"މާކްއަށް ކޮފީ ހިފައިގެން ދޭބަލަ އޭނަ އެދައްކާ ވާހަކައެއް އަޑުއަހަން." ޖަނާ އައިސް ހުއްޓިފައި ރަފާހް ބުނި ވާހަކައަކުން ސިއްސައިގެން ދިޔައެވެ. ހާސްވިކަން ނާންގަން ކިޔަމަންތެރި ކަމާއެކު ބޯ ޖަހާލައިފައި އަވަހަށް މަސައްކަތަށް އެނބުރުނެވެ. ތަބަކުގައި ކޮފީ ޖޯޑު ހިފައިގެން ގޮސް ކައިރިވީއިރު މާކިން ފޯނާއި ކުޅެން ހުރެފައި ބަލައިވެސް ނުލާ އެދުނީ ކައިރީ އިށީނުމަށެވެ. ހެނދުގަޑީ އެއަޑު އިތުރަށް ބަރުވެފައި ހިތްގައިމުހެން ޖަނާއަށް ހީވިއެވެ. ހީވީ ދެންމެ ނިދާހޭލައިގެން އައިސް ވާހަކަދެއްކި ހެންނެވެ. ޖަނާ އެވަގުތު ބޯ ޖަހާލައިފައި އިށީންދެ އިނދެގެން އެމޫނަށް ބަލަން ފެށިތަނާ މާކިން އިސްއުފުލާލުމުން ހަތަރުކަޅި ބައްދަލުވިއެވެ.
"ކަމަކު އެދުނިއްޔާ ކޮށްދޭނަންތަ؟" މާކިން ކޮށްލި ސުވާލުން ޖަނާ ސިހުނެވެ. މާކިން އޭނާ ކައިރީ ކަމަކު އެދޭނީ ކީއްވެ ހެއްޔެވެ؟ ފުރަތަމަ، އޭނާއަށް ކަމެއް ކޮށްދެވިދާނެ ކަމުގެ ޤާބިލުކަން ހުރެދާނެ ކަމަށްވެސް މާކިން ގަބޫލެއް ނުކުރާނެއެވެ. "ބުނެބަލަ..." އަޑު ބެދޭހެން ހީވެގެން ޖަނާ ކުޑަކޮށް ކަރުކެހިލިއެވެ. މާކިން ބަލަން އިންނައިރު ހީވަނީ ލޮލުން ތީރުތަކެއް ފޮނުވާހެންނެވެ. ކިތަންމެ ވަރުގަދަ އަންހެންކުއްޖަކަށްވެސް މުޤާބަލާ ނުކުރެވޭފަދަ ތޫނު ދެލޮލެވެ. ޖަނާއަށް އުދަނގޫވެގެން އިސްއޮބާލައިފައި އަތުގެ އިނގިލިތަކާ ކުޅެން އިނީ މާކިން ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ. "އަހަރެންގެ މަޤާމަށް އަހަރެން ބުނާ ތާކަށް ގޮސް ބުނާ ފަރާތަކާ ބައްދަލު ކުރެވިދާނެތަ؟" މާކިން ކޮފީ ޖޯޑުން ކޯވަރެއް ރަހަބަލާލައިފައި ތަފްޞީލާއިގެން ކުރިއަށް ދިޔައެވެ. ޖަނާއަށް ލިބުނީ އަނެއްކާވެސް އިތުރު ހައިރާން ކަމެކެވެ. މާކިންގެ ބަދަލަށް އޭނާ އެމަޤާމަށް ފޮނުވަނީ ކީއްވެ ހެއްޔެވެ؟
"އެއީ ކީއްކުރަން؟" ޖަނާ އެންމެ ކުރުކޮށް ސުވާލު ކުރިއެވެ. "އެއީ ޖަނާ އެކުއްޖަކާ ބައްދަލުކޮށްފަ އެއީ ކޮންކަހަލަ ކުއްޖެއްކަން ބުނީމަ އަހަރެންނަށް އިތުރަށް ކުރިއަށް ދާން އެނގޭނީ. ފިރިހެނަކަށްވުރެ އަންހެނެއްގެ ގޮތް ދެނެގަންނަން ފަސޭހަވާނީ އަންހެނަކަށެއްނު." މާކިން ކިޔައިދިނެވެ. "ނުވިސްނުނު." ޖަނާ އިނީ ލޯ ބޮޑުކޮށްލައިގެންނެވެ. "ގިނަ އަންހެންކުދިންނަކީ ވަރަށް ދެއްކުންތެރި ބައެއް. ދެނެގަންނަން މަސައްކަތް ކުރާ މީހެއްގެ ލޮލުގަ އަނދުން އަޅުވާފަ އެމީހުން އަބަދުވެސް ދައްކާނީ އެމީހުން ބޭނުން ކުލައެއް. އެހެންވެ އަހަރެން ޖަނާގެ އެހީ ބޭނުންވަނީ." މާކިން އަދިވެސް ވާހަކަ ބެހެއްޓީ ދުރުންނެވެ. "ކީއްވެ އަހަރެން؟" އެހިސާބުން ޖަނާގެ ހިތުގައި އޮތް ބޮޑު ސުވާލު ހުށައަޅާލިއެވެ. "ނަސީބު ދެރަކަމުން ތި ނޫނީ އަހަރެން ވާހަކަދައްކާ އުޅޭ އަންހެންކުއްޖަކު ނެތީމަ މަޖުބޫރުވީ." މާކިންގެ ވާހަކަ ހުރީ ޖަނާ ރުޅިއަރުވައިލާ ވައްތަރަށެވެ. ވީ ފޫހިން ތެދުވެގެން ހިނގައިދާނަމޭ ހިތަށް އަރާފައިވެސް ޖަނާ ކެތްކުރިއެވެ. އެފަދަ ދެވަނަ ފުރުސަތެއް ދެން ލިބޭނެ ކަމެއް ނޭނގެއެވެ.
