ޒަލަފް ދުރުގައި ހުރެފައި އައިސް ޖަނާއަށް ހިތްވަރުދޭން ކައިރީގައި އިށީންދެފައި ބުނެލި ދެތިން ޖުމްލައާއެކު އިތުރަށް އަސަރުކޮށްގެން އަޑު ބޭރުވާން ފެށުމުން ސަލާމަތް ހޯދަން މޫނު ޖައްސާ ބާރުކޮށްލެވުނީ ޒަލަފްގެ މޭގައެވެ. ދެންތިބި މީހުން ފަދައިން މާކިންއަށްވެސް އެމަންޒަރު ފެނިގެން ބަލަން ހުރެވުނެވެ.

"ބުނިތަ ދޫކޮށްލާނެ އިރެއް؟" ޝަރުމީލާ ވާހަކަދެއްކި އަޑަށް މާކިން އެމީހުންނާއި ދިމާއަށް މޫނު އަނބުރާލިއެވެ. "ކުރިން ބުނިހެން ހާލު ސީރިއަސްއެއް ނޫން. ހޭވެސް އަރައިފި. އެހެންވީމަ ގަޑިއެއްހާއިރު ތެރޭ ދޫކޮށްލެވޭނެ." މާކިން އޮޅުންފިލުވައިދިނެވެ. ދީނާއާ ބައްދަލު ކުރަން ބޮޑެތި މީހުން އެދުމުން އެމަގު ފަހިކޮށްދީފައި މާކިން މިސްރާބު ޖެހީ އޭނާގެ ކެބިންއަށެވެ. ޖަނާ ގުޅީ އޭރު އޭނަ ކޮފީ ބްރޭކްއަކަށް ނިކުމެ އިންދައެވެ.

ޒަލަފްގެ ހިތްވަރުލައިދެނިވި ބަސްތަކުން ހިތަށް ލުޔެއް ލިބުމުން ޖަނާ ދުރަށް ޖެހިލިއިރު މަންމަމެން ކުރެ އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ ކަންބޮޑުވެފައި ތެދުވެ ހޯދަނިކޮށް ފަޔާޒް އެމަޖެންސީރޫމުން ނިކުތްތަން ފެނިގެން އެދިމާއަށް ގޮސް ވަންނަން ދިމާކޮށްލިތަނާ އަތުގައި ހިފުމުން ސިހުނެވެ. "ޖަނާ. ބޭބެ ބުނާ އެއްޗެއް ގަބޫލުކުރަންޏާ އަދި އިހަށް ދީނާ ކުރިމައްޗަށް ނުގޮސް ހުރޭ!" ފަޔާޒްގެ ވާހަކައިން ޖަނާއަށް ވިސްނުނެވެ. ކޮއްކޮ އޭނާގެ މޫނު ދެކޭކަށްވެސް މިހާރު ބޭނުމެއް ނުވެއެވެ. ހިތަށް ކުރި ފުން އަސަރަކުން ލޮލުން އިތުރަށް ކަރުނަ ހިލުން ނޫންކަމެއް ނުވިއެވެ. ޖަނާ އަވަހަށް ލޯ ފުހެލައިފައި ބަސް ގަބޫލުކުރާ ޅަކުއްޖަކު ފަދައިން ބޯ ޖަހާލައިފައި ފަހަތަށް ޖެހުނެވެ. އިރުކޮޅަކުން ޝަރުމީލާ ނިކުމެފައި ދީނާ ދޫކޮށްލުމުން އެގެއަށް ގެންދާ ވާހަކަ ބުނެ، ލަފާ ދިނީ ޖަނާ ގެއަށް ދިއުމަށެވެ.

ޒަލަފްގެ ކާރުގައި ގެއަށް ދިޔައިރު ޖަނާ އިނީ ހިމޭންވެފައެވެ. އުދަނގޫ ވެދާނެތީ ޒަލަފްއަކަށްވެސް މާބޮޑަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. ޖަނާ ރެސްޓޯރެންޓް ކައިރިއަށް ބާލުވައިފައި އޭނާ ވަކިވަމުން ބުނެލީ އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ ފަސްޖެހުމެއްނެތި ގުޅާލުމަށެވެ. ޖަނާ ބޯ ޖަހާލައިފައި އެތެރެއަށް ވަދެގެން ދާން ފެށުމުން ހުމާއަށް ފެނިގެން ދުވެފައި އައެވެ. ހުމާ އޭނަ ކައިރީ ގޭގައި މަޑުކުރަން އެދުމުން ޖަނާގެ ޖަވާބަކަށް ވީ ގޭގައި އިނދެއްޖެނަމަ އިތުރަށް ދެރަވުން ނޫންކަމެއް ނުވާނެ ކަމަށެވެ. މަސައްކަތުގައި އަވަދިނެތި އުޅުމުން ނުތަނަވަސް ކުރާ ހިޔާލުތަކުން ސިކުނޑި ސަލާމަތް ވާނެއެވެ.

