ޖަނާ ދެފަހަރު ދެމީހުންނަށް ބަލައިލާފައި ސުޒާންއާ ވާހަކަ ދައްކަން އަނގަ ހުޅުވާލި ހެނެއް ހިއެއްނުވެ މާކިން ކުއްލިއަކަށް އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. ޖަނާއަށް އެއްޗެއް ނުބުނެވެނީސް މާކިން އެއަތަށް ދަމަމުން ގޮސް ދޮރު ހުޅުވާލައިފައި އަކްޔަންއާ ދެމީހުން ބޭރަށް ނެރުނެވެ. "މާކިން!... ކޮބައިތަ މާކިންގެ މައްސަލައަކީ؟ އެން ވައި ޑިޑް ޔޫ ކަމް ހިއަރ؟" ޖަނާ ރުޅިގަދަވެގެން ބާރުބާރަށް ނަން ކިޔާލި ވަގުތު އަކްޔަން ބަލަން ހުއްޓާ ފެނުމުން އެސުވާލު ކުރީ މަޑުންނެވެ. މާކިން އިސްޖަހައިލުމުން އޭނާ ދެން ދިމާކޮށްލީ ދޮރުވާނަކަށް ހުރި މީހާއާއެވެ. ވަކި ބަޔަކަށް ހުއްދަ ދީފައި އޮތް ތަނަކަށް އަންނަހާ މީހަކު ވައްދަނީ ކީއްކުރަންހޭ ކިޔައި ސުވާލު ކުރިއެވެ.
"އަހަރެން އައީ އަހަރެންގެ ދަރިފުޅާ ބައްދަލު ކުރަން." ދޮރުވާނަށްވުރެ ކުރިން މާކިން ފަހަތުން ޖަވާބުދިން އަޑުއަހާފައި ޖަނާގެ މެއަށް ފިނިވެގެން ދިޔައެވެ. ތެޅިގެންފައި އަވަސް އަވަހަށް ފަސްއެނބުރި ބަލާލެވުނުއިރު ދެލޯ ހުރީ ބޮޑުވެފައެވެ. މާކިންއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ "ވަރަށް ސަޕްރައިޒްވެއްޖެދޯ." ހުވަފެނަކުން ހޭލަން މަސައްކަތް ކުރާ މީހަކު ފަދައިން ޖަނާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރަން ހުއްޓާ މާކިން ބުނެލިއެވެ. ހަތަރުކަޅި ހަމަކޮށްލާފައި އޭނާއަށް ހުރެވުނީ ރައްދު ދޭނެ ގޮތެއް ނޭނގިފައެވެ. "ކީއްވެ އަހަރެން ކައިރީ ނުބުނީ؟" މާކިން ސުވާލުކޮށްލިއިރު ލޯ ފެންކަޅިވިތަން ޖަނާއަށް ފެނުނެވެ. ހިތަށް އަސަރުކުރީ އެހެންވެގެންނެވެ. އޭނާ ލޯބިވާ ވާހަކަ ބުނުމުން ފުރަގަސްދިން މީހާ އޭނާގެ ފުށުން ލިބިފައި ހުރި ދަރިފުޅު ޤަބޫލު ކުރަން ތައްޔާރު ހެއްޔެވެ؟
"އަހަރެން އެކަންޏެއް ނޫން ދުނިޔޭގަ ސީކްރެޓް ހިފަހައްޓައިގެން އުޅެނީ." ޖަނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި އިއްވައިލިއެވެ. ދެވުނީ ރަނގަޅު ޖަވާބެއްކަން ޔަޤީންވީ މާކިން އިސްޖަހައިލިތަން ދެކެފައެވެ. އިތުރަށް މަޑުކުރަން ނުހަދާ އަކްޔަން އަތުގައި ހިފާލައިގެން އެތެރެއަށް ދެމިގެންފައި ފުރަތަމަވެސް މަޑުކޮށްލުނީ ނޭވާ ހަމައަކަށް އަޅުވާލާށެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސަމާލުކަން ގުޅުނީ ސުޒާންއަށެވެ. ޖަނާ އަކްޔަން އެއްފަރާތެއްގައި ބަހައްޓާފައި ގޮސް ސުޒާން ކައިރިއަށް ހުއްޓުނުތަނާ އޭނާ ބަލާލައިފިއެވެ. "މީ ޖަނާ. އަކްޔަން މަންމަ." ޖަނާ ހަނދާން ކޮށްދިނުމުން ސުޒާން ހިނިތުންވެފައި ބުނެލީ އޭނާއަށް އެނގޭ ކަމަށެވެ. "އަހަރެން ސުވާލެއް ކުރިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟" އެވަގުތު ޖަނާ އަހައިލި ވާހަކައިން ސުޒާންގެ ހިނިތުންވުން ފިލިއެވެ. އޭނާ ބުނަން އެއުޅެނީ ކީކޭކަން މާ ކުރިންވެސް ލަފާކޮށްލެވުނީ ކަންނޭނގެއެވެ."ކިހިނެތް މާކިން ދަންނަނީ؟" ދެކޮޅު ހެދުމުގެ ގޮތުން ސުޒާން އެއްޗެއް ނުބުނުމުން ޖަނާ އަހައިލިއެވެ.
