ޝިވަމް ބުނިހެން ފަށަންވީ ހިސާބު ޖަނާއަށް ރަނގަޅަށް އެނގުނެވެ. އެއީ ޒަލަފް އާ އޭނާ އަލަށް ބައްދަލުވި ހިސާބުންނެވެ. ހުރިހާ ކަމެއްގެ ފެށުމަކީ އެއީއެވެ.
*****
ގުގުރީގެ އަޑަށް ސިއްސައިގެން ގޮސް ނިދިން ހޭލެވުނު އިރު އޮވެވުނީ ލިޔާމޭޒުގައި ބޯ އެޅި ގޮތަށެވެ. އެވަގުތު ކަންފަތުގައި ހަރުލީ ވެހެމުންދިޔަ ބޯ ވާރޭގެ އަޑެވެ. ޖަނާ ތެދުވަނިކޮށް ވިދުވަރުގެ އަލިން މުޅިތަން އަލިކޮށްލައިފައި އަދި ކުރިއަށްވުރެ ބާރަށް ގުގުރައިގަތެވެ. ބިރުން މޭގައި އަތް އަޅާފައި އޭނާއަށް އެނބުރި ބަލައިލެވުނީ އެނދުގައި އޮތް ދިނާއަށެވެ. ދީނާ ގުގުރީގެ އަޑަށް ފުރޮޅިލާފައިވެސް ނަސީބަކުން ހޭލާ ގޮތެއް ނުވިއެވެ. ޖެހިގެން ހުރި އެނދުގައި ދޮންބައްޕަގެ ދަރިފުޅު މައުވާ އޮތީ ގުގުރި ދަމާށެވެ. ކައިވެންޏަށް ދެދުވަސް ފަހުން ދޮންބައްޕަ އެކުޑަ އާއިލާ އަމިއްލަ ގެއަށް ބަދަލު ކުރީ ދެދުވަސް ކުރިންނެވެ. ދީނާ ކުޑަ ކަމުން ތަނެއް ދޮރެއް އޮޅުން ނުފިލިއަސް ޖަނާ ހުރީ މާޔޫސް ވާގޮތް ވެފައެވެ. ފުރަތަމަ ބައްދަލުވުމާއެކުވެސް މައުވާ ދުޝްމަނުކަން އިޢުލާން ކޮށްފިއެވެ. އަނެއްކޮޅުން މަންމަ ހުންްނަނީ ޞަމަދު ރުއްސުމަށްޓަކައި މައުވާ އެންމެންގެ ކުރިއަށް ނެރެފައެވެ. ކުޑަ ކުޑަ ކޮޓަރި ގަނޑެއްގައި ތިން އަންހެން ކުދިން އުޅެން ޖެހިފައި އޮތްއިރު މައުވާގެ އުދަނގޫ ފިސާރި ބޮޑުވާނެ ކަން އޭނާއަށް މިހާރުވެސް ލަފާ ކުރެވެއެވެ.

ޖަނާ ގަޑި ބަލަންވެގެން ގަޑި ހޯދާލިއިރު ލޮލުގައި އަޅައިގަތީ ކަލަންޑަރުގައި އޮތް ތާރީހެވެ. އެއަލިވިލެނީ އޭނާގެ ސަތާރަވަނަ އުފަންދުވަހަށްކަން އެނގުމުން އުފާވުމުގެ ބަދަލުގައި މާޔޫސްކަން އިތުރުވިއެވެ. އެއް ދުވަސްތަކެއް ދެކޭތާ ސަތާރަ އަހަރު ފުރުނީއެވެ. އެކަމަކު ބަދަލެއް ނުފެނުނެވެ. އަބަދުވެސް މަންމަ އާއި މަންމަގެ ދޮންދަރިންގެ އުފާތަކެވެ. އެކި ފަހަރު އެކި ގެއަށް ބަދަލުވުމާއި އެއްތާކަށް ހޭނިލާއިރަށް އަނެއްތާކަށް ދާން ހާލަތު މަޖުބޫރު ކުރުވުމެވެ.

