ފައިގައި ކޮންމެވެސް އެއްޗެއް ބީހުނުހެން ހީވެގެން ކުއްލިއަކަށް ތިރިބަލައިލާފައި ފައިދަށުގައި އޮތް ބުޅާ ފެނިގެން ހޭވެރިކަން އުދުއްސައި ނުގަތީ ކިރިޔާއެވެ. އަޑުގާ ނެތްތަނަށް ހަޅޭތްލަވައިގެންފައި ދުއްވައިގެންކުއްޖާއަށް ވާނުވާ އެނގުނުއިރު އިނދެވުނީމާކިން އުރަށް އަރައެވެ. އެދެފައި މާކިންގެ އުނަގަނޑާއި ހިސާބުން ފުރަގަހަށް ލަނބާލައި ރީތިކޮށް ދެފައިތިލައިން ލޮކް އަޅުވާލައިގެންނެވެ. ކަރުގައި ދެއަތް އަޅުވާލައި މޭގައި މޫނު ފޮރުވާލައިގެންނެވެ. ލަދުން ގޮސް، މުޅިމީހާ ވިރިގެން ދާނެ ނަމައޭ ހިތަށް އެރި ވަގުތެއް އެނޫނީ ދުވަހަކު ނާދެއެވެ. ތުންފަތުގައި ދަތް އަޅާލެވުނު ބާރު މިނުން ލޭ ނުނިކުންނާނެ ކަމެއް ނޭނގެއެވެ. ޖަނާ އެވަގުތު އަމިއްލަ ނަފްސަށް އެތިވަރު ގޮވައިލީ ހިތާއި ހިތުންނެވެ.
"މާކް އަހަރެން ފަހުން މަޢާފަށް އެދޭނަން. މިވަގުތަށް އިހަށް ބުނެދީބަލަ އެބުޅާ އޮތްތަނެއް. އޭތި އަދިވެސް މިތާ އެބައޮތްތަ؟" ގޮތެއް ނެތްކަން އެނގޭތީވެ ހިތާއި ދެކޮޅަށްވިއަސް ޖަނާ ވާހަކަދެއްކިއެވެ. ހިނދުކޮޅެއް ކުރިން އެމޭގައި ޖައްސާ ބާރުކޮށްލައިފައި މޫނު ދުރުކޮށްލިއެއް ކަމަކު އޭނާ އިނީ މާކިންއަށް މޫނު ނުފެންނާހެން އިސްޖަހާލައިގެންނެވެ. ކިތަންމެ ލަދުގަތަސް ނުރައްކާ ނެތްކަން ޔަޤީންކޮށްފައި ނޫނީ ބިމުގައި ފައި ޖައްސާކަށް ނުކެރޭނެއެވެ. މާކިން ބަހެއް ނުބުނެ ހިނގައިގަތުމުން ޖަނާ ސިހިފައި ތެޅިގަތްއިރު ކޮނޑުގައި އަޅުވާފައި އޮތް ދެއަތަށް ދޫ ދެވިފައި އޮތުމުން ހަށިގަނޑު ފަހަތަށް ދާ ގޮތްވިއެވެ. އެވަގުތު ހަށިގަނޑަށް އައި ލޮޅުމުގައި އޭނާ އައުޗްއޭ ކިޔާލުމާއެކު މާކިން އަވަހަށް ބުރަކަށީ ދެއަތުން ހިފަހައްޓާލުމުން މޭގަނޑު ފިނިވެގެން ދިޔައެވެ. ނޭވާ ނުލެވިފައި އިންދާ އިރުކޮޅެއް ނުވެ ސޯފާ ކައިރިއަށް ހުއްޓި ފައިތިލައިގައި އަތް ޖައްސާލުމުން ޖަނާއަށް ވިސްނިގެން ދެފައި ތިރިކޮށްލުމާއެކު އެތާ ކޮޅަށް ބެހެއްޓާފައި ފުރަގަސް ދިނެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލަން ޖަނާ ހުރެފައި މޭގައި މަޑުމަޑުން ފިރުމާލިތަނާ މާކިން ތިރިވެފައި ބުޅާ އުރާލައިގެން ތެދުވިތަން ފެނިގެން އަނެއްކާވެސް ފަހަތަށް ޖެހެވުނީ އިޚުތިޔާރުން ބޭރުގައެވެ. މާކިން އެވަގުތު ބުޅާ ގޮވައިގެން ބެލްކަންޏާއި ދިމާއަށް ދަމުން އެތޫނު ލޮލުން ބަލައިލި ގޮތުން ގައިގައި ހުރިއްޔާ ހުރި ލޯއްޔެއް ކޮޅަށް ޖެހިގެން ދިޔައެވެ. ލޯ ބޮޑުވެފައި ޖަނާ ހުރެގެން ތިރިއަށް ދެފައި ބާލައި ސޯފާގައި އިށީންއިރު ދެއަތުގައި އޮތީ ހީބިހިތައް ފެންނާށެވެ. މާކިން އޭނާއަށް މިފޯރުވާ އަސަރަކީ އެހެން މީހަކު ދުވަހަކުވެސް ފޯރުވި އަސަރެއް ނޫނެވެ. އަޖައިބެއް ކަހަލަ ކަމެކެވެ.
