"ތިބުނީ ޒަލަފްގެ ވާހަކަތަ؟" ހުމާ އެހާ ސީދާ ބަހުން އެހުމުން ޖަނާއަށް ޖަވާބު ދޭން އުދަނގޫވިއެވެ. އޭނާ ހުމާ ބޭނުން އެއްޗެއް ވިސްނަން ދޫކޮށްލައިފައި ހިމޭންކަން އިޚުތިޔާރު ކުރިއެވެ. "އޭނަ އަހަރުމެން ރެސްޓޯރެންޓް ހުޅުވިފަހުން ދެތިން ފަހަރަކު އައި. ފަހަކުން ނުދެކެން." އެކުވެރިޔާގެ ޖަވާބު އަހާފައި ޖަނާ މާ ހިތްހަމަޖެހުނު ކުލަވަރެއް މޫނަކުން ނުދެއްކިއެވެ. ހީވަނީ އަދިވެސް އަހަން ބޭނުން އިތުރު ސުވާލެއް އޭނާގެ ހިތަށް އުދަނގޫ ކުރަމުން ދިޔަހެންނެވެ.
"ޒަލަފްގެ ވާހަކަ ބާއްވާފަ ޖާންގެ ހަބީގެ ވާހަކަ ކިޔައިދީބަލަ! ކޮބާ އޭނަ މިހާރު؟ ކިހިނެތް ދެމީހުން ބައްދަލުވީ؟" ޖަނާ ވިސްނުމަކަށް ގެއްލިފައި އިންދާ ހުމާ ފެށި ވާހަކައަކުން ނޭވާ ކަރުތެރޭގައި ތާށިވެއްޖެއެވެ.މޫނަށް ވެރިވާ ކުލައަކުން އެކުވެރިޔާއަށް ހަޤީޤަތް ފައުޅުވެދާނެތީ އޭނާ އަވަހަށް އިސްޖަހައިލީ އެއީ ދިގު ވާހަކައެކޭ ބުނެ ކުރުކޮށްލެވޭތޯ މަސައްކަތް ކުރަމުންނެވެ. "އޯކޭ. އިރާދަ ކުރެއްވިއްޔާ ތި ދިގުވާހަކަ އަހަން އަދި ވަގުތެއް ހޯދައިގެން އަންނާނަން. ރަފާ އެގުޅަނީ މާބޮޑަށް ބިޒީވެގެން ކަންނޭނގެ." ފޯނު ރިންގް ވާން ފެށުމުން ނަގައި އޭގެ ސްކްރީނަށް ބަލަން އިނދެފައި ހުމާ ތެދުވިއެވެ. ޖަނާއަށް އެވަގުތު ހަމަޖެހުމާއެކު ފުން ނޭވައެއް ދޫކޮށްލެވުނެވެ. ކައިވެނީގެ ހަޤީޤަތް އެހެން މީހަކަށް ކިޔައިދޭކަށް އޭނާ އަދި ތައްޔާރެއް ނޫނެވެ. ހާއްސަކޮށް ހުމާ ފަދަ ފަސް އަހަރުގެ ދުރުމިން މެދުވެރިވެފައިވާ އެކުވެރިއަކަށެވެ.
އެކުވެރިޔާ ފޮނުވައިލަން ދޮރާއި ހަމައަށް ގޮއްސައި އަންނަން އެނބުރިލީއިރު ޖަނާގެ ބޮލުގައި ރިއްސަން ފެށިއެވެ. ނުވިސްނަން ހުއްޓަސް ހުމާ ފެނުމުން މާޒީގެ ހިޔާލުތައް އައިސް ސިކުނޑިއަށް ވާން ކުރަނީއެވެ. ހަނދާން ނައްތާލަން މަސައްކަތް ކުރިއަސް އެމާޒީ ވަނީ ހުރިހާ ގޮތަކުން އޭނާގެ މުޅި ދިރިއުޅުމާއި ގުޅިލާމެހިފައެވެ. އެކަމަކު މާޒީއަށް ފިލަން ފަސްއަހަރު ކުރިން ނިންމިފަދަ ކުއްލި ނިންމުމެއް އޭނާ ދެން ނުނިންމާނެއެވެ. ކުރިއަށް އޮތް ތާނގައި ކުރާ ކޮންމެ ކަމެއް ބިނާވެގެން ދާނީ އަކްޔަންގެ މުސްތަޤްލަށެވެ. ލޯބިވެއޭ ބުނި މީހުނަށް ކަނު އިތުބާރު ކުރުމާއި ކައިވެނީގެ ހުރިވަރު އޭނާ ތަޖުރިބާ ކޮށްފިއެވެ. އޭނާގެ މިހާރުގެ ހަމައެކަނި މަޤްސަދަކީ އަކްޔަން ރަނގަޅު ކުއްޖެއްގެ ގޮތުގައި ބަލައި ބޮޑުކުރުމެވެ. އަކްޔަންއަށް މައެއްގެ ފަރާތުން ދޭންވާ ހިމާޔަތާއި އެއްބާރުލުން ދިނުމެވެ. ޚުދު އޭނާ ބޮޑުވެގެން އައި ދުވަސްވަރު މަންމަގެ އަޅާލުން ނުލިބުމުން ކުރި އެއްވެސް އިހްސާސެއް އަކްޔަންއާއި ވައިވެސް ނޭޅޭނެއެވެ. އޭނާ ޒަލަފްއަށް ބަރޯސާވިހެން އަކްޔަން ދުވަހަކުވެސް މަންމަ އަޅާނުލައިގެން އެހެން މީހަކަށް ބަރޯސާ ވާކަށް ނުޖެހޭނެއެވެ. މިއަދު އޭނާ އެހުރި މަޤާމުގައި ހުންނަން ޖެހުނު އެންމެބޮޑު ސަބަބަކީވެސް އެއީއެވެ. ޒުވާންވެގެން އައި ދުވަސްވަރު މަންމަގެ ފަރާތުން ނުލިބުނު އަޅާލުމާއި ލޯބި އެހެން މީހެއްގެ ފުށުން އެދެވުމުން ނިކުތް ނަތީޖާއެވެ.
