ޖަނާ ގޮސް ދޮރު ހުޅުވާލައިފައި ކުރިމަތީން މީހަކު ވާހަކަދެއްކި އަޑާއެކު މާކިންގެ މޫނު ހުދުވެގެން ދިޔައެވެ. އެއީ އޭނާ ދަންނަ އަޑެކެވެ."މާކް! ފަހުން ގުޅާނަން އިނގޭ." މާކިންއަށް އެއްޗެއް ނުބުނެވެނީސް ޖަނާ ފޯނު ކަނޑާލުމުން ނުތަނަވަސްކަން އޭގެ އެންމެ މައްޗަށް ދިޔައެވެ. އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލައިފައި ނިކުމެ ސައިކަލުގައި އޭނާ ނައްޓައިލީ ޖަނާގެ އެޕާޓްމެންޓަށް ދިއުމަށެވެ. އެހިސާބަށް ފޯރަންދެން ހޭދަވި މަދު މިނިޓްކޮޅުވެސް ޤަރުނަކަށްވުރެ ދިގުހެން ހީވިއެވެ. ހިތް އަވަސްވެފައި ހުރެގެން އޭނާ ގޮސް ބެލް ޖަހައިގެން ހުއްޓާ ޖަނާ ދޮރު ހުޅުވާލައިފައި ދެލޯ ބޮޑުކޮށްލައިފިއެވެ.

"މާކް! މިގަޑީގަ ކީއްކުރަނީ؟ ޑިއުޓީއަށްވެސް ނުދާ ދުވަހަކީތަ؟" ހައިރާންކަމާއި އުފާވެރިކަން އެކުލެވިފައިވާ އަޑަކުން ޖަނާ ސުވާލު ކޮށްލިއެވެ. މާކިން އެވާހަކައަށް ސަމާލުކަމެއް ނުދީ އެތެރެއަށް ދެމިގެންފައި ގޭގެ އެތަން މިތަނަށް ބޯދޭން ފެށުމުން ޖަނާއަށް މިވާގޮތެއް ނޭނގުނެވެ. "ކޮބާ އެއަންހެންމީހާ؟ ކޮންތާކަށް އެމީހާ ވަނީ؟ ޖާން ކައިރީ އެއްވެސް އެއްޗެކޭ ބުނިތަ؟" މާކިން އައިސް ކައިރިއަށް ހުއްޓިފައި އަޑަށް ބާރުލަމުން ސުވާލުތައް އަމުނައިލިއެވެ. "ކާމްޑައުން މާކް. ކީކޭތަ ތިކިޔަނީ؟ ކޮން އަންހެންމީހެއް. މާކްގެ މަންމަ ނޫން މީހަކު ނާދެއޭ..." ޖަނާ މާކިންގެ ދެކޮނޑުގައި ހިފާލައިފައި ހިތްހަމަޖައްސަދޭން ކުރި މަސައްކަތުން މާކިން އިތުރަށް ސިހުނެވެ. "މަންމައޭ؟ ކާކު ތިހެން ބުނީ؟" މާކިންގެ މޫނުން ދާހިއްލައިލުމުން ޖަނާވެސް ކަންބޮޑުވެއްޖެއެވެ. "ވެއިޓް. ވަޓްސް ގޯއިން އޮން މާކް؟ އެއީ މާކްގެ މަންމައެއް ނޫންތަ؟" ޖަނާ މިފަހަރު ސުވާލު ކުރީ ސީރިއަސްވެފައެވެ. "މަންމަ. އެއީއެއްނު މައްސަލައަކީ. އޭނަ ޖާން ކައިރީ ބުނާ ވާހަކައަކުން ޖާން އަހަރެންނާ ގުޅުން ކަނޑައިލަފާނެތީ ބިރުގަންނަނީ." މާކިން ކުރިއަށްވުރެ މައިތިރިވެފައި ކިޔައިދިންއިރު އިސްޖަހައިލިއެވެ. ޖަނާގެ ރުހުމާއި ލޯބި ލިބުމަށްފަހުވެސް އޭނާއަށް ހަމަޖެހުމެއް ނެތް ހެއްޔެވެ؟

