ޅަކުއްޖަކު ބިރުން އުޅޭހެން ޖަނާ ލޯ ހުޅުވާލިއިރު ޒަލަފްވެސް ބަލަން އޮތީ ލޮލަށް ފެންނަމަންޒަރު ޤަބޫލު ނުކުރެވިފައެވެ. އޭރު ރެސްޓޯރެންޓްގައި ދެންތިބި މީހުންގެ އިތުރުން މާކިން އާއި ދީނާގެ ނަޒަރުވެސް ހުރީ އެދެމީހުންނަށެވެ. "ސޮރީ." ޒަލަފްގެ އަޑު ޖަނާއަށް އިވުނީ ފިނި ފެންއެއްޗަކަށް ގެނބެމުން ދަނިކޮށް ކައިރީގައި މީހަކު ހުރެފައި ގޮވައިލިހެންނެވެ. އެ އެންމެ ބަހެއް މެދުވެރިކޮށް ޒަލަފް އެބުނެލީ އެތައް ވާހަކައެއް ކަމުގައި ހެކިދިނީ ހާސް އަސަރުތައް އެކުލެވިގެންދިޔަ ފުން ދެލޮލެވެ. ރައްދު ދިނުމުގެ ބަދަލުގައި ޖަނާ އަވަހަށް ތެދުވަން ވެގެން ތެޅިގަތުމުން ޒަލަފް އޭނާ ތެދުކޮށްލައިފައި ދުރަށް ޖެހިލި ގޮތަށް ފަސްދީފައި ކައުންޓަރާއި ދިމާއަށް ހިނގައިގެންފިއެވެ. އަމިއްލަ ކުށް ހަނދާންވެފައި ދަންނަ ކަމަށް ހެދެންވެސް ޒަލަފް ފަސްޖެހުނީ ކަހަލައެވެ. ޚުދު ޖަނާއަށްވެސް ދެން ކަންތައް ކުރަންވީ ގޮތް އޮޅިފައި ހުރެވުނެވެ. އޭނާ އެތަނަށް އައި މަޤްސަދު ހަނދާންވީ ހުމާ ކައިރިވެލާފައި ސިއްރުން ދަނީއޭ ބުނެލި އަޑަށެވެ. ވަށައިގެން އަމާޒުވެފައިވާ ލޯތަކުން ސަލާމަތް ވަމުން ޖަނާ އެދިމާއަށް އަންނަތަން ބަލަން ދީނާ އިންދާ މާކިން ކުއްލިއަކަށް ތެދުވިއެވެ. ދީނާއަށް އެއްޗެއް އަހާލެވެން ވާއިރަށް މާކިން ގޮސް ފާޚާނާ ބަރިން ދޮރެއް ހުޅުވާލައިފައި ވަންތަނުން ޖަނާ އައިސް ކައިރިއަށް ހުއްޓިއްޖެއެވެ. އެވަގުތު ޖަނާވެސް މާކިން ނެތިގެން ހައިރާންވިހެން ދީނާއަށް ހީވިއެވެ.