މާކިން ބެލްކަނިން އެތެރެއަށް ވަންނަން ވާއިރަށް އެތާ ނުހުންނަން ވެގެން ޖަނާ އަވަހަށް ގޮސް ދީނާ ކޮޓަރިއަށް ވަންއިރު ދީނާ އޮތީ އެނދުގައި ބަންޑުން އޮށޯވެ ބާލީހުގައި މޫނު ފޮރުވާލައިގެންނެވެ. އަޑު ނީވުނެއް ކަމަކު މަންމަ މޫނަށް ބަލާފައި ދީނާ އަދިވެސް ރޮނީކަން އެނގުނެވެ. ޝަރުމީލާ އެވަގުތު ޖަނާއަށް އަތުން އިޝާރާތް ކޮށްފައި ކޮޓަރިން ނެރެގެން އެއްފަރާތަކަށް ގެންގޮއްސައި ބުނީ އިހަށް ގެއަށް ދިއުމަށެވެ. މަންމަ ދީނާ ހަމައަކަށް އަޅުވާފައި ފަހުން ގެއަށް ފޮނުވާނެ ކަމަށް ބުނުމުން ޖަނާ އެގޮތާއި އެއް ބަސްވެގެން ދިޔައީ ގެއަށެވެ.
"ހާދަ ފާޑަކަށް ވެފަ ތިހުރީ ކީއްވެ؟" ގެއަށް ވަންތަނާ އަކްޔަން ކައިރީ ހުމާ އިނދެފައި ސުވާލު ކުރިއެވެ. ޖަނާގެ ހިތަށް އޭރުވެސް މާކިންގެ ހިޔާލު އުދަނގޫ ކުރަމުން ދިއުމުން އޭނާ މޫނަށް ވައްތަރެއް ޖައްސާލައިފައި ދިޔައީ ބަދިގެއަށެވެ. "ބުނެބަލަ!" ޖަނާ ފެންފުޅިއެއް ނަގައި ފެން ބޯން ހުއްޓާ ހުމާ އައިސް މޭޒު ކައިރީ ހުރެފައި އަނެއްކާ އެހިއެވެ. އެވަގުތު އޭނާ ވީ ގޮތް ކިޔައިދިނުމުން ހުމާ ޖަހާލި ހިނިގަނޑު ފެނިފައި އިތުރަށް ރަކިވުން ނޫންކަމެއް ނުވިއެވެ. ފެންފުޅި އަނބުރާލައިފައި އޭނާ ނިއްކުރީ މަޑުމަޑުން އަތުން ތަޅާލައި އަދިވެސް އެއްފަހަރު އަމިއްލަ ނަފްސަށް އެއްޗެހި ކިއެވެ. ބިރުން ހޭވެރިކަން ނެތިގެންވެސް ދުޝްމަނުގެ އެހީއަށް މީހުން އެދޭ ހެއްޔެވެ؟ މާކިން އެވަގުތު ހިތަށް އަރާނެ އެއްޗެއްވެސް ނޭނގެއެވެ. ދެން އޭނާއަށް މިއިން ދުވަހަކު މާކިން ކުރިމައްޗަށް ދާކަށް ނުކެރޭނެއެވެ.
މަންމަ އެތައް ސުވާލެއް ކޮށް ވީގޮތެއް އޮޅުން ނުފިލައިގެން ދިޔަފަހުން ދީނާގެ ރުއިން މެދުކެނޑި ހިމޭންވެފައި އެތައް އިރަކު އޮތެވެ. އޭނާ ތެދުވީ ފޯނަށް މެސެޖެއް އައިސްގެން ވައިބްރޭޓްވިކަން އިހްސާސް ވެގެންނެވެ. މޮޔައެއްހެން ފޯނު ނަގައި ބަލާލިއިރު އުންމީދު ކުރި މެސެޖް ފެންނަން ނެތުމުން ފޯނުގަނޑު ދުރަށް ހޫރާނުލެވުނީ ކިރިޔާއެވެ. ތުންފިތްތާލައިފައި އަނެއްކާވެސް ވެއްޓިގަނެވުނީ އެނދަށެވެ. އޭނާ މުޅި ރޭގެ ނިދި ހަރާމް ކޮށްފައި ކަރުނަ އޮއްސިއިރު ނާއިކް އަރާމުގައި ނިދީއެވެ. އަދި އެވަރުން ނުވެގެން މިސްކޯލްތައް ފެނުނީމައިވެސް އަޅައެއް ނުލިއެވެ. އެވަރުގެ ސަޒާއެއް ހައްޤުވާން އޭނާއަށް ކުރެވުނީ ހަމަ އެހާ ބޮޑު ކުށެއް ހެއްޔެވެ؟
ބޭރުތެރޭ އުޅެފައި ޒަލަފް އެރޭ ގެއަށް އައިސް ވަންއިރު ނާސިހާ ހުރީ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. "މަންމަ އަދިވެސް ނުނިދަންތަ؟" ޒަލަފް އައިސް މަންމަގެ ކޮނޑާއި ހަމައިން ހިފަހައްޓާލައިފައި ދެމައިން އެކީ ސިޑިއާ ދިމާއަށް ދާން ފެށިއެވެ. ދަރިފުޅަށް ޖަވާބު ދިނުމުގެ ކުރިން ނޯކަރަށް އަތުން ކޮށްލި އިޝާރާތަކަށް ފަހު ނާސިހާ ޖަވާބު ދިނީ އޭނާ ހުރީ ޒަލަފް އަންނަންދެން ކަމުގައެވެ. " މަންމަ ވާހަކައެއް ބުނަންވެފަ އޮތް ވާހަކަ ބުނިންދޯ މިއަދު. ސޮރީ މަންމާ ގެއަށް އައިގޮތަށް އެކަން ހަނދާން ނުވީމަ ނިކުމެގެން ދެވުނީ." ޒަލަފް މަޢާފަށް އެދުނެވެ. ނާސިހާ އެއްޗެއް ނުބުނުމުން ކޮޓަރިއަށް ވަދެފައި އޭނާ ލައިގެން ހުރި ޓީޝާޓް ބާލައި އެނދުމައްޗަށް އެއްލިއެވެ. ދަރިފުޅު ފާޚާނާއަށް ވަދެފައި ނިކުންނަން ވާއިރަށް ނާސިހާ އެތަން ވަށައިގެން ލޯ ހިންގާލައިފައި އެނދު ކޮޅުގައި އޮތް ޓީޝާޓާއި އިތުރު ގަމީހެއް ގެންގޮސް ކޮނޑުގައި އެޅުވިއެވެ.