މަންމަގެ ދެވަނަ ކައިވެންޏާއެކު އާ ގެއަކަށް ބަދަލުވުމުން ޖަނާއަށް ފުރަތަމަ ލިބުނީ މާޔޫސްކަމެވެ. ދޮންބައްޕަގެ އެއްމާބަނޑު ދެއަންހެން ކުދީން އޭނާދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެދެއަންހެން ކުދިންނަށް އުފަން މަންމައަކަށް ވުމަށްޓަކައި ޖަނާގެ މަންމަ ދޮންމަންމައަކަށް ވީ އަމިއްލަ ދަރިފުޅުގެ ކުރިމަތީގައެވެ. އެމާހައުލަށް ހޭނެން މަސައްކަތް ކުރަމުން ދަނިކޮށްޖަނާގެ ޅަ ހިތުގައި އަލަށް،ލޯބި ވިންދު ޖަހައިލީ ކުރިމަތީ ހުންނަ ގެއިން ފެންނަން ފެށި ރީތި ޒުވާނާއަށްޓަކައެވެ. ޒަލަފް އެއީ މުޅި ހިސާބުގަނޑުގައިވެސް މަޝްހޫރު ނަމެކެވެ. އޭނާއަށް ހިތް ނުކިޔާ އަންހެންކުއްޖަކު އެހިސާބުގައި އުޅޭކަމަކަށް ނުވިއެވެ.އަމިއްލަ ހިތުގެ އެދުމަށް ފުރަގަސްދޭން ޖަނާ ފުރަތަމަ ބޭނުންވީ މި ސަބަބާ ހުރެއެވެ. އެކަމަކު ޒަލަފް އޭނާ ހައިރާންކޮށްލައިފައި ލޯއްބަށް އެދުނީ ޤަބޫލު ކުރަން ދަތި ކުރުވި ގޮތަކަށެވެ. އޭނާއަށްވުރެ ރީތި މުއްސަދި ކުދިން ލިބެން އޮތްވާ ޒަލަފް އޭނާ ހޮވުމުން ހިތުގައި އޮތް ލޯބި ފުންވެގެން ދިޔައިރު ކަނު އިތުބާރެއް ކުރެވެން ފެށުނެވެ. އެކި ފަހަރު މަތިން، ޒަލަފް އާއި އެހެން އަންހެންކުދިންނާއި ގުޅުވައިގެން ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރީ އެ ކަނު އިތުބާރުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއީ އޭނާގެ ދިރިހުރުމުގެ ބާރަކަށްވިއެވެ. އެމީހަކާއި ގުޅުވައިގެން މުސްތަޤްބަލުގެ ރީތި ހުވަފެން ދެކެން ފެށި ބައިވެރިޔާއަށްވިއެވެ.ކުރު ގޮތަކަށް ބުނާނަމަ އޭރު އޭނާގެ ހުރިހާވެސް މީހަކީ ޒަލަފްއެވެ.