"ކީއްވެ އަންހެންކުދިންނާ ވާހަކަ ނުދައްކަނީ؟" ޖަނާ ކުރިއަށް ދާން ފެށީ އަމިއްލަ ސުވާލު ތަކާއިގެންނެވެ. މާކިން އެވަގުތު ހަތަރުކަޅި ހަމަކޮށްލާފައި ހިމޭންވުމުން އޭނާ ބެލީ ލިބުނު ރަނުގެ ފުރުސަތެއް ކަމުގައެވެ. "ކުރިން ލޯބިވި ކުއްޖަކު ކާމިޔާބު ނުވީތަ؟ ނޫނީ އަންހެންކުއްޖަކު ބޭވަފާވީތަ؟" އޭނާ ސުވާލުތައް އަމުނާލައިފައި މާކިން ބުނާ އެއްޗެއް އަހަން އިނެވެ. "މިހާރު ތި މާބޮޑަށް ޕާސަނަލް ވަނީ." މާކިން ރައްދުދިނީ ހަމަޖެހިލާފައެވެ. އެމޫނުގެ ސީރިއަސްކަން ބަދަލުކޮށްލައި ހިނިތުންވެލި ގޮތުން ޖަނާ ރުޅިއައެވެ. އަމިއްލައަށް އައިސް އެކަމުގެ ތެރެއަށް އޭނާ ވައްދާފައި ސުވާލެއް ކުރާއިރަށް ދާއިރާ ދައްކާކަށް ރީއްޗެއް ނޫނެވެ. "މާކިންއެއް ނޫންތަ އަހަރެން މިކަމުގެ ތެރެއަށް ވެއްދީ. މާކިން އަހަރެން ކައިރިއަށް އެހީއަށް އެދުނީ. އަންހެންކުދިންނާ ވާހަކަ ނުދައްކާ ވާހަކަވެސް ތިބުނީ. އަދިވެސް އަހަރެން އަމިއްލައަށްތަ ޕާސަނަލް މިވީ. ޑިސްގަސްޓިން." ޖަނާ ރުޅިއައިސްގެން ކޮޅަށް ތެދުވިތަނާ މެއަށް ފިނިވެގެން ދިއުމުން ބަލައިލިއިރު މާކިން އިނީ އޭނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. "ކޮށްދޭނަންތަ ނޫނީ ނުކޮށްދޭނަންތަ؟" މާކިންގެ ލޮލުގައިވި އަސަރަކުން ދުރަށް ދާން ޖަނާ ފަސްޖެހުނެވެ. ފުރަތަމަ ފަހަރަށް މާކިން އޭނާ ގާތުން ކަމަކަށް އެދުމުން ބޮލާލައި ޖަހަން ހިތް ދެކޮޅުވިއެވެ. "ފުރަތަމަ ތަފްޞީލު ދިނީމައެއްނު އެއްޗެކޭ ބުނެވޭނީ. ތިކުއްޖާ ތީ ކޮންކަމަށް ބައްދަލު ކުރާ ކުއްޖެއް ކަމެއް އެނގުނީމަ އޭނަގެ ކިބައިން ވަކި ސިފަ ތަކެއް ހޯދަން އެނގޭނީ." ޖަނާ ތަންކޮޅެއް މަޑުމައިތިރިވެފައި ޖަވާބު ދިނުމުން މާކިން އަތުން ދޫކޮށްލިއެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލިއިރު ޖަނާގެ ހިތް އަދިވެސް ތެޅެމުން ދިޔައީ އެންމެ ބާރުމިނުގައެވެ.
"އޭނައާ މީޓްކޮށްފަ އައިސް އަހަރެންނަށް ބުނެދޭންވީ އެއީ އަހަރެން އިންނަން ރަނގަޅު ކުއްޖެއްތޯ ނޫނީ ނޫންތޯ." މާކިންގެ ވާހަކަ ނިމޭއިރަށް ޖަނާ ތެޅިގަނެފައި އެމޫނަށް ބަލާލައިފިއެވެ. "ވަޓް؟" ޖަނާ ސުވާލުކޮށްލީ ކޮންމެހެން އަޑު ނީވިގެނެއް ނޫނެވެ. އެކަމަކު ކަންފަތަށް އިވުނު ގޮތް ގޯސްވީ ކަމަށް ހީކޮށްފައެވެ. "ބައްޕަ އަހަރެން މީހަކާ ނީނދެ ހުންނާތީ ކަންބޮޑުވެގެން ބައްދަލު ކުރުވާ ކުއްޖެއް އެއީ." މާކިން ކިޔައިދިންއިރު ބަލަން އިނީ ސީދާ ޖަނާގެ މޫނަށެވެ. ޖަނާއަށް އެކަން އިހްސާސް ވެގެން އަނެއްފަރާތަށް އެނބުރިފައި ދަމުން ތަނާއި ގަޑިއެއް މެސެޖްކޮށްލަން ބުނެފައި ގޮސް ގެއްލުނެވެ.
