ފޯނު ރިންގް ވާއަޑަށް ހުމާއަށް ހޭވެރިކަން ވެގެން ފޯނަށް ބަލައިލިއިރު ރަފާހް މެސެޖް ކޮށްފައި އޮތީ ކަސްޓަމަރުން ގިނަވެގެން އޭނާ އެތަނަށް ދިއުމަށެވެ. ހުމާ އަވަހަށް އަލްބަމް އޮތްތަނަށް ލައިފައި ނިކުމެގެން ދިޔައެވެ. ރަފާހް އިޝާރާތް ކޮށްލި ދިމާއަށް އޭނާ ބަލައިލިއިރު ފުރާވަރުގެ ހަތަރު ކުއްޖަކު މޭޒެއްގެ ދޮށުގައި ތިއްބެވެ. ވޭޓަރުކަން ކުރަން ދެން އުޅޭ ދެމީހުންވެސް އެހެން މީހުންނަށް ޚިދުމަތް ދިނުމުގައި އަވަދިނެތި އުޅޭތަން ފެނުމުން ހުމާ ބޯ ޖަހާލައިފައި އެކުދިންނަށް ޚިދުމަތް ދޭން އަަވަސްވެގަތެވެ. އޭނާ އޯޑަރ ލިޔަން ފުރުސަތު ދީފައި އެއްފަރާތަކަށް ޖެހިލައިގެން ހުރިއިރު ފަރުވާތެރިކަމާއެކު އެމީހުންގެ ހަރަކާތްތަކަށް ބެލުނެވެ. ޖަނާ ފެނުނު ފަހުން ކޮންމެ ދިމާއަކުން މާޒީ ސިފަ ކުރެވެން ފަށައިފިއެވެ. ފަސްއަހަރު ކުރީން އޭނާވެސް އުޅުނީ އެހެން ފިކުރެއް ހިޔާލެއް ނެތި އެކުވެރިންނާއެކު އުފާވެރި ވަގުތު ތަކެއް ހޭދަ ކުރުމުގައެވެ.
އިޝާ ނަމާދުކޮށްގެން ނިކުމެ ޖަނާ އަކްޔަންއަށް ކާންދީފައި ނިދާ ހެދުން ލައްވައިގެން ނިންދަވަން ބޭއްވިއެވެ. އަކްޔަންގެ އާދައިގެ މަތިން ޝަހާދަތް ކިޔާފައި ދިހަ ވަރަކަށް މިނިޓްތެރޭ ފުން ނިންޖަކަށް ގެނބިގެން ދިޔައެވެ. ޖަނާ އެތުއްތު މޫނުގައި ބޮސްދީފައި ކޮޓަރިން ނިކުތްއިރު ދީނާ ފެންނާކަށް ނެތެވެ. ޖަނާ ކޮއްކޮ ހޯދަމުން ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ފޯނު ދީނާ ކަންފަތުގައި ޖަހައިގެން އޮވެފައި ފުންމައިގެން ތެދުވިއެވެ. ހީވީ ބިރެއް ފެނިގެން ތެދުވިހެންނެވެ. އެކަމަކު އެހާ އަވަހަށް ހަމަޖެހޭ ގޮތް ދައްކާލައި ކަމެއް ބޭނުންވީތޯ އަހާލައިފިއެވެ. "ހާދަ ވަރަކަށް ތި ސިހުނީ ފިރިހެންކުއްޖަކާ ވާހަކަދެއްކީތަ؟" ކޮއްކޮއަށް ވީގޮތް ފެނިގެން ޖަނާ ކުޑަކޮށް ހިނިއަންނަ ގޮތް ވެފައި އެހިއެވެ. "އެއީ ކުލާސް ކުއްޖެއް." ޖަވާބުދިންއިރު ދީނާ ރަކިވިތަން ފެނިފައި ޖަނާގެ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. "ދޮންތަ ކައިރީވެސް ބުނެލައިގެން އުޅޭތި!" ޖަނާ އެކުވެރިއެއްފަދައިން ބުނެލިއެވެ. ބޭނުމަކީ ކޮއްކޮ ފަސްޖެހުމެއްނެތި އެފަދަ ވާހަކަތައްވެސް ހިއްސާ ކުރާ މީހަކަށް އޭނާ ވުމެވެ. އޭރުން އިރާދަކުރެއްވިއްޔާ ގޯސް މަގަކުން އަޅައިގެން ދިޔަ ނުދީ ހިފެހެއްޓިދާނެއެވެ.