ޖަނާ އެވަގުތު ހިނިތުންވެލާފައި މާކިންގެ ދަތްދޮޅީގައި ހިފާ އުފުލުވުމަށްފަހު ހަތަރުކަޅި ހަމަކުރުވިއެވެ. "މާކް އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ހަނދާން ކުރައްޗޭ. މާކްގެ މާޒީގައި ކޮންމެފަދަ ކަމެއް ހިނގާފައި ހުއްޓަސް އަހަރެންގެ ހިތް ބަދަލެއް ނުވާނެ. ސޯ ރިލޭކްސް. އަދި ބުނެދީފާނަން މާކް މަންމަ އައިސް ކީ އެއްޗެހިވެސް. މާކް މަންމަ ބުނީ އޭނައެއީ ވަރަށް ގޯސް މަންމައެކޭ. އަދި މިއަދު މަޢާފަށް އެދެން ބޭނުން ވިއަސް އެއީ ހައްޤު އެއްޗެއް ކަމަށް ނުދެކޭ ވާހަކަ. އޭނަ އައީ އަހަރެން ކައިރީ މާކްގެ ވާހަކަ ދައްކާކަށް ނޫން. އައީ އޭނަ އަތުގައި ހުރި މާކިންއަށް ނިސްބަތްވާ ކުރީގެ ހަނދާންތަކެއް ހިފައިގެން. މާކް ބޭނުމިއްޔާ ބެލިއަސް އަހަރެންނަށް އޯކޭ." ޖަނާ ވާހަކަދައްކަމުން ދުރުގައި ސޯފާތަކުގެ މެދުގައި މޭޒުމަތީ ހުރި ފޮށި ދައްކައިލިއެވެ. ވަރުނީސްކުލައިގެ ފޮށި ފެނުމުން މާކިން ޖަނާގެ އަތް ދުރުކޮށްލާފައި ގޮސް އިށީންދެލީ އެތަނުން ސޯފާއެއްގައެވެ. އޭނާ ފޮށީގެ މަތި ހިއްލާލިއިރު ޖަނާވެސް އައިސް ކައިރީ އިށީންދެފައި ބަލަން އިނެވެ.

އެންމެމަތީ އޮތް ފޮޓޯތަކެއް ނަގައި ނިއުޅާލުމުން ދެމީހުންނަށްވެސް ސިހުމެއް ލިބުނެވެ. އެކަމަކު މުޅިން ދެ ސަބަބަކާއި ވިދިގެންނެވެ. މާކިން ހައިރާންވީ މަންމަ އަތުގައި އޭނާގެ އެކި އުމުރު ފުރާގެ ފޮޓޯތައް ރައްކާކޮށްފައި ހުރީތީއެވެ. މިފޮޓޯތަކަށް ބަލާފައި މަންމަ މީގެ ފަނަރަ އަހަރު ކުރިން އޭނާ ފާހަގަ ކުރަން ނޭނގުނު ކަމަށް ހެދުނީ ގަސްތުގައިކަން ސާބިތުވެއެވެ. އޭގެ ބަދަލުގައި ޖަނާ ހައިރާންވީ އޭނާގެ ދަރިފުޅާއި މާކިންގެ ކުޑައިރުގެ ފޮޓޯތައް ވައްތަރު ކަމުންނެވެ. "އަހަރެންނަށް އަކްޔަންގެ ވާހަކަ އިނގުނީ މިކަހަލަ ކުރީގެ ފޮޓޯއެއް ފެނިގެން." މާކިން ފޮޓޯތައް ޖަނާ އަތަށް ދީފައި ދެން ހުރި އެއްޗެހި ބަލަން ފޮށިތެރެއަށް އަތްލީއިރު ކިޔައިދިނެވެ. ޖަނާ ހަމަތެދެއްހޭ ކިޔާލައިފައި އަދިވެސް އެއްފަހަރު، ފަރުވާވެ ފަހަރަކު ފޮޓޯއެއް ނަގައިގެން ބަލަން އިނެވެ. މާކިންގެ މޭގަނޑު ފިނިވެގެން ދިޔައީ ފޮށިތެރެއިން ދެން ނެގުނު އެއްޗެއް ފެނިފައެވެ. އެއީ ފްރޭމްކޮށްފައި އޮތް ފަޅިހެދުމަކާއި އެއް ޖޯޑު އިސްޓާކީނެވެ.

"ތީ މާކް ކުޑައިރުލެއްވި އެއްޗެހި ކަންނޭނގެ. އަޅެ މާކް މަންމަ ހާދަ ލޯބިވާތީއޭ ހުރިހާ އެއްޗެއް ރައްކާކޮށްފަ މިހުރީ." ޖަނާއަށް ނޭނގި އިނދެގެން ބުނި ވާހަކައިން މާކިންގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާ ފްރޭމް ބާއްވާފައި އަވަހަށް ތެދުވިގޮތުން އެތަނުން ދުރަށް ދާން ބޭނުންވިވަރު ޖަނާއަށްވެސް އިހްސާސްވިއެވެ. ސުވާލު އުފެދިފައި ބަލަން އިންދާ މާކިން އަމިއްލަ ނަފްސް ހަމައަކަށް އަޅުވާފައި ކުރިމަތިލީއިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.