ލޮލުގައި ނިދި ހުއްޓެއް ކަމަކު ޖަނާ ފާޚާނާއަށް ވަދެފައި ވުޟޫ ކޮށްލައިގެން ނިކުތެވެ. ބިންގަނޑު އަލި ނުވަނީސް ނަމާދު ކުރަން އޭނާ އިސްކަން ދެއެވެ. މައުވާ އޭރުވެސް ގަދަ ނިދީގައި ބާލީހުގައި ބައްދާލައިގެން އޮތް ގޮތުން މީން އިރަކު ތެދުވަން ހިޔާލު ކުރާ ހެނެއް ހިއެއް ނުވެއެވެ. ޖަނާ ވަގުތު ދުއްވާލަން ވެގެން ކިޔަން ގެންގުޅުނު ވާހަކަ ފޮތެއް ހޯދާލައިގެން އަނެއްކާވެސް އިށީންދެލީ ލިޔާމޭޒު ކައިރީގައެވެ. ފާހަގަކޮށްފައި އޮތް ތަން ހޯދާލައިގެން ކިޔަމުން ގޮސް ވަކި ހިސާބަކުން އައީ އުފަންދުވަހުގެ ޕާޓީއެކެވެ. ޖަނާއަށް އެބައި ކަމު ނުގޮސްގެން ފޮތް އަނބުރާ އޮތް ތަނުގައި ބާއްވާފައި ގޮސް ފޮތިގަނޑު ހިއްލާލިއިރު ދުނިޔެމަތި އަލިވާން ފަށައިފިއެވެ. އަދި އެންމެ ހައިރާންވީ ދާދި ދެންމެއަކު ބޯކޮށް ވާރޭ ވެހިފައި އެހާ އަވަހަށް ވާރޭ ހުއްޓައި އުޑުމަތި ސާފުވެފައި އޮތީމައެވެ. އެގޮތަށް އޭނާގެ ދިރިއުޅުމުން އަނދިރިކަން ފިލާނީ ކޮން ދުވަހަކުބާވައޭ ހިތަށް އެރިއެވެ. ދޮރު ހުޅުވާލައިފައި ބެލްކަންޏަށް ނިކުމެގެން ދިޔައިރު ހިތުގައި އަދިވެސް އޮތީ ކިއުނު ވާހަކައިގެ ބައިތަކެވެ. އުފަންދުވަހު ކޭކުގައި އިންނަ އުއްބައްތިތައް ފުމެލާއިރު ކަންކަމަށް ނިޔަތްގަނެ ކަންކަމަށް އެދުމަކީ ހުޅަނގުގެ އާދައެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު އެކަމާއި ގުޅިގެން ހިތުގައި އުފެދުނު ސުވާލަކީ، ތިމާ ހިތާއި ރޫޚުން ވަކި ކަމަަކަށް އެދި ދުޢާކޮށް އެކަމަކަށް އިންތިޒާރު ކުރަން ފަށައިފިނަމަ ހަމަ ހަޤީޤަތުގައިވެސް އެކަމެއް ހާޞިލް ވެދާނެ ހެއްޔެވެ؟ އެހެންވެއްޖެނަމަ އޭނާ އެދޭނީ ބަދަލަކަށެވެ. ހުމާ ބުނާހެން ކޮންމެވެސް އެއް ފިރިހެން ކުއްޖެއްެ ހުށައެޅުން ޤަބޫލު ކުރަނިކޮށްވެސް ދިރިއުޅުން އުފާވެރި ނުވާނެ ކަމެއް އެނގެނީ ކިހިނެތް ހެއްޔެވެ؟ އަބަދު އަންނަ ހުށައެޅުންތަކަށް ބަލާފައި އެތަނުން އެންމެ ކަމުދާހެން ހީވާ މީހަކު ނަގަނިކޮށް ފަހަރުގައި ފަހުން ލޯބިވެސް ވެވިދާނެއެވެ.

އަމިއްލަ ހިޔާލުތަކުގައި ހުއްޓާ މޫނުގައި އައިސް ބީހުނު ފިނި ވައިރޯޅިން ޖިސްމަށް އަރާމުވިއެވެ. އެފަން އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރިލައި ތުންފަތަށް ހިނިތުންވުމެއް ގެނުވައިފިއެވެ. ވެހުނު ވާރޭގެ އޯގާވެރިކަމުން ހިރަފުސް ދޮވެލައި ފެހިކަން ގަދަކޮށް ހުރި ގަސްތަކުގައި ފޮޅިފައިވާ ކުލަ ރީތި މާމެލާމެލިވެސް ވައިރޯޅިއާއެކު ހަރަކާތް ކުރީ ޖަނާގެ އެއުފަލުގައި ބައިވެރިވެލި ފަދަ ގޮތަކަށެވެ.

