"ވަޓް ޑޫ ޔޫ ވޯންޓް؟" ޖަނާ ރޮމުން އަހައިލިއެވެ. އެވަގުތު ނާއިކް ޖަހައިލީ އިތުރު ހިނިގަނޑެކެވެ. "އިޓްސް ވެރީ ސިމްޕަލް. އައި ވޯންޓް ޔޫ."ނާއިކް ސީރިއަސްވެފައި ދިން ޖަވާބު އަހާފައި ޖަނާ ހިމޭންވިއެވެ. "މެރީ މީ! އަގެއިން. އެއިރުން އަހަރެން މިވީޑިއޯވެސް ޑިލީޓް ކޮށްލާނަން. އަދި ދީނާގެ ދިރިއުޅުމުންވެސް ދުރަށް ދާނަން. އައި ޕްރޮމިސް." ނާއިކް ތެދުވެފައި އިތުރު ތަފްސީލްދެމުން މޫނު ހިފަހައްޓާލަން އުޅުމުން ޖަނާ ޖެހުނީ ފަހަތަށެވެ.އޭނާއަށް ވެގެންވާނަމަ ނާއިކް ސޫރަ ދެކޭކަށްވެސް ނޭނދެއެވެ. ވީއިރު އެއަތުން ބީހުމަކީ އަދި މާ ދުރުގައިވާ ކަމެކެވެ."އަހަރެން ފަހުން ޖަވާބެއް ދިނަސް އެންމެރަނގަޅުތަ؟" ޖަނާ ސުވާލުކޮށްލާއިރަށް ނާއިކް ހިނިތުންވެލައިފިއެވެ. ޖަނާ އަދިވެސް ހާދަ މައުސޫމެވެ. ވަގުތުން ނޫނެކޭ ބުނެ ދެކޮޅު ހެދުމުގެ ބަދަލުގައި އޭނައާމެދު ވިސްނަން އެއްބަސްވެއްޖެއެވެ. އޭނާއަށް ޖަނާގެ ކިބައިން އަބަދުވެސް އެންމެ ކަމުދަނީ އެހުންނަ ކިޔަމަންތެރި ކަމާއި މައުސޫމު ކަމެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް ޖަނާ އިސްކަން ދެނީ އެހެން މީހުންނަށެވެ. އޭނާގެ އަންބެއްގެ ގޮތުގައި ހުރިއިރު ޖެއްސި އެތައް އަދަބަކަށްފަހުވެސް ދަރިފުޅުގެ ބައްޕަ ސިއްރު ކޮށްފައި އޮތުން އެއީ ހެއްކެކެވެ. އެގޮތުން އޭނާ އަޒާބު ދެއްކި ދުވަހެއްގައި ޖަނާ ބޮޑުވަރަކަށްވެސް ބުނީ ދަރިފުޅުގެ ބައްޕައަށްވެސް އެކަމުގެ ކުޑަވެސް ޚަބަރެއް ވެފައި ނުވާނެ ކަމަށެވެ.
ގެއަށް އައިސް އަކްޔަން ކުޅެން ދޫކޮށްލައިފައި ޖަނާ އިނީ ސޯފާއަށް ދެފައި ނެގި ގޮތަށް ހިމޭންވެފައެވެ. ދީނާ ހަމައަކަށް އެޅުނު ޚަބަރު ދޭން މާކިން ގުޅިއިރު ފޯނު އޮތީ ކައިރީގައެވެ. ޖަނާ އެފޯނަށް ބަލާލައިފައިވެސް ޖަވާބު ނުދީ އިން ގޮތަށް އިނެވެ. އިރުގަނޑެއް ފަހުން އަކްޔަން އައިސް ބަނޑުހައިވެގެން ކިޔަން ފެށުމުން ގަޑި ބަލާލިއިރު ނުވައެއް ޖަހަން ދަނީއެވެ. ޖަނާއަށް އަމިއްލަ ނަފްސްދެކެ ރުޅިވެސް އާދެވުނެވެ. އަމިއްލަ ވިސްނުމުގައި އިނދެ ދަރިފުޅު ކާގަޑި ދިޔައިރު ނޭނގުނީ ކީއްވެ ހެއްޔެވެ؟ އަކްޔަން އަކީ އާންމުކޮށް އެގަޑީ ނިދާފައި އޮންނަ ކުއްޖެކެވެ.