"އަކްޔަން ނިމިފަ އިނިއްޔާ ގެއަށް ގެންދަން ކަމަށް މިއައީ."ޖަނާ ދީނާއާއި ހަތަރުކަޅި ހަމަކޮށް ވާހަކަދެއްކިއެވެ. ދީނާ އެވަގުތު ބޯ ޖަހާލައިފައި އަކްޔަން ގޮވައިގެން ތެދުވުމުން ޖަނާ އަވަހަށް އަކްޔަން އުރާލައިގެން ކުރީގައި ގޮސް ނިކުމެއްޖެއެވެ. އެތަން ބަލަން ކައުންޓަރާއި ފުރަގަސްދީގެން ޒަލަފް ހުރެފައި އެނބުރުނުއިރު އަނެއްފަރާތުގައި ހުމާ ހުރީ އޭނާގެ ހަރަކާތްތަކަށް ބަލާށެވެ. "ސުވާލު އުފެދިފައި ހުރިއްޔާ ބުނެދީފާނަން. އެ ފިރިހެންކުއްޖާ އެއީ ޖަނާގެ ދަރިފުޅު." ހުމާ ކޮމްޕިއުޓަރ ސްކްރީނަށް ކަޅި ހުއްޓާލައިގެން އިނދެ ޓައިޕްކުރަން ފަށާފައި އިއްވައިލިއެވެ. "ނާހަމެއްނު." ޒަލަފް ރައްދު ދިން ގޮތުން އޭނާ ގާތަށް ހިނި އައެވެ. "ހިލޭ ދިން މައުލޫމާތެއް ކަމަށް ބަލާ އެހެންވިއްޔާ." ހުމާ ހުރީ ޒަލަފްގެ ކުލަ ފަނޑުވެފައިވާ މޫނު ފެނުނީއްސުރެ ހިސާބަކަށް މަޖާވެފައެވެ. "ކޮބާ ރަފާހް؟ އަހަރެން މިއައީ ރަފާ އާއި ބައްދަލުކޮށްލަން." ޒަލަފް މައުޟޫ ބަދަލުކޮށްލި ގޮތުންވެސް އޭނާ މޫޑު ގޯސްވެފައިވާ ވަރު ދޭހަވިއެވެ. "ރަފާ މިގަޑީގައި އުޅޭނީ ފެންވަރައިގެން ތައްޔާރުވާން. އިހަށް މަޑުކޮށްލާ. ކުޑައިރުކޮޅަކުން އަންނާނެ." ޖަވާބު ދީފައި އިސްއުފުލާލެވުނު ގޮތަކުން ހުމާއަށް މާކިން ފެނުނީ އައިސް ޒަލަފް ފުރަގަހަށް ހުއްޓުނު ތަނެވެ. މާކިން ޒަލަފް ކޮނޑުގައި ޖަހާލުމުން ޒަލަފް ކުޑަކޮށް ސިހިފައި މޫނު އަނބުރާލަން ވާއިރަށް ކުރިއަށްވުރެ ކައުންޓަރާއި ކައިރިވެލައިފައި އެއް ހަމައެއްގައި ހުއްޓުނެވެ. "މާކް ކޮންއިރަކު މާލެ އައީ؟" އެކުވެރިޔާ ފެނުމުން ޒަލަފްގެ މޫނު އުޖާލާވެގެން ދިޔަ ގޮތް ހުމާ ގާތުން ބެލިއެވެ. އެދެމީހުންގެ ވާހަަކަ އާއި ހަރަކާތްތަކަށް ބަލާފައި އެއީ މީގެ ފަސް އަހަރު ކުރިންވެސް އޭނާ ދުށް ދެ މިތުރުންނެވެ.
އެނބުރި ގެއަށް ދިޔަ ފަހުން އެންމެ ހިނދު ކޮޅަކަށްވެސް ދީނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ރެސްޓޯރެންޓުން ނިކުތީއްސުރެ ތަކުރާރުކޮށް އޭނާގެ ސިކުނޑިއަށް އަރާ ފައިބަމުން ދިޔައީ އެއް މަންޒަރެކެވެ. އެއީ މާކިން އާއި ޖަނާ އެކަކު އަނެކަކު ފެނިގެން އުޅުނު ގޮތެވެ.ދޮންތަ އަކްޔަން އާއި ވާހަކަ ދައްކަން ސޯފާގައި އިންއިރު ދީނާ ފިލާވަޅު ހަދަން އިނދެފައި ދެފަހަރެއްގެ މަތީން ބޭރަށް ނިކުތެވެ. އެކަމަކު ދޮންތަ ބަލައިލާއިރަށްވެސް ފިނިވެގެން ނޫންކަމަށް ހެދުނީއެވެ. އެއްފަހަރު އޭނާ އެނބުރި އައީ ފެންތައްޓެއް ދަމާލައިގެންނެވެ. އަނެއްފަހަރު ކޮންމެވެސް ކާއެއްޗެއް އަނގައަށް ލައިގެން ހަފަމުންނެވެ. އެހާ ދުރުކޮށް މިއޮތްހާ ދުވަހު އުޅެފައި ކުއްލިއަކަށް ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ސުވާލުކުރަން ދީނާ ފަސްޖެހެނީއެވެ.
