"ކިހިނެތްތަ ވީ؟" ފަޔާޒް ގޮސް ޖަނާ އާއި މާކިންގެ ކުރިމައްޗަށް ހުއްޓިފައި ސުވާލު ތަކުރާރު ކޮށްލިއެވެ. ޖަނާ އިސްޖަހާލުމާއެކު މާކިން ދިމާކުރީ އެތަނުން ނިކުންނާށެވެ. "މާކިން!" ފަޔާޒް މާކިން އަތުގައި ހިފެހެއްޓުމުން އެއަތް ފޮޅުވާލި ގޮތުން ބާރަށް ގޮވާލެވުނެވެ. އެކަމަކު އެވަރުންވެސް މާކިން ނުހުއްޓެއެވެ.ދިޔަބާރު މިނުގައި ގޮސް ވިދުވަރެއްހެން ލޯމަތިން ޣާއިބު ވެއްޖެއެވެ.
"މަންމާ އަހަރެން ދަނީ." ފަޔާޒް އާއި ޝަރުމީލާ އެކަކު އަނެކަކަށް ބަލަން ހުއްޓާ ޖަނާ ބުނިއަޑު އިވުނެވެ. ބޭނުމަކަށް ވީ ފަޔާޒް އިތުރު ސުވާލުތަކެއް ނުކުރަނީސް މާކިން ފަދައިން އެތަނުން ނިކުމެގެން ދިއުމެވެ. "މާކިންގެ ފަރާތުން އަހަރެން މަޢާފަށް އެދެން ޖަނާ." ޖަނާ ގޮސް އަކްޔަން އަތުގައި ހިފާލިތަނާ ފަޔާޒް ވާހަކަދެއްކި އަޑު އިވުނެވެ. އޭނާ އެނބުރި ބަލައިލިއިރު ފަޔާޒް ދެއަތް ދެއަތާއި އުނގުޅައިލަން ހުރެފައި ހަތަރުކަޅި ހަމަކޮށްލިއެވެ. ވީގޮތް އަދި ނޭނގުނަސް ގޯސް ހަދާފައި ހުންނާނީ މާކިންކަން ފަޔާޒްއަށް ވިސްނުނީއެވެ. އެހާ ދުވަހު މާކިންގެ ބައްޕައެއްގެ މަޤާމު ފުރާފައި ހުރިއިރު އެދަރިފުޅުގެ ގޮތްވެސް ހުންނާނީ އެނގިފައިތާއެވެ.
"މާކިން މިއަދު އެހުންނަނީ ކަމަކާ ބޯހާސްވެފަ. އެހެންވެ ރުޅި އާދެވުނީ. އަހަރެންގެ ދަރިފުޅަކީ ގޯސް މީހެއް ނޫން." ފަޔާޒް އިތުރަށް ވާހަކަދެއްކި ގޮތުން ޖަނާ ކަންބޮޑުވިއެވެ. މާކިންގެ ސަބަބުން ފަޔާޒް ކުރިމަތީ އޭނާވެސް ލަދުގަންނަން ޖެހިއްޖެއެވެ.ޖަނާ އެވަގުތު ހިނިތުންވެލީ އެއީ ކަމެއް ނޫނޭ ބުނާފަދަ ގޮތަކަށެވެ. އޭނާ އަކްޔަން އުރާލައިގެން އަވަހަށް އެތަނުން ނިކުތެވެ. ގެއަށް ދިޔަ މަގުމަތީ ޓެކްސީގައި އިނދެގެން ޖަނާ ފަޔާޒްގެ ވާހަކައާމެދު ވިސްނިއެވެ. މާކިން ބޯ ހާސްވެގެން އެއުޅެނީ ފަޔާޒް މިއަދު ބައްޕައާ ބައްދަލު ކުރަން އެދިގެން ބާވައޭ އޭނާ ހިތަށްއެރިއެވެ. އެކަމަކު އެއީ ކަންބޮޑުވެ ހާސްވާން ޖެހޭ ކަމަކަށް ވާންވީ ކީއްވެ ހެއްޔެވެ؟
