ދުވަން ދާންވެގެން އައިސް އަލަމާރި ހުޅުވާލުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކޮނޑުގައި އަޅުވާފައި ހުރި ކަޅު ހޫޑީއެވެ. އެވަގުތު ސިކުނޑިއަށް އައި ހަނދާނަކުން އެދޮރުފަތް ލައްޕާލައިފައި ތިރީގައި ހުރި ވަތްގަނޑު ދަމައިލެވުނެވެ. އެތެރޭގައި ވިދަވިދާ އޮތް ރަން ކެވެލިގަނޑު އަތަށް ނަގާފައި އިސްއުފުލާލިއިރު އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ފެންނަން ހުއްޓެވެ. މާކިން އެތަސްވީރާ ހަތަރުކަޅި ހަމަކޮށްލައިގެން ހުއްޓާ ކޮންމެވެސް މީހަކު ދޮރު ހުޅުވާލި އަޑަށް ސިއްސައިގެން ދިޔައެވެ. "ތީ ކޮން ކެވެލިކޮޅެއް؟" އެހާ އަވަހަށް ކެވެލިކޮޅު މުށުތެރޭ ބޮނޑިކޮށްލައިފައި އަތް ފުރަގަހަށްލީމައިވެސް ފަޔާޒްއަށް ސިއްރެއް ނުކުރެވުނެވެ. "ބައްޕަ ކަމަކުތަ؟" މާކިން ޓީޝާޓް ބާލައި އެނދުމައްޗަށް އެއްލާފައި އަލަމާރިން ސޯޓެއް ނަގައިގެން ފާޚާނާއާ ދިމާއަށް ދިޔައިރު ކެވެލިކޮޅު ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. އޭނާ ހީކުރީ ޖަވާބު ނުދީ ދޫކޮށްލުމުން ބައްޕަ އެވާހަކަ ހުއްޓާލަފާނެ ކަމުގައެވެ.
"ދަރިފުޅު ކައިރީ ބައްޕަ ވާހަކައެއް ދައްކާލަން ބޭނުންވެފަ ހުންނަތާ ދުވަސްކޮޅެއް ވެއްޖެ." މާކިން ނިކުތްއިރު ފަޔާޒް އެނދުގައި އިނދެފައި ވާހަކަދައްކަން ފެށިއެވެ. ހިތް ތެޅިގަތީ އެވަގުތު ބައްޕަގެ މޫނަށް ބަލާފައި ފެނުނު ސީރިއަސް ކަމަކުންނެވެ. އަނެއްކާ މިފަހަރުވެސް ދައްކަން އެއުޅެނީ ރަޝާދުގެ ވާހަކައެއް ބާވައޭ ހިތަށް އެރިއެވެ.
"ކޮންމެހެން މިގަޑީގައި މިއައީ މިހެން ކިޔާކަށް ނޫން. އެކަމަކު މާކިން އަތުން އަންހެން ކުއްެޖެއްގެ ކެވެލިކޮޅު ފެނުނީމަ ހިތަށް އެރީ މިގަޑިއާ އެންމެ ގުޅޭނެއޭ މިވާހަކަ." ބައްޕަގެ ޖުމްލަތައް އިވިފައި މާކިންގެ ދެފައި ބިމުގައި ތަތްލިއެވެ. އޭނާ ހާސްކަމާއެކު އެނބުރި ބަލައިލާއިރަށް ފަޔާޒް ތެދުވެގެން އައިސް ކައިރިއަށް ހުއްޓިފައި ކޮނޑުގައި އަތް ބައްވާލުމުން އެއަތަށް ބަލައިލެވުނެވެ. "ބައްޕާ އެއީ އަހަރެން އަންހެންކުއްޖަކަށް ދޭން ގެނެއްސަ އޮތް އެއްޗެއް ނޫނޭ." މާކިން ފަޔާޒް ފަރާތުން ސަލާމަތް ވެވޭތޯ އެންމެފަހުން އެހެންވެސް ބުނެލިއެވެ.