ނިދި އައިއްސައި ހުރުމުން އަކްޔަންއަށް ރަނގަޅަށް ނުވެސް ކެވުނެވެ. ޖަނާ އެދަރިފުޅު ނިދަން ބާއްވާފައި ނިކުމެ އުޅެނިކޮށް ޒަލަފް މެސެޖްކުރީ ނިދީހެއްޔޭ އަހައިފައެވެ. ޖަނާ ހަމައެކަނި ނޫން ޖަހާފައި ޖަވާބު ފޮނުވާލުމަށްފަހު ގޮސް ބަދިގެއަށް ވަނެވެ. ސިކުނޑި ހަމަޖައްސާލުމަށްޓަކައި އޭނާ ކޮފީއެއް ތައްޔާރުކޮށްލައިގެން ނިކުމެ އިންދާ ޒަލަފްގެ ދެވަނަ މެސެޖް ލިބުނެވެ. މިފަހަރު ހާލު ރަނގަޅުހޭ އަހައިފައެވެ. ޖަނާ ބޭނުންނަމަ ދޮގެއް ހަދާފައި ފޮނުވުނީހެވެ. އެކަމަކު އެގޮތް އޭނާއަށް ކަމަކު ނުދިޔައެވެ. ނޫނެކޭ ބުނެގެން ޒަލަފްގެ ސަމާލުކަން ހޯދާކަށްވެސް މިވަގުތު ބޭނުމެއް ނޫނެވެ. ހަމައެކަނި އެދެވެނީ އެކަނިވެރި ވަގުތު ކޮޅަކަށެވެ. ޖަވާބު ނުދީ ހުރުމުން ޖަނާއަށް ނޭނގުނީ ހިމޭންކަން ބަސްމޮށުންތެރި ކަމަށް ބަދަލުވާ ކަމެވެ.
އިރުކޮޅެއް ފަހުން ގޭގެ ބެލް ޖަހާ އަޑަށް ޖަނާ ތެދުވެގެން ދިޔައިރު ސުވާލު އުފެދިފައި ހުރީ އެގަޑީ އަންނާނީ ކާކުކަމާ މެދުގައެވެ. ދޮރު ހުޅުވާލުމާއެކު ޒަލަފް ފެނިގެން ސިހުނެވެ. "މެސެޖަށް ޖަވާބު ނައީމަ ކިހިނެތްވީތޯ ބަލައިލަން މިއައީ." ޒަލަފް އަތުގައި އޮތް މާބޮނޑި ޖަނާ އަތަށް ދެމުން ކިޔައިދިނެވެ. "ޖަނާއަށް އުދަނގޫ ކުރާކަށް ނޫން. އެކަމަކު މިތާ ކައިރީގައި އުޅުނީމަ ޖައްސާލީ. ބިޒީތަ އަނެއްކާ؟" ޖަނާ މާބޮނޑީގައި ހިފުމުން އަނެއްފަރާތަށް އެނބުރިފައި ދަމުން ޒަލަފް އެހިއެވެ. ޖަނާ ހަމައެކަނި ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލައިފައި މާބޮނޑިން ވަސް ބަލާލުމަށްފަހު ގެންގޮސް ބެއްވީ އެތާހުރި ކުޑަ މޭޒުމަތީގައެވެ. އޭނާ ކޮފީއެއް ހަދައިދެންހޭ އެހުމުން ޒަލަފް އެއްބަސްވިއެވެ.
