"ކޮންއިރަކުން އަހަރެން ކައިރީ މިކުޑަކުއްޖާގެ ވާހަކަ ބުނަން ގަސްތުކޮށްގެން ތިހުންނަނީ؟" ޖުމައިލާ ކުރި ސުވާލު މާކިންގެ ކަންފަތާއި ހަމައަކަށް ނުފޯރައެވެ. ކަޅި ޖަހާނުލާ އަމިއްލަ ފޮޓޯއަށް ބަލަން އިންދާ މާ ކުރީގެ ހަނދާންތަކެއް ސިކުނޑިއަށް ވާންކުރަމުން އައިސް ހިތުގެ ލޯގަނޑުން ފެންނަން ފެށިއެވެ.
*****
"އަހަރެން ހީކުރީ މާކިން އަހަރެންނަށް ދައްކާ ރުޅިއަކީ މާކިންގެ ތަފާތު މިޒާޖު ކަމަށް. ޒަލަފް އެގޮތަށް ވިސްނަދޭތީ އެގޮތަށް ޤަބޫލުކުރަން އަބަދުވެސް މަސައްކަތް ކުރީ. އެކަމަކު މިހާރު އެނގިއްޖެ އެއީ އަހަރެންނަށް ކުރާ ނަފްރަތުކަން. އެހެންނޫންނަމަ މިހާ ދުވަހު ޒަލަފްގެ އެންމެ ކައިރީގައި އޭނާ ކުރާ ހުރިހާ ކަމެއް ދެނެ ހުރެ ސިއްރުކޮށް ނުހުންނާނެ." ޖަނާ މާދުރަށް ގޮސް ގެއްލުނު ފަހުން މާކިން އޮށޯވެލައިގެން އޮތްއިރު ކަންފަތުގައި ގުގުމާފައި ހުރީ އެބަސްކޮޅެވެ. ނިދަން އުޅެ އެކަން ކާމިޔާބެއް ނުވިއެވެ. ހިތް ހަލާކުވެފައިވާ ހާލުގައި ޖަނާ އެކަނިމާއެކަނި ދާން ދޫކޮށްލެވުނީތީ ކަންބޮޑުވާން ފެށިއެވެ. ވީ ގޮތް ބަލައިނުލައި ހަމަ ނޭވާއެއް ނުލެވޭނެކަން ކަށަވަރެވެ.
ފެންނަ ހިސާބުގައި މީހަކު ނެތްކަން ޔަޤީންކޮށްފައި މާކިން ގޮސް ޖަނާމެންނަށް ހާއްސަކޮށްފައި ހުރި ޓެންޓް ކައިރީ ކުޑަކަކޫ ޖަހާލިއިރު ހިތް ތެޅެމުން ދިޔައީ އެންމެ ބާރުމިނުގައެވެ. ސިއްރު ސިއްރުން ޒިބު ތިރިކޮށްލުމާއެކު ޓެންޓްތެރޭގައި ހަމައެކަނި ހުމާ އޮތުމުން މެއަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސައިލި ހެންނެވެ. ހާސްވެގެން މުޅި މީހާ ދާހިއްލައިލަން ނެގީ ސިކުންތުކޮޅެކެވެ. އެތެހަށީގެ އުދާސްކަން އެކަނިވެސް ރޭގަނޑުގެ ފިންޏަށްވުރެ ކުރި ހޯދައިފިއެވެ. މީހަކު ހީކޮށްފާނެ އެއްޗެއް ނުބަލައި އޭނާ ފެންނަހާ މީހަކު ކައިރީ ޖަނާ ފެނުނުތޯ އަހަމުން ހިނގިއެވެ. ދުރު ދުރަށް ދާންދެން ގޮނޑުދޮށް ބަލައި އެންމެފަހުން ޓޯޗެއް ހިފައިގެން ގަސްތަކުތެރެއަށް މިސްރާބު ޖެހިއެވެ. ގަސްތައް ފުރާނާލައިފައި ބިމަށް އެޅިފައިވާ ކޮކާ ހަނދުވަރު އެހީއަކަށް ވުމުން ބައްތީގެ މާބޮޑު ބޭނުމެއް ނުޖެހުނެވެ. ރަށުގެ އެއްކޮޅުން އަނެއްކޮޅަށް ދެވޭނެހެން ކޮށާފައިވާ ހިމަ މަގުތައް ހުރުމުން ހިނގަން އުދަނގުލެއް ނުވިއެވެ. އެކަމަކު އުންމީދުގެ ހުޅުކޮޅަކީ އަބަދަށް ދެމިގެންދާނެ އެއްޗެއް ނޫނެވެ. މާކިންއަށްވެސް ވީ އެހެންނެވެ. އޭނާ ބައެއްފަހަރު ހިނގަމުން އަނެއްބައިފަހަރު ދުވަމުން ގޮސް ތުނޑީކޮޅަށް ނިކުމެވެން ކައިރިވީއިރު ހުންނަން ޖެހުނީ ހުސްއަތާއެވެ.ދުރު ދުރަށް ދާންދެން އެކަކުވެސް އެހިސާބަކު ނެތެވެ. ދެން ޖަނާ ނުފެންނާނެ ކަމުގައި ހިތް ބުނެލުމުން ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އޮހިގެންފިއެވެ. އިތުރަށް ކޮޅަށް ހުންނާނެ ހިތްވަރު ނެތިގެން ދެކަކޫ މައްޗަށް ތިރިވެވުނެވެ. ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޖަނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ ހުރީ ހެޔޮހާލުގައި ކަމެއް ނުވަތަ ނޫންކަމެއް އޮޅުންފިލާނީ ކިހިނެތް ހެއްޔެވެ؟ ކަރުނަތައް އޭގެ އިޚުތިޔާރުގައި ފައިބައިގެންދާން ދޫކޮށްލައިފައި މާކިން ސުވާލު ކުރަން ފެށީ އަމިއްލަ ހިތާއެވެ. އިސްޖެހިފައި އޭނާ އިންއިރު ދުރުން ދެފަހަރެއްގެ މަތީން ވިދުވަރުގެ އަލި ފެނިފައި ވައިރޯޅި ގަދަވާ އަތަށް އެޅިއެވެ. އިސާހިތަކު ތަރިތައް ފިޔަޖަހަ ޖަހާ ހުރި އުޑުމައްޗަށް ބޯ ވިލާތައް އެއްވެ އަންނަން އުޅޭ ތޫފާނުގެ ރަތް ސިގްނަލްތައް ދޭން ފަށައިފިއެވެ.