"މިދައްކާ ވާހަކަ އަޑު އަހާއިރު ރުޅި އިސްނުކޮށް ފިނި ހިތަކުން ވިސްނައިލާތި! ބައްޕަ މިކިޔާ އެއްޗެއް ވިއްޔާ މިކިޔަނީ ހަމަ ދަރިފުޅަށް ރަނގަޅަކަށް. ދަރިފުޅަކީވެސް މިހާރު ބޮޑުވެފައި ހުރި ކުއްޖެއް. ކިޔަވައިގެން ހުރި ކާމިޔާބު ޑޮކްޓަރެއް. އުމުރުން ނަވާވީސް އަހަރުވެއްޖެ. ހަޔާތުގެ މިހާ ހިސާބަކީ ޒަވާޖީ ހަޔާތެއް ފަށަން އެންމެ އެކަށީގެންވާ ދުވަސްވަރު. ދަރިފުޅުވެސް ވީއެއްނު ރަނގަޅު ކުއްޖަކު ހޮވާފަ ކައިވެނިކުރަން." ފަޔާޒްގެ ވާހަކަ މުޅިން ނުނިމެނީސް މާކިން އިސްޖަހައިލިއެވެ. އެވާހަކަތައް ނިމުމުން އޭނާ ބައްޕަގެ އަތް ކޮނޑުން ވަކިކޮށްލާފައި ހިނގައިގަތީ ބެލްކަންޏާ ދިމާއަށެވެ. މާކިން ގޮސް ރެއިލިންގައި ބަނޑު އަޅާލައިގެން ހުއްޓުމުން ފަޔާޒްވެސް ބަލަން ހުރެލާފައި ފަހަތުން ގޮސް އެއް ހަމައެއްގައި ހުއްޓުނެވެ. ރޭގަނޑުގެ އެގަޑީގައި މަގުގައި ދުއްވާފައި ދާ އުޅަނދުތަކުގެ އަލިކޮޅުތައް ފެންނަނީ އަނދިރީގެ ތެރޭގައި ހަރަކާތް ކުރަމުން ދިޔަ ކުލަ ބޮކިތަކެއް ފަދައިންނެވެ.
"ކޮބާ މައްސަލައަކީ؟ ކަމުދާ ކުއްޖަކު ނުފެންނަނީތަ؟" ފަޔާޒް އިތުރަށް ބުނެލި އެއްޗަކުން މާކިންއަށް ހަތަރުކަޅި ހަމަކޮށްލެވުނެވެ. ބޭނުންވާ ކުއްޖާ ހާޞިލް ކުރާނެ ހިތްވަރު ނެތީއޭ އޭނާ ބުނެފިއްޔާ ބައްޕަ ގަބޫލު ކޮށްފާނެ ހެއްޔެވެ؟ "ދަރިފުޅަށް އިންނަން ކަމުދާ ވަކި ކުއްޖަކު ނެތިއްޔާ ބައްޕައަށް ފެންނަ ކުއްޖަކު ދައްކަންތަ؟" މާކިން ބަލަން ހުއްޓާ ފަޔާޒް ބުނެލީ އަދި އެއަށްވުރެ ސިހުން ގެނުވި ވާހަކައެކެވެ. "ކީއްތަ ވީ؟ ދަރިފުޅު ހަމަ ޖެހޭނީ ބައްޕަގެ ހޮޮވުމާ ބައްދަލުކޮށްލަން. ކަމުނުގޮއްސިއްޔާ ކުރިއަށް ނުގެންދިޔައީމަ ވީ." މާކިން އަނެއްފަރާތަށް މޫނު އަނބުރާލި ވަގުތު ފަޔާޒް ވާހަކަދެއްކިއެވެ. ބައްޕަގެ ހިތްހަމަ ޖައްސައި ދިނުމުގެ އިތުރަށް މާކިން ދެން ބޭނުންވީ އެވާހަކަ ކުރިއަށް ނުގެންގޮސް ހުއްޓުވާނެ މަގެކެވެ. އޭނާ ހަމައެކަނި ބޯ ޖަހާލުމުން އެދެކަންތައް ފުދޭނެކަން އެނގޭތީ އެންމެފަހުން ހިތާއި ދެކޮޅަށް ނަމަވެސް އެއްބަސްވެ ބޯ ޖަހައިލިއެވެ.
ދޮންތަ އަކްޔަން ނިންދަން ވަނުމުން ދީނާ ފިލާވަޅުތައް ނިންމަން މޭޒު ކައިރީ އިންދާ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ބަލައިލިއިރު އޭނަ "މިސްޓްރީ މޭން" ޖަހާފައި ސޭވް ކޮށްފަ އޮތް ނަންބަރުން ގުޅަނީއެވެ. "ހަލޯ." ދީނާ ފޯނު ނަގާފައި ބުނެލިއެވެ. އެވަގުތު އެކޮޅުން ވާހަކަދެއްކި ޒުވާނާ ހައި ކިޔާލި ގޮތުން އެކަނިވެސް ނާރުތަކުގައި ފިނިރާޅެއް ދުވެލިފަދަ އިހްސާސެއް ކުރެވުނެވެ. ހާދަ ފިރިހެންވަންތަ ރީތި އަޑެކެވެ. ދީނާއަށް ހިތާއި ދިމާލުން މޭގައި ފިރުމާލެވިއްޖެއެވެ. "ސޮރީ އިނގޭ އެދުވަހު ގަޑި ކިޔާފަ ކެންސަލް ކުރަން ޖެހުނީމަ." ޒުވާނާ މަޢާފަށް އެދުނެވެ. ހިތުގައި ކޮންމެ އެއްޗެއް އޮތަސް ދީނާއަށް ބުނެވުނީ އެއީ މައްސަލައެއް ނޫން ކަމުގައެވެ. އެކަމަކު އެދުވަހު އޭނާ ކެތްތެރި ކަމާއެކު ގަޑި ގުނާފައި ކެންސަލްވި މެސެޖް ލިބިގެން ރުޅިއައިވަރު އެނގޭނީވެސް ޚުދު އޭނާއަށެވެ. "ހިނގާ އެހެންވީމަ މިރޭ ދާން؟" ޒުވާނާ އިތުރަށް ހުށައެޅި ހިޔާލުން ދީނާ ކަންބޮޑުވިއެވެ. ފުރަތަމަ އޭނާ ބޭރަށް ނިކުންނަން އެކަށީގެންވާ ބަހަނާއެއް ހޯދަން ޖެހޭނެ ކަމުގައި ބުނެލުމުން ކަންފަތުގައި ހަރުލި ހީލުން އެއީ ވިރުވާއަޅާލި މިއުޒިކެއް ފަދައެވެ. ފިރިހެނަކު އެހާ ލޯބިކޮށް ހީލިއަޑެއް ދުވަހަކުވެސް ނާހައެވެ. މިވަރުން ދަންޏާ އޭނަ މޮޔަ ނުވެ ހިނގައިދާނެބާވައޭވެސް ހިތަށް އެރިއެވެ.
