"މާކް ބުމަ ކައިރިކޮށްގެން ކޮން ހިޔާލެއްގަ؟" ކައިރިން މީހަކު ވާހަކަދެއްކި އަޑަށް މާކިން ސިހިފައި ލޯ ހުޅުވައިލިއެވެ. ޒަލަފް ހުރީ އަތްދިގު ގަމީހަކާއި ފަޓްލޫނުގައި ދަށަށް ޖަހައި ރަސްމީ ވެލައިގެންނެވެ. އެއިސްތަށިގަނޑު ފަހަތަށް ފުނާއަޅައި ތަތްކޮށްލައިފައެވެ. "ހާދަ ރަސްމީ ވެގެން ތިއުޅެނީ އަނެއްކާ ބައްޕަ އޮފީހާއި ގުޅުނީތަ؟" ޖަވާބު ދިނުމުގެ ބަދަލުގައި މާކިންވެސް ކޮށްލީ ސުވާލެކެވެ. އެވަގުތު ޒަލަފް އައިސް ކުރިމަތީ ހުރި ގޮނޑީގައި އިށީންދެލައިފިއެވެ. "ތިހެނެއް ނޫން. އެކަމަކު މީހަކު ކައިރީ ތިހެން ކިޔައިފަ ނިކުމެގެން މިއުޅެނީ." ޒަލަފް ފޯނު ނަގައި މޭޒުމަތި ބާއްވައިލިއިރު މަރީ އޭރުވެސް ގުޅަނީއެވެ. މާކިން ބަހެއް ނުބުނެ ބުރަކަށި ތެދުކޮށްލައިފައި ނަޒަރެއް ދިނީ އަތުކުރީ ގަޑިއަށެވެ. އޭނާ ކޮންމެހެން ޒަލަފް ކައިރީ އަހައި އިތުރަށް އޮޅުން ފިލުވާކަށް މަސައްކަތެއް ނުކުރެއެވެ.

"މަރީ ފުރަތަމަ ފެނުނު ދުވަހު އަހަރެން ހީކުރީއެއީ ކަމަށް އަހަރެންގެ ހަޔާތާއި ގުޅޭނެ ކުއްޖަކީ. އޭނަ ހާޞިލް ކުރަން އަހަރެން ކުރިހާ މަސައްކަތާއި އެކަން ކާމިޔާބު ވުމުން އޭނައާއިއެކު ހޭދަ ކުރަން ފެށި ވަގުތުތަކުގެ ސަބަބުން އޭނަ ނުފެނުނަސް ހަނދާންވޭ. ފަޅުކަން އިހްސާސްވޭ. އަހަރެން އަމިއްލައަށް ހިތަށްއެރި އަންހެން ކުދިން ފަހަތުން ދުވުން މިދެން ހުއްޓުނީއޭ. އެކަމަކު އެކަން އެގޮތުގައި ދެމިގެންދިޔައީ.... އަލުން ޖަނާއާ ބައްދަލުވަންދެންތަ؟" ޒަލަފް ނިއްކުރީގައި ހިފަހައްޓާލައިގެން އިނދެ ދެއްކި ވާހަކަ މުޅިން ނުނިމެނިސް މާކިން އެޖުމްލަ ފުރިހަމަކޮށްލި ގޮތުން އިސްއުފުލައިލެވުނެވެ. މާކިން ސީރިއަސްވެފައި އިނީ މުށްކަވާލެވިފައި އޮތް ދެއަތް ތިލައިން އަނގަމަތި ނިވާކޮށް މޭޒުގައި އުޅަބޮށި ވިއްދާލައިގެންނެވެ. ޒަލަފްގެ ތުންފަތަށް އެވަގުތު ހިނިތުންވުމެއް ވެރިވީ އެކުވެރިޔާ އޭނާގެ އިހްސާސްތައް ދެނެގަންނަލެއް މޮޅުކަން ދެކިފައެވެ. އެކަމަކު މާކިންއާ ގާތަށްވެސް އޭނާގެ ސިކުނޑި އެރޮނގުން މަސައްކަތް ކޮށްފައެއް ނެތެވެ. އެކުގައި އެހާ ދުވަހު އުޅުނުއިރު މާކިން އަމިއްލައަށް ބުނި އެއްޗެއް ނޫނީ އޭނާއަށް އޮޅުންފިލާފައެއް ނެތެވެ. 

"އަަހަންނަށް އެނގޭ އަހަރެންނަށް މިވާގޮތެއް. ޖަނާ ފެނުނީމަ ގިލްޓީވަނީ. އަމިއްލަ ކުށް އިހްސާސްވަނީ. އެހެންވެ އަހަރެން ނިންމައިފިން ކޮންމެ ހާލެއްގައި ނަމަވެސް ޖަނާގެ މަޢާފު ހޯދަން. އެހެންނޫނީ އަހަރެންނަށް އަހަރެންގެ ދިރިއުޅުމާއިގެން ކުރިއަށް ދެވޭނެ ހެނެއް ހިއެއް ނުވޭ." ޒަލަފްގެ މުޅި އުމުރުގައިވެސް އެހާ ސީރިއަސްވެފައި ކަމަކާއި ކުރިމަތިލާން ނިންމިކަމެއް ނޭނގެއެވެ. މާކިންއަށް އިނދެވުނީ އެވާހަކަތައް އިވިފައި ބުނާނެ އެއްޗެއް ނޭނގިފައެވެ. އެތައް އަހަރަކަށްފަހު ޒަލަފްއަށް އަދި ކިރިޔާ ހަމަ ވިސްނުން އަންނަން ފެށީ ކަންނޭނގެއޭ ހިތަށް އެރިއެވެ.
*****