"މަންމީ! މަންމީ!" ޖަނާ ސޯފާގައި އަމިއްލަ ހިޔާލުތަކަށް ގެއްލިފައި އޮންނަތާ އިރުކޮޅެއް ފަހުން ދޮރު ހުޅުވުނު އަޑާއެކު އަކްޔަންގެ ރުއިމުގެ އަޑު ކަންފަތުގައި ހަރުލިއެވެ. އޭނާ އަވަހަށް ތެދުވެ ސޯފާއިން ދެފައި ބޭލިއިރު އަކްޔަމުން ތުންފިތަމުން ދުވެފައި އާދެއެވެ. ކައިރިއަށް އައިސް ހުއްޓުމާއެކު އެ ވަށް ދެލޮލުން ހޯސްލައިފައި ފައިބަމުންދިޔަ ކަރުނަތައް ދެކެފައި ހިނދުކޮޅަކަށް ހިތް ގެނބިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. އިސާހިތަކު ޚުދު ޖަނާގެ ލޯވެސް ފެންކަޅިވެގެން އައެވެ. "ކިހިނެތްވީ ދޫނި؟ ތަނަކަށް ތަދުވަނީތަ؟" ޖަނާ އަކްޔަން ގެނެސް މޭގައި ޖައްސައި ބާރުކޮށްލައިގެން އިރުކޮޅު އިނދެފައި ދުރުކޮށްލަމުން ސުވާލުކުރިއެވެ. ފަހަތުން އައި ދީނާ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައި އިށީންދެފައި ހެވިދާނެތީ އުޅޭހެން އަނގަމަތީ އަތް އެޅިތަން އޭނާއަށް ފެނުނެވެ. ކޮއްކޮގެ މިއަމަލުން ޖަނާގެ ހާސްކަން ކުޑަވިއެވެ. އަކްޔަން އެރޮނީ ތަނަކަށް ތަދުވެގެން ނޫންކަން އެނގުނީއެވެ. "މަންމީ! އަކްޔަންގެ ތުންފަތް ނެއްޓެނީ." އަކްޔަންގެ ޖުމްލަ ނިމޭއިރަށް ދީނާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. އެވަގުތު އަކްޔަން އެނބުރި ދީނާއަށް ބަލައިލާފައި ކުރިންހެން ބާރަށް ރޮއިގަތުމުން ޖަނާ އަވަހަށް ދީނާއަށް ބަލައިލާފައި މަޑުމަޑުން ދެފަރާތަށް ބޯހޫރާލުމާއެކު ގަދަކަމުން ހިނިގަނޑު މައިތިރި ކުރިއެވެ. "ތުންފަތް ނެއްޓެނީއޭ؟ ތީ ކާކު ބުނި ވާހަކައެއް؟" ޖަނާ އަކްޔަންގެ ލޮލުން ކަރުނަ ފުހެދެމުން ޖަނާ ނިކަން ލޯބިން އެހިއެވެ. "މަންމި ބަލާބަ މިހުރީނު. ކުޑާ ބުނީ އަކްޔަން ފެން ނުބޯތީ ދުވަސްކޮޅަކުން އަނގަ އެއްކޮށް ނެއްޓޭނެއޭ. އެއިރުން އަކްޔަންއަށް ވާހަކައެއްވެސް ނުދެއްކޭނެއޭ. އަދި އައިސްކުރީމްވެސް ނުބޮވޭނެއޭ." އަދިވެސް ރޮމުން ތުންފިތަމުން އަކްޔަން އިނގިލި ޖެއްސީ ކުރަކި ވެގެން ހަން ފޮޅިފައި ހުރި ތުންފަތުގައެވެ. ތުންފަތް ނެއްޓެނީއޭ މި ކިޔަނީ ހަން ފޮޅިގެން ނެއްޓޭ ވާހަކައެވެ. "އެއީ ކުޑާ ކޮށްލި ސަމާސައެއް. އަކްޔަންގެ ތުންފަތެއް ނުނެއްޓޭނެ. އެކަމަކު ކުޑާ ބުނިހެން ފެން ނުބޮންޏާ މިގޮތަށް ހުންނާނީ. މަންމިވެސް ބުނީމެއްނު ގިނައިން ފެން ބޯންވާނެއޭ. އޭރުން ބޮޑުވާނީ." އަކްޔަންގެ ޖަވާބު އަހާފައި ކުޑަކޮށް ހިނިއައިސްފައި އިނދެގެން ޖަނާ ކިޔައިދިނެވެ. ނަސީބަކުން އެވާހަކަ ޤަބޫލުކޮށްެގެން އަކްޔަން އެހިސާބުން ހަމައަކަށް އެޅުނެވެ. "ސޮރީ ދޮންތާ. އެކަމަކު އޭނަ ހަން ނެއްޓެނީއޭ ކިޔަން ނޭނގިގެން ތުންފަތް ނެއްޓެނީއޭ ކީމަ މަޖާވެގެން ކުޑަކޮށް ބިރުގަންނަވާލެވުނީ." ބަންޤި ގޮވާ އަޑަށް ދީނާ ތެދުވެގެން ކޮޓަރިއަށް ދަމުން އިއްވާލިއެވެ. އަކްޔަން އިނުމުން ޖަނާ ރައްދުގައި އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ. އެކަމަކު އެގޮތަށް ކަމަކާއި ނުލާ ދީނާ އަކްޔަން ރޮއްވާލީތީ އޭނާ އިނީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ބިރުގަންނަވާ ނުލިއެއް ކަމަކު ދީނާއަށް އަކްޔަންގެ މޮޔަ ވާހަކައަށް ރައްދު ދެވުނީހެވެ.