*****
އެރޭ އަކްޔަން ނިންދަވާފައި ޖަނާ އެކަނި ބަދިގޭގައި އުޅުނުއިރު ސިކުނޑީގައި ހަރުލާފައި ހުރީ ސުޒާން ދެއްކި ވާހަކައެވެ. މާކިންއެއީ ކުޑައިރުގެ އެކުވެރިއެއް ކަމާއި ޖެހުނު މައްސަލައެއްގައި ދެމީހުންގެ ގުޅުން ކެނޑުނީ ކަމަށް ސުޒާން ބުންޏެވެ. އެކަމަކު އެމައްސަލައިގެ ތަފްޞީލަކަށް ނުދިޔައެވެ. ބުނީ އެވާހަކަ އެންމެ ރަނގަޅުވާނީ މާކިން ކައިރިން އަހައިގެން އޮޅުންފިލުވުން ކަމަށެވެ. ދެމީހުންގެ މޫނުން ފެނުނު ކުލަވަރަށް ބަލާފައި ޖަނާގެ ހިތް ބުނީ އެއީ އާދައިގެ ކަމަކަށްވުރެ ސީރިއަސް މައްސަލައެއް ކަމުގައެވެ. އެހެންނޫންނަމަ އެކު އުޅެ ބޮޑުވި ދެއެކުވެރިން އެކަކު އަނެކަކާއި އަނގައިން ބުނަން ބޭނުން ނުވާނީ ކީއްވެ ހެއްޔެވެ؟
އާދުވަހަކަށް އިރު އަރައިގެން އައިއިރު އަކްޔަން ނިކުމެ ފުރަތަމަ ކަމަކަށް އެންމެން ދީފައި ހުރި ޕާރސަލްތައް ކަނޑަން ފެށިއެވެ. ފެންވަރައިގެން އަންނަން ހިނގާށޭ ޖަނާ ބުނީމައިވެސް ދެފަރާތަށް ބޯ ހޫރާލައިފައި ދެފައި ވަށްކޮށްލައިގެން އިށީންދެއްޖެއެވެ. ނޫކުލައިގެ ހަރުވާޅާއި ކުރުތާއެކު އެއިސްތަށިކޮޅު ހާވާލައިފައި އޮންނައިރު ނިކަން ލޯއްބެވެ. އަކްޔަންއާ އެއްބައިވެގެން ހެވިލާފައި އިނދެ ފަހަރަކު ޕާރސަލެއް ކަނޑައި ކާކު ދިން އެއްޗެއްކަން ބުނެދެނީ ދީނާއެވެ.
" މަންމީ އަކްޔަން މޫދަށް އެރެން!" ފަޔާޒް ދިން ރިންގްއެއް ފެނިފައި އަކްޔަން އެދެން ފެށިއެވެ. އެވަގުތު ދީނާވެސް ތެދުވެ އެހިޔާލަށް ތާއީދު ކުރިއެވެ. އަކްޔަން ގޮވައިގެން މާލެ އައިފަހުން މިހާ ދުވަސްވީއިރު އަދި އެއްފަހަރުވެސް މޫރަށް އެރިލަން ނުދާކަމަށް ބުނެ ދީނާ ދޮންތަ ކައިރިން އާދޭސްކުރަން ފެށިއެވެ. ޖަނާ އެންމެފަހުން އެއްބަސްވެފައި މަންމައަށް ގުޅާލުމުން ޝަރުމީލާ ހުރީ ތައްޔާރުގައެވެ.
