"އަހަރެން ސުވާލެއް ކުރަންތަ؟ މިވާހަކަ ދެއްކީމަ އަހަރެން ހިތަށް އަރަނީ ޖަނާ ކީއްވެބާއޭ އެހާ ފަސޭހައިން އަހަރެންނަށް މަޢާފުކުރީ. ޖަނާ އެނބުރި އައިއިރުވެސް ޒަލަފްދެކެ ލޯބި ނުވާކަން އެއިން އަންގައިދޭ އެއްޗަކީ. އެހެންވިއްޔާ ބުނެބަލަ. ކޮންއިރަކު މާކިންއަށް ފޯލްވާން ފެށީ؟"ހުމާގެ ވާހަކަ ދިޔަ މިސްރާބު އިވިފައި ޖަނާއަށް އިންތާ އިންނަން އުދަނގޫވިއެވެ. އޭނާ ކުއްލިއަކަށް ބޯ ހިއްލާލައިފައި ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުގައި އަޖައިބެއްފަދަ ބިރުވެރިކަމެއް ފައުޅު ވޭވޭ ހުއްޓެވެ.
"ޖާން ކޮންކަމެއް ތި ސިއްރު ކުރަނީ؟ ކޮންކަމަކާ ތިހާ ބިރުގަންނަނީ؟ ބުނެބަލަ ކީއްވެ އަހަރެންނަށް އެއްވެސް އެއްޗެއް ނުކިޔައިދެނީ؟" ހުމާގެ ވާހަކަ ހުރިގޮތުން ހީވަނީ ކަމެއް އެނގިގެން އުޅޭހެންނެވެ. "ހުމާއަށް ކީއްވެ ހީވަނީ އަހަރެން ކަމެއް ސިއްރު ކުރާހެން؟" ޖަނާ ބޭނުންވީ ހުމާއަށް އެނގޭމިންވަރު އޮޅުން ފިލުވާށެވެ. އޭނާ ފަރުވާވެ ބަލަން އިނދެގެން ހުމާގެ ލޮލަށް އަރާ ފައިބަމުންދާ ކުލަތައް ތަރުޖަމާ ކުރުމުގެ މަސައްކަތް ފެށިއެވެ. "އޮޅުވާލަން ނޫޅޭ ޖާން. އަހަރެންނަށް އެނގިއްޖެ ޖާން މާލެ ދޫކޮށްލައިފަ ދިޔައީ ހަމައެކަނި ޒަލަފްގެ ބޭވަފާތެރިކަން ފަޅާއަރައިގެން ނޫންކަން. އަހަރެންގެ ހިތް ބުނަނީ ޖަނާ އަށް އެރޭ ދިމާވި ކަންތައްތަކެއްގެ ސަބަބުންނޭ އެވަރުގެ ނިންމުމެއް ނިންމީ. އަހަރެންނަށް ނޭނގެނީ އެއީ ކީއްވެގެންކަން." ހުމާގެ ވާހަކަ ހުރިގޮތުން ޖަނާ ފިނިވެ ގައިން ހީބިހި ނެގިއެވެ. ހަމަ ހުރެލާފައި ހުމާއަށް އެހެން ބުނާކަށް ނޭނގޭނެއެވެ. އެއުޅެނީ ކޮންމެވެސް މީހަކު އެއްޗެކޭ ކިޔައިގެންނެވެ. އޭނާ ގަދަކަމުން ހިންދިރުވާލައިފައި ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލީ އަނގައިން އަޑު ނުނިކުތީމައެވެ.
