ކަރުނަ ފުހެމުން ތުން ތަޅުވާލުމުން ޖަނާގެ ދެތުންފަތް ފޫދުއްވާލައިފައި ނިކުތް ހަމައެކަނި ބަހެއް ކަމުގައި އެވަގުތު "ޔެސް." ވެގެން ދިޔައެވެ. އަނެއްކޮޅުން ޒަލަފްގެ ހިތަށް ކުރި އަސަރުވެސް އެހާ ފުނެވެ. ފަސް އަހަރު ފަހުން އޭނާއަށް ޖަނާގެ ރުހުން ލިބިގެން ދިޔަ ވަގުތުކޮޅު އިޚުތިޔާރެއްނެތި ކަރުނައިން ލޯ ފުރިގެން އައެވެ. އެންމެ މިނިޓެއްވެސް ނަގާލުމުގެ ބަދަލުގައި ޒަލަފް ހަމަ ނޭވާލީވެސް އެހިމަ އޯލި އަތުގައި ހިފާލައިފައި ކަށި އިނގިލީގައި އަނގޮޓި އަޅުދިނުމަށް ފަހުއެވެ. "އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް." ޖަނާ ކަރުނައިގެ ތެރެއިން އިއްވައިލި ވާހަކައަށް ޒަލަފްގެ ސަމާލުކަން ހުއްޓުނެވެ. "އަހަރެން ޝަރުތަކީ މިކައިވެނި ކުރެވޭއިރު އަހަރެމެން ފެންނަ ހިސާބުގައިވެސް މާކިން ނުހުރުން." އަޑުއަހަން އިންދާ ޖަނާ ބުނެލީ އެވަގުތަށް އިވޭނެ އެންމެ ސިހުންވެރި ވާހަކައެވެ. ޒަލަފްއަށް ލިބުނު ހައިރާންކަމުގައި އެއީ ކީއްވެހޭ އަހައިލުމުން ޖަނާ ހިޔާރު ކުރީ ހިމޭންކަމެވެ. މާކިން ކުރިމަތީ ހުރެގެން ފަހު ވަގުތުވެސް ހިތް ބަދަލުވެދާނެތީ ބިރުގަންނަ ވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟
"އަހަރެން ހީކުރީ ތިދެމީހުން މިހާރު މާޒީ ހަނދާން ނައްތާލައިފަ އެކުވެރިވެއްޖެ ކަމަށް." ބުނާނެ އެއްޗެއް ނޭނގިފައި މަޑުމަޑުން ބޯ ހޫރާލަމުން ޒަލަފް ކިޔައިލިއެވެ. "ޕްރޮމިސް މީ!" ޖަނާ އެވަގުތުވެސް އެދުނީ އޭނާ ބޭނުންވި ކަންތައް ފުއްދައި ދިނުމަށެވެ. މަޖުބޫރުވެގެން ބޯ ޖަހައިލި ނަމަވެސް އެހިސާބުން ޒަލަފްގެ ހަމަޖެހުން ނެތިގެން ހިނގައްޖެއެވެ. ވާން އުޅޭ އަނބިމީހާއާ އެންމެ ގާތް އެކުވެރިޔާގެ މެދުގައި އޮތް ރުޅިވެރިކަން ކަނޑުވައިނުލާ އޭނާއަށް އުފަލެއް އެބައޮތް ހެއްޔެވެ؟އެހެންނޫނަސް އެދެމީހުން އެހާ ރުޅި އަންނަ ސަބަބެއްވެސް އޭނާއަކަށް އެނގިފައެއް ނެތެވެ.
*****
އެނބުރި އައިސް ގެއަށް ވަންއިރު ޖަނާއެކޭ ފުރާނަ ހުރި މައްޔިތެކޭ އެއްފަދައެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު އެދޮރުފަތުގައި ލެނގިލައިގެން ހުއްޓާ ހިތް މޭގެ ތެރޭ އޮވެ އަޑުގާ ނެތްތަނަށް ސުވާލު ކުރަން ފެށީ "ޖަނާ ތިކުރީ ކީއް ހެއްޔޭ؟ ކިޔައިފައެވެ. އިސާހިތަކު ލޯ ފުރިގެން ފައިބަން ފެށި ކަރުނަތަކާއެކު ތިރިއަށް ސޮހިގެންފައި އޭނާއަށް އިށީންދެވުނީ ޓައިލްސްމަތީގައެވެ. މިއަދު އޭނާ އެއައީ އަމިއްލަ ލޯބި އަމިއްލަ އަތުން ކަފުން ކޮށްފައެވެ. ދެން އޭނާ ޖެހޭނީ މާކިން މަތިން ހަނދާން ނައްތާލާށެވެ. ފަސް އަހަރު ވަންދެން ހިތުގައި ރައްކާ ކޮށްފައި އޮތް ލޯބި އެހިތުން ނެރެ އެއްލައިލާށެވެ.އެ ލޯއްބަކީ އޭނާގެ ތަޤްދީރުގައި ލިޔެފައި އޮތް އެއްޗަކަށް ނުވިއެވެ. ބޭނުން ނުވިއަސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ އެއީއެވެ.