"މަލާމާތް ނުކުރިއަސް ހެވޭ. އަހަރެން ދާން ބޭނުންތާކަށް ވިއްޔާ ގޮއްސަ ހުންނާނީ މިހާތަނަށްވެސް. ހީވަނީތަ ނުވާނެއޭ." ދީނާ ބޭނުންވީ ގަދަކޮށްލާށެވެ. އޭނާ ބުމަ ގޮށްޖަހާލައިގެން ގޮސް ބެލްކަންޏަށް ނިކުތުމާއެކު މިސްޓްރީ މޭން ކުރިމަތިން ފެނުމުން ހިތް އުފަލުން ނަށައިލިއެވެ. ބޭއިޚުތިޔާރުގައި އަތުން ހަނާ އަޅާލެވިއްޖެއެވެ. "އެހެންވީމަ މިރޭ ނުވައެއް ޖަހާއިރަށް ތައްޔާރުވެގެން ތިރިއަށް އާދޭ!" މިސްޓްރީމޭން ބޭނުންވާ ގޮތް ހާމަކޮށްފައި ފޯނު ކަނޑާލިއިރު ކޮންމެހެން ދީނާ ބޭނުންވާ ގޮތް އޮޅުންފިލުވާކަށްވެސް މަޑެއް ނުކުރިއެވެ. އެގޮތުންވެސް އޭނާ ދީނާގެ މައްޗަށް ކޮންޓްރޯލް ހޯދަން ބޭނުންވަނީ ކަމަށް ވެދާނެއެވެ.
ދީނާ ބަލަން ހުއްޓާ އޭނާ އެތެރެއަށް ވަނުމުން އެނބުރި ކޮޓަރިއަށް ވަނީ ގެއިން ނިކުންނާނެ ގޮތަކާމެދު ފިކުރު ކުރަމުންނެވެ. ގްރޫޕްސްޓަޑީ ހަދަން ވިއަސް އެހާ ލަހުން ބޭރަށް ދާން ދޮންތަ އެއްބަސް ވާނެ ކަމެއް ނޭނގެއެވެ. އެއަށްވުރެ މޮޅު ގޮތަކަށް ދީނާއަށް ފެނުނީ ނުބުނެ ފިލައިގެން ދިއުމެވެ. ދޮންތައަށް ރޭކައި ނުލަންޏާ ކުރިމަތިވާނެ ނުރައްކާތެރި ސުވާލެއްވެސް ނުހުންނާނެއެވެ.
އެއްބަސްވެލަން ކިތަންމެ ފަސޭހައެއް ކަމަކު ވަގުތު ކައިރިވުމުން ދީނާ ނުތަނަވަސް ވާން ފެށިއެވެ. ލޯގަނޑު ކައިރީ ތައްޔާރުވާން ހުރެގެން އޭނާއަށް ފުރަތަމަ ވިސްނުނީ ދޮންތައަށް ފަޅާ އަރައިފިއްޔާ ދެން ވާނެ ގޮތަކާމެދުގައެވެ. އެހެންވެއްޖެނަމަ އަލުން މަންމަ ކައިރިއަށް ދާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭނާ ތައްޔާރުވެ ނިމިގެން އެނދުގެ ދިގު ދިގަށް ބާލީސް ތައް އަތުރާފައި އެއްކޮށް ރަޖާ އަޅާލުމުން ހީވަނީ ހަމަ މީހަކު ނިދާލައިފައި އޮތް ހެންެނެވެ. ދެން ނިކުންނަން ވެގެން ތެޅި ތެޅި އޮތް ހިތަކާއެކު އަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ކަޅިއެއް އެއްލިއެވެ. ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް ހުރި އޮރެންޖް ކުލައިގެ ހެދުން ކޮޅާއެކު ގަހަނާއަކަށް ބޭނުން ކޮށްފައި އޮތީ ކަރުގައި އޮތް ހިމަ ފަށެކެވެ. އެއިސްތަށިގަނޑު މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ތުންފަތުގައި މަޑު ކުލައެއް އުނގުޅާލައި ކަޅު ލޮލުގައި އަނދުން އަޅައި އިހަށްވުރެ ކުލަ ގަދަކޮށްލައިފައެވެ.
