ބޮޑުކޮށްލެވިފައިވާ ދެލޮލުން ކަޅި ޖަހާނުލާ މާކިންއަށް ބަލަން ހުއްޓާ ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތް މަތިން ރޮނގުދަމާލައިފައި ފައިބައިގެން ދިޔައެވެ. މާކިންގެ ހިތްވެސް މަޑުވީ އެހިސާބުންނެވެ. ދެކޮނޑުގައި އޮތް އަތް ވަކިކޮށްލާފައި ޖަނާގެ މޫނުގެ ދެފަރާތުން ހިފަހައްޓާލުމާއެކު ނިކަން މަޑުމަޑުން އެނިތުގައި މާކިން ބޮސްދިނެވެ. މޭގަނޑު ފިނިވެގެން ދިޔައިރު އިޚުތިޔާރެއްނެތި ޖަނާއަށް ލޯމަރައިލެވުނެވެ. ދެއަތްތިލަ މުށްކަވާލެވި ނޭވާ ހިފަހައްޓާލެވިއްވިއްޖެއެވެ. އެވަގުތުކޮޅު ދެމިގެން ދިއުމަށް އެދެވުނީ ހިތުންނެވެ. ލޯ ހުޅުވައިލަން ބޭނުން ނުވެފައި ހުއްޓާ ސިކުންތުކޮޅެއް ފަހުން މާކިން މޫނު ދުރަށް ޖައްސާލިކަން އިހްސާސްވެފައި ލޯ ހުޅުވައިލިއިރު ހީވީ ހުވަފެނަކުން ހޭލެވުނު ހެންނެވެ. ޔަޤީންކުރަން އުޅޭ މީހަކު ފަދައިން މާކިންގެ އަތުގައި ޖަނާ ހިފަހައްޓާލި ވަގުތުން "ޖާން" އޭ ކިޔާ ގޮވައިލީ ހިތް ފުރި ބަންޑުންވާހާ ލޯބިންނެވެ. ހައިރާންވެފައިވާ ދެލޮލުން ކަޅި ޖަހާލަން ނޭނގިފައި ހުރެގެން ޖަނާ މަސައްކަތް ކުރީ މާކިންގެ މޫނުގައިވާ އެއްޗެއް ދެނެގަންނާށެވެ. އޭނާއަށް ފާހަގަވީއެދެލޯ ފެންކަޅިވެފައި ހުރުމުން އިހުނަށްވުރެ ކަޅުކުލަ ގަދަވެފައި ތޫނުކަމެވެ. ސަމާލުނުވެއްޖެނަމަ ހިތް ބެހިގެންދާނެ ފަދަ ވަގުތުކޮޅެކެވެ.
"އަހަންނަށް މާފުކުރޭ ޖާން. އެގޮތް ބޭނުން ނުވެ ހުރެވެސް އަހަރެންނަށް ޖާން ރޮއްވިއްޖެ. ހިތް ހަލާކު ކޮށްލެވިއްޖެ. އެވަރުން ނުވެގެން ޖާން ހިތް ނޭދޭ ފަރާތަކާއި ގުޅެން ތި އެއްބަސްވީވެސް އަހަރެންނާހެދި. އެކަމަކު އަހަރެންނަށް މިހާރު އިހްސާސް ކުރެވިއްޖެ އެއީ އަދި އަހަރެން އެންމެ ބޭނުންވާ ގޮތް ނޫންކަން. އަހަރެންނަށް ޖާން ދޫކޮށެއް ނުލެވޭނެ. އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލާކަށް ނުހުރެވޭނެ. އޭރުން އަހަރެންނަށް ނޭވައެއް ނުލެވޭނެ. ހަމަޖެހުމެއް ނުވާނެ. ނުވެސް ނިދޭނެ." މާކިން އަސަރާއެކު ދައްކަން ފެށި ވާހަކަތަކުން ޖަނާގެ ގައިގައި ހުރިއްޔާ ހުރި ލޯއްޔެއް ކޮޅަށް ހިއްލިގެން ދިޔައެވެ. ފެންނަމުން މިދަނީ ހުވަފެނެއް ނޫންކަން ޔަޤީން ކުރުމުގެ ގޮތުން ކުރިއަށްވުރެ ބާރަށް މާކިން އަތަށް ބާރުކޮށްލައިފައި އަވަސްއަވަސްކޮށް އެސްފިޔަ ޖަހައިލި ނަމަވެސް މަންޒަރު ނުގެއްލުނެވެ.އެވަގުތު ލޮލުން އިތުރު ކަރުނަތައް ފައިބައިގެން ދާން ފެށީ ޖަނާ ބޭނުންވިއަސް ނުހުއްޓުވޭނެހާ ގިނައިންނެވެ.އެކަރުނަތައް ފޮރުވަން ކުރެވޭނެ ކަމެއް ނެތުމުން އޭނާއަށް އިސްޖަހައިލެވުނީއެވެ.