އެތެރެއަށް ވަދެފައި ޖަނާ ހާސްކަމާއެކު ދެކޮޅަށް ހިނގަން ފެށިއިރު ހުމާ ހުރީ ޖޯޑު ތަކަކަށް ކޮފީ އަޅާފައި ތަބަކުގައި އަތުރާށެވެ. އޭނާ މަސައްކަތް ނިންމާފައި އެނބުރި ގޮވާލުމުން ޖަނާ ހުއްޓިފައި ބަލައިލިއެވެ. "އެންމެން މީހަކާ އިންނަން މިއުޅެނީ މީ އަލަށް ފެތުރޭ ރޯގާއެއްތަ؟" ޖަނާ ބުނި އެއްޗަކުން ހުމާ ޖަހައިލީ ހިނގަނޑެކެވެ. އެއީ ކޮންބައެއް ތޯ އޭނާ ސުވާލު ކުރީ އަދި ފަހުންނެވެ. "ޒަލަފް އަހަންނަށް ޕްރޮޕޯސް ކުރި ވާހަކަ ބުނީމެއްނު. މިހާރު....އަހަރެންގެ ރައްޓެއްސަކުވެސް އިންނަން އުޅެނީ." މާކިންގެ ވާހަކަ ބުނަން އުޅެފައި ޖަނާ ފަސްޖެހުނެވެ. މާކިން އެވާހަކަ އޭނާ ކައިރީ ބުނާނީ އިތުބާރު ކޮށްފައޭ ހިތަށް އެރުމުން އޭނާގެ ފުށުން އެހެން މީހަކަށް އަންގާކަށް ބޭނުމެއް ނުވިއެވެ. ހުމާ ވަކި އެއްޗެއް ނުބުނެ ނިކުމެގެން ދިއުމުން އޭނާ އެތާ އިނދެގެން ހައިރާންކަމާއެކު މާކިން ދެއްކި ވާހަކައާ މެދު ވިސްނިއެވެ. މާކިން ހަޤީޤަތުގައިވެސް މީހަކާ އިންނަން ތައްޔާރު ވަނީ ހެއްޔެވެ؟ ސުވާލަކީ މާކިންއަށް ކަމުދާނެ ކުއްޖަކާ ބައްދަލުވެދާނެ ކަމެވެ. އެކުއްޖަކީ ކޮބައިކަން ބަލައިލަން ޚުދު އޭނާވެސް ބޭނުމެވެ. މާކިންއަށް ކަމުދާނީ ކޮން ސިފަތަކެއްކަން ދެނެގަންނަ ހިތްވެއެވެ. ޔަޤީނުންވެސް އެކުއްޖަކު ވާނީ މިރެކަލްއަކަށެވެ.
ނިދާލައިފައި ތެދުވެ ސީލިންގަށް ބަލަން އޮތްއިރު ދީނާގެ ސިކުނޑީގައި ތަފާތު ހިޔާލުތައް ބުރުޖަހަމުން ދިޔައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ލިބުނު އުފާ ހާހުން ގުނާ އަދަދު ނުކުރެވުނަސް އޭނާ ދެރަވެސް ވެއެވެ. ޖެހިލުންވެއެވެ. އާއިލާއަށް ސިއްރުން ވަގަށް ލޯބިވެރިއަކު ގެންގުޅެމުން އެންމެފަހުން ފާފައަކަށްވެސް އަރައިގަނެވިއްޖެއެވެ. އެކަމަކު އެހުރިހާ ކަމަށްވުރެ އޭނާއަށް މުހިންމު ވީ ނާއިކްގެ އިތުބާރެވެ. ނާއިކް ކުރީ ރޭ އޭނާ ކިޔައިދިން ވާހަކަ ތަކުގައި ވަރި ކުރި އަނބިމީހާގެ ވާހަކަ ކިޔައިދެމުން ބުނީ އެއަންހެންކުއްޖާ ގާތްވާން ބޭނުން ނުވަނީ ހިތުގައި އެހެން ފިރިހެނެއްގެ ލޯބި އޮތީމައެވެ. ކޮންމެވެސް ހިސާބަކުން ވަކިވާން ގަސްތުކޮށްފައި ވާތީއެވެ. އޭނާ ބިރުން އުޅުނީ ދަރިއަކު ލިބިދާނެތީއެވެ. ޕްރޮޓެކްޝަންއެއް ބޭނުން ކުރަން ނާއިކް ޤަބޫލު ނުވާތީ ސިއްރުން ބޭސްވެސް ކަނިކޮށް ނާއިކް އަތުލައިގަތެވެ. ދަރިއަކު ލިބުމުން ދުރަށް ދާން އުދަނގުވެދާނެތީއެވެ. ދީނާގެ ނަޒަރުގައި އޭނާއަށް މިހާރު ނާއިކްގެ އިތުބާރު ހޯދިއްޖެއެވެ.
"ހޭލީތަ؟" ދޮރާއި ދިމާއިން ނާއިކް ވާހަކަދެއްކި އަޑަށް ދިނާ ބަލާލިއިރު ވަދެގެން އާދެއެވެ. ޖިންސާއެކު ގަމީސް ދެއަތަށް މަހާލައިފައި ހުރީ އަދި ގޮށް ނާޅުވައެވެ. ދީނާ ތެދުވެ އިށީންދެފައި މެއާއި ހަމައިގައި އޮތް ރަޖާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. "ދޭ ފެންވަރައިގެން އަންނަން. ކައިގެން ގެއަށް ދެވޭހާއިރު ދެން އޮތީ." ނާއިކް އައިސް ހުއްޓިފައި ބުނި ވާހަކައިން ދީނާއަށް ގަޑި ބަލައިލެވުނެވެ. ސުކޫލު ނިމުމާއި ހަމައަށް ދެން ހުރީ ގަޑިއިރެކެވެ. އޭނާ އަވަހަށް ތެދުވެފައި ބަލައިލެވުނީ ނާއިކްއަށެވެ. ނާއިކް އަލަމާރި ހުޅުވައިގެން ކޮންމެވެސް އެއްޗެއް ހޯދަން ހުރުމުން އޭނާ ރަޖާ ތިރިއަށް ދޫކޮށްލައިފައި އަވަހަށް ގޮސް ފާޚާނާތެރެއަށް ދެމިގަތެވެ. ބިލިގާ ފުރިފައި ހުރި ފެންގަނޑުތެރޭ ހުރި ފިނިފެންމާ ފިޔަތައް ފެނިފައި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ބަލަން ހުރެލާފައި ބިލިގާއަށް އެރި ފެންގަނޑު ތެރޭ އެހަށިގަނޑު ފޮރުވާލިއިރު އަޖައިބެއްފަދަ ހަމަޖެހުމެއް އިހްސާސްވިއެވެ. މަލުގެ ވަހުން ހިތް ފުރި އުތުރިއެރިއެވެ.