"ދީނާ ކައިރީ ދޮންތަ ވާހަކައެއް އަހައިލަންތަ؟" ގެއަށް ވަދެ އަކްޔަން ސިޓިންރޫމަށް ދޫކޮށްލައިފައި ޖަނާ ގޮސް ފެންބޯން ހުރެގެން އެހިއެވެ. ދީނާ އޭރު ހުރީ ކޮފީއެއް ތައްޔާރު ކުރަން ބަދިގެއަށް އައިހެވެ. "ކޮން ވާހަކައެއް؟" ދީނާ ކޮފީ ތަށި ތައްޔާރު ކޮށް ނިމިގެން އެނބުރި ބަލައިލާފައި ކުޑަ ކޯވަރެއް ބޯލިއެވެ. "މާކިންއާ ބެހޭ ގޮތުން ދީނާއަށް އެނގެނީ ކިހާ ވަރަކަށް؟" ޖަނާ ފަސްޖެހުމަކާއި ނުލައި ސުވާލު ކުރިއެވެ. ކޮއްކޮ ކޮންމެ އެއްޗެއް ވިސްނިއަސް އޭނާއަށް މިފަހަރު ހެވެވެ." އަހަރެން ހީކުރީ ދޮންތަ މާކިން ދަންނަ ކަމަށް؟" ދީނާގެ ވާހަކަ ހުރީ ޖަނާގެ ފަރާތުން ކަންކަން އޮޅުންފިލުވަން މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ. އޭނާ ކޮންމެހެން ޖަނާގެ ސުވާލަށް ޖަވާބު ދޭކަށް ނޫޅުނެވެ. "ފުރަތަމަ އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ! ދީނާ މާކިންއަށް ދޮންބެ ކިޔައިގެން އެހާ ގާތްކޮށް އުޅުނުއިރު އޭނައާ ބެހޭގޮތުން އެއްޗެއް އޮޅުމެއް ނުފިލުވަންތަ؟" ޖަނާ ފެންފުޅި އަނބުރާ ފްރިޖަށް ލައިފައި އައިސް ދީނާ ކައިރިއަށް ހުއްޓުނެވެ. ދޮންތަގެ ތޫނު ދެލޯ އެމޫނަށް ހުއްޓާލައިގެން ހުރި ގޮތުން ދީނާ ސީރިއަސްވިއެވެ. ދޮންތަ އޭނާގެ ފުށުން ބޭނުން ވެގެން އުޅޭ ޖަވާބަކީ ކޮބައި ހެއްޔެވެ؟ މާކިންފަދަ ސާދާ ފިރިހެނެއްގެ އޮޅުންފިލުވަން ޖެހޭ ކަންތައްތަކެއް ހުރެދާނެ ހެއްޔެވެ؟
"އެހެންވިއްޔާ ދީނާއަށް އެނގޭތަ ފަޔާޒްބެ އެއީ މާކިންގެ ހަޤީޤީ ބައްޕަ ނޫންކަން؟" ޖަނާ ސުވާލު ނިމުނުއިރަށް ދީނާ އަތުގައި ހުރި ކޮފީ ޖޯޑު ތިރިއަށް ދޫކޮށްލައިފިއެވެ. "ދޮގެއް ތީ!" ޖޯޑު ގޮސް ތިރިއަށް ޖެހިފައި ކުދިކުދިވެގެން ދިޔަ އަޑާއެކު ދީނާ ވަގުތުން އެވާހަކަ ދޮގު ކުރިއެވެ."ދޮންބެ ކިޔާފަ އުޅުނަކަސް އެއްޗެއް ނޭނގުނެއްނު އެހެންވީމަ." ޖަނާ މަލާމާތް ކޮށްލައިފައި ނިކުމެގެން ދަމުން ބުނެލިއެވެ. ކޮއްކޮ ފަރާތުން އޭނާ އެދޭ ފަދަ އެއްވެސް މައުލޫމާތެއް ނުލިބުމުން އިތުރަށް ސުވާލު ކުރާހިތެއް ނެތެވެ.