ތުރު ތުރުލާން ފެށި ދެތުންފަތަށް ކެތް ނުވާ ހިސާބަށް ދިއުމުން ހިމޭން ގިސްލުމެއް އަޑު ނިކުމެ ތަނަށް ފެތުރިގެން ދިޔައިރު ޖަނާ މަޑުމަޑުން އިނދެގެން ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ."ދޮންތާ!" ދީނާ ނިކުތްއިރު ދޮރުބުޑުގައި ރޯން އިން ޖަނާ ފެނިގެން އަވަހަށް ކައިރިއަށް އައެވެ.ކޮއްކޮގެ އަޑަށްވެސް ޖަނާއަށް މިފަހަރު ހުއްޓައެއް ނުލެވުނެވެ. ދޮންތަގެ އެރުއިމުގެ އަޑު ކަންފަތުގައި ޖެހުނު ހިނދު ދީނާގެ ހިތަށް ހީވީ ކަށިތަކެއް ހަރައިލެވުނު ހެންނެވެ. ދުވަހަކު އެހާ ދެރަވެފައި ދޮންތަ ރޯތީ ދުށް ހަނދާނެއް ނެތެވެ." ދޮންތަ ޕްލީޒް ނުރޮއި." ދީނާ ތިރީގައި ކުޑަކަކޫ ޖަހާލިއިރު ރޮވެން ކައިރިވެއްޖެއެވެ. ތުންފިތާލެވުމާއެކު އޭނާ ހިފެހެއްޓީ ޖަނާގެ ކޮނޑުގައެވެ. އެހެން މީހެއްގެ އޯގާތެރިކަމަށް ބޭނުންވެފައި އިން އެވަގުތު ކޮއްކޮގެ އެހީތެރިކަން ލިބުމުން ކަރުނަތައް އިތުރުވިއެވެ. ޖަނާ ކުރިއަށް ޖެހިލާފައި ޅަކުއްޖަކު މަންމަގެ އުނގުގައި ބޯއަޅައިލާނެހެން ކޮއްކޮގެ އުނގުގައި ބޯ އަޅައިލިއެވެ. އެއިސްތަށިގަނޑުގައި ފިރުމަމުން ހިތްވަރު ދޭން ބުނަންވީ އެއްޗެއް ނޭނގިފައި އިނދެގެން ދީނާވެސް ރުއީއެވެ.
އުދާސްގަނޑު ފިލިއިރު ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ޖަނާ އޭރު ތެދުވެ އިނީ އަނެއްކާވެސް ދޮރުފަތުގައި ލައްގަނެލައިގެންނެވެ. ދީނާ ދެފައި ވަށްކޮށްލައިގެން އިނދެ އަތުގެ އިނގިލިތަކާ ކުޅެމުން ވިސްނަމުން ދިޔައީ ކޯއްޗެއް ކަމެއް ނޭނގެއެވެ. "އިފް ޔޫއާ ކިއުރިސް، މިރޭ ޒަލަފް އަހަރެންނަށް ޕްރޮޕޯސް ކުރީ." ތަނުގެ ހިމޭންކަން ފޫދުއްވާލައިފައި ޖަނާ ވާހަކަދައްކަން ފެށިއެވެ. ދީނާއަށް ލިބުނު ސިހުމުގައި އަވަހަށް އެމޫނަށް ބަލާލައިފިއެވެ. އޭނާއަށް މިހާރު އޮޅިއްޖެއެވެ. ދޮންތަ އެރުއީ އުފަލުން ހެއްޔެވެ؟ އެކަމަކު އެކަރުނަތަކަކީ އުފާވެރި ކަމުގެ ކަރުނަތަކެއް ކަމުގައި ޤަބޫލު ކުރަން ދައްޗެވެ.