ހަގަޑި ސާޅީސް ފަހަކަށް ކުލާހަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތްއިރު މަންމަ ބަދިގޭގައި ހުރެފައި ކޮފީތަށި ބޮއިގެންދާން ހަނދާން ކޮށްދިނެވެ. ޖަނާ ވިސްނާލައިފައި ބުނެލީ އޭނާ މިއަދު ދާނީ ކޮފީ ނުބޮއި ކަމުގައެވެ. ނިކުންނަމުން އަމިއްލައަށް ހިނިތުންވެލީ ދުވަހުގެ އާ ބަދަލާމެދު ހިތްހަމަ ޖެހި ހުރެގެންނެވެ. މުޅި ހަޔާތުގައި އެއްޗެއް ނުބޮއި ސުކޫލަށް ދާން އެނިކުތީ އަލަށެވެ. ކުރެވުނީ ރަނގަޅު ކަމަކަށް ނުވިއަސް ޖަނާގެ މަޤްސަދަކަށް ވީ ބަދަލެކެވެ. ހިނިތުންވެ ހުރެ ގޭގެ ދޮރުން ނިކުތްހާއިރުން ޕޭމެންޓް މަތިން ހިނގާފައި އައި މީހެއްގެ ގައިގައި ލައިގެންފައި އަރިއަޅާލި ކުއްޖާ ތިރިއަށް ދިޔައީ ވެއްޓޭށެވެ. ތޫލި ހަޅޭކަކާއެކު ޖަނާއަށް ކުރެވުނުހާވެސް ކަމަކީ ދެލޯ މަރައި ތަގުޅިކޮށްލުމެވެ. އެވަގުތު އެމީހަކު އޭނާ ވެއްޓުނަ ނުދީ ސަލާމަތް ކުރިއިރު އުނަގަނޑުގައި ދެއަތުން ވަށާލައިފައި ކޮޅަށް ބެހެއްޓިކަން އިހްސާސްވިއެވެ. ދެވަނަ ސިކުންތުގައި އެމީހާ އޭނާގެ ހަށިގަނޑުން އަތް ވަކިކޮށްލިކަން އެނގިގެން ލޯ ހުޅުވާލިއިރު ފަސްދީފައި ދަނީއެވެ. ލައިގެން ހުރި ކަޅު ހޫޑީގެ ފުރަގަހަށް އެލިފައި އޮތް ބައިވެސް ބޮލުގައި އަޅުވާލައިފައި އޮތުމުން ސިފަ ވަކި ކުރަން ނޭނގުނަސް ދިގު އިސްކޮޅާއި ވަރުގަދަ ހަށިގަނޑު ފުރަގަހުންވެސް ފާހަގަވިއެވެ. ޖަނާ ޝުކުރު އަދާ ކުރުމާމެދު ވިސްނާލެވުނުއިރު އެމީހަކު ގޮސް ޖެހިގެން އޮތް ގޯޅި އަޅައިފިއެވެ. ހިނދު ހިނދު ޖަހަމުން ދިޔަ މޭގައި ފިރުމާލަން އަތް ނަގައިގެން ހުރެފައި އެއްލި ކަޅިއަކުން ހުސްކޮށް އޮތް އަތުގެ ކުޑަހުޅު ފެނުމުން މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ހަނދާން ހުންނަން ފެށީއްސުރެ އަތުގައި އަޅާފައި އޮންނަ ކެވެލިކޮޅެއް ނެތެވެ. ވަގުތުން ޖަނާ ހިތަށް އެރީ ދެންމެ އޭނާ ސަލާމަތް ކޮށްދީފައި ދިޔަ މީހާ މަތިންނެވެ. ރަނގަޅަށް ބަދަލު ހޯދިއްޖެ ނޫން ހެއްޔެވެ؟ ހަޔާތުގައި ފުރަތަމަ ފަހަރަށް ކަމަކަށް އެދިގެން ކުރިމަތިލުމުން ތަޤްދީރުވެސް އެދިނީ ކެއްސެވެ. ދެން އޭނާ ދުވަހަކު ކަމަކަށް އުންމީދެއް ނުކުރާނެއެވެ. ޖަނާ އަމިއްލަ ނަފްސަށް އަޑު ލައިގެންފައި ދާން ހިނގައިގަތެވެ.