ޖަނާ ޑިއުޓީއަށް ނިކުތުމުން ރަފާހް އެންގީ ޒަލަފްމެންގެ އިވެންޓްގައި ވޭޓަރުކަން ކުރަން ދާ އެކަަަކަށް އޭނާ ހުންނަން ޖެހޭނެ ކަމަށެވެ. ރަފާހް އޭނާ އެގޮތާ ރުހޭތޯވެސް އަހައިނުލައި މަސައްކަތް ހަވާލު ކުރި ގޮތުން ހީވަނީ ޖެއްސުމަށް އުޅުނު ހެންނެވެ. ޖަނާވެސް އެއްޗެއް ނުބުންޏެވެ. އޭނާ އެރޭ ތައްޔާރުވާން އުޅުނުއިރު ދީނާ ގާތު އަކްޔަންއަށް ސަމާލު ވާން ތަކުރާރުކޮށް އެންގިއެވެ. ނިދާ ގޮތަށް ހެނދުނު ހޭލަން އާދަވެފައި ވިއެއް ކަމަކު ހުވަފެނެއް ފެނިގެން ކަހަލަ ގޮތަކަށް ހޭލެވިއްޖެއްޔާ އަކްޔަން މަސަލަސް ކުރަން އުދަނގޫ ވާނެއެވެ.
ޖަނާމެނަށް ދެވުނުއިރު އަށްގަޑި ބައިވެއްޖެއެވެ. އެމީހުންގެ ޤުރޫޕްގައި ރަފާހްގެ އިތުރުން ދެން އައީ ތޫބާއެވެ.އަމިއްލަ އޮފީހެއްގެ އެންމެ ތިރީގައި ބޮޑު ހޯލެއްގެ ތެރޭގައި އޮތް ހަފްލާ އަކީ ޒަލަފްގެ އައު ލޯބިވެރިޔާ އުޅޭ އޮފީހަށް ކޮންމެވެސް އަހަރެއް ފުރިގެން އެކަން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަފްލާއެކެވެ. މަރީ އެއިވެންޓް އިންތިޒާމު ކުރުމުގައި އިސްވެރިއެއްގެ ގޮތުގައި ހުރުމުން ޒަލަފް މަރީއާ އެހީވަނީއެވެ. ޖަނާއަށް އެކަން އެނގުނީ އެމީހުން ކާއެއްޗެއްސާއި ބުއިން އަތުރާ ނިމުނު ފަހުން ޒަލަފް މަރީ ގޮވައިގެން އައިސް ރަފާހް ކައިރީ ދެއްކި ވާހަކަ އިވިފައެވެ.ނުބަލަން ހުއްޓާވެސް ޖަނާއަށް ސިއްރު ނަޒަރެއް ދެވުނެވެ. ހުދު ކުލައިގެ އަތްދިގު ގަމީސް މަތިން އަޅި ޓަކްސިޑޯއާއި ފަޓްލޫނެއް ލައިފައި ހުރިއިރު ޒަލަފް ނިކަން ހިތްގައިމެވެ. އެފަންއިސްތަށިގަނޑު ފަހަތަށް ފުނާއަޅައި ތަތްކޮށްލައިފައި އޮތުމުން ހަރުދަނާ ކުލަ ޖަހައެވެ. ކައިރީގައި މަރީ ހުރީ މަޑު ވިދުމެއް ހުރި އަޅި މެކްސީއެއްގައެވެ. ފަންއިސްތަށިކޮޅު އެއްފަރާތުން ގެނެސް ކޮޑުމައްޗަށް ވައްޓާލައިފައި އޮތްއިރު ދޮންދޮން ބުރަކަށީންވެސް ބޮޑުބައެއް ހާމަވެފައެވެ. ހުއްޓިލައިގެން ހުރިއިރު ނުހަނު ގުޅޭ ޖޯޑެކެވެ.
ހަފްލާ ފެށެންވާއިރަށް މުވައްޒަފުންތައް ޤުރޫޕްތައް ހަދައިގެން އައިސް ހަތަރު ގޮނޑި ޖަހާފައިވާ މޭޒުތަކުގައި އިށީންނަން ފެށުމުން އިސާހިތަކު ތަން ފުރެން ފެށިއެވެ. ފެށުނު ފަހުން ދެން އެތަނަށް އައީ އޮފީހުގެ އިސްވެރިންގެ ޓީމެކެވެ. ޖަނާމެން އޭރު އެމީހުންނަށް ހާއްސަވެފައި ތިބި ތަނުގައި ކާއެއްޗެއްސާއި ބުއިންތައް އަތުރާފައިވާ މޭޒުތައް ކައިރީ މަޑުކޮށްލައިގެން ހަފްލާ ކުރިއަށް ދާގޮތް ބަލަން ތިއްބެވެ. މަސައްކަތު މީހުންގެ ހަތަރު މީހަކުވެސް ޖަނާމެން ފަދައިން ވޭޓަރުންގެ ޔުނީފޯމްގައި ޚިދުމަތް ދޭން ތައްޔާރަށް ތިއްބެވެ.