"ދީނާ ކިހިނެތް މިހާރު؟" ޖަނާ އެނބުރި އައުމުން ޒަލަފް އެހިއެވެ. "ރަނގަޅު." ޖަނާ އިށީންދެލީ ޒަލަފް އިން ސޯފާގެ އަނެއްކޮޅުގައެވެ. އެހިސާބުން ދެން ދައްކާނެ ވާހަކައެއް އެކަކަށްވެސް ނޭނގިފައި އިން ކަހަލައެވެ. ކޮންމެ މީހަކުވެސް ކޮފީތަށި އަތަށް ނަގައިގެން އޭގެ ކޯވަރުތައް ދިރުވަމުން ދިޔައީ އަމިއްލަ ހިޔާލުގައި ތިބެއެވެ. "ޒީކް އުޅެނީ މެރީ ކުރަން." ޒަލަފްގެ އަޑުން ހިމޭންކަން ކަނޑުވައިލިއެވެ. "އެހެންތަ؟" ސުވާލުކޮށްލިއިރު ޖަނާގެ އަޑުގައި އުފާވެރިކަން އެކުލެވިގެން ދިޔައެވެ. ޒީކް އަކީ އޭނާގެ ދައްތައެއްކަހަލަ ކުއްޖެކެވެ. ޒަލަފްއާ ގުޅުން ކެނޑުނު ފަހުންވެސް އޭނާގެ ހިތުން ޒީކްއަށް ދެވިފައި އޮތް މަޤާމު އެގޮތުގައި އޮތެވެ. "ޖާންއަށް އެނގެއެއްނު ރިޔާންޝް." ޒަލަފް އިތުރު ތަފްޞީލު ދިންއިރު ޖަނާ ބަލައިލުމުން ހަތަރުކަޅި ބައްދަލުވިއެވެ. "ރިޔާންޝް އެއީ ވަރަށް ރަނގަޅު މީހެއް." ޒަލަފްގެ ލޮލުގައިވި އަސަރަކުން ޖަނާ އަވަހަށް އިސްއޮބައިލި ނަމަވެސް ޒަލަފް އިނީ ބަލާށެވެ. ހިތް އަވަސްވީ ޒަލަފް ކޮފީ ޖޯޑު ބަހައްޓާފައި ކައިރިއަށް ޖެހިލީމައެވެ. ޖަނާ ނުބަލަން އިންދާ އުނގުމަތީ އޮތް އަތްތިލައިގައި ހިފާ ބޮނޑިކޮށްލުމުން ނޭވައެއް ނުލެވުނެވެ.
"ޖާން. އަހަރެން ބުނިން ޖާން ބޭނުން ދުވަހަކުން ޖަވާބު ދިނަސް އެންމެރަނގަޅޭ. އަދި އެދުވަހަކަށް އަހަރެން އިންތިޒާރު ކުރާނެ ވާހަކަ. ހަނދާން އެބަހުރި އެކަންކަން. އެކަމަކު ގިނަ ދުވަސް ވީ ވަރަކަށް ކެތްތެރިކަން ކޮޅުންލަނީ. ނުބައި ހިޔާލުތައް ކުރެވެނީ މާބޮޑަށް. ހިތަށް އަރަނީ ގިނަ ދުވަސް އެވަނީ ޖަނާއަށް ދެކޮޅު ހަދަން ނުކެރިގެންނޭ. ބުނެބަލަ ދެން ކޮންދުވަހަކުންތަ އަހަރެންނަށް ޖަވާބެއް ދޭނީ؟" ވާހަކަ ދައްކަމުން ޒަލަފް ޖަނާގެ ދަތްދޮޅީގައި ހިފާ މަގަތަށް އަނބުރައިލިއެވެ. "ފަ..ފަހުން." ޖަނާއަށް ބުނެވުނީ އެވަރަށެވެ. ޒަލަފް އެވަގުތު ދަތްދޮޅިން އަތް ވަކިކޮށްލާފައި ކޮޅަށް ތެދުވުމުން ޖަނާ ހީކުރީ ޒަލަފް ހިތްހަމަ ނުޖެހުނީ ކަމަށެވެ. އޭނާ ކަންބޮޑުވެފައި ބަލަން ފެށިތަނާ ޒަލަފް ޖިންސްގެ ޖީބަށް އަތްކޮށްޕާލައިފައި ނެގި އެއްޗެއް މޭޒުމަތީ ބަހައްޓައިލިއެވެ.
"ޖަނާ މި އަގޮނޓި އަޅައިގެން އަހަރެން ކުރިމައްޗަށް ދާނެ ދުވަހަކަށް އިންތިޒާރު ކުރާނަން. އެދުވަހަކީ އަހަރެންނަށް ޖަނާގެ ރުހުން ލިބޭނެ ދުވަސް." ޒަލަފް ޖަނާގެ މޫނަށް ބަލާލައިފައި އިއްވައިލިއެވެ. ޖަނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ގުދުވެ ކޯތާފަތުގައި ހިފަހައްޓާލައިފައި "ގުޑްނައިޓް" އޭ ބުނެލި ގޮތަށް ފަސްއެނބުރި ނުލައި ގޮސް ބޭރަށް ނިކުމެއްޖެއެވެ. ގަނޑުވެފައި އިނދެގެން އަވަސް އަވަސްކޮށް ދެތިން ހަތަރު ފަހަރު އެސްފިޔަ ޖަހާލައިފައި ޖަނާ ފޮށި ހުޅުވަން ގެންދިޔަ އަތުގައި ހުރީ މަޑުމަޑު ތުރުތުރެއް އުފެދިފައެވެ. އޭނާ މަތި ހިއްލާލިއިރު ލޯތައް ތަރަތަރަ ޖަހައިގެންދާ ފަދަ ރީތި އަލިމަހުގެ އަނގޮޓި އިނީ ފޮށިތެރޭ ބައިންދާލައިފައެވެ.