"ޖާން ދެކޮޅު ހަދަން ގަސްތު ކުރަންޏާ އަހަރެން ބުނެފާނަން އަދި މިއަށްވުރެ ބޮޑަށް. އެރޭ ޒަލަފް ކިބައިން ބަދަލު ހިފަން ރަފާ ކުރިކަމަކުން ޖާންގެ ހަމަހޭފިލީ. ހީ ޑްރަގްޑް ޔޫ. އެކަމަކު އޭނަގެ މަޤްސަދު ހާސިލް ނުވަނީސް ކޮންމެވެސް އެހެން މީހަކު ޖާން ގެންގޮސް ގަސްތަކުތެރެއަށް ވެއްދީ އޭނަ ކުރިމަތީ. ދުރުން ރަފާއަކަށްވެސް ނޭނގުނު ކާކުކަމެއް." ހުމާ ކަރުނަތައް ދިރުވާލައިފައި ފިރިމީހާގެ ސިއްރު އަލީގެ ތެރެއަށް ގެނައެވެ. ޖަނާ އެވަގުތު ފުންމައިގެން ތެދުވީ ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް މީހަކު ބިރުން ކަންތައް ކުރާނެ ފަދަ ގޮތަކަށެވެ. ހިތުގެ ތެޅުން މަޑު ނުވިއެއް ކަމަކު އަދިވެސް އޭނާގެ މުޅި ސިއްރު ސަލާމަތުން އޮތީތީ ފުން ނޭވައެއް ލެވުނެވެ. ކަންތައް މިހާރު ވެފައި މިއޮތް ގޮތުން ރަނގަޅު ވާނީ ހުމާ ކައިރީ ނުބުނިއްޔާއެވެ. އެސިއްރަކީ އަލީގެ ތެރެއަށް އައިސްގެން އެއިން ކުރާނެ ފައިދާއެއް ނެތް ހުސް ސިއްރަކަށް ވަނީ ވެފައެވެ.
"ހުމާ އެހެންވެތަ ގެއަށް އައިސް ތި އިންނަނީ؟" ޖަނާ ސުވާލު ކޮށްލުމުން ހުމާ ޖަވާބު ނުދީ އިނީ އިސްޖަހައިގެންނެވެ. "ހުމާ ތިހާލުގަ އިނދެގެން ހިތާމަކޮށްގެން ނުވާނެ. ތީ ރަނގަޅު ކަމެއް ނޫން." ރަފާހް ކުރި ކަންތަކާމެދު ނިންމާނެ ގޮތެއް ނޭނގުނަސް އެކުވެރިޔާއަށް ލިބިދާނެ ދެރައަކާމެދު ޖަނާ ކަންބޮޑުވިއެވެ.
"ހުމާ ތޭންކްސް ފޯ އެވްރީތިން. އެކަމަކު އަހަރެންނަކަށް ނެތް މިގޭގަ ނިދޭކަށް. މަންމަ އިންނާނީ އަކްޔަން ކައިރީ ގޭގައި ބައިންދާފަ އަހަރެން ދިޔައީމަ ނޫނީ މަންމައަށް ގެއަކަށް ނުދެވޭނެ." ޖަނާ މައުޟޫ ބަދަލުކޮށްލާފައި ތެދުވުމުން ހުމާވެސް އެހިސާބުން ހުއްޓާލިއެވެ.
ހުމާގެ އެކުވެރި ކުއްޖަކަށް ގުޅައިގެން ޓެކްސީ ގެނެސް ދިނުމުން އޭގައި އައިސް ގެއަށް ވަންއިރު މަންމަ ނިކުމެ ސިޓިންރޫމްގައި އިނީ ފަޔާޒްއާ ދެމީހުން ކޮންމެވެސް ވާހަކައެއްގައެވެ. "ވަރަށް ލަސްވެއްޖެ ދޯ. ސޮރީ މަންމާ." ޖަނާ އައިސް ކައިރިވީއިރު ޝަރުމީލާއަށް ފާހަގަވީ ލައިގެން ހުރި ހެދުމެވެ. އޭނާ ގެންދިޔަ ހެދުން ލައިލަކް ވިއުއަށް ދޫކޮށްލާފައި އައުމުން ތެމިފައި އޮތް މެކްސީ ހުމާ އަތުގައި ބާއްވާފައި އެގެއިން ނިކުތީ ހުމާގެ ހެދުމެއް ލައިގެންނެވެ. ގަޔަށް ދޫ އަތްދިގު ޓީޝާޓާއި ލެގިންސް ހުމާ ދިނީ ރޭގެ މޫސުމާ ގުޅުވާލައިފައެވެ. "މަންމަމެން މިރޭ ދެން މިގޭގަ ނިދަންވީނު. އަހަރެން ހިނގައިދާނަން ދީނާ ކައިރިއަށް. އަހަރުމެން ކޮޓަރީގަ މަންމަމެން ނިދާ!" ޖަނާ ހުށައެޅި ހިޔާލު އެދެމީހުންނަށްވެސް ކަމުދިޔައެވެ. ވިއްސާރަވެފައި ގަޑީގެ ގޮތުން ޓެކްސީއެއް ހޯދާކަށްވެސް ފަސޭހައެއް ނުވާނެއެވެ.