ދެބެން ބަދިގެއަށް ގޮސް ނޫޑުލީސް ކައްކައިގެން ކާން ތިބިއިރު އެދެމެދުގައި އެކި އެކި ވާހަކަ ދެކެވުނެވެ. ބޮޑަށް ސުވާލު ކުރީ ޖަނާއެވެ. އޭނާ ދީނާގެ ކިޔެވުން ކުރިއަށްދާ ގޮތާއި ފިލާވަޅު ތަކާއި ބެހޭގޮތުން އެހިއެވެ. ދީނާ މުޅިންވެސް ދައްތަގެ ސުވާލުތަކަށް ޖަވާބު ދިނީއެވެ. އަހަން ބޭނުންވެފައި ހުރީ ދޮންތަގެ ޒާތީ ދިރިއުޅުމުގެ ވާހަކައެވެ. އެކަމަކު ފަސްޖެހެވުނީ އަދިވެސް އެމިންވަރަށް ދައްތައާއި އޭނާގެ ގުޅުން ގާތް ނުވާކަމަށް ޤަބޫލުކުުރެވޭތީއެވެ.
"ދޮންތަ ދެން އެއްކޮށް މިކޮޅުގައިތަ އުޅޭނީ؟" ކައި ނިންމާފައި ޖަނާ ތަށި ދޮންނަން ވެގެން ސިންކު ކައިރީ ފުރަގަސްދީގެން ހުއްޓުނު ވަގުތު ދީނާ އެހިއެވެ. "ހޫމ. އެގޮތަށް ނިންމައިގެން މިއައީ. ހިޔާލު މިކުރަނީ ވަޒީފާގަނޑެއް ހޯދައިގެން އަދި ކިޔެވުންވެސް ކުރިއަށް ގެންދަން." ޖަނާ އެހާ ހަމަޖެހިލާފައި ޖަވާބުދިނުމުން ދީނާ ހައިރާންވިއެވެ. ކައިވެނި ރޫޅިގެން އެކަމާއި ހިތާމަ ކުރާކަހަލަ އިޝާރާތެއް ނުފެނެއެވެ. ނޫނީ ދޮންތަ އަމިއްލަ އިހްސާސްތައް އެހެން މީހުންގެ ލޯމައްޗަށް ފޮރުވަން މޮޅީއެވެ.
ބާރަ ޖެހުމާއެކު ރެސްޓޯރެންޓް ބަންދުކޮށް ދުވަހުގެ ހިސާބު ކިތާބު ބަލައި ނިންމާފައި ދެމީހުންނަށް ގެއަށް ވަދެވުނުއިރު އެކެއް ޖަހަން ކައިރިވެއްޖެއެވެ. ހޫނުވެފައި ހުރުމުން ރަފާހް ފެންވަރާ ތާޒާ ވެލައިގެން ނިކުމެ ހުމާ ފެންނަން ނެތިގެން ބެލިއިރު ހުރީ ބެލްކަނީގައެވެ. ނިދަންލާ ސޯޓާއެކު މަތިން ޓީޝާޓެއްވެސް ނުލައި އޭނާ ހުމާގެ ކައިރިއަށް ނިކުތްއިރު ކަޅި ޖަހާނުލާ ބަލަން ހުރީ ޖަނާމެން ގޭ އިމާރާތާއި ދިމާއަށެވެ. ހުމާއަށް އޭނާ އައިކަން ރޭކާ ނުލުމުން ސިހިދާނެތީ މަޑުމަޑުން ނަމުން ގޮވާލީމައިވެސް ތެޅިގަތެވެ. "ހާދަ ފުން ވިސްނުމެއްގައި." ރަފާހް ސަމާސަ ގޮތަކަށް ހެވިލާފައި ހުމާގެ ކުޑަ ނޭފަތުގައި ޝަހާދަތް އިނގިލިން ކޮށްޓާލިއެވެ. "ރަފާއަށް ހީވަނީ ކިހިނެތް؟ ޖަނާ މިހާރުވެސް އަހަރުމެންނާ އެކުވެރިވާނެތަ؟" ހުމާ ޅަކުއްޖެއްހެން އަހައިލިއެވެ. ފަން އިސްތަށިގަނޑު ވިހުރާލައިފައި އޮތްއިރު ވައިރޯޅިތަކުގެ ގޯނާތައް މެދުކެނޑުމެއްނެތި އަމާޒުވަމުން ދިޔައެވެ. "ކީއްވެ ނުވާންވީ؟ އަހަރެންނަށް ޖަނާ ދަސްވެފައި ހުރިގޮތުން ވިއްޔާ އެއީ ހަމަ ޔަޤީން ކަމެއް." ރަފާހް ޔަޤީންކަމާއެކު ޖަވާބުދިނެވެ. "ނޭނގެ. ދުލުން ކިޔާލަން ކިތަންމެ ފަސޭހަވެފައި ކުރެއް ކަމަކު ފަސް އަހަރަކީ ހާދަ ދިގު މުއްދަތެކޭ." ހުމާ ހުރީ ޝައްކުވެފައެވެ. "ދެން ތިވާހަކަ ދައްކާނީ ފަހުން. ހިނގާ ދެން ނިދަން. އަނެއްކޮޅުން މާދަން ޖެހޭނެ ހެނދުނު ހެނދުނާ ތެދުވަން." ރަފާހް ހުމާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ގެނައެވެ. ހުމާވެސް އިތުރަށް މަޑުކުރަން ނުހަދައި އެތެރެއަށް ވަދެ އެމީހުންގެ ފަހަތުން ދޮރު ލައްޕާލިއެވެ.
