"ހުރޭ އަހަރެން އަންނާނަން ބަލާފަ." ދީނާ ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ޖަނާ ތެދުވެގެން އަތް ދޮންނަން ޖެހިލިއެވެ. އޭނާ އެތަނުން ނިކުމެގެން ގޮސް ދޮރާއި ހަމައަށް ދެވޭހާއިރު ކޮށްފައި ދެން އިވުނީ ނިކަން ބާރަށް ހަޅޭތްލަވައިގަތް އަޑެވެ.
އެހެން އެންމެންނަށްވުރެ ކުރިން މާކިން ތެދުވެފައި އެންމެފަހުން ދާން ހިނގައިގަތްތަން ފާހަގަ ކުރެވުނީ އެކަނި ދީނާއަށެވެ. ހީވީ އަމިއްލަ އިހުތިޔާރުން ބޭރުން ކަމެއް ކުރަން އުޅެފައި ވިސްނިގެން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރިހެންނެވެ. ދީނާ ކަންބޮޑުވެފައި ހުރުމުން އޭނާއަށްވެސް ތެދުވެވުނީ ލަހުންނެވެ. އެދެމީހުން ގާތްގަނޑަކަށް އެކުއެކީގައި ކަހަލަ ގޮތަކަށް ގޮސް ސިޓިންރޫމަށް ނިކުތްއިރު ޖަނާ ހުރީ ސޯފާމައްޗަށް ކޮޅަށް އަރައި ދެއަތް މޭގައި އަޅާލައިގެންނެވެ. އެލޮލުގައި ބިރާއި ނިއްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ. ދޮރުކައިރީ ޒަލަފް އުޑަފައިން އިނދެފައި ތެދުވިއިރު ފައިކައިރީގައި ޕާރސަލް ފޮށިގަނޑެއްގެ ތެރޭ އޮތް ކަޅު ކުލައިގެ ބުޅާ ފެނިގެން ކަންތައް ވީ ގޮތް ސާފުވެއްޖެއެވެ.
"މީ ކޮންމެވެސް މީހަކު ފޮނުވާފައި އޮތް ހަދިޔާއެއް." ޒަލަފް އެފޮށިގަނޑު ތެރެއިން ނެގި ކަރުދާސްކޮޅު ހިފައިގެން އައިސް ޖަނާ އަތަށް ދީފައި ވާހަކަދެއްކިއެވެ. "އަހަރެން ބުޅާދެކެ ބިރުގަންނަ ކަން އެނގޭ މީހަކު ކޮށްފައި ހުރި ޖެއްސުމެއް މީ." ޖަނާ އެކަރުދާސްކޮޅުގައި ހިފިއިރު އަތްވެސް ތުރުތުރުލައެވެ. އަކްޔަން އޭރު ، ޝަރުމީލާ އަތުގައި ހިފައިގެން ހުއްޓާވެސް އެބުޅާ ކައިރިއަށް ނުދެވިގެން ފައި ވިއްދައެވެ. ދޮންތަ ކަރުދާސްކޮޅު ކިޔާތަން ބަލަން ހުރެފައި ފޯނު ވައިބްރޭޓް ވެގެން ދީނާ ބަލައިލިއިރު ނާއިކް މެސެޖް ކޮށްފައި އޮތީ އެއީ އޭނާ ހަދިޔާކުރި ބުޅަލެއް ކަމަށެވެ. ވަގުތުން އެދެލޯ ދިއްލުނެވެ. ބުޅަލަށްޓަކައި ހިތް ލޯބިން ފުރިގެން އައީ އަޖައިބެއްފަދަ ގޮތަކަށެވެ.
"ތީ އަހަރެންނަށް ކުއްޖަކު ފޮނުވި ހަދިޔާއެއް." ދީނާ ފޯނު ތިރިކޮށްލި ގޮތަށް އެންމެން ހައިރާންކޮށްލާފައި ގޮސް ބުޅާ ނަގައި އުރައިލިއެވެ. "ހެޔޮ ކޮންމެ މީހަކު ފޮނުވި އެއްޗަކަށް ވިއަސް. މިގެއަކު ތިއެއް ނުގެންގުޅެވޭނެ." ޖަނާ ބާރު ބާރަށް ރައްދު ދިން ގޮތުން ދީނާ މާޔޫސްވިއެވެ. "ދެން އަހަރެން މީތި މަރުވާން ދޫކޮށްލަންވީތަ؟" ދީނާ ދެރަވެފައި އެހެން ބުނެލި ވަގުތު ބުޅާވެސް ނިކަން ލޯބިކޮށް މިއާއޮ ކިޔައިލިއެވެ. ހީވީ ދީނާއާ އެއްބައިވެލި ހެންނެވެ. "ދޮންތަ ޕްލީޒް އެއްބަސްވެބަލަ. އަކްޔަންވެސް ކިހާ އުފާވެފަ އެހުރީ. ބިރާ ކުރިމަތިލީމައޭ ބިރުފިލާނީ." ދޮންތަ ރުއްސުމުގެ ބޭނުމުގައި ދީނާއަށް ނޭނގިވެސް ބުނެލެވުނީ ބުއްދިވެރި ވާހަކައެކެވެ. ޖަނާ އެވަރުންވެސް ގޮތް ދޫ ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ ތަކުރާރުކޮށް ބުނީ އޭނާ އުޅޭ ތާކު ބުޅަލަކަށް ނޫޅެވޭނެ ކަމަށެވެ. ފެށުނީއްސުރެ ބުޅާދެކެ ބިރުގަތަސް ފަހަކަށް އައިސް ބުޅަލާއި ގުޅިފައިވަނީ ނާއިކްގެ އަނިޔާވެރި ހަނދާންތަކެވެ. އެބުޅާ އެގޭގައި އުޅޭހާ ހިނދަކު އޭނާއަށް ނާއިކް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެހަނދާންތައް އެކަނިވެސް ދިރިއުޅުމަށް ދަތި ކުރާނެކަން ކަށަވަރެވެ.