ޖެހިގެން އަންނަ ދުވަހު މެންދުރު ފަހު ޑިއުޓީ އޮތުމުން މާކިންވެސް ނިދީ ލައިލަކް ވިއުގައެވެ. ޒަލަފް ބާރު އަޅަން ފެށުމުން ދެކޮޅު ހަދަން ބޭނުމެއް ނުވިއެވެ. ދެމީހުން އަދިވެސް ނިދަން އަވަސްވެ ވީޑިއޯ ގޭމް ކުޅެން ތިބެގެން ސަކަރާތް ގަތެވެ. އެއްގަޑި ބައިވި ފަހުން މާކިން ނިދި އަންނަ ގޮތްވެގެން އެނދަށް އެރުމުން ޒަލަފް ދިޔައީ ތިރިއަށެވެ. އޭނާ ބަދިގެއަށް ވަންއިރު ނާސިހާ މޭޒު ދޮށުގައި އިނުމުން ހައިރާންވިއެވެ.
"މަންމަ އަދިވެސް ނުނިދަންތަ؟" ޒަލަފް ސުވާލު ކުރި އަޑަށް ނާސިހާ ބަލައިލާފައި ކުރިމަތީ ހުރި ސައިޖޯޑުން ކޯވަރެއް ބޯލިއެވެ. "ޒަލަފް ކައިރީ މަންމަ ވާހަކައެއް ބުނަން ވެފައި އެބައޮތް." ކޮފީ ހަދަން ހުރެފައި ޒަލަފް ބަލައިލިއިރު މަންމަ އިނީ ސީރިއަސްވެފައެވެ. އެލޮލުން ނުތަނަވަސްކަން ފެނުމުން އޭނާގެ ހިތް ތެޅިގަތެވެ. މިއިން ދުވަހަކު މަންމަ އެހާ މޫޑީވެފައި އިންދާ ފެނުނު ކަމެއް ނޭނގެއެވެ. "ކިހިނެތްވީ މަންމާ؟ ބައްޕައާ ދެމީހުން ދެބަސްވީތަ؟" ޒަލަފް ކޮފީ ޖޯޑު ހިފައިގެން އައިސް މަންމަ ކުރިމަތީ އިށީންދެލިއެވެ. "ވެދާނެ މީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށްވެސް. އެކަމަކު މިވާހަކަ ފަހަށް ބާއްވައިގެން މަންމައަކަށް ނުހުރެވޭނެ. ދަރިފުޅު މަންމަ ދޭ ނަސޭހަތެއް އަހަންޏާ ޖަނާއާ ގުޅުމުގެ ހިޔާލު ދޫކޮށްލާ!" ޒަލަފް ކޮފީ ޖޯޑު ތުނބާއި ކައިރިކޮށްލަން އުޅެފައި ސިއްސައިގެން ގޮސް ބެހެއްޓުނު ގޮތުން ބަންޑުންނުވީ ކިރިޔާއެވެ. "ކީއްވެ މަންމާ؟ ބައްޕަ ނުގަބޫލު ވީމާތަ ތިހެން ތިބުނަނީ؟ އެކަމަކު މަންމައެއްނު ބުނީ އެހެންވިއަސް މައްސަލައެއް ނެތޭ." ޒަލަފްގެ އަޑު ކުރެހުނެވެ. މަންމަ އެހެން ބުނެފާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. "ބައްޕައެއް ނޫން. އެކަމަކު ޖަނާ ޒަލަފްއާ ގުޅެން ބޭނުން ނުވަނީ." މަންމަ ދިން ޖަވާބު އަހައިގެން ޒަލަފްއަށް ބުމަ އަރުވާލެވުނެވެ. ތަފްސީލުގައި މަންމަ ކިޔައިދިން ވާހަކަތައް އަހާފައި އޭނާ އިރުކޮޅަކުން ޖަހައިލީ ލުއި ހިނިގަނޑެކެވެ. ހަޤީޤަތް އެނގުމުން ހުރިހާ ހާސްކަމެއް ނެތި ފިލާއްޖެއެވެ.
