ތަށިތަކެއް ދޮންނަން ޖަނާ ހުއްޓާ މެސެޖެއް އައިސްގެން ފޯނު ވައިބްރޭޓް ވި އަޑު އިވުނެވެ. މޭޒުމަތިން އެފޯނު ނަގަން ދާންވެގެން އަތް ފުހެލާފައި އެދިމާއަށް ގޮސް ހުއްޓުނެވެ. މާކިންގެ މެސެޖެއްކަން އެނގުމުން ހިތް އަވަސްވީ މިހެންނަކުން ނޫނެވެ. ހުޅުވާލިއިރު މާކިން ލިޔެލާފައި އޮތީ"މިގޮތް ހިޔާރު ކުރަންޏާ މާފު ނުކުރާނީ ކާކު؟" މިހެންނެވެ. ޖަނާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާ ޖަވާބު ލިޔެލާފައި ފޮނުވައިލިއެވެ. "އައްދެ މިހާރު ލަންޗް ބޮކްސްވެސް ގެންނަން ފެށީތަ؟" ދޮރާއި ދިމާއިން މީހަކު ވާހަކަދެއްކި އަޑަށް މާކިންގެ ތުންފަތުގައިވާ ހިނިތުންވުން ވަންހަނާ ކޮށްލައިފައި ކުޑަކޮށް ކަރުކެހިލިއެވެ. "ކުއްޖަކު ފޮނުވި ހަދިޔާއެއް." ޝިވަމް އައިސް ކުރިމަތީ ހުރި ގޮނޑީގައި އިށީންނުމުން މާކިން އޮޅުންފިލުވައިދިނެވެ. "ޖަނާތަ؟" ޝިވަމް ކުއްލިއަކަށް އަހައިލުމުން މާކިން ދޮގު ނުހަދަންވެގެން ބޯ ޖަހާލިއެވެ. "ވާއު. ލަކީ ޔޫ. ދައްކަބަލަ މަވެސް އެތިކޮޅެއް ކާލާނަން." ޝިވަމް ހިނި އައިއްސައި ތަށްޓާއި ދިމާއަށް އަތް ގެންދަނިކޮށް މާކިން އެއަތުގައި ޖަހާ ދުރަށް ފޮނުވާލައިފައި ތަށި ގެންދިޔައީ ޝިވަމްއަށް އަތް ނުފޯރާނެހެން ދުރަށެވެ.

"ނުދޭނަން. މީ ޖާން އަހަންނަށް ފޮނުވާފަ ހުރި އެއްޗެހި." މާކިން ގަދަކޮށްލާފައި ޖަވާބުދިނެވެ. ޝިވަމްއަށް މަޖާވެގެން ހީގަނެފައި ދެފަރާތަށް ބޯ ހޫރާލުމަށްފަހު ދައްކަން ފެށީ ބަލިމީހެއްގެ ވާހަކައެވެ. އޭނާ އަތުގައި އޮތް ފައިލް ހުޅުވާލައިފައި މާކިންއަށް އެއިން ލިއުމެއް ދައްކައިގެން އިނދެ ހިޔާލު ހުރިގޮތް ބުނެދެމުން ދަނިކޮށް މާކިން ފޯނު ވައިބްރޭޓްވިއެވެ. އޭނާ ކިޔާލިއިރު ޖަނާ ރައްދު ދީފައި އޮތީ "އެންމެން ނުކުރާނެ މަޢާފެއް. ގައިމުވެސް އެފަދަ އެކަކު އުޅޭ. ނަމަކީ މާކިން ރަޝާދު." މިއެވެ. ކުލާސް ނަގައިދެމުން ދިޔަ މުދައްރިސަކަށް ސިއްރުން އުޅޭހެން މާކިން މެސެޖް ކިޔާލައިފައި ސިއްރުން ހީލުމަށްފަހު ސަމާލުކަން ދިނީ އަނެއްކާވެސް ޝިވަމްގެ ވާހަކައަށެވެ. އޭނާ ރައްދު ދިނީ އިރުކޮޅަކުން ޝިވަމް ނިކުމެގެން ދިޔައީމައެވެ. ޖަނާ އޭރު ތަށި ދޮވެ ނިމިގެން ނިކުންނަމުން ފޯނަށް ބަލައިލާފައި މެސެޖެއް ނެތުމުން ފޫހިވެފައި ހުރެގެން ބޭރަށް ނިކުތީއެވެ. ޖީބަށް ފޯނު ކޮށްޕައިލުމާއެކު އޭގެ ވައިބްރޭޓުން ހަށިގަނޑަށް ވީ މުޅިން އެހެން ގޮތެކެވެ. ފާޑަކަށް ފިނިވެ ހީބިހި ނަގާ ގޮތްވިއިރު ހިތް އެންމެ ބާރު މިނުގައި ތެޅިގަތެވެ.