މެންދުރަށް ހުސް ވަގުތުކޮޅު ލިބުމުން ޖަނާ ދިޔައީ ގެއަށެވެ. ދީނާ އަންނަންވާއިރަށް އޭނާ އަކްޔަން ސުކޫލަށް ގެންދަން ތައްޔާރު ކޮށްފައި އައިސްމައިލޯ ތައްޓެއް ދިނެވެ. ދީނާ އައިސް އަކްޔަން ގޮވައިގެން ނިކުތް ހިސާބުން ދެން އަވަސްވެގަތީ ދިއުމުގެ ކުރިން ނަމާދު ކޮށްލެވޭތޯއެވެ. އެނބުރި ގޮސް ވަންއިރު ކައުންޓަރ ކައިރީގައި ޒަލަފް ހުރެފައި އެނބުރި ބަލައިލި ގޮތުން ޖަނާ ދިޔައީ ސިއްސައިގެންނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހާސްކަމާއި ގުޅިގެން ދިޔައީ ޒަލަފް ތުންފަތަށްވެރިވި ފަތަޚައިގެ ހިނިތުންވުމެވެ. ހީވި ބޮޑުކަމާއި ކުރިމަތި ލައިގެން އެކަން ކާމިޔާބުވުމުން ހަމަޖެހިފައި ހުރިހެންނެވެ. ޖަނާ ގޮސް ބަދިގެ ބަޔަށް ވަދެފައި ހުމާ ކައިރީ ޒަލަފް އައީ ކީއްކުރަންތޯ އެހުމުން އެނގޭކަމަކަށްވެސް ނުވިއެވެ.ކަމަކަށް ނުހަދައި ދޫކޮށްލަން ބޭނުންވިއަސް ޖަނާގެ ހިތް ބުނަމުން ދިޔައީ އޭގެ އިދިކޮޅަށެވެ. އެކަމަކު ރަފާހް ކައިރީ އަހާހިތެއް ނުވިއެވެ.

ދެދުވަސް ފަހުން ކޯހަށް ހޮވުނު ކަމުގެ ލިއުން އައުމުން ޖަނާ އުފާވިއެވެ. ހުމާމެން ކައިރީ ބުނެގެން ރެސްޓޯރެންޓަށް ދާ ގަޑިއާ ރޭގަނޑު ކުލާސް ފުށު ނާރާނެހެން ހަމަޖައްސާލެވުމުން އޭނާއަށް ލިބުނީ އަމަށަކު ހިތްހަމަ ޖެހުމެއް ނޫނެވެ. އެކަމަކު އެހިތްހަމަ ޖެހުން އެގޮތުގައި ދެމި އޮތީ ޖެހިގެން އައި ދުވަހަށް އިރު އަރާންދެންނެވެ.

ތަންކޮޅެއް ލަހުން ތެދުވެވުމުން އަވަސް އަވަސް ކޮށްލާފައި ރެސްޓޯރެންޓްގެ ނިޝާން ޖަހާފައިވާ ޓީޝާޓާއެކު ޖިންސެއް ލައިގެން ނިކުމެ، ޖަނާ ތުއްތު އަކްޔަން ތައްޔާރު ކުރިއެވެ. އިތުރަށް ލަސްވެދާނެތީ އިސްތަށިގަނޑުވެސް މިނިވަންކަމާއެކު ފުރަގަަހަށް ދޫކޮށްލީއެވެ. ދެމައިން ގޮސް ވަންއިރު ކަސްޓަމަރުންގެ ދެމީހަކު ނޫނީ ނެތުމުން ހިތަށް ލުއި ވިއެވެ. ޖަނާ އަކްޔަން ކަންތައް ކުރަންވީ ގޮތް ކިޔައިދެމުން ގޮސް ކައުންޓަރާއި ހަމަވިތަނާ ބަދިގެ ބައިގެ ދޮރު ހުޅުވާލައިފައި ޒަލަފް ނިކުތްތަން ދެކެފައި ހޭވެރިކަން އުދުއްސައި ނުގަތީ ކިރިޔާއެވެ. އަތުގައި ހުރި ތަބަކުގައި ދެޖޯޑު ކޮފީ ބަހައްޓާލައިގެން ތަބައް އަރިއަޅާލައި ފާނެތީ މަޑުމަޑުން އައިސް އައިސްފައި ޖަނާ ބަލަން ހުރުމުން އިސްއުފުލައިލާފައި އެހާލުވެސް ހިނިތުންވެލިއެވެ. ޖަނާގެ ބަދަލުގައި އެހެން އަންހެން ކުއްޖަކު ބަލަން ހުރިނަމަ މޮޔަވާނެފަދަ މަންޒަރެކެވެ. ފަންފަން އިސްތަށިކޮޅުން ބައެއް ނިތްމައްޗަށް ފައިބާފައި އޮތްއިރު މުތީތަކެއް ފަދައިން ނިތުގައި ހަރުލާފައި ހުރި ދާތިކިތައް ވިދައެވެ. "ހައި ޒަލަފް. ވަޒީފާގެ ފުރަތަމަ ދުވަހަށް މަރުހަބާ!" ޒަލަފް އައިސް ޖަނާ ކުރިމައްޗަށް ހުއްޓިފައި ޖަނާ އެއްޗެއް ނުބުނުމުން އަމިއްލައަށް ބުނެލިއެވެ. ދެން އަނެއްކާވެސް ތަބަކަށް ސަމާލުވެގެން ހިނގައިގެންފައި ގޮސް ޖަނާއަށް ފުރަގަސްދިން ފަހުންވެސް ޖޯޑުތައް ތެޅޭއަޑު މެދުކެނޑުމެއްނެތި ކަންފަތުގައި ހަރުލާފައި ހުއްޓެވެ.