"ވަރަށް މުހިންމު ވާހަކައެއްތަ މަންމާ؟ ވަރަށް ނިދިވެސް އައިއްސި މިރޭ." ޒަލަފް ވާހަކަދެއްކީ އާފުރިލުމަކާއެކުގައެވެ. "މުހިންމު ނޫންނަމަ މަންމަ އެވަރަކުން މިގަޑީ މިވާހަކަ ދައްކަން އުޅޭނެތަ؟" ނާސިހާ ކަމުގެ ސީރިއަސްކަން އަންގާލުމުން ޒަލަފް އަވަހަށް މަންމަގެ މަގަތަށް ވާނެހެން ލިޔާމޭޒު ކައިރީ އިށީންދެއްޖެއެވެ. ނިއްމައްޗަށް ވެއްޓުނު އިސްތަށިކޮޅެއް އަތުން އެއްފަރާތް ކޮށްލާފައި ހަތަރުކަޅި ހަމަކޮށްލިއިރު އެލޮލުން ޝައުޤުވެރިކަން ފައުޅުވިއެވެ. "ބައްޕަ މިވާހަކަ ދައްކަން ބޭނުން ވަނީ މަންމައާ ދެމީހުން ތިބެގެން. އެކަމަކު މަންމަ ހިތަށް އެރީ ބައްޕަ ބުނުމުގެ ކުރިން މަންމަ މިވާހަކަ ބުނުން މުހިންމޭ. ޒަލަފް! ބައްޕަ މިހާރު އެބަ ގެންގުޅޭ ދަރިފުޅު މީހަކާ ދެވުމުގެ ވިސްނުމެއް." ނާސިހާގެ ވާހަކަ ނުނިމެނީސް ޒަލަފް ފުންމައިގެން ތެދުވިއެވެ. "މަންމަ ދެން ހަމަ އެކައްޗެއްވެސް ނުބުނެ ބައްޕަގެ ވާހަކައަށް އިތުރަށް ބާރު ދިނީތަ؟ ބައްޕަ ކީއްވެތަ އަހަރެންެ ދިރިއުޅުމުގެ ހުރިހާ ކަމަކަށް ބާރުވަން މަސައްކަތް ކުރަނީ؟ އުފަންވީއިރު ވަޒީފާ އޮތީ ހަމަޖެހިފަ. އެވަރުން ނުވެގެން ކައިވެނި ކުރަންވެސް ކުއްޖަކު ހޮވީތަ؟" ޒަލަފް ހާސްކަމާއެކު ނިއްކުރިއަށް ބާރުކޮށްލައިފައި އަތް ތިރިކޮށްލިއިރު ލޮލުގައި ޝަކުވާ ގިނައެވެ. " ބުނި ދެތިން ކުއްޖެއްގެ ވާހަކަ. އެކަމަކު އަދި ވަކި ހާއްސަ ކުއްޖަކު ނުއެއް ހޮވާ.އެހެންވެ ދަރިފުޅަށް އެކަމުގެ ބާރު ހޯދައިދޭން ވެގެންނޭ މަންމަ ކުރިން މިވާހަކަ މިބުނީ. ދަރިފުޅު ވަކި ކުއްޖަކު ހޮވާފަ ހުރިއްޔާ ބައްޕަ ފަހަރެއްގަ ބައްޕަގެ އަމިއްލަ ހޮވުމަކަށް ނުގޮސް ދޫކޮށްލަފާނެ." ނާސިހާ ތެދުވެފައި ޒަލަފްގެ ކޮނޑުގައި ފިރުމާލަމުން މަޑުމައިތިރިކޮށް ވާހަކަދެއްކިއެވެ. މަންމަގެ އެވާހަކައިން އެއްޗެއް ވިސްނިގެން އިސްއުފުލައިލާ ފަދައިން އެމޫނަށް ބަލާލައިފައި ޒަލަފް ކުއްލިއަކަށް އެނބުރުނީ އަނެއްފަރާތަށެވެ. މަންމަ ބުނަން އެމަސައްކަތް ކުރަނީ ޖަނާގެ ވާހަކަތޯ އަހައިލަން ބޭނުންވެ ހުރެވެސް އެހިތްވަރެއް ނުކުރެވުނެވެ. ފުރަތަމަ އޭނާ އެހެން ހިތަށް އަރުވާނެ ހައްޤުވެސް ލިބިފައި އޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާ އެއީ ޖަނާގެ އެންމެބޮޑު ކުށްވެރިޔާއެވެ. އެއީ އެދިރިއުޅުން އެފުށް މިފުށަށް ޖަހާފައި ހުރި އަނިޔާވެރިއެކެވެ. މަޢާފު ކުރުން އެއްކިބައިގައި އޮތްވާ ދެވަނަ ފުރުސަތެއް ދިނުމަކީ އެންމެ ދުރުގައިވާ ކަންތަކެވެ.