"ކިހިނެތް އެނގެނީ އަހަރެން މަޢާފު ނުކުރާކަމެއް؟" މާކިންގެ މެސެޖްގައި އޮތެވެ. "ގައިމުވެސް އަހަރެންނަށް ދޭހަވާ ފަދަ ގޮތަކަށް ނެތް މަޢާފުކޮށްފީމޭ ބުނެފައެއް. ވެދާނެ ސިކުނޑީގައި ތެތް ކަމެއް ނެތީމަ އޮޅުންނުފިލީ ކަމަށް." ޖަނާ ދެވަނަ ފަހަރަށް ރައްދު ދިނެވެ. މިނިޓެއް ނުވެ މާކިން ޖަވާބު ފޮނުވާފައި އޮތީ "މަޢާފުކޮށްދިން." މިހެންނެވެ. ބޭނުންވި ޖަވާބު ލިބުނަސް ޖަނާ އެވަގުތު އެހާ އުފަލެއް ނުވިއެވެ. މާކިން އެހާ ފަސޭހައިން ދޫކޮށްލުމުން އޭނާ ދެން ވާހަކަ ކުރިއަށް ގެންދަން ކިޔާނެ އެއްޗެއް ނެތުމުން މާޔޫސްވާގޮތްވިއެވެ.

މާކިންއަށް ސަމާސަ ކުރަންވެސް އެނގޭކަން އޭނާއަށް މިއެނގުނީ މިއަދެވެ. އެކަމަކު އޭނާ ބޭނުންވާ ވަރަށް އެމިޒާޖުން ބޭނުން ނުހިފި އުޅެނިކޮށް މޫޑް ބަދަލުކޮށްލީއެވެ. މާކިން ދެނެގަންނަން، އޭނައާ އެކުވެރި ވާން ހަދާނެ ގޮތެއް ކުޑަކޮށްވެސް ވިސްނުމަކަށް ނާދެއެވެ. ހަފްތާއެއްވީއިރު ނާއިކްގެ ޚަބަރެއް ނުވެއެވެ. ސުކޫލްގައި ފަށަން ތައްޔާރުވި އިތުރު ހަރަކާތްތައް އެއީ އެހިޔާލުތަކުން ސިކުނޑި އެެއްފަރާތް ކުރުވަން ދީނާއަށް ފެނުނު އެންމެ މޮޅު ގޮތެވެ. އޭނާ ޑްރާމާއެއްގައި ނަން ހިމަނާފައި ލިބޭ އިތުރު ވަގުތުގައި ޕްރެކްޓިސްއަށް ދާން ފެށިއެވެ. އާ މޫނުތަކާއި ބައްދަލުވެ އެކުވެރިކަން ބަދަހި ވެގެން ދިޔައިރު މަޑުމަޑުން ނާއިކްގެ ހިޔާލު ހިތުން ފުހެވެމުން ދިޔައެވެ. އެގޮތުން ޕްރެކްޓިސް ނިންމާފައި ހަވީރު ސައިބޯން ދިޔަ ދުވަހެކެވެ. އެންމެން ވަދެ ހުސް މޭޒުތައް ފުރާލިއިރު ދީނާ ފަހަތުގައި ހުރުމުން އޭނާއަށް ޖެހުނީ ވަކިން ހުސް މޭޒެއްގެ ދޮށުގައި އިށީންނާށެވެ.

"އޯކޭތަ މިތާ އިށީނަސް؟" ދީނާ ގަޑި ބަލާލަން ފޯނަށް ނަޒަރު ހުއްޓައިލި ވަގުތު ދާދި ކައިރިން މީހަކު ވާހަކަދެއްކި އަޑު އިވުނެވެ. "ކުރިން ފެނުނަސް ރަސްމީކޮށް ބައްދަލެއް ނުވޭދޯ އަދި. އަހަންނަށް ކިޔަނީ އިމާން." ދީނާ ބޯ ޖަހައިލުމާއެކު އިމާން އިށީންދެފައި ވާހަކަދެއްކިއެވެ. "އަހަންނަށް އިނގޭ." ދީނާ ރައްދު ދިން ގޮތުން އޭނާ ހީލިއެވެ. އިމާން ތަފާތު ކުލާހެއްގައި ކިޔެވިއަސް ސުކޫލް ތެރެއިން މަދު މަދުން ފެނެއެވެ. އަދި ފާއިތުވި ހަފްތާގައި ދެމީހުން އެއް ޑްރާމާއެއްގައި ބައިވެރިވެގެން އެންމެ ގާތުން މަސައްކަތް ކޮށްފައިވާތީ އަބަދު ބައްދަލުވެ ފެނިދެނިވިއަސް މި ނޫނީ އަދި އެގޮތަށް ވާހަކައެއް ނުދައްކައެވެ. އިމާން ރީތިވެ ހުރިހާ އަންހެން ކުދިންގެ އަމާޒަކަށް ވެފައިވާތީ އޭނާ އެކުން އަޅައިވެސް ނުލަނީއެވެ. އެކަހަލަ މީހަކާ ވާހަކަ ދައްކަންޏާ އެހެން އަންހެން ކުދިންގެ އުދަނގޫ ބޮޑުވާނެއެވެ.