"މަންމަވެސް ހާދަ ސިލީއޭ. މަންމައަކަށް ނޭނގޭނެ ޖާންގެ ގޮތެއް. އޭނައަށް ވަރަށް އުދަނގޫވާނެ ކުއްލިއަކަށް ކަންކަން ނިންމަން. އެހެންވެ އަހަރެން އޭނަ ބޭނުން ދުވަހަކުން ޖަވާބު ދޭން ފުރުސަތު ހުޅުވާލައިފަ އެއޮތީ. މަންމަ ކަންތައް ތިކުރި ގޮތުން އޭނައަށް މިރޭ ހީވެފައި އޮންނާނީ ކޮންމެވެސް އެއް ޖަވާބެއް ދޭން ޖެހޭނެއޭ. އެހެންވެ ފިލަންވެގެން އެދިޔައީ. ޒަލަފް ހީލާފައި ކޮފީ ޖޯޑުން ކޯވަރެއް ރަހަ ބަލައިލިއެވެ. ނާސިހާ އިތުރަށް ކިޔައިދޭން އުޅުމުން ޒަލަފް އެކަން މަނާކޮށްފައި މައްޗަށް އަރައިގެން ދިޔައިރު ހުރީ ހަމަޖެހިލާފައެވެ.
"މާކް ނިދީތަ؟ އަދި އަހަރެން މިއައީ ވަރަށް މަޖާ ވާހަކައެއް ކިޔައިދޭން." ޒަލަފް ގޮސް މާކިންގެ މަގަތުގައި ހުއްޓިފައި ވާހަކަދެއްކިއެވެ. މާކިން އޮތީ މަގަތަށް އެނބުރޭ ހިތް ނުވެފައެވެ. ޖަނާގެ ހިޔާލުން އޭނާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. މާކިން އެހެން އޮތަސް އޭނާއަށް އަދި ނުނިދޭނެ ކަމަށް ގަބޫލުކޮށްގެން ޒަލަފް އެވާހަކަ ކިޔައިދިނެވެ. "އެހެންވިއްޔާ މާކްއަށް އެނގުނުތަ އޭނަ އައިކަން؟" ހިމޭން ކަމުގެ ވަގުތުކޮޅެއް ގޮއްސައި ޒަލަފް އަހައިލިއެވެ. ނިދާފައި އޮތްކަން އަންގަން މާކިން ބޭނުންވި ވަގުތަކީ އެއީއެވެ. މިރޭ ޒަލަފްގެ ކުރިމަތީ ޖަނާގެ ވާހަކަ ދައްކާފައި ހޭނެ ހިތްވަރެއް ނެތެވެ. ޖަވާބެއް ނުދިނުމުން ޒަލަފް ނިކުމެގެން ދިޔައީ ނަސީބޭ ހިތަށް އެރިއެވެ. އޮތް ގޮތަށް ހިޔާލު ކުރަމުން އޭނާގެ ރުޅީގެ އަމާޒަކަށްވީ އަމިއްލަ ނަފްސެވެ. ޖަނާގެ ލޯއްބަށް ފުރަގަސްދޭން މަޖުބޫރުވެފައިވާ ފަދައިން ޖަނާ ދެރަކުރަން ޖެހޭތީވެސް އަމިއްލަ ނަފްސް ކުށްވެރި ކުރެވެއެވެ. އޭނާ ހިތްހަމަ ޖައްސާލަނީ ފުރަގަސްދީގެން އެކުރެވެނީ ކިހާ ބޮޑު އިހްސާންތެރިކަމެއްކަން ހަނދާންކޮށްފައެވެ. އާއެކެވެ. ޖަނާ ގުޅެން ޖެހޭނީ ޒަލަފްފަދަ މީހަކާއެވެ. ލޯބިވުމުގެ އިތުރަށް ހުރިހާ އުފަލަކާއި އަރާމެއް ދެވޭނެފަދަ ފަރާތަކާއެވެ. އެއާއި ޚިލާފަށް އޭނާގެ ފުށުގައި އޮތީ ޖަނާ ހުވަފެނުގައިވެސް އެނގެން ބޭނުންނުވާނެ ކަޅު މާޒީއެކެވެ.