"އަހަރެން ޤަބޫލު ކުރަން މިވާހަކަ ބުނަން ތަންކޮޅެއް ލަސްކޮށްލެވިއްޖެކަން. ފިނޑިއެއްހެން އަހަރެން މިހާ ދުވަހު ދުވީ ދުރަށް. އަހަރެން ބިރުގަތީ އަހަރެންގެ މާޒީގެ ހިޔަނި ޖާންގެ ހަޔާތަށް އެޅިދާނެތީ. އެކަމަކު މިހާރު އަހަރެންނަށް އެނގޭ އެއްޗަކީ އެމާޒީ ކިތަންމެ ކަޅުވެފައި އަނދިރި ވިއަސް އަހަރެންނަށް ޖާން ލިބިއްޖެއްޔާ އަހަރެންގެ މުސްތަޤްބަލު އުޖާލާ ކުރެވިދާނެކަން. އަހަރެންނަށް ޔަޤީންވާ އެއްޗަކީ ޖާން އަހަރެންގެ ފަރާތުގައި ހުއްޓާ އެފަދަ އެއްވެސް ހިޔަންޏަކަށް އަހަރުމެންގެ ހަޔާތަށް ވެރިވެ ނުގަނެވޭނެކަން. ޖާން އަހަރެންނާ ގުޅެން ހުރިއްޔާ ދެން ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރުމެން ދުރެއް ނުކުރެވޭނެ. ޖާންޕްލީޒް ބުނޭ އަހަރެންދެކެ އަދިވެސް ލޯބިވެއޭ. ބުނޭ އަހަރެންނާ އިންނާނަމޭ!" މާކިންގެ ފަހު ޖުމްލަ އާއެކު ޖަނާ ސިހިގެން ހަތަރުކަޅި ހަމަކޮށްލި ވަގުތު އެމޫނުން ދެއަތް ވަކިކޮށްލައިފައި ކުޑަކަކޫ ޖަހައިލީ ތިރީގައެވެ. އިސްއުފުލާލިއިރު އެރީތި ލޮލުން ވެއްޓެން ކައިރިވެފައިވާ ކަރުނަތިކި ފެނިގެން ޖަނާގެ މޭ ފިތިގެން ދިޔަހެން ހީވިއެވެ. ނުރޯންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްލައިފައި އޭނާ ކުރިއަށް ފިޔަވަޅެއް އަޅައިލީ މާކިން އެތަނުން ނަގަންވެގެންނެވެ. އޭނާގެ ލޯބި އެދިގެންވިއަސް މާކިން އެގޮތަށް އާދޭސް ކުރާތަން ބަލާކަށް ކެތެއް ނުވާނެއެވެ. އެއަށްވުރެ މާބޮޑަށް އޭނާ މާކިންދެކެ ލޯބިވެއެވެ.
"މާކް...އަ..ހަރެން...." ޖަނާ ވާހަކަދައްކަން މަސައްކަތް ކުރި ވަގުތު ޒަލަފް އައިސް ދޮރުފަތުގައި ޓަކި ޖަހާލައިފައި ގޮވާލުމުން ތެޅިގަނެފައި އެނބުރެވުނީ އެދިމާއަށެވެ. ޒަލަފް ދޮރުހުޅުވަފާނެތީ ދެވަނަ ފަހަރަށް މާކިންއަށް ބަލައިލަންވެސް ވަގުތު ބޭކާރު ކުރުމަކާ ނުލާ އަވަހަށް ދެލޮލާއި ކޯތާފަތް ފުހެލައިފައި ދޮރު ހުޅުވަން ކައިރިވެލިއިރު ތިރިއަށް ވެއްޓިފައި އޮތް އަކްޔަންގެ ހަދިޔާކޮތަޅު ނެގިއެވެ. އޭނާ ދޮރު ހުޅުވާލި ވަގުތު މާކިން ތެދުވެފައި ފުރަގަސްދީގެން ހުއްޓުނުއިރު ލޮލުން ފޭދިގެން އައި ކަރުނަތިކި ސިއްރުން ފުހެލާފައި ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ޖަނާ ހުޅުވާލި ދޮރުން އެތެރެއަށް ފިޔަވަޅެއް އެޅިއިރު ޒަލަފްއަށް ފެނުނީ މާކިން ހިނިތުންވެފައި އެނބުރި ބަލައިލިތަނެވެ.