"ވަރަށް ވޭތަ އެކްޓް ކުރާ ހިތް؟" އޯޑަރ ކުރި އެއްޗެހި ގެނައުމުން ދީނާ ހޮޓް ޗޮކްލެޓް ތަށިން އެތިފޮދެއް ބޯލިތަނާ އިމާން އެހިއެވެ. އޭނާ އެމޫނަށް ނަޒަރު ހުއްޓައިލީ ތިވާހަކަ ދައްކަނީ އަހަންނާހޭ އަހައިލާފަދަ ގޮތަކަށެވެ. "މަސައްކަތް ފުރިހަމަވީމަ މިހެން މިބުނީ. އަސްލު އެހެން ކުދިންނާ ބަލާފަ ވަރަށް ރިއަލް ދީނާގެ އެކްޓިން." އިމާން އިތުރު ތަފްޞީލު ދިނެވެ. "ކުރާ ކަމެއް ވީ އެންމެ ރަނގަޅަށް ކުރަންވާނެއެއްނު." ދީނާ ޖަވާބުދިނެވެ. އިމާން އެވަގުތު އެއްމިޔަކަނުން ހީލިގޮތް ދެކިފައި ހިތާއި ހިތުން ތައުރީފްކޮށްލެވުނެވެ. އަބަދު ސީރިއަސްކޮށް ހުންނަ މީހުންގެ ހިނިތުންވުން އެހާ ރީތީ އެމީހުންގެ ހިނިތުންވުން ފެންނަލެއް މަދުވީމަ ހެއްޔެވެ؟ ދީނާ އަމިއްލަ ހިޔާލުގައި ގެއްލިފައި އިންދާ އިމާން ތެދުވެގެން ދިޔައީ މޭޒުމަތީ އޮތް ފޯނު ހަނދާން ނައްތާލައިފައެވެ. ދީނާއަށް ފެނުނުއިރު ދޮރުން ނިކުމެއްޖެއެވެ. އޭނާ އެހެން ކުދިންނަށްވެސް ފަރުވާލެއް ނުބަހައްޓާ އެފޯނު ރައްދު ކުރެވޭތޯ އަވަހަށް ދުވެފައި މަގުމައްޗަށް ނިކުތްއިރު މަގު ހުރަސްކޮށްފައި މާދުރަށް ހިނގައްޖެއެވެ. ދީނާ ނިންމީ ދެން ބައްދަލުވާއިރުން އެފޯނު ރައްދު ކުރާށެވެ. އެރޭ ފިލާވަޅު ހަދަން އިންދާ އިމާންގެ ފޯނު ރިންގް ވާ އަޑަށް އޭނާ ބަލާލިއިރު "ސިސް" ޖަހާފައި ސޭވްކޮށްފައި އިން ނަންބަރަކުން ގުޅަނީއެވެ. ނަގަންވީ ކަމެއް އަޅައިނުލައި ބާއްވަން ވީ ކަމެއް ނޭނގިފައި އިންދާ ކެނޑިފައި އަނެއްކާ ރިންގް ވާން ފެށިއެވެ. މިފަހަރު ދީނާ ނިންމީ ނަގާށެވެ. ފަހަރުގައި އެގުޅަނީ އިމާން ކަމަށްވެސް ވެދާނެއެވެ. "ހަލޯ." ދީނާ ފޯނު ނެގިއެވެ.

"ދީނާތަ؟ މީ އިމާން އިނގޭ." އެކޮޅުން އިމާންގެ އަޑު އިވިގެން ދިޔައެވެ. "ކިހިނެތް އެނގުނީ އަހަރެން ކަމެއް؟" ދީނާ އޮޅުންފިލުވަން ބޭނުންވިއެވެ. ޖަވާބު އަހަން ޝައުޤުވެރިވެފައި އޭނާ ގޮނޑީގައި ރީތިކޮށް ލެނގިލިއެވެ."ތި އަޑު ދެން ނޭނގިއެއް ނުހުންނާނެއެއްނު." އިމާންގެ ޖަވާބުގައި ފުން މާނައެއް އެކުލެވިގެން ދިޔައެވެ. އެއީ ކީއްވެހޭ އެހުމުން އިމާން ނުބުންޏެވެ. އޭނާ މައުޟޫ ބަދަލު ކުރީ ފޯނު ބަލައި އަންނަން އެޑްރެސް ބުނެދޭން އެދިފައެވެ.

ދީނާ އިމާންއަށް ޖަވާބު ދީފައި ފޯނު މޭޒުމަތީ ބާއްވަން އުޅެނިކޮށް ހިޔާލު ބަދަލުވިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ކުރަން މިއުޅޭ ކަންތަކާމެދު އަދި އެއްފަހަރު ވިސްނާލެވުނެވެ. ހިތް އެންގީ ކުރިއަށް ދިއުމަށެވެ. ނަސީބަކުން ހުރީ ކޯޑުވެސް ނުޖަހައެވެ. ދީނާ ފޯނު ހުޅުވާފައި ޝައުޤުވެރިވީ ގެލެރީއަށެވެ. އޭނާ ގެލެރީ ހުޅުވިއިރު އިންސްޓަގްރާމް ބައިގައި ވަރަށް ހިތްގައިމު ފޮޓޯތައް ފެންނަން ހުއްޓެވެ. އިމާންގެ ކިބައިގައި އެކަމަށް ހުނަރު ހުރިކަން ދޭހަވެއެވެ. ހިތާއި ހިތުން ތައުރީފް ކުރަމުން ކުރިއަށް ދަނިކޮށް އަތަށް ހުއްޓުން އެރިއެވެ. ދެފަރާތަށް ބޯ ހޫރާލީ އެއީ ކުރެވުނު ވަހުމެއް ނޫންކަން ޔަޤީން ކުރާށެވެ އެހެނަސް މަންޒަރު ބަދަލެއް ނުވިއެވެ. އިމާންގެ ފޯނުގައި އެހުރީ އޭނާގެ ފޮޓޯއެކެވެ. އަދި އެވެސް ކުލާސް ތެރޭ އިންދާ ނަގާފައި އިން ގަނޑެކެވެ. ބޮޑަށް ވައްތަރީ ދޮރު ކައިރީ ނަގާފައި ހުރި ގަނޑަކާއެވެ.

