އެކަކުވެސް އަނގައިން ނުބުނުމުން ބަލިމީހާ އަލުން އެނދުގައި އޮށޯތްތަން ބަލަން ހުރެފައި މާކިން ޖަނާ އަނގަމަތީން ދޫކޮށްލައިފައި ހިފެހެއްޓީ އަތުގައެވެ. ދެން ކުއްލިއެއް ޖަހާ އެއަތަށް ދަމައިގެންފައި އެތަނުން ނެރެގެން ބާރު ބާރަށް އެހެން ދިމާއަކަށް ހިނގައިގެންފިއެވެ. ޖަނާ ނުދާންވެގެން ދެތަނެއްގައި ފައިވިއްދާލިނަމަވެސް ވީ ކަމެއް ނެތެވެ.ވައިރޯޅީގެ މިސްރާބަށް ލުއި ފަތެއް ދަތުރުކޮށްފައި ދާހެން މާކިންގެ ބާރުގައި އޭނާވެސް ދިޔައެވެ. ވަކި ހިސާބަކުން މާކިން އެތަނުން ދޮރެއް ހުޅުވާލައިފައި އެތެރެއަށް ދެމިގަތުމުން ޖަނާ ވަކިން ކަންބޮޑުވިއެވެ. އަތް މިނިވަން ވުމުން އެއަތުގައި ފިރުމާލަން ހުރެފައި ވަށައިގެން ހޯދާލިއިރު އެތަން ވައްތަރުވީ މުވައްޒަފުން އަރާމުކޮށް އުޅެން ހަދާފައި ހުރި ތަނަކާއެވެ. އެންމެ އެނދަކާއި ފާޚާނާއަށް ހުޅުވެން ހުރި ދޮރެއް ނޫނީ ނެތެވެ. މާކިންއާ އެތަނާމެދު އޮވެދާނެ ގުޅުމަކާމެދު ޖަނާއަށް ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. އެކަމަކު އެއީ ހަމައެކަނި ހިތުގައި އޮތް ސުވާލެކެވެ.
"ކީއްކުރަން އަހަރެން މިތަނަށް ތިގެނައީ؟ މީ އާންމުން ވަންނަން ހުއްދަ އޮންނަ ތަނެއްތަ؟" ޖަނާ ސުވާލު ކޮށްލިއިރު މާކިން ފުރަގަސްދީގެން ހުރިގޮތަށް ހުރެފައި އެނބުރިބަލައިލީ އަލިފާންކަހަލަ ބެލުމެކެވެ. "ކަލޭ ވަންނަން ތަނެއް ތަނެއް އޮވޭތަ؟ ހުއްދަ ހޯދުން އެއީ ކަލޭ ދަންނަ ކަމެއްތަ؟" މާކިން ރުޅިގަދަވެފައި މަލާމާތްކޮށްލި ގޮތުން ޖަނާ ލަދުގަތެވެ. ހުއްދަ ނުހޯދައި އެކޮޓަރިއަށް ވަން ވާހަކަ މުޅި އުމުރަށް ގޮވާނެއޭ ހިތަށް އެރިއެވެ. އެވަގުތު އޭނާ އިސްޖަހާލުމުން މާކިން އައިސް ކައިރިއަށް ހުއްޓުނުއިރު އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން އުޅޭ މީހަކު ފަދައިން އަތް މުށްކަވާލައި ޖިންސް ޖީބަށް ޖަހައިލިއެވެ. އޭނާ ފެންނައިރަށް މާކިންގެ ލޭ ކެކިގަންނަނީ ހައިރާންވާ ފަދަ ގޮތަކަށެވެ. ސުވާލަކީ އެކަށީގެންވާ ސަބަބެއް ނެތި މީހަކު އެހެން މީހެއްދެކެ އެހާ ރުޅި އަތުވެދާނެ ހެއްޔެވެ؟ ޖަނާއަށް ޤަބޫލެއް ނުކުރެވެއެވެ.
