެދުވެވުނީ ޖަނާ ތައްޔާރުވެގެން ނިކުތްތަން ފެނިފައެވެ.

"ވަގުތު ނެތީމަ ލިޕް ގްލޮސް އެކަނި އުނގުޅާލައިގެން މިނިކުތީ. އިސްތަށިގަނޑު ރަނގަޅުތަ މިގޮތަށް ދޫކޮށްލައިފަ ބޭއްވީމަ. މިހެދުން ކޮމްފީއެއް ކަމަކު ނުގުޅޭ ދޯ އަހަންނަކާ." ޖަނާ އަތްދަބަސް ތެރޭ އޮތް ފޯނު ނަގައި ޒަލަފް ގުޅާފައި ހުރިތޯ ބަލާލުމަށްފަހު ކޮއްކޮގެ މޫނަށް ބަލައިލިއެވެ. އޭނާއަށް ފެނުނީ ދީނާ ލޯ ބޮޑުކޮށްލައިގެން ހުއްޓައެވެ. "ކިހިނެތްވީ؟" ޖަނާ ހީކުރީ ހެދުމުގައި މައްސަލައެއް ހުރީ ކަމަށެވެ. އޭނާ ދެއަތް ތިރިކޮށްލާފައި ހެދުމުގެ އެތަން މިތަނަށް ބަލަން ފެށިއެވެ. "އާ ޔޫ ކިޑިން؟ ދޮންތާ ޔޫ ލުކް ލަވްލީ. މޭކަޕެއް ނުކުރަމޭ ބުނީމަ އެކަކުވެސް ޤަބޫލެއް ނުކުރާނެ." ދީނާ ދޮންތަގެ ވާހަކަ ހުރި ގޮތާއިމެދު ހައިރާންކަން ފައުޅުކޮށްފައި އައިސް ވާހަކަދެއްކުމުން ޖަނާ ހިތްހަމަޖެހިގެން ހިނިތުންވެލާފައި ބެލް ޖެހިއަޑަށް އަވަހަށް ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ.

"ޒަލަފް. ހައި. ވަރަށް ގިނައިރުވެއްޖެތަ އައިފަހުން؟" ޖަނާ ކަންބޮޑުވެފައި ސުވާލު ކޮށްލިއިރު ޒަލަފް ހުރީ އެސްފިޔަޖަހާލަން ނޭނގިފައެވެ. " ލަވްލީ." ޒަލަފް އެވަގުތު ތައުރީފް ކޮށްލީ ޖަނާގެ ސިފައަށެވެ. އޭނާއަށް ޖަނާ ކުރި ސުވާލު އިވުނުހެނެއް ހިއެއް ނުވެއެވެ. "އަހަރެންވެސް ތިހެން މިކިޔަނީ" ދީނާ ފަހަތުގައި ހުރެފައި ރައްދު ދިން އަޑަށް ޒަލަފް ބަލާލިއިރު ހަށަން ބަނދެލައިގެން ހުރީ ހިނިތުންވެފައެވެ. އެއްބައި ވުމުގެ ގޮތުން އޭނާ ބޯ ޖަހާލައިފައި ލަހެއް ނުވެއޭ ބުނެ ޖަނާ ގޮވައިގެން ނިކުމެގެން ދިޔައެވެ. "ދޭއި ލުކް ގުޑް ޓުގެދަރ." ދީނާ އެވަގުތު އަމިއްލައަށް ހުރެގެން ކިޔައިލިއެވެ.

