އަކްޔަން ރީތިކުރަން ޖަނާ ހުރެފައި ފޯނު ރިންގް ވާ އަޑަށް ކައިރިއަށް ގޮސް ބަލައިލިއިރު މާކިން ގުޅަނީއެވެ. ބަލަހައްޓައިގެން ޖަނާ ހުރެފައި ފޯނު ނުނަގައި އަނެއްކާ އެނބުރުނީ އަކްޔަންއާ ދިމާއަށެވެ. އޭނާ އަކްޔަން ރީތިކޮށް ނިމިގެން ސޯފާގައި ބައިންދާފައި ދީނާ ނިމިއްޖެތޯ ބަލަން ދަނިކޮށް ބެލް ޖަހާލި އަޑު އިވިގެން ގޮސް ހުޅުވިއިރު ކުރިމަތީ ހުރީ ދުވަހަކު އުންމީދު ނުކުރާ މީހެކެވެ.
"މައުވާ...؟ ކި..ކީއްކުރަ...ނީ މިތާ؟" ހައިރާންވިވަރުން ޖަނާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. އޭނާ ލޯ ބޮޑުކޮށްލައިގެން ހުއްޓާ މައުވާ ހިނިތުންވެލައިފައި އެދުނީ އެތެރެއަށް ވަނުމުގެ ހުއްދައަށެވެ. ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ޖަނާ ފަހަތަށް ޖެހިލިއެވެ. މައުވާ ވަދެގެން ދާން ފެށުމުން ދޮރުލައްޕާފައި ބަލަން ހުރެވުނީ އަދިވެސް ޔަޤީން ކުރަން މަސައްކަތްކުރާ ފަދަ ގޮތަކަށެވެ. ފަސް އަހަރުފަހުން މައުވާ ޓަސްލާފައި އޭނާ ކުރިމައްޗަށް އެއައީ ކީއްކުރަން ހެއްޔެވެ؟
"މާޝަﷲ! ހާދަ ލޯބި ކުއްޖެއް މިއިނީ. މީ ޖަނާގެ ކުއްޖެއްތަ؟" މައުވާ ގޮސް ސޯފާތައް ކައިރިއަށް ހުއްޓިފައި އަކްޔަން ފެނިގެން ތައުރީފުން ހިތް ބަންޑުންވިއެވެ. އޭނާ ސުވާލުކޮށްލައިފައި އެނބުރި ބަލައިލި އިރަށް ޖަނާއަށް ހޭވެރިކަން އައިސްގެން ބޯ ޖަހައިލާފައި ކައިރިއަށް ދިޔައެވެ. "މައުވާ ކޯއްޗެއް ބޯނީ؟ ކޮފީއެއްތަ؟ ބޭނުމިއްޔާ ފިނި އެއްޗެއްވެސް ގެނެސްދީފާނަން." ސުވާލުތައް ހިތުގައި ބާއްވާފައި ޖަނާ އިސްކަން ދިނީ މެހުމާންދާރީ އަދާކުރުމަށެވެ. މައުވާ ލޯބިން އަކްޔަންގެ ކޮލުގައި ކޮށްޓައިލާފައި ތިރީގައި ކުޑަކަކޫ ޖަހާލައިގެން އިނދެ ނަން އަހަން ފެށުމުން އޭނާ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ކައިރީގައި ހުއްޓެވެ. "އާވ..ނަންވެސް އެހާ ލޯބި." އަކްޔަން ބީރަތްޓެހިވެފައި އިނދެގެން ނަން ބުނެލުމުން މައުވާ ބަލައިލީ ޖަނާއަށެވެ. "ހޫމ.. ޖަނާ އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން. ދެންމެ މިތާހުރި ރެސްޓޯރެންޓުން އެއްޗެއް ކާލައިގެން މިއައީ. އެހެންވެ މިތަނަށް މިވަދެވުނީވެސް." މައުވާ ކޮޅަށް ތެދުވެފައި ސޯފާގައި އިށީންނަމުން ކިޔައިދިނެވެ. "ދޫނި ދޭ ކުޑާ ތައްޔާރުވެއްޖެތޯ ބަލަން!" ޖަނާ އަކްޔަން ފޮނުވާލައިފައި މައުވާގެ ކުރިމަތީ އިށީންއިރު ހިތުގެ ތެޅުން ދިޔައީ ހައްތަހާ އިތުރުވެގެންނެވެ.