"އަހަރެން ތިބުޅާ ގެންގުޅެދީފާނަން. ދީނާ ބޭނުން ކޮންމެ އިރަކު ގެއަށް ގޮސް ބައްދަލު ކުރީމަ ވީނު." މާކިން އެހުރިހާއިރު ހިމޭނުން ހުރި މީހާ ވާހަކަދެއްކި އަޑަށް އެންމެން ބަލައިލިއެވެ. މާކިން އެގޮތަށް ހުށައެޅީ ޖަނާއާ މެދު ހަމްދަރްދީވެގެން ކަމަށް އެންމެން ދެކުނަސް ޖަނާއަށް ގަބޫލު ކުރެވުނީ މުޅިން ހިލާފަށެވެ. އެއީވެސް މާކިން އާ އޭނާ ދުރުކުރަން އެޅި ފިޔަވަޅެކެވެ. އެގޭގައި ބުޅާ އޮންނަންޏާ އޭނާ އެގެއަށް ދިއުން މަދުވާނެ ނޫން ހެއްޔެވެ؟ ފަސޭހަ ގޮތް ހޯދަން މާކިން ވަރެއް ނެތެވެ.
ކެއުން ނިންމާފައި އެންމެން ނިކުމެ ސިޓިންރޫމްގައި ތިބެފައި އަކްޔަން ނިދި އައިސްގެން ޖަނާ ވަނީ ކޮޓަރިއަށެވެ. ޝަރުމީލާމެން ދެމަފިރިންނާއެކު މާކިންވެސް ދާން ތެދުވުމުން ޒަލަފް ކިޔައިގެން މާކިން އެންމެފަހުން މަޑުކުރިއެވެ. އަކްޔަން ކައިރީ އޮވެގެން ކުޑައިރުކޮޅަކު ނިދިފައި ޖަނާ ތެދުވިއިރު އަދިވެސް ބޭރު ތެރެއިން އޭނާގެ އެކުވެރިން ވާހަކަދައްކާ އަޑު އިވެއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ސިއްރުން ބޯދިއްކޮށްލިއިރު ރަފާހް އާއި ޒަލަފް ތިބީ ޓީވީން އަންނަ ފުޓްބޯޅަ މެޗަކަށް ގެއްލިފައެވެ. އޭނާ ކޮޓަރިން ނިކުމެގެން އެދެމީހުންނަށް އެހާ ބޮޑަށް ފާހަގަ ނުވާނެހެން ސޯފާތަކުގެ ފުރަގަހުން ލާފައި ގޮސް ބަދިގެއަށް ވަންއިރު ދީނާ އާއި ހުމާ އުޅެނީ ކޮފީ ތައްޔާރު ކުރާށެވެ.
"ޖާން ތިއައީ ދޯ. ޖާންއަށްވެސް ކޮފީއެއް އިތުރު ކުރަންތަ؟" ހުމާ އުފާވެރި އަޑަކުން ސުވާލު ކުރިއެވެ. ދުވަސްތަކަކަށްފަހު އެންމެން އެއްތާކުން ބައްދަލުވެ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުން އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ. ރެސްރޯޓެންޓްގައި އުޅެން ފެށިފަހުން ޒަލަފްދެކެވެސް ކުރިން ވާ ފޫއްސެއް މިހާރު ނުވެއެވެ.