"ޖާން ތިކިޔައިދިން ސިފަތަކަށް ބަލާފަ ތިމީހަކު ހާދަ ރީތިވާނެހެން ހީވެއޭ. އަޅެ ކީއްވެތަ މޫނު ދައްކާނުލައި ދިޔައީ؟" ހުސް ވަގުތު ކެންޓީނުގައި ސައިބޯން ތިބެފައި ހުމާ ކައިރީ ހުރިހާ ވާހަކައެއް ކިޔައިދިނުމުން ހުމާ ފުރަތަމަވެސް ބުނެލި އެއްޗަކީ އެއީއެވެ. "ވަގެއް އެއީ. މަގޭ ކެވެލިކޮޅު ޖަހައިގަނެގެން ވިއްޔަ އެދިޔައީ. ދެން ވިސްނާލާ ރީތިވާނެ ވަރު." އެކުވެރިޔާ ރައްދު ދިން ގޮތުން ހިތްހަމަ ނުޖެހި އިނދެފައި ޖަނާ ބުނެލިއެވެ. "ދެން އެކަމަކު ރުޅި ނާދޭ. ކިހިނެތް އެނގެނީ މިއަދު ކުރިއަށް ވާން ހުރި ކަންކަން؟ ފަހަރެއްގަ ހަމަ ޖާންގެ ފުރާނައިގެ ބައިވެރިޔާވެސް ފެނިދާނެ މިއަދު. އެމީހަކު ޖާންގެ ދިރިއުޅުން ބަދަލު ކޮށްލާއިރު އަހަރެން މަތިން ހަނދާން ކުރައްޗޭ!" ހުމާ ވާހަކަ ގުޅިފައި ހުރީ ސަމާސާއާ އެވެ. އޭނާ އަކީ އެކަހަލަ ކުއްޖެކެވެ. ކޮންމެވެސް މަޖާ މިސްރާބަކަށް ވާހަކަ ގެންގޮސްގެން ބަލާނީ ޖަނާ ހެއްވާލެވޭތޯއެވެ.

އިރުކޮޅެއް ނުވެ ތަނުގައި ކުއްލިއަކަށް އަޑުގަދަ ކޮށްލިކަން އިހްސާސްވެގެން ބަލައިލިއިރު ދޮރުން ވަދެގެން އަންނާތީ ފެނުނީ ކުރިމަތީ ހުންނަ ގޭ ބެލްކަނިން ރޭ ފެނުނު ޒުވާނެކެވެ. ދިގު އިސްކޮޅާއި ވަރުގަދަ ހަށިގަނޑެކެވެ. ފަން އިސްތަށިކޮޅަކާއި ކަޅު އެންމެ ކަޅު ދެލޮލެވެ. އައިބެއް ނެތް އަލިމޫނާއި އަންހެން ކުދިން ފިދާވާނެފަދަ ފުރިހަމަ ތުންފަތެކެވެ. އަތްދިގު ކަޅު ޓީޝާޓްގެ ދެއަތް ކުދި ރޫތަކާއެކު މައްޗަށް ޖައްސާލައިފައި އޮތްއިރު އެންމެ ރީތިވަރަށް ލޯލި ފަޅާފައި އޮތް މުލައްދަނޑިވެސް ފިރިހެންވަންތަކަން އިތުރު ކުރަނީއެވެ. ޖަނާ ހަނދާންވީ ކޮޓަރީގައި އެއްޗެހި ތަރުތީބު ކުރަން ހުރެފައި ބެލްކަންޏަށް ނިކުންނަން އުޅެނިކޮށް މައުވާ ގަދަކޮށްފައި އެގަޑީ ބޭރަށް ނުނިކުންނަން ބުނި ވާހަކައެވެ. ޖަނާ ފަހުން ބެލިއިރު މައުވާ ފޮތިގަނޑު ފުރަގަހުގައި ހުރެގެން ބެލީ ކުރިމަތީ ހުރި ބެލްކަނީ ހުރި ނިކަން ރީތި ޒުވާނަކަށެވެ.

ޖަނާމެން ބަލަން ތިއްބާ ޒަލަފް އައީ ސީދާ އެމީހުންނާއި ދިމާއަށެވެ. ހުމާ އޭނާގެ ކަންފަތް ދޮށުގައި ތަސްބީހައެއްހެން "ވާއު" ކިޔަން އިންދާ ޒަލަފް އެތަނުގައި އިށީނުމުގެ ހުއްދައަށް އަހައިލި ގޮތުން ޖަނާގެ ހިތަށްވެސް އެނގުންވިއެވެ. އޭނާއަށް ވާހަކަ ނުދެއްކިގެން ބޯ ޖަހައިލިއިރު އަތްފައި ފިނިވެއްޖެއެވެ. "ޖަނާ ދޯ ކިޔަނީ؟" ޒަލަފް ވާހަކަދެއްކިއިރު އެތޫނު ދެލޯ ހުރީ ޖަނާގެ ރަތްވަމުން އައި މޫނަށެވެ. ޖަނާ ދެވަނަ ފަހަަރަށްވެސް ބޯ ޖަހައިލުމުން އޭނާ ގާތަށް ހިނި އަންނަގޮތްވެގެން އިސްޖަހައިލި ގޮތްވެސް އެހާމެ ހިތްގައިމެވެ. ކޮންމެ އަދާއެއްގައި އެވަނީ ސިހުރެވެ. "އަހަންނަށް ކިޔަނީ ޒަލަފް. ޖަނާމެންގޭ ކުރިމައްޗަށް ހުންނަ ގޭގަ އުޅެނީ." ޒަލަފްގެ ވާހަކަ އަހާފައި އަސަރު ކުރީ ހުމާއަށެވެ. އޭނާ މޭޒު ދަށުން ޖަނާ އަތުގައި ވިކައިގެންފައި ސިއްރުން އިނދެގެން ޝަކުވާ ކުރީ އެހާ ރީތި ޒުވާނަކު ކުރިމަތީ އުޅޭ ވާހަކަ ނުބުނީމައެވެ.