*****
މުޅިރޭ ނުތަނަވަސްކަމާއި ވިސްނުމުގައި ހޭދަކޮށްފައި ޑިއުޓީގެ ވަގުތުތައްވެސް ޖަނާ ގުނީ އެފަދަ ހާލެއްގައެވެ. އެއްކޮޅުން އޭނާގެ ލޯއްބަށް އެދި އެދި ހުރި ޒަލަފްއެވެ. އަނެއްކޮޅުން އޭނާ އަޅުވެތި ކުރަން ބޭނުންވެގެން އުޅޭ އަނިޔާވެރިޔާއެވެ. ޒަލަފް ފެނިގެން ނުވާ ގޮތްތަކެއް މާކިން ފެނިގެން އޭނާއަށް ވާ ކަމުގައި ހިތްވަނީ އެއްވަސްވެފައެވެ. ކުރިން އެހިތުގައި ޒަލަފްއާ މެދު އޮތް ލޯއްބާމެދު ޝައްކު އުފެދެނީ އެހެންވެއެވެ. ޒަލަފްދެކެ ލޯބިވެވޭކަން އެނގޭނީ އަނެއްކާވެސް ބީވީމައި ހެއްޔެވެ؟ ހިތަށް އަރަނީ ޒަލަފްގެ ލޯއްބަށް ފުރަގަސްދީގެން ފަހުން ހިތާމަ ކުރަންޖެހިދާނެ ކަމުގައެވެ. އޭގެ ބަދަލުގައި އެލޯބި ގަބޫލު ކޮށްގެން ދެންވާގޮތެއް ބަލައިލަން ބޭނުންވެއެވެ. އަދިވެސް ޒަލަފްއަށްޓަކައި ހިތުގައި އިހްސާސްތަކެއް ވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރަން އެބަ ޖެހެއެވެ. ދެން ހުރީ ނާއިކްއެވެ. އޭނާ ދެކޮޅު ހަދައިފިނަމަ ނާއިކް ކޮންމެ ފަދަ އުސްމިނެއްވެސް ގިރާކުރާނެ ކަން ޔަޤީނެވެ. ކޮއްކޮ ބަދުނާމު ކޮށް ނުވިތާކަށް އޭނާ ރައްކާތެރިކޮށްފައި އޮތް ސިއްރުވެސް ފަޅާ އަރުވައިލާނެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ކޮއްކޮގެ ދިރިއުޅުމަށްވުރެ އޭނާގެ އެސިއްރު މުހިންމު ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. ޖަނާގެ ހިތުން އަޑު އައެވެ. އެކަމަކު އެހިސާބުންވެސް އަދި ނާއިކް ދީނާ ދޫކޮށްލާނެ ގޮތެއް ނެތެވެ. ނާއިކް ހުއްޓައިލާނީ މަޤްސަދު ހާސިލްވީމައެވެ. އޭނާ އަލުން އަނބުރާ ނާއިކްގެ ހަޔާތަށް ދިޔައީމައެވެ.
ޖަނާއަށް ހޭވެރިކަންވެ ހިޔާލުތަކުން ނިކުމެވުނީ އަތުން ޖެހިފައި ތަށްޓެއް ވެއްޓި ތަޅައިގެން ދިޔައީމައެވެ. ސިހިފައި ހޯދާލިއިރު ރެސްޓޯރެންޓްގައި ތިބި އެންމެންގެ އަމާޒުފަތްގަނޑަކަށް ވެފައި ހުރީ އޭނާއެވެ. ލަދުން މޫނު ރަތްވެގެން އައިއިރު އޭނާ އަވަހަށް ބިއްލޫރިތައް ހޮވަން ތިރިވިއެވެ. "ކޮންކަމަކާ ތިވިސްނަނީ؟ ކަމެއް ގޯސްވީތަ؟" ހުމާ ޖަސްތުގަނޑެއް ހިފައިގެން އައިސް ތިރިވެފައި ޖަނާއާ އެހީވަމުން ސުވާލު ކުރިއެވެ. ޖަނާ ބަލާލިއިރު ހުމާ އިނީ ސީރިއަސްވެފައެވެ.