"ކޮބާ އަކްޔަން؟" މާކިންގެ މަޤްސަދަކީ މައުޟޫ ބަދަލު ކޮށްލުމެވެ. ޖަނާ އަކްޔަން ނިދާފައި އޮތް ވާހަކަ ބުނުމުން އޭނާ އަތުކުރީ ގަޑިއަށް ނަޒަރެއް ދީފައި ދާންޖެހޭކަން ހާމަކޮށްލިއެވެ. "އަދި އަންނާނަން ދޯ." އާދޭސް ކުރާ ވައްތަރަށް އަހައިލުމުން މާކިން ބޯޖަހައިލިއިރު ހީލިގޮތް ޖަނާއަށް ނިކަން ކަމުދިޔައެވެ. ހިކި ބިންގަނޑަށް ވާރޭ ފެން ވެހިލުމުން ވާހެން އޭނާގެ މޫޑުވެސް ތާޒާވެގެން އައެވެ. އެރީތި ހިނގުމުގައި ގޮސް ގެއްލޭންދެން ބަލަން އިނދެފައި ޖަނާ އަނެއްކާވެސް ފޮޓޯތައް ބަލަން ފެށުމުން ފްރޭމްކޮށްފައި އޮތް ހެދުމާއިއެކު މާކިން އެންމެ ތުއްތުއިރު ނަގާފައިވާ ފޮޓޯވެސް ފެނުނެވެ.

ޖަނާ ރެސްޓޯރެންޓަށް ދިޔައިރު ރަފާހްމެނަށްވެސް ޚަބަރު އޮތީ ގޮއްސައެވެ. ރަފާހް ފާޑަކަށް ބަލައިލާފައިވެސް ނަސީބަކުން އެއްޗެއް ނުބުނެއެވެ. ހުމާ އެކަމަކު ހުސްވަގުތެއް ލިބޭއިރަށް ޖަނާ އަތުގައި ހިފައިގެން ގެންގޮސް ސުވާލުތައް ކުރިމަތި ކުރުވިއެވެ. ޖަނާ އެނބުރި އައިސް އެކުވެރިންނާ ބެހޭގޮތުން ސުވާލު ކުރިއިރު އޮޅުންފިލުވަން ބޭނުންވީ މާކިންގެ ވާހަކަކަން އޭނާއަށް ރޭކައިލީއަދި ކިރިޔާއެވެ. "ދެން ޒަލަފް ހަމަ އެކައްޗެކޭވެސް ނުބުނެ ދިޔައީތަ؟ ނުވެސް ގުޅާތަ އޭގެފަހުން؟" ހުމާ ޝައުޤުވެރިވެފައި ޒަލަފްއާ ބެހޭގޮތުން ސުވާލު ކުރިއެވެ. ހަނދާން ނެތިފައި ހުއްޓާ ހުމާ ޒަލަފްގެ ވާހަކަ މައުޟޫއަކަށް ނެގުމުން ޖަނާގެ މޫނުން ނުތަނަވަސްކަން ފައުޅުވާން ފެށިއެވެ. އޭނާ ބޯ ޖަހައިލާފައި ވިސްނަން އިނދެގެން މާކިންއަށް މެސެޖްކޮށްލީ ޒަލަފްއާ ވާހަކަދެއްކޭ ގޮތްވިތޯ އަހައިފައެވެ. އިރުކޮޅަކުން މާކިން ޖަވާބުގައި ޚަބަރެއް ނުވާ ކަމަށް ބުނުމުން އިތުރަށް އަމިއްލަ ނަފްސްކުށްވެރި ކުރެވުނެވެ. ދެރައީ އޭނާއަށް ޒަލަފްއާ އިންނަން އެއްބަސް ވެވުނީމައެވެ. އެހެންނޫންނަމަ ޒަލަފްގެ ހިތަށްވެސް މިހާރު ލިބުނު ވަރުގެ އަނިޔާއެއް ނުވެ ސަލާމަތްވީހެވެ.