"ކޯއްޗެއް ތި ވިސްނަނީ؟" ޒަލަފް ނިކުމެ ރެއިލިންގައި ބަނޑު އަޅާލައިގެން ތިރި ބަލަން އޮތްވާ ނާސިހާ އިރުކޮޅަކުން ގޮސް ކައިރިއަށް ހުއްޓުނެވެ."ނުވާނެ ކަމެއްކަން އެނގޭއިރުވެސް މިހާރު އަބަދު ހިތަށް އަރަނީ މާޒީ ބަދަލު ކުރެވޭނެ ނަމައޭ." ޖަވާބުދިންއިރު ޒަލަފްގެ އަޑު ނިކުތީ ކުރެހިގެންނެވެ. އޭނާއަށް ވެގެން ވާނެނަމަ މިއަދު އެކަންވެސް ކުރީހެވެ. މޫނު އަނބުރާލިއިރު އެރީތި ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނިގެން ނާސިހާގެ ހިތަށްވެސް އަސަރު ކުރުވައިފިއެވެ. ދުވަހަކު އެހާ ދެރަވެފައި ޒަލަފް ހުއްޓާ އޭނާއަށް ފެނުނު ހަނދާނެއް ނެތެވެ. އޭނާއަށް ކުރެވުނީ ކުށްހީއެއް ނޫނެވެ. ޖަނާގެ އެނބުރި އައުމާއެކު ޒަލަފްގެ މުޅި ވުޖޫދު ބަދަލުކޮށްލައިފިއެވެ. އެހެންނޫންނަމަ އޭނާ އެއީ ދުވަހަކުވެސް މާޒީވި ކަމަކާމެދު ވިސްނުން ހިންގައި ހިތާމަ ކުރާނެ ޒުވާނެއް ނޫނެވެ.
"ވެދިޔަތަން ބަދަލެއް ނުކުރެވޭނެ. އެކަމަކު މުސްތަޤްބަލް އެއަށްވުރެ ފާގަތި ކުރެވިދާނެ." މަންމަ ބުނި އެއްޗަކުން ޒަލަފްއަށް ހަތަރުކަޅި ހަމަކޮށްލެވުނެވެ. "ދަރިފުޅު ފުރަތަމަ ނިންމަބަލަ ދަރިފުޅު ބޭނުންވާ ގޮތެއް. ހަމައެކަނި ޖަނާގެ މަޢާފު ހޯދަންކަން ބޭނުންވަނީ، ނޫނީ އަލުން ޖަނާ އަމިއްލަ ދިރިއުޅުމުގައި ޝާމިލު ކުރަންތޯ އަމިއްލަ ހިތާއި ސުވާލުކޮށްބަލަ." ނާސިހާ އަދިވެސް އެއްފަހަރު ޒަލަފްގެ ކޮނޑުގައި ފިރުމާލައިފައި ވާހަކަ ދެއްކިއެވެ. " ފުރަތަމަ އަހަރެން ހީކޮށްގެން ހުރީ އެކަނި ޖަނާގެ މަޢާފު ލިބުމުން ދިރިއުޅުމުގައި ކުރިއަށް ދެވިދާނެ ކަމަށް. އެކުގައި މަސައްކަތް ކުރަން ފެށިފަހުން އަހަރެންނަށް އަހަރެންގެ ހިތުގެ ހަޤީޤީ މަޤްސަދު މިހާރު ވަރަށް ސާފު. އަހަރެން ޖަނާ ބޭނުން. އެކަމަކު ބައްޕަ މިހާރު ޤަބޫލެއް ނުވާނެ." ވިސްނަން ހުރެފައި ޒަލަފް ކިޔައިދިން ވާހަކަތަކުން މަންމަގެ މޫނަށް ވެރިވި އުފާވެރިކަން ދެކެފައި އަމިއްލަ ހިތަށްވެސް ފިނިކަން ލިބުނެވެ. ފަހުން ބުނި ވާހަކައެއީ މަންމަ މާބޮޑަށް ކަންބޮޑުވާ ކަމަކަށް ނުދެއްކިއެވެ. މަންމަ އެގޮތަށް ދެކެންޏާ އޭނާވެސް ވިސްނަން ބޭނުމީ އެންމެ ރަނގަޅު ގޮތަށެވެ. އެކަމަކު ޖަނާގެ މަޢާފު އެއްކިބައިގައި އޮތްވާ އަލުން އިތުބާރު ހޯދަން ދާން ޖެހޭނެ ހިސާބެއް އަދި ނޭނގެއެވެ. ކޮންމެ ގޮތެއްވިއަސް ކުރިމަތީ މިހާރު އޮތީ އުންމީދެއް ނެތް ދިގު ދަތުރެކެވެ.