ޖަނާ ބާކީ ހުރި ކާއެއްޗެހި ތަށިތަކަށް އަޅައި ފްރިޖަށް ލާން އުޅެނިކޮށް އެދެމީހުން ނިކުމެގެން ދިއުމުން، ނިންމާފައި ކޮފީ ބޯން އިނދެވުނީ މޭޒު ދޮށުގައި އެކަންޏެވެ. ފޯނެއްގައި ނިކުމެ ބެލްކަނީ ހުރެފައި ފެންފޮދެއް ބޯންވެގެން އައިސް ވަންއިރު ޖަނާ ފެނިގެން މާކިންއަށް ހުއްޓެވުނެވެ. ފިޔަވަޅުގެ އަޑު އިވިގެން ޖަނާވެސް އިސްއުފުލައިލީ އެވަގުތެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު ޖަނާ އަވަހަށް އިސްޖެހިއެވެ. އެއްޗެއް ނުބުނެ މާކިން ގޮސް ހުއްޓުނީ ފްރިޖް ކައިރިއަށެވެ. އޭނާ ފްރިޖުން ފެންފުޅިއެއް ނަގައި ކަރުހިއްކުން ފިލުވާލައިގެން ދޮރާއި ދިމާއަށް ދަންދެން ޖަނާ ނޭވާ ހިފަހައްޓާލައިގެން ހުރެފައި ބޭރުކޮށްލިއެވެ. މާކިންގެ ފިޔަވަޅުތައްވެސް ހުއްޓުނީ އެހިސާބުންނެވެ. ނުބަލާ އިންދާވެސް މާކިން ހުއްޓުނުކަން އިހްސާސްވެގެން ޖަނާގެ ހިތް އަވަސްވިއެވެ.
"ކާއެއްޗެހި ވަރަށް މީރު." މާކިން ފުރަގަސްދީގެން ހުރެ އިއްވައިލާފައި ނިކުމެގެން ދިއުމާއެކު ޖަނާއަށް އިސްއުފުލާލެވުނީ ހައިރާންވެގެންނެވެ. ހީނުކުރާފަދަ ގޮތަކަށް މާކިންގެ ތައުރީފް ލިބުމުން އަޖައިބެއްފަދަ އުފާވެރިކަމެއް ހިތަށް ލިބިގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާ ތުންކޮޅު ހަދާލީ ހިތަށް އެރި އެއްޗަކުންނެވެ. އާއެކެވެ. އެއް ސިކުންތުގައި ރަނގަޅު އެއްޗެއް ވިސްނަން ފުރުސަތު ދިނިއްޔާ ދެވަނަ ސިކުންތުގައި ވީ އެންމެ ގޯސްކޮށް ހިތަށް އަރުވަން މާކިން މަޖުބޫރު ކުރުވާނެއެވެ. މިފަހަރު އޭނާއަށް ތައުރީފް ކޮށްގެން ހިތް ހަމަޖައްސައިދީފައި ނިކުމެގެން ދިއުމުގެ ކުރިން ކޮންމެވެސް ގޮތަކުން ދަތްކޮޅު ގުޑާވަރު ކޮށްލާނެއެވެ. މާކިންއާމެދު ރަނގަޅު އުންމީދެއް ކުރުމަކީ ބޭކާރު ކަމެކެވެ.
ޖަނާ ކޮފީތަށި ހުސްކޮށްލާފައި ނިކުތްއިރު ހުމާ ދެއްކީ ގެއަށް ދާ ވާހަކައެވެ. ޒަލަފްމެން އެވަރުންވެސް މެޗްގެ ފޯރީގައި އިތުރަށް މަޑުކުރަން އެދުމުން ހުމާ ފޫހިވެފައި ބުނީ އޭނަ ދަނީ ކަމަށެވެ. ދީނާވެސް އޭރު ކޮޓަރިއަށް ވަންނަން ދިއުމުން ޖަނާ ކަންބޮޑުވީ އެތިން މީހުންނާއެކު އޭނާ އެކަނިވެދާނެތީއެވެ. "އެތެދެއް ދެން ތިމީހުން ދާންވީއެއްނު. އަހަރެން ނިދަންވެއްޖެ." ޖަނާ ނުކެރި ހުރެވެސް އެންމެފަހުން ބުނެލިއެވެ. "ރަފާ ދެން ހިނގާ." ޒަލަފް ބަލާލުމާއެކު ޖަނާ ކަންބޮޑުވެފައި އިސްޖަހާލިތަން ފެނިގެން އެހިތުގައި ހަމްދަރްދީ އުފެދުނީ ކަންނޭނގެއެވެ. ޒަލަފް ރަފާހް ކޮނޑުގައި ޖަހާލައިފައި ތެދުވެ ޓީޝާޓަށް ދަމާލައި އެއްވަރު ކޮށްލިތަނާ ރަފާހްވެސް ނަސީބަކުން ތެދުވެއްޖެއެވެ. މާކިން އެއްކަނެއްގައި އިން މީހާ އެމީހުންނާއެކު ތެދުވެފައި އެންމެންނަށްވުރެ ކުރިން ގޮސް ދޮރުން ބޭރަށް ދެމިގަތެވެ. ހީވީ މިހާއިރު އޮކްސިޖަން ބަންދުވެފައިވާ ތަނެއްގައި ހުންނަން ޖެހުމުން އަވަހަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިހެންނެވެ. ޖަނާއަށް އެތަން ފެނިގެން އޭނާވީ ފާޑެއްގެ ފޫއްސެކެވެ. މާކިން ފަހަރެއްގައިވެސް އޭނާގެ ހީތައް ދޮގުވިޔަ ނުދޭނެއޭ ހިތަށް އެރިއެވެ. ނިކުންނަމުން އެދިޔައީ އޭނާ ރުޅިއަރުވާލައިފައެވެ.