"އަޅެ އަހަރެން ދެން ކިހިނެތް ހަދާނީ؟ ކީކޭ ކިޔާފައި ޒަލަފް ހިތްހަމަޖައްސަ ދޭނީ؟" ނާސިހާ ގޮތް ހުސްވެފައި ވާހަކަދެއްކީ ޒީކްއާ މުޚާތަބުކޮށެވެ. ޒައީމު އޮފީހަށް ދިއުމުން ދެމައިން ތިބީ ނާސްތާ ކުރަން ވަދެ ކާކޮޓަރީގައެވެ. ރޭ ޒަލަފް ކޮޓަރިއަށް ވަނީއްސުރެ މެންދުރު ވީއިރުވެސް ޚަބަރެއް ނުވެއެވެ. ކޮޓަރި ތަޅުލާފައި ހުރުމުން އެތެރެއަށް ވަދެވޭނެ ގޮތެއް ނެތެވެ.ނާސިހާ ދެފަހަރަކު ގޮސް ގޮވާ ދޮރުގައި ތަޅާފައި އައިސް މިހާރު އިނީ ރޮވެން ކައިރިވެފައެވެ. "ދަރިފުޅަށް ހީވޭތަ ޒަލަފް އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދޭން އުޅެފާނެހެން؟" ނާސިހާގެ ހިތަށް ވަން ބިރުވެރި ހިޔާލުން ކަރުނަތައް އިތުރަށް ހިފަހައްޓައެއް ނުލެވުނެވެ. ޒީކްއަށް އެއަޑު އިވުމުން ބާރު ބާރަށް ޖޫސްތަށި މޭޒުމަތީ ބަހައްޓާފައި ބޯހޫރާލިއެވެ. "މަންމަ ކީކޭ ތިކިޔަނީ؟ އަހަރުމެން ޒަލަފް އެއީ ފިނޑި އަންހެންކުއްޖެއްތަ އެކަހަލަ ކަންތައް ކުރަން؟" ޒީކް ދެކޮޅަށް ވާހަކަދެއްކި ނަމަވެސް ހިތް އޮތީ ހާސްކަމުން ފުރިފައެވެ. އޭނާ މަންމަގެ ނުތަނަވަސްކަން ދުރުކޮށްދޭން ހިނިތުންވެފައި މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަނުމާއެކު މޭގައި އަތް އަޅައިލެވުނެވެ. އެހިސާބުން ޒީކްގެ މަޤްސަދަކަށް ވީ ކޮންމެވެސް ގޮތެއް ހަދާފައި ކޮއްކޮގެ ކޮޓަރިއަށް ވަނުމެވެ. އޭނާ ދޮރު ހުޅުވާލައިފައި ބެލްކަންޏަށް ނިކުމެ ބެލިއިރު ޒަލަފް ކޮޓަރިއަށް ވަދެވޭނެ ގޮތެއް ފެނުނެވެ. އެކަމަކު ނުރައްކާތެރިކަމުން ފުރިފައިވާ ބިރުވެރި މަގެކެވެ. ކޮންމެ ގޮތެއްވިއަސް ކޮއްކޮގެ ފުރާނައަށްވުރެ މުހިންމު އެހެން އެއްޗެއް ނުވާނެއެވެ.

ނިދިން ހޭލިގޮތަށް ޒަލަފް އޮތީ އަދިވެސް އެނދުގައެވެ. ބޯ ދޮރުފޮތިތައް ދަމާލައިފައި ހުރުމުން އެކޮޓަރިއެކޭ އަނދިރި ގުޅަވަރެކޭ އެއްވަރެވެ. އަނދިރީގެ ތެރޭގައި ސީލިންގުން ފައުޅުވާން ކުދި ތަރިތައްވެސް އޭނާއަށް ފެންނަނީ ފެންގަނޑެއްގެ ތެރެއިން ކަހަލައެވެ. ލޮލުގައި ގިނަވެފައި ހުރި ކަރުނަތައް ދެންމެ ދެންމެ ފައިބަން ތައްޔާރުވެފައި އޮތް ނަމަވެސް އޭނާ ނުރޮއެވެ. އިރުކޮޅަކުން ބެލްކަނީ ދޮރުގައި އެއްޗެއް ޖެހުނު އަޑުފަތްގަނޑާއެކު ކަންފަތް ކޮޅަށް ޖެހުނުތަނާ ދެން އިވުނީ ނިކަން ބާރަށް ޒީކް ހަޅޭތްލަވައިގަތް އަޑެވެ. ލިބުނު ސިހުމުގައި ޒަލަފް ފުންމައިގެން ތެދުވެފައި ގޮސް ފޮތިގަނޑު ކަހައިލުމުން މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އޭނާއަށް ފެނުނީ ދެކޮޓަރީގެ ބެލްކަނީ މެދުން ހުރި ތަންކޮޅު ހުރަސްކުރަން އުޅުމުގެ ތެރޭގައި އޭނާގެ ބެލްކަނިން ތިރިއަށް އެލިފައި އޮތް ޒީކްއެވެ. ރެއިލިންގެ ތިރިން ދަގަނޑެއްގައި ދެއަތުން ހިފަހައްޓާފައި އޮތްއިރު އެހަށިގަނޑު އެކީގައި އޮތީ ތިރިއަށް އެލިފައެވެ.