"ޖަނާ ދަންނަންތަ ޒަލަފް؟" އިރުގަނޑެއް ފަހުން ތޫބާ ވައިއަޑުން އަހާލި އެއްޗަކުން ޖަނާ ސިހުނެވެ. އޭނާ ތޫބާގެ މޫނަށް ބަލައިލީ ތިހެން ތިއެހީ ކީއްވެހޭ ސުވާލު ކޮށްލާފަދަ ގޮތަކަށެވެ. "ޒަލަފް މާވަރަކަށް މިދިމާއަށް ބަލާތީ މިހެން މިއެހުނީ." ތޫބާ ސަބަބު ބުނެދިނުމުން ޖަނާއަށް އެތަން ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ރަސްމިއްޔާތު ނިމުމުން މޭޒު ތަކުގައި ތިބި ގިނަ ބަޔަކު ކޮޅަށް ތެދުވެގެން އެދިމާއަށް އަންނަން ފެށުމުން އޭނާއަށް ޒަލަފް ހޯދަން ފަސޭހައެއް ނުވިއެވެ.
އިރުކޮޅެއްވީއިރު ޖަނާ ހުރީ ވަރުބަލި ވާގޮތްވެފައެވެ. ހުސްތަށިތައް ނެގުމާއި އެކި މީހުން އެދިގެން އެމީހުންނާއި ހަމައަށް ކާއެއްޗެހި ގެންދަން ހިނގާ ހިނގައި ދެފައިގައި ރިއްސަން ފެށިއެވެ. އޭނާގެ މުޅި ހަޔާތުގައިވެސް މިގޮތަށް ހުއްޓިނުލައި މަސައްކަތް ކުރި ދުވަހެއް އައި ކަމެއް ނޭނގެއެވެ. އެގޮތަށް އޭނާ ދެކޮޅަށް ހިނގިއިރު ޒަލަފް ބަލަން އިންދާ ކިތަންމެ ފަހަރަކު ފާހަގަވިއެވެ. ކަމަކަށް ނުހަދައި ދޫކޮށްލަން ބޭނުންވިއަސް ޒަލަފް އެގޮތަށް ބަލަން އިންދާ ފެނުމުން ޖަނާ ކޮންމެ ފަހަރަކު ފިނިވެއެވެ. ހިނގަން އުދަނގޫވެ ފައިއޮޅެން އުޅޭހެން ހީވިއެވެ. ތަންކޮޅެއް ފަސޭހަ ތިރި ބޫޓަކަށް އަރައިގެން އާދެވުނުކަން އެއީ މިއަދު އޭނާގެ ނަސީބެވެ. އެހެންނޫންނަމަ އަދި ފައިގައި ރިއްސާނީ މިހެންނަކުން ނޫނެވެ.
ހަތަރު ގަޑިއިރަށް ދެމިގެންދިޔަ ހަފްލާ ނިމުމަކާއި ހަމައަށް އަންނަތަން ފެނުމުން ޖަނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ކިތަންމެ ވަރުބަލި ވެފައި ހުއްޓަސް ހުއްޓި ހުންނަން ނުހަދާ އޭނާ އަވަސްވެގަތީ ހަޑިވެފައި ހުރި ތަށިތައް އެއްކުރާށެވެ. ޖަނާ މިމަސައްކަތުގައި އުޅެނިކޮށް އެތަނުގައި ވޭޓަރުކަން ކުރި މީހަކު އައިސް ބުނީ ބޭރުގައި ހުރި މީހަކު އޭނާއަށް އިންތިޒާރު ކުރާ ވާހަކައެވެ. ޖަނާއަށް ލިބުނު ހައިރާންކަމުގައި ލޯ ބޮޑުކޮށްލައިގެން ހުއްޓާ އެމީހާ އިތުރު ފުރުސަތެއް ނުދީ ދުރަށް ގޮސް ގެއްލުނެވެ. ޖަނާ އެނބުރި ބަލައިލިއިރު ރަފާހްވެސް ހުރީ ތަންކޮޅެއް ދުރުގައެވެ. އޭނާ އަދި ނިކުމެލާފައި އަޔަކަސް ރަފާހްއަށް ފާހަގައެއް ނުކުރެވޭނެއެވެ.