ދީނާ ކޮޓަރިން ނިކުމެފައި ވަގެއްހެން އިނގިލި ތަކުގެ ކުރި ޖައްސައިގެން ގޮސް ފައިވާން ހަރުގަނޑުގައި ބޫޓެއްގެ ތެރޭ ދޮންތަ ބާއްވާފައި އޮންނަ ޑަބަލް ތަޅުދަނޑި އަތް ދަބަހަށް ވައްޓަައިލިއެވެ. ދޮންތަ ނިކުމޭތޯ އަދިވެސް އެއްފަހަރު އެކޮޓަރި ދޮރާއި ދިމާއަށް ބަލައިލާފައި ދެބޫޓް ކިބަ އެއް އަތުން ހިފާލައިގެން ބޭރަށް ދެމިގަތް އިރު ހިތް ހީވީ ބޭރަށް ނިކުމެދާން އުޅޭހެންނެވެ. ނިކުމެ ދޮރުކައިރީގައި ބޫޓަށް އަރަން ހުއްޓާ މިސްޓްރީ މޭންގެ ފޯނު އައުމުން ސިއްސައިގެންގޮސް ހަޅޭތްލަވައިގަނެވުނެވެ. "ހާދަ ބިރުން ތިހުރީ؟" ދީނާ ފޯނު ނަގާފައި ހަލޯއޭ ނުބުނެވި އުޅެނިކޮށް އެކޮޅުން އޭނާގެ ހާލަތު ދެނެގެންފިއެވެ. އެވަގުތު ދީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ކިހިނެތް އެނގުނީ؟" އޭނާ އެންމެފަހުން ހިނގައިގެންފައި އަހައިލިއެވެ. "ނޭނގޭވަރުތަ؟ ހިތުގެ އަޑު އެބަ އިވޭ ފޯނުންވެސް." މިސްޓްރީ މޭން ކޮށްލީ ސަމާސައެކެވެ. އެފިރިހެންވަންތަ އަޑުން ހިނިގަނޑު ޖަހައިލުމުން ދީނާގެ ހާސްކަން ކުޑަވެ ހިނިތުންވެލެވުނެވެ.
"ކޮބާ؟" ދީނާ ދޮރުމައްޗަށް އަރާފައި ނުފެނިގެން ސުވާލުކޮށްލުމާއެކު އަނެއް ފަރާތުގައި އޮތް ކަޅު ކާރުގެ ދޮރުފަތް ހުޅުވާލައިފައި އެޒުވާނާ ނިކުމެ ހުއްޓިލިއެވެ. ވަގުތުން ހަތަރެސްފައި ފިނިވެލައިފިއެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހާއި ޖިންސްގައި އޭނާ ހީވަނީ ކާރު އިޝްތިހާރަކަށް ތައްޔާރުވެގެން ހުއްޓިލިހެންނެވެ. "ކީއްވެ ތިހުއްޓުނީ؟ އާދޭ މިކޮޅަށް!" ވާހަކަދެއްކުމުގައިވެސް އެހުރީ ކޮންޓްރޯލް ކުރާ ވައްތަރެވެ. ޒުވާނާގެ އެ އެންމެ ޖުމްލަ އަކާއެކު ދީނާގެ ގަނޑުވެފައިވާ ދެފައި ތިލައަށް އިސާހިތަކު ބާރު އައިސްގެން އެދިމާއަށް ގޮސް ހުއްޓެވުނެވެ. ކައިރިވުމުން ނޭފަތުގައި ޖެހުނު ސެންޓް ވަހުން ހިތާއި ރޫޚު ފުރި ބަންޑުން ވާވަރުވިއެވެ. ފިރިހެނެއްގެ ގައިގައި ބައްދާލައި އެހަށިގަނޑުން ވަސް ބަލާލަ ބަލާލާ ހުންނަން ދީނާގެ ހިތް އެދުނު ފުރަތަމަ ވަގުތުކޮޅަށް އެވަގުތު ވެގެން ދިޔައެވެ. އޭނާ ޖަހާ ސެންޓަކީވެސް ދަމާބާރު އެކުލެވޭ ކޮންމެވެސް މާއްދާއެއް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށް ވެދާނެއެވެ.