"ޕާސްތާ މީރުތަ؟" ޔުނީފޯމް އަޅައިގެން ދީނާ ނިކުތްތަނާ ނާއިކް އެހިއެވެ. މޭޒުދަށުގައި އޭނާ އިނީ ދީނާގެ އިންތިޒާރުގައެވެ. "ވަރަށްމީރު." ދީނާ ޖަވާބު ދީފައި ގޮސް އިށީނުމާއެކު ނާއިކް މަތިތައް ހިއްލާލިއިރު ޕާސްތާގެ އިތުރުން މީރުވައްތަރުޖަހާ ސެލެޑްގަނޑަކާއި ފޮނި އެއްޗެއްވެސް ހުއްޓެވެ. "ނިކްތަ މިހުރިހާ އެއްޗެއް ތައްޔާރު ކުރީ؟" ދީނާ ހައިރާންވިއެވެ. ނާއިކް އާއެކޭ ބުނުމުން އޭނާ ވާއުއޭ ކިޔާފައި ރަހަ ބަލާލިއިރު ނިކަން މީރެވެ. ހެނދުނު ރަނގަޅަށް ނާސްތާ ނުކޮށް ހުރުމުން ވެފައި ހުރި ބަނޑުހައި ކަމާއެކު ރަނގަޅަށް ކެވުނެވެ. ގެއަށް ދާންވެގެން ނާއިކް އޭނާ ގޮވައިގެން ދޮރާށްޓާއި ހަމައަށް އައިއްސައި ލުއި ހަދިޔާއަކުން ސިއްސުވައިލިއެވެ. ރަކިވެގެން މޫނުގައި އެއްއަތް އަޅާލައިފައި ދީނާއަށް ހޯދައިލެވުނީ މީހަކު ފެންނަން ހުރިތޯއެވެ. އޭނާ ވަދާޢު ކިޔާލައިފައި މަގުމައްޗަށް ނިކުމެގެން ގެއާއި ދިމާއަށް ދިޔައިރު އެމަގުގައި ތަންކޮޅެއް ދުރުގައި ސައިކަލުގައި އިން ފިރިހެނަކު ބަލަން އިން ކަމެއް ކުޑަކޮށްވެސް އިހްސާސެއް ނުވެއެވެ.
ހަވީރު ޑިއުޓީ ނިންމާފައި އައިސް ޖަނާ ތައްޔާރުވީ މާކިން ބުނި ތަނަށް ދާށެވެ. އޭނާ ނިކުމެ ޓެކްސީގައި އިނދެފައި އެޑްރެސް ބުނަން ވެގެން އަދިވެސް އެއްފަހަރު ފޯނުގައި އޮތް މާކިންގެ މެސެޖް ހުޅުވައިލިއެވެ. މަންޒިލާ ހަމައަށް ފޯރުމުން ފީ ދައްކާފައި ގޮސް އިނީ ރެސްޓޯރެންޓްގެ އެއްކަނެއްގައެވެ. "ކިހިނެތް އަހަރެން އެކުއްޖާ ފާހަގަ ކުރާނީ؟" ޖަނާ ވަންނަ މީހުންނަށް ބަލަން އިނދެފައި މާކިންއަށް މެސެޖް ކޮށްލިއެވެ. އިރުކޮޅަކުން މާކިން ޖަވާބު ފޮނުވާފައި އޮތީ އެކުއްޖާ ލައިގެން ހުންނާނީ ނޫ ގަމީސްކޮޅަކާއި މުށި ސްކިނީއެއް ކަމެވެ. ވޭޓަރ އައުމުން އެއްޗެއް ގެންނާނީ ފަހުންނޭ ކިޔާފައި އިންދާ ދޮރު ހުޅުވާލި އަޑާއެކު އަނެއްކާވެސް އެދިމާއަށް ލޯ ދަތުރުކޮށްލިއެވެ. އެވަގުތު ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް ބިރު ނުގަންނަ ވަރަށް ޖަނާ ބިރުގަތީ ވަދެގެން އަންނަ އަންހެންކުއްޖާ ފެނިފައެވެ. ނޫ ގަމީސްކޮޅާއި ހުދު ސްކިނީގައި ހުރެގެން ވަށައިގެން ލޯ ހިންގަމުން އެ އަންނަނީ ދެވަނަ ދެމީހެއް ނޫނެވެ. އެއީ މައުވާއެވެ. ޖަނާ މައުވާއަށް މޫނު ނުފެންނާނެހެން މޫނުގެ އެއްފަރާތުން އަތް އަޅާފައި ތެދުވެގެން ގޮސް ބޭރަށް ދެމިގަތްއިރު މާކިން ކޮށްފާނެ ސުވާލުތަކާމެދުވެސް ވިސްނައެއް ނުލައެވެ.