"ބުނޭ! ކީއްކުރަން އެކޮޓަރިއަށް ވަނީ؟ އެބަލިމީހާއާ ކޮން ގުޅުމެއް އޮތީ؟" ސުވާލު ކުރަން ފެށުމުން ޖަނާ ހީކުރީ މާކިން އޭނާއަށް އެނގޭ މިންވަރު ބަލައިލަން މަސައްކަތް ކުރަނީ ކަމަށެވެ. އެހެންވެ އޭނާވެސް ބޭނުންވީ ގަދަކޮށްލާފައި މާކިން ސިއްރު ކޮށްގެން އުޅޭ އެއް ކަންތައް ނަމަވެސް އެނގޭކަން އަންގައިލާށެވެ. "ގުޅުން އޮތީ އަހަންނާތަ؟ މާކިންއެއް ނޫންތަ އެމީހާގެ ހާލު ބަލަން އައިސް މިތަނުގަ ތިއުޅެނީ؟ ހިއެއް ނުކުރަން ދުވަހަކުވެސް މިހެން ބުނެލަން ލިބޭނެ ކަމަކަށް. އެކަމަކު އަހަރެންނަށް ހީވަނީ އަހަރެންނަށް މާކިންގެ އެއްސިއްރު އޮޅުންފިލައިފިހެން." ޖަނާ ސާބިތު ކަމާއެކު ޖަވާބު ދިނެވެ. މާކިން އެއަޑު އަހާފައި ބުމަ ކައިރިކޮށްލި ގޮތުން އޭނާއަށް އަދި ވަކިން ޔަޤީންވިއެވެ. އެމީހާ އެއީ މާކިންގެ ބައްޕައަށް ނުވާނެ އެއް ގޮތް ނެތެވެ. އެހެންނޫންނަމަ ސަބަބަކާ ނުލާ ކޮން ނުތަނަވަސްކަމެއް ހެއްޔެވެ؟
"ތިކިޔާ އެއްޗެއް ތިއަށްވުރެ ސާފުކޮށް ބުނެބަލަ!" މާކިންއަށް ޖަނާ ކިޔާ އެއްޗެއް ނުވިސްނުމުން ރުޅިގަދަވެފައި ރުޅިބޭލީ ފާރަށެވެ. އަތް މުއްކަވާފައި ފާރާއި ދިމާއަށް މަޅާލި ވަގުތު ޖަނާއަށް ދެލޯ ތަގުޅި ކޮށްލާފައި އަލުން ހުޅުވާލެވުނެވެ. މާކިން އެއަތް ވަކިކޮށްނުލައި ފާރުގައި ޖައްސާ ވިއްދައިގެން ހުރުމުން އޭނާ ޖެހިލުންވާ ގޮތް ވެގެން އަވަހަށް ޖަވާބު ދޭން ތުންފަތް ހަރަކާތް ކޮށްލިއެވެ. "މާކިން ކީއްވެ ނުބުނަން ތިއުޅެނީ އެތާ އޮތީ މާކިންގެ ބައްޕައޭ؟...."ޖަނާގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ މާކިންގެ ދެވަނަ ހަމަލާ ފާރަށް އަމާޒުވިއެވެ. "އެއީ އަހަރެންގެ ބައްޕަނަމަ އެމީހާގެ މޫނު ފެންނަ ހިސާބަށްވެސް...." ޖަނާ މިފަހަރު ލޯ މަރާލައިފައި ހުޅުވާލިއިރު މާކިން ދަތްކުނޑި ވިކާލައިގެން ހުރެ ފެށި ވާހަކަ ވަކި ހިސާބަކުން މެދުކަނޑާލިއިރު އޭނާއަށް ހުރެވުނީ ލޯ ބޮޑުކޮށްލައިގެންނެވެ. އެވަގުތު އެމޫނުން ފުރަތަމަ ފަހަރަށް ގޮތް ނޭނގޭ ބިރުވެރިކަމެއް ފެނުނުހެން ހީވިއެވެ. އާއެކެވެ. މާކިން އޭނާއަށް އަންގަން ނޭނދޭ ވާހަކައެއް ބުނެވުނީއެވެ. ނޭނގުމުގެ ތެރޭގައި މާދުރަށް ދެވުނީއެވެ.
"ދެން ކީއްވެ މާކިން އެމީހާ ކުރިމަތީ އަހަރެން ވާހަކަ ދެއްކިއަނުދިނީ؟" ޖަނާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. ބައްޕަ ނޫނިއްޔާ މާކިން އެމީހާގެ ހާލު ބަލަން ދިޔައީ ކީއްވެ ހެއްޔެވެ؟ ހީކުރި ގޮތަށް މާކިން އެސުވާލުގެ ޖަވާބު ދިނުން މުހިންމު ކަމެއްގެ ގޮތުގައެއް ނުބެލިއެވެ. އޭގެ ބަދަލުގައި އޭނާ ކަޅި އަޅާލީ ހައްތަހާ ބޮޑަށް ބިރުގަންނަވާލަން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ.