ބަލާކަށް ނުހުރެ ޒަލަފް ދޮރުފަތް ކަހާލައިފައި ނިކުމެ ދައްތަގެ އަތުގައި ހިފުމުން ޒީކް ރޮއިގަތީ ޅަކުއްޖެއް ހެންނެވެ. "އައި ގޮޓް ޔޫ." ޒަލަފް ދައްތަގެ ހިތްހަމަ ޖައްސައިދެމުން އެދެއަތުގައި ހިފާ ނަގާފައި އެތެރޭގައި ބެހެއްޓިއިރު ދެމީހުން އެކީ ވެއްޓިޖެހުނެވެ. އުޅަބޮށްޓަށް ތަދުވެގެން ޒީކް އިތުރަށް ރޮއިގަތެވެ. ޒަލަފް އަވަހަށް ތެދުވުއިރު ޒީކްވެސް ނަގައި ކޮޅަށް ބެހެއްޓިއެވެ. ސުވާލު ކުރީ އޭގެ ފަހުންނެވެ.

"އަހަރެން އައީ ޒަލަފް ސުސައިޑް ކުރީތޯ ބަލަން. އަހަރެންގެ ފުރާނަ ދިޔަސް އަހަރެންގެ ކޮއްކޮއަށް ވީގޮތެއް ނުބަލައި ނުހުރެވޭނެއެއްނު." ޒީކް ރޮވިފައި ހުރެގެން ކިޔައިދިނެވެ. ހިތަށް އަސަރު ކޮށްގެން ހިންދިރުވާލައިފައި ޒަލަފް އެތެރެއަށް ވަދެގެން ދިޔައިރު ޒީކްވެސް ފަހަތުން ވަނެވެ. އޭނާ ލައިޓް ޖައްސާލައިފައި ކޮޓަރިއަށް އޮތް ގޮތް ފެނުމުން ހައިރާން ފައުޅު ކުރިއިރު ޒަލަފް ބެލީ ފަސްޓް އެއިޑް ބޮކްސް ފެނޭތޯއެވެ. ގެއްލިފައިވާ ތަރުތީބަށް ސަމާލުކަމެއް ނުބަހައްޓާ އޭނާ އައިސް ޒީކް ކައިރީގައި ބައިންދައިގެން ޒަޚަމްގައި ބޭސްއަޅައި ދިނެވެ.

"މަންމަ އިނީ ވަރަށް ދެރަވެފަ. އަހަރެންނަށްވުރެ ބޮޑަށް މަންމަ އިނީ ޒަލްފްއާމެދު ކަންބޮޑުވެފަ." ނިމިގެން ޒަލަފް ތެދުވިއިރު ޒީކް އިއްވައިލިއެވެ. އޭނާ ރައްދު ނުދީ ގޮސް ފަސްޓް އެއިޑް ބޮކްސް ބަހައްޓާފައި އެނބުރިލިއިރު ލޮލުގައި ހުރި ކަރުނަތައް ޒީކްއަށްވެސް ފާހަގަވިއެވެ. "ދޮންތަ ކީއް ކޮށްދޭންވީ؟" ހިތްވަރު ލައިދޭން ބުނާނެ އެއްޗެއް ނޭނގިގެން ޒީކްއަށް އަހައިލެވުނެވެ. އޭނާއަށް ފެނުނީ ޒަލަފް އެއިން ގޮތަށް އިނދެ ހިނިތުންވެލި ތަނެވެ. ހިތް ކުދިކުދިވެފައި ވިއަސް މޫނުން އެކަން ދައްކާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު އެހިނިތުންވުން އެއީ ހާސް ކަރުނައަށްވުރެ ވޭނީ އެއްޗެއްކަން ޒީކްއަށް ރަނގަޅަށް އިހްސާސް ކުރެވުނެވެ. "އެކަކަށްވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އަހަރެންނަށް ދެން ޖަނާއެއް ނުލިބޭނެ. އެކަމަކު އޭގަ ކުށްވެރިއަކީ މާކް ކަމަކަށް އަހަރެން ނުދެކެން." ކޮއްކޮގެ ވާހަކަ ހުރިގޮތުން ޒީކް ހައިރާންވިއެވެ. އޭނާ ހިތުން ޒަލަފް ކުށްވެރި ކުރާނީ މާކިންއެވެ. އެކަމަކު މިވީ ކިހިނެތް ހެއްޔެވެ؟