ކާރު މަޑުކޮށްލުމާއެކު ޒަލަފް ނިކުމެގެން ދުވެލާފައި އަނެއްފަރާތަށް ގޮސް ދޮރު ހުޅުވާލަ ދިނުމުން ޖަނާ ހިނިއައެވެ. އޭނާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލުމަށްފަހު ޒަލަފް ދިއްކޮށްލި އަތުގައި ހިފައިގެން ރަނިކަނބަލެއްގެ އިއްޒަތުގައި ކާރުން ފޭބިއެވެ. އެތެރެއަށް ވަންނަން ގޮސް ދޮރު ހުޅުވާލުމާއެކު ޔުނީފޯމްގައި ހުރި ވޭޓަރަކު އައިސް ދިއްކޮށްލީ ދަނބުކުލައިގެ އޯކިޑްމާބޮނޑިއެކެވެ. "އޯވ... ލޯބި." ޖަނާ މާބޮނޑީގައި ހިފާފައި ޒަލަފް މޫނަށް ބަލާލުމުން ޒަލަފް ހިނިތުންވެލީ ނިކަން ހަމަޖެހިފައި ހުރެގެންނެވެ. އެތެރެއަށް ވަދެގެން ދިޔައިރު ޖަނާގެ ހައިރާންކަމާއި ގުޅުނީ މުޅި ރެސްޓޯރެންޓްގައިވެސް އެދެމީހުން ފިޔަވައި އިތުރު ބަޔަކު ފެންނަން ނެތީމައެވެ. ފަނޑުއަލީގެ ތެރޭގައި ހޯލުގެ މެދުގައި ތައްޔާރުކޮށްފައި ހުރި ގޮނޑީގައި އިށީންއިރު މޭޒުމަތީގައި ތާޒާ ރަތް ފިނިމަލުގެ ވާސް އަކާއިއެކު ސްޓޭންޑެއްގައި ހަތަރު އުއްބައްތި ދިއްލާފައި ހުއްޓެވެ.

"އަހަރެން ހީކުރީ އަހަރެންކަމަށް ޒަލަފްއަށް ދައުވަތު ދިނީ؟ އެކަމަކު މިހާރު މިފެންނަ ކަންތައްތަކުން އަހަރެންނަށް އޮޅިއްޖެ." ޖަނާ ހިތްހަމަނުޖެހިފައި ވާހަކަދައްކަން ފެށުމުން ޒަލަފްވެސް ސީރިއަސްވެލައިފިއެވެ. އޭނާ އެތަނަށް އައި ހަޤީޤީ މަޤްސަދު ހަނދާންވުމުން ކަންބޮޑުވީއެވެ. ޒަލަފް މިހުރިހާ ވަރެއް ކުރާ ފަހުން އޭނާ އެނުބައި ޚަބަރު ދޭނީ ކިހިނެތް ހެއްޔެވެ؟ "ކަމްއޯން ޖާން. މީ އެވަރު ކަމެއްތަ؟ އަހަރެން ހިތަށް އެރީ ފަސްއަހަރު ފަހުން އަހަރެމެން ދެމީހުން ފުރަތަމަ ފަހަރަށް ޑޭޓަކަށް އަންނަ ފަހަރު ހާއްސަކޮށްލާނީއޭ. އިޓްސް ނޯ ބިގް ޑީލް." ޒަލަފް ޖަނާގެ ނުތަނަވަސްކަން ދުރުކޮށްދޭން މަސައްކަތް ކުރިއެވެ. އިތުރަށް ބަހުސް ކުރަން ބޭނުން ނުވާތީ ޖަނާ އިނީ އެއްޗެއް ނުބުނެއެވެ. ނަސީބަކުން ހުސްކޮށް އިންނަން ނުޖެހި ވަރަށް އަވަހަށް ކާއެއްޗެހި ގެނައެވެ. ޖަނާ އެންމެ ހައިރާންވީ ޒަލަފްއަށް އޭނާއަށް މީރު އެއްޗެހި އެނގުނީމައެވެ. ހީވާގޮތުން ހުމާ ނަމަވެސް މީހަކު ކައިރިން އަހައި އޮޅުން ފިލުވީއެވެ.