"އެހެންވެތަ ރުއީ؟" ދީނާ ސުވާލު ކޮށްލިއެވެ. "އަހަރެން މިއައީ އާއެކޭ ބުނެފަ." ޖަނާ ދެއްކީ އެހެން ވާހަކައެކެވެ. އެއަޑު އިވިގެން ދީނާ އަދި ކުރިއަށްވުރެ ބޮޑަށް ސިހިގެން ގޮސް ހަމަތެދެއްހޭ ކިޔައި ފުންމައިގެން ތެދުވިއެވެ. ކޮއްކޮގެ މޫނު ފެންނާނެހެން މޫނު އުފުލާލައިފައި ބޯ ޖަހާލިއިރު ޖަނާގެ ލޮލަށް އަދިވެސް އެއްފަހަރު ކަރުނަ ބޮނޑިވެގެން އައެވެ. އެވަގުތަކީ އެއީ އޭނާ މަރުހަބާ ކިޔަންވީ ވަގުތުކަން ޤަބޫލު ކުރެވުނަސް ދީނާއަށް ބުނާނެ އެއްޗެއް ނޭނގުނީ ޖަނާގެ ލޮލުގައި ހުރި ކުލައާ ދެއްކި ވާހަކައިގެ ގުޅުމެއް ނެތްކަން ފާހަގަވެފައެވެ. އެހެންވިއްޔާ ދޮންތަ ޒަލަފްއާ އިންނަން އެއްބަސްވެފައި އެއައީ ކޮންމެވެސް މަޖުބޫރެއް ވެގެން ހެއްޔެވެ؟
"އިހަށް އެކަކު ކައިރީވެސް ނުބުނާތި އިނގޭ. ދޮންތަ އަމިއްލައަށް ބުނާނީ." ދީނާ ވިސްނަން ހުއްޓާ ޖަނާ ތެދުވެފައި ބުނެލިއެވެ. ހެނދުނު ސުކޫލަށް ދާން އަވަހަށް ތެދުވަން ހަނދާން ކޮށްދެމުން އެތެރެއަށް ވަދެގެން ދިޔައިރު އޭނާއަށް ހުރެވުނީ ގުޑާނުލެވިފައެވެ. ދޮންތަގެ ސިއްރުތައް އޮޅުންފިލުވަން ހަދަންވީ ކިހިނެތް ހެއްޔެވެ؟ ގައިމު ކުޑަމިންވަރެއްވެސް އޮޅުންފިލާފައި އޮތިއްޔާ އެހީއެއް ވެވިދާނެ ކަންނޭނގެއެވެ. އެގޮތަށް ސަބަބެއް ނޭނގި ދޮންތަ ހިތާމަ ކުރާތަން ބަލަން ހުންނަންވީ ކިހާ ދުވަހަކު ހެއްޔެވެ؟
ދީނާ ހައިރާންވީ ޖަނާ ހެނދުނު ތެދުވެ ހަމަޖެހިލާފައި އުޅޭތަން ފެނިގެންނެވެ. އާދައިގެ މަތިން ނާސްތާ ތައްޔާރުކޮށްފައި ރެސްޓޯރެންޓަށް ދާންވެގެން އަކްޔަން ފެންވަރުވައިގެން ނެރުނެވެ. ސޭންޑްވިޗެއް ކާން އެމީހުން ފެންނަ ހިސާބުގައި އިންއިރު ދީނާ ފަރުވާތެރި ކަމާއެކު ދޮންތަގެ ހަރަކާތްތަކަށް ބެލިއެވެ. އެވަގުތު ކުއްލިއަކަށް އޭނާގެ ހަނދާނުގައި ހަރުލައިގެން ދިޔައީ ނާއިކްގެ ފަރާތުން އެނގުނު ސިއްރެވެ. އަކްޔަންގެ ބައްޕައަކީ ކާކުކަމެއް އަދިވެސް އޭނާއަކަށް ނޭނގެއެވެ. އަނެއްކާ ޒަލަފްއާ އިންނަން އެވަރަކުން އެއްބަސް އެވީ އަކްޔަން ބައްޕައަށް ޒަލަފްވީމަ ބާވައެވެ.
"ގޯޑް. ދެޓް މަސްޓް ބީ އިޓް." ދީނާ ފުންމައިގެން ތެދުވެފައި ކިޔައިލިއެވެ. ޖަނާ އަކްޔަން ރީތިކުރަން ހުރެފައި ބަލައިލުމުން އޭނާ ނޫންކަމަށް ހެދިފައި ނިކުންނަން ވެގެން ދިޔައެވެ.