ގެއަށް ދޫކޮށްލުމުން ޝަރުމީލާމެން ދެމަފިރީން ތިބީ ދީނާގެ ޚިދުމަތުގައެވެ. އެކަމަކު ދީނާ އަދިވެސް ވާހަކައެއް ނުދައްކައެވެ. އޭނާ ހޭއަރާފައި އޮތްވާ ޝަރުމީލާމެން ފުރަތަމަ ވަންތަނާ ޖަނާގެ މޫނު ދެކެން ބޭނުން ނުވާ ވާހަކަ ބުނި ބުނުން އެއީ ދުލުން ބޭރުކުރި ހަމައެކަނި ޖުމްލައެވެ. ދީނާއަށް މީރުހާ ކާއެއްޗެހި ތައްޔާރުކޮށްގެން ގެނެސް އުޅެވެސް އެތިކޮޅެއް އަރުން އެތެރެ ވާގޮތެއް ނުވިއެވެ. ނުކާން އުޅޭ ޅަކުއްޖަކުހެން ދެތުންފަތް ޖައްސާ ބާރުކޮށްފައި އޭނާ އެނބުރެނީ ކޮންމެފަހަރަކުވެސް ބިތްދޮށަށެވެ. ދެން އެހެން އޮވެގެން ކަމަކީ ކަރުނަ އޮހޮރުވާފައި ރުއިމެވެ. ހިތްވަރު ދީދީ އަނގައިގައި ކުރަލީ އިރުވެސް ދީނާއަށް ބަދަލެއް އައި ކަމަކަށް ނުވިއެވެ. ކުޑަމިނުން ވެގެން އުޅޭ ގޮތެއްވެސް އެނގުނީއެއް ނޫނެވެ. ޝަރުމީލާ ގުޅައިގެން ސުވާލު ކުރަން ފެށުމުން ޖަނާގެ ފުށުންވެސް ޖަވާބެއް ލިބޭގޮތެއް ނުވިއެވެ. ނާއިކްގެ ވާހަކަ މަންމަމެން ކައިރީ ބުނަން އޭނާ ޖެހިލުންވީ ދީނާގެ އިންޒާރު ހަނދާންވެފައެވެ.

ޑިއުޓީ ނިންމާފައި މާކިން އައިސް ވަންއިރު ޝަރުމީލާ ސޯފާގައި އިންގޮތުން ސަމާލުކަން ދެވުނެވެ. ބައްޕަގެ ހަޔާތަށް އެއަންހެންމީހާ އައިފަހުން ދުވަހަކުވެސް އެހާ މާޔޫސްވެފައި އިންދާ ފެނުނު ހަނދާނެއް ނެތެވެ. މާކިން ގޮސް ދީނާ ރަނގަޅުތޯ އެހުމުން އިސްއުފުލައިލިއިރު ޝަރުމީލާގެ ލޯ ފުރިފައި ހުރީ ކަރުނައިންނެވެ. ޖަވާބެއް ނުދެވި އުޅެނިކޮށް ފަޔާޒް ދީނާގެ ކޮޓަރިން ނިކުތް އަޑަށް މާކިން ބަލާލިއިރު ކާއެއްޗެހި ވެއްދި ތަބައް ހިފައިގެން ނިކުތީއެވެ. އެވަގުތު ފަޔާޒްގެ މޫނުންވެސް މާކިން ދުށީ ހަމަ އެއް ކުލައެކެވެ.

"ކިހިނެތްވީ؟" މާކިން ގޮސް ބައްޕަ ކައިރިއަށް ހުއްޓިފައި ސުވާލު ކުރިއެވެ. "ދީނާ އެކައްޗެއްވެސް ނުކައި އޮވެގެން ހުއްޓާނުލާ ރޮނީ. މިވަރުން ކިހިނެތް ރަނގަޅުވާނީ. ބޭހެއްވެސް ކެއީއެއް ނޫން. ތަދުކަނޑާ ބޭސް ނުކައި އެއަތުގައިވެސް ކިހާ ރިއްސާނެ. ހީވަނީ އަމިއްލަ ނަފްސަށް އަދަބު ދޭން އުޅޭހެން. އަދި ކޮބާ ދެބެންގެ މެދުގައި ހިނގި ކަމެއްވެސް އަހަރެމެންނަށް އެނގިގެނެއްނު އެއްޗެއް ބުނަން އެނގޭނީ." ފަޔާޒް އޮޅުންފިލުވައިދިނުމުން މާކިން އަވަހަށް އެކޮޓަރިތެރެއަށް ދެމިގަތެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން އޮތްއިރު ގިސްލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިފައި ވެއެވެ. މާކިން ގޮސް މަގަތުގައި އިށީންދެފައި ގޮވާލުމުން ދީނާ އަޅާވެސް ނުލިއެވެ. "ދީނާ ޕްލީޒް. ތިހެން އުޅޭކަށް ނުވާނެއެއްނު. ފުރަތަމަ ބުނަންވީއެއްނު ވެގެން އުޅޭ ގޮތެއް. ދީނާގެ ބޯއިފްރެންޑް ދޮންތައަށް ކަމުނުދިޔައީތަ؟" މާކިން އަމިއްލަ ވިސްނުމުން ހީވާގޮތަށް ވާހަކަދެއްކިއެވެ. އޭނާއަށް ޔަޤީންވާ އެއްޗަކީ އެކަމެއް ހިނގީ ދީނާގެ ބޯއިފްރެންޑާ ޖަނާ ބައްދަލުވާން ހަމަޖެހިފައި އޮތް ރޭކަމެވެ. އެބައްދަލުވުމަށް އެޒުވާނާ އައި ކަމެއް ނުވަތަ ނޫންކަމެއް ނޭނގުނަސް ހުރިހާ ކަމެއްގެ މުލަކީ އެއީކަން ކަށަވަރެވެ. މާކިން ވިސްނަން އިންދާ އިރުކޮޅަކުން ދީނާ ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ބާލީހަށް މޫނު ހަރައިގެން އޮތުމުން ސާފު ނުވެގެން މާކިންއަށް ޖެހުނީ އަލުން ސުވާލު ކުރާށެވެ.