"ދީނާ ހޯދަން ކުއްޖަކު އައިސް އެބަހުރި." ފޮޓޯގަނޑަށް ބަަލަން އިންދާ ޖަނާ އައިސް ދޮރު ހުޅުވާލައިފައި އަންގާލިއެވެ. ދީނާ ބޯ ޖަހާލައިފައި ތެދުވެ ތަންކޮޅަކަށް ގޮއްސައި ދޮންތަ ފުރަގަސްދިނުމުން ލޯގަނޑަށް ކަޅިއެއް އެއްލާފައި އަތުން އިސްތަށިގަނޑުގައި ފުނާ އަޅައި ހެދުން ރީތިކޮށްލިއެވެ. އިމާން ކުރިމައްޗަށް ނިކުންނައިރު ރީތިކޮށް ހުންނަން ކުއްލިއަކަށް ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. އޭނާ ނިކުތުމުން ޖަނާ ސޯފާގައި އިނދެފައި ދޮރާއި ދިމާއަށް އިޝާރާތް ކޮށްލުމަށްފަހު އެދިމާއަށް ދިޔައިރު ނިކަން ފަރުވާވެ ބަލައިލިކަން ފާހަގަވިއެވެ. "ހޭއި!" އިމާން ފެނުމުން ދީނާގެ މޫނުން އުފާވެރިކަން ފައުޅުވިއެވެ. ސުކޫލް ތެރެއިން އަބަދު ޔުނީފޯމުގައި އަދި ޕްރެކްޓިސް ގަޑީގައި އެކްޓިވިޓީ ހެދުމުގައި ހުރެފައި މިރޭ ފުރަތަމަ ފަހަރަށް އާދައިގެ ހެދުމުގައި ފެނުމުން ވަކިން ރީތިހެން ހީވިއެވެ. އަތްދިގު ކަޅު ޓީޝާޓާއި ޖިންސްގައި އިތުރަށް ދިގުހެން ހީވެފައި ސްމާޓްކަމަށް ދައްކައެވެ.

"ތޭންކްސް." ދީނާ ފޯނު ދިއްކޮށްލުމުން އިމާން އޭގައި ހިފާފައި ބުނެލިއެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނޭނގިގެން އިސްއޮބާލިއިރު ދީނާގެ މޫނަށް ރަތްކުލަ ވެރިވަމުން އައެވެ. އޭނާ މަރުހަބާ ކިޔާފައި ދޮރާއި ދިމާއަށް އެނބުރިގަތް ވަގުތު އިމާން "ގުޑްނައިޓް" އޭ ބުނެލި އަޑަށް މަޑުޖެހިލެވުނެވެ. ދީނާ އެނބުރި ބަލާލައިފައި ރައްދު ދިނުމުން އިމާން ހިނިތުންވެފައި ނިކުމެގެން ދިޔައެވެ.

"ކާކު އެއީ؟" ދީނާ އެނބުރި އައިސް ސޯފާގައި އިށީނުމުން ޖަނާ ސުވާލު ކުރިއެވެ. ކާކުކަން ބުނެދެމުން ކަން ވީ ގޮތް ކިޔައިދިނުމުން ޖަނާ އިތުރު ސުވާލެއް ނުކޮށް ބޯ ޖަހައިލިއެވެ. އޭނާ ދެން ތެދުވެ ގަޑިއަށް ނަަޒަރެއް ދީފައި މިސްރާބު ޖެހީ ޝިވަމް ކައިރިއަށް އިތުރު ސެޝަންއަކަށް ދާށެވެ. ޝިވަމްއަށް ފާހަގަވީ ޖަނާ އެހެން ރޭތަކާއި ޚިލާފަށް ހިމޭންވެފައި އިން ކަމެވެ. އޭނާ އައިސް ކުރިމަތީ އިނދެވެސް މިރޭ ވާހަކަދައްކާކަށް ނުފެށްޓިއެވެ. އޭނާ ޖަނާގެ ސަމާލުކަން ހޯދަން ރޭގެ މޫސުމާއި އާއިލާގެ ވާހަކަތައް އަހައިގެން އެވާހަކަތަކަށް ރައްދު ދީފައިވެސް ނުނިމިއޮތް ވާހަކަ ކުރިއަށް ގެންދަން ބުނުމުން ތައްބައްދައިފިއެވެ.

"ޖަނާ ކޮފީ ބޭނުންތަ؟ އަހަރެން މިއިނީ ވަރަށް ކޮފީ ބޯ ހިތްވެފަ." ޝިވަމް އަތުގައި އޮތް ނޯޓް ފޮތް މޭޒުމަތީ ބާއްވާފައި ތެދުވިއެވެ. ޖަނާ އެވަގުތު އިސްއުފުލާލައިފައި ބޯ ޖަހާލުމުން އޭނާ ގޮސް ކޮފީ މޭކަރު ކައިރިއަށް ޖެހިލިތަނާ ތެދުވެގެން ގޮސް ހުއްޓުނީ ކުޑަދޮރު ކައިރިއަށެވެ. ފޮތިގަނޑު ކަހާލުމުން ދުރުން އިމާރާތްތަކުގެ އައްޔާއި މަތިން ކަޅުއަނދިރީގައި ފިޔަ ޖަހަޖަހާ ހުރި ތަރިތައް އޭނާގެ ސަމާލުކަމާއި ގުޅުނެވެ. ބަލަ ބަލާ ހުއްޓާ ސިކުންތުކޮޅެއްގެ ތެރޭގައި ކަންފަތުގައި ހަރުލީ މާކިންގެ އަޑެވެ. އިސާހިތަކު ހިޔާލުތައްވެސް އެރެއާ ދިމާއަށް ގެންދިޔައެވެ.