"ދެން ކީއްތަ ކުރާނީ ނިކް. ދޮންތަ ގަބޫލެއް ނުވިއޭ ޕީނަޓް މިގޭގައި ބާއްވާކަށް. އަހަރެންވެސް ދެރަވި ފޮނުވާލަން ޖެހުނީމަ. ނުލާހިކު ލޯބިކޮށް ޕީނަޓް އަހަރެން އަތުގަ އޮތީ. ފެހި ލޯ އަދި އެންމެ ސަޅީ. އެކަމަކު އައި ޕްރޮމިސް ކޮންމެ ދުވަހަކު އެގެއަށް ގޮސް ޕީނަޓްއަށް ކާންދީ އަޅާލާނަން. އޯކޭއެއްނު." ފޯނުގައި އޮވެގެން ދީނާ މަސައްކަތް ކުރީ ނާއިކް ރުއްސޭތޯއެވެ. "ހުއްދަ ނުހޯދާ ފޮނުވުނީމަ ވީ ގޮތް ދޯ. ދެން ބަލާނަން އެއްޗެއް ފޮނުވުމުގެ ކުރިން ޑީ ދޮންތައަށް ކަމުދަނީ ކޯއްޗެއްތޯ އަދި ކަމުނުދަނީ ކޯއްޗެއްތޯ." ނާއިކްގެ ވާހަކަދެއްކުމުގެ ރާގުގައި އަދިވެސް ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރެވެ. ލޯބިވެރިޔާ ރުއްސާނެ ގޮތަކާމެދު ވިސްނަމުން ދީނާއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ނާއިކް ހިތްހަމަ ނުޖެހި ހުރެއްޖެއްޔާ މިރޭ ނުވެސް ނިދޭނެއެވެ. "ދެން ކޮންއިރަކުންތަ ބައްދަލުވާނީ؟" ނާއިކް އަބަދު ކުރާ ސުވާލު ދީނާ އިސްވެ ކޮށްލީވެސް ރުއްސުމުގެ ގޮތުންނެވެ. ކޮންމެފަދަ އަގެއް ދައްކައިގެންވެސް އޭނާ ބޭނުމީ ނާއިކްގެ ރުހުމެވެ.
"ބޭނުމީ މިހާރުވެސް މީޓްވާން. އެކަމަކު ޑީއަކަށް ނުވާނެއެއްނު އެކަމެއް ދޯ. ޑީ ދޮންތަ ރުޅި އަންނާނެ. އެހެންވީމަ މިރޭ ދެން ބާއްވަން ހިނގާ. ނިދަންވެއްޖެ." އަދިވެސް ބޮޑަށް ހިތްހަމަ ނުޖެހުނުކަން ދައްކާފައި ނާއިކް އުޅުނީ ފޯނު ކަނޑައިލާށެވެ. އެކަމަކު އެކަންވީ ދީނާގެ ހިތަށް ކެތްނުކުރެވުނު ކަމަކަށެވެ. އޭނާ ބިރުގަތީ ނާއިކް މިރޭ އެގޮތަށް ފޯން ބާއްވައިފިނަމަ ކުރިއަށް އޮތް ތާނގައި އޭނާއާ ގުޅުން ނުބާއްވަން މަސައްކަތް ކޮށްފާނެތީއެވެ. ނާއިކްފަދަ ރީތި ޒުވާނަކަށް އޭނާ އެއީ އަދި އެކައްޗަކަށްވެސް ނުވާނެކަން ކަށަވަރެވެ. އޭނާ ކޮންމެ އެދުމަކަށް ދެކޮޅު ހަދާއިރު ނާއިކްގެ އެންމެ އިޝާރާތަކަށް އެދި އެދި އެތައް އަންހެން ކުދިންނެއް ތިބޭނެއެވެ.