"ޒަލަފް ޖަވާބެއް ދޭން އެދުނީ." ވަގުތުކޮޅެއް ހޯދައިގެން ދެމީހުން ވާހަކަ ދައްކާލަން މަޑުކުރީ ބަދިގެ ބައިގައެވެ. ހުމާ ނިތްއަރުވާލައިފައި ޖޫސް ތަށި ބޯލަ ބޯލަ އިނީ ޖަނާ ތަފްޞީލު ދޭނެ ކަމުގެ އިންތިޒާރުގައެވެ. "އަހަރެންނަށް އެނގޭ ޒަލަފްއަކީ ކުރީގެ ޒަލަފްއެއް ނޫންކަން. އެނގޭ އޭނަ ދެވަނަ ފަހަރަށް އަހަރެންނަށް ދެރައެއް ނުދޭނެކަން. މައްސަލައަކީ މިހާރު އަހަރެން. މައްސަލައަކީ އަހަރެން ބޭނުންވާ ގޮތް." ޖަނާ ކިޔައިދީ ނިމުމުން ހުމާ އަހައިލީ އޭނާ ބޭނުންވާ ގޮތަކީ ކޮބައިތޯއެވެ. "ތިއެއް ޔަޤީން ނުވެގެން މިއުޅެނީ. އަހަރެން އަދިވެސް ޒަލަފްއާ ގަޔާވޭ. އެކަމާމެދު ޝައްކެއް ނުކުރަން. އެކަމަކު އަހަރެންނަށް ހީވަނީ މިހާރު އަހަރެން އެއަށްވުރެ ބޮޑަށް ގަޔާވާ އެހެން މީހަކުވެސް އެބަހުރިހެން." ޖަނާގެ ޖުމްލަ ނިމޭއިރަށް ހުމާ ސިއްސައިގެން ގޮސް ބާރަކަށް ޖޫސްތަށި މޭޒުމަތީ ބެހެއްޓިގޮތުން ބަންޑުން ނުވީ ކިރިޔާއެވެ. ހުމާ އަވަސްކޮށް ދެތިން ހަތަރު ފަހަރު ކާކުކޭ އެހުމުން ޖަނާ ގާތަށް ކުޑަކޮށް ހިނި އައެވެ. "ހާޓްއެޓޭކްއެއް ނުޖެހޭތި. އެއީ މާކިން." ޖަނާ ހާމަކޮށްލިއެވެ. އޭނާ ހީކުރިފަދައިން ހުމާ ސިއްސައިގެން ގޮސް މިފަހަރު ފުންމައިގެން ތެދުވީ ކޮޅަށެވެ.
"ޖަނާ މޮޔަވީތަ؟ މާކް އެއީ ޒަލަފްގެ އެންމެގާތް އެކުވެރިޔާއެއްނު." ހުމާ ރައްދު ދިން ގޮތުން ޖަނާ އިސްޖަހައިލިއެވެ. "މާފުކުރޭ ޖާން. އެކަމަކު މާކްއެއީ އަންހެނަކާއި ދިމާއަށް ހިތުން ރުހުމުން ބަލައިލިވެސް މީހެއް ނޫން. އޭނަދެކެ ލޯބިވެގެން ހިތަށް އަނިޔާވުން ނޫންކަމެއް ނުވާނެ. އަދި ކޮބާ ޒަލަފް ޖާންދެކެ ލޯބިވާކަން އެނގިހުރެ މާކް ދުވަހަކުވެސް ޖާންގެ ލޯބި ގަބޫލެއް ނުކުރާނެ." ހުމާގެ ޖުމްލަތައް އެއީ ޒަޚަމްވެފައިވާ ހިތެއްގައި އަޅައިލި ލޮނުމިރުސްގަނޑެއް ފަދައެވެ. ލޯ ފެންކަޅިވެގެން ދިއުމާއެކު ޖަނާއަށް އަނެއްކާވެސް އެކަން ޤަބޫލުކޮށް ބޯ ޖަހައިލެވުނީއެވެ. ހަޤީޤަތަކީ އެއީކަން އެނގޭއިރުވެސް އެގޮތަށް ހުމާގެ ދުލުން ބުނާ އަޑު އިވުމުން މާ އަސަރުކޮށްފިއެވެ. ޖަނާ ދެރަވިތަން ދެކެފައި ހުމާ އިށީންދެ ބުރަކަށީގައި ފިރުމަމުން ހިތްވަރު ލައި ދިނެވެ. ޒަލަފްއާ ގުޅެން ބޭނުން ނުވާނަމަ ދެން ޖެހޭނީ އެދެމީހުން ފިޔަވައި ތިންވަނަ ފަރާތެއް ހިޔާރު ކުރުން ކަމުގައި ބުނެ ނަސޭހަތް ދިނެވެ.