"ޖަނާ! ޖަނާ ހުއްޓިބަލަ! ޖަނާ....!" ޒަލަފްގެ މުޑުދާރު އަމަލު ލޮލުން ދެކެފައި ޖަނާ އެނބުރި އައިކޮޅަށް ހިނގައިގަނެގެން ބާރު ބާރަށް ދިޔައިރު މާކިން އޭނާއަށް ގޮވަމުން އައީ ފަސް ފަހަތުންނެވެ. އެކަމަކު ޖަނާ އެއަޑު އިވޭކަމަށް ނުހަދައި ބެލީ ކުރިއަށް ދެވޭތޯއެވެ. ވަކި މިސްރާބެއް ނެތިވެސް ގަސްތަކީ ދެވޭ އެންމެ ދުރަކަށް ދިއުމެވެ. "ޖަނާ ޕްލީޒް އަހަރެން މިދައްކާ ވަހކ...." މާކިން ފަހަތުން އައިސް އަތުގައި ހިފާފައި ބުނަން ފެށި ވާހަކަ ނުނިމެނީސް ޖަނާ ކުއްލިއަކަށް އެނބުރިފައި އަތް ފޮޅުވާލި ގޮތުން ކުރިއަށް ނުގެންދެވި މެދުކެނޑުނީއެވެ.

"އަތް ނުލާ ހުރޭ!" ކަރުނައާއި ރުޅިވެރިކަން ފައުޅުވޭވޭ ހުރި ލޮލުން ބަލައިލުމުން މާކިންއަށް އިސްޖެހުނެވެ. ޒަލަފްއާ އެއްވަރަށް މިއަދު އޭނާވެސް ކުށްވެރިއެވެ. ނުބުންޏެއް ކަމަކު ޖަނާގެ ލޮލުންވެސް ފައުޅުވީ އެއްޗަކީ އެއީކަން މާކިންއަށް ވިސްނުނެވެ. "އަހަރެން ހީކުރީ މާކިން އަހަރެންނަށް ދައްކާ ރުޅިއަކީ މާކިންގެ ތަފާތު މިޒާޖު ކަމަށް. ޒަލަފް އެގޮތަށް ވިސްނަދޭތީ އެގޮތަށް ޤަބޫލުކުރަން އަބަދުވެސް މަސައްކަތް ކުރީ. އެކަމަކު މިހާރު އެނގިއްޖެ އެއީ އަހަރެންނަށް ކުރާ ނަފްރަތުކަން. އެހެންނޫންނަމަ މިހާ ދުވަހު ޒަލަފްގެ އެންމެ ކައިރީގައި އޭނާ ކުރާ ހުރިހާ ކަމެއް ދެނެ ހުރެ ސިއްރުކޮށް ނުހުންނާނެ."

މާކިން އެހުރި ގޮތަށް ހުއްޓާ ޖަނާ އަލުން ހިނގައިގަނެގެން ތަންކޮޅަކަށް ގޮސް އަނެއްކާ ހުއްޓިފައި އިއްވައިލިއެވެ. އޭނާ މިފަހަރު އެމޫނަށް ބަލައިލާކަށްވެސް ބޭނުމެއް ނުވިއެވެ. ކޮޅަށް ހުރެވުނުހާ ހިނދަކު ހުއްޓި ނުހުންނާނަމޭ ބުނާ މީހަކު ފަދައިން ބާރު ބާރަށް ގޮސް ލޯމަތިން ގެއްލުނީއެވެ.

"ޖަނާ!" ޝިވަމް ކޮފީ ތަށި ހިފައިގެން އައިސް ގޮވައިލި އަޑަށް ޖަނާ ސިހިފައި ބަލައިލިއެވެ. "ކޯއްޗެއް ތި ވިސްނަނީ؟" ޝިވަމް ހުރީ ނިކަން ހިތްހެޔޮ ކަމާއެކު ހިނިތުންވެލައިގެންނެވެ. އޭނާ ކޮފީތަށި ދިއްކޮށްލުމުން ޖަނާ އޭގައި ހިފަން އުޅެފައި އަތް ތިރިކޮށްލުމުން ޝިވަމްއަށް ބުމަ އުފުލާލެވުނެވެ.