ހެނދުނު އިރު އަރައިގެން އައިއިރު ދުނިޔެމަތި އޮތީ ސާފުވެފައެވެ. ނޫ އުޑާއި ހިމޭންކަމުގެ ސާލު އޮޅާފައި އޮތް ކަނޑެވެ. މާކިން ނާސްތާއިން ނިމިގެން ގެއަށް ދިޔައިރު ގޭގައި މީހަކު ނެތުމުން ހައިރާންވިއެވެ.
"ދަރިފުޅު ގެއަށް ދިޔައީތަ؟ ބައްޕަމެން ރޭގަ ޖަނާ ކައިރީ މިގޭގަ ތިބެފަ ނުދެވިގެން މިއުޅެނީ. އުދަނގޫ ނޫނިއްޔާ މިގެއަށް ސައިބޯން އަންނަންވީއެއްނު." ފަޔާޒް ސައިމޭޒު ދޮށުގައި އިނދެފައި ދެއްކި ވާހަކަ އިވިގެން ޖަނާގެ ހިތް ތެޅިގަތެވެ. ރޭ ވެދިޔަ ކަންތައްތަކަށް ފަހު އެހާ އަވަހަށް މާކިންއާ ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. "އެންމެ ރަނގަޅު. ދަރިފުޅު ބޭނުން ގޮތެއް." ފަޔާޒް އެންމެފަހުން ބުނެލި ޖުމްލައިން ޖަނާ ހިތްހަމަ ޖެހުނެވެ. މާކިން ނާންނަ ގޮތަށް ނިންމީ ނަސީބެވެ. އޭނާ އަކްޔަން ނިމުމުން ތުން ދޮއްވާފައި ކުޅެން ފޮނުވާލުމަށްފަހު އުޅުނީ ތަށިތަކެއް ދޮންނާށެވެ. ތެދުވި ގޮތަށް ތެދުވެ ބުއި ކޮފީ ތަށީގެ އަސަރު އަދިވެސް ހުރުމުން ނާސްތާ ފަސްކޮށްލީއެވެ. ގިނައިރެއް ނުވެ މަންމަމެން ފޮނުވާލަން ވެގެން ދެބެންވެސް ތިރިއަށް ދިޔައެވެ. އަކްޔަން މާމަމެނާއި ސަލާންކޮށްފައި ތުންފިތަން ފެށީ އެހާ ގިނައިރު އުޅެފައި ވަކިވެގެން ދާތީއެވެ. މަންމަ އަކްޔަން ގެންދަން ހުށައެޅުމުން ޖަނާ އެކަން މަނާ ކުރީ އަކްޔަން ނިންމަން ޖެހޭ މަސައްކަތެއް ހުރީމައެވެ. އެމީހުން އަރައި ކާރު ނަށްޓާލުމުން ދެބެން ގެއަށް ވަންނަން އައިއިރު މަގުމަތީ ހުރި އަންހެން މީހާ ފުރަތަމަ އަޅައިގަތީ ދީނާގެ ލޮލުގައެވެ. ހުކުރު ދުވަހުގެ އެގަޑީވެސް ރީތިވެލައިގެން ހުރި ގޮތުން ހީވަނީ މަސައްކަތަށް ދާން ނިކުމެ ހުރިހެންނެވެ. ދީނާއަށް ފާހަގަ ވީ އެމީހާ އެދެމީހުން ފެނުނީއްސުރެ އެހެން ދިމާއަކަށް ނަޒަރު ބަދަލު ކޮށްނުލާ ހުރިކަމެވެ. އޭނާ އަތުން ދޮންތަ ގައިގަ ކޮށްޓާލައިފައި އެމީހާ ދައްކާލުމުން އޭނާ އެބަލަނީ އަކްޔަންއަށްކަން އެނގުނީ ޖަނާއަށެވެ. އަނެއްކާ އެމީހާއަށް އަކްޔަން ވައްތަރު މީހާ ފެނުނީ ބާވައެވެ؟ ޖަނާގެ ހިތް ބާރު ބާރަށް ތެޅެން ފެށުމުން އަކްޔަން އުރާލައިގެން އަވަހަށް އެތެރެއަށް ދެމިގަތެވެ.