ނަސީބަކުން ޒަލަފްވެސް އެހާ އަވަސް އަރުވާފައި ޖަނާ ދައްކަން އައި ވާހަކަ އާ ބެހޭގޮތުން ސުވާލެއް ނުކުރެއެވެ. ކާން ތިބެގެން އެމީހުން ބޮޑަށް ދެއްކީ އަކްޔަންގެ ވާހަކައެވެ. އިރުކޮޅަކުން ކެއުން ނިމިގެން ދެމީހުން ހަތަރުކަޅި ހަމަކޮށްލިތަނާ ޒަލަފްއަށް ފޯނެއް އައިސްގެން ބަލައިލާފައި ތެދުވެގެން ދުރަށް ޖެހިލިއެވެ. ޖަނާއަށް އެވަގުތު ދޫކޮށްލެވުނީ ފުން ނޭވައެކެވެ. އޭނާ ދެކޮޅު ބަލާލައިފައި އެތާގައި ވޭޓަރުން ތިބުމުން ތެދުވެގެން ގޮސް ވައިވަންނަ ގޮތަށް ހަދާފައި ހުރި ބަޔަށް ނިކުމެ ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުރެ ފަރިތަ ކުރަން ފެށީ ޒަލަފްއާ ދައްކާނެ ވާހަކައެވެ.

"ޒަލަފް! އަހަރެންނަކަށް ނޭނގެ މިވާހަކަ ބުނާނެ ގޮތެއްވެސް. އެކަމަކު އަހަރެން ބޭނުމެއް ނޫން އިތުރަށް އެންމެ ދުވަހަކުވެސް ޒަލަފް އަހަރެންގެ ޖަވާބެއްގެ އިންތިޒާރުގަ ހުންނާކަށް. އެހެންވެ އަހަރެން މިއުޅެނީ މިވަގުތު ޒަލަފްއަށް ޖަވާބެއް ދޭން. އެކަމަކު އޭގެ ކުރިން އަހަރެން ބުނާނީ ޒަލަފް ތީ ވަރަށް ރަނގަޅު މީހެކޭ. އިންސާނަކަށް ވީތީ ކުށެއް ކުރެވިދާނެ. އެކަމަކު ޒަލަފްއަށް މިހާރު އައިސްފަ ތިހުރި ބަދަލަކީ ހައިރާންވާ ވަރުގެ ބަދަލެއް. އަހަންނަށް ޔަޤީން ޒަލަފްގެ ހަޔާތަށް އަންނާނެ އަންހެންކުއްޖަކީ ވަރަށް ނަސީބު ގަދަ ކުއްޖަކަށް ވާނެކަން. އެކަމަކު އެކުއްޖަކީ އަހަންނެއް ނޫން ޒަލަފް. އަހަންނަށް މާފުކުރޭ އަހަރެންނަކަށް ނެތް ޒަލަފްގެ ލޯބި ޤަބޫލު ކުރެވޭކަށް. އެކަމަކު އެއީ އަހަރެން ޒަލަފް ކުށްވެރި ކުރާތީއެއް ނޫން. އަހަރެން ހިތުގައި މިހާރު ނެތް އެއްވެސް ބުރަކަމެއް. އަހަރެން ޒަލަފްއަށް ހެޔޮހިތުން މަޢާފު ކުރަން. ދެރަވޭ މިހެން ބުނަން. އިނގޭ ޒަލަފްގެ ހިތް ހަލާކު ވާނެކަން. އަދި އޭގެ ހިތި ވޭން އެންމެ ރަނގަޅަށް އިހްސާސް ކޮށްފަ ހުރި އެކަކީ އަހަރެން. އެކަމަކު އޭރު އަހަރެންގެ ހިތުގައި އޮތް ލޯބި ނުވެސް އެނގިހުއްޓާ ނެތި ފިލައިގެން ފުހެވިގެން ހިނގައްޖެ. އަހަރެން ކިތަންމެ މަސައްކަތެއް ކުރިއަސް މިހާރު އަހަންނަށް ލޯބީގެ ނަޒަރަކުން ނުދެކެވޭނެ. މިހެން ބުނީމަ އަހަރެން ކަންބޮޑުވޭ ޒަލަފް އަދިވެސް އަހަރެންގެ ހިތް ބަދަލު ވޭތޯ އިންތިޒާރުގަ ހުންނަން ބުނެފާނެތީ. އަހަރެން ބުނާނީ އޭރުން އެބޭކާރު ކޮށްލެވެނީ ހަޔާތުން އިތުރު ދުވަސް ތަކެކޭ. ޒަލަފްއަށް ރަނގަޅު ވާނީ ޒަލަފް ބައްޕަމެން ރުހޭ ކަހަލަ ޒަލަފްދެކެ ލޯބިވާ ކުއްޖަކާ ގުޅުނިއްޔާ." ތިރި ބަލަން ހުރެގެން ޖަނާ ހުރިހާ ވާހަކައެއް ދައްކާ ނިންމާލައިފައި ފިނިވެފައިވާ ދެއަތްތިލައަށް ބަލައިލިއެވެ. ދާދި ކައިރީގައި ހުރި ގަސްމުށިތަކެއްގެ ނިވަލުގައި ހުރި މޭޒެއްގެ ދޮށުގައި އިން ޒުވާނަކު ތެދުވެގެން އައިސް ޖަނާ ފުރަގަހަށް ހުއްޓުނީ އޭގެ އިރުކޮޅެއް ފަހުންނެވެ. މެދުމިނުގެ އިސްކޮޅަކާއި ފަތިހަށިގަނޑެއްގެވެރި ޒުވާނާގެ އިސްތަށިގަނޑު ހުރީ ތުނިކޮށް ކޮށާލައިފައެވެ. ތުނިތުނިކޮށް ތުނބުޅި މަތިމަސް ހުރުމުން އެހާ ހަރުކުލައެއް ނުޖަހައެވެ.