"އަހަންނަކަށް ނުވާނެ." ޖަނާ ކުއްލިއަކަށް ދެފަރާތަށް ބޯ ހޫރާލައިފައި ދޮރާއި ދިމާއަށް ދާން އުޅުމުން ޝިވަމް އެއަތުގައި ހިފެހެއްޓިއެވެ. "ކުޑަ ހިތްވަރެއް ހަމަ. އެނގެއެއްނު ތިވާހަކަތައް ހިތުގައި ފޮރުވައިގެން ހުރިހާ ހިނދަކު އެއިން މިނިވަންކަމެއް ނެތްކަން. ޖަނާ އަމިއްލައަށްވެސް ޤަބޫލު ކުރަމެއްނު އެކަން. އަދި އަހަރެން މިހުރީ ހުރިހާ ގޮތަކުން ޖަނާއަށް އެހީވެދޭން ތައްޔާރަށް." ޝިވަމް އެކުވެރިއެއްހެން ވާހަކަދައްކަމުން މުށުތެރޭ އޮތް ޖަނާގެ އަތްތިލައަށް ކުޑަކޮށް ފިތައިލިއެވެ. އިސްޖަހައިގެން އެވާހަކަ އަހަން ހުރެފައި ޖަނާ އިސްއުފުލައިލިއިރު އެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އޭނާ ބަސް ޤަބޫލު ކުރާ ކުޑަ ކުއްޖަކު ފަދައިން މަޑުމަޑުން ބޯ ޖަހާލައިފައި ޝިވަމްއާއެކު ގޮސް އަނެއްފަރާތުގައި ހުރި ސޯފާގައި އިށީންދެއްޖެއެވެ. ޝިވަމް ކޮފީ ތަށި ދިއްކޮށްލުމުން އެއިން ކޯވަރެއް ބޯލާފައި ވާހަކަދައްކަން ފެށިއިރު އިނީ އިސް އޮބާލައިގެންނެވެ.

*****

އެކަނިތަ ތިދަނީ؟" ސީޓުގައި ލޯމެރިފައި އިންނަތާ އިރުގަނޑެއް ފަހުން ކައިރިން ފިރިހެނަކު ވާހަކަ ދެއްކިއަޑަށް ޖަނާ ވިސްނައިލިއިރު އެއީ ޖެހިގެން އިން ސީޓުގައި އިން ޒުވާނާއެވެ. ޖަނާ ފްލައިޓަށް އެރިއިރުވެސް އެމީހަކު އިނީ މެގަޒިންއަކުން މޫނު ފޮރުވާލައިގެން އެ ކިޔާށެވެ. އޭނާ މާބޮޑު އަޅައިލުމެއްނެތި ލޯގަނޑާއި ދިމާއަށް މޫނު އަނބުރާލައިގެން އިނދެގެން އެއަރހޮސްޓެސް ގެނެސްދިން ކާއެއްޗެއްސަށްވެސް ކުރީ އިންކާރެވެ. ޖަނާ އެދިމާއަށް މޫނު އަނބުރާލި ވަގުތު ޒުވާނާ މެގަޒިން ތިރިކޮށްލުމުން އެސޫރަ ދެކެފައި ސިހުނެވެ. ޒުވާނާގެ ރީތިކަމަށް ހިތާއި ހިތުން ތައުރީފް ކޮށްލާފައި އެކަން ފާހަގަވި އެއީ ފުރަތަމަ ކުއްޖާ ނޫންކަން ވިސްނުނެވެ. އޭނާ ބަލައިލިއިރު އެހިސާބުގައި ތިބި ކޮންމެ ކުއްޖެއްގެ ނަޒަރު ހުރީ އެރީތި ޒުވާނާއަށެވެ. ނުވިތާކަށް އެއަރހޮސްޓެސްއިންތައްވެސް އޭނާ ފެންނަ ހިސާބުގައި ތިބެގެން ސިއްރު ކިޔާފައި ތުއި ދެއްކޭތޯ ބަލައެވެ.

"އެކަނި." ޖަނާ ކުރު ޖަވާބެއް ދީފައި އަނެއްކާވެސް ނަޒަރު ހުއްޓައިލީ ބިއްލޫރިގަނޑުން ފެންނަމުން ދިޔަ މަންޒަރަށެވެ. އިތުރު ވާހަކައެއް ނުދެކެވި ފްލައިޓް ޖައްސާންދެން ތިބެފައި ދެމީހުން ވަކިވެގެން ދިޔައީ އަމިއްލަ ތައާރަފްވެސް ދިނުމަކާ ނުލައެވެ. ދޮންބައްޕަގެ ފިރިހެން ދަރިފުޅާއެކު އެއް އެޕާޓްމެންޓެއް ހިއްސާ ކުރަން ޖެހުމުން ޖެހިލުން ވި ނަމަވެސް ޖަނާ ކެތްކުރިއެވެ. އެގޮތުންވެސް އޭނާގެ އެންމެ ބޮޑު އެދުން ފުދެންޏާ ނިމުނީއެވެ. ފަހަތަށް ދޫކޮށްފައި އައި މީހުންނާއި އެމީހުންގެ ހަނދާންތަކާއިވެސް އެންމެ ދުރަށް އާދެވިގެން ނޫނީ ދިރިއުޅުމުގައި އިތުރަށް ކުރިއަށް ދިއުމެއް ނެތެވެ.