ޖަނާ އަތް ފުހެލާފައި ފޯނަށް ބަލަމުން ބޭރަށް ނިކުންނަން ގޮސް ގޮސް ހުއްޓާ ފަހަތުން ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ސިއްސައިގެން ގޮސް އެނބުރި ބަލައިލަން ވާއިރަށް އެމީހަކު އޭނާ އަތަށް ދަމާލައިފައި ގެންގޮސް އެރުވީ ހޯލްގެ ދޮރާއި ދިމާވާ ގޮތަށް ހުރި ލިފްޓަށެވެ. "ޒަލަފް؟" ޖަނާއަށް އެއީ ޒަލަފްކަން އެނގުމުން އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. އެކަމަކު ޒަލަފްގެ ބާރުގެ ކުރިމަތީ އެކަންވީ ބޭކާރު ކަމަކަށެވެ. ތިމާގެ ހުރި ނިކަމެތިކަން އިހްސާސްވެ ޖަނާ ރުޅިގަދަވިއެވެ. ބަލާކަށް ނުހުރެ އޭނާ އަނެއް އަތުން ޒަލަފް މޫނު މަތީ ބޮނޑިއެއް އަޅައިފިއެވެ. ޒަލަފް އެވަރުންވެސް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކުން ލިފްޓްގެ ދޮރު ހުޅުވުމާއެކު އެއަތަށް ދަމާލައިފައި ނެރުނީ ޓެރެސް އަށެވެ.
ތާޒާވައިރޯޅިތައް އައިސް މޫނުގައި ބީހިލުމުން އަރާމުވިއެވެ. ޒަލަފް އެވަގުތު އަތުން ދޫކޮށްލުމުން ޖަނާ ބަލައިލިއިރު އެއަތުގައި ހުރި ކޮތަޅެއް ހުޅުވާލައިފައި ނެގި ބަތް ޕާރސަލް ތައްޓެއް ގެންގޮސް އެތާ ހުރި ބީޗް ގޮނޑިއެއްގެ މަތީ ބަހައްޓާފައި އެނބުރި ބަލާލައިފިއެވެ. "ވަރަށް ބަނޑުހައިވެ ވަރުބަލިވެފައެއްނު ތިހުރީ. ދޭ އެތާ އިނދެގެން ކާން!" ޒަލަފް އޯގާތެރި އަޑުން ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ބަލަން ހުރެލާފައި ޖަނާ ޖަހައިލީ ހިނިގަނޑެކެވެ. "ނޫނޭ ޒަލަފް ސާހަބް މޮޅު އިނގޭ. ގަދަކަމުން ދަމާ ބަހައްޓާފަ އަހަރެން މިތަނަށް ތިގެނައީ ތިމާގެ ހުރި ރަނގަޅުކަން ދައްކަންތަ؟" ޖަނާ މަލާމާތް ކޮށްލާފައި އަދި ނިންމާލަމުން ނުކާނެ ކަމަށް ބުނެ ލިފްޓާ ދިމާއަށް އެނބުރުނެވެ. އެކަމަކު ކުރިއަށް ނެގުނު އެންމެ ދެފިޔަވަޅާއެކު ޒަލަފް އަނެއްކާވެސް އަތުގައި ހިފެހެއްޓުމުން ރުޅި އައިސް ދަތްކުނޑި ވިކާލެވުނެވެ. ޖަނާ ފަސްއެނބުރި ނުބަލަން ފައި ވިއްދާފައި ހުއްޓާ ޒަލަފް މިފަހަރު އޭނާގޮސް ތަތްކޮށްލީ ރެއިލިންގައެވެ. އޭނާއަށް ނުދެވޭނެހެން ދެފަރާތުން ރެއިލިންގައި އަތް އަޅުވާލުމުން ރަނގަޅަށްވެސް އެއަތުތެރޭ ހައްޔަރުވިއެވެ. "މިތާ ކިތަންމެ އިރަކު ހުންނަން ޖެހުނަސް ޖަނާ ކާން އެއްބަސް ނުވާހާ ހިނދަކު ދުރަކަށް ނުދާނަން." ޒަލަފް އެތޫނު ލޮލުން ބަލަން ހުރެގެން އިއްވިއެވެ. ޖަނާ އަދިވެސް ގަދަ ކޮށްލާފައި ޖަވާބެއް ނުދީ ހުރެގެން އެގޮތަށް ކެތްކޮށްލެވުނީ އެންމެ މިނިޓެއް ވަންދެންނެވެ. ޒަލަފް އެމޫނަށް ބަލަން ހުންނަން ވެއްޖެއްޔާ ޖަނާ އަމިއްލަ ނަފްސަށް އޮތް ބާރު ގެއްލިދާނެއެވެ.