ވައިރޯޅި އައިސް ކަންފަތް ދޮށުގައި ކިޔައިލި ސިއްރެއްހެން އިރުކޮޅަކުން ކަންފަތުގައި ހަރުލީ ދެމީހެއްގެ ހުނުމުގެ އަޑެވެ. މާކިން ސިއްސައިގެން ގޮއްސައި ކުއްލިއަކަށް ތެދުވެ ބައްތި އަލިކޮށްލިއިރު އަތުގުޅުވާލައިގެން ތިބި ޖޯޑު ނިކުމެގެން އައީ އޭނާ އައި މަގުންނެވެ.އޭނާ ކަންތައް ކުރި ގޮތުން އެދެމީހުން ހިތްހަމަ ނުޖެހިގެން އަންހެންކުއްޖާ ފާޑަކަށް އަނގަ ހަދާލައިފައި ދިއުމުން މާކިން އެނބުރި އައިކޮޅަށް ދާންވެގެން އެނބުރިލި ވަގުތުވީ ނަސީބު އަތުގައި ހިފި ވަގުތުކޮޅަށެވެ. އޭނާ ހުރި ހިސާބުން ދެވެން އޮތް އިތުރު މަގަކުން ހިނގާލައިފައި ޖަނާ އައީ އެހިތުގެ އަޑު އިވިގެން ނޫންކަމެއްވެސް ނޭނގެއެވެ. ލިބުނު އުފަލުގައި ހިނިތުންވެނުލެވި އުޅެނިކޮށް އޭނާގެ ސަމާލުކަމަށް އައީ ޖަނާގެ ހިނގުމާއި ހަރަކާތްތަކެވެ. އެއްލެމުން އެއްލެމުން ކައިރިއަށް އައި ގޮތް ފެނިފައި ވެގެން އުޅޭ ގޮތް ދެނެގަންނާކަށް އޭނާ ސިކުންތެއްވެސް ނުނަގައެވެ. އެތަކެއް ސުވާލު ތަކުން ސިކުނޑިއަށް ވާންވެގެން އައިއިރު އަނެއްކާވެސް ކަރުނުން ލޯ ފުރިގެން އައެވެ. އެވަރުގެ ބޮޑު ކަމެއް ޖަނާ ކުރީ ޒަލަފްގެ ބޭވަފާތެރިކަން ދެކެފައި ހެއްޔެވެ؟ އަމިއްލަ ހޭބުއްދިއަށްވުރެ ބޮޑަށް ޖަނާ ޒަލަފްދެކެ ލޯބިވަނީ ހެއްޔެވެ؟ ނޫނީ އެއީ މީހެއްގެ ނުބައި ރޭވުމަކަށް ވެދާނެ ބާވައެވެ. އެމައުސޫމު ފުރާނައަށް ގެއްލުމެއް ދޭން އެދޭނެ މީހަކު ހުރުމަކީ ނާދިރު ކަމެކެވެ.
ހަރަކާތެއް ނުގެނެވިފައި މާކިން ހުއްޓާ ޖަނާއަށް އެހަށިގަނޑު ނުހިފޭއްޓިގެން އެއްފަރާތަކަށް ދާތަން ފެނިގެން އަވަހަށް އަތުގައި ހިފައި ގާތަށް ދަމާލައިފައި ގެނެސް އެދެއަތުތެރޭ ފިއްތާލެވޭނެ އެންމެ ބާރަށް ޖަނާ ފިއްތައިލިއެވެ."ޖާން އައެމް ސޮރީ. އައެމް ސޮރީ އަހަރެންނަށް ލަހުން އާދެވުނީމަ. ސޮރީ އަހަރެން ޖާން އެކަނި އަންނަން ދޫކޮށްލެވުނީތީ. އަދި ތި މޮޔަކަންތައް ކުރުމުގެ ކުރިން ނުހުއްޓުވުނީތީ އަހަރެން ހިތާމަ ކުރަން. އެކަމަކު ޖާންގެ ތިނާޒުކް ހާލަތުގެ ފައިދާ އެހެން މީހަކު ނެގިއަކަ ނުދޭނަން. އައި ޕްރޮމިސް އައި ވިލް ޕްރޮޓެކްޓް ޔޫ." ޖަނާގެ ކަންފަތް ދޮށުގައި މާކިން ކިޔައިލި ބަސްތައް ޖަނާއަށް ވީ ޖޯކަކަށެވެ. އޭނާ ޅަކުއްޖެއްހެން ހިނިގަނޑު ޖަހައިލުމުން މާކިންގެ ރިހުން ފުންވެގެން ދިޔައެވެ. އެވަގުތު މޫނުގައި ބީހެން ފެށި ކުދި ވާރޭ ތިކިތަކުގެ އިހްސާސް ވުމުން މާކިންގެ މަޤްސަދަކަށްވީ ހިޔާވައްސެއް ހޯދުމެވެ. އިތުރު ވަގުތުތަކެއް ބޭކާރު ވިޔަ ނުދިނުމަށްޓަކައި އޭނާ އަވަހަށް ޖަނާ ނަގައި ކޮނޑުމައްޗަށް ލައިގެން އައި މަގު ކަމަށް ހީކޮށް ވަދެގެން ދެވުނީ ނުބައި މަގަކުންނެވެ. ހަނދުވަރުގެ އަލި ފިލައިގެން