"ރަނގަަޅަށް އަޑުއަހާތި! އަހަރެން މިވާހަަކަ ބުނާނީ އެއްފަހަރު. "އަހަރެންނާއި ދުރުގަ ހުރޭ. ނޫނީ އަތުން ފައިން ގޯހެއް ހެދިދާނެ." ދަތްކުނޑި ވިކާލައިފައި މާކިން ދިނީ އިންޒާރެކެވެ. މާކިން ބޭނުން ޖަވާބެއް ދީގެން ނޫނީ އެތަނުން ނުނިކުމެވިދާނެ ކަމުގެ ބިރު ހިތުގައި ބޮޑުވާން ފެށުމުން ޖަނާ ޅަކުއްޖަކުހެން ކިޔަމަންވެ ބޯ ޖަހައިލިއެވެ. އެއަށްފަހު މާކިން ކުރީގައި ނިކުމެގެން ދިއުމުން ޖަނާ ގޮސް ކޮޓަރިއަށް ވަންއިރު އަކްޔަން އޮތީ ހޭލައެވެ.ވީ އުފަލުން އަކްޔަން ގެނެސް މޭގައި ޖައްސައިލިއިރު ފަޔާޒް އާއި ޝަރުމީލާ ހިނިތުންވެފައި ތިއްބެވެ. އިރުކޮޅަކުން ޑޮކްޓަރ އައިސް ބަލާފައި އަކްޔަން ގެއަށް ގެންދިއުމުގެ ހުއްދަ ދިނެވެ.
ހަސްފަތާލުން ނިކުންނަން ދިޔައިރު ދުރުގައި ބަލަން ހުރި ޒުވާނަކު ޖަނާއަށް ފާހަގަވިއެވެ. އެމީހަކު ހުއްޓިލައިގެން ހުރީ މާކިން އޭނާ ގޮވައިގެން ގޮސް ވެއްދި ކޮޓަރި ކައިރީގައެވެ. އޭނާއަށް ޝައްކު ވެގެން ބަލައިލުމުން އެޒުވާނާ ހިނިތުންވެލީ ކުރިއްސުރެ އޭނާ ދަންނަ މީހަކު ފަދައިންނެވެ. ޖަނާއަށް މިވާގޮތެއް ނޭނގިފައި ފަސްއެނބުރި ބަލައިލީ ޒުވާނާ ހިނިތުންވެލީ ކޮންމެވެސް އެހެން މީހަކަށް ވެދާނެއޭ ހީވެފައެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ޚިލާފަށް އެވަގުތު އެމީހުންގެ ފަހަތުގައި އެއްވެސް މީހަކު ހުއްޓައެއް ނުފެނުނެވެ.