"ކީއްވެހޭ އެންމެން އަހަރެންނާ ސުވާލު ކުރަނީ؟ ދޮންތަ ކައިރީއެހީމައެއްނު. ހަޤީޤަތަށް އެނގޭނީ އެނޫނީ ތެދުހަދާ މީހަކު ނޫޅޭވިއްޔަ." ދީނާ ބޯހިއްލައިލައިފައި ރޮވިފައިވާ އަޑަކުން ތަކުރާރުކޮށްލިއެވެ. ދީނާގެ މިޖަވާބު އިވިގެން މާކިންއަށް ބުމަ އުފުލާލެވުނެވެ. "ކާކު ބުނިއެއްޗެއް ތީ؟ އެކަކުވެސް ނުބުނާނެ ތިހެނެއް. ކޮންމެ މީހަކު ބުންޏަސް ތެދު ވާނީ ތެދަށް. އެހެންނޫނަސް ދީނާއަށް އެނގެއެއްނު މަންމަ ތިދެމީހުން ތަފާތު ނުކުރާކަން." މާކިން މިފަހަރު ވާހަކަ ދެއްކީ ޝަރުމީލާގެ ދިފާޢުގައެވެ. "އަހަރެންނަށް އިނގޭ މަންމަ ގަބޫލު ކުރާނީ ދޮންތަގެ ވާހަކަކަން. ދޮންތަ ނޫނެކޭ ބުނެފިއްޔާ އަހަރެންނާ ނިކް ގުޅޭކަށް އެކަކުވެސް ގަބޫލެއް ނުކުރާނެ." ދީނާ އެންމެފަހުން ކިޔައިދޭން ނިންމިއެވެ. އޭނާ ތެދުވެ އިށީންދެފައި ހޭވިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލިއިރު މާކިން އިނީ ބަލާށެވެ. މޫނުމަތިން ފެންދަމާލައި މީހާގެ ސިފަ ގެއްލެން އެންމެ ދުވަހެއް ފުދެއެވެ. ދީނާ ހީވަނީ މައްޔިތެއް ހެންނެވެ. އިށީންދެއިންއިރު ދެންމެ ދެންމެ ވެއްޓިދާނެތީ މާކިންއަށް ވިސްނަން ޖެހުނެވެ.

"ތިމީހަކާ އަހަރެން ބައްދަލު ކުރަންތަ؟" މާކިން އަހައިލި ވާހަކައަކުން ދީނާގެ ގިސްލުން މެދުކެނޑުނެވެ. ސިހޭ ގޮތްވެފައި އޭނާ ހަތަރުކަޅި ހަމަކޮށްލީ އިވުނު އަޑު ޔަޤީން ނުކުރެވުނު މީހަކު ފަދައިންނެވެ. "ބުނެފާނަން އެއަށްވުރެ ރަނގަޅު ގޮތެއް. ޖަނާ ދެކޭގޮތް ޖަނާ އަމިއްލަ އެއްޗެއް ގޮތުގައި ބާއްވާފަ ދީނާ ކުރަންވީ ކަމަކީ ބޯއިފްރެންޑް މިގެއަށް ގެންނަންވީ. އެއިރުން ދީނާގެ މަންމައާ ދޮންބެއާ ބައްޕަވެގެން ބައްދަލުކޮށް ވާހަކަދައްކާލީމަ އެނގިދާނެއެއްނު ވާ ގޮތެއް. ކީކޭ ބުނަނީ؟" މާކިންގެ ޖުމްލަ ފުރިހަމަވީއިރަށްވުރެ އަވަހަށް ދީނާ ރޮއިގަނެފައި މޫނުގައި ދެއަތް އަޅައިފިއެވެ. އެކަމަކު މިފަހަރު އޭނާ ރުއީ އުފަލުންނެވެ. ދޮންތައަށްވުރެ މާކިންވެސް ރަނގަޅެވެ. ދޮންބެ ކިޔައިގެން އުޅުނަސް ގައިމު އެއީ ލޭގެ ގުޅުމެއް ނެތް ފަރާތެކެވެ.