"އަހަރެން ކާނަން." ޖަނާ ގޮތް ދޫކޮށްފައި ބުނެލިއެވެ. ޒަލަފް ބުނިހެން ދެއަތް ތިރިކޮށްލައިފައި ދުރަށް ޖެހިލުމުން ޖަނާ ގޮސް ބީޗް ގޮނޑީގައި އިށީންދެފައި ފުރަތަަމަވެސް ދެފައިގައި ފިރުމާލައި މޮޑެލެވުނެވެ. އޭނާ ކޮތަޅު ތެރެއިން އުލާއި ސަމުސާ ނަގާފައި ޕާރސަލް ތަށި މަތި ނަގައިގެން ކާން ފެށިއިރު ޒަލަފް ހުރީ އަނެއްކާވެސް ރެއިލިންއާއި ކައިރިވެލައިގެން ތިރި ބަލާށެވެ.
"ޖަނާ އަހަރެން ހިތާމަކުރަން ފަސްއަހަރު ކުރިން ކުރެވުނު ކަންތަކާމެދު." ކުޑައިރުކޮޅެއް ފަހުން ޒަލަފް އިއްވާލި ޖުމްލަ އަހާފައި ޖަނާ އަނގައިގައި ހުރި ކާއެތިކޮޅު ނުވެސް ހަަފައި ދިރުވައިލެވުނީއެވެ. ވަގުތުން އޭނާ ކޮށި އަރައިގެން ކެއްސަން ފެށިއެވެ. ޒަލަފް ކުއްލިއަކަށް އެނބުރިލައިފައި ބާރު ބާރަށް އައިސް ކޮތަޅު ތެރެއިން ފެންފުޅި ނަގައި މަތި ނަގާފައި ޖަނާއަށް ދިއްކޮށްލިއެވެ. ފެންފުޅީގައި ތުންޖަހާފައި ޖަނާ ބަލައިލިއިރު ޒަލަފް ބުމަ ކައިރިކޮށްލައިގެން ހުރި ގޮތުން ކަންބޮޑުވެފައިވާވަރު ދޭހަކޮށްދިނެވެ. އަދި އެވަރުން ނިމުނީއެއްވެސް ނޫނެވެ. ޖަނާ ފެންފުޅި ދުރުކޮށްލުމުން ޒަލަފް ގުދުވެފައި އޭނާގެ ބުރަކަށީ މަޑުމަޑުން ތަޅާލަދިނެވެ. އެގޮތަށް ޒަލަފް އެހާކައިރިންގެ އަޅާލުން ލިބުމުން އެހެން އަންހެން ކުދިން މޮޔަވާނެއެވެ. ކައިރީ ހުންނައިރު ޖިސްމުން އަރާ މީރުވަހުން އެކަނިވެސް ހިތް މަގު އޮޅުވާލަން ފުދެއެވެ.
"ވަރަށް ބޮޑަށް ޝުކުރިއްޔާ ތިކޮށްދިން ހެޔޮކަމަށް. އެކަމަކު އަހަރެން މިހާރު ބަނޑު ފުރިއްޖެ." ކެއްސުންވަރު އޮބުމުން ޖަނާ ތަށީގެ މަތި ޖަހާފައި ތެދުވިއެވެ. ޒަލަފް ނަސީބަކުން އިތުރަށް ގަދަ އަޅާކަށް މަސައްކަތެއް ނުކުރެއެވެ. އެތާހުރި އެއްޗެހި ކޮތަޅަށް އަޅާލައިގެން އޭނާ ގޮސް ލިފްޓަށް އެރިއިރު ޒަލަފް ޖީބަށް އަތް ޖަހާލައިގެން ބަލަން ހުއްޓެވެ. ނުތަނަވަސްވެ ބުމަ ކައިރިކޮށްލައިގެން ހުންނައިރު ވަކިން ރީތިހެން ހީވެއެވެ.