"އެއީ ކީއްވެ؟ ކީއްވެ މާކިން ކުށްވެރި ނުވާންވީ؟" މާކިންގެ ނަން ކިޔާފައިވެސް ޒީކްއަށް ބުމަ ގޮށް ޖަހައިލެވުނެވެ. އެހާ ދުވަހު އެއާއިލާ ތެރޭގައި ގާތްކޮށް އުޅެފައި ފަހުވަގުތު ކޮއްކޮގެ އުފާތަކަށް މާކިން ވިހަލައިފިއެވެ. އޭނާ ދުވަހަކުވެސް މާކިންއަށް މަޢާފެއް ނުކުރާނެއެވެ. "އެއީ މާކިން ޖަނާގެ ލޯބި ހޯދަން ކުރި އެއްވެސް މަސައްކަތެއް ނެތްކަން އަހަރެންނަށް އެނގޭތީ." ޒަލަފް ޖަވާބުދިން ނަމަވެސް އޭގެ މާނަ އޮތީ އޭނާގެ ހިތުގައެވެ. ޒީކްއަށް އެއިން އެއްޗެއް ސާފެއް ނުވިއެވެ. ޑްރެސިން ޓޭބަލް މަތީ އޮތް ފޯނު ވައިބްރޭޓް ވުމުން ބަލައިލާފައި ޒަލަފް އެއަށްޖަވާބު ދޭކަށް ނޫޅުނެވެ. މާކިންގެ ފޯނަށް އިޖާބަ ނުދީ އޭނާ މިއަދު އެދޫކޮށްލީ މިހާރު ދިހަ ވަނަ ފަހަރަށެވެ. މާކިން އެއީ ކުށްވެރިއެއްކަމަށް ނުދެކުނަސް މާކިންއާ ކުރިމަތިލާން އޭނާ އަދި ވަގުތު ބޭނުންވެއެވެ.

*****

ފަޔާޒް ބާރު އަޅައިގެން ލަސްނުކޮށް ކައިވެނީގެ ކަންކަން ކުރިއަށް ދާން ފެށި ނަމަވެސް މާކިންގެ ހިތުގައި މާބޮޑު އުފާވެރިކަމެއް ނެތެވެ. އޭނާއަށް އަބަދު ހިޔާލު ކުރެވެނީ ޒަލަފްއާ މެދުގައެވެ. އޭނާގެ ހަޔާތަށް އަންނަ އެންމެ އުފާވެރި ވަގުތު އެންމެ ކައިރީގައި ބަހައްޓަން ބޭނުން އެކަކީ އެއީއެވެ. ޒަލަފްއާ ނުލާ އޭނާގެ އުފާވެރިކަން ދުވަހަކުވެސް ފުރިހަމައެއް ނުވާނެއެވެ. އަނެއްކޮޅުން މާޒީގެ ސިއްރުތައް އަނދިރީގައި ހުރުމުން އެކަމާއިވެސް މާކިން ވިސްނައެވެ. ކޮންމެ ފަހަރަކު މަންމަ ނޫނީ ކޮންމެވެސް އެސިއްރު ދަންނަ މީހަކު އައިސްގެން ހާސްވެގެން އުޅުމުގެ ބަދަލުގައި ޖަނާއަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭން ހިތް ލަފާ ދިނެވެ. ޖަނާ ޤަބޫލު ވެއްޖެނަމަ އެހިސާބުން އެބިރުވެސް ހިތުން ފިލީއެވެ.