"އެހެންވީމަ އަވަހަށް ތެދުވެ ކާން އުޅޭ. ތިގޮތަށް ހުއްޓާ ބޯއިފްރެންޑަށް ފެނިއްޖެއްޔާ ނޭނގޭނެ ފާހަގަ ކުރާކަށްވެސް. ބޯއިފްރެންޑް ގެންނަން މިރޭ ޑިނަރ ރެޑީ ކުރާށޭ ބުނަން މިދަނީ." މާކިން ތެދުވަމުން ހިނިތުންވެލާފައި ދީނާގެ ކޯތާފަތުގައި ހިފަހައްޓައިލިއެވެ. ދީނާ ކަރުނަ ފުހެލާފައި އެނދުން ތިރިއަށް ދެފައި އެލުވާލައިގެން މާކިން ނިކުންނަތަން ބަލަން އިނީ ހަމަޖެހިފައެވެ.

ފެންވަރާލައިގެން ނިކުމެ ނިދާލަން އުޅެ މާކިންގެ ލޮލަކަށް ނިންޖެއް ނައެވެ. ބޭރަށް ނިކުމެލަން ގަސްތުކޮށްގެން ކޮޓަރިން ނިކުތްއިރު ޝަރުމީލާ ހަމަޖެހިލާފައި ހުރެގެން ދީނާ ކޮޓަރިން ނިކުތީ އަނެއްކާވެސް ކާތަށިތައް އަތުރާފައިވާ ތަބަކެއް ހިފައިގެންނެވެ. އެމޫނަށް ބަލާފައި މާކިންއަށް އެނގުނީ ދީނާ ހަމައަކަށް އެޅެމުން އަންނަ ކަމެވެ. އޭނާ ސުވާލު ކުރުމުން ޝަރުމީލާ ބުނީ ދީނާ ކެއީ ކަމަށެވެ. އަދި މިހާރު އިނީ ފެންވަރައިގެން ނިކުމެ ނާއިކްއަށް ގުޅަންވެގެން ކަމަށެވެ. އެހިސާބުން ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލައިފައި މާކިން ނިކުތެވެ.

އިރު އޮއްސެން ކައިރިވެފައި ހުއްޓާ ދީނާގެ ހާލު ބަލަން ޖަނާ ގުޅުމުން މަންމަ ބުނި ވާހަކައަކުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ނާއިކްއާ އެއާއިލާ ބައްދަލު ކުރުވަން ހިޔާލު ދިން މީހަކީ މާކިންކަން އެނގުމުން އޭނާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. މަންމަ ފޯނު ބޭއްވުމުން އެއްތާކު ހުއްޓި ނުހުރެވިގެން ދެކޮޅަށް ހިނގަ ހިނގާފައި އެންމެފަހުން މާކިންއަށް ގުޅަން ފެށިއެވެ. ނަސީބު ދެރަކަމުން މާކިން އެފޯނަށް ޖަވާބެއްވެސް ނުދިނެވެ. ޖަނާގެ މިސްކޯލުތައް ފެނުނީ މާކިން ރަފާހް ކައިރީގައި ކޮފީ ބޯން އިނދެފައި ގަޑި ބަލަންވެގެން ފޯނު ނެގި ތަނާއެވެ. ސައިލެންޓަށް ލާފައި އޮތުމުން ނޭނގުނީއެވެ. އަލުން ގުޅުމުގެ ބަދަލުގައި މާކިންއަށް ފެނުނު ރަނގަޅު ގޮތަކީ ބައްދަލު ކުރުމެވެ. އެވަރަށް ގުޅާފައި އެހުރީ ޔަޤީނުންވެސް ދީނާގެ ވާހަކަ ދައްކާށެވެ. ރަފާހްއާ ވަކިވެގެން އޭނާ އައިސް ބެލް ޖެހިތަނާ ޖަނާ ދޮރު ހުޅުވައިލިލެއް އަވަސްކަމުން ހީވަނީ ކުރިއްސުރެ އިންތިޒާރުގައި ހުރި ހެންނެވެ. އެކަމަކު އޭނާ އަންނަކަން ޖަނާއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟

"ކީއްކުރަން މާކިން ކުރި ކަމެއް އެއީ؟ ކީއްކުރަން ދީނާ ބުނާހާ ގޮތެއް ހަދަނީ؟ މާކިންއަކަށް ނޭނގޭތަ އެއީ ކުޑަކުއްޖެއްކަމެއް؟ އެއުމުރުގެ ކުދިންނަކަށް ނުވިސްނޭނެ. ހީވާނެ ލޯބިވާ މީހަކު ނުލިބުނިއްޔާ މަރުވާނެއޭ ދިރިއެއް ނޫޅެވޭނެއޭ. އެކަމަކު ވަގުތާއިއެކު ހުރިހާ ކަމެއް ބަދަލުވާނެ." މާކިން ވަދެގެން ދާން ފެށުމުން ދޮރުލައްޕާލައިފައި އެނބުރުނު ގޮތަށް ޖަނާ ފަށައިގެންފިއެވެ. މާކިން ހުއްޓިފައި އެނބުރި ބަލައިލުމުން ޖަނާ އައިސް ހުއްޓުނީ ކުރިއަށްވުރެވެސް ކައިރީގައެވެ. ހަތަރުކަޅި ހަމަކޮށްލިއިރު ކޮންމެ ލޮލެއްގައިވީ ގުނާ އަދަދު ނުކުރެވޭހާ ގިނަ ސުވާލު ތަކެވެ. "އެއީ ކުޑަކުއްޖެއްވީމަ އެހެންވެ އަހަރެން މި މަސައްކަތް ކުރަނީ އޭނައަށް ވިސްނޭނެހެން ގަބޫލު ކުރެވޭނެހެން އަމަލުތައް ބެހެއްޓޭތޯ. އެކަމަކު ޖަނާ ކިހިނެތް ހެދީ؟ އެންމެ ބައްދަލުވުމަކުން އެނގޭތަ މީހެއްގެ ގޮތް." މާކިން ބުމަ ކައިރިކޮށްލާފައި ރައްދު ދިން ގޮތުން ޖަނާގެ އަނގައިން ހަޤީޤަތް ނުނިކުތީ ކިރިޔާއެވެ. ސަލާމަތްވީ އޭނާ އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލި ކަމުންނެވެ. މާކިން އެވަގުތު ގޮސް ސޯފާގައި އިށީނުމުން ޖަނާވެސް ފަހަތުން ގޮސް ކުރިމައްޗަށް ވާ ގޮތަށް ހުރި އަނެއް ސޯފާގައި އިށީންދެއްޖެއެވެ.

"ޖަނާއަކަށް އަދިވެސް ނުބުނެވުނެއްނު އެފިރިހެންކުއްޖާގެ ކިބައގައި ހުރި ކަމުނުދާ ކަމަކީ ކޮބައިކަމެއް؟" މާކިން މިފަހަރު ވާހަކަދެއްކީ ކުރިއަށްވުރެ މައިތިރިކޮށެވެ. އަކްޔަން ކޮޓަރީ އުޅެފައި ކާރެއް ހިފައިގެން ނިކުމެ ޓައިލްސްމަތީ ކާރު ދުއްވަން ފެށުމުން އޭނާ އަކްޔަންގެ ހަރަކާތްތަކަށް ބެލިއެވެ. "އަހަރެން ބުނީތީ ގަބޫލު ކުރެވިދާނެތަ؟" ޖަނާ އަހައިލި އެއްޗަކުން މާކިން ކުއްލިއަކަށް ނަޒަރު ބަދަލުކޮށްލިއިރު އެލޮލުގައި އެތައް ވާހަކައެއްވިއެވެ. މާކިންއަށް ނޭނގުނީ އޭގެ ތަރުޖަމާއެވެ. ޖަވާބު ދޭން ނޭނގިފައި އޭނާއަށް އިނދެވުނީ އެހެންވެއެވެ.