"ގެނޭ އަހަރެން އަތަށް!" އިރުކޮޅަކުން ކަންފަތުގައި ޖެހުނު އަޑު އެއީ ކުށްހީއެއް ކަމުގައި ޒަލަފްގެ ހިތް ތަކުރާރުކޮށް ބުނެލިއެވެ. ތަބައް ގުޑާތީ ފަސްއެނބުރިލަންވެސް އުދަނގޫވެފައި އޭނާ ހުއްޓާ އިރުކޮޅަކުން ޖަނާ އައިސް ހުއްޓުނީ ކުރިމަތީގައެވެ. އެވަގުތު ޒަލަފްއަށް އެއްޗެއް ނުބުނެވެނީސް ޖަނާ ތަބައް އަތުލާފައި ގެންގޮސް ދުރުގައި ތިބި ދެމީހުންގެ ކުރިމަތީ އެމީހުން ތިބި މޭޒުގައި އެޖޯޑުތައް ބަހައްޓާފައި އެނބުރި އަތުވެއްޖެއެވެ. ޒަލަފް ވާހަކަދައްކަން އުޅުމުން ޖަނާ އަކްޔަން ކައުންޓަރ ދޮށުގައި ބައިންދާފައި އެކުއްޖާ ކައިރީ ކޮންމެވެސް ވާހަކައެއް ބުނެލުމަށްފަހު ދިޔަ ގޮތަށް ގޮސް ވަނީ ބަދިގެއަށެވެ. އެތެރޭގައި ރަފާހް އާއި ހުމާ އަޑުގަދަކޮށްލާފައި ދައްކަމުން އައި ވާހަކަ މެދުކެނޑުނީ އޭނާ ފެނިފައެވެ.

"ކިހިނެތް މިވަނީ؟ ޒަލަފް މިތާ ކީއް އެކުރަނީ؟ ކާކު އޭނައަށް ވަޒީފާ ދިނީ؟" ދެމީހުން އެނބުރި ބަލަން ފެށުމާއެކު ޖަނާ ސުވާލުތައް އަމުނައިލިއެވެ. "އަހަރެން ޖަނާއަށްވެސް ދޭން އޮތީ ހުމާއަށް ދިން ޖަވާބު. އެއީ މިތަނުން މީހުންނަށް ވަޒީފާ ދޭނީ އަހަރެންނަށް ފެނުނީމަ. މިކަމުގެ ތެރެއަށް އެހެން މީހަކަށް ނުވަދެވޭނެ." ރަފާހް ހިތްހަމަ ނުޖެހިފައި ހުރިފަދަ ގޮތަކަށް ޖަވާބު އިއްވައިލާފައި އަންނަން ފެށުމުން ޖަނާ އެއްފަރާތަކަށް ޖެހިލައި ތަންދެއްކިއެވެ. ރަފާހް ނިކުމެގެން ދިއުމުން ޖަނާ ދެން ބަލައިލީ ހުމާއަށެވެ. ނިޔަފަތި ހަފަން ހުރެފައި އިސްއުފުލައިލިގޮތަށް ހުމާވެސް އެވަގުތު މަސައްކަތް ކުރީ އެތަނުން ނިކުމެގެން ދެވޭތޯއެވެ. 