ގެއަށް ދެވުމުން ޖަނާ ފުރަތަމަ ކަމަކަށް ހުމާއަށް ގުޅިއެވެ. އޭނާ އެދުނު ގޮތަށް އެއް ދުވަހު ޗުއްޓީގައި ހުރުމުގެ ހުއްދަ ހުމާ ދިނުމުން ޝުކުރު އަދާކޮށްފައި ފޯން ބޭއްވިއިރު އަކްޔަން ހެވިލާފައި ދީނާ އުނގުގައި އިން ގޮތުން ހިތްހަމަ ޖެހުނެވެ."ދީނާ ދޭ ދެން ސުކޫލަށް ދާން ތައްޔާރު ވާން." ޖަނާ ފޯނު މޭޒުމަތީ ބާއްވާފައި އަކްޔަން ނަގައި އަމިއްލަ އުނގަށްލަމުން ދީނާއަށް ފުރުސަތު ދިނެވެ. ކޮއްކޮ އެތެރެއަށް ވަދެގެން ދިއުމުން އޭނާ އަކްޔަން ކާން ބޭނުންވާ އެއްޗެއް އޮޅުން ފިލުވާފައި އެކުއްޖާ ސޯފާގައި ކާޓޫން ބަލަން ބެއިންދިއެވެ. ބަދިގެއަށް ވަދެ މަސައްކަތުގައި އުޅުނުއިރު ސިކުނޑިން އަދިވެސް މާކިންގެ ހިޔާލު ނުފިލައެވެ. ބައްޕަ ނޫނިއްޔާ އެތަނުން ފެނުނު ބަލިމީހާ އެއީ މާކިން ބައްޕަގެ ތިމާގެ މީހެއް ބާއޭ ޖަނާ ހިތަށްއެރިއެވެ. ތިމާގެ ކަމެއް ނެތިއްޔާ އެގޮތަށް ގުޅުން ނެތް ބަލިމީހެއް ކައިރިއަށް މާކިން ދާނެ އޮންނާނީ އެންމެ ސަބަބެކެވެ. އެއީ އެއްވެސް މީހަކު އެގޮތަށް ނުދަންނަ، ގުޅުމެއް ނެތް މީހެއް ކައިރިއަށް ދާނެ ހަމައެކަނި ސަބަބެވެ. އެއީ... ނޫނެކެވެ. ނޫނެކެވެ. މާކިން އެއީ ޑޮކްޓަރަކަށް ނުވާނެއެވެ. ޖަނާ އަމިއްލަ ހިޔާލުގައި ހުރެ ދެފަރާތަށް ބޯ ހޫރާލިއިރު ދީނާ ތައްޔާރުވެގެން އައިސް ދޮރުން ވަނީއެވެ.
"ކޮން ކަމަކާ ތި ދެފަރާތަށް ބޯ ހޫރަނީ؟" ދީނާއަށް ދޮންތަ ކުރި ކަންތައް ފެނިގެން ކައިރިއަށް އަންނަމުން ސުވާލު ކުރިއެވެ. "މޮޔަ އެއްޗެއް ހިތަށް އެރީ." ޖަނާ ހިނިގަނޑެއް ޖަހައިލުމުން ދީނާ އަދިވެސް ސުވާލު ކުރާފަދަ ގޮތަަށް ނިތް އަރުވައިލިއެވެ. "މާކިން އެއީ ޑޮކްޓަރަކަށް ވެދާނެއޭ ހިތަށް އެރީ." ޖަނާ ބުނެލިއެވެ. "ވެދާނެއެއް ނޫން. އެއީ ޑޮކްޓަރެއް." ދީނާ ފްރިޖުން ނެގި ޖޫސް ޕެކެޓުން އެތިކޮޅެއް އަނގައަށް އަޅައި ބޯލައިފައި ރައްދު ދިނެވެ. ޖަނާ އެވަގުތު ކުރަން ހުރި މަސައްކަތް ހުއްޓާލައިފައި ކޮއްކޮ މޫނަށް ބަލައިލިއިރު ހީކުރި ގޮތާއި ޚިލާފަށް އެމޫނުގައި ސަމާސަ ކުލައެއް ނެތެވެ. "އަހަރެން ހީކުރީ ދޮންތައަށް އިނގޭ ކަމަށް؟" ދީނާ ނިކުމެގެން ދަމުން އިތުރަށް އިއްވައިލިއެވެ.
ކޮއްކޮ އެވާހަަކަ ބުނިއްސުރެ ގަޑުވެފައި ހުރި ޖަނާ އަލުން މަސައްކަތް ފެށިއިރު އެތަކެއް ހިޔާލު ސިކުނޑީގައި ދައުރު ކުރަން ފެށިއެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރީ ރޭ އޭނާގެ ފަޔަށް ތަދުވެގެން މާކިން އައިސް ބަލައި ހެދި ގޮތް އަދި އެއްފަަހަރު ހަނދާނަށް އައެވެ. ދީނާ ބުނީ ތެދެއްވިއްޔާ މިހާރު އެބަލިމީހާގެ ކަންތައްވެސް އެބަ ހަމަޖެހެއެވެ. އޭނާއަށް ފުރަތަމަ ފެނުނު ދުވަހު މާކިން އަވަސް އަރުވާލައިފައި ނިކުތް އިރު ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މާކިން އެމީހާގެ ހާލަތު ދެނެގަންނަން ގޮއްސައި މުހިންމު ފޯނެއް އައިސްގެން ނިކުތްތަން ފެނި އޭނާއަށް ނުރަނގަޅު އެއްޗެއް ވިސްނުނީއެވެ. އަދި އެމީހާ ކުރިމަތީ އޭނާ ވާހަކަދެއްކުން މަނާ އެކުރީ އެމީހާގެ ހާލަތާއި ގުޅޭ ކޮންމެވެސް ސަބަބަކާ ހުރެ ކަމަށް ވެދާނެއެވެ.