އެނދުގައި އޮށޯތެއް ކަމަކު ޖަނާގެ ލޮލަށް ނިންޖެއް ނައެވެ. ތަން ބަދަލު ވުމަށްވުރެ ބޮޑަށް އުދަނގޫ ކުރަން ފެށީ ސިކުނޑިއަށް ގިނަވި ހިޔާލުތަކެވެ. އެންމެފަހުން ތެދުވެގެން ކޮޓަރިން ނިކުތީއެވެ. ކޮފީއެއް ހަދަން ވިސްނިއިރު އަދި ކޮފީ ދަޅެއް ގަނެވިފައެއް ނެތެވެ. އެހެން ގޮތެއް ނެތުމުން ހޫނު މައިލޯއެއް ތައްޔާރު ކޮށްލިއެވެ. މައިލޯ ތަށި ބޯން ސިޓިންރޫމް ސޯފާގައި އިނދެގެން ފަހަރަކު ޗެނަލްއަކަށް ބަދަލު ކުރަނިކޮށް ދީނާ ކޮޓަރިން ނިކުމެއްޖެއެވެ. "އަހަންނަށްވެސް ނުނިދިގެން މިއައީ." ޖަނާ ސުވާލު ކުރުމުގެ ކުރީން ދީނާ އައިސް ޖެހިގެން ހުރި ސޯފާއަށް ވެއްޓިގަނެ ދެފައި ދަމާލައިގެން މަގަތަށް އެނބުރި ހަމަޖެހިލިއެވެ. "ކޯއްޗެއް ތިބޮނީ؟" ޖަނާ އިތުރު އެއްޗެއް ނުބުނެ އިންދާ ދީނާ އަހައިލިއެވެ. "ހޫނު މައިލޯއެއް. ގެނެސްދެންތަ؟" ޖަނާ ސުވާލު ކޮށްލުމުން ދީނާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެހިސާބުން ދެމީހުން ކަޅި ހުއްޓާލައިގެން ތިބީ ޓީވީއަށެވެ. ޖަނާ ފަހަރަކު ކޯވަރެއް ބޯލައިފައި ދީނާ ވާހަކަ ނުދައްކައިގެން އިރުކޮޅަކުން ބެލިއިރު އޮތީ އަރާމުކޮށް ނިދާލައިފައެވެ. ކޮއްކޮ މައުސޫމުކަމުން ޖަނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ހުސްކުރި ތަށި ގެންގޮސް ބަދިގެއަށް ލައިފައި ކޮޓަރިން ރަޖައެއް ގެނެސް ކޮއްކޮ ގައިމަތީ ފަތުރާލަ ދިނެވެ. އެހިސާބުން އޭނާވެސް ދެފައި ނަގައިގެން ޓީވީ ބަލަން އިންގޮތަށް އިނދެ ނިދުނީއެވެ.