ޖަނާމެން ދެމީހުން އަކްޔަން ގޮވައިގެން ގޮސް އިންތިޒާރުގައި ތިއްބާ މަންމަ ގޮވައިގެން ސައިކަލުގައި އައިތަން ފެނުނީ މާކިންއެވެ. ޖަނާއަށް ފުންމައިގެން ތެދުވެވުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ހައިރާންވީ މާކިން މޫދަށް އެރޭ ހެދުމުގައި ހުރީމައެވެ. އަޅި ޓީޝާޓާއި ކަކުލަށްވުރެ މައްޗަށް ހުރި ނޫ ސޯޓެކެވެ. އަކްޔަންއެކޭ އެއްގޮތަށް އިސްތަށިގަނޑު އޮތީ ހާވާލައިފައެވެ. ޖަނާ ހިތް އަވަސްވެފައި ހުއްޓާ އޭނާއަށް ބަލާލުމެއްވެސް ނެތި އައިސް އަކްޔަން އުރާލުމުން އަނެއްފަރާތަށް މޫނު އަނބުރާލެވުނެވެ. "ދޮންބެވެސް ތިއައީ މޫދަށް އެރެންތަ؟" ދީނާ އުފާވެފައި ސުވާލު ކޮށްލި ވަގުތު މާކިން ބޯ ޖަހާލުމުން ފޮނިވެގެން ފުމެލިއެވެ. ޖަނާ ފޯނެއް ކޮށްލަން ވެގެންނޭ ކިޔާފައި ދަބަސް ހިފައިގެން އެއްފަރާތަކަށް ޖެހިލާފައި ގުޅީ ޒަލަފް ނަންބަރަށެވެ. މާކިންއަށް ވާ ގޮތް ބަލައިލަން އޭނާ ބޭނުންވީ އެތަނަށް ޒަލަފް ގެންނާށެވެ. ނަސީބު ދެރަކަމުން ތިންފަހަރު ގުޅިއިރުވެސް ޒަލަފް ފޯނެއް ނުނެގިއެވެ. ނިދާ ހޭނުލަނީ ކަންނޭނގެއެވެ. ޖަނާ މާޔޫސްކަމާއެކު ފޯނު ބާއްވާފައި އެނބުރިލިއިރު މާކިންއާއެކު އަކްޔަން މަޖާވެފައި އުޅޭތަން ފެނި ބަލަން ހުރެވުނެވެ. ރިންގް ދޫކޮށްލައިފައި އަކްޔަން ގިނައިރު އަރާ އިންނަނީ މާކިންގެ ކޮނޑަށެވެ.
ދުރުން ކުއްޖަކު ހީގަތްއަޑަށް ހޭވެރިކަން އައިސްގެން އެދިމާއަށް ދިޔައިރު އެއްވެ ތިބި ގިނަ ބައެއްގެ ލޯތައް އެދެބަފައިންނަށް ހުރިކަން ޖަނާއަށް ފާހަގަވިއެވެ. އޭނާ ގޮސް މޫދަށް އެރުނުތަނާ އަކްޔަން ގޮވަން ފެށުމުން މަޖުބޫރުވެގެން މާކިން ކައިރިއަށް ގޮސް ހުއްޓުމުން އެތޫނު ދެލޯ ހުރީ އޭނާގެ މޫނަށް ހުއްޓިފައެވެ. އޭނާ މާކިންގެ ނަޒަރުން ސަލާމަތްވާން ވެގެން ދީނާގެ ކޮނޑުގައި އެލިގަތެވެ.
އެންމެ ކުރިން ހީކަރުވައިގަނެގެން މޫދުން އެރީ ޖަނާއެވެ. އޭނާ ގޮސް ދަބަސްތައް ބަހައްޓާފައި ހުރި ތާގައި ގޮނޑިއެއްގެ މަތީ އިށީންދެ އިންދާ އިރުކޮޅަކުން މާކިންވެސް އަކްޔަން ގޮވައިގެން އަތުވެއްޖެއެވެ. އަކްޔަން ތުރުތުރު އަޅަމުން ދިޔައިރުވެސް ނާންނަންވެގެން ބޮޑައި ހާކަނިކޮށް މާކިން ގަދަކަމުން ގެނައީއެވެ. ޖަނާ އަކްޔަން ދިޔަ ނުދީ ހިފަހައްޓައިގެން ހުރެ އެއް އަތުން ފެން ނޭޅިގެން އުޅެނިކޮށް އެކަން ކޮށްދިނީ މާކިންއެވެ. އޭނާ ފެންފުޅި އުފުލާލައިފައި އަކްޔަން ބޮލަށް އޮއްސާލުމުން އަނެއްކާ މަޖާވެގެން ހީގެންފިއެވެ. އަކްޔަންގެ އުފާވެރިކަން ފެނިފައި ޖަނާ އާ މާކިންއަށްވެސް ހެވިގެން އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެކަމަކު ހަމަ ހަތަރުކަޅި ބައްދަލުވީއިރަށް ޖަނާ އިސްޖެހިއެވެ.