"ނޫން. ހަމަ މިހާރު މީޓް ވާންވެސް ތައްޔާރު. ބުނޭ އަހަރެން ކިހިނެތް ހަދަންވީ؟"ދީނާ އަވަސް އަވަހަށް އަހައިލިއެވެ. ނާއިކް ޖަވާބު ނުދީގެން ތެދުވެ ދެކޮޅަށް ހިނގަން ފެށިއިރު އެކޮޅުން ނާއިކް އަމިއްލަ ކާމިޔާބާމެދު ހިނިތުންވަމުން ދިޔަ ކަމެއް އޭނާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ ދީނާގެ އެވާހަކަ ކޮޅު އެއީ އޭނާ ބޭނުން ގޮތަށް ހުރިހާ ކަމެއް ދާން ފެށި ކަމުގެ އިތުރު ފެހި ސިގްނަލްއެކެވެ. ޖަވާބު ނުދީ ފޯނު ކަނޑާލައިފައި ގޮސް އެނދަށް ވެއްޓިގަންގޮތަށް ނާއިކް ބާރަށް ހީގަތެވެ. މިހާރު ދީނާ އެއީ ހަމައެކަނި އޭނާގެ މިލްކެކެވެ. އޭނާ ބޭނުން ގޮތަކަށް މޮޑެލެވެން އޮތް ފުށްގަނޑެކެވެ. އޭނާ ފޯނުން އަޑު ކަނޑާލައިފައި ފުން ނިދީގެ ތެރެއަށް ފީނައިގަތްއިރު އަނެއްކޮޅުން ދީނާ ކެތްތެރިކަމެއް ނެތި އެފޯނަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
*****
އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެ ރަން ކުރަން ފެށިއިރު ފަޒާ ފެންނަނީ ހިމޭން ކޮށެވެ. ނޫ އުޑުގައި ވިލާ ރޮއްޖެއް ނެތް ތާނގައި ވައިރޯޅީގެ ކަމެއްވެސް ނެތެވެ. ހެނދުނު ހެނދުނާ ތެދުވެ ކަސްރަތު ނިންމާފައި ޒަލަފް އައިސް ބަދިގެއަށް ވަންއިރު ސިޓިންރޫމްވެސް ފެނުނީ ފަޅުވެފައި އޮތްވައެވެ. އޭނާ ލައިގެން ހުރި ޓީޝާޓް ދަލުން ތެމި ގައިގައި ތަތްލައިފައި އޮތްއިރު ފަން އިސްތަށިގަނޑުގައިވެސް ފެނުގެ އަސަރެވެ. ޒަލަފް ފްރިޖް ކައިރިއަށް ޖެހިލައި ފެންބޯން ފެށުމުން އެތާ ހުރި ނޯކަރު ކުއްޖާވެސް ސިއްރު ނަޒަރެއް ދިނެވެ.
"އަހަރެންގެ ހެންސަމް ކޮއްކޮ މިހާރު ދެން ހާދައޭ އިސްލާހީ. ކޮބާތަ ސިއްރަކީ؟" ޒީކް ހޭލައިގެން އައިސް ވަންއިރު ޒަލަފް ބަދިގެއިން ފެނިގެން ސަމާސަކޮށްލިއެވެ. "އިސްލާހު ވީ ކަމެއް ނޭނގެ. މަންމަ ކޮންމެދުވަހަކު ނަސޭހަތް ނުދޭވަރެއް ނުވޭވިއްޔަ." ޒަލަފް ފެންފުޅި އަނބުރާ ލައިފައި ހިނި އައިސް ހުރެގެން ރައްދު ދިނެވެ. "އެއީ އެހެންދޭ ނަސޭހަތެއް ނޫނޭ ދޯ މަންމާ. ބުނެއެއްނު މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއް ނުވާނެއޭ. ޒަލަފް މީހަކާ އިނަސް މަންމަ ނަސޭހަތް ދޭނެ." ނާސިހާ ބަދިގެއަށް ވަންތަން ދެކެފައި ޒީކް ދެން ވާހަކަދެއްކިއިރު މަންމައަށްވެސް ދޯ ދިނެވެ. އެވަގުތު ފަހުން ބުނި ވާހަކަ އިވިގެން ޒަލަފްގެ ކުލަ ބަދަލުވިތަން ނާސިހާ ފާހަގަ ކުރިއެވެ. ފެންވަރަން ދަނީއޭ ބުނެ އޭނާ އަވަހަށް އެތަނުން ދިޔައެވެ.