ތޫބާ ގުޅާފައި ރެސްޓޯރެންޓް ހުޅުވާފައި ހުރި ޚަބަރު ދިނުމުން ޖަނާ މަސައްކަތަށް ނިކުތީ މެންދުރު ފަހު ޑިއުޓީ ހަދާ ގޮތަށެވެ. ރަފާހް ކައުންޓަރގައި މަސައްކަތެއްގައި އިނދެފައި އިސްއުފުލައިލީ މީހެއްގެ ހިލަންވެގެން ކަންނޭނގެއެވެ. އެކަމަކު އޭނާ ހަމަ ފެންނައިރަށް އަނެއްކާ އިސްޖެހިއެވެ. ޖަނާގެ ހިތް އަވަސްވިއެއް ކަމަކު އޭނާ ބެލީ މޫނުން ހަމަޖެހޭ ގޮތް ދެއްކޭތޯއެވެ. "ކޮބާ ހުމާ؟ އަދިވެސް ނާދޭތަ؟" ޖަނާ ކައިރިއަށް ހުއްޓިފައި އަހައިލުމުން ރަފާހް ހަމައެކަނި ހޫމ އަޅުވާލައިފައި އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދިޔައެވެ. އެހިސާބުން ޖަނާވެސް މަޑުކުރަން ނުހަދާ އެނބުރުނީ އާންމުންނަށް ޚިދުމަތް ދިނުމަށެވެ. ކިތަންމެ ފަހަރަކު އޭނާ ދެކޮޅަށް ދިޔައިރު ރަފާހް ބަލަން އިނދެފައި އަނެއްފަރާތަށް މޫނު އަނބުރާލިތަން ފެނުނެވެ. އެއިން ކޮންމެ ފަހަރަކު ރަފާހް ހީވަނީ އޭނާ ކައިރީ އެއްޗެކޭ ބުނަން ބޭނުންވެފައި އިންނަ ހެންނެވެ.
"ޖާން. އިރުކޮޅަކު މަޑުކޮށްލެވިދާނެތަ؟" ބަންދު ކުރި ގަޑީގައި ރަފާހް އައިސް އެދުނެވެ. ޖަނާ ބޯ ޖަހާލައިފައި ތޫބާއަށް އިޝާރާތް ކޮށްލުމުން އޭނާ ބަންދު ބޯޑު އަޅުވާފައި ނިކުމެގެން ދިޔައީ އެމީހުންނަށް ފުރުސަތު ދީފައެވެ. ކައުންޓަރާއި އެންމެ ކައިރިއަށް ހުރި މޭޒުގައި އިށީންއިރު ދެމީހުންގެވެސް ހިތް ތެޅެމުން ދިޔައެވެ. ހުމާ ފަރާތުން އެނގިފައި އޮތަސް ރަފާހް ބުނާ އެއްޗެއް ބަލައިލަން ޖަނާ އިނީ ބޭނުންވެފައެވެ. "ހުމާ ބުނިތަ އަހަރެންނާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް؟" ރަފާހްގެ ފުރަތަމަ ސުވާލަކީ އެއީއެވެ. ޖަނާ ހޫމ އަޅުވާލައިފައި ބަލަން އިނީ ރަފާހް އެވާހަކަ ފަށާނެ ގޮތެއް ބަލަން ވެގެންނެވެ. "އެހެންވިއްޔާ ބުނިތަ ފަސްއަހަރު ކުރިން އަހަރެން ޖަނާއަށް ދިން ގެއްލުމުގެ ވާހަކަ؟" ރަފާހް ސީދާ މައުޟޫއަށް ދަމުން ހަތަރުކަޅި ހަމަކޮށްލައިފިއެވެ. އެހިސާބުން އިސްޖަހަން މަޖުބޫރުވީ ޖަނާއަށެވެ. އެމާޒީގެ ސަބަބުން އޭނާ ކިތައް މީހުންގެ ކުރިމަތީ އިސްޖަހަން ޖެހޭނެ ހެއްޔެވެ؟ ހަޤީޤަތް އެނގޭ ދުވަހަކުން އެންމެންވެސް އޭނާއަށް ބަލާނީ އަޖައިބުވެފައި ކަންނޭނގެއެވެ.