ފަތިހު ދީނާއަށް ހޭލެވުނީ މީހަކު ރޯއަޑަށެވެ. އޭނާ ލޯ ހުޅުވާލިއިރު ނިދަން އޮވެވުނީ ސޯފާގައެވެ. އަވަހަށް ތެދުވެފައި ބަލައިލިއިރު ޖެހިގެން ހުރި ސޯފާގައި ޖަނާ އޮވެގެން ރޮނީއެވެ. އެވަގުތު މެއަށް ހީވީ ފެންއެއްޗެއް އޮއްސާލި ހެންނެވެ. އޭނާ އަޖައިބުވެފައި ހުރެގެން އައިސް ކައިރިއަށް ހުއްޓުނުއިރު ޖަނާ އަދިވެސް ހުއްޓައެއް ނުލައެވެ. ސޯފާއަށް ދެފައި ނަގައިގެން އޮތްއިރު ޖަނާގެ ދެއަތް އޮތީ މެއާއި ހިސާބުން ހުރަސްވެފައެވެ. ހީވަނީ ކޮންމެވެސް ނުބައި އެއްޗެއްގެ ފަރާތުން އަމިއްލަ ސަލާމަތް ހޯދަން މަސައްކަތް ކުރާ ހެންނެވެ. ދީނާއަށް އިތުރަށް ބަލަން ނުހުރެވިގެން ގުދުވެފައި ޖަނާ ގައިގައި ކޮށްޓާ ހޭލައްވަން މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް ލޯ ހުޅުވައިލުމުން އޭނާވެސް ސިހިފައި ޖެހެވުނީ ފަހަތަށެވެ. ދޮންތަ ބަލައިލި ގޮތުން ހީވީ އޭނާއަށް ކޮންމެހެން އެނގިގެން ނުވާ ކަމެއް ހޯދައި ބަލައިގެން އެކަން ކުށްވެރިކޮށްފައި ހަތަރުކަޅި ހަމަކޮށްލި ހެންނެވެ. ދީނާ އެއްޗެއް ނުބުނެވިފައި ހުއްޓާ ޖަނާ ކުކުރައިގެންފައި ފައިތެދު ކުރެވޭތޯ ބެލީ ފިނި ބޮޑުވެގެން ފައި އަކުނިވަޔަށް ދަމައިގަތީމައެވެ. ވެގެން އުޅޭގޮތެއް ސާފު ނުވެގެން ދީނާ ކަންބޮޑުވެފައި ހުއްޓާ އެފައި ތެދުކޮށްލަދޭން އެދުމުން އަވަހަށް ބުނިގޮތަށް ކަންތައް ކޮށްދިނެވެ. އިރު ނާރަނީސް ނަމާދު ކުރަން ބުނެފައި ޖަނާ ދެން ވަނީ ކޮޓަރިއަށެވެ. ދީނާއަށް ވީގޮތަކީ ޖަނާ ގޮސް ގެއްލުނު ފަހުންވެސް ގަބުވެފައި ހުރެވުނީއެވެ. ނިދީގައި މީހަކު އެހާ ބިރުން ރޯތަން އޭނާ ދުށީ އަލަށެވެ.
ރަނގަޅަށް ނިދާލެވުނީ ފަތިސް ނަމާދަށްފަހު ދެން އަލުން އެނދުގައި އޮށޯވެލި ހިސާބުންނެވެ. ބަންދު ދުވަހަކަށްވުމުން ސުކޫލަށް ދާކަށް ނުޖެހެއެވެ. ދީނާ ނިދި ހަމަވެގެން ބޭރަށް ނިކުތްއިރު ކުޑަ ކުޑަ އަކްޔަން ދުވެ ދުވެފައި ސިޓިންރޫމްތެރޭ ބޯޅަ ކުޅެނީއެވެ. ދީނާ ގޮސް ސިޓިންރޫމަށް ވަންއިރު މަންމަ އާއި ދޮންބައްޕަ އައިސް ސޯފާގައި ތިއްބެވެ. އަކްޔަންއާއި ބައިވެރިވެގެން ބޯޅަ ކުޅެނީ ފަޔާޒްއެވެ. މަންމަ ފެނުމުން ދީނާގެ ތުންފަތަށް ހިނިތުންވުން ވެރިވިއެވެ. އޭނާ އަވަހަށް ގޮސް ޖަނާގެ އަނެއް ފަރާތުގައި މަންމަ ކައިރީ އިށީނެވެ. "ރޭގައި ދެން ނިދުނުތަ؟" މަންމަ އަހާލި ސުވާލުން ދީނާއަށް ބޭއިހުތިޔާރުގައި ބަލައިލެވުނީ ޖަނާގެ މޫނަށެވެ. ޖަނާ އެވަގުތު ބަލަން އިނުމުން އޭނާއަށް ވަރަށް އުދަނގޫވިއެވެ. އޭނާ ބޯ ޖަހާލައިފައި މައުޟޫ ބަދަލުކޮށްލަން އަކްޔަން ދެއްކި މަޖާ ވާހަކައެއް ކިޔައި އެންމެން ހެއްވައިލިއެވެ. މެންދުރު ކެއުން އެމީހުން ހަމަޖެއްސީ އެގެއިންނެވެ. މަންމަ އާއި ޖަނާ ވެގެން ކެއްކުމުގެ ކަންތަކުގައި އުޅުނުއިރު ދީނާ އަތްގާތް ކޮށްދިނެވެ. އެކަމަކު އެއަށްވުރެ ގިނަ ވަގުތު އޭނާ އުޅެނީ އަކްޔަންއާއި ބައިވެރިވެގެން ކޮންމެވެސް ސަކަރާތެއް ޖެހުމުގައެވެ. ދީނާގެ އަމަލުތައް މިގޮތަށް ހުރުމުން ދާދި މަދު ވަގުތު ކޮޅެއްގެ ތެރޭގައި އަކްޔަންއަށް އެންމެ ކަމުދާ ފަރާތަކަށް ދީނާ ވެއްޖެއެވެ. ކުޑަ ކުދިންނަކީ އެކަހަލަ ބައެކެވެ. އެކުދިން އެންމެ ގަޔާވާނީ އެކުދިންނާ އެއްވަރުވެގެން އެކުގައި ކުޅެ ސަކަރާތްޖަހާ މީހުންނާއެވެ.