ދިއުމުން މުޅި ހިސާބަށް ވެރިވެފައި އޮތީ ކަޅުފޮއި ރެއެއްގެ އަނދިރިކަމެވެ. އަނެއްކޮޅުން ވަކި ހިސާބަކުން މާކިން އަތުގައި އޮތް ލައިޓް ނިވި ދިއްލެން ފަށައިފިއެވެ. ވާރޭ ބޯކޮށްލުމުން ދެން ހަދާނެ ގޮތެއް ނޭނގިގެން ދެފަރާތް ހޯދަނިކޮށް ދުރުގައި ހުރި އަލަ ފީނި ވީ ރަހުމަތަކަށެވެ. ފަތައިކޮށް ހެދިފައިވާ އޭގެ ފަތްތައް އެއީ ކުދި ފުރާޅު ތަކެއް ފަދައެވެ. މާކިން ހާސްވެފައި ހުރެގެން އަވަހަށް އެދިމާއަށް ދިޔައިރު ޖަނާ އޭނާގެ ކޮނޑުމަތީ އޮވެގެން ކިޔަން ފެށީ ލަވައެކެވެ.
"ރެއިން ރެއިން ގޯ އަވޭ، ކަމް އަގެއިން އެނަދަރ ޑޭ... ރެއިން ރެއިން ގޯ އަވޭ....." ޖަނާގެ ފޮނި އަޑު ވެހޭ ވާރެއާ އެކުވަމުން ދިޔައެވެ. މާކިން ގޮސް އަލަގަހަކުން ދެތިން ފަތެއް ބިންދާލައިފައި އެންމެ ފަތްބޯ ދިމާގައި ބިންގަނޑުގައި ފަތުރާލުމަށްފަހު ޖަނާ ބެއިންދިއެވެ. އެއަށްފަހު އޭނާވެސް ޖަނާގެ ކައިރީގައި ފަތްތަކުގެ ހިޔަލުގައި އިށީންދެލައިފިއެވެ. ބައްތީގެ އަލި ބޯދަށުގައި ހުރި ފަތަށް އެޅޭނެހެން ކޮޅަށް ބަހައްޓާފައި ބަލައިލިއިރު ޖަނާ އިނީ އެއަލި ކޮޅަށް ބަލަހައްޓައިގެންނެވެ. މިހާރު ވާރޭއާ ގުޅޭ ލަވަ ހުއްޓާލައިފައި ހަނދާއި ބެހޭ ގޮތުން ލަވަ ކިޔަނީއެވެ. ފުރަތަމަ ފަހަރަށް ޖަނާގެ ފުށުން ފެންނަން ފެށި ޅަ އަދާތަކުން މާކިންގެ ތުންފަތަށް ހިނިތުންވުން ގެނައެވެ. އޭނާ ކައިރިވެލާފައި ނުހަނު ލޯބިން ޖަނާގެ ބޮލުގައި އަތް ބާއްވާލައިފައި ތިރިކޮށްލިއެވެ. ކިތަންމެ ވަރަށް ބެލިއަސް ހިތް ނުފުރޭނެ ރީތިކަމެވެ. ފެނުގެ އަސަރު ހުރި އިސްތަށިގަނޑުން ބައެއް މޫނު މައްޗަށް ފައިބާފައި އޮތުމުން މާކިން ނުހަނު ލޯބިން އެއްފަރާތް ކޮށްލަ ދިނެވެ.
"ޖާން! ލިސެން ޓު މީ! ޖާން!" މާކިން ގޮވަ ގޮވާ ޖަނާ ސަމާލުކަން ނުދިނުމުން ކޮނޑުގައި ހިފާ ތަޅުވައިގަތްތަނާ ހަތަރުކަޅި ހަމަކޮށްލައިފައި ކުއްލިއަކަށް މޫނުގައި ދެއަތް އަޅައިފިއެވެ. "ކިހިނެތްވީ؟" މާކިން ހައިރާންވެގެން ސުވާލު ކުރުމުން ޖަނާ ސިއްރުން ބަލައިލީ ދެއިނގިލި ދުރުކޮށްލައިފައެވެ. "ބިރުގަނޭ މާކްދެކެ. މާކް އަބަދު ރުޅި އަންނަނީ. އަބަދު އަބަދު ރުޅި އައިސްގެން ބަލަނީ ދެބުމަ ގޮށްޖަހާފަ." ޖަނާ ދިން ޖަވާބުން މާކިންއަށް އިސްޖަހައިލެވުނެވެ. "އަހަރެން ރުޅިއެއް ނާދޭ ޖާންދެކެއެއް." މާކިން ފުރަތަމަ ފަހަރަށް ޖަނާ ބަލަން އިންދާ ހިނިތުންވެލިއެވެ. ހަމަހޭވެރިކަން ނެތިވެސް ޖަނާ ހައިރާންވެގެން ޅަކުއްޖެއްހެން ލޯ ބޮޑުކޮށްލި ގޮތް އޭނާގެ ހިތާއި ކުޅެލިއެވެ. ކޮންމެ އަދާއެއްގައި ވަނީ މައުސޫމު ކަމުގެ އިންތިހާއެވެ. އަބަދު އެމޫނަށް ބަލަން އިނދެވޭނެ ނަމައެވެ. މިވަގުތުކޮޅު އަބަދަށް ދެމިގެން ދާނެ ނަމައެވެ.