މަގުމަތީ ހުރެފައި ގޭގައި ތޯ ބަލަން މެސެޖް ކުރުމުން މާކިން ބުނީ ގޭގައި ކަމަށެވެ. ގެއަށް ދިއުމުގެ ބަދަލުގައި މަންމަ ގެއަށް ޖަނާ މިސްރާބު ބަދަލުކޮށްލީ އެހިސާބުންނެވެ. އޭނާ ބެލް ޖެހިއިރު ތަކުރާރުކޮށް ދުޢާ ކޮށްލެވުނީ މާކިން ނޫން މީހަކު ދޮރު ނުހުޅުވުމަށެވެ. "ކޮބާ މަންމަމެން؟" މާކިން ދޮރު ހުޅުވާލުމުން ޖަނާ ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލައިފައި ދުރު ހޯދައިލިއެވެ. "ނެތް ގެއަކު." މާކިން ދާން ފެށީ ކޮޓަރިއާ ދިމާއަށެވެ. ފަހަތުން ދާންވީއެއް ކަމެއް ނޫނީ ހުންނަންވީ ކަމެއް ނޭނގިފައި ޖަނާވެސް ކުރިއަށް ދެފިޔަވަޅެއްވަރު އެޅިތަނާ މާކިން ކުއްލިއަކަށް ހުއްޓުމުން ބުރަކަށީ ލައިނުގަތީ ކިރިޔާއެވެ. "އަހަރެން މިއައީ އެކުއްޖަޔާ ބައްދަލުކޮށްފަ." ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ޖަނާ އިއްވައިލިއެވެ. "ދެން؟" މާކިން ސުވާލުކޮށްލީ ފަރުވާކުޑަ ރާގަކަށެވެ. އޭނާ ފަސްއެނބުރި ބަލައިވެސް ނުލައި ހަމައެކަނި ކުޑަކޮށް އެއްފަރާތަށް މޫނު އަނބުރާލީއެވެ. "އެއީ ކަމުދާ ކުއްޖެއް ނޫން. އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހޭ." މާކިން ނުބަލާ ހުރުމުން ޖަނާއަށް ޖަވާބު ދޭން ފަސޭހަވިއެވެ. އޭނާ އެހެން ބުނެލިއިރު އަނގައަށް ނުބައި ވައްތަރެއްވެސް ޖައްސައިލިއެވެ.
"ކޮބާ މައްސަލައަކީ؟" މާކިން އެނބުރިފައި ކުރިމަތިލި ލުމުން ޖަނާ ގޮސް އިށީންދެލީ ސޯފާގައެވެ. ރައްދު ދޭން އުދަނގޫވެފައި ޖަނާ ބަލައިލި ގޮތުން މާކިން ޝައުޤުވެރިވިއެވެ. އެހިތުގައި އޮތް އެއްޗެއް ބަލަން އޭނާ ކެތްމަދުވިއެވެ. "ޝީޒް އެ ބިޗް." ޖަނާ ފުރަތަމަ ފަހަރަށް އެވައްތަރަށް ވާހަކަ ދެއްކުމުން މާކިން ހުރީ މަޖާވެފައެވެ. އޭނާ ކުޑަކޮށް ހިނިތުންވެލާފައި ޖަނާ ބަލައިލަން ވާއިރަށް ބުމަ ގޮށް ޖަހާލައި ސީރިއަސް ކުލަވަރު ދައްކާލައިފިއެވެ. "ތިދަނީތަ؟" އޭނާ ދެއްކި ވާހަކައަށް މާކިން ބުނާ އެއްޗެއް ބަލަން ބޭނުންވެފައި އިންދާ ފުރަގަސްދީފައި ކޮޓަރިއަށް ވަންނަން ދިއުމުން ޖަނާއަށް ގޮވައިލެވުނެވެ. މާކިން އެނބުރި ބަލައިލިއިރު ޖަނާ އެމޫނަށް ބަލަން އިނދެގެން އަވަސް އަވަސްކޮށް އެސްފިޔަ ޖަހައިލިއެވެ. "އަހަރެން ގަސްތުކުރަނީ އިތުރަށް އެކުއްޖާ ދެނެގަންނަން. ޑޭޓް ކުރަން." މާކިން ޖަނާ އާޝޯހު ކުރުވާފައި ޖަވާބުދިނެވެ. އެއަޑު އަހައިގެން ޖަނާ ފުންމައިގެން ތެދުވިގޮތަށް "މޮޔަވީހޭ" ކިޔާލިއިރު މާކިން ވިސްނަފާނެ އެއްޗަކާމެދުވެސް ފަރުވާލެއް ނުބެހެއްޓުނެވެ. މައުވާއާ މާކިންގެ ގުޅުން ބަދަހިވާން ދޫކޮށްލުމަކީ އަމިއްލައަށް އަލިފާންގަނޑަކަށް އެރުން ފަދަ ކަމެކެވެ. ނޫނެކެވެ. ނޫނެކެވެ. އޭނާ އެކަން ވިޔަކަ ނުދޭނެއެވެ.