ބަންދު ދެދުވަހަށް ފަހު ދީނާ ހެނދުނު ސުކޫލަށް ދިއުމުން ގޭގައި ޖަނާމެން ދެމައިން އެކަންޏެވެ. އަކްޔަން ފެށުނީއްސުރެ އެކަނި ކުޅެން އުޅެ އާދަވެފައި ހުންނާތީ އެކުއްޖާ ގޭތެރެއަށް ދޫކޮށްލައިގެން ޖަނާ ކުރިކަމަކީ ލެޕްޓޮޕް ހުޅުވައިގެން އަލަށް ފަށާ ކޯސްތަކުގެ މައުލޫމާތާއި ވަޒީފާއަށް ހުޅުވާލައިފައި ހުރި އިއުލާން ހޯދައި ބެލުމެވެ. އެގޮތުން އޭނާ ބައެއް ތަންތަނަށް ގުޅައިގެން އިތުރު މައުލޫމާތުތައްވެސް އެއްކުރިއެވެ. ބޭނުމަކީ ކިޔެވުމާއި ވަޒީފާ، އެކަތި އަނެކައްޗާއި ފުށުނާރާނެގޮތަށް ހަމަޖެއްސުމެވެ. ޖަނާ މި މަސައްކަތެއްގައި އިންދާ ފޯނު ރިންގް ވާން ފެށުމުން ބަލައިލިއިރު ހުމާ ގުޅަނީއެވެ.
"ކީކޭ ހުމާ؟" ކަންފަތުގައި ފޯނު ޖަހާލަމުން ޖަނާ ވާހަކަދައްކަން ފެށިއެވެ. "ޒަލަފް އެބައިން މިތާގަ." އެކޮޅުން ހުމާ އަވަސްއަވަހަށް ބުނެލިއެވެ. ޖަނާއަށް ލިބުނު ސިހުމުގައި އަނެއްކާވެސް ތަކުރާރުކޮށްލެވުނީ ކީކޭއެވެ. "ވެދާނެ އަހަންނަށް މިބުނެވުނީ ޖާން ކޮންމެހެން އަހަން ބޭނުން ނުވާޒާތުގެ ވާހަކައެއް ކަމަށްވެސް. އެކަމަކު ޖާން ކައިރީ ކުރީދުވަހު ޒަލަފް ވާހަކަ ދައްކާފަ އޮތްވާ ކުއްލިއަކަށް ފެނުނީމަ ގުޅާލާހިތްވީ." ހުމާ ކިޔައިދިނެވެ. މާޒީގައި ހިނގި ހާދިސާއަށްފަހު ޖަނާ ދެން ދުވަހަކުވެސް ޒަލަފް ކުރިމައްޗަށް އަންނަން ބޭނުން ވާނެ ކަމާމެދު އޭނާއަށް ޝައްކެވެ. " ހުމާ ގުޅައިގެން އަހަރެން ރުޅިއެއް ނާދޭ. އެހެންނޫނަސް އެއްވެސް ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެއެއްނު. ހޫމ ދެން އޭނަ އައިސް އުޅެނީ އެކަނިތަ؟...މި ބުނީ އޭނަ ބަޔަކު ގޮވައިގެންތަ އުޅެނީ؟" ޖަނާ ރައްދުދިންއިރު ފަހުން ކުރި ސުވާލު ފުރިހަމަވީ ކުޑަކޮށް ކޮށަމުންނެވެ. "ބިޓެއް ގޮވައިގެނެއް ނޫން. އެކަނި ހަމަ. ޖާން ބޭނުމިއްޔާ ބައްދަލު ކުރަން ރަނުގެ ފުރުސަތެއް މީ." އެވަގުތު ހުމާގެ ޖަވާބު އިވިފައި އޭނާ ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލިއިރު ހިތުގެ ތެޅުން މަޑުވިއެވެ. "ދެން އަހަރެން އެވަރަކުން ނުދިޔަކަސް މާލޭގަ އުޅެންޏާ ފެންނާނެއެއްނު. މިގަޑީ ދީނާ ނެތީމަ ކުޑަމީހާ ގޮވައިގެން އެކަނި މިއިނީ." ޖަނާ އާދައިގެ ރާގެއްގައި ވާހަކަދެއްކިއެވެ.
