ނުބަލައި ހުއްޓަސް ޖަނާއަށް އިހްސާސްވީ މާކިން އޭނާ އަތުގައި ކޮންމެވެސް އެއްޗެއް އެޅުވި ކަމެވެ. ހުއްދަ ލިބުމުން އޭނާ ލަސްލަހުން އެސްފިޔަތައް ދުރުކޮށްލައިފައި ބަލާލިއިރު އަތުގައި އޮތް ކެވެލިކޮޅު ފެނިފައި މޭގަނޑު ފިނިވެގެން ދިޔައެވެ. އެއީ އަހަރުތަކެއް ކުރީން އޭނާ އަތުން ގެއްލިފައިވާ ކެވެލި ކޮޅެވެ. "މާކް..ކި..ހިނެތް؟..... ކޮންތާކުން؟" ޖަނާއަށް ވާހަކަދައްކަން އުދަނގޫވިއެވެ. އޭނާ ލޯ ބޮޑުކޮށްލައިގެން ހުއްޓާ މާކިން އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބައިންދާފައި ކުޑަކަކޫ ޖަހައިލީ ތިރީގައެވެ. "ޖާންއަށް ތިހީވީ ރަނގަޅަށް. މީ ޖާންގެ ކެވެލިކޮޅެއް. ހަނދާން އެބަހުރިތަ މިކެވެލިކޮޅު ގެއްލުނު ދުވަސް؟" މާކިން ޖަނާގެ ދެއަތްތިލައިގައި ހިފާ މުށުތެރޭ ބޮނޑިކޮށްލަމުން ހަތަރުކަޅި ހަމަކޮށްލިއެވެ. "ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެއީ އަހަރެންނާ ޒަލަފް އަލަށް ބައްދަލު ކުރި ދުވަސް." ޖަނާ ޖަވާބުދިންއިރު މާކިން ކުޑަކޮށް ހިނިތުންވެލިއެވެ. "އެކަން އެކަނިތަ ހަނދާން ވަނީ އެދުވަހާއި ބެހޭގޮތުން؟" މާކިން ބޭނުންވީ ޖަނާ ހަނދާންހުރިވަރު އޮޅުންފިލުވާށެވެ. "އުހު. ކެވެލިކޮޅުވެސް ގެއްލުނީ އެދުވަހެއްނު. އަހަރެން ހަނދާން އެބަހުރި އެއީ ވަރަށް ފިނި ދުވަހެއްކަން. އަދި އެއީ އަހަރެންގެ ސާތަރަ ވަނަ އުފަންދުވަސް. ހެނދުނު ގެއިން ނިކުތީ ކޮންމެވެސް ކަހަލަ، ޗޭންޖެއް ލައިފްއަށް އަންނާނެނަމައޭ ހިތަށް އަރައިގެން ހުރެ. ނިކުތްތަނުން ޕޭމެންޓް މަތިން އައި މީހެއްގެ ގައިގަ ލައިގަތީ. އަހަރެން ހިތަށް އެރީ ވެއްޓޭނެއޭ. އެކަމަކު އޭނަ އަހަރެން ސަލާމަތްކޮށްފަ ދިޔައީ. ހޫޑީއެއްގަ ހުރީމަ ނޭނގުނު ކާކުކަމެއް. އެކަމަކު އެމީހަކު ގޮސް ގެއްލުނުފަހުން އަހަރެންނަށް ފާހަގަ ވީ އަތުގައި އޮތް ކެވެލިކޮޅު ނެތްކަން. އެމީހާ ދިޔައީ އަހަރެންގެ ކެވެލިކޮޅު ވަގަށް ނަގައިގެން." ޖަނާ ސިކުނޑިއަށް ބާރުލަމުން ކިޔައިދިނެވެ. މާކިން އިތުރު ހިނިތުންވުމަކާއެކު އިސްޖަހައިލި ގޮތުން އޭނާއަށް އެއްޗެއް ވިސްނުނެވެ. "ވަޓް؟ އެމީހާ އެއީ މާކްގެ ފްރެންޑެއްތަ؟" ހައިރާންވެފައި ސުވާލުކުރިއިރު، ހަޤީޤަތަކީ ކޮބައިކަމެއް ޖަނާއަށް ކުޑަކޮށްވެސް ރޭކައެއް ނުލައެވެ. "ވަގަށް ނެގި ވާހަކަ ބުނީމަ އަހަރެންވެސް ވާހަކައެއް ކިޔައިދީފާނަން." މާކިން ޖަނާ އަތުން ދޫކޮށްލައިފައި ތެދުވެ ކައިރީ އިށީންއިރު ކޮނޑާއި ހިސާބުން ހިފާލައި ގަޔާއި ކައިރިކޮށްލިއެވެ. އެވާހަކަ އަޑުއަހަން ވެގެން މާކިންގެ ކޮނޑުގައި ބޯއަޅާލައިގެން ޖަނާ އޮތީ ކަޅިޖަހާ ނުލާ އެމޫނަށް ބަލާށެވެ.