"ދެން ބުނެބަލަ އޭރު އަހަރެން ކައިރީގަ ހުރެފައި އައިސް ކޮންތާކަށް ދިޔައީ؟" މާކިން ހީކުރީ ޖަނާ ހުރިހާ ވާހަކައެއް ކިޔައިދޭނެ ކަމަށެވެ. އޭނާ ސުވާލު ކުރަން ފެށީ ޖަނާއަށް ދިމާވި ކަންތަކުގެ ފަހަތުގައި އެހެން މީހެއްގެ އަތެއް ވޭތޯ ބަލާށެވެ. "ބުނެބަލަ އެއްވެސް މީހަކު ޖާންއަށް މަޖުބޫރުކޮށްގެން އެއްޗެއް ބޯންދިންތަ؟" ޖަނާ ވިސްނަން މަސައްކަތް ކުރާ ފަދަ ގޮތަކަށް ހުއްޓިފައި ހުރުމުން މާކިން އިތުރަށް އެހިއެވެ. އޭނާއަށް ނޭނގުނީ އެސުވާލުން ޖަނާ ޒަލަފްމަތިން ހަނދާންވި ކަމެވެ. ބަލަ ބަލާ ހުއްޓާ އެދެލޮލަށް ކަރުނަތައް ބޮނޑިވެގެން އައުމާއެކު ޖަނާ ދެރަވެގެން ތުން ފިތާލިތަން ފެނުނެވެ. ދެން އެ ރޯންފެށި ކުއްޖާ ހުއްޓައިލާ ހިޔާލެއް ނުކުރިއެވެ. މާކިން ދެތިންފަހަރަކު ފުހެދިން ފަހުންވެސް ކަރުނަތައް ފައިބައިގެން އަންނަނީ ކޯރަކުން ފެން އޮހިގެން އައުމާއި ކައިރި ކުރާ ވަރަށެވެ. ބޯ ހާސްވެގެން ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ހުއްޓައިލާށޭ ކިޔައި ނަސޭހަތްދެވުނު ވަރެއްގެ އަދަދެއް ނޭނގެއެވެ. އެކަމަކު ހަމަ ބުނެލާ ކޮންމެ ބަހަކާއެކު ޖަނާ ކުރަނީ ހައްތަހާ އަޑު ބާރެވެ. "ހަމަ މިހާރު ހުއްޓާލާ!" ބޯ ހާސްވެގެން މާކިން ބާރުބާރަށް ހަޅޭތްލަވައިގަތުމުން ޖަނާ ސިއްސައިގެން ގޮއްސައި ރުއިން މެދުކެނޑިއްޖެއެވެ. ކަރުނަ ފައިބަމުން ދިޔަ ދެލޮލުން އެސްފިޔަ ޖަހާލަންވެސް ނުކެރިފައި އޭނާ ބަލަން އިނީ ބިރުގަނެފައެވެ. "ގުޑް ގާރލް." މާކިން ތައުރީފްކޮށްލީ ހިތުން ޖަނާ ހިތްހަމަޖައްސައި ދިނުމަށެވެ. އެކަމަކު އެ ބަސްކޮޅުވީ އެޅުނު ޅައެއްޗަކަށެވެ. އޭނާ ހަމަ އެހެން ބުނެ ނިމުނުއިރަށް ޖަނާ އަނެއްކާ ރޯން ފަށައިފިއެވެ. "އޯކޭ ސޮރީ. ސޮރީ މާބާރަށް ހަޅޭތްލެވުނީމަ. ދެން ހުއްޓާލާ. މިހާރު ސޮރީވެސް މިބުނީނު." މާކިން ނިތުގައި އަތުން ތަޅާލައިފައި ޖަނާ ރުއްސަން އުޅުމުން ގޮތްދޫ ނުކުރަންވެގެން ބޯ ހޫރާލީ ދެފަރާތަށެވެ.
"ބުނޭ އަހަރެން ކީއްކޮށްދޭން....!" ގޮތް ހުސްވެގެން މާކިން ހުށައެޅި ވާހަކައިން ޖަނާ ކުރިއަށްވުރެ އަޑު މަޑުކޮށްލިއެވެ. "ލަވައެއް ކިޔައިދެންތަ؟" އޭނާ ވިސްނަން އިނދެފައި ކުރި ސުވާލުގެ ޖަވާބުގައި ޖަނާ އަވަސް އަވަހަށް އާއެކޭ ބުނުމުން ބޯ ކަހާލެވުނެވެ. ޖަނާ ރުއްސަންވިއަސް މިބެނދުނީ ހާދަ ނުބައި މަޅިއެއްގައެވެ. ލަވަ ކިއުމަކީ އޭނާ ކުރާވެސް ކަމެއް ނޫނެވެ. ކޮންމެ ގޮތެއްވިއަސް ހެޔޮ ކަމަށް ފަށަން ތައްޔާރު ކޮށްލުމުން ހިތަށް އައީ، އެލަވައެއް އިވުމުން އޭނާ އަބަދުވެސް ޖަނާ މަތިން ހަނދާންވާ ލަވައެކެވެ.
"ގާރލް ޔުއާ ޓު މީ، އޯލް ދެޓް އަ ވުމެން ޝުޑް ބީ އެން އައި ޑެޑިކޭޓް މައި ލައިފް، ޓު ޔޫ އޯލްވޭސް.