ހަވީރު ޖަނާ މަންމަގެއަށް ދިޔައިރު އެންމެން އުޅެއެވެ. ހަވީރު ސަޔަށް އިންސާފުކޮށްފައި ނިކުމެ ފަޔާޒްމެން ދެމަފިރިން ދުފާލަން ތިބިއިރު މާކިންވެސް އެމީހުން ކައިރީ ފޯނާއި ކުޅެން އިނެވެ. މާކިން ބަލާލުމުން ޖަނާ އަވަހަށް އެހެން ދިމާއަކަށް މޫނު އަނބުރައިލިއެވެ. ޝަރުމީލާ ސައިބޯން ދާށޭ ބުނުމުން ޖަނާ އަހައިލީ ދީނާ ކޮބައިތޯއެވެ. ކޮއްކޮ ކޮޓަރީ އުޅޭ ވާހަކަ ބުނުމުން އޭނާ އެދިމާއަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނެވެ. އެވަގުތު އޭނާ ފެނިގެން ދީނާ އެނދުގައި އޮވެފައި ބަލައިލީ މާ ހިތްހަމަޖެހިފައިވާ ގޮތަކަށް ނޫނެވެ. ޖަނާ ހިނިތުންވުމެއް ވެރިކޮށްލުމުން އެހިނިތުންވުމަކަށްވެސް ރައްދެއް ނުދިނެވެ.
"ދީނާއަށް އެނގޭތަ ދޮންތަ ނާއިކް ކައިރިއަށް ދިޔައީމަ ބުނި އެއްޗެއް؟" ޖަނާ ގޮސް މަގަތުގައި އިށީންދެލުމުން ދީނާ ކުރިކަމަކީ އެތާ އޮތް ވާހަކަ ފޮތެއް ހުޅުވާލައިގެން ކިޔާ ކަމަށް ހެދުނީއެވެ. ޖަނާއަށް އެއީ މައްސަލައަކަށް ނުވިއެވެ. އޭނާގެ ހަމައެކަނި އެދުމަކީ ދީނާ އެދައްކާ ވާހަކަ އަޑު އެހުމެވެ. "ނާއިކް ބުނީ އަހަރެން ދެވަނަ ފަހަރަށް އޭނަގެ ދިރިއުޅުމާއި ގުޅެން އެއްބަސްވިއްޔާ ދީނާއާ ދުރަށް ދާނަމޭ." ޖަނާގެ ޖުމްލަ އަހާފައި ދީނާ ކުއްލިއަކަށް ފޮތް ތިރިކޮށްލިއެވެ. އޭނާ ލޯ ބޮޑުކޮށްފައި ބަލާލިއިރު ދޮންތަ އިނީ ރޮވެން ކައިރިވެފައެވެ. ލޮލަށް ޖަމާވެފައިވާ ބޮޑެތި ކަރުނަތިކިތައް ދެންމެ ދެންމެ ފައިބައިގެންފާނެ ކަހަލައެވެ. "ޓްރަސްޓް މީ ދީނާ. ނާއިކް އެއުޅެނީ ދީނާގެ ބޭނުން ވެގެނެއް ނޫން. އޭނަ ދީނާ ޔޫސްކުރީ ދެވަނަ ފަހަރަށް އަހަރެންގެ ދިރިއުޅުމަށް ވަދެގަންނަން ވެގެން. އަދި މިއަދު ކޮއްކޮގެ މޮޔަކަމުން އެފުރުސަތު ރަނގަޅަށް ފަހިވެފަ އޮތީ. ދީނާ ބޭޒާރު ކުރަން ބޭނުން ނޫންނަމަ އަހަރެން ޖެހޭނީ ނާއިކްއާ ގުޅެން." ދޮންތަގެ ވާހަކަތަކަށް ހަރުކަށި ރައްދެއް ދޭން ތައްޔާރުވި ވަގުތު ފަހުން ބުނި ޖުމްލަ އަހާފައި އޭނާ ޖެހިލުންވާ ގޮތްވިއެވެ. "ކީކޭ ތިކިޔަނީ؟ ކިހިނެތް ބޭޒާރު ވާ ވާހަކައެއް؟" ތެޅި ތެޅި އޮތް ހިތަކާއެކު ދީނާ އަހައިލިއެވެ.