"ދީނާ އެއްޗެކޭ ކިޔަން ބޭނުންވެފައިތަ ތި އިންނަނީ؟" ރޭގަނޑު ކެއުމުގެ ވަގުތުގައި ދީނާ މާ ވަރަކަށް ބަލާކަން ފާހަގަވެގެން ޖަނާ އަހައިލިއެވެ. ދީނާ ވަގުތުން ދެފަރާތަށް ބޯ ހޫރާލައިފައި އިސްޖެހީނުން ދެވަނަ ފަހަރަށް ބަލައިވެސް ނުލައި ތަށި ހުސްކޮށްލައިފައި ތެދުވިއެވެ. "ބުނެބަލަ ތި ބުނަން އުޅޭ އެއްޗެއް!" ޖަނާ ކޮއްކޮގެ ހަރަކާތްތަކަށް ފުންކޮށް ބަލަން އިރުކޮޅަކު އިނދެފައި ދާން ހިނގައިގަތުމުން ވާހަކަދެއްކިއެވެ. އެއަޑަށް އެނބުރި ހަތަރުކަޅި ހަމަކޮށްލައިފައި ދީނާއަށް ފުރަތަމަ އިސްޖަހާލެވުނީއެވެ. "ޔަޤީންތަ ރުޅިއެއް ނާންނާނަންކަން؟" ދީނާ ސުވާލުކޮށްލީ ކުޑަކުއްޖެއް ހެންނެވެ. ޖަނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލުމުން އޭނާ ހިސާބަކަށް ހަމަޖެހިފައި އަލުން ގޮނޑީގައި އިށީންދެލިއެވެ."ދޮންތަ އާއި މާކިންއާ އޮތީ ކޮން ގުޅުމެއް؟" ދީނާ ސުވާލުކޮށްލައިފައި ހަތަރުކަޅި ހަމަކޮށްގެން އިންނަން ނުކެރިގެން އަނެއްކާވެސް އިސްޖަހައިލިއެވެ. "އެއްވެސް ގުޅުމެއް ނެތް." ޖަވާބު ދިންއިރު ޖަނާގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. ދީނާ އިސްއުފުލައިލީ އެކަން ޤަބޫލު ނުކުރެވިގެން ބަލައިލިފަދަ ގޮތަކަށެވެ. "ދެން ކީއްވެ ދޮންތަ އޭނަ ފެނިގެން އެހާ ވަރަށް ސިހުނީ؟ ދޮންތަ އުޅުނު ގޮތުން ހީވީ ފިލަން އުޅުނުހެން."ދީނާ އިތުރު ސުވާލުތައް ކުރިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޖަނާ ހިމޭންކަން އިޚުތިޔާރު ކުރުމުން ދީނާ އަދިވެސް އިނީ އިންތިޒާރުގައެވެ. އިރުކޮޅަކުން އަކްޔަން އަނގަ ހުސްވެގެން މަންމީއޭ ކިޔާ އަޑަށް ދެމީހުންގެ ނަޒަރު އަކްޔަންއަށް ހުއްޓުނެވެ.
"އަސްލު ފިލަން ބޭނުންވީ މާކިންއަކަށް ނޫން. ޒަލަފްއަށް. މާކިން އެއީ ޒަލަފްގެ ބެސްޓްފްރެންޑް." ޖަނާ އަކްޔަން އަނގައަށް ކާ އެތިކޮޅެއް ލަވާފައި އިއްވައިލިއެވެ. "ދެން ކާކު ޒަލަފް އަކީ؟" ޖަނާގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ދީނާ އަހާލައިފިއެވެ. އެވަގުތު ޖަނާ ބަލައިލި ގޮތުން ދީނާއަށް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. ޒަލަފް ވާނީ ދޮންތަގެ ކުރީގެ ލޯބިވެރިއަކަށެވެ. "ހެޔޮ ނުބުންޏަސް. މިހާރު އެނގިއްޖެ." ޖަނާގެ ނަޒަރުން ސަލާމަތް ވާންވެގެން ދީނާ ގޮސް ތަށި ދޮންނަން ފެށިއެވެ. އެކަމަކު ހިތް އަދިވެސް އެޖަވާބުން ހަމައަކަށް އެޅޭ ގޮތެއް ނުވިއެވެ. މާކިން ފަރާތުން ޒަލަފްއަށް އޭނާގެ ޚަބަރު ގޮސް ދާނެތީ ދޮންތަ އުޅުނުގޮތް ކަމަށް ވަންޏާ އެކަން ޤަބޫލު ކުރެވެއެވެ. އެކަމަކު ދޮންތަ ފެނިގެން މާކިންވެސް ތެދުވީ ހަމަ އެގޮތަށް ކުރިމަތިން ދުރަށް ދާން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. ކިތަންމެ ވަރަށް ވިސްނިއަސް ހިތް ބުނަނީ އެދެމީހުންގެ މެދުގައިވެސް އަޑި ނޭނގޭ ކަންތައްގަނޑެއް ފޮރުވައިފާނެ ކަމަށެވެ.