ފެންވަރަން ހުރެގެން ޒީކްގެ ވާހަކައާމެދު ޒަލަފްއަށް ވިސްނުނެވެ. އޭނާ ހަނދާންވީ މާކުރިން މަންމަ ކައިރީ ބުނެވިފައި އޮތް ވާހަކައެކެވެ. އޭނާ އެކި ފަހަރު އެކި ކުދިންނާއިއެކު ފެންނާތީ މަންމަ އެއްދުވަހަކު ކައިރީ ބައިންދައިގެން ނަސޭހަތް ދެމުން އެދުނީ އޭނާ ޖަނާއާ ކައިވެނި ކުރުމަށެވެ. ބައްޕަވެސް ޖަނާއާ ރުހޭ ކަމަށާއި އެކައިވެނިން މުޅި އާއިލާއަށް އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ. ރައްދުގައި އޭނާ މަންމަ ކައިރީ ބުނީ އޭނާ އަންހެންކުދިން ގެންގުޅުން ހުއްޓައި މީހަކާ އިންނާނީ ބައްޕަވެސް ވަގު އަނބިން ގެންގުޅުން ދޫކޮށްލި ދުވަހަކުން ކަމުގައެވެ. ޒީކް އަބަދު ގޭގައި އިންނަ ކުއްޖަކަށް އެއްޗެއް ނޭނގުނަސް ޒަލަފް އެކުވެރިންނާއެކު ބޭރުތެރޭ އުޅޭއިރު ކިތަންމެ ފަހަރަކު ބައްޕަ އަންހެން ކުދިން ގޮވައިގެން އުޅޭ މަންޒަރު ފެނިފައި އެބަހުއްޓެވެ. ހިތާމައަކީ މަންމަ އެވާހަކަ ގަބޫލު ނުކުރާ ކަމެވެ. ނޫނީ އަޅައިނުލަނީ ކަމަށް ވެދާނެއެވެ.
ރެސްޓޯރެންޓަށް ނިކުންނަ ގަޑި ކައިރިވާން ފެށުމުން ޒަލަފް ތައްޔާރުވެގެން ނިކުންނަނިކޮށް މަންމަ ގޮވާލި ގޮތުން ހުއްޓުނެވެ. "މިއަދު ނިމިގެން އައިސް މަންމައަށް ވަގުތުކޮޅެއް ދޭތި އިނގޭ. އެބައޮތް ވާހަކައެއް ދައްކާލަން ވެފަ." ނާސިހާ އަތުގައި އޮތް ކުޑަކުޑަ ކުރާގަނޑުން ގަހަކަށް ފެންއަޅަން ހުރެފައި ވާހަކަދެއްކިއެވެ. ޒަލަފް ބޯ ޖަހާލައިފައި ގޮސް ކާރަށް އަރަނިކޮށް ބައްޕަވެސް ދަބަސް ހިފައިގެން އަންނަތަން ފެނުނެވެ. އޭނާ ކާރުގައި ދަމުން އާދައިގެ މަތިން މާވިއްކާ ފިހާރަ ކައިރިއަށް މަޑުކޮށްފައި އޯކިޑް މާބޮނޑިއެއް ގަތެވެ. މާބޮނޑި ދޭ ވަގުތު ޖަނާ ދޭ އެންމެ ހިނިތުންވުމަކުން މުޅި ދުވަސް އުފާވެރިވެގެން ދާނެއޭ ހިތަށް އަރާފައި އަމިއްލައަށްވެސް ހިނިތުންވެލެވުނެވެ.
ބޮލުގައި ރިއްސާތީއޭ ކިޔާފައި ދީނާ ހެނދުނު ސުކޫލަކަށް ނުދިޔައެވެ. ޖަނާއަށް ނޭނގުނަސް އޭނާ ނިދީ ނިކަން ކުޑަ ހިނދުކޮޅަކަށެވެ. ނާއިކް ހިތްހަމަ ނުޖެހިގެން ފޯނު ކަނޑާލައިފައި ގުޅާ ގުޅާ ޖަވާބެއް ނުދިނެވެ. މުޅި ރޭ އޭނާ މޮޔައެއްހެން ކަރުނަ އޮއްސިއެވެ. މުޅި ހަޔާތުގައި ދުވަހަކުވެސް އެހެން މީހަކާއި ހެދި މިވަރެއް ނުވެއެވެ. ޖަނާ ތައްޔާރު ވެގެން ނިކުމެ ދިއުމުގެ ކުރިން ކޮއްކޮއަށް އައިސްމައިލޯ ތައްޓެއް ދީފައި ބޭސް ގުޅައެއް ދިނެވެ. ނިދާލައިފައި ތެދުވެ ހަނދާންކޮށް ނާސްތާ ކުރަންވާނެ ކަމަށް ބުނަމުން އަކްޔަން ގޮވައިގެން ދިޔައިރު ޒަލަފް އިނީ އިންތިޒާރުގައެވެ. އޭނާ ފެނުމާއެކު ޒަލަފް އާދައިގެ މަތިން މާބޮނޑި ދިއްކޮށްލީ ހެނދުނުގެ ސަލާމް ގޮވާލައިފައެވެ.