"ވަރަށް ލޯބި. ތިހެދުން ވަރަށް ގުޅޭ." ހަތަރުކަޅި ހަމަވުމުން ދީނާ ރަކިވެގެން ކުރާނެ ކަމެއް ނޭނގިފައި ހުއްޓާ ތައުރީފް ކޮށްލުމުން ވަކިން ބޮޑަށް ރަކިވިއެވެ. އިތުރަށް އެމޫނަށް ބަލަން ނުކުޅެދިގެން އިސްޖަހައިލިތަނާ އޭނާ ދިޔައީ ސިއްސައިގެންނެވެ. މިސްޓްރީމޭން އަތް އުފުލާލައިފައި އޭނާ އިސްޖަހައިގެން ހުއްޓަ ނުދޭން ދަތްދޮޅީގައި ހިފާ އުފުލުއިލީއެވެ. "އަހަރެން ވާހަަކަ ދައްކާއިރު އިސްޖަަހައިގެން ހުރެެގެން ނުވާނެ. އެއީ އަހަރެން ވަރަށް ފޫހިވާ ސިފައެއް." އެރީތި ލޮލުން ނުރުހުންތެރިކަން ފެނުމުން ދީނާ ކަންބޮޑުވިއެވެ. އޭނާ އަމިއްލަ ނަފްސަށް ވަޢުދުވީ ދެން ދުވަހަކުވެސް މިސްޓްރީ މޭން ކުރިމަތީ އިސްނުޖެހުމަށެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟" އޭނާ ކުރިން އަރުވާފައި މިސްޓްރީ މޭން އަރައި ދޮރު ޖަހައިލުމުން ދީނާ ފެށިއެވެ. ބޮކި ނުދިއްލައި ހުއްޓާވެސް އޭނާ އެދިމާއަށް މޫނު އަނބުރާލިކަން އިހްސާސް ވެގެން ދީނާގެ ހިތް އެފުށް މިފުށަށް ޖަހައިލިއެވެ. "އަހަރެން ކައިރީ އަދި ނުބުނަމެއްނު ނަމެއްވެސް." އޭނާ ހޫމ އަޅުވާލުމާއެކު ދީނާ ބުނެލިއެވެ. "ގާތް މީހުން ކިޔަނީ ނިކް." ނާއިކް އަމިއްލަ ތައާރަފް ދީފައި ދުއްވާލުމުގެ ކުރިން ބޮކި ދިއްލާލައިފިއެވެ. "ނިކް." ދީނާ އެނަން ތަކުރާރުކޮށްލިއެވެ. "އަހަރެންނަށް ކިޔަނީ ދީނާ." ދީނާ އަމިއްލައަށް ތައާރަފް ވެލުމުން ނާއިކް ހީލިއިރު ހީވަނީ ކުރިއްސުރެ އެނގި އޮޅުންފިލާފައި އޮތް އެއްޗެއް ބުނެދެވިގެން ހީލި ހެންނެވެ. ދީނާ އަޅައެއް ނުލައެވެ. އޭނާއަށް ރަނގަޅީ ނާއިކް ގިނައިން ހުނިއްޔާއެވެ. ހިކި ބިންގަނޑަށް ވާރޭ ވެހިލުމުން އެވާހެން ނާއިކްގެ ކޮންމެ ހީލުމަކުން އޭނާގެ ހިތަށްވެސް ފިނިވެލައެވެ.
*****
ހަފްތާ ބަންދާ ދިމާކޮށް ރޭގަނޑު ޑިއުޓީ ލިބުމުން ޖަނާ ހެނދުނު ތެދުވެ ހަމަޖެހިލާފައި އުޅުނީ ތަފާތު އެއްޗެއް ސަޔަށް ތައްޔާރު ކޮށްލާށެވެ. އޭނާ ބަދިގޭގައި އުޅެނިކޮށް އަކްޔަން ހޭލައިގެން މަންމީއޭ ގޮވަމުން އައިސް ބަދިގެއަށް ވަދެއްޖެއެވެ. "ކިހިނެތްވީ ދޫނި؟" ޖަނާ އަތުގައި އޮތް ދޭފަތް ތެލި ތެރެއަށް ދޫކޮށްލައިފައި ދަރިފުޅާއި ކުރިމަތިލިއެވެ. ނޫ ކުލައިގެ ހަރުވާޅާއި އަތްދިގު ގަމީސްކޮޅުގައި އަކްޔަން ހުރިއިރު ފަން އިސްތަށިކޮޅުގެ ބޮޑުބައެއް އޮތީ މޫނުމައްޗަށް ފައިބާފައެވެ. ލޯ އުނގުޅަން ހުރެފައި އާ ފުރިލިގޮތް ފެނިގެން ޖަނާގެ ހިތް ލޯބިން ފުރުނެވެ. އަތުގައި ކާއެއްޗެހީގެ ވަސް ހިފާފައި ނެތް ނަމަ އަކްޔަން ގެނެސް މެއާލާ ބޮނޑިކޮށްލެވުނީހެވެ. "ކުޑާ ނެތްތަ ބޭރަކު؟ ދޭބަލަ ކުޑާ ކޮޓަރީގަ އުޅޭތޯ ބަލައިލަން." އަކްޔަން ފާޚާނާއަށް ދާން ބޭނުން ވާހަަކަ ބުނުމުން ޖަނާ އެގޮތަށް ރައްދު ދިންއިރު ހީކުރީ ދީނާ މިހާރު ހޭލަފާނެ ކަމަށެވެ. އަކްޔަން އެވަގުތު ދީނާ ފެންނަން ނެތް ވާހަކަ ބުނުމުން ޖަނާ އުނދުން ނިއްވާލައިފައި އަތް ދޮވެލައިގެން ނިކުތެވެ. އަކްޔަން ފާޚާނާއިން ނެރެގެން އެނބުރި އައިއިރު ދީނާ ކޮބައިތޯ ބަލައިލާނަމޭ ހިތާ އެކޮޓަރިއާ ކައިރިކޮށްލާފައި ދޮރު ހުޅުވާލިއިރު މުޅި ގައިގައި ރަޖާ އޮޅައިގެން އަދިވެސް އޮތީ ނިދައިފައެވެ. "ދީނާ ދެން ތެދުވޭ. މިހާރު ނުވައެއް ޖަހަނީއޭ." ޖަނާ ބަލަން ހުރެލައިފައި އަނެއްކާވެސް މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ.