ޖަނާ އުންމީދު ކުރި ގޮތާއި ޚިލާފަށް އޭނާ ކުރިމަތި ލީ އެއްވެސް ތާކުން ވަޒީފާ ހަމަޖެހޭ ގޮތެއް ނުވިއެވެ. ފަހު ވަގުތު އޭލެވެލް އިމްތިހާނު ދޫކޮށްލައިފައި ފުރައިގެން ދިއުމުން ލިބުނު ދެރަ އާއި ކުރިމަތި މިވީ އަދި ކިރިޔާއެވެ. ޖަނާ އެވަރުންވެސް އުންމީދު ކަނޑައެއް ނުލައެވެ. ފައިސާ ލިބެންޏާ ކިތަންމެ އާދައިގެ މަސައްކަތެއް ނަމަވެސް ކުރާ ގޮތަށް އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. ބޮޑުމީހަކަށް ވީ ދުވަހު މަންމަމެނަށް ބަރޯސާ ވެގެން ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓާކަށް އޭނާ ކުޑަކޮށްވެސް ނުރުހެއެވެ.
"ޖަނާ ބޭނުމިއްޔާ އަހަރެމެން ރެސްޓޯރެންޓުން ވަޒީފާއެއް ހަމަޖައްސައިދީފާނަން." ހުމާ އާއި ވާހަކަދައްކަން ޖަނާގެ އެޕާޓްމެންޓްގައި ތިބި ދުވަހެއްގައި ހުމާ ހުށަ އެޅިއެވެ. "ކީއްތަވީ؟ އެހާ ކައިރި. އަކްޔަން ބަލާއިރުވެސް ފަސޭހަވާނެއެއްނު. ދީނާ ސުކޫލަށް ދާ ގަޑިއަކާއި ޖަނާ މަސައްކަތް ކުރާ ގަޑިއަކާ ފުށުއަރާ ދުވަހެއް އަޔަސް އަކްޔަން އެތާގައިވެސް ގެންގުޅެވޭނެ. އަހަރެން ރަފާ ކައިރީ ބުނެގެން ކުލާސް ގަޑިތަކަށް ބުރޫ ނާރާނެހެން ޑިއުޓީވެސް ހަމަޖައްސަދޭނަން." ޖަނާ ފާޑަކަށް ހިމޭންވެފައި ބަލަން އިނުމުން ހުމާ އެކުވެރިޔާގެ އާބަސް ހޯދަން ވާހަކަތައް އަމުނައިލިއެވެ. "އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް." ހުމާ އަދިވެސް އޭނާއަށް އަޅާލާވަރު އިހްސާސްވެ ލޯ ފެންކަޅި ވެފައި އިނދެގެން ޖަނާ ބުނެލިއެވެ. "ބޫނޭ އާއެކޭ. އޭރުން އަހަރެން ވަރަށް އުފާވާނެ." ހުމާ ޖޯޝާއެކު އަވަހަށް އެދުނެވެ. އޭނާ ޖަނާ، އާއެކޭ ބުނާ އަޑު އަހާހިތުން ސޯފާއިން ތެދުވެފައި ދެކޯތާފަތުގައި އަތްތިލަ ޖައްސާ ބާރުކޮށްލައިގެން ހުއްޓެވެ. ޖަނާ އެވަގުތު ބޯ ޖަހާލުމުން