ހިމޭންވެފައި ދެމީހުން އެކަކު އަނެކަކަށް ބަލަން ތިއްބާ ފޯނު ރިންގް ވުމުން ސިހުމެއް ލިބުނެވެ. ޖަނާ އަވަހަށް ފޯނަށް ބަލާފައި ދީނާއޭ ކިޔާލުމުން މާކިންވެސް ޝައުޤުވެރިވެފައި އެމޫނަށް ބަލަން ފެށިއެވެ. "ހަލޯ. ދީނާ؟" ޖަނާ ފޯނު ނަގާފައި ވާހަކަދައްކަން ފެށިއެވެ. "ދޮންތައަށް މިގުޅީ ދޮންތަ އުފާކުރާށޭ ބުނަން ވެގެން. ދޮންތަ ބޭނުންގޮތަށް ހުރިހާ ކަމެއް މިވަނީ. ދޮންތަ ނުގަބޫލުވީމަ ނާއިކް ބޭނުމެއް ނުވޭ އަހަރެންނާ ބައްދަލު ކުރާކަށް." ދީނާ ރޮއިގެންފައި ދެއްކި ވާހަކަ ސާފުވީވެސް އުދަނގުލުންނެވެ. ކައިރީގައި އަކްޔަން ކާރު ދުއްވާތީ ޖަނާ އެއްކަންފަތަށް އިނގިލި ހަރައިގެން ތެދުވެފައި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. މާކިން އިންގޮތަށް އިނދެގެން ދެފަހަރު ދެމީހުންގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ. "ދޮންތައަށް އެނގޭތަ ނިކް ބުނީ ކީކޭކަން؟ ނިކް ބުނީ ދޮންތަ އެޕްރޫވް ނުކުރަނީސް އަހަރެން ފެންނަ ހިސާބަކަށް ނާންނާނަމޭ. އަދި އަހަރެންނަށް ޔަޤީންވާ އެއްޗަކީ ދޮންތަ ދުވަހަކުވެސް ނިކްއަށް ރުހުން ނުދޭނެކަން. އެހެންވީމަ އަހަރެން ބޭނުމެއް ނުވޭ އިތުރަށް އުންމީދު ކުރާކަށް. ނިކް ނުލިބެންޏާ އަހަރެން ބޭނުމެއް ނުވޭ މިދުނިޔޭގަވެސް ހުންނާކަށް. އެކަމަކު ދޮންތަ ހަނދާންކުރާތީ. އަހަރެން މަރުވެއްޖެއްޔާ އެކަން އެޅޭނީ ދޮންތަގެ ބޮލުގައި. އަހަރެންގެ ލޭ ހޭކިފައި ހުންނާނީ ދޮންތަގެ ދެއަތުގައި." ޖަނާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ރޮއި ރޮއިފައި ދީނާ އެންމެފަހުން މޮޔަ ވާހަކަދައްކަން ފެށުމުން ޖަނާގެ ގައިން ހީބިހި ހިލިގެންދިޔައެވެ. ދެލޯ ބޮޑުކޮށްލުމާއެކު ބާރު ބާރަށް ދެފަރާތަށް ބޯ ހޫރާލިތަން ފެނިގެން މާކިން ފުންމައިގެން ތެދުވެފައި ކައިރިއަށް އައެވެ. އޭނާ އިތުރަށް ކަންބޮޑުވީ ދީނާ ވަގުތުން ފޯން ކަނޑާލީމައެވެ.

"މާކް ޕްލީޒް. ދީނާ މޮޔަކަމެއް ނުކުރަނީސް އޭނަ ސަލާމަތް ކޮށްދީ. ހެޔޮނުވާނެ އަވަހަށް ގެއަށް ދޭ. އަހަރެން މިބަލަނީ މަންމައަށް ގުޅޭތޯ.' މާކިން ސުވާލު ކުރަންވާއިރަށް އެއްފައްޗަކަށް އެވާހަކަތައް އަމުނާލައިފައި ފޯނުން މަންމަ ނަންބަރަށް ގުޅިއިރު ޖަނާގެ އިނގިލިތައް ތުރު ތުރު އަޅައެވެ. މާކިން އަވަހަށް ދުއްވައިގެންފައި ގޮސް ގެއިން ނިކުތުމުން އޭނާ ފޯނު ކަންފަތުގައި ޖަހައިގެން ދެކޮޅަށް ހިނގަ ހިނގާފައި ފޯނަށް ޖަވާބު ނުދިނުމުން ތަކުރާރުކޮށް ފަސްފަހަރު މަތިން ގުޅިއެވެ. އެހިސާބުން ސިކުނޑިއަށްވެސް އެއްޗެއް ވިސްނޭވަރެއް ނޫނެވެ. ހިތުގައި ވަށާލައިފައި އޮތް ބިރަކުން ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެން ފެށުމުން ސިކުނޑީގެ މިސްރާބު ހުރީ ދުވަހަކު އުންމީދު ނުކުރާ ގޮތަކަށެވެ. ފަހުން ވާނެ ގޮތަށްވުރެ އޭނާ މުހިންމުވީ ކޮއްކޮގެ ފުރާނައެވެ. ވިސްނަން އިތުރު ވަގުތުތަކެއް ހޭދަ ކުރުމުގެ ބަދަލުގައި އޭނާ އަކްޔަން އަތުގައި ހިފައިގެން ބާރު ބާރަށް ގޮސް ގެއިން ނިކުމެއްޖެއެވެ. މާކިން ކިޔައިދީފައި އޮތުމުން ކުޑަވެސް އުދަނގުލަކާ ނުލާ ގޮސް ނާއިކް އުޅޭ ގޯޅިގަނޑަށް ވަންނަން އެނގުނެވެ. ފުރަތަމަ ބައިގެ ދޮރެއްގައި ޓަކި ޖަހާލައިފައި ނާއިކްއާ ބެހޭގޮތުން ސުވާލު ކުރުމުން ދޮރު ހުޅުވި މީހާ މާބޮޑު ޔަޤީންކަމެއް ނެތި ބުނެލީ އޭނާ ކިޔައިދިން ސިފަތައް ހުންނަ މީހަކު ދެވަނަ ބައިގައި އުޅޭ ކަމަށެވެ. ޖަނާ އަވަހަށް ސިޑިން އަރައިގެން ގޮސް އެތާ ހުރި ދެ ދޮރުން ކުރެ ދޮރެއްގެ ބެލްޖަހާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވިގެން ދިޔަ އަޑާއެކު ކުރިމަތީ ހުރީ ނާއިކްއެވެ.