"ދީނާ އުޅެނީ މިތާގަ ދޯ. ދެން ކޮބާ ޝަރުމީލައްތަ؟" މައުވާ އެކުވެރިއެއްހެން ވާހަކަ ދައްކާތީ ޖަނާ އިނީ އަޖައިބުވެފައެވެ. މައުވާގެ ބައްޕަ އާއި އިނދެގެން އޭނާގެ މަންމަ އުޅުނުއިރު މައުވާގެ އަމަލުތައް ހުރިގޮތާއި ބަލާއިރު އުޑާއިބިމުގެ ފަރަގު އެބަހުއްޓެވެ. "މަންމަ އުޅެނީ ދޮންބައްޕަ ކައިރީ." ޖަނާ އޮޅުންފިލުވައިދިނީ ބުނެވެން އޮތް އެންމެ ކުރުކޮށެވެ. އޭނާ ފަރުވާވެ އެމޫނަށް ބެލިއިރު މައުވާ އުނގުމަތީ ދެކަކޫމަތީ އަތް ބާއްވާލައިގެން އިނދެ ވަށައިގެން އެކި ތަނަށް ލޯ ހިންގަމުން ދިޔައެވެ.
"މައުވާ!... ކީއްކުރަން ތިއައީ؟" ޖަނާއަށް ނީނދެވިގެން އެންމެފަހުން އަހައިލިއެވެ. މައުވާ ކުއްލިއަކަށް ހަތަރުކަޅި ހަމަކޮށްލާފައި ހިނިތުންވެލީ ތަފާތު ގޮތަކަށެވެ. ހީވަނީ ކުރެވުނު ކުށްތަކަށް މަޢާފަށް އެދެން އައިސް އިންހެންނެވެ. "މީގެ ދުވަސްކޮޅެއް ކުރިން އަހަރެން އެއްދުވަހު ހަވީރު ސައިބޯން ދިޔަ ރެސްޓޯރެންޓަކުން ޖަނާ ފެނުނީ. އޭގެ ފަހުން ހަމަ ހިތަށް އުދަނގޫ ވާވަރުން މިއައީ." މައުވާގެ ވާހަކައިން ޖަނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. "ފަސްއަހަރު ކުރިން ޖަނާގެ މަންމަ އަހަރެން ބައްޕައާ އިނދެގެން ދިޔައީމަ އަހަރެން ކަންތައްކުރީ ވަރަށް ގޯސްކޮށް. ހަޤީޤީ މަންމައަކަށްވުރެ ރަނގަޅަށް ޝަރުމީލައްތަ އަހަރެންނާމެދު ކަންތައް ކުރިއިރު އަހަރެން މަސައްކަތް ކުރީ ބައްޕަގެ ފުށުން ލޯބީގެ ކުޑިފަށެއްވެސް ޖަނާމެނަށް ނުދީވޭތޯ. އައި ވޯޒް ސޯ ޖެލަސް ބައި ދެން. އެހެން އުޅެނިކޮށް ޖަނާގެ ހަޔާތަށް އައީ ޒަލަފް. އަހަރެން ހަނދާން ނުކޮށްދިނަސް ޖަނާއަށް އެނގޭނެ އަހަރެން ޒަލަފް ފަހަތުން އުޅުނުވަރު." މައުވާ ކިޔައިދެމުން ދިޔައިރު އެމޫނުގައިވި ލަދުވެތިކަން އެންމެ ރީއްޗަށް ފައުޅު ވޭވޭ ހުއްޓެވެ. އޭނާ ބަލަން އިނދެފައި މައުވާގެ ވާހަކަ މެދުކަނޑައިލީ މިހާރު ދެން ތިވާހަކަ ދައްކަނީ ކީއްކުރަންހެއްޔޭ އަހައިލާފައެވެ.