ފަޔާޒް މެންދުރުން ނަމާދުން އައިއިރު ކެއުން ތައްޔާރުވެއްޖެއެވެ. ކާ ތަށި މަތީ ތިބެގެން ދެކެވުނު ވާހަކައިގެ ތެރޭގައި ދޮންބެ ކޮބައިތޯ ދީނާ އެހި އަޑަށް ޖަނާގެ ސަމާލުކަން ހުއްޓުނެވެ. ދޮންބައްޕަގެ ދަރިފުޅަށް ދީނާ މުޚާތަބު ކުރަނީ އެގޮތަށް ދޮންބެ ކިޔައިގެން ކަމެއް އޭނާއަށް ކުރިއަކުން އެނގިފައެއް ނެތެވެ. ފަޔާޒް އެހާ ހިތްހެޔޮ އިރު ދަރިފުޅުވެސް ހަމަ އެހާ ރަނގަޅު ވާނެ ކަމުގައި ޖަނާ ޤަބޫލު ކުރިއެވެ. ފަޔާޒް ދީނާއަށް ޖަވާބު ދިނީ އިއްޔެ ކުއްލި އަކަށް ރަށުން ބޭރަށް ފުރި ޚަބަރުންނެވެ. ދީނާ ދޮންބެ އަށް ގުޅައިގެން އެގެއަށް ގެންނާނެ ވާހަކަ ބުނުމުން ޖަނާގެ ހިތްވެސް އެޒުވާނާ އާއި ބައްދަލު ކުރާ ހިތުން ތެޅިލިއެވެ. ބުނެދޭން ނޭނގޭ ބޭގަރާރުކަމެއް ކުއްލިއަކަށް ހިތުގައި އުފެދިއްޖެއެވެ.
ކެއުމުން އަވަދިވެގެން މަންމަމެން ފޮނުވާލަން ދެބެން މަގުމައްޗަށް ނިކުމެތިބި ވަގުތު އަނެއްކާވެސް ހުމާގެ ލޮލުގައި އެމީހުން އަޅައިގަތެވެ. ދީނާއަށް އެފަހަރުވެސް ހުމާ އެމީހުންނަށް ބެލިތަން ފެނުނެވެ. ކާރު ނައްޓާލުމުން ޖަނާ އެތެރެއަށް ވަންނަން އެނބުރިލި ވަގުތު އޭނާ އެއަތުގައި ހިފާ ހުއްޓުވިއެވެ. ދޮންތަ ދަންނަންތަ އެކޮޅުގައި ހުރި އަންހެންކުއްޖާ؟" ޖަނާ އެނބުރި ބަލައިލުމާއެކު ދީނާ ސުވާލު ކުރިއެވެ. ދީނާ އެއަތުން ދޫކޮށްލި ވަގުތު އޭނާ ދީނާ އެއިޝާރާތް ކުރި ދިމާއަށް ބަލައިލިއެވެ. ޖަނާގެ ހަރަކާތް ހުންނާނެ ގޮތެއް ޔަޤީން ނުވެފައި ހުމާ ހުރިގޮތަށް ހުއްޓެވެ. އޭރު ޖަނާވެސް އެމޫނުން ކާކުކަން ދެނެގަންނަން މަސައްކަތް ކުރާ ފަދަ ގޮތަކަށް ބަލަނީއެވެ. "އިއްޔެވެސް އޭނަ އަހަރުމެން އައިތަން ފެނިގެން ވަރަށް ބެލި. ދޮންތައަށް ނޭނގުނަސް އެކުއްޖާއަށް ދޮންތަ ވަރަށް ރަނގަޅަށް އެނގޭ." ދީނާ އަކްޔަން މަގުމެދަށް ދިޔަ ނުދީ އެކުޑަ އަތުގައި ހިފާލަމުން އިތުރަށް ކިޔައިދިނެވެ. ޖަނާ އެއްޗެއް ނުބުނެ ހުރުމުން އެމޫނަށް އަރާފައި ހުރި ކުލައެއް ބަލައިލަން ނަޒަރު ހުއްޓާލިތަނާ ޖަނާ ފެނުނީ ކުއްލިއަކަށް ހިނގައިގަތްތަނެވެ. ދީނާ ކަންބޮޑުވީ ޖަނާ އެދަނީ އެކުއްޖާދެކެ ހިތްހަމަ ނުޖެހިގެން ކޮންމެވެސް ކަހަލަ އިންޒާރެއް ނަމަވެސް ދޭންކަމަށް ހީކޮށްފައެވެ. އަނެއްކޮޅުން ހުމާވެސް ހުރީ ޖަނާ އައިސް ކުރާނެ ކަމެއް ނޭނގިގެން ކަންބޮޑުވެފައެވެ.