ރަން ކިޔަން ހަމަޖެހިފައި އޮތް ދުވަހު މެންދުރެއްހާއިރު ކޮންމެވެސް މީހަކު އައިސް ބެލް ޖެހިއަޑަށް ޖަނާ ދިޔައެވެ. ދޮރު ހުޅުވާލުމުން ކުރިމަތިން ފެނުނީ މުޅިންވެސް ނުދަންނަ މީހުންނެވެ. އެކަމަކު އެތަނުން އެކަކު އެއީ ކޮންމެވެސް ތާކުން ފެނުނު ޒުވާނެކެވެ. "މީ ޝާހް ހަނދާންވެއްޖެތަ؟ ރެސްޓޯރެންޓް ތެރެއިން ދިމާވިއެއްނު." ޝާހް ސަލާމަށް އަތް ދިއްކޮށްލައިފައި ހަނދާންކޮށްދިނުމުން ޖަނާއަށް އެނގިއްޖެއެވެ. އޭނާ ރަކިވީ އެދުވަހު ދެއްކި ވާހަކަތައް ޝާހް އަޑުއެހިކަން ހަނދާންވެފައެވެ. ދެން ހުރީ އިޝާންއެވެ. މާކިންއާއެކު ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފެއްކަން ބުނެދީފައި އޭނާވެސް ޖަނާއާ ސަލާމްކޮށްލިއެވެ. އޭރު ދީނާ ކޮޓަރިން ނިކުމެ ހުރީ އަނގައަށް ކުޑަވައި އިނގިލި ލައިގެން ސިޓިންރޫމަށް އަންނަން ނުކެރިފައެވެ. ރަންކިއުމުގެ ކަންތައް ކުރިއަށް ދިޔައިރު އޭނާ ދުރުގައި އިނދެގެން ވާނުވާ ބެލިއެވެ.

ރަފާހްގެ ފުށުން ޒަލަފްގެ ކަންފަތާއި ހަމައަށް އެޚަބަރު ދިޔައިރު އޭނާ ހުރީ ރަށުން ބޭރުގައެވެ. ސިކުނޑި ހަމަޖައްސާލައިގެން އައިސް ޗުއްޓީ ހަދާލަން ހުރިއިރު މާކިންވެސް ރަފާހްގެ ފަހުން މެސެޖްކޮށްފައި ބައްދަލު ކުރަން އެދިފައި އޮތެވެ. އެކަމަކު ޒަލަފް އެކުވެރިޔާގެ އެމެސެޖަކަށް ރައްދެއް ނުފޮނުވައެވެ. ޒަލަފް އެންމެ ހިތްދަތިވީ ފަސް އަހަރު ކުރިން ޖަނާއަށް އޭނާގެ ކެހިވެރިކަން އެނގުނު ދުވަހު ކުރެވޭނެ އިހްސާސް ލަފާ ކުރެވިފައެވެ. ލޯބި ބީވެގެން ދިއުމަކީ ކިހާ ވަރެއްގެ ކަމެއްކަން އޭނާއަށްވެސް މިއަދު އެނގިއްޖެއެވެ. ހައިރާން ވާން ޖެހުނު ކަމަކީ އެލޯއްބަކީ އެންމެ ކުރިންވެސް އޭނާގެ ހައްޤެއް ނޫންކަމުގައި ހިތް ވިސްނަދޭން ފެށުމުންނެވެ. އާއެކެވެ. ޖަނާއަށް އޭނާ ޖެއްސި ހާލަށްފަހު އެލޯބި އަލުން އޭނާއަށް ލިބުމަކީ އިންސާފެއް ނޫނެވެ. އޭގެ ބަދަލުގައި ޖަނާގެ ހަޔާތަށް އަންނަން ޖެހޭނީ މުޅި އުމުރަށް ޖަނާ އުފަލުގައި ގެންގުޅެވޭނެފަދަ މީހެކެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެމީހަކީ މާކިންއެވެ.

ދާދި އަވަހަށް ހަފްތާއެއް ވޭތުވެގެން ގޮސް ކައިވެނީގެ ތާރީހު އައިސް ޖެހުނެވެ. ކުޑަ ހަފްލާއެއް ގޮތަށް ފާހަގަ ކުރަން އޮތް ކައިވެނި ހަމަޖެހިފައި އޮތީ ރަފާހް ރެސްޓޯރެންޓްގައެވެ. އިރު އޮއްސިގެން އައިއިރު އެތަން ޒީނަތްތެރި ކުރެވިފައި ވަނީ އަލަތު އަންބެއްފަދައިންނެވެ. ސީލިންގް ނުފެންނަ ވަރަށް މަތީގައި އެލުވާފައި އޮތް ލެންޓެން ތަކުން ތިރިއަށް އެޅިފައި ހުރީ ވައިލެޓް ކުލައަށްދާ އައްޔެކެވެ. މައިގަނޑު ގޮތެއްގައި ހުދާއި ދަނބު ލޭސް ފޮތިތަކުން ތަނބުތަކާއި އެހެން ހުރިހާ ތަނެއްގެ ޑިޒައިން ހަދާފައި އޮތްއިރު އޯކިޑްމާތަކުން ޒީނަތްތެރިކަން އިތުރުކޮށްދެއެވެ. ކޮޓަރީގައި ޖަނާ އިންއިރު އޭނާގެ ދެފަރާތުގައި ދީނާ އާއި ހުމާގެ އެކުވެރި ބިއުޓީޝަނަކު ހަރަކާތްތެރި ވަމުން ދިޔައެވެ. ތައްޔާރުކޮށް ނިމުމުން ޖަނާ ތެދުވިއިރު ހުދު ކުލައިގެ ސާދާ ހެދުމުގައި ރީތިކަމުން ކޮންމެ ލޮލެއް ތައުރީފުން ފުރިގެން އައެވެ. ފައިގެ ތަނބިކަށްޓާއި ހަމައަށް އަންނަ ހެދުމާއެކު ކަރުގައި އޮތް ކުދި އަލިމަސްޖެހި ހިމަ ފަށާއި އެއާ ގުޅޭ ކަންފަތުމުދީގެ އިތުރުން އިސްތަށިގަނޑުގައި ހަރުކޮށްލާފައި އިން ކުޑަ ޓިއާރާވެސް މާ ގޮތްބޮޑެއް ނޫނެވެ. އަނދުން އަޅާލުމުން އެބޮޑު ދެލޯ އިހުނަށްވުރެ ބޮޑުވެފައި ކަޅުކުލަ ގަދައެވެ.