"އިހަށް މަޑުކޮށްބަލަ. އަހަރެން ބުނަން އޮތް ބޮޑު ވާހަކަ އަދި އޮތް ގޮތަށް އޮތީ...އަދި އަހަރެން ވަރަށް ބޭނުން ޖަނާއަށް މިވާހަކަ އަންގަން." މައުވާ އާދޭހާއެކު އެދުމުން ޖަނާ ތެދުވަން އުޅެފައި އަނެއްކާ އިށީންދެލިއެވެ. ދޮރު ހުޅުވާލައިފައި ނިކުތް ދީނާއާ އަކްޔަން ފެނިގެން އޭނާ ކޮއްކޮއަށް އިޝާރާތުން އެންގީ އިރުކޮޅަކުން އެމީހުންނާ ބައިވެރިވާނެ ކަމަށެވެ. ދީނާ ބޯ ޖަހާލައިފައި އަކްޔަން ގޮވައިގެން ނިކުތުމުން ޖަނާ އަނެއްކާވެސް މައުވާގެ މޫނަށް ބަލައިލިއެވެ.
"އަހަރެން މިހެން ބުނީމަ ޖަނާ ހައިރާންވާނެކަން ޔަޤީން. ޚުދު އަހަރެންވެސް ހައިރާންވީ އެދުވަހު ރެސްޓޯރެންޓުން ފެނިގެން ކުރިން އޮތް ރުޅިވެރިކަން ހޭލައިނުގަތީމަ. މީހުން ބުނަނީ ތެދެއް. ވަގުތާއިއެކު ކިތަންމެ ބޮޑުކަމެއްވެސް ބަދަލުވެދާނެ." މައުވާގެ ވާހަކައާ އެއްބަސްވެ ބޯ ޖަހާލައިފައި ޖަނާ އަނެއްކާވެސް ތެދުވިއެވެ. "އޯކޭ މައުވާ. އަހަންނަށް ހީވަނީ ފުދޭވަރަށް އަޑުއެހިއްޖެހެން. އަދި މައުވާ ތިއައީ މަޢާފަށް އެދެންކަމަށް ވަންޏާ އަހަރެން މިހުރީ މާފު ކުރަން ތައްޔާރަށް. މައުވާ ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ މަޢާފަށް އެދުން. އެކަމަކު އަހަރެންނަކަށް ނެތް މާގިނައިރު މިއަދު މަޑުކުރެވޭކަށް. އަހަރެން އެބަޖެހޭ ބޭރަށް ނިކުމެލަން." ވެނިމިފައި އޮތް ކަންތައްތަކެއްގެ ވާހަކަ ދައްކައިގެން ވަގުތު ބޭކާރު ކުރުމުގެ މާނައެއް ޖަނާއަކަށް ނުފެނުނެވެ. އަމުދުން އޭނާގެ ހިތުގައި މައުވާ އާމެދު ރުޅިވެރިކަމެއްވެސް މިހާރު ނެތެވެ.
"ސޮރީ ޖަނާ. އަހަރެންވެސް ގަސްތެއް ނުކުރަން ގިނައިރު މިތާ މަޑުކުރާކަށް. އެކަމަކު އަހަރެންގެ ވާހަކަ އަހާފައި ޖަނާ ތިބުނިހާ ފަސޭހައިން މަޢާފުކޮށްފާނެ ކަމާމެދު ޝައްކު. އަދި އަހަރެންނަކަށް ނޭނގެ މިހާ ލަހުން މިވާހަކަ ބުނެގެން އެއިން ޖަނާގެ ލައިފަށް ކުރާނީ ނުބައި އަސަރެއް ކަމެއް ރަނގަޅު އަސަރެއް ކަމެއް، އަދި އެއްވެސް އަސަރެއް ކުރާނެ ކަމެއްވެސް ނޭނގެ. ކޮންމެގޮތެއްވިއަސް އަހަރެން ބޭނުން ޖަނާއަށް ހަޤީޤަތް ބުނެދޭން. އެއީ އެދުވަހު އަހަރެން ކުރި ކަންތަކުގެ އަގެއްގެ ގޮތުގައި ޖަނާގެ އުމުރުން ފަސް އަހަރު ދުވަސް ހޭދަވެގެން ދިޔަކަން އެނގުނީމަ އަހަންނަށް އިހްސާސް މިވީ އެހެދުނު ދޮގުގެ ބޮޑުކަން." މައުވާ ތެދުވެފައި ވާހަކަދެއްކި ގޮތުން ޖަނާ ސުވާލު އުފެދިފައި ހުރެވުނީ ހިނގައިނުގަނެވިފައެވެ. ބޭރުގައި ދަރިފުޅާއި ކޮއްކޮ އިންތިޒާރުގައި ހުންނާނެކަން ހަނދާންވެފައިވެސް އެއަށްވުރެ މުހިންމުވީ މައުވާ ބުނަން އުޅޭ ވާހަކައެވެ.