"ކޮބާ ފެނުނުތަ؟" ޖަނާއަށް ނޭނގޭނެހެން މާކިންއަށް ލޮލުން އިޝާރާތެއް ދީފައި ޒަލަފް އެހީ އަކްޔަންގެ ހަދިޔާގެ ވާހަކައެވެ. ޖަނާ ބޯ ޖަހާލައިފައި އަތުގައި އޮތް ކޮތަޅު ދައްކާލުމުން ޒަލަފް އޭނާ ގޮވައިގެން ދާން އުނަގަނޑުގައި އަތް އަޅުވައިލުމުން ނުބައި ގޮތެއް ވިއެވެ. އަކްޔަން އެވަގުތު ތަންކޮޅެއް ދުރުގައި ހުރެފައި ދުވެލާފައި އައިސް ޖަނާގެ ދެފައިގައި އޮޅުލައިގަތެވެ. ޒަލަފް ޖަނާ އަތުން ކޮތަޅު އަތުލާފައި އެތެރޭގައި އޮތް ޓެބްލެޓް ދައްކައިލުމުން އަކްޔަން ހީވީ ފޮނިވެގެން ވަރަފަޅާފައި އުދުއްސައިގެން ހެންނެވެ. ދަރިފުޅުގެ މިއުފާވެރިކަން ފެނިފައި ހިނދުކޮޅަކަށް ނަމަވެސް ޖަނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ތިރީގައި ތިބި މީހުން ހަނާއަޅާލިތަން ޒަލަފްއަށް ފެނިގެން ޖަނާ ކައިރީ ބުނެލާފައި އަކްޔަން ގޮވައިގެން ދެމީހުން ދިޔައިރު ކުޑަ މޭޒުމަތީ ނަމޫނާ ކާޑްތައް އަތުރާލައިފައި އޮތެވެ. ޒަލަފް ޖަނާ އަތުން ދޫކޮށްނުލައި ގޮސް ހުސްތަންކޮޅެއްގައި އިށީންދެފައި ކާޑުތައް ބަލަން ފެށުމުން ޖަނާވެސް ޝައުޤުވެރިވި ކަމަށް ހެދިގެން އިނެވެ. އެކަމަކު އޭރު އެތެރެހަށީގައި ހީވަނީ ތޫފާނެއް އުފެދިގެން އުޅޭހެންނެވެ. ހިމޭނުން އިނދެގެން އޭނާ ބެލީ އެތާ ތިބި މީހުންގެ މޫނަށެވެ. އެދެމީހުންގެ ކައިވެނީގެ ޚަބަރާއެކު އެމޫނުތަކަށް އައިސްފައިވާ އުފާވެރިކަން ގެއްލުވާލަން އޭނާގެ އެންމެ ބަހެއް ފުދޭނެކަން ހިތަށް އަރާފައި ފިނިވާގޮތްވިއެވެ. އަހަރު ތަކަކަށްފަހު އޭނައާއި ޒަލަފް ގުޅޭގޮތް ވުމުން އުފާވެފައި ހުރި މަންމައަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އޭނާއާއި ގުޅިއްޖެނަމަ އާއިލާއިން ޒަލަފް ބޭރުކޮށްލަން ބުނުމަށްފަހުވެސް ދަރިފުޅުގެ އުފަލަށްޓަކައި އެހުރިހާ ކަމެއް ފަހަތަށް ޖައްސައިލި ބައްޕަގެ އުންމީދުތައް ފެނަށް ދުއްވާލަންވީ ހެއްޔެވެ؟
"ޖާން!" ޒަލަފް ގޮވާލުމުން ޖަނާ ސިހިފައި ހިޔާލުތަކުން ނިކުމެވުނު އިރު އަތުގައި އޮތް ކާޑު ދައްކައިލިއެވެ. "ސަޅި." ޖަނާ މާބޮޑު ފަރުވާލެއްނެތި ޖަވާބުދީފައި މަތިބަލައިލިއިރު މާކިން ފައިބާތަން ފެނިގެން ހިތް އަވަސްވިއެވެ. "މިކާޑު މާރީއްޗެއްނު." ޒަލަފް އިތުރު ކާޑެއް އަތަށް ނަގައިގެން އިނދެފައި ބުނި ޖުމްލައަށް ޖަނާ އާއެކޭ ބުނެލިއިރު އެދިމާއަށް ބަލައިވެސް ނުލައެވެ. ނާސިހާއަށް އެތަން ފެނިގެން ނުތަނަވަސްވެފައި ބަލައިލިއިރު ޒައީމުވެސް އެކަން ފާހަގަވެގެން އޭނާގެ މޫނަށް ބަލައިލީއެވެ.