"ގުޑްމޯނިން ބިއުޓިފުލް!" އެއިވުނީ ނިކްގެ އަޑެވެ. ދީނާ ސިއްސައިގެން ދިއުމާއެކު އަވަހަށް ރަޖާގަނޑުން މޫނުމަތިން ދަމައިގެންފައި ފުންމައިގެން ތެދުވެ އިށީންދެއްޖެއެވެ. ނިކް؟" އޭނާ ހައިރާން ކަމާއެކު ވަށައިގެން ހޯދައިލިއެވެ. "ބޭބީ ނިކުމެބަލަ ބޭރަށް. ތިމޫނު ދެކިލާ ހިތްވެފަ މިހުންނަނީ." ނާއިކް ދެވަނަ ފަހަރަށް ވާހަކަ ދެއްކި އަޑު އިވުމުން ދީނާ ބަލައިލިއިރު ސްޕީކަރަށް ލައިފައި އޮތް ފޯނު އޮތީ އެނދުމަތީގައެވެ. ރޭގައި ކޮފީ ބޮއިގެން އައިސް ވަންތަނާ ނާއިކް ގުޅިގޮތަށް އަދިވެސް އެއޮތީ ފޯނު ނުކެނޑިއެވެ. އޭނާ ވާހަކަދައްކަން އޮތްވާ ނިދުނު އިރެއްވެސް ނޭނގެއެވެ.
ފޯނު އަތަށް ނަގާފައި ދީނާ ފުރަތަމަ ޖެހިލީ ލޯގަނޑު ކައިރިއަށެވެ. "އެއްވެސް ވަރަކަށް ތައްޔާރުނުވެ ހުރިގޮތަށް ނިކުންނާނީ!" އޭނާ ހޭވިފައި ހުރި އިސްތަށިގަނޑުގައި ފުނާ އަޅަން ތައްޔާރު ކޮށްލިތަނާ ނާއިކް އަމުރުކޮށްލި ގޮތުން ސިހިފައި ވަށައިގެން ހޯދައިލެވުނެވެ. އަނެއްކާ މިކޮޓަރިތެރެވެސް ނާއިކްއަށް ފެންނަނީ ބާވައޭ ހިތަށްއެރިއެވެ. ފުނާ ބާއްވާފައި އެވަރުންވެސް އޭނާ އަތުން އިސްތަށިގަނޑު ރީތިކޮށްލިއެވެ. ދެން ފޯނު ތިރިކޮށްލައިގެން ގޮސް ބެލްކަންޏަށް ނިކުތުމާއެކު ރެއިލިންގައި ބަނޑު އަޅާލައިގެން އޮތް ނާއިކް ފެނިފައި ހިނިތުންވެލެވިއްޖެއެވެ.
*****
"ކޮބާ މިއަދު ޒަލަފް. ނުތެދުވަނީތަ؟" ނައީމު ވާހަކަދެއްކީ ނާސިހާ އާ މުޚާތަބު ކޮށްފައެވެ. ދެމަފިރިން ހެނދުނު ނާސްތާ ކުރަން ކާކޮޓަރީ ތިއްބާ ޒީކްވެސް އައިސް އެމީހުންނާއި ބައިވެރިވެއްޖެއެވެ. "އޭނަ މަސައްކަތަށް ނުނިކުންނަ ދުވަހެއް ވީމަ ރަނގަޅަށް ނިދާލަނީ ކަންނޭނގެ." ޒީކްގެ ޖަވާބު އަހާފައި ނައީމުގެ ނަޒަރު ސީދާވީ އަނެއްކާވެސް އަނބިމީހާއަށެވެ. ނާސީހާ ކަންބޮޑުވީ ނައީމުގެ މޫނުގައި ހުރި ސީރިއަސް ކަމަކުންނެވެ. އޭނާ އެހުންނަނީ އަދި ޒަލަފް ރެސްޓޯރެންޓަކަށް ނިކުންނަ ވާހަކަ ދައްކަން ރަނގަޅު ވަގުތަަކަށް ބަލަ ބަލައެވެ. ޒަލަފް ވިޔަފާރި ތެރެއަށް ނުވަދެގެން ނައީމު އަބަދު ހިތްހަމަ ނުޖެހިގެން އެވާހަކަ ދައްކަ ދައްކާ ހުއްޓާ ރެސްޓޯރެންޓެއްގައި ވޭޓަރުކަން ކުރާކަން އެނގިއްޖެއްޔާ ރުޅި އައިސްގެން ހަލާކު ވާނެކަން ކަށަވަރެވެ.