"މައުވާ ސާފުބަހުން ބުނެބަލަ. ކީކޭ ކިޔަން ތިއުޅެނީ؟" ޖަނާ ކަންބޮޑުވެގެން ކުރިއަށް ޖެހިލިއެވެ. "ހަނދާން އެބަހުރިތަ މީގެ ފަސްއަހަރު ކުރިން އަހަރެމެން އެންމެން ދިޔަ ދަތުރު މަތިން. ޖަނާ ފަތިހު ތެދުވެގެން އެންމެ ފުރަތަމަ މީހަކަށް އަހަރެންނާ ދިމާވެގެން ކަންތައް ވީގޮތް ހަނދާން އެބަހުރިތަ؟" މައުވާ ކުރި ސުވާލުތަކާއެކު ޖަނާގެ ހަނދާންތައް މާޒީގެ ތެރެއަށް ދަތުރުކޮށްލިއެވެ. ދުރު ބަލާލި ވަގުތު އިއްޔެ ވީ ކަމެއްހެން އެމަންޒަރު ލޮލަށް ސިފަވިއެވެ.
"ކިހިނެތް ހަނދާން ނެތޭނީ؟" ޖަނާ މިފަހަރު މައުޟޫ ބަދަލު ކުރާކަށް ނޫޅެއެވެ. "އަހަރެން މިއަދު މިއައީ ފުރަތަމަ ފަހަރަށް ތެދު ބުނަން ވެގެން. އެދުވަހު އަހަރެން ދެއްކި ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް." މައުވާގެ ޖުމްލަ ނިމޭއިރަށް ޖަނާ ކުއްލިއަކަށް ބަލާލައިފިއެވެ. "ތިބުނީ؟" ޖަނާ ހީކުރީ އޭނާއަށް އިވުނު ގޮތް ގޯހީ ކަމަށެވެ. އެހެންވެ އޭނާގެ ބޭނުމަކަށް ވީ އަދި އެއްފަހަރު މައުވާ އެހެން ބުނާ އަޑު އަހާލުމެވެ. "އޭރު އަހަރެން ހުރީ ޖަނާ ބަރުބާދު ކޮށްލާނެ ގޮތެއް ނުފެނިފަ. އަހަންނާ ރަފާ ވެގެން ޖަނާއަށް ޑްރަގްދީ ރޭޕްކުރަން ރޭވީ. އެކަމަކު އެރޭ ކުއްލިއަކަށް ވީނުވީއެއް ނޭނގި ޖަނާ ގެއްލުނީ. ރަފާ އެހިސާބުން ދެއަތް އުރާލައިގެން ދިޔައީމަވެސް އަހަރެން ހުރީ ގޮތުގަ. ދެން ކަންތައްވީ އަހަރެންގެ ޕްލޭންއަށްވުރެވެސް މޮޅު ގޮތަކަށް. ޖަނާއަށް އެދުވަހު ތެދުވެގެން އެންމެ ފުރަތަމަ މީހަކަށް އަހަރެން ފެނުނީ އިއްތިފާޤަކުން ނޫން. އަހަރެން ޖަނާ ހޯދަމުން ގޮސް އެގޭތެރެއިން ތިދެމީހުން ފެނިގެން ނިކުމެ އެތާ ކައިރީ ހުރީ ޖަނާގެ އިންތިޒާރުގަ. އެތާ އިނދެގެން އަހަރެން ޕްލޭންގެ ބާކީބައި ކުރިއަށް ގެންދާނެ ގޮތް ރޭވީ. އެތާ އިންދާ އަހަރެންނަށް ވިސްނުނީ ޖަނާ އެންމެދުރަށް ފޮނުވާލާނެ ގޮތް. އެން ޔޫ ބިލީވްޑް އެވްރީތިން އައި ސެޑް." މައުވާގެ އެހިސާބަށް ދިޔައިރު ޖަނާ ކޮޅަށް ތެދުވެފައި ތަކުރާރުކޮށް އެތައް ފަހަރަކު ދެފަރާތަށް ބޯ ހޫރައިލީ އެވާހަކަ ޤަބޫލު ނުކުރަން ވެގެންނެވެ. އެއީ ތެދަކަށް ވާނީ ކިހިނެތް ހެއްޔެވެ؟