ފޮނިވެގެން ފުމެލިއިރު ލޮލަށް ސިފަވެގެން ދިޔައީ މިހާދުވަހު އެމީހަކު ކައިރީގައި ނެތްކަމުގެ ފަޅުކަން އޭނާ އިހްސާސް ކުރި އެކުވެރިޔާއެވެ. ހުމާ އަކީ ފެށުނީއްސުރެވެސް އެކަހަލަ ކުއްޖެކެވެ. ޖަނާ އަބަދު ސީރިއަސްވެފައި ހުންނާތީ އޭނާ ހެއްވަން ހުމާ ހުރިހާ ހަކަތައެއް ބޭރުކޮށްނުލާ ދުވަހެއް މަދުވާނެއެވެ. އެހާ އުފާވެރިކޮށް އުޅުނު ދެ އެކުވެރީން ދުރުކޮށްލީ އެންމެ ރެއެއްގެ އެންމެ ހާދިސާއެކޭ ބުނުމުން ޤަބޫލު ކުރާނީ ކާކު ހެއްޔެވެ؟
"ކީއްވެ އަހަރެން ކައިރީ ނުބުނެ އެހުރިހާ އެއްޗެއް ކީ؟ ކުޑަމިނުން އަހާލި ނަމައެއްނު. މުވައްޒަފުން ލައިގެން ކުރަންވީ ކަމެއްގަ އެކަން ނުކޮށް އަހަރެމެން ދެމީހުން އެތާގައި މަސައްކަތް މި ކުރަނީވެސް ކަމެއްވެއެއްނު." ހުމާ ގެއަށް އައިސް ރަފާހްއަށް ޖަނާގެ ވާހަކަ ކިޔައިދިނުމުން ރުޅި އައިސްގެން ހަޅޭތްލަވައިގަތެވެ. ހުމާ ބިރުން މޭގައި ދެއަތް އެޅިއިރު ލޮލަށް ކަރުނަ ގިނަވެއްޖެއެވެ. "ދެން އަހަރެން ޖާންއަށް ދޭނީ ކޮން ޖަވާބެއް؟" އޭނާ އިސްޖަހައިލަމުން ރޮވިފައިވާ އަޑަކުން ސުވާލުކޮށްލިއެވެ. "ތިއެއް މަށަކަށް ނޭނގެ. އަމިއްލައަށެއްނު ބުނީ ވަޒީފާ ހަމަޖައްސަ ދޭނަމޭ. ދޭ ގޮސް އަމިއްލައަށް ބުނަން ވޭކެންސީއެއް ނެތޭ." ރަފާހް ބޮލުގެ އިސްތަށިގަނޑަށް އަތްތިލަ ވައްލާފައިފައި ތިރިކޮށްލިއިރު ނިތުގައި ރޫތައް ގިނަވެފައި ހުއްޓެވެ. ދުވަން ގޮއްސައި އައިސް ލައިގެން ހުރި ޓީޝާޓް އޮތީ އެރީތި ހަށިގަނޑުގައި ތަތްވެފައެވެ. ހުމާ ތުންފިއްތާލައިގެން ކައިރީގައި ހުރި ސޯފާގައި ފޫ ޖައްސާލައިގެން އިންދާ ރަފާހް ފާޚާނާއަށް ވަދެ ފެންވަރަން ފެށި އަޑު އިވުނެވެ. އިސާހިތަކު ކަރުނައިން ލޯ ފުސްވެ ކުރިމަތީ ހުރި ހުރިހާ އެއްޗެއް ގެއްލިގެން ދިޔައިރު ސިކުނޑިވެސް އެހެން މިސްރާބަކަށް ދަތުރުކޮށްލިއެވެ.