ޗުއްޓީ ދުވަސްވަރާއި ދިމާވެފައި އޮތުމުން ޖަނާ ގިނަ ވަގުތު ހޭދަ ކުރީ އެކަނިމާއެކަނި ގޭގައެވެ. އޭނާ ފޫހި ފިލުވަން ވާހަކަ ކިއުމާއި ޓީވީ ބެލުން ފަދަ މުނި ފޫހިފިލުވުމުގެ ހަރަކާތްތަކުގައި މުޅި ދުވަސް ހޭދަކޮށްލައެވެ. ފަހުން އެކަންކަން މަތިން ފޫހިވެ މަގުގެ އަނެއްފަރާތުގައި ހުރި އިމާރާތުގައި ހިންގާ ކައްކާ ކުލާހަކަށް ދެވުނީ ނާއިކްއާ ދިމާވާން ކަމަށް ވެދާނެއެވެ. އެތާގައި ދިވެހި ކާނާ ކައްކަން ދަސްކޮށްދޭން އުޅޭ އަންހެން މީހާ ވީ ނާއިކްގެ މަންމައަށެވެ.

ދެވަނަ ފަހަރަށް ނާއިކް ބައްދަލުވީ އެގޮތުން އޭނާ ކުލާސް ނިންމާފައި ނިކުންނަން އުޅުނު ވަގުތެއްގައެވެ. ނާއިކް އައީ ނިމޭ ގަޑިއަށް ޒުމްރާ ބަލައެވެ. ހަވީރުގެ ވަގުތު މާހައުލު އޮތީ ފުދޭވަރަކަށް ފިނިކޮށެވެ. ޖަނާ އެންމެ ފަހުން ކުލާހުން ނިކުތް ކުއްޖާ ކޯޓު މަހާލައިފައި ޒިބު އަޅުވަމުން އިސްޖަހައިގެން ސިޑިން ފޭބިއިރު އިމާރާތް ކައިރިއަށް ކާރެއް މަޑުކޮށްލަނީއެވެ. ކަޅުކުލައިގެ އެސްޔޫވީއިން ނިކުތް ޒުވާނާ ހުރީ ކަޅު ޖިންސާއި ހުދު ގަމީސް މަތިން ކޯޓުގެ ގޮށް އަޅުވާލައިފައެވެ. ކަރުގައި ކަޅު ޓައީއެކެވެ. އޭނާ ދޮރުފަތުގައި ލެނގިލައިގެން ފޯނާއި ކުޅެން ހުރިއިރު ޖަނާ އެހެން ދަމުން ކުޑަކޮށް ބަލާލައިފައި ފަސްދިންތަނާ އެމީހަކު އިސްއުފުލާލައިފައި އޭނާ ފާހަގަވެގެން އޭތް އޭ ގޮވާލުމުން ހުއްޓިފައި ބަލާލެވުނެވެ. ހަތަރުކަޅި ހަމަވުމުން ޖަނާއަށް ފާހަގަވިއެވެ. އެއީ އޭނާ އައި ރޭ ފްލައިޓުތެރެއިން ދިމާވި ޒުވާނާއެވެ.

"މިތަނުން ތިނިކުތީ ކީއްކޮށްފަ؟ ކައްކާ ކުލާހުގައިތަ އުޅެނީ؟" ޖަނާއަށްވުރެ ކުރިން ނާއިކް ހިނިތުންވެފައި ވާހަކަދެއްކިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާއަށް ސުވާލު ކޮށްލެވުނީ ކައްކާ ކުލާހެއް އޮންނަކަން އެނގުނު ގޮތަކަމާދުގައެވެ. "މީ އަހަރެންގެ މަންމަ." ޒުމްރާ ދޮރު ހުޅުވާލައިފައި ނިކުތް އަޑަށް އެދިމާއަށް ބަލާލައިފައި ނާއިކް އޮޅުންފިިލުވައިދިނެވެ. ޒުމްރާ އައިސް ހަމަވެފައި އެމީހުން އެކަކު އަނެކަކު ދަންނަނީ ކިހިނެތްތޯ އެހުމުން ނާއިކް ޖަވާބުދޭން ހުރެގެން މަންމަ އަރަން ދޮޮރުފަތް ހުޅުވާލަދިން ގޮތް ޖަނާއަށް ކަމުދިޔައެވެ. ފިރިހެންދަރިއަކު އެހާ ލޯބިން މަންމައާމެދު ކަންތައް ކުރާތަން ފެނުމުން ގަޔާ ވެވިފައި ހުރެގެން ހިނިތުންވެވުނެވެ. ޒުމްރާ އެތެރެއަށް ވަނުމުގެ ކުރިން އެގެއަށް ކާން ދާން ދައުވަތު ދިނެވެ.

"ސޯ. އެހެންވީމަ ވީއެއްނު ރެޑީވެގެން ހުންނާތި. އަހަރެން އަންނާނަން ބަލާ. އަދި އެކަމަކު ނުބުނެވޭ ދޯ ނަމެއްވެސް. އަހަަންނަށް ކިޔަނީ ނާއިކް." ނާއިކް ކާރުގެ ދޮރުފަތް ލައްޕާއި އައިސް ޖަނާ ކުރިމަތީ ހުރެ ޖީބަށް އަތް ޖަހާލަމުން ވާހަކަދެއްކިއެވެ.