"އަހަރެން ކުޑަކޮށްވެސް އުންމީދެއް ނުކުރަން ޖަނާ އަހަރެންނަށް މަޢާފު ކުރާނެ ކަމަކަށް. އަހަރެން އަމިއްލައަށްވެސް ނުދެކެން އަހަރެންނަށް މަޢާފު ހައްޤު ކަމަކަށް. އެކަމަކު މިކަން ހާމަކޮށްގެން އަހަރެންގެ ބޮލުން ނެތިގެންދާނެ ބަރު އަހަރެންނަށް މުހިންމު އެއްޗަކީ. އަދިވެސް އެއްފަހަރު ސޮރީ. ދެން އަހަރެން ދަނީ." ޖަނާ އެހުރިގޮތަށް ހުއްޓާ މައުވާ ތެދުވެގެން ގޮސް ދޮރު ހުޅުވާލައިފައި ނިކުމެގެން ދިއުމުން ވެއްޓިގަނެވުނީ ސޯފާއަށެވެ. ލޮލުން އޮހެންފެށި ކަރުނަތައް ނުހިފޭއްޓިގެންފައިބަން ފެށިއިރު ކުޝަންއެއް ނަގައި މޫނުގައި ޖައްސާ ބާރުކޮށްލެވުނެވެ. އިރުކޮޅަކުން ކަރުނަ ފުހެލާފައި ގޮސް ފޯނު ނެގީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ޖަނާ މާކިންއަށް މެސެޖް ކޮށްފައި ބައްދަލު ކުރަން ބޭނުން ވާހަކަ ބުނުމުން މާކިން ޖަވާބު ފޮނުވީ ހޮސްޕިޓަލުގައޭ ކިޔައިފައެވެ. މާކިން އިތުރު ބަހަނާއެއް ދެއްކުމުގެ ކުރިން ޖަނާ ދެވަނަ މެސެޖް ފޮނުވައިލީ ފަނަރަ ވަރަކަށް މިނިޓްތެރޭ ބައްދަލު ކުރާނެ ވާހަކަ ބުނެފައެވެ. އޭނާ ތައްޔާރު ވެލައިގެން ތިރިއަށް ފައިބަނިކޮށް ދީނާއާއި އަކްޔަންއާ ދިމާވީ ސިޑީގެ މެދާކަށް ހިސާބުންނެވެ. މަންމި ލަސްވެގެން އަކްޔަން ޝަކުވާ ކުރާތީ ދީނާ އައީ ވީ ގޮތެއް ބަލާށެވެ.
"ދީނާ އަކްޔަން ގޮވައިގެން ދޭ އިނގޭ މަންމަ ކައިރިއަށް. ދޮންތަ އެހެން ތާކަށް ޖައްސާލައިފަ ތަންކޮޅެއް ފަހުން ދާނަން." ޖަނާ ކޮއްކޮގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާ ނުލާ ނިކުމެގެން ދިޔައެވެ. މަޖީދީ މަގަށް ނިކުތުމުން ނަސީބަކުން އުދަނގުލަކާ ނުލާ ޓެކްސީއެއް ލިބުނެވެ. ދަތުރުގެމެދާކަށް ހިސާބުން މާކިން އިތުރު މެސެޖެއް ފޮނުވާފައި އޮތީ ހޮސްޕިޓަލަށް ވަދެފައި، އޮންކޯލް ރޫމްގައި މަޑުކުރަން އިރުޝާދު ދީފައެވެ. ކާރު އޭގެ މަންޒިލަށް މަޑުކޮށްލުމުން އޭނާ ފީ ދައްކާފައި ގޮސް މާކިން އެދުނު ފަދައިން އޮންކޯލް ރޫމް ކައިރިއަށް ދިޔައިރު ޝިވަމް ހުރީ އިންތިޒާރުގައެވެ. "ޖަނާ! ތިއައީ ދޯ. ވަދޭ އެތެރެއަށް. މާކް އަންނާނެ ފްރީ ވަގުތެއް ލިބޭއިރަށް." ޝިވަމް ހިނިތުންވެފައި ވާހަކަދެއްކި ގޮތުން ޖަނާއަށް އުދަނގޫވިއެވެ. އޭނާ ބޯ ޖަހާލައިފައި އަވަހަށް އެތެރެއަށް ދެމިގަނެ ދޮރު ލައްޕައިލުމުން އެތަނުގެ ހަތަރުފާރުވެސް ހަނދާންކޮށްދިނީ މާކިންއެވެ. ދުވަސްތަކެއް ކުރީން ދެމީހުން އެތާގައި ކުރި ޒުވާބެއްގައި މާކިން ހީވީ އޭނާ ރޮލުން ކާލަފާނެ ހެންނެވެ.