"އަހަރެން ބޭނުން މީހަކާ ޑޭޓް ކުރަން ނިންމުން އެއީ މޮޔަވުންތަ؟" މާކިން އެނބުރި ކަޅި އަޅައިލިގޮތުން ޖަނާ ރަކިވިއެވެ. "އަހަރެން ބަހަކީ އެއްޗަކަށް ނުވާއިރު ދެން ކީއްވެ އަހަރެން ކައިރީ އޭނަޔާ ބައްދަލުވާން ބުނީ؟ ކިހާ ވަގުތެއް ބޭކާރު އެވީ." ޖަނާ ޝަކުވާ ކުރިއެވެ. "ނޫނޭ. ބޭކާރެއް ނުވޭ. ޖަނާ މީޓްކޮށްފަ ދިން އޮޕީނިއަން އަހާފައޭ އަހަރެން އޭނައާ ޑޭޓް ކުރަން ނިންމީ. އެއީ އަހަރެންނަށް އިނގޭ ޖަނާއަށް ކަމުދާ ކުދިންގެ ކަންތައް ހުންނާނީ ޖަނާ ތިހުންނަ ގޮތަށްކަން. އަހަންނަށް ކަމުދަނީ އޭގެ އިދިކޮޅު." މާކިން ޖަނާ ރުޅިއަރުވާލައިފައި ގޮސް ގެއްލުމުން ލޮލުން ބުރި އަލިފާންކަނިތައް ކަރުނައިގެ ސިފަ އިޚުތިޔާރު ކުރާކަށް ގިނައިރެއް ނުނެގިއެވެ. އޭނާ އިނދެ އިނދެފައި ތެދުވެ މާކިން ކޮޓަރި ދޮރާއި އަމާޒުކޮށް ކުޝަންތައް އުކަނިކޮށް މާކިން ކުއްލިއަކަށް ދޮރުހުޅުވާލުމުން ފަހުން އެއްލި ކުޝަން އަމާޒުވީ އެމޫނަށެވެ. "މީ ކޮންކަމެއް؟" މާކިން ހުޝިޔާރު ކަމާއެކު ކުޝަން ހިފާފައި ތިރިކޮށްލިއިރު ޖަނާ ކުއްލިއަކަށް ތިރިވީ ސޯފާ ފުރަގަހަށެވެ. މާކިން އެހާ އަވަހަށް ނިކުމެދާނެ ކަމަކަށް އޭނާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ލޮލުން ކަރުނަ އައުންވެސް ހުއްޓިއްޖެއެވެ. އޭނާ ކުޑަވައި އިނގިލި ދެދަތްޕިލަ ދޭތެރޭ ފިއްތަމުން ދެން ހަދާނެ ގޮތެއް ވިސްނަން އިންދާ މާކިންގެ ފިޔަވަޅުތައް ކައިރިވާ އަޑު އިވުމުން ނުފެންނާނެ ގޮތް ބަލައިގެން ބުޅަލެއްހެން ފިރުކިފައި ގޮސް އަނެއް ސޯފާގެ ފުރަގަހަށް ވަދެއްޖެއެވެ.
"އަހަރެންނަށް އިނގޭ ޖަނާ ރުޅި އައިސްގެންކަން ތިއުޅެނީ. އެކަމަކު ކީއްކުރާނީ ދުނިޔޭގައި އުޅެނީ އެކި ވައްތަރު މީހުން. އަހަރެން ކަހަލަ މީހުންނާއި ޒަލަފް އަދި ޖަނާގެ އެކްސް ކަހަލަ މީހުން." މާކިން ފެށި ވާހަކައަކުން ޖަނާ ކުޑަކޮށް ބޯ އަރުވާލިއިރު މާކިން ހުރީ ތަންކޮޅެއް ދުރުގައެވެ. ޖަނާ އެމޫނަށް ނުބަލަން އަނެއްފަރާތަށް އެނބުރިފައި ދެކަކޫ މައްޗަށް ތެދުވެ ސޯފާގައި ބުރަކަށި ޖައްސައިލިއެވެ. މާކިން ކުއްލިއަކަށް އެހެން އެބުނީ ކީކޭ ކިޔާނަމޭ ހިތާ ހެއްޔެވެ؟ "މާޒީވި ތަނަށް ބަލާފަ އަހަރެންނަށް އިނގޭ އަހަރެން ޒަލަފްއާ ބެހޭ ގޮތުން ބުނާ އެއްވެސް އެއްޗެއް ޤަބޫލުކުރަން ޖަނާއަށް އުދަނގޫ ވާނެކަން. އެކަމަކު އެންމެ ކައިރިން އޭނާގެ ކަންތައްތައް ދުށް މީހަކަށްވެ ހުރެ އަހަރެން ބުނާނީ ޖަނާ ދެވަނަ ފަހަރަށް ހަޔާތެއް ފަށަން އެއަށްވުރެ ރަނގަޅު ޗޮއިސްއެއް ނެތޭ. ޖަނާއަށް އެންމެ ރަނގަޅު ދިރިއުޅުމެއް ހޯދަދެވޭނީ ޒަލަފްއަށް. އިރެއްގައި އޭނަގެ ކިބައިގައި ނުބައި އާދައެއް ހަރުލާފައި ހުއްޓަސް ޒަލަފް އެހުރިހާ ކަމެއް ދޫކޮށްލައިފި. ކުޑަމިނުން އޭނަ އެހުރީ ޖަނާގެ ރުހުން ލިބިއްޖެއްޔާ އާއިލާ ދޫކޮށްފަވެސް ޖަނާގެ މީހަކަށް ވާން ތައްޔާރަށް." މާކިން އަމިއްލަ ހިތުގައި އަތް އަޅާފައި އަދިވެސް އެއްފަހަރު އެކުވެރިޔާއަށްޓަކައި ވަކާލާތު ކުރިއެވެ. ޖަނާ އެއްޗެއް ނުބުނުމުން އޭނާގެ މެސެޖް ފޯރުކޮށްދެވުނު ކަމަށް ބަލާފައި ތަންކޮޅަކަށް ދިޔަތަނާ ޖަނާ ތެދުވެފައި ގޮވާލި އަޑު އިވުނެވެ.