"ސޯ.. މިރޭ ޒަލަފްއަށް އާއެކޭ ބުނަންތަ ތިއުޅެނީ؟" މާކިން ކުއްލިއަކަށް އަހައިލިއެވެ. ޖަނާ ސިހިފައި ބަލާލިއިރު މާކިން އިނީ ދުރު ބަލާށެވެ. ކައިރީ ހުރި ގަހުގެ ފަތްތަކުތެރޭން އެޅިފައި ހުރި ކޮކާ އަވީގައި އެމޫނުގައި ހަރުލާފައި ހުރި ފެންތިކިތައް ވިދަމުން ދިޔައިރު ހިތްގައިމުކަން އިތުރުވެފައިވާ ކަހަލައެވެ. "ހޫމ. ކޮންމެވެސް މީހަކާ އިންނަންޖެހޭނެއެއްނު." ޖަނާ އަޑަށް ބާރުލައިފައި ޖަވާބުދިނެވެ. "ގުޑް" މާކިން ހަމަޖެހިލާފައި ރައްދު ދިން އަޑު އިވުމުން އިޚުތިޔާރެއް ނެތިވެސް ލޮލަށް ކަރުނަ ގިނަވިއެވެ. އެހެންމީހެއްގެ އަތުތެރެއަށް އޭނާ ފޮނުވާލަން މާކިން ކުޑަކޮށްވެސް ޖެހިލުން ނުވަނީ ހެއްޔެވެ؟ ފަސް އަހަރު ކުރިން އެރޭ އޭނާގެ ކައިރީ ދެއްކި ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް އެކުލެވިފައި ނުވާކަމަށް ޤަބޫލު ކުރަން އަދިވެސް ހާދަ ދައްޗެވެ.
"ދެން މާކް ކޮންއިރަކުން މައުވާއާ އިންނަނީ؟" މާކިން ތެދުވިތަނާ ޖަނާވެސް އަހައިލިއެވެ. ހަނދާންކޮށްލަން އުޅޭފަދަ ގޮތަކަށް މާކިން އެނަން ކިޔާލައިފައި ޖަހައިލީ ހިނގަނޑެކެވެ. ޖަނާ ހައިރާންވެގެން ބަލަން ފެށުމުން މާކިން ބުނެދިނީ ބައްޕަ އޭނާ ގުޅުވަން އުޅުނީ މައުވާއާ ނޫން ކަމުގައެވެ. ޖަނާ ރެސްޓޯރެންޓަށް ދިޔައިރު މައުވާ ފެނިގެން އުފެދުނު އޮޅުން އޭނާ ހަމަ އެނގިހުރެ ފިލުވައިނުދިނީއެވެ. ލޮލުގައި ކަރުނަ ހުއްޓާވެސް ޖަނާ ރުޅިގަދަ ވީ މާކިން ގަސްތުގައި އޭނާ ޖެލަސްވާވަރު ބަލައިގެން ސިއްރުން ހީލަ ހީލަ ހުންނާނެކަން އެނގޭތީއެވެ. އިރުކޮޅަކުން މަންމަމެން އައުމުން އެވާހަކަ މެދުކެނޑާލައިފައި ދެމީހުން އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ހުކުރު ދުވަހަށް ވުމުން މެންދުރަށް ގޭގައި މަސައްކަތްވެސް ހުންނާނެއެވެ. މެންދުރު ކެއުން އެގެއިން ހަމަޖައްސަން ބުނުމުން ޖަނާ ވަރަށް ފަސޭހައިން އެއްބަސްވިއެވެ. ސިކުނޑީގައި އޭނާ ރާވައިގެން ހުރި ކަންތައް އެހެން އެކަކަށްވެސް ނާންގައެވެ.