"ޖަނާ. ކޮންކަމަކާ ހާސްވެފަ ތިއިނީ؟" ނާސިހާ ޖަނާގެ ސަމާލުކަން ހޯދަންވެގެން ސުވާލު ކުރިއެވެ. ޖަނާ އެއަޑަށް މޫނު އަނބުރާލިއިރު އެންމެންގެ ނަޒަރު އޭނާއަށް ހުރުމުން ކަންބޮޑުވިއެވެ. "އެއީ ތެދެއް؟ ކަމަކާ ހާސްވެފަތަ ތިއިނީ؟ ބުނެބަލަ! ކިހިނެތްވީ؟" ޒަލަފް ކާޑު ބާއްވާފައި ޖަނާގެ އަތަށް ފިތާލަމުން ނުހަނު އޯގާތެރި އަޑަކުން ސުވާލުކުރިއެވެ. ޖަނާ ގަދަކަމުން ހިންދިރުވާލައިފައި ކުއްލިއަކަށް ކޮޅަށް ތެދުވިއިރު މާކިން ސިޑީގެ އެންމެ ތިރީ ހަރުފަތް ގިރާކޮށްފައި ފޭބީއެވެ. ޖަނާ ތެދުވެ ހުރެގެން އޭނާއަށް ބަލަން ފެށިގޮތުން މާކިންވެސް ހުއްޓިފައި ސަމާލުވެލައިފިއެވެ.
"މާކް! ޔެސް." ޖަނާ މުށްކަވާލެވިފައި އޮތް ދެއަތްތިލަ ނަގައި ދަތްދޮޅީގައި ޖައްސާލައިގެން ހުރެފައި ބާރު ބާރަށް ބުނެލިއެވެ. ޖަނާ މި ކިޔާ އެއްޗެއް ނޭނގިގެން އެހެން އެންމެންގެ މޫނުން ހައިރާންކަން ފައުޅުވީއިރު މާކިންގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ބޮނޑިވެގެން އައެވެ. ޒަލަފް އަތް އުފުލާލައިފައި އޭނާގެ މުލައްދަނޑީގައި ހިފާފައި ސުވާލުކޮށްލުމުން އެމޫނަށް ބަލައިވެސް ނުލާ ހުރެގެން އޭނާ ހިނިތުންވެލީ މާކިންއާ ދިމާއަށެވެ. "ޔެސް. މާކް އައި ވިލް މެރީ ޔޫ." ޖަނާގެ ދެވަނަ ޖުމްލަ ނިންމާފައި އުފާވެރި ކޮކާލެއް އުދުހިލާފައި ދިޔަހެން މާކިންއާ ދިމާއަށް ދުއްވައިގެންއިރު ޒަލަފްއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ދެންތިބި މީހުން ފުންމައިގެން ތެދުވެފައި އެދެމީހުންނަށް ބަލަން ފެށީ ބިރެއް ފެނިގެން ތެޅިގަތް ބަޔަކު ފަދައިންނެވެ. ކަންފަތް ދޮށުގައި ބޮމެއް ގޮވިނަމަވެސް ނުފެންނާނެ ބިރާއި ސިހުން އެމޫނުތަކުން ސާފުކޮށް ފައުޅުވެގެން އައެވެ.
"އެވަގުތު އެކޮޓަރިތެރޭ ހުރެފަވެސް އަހަރެން ދޭން ބޭނުންވި ޖަވާބަކީ މީ. ކޮންމެ ތާކު ކޮންމެ ހާލަތެއްގައި ހުއްޓަސް އަހަރެންނަށް މާކްގެ ލޯއްބަށް ފުރަގަހެއް ނުދެވޭނެ. އެއަށްވުރެ މާބޮޑަށް އަހަރެން މާކްދެކެ ލޯބިވޭ." ޖަނާ ގޮސް މާކިން ކުރިމައްޗަށް ހުއްޓިފައި ދެއްކި ވާހަކަތަކާއެކު މާކިން އެދެއަތުގައި ހިފާފައި ނަގައި އިނގިލި ތަކުގެ މެދުގައި ބޮސްދިނެވެ. އެރީތި މޫނުން ހިނިތުންވެފައި ހުއްޓާ ފެނުމުން އެތާ އިތުރު ބަޔަކު ތިބިކަންވެސް ހަނދާން ނެތިއްޖެއެވެ.