"ޖަނާ އަހަރެންނަކަށް ނޭނގެ މަޢާފަށް އެދޭނެ ގޮތެއްވެސް. އޭރު އަހަރެން ކިތަންމެ ރުޅި އައިސްގެން އެކަހަލަ ކަމެއް ރޭވި ނަމަވެސް ފަހުން އެކަމާއި ހިތާމަ ކުރިން. އެހެންވެ އަހަރެން ބޭނުން ނުވީ ޖަނާ މިތަނުގައި މަސައްކަތަށް ނެރެންވެސް. އަހަންނަށް އުދަނގޫވި އަހަރެން ކުރި ކަންތަކަށްފަހު ޖަނާއާ އެކުވެރިއެއްހެން ވާހަކަދައްކަން. ހަމަތެދެއް މިބުނީ އަހަރެންނަށް ވާނެނަމަ އެދުވަސް އަނބުރާ ގެންނަން ކުރެވުނުހާ ކަމެއް ކުރާނަން. ޖަނާ ޕްލީޒް އަހަރެންނަށް މަޢާފުކޮށްދޭނަންތަ؟ ސެލްފިޝްވެފަ މިހެން އަހާއިރު އަހަރެންނަކަށް އަދި ނޭނގެ އެރޭ ޖަނާ ކުރިމަތިލީ ކިހާވަރެއްގެ ކަމަކާއި ކަމެއްވެސް." ރަފާހް ވާހަކަދެއްކިއިރު ކޮށްފައި ހުރި އަސަރު ލޮލާއި އަޑުންވެސް ދޭހަކޮށްދިނެވެ. ޖަނާއަށް އެންމެ އުދަނގޫވީ ރަފާހް ފަހުން އިތުރުކޮށްލި ޖުމްލައިގެ ސަބަބުންނެވެ. އެރޭ ރަފާހް ކުރި ކަންތައްގެ ނަތީޖާއެއްގެ ގޮތުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވި ވާހަކަ ބުނާނީ ކިހިނެތް ހެއްޔެވެ؟ ނުވެސް ދަންނަ މީހެއްގެ ވަކިތަކު ތެރޭގައި މުޅި ހަޔާތް ވޭތު ކުރަން ނިންމި ކުއްލި ނިންމުމުގެ ސަބަބުން ތަހައްމަލު ކުރި ވޭން އެއީ ނުވާ ކަމަކަށް ހެދޭނެ ނަމައެވެ.
"ރަފާހް. އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއް. އަހަރެންނަކަށް ނޭނގެ އަހަރެން އަދި ރަފާހްއަށް މަޢާފުކުރަން ތައްޔާރު ކަމެއް. އެއީ އެރޭ ރަފާހް އަމިއްލަ ހަސަދަ ފިލުވައިލަން ކުރި ކަންތަކުގެ ސަބަބުން އަހަރެން ފަސް އަހަރު ވަންދެން އުޅެން ޖެހުނީ އަނިޔާތަކެއް ތަހައްމަލު ކުރުމުގައި. ކިތަންމެ ދުވަހެއްވިއަސް ފަސޭހަ ނުވާނެ ޒަޚަމްތަކެއް އަހަރެންގެ ހަށިގަނޑުގައި ހުރީ ލައިފަ. ލަކުނުތައް ފިލިއަސް ހިތަކުން ނުފިލާނެ. އެކަމަކު އަހަރެން ބޭނުމެއް ނުވޭ މާބަނޑުވެފައި ހުރި އަހަރެންގެ އެކުވެރިޔާ އެކަނިމާއެކަނި ދިރިއުޅޭކަށް. އަހަރެން ބޭނުމެއް ނޫން ހުމާއަށް ދެރަގޮތެއް ވާކަށް. އެހެންވެ އޭނާއަށްޓަކައި އަހަރެން ރަފާހްއާ ވާހަކަދައްކާ އުޅެން ތައްޔާރު. އަހަރެންނަށް ކަމެއް ކޮށްދޭން ބޭނުމިއްޔާ ރަފާހް ހުމާ ގެއަށް ގެނޭ." ޖަނާގެ ވާހަކަތައް އިއްވާލައިފައި ތެދުވެގެން ގޮސް ބޭރަށް ނިކުންނަން ދެން ރަފާހް އިނީ ބަލަހައްޓައިގެންނެވެ. ކުރިއަށްވުރެވެސް ބޮޑަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ ޖަނާގެ ރަނގަޅުކަން ދެކެފައެވެ. އެހާ ބޮޑު ހިތެއްގެ ވެރިއަކަށް އޭނާ އެދިނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ އެއަނިޔާގެ ބޮޑުކަމުން ޖަނާ އެރޭގެ ވާހަކަ ދައްކާކަށްވެސް ބޭނުމެއް ނުވެއެވެ.