"ޖަނާ." އަމިއްލަ ތައާރަފް ދީފައި ޖަނާ ބޯ ޖަހައިލީ ނާއިކްއާމެދު މާބޮޑު ޝައުޤުވެރިކަމެއް ހުރެގެނެއް ނޫނެވެ. އެކަމަކު އެކަނިވެރިކަން ދެކެ އޭނާ ފޫހިވެފައި ހުރިވަރުންނެވެ. ޒުމްރާ ކައިރިއަށް ގޮސް އެގޭގައި ވަގުތު ހޭދަކޮށްލަން ލިބުމުން ހިތަށް ހަމަޖެހުން ލިބިދާނެ ކަމަށް އުންމީދު ކުރެވުނީތިއެވެ. އެކަމަކު އެގެއަށް ގޮސް އާއިލާގެ މީހުންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި އައިސް އިތުރަށް އޭނާ އެކަމަށް ބޭނުންވިއެވެ. ފުރުސަތު ހުޅުވިގެން ދިޔައީ ނާއިކް ޒުމްރާގެ ފުށުން އޭނާގެ ނަންބަރު ހޯދައިގެން ގުޅަން ފެށީމައެވެ.

އެހިސާބުން ދެމީހުންގެ ގުޅުންވެސް ދިޔައީ ބަދަހި ވަމުންނެވެ. ނާއިކްގެ އެކުވެރިކަން އޭނާ މާޒީއާ ދުރަށް ދާން އެހީއަކަށް ވީ ފަދައިން އެއާއިލާ މީހުންގެ ގާތްކަން ލިބެން ފެށުމުން އަމިއްލަ އާއިލާ ނެތްކަމުގެ ފަޅުކަން ފިލަން ފެށިއެވެ. ދެން އައީ އެންމެންގެ ތެރޭގައި ނާއިކް އޭނާ ސިއްސުވާލައި ލޯބި ހުށައެޅި ދުވަހެވެ. ގެއަށް އައިސް ޖަނާ ވަރަށް ވިސްނިއެވެ. އިރު އަރަންދެން ނުނިދައި އެކި ގޮތަށް ހިޔާލު ކުރިއެވެ. މުޅި އުމުރު ޒަލަފްއާއެކު އުޅުނުއިރު ޒަލަފްވެސް ހުށަނާޅާ ހުށައެޅުމެއް ނާއިކް އޭނާއަށް ހުށައެޅުމުން އެހިތުގެ ތެދުކަން އަމިއްލައަށްވެސް ޤަބޫލު ކުރެވުނެވެ.

އެހެންނޫނަސް މީހަކު ދަސްކުރާށޭ ކިޔާފައި އެކު އުޅުމަކީ މާނައެއް ހުރި ކަމެއް ނޫނެވެ. ކިތަންމެ ދުވަހަކު އުޅުނަސް އެމީހަކު ދެއްކި ކުލައެއް ނޫނީ ނުފެންނާނެއެވެ. އޭގެ ބަދަލުގައި ތިމާދެކެ ލޯބިވާމީހާކާއެކު ދިރިއުޅުން ފެށިއްޔާ މާޒީވެސް ހިރަފުހާއި އެކުވެގެން ހިނގައިދާނެއެވެ. ކިތަންމެ ކުއްލި ނިންމުމެއް ނަމަވެސް އެއީ ޖަނާއަށް ފެނުނު އެންމެ ރަނގަޅު ނިންމުމެވެ. އޭނާއަށް ނާއިކް ކަމުދިޔައެވެ. ނާއިކްގެ ހިތް ހެޔޮކަން އެކުއުޅެން ފުދެއެވެ. އެއާއިލާގެ މީހުންގެ ލޯބިން މުސްތަޤްބަލް ފާގަތި ވާނެ ކަމުގެ ޔަޤީންކަން އޮތެވެ. އިތުރަށް، މާޒީއާ ފިލަން އެއަށްވުރެ މޮޅު އެހެން ގޮތެއް އެވަގުތު ސިކުނޑިއަކުވެސް ނެތެވެ.

ކުލަގަދަ ކައިވެނީގެ ހަފްލާގައި ނާއިކްގެ އާއިލާއަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވިއެވެ. މުޅިން އާ ހަޔާތެއް ފަށާއިރު ޖަނާ ބޭނުންވީ އޭނާގެ މާޒީގެ ހިޔަނި ކުޑަކޮށްވެސް އެ ދިރިއުޅުމަށް ނޭޅުމަށެވެ. އެހެންވެ އޭނާ ކޮންމެހެން މަންމައަށްވެސް ހަފްލާގައި ބައިވެރިވާން އަންނަން ބާރެއް ނާޅައެވެ. ކައިވެނީގެ ވާހަކަ ބުނި އިރަށް މަންމަ ބުނެފައި އޮތީ ޒަލަފްގެ ވާހަަކައެވެ. އަނެއްކާ އެތަނަށް އައިސް ޒަލަފް ވާހަކަ ދައްކަނިކޮށް ނާއިކް ނޫނީ އެއާއިލާ މީހަކަށް އިވިދާނެއެވެ. "ކައިވެނިކޮށްގެން އަހަންނާ ނާއިކް ބަދަލުވީ އެހެން ގެއަކަށް. އެއީ ހަމަ އެރޭއިން އެރޭ. އަދި އެހިސާބުން ދެން ފެށިގެން އައީ މުޅިން ތަފާތު ވާހަކައެއް." ޖަނާ ވާހަކަ ކުރިއަށް ނުގެންދަންވެގެން މެދުކަނޑާލިއިރު އެލޮލުން ބިރުވެރިކަމުގެ އެތައް ކުލައެއް ޝިވަމްއަށް ފެނުނެވެ.

ކޮމެންޓް 0