*****
އަލަމާރިން ފަހަރަކު ހެދުމެއް ނަގައި ގައިގައި ޖައްސާލައިފައި ޖަނާ ދެން ބަލައިލަނީ ލޯގަނޑަށެވެ. ކުޑަތަންކޮޅެއް ދުރުގައި ހުރި އެނދުގައި އެމަންޒަރު ބަލަން ހުމާ އިނދެގެން އޭނާގެ އަމިއްލަ ހިޔާލުވެސް އިރުއިރުކޮޅާ ފައުޅުކޮށްލައެވެ. "މީތި އޯކޭ ދޯ." ޖަނާ އެންމެފަހުން ނެގި މަޑުފިޔާތޮށި ކުލައިގެ ހެދުން ދައްކާލައިފައި އެހިއެވެ. ހުމާ ބޯ ޖަހައިލުމުން ޖަނާ އެހެދުން ގެެނެސް ދިއްކޮށްލީ ހުމާ އަތަށެވެ. "ދޭ މިލައިގެން އަންނަން. ޒަލަފް އޭނަގެ އެކުވެރިންނާ ބައްދަލު ކުރުވަން ގެންދާއިރު އަހަރެންވެސް ބޭނުން އަހަރެންގެ އެންމެގާތް އެކުވެރިޔާ ގެންދަން." ހުމާ ސުވާލު އުފެދިފައި ބަލަން ފެށުމުން ޖަނާ އޮޅުންފިލުވައިދިނެވެ. އެއަޑު އަހާފައި ހުމާ ފުންމައިގެން ތެދުވިގޮތަށް ދެފަރާތަށް ބޯ ހޫރުވައިލިއެވެ. އޭނާ އެއްބަސްވީ ޖަނާ އާދޭސް ކުރަން ފެށި ގޮތަށް ހުއްޓައިނުލީމައެވެ.
ކުޑައިރުކޮޅެއް ފަހުން ދެމީހުން ތައްޔާރުވެގެން ނިކުތްއިރު އެމީހުން ބަލައި ފޮނުވި ކާރު އައިސް އިންތިޒާރުގައި އޮތެވެ. ހުދު އަތްދިގު ގަމީހާ ކަޅު ފަޓުލޫނާއެކު ދަށަށް ޖަހައި ނިކަން ރީތިވެފައި ހުރި މީހަކު އައިސް އެމީހުން އަރަން ދޮރު ހުޅުވުމުން ދެއަންހެންކުދިން އެކަކު އަނެކަކަށް ބަލާފައި ސިއްރުން ވާހަކަ ބުނެލިއެވެ. އެކުދިންގެ މުޅި އުމުރުގައިވެސް އެހާ އިއްޒަތުގައި ތަނަކަށް ދެވޭ އެއީ ފުރަތަމަ ފަހަރަށް ވުމުން އުފާވެރި ކަމާއި ޝައުޤުވެރިކަން ވިއެވެ.
"އަހަންނަށް ހީވީ ޖާން ބުނިހެން ޒަލަފް ގެ ގެއަކީ މިތާ ކުރިމަތީ ހުރި ގެއޭ." ހުމާ ސުވާލު އުފެދިފައި އިނދެގެން ވާހަކަދެއްކިއެވެ. "މިއަދާއި ހަމައަށް އަހަރެންވެސް ހީކުރީ ތިހެން. ޒަލަފް ބުނީމަ މިއެނގުނީ އެއީ އޭނަގެ ބޮޑުބެގެ ގެކަން. ޒަލަފް މަންމަމެން ދުވަސްކޮޅަކަށް ރާއްޖެއިން ބޭރަށް ދީޔައީމަ އައިސް އެގޭގައި ހުރި ކަމަށް ވަނީ." ޖަނާ ކިޔައިދިނެވެ. އޭރު ދެވެން މިއުޅެނީ ކިހާ ވަރެއްގެ ތަނަކަށް ކަން ޚުދު އޭނާއަކަށްވެސް ހިޔާލު ކުރެވިފައެއް ނެތެވެ.