"ރޭގަނޑު ވެހުނު ވާރެއަށްފަހު ވަރަށް ފިނިވެފަ އޮތް ހެނދުނެއް އެއީ. އެކުވެރިޔަކު ބުނެގެން އެގެއަށް ދާން ބެލިއިރު ސައިކުވެސް ހަލާކުވެފަ ހުރީ. އެހެންވެ ހިނގާލައިފައި ދިޔަ ދިއުމުގައި ގެއަކުން ނިކުތް އަންހެންކުއްޖަކު ކުއްލިއަކަށް އައިސް ގައިގަ ޖެހުނުތަން ފެނުނީ. އެން ދި ނެކްސްޓް މިނިޓް، އޭނަ ހިފަހައްޓައިގެން ހުރެވުނީ. އެމޫނު ފެނިފަ ހޭދަވީ ގިނަވެގެން ދެތިން ސިކުންތު. އެކަމަކު އެހިސާބުން އެނބުރިގޮސް ފަސްދިންއިރު އެކުއްޖާ ދިޔައީ ހިތް ވަގަށް ނަގައިގެން. ދެން އޭނައަށް ނޭނގުމުގެ ތެރޭގައި އަންހެންކުއްޖާގެ ކެވެލިކޮޅު ހޫޑިގަ ތަތްވެފަ އޮތީމަ ކީއްކުރާނީ؟" މާކިންގެ ވާހަކަ ނިންމާފައި ލޮލާލޯ ގުޅުވާލިއިރު ޖަނާއަށް ނޯވެވިގެން ތެދުވެ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. "އެއީ މާކްތަ؟" ޖަނާ ޔަޤީންކުރަންވެގެން އަހައިލިއިރު ހިތް އޮތީ ކެތްމަދުވެފައެވެ. މާކިން ހަމައެކަނި ބޯޖަހާލުމާއެކުވެސް ޖަނާގެ ލޮލަށް ކަރުނައިގެ މުތީތައް ޖަމާވިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރު ބަދަލަކަށް އެދިގެން އޭނާ ދުޢާ ކުރި ދުވަހު ޒަލަފްއަށްވުރެ ކުރިން މާކިންއާ ބައްދަލުވުން އެއީ އިއްތިފާޤަކަށް ނުވާނެއެވެ. މާކުރިއްސުރެ އެދެމީހުންގެ ނަން ވަނީ ތަޤްދީރުގައި ލިޔެވިފައެވެ.

"ފުރަތަމަ ނަޒަރުން އަހަރެންނަށް ޖާންދެކެ ލޯބިވެވިއްޖެ. އެކަމަކު އޭގެ މަދު ދުވަސްކޮޅެއް ފަހުން އަހަރެންނަށް ޖާން ދެވަނަ ފަހަރަށް ފެނުނީ އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔެއްގެ ގޮތުގައި ހުއްޓާ." ޖަނާ ބުނާނެ އެއްޗެއް ނޭނގިފައި އިންދާ މާކިން އިތުރަށް ކިޔައިދިނެވެ. އެހަނދާނުން އެކަނިވެސް ހިތުގެ ނާރުތަކަށް ވާންވެލިއެވެ. "އެހެންވެތަ މާކް އަހަރެންދެކެ ރުޅިއަންނަ ކަމަށް ހެދުނީ؟ އެކަން ފޮރުވަންތަ؟" ޖަނާ ސުވާލުކޮށްލުމުން މާކިން ބުނީ އެއީ އެއް ސަބަބު ކަމުގައެވެ. ސުވާލު ކުރަން ބޭނުންވިއަސް ދެވަނަ ސަބަބަކީ ކޮބައިކަން އަހާނެ ހިތްވަރެއް ޖަނާއަކަށް ނުލިބުނެވެ. އެއީ މާކިން މިއޮތްހާ ދުވަހު އޭނައާ ދުރަށް ދުވުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސަބަބުކަން ޖަނާ ހަނދާން ހުއްޓެވެ. އޭނާ ބިރުގަތީ އެހަނދާން ތާޒާ ކޮށްގެން މިހާ ހިސާބުންވެސް މާކިންގެ ހިތް ބަދަލުވެދާނެތީއެވެ. މައުޟޫ ބަދަލުކުރާނެ ގޮތަކާމެދު ވިސްނަމުން އޭނާ ތެދުވީ ހެދުން ބަދަލުކުރަންވީދޯއޭ ބުނެފައެވެ.