އަކްޔަންއަށް ވަދާޢު ކިޔާލައިފައި ދީނާ ތިރިއަށް ދިޔައިރު ވިއްސާރަ ކުލަ ދައްކަމުން ދިޔައެވެ. ގެއާއި ސުކޫލާ ދެމެދު މާބޮޑު ދުރުމިނެއް ނެތް ނަމަވެސް ދީނާ ހިނގައިގަތީ ނިކަން ހަރުކޮށެވެ. މަޤްސަދަކަށް ވީ ވާރޭ އައުމުގެ ކުރިން ހިޔާވަހިކަން ހޯދުމެވެ. ތަންކޮޅަކަށް ގޮއްސައި އަތުކުރީ ގަޑިއަށް ނަޒަރެއް ދިން ވަގުތު ކަނާތް ފަރާތުގައި ރެސްޓޯރެންޓުން ނިކުތް މީހާގެ ގައިގައި އޭނާ ލައިގަތީ ކުޑަވެސް އިންޒާރެއް ނެތި ކުއްލިއަކަށެވެ. ވަގުތުން ދީނާގެ ހަށިގަނޑު އަރި އަޅާލައިގެން ވެއްޓެން ދިޔައެވެ. ދެލޯ މަރައި ތަގުޅިކޮށްލި އިރު ކުޑަވަގުތުކޮޅަކަށް އޭނާ ހީކުރީ ދެން ތެދުވަން ޖެހޭނީ ބިންމަތިން ކަމުގައެވެ.
"ހާދަ ބިރުން ތިއޮތީ." އެއިވުނީ ފިރިހެނެއްގެ އަޑެވެ.ދީނާ ވިސްނާލިއިރު އޭނާއަށް އޮވެވުނީ ކޮންމެވެސް މީހެއްގެ ބާރުގަދަ އަތުގެ ހިމާޔަތުގައިކަން އިހްސާސްވިއެވެ. "ލޯ ހުޅުވާލަބަލަ!" އަނެއްކާވެސް ހަމަ އެފިރިހެންވަންތަ އަޑެވެ. ދީނާ މަޑުމަޑުން ބޯޖަހާލައިފައި ލޯ ހުޅުވާލިއިރު ފުރަތަމަވެސް ހިތް ބުނެލީ އެއީ ދަންނަ މޫނެއް ކަމެވެ. "ކޮންމެވެސް ތާކުން ފެނުނު ދޯ؟" ޒުވާނާ އޭނާގެ ހަށިގަނޑު ތެދުކޮށްލައިފައި އަތް ދޫކޮށްލައި ދުރަށް ޖެހިލުމުން ދީނާ ސުވާލު ކުރިއެވެ. "ފެނުނުތަ؟" އޭނާ ލާނެތް ގޮތަކަށް ހީލައިފައި ނޫންކަމަށް ހެދުމުން ދީނާ ސީރިއަސްވިއެވެ. އޭނާ އަލުން ހިނގައިގަތީ އެއީ ހީވިގޮތެކޭ ކިޔައިފައެވެ.
ރެސްޓޯރެންޓަށް ނުގޮސް މަޑުކުރުމުން ޖަނާއަށް މުޅި ދުވަސް ހުސްކޮށް ލިބުނެވެ. އަކްޔަން އަދިވެސް ވަރުބަލިކޮށް އުޅޭތީ މެންދުރު އެކުއްޖާއަށް ކާންދީފައި އެނދުގައި ބޭއްވުމުން އިރުކޮޅެއް ވީއިރު އޮތީ ނިދިފައެވެ. ޖަނާ ފޫހިވެގެން ޓީވީ ބަލަން އިނދެފައި އައިސް ކޮޓަރިއަށް ވަދެ ފަތް ޖަހާފައި ބަހައްޓާފައި ހުރި އަންނައުނުތަކެއް ލާން އަލަމާރި ހުޅުވާލިތަނާ އެތެރެއިން ވެއްޓުނީ ސްކާފެކެވެ. އަންނައުނުތައް ލައިފައި ސްކާފް ނަގައިގެން ބަލައިލުމުން ކުރީގެ ހަނދާނެއް ހިތުގައި ކަށި ޖަހައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އެ ސްކާފް އަތުކޮޅަށް ހޫރައިލީ ވިހަގަދަ ސުއިއްޕެއް ނަމަވެސް އަތުގައި އޮވެގެން ފޮޅައިލި ހެންނެވެ. އޭނާ ހީކޮށްގެން އެހުރީ އެ ސްކާފް ނުގެނެވޭ ކަމަށެވެ.