އަ ލަވް ލައިކް ޔުއަސް އިޒް ރެއަރ، އިޓް މަސްޓް ހޭވް ސެންޓް ފްރޮމް އަޕް އެބައު، އެން އައި ނޯ ޔޫ ވިލް ސްޓޭ ދިސް ވޭ، ފޯ އޯލްވޭސް.
އެން ވީ ބޯތް ނޯ، ދެޓް އަވަރ ލަވް ވިލް ގްރޯ، އެން ފޯއެވަރ އިޓް ވިލް ބީ ޔޫ އެން މީ.
އޫހް ޔޯ ލައިކް ދި ސަން، ޗޭސިން އޯލް ދި ރެއިން އަވޭ، ވެން ޔޫ ކަމް އެރައުންޑް، ޔޫ ބްރިން ބްރައިޓަރ ޑޭސް، ޔޯ ދި ޕަރފެކްޓް ވަން ،ފޯ މީ، އެން ޔޫ ފޯއެވަރ ވިލް ބީ، އެން އައި ވިލް ލަވް ޔޫ ސޯ، ފޯ އޯލްވޭސް.
ކަމް ވިތް މީ މައި ސްވީޓްހާޓް، ލެޓްސް ގޯ މޭކް އެ ފޭމްލީ، ދޭއި ވިލް ބްރިން އަސް ޖޯއި، ފޯ އޯލްވޭސް."
މަޖުބޫރުވެގެން ކިޔަން ނިންމި ލަވަ ފެށުމާއެކު އޭގެ ލަފްޒްތައް ގުޅިގެން ދިޔައީ މާކިންގެ ހިތުގެ އަޑާއެވެ. ޖަނާގެ ލޮލާ ލޯ ސީދާވުމުން އެހެން ހުރިހާ ކަމެއް ހަނދާން ނެތިފައި އޭނާ ލަވައިގެ ކަޑިތައް ކިޔަމުން ދިޔައިރުއަލަ ފައްތަކުގައި ބީހެމުންދިޔަ ވާރޭތިކި ތަކުގެ އަޑުން މިއުޒިކްގެ އުނިކަން ފޫބައްދައިދިނެވެ.އެއަޑު އަހަން ހިނިތުންވެފައި އިން ޖަނާގެ ލޮލުންވެސް އުފާވެރި ކަމުގެ މުތީއެއް ވެއްޓުނެވެ. އޭނާގެ މުޅި ހަޔާތުގައި ދުވަހަކުވެސް މީހަކު އެހާ ލޯބިން ލަވައެއް ނުކިޔައިދެއެވެ. ފަހުން އެކަން ހަނދާން ހުންނާނެ ކަމެއް ނުވަތަ ނޫންކަމެއް ނޭނގުނަސް މާކިންގެ އެލަވަ އެހިއިރު ހިތުގައި ޖަހާލި އާ ވިންދާއި ކުރެވުނު ފޮނި އިހްސާސަކީ އޭނާ މީގެ ކުރިން ފަހަރެއްގައިވެސް އިހްސާސް ކުރި ކަންތައްތައް ތަކެއް ނޫންކަން ކަށަވަރެވެ.
"ވާރޭ ހުއްޓައިލީ." މާކިންއަށް އިހްސާސްވެގެން ދުރުބަލާލައިފައި ކުއްލިއަކަށް އެހެން ކިޔާލިއަޑަށް ޖަނާ ސިއްސައިގެން ގޮސް ދަތްދޮޅިން އަތް ނެއްޓުނެވެ. އޭނާ ދެކޮޅު ބަލާލައިފައި މާކިން ބުނީ ތެދެއްކަން އެނގުމުން ތުންކޮޅު އޫކޮށްލީ ހިތްހަމަ ނުޖެހިގެންނެވެ. "އަވަހަށް ހިނގާ ޓެންޓެއް އަތުޖެހޭތޯ ބަލަން. އަނެއްފަހަރު ވާރޭ ވެހެން ފަށައިފިއްޔާ މުޅި ރޭ ފިނީގައި ނުނިދިފައި އިންނަން ޖެހިދާނެ." މާކިން އެނބުރުނުއިރު ޖަނާ އިންގޮތަށް އިނުމުން ކައިރީ ކުޑަކަކޫ ޖަހާލައިފައި ވިސްނަދޭން މަސައްކަތް ކުރިއެވެ. ނަސީބަކުން އިތުރަށް ދެކޮޅު ހަދަން ނޫޅެ ތެދުވިއެވެ. ޖަނާ ހިނގުވަން އުޅެގެން ވާނީ އުދަނގުލެއްކަން އެނގޭތީ މާކިން އޭނާ އުފުލާލައިފައި ބޭއްވީ ކޮނޑުމަތީގައެވެ. ނިވި ދިއްލެމުންދިޔަ ބައްތީގެ އަލިކޮޅުގެ އެހީގައި މަގު ހޯދަން ހިނގަ ހިނގާ ވަރުބަލިވާގޮތްވިއެވެ. އޮފިތައް ދުރުކުރަމުން ހިނގާއިރު މޫނަށް އޭގެ ހަމަލާތައް އަންނަނީ މަދަކުން ނޫނެވެ. މާކިން އެހާ ސަމާލުވެގެން ފިޔަވަޅު ނާޅާނަމަ އޭނާ އޮންނާނީ އިރުއިރުކޮޅާ މުލެއްގައި އަޅައިގެންފައި ވެއްޓި ބިންމަތީގައެވެ.