"ހުމާ! އަހަރެންގެ އެންމެގާތް އެކުވެރިޔާ! ހާދަ އުފާވެއްޖޭ ބައްދަލުވީމަ." ޖަނާ ކުރިމައްޗަށް ހުއްޓިފައި ހިނިތުންވެލީ ގޮތާއި ބުނެލި ވާހަކަ އިވިފައި ހުމާ ހިފަހައްޓައިގެން ހުރި ނޭވާ ބޭރު ކޮށްލެވުނުއިރު އުފާވެރިކަމުގެ މުތީތަކުން ލޯފުރިއްޖެއެވެ. "އޯހ ޖާން. ޖާންއަށް އަހަރެން އެނގިއްޖެ ދޯ." ލިބުނު އުފަލެއްގެ ބޮޑުކަމުން ހުމާއަށް ހޭންފެށްޓި ގޮތަށް ހުއްޓައެއްވެސް ނުލެވުނެވެ. "މީ މަގުމަތި އިނގޭ. މިތާ ރޮއެފިއްޔާ މީހުން ބަލާނެ!" ޖަނާއަށް ހުމާގެ އާދަ ހުންނަ ގޮތް އެނގޭތީ ކުރީބައިގައި ހަނދާންކޮށްދިނެވެ. ހުމާ އެގޮތަށް ހޭން ފަށައިފިއްޔާ ހުއްޓޭނީ ރުއިމަކުންނެވެ. ހުމާ އެވަގުތު އަނގަމަތީ އަތްއަޅައި ބާރަށް ހިފަހައްޓައިގެން ހުރެ ބޯ ޖަހާލިތަން ފެނުނެވެ. ދެން ކުއްލިއަކަށް ރޯންއުޅޭފަދަ ގޮތަކަށް ދެބުމަ ކައިރިކޮށްލުމާއެކު އަވަހަށް ފުރަގަސްދީފައި ކައިރީގައި ހުރި ދޮރުން އެތެރެއަށް ދެމިގަނެފިއެވެ. ޖަނާ ހިނިތުންވެ ހުރެގެން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލައިފައި އެނބުރި ދީނާއަށް އިޝާރާތެއް ދިނުމަށްފަހު ހުމާ ފަހަތުން އެތެރެއަށް ވަނެވެ. ދެވަނަ ސިކުންތުގައި އޭނާ ހައިރާންކޮށްލީ އެތެރޭން ފެންނަން ހުރި ރެސްޓޯރެންޓެއްގެ ތަރުތީބެވެ. ސުވާލު އުފެދިފައި ހުރެގެން ދެކޮޅު ހޯދާލިއިރު ހުމާ ގޮސް ކައުންޓަރގެ އަނެއްފަރާތުގައި ހުރި ދޮރެއް ހުޅުވާލައިފައި ވަނީއެވެ. ދެފިކުރެއްގައި ހުރެގެން ޖަނާ ހުމާ ދިޔަ މަގުން ގޮސް ކައުންޓަރާއި އަރާ ހަމަވުމާއެކު ދަންނަ އަޑަކުން އޭނާގެ ނަން ކިޔާލުމުން ބަލައިލިއިރު ކައުންޓަރުގައި އިނީ ރަފާހްއެވެ.