ކޮޅަށް ހުރެ ހުރެ ދެފައި ވާޅުވާ ގޮތްވެގެން ޖަނާ ގޮސް އެތާ ހުރި ގޮނޑީގައި އިށީންދެފައި ގަޑި ބަލާލިއިރު ފަހެއް ޖަހަން ދަނީއެވެ. އޭސީ ޖައްސާފައި ހުރުމުން ހީކަރުވައިގަނެގެން ތުންފަތްވެސް ހިކިއްޖެއެވެ. އަވަހަށް އައެއް ކަމަކު އަވަހަށް ބައްދަލު ކުރެވޭ ގޮތެއްވެސް ވީއެއް ނޫނެވެ. އެކަމަކު ރޭގަނޑު ދިހައެއް ޖަހާއިރު މާކިން ޑިއުޓީ ނިންމާފައި ދަންދެން ކެތެއް ނުވާނެކަން ކަށަވަރެވެ.
ވަގުތު ގުނަން އިނދެ، ހައެއް ޖެހިފަހުން ކޮންމެވެސް މީހަކު ތަޅުގައި ހިފާލި އަޑަށް ޖަނާ ފުންމައިގެން ތެދުވިތަނާ މާކިން ދޮރު ހުޅުވާލައިފައި ވަނެވެ. ކުރިމަތިން ޖަނާ ފެނުމުން މާކިންގެ ހިތްވެސް ތެޅިގަތީ އާދަޔާ ޚިލާފަށެވެ. ހާއްސަކޮށް ޖަނާގެ ސިއްރު އެނގުމަށްފަހު މިހާރު ޖަނާ ފެންނަ ގޮތްވެސް ތަފާތުހެން ހީވިއެވެ. "މާފުކުރޭ ޖާން. އަހަރެންނަށް އާދެވުނު އެންމެ އަވަހަކަށް މިއައީ." މާކިން ކަރުގައި އޮތް ޓައީ ދޫކޮށްލައިފައި ގޮސް އެނދުގައި އިށީންދެލިތަނާ ޖަނާ ކޮންމެވެސް އެއްޗެކޭ ބުނެލައިފިއެވެ. މާކިންއަށް ސާފު ނުވެގެން ކީކޭ ހެއްޔޭ އަހައިލުމުން އޭނާ ގޮނޑީގައި އިށީންދެލީ ހީވާގޮތުން އިތުރަށް ކުރިއަށް ގެންދަން ވެގެންނެވެ.