"ދި ބެސްޓް ޑަމްޕިން ސްޕީޗް އެވަރ. ހީވަނީ ތި އަހާފަ ޑަމްޕް ކުރާ ކުއްޖާ ހައްތަހާ ބޮޑަށް ގަޔާވާނީހެން. އަހަރެންނަށް ޔަޤީން އަހަރެން ބޮޑަށް ފޯލްވާނީކަން." ޒުވާނާ އަތުގައި އޮތް ޓެބް ތިރިއަށް އެލުވާލައިފައި ވާހަކަދެއްކިއެވެ. އެވަގުތު ޖަނާ ސިއްސައިގެން ގޮސް އަވަހަށް ފަސްއެނބުރި ބަލާލުމާއެކު އެމޫނު ފެނިފައި ޒުވާނާ ގެ އަނގައިން މިފަހަރު ނިކުތީ "އޯހ.. ވާއު." މި ބަސްކޮޅެވެ. ޖަނާ އޭރު ތީ ކާކުހޭ އަހާލައިފައި އަވަހަށް މޭގައި އަތް އަޅާލަމުން ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. "މީ؟ ހާއި އަހަރެންނަށް ކިޔަނީ ޝާހް." ޝާހު ފުރުސަތުގެ ބޭނުންކޮށްފައި އަމިއްލަ ތައާރަފް ދެމުން ސަލާމަށް އަތް ކުރިއަށް ނެރުނެވެ. ޖަނާ އެވަގުތު ފާޑަކަށް ހުރެގެން އެއްފަހަރު އެއަތަށް ބަލާލައިފައި އަނެއްފަހަރު ޝާހް މޫނަށް ބަލާލުމަށްފަހު "އޯކޭ" އޭ ބުނެ އެތަނުން ދާން ހިނގައިގެންފިއެވެ. "މަޑުކޮށްބަލަ ޕްރިޓީ ގާރލް." ޝާހު ވާހަކަދެއްކުމުން ޖަނާ ބޭނުން ނެތިވެސް ފަސްއެނބުރި ބަލައިލިއެވެ. "ދެންމެ ދެއްކި ވާހަކައިގެ ތެރޭގަ އޭނައަށްޓަކައި ހުރި ކުއްޖަކީ ތީ ނޫންކަމަށް ބުނުމަށްފަހު ދެން އޮތްބައި ސްކިޕްކޮށްލަން އަހަރެން ލަފާ ދޭނީ. އެއީ އެހިސާބުން ދެން ކޮންމެ އެއްޗެއް ކިއަސް އޭނައަށް ނުލިބޭނެ އުފަލެއް. އެންމެ ރަނގަޅުވާނީ ގިނަ ވާހަކަ ނުދައްކާ ހަމަ ސީދާ ޕޮއިންޓަށް ދިޔައީމަ. ޕެއިންލެސްވެފަ ފަސޭހަ ވާނެ." ޝާހު ތަޖުރިބާކާރެއް ފަދައިން ލަފާ ދިނުމުން ޖަނާ އަދި ކުރިއަށްވުރެވެސް ބޮޑަށް އަނގަ ސަކަރާތްވެފައި ހުރެގެން އެތެރެއަށް ދިޔައެވެ. އޭނާ ފުރަގަސްދިނުމާއެކު ޒުވާނާ އަމިއްލައަކަށް "ޔޯ ވެލްކަމް" އޭ ކިޔާލައިފައި ބަލަން ހުއްޓެވެ.