"ހުމާ މަޑުކޮށްބަލަ!" ދޮރާއި ހަމައިން ޖަނާ އެކުވެރިޔާގެ އަތުގައި ހިފެހެއްޓިއެވެ. "ސޮރީ ޖަނާ. ރަފާހްގެ ނިންމުމެއް ބަދަލު ކުރުމުގެ ބާރު އަހަރެންނަަކަށްވެސް ލިބިގެނެއް ނުވޭ." ހުމާ ދެރަވެލާފައި ބުނި ވާހަކައިން ޖަނާ މާޔޫސްވިއެވެ. އެއަތަށް ދޫ ދީފައި ހުމާ ނިކުމެެގެން ދިއުމުން އޭނާ އެނބުރި ހުރީ ދޮރުފަތުގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. ރަފާހް ނިކުތީއްސުރެ ޒަލަފް އައިސް ރަފާހް އާއި ކޮންމެވެސް ވާހަކައެއް ދައްކަން ހުރެފައި ދޮރާއި ދިމާއަށް ބަލައިލިތަން ފެނިގެން އަވަހަށް އަނެއްފަރާތަށް ޖެހި ނިވާވެލެވުނެވެ. އެހެން ހުރެގެން ދެފަހަރެއްގެ މަތިން ހިތާއި ދިމާލުން މޭގައި އަތް ކާއްތައިލެވުނީ ހިތް ތެޅޭލެއް ބާރުކަމުންނެވެ. ފެންނަ ހިސާބުގައި ހުންނައިރު މިހާވަރު ވަންޏާ ދެމީހުން އެއްތަނެއްގައި ކޮންމެ ދުވަހަކު އުޅޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

ޖަނާ އަމިއްލަ ހިތަށް ވިސްނައިދީފައި ބޭރަށް ނިކުތްއިރު ކަސްޓަމަރުންތައް އިތުރުވިއެވެ. ހިކި ހުއިގަނޑެއްގައި އަލިފާން ހިފުމުން ފެތުރިގެންދާހެން ޒަލަފްގެ ޖާދޫ އެހާ އަވަހަށް މުޅި ހިސާބަށް ފޯރީ ނޫންކަމެއް ނޭނގެއެވެ. އަންހެން ކުދިންގެ ޤުރޫޕްތައް ހުސްނުވެ ތިބިއިރު ބައެއް މީހުން އައިގޮތަށް ދާކަށްވެސް ނޫޅެއެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި އިރުއިރުކޮޅާ ކޮންމެވެސް ދިމާއަކުން ޒަލަފްއަށް ގޮވައިގެން ކައިރިއަށް ގެންދެއެވެ. އަނެއްކޮޅުން ތޫބާ ނާންނަ ދުވަހަކަށް ވުމުން ބޭނުން ނުވިއަސް ޒަލަފްއަށް މަސައްކަތް ހަވާލު ނުކޮށެއް ނުވިއެވެ. ރަފާހް އޭރު މުހިންމު ކަމަކުއޭ ކިޔާފައި ބޭރަށް ނައްޓާލައިފިއެވެ. ފުރަތަމަ ދުވަހަށް ވުމުން ކަންކަން ކިޔައި ނުދީ ޒަލަފްއަށް ފައިސާގެ ކަންކަން ހަވާލު ކުރާކަށް ހުމާއަކަށް ނުފެނުނެވެ. ދެން ހުރީ އަދި އެއަށްވުރެ އުދަނގޫ ކަންކަމެވެ. ޒަލަފްގެ މުޅި ހަޔާތުގައި އަތުން ފެންތައްޓަކަށްވުރެ އިތުރު އެއްޗެއް އުފުލާލައި ނުވާއިރު ކަސްޓަމަރުންނަށް ކާއެއްޗެހި އުފުލާނީ ކިހިނެތް ހެއްޔެވެ؟ އެކަމާ ވިސްނާ ޖަނާ ހުރީ ބޯ ގޮވަން ކައިރިވެފައެވެ. ޒަލަފް ކަމެއް ކުރަން އުޅޭއިރަށް އޭނާއަށް އުދަނގޫވެގެން ގޮސް އަމިއްލައަށް އެކަމެއް ކޮށްލައެވެ. އޭނާ ހަމައެކަނި ބުނީ ޒަލަފް ކަސްޓަމަރުންގެ އޯޑަރު ނެގުމަށެވެ. 

"ޒަލަފް މިތަނަށް އައިސްގެން އެއުޅެނީ ޖަނާ ފަހަތުން." މީހުން މަދުވެލީ ވަގުތު ހުމާ ބަދިގެއަށް އައިސް ޖަނާއަށް އިއްވައިލިއެވެ. ޖަނާ އެވަގުތު ތަށިތަކެއް ދޮންނަން ހުރެފައި އެއަޑު އިވިގެން ހައިރާންކަމާއެކު އެނބުރި ބަލައިލެވުނެވެ. "ރަފާ ބުނީ ޒަލަފް ހަމައެކަނި ބޭނުންވަނީ މިތާ މަސައްކަތް ކުރުމުގެ ހުއްދައޭ. އޭނަ މުސާރައެއްވެސް ބޭނުމެއް ނުވެއޯ." ހުމާ ކިޔައިދިން ވާހަކަ އަހާފައި ޖަނާ އަތުގައި އޮތް ތަށި ތިރިއަށް ދޫކޮށްލެވުނެވެ. އެވަގުތު ހުރިހާ ހިތްހަމަ ނުޖެހުމެއްގެ އަމާޒުފަތްގަނޑަކަށްވީ އަމިއްލަ ތުންފަތެވެ. ޖަނާ ތުންފަތުގައި ބާރަށް ދަތް އަޅާލައިގެން ހުރިއިރު ރުޅިވެރިކަމުގެ އަލިފާންކަނިތައް ކަރުނައިގެ ސިފަ އިޚުތިޔާރު ކޮށްފިއެވެ. އޭނާގެ ދިރިއުޅުމަކީ ޒަލަފް ބޭނުން ވާ ކޮންމެފަހަރަކު ކުޅެލަން އޮތް ކުޅިވަރެއް ނޫންކަން ވިސްނަދޭނީ ކިހިނެތް ހެއްޔެވެ؟