"ޖާން. އަހަންނަށް ހީވަނީ ދެން މަގު ހޯދުމުގެ މަސައްކަތް ހުއްޓާފަ ގޮނޑު ދޮށަށް ނިކުންނަންވީހެން. ދުވާލު އަލި ޖެހުނީމަ އެހެން މީހުން ހޯދިދާނެ. އެކަމަކު ރޭގަނޑު ވާވަރު ކަމެއް ނޫން މީ. ހޭޅިފަށުން ގަހެއްގެ ހިޔާ ހޯދައިދެން ދެން ފުއްދާލާނީ މިރޭ." ވަރުބަލިވެ ގުނބު ހިލޭގޮތް ވުމުން މާކިން އުންމީދު ކަނޑައިލިއެވެ. ރޭގަނޑު އަނދިރީގައި އެއްތަންކޮޅެއްގައި ދިހަ ބުރު ޖެހުނަސް ފާހަގަ ކުރާކަށް ނޭނގޭނެއެވެ.
ޖެހެމުންދިޔަ ވަޔާއިއެކުވެސް ރާޅުތަކުގެ އަޑު އަންނަ ދިމާ ފާހަގަ ކުރަން އެނގުމުން އޭނާ މިސްރާބު ބަދަލުކޮށްލާފައި ގޮސް ގޮނޑުދޮށަށް ނިކުތްއިރު ހޭޅިފަށުގައި ގަސްތަކުގެ ކައިރީގައި އަޅާފައި ހުރި ފަން ގެއެއް ހުއްޓެވެ. ވިލާތައް ކެހި މަދު މަދުން ތަރިތައް ފެންނަން ފެށުމުން ގޮނޑުދޮށުގައި ހިނގަން އެނގޭވަރަށް މިހާރު އައްޔެވެ. އެހިސާބުން މާކިންއަށް ޔަޤީންވީ އެއީ ރަށުގެ އަނެއް ފަރާތް ކަމެވެ. ރަށުގެ ބަށްޓަން އޮންނަގޮތުން އެއްކޮޅަށް ކިތަންމެ ދިގަސް އަނެއްކޮޅު ހިމަ ކަމުން ގިނައިރެއްނުވެ އެތަނަށް އާދެވުނީއެވެ.
ހުރަހެއްނެތި އައި ވައިރޯޅިތަކުން ހީކަރުވާ ގޮތް ވުމުން އަވަހަށް ގޮސް އެގޭގެ އޮށި ދޮރުފަތް އެއްފަރާތް ކޮށްލާފައި ޖަނާ ގޮވައިގެން އެތެރެއަށް ވަނެވެ. ޖަނާ ކޮޅަށް ބަހައްޓާފައި ދޮރު ލައްޕާ ވައި ނުވަންނާނެހެން ހަދާފައި ނިވި ދިއްލެމުން ދިޔަ ބައްތިން ވަށައިގެން އަލިކޮށްލިއިރު ދެމީހަކަށް ފިތިގެން އޮވެވޭވަރުގެ އަށްޓެއް ހުއްޓެވެ. އިތުރަށް، އެތާ މީހުން އައިސް ތިބެފައި ހުރިކަން އަންގައިދޭފަދަ ނިޝާންތަކެއްގެ ގޮތުގައި ހުސްވެފައި ހުރި ލުއި ކާނާ ޕެކެޓް ތަކަކާއި މެދުގައި ކޮންމެވެސް ވަރަކަށް އަންދާފައި ހުރި ދަރުތަކެއް ހުއްޓެވެ. މާކިން ނުހަނު އުންމީދާއެކު ގޮސް ލައިޓަރެއް ކަހަލަ އެއްޗެއް ފެނޭތޯ ހޯދިއިރު ނަސީބު ވަރަށް ރަނގަޅެވެ. ބިންމަތީ އެއްބައި ވަޅުލެވިފައި އޮތް ފޮށީގައި އެންމެ އަލިފާންދަނޑިއަކާއި އަދި ފަން ބިތް ކައިރީ ފުޅިއެއްގެ ފުލުގައި ޕެޓްރޯލެއް ތިއްކެއް ހުއްޓެވެ. އޭނާ ދަރުތައް ރީތިކޮށްލާފައި ޕެޓްރޯލްކޮޅު އޭގެ މެދަށް އަޅާލުމަށްފަހު ބިސްމިކިޔާފައި އަލިފާންދަނޑި އަޅައިލިއެވެ. ރޯވިތަން ފެނިފައި އަވަހަށް ދަރުތަކު ތެރެއަށް އެ ވައްޓާލުމާއެކު ހުޅުހިފައިފިއެވެ. ވީ އުފަލުން ހިނިތުންވެފައި އެނބުރުނުއިރު ޖަނާ ފެނުނީ ވެލިގަނޑުމަތީ ގައި ނިދަން އޮތްވައެވެ. ހަމްދަރްދީ ވެގެން މާކިން އުޑަފައިން އިށީންދެފައި އެއޮމާން މޫނުގައި ފިރުމައިލިއެވެ. އޭނާ ބަލަން އިނދެލާފައި ޖަނާ ގެނެސް އަށިމަތީ ދިގު ދިގަށް ބޭއްވުމަށްފަހު ބޯދަށަށް އަތްލައިގެން އޮށޯވެލީ ތިރީގައެވެ.