"ރަފާވެސް މިތާގަތަ؟ މިވަރުން ދަންޏާ މިއަދު ހާޓްއެޓޭކްއެއް ނުޖެހި ނުދާނެ." ޖަނާ ހުއްޓި ރަފާހް އާއި ކުރިމަތިލަމުން ސަމާސަ ރާގެއްގައި ބުނެލިއެވެ. "މިހާރު އަދި ކުރިއަށްވުރެވެސް ރީތިހެން ހީވޭ." ރަފާހް ކޮޅަށް ތެދުވެފައި ފުރަތަމަ ބޭރުކޮށްލެވުނު ޖުމްލައިން ޖަނާގެ ހިނިތުންވުން ފިލިއެވެ. އެވަގުތު ޖަނާއަށް ވީގޮތް ފެނިގެން އޭނާ ކުޑަކޮށް ކަރުކެހިލައި އަނެއްފަރާތަށް މޫނު އަނބުރާލުމަށްފަހު އަނެއްކާ އެމޫނަށް ނަޒަރު ހުއްޓާލައިފައި އަހާލީ ހާލު ކިހިނެތްތޯއެވެ. "ފެންނަހާ މީހަކަށް ތައުރީފް ކުރުމުގެ ކުރިން ތިމާގެ އަންބެއް ހުރިކަން ފުރަތަމަ ހަނދާންކޮށްބަލަ!" ޖަނާއަށް ޖަވާބު ނުދެވި އުޅެނިކޮށް ހުމާ ކަރުނަ ފުހެގެން ނިކުމެ ތުން އޫކޮށްފައި ބުނި ވާހަކައިން ޖަނާއަށް އަތް އެޅުނީ އަނގަމަތީގައެވެ. އޭނާއަށް މަޖާވީ އެހެން ބުނެގެން ރަފާހްގެ މޫނަށް ވީގޮތް ފެނިފައެވެ. އަނބިމީހާ ފަޅާ އަރައިފިއްޔާ އަދި ވާނެގޮތް ހިޔާލު ކޮށްލާށެވެ. ފިރިހެނުންގެ ތެރޭގައި އެއީ އާންމު ވައްތަރެކެވެ. އިތުރު މީހަކަށް ފަޅާ ނާރަންޏާ އެކަކުވެސް އަންހެން ކުއްޖަކު ފެނުމުން ފޮށިނުލައި ދޫ ނުކުރާނެއެވެ.
"ޖަނާ. މީ އަހަރެންގެ އަނބިމީހާ. ހުމާ." ޖަނާ ސިއްރުން ހޭން ހުއްޓާ ރަފާހް ހުމާ އަތަށް ދަމާލައި ގެންގޮސް ކައިރީ ބަހައްޓާފައި ބުނެލި ވާހަކައިން އޭނާގެ ހޭވެރިކަން އުދުއްސައި ނުގަތީ ކިރިޔާއެވެ. ޖަނާއަށް ކީކޭހޭ އަހައިލެވުނު ގޮތަށް ތަންމިނަށް ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. "ރަނގަޅަށް ތި އިވުނީ." ހުމާ އިތުރަށް ޔަޤީންކޮށްދީފައި ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލައި އަތާއި އަތް ލާ މަހާލިއެވެ. "ވަރަށް ހައިރާންވެއްޖެ. އަދި އެހާ އުފާވެސް ވެއްޖެ. މަރުހަބާ..." ޖަނާ އުފަލާއެކު މަރުހަބާ ކިޔެވެ. ކައުންޓަރ ކައިރިއަށް އެވަގުތު މީހަކު އައުމުން ފަހުން އަދި ބައްދަލުވާން ބުނެފައި ޖަނާ ނިކުންނަން ދިޔައެވެ. އެނބުރި ގެއަށް ދިޔައިރު ދޮންތަގެ މޫނުގައި ބަބުޅަމުން ދިޔަ އުފާވެރިކަން ދީނާގެ ލޮލުގައި އަޅައިގަތެވެ. އެއަންހެން ކުއްޖާ އެއީ ދޮންތަގެ ގާތް ފަރާތެއްކަން އޭނާއަށް ވަގުތުން ޔަޤީން ކުރެވުނެވެ. އޭނާ ނާހަނީސް އެއީ ކިޔެވި ދުވަސްވަރުގެ އެންމެ ގާތް އެކުވެރިޔާއޭ ބުނެދިނީވެސް ޖަނާ އަމިއްލަ އަށެވެ. ހިތާމަތައް ސިއްރު ކުރަން މޮޅެއް ކަމަކު އުފާވެރިކަމެއް ލިބުމުން އޮބަހައްޓައެއް ނުލެވުނެވެ.