"ނާހާނަންތަ ދެވަނަ ސަބަބަކީ ކޮބައިކަމެއް؟" ޖަނާ ފުރަގަސްދީފައި ހިނގައިގަތްއިރު މާކިން އެސުވާލު ކުރުމުން ހުރި ހިސާބުގައި ދެފައި ތަތްލައިފިއެވެ. މޭގަނޑު ރޫރޫ އަޅަން ފެށުމުން އޭނާ އަތް އުފުލާލައިފައި ހިތާއި ދިމާލުގައި ހިފަހައްޓާލިއިރު މާކިންވެސް ތެދުވެފައި އައިސް ފަހަތުގައި ހުއްޓިލިއެވެ. އެނޭވާގެ ހޫނުކަން ކަނދުރާއަށް ކުރަން ފެށުމުން ލޯލިތައް ކޮޅަށް ހިއްލުނެވެ. ޖަނާ ދެލޯމަރައި ތަގުޅިކޮށްލައިގެން ހުއްޓާ މާކިން އޭނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލުމުން ލައިލައި ހުރި ނޭވާވެސް ކަރުތެރޭ ތާށިވެގެން ދިޔައެވެ. "އާސްކް މީ ޖާން. ބުނޭ ކިޔައިދޭށޭ. އެއީ މިހާރު ނުކުރެވުނު ހިތްވަރެއް ފަހުން ނުކުރެވޭނެ. އަހަރެން ބޭނުމެއް ނޫން ޖާންއަށް އެއްވެސް ކަމެއް ސިއްރުކޮށްފަ ބާއްވާކަށް." ޖަނާ ރައްދު ނުދިނުމުން މާކިން ބޯހިއްލާލައިފައި ކަންފަތާއި އަނގަ ކައިރިކޮށްލައިގެން ބޭރުކޮށްލި ކޮންމެ ޖުމްލައަކާއެކު ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މާކިން ނޭނގޭ ކަމަށް ހެދިގެން ހަމަ ގަސްތުގައި އޭނާގެ އިހްސާސްތަކަށް ގޯނާ ކުރަނީ ހެއްޔެވެ؟ ޖަނާއަށް ގޮތެއް ނިންމަން އުދަނގޫވިއެވެ. އެހިމޭންކަން ދެކެފައި އެހިސާބުން މާކިންގެ ހިތްވެސް ތެޅިގަތެވެ. އޭނާ ޖެހިލުންވީ ދެކެވުނު ވާހަކައިން ޖަނާ ހިތްހަމަނުޖެހުނީ ކަމަށް ހީކޮށެވެ. "ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟" މާކިންއަށް ނުހުރެވިގެން ޖަނާގެ އުނަގަނޑުގައި ހިފާފައި މަގަތަށް އަނބުރުވާލައިފިއެވެ. "އޯލްރައިޓް މާކް. ކިޔައިދީ! ހުރިހާ ވާހަކައެއް ކިޔައިދީ. އަހަރެން މިހުރީ އަހަން ތައްޔާރަށް." ޖަނާގެ ހިތާއި ހަށިގަނޑަށް ކުރަމުންދިޔަ އަސަރުތައް ފޮރުވާލަންވެގެން އެއްފައްޗަކަށް އަމުނާލިއިރު ނޭވާ ހުރީ އަވަސްވެފައެވެ. އެދެއަތުން މާކިން ލައިގެން ހުރި ގަމީހުގެ މޭމަތި ބޮނޑިކޮށްލިއިރު ދެލޯ ބުނަމުން ދިޔައީ އެހެން ވާހަކައެކެވެ. ހަތަރުކަޅި ހަމަކޮށްލުމުން މާކިންއަކަށްވެސް ސިއްރެއް