"ނާއިކް ދެއްކީ ދީނާގެ ވީޑިއޯއެއް. އެ ހުރީ އޭނަގެ އަމިއްލަ މޫނު ނުފެންނާހެން ފުސްކޮށްފައި. ބުނީ އަހަރެން އިންނަން އެއްބަސް ވެއްޖެއްޔާ އެވީޑިއޯ ޑިލީޓް ކޮށްލާނަމޭ." ޖަނާއަށް އެންމެފަހުން ރޮވިއްޖެއެވެ. ކަރުނަތައް ފައިބަން ފެށުމުން އޭނާ ލޯ ފުހެލާފައި ނޭފަތް ދަމައިލިއިރު ދީނާ އިނީ ހުއްޓުން އަރައިފައެވެ. އޭނާ ކަންބޮޑުވެގެން ދީނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތުމުން ސިއްސައިގެން ގޮއްސައި ފުންމައިގެން ތެދުވީ އެނދުމައްޗަށް ކޮޅަށެވެ. އޭނާ ދެކަންފަތުގައި އަތް އަޅައިގެން ހުރެ ދެފަރާތަށް ބޯ ހޫރާފައި ނާއިކް އެހެނެއް ނުހަދާނެއޭ ކިޔައިގެން ދެކޮޅަށް ވާހަކަތަކެއް ދައްކަން ފެށިއެވެ. އިއްތިފާޤުން މާކިންއަށް ދޮރު ހުޅުވާލެވުނީ ދެބެން މިގޮތަށް ތިއްބައެވެ. އޭނާ އައީ ދެބެން އެކަނި ވުމުން އަނެއްކާވެސް ކަންތައްގަނޑެއް ހިނގައިފާނެތީ ވާނުވާ ބަލަން ވެގެންނެވެ.
"މާކިން!" ޖަނާއަށް ދޮރުހުޅުވުނު އަޑު އިވިގެން އެނބުރި ބަލާލައިފައި ގޮވާލިއެވެ. "ކިހިނެތްވީ؟ މިފަހަރު ކީކޭ ކިޔައިގެން ތިއުޅެނީ؟" މާކިން ހާސްކަމާއެކު އައިސް އެނދުކައިރިއަށް ހުއްޓިފައި ޖަނާ މޫނަށް ބަލައިލީ ހިތްހަމަ ނުޖެހިފައިވާ ފަދަ ނަޒަރަކުންނެވެ. އޭނާ ދީނާއަށް ގޮވައި ތިރިއަށް އަންނަން އެދި އެއަޑު ނޭހުމުން އެނދަށް ކޮއްޅަށް ތެދުވެ އަތުގައި ހިފާލެވުނުތަނާ ދީނާ އަނބުރައިގަނެގެން އޭނާގެ އަތްމައްޗަށް ދެމިއްޖެއެވެ. ޖަނާއަށް އެތަން ފެނިގެން ހަޅޭތްލަވައިގަތް އަޑަށް ބޭރުގައި ތިބި ދެމީހުންވެސް ދުވެފައި އަތުވެއްޖެއެވެ. ކޮޓަރީގައި މާކިން ހުރުމުން އެދެމީހުން ހިތްހަމަ ޖައްސާލައިގެން ތިބީ މާކިން އެހާލަތު ހަމައަކަށް އަޅުވަންދެނެވެ. ދީނާ އެނދުގައި ބާއްވާފައި މާކިން އެއްފަރާތަކަށް ޖެހިލައިގެން ހުރެ އެކުވެރި ޑޮކްޓަރަކަށް ގުޅާފައި އެދުމުން ނިކަން އަވަހަށް އައިސްދިނެވެ. ނިދާ އިންޖެކްޝަނެއް ޖަހާފައި ބޭއްވީ ހޭލާއިރު ހަމައަކަށް އެޅޭނެ ކަމަށް ބުނެފައެވެ. އެހިސާބުން މާކިން ކުރިމަތިލީ ޖަނާއާ އެވެ. އޭނާ އެތާތިބި މީހުންނަށްވެސް މާބޮޑު ސަމާލުކަމެއް ނުދީ ޖަނާ އަތުގައި ހިފައިގެން ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ.