ދެދުވަސް ފަހުން ހުމާ ވަގުތެއް ހޯދައިގެން ޖަނާ ކައިރިއަށް ހަވީރެއްގައެވެ. އަކްޔަން އާއި ދީނާ މަންމަ ގެއަށް ދިއުމުން ޖަނާ އެކަނިވެފައި އިންދާ މީހަކު ބެލް ޖަހާ އަޑަށް ގޮސް ހުޅުވާލިއިރު ހުމާ ހުރީ ބާޒާރު ކޮތަޅެއް ހިފާލައިގެންނެވެ. ޖަނާ އަވަހަށް ހުމާ އަތުގައި ހިފާލައިގެން އެތެރެއަށް ވެއްދިއެވެ. "ވަރަށް ބަދަލުކޮށްލައިފިން ދޯ މިތަންވެސް." ޖަނާގެ ފަހަތުން ގޮސް ސޯފާގައި އިށީންނަމުން ހުމާ ވަށައިގެން ކަޅި ހިންގައިލިއެވެ. ޖަނާ ބޯ ޖަހާލައިފައި އެކުވެރިޔާ ދިން ކޮތަޅުގައި ހިފިއިރު އެގެނައީތީ ޝަކުވާ ކުރިއެވެ. "ތީ އަހަރެން ތީގެ ބަދަލުގަ އެއްޗެއް އަތުލާ ގޮތަށް ގެނަ ހަދިޔާއެކޭ. މިތަން ބަދަލުވެފަ ހުއްޓާ އައީމަ ޖެހޭނެ ހައުސްވޯމިން ޕާޓީއެއް ދޭން." އެކުވެރިޔާގެ ވާހަކަ ޖަނާއަށް ކަމުދިޔައެވެ. އޭނާ ކޮފީ ހަދާށޭ ކިޔާފައި ބަދިގެއަށް ވަންނަން ދަމުން އެކުވެރިޔާގެ ވާހަކަ އާއި ވިއްދާފައި އަލުން ބައްދަލުވީތީ އެކަމާއިވެސް ގުޅުވާލަން ހިޔާލު ދިނެވެ. އިރުކޮޅަކުން ތަބަކެއްގައި ދެ ޖޯޑު ކޮފީ ގެނެސް ބަހައްޓާފައި އިށީންއިރު ހުމާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. "އަދި މިވާހަކަ ބުނަން އަވަސް ކަންނޭނގެ. އެކަމަކު އަހަރެން ހިތަށް އަރާ އަހަރުމެންނަށް ކުރީގައި އުޅުނުހެން އެހާ ގާތްކޮށް އުޅެވޭނެބާވައޭ. ޖާން ހިތަަކަށް ނާރާތަ އަލުން އެގުޅުން ބާއްވާކަށް؟" ހުމާ ކޮފީ ޖޯޑު ނަގާފައި ހަތަރުކަޅި ހަމަކޮށްލިއެވެ. "ކުރިއާ މިހާރާ ކޮންތަފާތެއް އޮތީ. އަހަރެން އަދިވެސް ދެކެނީ ތީ ހަމަ އަހަރެންގެ ކުރީގެ އެކުވެރިޔާ ކަމަށް." ޖަނާ ބުނެލިއެވެ. "އެކަމަކު އޭރުގެ ޤުރޫޕް ފުރިހަމަ ނުވަންޏާ އެއްވެސް ކަމެއް އޭރާ އެއްގޮތެއް ނުވާނެ ދޯ." ހުމާ ބުނެލީ ޖަނާ ނުބުނަން އިން ވާހަކައެވެ. އޭނާ އެއްޗެއް ނުބުނެ ކޮފީ ޖޯޑުން ކޯވަރެއް ރަހަ ބަލާލައިފައި ބެހެއްޓިއެވެ. އެހިސާބަށް ވާހަކަ ދިއުމުން ދެން އިތުރަށް ނޫންކަމަށް ހެދުމުގެ ބޭނުމެއް ނެތް ކަމުގައި ހިތް ބުނެލިއެވެ. "ތިދެމީހުން އެކަނިތަ އެކަކު އަނެކަކު ފެންނަ ހިސާބުގަ އުޅެނީ؟ އެހެން މީހަކު ނުފެނޭތަ މަގުމަތިންވެސް؟" ޖަނާ ހިސާބަކަށް ނުތަނަވަސްވެފައި ދެއަތް ދެއަތާއި މޮޑެލިއެވެ.
"ތިބުނީ ޒަލަފްގެ ވާހަކަތަ؟" ހުމާ އެހާ ސީދާ ބަހުން އެހުމުން ޖަނާއަށް ޖަވާބު ދޭން އުދަނގޫވިއެވެ. އޭނާ ހުމާ ބޭނުން އެއްޗެއް ވިސްނަން ދޫކޮށްލައިފައި ހިމޭންކަން އިޚުތިޔާރު ކުރިއެވެ. "އޭނަ އަހަރުމެން ރެސްޓޯރެންޓް ހުޅުވިފަހުން ދެތިން ފަހަރަކު އައި. ފަހަކުން ނުދެކެން." އެކުވެރިޔާގެ ޖަވާބު އަހާފައި ޖަނާ މާ ހިތްހަމަޖެހުނު ކުލަވަރެއް މޫނަކުން ނުދެއްކިއެވެ. ހީވަނީ އަދިވެސް އަހަން ބޭނުން އިތުރު ސުވާލެއް އޭނާގެ ހިތަށް އުދަނގޫ ކުރަމުން ދިޔަހެންނެވެ.