*****
ހެނދުނު އުޑުމަތި ބަނަކޮށް އޮވެފައި ވާރޭ ވެހޭތީ އިރު އެރި ކަމެއްވެސް ނޭނގިފައި ޖަނާ އޮތީ ނިދާށެވެ. ކަންނެތްވެފައި އޮތްވާ ތެދުވަން މަޖުބޫރު ކުރީ އަކްޔަންއެވެ. އަކްޔަން ފާޚާނާއަށް ގެންގޮއްސައި އައިސް ދެންވެސް ގަޑި ބަލައިލާކަށް ހެއެއް ނޭރިއެވެ. ބޭރަށް ނިކުމެ ދޮރުތައްވެސް ނުހުޅުވާ ހަމައެކަނި ފޮތިގަނޑު ކަހާލައިގެން ކޮފީ ބޯން ސޯފާގައި އިންއިރު ބިއްލޫރިގަނޑު ތެންމަމުން ދިޔަ ފެންތިކިތައް ނިކަން ހިތްގައިމެވެ. އިރުކޮޅަކުން ކޮއްކޮ ކޮޓަރި ދޮރު ހުޅުވާލި އަޑަށް ޖަނާ ބަލައިލިއިރު ދީނާ ނިކުތީ ޔުނީފޯމް އަޅައިގެންނެވެ. ޖަނާއަށް އެތަން ފެނިގެން ފުންމައިގެން ތެދުވެވުނު ގޮތުން ކޮފީ ޖޯޑު ބަންޑުން ނުވެ ސަލާމަތްވީ ކިރިޔާއެވެ.
"ދީނާ މިއަދު ހާދަ އަވަހަކަށް ތިދަނީ؟" ޖަނާ ޝައްކެއްގެ މަތީ ހުރެގެން އެސުވާލު ކޮށްލައިފައި ފޯނު ނެގިއިރު ކަމަކު ދާކަށް ނެތެވެ. މޫސުން ގޯސްވެ ނޭނގި ހުއްޓާ އެހެރަ ހަތެއް ޖަހަން ދަނީއެވެ. "ދެން އެއްޗެއް ނުވެސް ބޮއިތަ ތިދަނީ؟ ރޭގައިވެސް އެހާ ލަހުން އައިސް ނުކައި ނިދީ. އަން މިކޮފީ ތަށި ބޮއިބަލަ އެޓްލީސްޓް." ވަގުތަށް ވިސްނާފައި ޖަނާ ދެތިން ކޯވަރު ދަމާލައިފައި ހުރި ކޮފީތަށި ދިއްކޮށްލުމުން ދީނާ އެއިން ކޯވަރެއް ވަރު ބޯލިއެވެ. "ގަޑި ޖެހެނީ." ދީނާ ތަށި އަނބުރާ ދީފައި ނިކުންނަން ދާން ފެށުމުން ޖަނާ ގޮވައިލިއެވެ. "ސޮރީ. ފަހުން ވަރަށް ދެރަވި ބަލިވެ އުޅެނިކޮށް އެއްޗެހި ކިއުނީމަ. މާފު ކުރާނަން ދޯ." ޖަނާ އެހާ ލޯބިން އަހައިލުމުން ދީނާގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ. އޭނާ ދައްތައަށް ހިނިތުންވުމެއް ހަދިޔާކޮށް ބޯ ޖަހާލައިފައި ނިކުތެވެ.
މޫސުމުގެ ގޮތުން މަގުމަތި ފެނުނީ ކުރިއަށްވުރެ އަމާން ކޮށެވެ. ދީނާ ކުޑަ ނަގައިގެން ފޭމެންޓް މަތިން ދިޔައިރު ގަޑިއަކަށް ތަނަކަށް ދާން މަސައްކަތް ކުރާ ކުއްޖަކަށްވުރެ ފިޔަވަޅުތައް ކަންނެތެވެ. ޖެހިލާ ރޯޅިން ބައެއް ފެންތިކިތައް އައިސް ހަށިގަނޑުގައި ބީހުމުން ހީކަރުވާ ގޮތް ވެލައެވެ. އިރުކޮޅަކުން ހިނގަ ހިނގާ ހުރެފައި ފިޔަވަޅުތައް ކުއްލި ހުއްޓުމެއް އަތުވެއްޖެއެވެ. އަތުގައި ކުޑަ ލައްޕާލުމާއެކު އިތުރު ވިސްނުމަކަށް ދާން ނުހަދައި ދެން ފެނުނީ އެންމެ ކައިރީ ހުރި ދޮރާށި ހުޅުވާލައިފައި އެތެރެއަށް ދެމިގަތް ތަނެވެ.