"އަހަރެން ބުނަންތަ އަހަރެން ނިންމި ގޮތް. މާކިންއަށް އޭނަ ކަމުދިޔައީމަ އަހަރެންވެސް ނިންމައިފިން އޭނައާ ނުގުޅެން." ޖަނާ ޖެހިލުންކުޑަ ކަމާއެކު ޖަވާބުދިން އަޑުއިވިގެން މާކިންއަށް ތެޅިގަނެވުނެވެ. އޭނާ އެނބުރުނު އިރު ޖަނާ ހަށަން ބަނދެލަނީއެވެ. "މޮޔަވީތަ؟" މާކިންގެ އަނގައިން ނިކުތެވެ. "އަހަރެން ބޭނުން ގޮތަކަށް ނިންމީމަ އެއީ މޮޔަވުންތަ؟" ޖަނާ ތަކުރާރުކޮށްލީ މާކިން ކުރިން ބުނި ޖުމްލައެވެ. އޭނާ އައި ގޮތަށް އައިސް މާކިން ކުރިމައްޗަށް ހުއްޓި ހަށަން މޮހާލައިފައި އަތް އުފުލާލައި މާކިން މޭގައި ޝަހާދަތް އިނގިލި ވިއްދާލިއެވެ. މާކިން ހުރީ ޖަނާ ކުރަން އުޅޭ ކަމެއް ނުވިސްނިގެން ހައިރާންވެފައެވެ. "ހަމައެކަނި މާކިންއަށް އެގޮތް ކަމުގޮސްގެން ހިޔާލު ދިނީތީ އަހަރެން މިގޮތަށް މިނިންމީ. ކެރޭނެތަ އެކުވެރިޔާ ކައިރީ އަހަރެންގެ ޖަވާބު ބުނެދޭން؟" ޖަނާގެ ލޮލުގައިވީ ޖެހިލުން ކުޑަ ކަމެވެ. ހަމަކުއްލިއަކަށް އެހާ ހިތްވަރެއް އައިސްގެން އެއުޅެނީ ކޮންތާކުން ކަމެއް ނޭނގެއެވެ.
"ޖަނާ؟ އެހެން މީހުންގެ އިހްސާސްތަކަކީ ސަމާސައެއް ކަމަށްތަ ހީކުރަނީ؟ އަހަންނަށް އިނގޭ ޖަނާ އަދިވެސް ޒަލަފްދެކެ ލޯބިވާކަން." މާކިންގެ ހިތަށް އެއްފަހަރާ އެތައް ގޮތެއްވިއެވެ. އޭނާ ޖަނާގެ އަތުގައި ހިފާ ފޮޅުވާލައިފައި އަނެއްފަރާތަށް އެނބުރުނުއިރު ނިއްކުރީގައި ހިފަހައްޓާލެވިއްޖެއެވެ. އޭނާއަށް މިކުރެވުނީ ކީއް ހެއްޔެވެ؟ އޭނާގެ ސަބަބުން ޖަނާ ޒަލަފްއާ ނުގުޅެން ނިންމި ނިންމުމުގައި ހިފަހައްޓަފާނެ ހެއްޔެވެ؟ "އަހަރެން އެއްފަހަރުވެސް ބުނިތަ ޒަލަފްދެކެ ލޯއްބެއް ނުވެއޭ؟ އަހަރެން މިބުނީ އަހަރެންދެކެ ތިހާ ނަފްރަތު ކުރާ މީހަކު އަހަންނާ ޒަލަފް ގުޅެން އެދޭތީއޭ އެކަން ކުރަން ބޭނުން ނުވަނީ. ހެޔޮ ހިތަކުން ނޭނދި ކުރާ ކަންތައް ބާއްޖަވެރިއެއް ނުވާނެ. ކިހިނެތް އެނގެނީ މިފަހަރުވެސް އަހަންނާ ޒަލަފްގެ ރިލޭޝަން ވޯކް ކުރާނެ ކަމެއް. މާކިންގެ ނަފްރަތުން އަހަރުމެންގެ ގުޅުމަށް އެސްފީނާއެއް ޖެހިއްޖެއްޔާ....." ޖަނާ ވާހަކަ ދައްކަ ދައްކާ ހުއްޓާ މާކިން ބާރުބާރަށް ބުނެލި އެއްޗަކުން މެދުކެނޑުނެވެ.
"ކީކޭ ތިބުނީ؟" ޖަނާ ބޭނުންވީ ޔަޤީން ކުރާށެވެ. ފުރަގަސްދީގެން މާކިން ހުރެފައި ބަލައިލަން ވާއިރަށް އޭނާ އެތުންފަތުގައިވާ ހިނިތުންވުން ވަންހަނާ ކޮށްލިއެވެ. "އަހަރެން ޖަނާއަށް ހޭޓްއެއް ނުކުރަން." މާކިން ތަކުރާރުކޮށްލިއިރު އެލޮލުގައި އެއްފަހަރާ އެތައް އަސަރެއް ވިއެވެ. "ކިހިނެތް އަހަރެން ޤަބޫލު ކުރާނީ؟" ޖަނާ އަދިވެސް ހުރީ ގޮތުގައެވެ. " އައި ޑިޑް ޕްރެޓެންޑް ބިކޯޒް އިޓް ވޯޒް ނެސެސެރީ. އެން އިޓް ސްޓިލް އިޒް." މާކިން ދިން ޖަވާބުން ޖަނާއަށް ވިސްނަންވީ އެއްޗެއް ނޭނގިފައި ބަލަން ހުރެވުނެވެ. އާޝޯހުވެ އަނގަ ހުޅުވިފައި ހުއްޓާ މާކިން ގެއިން ނިކުމެގެން ދިޔައިރު ހުއްޓުވާކަށްވެސް ހެއެއް ނޭރިއެވެ.