ޖަނާ ގޮސް ކުރިން އިންތާނގައި އިށީންދެފައި ހަމަޖެހިލަން ވެގެން ފުން ކޮށް ދެތިން ނޭވައެއް ލީ ތަނާ ޒަލަފް ވަދެގެން އަންނާތީ ފެނުނެވެ. "ސޮރީ ޖާން. ބައްޕަ ގުޅީމަ ނުނަގާ ހުންނަން ނުކެރުނީ. ޖާން ޤަބޫލެއްވެސް ނުކުރާނެ ބައްޕަ ބުނި އެއްޗެއް އެނގިއްޖެއްޔާ." ޒަލަފް އުފާވެރި ހިނިތުންވުމަކާއެކު އިށީންދެފައި މޭޒުމަތީ އޮތް ޖަނާގެ އަނގިލިތަކުގައި ހިފާލުމުން ފިނިވިއެވެ. "ކީކޭތަ ބުނީ؟" ޖަނާ އިހަށް އަމިއްލަ ވާހަކަ ފަހަށް ޖައްސާލައިފައި އެހިއެވެ. ޒަލަފް ވާހަކަދައްކަން ވެގެން އުޅެފައި ދުރުގައި ހުރި ވޭޓަރަކަށް ދިން އިޝާރާތް ޖަނާ ދުށްޓެވެ. އެމީހާ ބޯ ޖަހާލައިފައި އަނެއްފަރާތަށް އެނބުރި ލުމަށްފަހު އިރުކޮޅަކުން އައީ ފިނިފެންމާ ފިޔަތަކެއް އަޅާފައި ހުރި ނިކަން ރީތި ތަބަކެއް ހިފައިގެންނެވެ. ޖަނާއާ ޒަލަފްގެ ގުޅުވާލެވިފައި އޮތް އަތް ކައިރީ އެމީހާ ތަބައް ބެހެއްޓުމާއެކު ޖަނާ ސިހުނެވެ. ފިޔަތަކު ތެރޭ އެއޮތީ އަނގޮޓިއެކެވެ. ލޯ ބޮޑުކޮށްލައިފައި ޖަނާ ފަށައިގަންނަން އުޅުނު ވަގުތު އަނގައިން އަޑެއް ނުނިކުތެވެ.