"ހާދަ ރުޅިއެއް އައިއްސަ ކޯއްޗެއް ތި އެއްލައިލީ؟" ދޮރުމަތިން ހުމާގެ އަޑު އިވިގެން ސިހިފައި ބަލާލިއިރު ހުމާ ހުރީ ދޮރުކަނީގައި އަތް ވިއްދާލައިގެންނެވެ. "ދޮރު ހުޅުވާފަ ހުރީމަ ބެލްވެސް ނުޖަހާ މިވަނީ. ދީނާ ސުކޫލަށް ދިޔައިރު ހަނދާން ނެތުނީ ކަންނޭނގެ ދޯ." ހުމާ ވާހަކަ ދައްކަމުން ކައިރިއަށް އައިއިރު ކުރީގެ އެއްވެސް ހަނދާނެއް ހުރިހެނެއް ހިއެއް ނުވެއެވެ. ޖަނާ ބޯ ޖަހާލައިފައި އެހުރި ގޮތަށް ހުއްޓާ ހުމާ އައިސް ކައިރިއަށް ހުއްޓިފައި އަތުގައި ހިފައިލިއެވެ. "ޖާން އަހަރެން ވަރަށް މަސައްކަތް ކޮށްފިން. ނުފެނި ދުރުގަ އުޅެވޭތޯ. އެކަމަކު އަހަންނަކަށް ހިއެއްނުވޭ އަހަރެންނަށް އެކަން ވާނެ ހެނެއް. އަހަރެން ހަމައެކަނި ބޭނުމީ ޖާންގެ އެކުވެރިކަން. ހަމަތެދެއް އަހަރެން ޖާންގެ މަޢާފު ހޯދަން ކޮންމެ ކަމެއްވެސް ކޮށްފާނަން." ހުމާ އިސްޖަހާލައި ޖަނާގެ އިނގިލިތަކާ ކުޅެމުން ދެރަވެފައި ވާހަކަދެއްކިއެވެ.
"އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް. އެހެންނޫންނަމަ އަހަރެން އެނބުރި އައިސް ހުމާއަށް ވާހަކައެއް ނުދެއްކާނެއެއްނު." ޖަނާ އެކުވެރިޔާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. "ތިބުނީ އަހަންނަށް މަޢާފުކޮށްފީމޭތަ؟" ހުމާ ލޯ ބޮޑުކޮށްލައިފައި ޖޯޝާއެކު އެހިއެވެ. އޭނާ ބޭނުންވީ އަދިވެސް ޔަޤީން ކުރާށެވެ. ޖަނާ ބޯ ޖަހާލުމުން އަވަހަށް ހީގެންފައި ގައިގައި ކުޑަކޮށް ބައްދައިލިއެވެ. ދެން އަލުން ދުރަށް ޖެހިލިއިރު ލޮލުން ނީރާލި ކަރުނަތިކި ފެނިގެން ޖަނާ ގާތަށް ހިނިއައެވެ. ކިތަންމެ ދުވަހެއް ވިއަސް ހުމާ ބަދަލެއް ނުވާނެއެވެ. މާބޮޑަށް އުފާވެއްޖެއްޔާ ލޮލުން ކަރުނަ ތިއްކެއް ނުވެއްޓިއެއް ނުދާނެއެވެ.