ވޯޑް ރައުންޑްގައި އުޅެފައި މާކިން އެނބުރި އައިއިރު ކެބިންތެރެ އޮތީ ހުސްކޮށެވެ. އޭނާ ގޮނޑިއަށް ވެއްޓިގަނެގެން އިންދާ މީހަކު ދޮރު ހުޅުވާލުމުން އެކުގައި މަސައްކަތް ކުރާ ކުއްޖާ ކަމަށެވެ. އެހެންވެ އަޅައިނުލާން ލޯމަރައިގެން އިންދާ ކަންފަތުގައި ހަރުލި އަޑުން ގައިގާ ހުރިއްޔާ ހުރި ލޯއްޔެއް ކޮޅަށް ހިއްލުނެވެ. އަވަހަށް ލޯ ހުޅުވާލައިފައި ބުރަކަށި ތެދުކޮށްލިއިރު ކުރިމަތީ ހުރި އަންހެންމީހާ އައިސް ގޮނޑި ދަމާލައިގެން އިށީންދެލީއެވެ. ރަތް ޓޮޕަކާއި ޖިންސެއްގައި ޖުމައިލާ އުމުރަށްވުރެ ޒުވާންވެފައި ރީއްޗެވެ. "ކީއްކުރަން މިތަނަށް ތިއައީ؟" މާކިން ރުޅިގަދަވެފައި ލޯ ހަނިކޮށްލުމުން ޖުމައިލާ ހިނިތުންވެފައި ހުޅުވައިލީ އަތް ދަބަހެވެ.
ކުރަން އުޅޭ ކަމެއް ބަލަން އިންދާ އެއިން ނެގި ފޮޓޯގަނޑެއް މޭޒުމަތީ ބާއްވައިލުމުން މާކިން އަވަހަށް އެފޮޓޯގަނޑު ނެގިއެވެ. "ކިހިނެތް ހޯދި ފޮޓޯއެއް މީ؟" ދެވަނަ ސިކުންތުގައި މާކިން އެހިއެވެ. "ތީ އަހަރެން ތަނަކުން ހޯދި ފޮޓޯއެއް ނޫން. ތީ މާކިން ތުއްތުއިރުގެ ފޮޓޯއެއް. އަހަރެންގެ އަތުގައި ތި އޮންނަތާ ކިތަންމެ ދުވަހެއް." އަންހެންމީހާ ތަފްޞީލު ދިނުމުން މާކިން ފަރުވާވެ ބަލައިލިއިރު ތެދެކެވެ. އެއީ ފަހުގެ ފޮޓޯއެއް ނޫނެވެ. އެއީ މީގެ ސައުވީސް އަހަރު ކުރީން އޭނާގެ އުމުރުން ފަސް އަހަރުގައި ނަގާފައި އިން ގަނޑެކެވެ. ރަނގަޅަށް ސާފުވުމުން މާކިންގެ މޭގަނޑު އައީ ފިނިވެގެންނެވެ. އެތައް ހާސް ސުވާލުތައް ސިކުނޑި ވަށައިގެން އެނބުރެން ފެށިއެވެ. "ކޮންއިރަކުން އަހަރެން ކައިރީ މިކުޑަކުއްޖާގެ ވާހަކަ ބުނަން ގަސްތުކޮށްގެން ތިހުންނަނީ؟" ޖުމައިލާ ކުރި ސުވާލު މާކިންގެ ކަންފަތާއި ހަމައަކަށް ނުފޯރައެވެ. ކަޅި ޖަހާނުލާ އަމިއްލަ ފޮޓޯއަށް ބަލަން އިންދާ މާ ކުރީގެ ހަނދާންތަކެއް ސިކުނޑިއަށް ވާންކުރަމުން އައިސް ހިތުގެ ލޯގަނޑުން ފެންނަން ފެށިއެވެ.