ހުކުރަށް ދާން ހުރިހާ ފިރިހެނުން ނިކުމެގެން ދިޔަ ވަގުތު ވީ ޖަނާ ބަލަ ބަލާ ހުރި ވަގުތަށެވެ. އުނދުން ކައިރީހުރި މަންމަ ކޮނޑުގައި އަތް ޖައްސާލުމަށްފަހު އެބަ އަންނަމޭ ކިޔާފައި ސިއްރު ސިއްރުން ގޮސް ހިފައިލީ މާކިން ކޮޓަރި ތަޅުގައެވެ. ދެވަނަ ސިކުންތުގައި ޖަނާއަށް ހިނިތުންވެލެވުނެވެ. މާކިން ހުކުރަށް އެދިޔައީ ކޮޓަރި ތަޅު ނުލައެވެ. ފުން ނޭވައެއްލައިފައި ވަދެ ވަށައިގެން ނަޒަރު ހިންގާލަން ހުރެވުނީ ހޯދަން ފަށާނެ ދިމާއެއް ނޭނގިފައެވެ. ވިސްނާލައިފައި ގޮސް ޑްރެސިން ޓޭބަލް ވަތްގަނޑު ދަމާލައިފިއެވެ. ކަރުދާސްތަކެއް ހުއްޓާ ފެނުމުން އޭގެ އެތެރެ ޗެކްކޮށްލިއިރު ކަމުދާ ކަހަލަ އެއްޗަކާ ދިމައެއް ނުވިއެވެ. މުޅިންވެސް ހުރީ މެޑިކަލް މައުލޫމާތު އެކުލެވޭ ލިއުންތަކެވެ. އަލަމާރި ހުޅުވާލިއިރު އެއްކޮޅުން އަނެއްކޮޅަށް ކޮނޑުގައި އަޅުވާފައި ހުރި މާކިންގެ ގަމީހާއި ޓީޝާޓްތަކެވެ. ދެން ބާކީ ހުރީ ތިރީގައި ހުރި ވަތްގަނޑު ތަކެކެވެ. ޖަނާ އުންމީދުން ފުރިގެން ހުރެ ފަހަރަކު ވަތްގަނޑެއް ޗެކްކޮށް ކަމުދާ ކަހަލަ އެއްޗެއް އަތު ނުޖެހިގެން ބަލަނިކޮށް ތަޅުލައިފައި ހުރި ވަތްގަނޑަކާއި ދިމާވެއްޖެއެވެ. ހިތް ބުނީ އެވަތްގަނޑުގައި ސިއްރު ޑައިރީއެއް ނަމަވެސް އެއްޗެއް އޮންނާނެ ކަމުގައެވެ. ހުޅުވާނެ ގޮތަކާމެދު ވިސްނަމުން ނިޔަފަތި ހަފަން ހުރެފައި ހަނދާންވީ މަންމަ ބުރުގާގައި ޖަހަން ގެންގުޅޭ ޕިންތައް މަތިންނެވެ ޖަނާ ގޮސް އެކޮޓަރި ދޮރު ހުޅުވާލައިފައި ވަގެއްހެން ޕިންފޮށި އަތަށް ލައިގެން އެނބުރި އައިސް އަނެއްކާ ވަނެވެ.
ޕިނެއް ނަގާފައި ތަޅުވަޅަށް ޖަހައިގެން އެގޮތް މިގޮތަށް އަނބުރަނިކޮށް އިރުކޮޅަކުން ފެނުނީ ޕިން ބިންދުނު ތަނެވެ. އޭނާ އަދި ހީކުރީ ފިލްމުތަކުގައި މީހުން އެކަހަލަ އެއްޗެހި ތަޅަށް ވައްދައިގެން ހުޅުވާލާހައި ފަސޭހައިން އޭނާއަށްވެސް އެކަން ވާނެ ކަމަށެވެ. މާޔޫސް ވެގެން ތެދުވެ ހުރެފައި ގަޑި ބަލާލަން ހަނދާންވީ ބޭރުން ފަޔާޒް ވާހަކަދައްކާ އަޑު އިވުނުހެން ހީވެގެންނެވެ. ޖަނާ ބިރުން ތުންފަތުގައި ދަތް އަޅާލައިފައި ދޮރާއި ދިމާއަށް ދުވެފައި ގޮސް ހުއްޓުނުތަނާ ބޭރުން މާކިން ވާހަކަދައްކަމުން އަންނަ އަޑު އިވުނީ އެދިމާއަށެވެ. ކޮންމެ ގޮތެއްވިއަސް ނިކުމެއްޖެއްޔާ ފަޅާ އަރާނެކަން އިނގޭތީ ޖަނާ ނިންމީ ފިލާށެވެ. އޭނާ ހާސްވެގެން ދެކޮޅު ހޯދާލައިފައި ދުވެފައި ގޮސް އަލަމާރިތެރެއަށް ވަދެ އިށީންދެފައި ދޮރު ލައްޕާލުމާއެކު މާކިން ކޮޓަރީގެ ދޮރުން އެތެރެއަށް ވަނީއެވެ.