ނުވިއެވެ. އިތުރަށް އެލޮލުގެ ގޮވުމަށް އިޖާބަ ނުދީ ހުރުންވީ މާކިން ބޭނުންވިއަސް ނުކުރެވުނު ކަމަކަށެވެ. އެއްއަތުން ކޯތާފަތުގައި ހިފާލިއިރަށް ޖަނާ ލޯމަރައިލާފައި ހުޅުވާލުމުން ކެތްމަދުވެފައި އެރީތި ތުންފަތުގައި ބޮސްދިނެވެ. ސިކުންތުކޮޅެއްގެ ތެރޭ މާކިންގެ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން އޭނާ އަނެއް އަތުން ޖީބުގައި އޮތް ފޯނު ނެގިއިރު ޖަނާއަކަށް ރޭކައެއްނުލައެވެ. މާކިން އެފޯނު ޖަނާގެ ފުރަގަހުން ކޮނޑާއި ހަމައަށް އުފުލާލައިގެން ސްކްރީނުގައި އޮތް ނަން ބަލާލައިފައި ކުއްލިއަކަށް މޫނު ދުރުކޮށްލުމުން ޖަނާ ސިހިފައި ލޯ ހުޅުވާލައިފިއެވެ.

"ޖާން އިޓްސް ޓައިމް." މާކިން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިއްވައިލިއެވެ. "ޓައިމް ފޯ ވަޓް؟" ޖަނާވެސް ހަމަ އެހާ ފުން ނޭވާތަކެއް ލަމުން އެހިއެވެ. އޭނާ ބުމަ އަރުވައިލީ މާކިން ބުނަން އުޅޭ އެއްޗެއް ނޭނގިގެންނެވެ. "ސަރޕްރައިޒް އެއް އެއީ." މާކިން އެއްލޯމަރާލައިފައި ޖަނާ އަތުގައި ހިފާލުމަށްފަހު ކޮޓަރިން ނެރެގެން ގެންދިޔައިރު އޭނާ ތަފާތު ސުވާލުކޮށް ކުރިއެވެ. އެކަމަކު މާކިން ހުރީ އޭނާ ބުނި ބަހުގައި ހިފަހައްޓައިގެންނެވެ. މަގުމައްޗަށް ނިކުމެވުމާއެކު ޖަނާ ހައިރާންކޮށްލީ އެއްފަރާތުގައި އޮތް ކާރެވެ. އެތައްބައިވަރު ފިނިފެންމާތައް ހަރުކޮށްފައިވާ ހުދު ކާރު އައިސް އޮތީ އެދެމީހުންގެ އިސްތިޤްބާލުގައެވެ. "ލެޓްސް ގޯ ބޭބީ." ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތް މީހާ ފަހަތު ދޮރުފަތް ހުޅުވާލަދިނުމާއެކު މާކިން ޖަނާ އަތަށް ދަމާލައިފައި ކިޔައިލިއެވެ. އޭނާ ޖަނާ ގެންގޮސް އެދޮރުން އެތެރެކޮށްލާފައި އަނެއްފަރާތުން ގޮސް އަރައި އިށީންނުމާއެކު ޑްރައިވަރ ކާރު ދުއްވާލައިފައި ގޮސް މަޑުކުރީ ޖެޓީއަށެވެ. އޭރު ހުދު ލޯންޗެއް އަނެއްކާވެސް އެމީހުން އިންތިޒާރުގައި އޮތެވެ. ޖަނާ އެންމެ ހައިރާންވީ ލޯންޗް ދުއްވަން ހުރި މީހާ އެމީހުން އަރުވާފައި މާކިންއާ ސަލާމްކޮށްލުމަށްފަހު ފައިބައިގެން ދިޔައީމައެވެ.