ޑްރައިވަރ ކާރު މަޑުކޮށްލުމާއެކު ދެއަންހެންކުދިން ފައިބާފައި ފުރަތަމަ ނެގި ފިޔަވަޅާއެކު އާޝޯހުވެގެން އެކަކު އަނެކެއްގެ އަތުގައި ހިފައިލެވުނެވެ. ކުރިމަތީ ފެންނަން ހުރީ ގެއެކޭ ބުނުމަށްވުރެ ގަނޑުވަރެކޭ ބުނުން ރަނގަޅު ވާނެއެވެ. "ލައިލަކް ވިއު" ގެ ގޭޓުން ފެށިގެން އިމާރާތާއި ޖެހޭންދެން ބޮޑު ހިސާބެއްގައި ވިނަ ހައްދާފައި މެދުން އޮތީ ގާ އަޅާފައި އޮތް ނިކަން ރީތި މަގެކެވެ. ދެއަންހެންކުދީން އެކަކު އަނެކެއްގެ އަތަށް ބާރު ކޮށްލައިގެން ތިބެ ގޭގެ މައިދޮރަށްވުރެ ތަންކޮޅެއް ބޭރުގައި މަޑުކޮށްލައިފައި އަނެއްކާވެސް ނަޒަރު ބަދަލުކޮށްލިއެވެ. ދޮރުގެ ބޭރުން އެމީހުން ތިބި ހިސާބުގައި ހުރި ބޮޑު ދެ ތަނބުގައި ވަކި ހިއްޕާލައިފައި ދުވެފައިވާ ވެޔޮގަނޑެއްގެ މިސާލުގައި ރީތި ޑިޒައިނެއް ކުރަހާފައި އޮތްއިރު ތިރީގައި ނިކަން ރީތި ދެއުނބުގަނޑުގައި ޖަޕާނު ފިނިފެންމާކަހަލަ މަލެއް ހައްދާފައި ހުއްޓެވެ.
"އަވަހަށް ދުރުވޭ. ޒަލަފް އެބައިންނެވި އިންތިޒާރުގައި." ދޮރުން ނުވަދެވި އުޅެނިކޮށް ނޯކަރަކު އައިސް ދެއަތް ޖޯޑުކޮށްލައިފައި އެދުނެވެ. އެތެރޭގައި އުޅެނީ އެންމެ މީހެއް ދެމީހެއް ނޫންކަން އެހިސާބުންވެސް އެމީހުންނަށް އެނގުނެވެ. އެކަމަކު ގޭގައި އޮތް ކުޑަވަރެއްގެ ޕާޓީއެކޭ ޒަލަފް އެބުނީ ސަތޭކަ ވަރަކަށް މީހުންނަށް ދައުވަތު ދެވިފައިވާ ހަފްލާއެއް ކަމެއް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ނޯކަރުގެ އިރުޝާދާއެކު ދޮރުން އެތެރެ ވެފައި އަނެއްކާވެސް ތިބެން ޖެހުނީ ހިނދުކޮޅަކަށް ލޯ ބޮޑުވެފައެވެ. ތަނުގައި މީހުން ގިނަވެފައި އިންތިޒާމުތައް ފުރިހަމަ ކަމުން ދުނިޔެމަތީގެ ކަމެއް ހެނެއް ހިއެއް ނުވެއެވެ. އެހިސާބުން ދުރުގައި ހުރި ޒަލަފްއަށް އެދެމީހުން ފެނިގެން ކައިރިއަށް އައެވެ.
"މީ އަހަރެންގެ އެކުވެރިން." ޒަލަފް އެމީހުންނާއެކު ގޮސް ކުރިންވެސް ދެމީހަކު އިން މޭޒެއްގެ ކައިރިއަށް މަޑުކޮށްލައިފައި ބުނެލިއެވެ. ޖަނާ ފަދައިން ހުމާވެސް ކުރިމަތީ ތިބި ދެޒުވާނުންނަށް ބަލައިލިއެވެ. ޒަލަފް ފަދައިން އޭނާގެ އެކުވެރިންވެސް ރީއްޗެވެ. މުއްސަދި ވައްތަރު ޖަހައެވެ. އެކަމަކު ބޭރުން ފެންނަ ކުލައަކީ އަދި އެތެރެ އޮންނަ ގޮތެއް ނޫންކަން ޤަބޫލު ކުރަން ޖެހެއެވެ.