*****
އާދައިގެ މަތިން ހެނދުނު ތެދުވެ ޑިއުޓީއަށް ދާން ތައްޔާރުވާން މާކިން ހުއްޓާ ދޮރު ހުޅުވާލައިފައި މީހަކު ވަން އަޑަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި މާކިން ހައިރާންވީ އެހާ ހެނދުނާ ޒަލަފް އެތަނުން ފެނިގެންނެވެ. "ޒަލަފް މިގަޑީގަ ކަމަކުތަ ތިއައީ؟" ޓައީ އަޅަން ލޯގަނޑު ކުރިމަތީ ހުރެފައި މާކިން އެކުވެރިއާއަށް ކަޅިއެއް އެއްލިއެވެ. ޒަލަފް ޖީބުން އަތް ނަގާފައި އައިސް އިށީންދެލީ އެނދުގައެވެ. މާކިން ލޯގަނޑާއި ކުރިމަތިލައިގެން ހުރިއިރު ޒަލަފްގެ މޫނުން ނުތަނަވަސްކަން ފާހަގަ ވުމުން އެނބުރި ބަލައިލާފައި ކަމެއް ގޯސްވީތޯ އަހާލިއެވެ. "އަހަރެން ރޭގަ ޖަނާއަށް ޕްރޮޕޯސް ކުރީ." ޒަލަފް ދިން ޖަވާބު އަހާފައި މާކިންގެ މެއަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސައިލި ހެންނެވެ. ޒަލަފް ބަލަން ހުއްޓާ ނޭނގުމުގައި ވިއަސް މޫނަށް ކުލައެއް އަރައިފާނެތީ އަވަހަށް އެނބުރުނީ އަނެއްފަރާތަށެވެ. "ދެން ޖާން އާއެކޭ ނުބުނޭތަ؟" ސުވާލުކޮށްލައިފައި މާކިންއަށް ނޭވާ ހިފަހައްޓާލެވުނެވެ. ފުނާ އަޅާކަމަށް ހެދިގެން ލޯގަނޑަށް ބަލަން ހުރިއިރު ކަންފަތް ކޮޅަށް ޖެހިފައި ހުރީ އެކުވެރިޔާ ދޭނެ ޖަވާބަކަށެވެ. "ޖާންގެ އެދުމަކީ އަހަރުމެންގެ ކައިވެނި ހަފްލާގައި މާކް ބައިވެރި ނުކުރުން."ޒަލަފް ޖަވާބުދިންއިރު އޭނާވެސް ބެލީ ލޯގަނޑުން ފެންނަން ހުރި އެސޫރައަށެވެ. މާކިން އަވަހަށް އަތް މުށްކަވާލައިފައި ޖީބަށް ކޮށްޕާލިއިރު ދެބުމަ އުފުލިގެން ދިޔަ ގޮތް އޭނާއަށް ރީތިކޮށް ފެނުނެވެ.
"އެއީ ކީއްވެ މާކް؟ ކީއްވެ ޖާން މާކްގެ ކުރިމަތީ ކައިވެނި ކުރަން ބޭނުން ނުވަނީ؟" ޒަލަފް ބަލަން އިންދާ މާކިން އެނބުރިލަން އުޅުމުން އިސްޖެހިއެވެ. "ޖާންއަށެއްނު އެނގޭނީ. އަހަރެންނަށް ކިހިނެތް އެނގޭނީ އޭނަގެ ހިތުގަ އޮތް އެއްޗެއް؟" މާކިން ހިނިގަނޑެއް ޖަހާލައިފައި އައިސް ޒަލަފްގެ ގާތުގައި އިށީންދެލައިފިއެވެ. "މަރުހަބާ ޒަލަފް." އިސްޖަހައިގެން ޒަލަފް އިންދާ ކޮނޑުގައި އަތް ބާއްވާލުމުން އޭނާ ބަލާލިއިރު މާކިން ހިނިތުންވެފައި ކިޔައިލިއެވެ. ޒަލަފްއަށް ނޭނގުނީ އެހިނިތުންވުމުގައި އެތައްހާސް ކަރުނައަށްވުރެ ވޭން އެކުލެވިގެން ދިޔަ ކަމެވެ. "ތޭންކްސް. އެކަމަކު އަހަރެން ބޭނުމެއް ނޫން މާކްއާ ނުލާ އަހަރެންގެ ކައިވެނި ކުރެވޭކަށް. އަހަންނަށް ކަމެއްކޮށްދެންޏާ މާކްވީއެއްނު ޖަނާ ރުއްސަން. ފުރަތަމަ އަހަރެންނަށް ބުނެދީފާނަންތަ ތިދެމީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައަކީ ކޮބައިކަން؟" މާކިންގެ ހިނިތުންވުން ފެނިފައި ޒަލަފް ހިސާބަކަށް ހަމަޖެހިގެން ދެއްކި ވާހަކަ ނިމުނީ އިތުރު ސުވާލަކުންނެވެ. "ޒަލަފް މާބޮޑަށޭ ތިވިސްނަނީ. އަހަރެމެން މެދުގައި ތިހީކުރާ ކަހަލަ އެއްވެސް ކަމެއް ނެތް. ފެށުނީއްސުރެ އަހަރެމެން ދެމީހުން ހަމަ އެކަކު އަނެކަކާ ގަޔާ ނުވަނީ. އަޅާނުލާ އޯކޭވާނެ ޖާން ބުނިގޮތްވެސް. އަހަރެން ހުރެދާނަން ނުގޮސް." މާކިން ހީލައިފައި ޖަވާބު ދިނީ ސަމާސައަކުންނެވެ. އެކަމަކު ޒަލަފް އަދިވެސް އިނީ ސީރިއަސްވެފައެވެ.އެކުވެރިޔާގެ ސަމާސާ އޭނާއަށް ކަމަކު ނުދިޔައެވެ. އިރުކޮޅަކުންމާކިން ދާން ޖެހޭ ކަން އަންގާލުމުން ބޭނުން ނެތިވެސް ޒަލަފްއަށް ޖެހުނީ ވާހަކަ ކުރުކޮށްލާށެވެ. އޭނާ ފަހުން ގުޅާނެ ކަމަށް ބުނެފައި މާކިންއާ ވަކިވެގެން އައިސް ކާރަށް އަރާފައި ދުއްވާލިއެވެ.