"ވަޓް؟" މާކިން ބަލައިލިއިރު ޖަނާ ހުއްޓުން އަރާފައި ބަލަން ހުރިގޮތުން ސުވާލުކުރިއެވެ. "ކާކު މީތި ދުއްވަނީ؟" ޖަނާގެ އަޑުގައި ހައިރާންކަން އެކުލެވުނެވެ. "އަހަރެން." މާކިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ގަމީސް މަތިން ލައިގެން ހުރި ވެސްޓް ބާލާފައި އެތަނުން ސީޓެއްގެ މައްޗަށް އެއްލުމަށްފަހު ގަމީހުގެ އަތް އޮޅާލިއެވެ. ޖަނާގެ ހައިރާންކަން އިތުރުވިވަގުތު އަނގަމަތީ އަތް އަޅައިލުމުން މާކިން ޖަހައިލީ ހިނިގަނޑެކެވެ. އޭނާ ޖަނާ އަތުގައި ހިފާފައި ދުއްވާ މީހާގެ ފަހަތުގައި ހުރި ސީޓުގައި ބެއިންދުމަށްފަހު ދާދި ފަރިތަކަމާއެކު ލޯންޗް ސްޓާޓްކޮށްލައިފިއެވެ.

"ކޮންއިރަކު ދަސްކުރީ؟" އިންޖީނު އަޑުފަތްގަނޑާއެކު ލޯންޗް އޭގެ ހަލުވި މިނުގައި ދުއްވައިގަތްއިރު ޖަނާ ބާރު ބާރަށް އަހައިލިއެވެ. ވައިރޯޅިތައް އައިސް މޫނާއި އިސްތަށިގަނޑުގައި ބޮސްދޭން ފެށުމުން އޭނާ ހީކަރުވާގޮތްވެގެން ހަށަން ބަނދެލައިފިއެވެ. "ލާސްޓް އިޔަރ ގަ." މާކިންވެސް ޖަނާއަށް އިއްވަން އަޑަށް ބާރުލައިފައި ބުނެލިއެވެ. އޭނާ ޖަނާ ކައިރީ އިށީނުމުން ޖަނާ އިނީ މާކިންގެ ކޮނޑުގައި ބޯއަޅައިގެންނެވެ. "ސޯ ކޫލް." ޖަނާ ހިނިތުންވެލާފައި މާކިންގެ ކޮނޑުގައި ތުންފަތް ޖައްސާލިއިރު ކިޔައިލިއެވެ. މާކިންއަށް ހެވިގެން ދެފަރާތަށް ބޯ ހޫރާލައިފައި ސަމާލުވީ ހުންގާނަށެވެ. ވަކި ހިސާބަކުން މާކިން ބުނީ އޭނާގެ ފަޓްލޫނު ޖީބުގައި އޮތް ފޮތިކޮޅަކުން ޖަނާ އަމިއްލައަށް ލޯމަތީ އައްސައިގެން އިނުމަށެވެ. ސުވާލު ކުރުމުން މާކިން މިފަހަރުވެސް ސަބަބެއް ނުބުންޏެވެ. ޖަނާ ކިޔަމަން ވުމުގެ ގޮތުން ލޯމަތީ އެފޮތިކޮޅު އައްސައިގެން އިންދާ މަދު ވަގުތުކޮޅެއްގެތެރޭގައި ލޯންޗް ރަށެއްގެ ފާލަން ދޮށަށް މަޑުކުރިކަން އިހްސާސްވިއެވެ. މާކިން ގޮސް ވާއެއްލައި ފާލަމުގެ ކުރީކޮޅުގައި ހުރި ވަރުގަދަ ދަނޑިއެއްގައި އެއްކޮޅު އައްސާފައި އައިސް އަތުގައި ހިފާ ނެގުމުން އޭނާ ފިނިވެފައިވާވަރު އެނގިގެން މާކިން ކަންބޮޑުވިއެވެ. ފާލަމަށް އެރުމުގެ ކުރިން އެފޮތިކޮޅު މޮހައިލަން އޭނާއަށް މަޖުބޫރުވީ އެހެންވެއެވެ. އެވަގުތު ލޯ ހުޅުވާލުމާއެކު ކުރިމަތިން ފެންނަން އޮތް މަންޒަރުން ލޯ ތަރަ ތަރަޖައިގެން ދިޔައެވެ.