"ހާދަ ލަހަކުން ތިއައީ؟ ކޮންއިރެއް މިހާރު އިންތިޒާރު ކުރާތާ." ނާއިކްގެ ތުންފަތަށް ވެރިކޮށްލި ވިހަ ހިނިތުންވުމާއެކު ވާހަކަދެއްކިއެވެ. ނާއިކް ފަހަތަށް ޖެހިލުމުން ޖަނާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއިރު ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި އޮތް ބިރަށްވުރެ ނަފްރަތު ކުރި ހޯދި ފަހަރަކަށް ވިއެވެ. އަކްޔަންއަށް ނާއިކް ފެނުމުން އަނގަޔަށް އެއް އިނގިލިލައިގެން ޝައްކުގެ ނަޒަރަކުން ބަލަން ހުރިގޮތް ފެނިފައި ނާއިކް ކުޑަކަކޫ ޖަހާލިއެވެ. ޖަނާ އަވަހަށް ނާއިކްއަށް ފުރުސަތު ނުދޭން އަކްޔަން އަތަށް ދަމާލައިފައި ބެހެއްޓީ ފުރަގަހުގައެވެ. ޖަނާގެ މިއަމަލުން ނާއިކް ފެށީ ހޭށެވެ. "އޯލްރައިޓް. ވަގުތު ބޭކާރު ނުކޮށް ހިނގާދޯ ދައްކަން އައި ވާހަކައާއިގެން ކުރިއަށް ދާން!" ނާއިކްގެ ޖުމްލަ ނިމޭއިރަށް ޖަނާ އަތްދަމާލައިފައި ނާއިކްގެ ކޯތާފަތް މަތީގައި ބާރަކަށް ޖަހައިފިއެވެ. ވީ ތަދުން ނާއިކް އައުޗް ކިޔާލިއިރު ތުއްތު އަކްޔަން ބިރުން ލޯމަރައި ތަގުޅިކޮށްލިއެވެ.

"ހަމަ މިހާރު އަހަރެންގެ ކޮއްކޮއަށް ގުޅާފަ ބުނޭ އެކުރަން އުޅޭ ކަންތައް ހުއްޓާލާށޭ!" ނާއިކް ކޯތާފަތުގައި ފިރުމަން ހުއްޓާ ޖަނާ އަމުރުކޮށްލިއެވެ. "ދެން އޭރުން ކޮން މަޖަލެއް ވާނީ. ޖާން ބޭނުންވާ ގޮތް ވީމަ އަހަރެން ޖެހޭނީ އަނެއްކާވެސް ހުސްއަތާ ހުންނަން." ނާއިކް ހުރީ ހަމަޖެހިލާފައެވެ. އޭނާ އަނެއްފަރާތަށް އެނބުރިފައި ގޮސް އެތާހުރި ސޯފާއަށް ވެއްޓިގަތެވެ. "ކަލޭ ބޭނުންވެގެން ތިއުޅޭ ކަމެއް ބުނެބަލަ!" ޖަނާ އަކްޔަން ބަހައްޓާފައި ގޮސް ހުއްޓުނީ ނާއިކް ކުރިމަތީގައެވެ. އަތް މުށްކަވާލައިގެން ހުރިއިރު މިހާރުވެސް އެއަތްތިލަ ކެތްމަދު ވެފައި ވަނީ ނާއިކްގެ މޫނުގައި ކުރިއަށްވުރެ ބާރު އެތިފަހަރެއް ވީއްލާލުމަށެވެ. "އެހެންވީމަ ޑެވިލްއާއެކު ޑީލް ހަދަން ރެޑީވެގެން ދޯ މިއައީ. ސައުންޑްސް ގުޑް." ނާއިކްގެ މޫނުން އެކަނިވެސް އޭނާ އުފާވެފައިވާވަރު ދޭހަކޮށްދިނެވެ. ޖަނާ މުށުން ދޫވިފަހުން މިދުވަސް ދެކެން އޭނާ އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެންމެފަހުން ބޭނުން ގޮތް ވަނީއެވެ. އޭނާގެ އެންމެ ފޭވަރިޓް ޓޯއި އަނެއްކާވެސް އަތުތެރެއަށް އަންނަން ތައްޔާރު ވަނީއެވެ.