"ޝުކުރިއްޔާ ޒަލަފް. މާބޮނޑި ވަރަށް ލޯބި. އެކަމަކު މިހާރު ހިތަށް އަރަނީ ކޮންމެވެސް ދުވަހަކުން މިމާބޮނޑި ނުލިބި ހުއްޓިއްޖެއްޔާ ވަރަށް ފަޅުކަން އިހްސާސް ވާނެއޭ. އާދަ ނުވަނީސް ހުއްޓާލިއްޔާ ރަނގަޅުވާނެ." ޖަނާ މާބޮނޑީގައި ނުހިފަންވެގެން ފިޔަވަޅެއް ފަހަތަށް ޖެހިލައިފައި ބުނެލީ މާނައިން ފުރިގެންވީ ބަސްކޮޅެކެވެ. އިރެއްގައި އޭނާ ޒަލަފްއަށް އާދަވެގެން ދިރިއުޅެމުން ދަނިކޮށް އެއްދުވަހަކު އެލޯބިން މަހުރޫމު ވުމުން ކުރިމަތިލާން ޖެހުނު ކަންތައް ތަކާއި މުޅި ހަޔާތް އެކޮޅުކޮޅުން ޖެހިގެން ދިޔަ ގޮތް ދުވަހަކު ހިތުން ނުފިލާނެއެވެ. ޖަނާގެ މި ޖުމްލައާއެކު ޒަލަފްގެ ކުލަ ފަނޑުވެގެން ދިޔަ ގޮތް އޭނާ އެންމެގާތުން ދެކުނެވެ. "މާފުކުރޭ ޖާން. އެކަމަކު އަހަރެން ދެން ބޭނުމެއް ނޫން އެއްވެސް ކަމަކަށް ވަޢުދުވާކަށް. ތިބުނި ގޮތަށް ހަމަ ކޮންމެވެސް ކަމަކާ ދިމާވާ ދުވަހަކުންވެސް އަހަރެންގެ މިއާދަ ނުހިފެއްޓޭނެ ގޮތް ކުރިމަތިވެދާނެ." ޒަލަފް މޮޅިވެރިކަމާއެކު އިސްޖަހާލައިފައި މާބޮނޑި ހިފައިގެން ގޮސް ބަދިގެ ބަޔަށް ވަންނާންދެން ޖަނާއަށް ހުރެވުނީ ބަލާށެވެ. އޭނާއަށް އެއް ކަމެއް މިއަދު ޔަޤީންވެއްޖެއެވެ. ދެންމެ ކުރިމަތީ ހުރެފައި އެދިޔައީ ކުރީގެ ޒަލަފްއެއް ނޫނެވެ.
ޑިއުޓީ ނިންމާފައި މާކިން ގެއަށް އައިސް ހަވީރު ސައިބުއިމުގެ ކުރިން ބުޅަލުގެ ޚަބަރު ބަލައިލަން ބެލްކަންޏަށް ނިކުމެފައި އެތަނުން ދީނާ ފެނުމުން ސިއްސައިގެން ދިޔައެވެ. ބުޅާ އުރާލައިގެން ދީނާ ހުރީ ދުރުން ފެންނަމުންދާ އިމާރާތްތަކާއި ދިމާއަށް ބަލާށެވެ. އެންމެ ރެއެއްގެ ތެރޭ އެމޫނުގެ އުޖާލާކަން ގެއްލި ދެލޮލުގެ ވަށައިގެން ކަޅު ދާއިރާއެއް ލެވިއްޖެއެވެ. ތުންފަތް ހިކި ލޮލުގެ ވިދުން ފަނޑުވެފައި ވެއެވެ. "ކިހިނެތްވެފަ ތިހުރީ؟ ބަލީތަ؟" މާކިން ދީނާ ނިއްކުރީގައި އަތް ޖައްސާލައިފައި ޗެކްކޮށްލިއެވެ. ދީނާ އެވަގުތު ދޮންބެގެ މޫނަށް ބަލާލައިފައި ބޮލުގައި ރިއްސާ ވާހަކަ ބުނެލިއެވެ. "ދެން މިހާރު ބޭސް ކައިފިންތަ؟ ނުނިދާ މާގިނައިރު ފިލާވަޅު ދަސްކުރަން ހުންނަނީ ދޯ؟" މާކިން އެމޫނު ދިރާސާ ކުރަން ފެށިއެވެ. ދީނާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށް ދެފަރާތަށް ބޯ ހޫރާލައިފައިބުޅާ އޮންނަން ގެނެއްސައި ހުރި ގެގަނޑު ކައިރީ ކުޑަކަކޫ ޖަހާލައި ތިރީގައި އޭތި ބޭއްވިއެވެ. "ރީތިކޮށް އަތްދޮންނާތި އިނގޭ!" ދީނާ ދާންވެގެން އެނބުރުނު އިރު މާކިން ހަނދާންކޮށްލަ ދިނެވެ. އޭނާ ރެއިލިންގައި ބަނޑު އަޅާލައިގެން އޮޮތްވާ އިރުކޮޅަކުން އިވުނީ ޖަނާ ނިކަން ބާރަށް ދީނާއޭ ކިޔާ ހަޅޭތްލަވައިގަތް އަޑެވެ. ސިހޭގޮތްވެފައި އެނބުރި ބަލައިލި ގޮތަށް އޭނާ ބާރު ބާރަށް ގޮސް ސިޓިންރޫމަށް ވަންއިރު ޖަނާ ހުރީ ދީނާ ކުރިމަތީ ކަޅި އަޅާލައިގެންނެވެ. ޝަރުމީލާވެސް ބަދިގޭގައި އުޅެފައި ޖަނާގެ އަޑަށް ނިކުމެ ވެގެން އުޅޭ ގޮތް ސާފުކޮށްދޭން އެދުނެވެ.