ކެބިންއަށް ވަދެވުނުއިރު މާކިންގެ ދެފައިގައި ކޮޅަށް ހުންނާނެ ވަރުވެސް ނެތެވެ. ދަބަސް މޭޒުމައްޗަށް ދޫކޮށްލައިފައި ގޮނޑިއަށް ވެއްޓިގަނެ ހަށިގަނޑު ދޫކޮށްލިއިރު ހިތުގައި ރިއްސަން ފެށީ ނޭވާލުމަށް ދަތި ކުރުވާފައެވެ. ހަމައެކަނި އެކައިވެނީގެ ޚަބަރުން މިހާ ތަދު ހިތަށް ވަންޏާ ފަހުން ވާނެ ގޮތަކާމެދު މާކިން ކަންބޮޑުވާން ފެށިއެވެ. ޖަނާގެ ލޯބިން އަމިއްލަ ހިތް މަހުރޫމް ކޮށްލަން ނިންމީ ކިހާ މާތް މަޤްސަދެއްގައިކަން ސިކުނޑި ޤަބޫލު ކުރިއަސް ޒަމީރު އެކަން ޤަބޫލު ނުކުރާ ކަހަލައެވެ. އެޒަމީރު ބުނަމުން ދިޔައީ ސިކުނޑިއާ މުޅިން އިދިކޮޅަށެވެ.
ރެސްޓޯރެންޓަށް ވަދެގެން ދިޔައިރު ޒަލަފް އަތުގައި އޮތް މާބޮނޑި ގެންގޮސް ބޭއްވީ ކައުންޓަރު މަތީގައެވެ ރަފާހްއަށް ފެނިގެން އިސްއުފުލާލުމުން އޭނާ ހިނިތުންވުމެއް ދައްކާލައިފައި މަޑުވެސް ކޮށްނުލާ ނިކުމެގެން ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ޖަނާ ތަބަކެއްގައި ކޮފީ ޖޯޑުތަކެއް އަތުރައިގެން ނިކުތްއިރު އެމާބޮނޑި ލޮލުގައި އަޅައިގަތެވެ. އޭނާ ޖޯޑުތައް މޭޒުމަތީ އަތުރާފައި ހުސް ތަބައް ހިފައިގެން އައިސް މާބޮނޑި ނަގާފައި ވަށައިގެން ހޯދައިލީ ޒަލަފް ފެންނަން ހުރިތޯއެވެ. ރަފާހް އިންގޮތަށް އިނދެފައި ޒަލަފް ހިނގައްޖެއޭ ބުނުމުން ޖަނާއަށް ހައިރާންކަމެއް ލިބުނެވެ. މާބޮނޑި ހިފައިގެން އެހިސާބަށް އައިއްސައި ބައްދަލު ނުވެ ދިޔައީ ކީއްވެ ހެއްޔެވެ؟
ޒުމްރާ ބަދިގޭގައި ހުރެގެން ނޯކަރުންނަށް މެންދުރަށް ކައްކާނެ އެއްޗެހި ބުނެދީފައި ނިކުތްއިރު ޒަލަފް ސޯފާގޮނޑިއަކަށް ވެއްޓިގަނެގެން އޮތީ އަމިއްލަ ހިޔާލަކަށް ގެއްލިފައެވެ. ގޮސް ހުއްޓުނުއިރު މޭޒުމަތީ އޮތް ފޯނު ވައިބްރޭޓް ވަމުން ދިޔައެވެ. ކައިރީގައި އިނދެގެން އިރުކޮޅެއް ވީއިރު ޒަލަފްއަށް ރޭކައި ނުލުމުން ޒުމްރާ އެންމެފަހުން ނަމުން ގޮވައިލިތަނާ ސިއްސައިގެން ގޮއްސައި ބުރަކަށި ތެދުކޮށްލައިފިއެވެ. "ކީކޭ މަންމާ؟" ޒަލަފް ހަމަޖެހޭ ގޮތް ދައްކާލައިފައި ސުވާލު ކުރިއެވެ. "ކިހިނެތްވެފަ ތިއޮތީ؟ ބޭނުންވެގެން އުޅޭ ކައިވެނި ކުރެވޭ ގޮތް ވުމުން އެކަމާ އުފާވެފަ ހުރި މީހެއް ވައްތަރެއް ނުޖަހާ." ޒުމްރާ ފުން ނަޒަރެއް ދީގެން އިނދެފައި ދެއްކި ވާހަކައިން ޒަލަފްގެ ކުލަ އިތުރަށް ފަނޑުވެގެން ދިޔައެވެ.