"އަހަންނަށް ޖަނާ ފެނުނީ އިއްޔެ. އޭރުއްސުރެ ޖަނާގެ ކުރިމައްޗަށް ނައިސް ހަމަ ނިދި ނުލިބިގެން މިއުޅެނީ. އަހަރެންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މިހާ ބޮޑަށް އަންހެންކުއްޖަކު ކަމުދިޔަ މީ ފުރަތަމަ ފަހަރު. އަދި އެވެސް އެންމެ ފެނިލުމަކުން. އެހެންވެ އަހަރެން މިއައީ އަހަރެންގެ ހިތް ބުނިހެން ޖަނާއަށް ދައުވަތެއް ދޭން. ބައްދަލު ކުރަން. ކިހިނެތްވާނެ މާދަމާ ރޭ ކެއުން އަހަންނާއެކު ބޭއްވިއްޔާ؟" ޒަލަފް ހުރިހާ ވާހަކައެއް ދައްކާ ނިމުނުއިރު ޖަނާ ފަދައިން ހުމާވެސް އިނީ ފާޑަކަށް ގަބުވެފައެވެ. ޖަނާއަށް ހަމައެކަނި ކުރެވުނު ކަމަކީ ތަކުރާރުކޮށް ދެތިން ހަތަރު ފަހަރު އެސްފިޔަ ޖަހާލުމެވެ. "ތި ހިމޭންކަން އަހަރެން ބަލާނީ އާއެކޭ ކަމުގައި." ބަލަން އިނދެލާފައި ޒަލަފް ތެދުވިއިރު އެއްމިޔަކަނުން ހިނިތުންވެލާފައި ނިކުމެގެން ދިޔައެވެ. އެހުރިހާ އިރު ނޭވާ ހިފަހައްޓައިގެން އިނދެވުނު މީހަކުހެން ޖަނާ ފުން ނޭވައެއް ދޫކޮށްލުމާއެކު ހުމާ އިންތަނުން ތެދުވެގެން އައިސް އިށީންނީ ޒަލަފް އިން ގޮނޑީގައި ޖަނާ ކުރިމަތީގައެވެ.

" ހަނދާން އެބަހުރިތަ އަހަރެން މީގެ އިރުކޮޅެއް ކުރިން ބުނި ވާހަކަ. ޖަނާއަށް ޖަނާގެ ފުރާނައިގެ ބައިވެރިޔާ ފެނުނީ." ހުމާ ދެލޯ ބޮޑުކޮށްގެން އިނދެފައި ތަކުރާރުކޮށް އެޖުމްލަ ކިޔާލިއެވެ. 
*****

ފުރަތަމަ ސެޝަން ނިންމާފައި ޖަނާ ގެއަށް އައިސް ވަންނަން ދިމާކުރިއިރު އެހެންޏާ ނުފެންނަ ސައިކަލެއް އެތާ ކައިރީގައި ހުއްޓާ ފެނުނެވެ. ވިސްނާލަން ހުރެފައި އޭނާ ސިޑިން އަރައިގެން ގޮސް އެޕާޓްމެންޓް ދޮރު ހުޅުވާލައިފައި ވަނުމުން ކުރިމަތިން ފެނުނީ ހީނުކުރާ މަންޒަރެކެވެ. މާކިން އިނީ ދީނާ އާއި އަކްޔަންގެ ކައިރީގައި ސިޓިންރޫމް ސޯފާގައި ކާޓޫން ބަލާށެވެ. އެވަގުތު ޖަނާ ވަދެގެން އަންނަތަން ފެނިގެން މާކިން ބުރަކަށި ތެދުކޮށްލާފައި އިސްޖަހައިލި ގޮތް ޖަނާއަށް ފެނުނެވެ. 