"މީ ރަފާ!" ޒަލަފް އެތަނުން ހިތްހެޔޮ ވައްތަރު ޖަހާ ޒުވާނާ ތައާރަފް ކޮށްދިނެވެ. ފަންއިސްތަށި ކޮޅަކާއި އަލި މޫނެއްގެ ވެރިއެކެވެ. ހިނިތުންވެލުމުން ހިތްދަމައިގަންނަ ގޮތް ހުއްޓެވެ. "އެއީ މާކިން." ރަފާހް ތެދުވެ ދެއަންހެން ކުދިންނާއި ސަލާމް ކޮށްފައި އިށީނުމުން ޒަލަފް ދެން އިން ޒުވާނާ އަކީ ކާކުކަން ބުނެދިނެވެ. އެކަމަކު ރަފާހް އާއި ޚިލާފަށް އޭނާ ހަމައެކަނި ނިތް އަރުވާލައިފައި ބަލަން އިނީއެވެ. ހީވަނީ އޭރުވެސް ތަނެއްގައި ވޭން އަޅާތީ އަނގައިން ނުބުނެވިފައި ނޫނީ ކަމަކާއި ހިތްހަމަ ނުޖެހިފައި އިން ހެންނެވެ. "ދެން މީ ޖަނާ. އަހަރެންގެ މުސްތަޤްބަލުގެ ބައިވެރިޔާ. އަދި ހުމާ. ޖަނާގެ އެކުވެރިޔާ." ޒަލަފް ފަހު ކަމަކަށް އެދެމީހުންގެ ތާއާރަފްވެސް އެކުވެރިންނަށް ދިނެވެ. އެހިސާބުން އޭނާ މަންމަ އާއި ޖަނާ ބައްދަލު ކުރުވަން ކަމަށް ބުނެ ހުއްދަ ހޯދައިގެން އެއްފަރާތަކަށް ގޮސް ގެއްލުމުން ހުމާ ކަންބޮޑުވެފައި ރަފާހް ކައިރީ އިށީންދެލިއެވެ. ވޭޓަރ ފިނި ބުއިމެއް ގެނެސް ދިނުމުން އެބޯން އިނދެގެން ފަރާތް ފަރާތް ބެލިއިރު އެންމެ ގިނައިން ބެލުނީ ޒަލަފް އާއި ޖަނާ އަށެވެ. ހިނދުކޮޅަކަށް ނަމަވެސް ޖަނާގެ ނަސީބާމެދު އޭނާގެ ހިތުގައި ހަސަދަ ހިނގައިލިއެވެ. ޒަަލަފް މަންމަވެސް ޖަނާ އާއި ވާހަކަ ދައްކާތަން ފެންނަނީ ނިކަން ހިތްހެޔޮ ކަމާއެކުގައެވެ.
"ރުޅި ނާންނަ މަތިން ވާހަކައެއް ބުނަންތަ؟" ރަފާހް ދާދި ކައިރިން ވާހަކަދެއްކި އަޑަށް ހުމާ ސިހިފައި ބަލައިލިއިރު ގުދުވެލައިގެން އޮތީ އޭނާގެ މޫނާއި މޫނު ޖެހޭ ހިސާބުގައެވެ. ހުމާ ކަންބޮޑުވެގެން ކުޑަކޮށް ފަހަތަށް ޖެހިލައި ބޯ ޖަހައިލުމުން ލާނެތް ހިނި އައިއްސައި ކުރިންހެން ބުރަކަށި ތެދުކޮށްލިއެވެ. "އަހަންނަށް ހީވަނީ ފުރަތަމަ ނަޒަރުން އަހަރެންނަށް ތިކުއްޖާ އާއި ގަޔާވެވިއްޖެހެން. އެކަމަކު...." ރަފާހްގެ ޖުމްލައިން ހުމާގެ ގައިން ހީބިހި ނަގުވައިލާފައި އަދި މެދުކަނޑާލީވެސް އިތުރަށް ސުވާލުނުކޮށް ނީނދެވޭފަދަ ގޮތަކަށެވެ. "އެކަމަކު ކިހިނެތްވީ؟" ހުމާ އެހިއެވެ. "އެކަމަކު އަހަރެންނަށް އެނގޭ ތިކުއްޖާގެ ހިތުގައި އޮތީ ޒަލަފްކަން." ރަފާހްގެ ޖުމްލަ ނިންމާފައި ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ.
*****
ފާޚާނާ ދޮރު ހުޅުވުނު އަޑަށް ހިޔާލުތައް ވިއްސިވިހާލިވެގެން ދިއުމާއެކު ހުމާ ފުންމައިގެން ތެދުވެފައި އަވަހަށް ކޮޓަރިން ނިކުތެވެ. އޭނާ ހޭވިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅައި ހުޅިއެއް ޖަހާލައިފައި ނިކަން ބާރަށް ސިޑިން ފައިބައިގެން ގޮސް ގެއިން ނިކުތެވެ.