އެކުވެރިޔާ ޖަވާބު ލިބުމުން ހުމާ ފޯނު ބާއްވާފައި ބަލައިލިއިރު ޒަލަފް އިނީ ރަފާހް އާއި ވާހަކަ އަޅުވާލައިގެންނެވެ. އޭރު އެމީހުންގެ އަނެއްފަރާތުގައި ހުރި މޭޒުގައި ތިބި ހަތަރު އަންހެން ކުދިންގެ ނަޒަރު ޒަލަފްގެ މޫނުން ނުނެއްޓިގެން އުޅޭތަން ފެނިގެން ހުމާއަށް ދަތްކުނޑި ވިކާލެވުނެވެ. ޒަލަފް އެހާ ފޮނިވަނީ އަންހެން ކުދިންވެސް އުޅޭ ވައްތަރުންނެވެ. ރީތި މީހަކު ފެންނައިރަށް އެވަރަށް ބަލަން ޖެހޭ ހެއްޔެވެ؟ އޭނާ ބަލަހައްޓައިގެން އިންދާ ރަފާހް އެނބުރިފައި ހަނާ އަޅާލުމުން ހުމާގެ ހިތް ތެޅިގަތެވެ. ޒަލަފްދެކެ އޭނާ ރުޅިއަޔަސް ރަފާހްގެ އެދުމުގައި ކޮޅުފައިން ޖަހާނެ ހިތްވަރު ނެތުމުން އެންމެފަހުން ތެދުވިއެވެ. ހުސް ތަބައް ހިފައިގެން އައި ވޭޓަރު ކުއްޖަކަށް ކައުންޓަރ ހަވާލުކޮށްފައި ހުމާ ގޮސް ކައިރިވުމުން ޒަލަފް އިސްއުފުލައި ހަތަރުކަޅި ހަމަކޮށްލި ވަގުތު މެއަށް ފިނިވެލައިފިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލައިފައި އޭނާ ރަފާހް އެދުނު ގޮތަށް އެތަނުން ގޮނޑިއެއްގައި އިށީނެވެ.އޭރު ދެއެކުވެރިން ދައްކަމުން ދިޔައީ ޒަލަފް އިސްމީހެއްގެ ގޮތުގައި ހުރެގެން ކުރިއަށް ގެންދާ ހަފްލާއެއްގައި ކެއުންބުއިމުގެ ކަންތައް އެމީހުންގެ ރެސްޓޯރެންޓާއި ހަވާލު ކުރުމުގެ ވާހަކައެވެ. ވާނުވާ އޮޅުންފިލުމުން ހުމާ އިނީ ހައިރާންވެފައެވެ. އެހާ ދުވަހު ފެނިނުލައި ހުރެފައި އެމީހުންނަށް ފައިދާ ވާނެހެން އެތަނަށް ކެއުންބުއިމުގެ ޒިންމާ ހަވާލުކުރަން ޒަލަފް ކުއްލިއަކަށް ހިތަށް އެރީ ކިހިނެތް ހެއްޔެވެ؟ ފާއިތުވީ ދުވަސްތަކަށް ބަލާއިރު ރަފާހް އާއި ޒަލަފްގެ މެދުގައިވެސް އެކުވެރިކަމުގެ މާގިނަ ބައްދަލު ކުރުންތަކެއް ބޭއްވިފައެއް ނެތެވެ. ރަފާހް އަމިއްލަ ރެސްޓޯރެންޓް ހިންގުމުގައި އަވަދިނެތި އުޅުނުއިރު ޒަލަފް ދައްކައިނުލައެވެ.