"މަންމާ އަހަރެން ބިރުން ކިރިޔާ މަރުނުވީ. ދީނާ ބޮލުގަ ރިއްސާތީ ހެނދުނުވެސް ސުކޫލަކަށް ނުދޭ. އެހެންވެ މިއަދު އެތާ އުޅެފައިވެސް އިރުއިރުކޮޅާ ގެއަށް އައިސް އޭނަގެ ހާލު ބެލިން. މެންދުރުވެސް އައިސް ކާންވެސް ދިނިން. ދެންމެ ޑިއުޓީ ނިންމާފައި އައިސް ވަންއިރު މީނަ ނެތް ގެއަކު. ގުޅާ ގުޅާ ފޯނެއް ނުނެގި. މަންމަ ފޯނުވެސް ނިއްވާލައިފަ އޮތީމަ އެންމެފަހުން މިގެއަށް މިއައީ. އަޅެ ދީނާ ނުވާނެތަ ބުނެލާފަ އަންނާކަށް. ތިހުރީ މީހާ ހުރިގޮތް. އެކަނި އައިގޮތަކާމެދުވެސް އަހަރެން ހައިރާންވެއްޖެ." ޖަނާގެ އެވާހަކަ ކިޔައިދިންއިރު އަޑުގައި ހުރި ރުޅިއަށްވުރެ ލޮލުގައި ހުރި ކަރުނަ ގިނައެވެ. ދޮންތަގެ ވާހަކަ އަހާފައި ދީނާ ދެރަވެގެން އިސްޖަހާލި ގޮތް ފެނިފައި މާކިން އެއްޗެއް ބުނަން އުޅެފައިވެސް ފަސްޖެހުނެވެ.އެވަގުތު ޝަރުމީލާ ދީނާއަށް ނަސޭހަތް ދޭން ފަށާއިރަށް ދީނާ ލޮލުން ކަރުނަ އަތުވެއްޖެއެވެ. ނާއިކްގެ ސަބަބުން އޭނާ އެހުންނަނީ ކުރިއްސުރެ ދެރަވެފައެވެ. ބޮލުގައި ރިއްސާތީ ބޯ ހީވަނީ އަދި ފަޅައިގެން ހިނގައިދާނެ ހެންނެވެ. ކަން މިހެން ހުއްޓާ މަންމަ އާއި ދޮންތަވެސް އޭނާ ކުށްވެރިކޮށްފައި އެތިވަރު ގޮވަނީއެވެ. ދީނާއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އަނގަމަތީ އަތް އަޅާފައި ކޮޓަރިއާ ދިމާއަށް ދުއްވައިގަތުމުން ޝަރުމީލާ ފަހަތުން ދިޔައެވެ. ފެންނަ ހިސާބުގައި މާކިން ހުރިކަން ޖަނާއަށް އެނގުނީ ނިތުގައި އަތް ހާކާލައިފައި ވަށައިގެން ނަަޒަރު ހިންގައިލިތަނާއެވެ. މާކިން ބަލައިލި ގޮތް ފެނިގެން ޖަނާ ވަގުތުން އަނެއްފަރާތަށް އެނބުރުނެވެ. އޭނާ ބަލި ކޮއްކޮއާމެދު ހަމްދަރްދީ ނުވެ އެތިވަރު ގޮވިތަން މާކިންއަށް ފެންނާނެއޭ ހިތަށް އެރުމުން ކަންބޮޑުވެގެން ލޯ މަރައިލެވުނެވެ. ދެވަނަ ސިކުންތުގައި ފައިގައި ކޮންމެވެސް އެއްޗެއް ބީހުނުހެން ހީވެގެން ކުއްލިއަކަށް ތިރިބަލައިލާފައި ފައިދަށުގައި އޮތް ބުޅާ ފެނިގެން ހޭވެރިކަން އުދުއްސައި ނުގަތީ ކިރިޔާއެވެ. އަޑުގާ ނެތްތަނަށް ހަޅޭތްލަވައިގެންފައި ދުއްވައިގެންކުއްޖާއަށް ވާނުވާ އެނގުނުއިރު އިނދެވުނީމާކިން އުރަށް އަރައެވެ. އެދެފައި މާކިންގެ އުނަގަނޑާއި ހިސާބުން ފުރަގަހަށް ލަނބާލައި ރީތިކޮށް ދެފައިތިލައިން ލޮކް އަޅުވާލައިގެންނެވެ. ކަރުގައި ދެއަތް އަޅުވާލައި މޭގައި މޫނު ފޮރުވާލައިގެންނެވެ.