"މަންމީ އަކްޔަން ފޫހިވެއްޖެ." ކޮޓަރީގެ ދޮރު ހުޅުވާލައިފައި އަކްޔަން ވާހަކަދެއްކި އަޑަށް ޖަނާ ބަލާލިއިރު ހުދު ގަމީސް މަތިން ކަޅު ވެސްޓާއި ޓައީގައި އަކްޔަން ލޯބިކަމުން ތައުރީފް އޮހުނެވެ. ދީނާ އެވަގުތު ހިނިގަނޑެއް ޖަހާލައިފައި ގޮސް އަކްޔަން އުރައިގެން ހުރެގެން މަންމަ ކުރަން އެއުޅެނީ ކީއްތޯ އެހުމުން މަންމަ މާކިން ޑެޑީއަކަށް ހަދަނީއޭ ކިޔާލިއިރު ޖަނާ ހުރީ ފެންކަޅިވެފައެވެ. އިރާދަ ކުރެއްވިއްޔާ މިރެއަށްފަހު ފުރިހަމަވެގެން ދާނީ އެކަނި އޭނާގެ އުންމީދު ތަކެއް ނޫނެވެ. އަކްޔަންއަށް އަކްޔަންގެ ބައްޕަވެސް ލިބޭނެއެވެ.

ޖަނާމެނަށް ދެވުނުއިރު ދެންތިބި މީހުން ހަމަވެއްޖެއެވެ. ކައިވެނިގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މޭޒު ވަށައިގެން މާކިންއާ ގާޟީގެ އިތުރުން ދެ ހެކިވެރީންނާއެކު ޝަރުމީލާއާއި ފަޔާޒްވެސް ތިއްބެވެ. އަތްދިގު ހުދު ގަމީހާއި މަތިން ވެސްޓްކޮޅެއްގައި މާކިންވެސް ފެނުނީ ކުރިއާ މުޅިން ތަފާތުކޮށެވެ. އެތޫނު ލޯ އަމާޒު ވުމުން ޖަނާގެ ފައި ފިނިވެ ހިނގަން އުދަނގޫ ވިއިރު އެހެން އެންމެންވެސް ތިބެގެން ހިތާއި ހިތުން އެސޫރައަށް ތައުރީފް އޮއްސަމުން ދިޔައެވެ. ހުމާ ބަނޑަށް ބާރު މިޑީއަކާއެޖު ރަފާހްގެ މުލައްދަނޑީގައި ހިފައިގެން އެއްފަރާތެއްގައި ހުރީ މަންޒަރު ދެކެން އައިހެވެ.

ޖަނާ ގޮސް އިށީނުމާއެކު ލަހެއް ނުވެ ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ. އިންތިޒާރު ކުރަމުން އައި ވަގުތު ޖެހުމުން މާކިން އަނބި ޤަބޫލުކޮށްފީމޭ ބުނެލާ އަޑު އަހަން ކަންފަތް ކެތްމަދުވިއެވެ. އެކަމަކު އޭގެ ކުރިން ރެސްޓޯރެންޓްގެ ދޮރު ހުޅުވުނު އަޑާއެކު އެންމެން އެދިމާއަށް ބަލާލައިފައި ކުރިމަތީ ހުރި މީހަކު ފެނިގެން ސިހިއްޖެއެވެ.

ކޮމެންޓް 0