"އޭނަ ބުނީ ރަތްޓެހިންތަކެއް ބޯންދިން އެއްޗަކުން މާކް އެރޭ ހުރީ މަސްތުވެފައޭ. އެރޭ ކުރި އެއްވެސް ކަމަކީ އަދި ކީ އެއްވެސް އެއްޗަކީ ހަޤީޤަތެއް އެކުލެވިފައިވާ އެއްޗެއް ނޫންކަމަށް. އޭނަ ބުނީ މާކް ހޭއަރާއިރު އެއްވެސް ކަމެއް ހަނދާން ނުހުންނާނެ ކަމަށް.އެކަމަކު އެކަން އެގޮތަށް އޮންނާނީ އަހަރެން ކުރިމަތިން ނުފެންޏާ ކަމަށް. އަހަރެން ފެނިގެން ހަނދާންތައް އައުން އެކަށިގެންވާ ވާހަކަ ބުނީ. އަދި އަހަރެން، މޮޔައެއްހެން އޭނާގެ އަނގައިން ނިކުތް ކޮންމެ ބަހެއް އެދުވަހު ތެދުކުރިން. އައި ރޭން ލައިކް އެން އިޑިއަޓް. އަހަރެން ހީކުރީ އެއީ އެންމެ މޮޅު ގޮތްކަމަށް. އެކަމަކު އެއީ އެކަނި އަހަރެންނަށްޓަކައެއް ނޫން." ޖަނާ ވާހަކަދައްކަމުން އެސްފިޔަތައް އުފުލާލިއިރު މާކިން ފުންމައިގެން ތެދުވެ ހުރީ ކޮޅަށެވެ. ނޭވާ ހިފަހައްޓާލައިގެން އޭނާ ހުރިއިރު ޖަނާގެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ފެނިގެން ހިތުގައި ރިހުމެއް އުފެދުނެވެ. އޭރު އޭނާ ކުރަން ބޭނުންވެ ހިތުގައި ގިނަވެފައިވާ ސުވާލުތައްވެސް މަދެއް ނޫނެވެ.
"މައުވާ ބުނީ މާކްގެ ދިރިއުޅުން ދަތި ކަމުން އުދަނގޫކަމުން މާކް އަމިއްލައަށްވެސް އެދިރިއުޅުން ދެކެ ނަފްރަތު ކުރާކަމަށް. އަދި މާކް އަމިއްލަ އިޚުތިޔާރުން ބޭރުގައި، އެންމެ ނަފްރަތު ކުރާ އަންހެންކުއްޖާއާއެކު ބޭއްވުނު ގުޅުން އެނގުމުން މާބޮޑަށް ދިރިއުޅުންދެކެ ނަފްރަތު ކުރާނެ ކަމަށް. ޝީ ޓޯލްޑް ޔޫ ކުޑް އެންޑް ޔޯ ލައިފް. އޭނަ ބުނީ އަހަރެމެންގެ ތެދު މާކްގެ މުޅި ދިރިއުޅުން ހަލާކު ކޮށްލާނެ ކަމަށް. އަހަރެން ބިރުގަތީ އެހެންވެ. އަހަރެން ބޭނުމެއް ނުވި މާކްގެ ދިރިއުޅުން ހަލާކުވެގެން ދިއުމުގެ ސަބަބަކަށް އަހަރެން ވާކަށް. އަހަރެންނަކަށް ނުރުހެވުނު މާކްއަހަރެންގެ ސަބަބުން އަމިއްލަ ދިރިއުޅުން ނިންމާތަން ދެކެން ހުންނާކަށް. އެކަމަކު...މިއަދު މިއެނގުނީ އެހުރިހާ ވާހަކައެއީ ހުސް ދޮގުކަން." ލޮލުން ކަރުނަ އޮހިގަތުމުން އަވަހަށް ކޯތާފަތް ފުހެލާފައި ޖަނާ ތެދުވެގެން އައިސް ކައިރިއަށް ހުއްޓުމުން މާކިންއަށް ކުރެވުނުހާވެސް ކަމަކީ ތުންފަތުގައި ދަތް އަޅައިލުމެވެ. ބުނަން ބޭނުންވި އެތައް ވާހަކައެއް ހިތުތެރޭ ހުރެ ދުލާއި ހަމައަކަށް ނުގެނެވުނެވެ.