"ކޮން މަސައްކަތެއް؟" ނައީމު ނިތަށް ރޫ އަރުވައިލިއެވެ. "ބައްޕައަކަށް ނޭނގޭތަ؟ މަންމައެއް ނުބުނޭތަ؟" ޒީކް އެއްފަހަރު ބައްޕައަށް އަނެއްފަހަރު މަންމައަށް ބަލައިލާފައި ރައްދު ދިން ގޮތުން ނާސިހާއަށް ލޯ މަރައިލެވުނެވެ. މިހާރު ދެން ސިއްރު ކުރަން އުޅުމުގެ މާނައެއް ނެތެވެ. "ނާސިހާ. ޒީކް ކީކޭ އެކިޔަނީ؟ ޒަލަފް ކޮންތާކު ކީއްކުރާ ވާހަކައެއް؟" ނައީމު އަތުގައި އޮތް އުލާއި ސަމުސާ ރޮށިތަށި ތެރެއަށް ދޫކޮށްލައިފައި ސުވާލު ކުރި ގޮތުން ޒީކްވެސް ކަންބޮޑުވިއެވެ. "ރަފާގެ ރެސްޓޯރެންޓްގައި މަސައްކަތް ކުރަނީ." ނާސިހާ ޖަވާބު ދޭން ތައްޔާރު ވެލުމާއެކު ޒަލަފް ދޮރުން ވަދެފައި ޖަވާބު ދިން އަޑަށް އެންމެން ބަލައިލިއެވެ. ރަތް ޓީޝާޓަކާއި ސޯޓެއްގައި ޒަލަފް ހުރީ ނިކަން ތާޒާ ކޮށެވެ. ހީވަނީ ދެންމެ ފެންވަރާލައިގެން ނިކުތްހެންނެވެ.
"ބައްޕަ ކަންބޮޑު ނުވޭ. އަހަރެން ހަމައެކަނި ދުވަސްކޮޅަކު މަސައްކަތް ކޮށްލާ ގޮތަށް އެތާ މިއުޅެނީ. ތަފާތު ތަޖުރިބާއަކަށް ވެފަ ހިސާބަކަށް ޒިންމާދާރުވެ ކަންކަން ކުރަން ދަސްވެސްވާނެއެއްނު." ޒަލަފް އައިސް އިށީންއިރު އިނީ ނިކަން ހަމަޖެހިލައިފައެވެ. ނައީމު އެވަގުތު އެއަށް ރައްދު ދޭން ތައްޔާރުވެލުމާއެކު ނާސިހާ ކުއްލިއަކަށް އަތުގައި ހިފާލުމުން ބަލައިލުމާއެކު ދެފަރާތަށް ބޯ ހޫރައިލިއެވެ. ނައީމުއަށް ނާސިހާގެ އިޝާރާތް ވިސްނިގެން އެއްޗެއް ނުބުނެ މަޑުކޮށްލިއެއް ކަމަކު މޫނުމަތީގެ ކުލައަކަށް ބަދަލެއް ނާދެއެވެ.
"ބައްޕާ އަހަރެންނަށް މިހާރު ގަބޫލު ކުރެވެން ފަށައިފި މިއުޅެވެނީ އަދި ރަނގަޅަކަށް ނޫންކަން. އެތާ އުޅެން ފެށީމަ މިއެނގެނީ މަސައްކަތް ކޮށްގެން ލިބޭ ހިތްހަމަ ޖެހުން. ވަގުތުތައް ދާ ގޮތްވެސް ހާދަ ތަފާތޭ. އަމިއްލައަށްވެސް މުހިންމު މީހެއްކަން އިހްސާސް ވޭ. އަދި އަހަރެން ނިންމައިފިން ރެސްޓޯރެންޓަށް ދިއުން ހުއްޓާލާ ދުވަހަކުން ބައްޕައާއެކު ވިޔަފާރީގެ ތެރެއަށް ވަންނަން." ނާސިހާ އަޅައިދިން ޖޫސްތަށި ބޯން އިނދެގެން ޒަލަފް ދެއްކި ވާހަކަ އަހާފައި އެންމެން އެންމެނަށް ހައިރާން ކަމާއެކު ނަޒަރު ބަދަލުކޮށްލިއެވެ. ކޮންމެ މީހެއްގެ ސިކުނޑީގައިވެސް އުފެދުނު އެންމެ ބޮޑު ސުވާލަކީ ޒަލަފްގެ ވިސްނުމަށް ކުއްލިއަކަށް އެހާ ބޮޑު ބަދަލެއް އަންނަން ދިމާވި ސަބަބެވެ.