"ދީނާ ކީއްވެ އަކްޔަން ނުނިންދަވާ ތި އިނީ؟" ޖަނާ ގޮސް އަކްޔަން ކޮޅަށް ނަގާފައި އުރާލަން އުޅުމުން އަކްޔަން ނުދާންވެގެން ގަދަ ހަދައިލިއެވެ. ދޮންތަ ހިތްހަމަ ނުޖެހުނުކަން އެނގިގެން ދީނާ ކަންބޮޑުވެފައި އެއްޗެއް ނުބުނެ ތުންފަތް ހަފަން ފެށިއެވެ. "ދޫނި މަންމި ބުނީމެއްނު ބަސްއަހާ ކުދިން އަވަހަށް ނިދަން ޖެހޭނެއޭ. މާދަން ބަންދު ދުވަހެއްވެސް ނޫނެއްނު." ޖަނާ އެވަރުންވެސް އަކްޔަން އެތާ ބައިންދަން ނުހަދާ އުރާލައިގެން ކޮޓަރިއާ ދިމާއަށް ދިޔައެވެ. އެކުއްޖާ ދަތް އުނގުޅުވައި ހެދުން ބަދަލު ކުރުވާ ހަދައިގެން ނިންދާފައި ތެދުވިއިރު ހުރީ ބައިގަޑިއިރަށްވުރެ ގިނައިރު ވެފައެވެ. މާކިން އަދިވެސް ބޭރުގައި އިންތޯ ބަލާ ހިތްވެގެން އޭނާ ސިއްރުން ބޯދިއްކޮށްލިއިރު ފެންނާކަށް ނެތެވެ. ޖަނާ ދީނާ ކައިރީ މާކިންގެ ވާހަކަ އަހަން ވެގެން ގޮސް ކޮޓަރި ހުޅުވާލިއިރު ކޮޓަރި އޮތީ ހުސްކޮށެވެ. ގެއިން ނުފެނިއްޖެއްޔާ ދީނާ ދެން ހުންނާނީ ބެލްކަނީގައިކަން ވިސްނިގެން ޖަނާ އެދިމާއަށް ގޮސް ނިކުތްއިރު ދުރުގައި ބެލްކަނީގައި ހުރި މީހަކު ލޮލުގައި އަޅައިގަތެވެ. ލައިގެން ހުރި ކަޅު ހޫޑީއާއެކު އަދި ބޯވެސް ނިވާކޮށް އޮތުމުން އޭގެ ހިޔަނިން ކާކު ކަމެއް ފާހަގަ ނުވެފައި ޖަނާ ބަލަން ހުއްޓެވެ. އިރުކޮޅެއް ނުވެ އެމީހާ ފަސްދީފައި ގޮސް އެތެރެއަށް ވަނުމުން ޖަނާ ބަލައިލީ ކޮއްކޮގެ މޫނަށެވެ. 

"ކާކު އެތާ ހުރެފަ އެވަނީ؟ ދީނާ ދަންނަންތަ އެމީހާ؟" ޖަނާ ހަމަ ސުވާލު ކުރާއިރަށް ދީނާ ނިތަށް ރޫ އަރުވާލައިފައި ކާކުހޭ ބުނެ ނޭނގޭ ކަމަށް ހަދާލައިފިއެވެ. ޖަނާވެސް އިތުރަށް ސުވާލެއް ނުކުރެއެވެ.

"މާކިން ދިޔައީތަ؟" ޖަނާ އެސުވާލު ކުރީ ހިމޭންކަމުގައި އިރުކޮޅެއް ވޭތުވި ފަހުންނެވެ. ދީނާ ހޫމ އަޅުވާލިއިރު ދޮންތަގެ މޫނަށް ފުންކޮށް ބަލައިލިއެވެ. "ބައްޕަ ފޮނުވައިގެން އަހަރެމެންގެ ހާލު ބަލައިލާށޯ އެއައީ. އަދި އެހި ހުރިހާ ކަމެއް ރަނގަޅު ހޭ. ދޮންތަ އެކަނި ނިދަން ނުކެރިގެނެއް ނޫޅޭހޭ." ދީނާ އިތުރަށް ކިޔައިދިނެވެ. ޖަނާ ބަލައިލީ އަޖައިބެއް ފެނިގެން ބަލައިލި މީހަކު ފަދައިންނެވެ. އެސުވާލުތައްވެސް އެއީ ފަޔާޒްބެގެ ފުށުން އައިސްގެން މާކިން ކުރި ސުވާލުތަކެއް ބާވައޭ ހިތަށް އެރިއެވެ.