ގަމީހު ގޮށް ނައްޓަމުން އައިސް އަލަމާރި ކައިރިއަށް ހުއްޓުމާއެކު މާކިންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ތިރީގައި ބަހައްޓާފައި ހުރި ޕިން ފޮށްޓެވެ ހިތް ތެޅި ގަތުމާއެކު އޭނާ ދެކޮޅު ހޯދާލައިފައި ތަޅުލާފައި ހުރި ވަތްގަނޑު ހުރީ ހުޅުވައިފަތޯ ޗެކްކޮށްލިއެވެ. ހީކުރިގޮތަށް ނުވުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެކަމަކު އެހިސާބުން ނިމުނީ ކަމަކަށް އޭނާ ނުދެކެއެވެ. އޭނާ ޖެހޭނީ އެވަތްގަނޑުގައި ހުރި އެއްޗެހި އެހެން ތާކަށް ބަދަލު ކުރާށެވެ.
ވިސްނަން ހުރެގެން ގަމީސް ގޮށް ނައްޓާފައި ކޮނޑެއް ނަގަން ވެގެން ދޮރުފަތް ހުޅުވާލުމާއެކު އޭނާއަށް ޖެހެވުނީ ފިޔަވަޅެއް ފަހަތަށެވެ. "ވަޓް ދަ ހެލް؟" މޫނުގައި އަތް އަޅައިގެން ޖަނާ އިނދެފައި އެދެއަތް ތިރިކޮށްލި ވަގުތު މާކިން ކިޔައިލިއެވެ. ރަކިވެގެން އިސްޖަހާލައިފައި ޖަނާ އަވަހަށް ނިކުންނަން ވެގެން އެއްފައި ބޭލި ވަގުތު މާކިން ކުރިއަށް ފިޔަވަޅެއް އަޅާލައި ކުޑަކަކޫ ޖަހާލައިފައި އެފައިގައި ހިފެހެއްޓުމުން އޭނާ ސިހުނެވެ. "އެހާ އަވަހަކަށް ނޫން. އައި ނީޑް އެން އެކްސްޕްލެނޭޝަން." މާކިން ބެލީ ހާސްކަން ފޮރުވޭތޯއެވެ. އޭނާގެ ސިއްރުތަކާއި ހަމައަށް ވާސިލްވާން އުޅުނީ ޖަނާކަން އެނގުމުން ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. "އަހަރެން ހައިޑް އެން ސީކް ކުޅެންވެގެން މިތަނަށް ވަނީ." ޖަނާ ކުޑަވައި އިނގިލި ހެފުން ހުއްޓާލައިފައި ހިތަށް އައި އެންމެ މޮޔަ ޖަވާބު ދިނުމުން މާކިން އިސްޖަހައިލީ ހިނިއަންނަ ގޮތްވެގެންނެވެ. ދެވަނަ ސިކުންތުގައި އޭނާ ސީރިއަސްވެލަން ވެގެން ކުޑަކޮށް ކަރުކެހިލިއެވެ. ހަތަރުކަޅި ހަމަކޮށްލުމުން ޖަނާގެ ލޮލުންވެސް އޭނާއަށް ފެނުނީ ހާސްކަމެވެ.