"އެކަހަލަ ކަމެއް ނޫން. ރޭގަ ލަހުން ނިދުނީމަ ވަރުބަލިވެފަ މިހުރީ. ދާންވީ ކަންނޭނގެ ޖައްސާލަން." ޒަލަފް ކިޔައިދޭ ހިޔާލެއް ނުކުރިއެވެ. ޒުމްރާ ސުވާލުތަކެއްގެ ތެރެއަށް ދޫކޮށްލައިފައި އޭނާ ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަންއިރު ހިތުގެ ހަމަޖެހުން ގެއްލިފައި ވިއެވެ. ޓީޝާޓް ބާލައި އެނދުމަށްޗަށް ދޫކޮށްލައިފައި ނިކުމެ ބެލްކަނީ ހުއްޓިލުމުން މޫނުގައި އައިސް ބީހިލި ފިނިވައިރޯޅިއަކަށްވެސް ހިތުގެ އުދާސްގަނޑު ފިނިކޮށެއް ނުދެވުނެވެ. ހޭލާ ހުއްޓާވެސް ލޯކުރިމަތިން ބިރުވެރި ހުވަފެނެއް ފަދައިން ފެންނަން ފެށީ މާކިންއާ ޖަނާއެވެ. އެދެމެދުގައި އޮތް ނަފްރަތުގެ ގުޅުމާމެދު މިއަދު ފުރަތަމަ ފަހަރަށް ވިސްނުން ހިންގާލުމުން އަޖައިބެއްފަދަ އުދަނގޫތަކެއް ވާން ފަށައިފިއެވެ. މާކިން ބުންޏަސް ސަބަބެއް ނެތި ދެމީހަކު އެކަކު އަނެކަކަށް ނަފްރަތުކޮށްފާނެ ހެއްޔެވެ؟ ނޫނެކެވެ. އެއީ އެކަށީގެންވާ ކަމެއް ނޫނެވެ. ޒަލަފް ހަނދާންވީ ކިޔަން ގެންގުޅުނު ވާހަކަ ފޮތަކުން ފެނިގެން ހިތުގައި ހަރުލާފައި އޮތް ބަސް ކޮޅެކެވެ. އެއީ ނަފްރަތު ކުރާ ހިތަކީ ކޮންމެވެސް އިރަކު ލޯބިން ފުރިފައިވި ހިތެއް ކަމުގައި ބުނެފައިވާ ބާރުގަދަ ބަސްކޮޅެކެވެ. ސިކުނޑިއަށް ބާރުލުމުން އޭނާ ހަނދާންވީ މީގެ ފަސް އަހަރު ކުރިން ޖަނާ ފުރަތަމަ ފެނުނީއްސުރެ ހަމައެގޮތަށް ސަބަބެއް ނެތި މާކިން ޖަނާއަށް ނަފްރަތު ކުރާކަމެވެ. ހަނި ފުރުސަތަކުން ވިއަސް މާކިންގެ އެނަފްރަތުގެ ފަހަތުގައި ފޮރުވިފައިވާ އެހެން އިހްސާސެއް...... ނޫނެކެވެ. ނޫނެކެވެ. ޒަލަފް އަމިއްލަ ޒަމީރުގެ ވާހަކައާ ދެކޮޅު ހަދަމުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ.