"އެހެންވީމަ ހުރިހާކަމެއް ހަމަޖެހުނީއެއްނު. ދެން އަދި ފަހުން ޖައްސާލާނަން." މޭޒުމަތީ އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން އޭގެ ސްކްރީނަށް ކަޅިއެއް އެއްލާފައި ޒަލަފް ތެދުވިއެވެ. ރަފާހް ބޯ ޖަހައިލުމުން އޭނާގެ ކޮނޑުގައި މަޑުމަޑުން ޖަހާލުމަށްފަހު ފޯނު ކަންފަތުގައި ޖަހައިގެން ނިކުންނަން ދިޔައިރު ހުމާ މޫނު ކުނިކޮށްގެން އިނދެފައިވެސް ހިތާއި ހިތުން ޒަލަފްގެ އެސޫރައަށް ތައުރީފް ކުރެވުނެވެ. ދިގު އިސްކޮޅާއި ބާމަތިފުޅާ ފަތި ހަށިގަނޑެކެވެ. ފަން އިސްތަށިކޮޅާއި އެންމެ ބަލައިލުމަކުން ހިތްތައް ފޫ އަޅުވާލާފަދަ ކަޅު ރީތި ދެލޮލެވެ. އައިބެއް ނެތް މޫނާއި އެންމެފުރިހަމަ ތުންފަތެކެވެ. ހިނގުމުގައި ހުންނަ ފިރިހެންވަންތަ ކަމާއި ކޮންމެ އަދާއެއްގައި އެހުންނަ ހިތް ކަތިލުމުގެ ބާރެވެ. ރުޅި އަންނަ މީހަކަށް އަމިއްލަ ހިތަށް ވިސްނައި ނުދެވޭއިރު އަދި އެހެން އަންހެންކުދިންނަށް ވާނީ ކިހިނެތް ހެއްޔެވެ؟
ކޯހަށް ކުރިމަތިލީ ހިސާބުން ޖަނާގެ ވިސްނުން ދެން ހުރީ ވަޒީފާއަކަށެވެ. އޭނާއަށް އެންމެ ކަމުދިޔަ ދެތިން ތަނަކަށް އެއްފަހަރާ ކުރިމަތި ލައިގެން އެކި ދުވަސް މަތިން އިންޓަވިއު ތަކަށް ދިޔައެވެ. ފުރަތަމަ ދެ ތަނުން ޖަވާބެއް ނުލިބި އުޅެނިކޮށް ތިންވަނަ ތަނަށް އިންޓަވިއުއަށް ދާން ޖެހުނެވެ. ކަން ދިމާކުރި ގޮތުން އެގަޑި ދިމާވީ އަކްޔަން ސުކޫލުން ނެރޭ ގަޑިއަށެވެ. އަދި އެވެސް ސުކޫލަށް ލައިގެން ފުރަތަމަ އެތަނަށް ފޮނުވި ދުވަހެވެ. ޖަނާ ހާސްވެގެން އުޅެން ފެށުމުން ދީނާ ދޮންތައަށް ވިސްނައިދިނީ އަކްޔަންގެ ޒިންމާ އޭނާ ނަގާނެ ކަމުގައެވެ. ފުރަތަމަ ދުވަހަށް ވިއަސް އޭނާއަށް އަކްޔަންގެ ހިތްހަމަ ޖައްސައިދެވޭނެ ކަމުގައެވެ. ޖަނާ ކޮއްކޮއަށް އިތުބާރު ކޮށްފައި އެންމެފަހުން ހިތްހަމަޖައްސާލިއެވެ. ތައްޔާރު ވެލައިގެން ނިކުތްއިރު ގަޑި ޖެހޭކަށް ގިނައިރެއް ނެތެވެ. ނަސީބަކުން އޭނާ ހުރީ ކުރީބައިގައި ޓެކްސީއަކަށް ގުޅައިގެންނެވެ. ޖަނާ، ނިކުތުމުގެ ކުރިން އަކްޔަން ބަލައިދާން ހަނދާން ނައްތައިނުލުމަށް އަދިވެސް އެއްފަހަރު ކޮއްކޮ ކައިރީ ބުނެލިއެވެ. ދީނާ އަލަށް އެކަހަލަ ޒިންމާއެއް ނަގާއިރު ހަނދާން ނެތިދާނެ ކަމުގައި ހިތް ބުނަނީއެވެ. އިންޓަވިއު އޮންނަ އޮފީހަށް ގޮސް އޭނާގެ ނަންބަރާއި ޖެހުމުން ހިތާއި ދެކޮޅަށްވެސް ޖެހުނީ ފޯނު ނިއްވައިލާށެވެ. އެކަމަކު އެންމެ ހިނދުކޮޅަކަށްވެސް ދަރިފުޅުގެ ނުތަނަވަސްކަން ހިތަކުން ނުފިލިއެވެ. އޭގެ ނަތީޖާއަކަށް ވީ އިންޓަވިއުއަށް ބަލައިގެން ވަޒީފާ ނުލިބޭނެ ކަން އަމިއްލައަށްވެސް ޤަބޫލު ކުރެވުމެވެ.