"ދެން ބުނެބަލަ! ކާކު ހަދިޔާކުރި ސްކާފެއް އެއީ؟" ހުމާ އަދިވެސް އެއްފަހަރު ކުރީގެ ސުވާލު ހުށައަޅާލިއެވެ. "ވަރިކުރިފުޅުގެ." ޖަނާ ހަމަ ކުއްލިއަކަށް ސިއްރު ފައުޅު ކޮށްލިއެވެ. ހުމާއަށް މަޢާފުކޮށް ދެވަނަ ފަހަރަށް އެކުވެރިއަކަށް ހަދަން ނިންމިއްޔާ އިތުބާރުވެސް ކުރެވިދާނެއެވެ. "ކުރިން އަހަރެން ބުނަން ތައްޔާރު ނުވީމަ އެވާހަކަ ނުދެއްކީ." ޖަނާ ސްކާފް ނަގައި ބޮނޑި ކޮށްލާފައި އަލުން އަލަމާރި ތެރެއަށް ކޮށްޕާލުމަށްފަހު ދެމީހުން އެކީ ވާހަަދައްކަމުން ސިޓިންރޫމަށް ނިކުތެވެ. އެކަމަކު އޭނާ އެކަމާއި ބެހޭ ގޮތުން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަސީބަކުން ހުމާވެސް އެވަގުތު ކޮންމެހެން މާޒީ ކޮންނާކަށް ނޫޅެއެވެ.
*****
އެރޭ ނިދާފައި އޮތްވާ ޖަނާގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. ފުން ނިދީގެ ތެރެއިން ލޯ ހުޅުވައިލުމުން ފުރަތަމަ ނަންބަރުތައް ވަކިކުރަންވެސް ވަގުތުކޮޅެއް ނެގިއެވެ. ނުދަންނަ ނަންބަރަކަށް ވުމުން ފޯނުން އަޑު ކަނޑާލައިފައި އޭނާ ބެލީ އަނެއްކާވެސް ލޯ މަރައިލެވޭތޯއެވެ. އޭގެ އިރުކޮޅަކުން ދެން އިވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑެވެ. ޖަނާ ލޯ ހުޅުވާލައިފައި ބަލައިލިއިރު ދޮރުމަތީ ހުރި މީހާ ފެނުނީ ކަޅު ހިޔަންޏެއް ފަދައިންނެވެ.
"ކާކު؟" ޖަނާ ތެދުވެ އިށީންއިރު ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. އެގަޑީގައި އެގެއަށް ފިރިހެނަކަށް ވަދެވުނީ ކިހިނެތް ހެއްޔެވެ؟ އޭނާއަށް ނޭނގި ދީނާ މީހަކު ވެއްދީ ހެއްޔެވެ؟ ނޫނީ އަނެއްކާވެސް ދޮރު ތަޅުލަން ހަނދާން ނައްތައިލީ ބާވައެވެ.
ޖަނާ އަމިއްލަ ހިތާއި ސުވާލު ކުރަން ހުއްޓާ އެމީހާ ދޮރުކަނިން އަތް ވަކިކޮށްލާފައި އަންނަން ފެށީ ކައިރިއަށެވެ. ބާރު ބާރަށް ހިތް ތެޅެން ފެށިއިރު ޖަނާ އަވަހަށް ބެލީ ސްވިޗް ބޯޑަށް އަތް ފޯރުވޭތޯއެވެ. އެކަމަކު އޭނާ ކުރި މަސައްކަތުން އެއްވެސް ސްވިޗެއް މަސައްކަތެއް ނުކުރިއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުރެގެން ކޮޅަށް ތެދުވިތަނާ އެމީހާ އައިސް ކައިރިވެފައި އެއް އަތުން ކަރުގައި ހިފީނުން އެނދާއި ދިމާއަށް ކޮށްޕައިލުމުން ހިފެހެއްޓުމެއް ނެތް ހަށިގަނޑު އެނދުމައްޗަށް ގުޅައަކަށް ޖެހުނެވެ. ބޯހިއްލައި ނުލެވި އުޅެނިކޮށް ދެން އެމީހާ އައިސް އިށީންދެލީ އޭނާގެ މަގަތުގައެވެ. އެވަގުތު ނޭފަތުގައި ޖެހުނު ސެންޓް ވަސް ޖަނާއަށް އެނގުނެވެ. އެއީ އޭނާ ދަންނަ ވަހެކެވެ. އެހިނދު ބިރުވެރިކަން އޭގެ ދެގުނައަށް ދިއުމުން ސަލާމަތަށް އެދި އަޑުގާ ނެތްތަނަށް ދީނާއަށް ގޮވާލެވުނެވެ.