"މާބޮޑު ކަމެއް ނޫން. ކުޑަ ކަމެއް. ބެގް މީ!" ނާއިކް ހީލައިފައި އެއްފައި މައްޗަށް އަނެއްފައި ނަގައި ހަލުވަން ފެށިއެވެ. ޖަނާ އައި ރުޅިން ކޮންޓްރޯލް ނެއްޓިދާނެ ކަމަށްޓަކައި އަނެއްފަރާތަށް އެނބުރި ފުންކޮށް ތިންހަތަރު ނޭވާ ދޫކޮށްލިއެވެ. އެނބުރި ބަލާލައިފައި ދެއަތް ޖޯޑުކޮށްލުމުން ނާއިކް އަތުން އިޝާރާތް ކުރީ ކުޑަކަކޫ ޖަހެމަށެވެ. ރުޅިން އަނދަ އަނދާ ހުރެގެން އޭނާ އެކަންވެސް ކުރިއެވެ. "ނާއިކް ޕްލީޒް. އަހަރެންގެ ކޮއްކޮގެ ފުރާނަ ސަލާމަތް ކޮށްދީ! ޕްލީޒް އޭނައަށް ގުޅާފަ ބުނޭ އެކަން ހުއްޓާލުމަށް!" ޖަނާ ދެއަތް ޖޯޑުކޮށް ކުޑަކަކޫ ޖަހައިގެން އިނދެ އާދޭސް ކުރިއެވެ. އިރުކޮޅަކުން ނާއިކް އޯކޭ އޭ ކިޔައިލި އަޑަށް އޭނާ އިސްއުފުލާލައިފައި އަވަހަށް ފުންމައިގެން ތެދުވިއިރު ނާއިކް ފޯނު ނަގައި ދީނާއަށް ގުޅަނީއެވެ. ފޯނު ނެގިތަނާ ސްޕީކަރަށް ލުމުން އެކޮޅުން ދީނާ މޮޔައެއްހެން ދެތިން ފަހަރު މަތިން ނިކްއޭ ކިޔާލި އަޑު އިވުނެވެ. "ބޭބީ. އަހަރެންދެކެ ލޯބިވަންޏާ އަހަރެންގެ މޫނު ދެކެން ބޭނުމިއްޔާ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލު ދޫކޮށްލާ!" ނާއިކްގެ ޖުމްލަ ނިމޭއިރަށް ދީނާ ރޮއި ރޮއިފައި ބުނަން ފެށީ ދެން ދުވަހަކުވެސް އެފަދަ ހިޔާލެއްވެސް ނުކުރާނެ ކަމަށެވެ. ޖަނާއަށް އެއަޑު އިވުމުން އޭނާގެ ލޯވެސް ފެންކަޅިވިއެވެ.

"ދަނީތަ؟" ނާއިކް ފޯނު ބޭއްވުމުން ޖަނާ ދާން އެނބުރުނަތާ ނާއިކް އަހައިލި އަޑު އިވުނެވެ. އަކްޔަން އަތުގައި ހިފާލައިފައި ޖަނާ ހުރީ ފަސްއެނބުރި ބަލައިނުލާން ވެގެންނެވެ. ބޭނުން ކަންތައް ވުމުން ދެން އެއުޅެނީ ކީކޭ ކިޔަން ހެއްޔެވެ؟ އެކަމަކު ފުރަތަމައިނުންވެސް ގަބޫލު ކުރަން ޖެހޭ އެއްޗަކީ އެވަރު ކުޑަކަމަކުން ނާއިކް ފުއްދާ ނުލާނެ ކަމެވެ. ޖަނާ ޖެހިލުންވީ އެހެން ހިތަށް އަރާފައެވެ.

"އާދޭސް ކުރީމަ ޖަނާ އެދުނު ކަންތައް ކޮށްފިން. އެކަމަކު މި ވީޑިއޯ އަހަރެން ޔޫޓިއުބަށް ލައިފިއްޔާ ޖަނާ ކުރާ އާދޭހަކަށްވެސް މީހުން މިނުބަލައެއް ނުހުންނާނެ. އޭރުން އަހަރެންގެ ބަހަކަށްވެސް ދީނާ އަމިއްލަ ފުރާނަ ނަގާނުލައެއް ނުހުންނާނެ. " ނާއިކްގެ ޖުމްލަ އަހާފައި ޖަނާ އެނބުރި ބަލައިލީ ބިރެއް ފެނިގެން މީހަކު ބަލައިލިހެންނެވެ. ބަލާކަށް ނުހުރެ އޭނާ ދުވެފައި ގޮސް ނާއިކް އަތުން ފޯނު ދަމައިގެންފައި އެއިން ފެންނަމުން ދިޔަ ވީޑިއޯއަށް ކަޅި ހުއްޓާލުމާއެކު ތަރި ބުރައިލިހެން ހީވިއެވެ. ވީޑިއޯ ހުރީ އެކަނި އަންހެންކުއްޖާގެ ފާހަގަ ވާނެހެން ނާއިކްގެ މޫނު ފުސްކޮށްފައެވެ. އައި ރުޅިންނާއި ވީ ދެރައިން ކަރުނަތައް އޮހިގަތީ މިހެންނަކުން ނޫނެވެ.

"ވަޓް ޑޫ ޔޫ ވޯންޓް؟" ޖަނާ ރޮމުން އަހައިލިއެވެ. އެވަގުތު ނާއިކް ޖަހައިލީ އިތުރު ހިނިގަނޑެކެވެ.

ކޮމެންޓް 0