ހަވީރު އަކްޔަން ތައްޔާރު ކޮށްގެން ދެބެން ދިޔައީ މަންމަ ކައިރިއަށެވެ. ގޭގައި ފިރިހެނަކު ނެތުމުން އަކްޔަން ދޫކޮށްލައިގެން ތިންމައިން ތިބީ ސިޓިންރޫމްގައެވެ. ޖަނާ މަންމަ އުނގުގައި ބޯ އަޅާލައިގެން ޓީވީ ބަލަން އޮތްއިރު ދީނާ އެތާ އިނދެފައިވެސް ދޭތެރެއަކުން އަކްޔަންގެ ކުޅިވަރުގައި ބައިވެރިވެއެވެ. އިރުކޮޅެއް ފަހުން ގޭގެ ދޮރު ހުޅުވާލައިފައި މާކިން ވަދެގެން ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އަކްޔަން ކުޅެ ވަރުބަލި ވެގެން ފެން ބޯން ކިޔަން ފެށުމުން ޖަނާ އެކުއްޖާ ގޮވައިގެން ކާގެއަށް ގޮއްސައި އައިއިރު މަންމަ މާ ހަރުކޮށް މާކިންގެ ކޮޓަރިއާ ދިމާއަށް ދާތީ ފެނިގެން ސަމާލުކަން ދެވުނެވެ. "މަންމަ ކީއްކުރަން އެދަނީ؟" ޖަނާ އަހައިލީ ކޮއްކޮ ކުރެންނެވެ. "ދޮންބެ މާ ބާރަކަށް ގޮވީމަ އެދިޔައީ." ދީނާ މާބޮޑަކަށް އަޅައެއް ނުލައެވެ. އެކަމަކު ޖަނާއަށް އެއީ ކުޑަކަމަކަށް ނުވިއެވެ. މާކިން އެހެން މީހުންނަށް ރުޅި ދެއްކިއަސް އޭނާގެ މަންމައާ ހަރުކަށިކޮށް މުހާތަބު ކޮށްގެން ނުވާނެއެވެ.
"ކިހިނެތްވީ މާކިން؟" ޝަރުމީލާ ދޮރު ހުޅުވާލައިފައި ވަންއިރު މާކިން ހުރީ ދެއުކުޅުގައި އަތް ވިދެލައިގެންނެވެ. އެމޫނުން ހިތްހަމަ ނުޖެހުމާއި ނުތަނަވަސްކަން ފައުޅުވަމުން ދިޔައެވެ. "އެނދުމަތީ އަހަރެން ބާއްވާފައި އޮތް ޖިންސް ދޮންނަން ނެރުނިންތަ؟" މާކިން ކުޑަކޮށް ބުމަ ކައިރިކޮށްލައިގެން ހުރެފައި އެހިއެވެ. "އެހެންވިއްޔާ ދުށިންތަ އޭގެ ޖީބުގައި އޮތް....އެއްެޗެއް؟" ޝަރުމީލާ ބޯ ޖަހައިލުމުން މާކިން ސުވާލުކުރަން ފެށިތަނާ ފަހަތުން ވަން ޖަނާ ފެނިފައި ކެވެލިގަނޑުގެ ވާހަކަ ބުނާކަށް ނުކެރުނެވެ. ޖަނާ އެވަގުތު ބަލައިލުމުން އޭނާ ބަލަން ފެށީ ދުރެވެ. "ނެރުނު އެއްޗެހީގެ ޖީބުގައި ހުރި އެކި ކަހަލަ ސާމާނު. އެތަނުން ކޯއްޗެއްގެ ވާހަކަ މާކިން ތިކިޔަނީ؟" ޝަރުމީލާ ތަފްޞީލަށް އެދުމުން މާކިންއަށް ބަލައިލެވުނީ އަނެއްކާވެސް ޖަނާގެ މޫނަށެވެ. "ހޫމ އެއެއްޗެހި ގެނެސްދޭތި ކޮންމެވެސް އިރަކުން. މުހިންމު ސާމާނު ހުންނާނެ." އޭނާ ވާހަކަ ކުރުކޮށްލާފައި އަނެއްފަރާތަށް އެނބުރި ހުއްޓާ ޝަރުމީލާ ނިކުމެގެން ދިޔަ އަޑު އަހާފައި ހީކުރީ ޖަނާވެސް ދިޔައީ ކަމަށެވެ. އޭރު ޖަނާ ހުރީ ކަޅި އަޅާލައިގެން މާކިންގެ ފުރަގަހުގައެވެ. މަންމަ ގޮސް ގެއްލޭއިރަށް އޭނާ ބުމަ ކައިރިކޮށްލައިފައި ކުރިއަށް ފިޔަވަޅެއް އެޅިގޮތަށް މާކިންގެ މުލައްދަނޑީގައި ހިފާ މަގަަތަށް އަނބުރާލިއެވެ. އެއަތުގެ ބީހުމުން ސިހުންވެގެން އެނބުރުނުއިރު ކުރިމަތިން އެސޫރަ ފެނުމުން މާކިން އަދި މާބޮޑަށް ސިހުނެވެ.