ފިނިކަމުން އުދަނގޫވިއެއް ކަމަކު މާބޮޑަށް ވަރުބަލިވެފައި ހުރުމުން ނިދިއަންނަ ގޮތްވިއެވެ. މާކިން ލޯމަރާލައިގެން އޮވެ ނިދެމުން ދަނިކޮށް އިރުކޮޅަކުން ސިއްސައިގެން ދިޔައީ މޫނުމަތީ އެއްޗެއް ޖެހުމުންނެވެ. ސިއްސައިގެން ގޮއްސައި ލޯ ހުޅުވާލިއިރު ޖަނާ ތިރިއަށް ބޯ އެލުވާލައިގެން އޮވެ އޭނާގެ މޫނުގައި ކޮށްޓައިލީއެވެ. "ކިހިނެތްވީ ޖާން؟" މާކިން ތެދުވެ އިށީންނުމުން ދެމީހުންގެ މޫނުގެ ކައިރިކަން ހިތް އަވަސްކޮށްލިއެވެ. "ހީކަރުވަނީ. ރަޖާ ބޭނުން." ޖަނާ ޝަކުވާކޮށްލި ގޮތުން މާކިން ދެރަވިއެވެ. "ސޮރީ ޖާން. ރަޖައެއް ނެތް. އެކަމަކު އެހެން ގޮތެއް އެބައޮތް. ދެމީހުން ކައިރީގައި އޮތީމަ އެކަކު އަނެކަކު ހޫނުން ހީފިލާނެ. އެކަމަކު ޖާންއަށް އެގޮތް އޯކޭވަންޏާ." މާކިން އޯގާތެރިއަޑަކުން ކިޔައިދިނުމުން ޖަނާ ބޯޖަހާލައިފައި އޭނާއަށް ތަންދީ އެއް ފަރާތަކަށް ޖެހިލައިފިއެވެ. މައިތިރިވާށޭ ބުނެލިފަދަ ގޮތަކަށް ތެޅެމުންދިޔަ ހިތާ ދިމާލުގައި ބާރަށް ހިފަހައްޓާލައިފައި މާކިން ޖަނާ ކައިރީ އޮށޯވެލުމުން މިނިޓެއްނުވެ ގައިން ހީބިހި ނަގުވައިލީ ޖަނާ އޭނާގެ ގައިމައްޗަށް ފައި ވައްޓާލައި މެއާއި ހަމައިން އަތް ހުރަސްކޮށްލީމައެވެ. މޫނު އަނބުރާލިއިރު ޖަނާ މައުސޫމުކޮށް ލޯމަރައިގެން އޮތުމުން ދުރުކޮށްލާކަށް ނުކެރުނެވެ. އެހެންވެ އޮވެ އިރުކޮޅެއް ފަހުން ޖަނާ އަނެއްކާ ހިރުވައިގަނެފައި މިފަހަރު އަރާ އޮށޯވެލީ އޭނާގެ މޭމަތީގައެވެ. މާކިން ބޭރަށް ލާން އުޅުނު ނޭވާ ތާށިވީ ކަރުތެރޭގައެވެ. މިވަރުން ދަންޏާ އަތުން ފައިން ގޯހެއް ނުހެދި ހިނގައިދާނެ ހެއްޔެވެ؟
"މާކް ޕްލީޒް އަހަރެން އެކަނިކޮށްލާފަ ނުދާތި އިނގޭ!" މާކިން ހިތާއި ހިތުން ޖަނާ ދުރުކޮށްލާނެ ގޮތެއް ވިސްނަން އޮތްވާ މަޑުމަޑުން ބުނެލި އަޑު އިވުނެވެ. މާކިން ހޫމ އަޅުވައިލީ ޖަނާގެ ނުތަނަވަސް ދުރުކޮށްދިނުމުގެ ގޮތުންނެވެ. ނިދީ ކަމަށް ހީކޮށް ތެދުވަން ހިޔާލު ކޮށްލި ފަހުން ޖަނާ މަޑުމަޑުން އޮވެގެން ކިޔައިދޭން ފެށީ މަންމަ ކޮންމެ ފަހަރަކު އާ ކައިވެންޏަށް ކުރާއިރަށް އޭނާ އިހްސާސް ކުރަން ޖެހޭ ބާކީ ކަމުގެ ވާހަކައެވެ. ޒަލަފްއާ ބައްދަލުވުމުން ޒަލަފް ފުރައިދިނީ އެކަނި ލޯބިވެރިއެއްގެ ބައި ނޫންކަމާއި އޭނާއަށް އުނިވެފައިވާ ހުރިހާ ބައެއް ކަމުގައި ބުންޏެވެ. ބައެއްފަހަރު އެއީ އޭނާގެ ދޮށްޓަށް ހުރެގެން ރައްކާތެރިކޮށްދޭނެ ބޭބެއެއް ކަމުގައި އަދި އަނެއްބައި ފަހަރު ގާތް އެކުވެރިއެއް ކަމުގައި ދެކޭ ވާހަކަ ހާމަކުރިއެވެ. ޖަނާ ފަހުން ހަނދާން ހުންނާނެ ކަމެއް ނުވަތަ ނޫންކަމެއް ޔަޤީން ނުވިއަސް މާކިން ޔަޤީންކަން ދޭން ބޭނުންވީ ޒަލަފް އާއި ވަކިވިއަސް އޭނާ އެކަނިވިޔަ ނުދޭނެ ކަމުގައެވެ. އެކަމަކު ހިމޭންކަން ނޫން އިތުރު ބަސްމޮށުން ތެރިކަމެއް މާކިންއަކަށް އެވަގުތު ނޭނގުނެވެ.