"ޖާން. މިރޭ އަހަރެން މިތަނަށް މިއައީ އެކަނި ޑިނަރ އަކަށް ނޫން. އަހަރެން އަދިވެސް އެއްފަހަރު ޖާންއަށް ޕްރޮޕޯސްކޮށް ޖާންގެ ހިތް ހިފައިގެން ދާނެކަމަށް މަންމައަށް ވަޢުދުވެފަ އައީ. އަހަރެން އަދިވެސް އުންމީދު މިކުރަނީ ޖާންވެސް އަހަރެން ތިގެނައީ އަހަރެން ބޭނުންވާ ޖަވާބު ދޭން ކަމަށް. އަދި ދެންމެ އަހަރެންގެ ބައްޕަ ގުޅާފަ އެބުނީ އަހަރެންނާ ޖާން އިންނަން ޤަބޫލޭ. ބައްޕަ ކުރިން ނުރުހުނީ ޖާންގެ ކިޑެއް ހުރީތީ. އެކަމަކު ދެންމެ ބައްޕަ އެބުނީ އަކްޔަންއާ ޖާން އަވަހަށް ގެއަށް ގެންދިއުމަށް. ޖާން! އަހަރެންގެ ބައްޕަ ބޭނުންވަނީ އަކްޔަން ކާފަ ދަރިއަކަށް ހަދަން. ހީ ވޯނަ އެޑޮޕްޓް އަކްޔަން. ބައްޕަ ބޭނުންވަނީ އަކްޔަން ލައްވާ ކާފައޭ ކިޔައި މުޚާތަބު ކުރުވަން. ކެން ޔޫ ބިލީވް އިޓް؟" ޒަލަފް އުފާވެރި ހުރިވަރުން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނާލައިފައި އަދިވެސް ބޮޑަށް އެއަތަށް ފިތައިލިއެވެ. ލިބުނު އެޚަބަރުން ހައިރާންކަމާއި އުފާވެރިކަން އެކުވެގެން ޖަނާގެ ލޮލަށް ކަރުނައިގެ މުތީތައް ގިނަވެގެން އައި ވަގުތު ޒަލަފް ތަބައް ތެރޭ އޮތް އަނގޮޓި ނަގައި ދެއިނގިލިން ހިފަހައްޓައިލިއެވެ.

"ޖަނާ! ޕްލީޒް ބީ މައި ބްރައިޑް. ލެޓްސް ރެއިސް އަވަ ކިޑް ޓުގެދަރ." ޒަލަފް އިސްއުފުލާލައި ހަތަރުކަޅި ހަމަކޮށްލުމާއެކު ދުލުން ބޭރުކޮށްލި ބަސްތަކުން ޖަނާ ރޮއްވާލުމުގައި ކާމިޔާބު ކުރިއެވެ. މަސްހުނި އަސަރުތަކުން އެހިތް ގެނބިގެން ދިޔައިރު މީގެ ކުރިން ތަކުރާރުކޮށް ފަރިތަކުރި ބަސްތައް ދިޔައީ ކޮންތާކަށް ކަމެއް ނޭނގުނެވެ. ޖަނާ ކިތަންމެ ވަރަށް ވިސްނިއަސް ޒަލަފްއަށް ދެކޮޅު ހަދަން އެކަށީގެންވާ ސަބަބެއް އެވަގުތު ހަނދާނަކަށް ނައެވެ. އޭނާއަށްޓަކައި ހިތުގައި އިހްސާސްތަކެއް ހުރެވެސް އޭނައާ ގުޅެން ބޭނުން ނުވާ މީހަކަށްޓަކައި އުމުރު ހުސްކޮށްލުމަށްވުރެ ކުރިއަށް ދިއުން ރަނގަޅު ކަމުގައި ހިތް ބުނެލިއެވެ. އެހެންނޫނަސް މާކިން އޭނާގެ ލޯއްބަށް އިތުބާރު ކުރާނަމަ އަނދިރި މާޒީއަކުން ހިތް ބަދަލު ނުވާނެކަން ޤަބޫލު ކުރީހެވެ. ކަރުނަ ފުހެމުން ތުން ތަޅުވާލުމުން ޖަނާގެ ދެތުންފަތް ފޫދުއްވާލައިފައި ނިކުތް ހަމައެކަނި ބަހެއް ކަމުގައި އެވަގުތު "ޔެސް." ވެގެން ދިޔައެވެ.

ކޮމެންޓް 0