"ކިހިނެތް މިވަނީ؟" ޒައީމުއަށް ބަލަން ނުހުރެވިގެން އެތާ ހުރި މާވަށިގަނޑުގައި އަތުން ޖަހާ ބުރުއްސާލި އަޑާއެކު އެންމެން ފަދައިން ޖަނާއާ މާކިންވެސް ސިހުނެވެ. ޖަނާ ބިރުގަތް ނަމަވެސް މާކިންގެ އަތާއި އަތް ވަކިކޮށްލާކަށް ނޫޅުނެވެ. އޭނާ ކަންބޮޑުވެފައި ބަލައިލުމުން މާކިން ލޮލުގެ އިޝާރަތުން ފޮނުވާލި ހިތްވަރުގެ މެސެޖްތައް އޭނާއަށް ފުދުނެވެ. މާކިން ހިނގައިގަތުމުން ޖަނާވެސް އެކުގައި ގޮސް ކައިރިއަށް ހުއްޓުނުއިރު ކޮންމެ ލޮލެއްގައިވި ސިހުމާއި ނަފްރަތުގެ ކުލަތައް އެމީހުންގެ ހިތާއި ކުޅެލިއެވެ. އަކްޔަން ބިރުގަނެފާނެތީ އެކުއްޖާ އުރާލައިގެން ޝަރުމީލާ ދުރަށް ޖެހިލިއިރު ފަޔާޒް އައިސް ހުއްޓުނީ އެދެމީހުން ކައިރިއަށެވެ.
"މާކިން! ޖަނާ! ބައްޕައަށް ކިޔައެއް ނުދޭނަންތަ މިވާގޮތެއް." ފަޔާޒްގެ އަޑުގައި ހުރި ނުރުހުމަށްވުރެ ކަންބޮޑުވުން އިތުރެވެ. ޖަނާ އިސްޖަހާލި ވަގުތު މާކިން ޖަވާބު ދޭން އުޅެނިކޮށް ޒައީމު އަނެއްކާވެސް ހަޅޭތްލަވައިގަތީ ދެން ކިޔައިދޭން އޮތީ ކޯއްޗެއްހޭ ކިޔައިފައެވެ. "ޒަލަފް ބައްޕަ ކިހާވަރަކަށް ބުނިން މިކަން ކުރާނެ ކަމެއް ނެތޭ. އެވަރުންވެސް ޒަލަފް ޤަބޫލެއް ނުކުރި އެއީ ބައްޕަ ބުނި ވާހަކައަކަށް ވީތީ. އެންމެފަހުން އަހަރެން މިކައިވެންޏަށް އެއްބަސްވީ ޒަލަފްގެ އުފަލަށްޓަކައި. މިހާރު ރީތި ލަނޑެއް ލިބިއްޖެއެއްނު. ނުވިތާކަށް އެންމެގާތުގައި ހުރެގެން އިންނަން އުޅޭ އަންހެންކުއްޖާ އެޖަހައިގަތީ ޒަލަފްގެ އެންމެގާތް އެކުވެރިޔާ." ޒައީމު އައިސް ޒަލަފްއާ މުޚާތަބުކޮށްފައި ވާހަކަދެއްކިއިރު ޒަލަފް އަދިވެސް އިނީ އިސްޖަހައިލި ގޮތަށް އެހެން ދިމާއަކަށް ބަލައިނުލައެވެ. ޒައީމުގެ އެވާހަކައިން ޖަނާގެ ކެތްތެރިކަމާއި ކުޅެލުމުން އޭނާ ޖަވާބުދޭން އުޅުނު ވަގުތު މާކިން އަތަށް ބާރުކޮށްލުމުން ސިހިފައި ބަލައިލެވުނެވެ. މާކިން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އެކަން މަނާ ކުރުމުން ޖަނާ ހިތާއި ދެކޮޅަށްވެސް ހިމޭންވިއެވެ. އިރުކޮޅަކުން އެމީހުން ހައިރާންކޮށްލާފައި ޒަލަފް ތެދުވެގެން މައްޗަށް އަރަން ދިޔައީ އެކަކާއި ދިމާއަށްވެސް ބަލައިނުލައެވެ. މާކިންއަށް ފެނިގެން ކުށްވެރިއަކު ފަދައިން އިސްޖަހައިލާފައި ޒަލަފް ފަހަތުން ދާން އުޅުމުން އެކަން މަނާ ކުރީ ޖަނާއެވެ.