"ނިދީތާ މާކް؟" މާކިން އަނގައިން ނުބުނެ އޮންނަތާ ގިނައިރުވެގެން ޖަނާ ކުއްލިއަކަށް ބޯހިއްލާލި ވަގުތު މާކިންވެސް އެއަޑަށް ސަމާލުކަން ދޭން މޫނު އުފުލާލުމުން އެކެއްގެ ނޭފަތާއި އަނެއްކެއްގެ ނޭފަތް ޖެހިފިތިއްޖެއެވެ. ދެން ހޭދަވި މަދު ސިކުންތުކޮޅު ސިކުނޑިއާ ކުޅެލީ ޑްރަގްއެއް ފަދައިންނެވެ. ކެއްތެރިކަން ކުޑަވެފައި ޖަނާގެ މޫނުގައި ދެއަތުން ހިފައި އެރީތ ތުންފަތުގައި މާކިން ބޮސްދިނުމުން ޖަނާވެސް ކީ މަރުހަބާއެވެ.އެ އެންމެ އަމަލަކުން ދެޖިސްމުގައި ހުޅުހިފީ ބޭނުންވިއަސް ފިނިކޮށްލެވޭ ވަރަށްވުރެ މާ ބާރަށެވެ. ޖަނާގެ ނާރުތަކުގައި މަސްތުގެ އަސަރުތައް ދައުރުވަމުން ދިޔައިރު މާކިންގެ ހިތާއި ނަފްސްގެ މައްޗަށް ބާރުފޯރުވާފައި ހުރީ ޖަނާއަށްޓަކައި އެހިތުގައި ވި ފުން ލޯއްބެވެ. މަސްތުކަމަކާ ނުލާ އޭނާގެ ސިކުނޑިން އެހެން ހުރިހާ ހިޔާލުތަކެއް އުދުއްސައިލީ އެލޯއްބެވެ.
ހެނދުނު ހޭލެވިގެން މާކިން ލޯ ހުޅުވާލައިފައި މަތިން ފެންނަން އޮތް ފަން ފުރާޅުގެ ސަބަބުން ހައިރާންވިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ފުންމައިގެން ތެދުވެ އިށީންދެވުނީ ހަނދާނުގެ ލޯގަނޑަށް އެރި މަންޒަރު ތަކުގެ ސަބަބުންނެވެ. އިތުރަށް ކަންބޮޑުވީފެންނަ ހިސާބުގައިވެސް ޖަނާ ނެތީމައެވެ. ގައިމަތީ ފަތުރާލައިފައި އޮތް ސޯޓާއި ޓީޝާޓް ނަގައި ލައިގެން އަވަސް އަވަހަށް ދޮރު ހުޅުވާލައިފައި ނިކުތްއިރު ހިތް ތެޅޭވަރުން ހީވަނީ ބޭރަށް ފުންމައިލަފާނެ ހެންނެވެ.
"ޖަނާ ދުށިންތަ؟" މާކިން ގޮނޑުދޮށުގައި ދުވެލާފައި ފާލަމާއި ދިމާއަށް ދަނިކޮށް އެންމެ ފުރަތަމަ ފެނުނު ކުއްޖާ ކައިރިން އަހައިލިއެވެ. "ޖަނާ ފުރައިފި." މައުވާ ހުއްޓިފައި ބަލައިލީ ކަމެއް އެނގިގެން އުޅޭ މީހަކު ފަދައިންނެވެ. މާކިން ހާސްވެފައި ހުރުމުން ފާހަގައެއް ނުވެއެވެ. ހިތަށް ލިބިގެންދިޔަ ވޭނާއެކު ލޮލަށް ކަރުނަ ބޮނޑިވެގެން އައި ވަގުތު ކޮންއިރަކު ހެއްޔޭ އަހައިލެވުނީ ޤަބޫލު ކުރަން ބޭނުން ނުވެފައެވެ. "ހަމަ ދެންމެ އެދިޔައީ. ބަލާބަ އެހެރަ ދަނީ އެލޯންޗް." މައުވާ އަތުގެ އިޝާރާތުން ލޮލުކޮޅަށް ފެންނަން ހުރި ލޯންޗް ދައްކާފައި ސިއްރު ހިނިތުންވުމަކާއެކު ފަސްދިނެވެ. ބަލަހައްޓައިގެން ހުއްޓާ ލޯންޗް ގޮސް އޮބާލުމުން މާކިންއަށް ވެއްޓިގަނެވުނީ ވެލިގަނޑު މައްޗަށެވެ.
*****
ހިޔާލީ ދުނިޔެއިން މާކިންއަށް ނިކުމެވުނުއިރު ޖުމައިލާ ފެންނާކަށް ނެތެވެ. އޭނާ ގެއްލިފައި އިންވަރުން ނިކުމެގެން ދިޔައިރުވެސް ފާހަގަ ނުވީއެވެ. އަދިވެސް އެއްފަހަރު އަތުގައި އޮތް އަކްޔަންގެ "ކާބަންކޮޕީ" އަށް ނަޒަރެއް ދީފައި އޭނާ ފޯނު ނަގައި ނަންބަރަކަށް ޑައިލް ކޮށްލައިގެން އިނދެ ބޮޑުވައި އިނގިލިން ލޮލުގެ ކަން ފުހެލިއެވެ.
އަކްޔަން ރީތިކުރަން ޖަނާ ހުރެފައި ފޯނު ރިންގް ވާ އަޑަށް ކައިރިއަށް ގޮސް ބަލައިލިއިރު މާކިން ގުޅަނީއެވެ. ބަލަހައްޓައިގެން ޖަނާ ހުރެފައި ފޯނު ނުނަގައި އަނެއްކާ އެނބުރުނީ އަކްޔަންއާ ދިމާއަށެވެ. އޭނާ އަކްޔަން ރީތިކޮށް ނިމިގެން ސޯފާގައި ބައިންދާފައި ދީނާ ނިމިއްޖެތޯ ބަލަން ދަނިކޮށް ބެލް ޖަހާލި އަޑު އިވިގެން ގޮސް ހުޅުވިއިރު ކުރިމަތީ ހުރީ ދުވަހަކު އުންމީދު ނުކުރާ މީހެކެވެ.