*****
ޝަރުމީލާއާ ފަޔާޒްއަށް ކައިވެނީގެ ޚަބަރު ދިނީ ގެއަށް ގެނެސް ބައިތިއްބައިގެން ޒަލަފްއާ ޖަނާ ވެގެންނެވެ. ޤަބޫލު ނުކުރެވިގެން ޝަރުމީލާއަށް ބަލައިލެވުނީ ފަޔާޒްގެ މޫނަށެވެ. ޖަނާ ދެން ދުވަހަކުވެސް ހަޔާތުގެ ބައިވެރިއަކު ނުހޮވާނެކަމަށް ނިންމައިގެން ހުއްޓާ ލިބުނު އުފާވެރި ޚަބަރުން ޝަރުމީލާގެ ހިތަށް ފިނިކަން ލިއްބައިދިނެވެ. މާބޮޑަށް އުފާވެރިކަން ފައުޅު ނުކުރިއެއް ކަމަކު ފަޔާޒްވެ ހިނިތުންވެފައި ދެމީހުންނަށް މަރުހަބާ ކިޔައިލިއެވެ. އެހިސާބުން ކުރިމަތިވި އެންމެ މުހިންމު ސުވާލަކީ ކައިވެނީގެ ތާރީޚެވެ. ޖަނާއާ ޒަލަފް އެކަކު އަނެކަކު މޫނަށް ބަލާލައިފައި ޖަވާބު ދިނީ ޒަލަފްއެވެ. އެއީ އެކައިވެނީގެ ތާރީޚު ކަނޑައަޅާނީ އޭނާގެ މަންމައާ ބައްޕަ ކަމުގައެވެ. އެހިސާބުން ދެން އޮތީ ދެއާއިލާ މެދުގައި މަޝްވަރާ ކުރުމަށްޓަކައި ބޭއްވި ބައްދަލު ވުމެވެ.
ރޭގަނޑު ކެއުމަށް ލައިލަކް ވިއުއަށް ދިޔަ މީހުންގެ ތެރޭގައި ފަޔާޒްމެން ދެމަފިރިންނާއި ދީނާގެ އިތުރުން މާކިންވެސް ހިމެނުނެވެ. ޒަލަފް ވަރަށް އެދިގެން މާކިންއާ ދެމީހުންގެ މެދުގައި އޮތް ކުނި ފިލުވަން އެދުމުން ހިތާއި ދެކޮޅަށްވެސް އެގެއަށް އައެވެ. މޭޒު ދޮށުގައި ޖަނާއާ ކުރިމަތިވާ ގޮތަށް ޒަލަފްއާ މާކިން ތިބުމުން ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ބޮޑެތި މީހުން ކައިވެނީގެ ތާރީޚު ކަނޑައަޅައި ތައްޔާރީތައް ގެންދާނެ ގޮތަށް ދަންދެން ނިންމިއިރު އޭނާ ހިޔާލެއްވެސް ނުދީ އިނދެގެން ކޮންމެ ބަހަކަށް "އާ، ހޫމ" ކީތަން ޒަލަފް އިނީ ފަރުވާވެ ބަލާށެވެ. ބައެއްފަހަރު ހަތަރުކަޅި ހަމަވުމުން ހިނިތުންވެލި ނަމަވެސް ޖަނާގެ ލޮލުގައި ނޭނގޭ ބިރެއްގެ އަސަރު ފައުޅު ވޭވޭ ހުންނަ ކަމުގައި ހިތް ބުނެލިއެވެ.
ކެއުން ނިމިގެން ކޮފީބޯން ތިބެފައި މާކިން ގައިގައި ޒަލަފް ކޮށްޓައިލިއެވެ. "ބުނީމެއްނު ޖާންއާ ވާހަކަދައްކާނަމޭ." ޒަލަފް ހަނދާން ކޮށްދިން ވަގުތު މާކިން ބޯޖަހައިލިއެވެ. އޭނާ ކޮފީތަށި ބަހައްޓާފައި ސިޑިން އަރައިގެން ދިޔައިރު ވާހަކަ އޮލަވެފައި ތިބި އެކަކަށްވެސް ފާހަގައެއް ނުކުރެވެއެވެ. އިރުކޮޅަކުން ޒަލަފް ޖަނާ ކުރެން އެދުނީ އަކްޔަންއަށް ގޭގެ ތަންތަން ދައްކާލަން އެކުގައި ދިއުމަށެވެ. އަކްޔަން މެދުގައި ބަހައްޓައިގެން ދެމީހުން ދެއަތުގައި ހިފާފައި ސިޑިން އަރައިގެން ގޮސް ވަނީ ޕިއާނޯ ރޫމަށެވެ. އަކްޔަން ކައިރީގައި ބައިންދައިގެން ޒަލަފް ޕިއާނޯ ކުޅެން ފެށުމުން ޖަނާ ހަށަން ބަނދެލައިގެން ބަލަން ހުރިއިރު ލޯ ފެންކަޅިވިއެވެ. މާކިން ހުއްޓާ އެމަޤާމުގައި ޒަލަފް އިންދާ ފެނުމުން ހިތަށް ކުރީ ފުން އަސަރެކެވެ. ދެރައީ އަމިއްލަ ދަރިފުޅަށް ވުރެވެސް ބޮޑަށް މާކިންއަށް އަމިއްލަ ގޮތުގައި ހިފެހެއްޓުން މުހިންމުކަމެވެ.