"ހަޤީޤަތަކީ އެރޭ މަސްތުވެ ހުރީ އެކަނި އަހަރެންކަން. މާކިން އެރޭ ކުރި ކަމެއްވިއްޔާ ކުރީ އަމިއްލަ އިޚުތިޔާރުގައި. އަދި މިއޮތް ހުރިހާ ދުވަހު އެހުރިހާ ކަމެއް އެނގިހުރެ މާކިން ހެދީ ނޭނގޭ ކަމަށް." ޖަނާގެ ވާހަކަ ދިޔަ ހިސާބުން މާކިންއަށް އިތުރަށް ހިމޭނުން ނުހުރެވިގެން ދެފަރާތަށް ބޯ ހޫރާލައިފައި ފެށިއެވެ. "ޖާން އަހަރެން ހީކުރީ އެރޭގެ ހާދިސާ ހަނދާން ކުރަން ޖާން ބޭނުން ނުވާކަމަށް. އަހަރެން ހީކުރީ ޖާން އެއީ މިސްޓޭކެއް ކަމަށް ބަލާފައި ފުހެލަން ބޭނުންވި ރެއެއްކަމަށް." މާކިން އޭނާއަށް ޤަބޫލު ކުރެވުނު ގޮތް ޖަނާއަށް ބުނެދޭން މަސައްކަތް ކުރަމުން އެމޫނުގައި ދެއަތުން ހިފައިލިއެވެ. "އަހަރެން ހިތް އެދޭކަން ފައުޅު ކުރި ރޭ އެވާހަކަ ބުނީމަވެސް ތިހެންތަ ޤަބޫލު ކުރެވުނީ؟" ޖަނާ އެދެއަތް ނައްޓުވާލިއިރު ބުނެލި ޖުމްލައިން މާކިންއަށް އިސްޖަހައިލެވުނެވެ. މިއަދު އޭނާ ބުނާ އެއްވެސް އެއްޗަކުން ކުށްވެރި ނުވާނެ ގޮތެއް ނެތެވެ. ހަޤީޤަތް އެނގިހުރެ އޭނާ ޖަނާގެ ހިތް ކުދިކުދި ކޮށްލީއެވެ.
"އެހުރިހާ ކަމެއް އެނގިހުރެ މާކް އަހަރެންގެ ލޯއްބަށް ފުރަގަސްދިނީ ކިހާ ރަހުމް ކުޑަކޮށް. ހަނދާން އެބަހުރިތަ އެރޭ އަހަރެންނަށް ދިން ޖަވާބު. ބުނީ އަހަރެން ކޮންމެފަދަ ވާހަކައެއް ބުންޏަސް ޒަލަފްގެ އެކުވެރިކަމަށްވުރެ ކުރި ނުހޯދޭނެ ކަމަށް.ހިތަށް އަރާ ޒަލަފް ކީއްބާއޭ ކޮށްދިނީ؟" ޖަނާ ރުޅިގަދަވެގެން އަތް ކުށްކަވާލައިފައި ބަލައިލިގޮތުން މާކިންގެ ހިތުގައި ކޫރު އެޅުނެވެ. އެކަމަކު އޭނާ ކޮންމެހެން އަމިއްލަ ނަފްސް ދިފާޢު ކުރާކަށް މިފަހަރު ނޫޅެއެވެ.
މާކިން ރަޝާދު! ޔޫ އާ ޖަސްޓް އަންބިލީވެބްލް.އަހަރެން ހިތާމަކުރަން ފަސް އަހަރު ވަންދެން ތިކަހަލަ މީހަކަށްޓަކައި އަނިޔާވެރި ދުވަސްތަކެއް ތަހައްމަލް ކުރެވުނީތީ. އަދި އަހަރެން ޤަބޫލެއް ނުކުރަން ތިފަދަ މީހެއްގެ ލޯބީގައި އިތުރަށް ސަލާން ޖަހަން ޖެހޭ ވަރުގެ ދަށު ދަރަޖައަކަށް އަހަރެންގެ ނަފްސް އަދި ވެއްޓުނުކަމަށް. އައި ޑިޒާވް ބެޓަރ." ޖޯޝުން ފުރިގެންވީ އަޑަކުން ފަހު ބަސް އިއްވާފައި ޖަނާ ދާން އެނބުރިލުމުން މާކިންއަށް ހީވީ އޭނާގެ މޫނުމަތީގައި ޖަނާ މުށްކަވާފައި ޖެހިހެންނެވެ. މޫނުމަތިން ތަރި ބުރައިގެންދިޔަ ފަދަ އިހްސާސެއް ކުރެވިފައި ލޮލަށް ޖަމާވި ކަރުނައިން މަންޒަރު ފުސްވެގެން ދިޔައިރު ފެނުނީ ޖަނާ ދޮރު ހުޅުވާލައިފައި ނިކުމެގެން ދިޔަތަނެވެ.