މާކިން ޖަނާއަށް ވާހަކަ ދައްކަން އަމުރުކޮށްފައި ގޮސް އެނދުގައި އިށީންނުމުން ޖަނާ ދޮރުފަތުގައި ބުރަކަށި ޖައްސާލައިގެން މާކިން ކުރިމަތީ ހުރެފައި އިރު އިރުކޮޅާ ކަރުނަ ފުހެލާތަން ފެނުމުން މާކިން މުށްކަވާލައިގެން އިނީ އަމިއްލަ އިހްސާސްތައް ކޮންޓްރޯލުން ނެއްޓިދާނެ ކަމަށްޓަކައި ބިރުންނެވެ. "ކީއްވެ ތިހުންނަނީ. އަހަރެން ޖަނާ މިގެނައީ ސްޓެޗޫއެއްހެން ކުރިމަތީ ބަހައްޓާކަށް ނޫނޭ." މާކިން ހަރުކަށިކޮށް ވާހަކަދެއްކުމުން ޖަނާ ސިހުނެވެ. ހަތަރު ކަޅި ހަމަވި ވަގުތު މާކިން ތެދުވެގެން ކައިރިއަށް އަންނަން ފެށުމުން އޭނާ ޖެހިލުންވެގެން ބަލަން ފެށީ ތިރިއެވެ. މާކިން އައިސް ކައިރިވުމުން އެބޮޑު ދެފައިތިލައަށް ބަލަން ހުއްޓާ ކޮނޑުގައި އަތް ބާއްވާލުމުން ނޭވާ ހިފަހައްޓާލެވުނެވެ.
"ދީނާގެ ބޯއިފްރެންޑަކީ... އެމީހަކީ ނާއިކް." ޖަނާ ގަދަކަމުން ހާމަކޮށްލުމާއެކު މާކިން ސިހިފައި އަތުން ބާރުކޮށްލެވުނީ ޖަނާގެ ކޮނޑަށެވެ. "ވަޓް؟" އޭނާއަށް ޤަބޫލު ނުކުރެވިގެން އަހައިލެވިއްޖެއެވެ. "ތެދެއް މިބުނީ. އެހެންވެ އަހަރެން އެވަރަކުން ދެކޮޅު ހެދީ. ނާއިކް އަހަރެންގެ ހަޔާތަށް އަންނަން ވެގެން ދީނާ ޔޫސް ކުރީ. އޭނަ އަހަންނަށް ވީޑިއޯއެއް ދެއްކި ވާހަކަ ބުނީމަ ދެންމެ އެކަންތައް ބޮޑުކޮށްލީ." ޖަނާ އިސްޖަހައިގެން ހުރެ ތަފްޞީލު ދީފައި އިސްއުފުލާލިއިރު މާކިން އޭނާގެ ކޮނޑުން އަތް ވަކި ކޮށްލާފައި ގޮސް ހުސްވެފައިވާ މީހަކު ފަދައިން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ޖަނާގެ ހިތަށް އަސަރު ކުރީ ކޮއްކޮއާމެދު މާކިން އަޅައިލާ މިންވަރު ދެކެފައެވެ. އެއްބަނޑު އެއްބަފާ ބޭބެއަކުވެސް ކަންބޮޑުވާނީ އެވަރަކަށެވެ.
"އޭނަ ކީކޭ ބުނީ؟" މާކިން އިރުކޮޅަކުން ކުއްލިއަކަށް އަހައިލިއެވެ. "ތިބުނީ؟" ޖަނާއަކަށް ނުވިސްނުނެވެ. "ތިބުނީނު ޖަނާގެ ދިރިއުޅުމަށް އަލުން އަންނާށޭ އޭނަ ދީނާ ޔޫސްކުރީ. އެހެންވެ މިއަހަނީ. އެވީޑިއޯ ދައްކާފަ އެ ނައްތާލަން އޭނަ ހުށައެޅި ޝަރުތަކީ ކޮބައިހޭ؟" މާކިން ތަފްޞީލު ކޮށްދިނުމުން ޖަނާ ފުރަތަމަ ފަސްޖެހުނެވެ.
"އަހަރެން އޭނައާ އަލުން މެރީ ކުރަން އެދުނީ." ޖަނާ ހާމަކޮށްލިއެވެ.