ގާ އަޅައި ރަތް ކުލަ ޖައްސާފައިވާ ހިމަ ގޯޅިގަނޑުގެ ދެފަރާތުގައި އެތައް ބައިވަރު ޕޮޓްތަކުގައި ކުލަ ކުލައިގެ މާތައް ފޮޅިފައި ހުއްޓާ ފެނުނެވެ. ދީނާ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް، ތިރީ ބަޔަށް ނުވަދެ މައްޗަށް އެރޭނެހެން ހުރި ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިފައި މައްޗަށް އެރިއިރު ދެ ދޮރެއް ހުއްޓެވެ. ވިސްނަން ހުރެފައި ބެލް ޖަހާލުމުން އަންހެން ކުއްޖަކު ނިކުމެ ބަލައިލީ ބީރަތްޓެހި ނަޒަރަކުންނެވެ. "އަމް.. އިނގޭތަ ނިކް އުޅެނީ ކޮންތާކު ކަމެއް؟" އުދަނގޫ ގޮތަކަށް ދީނާ ސުވާލުކޮށްލުމުން އަންހެެން ކުއްޖާ ފާޑަކަށް ހުރެފައި ކުރިމައްޗަށް ހުރި ދޮރަށް އިޝާރާތް ކޮށްލީ މުޅިން އެނގިގެން ހެނެއް ހިއެއް ނުވެއެވެ. ދީނާ ހިނިތުންވުމަކާއެކު ޝުކުރު އަދާކޮށްފައި އަނެއްފަރާތަށް އެނބުރުނު އިރު އެހާ އަވަހަށް ހިތުގެ ތެޅުމަށް ބަދަލު އައިކަން ފާހަގަވިއެވެ. ނޫކުލައިގެ ދޮރުގެ ފުރަގަހުން އޭނާގެ ލޯބިވެރިޔާ ބައްދަލު ކުރާނެކަން އެނގުމުން ފޮނިހިތި އަސަރުތައް ނާރުތަކުގައި ދުވަން ފެށިއެވެ. އެކަމަކު އެއަސަރުތައް އެގޮތުގައި ދެމިގެންދިޔައީ އޭނާ ދެފަހަރަކު ބެލް ޖަހާންދެނެވެ. ދޮރުމަތީ ކޮޅަށް ހުންނަން ޖެހުނު މިނިޓްތައް އިތުރު ވި ވަރަކަށް އުންމީދުގެ ހުޅުކޮޅު ކަނިވަމުން ގޮސް އެންމެ ފަހުން ނިވިއްޖެއެވެ. އިސާހިތަކު އެސްފިޔަތަކަށް ކެތްނުވާ ވަރުގެ ބޮޑު ދެ ކަރުނަ ތިކި ދެލޮލުން ނީރާލައިގެން ވެއްޓުނެވެ. ދީނާ ކަރުނަ ފުހެލާފައި އެނބުރި ދަމުން ދޮރުފަތުގައި އަތް ޖައްސާލީ ކުރިމަތީ ނާއިކް ހުރިނަމަ އެމޫނުގައިވެސް ފިރުމައިލާނެހާ ލޯބިންނެވެ.
*****
ދީނާ ސުކޫލުން އައިސް ވަންއިރު ޖަނާ ބްރޭކް ގަޑިއަށް އައިސް އުޅެނީ އަކްޔަން އިންޓަވަލްއަށް އެއްޗެއް ތައްޔާރު ކޮށްދޭން ވެގެންނެވެ. ދީނާ ހެދުން ބަދަލުކޮށްގެން ވަންއިރު އަކްޔަން ކޮޓަރިއަކު ނެތެވެ. އެކަމަކު ދޮންތަ އޭނާއަށް ގޮވާފައި ބުނީ އަކްޔަން ފެންވަރައިގެން ނިކުމެ ހުންނާނެ ކަމަށާއި ޔުނީފޯމް އަޅުވައި ތައްޔާރު ކުރުމަށެވެ. ހާސްވެގެން ދެފަރާތް ހޯދަނިކޮށް ފާޚާނާ ތެރެއިން އަޑެއް އިވޭހެން ހީވެގެން ގޮސް ކައިރި ކޮށްލާފައި ފެނުނު މަންޒަރުން ހިނި އަންނަ ގޮތްވިއެވެ. އަކްޔަން ތުވާލިކޮޅު އަނދެގެން ހުރީ މާގަނޑު ދަށުގައި ކުޑައެއް ހިފަހައްޓައިގެންނެވެ. އަކްޔަން އަބަދުވެސް ވާރޭގައި ކުޑަ ނަގައިގެން ހިނގާ ހިތްވެއެވެ. އެކަމަކު ވާރޭ ވެހޭ ކޮންމެ ދުވަހަކު ބޭރަށް ނިކުންނަން އުޅޭ އިރަށް މަންމަ އިންކާރު ކުރާތީ މިހާރު އެހުރީ މޮޅު ގޮތް ހޯދައިގެންނެވެ.
"އަކްޔަން ދެން އާދޭ ތައްޔާރު ވާން. ސުކޫލުން އައިސް ދެން ކުޑަ ނަގާނީ. ދީނާ ސިއްރުން ހޭ އަޑަށް އަކްޔަން ބަލައިލުމުން ގަދަކަމުން އެތެރެއަށް ހިންދައިލާފައި ވާހަކަދެއްކިއެވެ. އޭނާ އަކްޔަން ތައްޔާރު ކޮށްގެން ނިކުމެ ޖަނާ ކައިރީ ކިއުމުން ޖަނާ ވެސް ހުރީ ހިނި އައިއްސައެވެ. މޭޒުމަތީ އަކްޔަންގެ އިންޓަވަލް ތަށި ހުރިއިރު އިތުރަށް ހުރި އެހެން ތައްޓެއް ފެނިގެން ދީނާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އެސުވާލު ކޮށްލުމުން ޖަނާ އަޑު ނީވޭ ކަމަށް ހެދިފައި އަތުގައި ހުރި ހޫނު މައިލޯތައްޓެއް ނިކަން އަވަސްކޮށް ބޯލައިފައި ހަމަ އެނޭވާގައި ފިނި ފެންތައްޓެއްވެސް ބޯލިއެވެ. ކަމެއް ސިއްރު ކުރަން މަސައްކަތް ކުރާ މީހަކު ފަދައިން ދޮންތަގެ އަމަލު ހުރި ނަމަވެސް ދީނާ އިތުރު ސުވާލު ކުރުމަކާ ނުލާ ނިކުމެގެން ދިޔައީއެވެ.