ތިރިއަށް ދިޔައިރު ރަފާހް އުޅެނީ ޖަނާ ނުފެނިގެންނެވެ. އޭނާ ފެނުނުހާއިރުން ތަނެއް ދޮރެއް ނުބަލައި އެތިވަރު ގޮވައިގަތެވެ. ޖަނާ ކަންބޮޑުވެގެން ވަށައިގެން ތިބި މީހުންނަށް ބަލައިލާފައި ފާޚާނާއަށް ދިޔަ ވާހަކަ ބުނެ ދޮގެއް ހަދައިލިއެވެ. ރަފާހްގެ ސަބަބުން އެވަގުތުވެސް އޭނާ ރުޅިއައީ ޒަލަފް ދެކެއެވެ. ހަފްލާ މުޅިން ނިމި އެމީހުން ގެނަ އެއްޗެހި ވޭނަށް އަރުވެވުމުގެ މަސައްކަތުގައި އުޅެނިކޮށް ޒަލަފް އަނެއްކާ އެދިމާއަށް އަންނަތަން ފެނުނެވެ. ޖަނާއަށް ޒަލަފް ފެނިގެން އެކަނި ނުހުރެ ގޮސް ތޫބާ ކައިރީ މަޑުކޮށްލުމުން ޒަލަފްވެސް އައިސް މަޑުކޮށްލީ އެދެމީހުން ކައިރިއަށެވެ. ޒަލަފް އެވަގުތު ކޮންމެވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަން ފެނިގެން ޖަނާ އަތް އުފުލާލައިފައި އެކަން މަނާކުރިއެވެ. "ކިހާ ދެރަަކަމެއް. ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ ކީއްވެގެން؟ ކަލޭ ހީކުރީ ކަލޭ އެންމެ ފަހަރަކު އަހަރެން ގެންގޮސް ގަދަކަމުން ކާންދީފަ ކުރެވުނު ކުށް ޤަބޫލު ކުރީމަ އަހަރެން ހުރިހާ ކަމެއް ހަނދާން ނައްތާލައިފަ ކަލެއަށް މާފު ކުރާނެކަމަށްތަ؟ ނުވާނެ އެކަމެއް. މުޅިއުމުރު ދުވަހު ސަލާން ޖެހިއަސް މާފެއް ނުކުރާނަން." ޖަނާ ޒަލަފް ބުނަން އުޅޭ އެއްޗެއްވެސް ނުބަލައި އެތިވަރު ގޮވާ ނިމުނުއިރު ރަފާހްވެސް ހުރީ މަސައްކަތް ނިންމާލައިފައި ބަލަހައްޓައިގެންނެވެ. އޭރު ތޫބާ ހުރީ ކައިރީގައި ދެލޯ ބޮޑުވެފައެވެ. މަގުން ހިނގާފައި ދިޔަ މީހުންނާއި ޕާޓި ދޫކޮށް ނުގޮސް ތިބި މަދު ބަޔަކު ތިއްބެވެ.