"މިހާރަކު ނޫން. ޒަލަފް ހަމައަކަށް އެޅޭހާ ވީމަ މާކްއަށް ވާހަކަދެއްކިދާނެ." ޖަނާ ވިސްނައިދިނުމުން މާކިން ޤަބޫލު ކުރިއެވެ. ޒައީމު ރުޅިގަދަވެފައި ހުރެގެން އެތާ ނުހުންނަން ގެއިން ނިކުމެގެން ދިއުމުން ޒީކްއާ ނާސިހާވެސް ފާޑަކަށް ހުރެގެން ޖަނާމެނަށް ބަލައިލާފައި އެތެރެއަށް ވަންނަން މިސްރާބު ޖަހައިފިއެވެ.
"ބައްޕަ ދެން ކީކޭ ބުނާނީ؟ ދެން ހިނގާ ގެއަށް ދާން!" ފަޔާޒް ނިތުގައި އަތް އުނގުޅާލައިފައި އެންމެފަހުން ބުނެލިއެވެ. މާކިންއާ ޖަނާ އެކަކު އަނެކަކަށް ބަލާލައިފައި ފަޔާޒް ބުނި ފަދައިން ނިކުމެގެން ދިޔައިރު ޝަރުމީލާވެސް ދީނާއާ އަކްޔަން ގޮވައިގެން އެމީހުން ފަހަތުން ނިކުމެއްޖެއެވެ.
*****
ގެއަށް ދިއުމުގެ ބަދަލުގައި ޖަނާ ދިޔައީ މަންމަމެނާއެކު އެގެއަށެވެ. އެތެރެއަށް ވަދެފައި ދެމީހުން ސޯފާގައި ބައިތިއްބައިގެން ބޮޑު ދެމީހުން ތިބިއިރު ޝަރީއަތަށް ހާޞިރުކޮށްފައިވާ ދެކުށްވެރިންނާ ސުވާލު ކުރަން ތައްޔާރުވެގެން ތިބި ކަހަލައެވެ. އަކްޔަން ފޮނުވައިލީ ދީނާއެކު އެތެރެއަށެވެ. ޖަނާ ހާސްވެގެން ފައިތަޅުވަން ފެށުމުން މާކިން އެއަތުގައި ހިފާލުމުން ސިހިފައި އަތް ދަމައިގަނެވުނެވެ. އޭނާ ކަންބޮޑުވީ މަންމަ ބަލަން އިނީމައެވެ.
"ދެން އަހަރެމެން ސުވާލު ނުކުރިއެއް ކަމަކު ކޮންމެވެސް އެކަކު ކިޔައިދޭން ވެއްޖެއެއްނު. ކައިވެންޏާ އެއްބަސްވީއިރުވެސް ތިކަމެއް ހިނގާތަ؟" ޝަރުމީލާ ރުންކުރުވެފައި ސުވާލު ކުރުމުން ޖަނާ ބަލައިލީ އަނެއްކާވެސް މާކިންގެ މޫނަށެވެ. އޭނާ ހަމައެކަނި ބޯޖަހާލައިފައި އިތުރު ތަފްޞީލަށް ނުދިއުމުން ޝަރުމީލާގެ ރުޅިއާ ކުރިމަތިލާން ޖެހުނެވެ. "މީގެ ފަސްއަހަރު ކުރިންވެސް އަހަރެން ޖާންދެކެ ލޯބިވޭ." ޝަރުމީލާގެ ރުޅި ޖަނާއަށް އަމާޒުވާތަން ބަލަން ނީނދެވިގެން މާކިން އިއްވައިލިއެވެ. ކުރިން އެނގިފައި އޮތަސް ކަންފަތަށް އެއަޑު އިވިގެން ދިޔަ ހިނދު ޖަނާގެ ނާރުތަކުގައި ފޮނި މީރުކަމެއް ދައުރުވެލިއެވެ. އެހާ ނުތަނަވަސްވެފައި އިނދެވެސް ލޮލަށް އުފާވެރި ކަރުނަތައް ޖަމާވިއެވެ. "ދެން އެހެންވިއްޔާ ޖަނާ ކީއްކުރަން ޒަލަފްއާ އިންނަން އެއްބަސްވީ؟ މިހާރު ތިހެދި ގޮތުން ކިހާ ބޮޑު ދެރައެއް މިލިބުނީ. އެމީހުންނަކީ މުއްސަދިން. ބާރުގަދަ މީހުން. އަނެއްކާ އެޒައީމު އަކީ ފާޑެއްގެ މީހެއް. ބޭނުންވެދާނެ މިކަމުގެ ބަދަލު ހިފަން." ޝަރުމީލާ ހާސްވެގެން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. "ކުރިން އަހަރެންނަކަށް ނޭނގެއޭ މިހެންކަމެއް ވާނީ. ޒަލަފް އާދޭސް ކުރާވަރުން އެއްބަސް ވެވުނީ އޭރު މާކިން ބޭނުންވާ ގޮތެއް ނޭނގޭތީއޭ މަންމާ. އެކަމަކު އަހަރެން ވަކި ކިހިނެތް އަހަރެން އުޅެން ބޭނުން ނޫންމީހަކާއެކު ދިރިއުޅޭނީ؟ މަންމައަށް އެނގެއެއްނު މަންމައަށް ދިމާވިގޮތް." ޖަނާ ވާހަކަދައްކަން ފަށާފައި އަސަރުކޮށްގެން ރޮވެން ކައިރިވިއެވެ. އޭނާ މޫނުގައި އަތް އަޅާލިވަގުތު ޝަރުމީލާވެސް ކަންބޮޑުވެފައި ބަލާލައިފިއެވެ. ތެދެކެވެ. އޭނާ އުޅުނު ގޮތް އެންމެ ކައިރިން ދެކިފައި ހުރީ އެދަރިފުޅެވެ. ކޮންމެ ހާލަތެއް މެދުވެރިވިއަސް ކައިވެނި ކުރަންވާނީ އެމީހަކަށް އެކުގައި އުމުރު ދުވަހު އުޅެވޭނެކަން ޔަޤީންވާ މީހަކާއެވެ.