"ޖާން. ވަރަށް ބޮޑަށް ސޮރީ." ކުރެވޭނެ ކަމެއް ނެތުމުން ހުމާ އަދިވެސް އެއްފަހަރު މަޢާފަށް އެދުނެވެ. ޖަނާ އެވަގުތު ނޭފަތް ދަމާލައިފައި އިސްކުރު ބަންދު ކޮށްލި ގޮތަށް މަގަތަށް އެނބުރި ނުލައި ފުރަތަމަ އަތުގެ ކުޑަ ހުޅާއި ހިސާބުން ކަރުނަ ފުހެލިއެވެ. ދޮރާއި ދިމާއަށް ގޮސް ނިކަން ބާރަށް ތަޅުގައި ހިފާ އަނބުރާލައިފައި ނިކުތް ވަގުތު ދެން ފެނުނު މަންޒަރުން ފައި ތަތްލީ ބިމުގައެވެ. ރެސްޓޯރެންޓް ހުސްވެފައި އޮތް އެވަގުތުކޮޅު ޒަލަފްގެ އުނގުގައި އަކްޔަން ބައިންދައިގެން ދެމީހުން ކޮންމެވެސް ގޭމަކަށް ގެއްލިފައި ތިބި ގޮތް ފެނިފައި މެއަށް ފިނިވެގެން ދިޔައެވެ. އޭނާ އެހުރި ގޮތަށް ހުއްޓާ އިރުކޮޅަކުން ޒަލަފް އެނބުރި ބަލައިލަން އުޅޭހެން ހީވެގެން އަވަހަށް ފުރަގަސްދީފައި އަނެއްފަރާތަށް އެނބުރެވުނެވެ. އޭނާ އަތް މުށްކަވާލައިގެން ހުރެ ދެތިންފަހަރު ފުން ކޮށް ނޭވާ ލީ ފަހުންވެސް ހިތް ހަމައަކަށް އެޅޭކަމުގެ އިޝާރާތެއް ނުވިއެވެ. މިވަރުން ދަންޏާ އަމިއްލަ ހަލާކުތެރެއަށް ވެއްޓިގަނެވޭނީ އަމިއްލައަށް ކަންނޭނގެއެވެ.

"ޖާން ކިހިނެތްވެފަ ތިހުރީ؟" އެއިވުނީ ހުމާގެ އަޑެވެ. ޖަނާ ކަންބޮޑުވެފައި ލޯ ހުޅުވާލިއިރު ހުމާ އައިސް ހުރީ ކައިރީގައެވެ. އޭނާ އަވަހަށް ކަމެއް ނުވެއޭ ބުނެލާފައި ބަލައިލިއިރު ޒަލަފްވެސް އިނީ ބަލާށެވެ. ޖަނާ ހަމަޖެހޭ ގޮތް ދައްކާލައިފައި އަކްޔަން ގެއަށްދާ ގަޑިޖެހިއްެޖެ ކަމުގައި ބުނިއިރު އަޑު ގެނބިގެން ބޭރަށް ނިކުތީވެސް ކިރިޔާއެވެ. އަނެއް ދެމީހުންނަށް ފާހަގަ ވެދާނެތީ އޭނާ އަޑު ސަަރާތްވެގެން އުޅޭކަމަށް ހެދިފައި ކުޑަކޮށް ކަރުކެހިލިއެވެ. "މަންމީ އަކްޔަން ގޭމު ކުޅެން." އަކްޔަން ތުއްތު އަޑުން ބޮޑާހާކައިލުމުން ޖަނާ ހިތްހަމަ ނުޖެހުނެވެ. "އުހު. އަބަދު ގޭމެއް ނުކުޅެވޭނެ. ހިނގާ ދާން. ސުކޫލަށް ދާ ގަޑި ކައިރިވަނީ މިހާރު." ޖަނާ ކައިރިއަށް ފިޔަވަޅެއް އަޅާލައިފައިވެސް ޒަލަފްގެ އަތުތެރެއިން އެކުއްޖާ ނަގަން ފަސް ޖެހެވިގެން ހުއްޓެވުނެވެ. އަކްޔަން އެވަރުންވެސް މަންމަގެ ބަސް ގަބޫލު ނުކުރަން ތުންކޮޅު އޫކޮށްފައި ދެފަރާތަށް ބޯ ހޫރަން ފެށުމުން ޖަނާ ކުޑަކޮށް ރުޅި އައެވެ. ގަދަ ކަމުން ނޫނީ އަކްޔަން ނުގެންދެވޭނެ ކަމަށް ހީކޮށްގެން ހުއްޓާ ދެން ފެނުނީ ޒަލަފް ގުދުވެލައިފައި އަކްޔަން ކަންފަތްދޮށުގައި ސިއްރެއް ބުނެލި ތަނެވެ. 

"މަންމީ އަކްޔަން ދާނަން." ވާގޮތް ބަލަން ޖަނާ ހުއްޓާ ޒަލަފް ދުރަށް ޖެހިލިހާއިރުން އަކްޔަން ހެވިލާފައި ބުނެލިއެވެ. ހައިރާންވެފައި ޖަނާއަށް މިފަހަރު ބަލައިލެވުނީ ޒަލަފްއަށެވެ. ޒަލަފް އެއްލޯ މަރައިލުމުން އޭނާ އަވަހަށް އިސްޖަހާލައިފައި އަކްޔަން އަންނާށޭ ބުނެ އަނެއްފަރާތަށް އެނބުރުނެވެ. ތަންކޮޅަކަށް ދިޔަތަނާ އަކްޔަން ޒަލަފް އުނގުން ފުންމާލައިގެން އައިސް ހަމަކޮށްފައި އަތުގައި ހިފާލުމުން ހިތްހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. 

"އެ ބޭބެ ކީކޭ ބުނީ؟" ގެއަށް ވަދެފައި ޖަނާ ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން ސުވާލު ކުރިއެވެ. އެވަގުތު އަކްޔަން ހީގަނެފައި އެއީ ސިއްރެކޭ ބުނެލުމުން އޭނާއަށް ހީވީ މޫނުމަތީ ޖެހިހެންނެވެ. ޒަލަފް ހުޝިޔާރީ ވަކި ވަރަކަށް ނޫނެވެ. އެންމެ ބައްދަލު ވުމަކަށްފަހު އޭނާގެ ދަރިފުޅުގެ ޅަ ސިކުނޑިއަށް ބާރު ފޯރުވާލި ކަމަށް ވަންޏާ އަދި ކުރިއަށް އޮތް ތާނގައި ވާނެ ގޮތް ލަފާކޮށްލަންވެސް ދައްޗެވެ.

އަކްޔަން ސުކޫލަށް ލައިފައި ދީނާ އައި މަގުމަތީ ކުރިން ދުވަހު ފެނުނު ޒުވާނާ އާ ބައްދަލުވިއެވެ. އޭނާ ކުރިންވެސް ފެނުނު ހިސާބުގައި ފޯނާއި ކުޅެން ހުރެފައި ދީނާ ފަސް ދިން ވަގުތު ތުއްގޮވައިލިއެވެ. ދީނާ އެވަރުންވެސް ބަލައި ނުލައި ދިޔައީ ހައްތަހާ ކުރިއަށެވެ. އެދުވަހު އޭނާގެ ވާހަކަ ހުރި ގޮތަށް ބަލާފައި ދީނާ ނިންމީ އެއީ ވަރަށް ފޮނި މީހެއް ކަމަށެވެ. އެހެންވެ ހަމަ ގަސްތުގައި ފެންނަ ކަމަށް ހަދާނުލީއެވެ. އެކަމަކު އެގޮތުގައި އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. ޒުވާނާ ދެވަނަ ފަހަރަށް ތުން ގޮއްވާލައިފައި ދީނާ ނުހުއްޓުމުން ބާރު ބާރަށް އައިސް ހަމަކޮށްފައި އަތުގައި ހިފާލައިފިއެވެ. މެއަށް ފިނިފެން އެއްޗެއް އޮއްސައިލި ނަމަވެސް ފިނި ނުވާވަރަށް އެވަގުތު ދީނާގެ މެއަށް ފިނިވިއެވެ. އަވަހަށް އަތް ފޮޅުވާލަން އުޅުމުން ޒުވާނާ ހައްތަހާ އަތަށް ބާރު ކޮށްލުމުން އެކަންވީ ނާކާމިޔާބު ކަމަށެވެ. 

"ކިހާ ދެރަކަމެއް. ތަނަކުން މީހަކު ފެންނައިރަށް ބެހެން ޖެހޭތަ އަތުން ދޫކޮށްލާ އެހެންނޫނީ...." ދީނާ ދެބުމަ ގޮށް ޖަހާލަމުން ބުނަން ފެށި ވާހަކަ ފުރިހަމަ ނުވަނީސް އޭނާ ހިނިތުންވެލިތަން ދެކެފައި އެހިސާބުން މެދުކަނޑާލެވުނީއެވެ. ކަޅި ޖަހާ ނުލައި ހުއްޓާ ހިތުގެ އަޑު ކަންފަތާއި ހަމައަށްވެސް ފޯރިއެވެ. "އެހެންނޫނީ ކިހިނެތް ހަދާނީ؟" ޒުވާނާގެ އަޑުން ދީނާއަށް ހޭވެރިކަން އައިސްގެން އަނެއްކާވެސް އަތް މިނިވަން ކުރަން މަސައްކަތް ކުރިއެވެ. "ޖަވާބު ނުދެންޏާ އަހަރެން އެހެން ސުވާލެއް ކުރަންތަ؟ އަހަރެން ދައުވަތު ދިނިއްޔާ އަހަންނާއެކު ކޮފީއަކަށް ހިނގައިދާނަންތަ؟" އޭނާ ވާހަކަދެއްކިއިރު ހައްތަހާ މޫނު އަރިކޮށްލުމުން ލޮލުގެ ތެރެއަށް ގެނބިގެންދާން ހިތް އެދުނެވެ. އެހާ ރީތި ލޮލަކަށް އެސްފީނާ ނުޖެއްސެވުމަށް އެދި ދުޢާކޮށްލަމުން އޭނާއަށް ބޯ ޖަހައިލެވުނީ ޔަޤީނުންވެސް އެލޮލުން ޖެއްސި ސިހުރަކުންނެވެ.