"ޖަނާ ރުޅިއަރުވާލެވުނީތީ މަޢާފަށް އެދެން. އެކަމަކު އަހަރެން އެއްފަހަރުވެސް ޤަބޫލެއް ނުކުރަން އަހަންނަށް ޖަނާގެ މަޢާފު ހޯދަން ފަސޭހަ ވާނެ ކަމަކަށް. މިވަގުތު އަހަރެން މިއައީވެސް އެވާހަކަ ދައްކާކަށް ނޫން. ޖަނާގެ ފޯނު ޓެރެސްގަ ބޭއްވިފަ އާދެވުނީމަ ފޯނު ދޭންވެގެން." ޒަލަފް މަޑުމައިތިރި އަޑަކުން ރައްދު ދީފައި ފޯނު ދިއްކޮށްލުމުން ޖަނާ ގަބުވެފައި ހުރި ގޮތަށް ހުރެވުނީއެވެ. ތަނެއް ދޮރެއް ނުބަލައި އެތިވަރު ގޮވާމިލެވުނީ ޒަލަފް އަދި އޭނާގެ އަމާނާތެއް ރައްދު ކުރަން އައީމައެވެ. ޖަނާ ރަކިވެގެން އިސްޖަހާލުމުން ޒަލަފް ފޯނު އެއަތަށް ލައިދީފައި ދާންވެގެން އެނބުރިލި ވަގުތު މަރީ އައިސް ކުރިއަށް ޖެހިލައިފައި ޖަނާ އަތުގައި ހިފެހެއްޓިތަން ފެނިގެން އެންމެން ސިހުނެވެ. އިސްއުފުލާލިއިރު މަރީގެ ބޮޑު ކޮށްލެވިފައިވާ ރުޅިވެރި ދެލޯ ފެނުމުން ޖަނާގެ ހިތަށްވެސް ގުޑުން އެރިއެވެ. މަރީ ޖަހައިފާނެހެން ހީވުމުން ޖަނާ ލޯމަރައިލިތަނާ ދެން އިވުނީ އޭނާ ހަޅޭތްލަވައިގަތް އަޑެވެ. ފަހަރަކަށްވުރެ ފަހަރަށް އެއަޑު ދުރުވާކަން އިހްސާސް ވެގެން ލޯ ހުޅުވާލިއިރު ޒަލަފް މަރީ އަތުގައި ހިފައިގެން ގޮސް ދުރުގައި އޮތް ކާރަށް އަރުވަނީއެވެ. ރަފާހް އެއްޗެހި އަރުވާ ނިމިގެން ތެދުވެ ހިންދެމިލުމުން ޖަނާ އަވަހަށް ދުވެފައިގޮސް ވޭނަށް އެރިއެވެ.
ގެއަށް ދިޔަ މަގުމަތީ ދީނާ ގުޅާތަން ފެނިގެން އަވަހަށް ފޯނު ނެގުމުން ދީނާ ދިނީ ނުބައި ޚަބަރެކެވެ. އެއީ އަކްޔަން ބަނޑުގައި ރިއްސާތީވެ ހަސްފަތާލަށް ގެންދިޔަ ވާހަަކައެވެ. ޖަނާ ވަގުތުން ވޭން މަޑުކުރުވާފައި ޓެކްސީއެއް ހޯދައިގެން އެދިޔަ ގޮތަށް ދިޔައީ ހޮސްޕިޓަލަށެވެ. އަކްޔަން ހޭލައިގެން ރޯން ފެށުމުން ދީނާ ގުޅީ ޝަރުމީލާއަށެވެ. އޭރު އަދި ޖަނާ ދިޔަފަހުން ގަޑިއެއްގެ އިރުވެސް ނުވާ ކަމަށް ޝަރުމީލާ ބުންޏެވެ. އެމީހުން ޖަނާއަށް އުދަނގުވެދާނެތީ ނުގުޅީއެވެ. ޖަނާ ދިޔައިރު އަކްޔަން އެނދުމަތި ކޮށްފައި އޮތްވާ ފެނިގެން ލޮލުން ކަރުނަ ހިލުނެވެ. ނަސީބަކުން އަކްޔަން އޭރު އޮތީ ބަނޑަށް ފަސޭހަވެގެން ނިދިފައެވެ. އަދި ވަރަށް އަވަހަށް ދޫކޮށްލާނެ ކަމަށްވެސް މަންމަ ބުންޏެވެ. ޖަނާ ކަރުނަ ފުހެލާފައި އަކްޔަން ނިތުގައި ބޮސްދިނެވެ. ދީނާ ހެނދުނު ސުކޫލަށް ދާން ޖެހޭނެތީ މަންމަ އާއެކު ގެއަށް ފޮނުވާލައިފައި އޭނާ އިނީ އެކަންޏެވެ. ޑޮކްޓަރގެ އިންތިޒާރުގައި ވަގުތު ގުނާލަ ގުނާލާ އިނދެފައި އެއްލި ކަޅިއަކުން އޭނާއަށް އެހެން ދިޔަ މީހަކު ފެނުމުން ފަރުވާވެ ބަލައިލެވުނެވެ. ޖަނާއަށް ލޯ ބޮޑުކޮށްލެވުނީ އެމީހަކީ މާކިންކަން ޔަޤީންވެފައެވެ. މާކިން އެތާ ހޮސްޕިޓަލުގައި ކުރަނީ ކީއް ހެއްޔެވެ؟