ހިސާބަކަށް މާޔޫސްވެފައި ހުރެގެން އައިސް ގެއަށް ވަންއިރު މީހެއްގެ ހިލަމެއް ނުވެއެވެ. ޖަނާއަށް ގަޑި ބަލައިލެވުނީ ދީނާ އަދިވެސް އަންނަހާ ނުވަނީބާވައޭ ހިތަށް އަރައިފައެވެ.ނޫނެކެވެ. އަންނަހާ އިރުވީއެވެ. އޭގެ ފަހުން މިހާރު ބައިގަޑިއިރު ވެއްޖެއެވެ. އެވަގުތު ހިތް ތެޅިގަތީ ދީނާ އަނެއްކާ ހަނދާން ނެތިގެން ލަހުން ދިޔައީބާވައޭ ހިތަށް އަރައިފައެވެ. ޖަނާ އަމިއްލަ ހިތާއި ދެކޮޅު ހެދުމުގެ ގޮތުން ކުޑަކޮށް ބޯ ހޫރާލައިފައި ދީނާގެ ފޯނަށް ގުޅައިފިއެވެ. އޭނާގެ ބިރުވެރިކަން އޭގެ އިންތިހާއަށް ދިޔައީ ދީނާ އެފޯނަށް ޖަވާބު ނުދިނީމައެވެ. އިރުކޮޅަކުން އިހްސާސްވީ އެފޯނު ރިންގް ވާ އަޑު އިވެނީ ގޭގެ ކޮންމެވެސް ތަނަކުން ކަމެވެ. ޖަނާ ދެވަނަ ފަހަރަށް ގުޅައިގެން ހުރެފައި ގޮސް އެތަން މިތަން ހޯދަނިކޮށް ފޯނު ފެނުނީ ދީނާ ނިދާ އެނދުމަތީ އޮތްވައެވެ. ލޮލަށް ކަރުނަ ޖަމާވެގެން އޮހެން ފެށުމާއެކު އިސާހިތަކު ރޮވެން ފެށިއެވެ. ހަދާނެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ކަރުނަ ފުހެމުން އޭނާ ދެކޮޅަށް ހިނގަ ހިނގާފައި ޓެކްސީއަކަށް ގުޅިއެވެ. ޓެކްސީ އައުމުން އަކްޔަން ސުކޫލަށް ގޮސް ބެލިއިރު އެތާކު ނެތެވެ. އެކަމަކު ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެއީ އެހެން ކުދިންނެކޭ އެއްގޮތަށް އަކްޔަން ބަލައިވެސް ބެލެނިވެރިއަކު އައިކަން އެނގުނީމައެވެ.
ޖަނާ ޓެކްސީ ފޮނުވާލައިފައި ސުކޫލް ކައިރީ ހުރެގެން މަންމަ ފޯނަށް ގުޅިއިރު އެގޭގައި ދީނާ އުޅޭ ކަމަކަށް ނުވިއެވެ. ދީނާ އާއި އަކްޔަން ގޭގައި ނެތް ވާހަކަ ބުނުމުން މަންމަވެސް ހާސްވެއްޖެއެވެ. އެންމެފަހުން ހުމާއަށްވެސް ގުޅިއެވެ.ނުދަންނަ ނަންބަރަކުން ގުޅީ،ހުމާ ފޯނަށް ޖަވާބު ނުދީގެން އަލުން އަނބުރާ ގެއާއި ދިމާއަށް މިސްރާބު ޖަހާފައި ވަނިކޮށެވެ. "ދޮންތާ. މީ ދީނާ." ޖަނާ ހަލޯއޭ ބުނެލުމާއެކު އެކޮޅުން ކޮއްކޮގެ އަޑު ކަންފަތުގައި ޖެހިފައި ހިތް ތެޅިގަތެވެ. "ކޮންތާކު ތިހުރީ؟ ކޮބާ އަކްޔަން؟" ޖަނާ ބާރުބާރަށް ސުވާލު ކުރިއެވެ. ކޮއްކޮ އާއި ދަރިފުޅު ހުރި ތަނެއް އޮޅުން ނުފިލަނީސް އޭނާއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. "ދޮންތަ ގެއަށް އައިސް އަހަރެމެން ނުފެނިގެން އުޅެފާނެތީ މިގުޅީ. އަހަރެންނާ އަކްޔަން މިއިނީ ހުމާދައްތަ ރެސްޓޯރެންޓްގައި ދޮންބެއާއެކު. އިރުކޮޅަކުން ގެއަށް ދާނަން." ދީނާގެ ވާހަކަ އިވިފައި ޖަނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ބޮލުން ބޮޑު ބަރެއް ނެތިގެން ދިޔަ ކަހަލައެވެ. ޖަނާ އެންމެ ރަނގަޅު ކަމަށް ބުނެފައި ފޯނު ބޭއްވިއެވެ. އޭނާ ގޮސް ގޭގައި އިނދެގެން އަކްޔަން ފެންނާނެ އިރަކަށް އިންތިޒާރު ކުރިއެވެ. ފުރަތަމަ ދުވަހު ސުކޫލުގައި ކަން ހިނގި ގޮތާއި ބެހޭ ގޮތުން އޭނާ ދަރިފުޅާއި ސުވާލު ކުރަން ބޭނުމެވެ. އެއަށްވުރެ ބޮޑަށް އެދަރިފުޅު ނުފެނި ގިނައިރުވުމުން ހިތް އަދިވެސް މުޅި އަކުން ހަމައަކަށް ނޭޅެއެވެ. އަކްޔަން ގެނެސް މޭގައި ޖައްސާލެވުމުން ނޫނީ މިއަދު ދެން ހަމަޖެހުމެއް ނެތެވެ.