ރެސްޓޯރެންޓަށް ގޮސް ވަންއިރު ޖަނާ ކޮށްޓަން ފެށިއެވެ. އަޅައިނުލާ ހުއްޓާ ރަނގަޅު ވެދާނެ ކަމަށް ބަލައިގެން ހުއްޓާ އެންމެންގެ ސަމާލުކަމާއި އެކަން ގުޅުނެވެ. އޭނާ ކޮށްޓައިގަންނަ ކޮންމެ ފަހަރަކު ކޮންމެވެސް މީހަކު ބަލައިލައެވެ. ހުމާ ބުނެގެން ޖަނާ އެއްފަހަރާ ދެ ފެންތަށި ބޯލިއެވެ. އިރުކޮޅަކުން ޒަލަފް އައިސް ކުއްލިއަކަށް އަތުގައި ހިފުމުން ޖަނާ ކަންބޮޑުވެފައި ނަޒަރު ހިންގާލެވުނީ ވަށައިގެން އެއްވެފައި ތިބި އާންމުންނަށެވެ. އެކަމަކު ޒަލަފް އެކަމަށް ސަމާލުކަން ނުބަހައްޓާ އެއަތަށް ދަމާލައިގެން ގެންގޮސް ބަދިގެއަށް ބަޔަށް ވެއްދިއެވެ. "ޒަލަފް...ކީއްކުރަން ތިއުޅެނީ؟" ޖަނާ ސުވާލު ކުރި ވަގުތު ޒަލަފް އޭނާ ބެއިންދީ އެތާ ހުރި މޭޒު ދޮށުގައެވެ. ވިސްނުން ހިނގާނެ ފުރުސަތެއް ނުދީ ފެންތައްޓެއް ގެނެސް ކުރިމަތީ ބަހައްޓައި އެއަށް ހޮޅިއެއްލާފައި ކައިރީގައި އިށީންދެއްޖެއެވެ.
"ކީއްވެ ތި އިންނަނީ. ނިކަން ތިހޮޅިން ފެންތަށި ބޯލަބަލަ. ގޫގްލް ކުރީމަ ކޮށްޓުން ރަނގަޅު ކުރަން ދީފައި ހުރި އިރުޝާދެއް މީ"ޖަނާ ހައިރާންވެފައި ބަލަން ފެށުމުން ޒަަލަފް ކިޔައިދިނެވެ. "ނުވާނެ ދެނެއް. ފެންބޮއި ބޮއި ބަނޑަށް ތަދުވެއްޖެ މިހާރު. ހުމާ ބުނެގެންވެސް ދެތަށި ފެން ބޮއިފިން ދެންމެ." ޖަނާ އިންކާރު ކުރިއެވެ. "އެހެންވިއްޔާ އަދި އެބައޮތް އެހެން ގޮތެއް." ޒަލަފް ވާހަކަ ދެއްކުމުން، އެބުނާ ދެވަނަ ގޮތަކީ ކޮބައިކަން އޮޅުން ފިލުވަން ޝައުޤުވެރިވެފައި އިންދާ ކުއްލިއަކަށް މޫނު ކައިރިކޮށްލުމުން ކަރުތެރޭގައި ނޭވާ ތާށި ވެއްޖެއެވެ. ކަންބޮޑުވެގެން ފަހަތަށް ޖެހިލަން އުޅުނު ވަގުތު ޒަލަފް އެމޫނުގައި ދެއަތުން ހިފަހައްޓާލުމުން އޭނާއަށް ކުރެވުނުހާވެސް ކަމަކީ ލޯބޮޑުވެފައި އިނދެގެން އަވަސް އަވަސްކޮށް ދެތިން ފަހަރު އެސްފިޔަ ޖަހާލުމެވެ.