ހެނދުނު ރެސްޓޯރެންޓަށް ގޮސް ވަނުމާއެކު ޒަލަފް ދިއްކޮށްލީ ހުދު އޯކިޑް މާބޮނޑިއެކެވެ. ފަސް އަހަރު ކުރިން ޒަލަފް އޭނާއަށް އަބަދުވެސް ދިނީ ރަތް ފިނިފެންމަލެވެ. އެއީ ޒަލަފްގެ ހޮވުމެވެ. މިއަދު ފުރަތަމަ ފަހަަރަށް އޭނާ ގަޔާވާފަދަ މަލެއް އެހިޔާރު ކުރީވެސް ވަގުތުގެ ތަފާތުކަން އަންގައިދޭން ކަމަށް ވެދާނެއެވެ. ފެންނަ ހިސާބުގައި މީހުން ތިބުމުން ދެކޮޅު ހަދަން ނުކެރިގެން ހިފިއެއް ކަމަކު ހަޤީޤަތުގައި ޖަނާގެ ހިތަށް އުފާވެރިކަން ލިބުނެވެ. އޯކިޑް މަލަކީ އަބަދުވެސް އޭނާ އެންމެ ލޯބިކުރާ ވައްތަރެވެ. ކުރިއެކޭ އެއްގޮތަށް މިއަދުވެސް އަންހެން ކުދިންގެ ހިތާއި ހަމައަށް ވާސިލް ވުމުގެ ހުނަރު ޒަލަފްގެ ކިބައިގައި އެބަ ހުއްޓެވެ.

ހުމާ ބޭނުންވި ފުރުސަތު ލިބުނީ ބްރޭކް ގަޑީގައެވެ. ދީނާ އަވަހަށް ގެއަށް އައިސް އަކްޔަން ގެންދިއުމުން ދެމީހުން ފިނި ޖޫސްތައްޓެއް ބޯލަން ތިބީ ދުރުގައި ވަކިން ހުރި މޭޒެއްގެ ދޮށުގައެވެ. ބަންދު ބޯޑު އަޅުވާފައި ހުރިއިރު ޒަލަފް ހުސް ތަށިތަކެއް ތަބަކަށް ލައިގެން ނިކަން މަޑުން ބަދިގެ ބަޔާއި ދިމާއަށް ދެއެވެ. "ޖާން އަހަރެން ކައިރީ ނުބުނަމެއްނު އެކްސް ހަޒް އަކީ ކޮންކަހަލަ މީހެއް ކަމެއް؟" ހުމާ ކުއްލިއަކަށް އަހައިލުމުން ޖަނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ތުނބުގައި އިން ހޮޅި ނައްޓާލިއިރު ދެލޯ ހުރީ ބޮޑުވެފައެވެ. ފުރަތަމަވެސް ބަލައިލެވުނީ ޒަލަފް ކޮބައިތޯއެވެ. "އަހަންނަށް ކީކޭ ކިއުނީ؟" ޖަނާ ކަންބޮޑުވެފައި އެހިއެވެ. ހުމާ ފަދައިން އޭނާވެސް އެހުންނަނީ އިސްވެ އެވާހަކަ އަހަން ނުކެރިފައެވެ. ޖަވާބުގައި ހުމާ އެދުވަހު އިވުނު އެއްޗެހި ކިޔާލިއިރު ޖަނާއަށް އިސްޖެހުނެވެ. ތުންފަތް ހަފަން ފެށިގޮތަށް ލޭ އޮހިގެންދާނެހެން ހީވިއިރުވެސް ރޭކާލިހެނެއް ހިއެއް ނުވެއެވެ.

"ޖާން އަހަންނަށް މާފު ކުރޭ. އަހަރެންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ. ޒަލަފް އެހިތަނާ އަހަންނަށް ބުނެވިއްޖެ ނާއިކްއެއީ އެކްސްއޭ." އެވާހަކަ ފެށުމުން ހުމާއަށް އިތުރަށް ސިއްރެއް ނުކުރެވުނެވެ. ދެރަވެގެން އިސްޖަހާލިއިރު އޭނާ ހީކުރީ މީ އަނެއްކާވެސް އެކުވެރި ކަމުގައި ނިމުމުގެ ސިއްކަ ޖެހޭނެ ދުވަސް ކަމުގައެވެ. އޭނާގެ ފުށުން ޖަނާއަށް ލިބިފައި ހުރީ މުޅިންވެސް ގެއްލުމާއި ހަލާކެވެ. "ދެން ތިވާހަކަ އެހެން މީހަކު ކައިރީ ނުބުނާތި!" ޖަނާގެ ޖަވާބަކީ އެއީއެވެ. ފެށުނު އެމައުޟޫ އަކުން މޫޑުވެސް ހަރާބުވެއްޖެއެވެ. ޖޫސްތަށި އެހުރި ވަރަށް ބަހައްޓާފައި އެހިފައިގެން އޭނާ އެތެރެއަށް ވަންނަން ދިޔައިރު ހުމާ އަދިވެސް ދެރަވެފައި ބަލަން އިނެވެ.