*****
ޖަނާ ޝިވަމް ކައިރިއަށް ދިޔައިރު ހުރީ ފުން ވިސްނުމެއްގައެވެ. ޝިވަމް ހީކުރީ އެންމެފަހުން ދުވަހު ފަދައިން ވާހަކަ ކުރިއަށް ނުގެންދަން ބޭނުންވެގެން އިނީ ކަމަށެވެ. "ޝިވަމް ބުނެބަލަ! ދަރިފުޅަށްޓަކައި އަހަރެން ކޮންމެހެން ހިތް ނޭދޭ ޗޮއިސްއެއް ހިޔާރު ކުރުމަކީ ގޯހެއްތަ؟" ޖަނާ ކުއްލިއަކަށް އަހައިލި ސުވާލުން ޝިވަމް ހައިރާންވިއެވެ. އޭނާ އިތުރަށް އޮޅުން ފިލުވަން ސުވާލު ކުރުމުން ޖަނާ ހާސްވެފައި ބަލައިލީ ހެޔޮ ވިސްނުން އައިސްގެން ކަންބޮޑުވި މީހަކު ފަދައިންނެވެ. އެހިސާބުން އޭނާ ކިޔައިދޭން ފެށީ އެންމެ ރެއެއްގެ ލޯއްބާއި އަޅައިލުމަށްފަހު ނާއިކް އޭނާ ލެބް ރެޓަކާއި ދާދި އެއް ދަރަޖައަށް ގެންގޮސް ކަންތައް ކުރަން ފެށި ގޮތުގެ ވާހަކައެވެ. ފުރަތަމަ އެކަމެއް ކުރީ ކަނު ބަނދެގެން ބާއްވާފައެވެ. ޖަނާއަށް ކޯއްޗެއްކަން ނޭނގޭހާ ހިނދު ހީލި ކަރުވައިގަނެގެން ހުނެވެ. ހީކުރީ ކެހެރިގަނޑު ލާފައި ހުރި ބުދެއް ކަހަލަ އެއްޗެއް ކަމަށެވެ. ދިރޭ އެއްޗެއްކަން އެނގުނީ އޭތި ލައްވައިލި އަޑަކުންނެވެ. އެވަގުތު އޭނާ ބިރުން ލޯމަތިން ފޮތިގަނޑު ދަމައިގެންފާ ބުޅާ ފެނިގެން އަޑުގާ ނެތްތަނަށް ހަޅޭތްލައިގެންފައި ދުވެ ފިލިއެވެ. ނާއިކް ހީލަ ހީލާ ހުރިގޮތުން އެދުވަހުވެސް ފުރަތަމަ ކުރެވުނީ ކުށްހީއެކެވެ. އެއީ ނާއިކްގެ އެންމެ ފަހަރެއްގެ ސަމާސާ ދެން ތަކުރާރު ނުވާނެ ކަމަށެވެ. ފަހުން އޭނާ ނުރުހުމުން ގަދަކަމުންވެސް ބޭނުންހާ ކަމެއް ކުރަން ފެށިއެވެ.
ޖަނާއަށް އިތުރަށް ކުރިއަށް ނުގެންދެވިގެން އުޅޭތަން ފެނިގެން ޝިވަމް އެދުނީ މެދުކަނޑާލުމަށެވެ. އޭނާ ޖަނާއަށް ފެންތައްޓެއް ދީފައި ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓުނުއިރު ހުރީ އަސަރުކޮށްފައެވެ. އެކަމަކު އެހިސާބުން އޭނާގެ ހިތުގައި އުފެދުނީ މާބޮޑު ސުވާލެކެވެ. އެއީ އެވަރުގެ މީހެއްގެ ފަރާތުން ސަލާމަތް ނުވެ ޖަނާ ހުރީ ކީއްވެ ހެއްޔެވެ؟ ދުރަށް ނުގޮސް ހުންނަން މަޖުބޫރުވީ އޭގެ ފަހަތުގައިވާ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެކަށީގެންވާ ސަބަބެއް ނެތި ޔަޤީނުންވެސް އެއީ ޤަބޫލު ކުރެވޭ ފެންވަރުގެ ވާހަކަތަކެއް ނޫނެވެ. އަނެއްކާ ޖަނާ އޭނާއަށް ކަމެއް ސިއްރު ކުރަނީ ހެއްޔެވެ؟ ޖަނާ ހަމަޖެހުނުތަން ދެކެފައި ޝިވަމް އައިސް އެސުވާލު ޖަނާއާ ކުރިމަތި ކުރިވިއެވެ. އޮޅުވާލަން އުޅެގެން ކާމިޔާބު ނުވާނެކަން ޖަނާއަށް އަންގައިދިނީ ޝިވަމްގެ ޖާސޫސީ ދެލޮލެވެ. އެހިސާބުން ޖަނާ ނިންމީ އެންމެފަހުން ހަޤީޤަތް ހާމަ ކުރުމަށެވެ. އެހެންނޫނަސްޝިވަމް ކައިރީ ބުނާ ކޮންމެ ވާހަކައަކީ އޭނާ އަމިއްލަ ޞަމީރު ކައިރީ ބުނާ ވާހަކައެކޭ އެއްގޮތް ވާނެއެވެ.
"ނާއިކްއާއެކު އުޅުނީ އޭނަ އަހަރެންގެ އެންމެ ބޮޑު ސިއްރު ރައްކާތެރިކޮށްދޭން ވަޢުދުވީމަ. އެއީ ދުނިޔޭގެ އެއްވެސް މީހަކަށް އަންގަން އަހަރެންނަށް ދޫނުކޮށްލެވޭނެ ސިއްރެއް." ޖަނާ އިއުތިރާފްވިއެވެ. އޭނާ އިސްއުފުލާލިއިރު ޝިވަމް ބަލަން އިނީ އެސިއްރު ހާމައަށް ދޫކޮށްލާނެ ވަގުތެއްގެ އިންތިޒާރުގައެވެ.
"އަހަރެންގެ ދަރިފުޅުގެ ބައްޕައަކީ ނާއިކްއެއް ނޫން. އެހެން މީހެއް." ޖަނާ ބުނެލިއެވެ.