"ޝަރުމީލާ. ވީކަމެއް ނުވާ ކަމަކަށް ނުވާނެ. ދެމީހުން އެކަކު އަނެކަކާއި އިންނަން ބޭނުންވަންޏާ ދެން އަހަރުމެން ދެކޮޅު ހަދާނެ ކަމެއް ނެތެއްނު." ފަޔާޒް ތެދުވެފައި ޝަރުމީލާގެ ކޮނޑުގައި ހިފާލައިގެން ހުރެ ވިސްނަދޭން މަސައްކަތް ކުރިއެވެ. ޖަނާވެސް އަތް ނަގާފައި ބަލައިލީ މަންމަ ދޭ ޖަވާބެއް ބަލާށެވެ. ޝަރުމީލާ އެވަގުތު އެކި މީހުންގެ މޫނަށް ބަލައިލާފައި ބޯ ޖަހައިލިތަން ފެނުމުން ޖަނާގެ ހިތް ފުރިގެން އައެވެ. ލޮލުގައި ހުރި ކަރުނައާއެކުވެސް އޭނާ ތަންމިނަށް ހިނިތުންވެފައި މާކިންގެ މުލައްދަނޑީގައި ހިފާލައިފިއެވެ. މާކިން އުފަލުން ހިނިތުންވެފައި އެއަތްތިލައިގައި ހިފާ ބާރުކޮށްލިއެވެ.
އަކްޔަން އައިސް ނިދި އައި ވާހަކަ ކިޔަން ފެށުމުން ޖަނާ ދާންވެގެން މާކިންވެސް ދޮރާއި ހަމައަށް އައެވެ. އޭނާ އަކްޔަން އުރާލައިގެން ހުރެ ގެއަށް ގޮސް މަންމަގެ ބަސްއަހައިގެން ކައިގެން ނިދަން ބުނެދީފައި މޫނުގައި ވަސްގަނެލިއިރު ފަޔާޒްމެން އެތަން ބަލަން ތިއްބެވެ. މާކިން އެދަރިފުޅު އުރާލައިގެން ސިޑިން ފައިބާފައި އެމީހުން ޓެކްސީއަށް އަރައި ދުއްވާލަންދެން ބަލަން ހުއްޓެވެ. އެނބުރި އައިސް ކޮޓަރިއަށް ވަންއިރު ލިބިފައި ހުރި އުފާވެރިކަމާ އެއްވަރަށް ހިތުގައި ނުތަނަވަސްކަން ވިއެވެ. ޖަނާގެ ލޯބި ހާޞިލް ވިއަސް ފަނަރަ އަހަރުވީ އެކުވެރިކަން ގެއްލިގެން ދާތަން ބަލާކަށް ނުހުރެވޭނެއެވެ. ކައިވެންޏާ ހަމައަކަށް ދާންވެސް އޭނާ އެންމެ ފުރަތަމަ ބޭނުމީ ޒަލަފްގެ ރުހުމާއި ހެޔޮ ދުޢާއެވެ. އެއެކުވެރިޔާ އެއީ އޭނާއަށް ދިރިއުޅުން ހޯދައިދިން މާތް އިންސާނާއެވެ. ފަނަރަ އަހަރު ކުރިން އޭނާއަށް އެރޭ ޒަލަފް ދިމާނުވިނަމަ މިއަދު ދުނިޔޭގައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އެރޭ ފަޔާޒްއާ ޒަލަފް ވެގެން އޭނާ ގެއަށް ގެންދިއުމުން ބައްޕަ އޭނައާ މެދު ކަންތައް ކުރި ގޮތް ދެކެފައި ގެންދިޔައީ ޒަލަފްގެ ގެއަށެވެ. އެކަމަކު ޒަލަފް ބައްޕަގެ ހުންނަ ފާޑަކުން އެގޭގައި މާކިންއަށް އަބަދު ނޫޅެވޭނެކަން އެނގޭތީ ފަޔާޒްގެ ބެލުމުގެ ދަށުގައި ބަހައްޓަދޭން އެދި އާދޭސް ކުރީވެސް ޒަލަފްއެވެ. ފަޔާޒްއަކީ ޒަލަފްމެންގެ އާއިލާ ރަހުމަތްތެރިއަކަށް ވެފައި ޒަލަފްދެކެ ވާލޯއްބަކުން އެއެދުން ބޮލާލައި ޖަހަން ނުކެރުނީއެވެ. ޒައީމުގެ އުޅުން ފަޔާޒްއާ ކަމުނުދާތީ މިއަދު އެއާއިލާއާ މާ ގާތް ގުޅުމެއް ނުބޭއްވިއަސް ޒަލަފްދެކެ އޭނާ ނުހަނު ލޯބިވެއެވެ. އެދެމެދުގައި އޮތް އެކުވެރިކަން އެހާ ވަރުގަދަ ވުމުގެ އަސްލަކީވެސް ފަޔާޒްގެ ހިތުގައި އެއާއިލާއަށް އޮތް ލޯއްބާއި ކުލުނެވެ.
ހިތާއި ދެކޮޅަށް ވިއަސް މާކިން އެރޭ ޒަލަފްއަށް ނުގުޅާ ކެތްކުރިއެވެ. ޖަނާ ވިސްނައިދިން ފަދައިން އޭނާ ނިންމީ ޒަލަފްއަށް ވަގުތު ދިނުމަށެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކުދެކެ ލޯބިވުމަށްފަހު އެލޯބި އަމިއްލަ ލޯކުރިމަތީ ބީވެގެން ދާއިރު އަރުތެރޭގައި ލާނެ ހިތި ރަހައާއި ހިތަށް ވާނެ ތަދު އެންމެ ރަނގަޅަށް އޭނާ ތަޖުރިބާ ކޮށްފިއެވެ. ދެރައީ އޭނާ ބޭނުންވިއަސް ޒަލަފްގެ ހިތާމަތައް ދުރުކޮށްދޭން މިއަދު ކުރެވޭނެ ކަމެއް ނެތުމުންނެވެ.
ޖެހިގެން އައި ދުވަހަށް އިރު އަރައިގެން އައިއިރު ދުނިޔެމަތި އޮތީ ބަނަކޮށްލައިފައެވެ. މާކިން ތެދުވެ ދުވެލާފައި އައިސް ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ތައްޔާރު ވާން ހުއްޓާ ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއެވެ. "ގުޑްމޯނިން." ޖަނާގެ ކުރު މެސެޖުން ތުންފަތަށް ހިނިތުންވުން ވެރިވީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ކުއްލިއަކަށް އެހާ އުފާވެރިކަން ލިބުމުން އެސްފީނާ ޖެހިދާނެތީވެސް ޖެހިލުންވިއެވެ. މާކިން ނިމިގެން ކޮޓަރިން ނިކުންނަމުން ޖަނާ ނަންބަރަށް ގުޅާފައި ކަންފަތުގައި ޖައްސާލިތަނާ ދާދި އަވަހަށް ފޯނު ނަގައިފިއެވެ. އެފޮނި އަޑުން ހަލޯއޭ ކިޔައިލި ގޮތުން ހުރިހާ ނާރެއްގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. އޭނާ ސިހުނީ ސިޓިންރޫމުން ޝަރުމީލާ ފެނިފައެވެ. ނޫންކަމަށް ހެދެން ކުޑަކޮށް ކަރުކެހިލާފައި ގޮސް ނިކުތްއިރު ޖަނާގެ އެޕާޓްމެންޓް ބެލް ޖެހިއަޑު ކަންފަތުގައި ހަރުލިއެވެ. ޖަނާ ގޮސް ދޮރު ހުޅުވާލައިފައި ކުރިމަތީން މީހަކު ވާހަކަދެއްކި އަޑާއެކު މާކިންގެ މޫނު ހުދުވެގެން ދިޔައެވެ. އެއީ އޭނާ ދަންނަ އަޑެކެވެ.