ޖަނާ ދޮރު ހުޅުވާލިއިރު ޒަލަފް ރެސިޕީއެއް ބަލައިގެން އެއްޗެއް ތައްޔާރު ކުރަން އުނދުން ކައިރީ އުޅޭ ގޮތް ފެނިފައި ބަލަން ހުރެވުނެވެ. އިރުކޮޅަކުން މީހެއްގެ ހިޔަނިވެގެން ބަލާލައިފައި ތިއައީހޭ އަހައިލީ ހިތްހަމަ ނުޖެހުނު ފަދަ ގޮތަކަށެވެ. "އަހަރެން ހިއެއް ނުކުރަން އެހާ އަވަހަށް ނިމޭނެ ކަމަކަށް. އެހެންވެ އަހަރެން އަދި ޖާން ނުނިމެނީސް މި ތައްޔާރު ކޮށްގެން ގެންދެވޭތޯ މިބެލީ." ޒަލަފް އެނބުރިފައި ވާހަކަދެއްކިއެވެ. ޖަނާ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފައި ގޮސް ސިންކު ކައިރީ ހުއްޓާ ސިއްސައިގެން ދިޔައީ އެއްޗެއް ވެއްޓުނު އަޑަށެވެ. އަވަަހަށް ބަލައިލިއިރު ޒަލަފް ހުރީ އަތަށް ފުމޭށެވެ. އެވަގުތު ޖަނާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އޭނާ ތަށި ސިންކު ތެރެއަށް ދޫކޮށްލައިފައި ބާރު ބާރަށް ގޮސް ކައިރިވީއިރު ޒަލަފް އުނދުންމަތީ ބެހެއްޓި ތަވާ އޮތީ ތިރީގައެވެ. ޖަނާ ބަލާކަށް ނުހުރެ ޒަލަފް އަތުގައި ހިފާ ތިރިކޮށްލައިފައި ބަލާލިއިރު އިނގިލިތަކަށްވުރެ ތަންކޮޅެއް މަތީގައި ފިހިފައި ހުރިތަން ފެނިފައި ހީބިހި ނަގައިގެން ދިޔައެވެ. އޭނާގެ ސަބަބުން އެރީތި އަތުގައި ލަކުނު ލެވުނީއެވެ.

"ކިތައް ފަހަރު ބުނީމަ އަޑު އިވޭނީ. ކުރަން ނޭނގޭ ކަންތައް ނުކުރާނީއޭ. ކޮންހެން ޖެހޭތަ އަމިއްލައަށް ކައްކައިގެން މަށަށް ކާންދޭން." ޖަނާ އެތިވަރު ގޮވައިގެން ޒަލަފް އަތުގައި ހިފާ ދަމަމުން ގެންގޮސް އެއްފަރާތެއްގައި ބަހައްޓާފައި އެތަނުން ކަބަޑަކުން ނެގި ބާނޯލް ފުޅިއަކުން ފިހުނު ތަނުގައި ބޭސް ހާކަން ފެށިއެވެ. "ރުޅި ނާންނަމަތިން ވާހަކައެއް ބުނަންތަ؟ ތިގޮތަށް އެއްޗެހިގޮވާއިރު ވަރަށް ލޯބި." ޒަލަފް ހިމޭނުން ހުރެފައި ކަޅި ޖަހާނުލާ އެމޫނަށް ބަލަމުން އިއްވައިލިއެވެ. ޖަނާ އެއަޑަށް އިސްއުފުލާލިއިރު ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ.
*****

ދުވަން ދާންވެގެން އައިސް އަލަމާރި ހުޅުވާލުމާއެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކޮނޑުގައި އަޅުވާފައި ހުރި ކަޅު ހޫޑީއެވެ. އެހޫޑީއާ ގުޅިގެން ސިކުނޑިއަށް އައި ހަނދާނަކުން އެދޮރުފަތް ލައްޕާލައިފައި ދެން ހުޅުވައިލި ވަތްގަނޑުގެ ތެރޭގައި ވިދަ ވިދާ އޮތް ރަން ކެވެލިގަނޑު އަތަށް ނަގާފައި އިސްއުފުލާލިއިރު އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ފެންނަން ހުއްޓެވެ.

ކޮމެންޓް 0