ގެއަށް އައިސް ވަންއިރު ތުންފަތުގައި ކުޅެން ފެށި ހިނިތުންވުމަށް ދީނާގެ އަމިއްލަ ބާރެއް ނުފޯރުވުނެވެ. ދޮންތަ އައިސް ވަން ފަހުންވެސް އޭނާއަށް ދެފަހަރެއްގެ މަތިން ލަވަ ކިޔަމުން ސިޓިންރޫމް ތެރޭ ފުމެލާފައި އުޅެވުނެވެ. އެހިސާބުން ދެން ހިތުގައި އުފެދުނު ސުވާލަކީ ކޮފީއަށް ދާން އޮތް ވަގުތަކާ ބެހޭ ގޮތުންނެވެ. ހަމަ ދައުވަތު ދޭއިރަށް އެކަން ޤަބޫލު ކޮށްފައި މިއައީ ދާންވީ ތަނެއް ގަޑިއެއް ނުބަލައެވެ. ތައްޔާރު ވެވޭނީވެސް ފުރަތަމަ އެކަންކަން އޮޅުން ފިލައިގެން ނޫން ހެއްޔެވެ؟

އެރޭ އަކްޔަން ނުނިދަނީސް ފަޔާޒްމެން ދެމަފިރިން އެގެއަށް އައިސް އިރުގަނޑެއް ވަންދެން ތިއްބެވެ. ފަޔާޒް އެންމެ ދެރަވެފައި ފާހަގަ ކުރީ ޖަނާ އަކްޔަން ގެންދިއުން ހުއްޓާލި ވާހަކައެވެ. ޖަނާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާ ބޭނުން ވިއަސް މާކިން އުޅޭތާކަށް ދަރިފުުޅު ފޮނުވާކަށް ދެނެއް ޤަބޫލެއް ނުވެވޭނެއެވެ. އެންމެ ދުވަހަކު އެކުއްޖާއާއެކު ވަގުތުކޮޅެއް ހޭދަ ކުރަން ޖެހުނު ކަމަށްޓަކައި މާކިންއަށް ހުރީ އުދަނގޫވެފައެވެ. އިރުކޮޅަކުން އަކްޔަން އަމިއްލައަށް އެދިގެން ޝަރުމީލާ އޭނަ ނިންދަވަން ވަނުމުން ޖަނާއަށް ފަޔާޒްއާއެކު އެކަހެރި ވަގުތުކޮޅެއް ލިބުނެވެ. އޭނާ ނިންމީ މާކިންއާ ބެހޭ ގޮތުން ސުވާލު ކުރަން އެއަށްވުރެ ރަނގަޅު ވަގުތެއް ނުލިބޭނެ ކަމުގައެވެ. ކޮންމެހެން އެނގިފައި އޮތް އެއްޗެއް ނޭނގޭ ކަމަށް ހެދިގެން ހުރުމުގެ މާނައެއް ނެތް ކަމުގައި ޤަބޫލު ކުރެވުނެވެ.

"ފަޔާޒްބެ ކައިރީ އަހަރެން ވާހަކައެއް އަހާލަން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ." ދީނާ ބެލްކަނިން އެނބުރި އާދޭތޯ ބަލަން އިނދެފައި ޖަނާ ވާހަކަދައްކަން ފެށިއެވެ. ފަޔާޒް އެމޫނަށް ބަލާލައިފައި ބުނަން އުޅޭ އެއްޗެއްގެ އިންތިޒާރުގައި އިނެވެ. "އަހަރެން ކޮންމެހެން ބޭނުން ވެގެނެއް ނޫން. އެކަމަކު އަހަރެން ތިގެއަށް ދިޔަ ދުވަހެއްގައި މާކިންއާ ފަޔާޒްބެ ދެއްކި ވާހަކައެއް އަޑު އިވުނީ." ޖަނާ އެހިސާބަށް ބުނިތަނާ ފަޔާޒްގެ މޫނަށް ސީރިއަސްކަން ވެރިވިއެވެ. ޖަނާ ބުނަން އެއުޅެނީ ކީކޭކަން މިހާރުވެސް އޭނާއަށް ލަފާކޮށްލެވުނީ ކަހަަލައެވެ. "އެދުވަހު ދެއްކި ވާހަކައިން އަހަރެންނަށް އެނގިއްޖެ މާކިންގެ ހަޤީޤީ ބައްޕައަކީ އެހެން މީހެއްކަން. ފަޔާޒްބެ ރުޅި ނާންނަންޏާ އަހަރެން ވަރަށް އޮޅުންފިލުވާހިތްވޭ ފަޔާޒްބެ މާކިން ބަލާ ބޮޑުކުރަން ދިމާވި ސަބަބު." ޖަނާ ފަޔާޒްގެ ސީރިއަސް ކުލަވަރު ދެކެން ނުކުޅެދިގެން އިސްޖަހާލައިފައި ބޭނުންވާ ގޮތް ހާމަކުރިއެވެ. އޭގެ ފަހުން ސިކުންތުކޮޅެއް ވެގެން ދިޔައިރު ފަޔާޒް ބަހެއް ނުބުނެ އިނުމުން ޖަނާ ހީކުރީ ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެހެންވެ ދެވަނަ ފަހަރަށް ހަތަރުކަޅި ހަމަކޮށްލަންވެސް ނުކެރިގެން އަތުގެ އިނގިލިތަކާ ކުޅެން ފެށުނެވެ