"އިޓް ވޯކްޑް." އިރުކޮޅެއް ފަހުން ޒަލަފް ފަހަތަށް ޖެހިލާފައި ގޮނޑީގައި އިށީންދެލި ގޮތަށް ބުނެލިއެވެ. "ކޯއްޗެއް؟" ހީކުރި ގޮތަށް ނުވުމުން ހައިރާންވެފައި ބަލަމުން ޖަނާ އެހިއެވެ. "ހާސްކޮށްލީމަ ކޮށްޓުން ރަނގަޅުވެއްޖެ." ޖަވާބުދިންއިރު ޒަލަފް ނިކަން ރީތިކޮށް ހިނިތުންވެލިއެވެ. ވިސްނާލިއިރު ތެދެއް މެއެވެ. އޭނާގެ ކޮށްޓުން އެހުރީ މުޅިން ރަނގަޅުވެފައެވެ. ޖަނާއަށް ފުރުސަތެއް ނުދީ މަރުހަބާ އޭ ބުނެ ޒަލަފް އަވަހަށް އަނެއް ފަރާތަށް އެނބުރިފައި ދިޔައިރު އަމިއްލަ މޭގައި މުށްކަވާލި އަތުން ތަޅާލި ގޮތް ފެނުނު މީހަކަށް ވިއްޔާ އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރި ގޮތް ސާފުވާނެއެވެ. އެހާ ކައިރިން ލިބުނު އެރީތި ފުރުސަތު ނަގާލައިފައި ދުރަށް ދިޔައީ އެގޮތް ބޭނުންވެގެނެއް ނޫނެވެ. އެކަމަކު ޖަނާގެ ރުހުމާ ނުލާ އެޖިސްމުން ލައްޒަތެއް ހޯދަން ހިތް ހުއްދަ ނުދިނީތީއެވެ. ޖަނާވެސް އޭރު ޒަލަފް ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން އިނީ ފެނުނު ކަންތައް ޤަބޫލު ކުރަން ދަތިވެފައެވެ. އެހާ ތާކުން ތާކު ނުޖެހޭ އުޅުމެއް އުޅެފައި އެހާ ހަރުދަނާ މީހަކަށް ޒަލަފް ވީ ކޮންއިރަކު ހެއްޔެވެ؟ޒަލަފް ނުބުންޏެއް ކަމަކު، ފާއިތުވި ދުވަސްތަކުގައި އެދެލޮލުން އޭނާއަށް ލޯބި ފާހަގަ ކުރެވިފައި ވެއެވެ. އެކަމަކު ދެވަނަ ފަހަރަށް އެލޯބީގައި އަމިއްލަ ނަފްސް ބެހިގެންދާން ދޫކޮށްލުމުގެ ކުރީން އޭނާ ހާސް ފަހަރު ވިސްނާނެއެވެ.
ޑޮކްޓަރ! ޓެކްސީ ޑްރައިވަރަކު ގެނެސްދިން އެއްޗެއް މީ." މާކިން ކޮންސަލްޓިން ރޫމްގައި އިންދާ ޓަކި ޖަހާލައިފައި ވަން ނަރުސްކުއްޖާ ދިއްކޮށްލީ ލަންޗް ބޮކްސްއެކެވެ. "ކީކޭ ބުނެފަ ދިނީ؟ އަހަރެންނަށް ދޭށޭތަ ބުނީ؟" މާކިން އިން ގޮތަށް އިނދެފައި އަތް ދިއްކޮށްލުމުން ނަރުސް ކުއްޖާ ބޯ ޖަހާލައިފައި ތަށި މޭޒުމަތީ ބެހެއްޓިއެވެ. "ބުނީ ޑޮކްޓަރ މާކިންއަށް ހަވާލުކޮށްދޭށޭ." މާކިން އޭގެ މަތި ނަގަން އުޅުނު ވަގުތު އޭނާ އިތުރަށް ތަފްޞީލު ކޮށްދިނެވެ. މާކިން އެވަގުތު ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި ޝުކުރު އަދާ ކުރުމުން އަންހެންކުއްޖާ ތުއި ގޮތަކަށް ހީލާފައި ނިކުމެގެން ދިޔައެވެ.
މާކިން މަތި ނެގިއިރު އެންމެ މަތީގައި އޮތް ހުސް ތަށިގަނޑުގައި ފަތް ޖަހާފައި އޮތް ނޯޓެއް އޮތްވާ ފެނިއްޖެއެވެ. އަވަހަށް ނޯޓު ނަގައި ނިއުޅާލިއިރު އޭގައި އޮތީ މިހެންނެވެ. "މީ މަޢާފަށް އެދުމުގައި އަހަރެންް ގެންގުޅޭ ސްޓައިލް. މަޢާފު ލިބޭނެ ކަމުގެ އިންތިޒާރުގައި ހުރިން. އަދި ކާއެއްޗެހި މީރު ވާހަކަ ބުނީމަ ވަރަށް އުފާވި. އަހަރެންގެ މި މަސައްކަތް ބޭކާރުކޮށް ނުލައި ރަނގަޅަށް ކާނެ ކަމަށް ވަރަށް އުންމީދު ކުރަން." ތިރީގައި ނަމެއް ނެތަސް އިބާރާތްކޮޅު ކިޔާފައި އެއީ ކާކު ފޮނުވި އެއްޗެއްކަން މާކިންއަށް ޔަޤީންވިއެވެ. ހައިރާންވެފައި އިނދެގެން ދެން ހުރި ދެބައި ނަގައި ބެލިއިރު ހިކިކޮށް ހަދާފައި ހުރި ކުކުޅާއި އަނެއް ބައިގައި ވަރަށް މީރު ވަސްދުވާ ކުލަ ރީތި ބަތްގަނޑެއް ހުއްޓެވެ. ކޮތަޅު ތެރޭ އޮތް ސަމުސާ ނަގައި ރަހަ ބަލާލައިފައި އޭނާ ފޯނުން ކުރު މެސެޖެއް ލިޔެލައި ޖަނާއަށް ފޮނުވައިލިއެވެ.
*****
ތަށިތަކެއް ދޮންނަން ޖަނާ ހުއްޓާ މެސެޖެއް އައިސްގެން ފޯނު ވައިބްރޭޓް ވި އަޑު އިވުނެވެ. މޭޒުމަތިން އެފޯނު ނަގަން ދާންވެގެން އަތް ފުހެލާފައި އެދިމާއަށް ގޮސް ހުއްޓުނެވެ.