"އަހަރެންނަށް އިނގޭ މާކް ކަމެއް ސިއްރު ކުރާކަން. އަހަރެން އައީ އެކަމެއް ހޯދަން." ޖަނާ އެންމެފަހުން ހަޤީޤަތް ހާމަކޮށްލިއެވެ. ޖަނާ އުންމީދުން ފުރިގެންވީ ގޮތަކަށް ބަލަން އިންދާ މާކިން ބުނީ އޭނާ ނިކުމެގެން ދިޔަސް އެންމެ ރަނގަޅު ކަމުގައެވެ. "މާކިން!" އިތުރު ފުރުސަތެއް ނުދޭން މާކިން ފާޚާނާއަށް ވަންނަން ދަނިކޮށް ޖަނާ ބާރުބާރަށް ގޮވައިލުމުން ހުއްޓެވުނެވެ. އަލަމާރިން ނިކުމެގެން ގޮސް މާކިން ކުރިމައްޗަށް ހުއްޓި ގަމީހު ގިރުވާނުގައި ދެއަތުން ހިފެހެއްޓިއިރު ލޮލުގައި ހުރި ކަރުނައާ އެކުވެސް އަލިފާންކަނި ބުރާހެން ހީވިއެވެ.
"މާކިން އަހަރެން މޮޔަވާން ކައިރިވެއްޖެ ދުރަށްދާން މަސައްކަތް ކޮށްކޮށް. އެކަމަކު ކޮންމެފަހަރަކު ފިޔަވަޅެއް ކުރިއަށް އެޅެނީ. މާކް އަހަރެންގެ ލޯއްބަށް ފުރަގަސްދިނަސް އަހަރެންނަކަށް ނުބުނެވޭނެ ޒަލަފްއާ އިންނާނަމެކޭ. މޮޔައެއްހެން މާކްގެ ސީކްރެޓްތައް ހޯދަން މިތަނަށް މިއާދެވުނީވެސް ކެތްނުވެގެން. އަހަންނަށް އިނގޭ މާކް އަހަރެންދެކެ ލޯބިވާކަން. އެޓްލީސްޓް އަހަރެންގެ ހިތް ބުނަނީ އެހެން. އެހެންވީމަ އަހަރެންނަށް އެނގޭ މާކް އަހަރެންނާ ދުރަށް ތިދަނީ ހަމައެކަނި ޒަލަފްގެ ސަބަބުން ނޫންކަން. ބުނެބަލަ ކީއްވެ އަހަންނަށް ތިހެން ތިހަދަނީ؟" ޖަނާ ވާހަކަދައްކަމުން މާކިންގެ ގިރުވާނުން ދޫކޮށްލައިފައި މޭގައި ތަޅައިގަތެވެ. މާކިން އޭނާ ހުއްޓުވަން އެދެއަތުގައި ހިފަހައްޓާލުމުން ފޮޅުވާލަން ވެގެން ބޭކާރު މަސައްކަތެއް ކޮށްކޮށްފައި ހުއްޓާލިއިރު އެތޫނު ދެލޯ މޫނަށް އަމާޒުވެފައި ހުރުމުން ހުއްޓުން އެރިއެވެ.
"ޖާން ހީކުރީ ޖާންއަށް އެކަނި ކަމަށްތަ ދުރުގަ ހުންނަން އުދަނގޫ ވެގެން އުޅެނީ؟" މާކިން ކުރި ސުވާލުން ޖަނާއަށް ބަލަން ހުރެވުނީއެވެ. އޭނާއަށް ފެނުނީ މާކިންގެ ލޮލަށްވެސް ކަރުނަ ގިނަވަމުން އައި ތަނެވެ. "ޖާންއަކަށް ނޭނގޭނެ އަހަރެން ކުރަމުންދާ މަސައްކަތެއް. ނޭނގޭނެ ކޮންމެ ދުވަހަކު ތިލޮލަށް ބަލާލެވޭ ވަގުތު އަހަރެންގެ އަމިއްލަ ހިތް ކޮންޓްރޯލުން ނެއްޓުމުން ހަމައަކަށް އަޅުވަން ކުރަންޖެހޭ ވަރެއް. ފެންނަ ކޮންމެފަހަރަކު އަހަރެންނަށް ހަމައެކަނި ވިސްނެނީ ޖާން ގެނެސް އަހަރެންގެ އަތުތެރެއަށް ލުމާމެދު. އެކަމަކު އަހަރެން ބޭނުންވިއަސް ޖެހޭނީ ޖާންއާ ދުރުގަ ހުންނަން. އެއީ އަހަރެންނަށްޓަކައެއް ނޫން. ޖާންއަށްޓަކައި. އަހަރެން