"މާކިން ބޭނުމެއް ނުވޭ އޭނާގެ ހަޔާތުގެ ވާހަކަ އެހެން އެއްވެސް މީހަކަށް އެނގޭކަށް. އެކަމަކުވެސް ޖަނާ ތިހާވަރަށް އެދުނީމަ އަހަރެން ހަމައެކަނި ތިސުވާލަށް ޖަވާބު ދީފާނަން. އަހަރެން މާކިން ގެނައީ އަނިޔާވެރި ބައްޕައެއްގެ ބެލުމުގެ ދަށުގައި ހުއްޓާ." ފަޔާޒް ވާހަކަދެއްކި އަޑަށް ޖަނާ އިސްއުފުލާލިއިރު އެލޮލުގައި ކަރުނަ ވިދާތަން ފެނިފައި މޭގަނޑު ފިނިވެގެން ދިޔައެވެ. އެޖަވާބު އަހާފައި ޚުދު އޭނާގެ ހިތަށްވެސް ފުން އަސަރެއް ކޮށްފިއެވެ. ހިތަށް އެވަގުތު އެރީ މާކިން މަޤާމުގައި އޭނާގެ ތުއްތު އަކްޔަން ހުރިނަމަ ވާނެ ގޮތެވެ. އިތުރު ސުވާލު ކުރަން ބޭނުންވެފައި އިންދާ ފަޔާޒް ތެދުވެގެން ދުރަށް ދިޔަގޮތުން ޖަނާއަށް އެނގުނީ އެއީ އަދި މާކިންގެ މާޒީން ކުޑަތަންކޮޅެއް ކަމެވެ. އެކަމަކު ނުކިޔައިދޭން އުޅޭ މީހެއްގެ ފުށުން ގަދަކަމުން ހޯދާނެ ގޮތެއް ނޯންނާނެތީ މަޑުން އިނީއެވެ.

ޖެހިގެން އައި ދުވަހު ޖަނާ ތައްޔާރުވެގެން ގެއިން ނިކުތްއިރު ގަޑި ޖެހެން ގިނައިރެއް ނެތެވެ. ތުއްތު އަކްޔަން އަތުގައި ހިފައިގެން މަގު ހުރަސް ކޮށްފައި ގޮސް ރެސްޓޯރެންޓް ދޮރުމައްޗަށް އެރި ވަގުތު މޭގަނޑު ރޫރޫ އަޅަން ފެށީ އަޖައިބެއްފަދަ ގޮތަކަށެވެ. ޖަނާގެ ހިތް ބުނީ އޭނާ ދެންމެ މަގު ހުރަސް ކުރިއިރު ނާއިކް ދުރުގައި ހުއްޓާ ލޮލުގައި އަޅައިގަތް ކަމަށެވެ. ފިނިވެފައިވާ ދެފައި ބިމުގައި ތަތްލުމުން އިތުރަށް ކުރިއަކަށްވެސް ނުދެވުނެވެ. ދެން ހީވީ މޫނު މައްޗަށް އަނިދިރިވާން ފެށިހެންނެވެ. "އަކްޔަން...ދޭބަލަ ހުމާ... ދައްތައަށް...ގ..ވަން." ޖަނާ ފާރުގައި އަތް ޖައްސާލައިގެން ހުރެ އަކްޔަންއަށް ބުނެލިއެވެ. އަކްޔަން ލޯ ބޮޑުކޮށްގެން ބަލަން ހުރެފައި އޭނާ އަތުން ދޫކޮށްލި ގޮތަށް ދުވެލާފައި ގޮސް އެތެރެއަށް ވަން ހިސާބުން އޭނާއަށް ކޮޅަށް ނުހުރެވިގެން އަރި އަޅާލިކަން އެނގުނެވެ. ކަނޑާ ވައްޓާލި ރުއްގަނޑެއްހެން ހުރިދިމާއަށް ދެމުނު ވަގުތު ކޮންމެވެސް މީހަކު ސައިކަލު މަޑުކޮށްފައި އައިސް އެމޫނުގައި ދެއަތުން ހިފާ ދެފަހަރަކު ނަމުން ގޮވައިލިއެވެ. ޖަނާއަށް އެއަޑު އިވުނީ ހުވަފެނެއްގައި އޮތްވާ މީހަކު ގޮވައިލުމުން އިވުނު އަޑެއް ފަދައިން ނަމަވެސް އެއީ ކާކުގެ އަޑެއްކަން ފާހަގަވިއެވެ.

ކޮމެންޓް 0