އަކްޔަންގެ އިންތިޒާރުގައި އިތުރު ކަމެއް ނުފެށިފައި ޖަނާ އޮތްވާ ހުމާ ގުޅިއެވެ. "ކީއްކުރަން ހާދަ ވަރަކަށް ގުޅާފަ މިހުރީ؟ އަހަރެން ބޭރުގައި އުޅެފައި އައިސް ގެއަށް ވަންނަމުން ފޯނު ބަލައިލިތަނާ މިފެނުނީ މިސްކޯލްތައް." އެކޮޅުން ހުމާ ވާހަކަދެއްކިއެވެ. ވެގެން އުޅޭ ގޮތް ކިޔައިދެމުން ޖަނާ ސޯފާއިން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެލިއިރު ހުމާވެސް ރެސްޓޯރެންޓްގެ އަނެއްފަރާތުން ވަދެވެން ހުންނަ ގޭގެ ދޮރާށި ކައިރީ ހުރެފައި މަތި ބަލައިލަނީއެވެ. "ހުމާ އިހަށް މަޑުކުރޭ އަހަރެން އެބަދަން." ޖަނާ އެކުވެރިޔާއަށް އަތުގެ އިޝާރާތުން މަޑުކުރަން އަންގާފައި ދުވެފައި އެތެރެއަށް ދިޔައެވެ. އޭނާއަށް ދެން އިތުރަށް މަޑެއް ނުކުރެވޭނެއެވެ. މިފަހަރު އަންނާނީ އަކްޔަން ގޮވައިގެންނެވެ.
ދެއެކުވެރިން ވާހަކަދައްކަމުން ރެސްޓޯރެންޓްގެ ދޮރުން ވަދެފައި ޖަނާ ފުރަތަމަވެސް ވަށައިގެން ހޯދައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ފައި ހުރި ހިސާބުން ގަނޑުވެއްޖެއެވެ. ޖަނާ ކުރިއަށް ނުގޮސްގެން ހުމާ ބަލައިލިއިރު ޖަނާގެ ނަޒަރު ހުރީ ކައުންޓަރ ކައިރީ ހުރެފައި ހިނގައިގަނެގެން އައި ޒުވާނަކަށެވެ.ދީނާއަށް ފެނިގެން އޭނާ ގޮވާލި ކަމެއްވެސް ޖަނާއަށް އިހްސާސެއް ނުވިއެވެ. ދައްތައަށް ވެފައި ހުރި ގޮތުން ދީނާ ހައިރާންވެފައި ދައްތަގެ ނަޒަރު ހުރި ދިމާ ހޯދައިލުމުން ހައިރާންކަމެއް ލިބުނެވެ. ޖަނާއަށް އެމީހަކު ފެނިގެން ބަލަން ހުރި ގޮތުން އެވަގުތު ހުމާވެސް އެއީ ކާކުކަން ދެނެގަންނަން ވެގެން ފުންކޮށް ބަލައިލިއެވެ. "ސުބުހާނަﷲ! މާކިން." ކައިރިން ހުމާ ވާހަކަދެއްކި އަޑަށް ޖަނާއަށް ހޭވެރިކަންވެގެން ކުޑަކޮށް ބޯ ހޫރާލިއެވެ. އެވަގުތު އެދެމީހުން އަޖައިބުކޮށްލައިފައި މާކިން ގޮސް އިށީންދެލީ ދީނާ އާއި އަކްޔަން ތިބި މޭޒު ދޮށުގައެވެ. ޖަނާ ލޯ ބޮޑުކޮށްލައިފައި ބޭއިޚުތިޔާރުގައި ފަހަތަށް ޖެހިލުމާއެކު ދޮރުން ވަން އެހެން މީހެއްގެ ގައިގައި ޖެހިފައި އަރި އަޅާލައިފިއެވެ. އެކަމަކު އަނގައިން ނިކުތް ތޫލި ހަޅޭކުގެ އަޑު ކެނޑެންވާއިރަށް ކައިރީ ހުރި މީހާ ކުޑަކޮށް ގުދުވެލައިފައި އޭނާ ވެއްޓުނަ ނުދީ އުނަގަނޑުގައި އަތް ވަށާލިކަން އެނގުނެވެ. ޅަކުއްޖަކު ބިރުން އުޅޭހެން ޖަނާ ލޯ ހުޅުވާލިއިރު ޒަލަފްވެސް ބަލަން އޮތީ ލޮލަށް ފެންނަމަންޒަރު ޤަބޫލު ނުކުރެވިފައެވެ. އޭރު ރެސްޓޯރެންޓްގައި ދެންތިބި މީޙުންގެ އިތުރުން މާކިން އާއި ދީނާގެ ނަޒަރުވެސް ހުރީ އެދެމީހުންނަށެވެ.