ޖާން ރައްކާތެރި ކުރަން ބޭނުންވާތީ. ޖާންއަކަށް ނޭނގޭނެ އަހަރެންގެ ހަޤީޤަތެއް. ނޭނގޭނެ އަހަރެންމީ ކިހާ ގޯސް މީހެއް ކަމެއް. އަހަރެންގެ މާޒީގައި އަހަރެން ކޮށްފަ ހުރި ކަންކަން އެނގިއްޖެއްޔާ ދެވަނަ ފަހަރަށް މިމޫނަށް ބަލައިލަން ޖާން ބޭނުމެއްވާނެ. އަދި އެއީ އަހަރެން އެންމެ ބިރުގަންނަ ކަންތައް. ސޯ ޕްލީޒް އަހަރެން ކައިރީ ސަބަބު ނާހާ!" މާކިން އާދޭސް ކުރަމުން ޖަނާގެ އަތުން ދޫކޮށްލިއިރު ޖަނާ ހުރީ ގަބުވެފައެވެ. ފުރަތަމަ ފަހަރަށް މާކިން އޭނާއަށް އެދޭވަރު އެހާ ފައުޅުގައި ބުނެދިނުމަށްފަހުވެސް ހިނިތުންވެލާކަށް ހަނދާނެއް ނުވިއެވެ. އެއަށްވުރެ ބޮޑު ބިރަކާއި އިތުރު ސުވާލުތަކުން ސިކުނޑި ވަށާލުމުން ބަސް ހުސްވެފައި ހުރިގޮތަށް ހުރެވުނީއެވެ.
ޖަނާ އެކަނި ދޫކޮށްލައިފައި މާކިން ފާޚާނާއަށް ވަދެ އިސްކުރު ދޫކޮށްލައިފައި މޫނުގައި ހާކައިލި ފުރަތަމަ ފެންފޮދާއެކު މާޒީގެ އެންމެ ކަޅު ސަފްހާތައް އުކިގެން އަންނަން ފެށީ އެންމެ ބާރު މިނުގައެވެ.
*****
މަންމަގެ ގޭގައި ފުރަތަމަ ހަފްތާ ހޭދަވެގެން ދިޔައީ ނުހަނު އަމާން އޮމާން ކޮށެވެ. ދުވަހަކު އުންމީދު ނުކުރާހާ އަރާމުކޮށް ނިދައި، އެންމެ މީރުހާ އެއްޗެހި ކައިގެން ދުވަސް ދާ ގޮތެއްވެސް ނޭނގެއެވެ. މަންމަ ފެންނައިރު މާބޮޑަށް ހިނިތުންވެ ވާހަކަ ދައްކާ ނޫޅުނެއް ކަމަކު މާކިން ބަލަނީ ޝަކުވާ ނުކޮށް ވޭތޯއެވެ. ބައްޕަ ފަދައިން އެތިވަރު ގޮވައި އަނިޔާ ކުރުމަށްވުރެ އޭނާއަށް މަންމަގެ ތަފާތު މިޒާޖުވެސް ފުދެއެވެ. އެކަމަކު އެއާއިލާގައި ދެން އުޅޭ ހުރިހާ އަންހެން ކުދިންވެސް މާކިންއާ ނިކަން ގަޔާވެފައި ވާހަކަދައްކައެވެ. ތަނެއްގައި އިށީންދެ އިނަސް އަބަދު އައިސް ކައިރީ ޖެހިފިތިގެން އިނދެވޭތޯ އެމީހުން ބަލައެވެ. މާކިންއަށް ހީވަނީ އެމީހުން މާ އެކުވެރިވެ އުޅޭ ގޮތް ކަމަށެވެ. ތަފާތު އިތުރު ކަންތައްތައް އެގޭތެރެއިން ފާހަގަ ވާން ފެށީ ދުވަސްކޮޅެއް ވީމައެވެ. އެއީ އެއިން އެއްވެސް އަންހެނަކު ރޭގަނޑު އަށެއް ޖެހުމަށްފަހު ބޭރު ތެރެއިން ނުފެނުމެވެ. އަދި މާކިންއަށްވެސް އަންގާފައި އޮންނަނީ އެގަޑި ޖެހުމަށްފަހު ކޮޓަރިން ނުނިކުމެ ސުކޫލް މަސައްކަތްތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން މާކިންއަށް ނުނިދުނު ރެއެއްގައި އޭނާ ކޮޓަރިން ނިކުތީ ހުވަފެނަކުން ހޭލެވުމަށްފަހު މާބޮޑަށް ކަރުހިއްކައިގަނެގެންނެވެ.