"ޖާން އަހަރެންގެ ރޫމުގަ އޮންނާނެ އަކްޔަންއަށް އޮތް ހަދިޔާއެއް. ދޭބަލަ ގެނެސްދޭން!" ޒަލަފް ވަކި ހިސާބަކުން މެދުކަނޑާލައިފައި އެދުނެވެ. ޖަނާ ބޯ ޖަހާލައިފައި އަނެއް ފަރާތަށް އެނބުރި ގޮސް ލޯމަތިން ގެއްލުނުއިރު އޭނާގެ ހިތް ތެޅެމުން ދިޔައީ އެންމެ ބާރުމިނުގައެވެ. މާކިންއާ ޖަނާ އެކަނިވާނެހެން އެއްތާކަށް ފޮނުވުން އެއީ ރަނގަޅު ނިންމުމެއް ކަމާމެދު ހިތް ޝައްކު އުފައްދަން ފެށިއެވެ.
ކުދި ފިޔަވަޅުތަކެއްގައި ޖަނާ ގޮސް ދޮރު ހުޅުވާލައިފައި ވަންއިރު މާކިން ނިކުމެހުރީ ބެލްކަނީގައެވެ. ޖަނާއަށް އެކަން ނޭނގި ވަށައިގެން ހޯދައިލާފައި ގޮސް އެނދުމަތީ އޮތް ކޮތަޅު ފެނިގެން ނަގާފައި އެނބުރިލުމުން ސިއްސައިގެން ދިޔައެވެ. "މާކިން ކީއްތިކުރަނީ މިތާ؟" ޖަނާ ބުމަ ގޮށް ޖަހާލައިފައި ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މާކިން ގޮސް ދޮރުލެއްޕިތަން ފެނިގެން މޭގަނޑު އަނގަޔަށް އައެވެ. ލޯ ބޮޑުކޮށްލުމާއެކު އޭނާއަށް މެއާއި ހަމައިން ދެއަތް ހުރަސްކޮށްލެވުނެވެ.
"ހާސްނުވޭ އަހަރެން ނޫޅެން ޖަނާއަށް ކަމެއް ކުރާކަށް. އަހަރެން އައީ ވާހަކައެއް ބުނަން." މާކިން ކުރިއަށް ފިޔަވަޅު އަޅާލައިފައި އައިސް ކައިރިއަށް ހުއްޓި ވާހަކަދެއްކިއެވެ. ޖަނާ އެވަގުތު މޫނު ކުނިކޮށްލާފައި ނިކުންނަންވެގެން މާކިން ފަސްދިނުމުން އަނެއްފަރާތަށް އެނބުރިފައި އެއްލި އަތުން އަތުގައި ހިފެހެއްޓިއެވެ. "މާކިން!" ޖަނާ ރުޅިގަދަވެފައި ހަޅޭތްލަވައިގަތެވެ. ދެން ކުރަންވީ ކަމަކާމެދު ވިސްނާލި ފަދައިން ހިމޭނުން ހުރެފައި ޖީބުން ދެއަތް އަތް ނެގިތަން ފެނުނެވެ. ދެން ކުއްލިއަކަށް ކައިރިވެފައި އެދެކޮނޑުގައި ހިފާލިގޮތަށް ގެންގޮސް ދޮރުފަތުގައި ތަތްކޮށްލައިފިއެވެ. އެވަގުތު އެމޫނު ފެނުނުލެއް ކައިރިކަމުން ޖަނާގެ ދޫ ހަރަކާތް ކުރުން ހުއްޓައިލިއެވެ. ބޮޑުކޮށްލެވިފައިވާ ދެލޮލުން ކަޅި ޖަހާނުލާ މާކިންއަށް ބަލަން ހުއްޓާ ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތް މަތިން ރޮނގުދަމާލައިފައި ފައިބައިގެން ދިޔައެވެ. މާކިންގެ ހިތްވެސް މަޑުވީ އެހިސާބުންނެވެ. ދެކޮނޑުގައި އޮތް އަތް ވަކިކޮށްލާފައި ޖަނާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލުމާއެކު ނިކަން މަޑުމަޑުން އެނިތުގައި މާކިން ބޮސްދިނެވެ.