މާކިން އޭނާ ގޮވައިގެން އެއައީ ފަސް އަހަރު ކުރިން އެމީހުން ދަތުރު އައި ރަށަށެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. އަރައިގެން ދާން އޮތް ފާލަމުގެ އެއްކޮޅުން އަނެއްކޮޅަށް ވަކި ތަރުތީބަކުން ދެފަރާތުގައި ބަހައްޓާފައި ހުރި ތަބުތައް އެކަނި އަނެއްކާއްޗާއި ގުޅުވަން ބޭނުން ކޮށްފައި ހުރި ހުދު ލޭސް ފޮތިތަކާއެކު ކޮންބެ ތަނބެއްގައި އެލުވާލައިފައި ހުރި ފާނޫޒް ތަކުގެ ފަނޑު އަލީން އެފާލަމާއި އެހިސާބު މޫދުވެސް ޖަރީވެފައި އޮތީ ހުވަފެނީ ކުރުވަމުންނެވެ. އެސްފިޔަ ޖަހާލަން ނޭނގިފައި ޖަނާ ހުއްޓާ މާކިން އަތަށް ފިތާލުމުން ހޭވެރިކަން އައިސްގެން އެކުގައި ގޮސް ފާލަމަށް އެރިއެވެ. "މާކް އައެމް ޓަޗްޑް." އެކުގައި ދިޔައިރު ޖަނާ ކިޔައިލިއެވެ. މާކިން މޫނު އަނބުރާލައިފައި ހިނިތުންވެލިއިރު ލޮލުން އަންގައިލީ އަދިވެސް އިތުރަށް ސަޕްރައިޒް ހުރީ ކަމުގައެވެ. ވެލިގަނޑަށް ފައިބާފައި ޖަނާ އަރައިގެން ހުރި ފައިވާނާއެކު ހިނގަން އުދަނގޫވެގެން ހުއްޓުނީ ފައިބަން ކަމަށް ހީކޮށެވެ. މާކިން އެވަގުތު އޭނާ ސިއްސުވާލައިފައި ކޮނޑަށް ލައިގެން ހިނގައިގަތްއިރު ޖަނާ ހީގެންފައި މަޑުމަޑުން ބުރަކަށީ ތަޅައިލިއެވެ. މާކިންގެ އެހަރަކާތުން އަނެއްކާވެސް ހަނދާނުގައި ހަރުލީ ފަސް އަހަރު ކުރީގެ ހަނދާނެވެ. އެވިއްސާރަ ރޭ މާކިން އޭނާ ކޮނޑުމަތީ ބާއްވައިގެން މުޅި ވަލުތެރޭގައި ހިނގިއެވެ.

"މާކް އަޅެ ދެން ބުންނަންވެއްޖެއެއްނު. ކޮންތާކަށްތަ އަހަރެން ތިގެންދަނީ؟" ޖަނާއަށް ހިމޭނުން އޮންނަން އުދަނގޫވެގެން އެހިއެވެ. މާކިން ހިނިގަނޑެއް ޖަހާލައިފައި ޖަވާބު ނުދީ ދިޔައީ ހައްތަހާ ކުރިއަށެވެ. ވައިރޯޅިތައް އައިސް މޫނުގައި ބީހެމުން ދިޔައިރު ފިނި ފަސްގަނޑު މަޑުކަމުން ހިނގާކަށް ފަސޭހައެއް ނޫނެވެ. އެކަމަކު އޭނާ ހިތްވަރާއެކު މަންޒިލާ ހަމައަށް ދަންދެން ނުހުއްޓެއެވެ. ގިނައިރެއް ނުވެ މާކިން ތިރިވެލާފައި ޖަނާ ފަސްގަނޑުގައި ބެހެއްޓުމުން އެނބުރި ބަލާލައިފައި އަނެއްކާވެސް ހުންނަން ޖެހުނީ ހިނދުކޮޅަކަށް ގަބުވެފައެވެ.

ކުރިމަތީ ހުރީ ހަމަ އެގެއެވެ. ތަފާތަކީ ކައިރީގައި މިހާރު ހެދިފައި ހުރި ބޮޑެތި އަލަގަސްތަކެވެ. އިތުރަށް ޒީނަތްތެރި ކުރުމަށްޓަކައި، މެދުން ހިނގޭނެ ހިމަ މަގެއް އޮވެފައި ދުރުން ފެށިގެން ގެއާ ދެމެދުގައި ބަހައްޓާފައިވާ އެތައް ސަތޭކަ މަސްނޫއީ މާގަސްތަކަށް، ގޭގެ ބޭރުގައި އެލުވާފައި ހުރި ފާނޫޒް ތަކުގެ އޮރެންޖް އަލިވެރިވެފައެވެ. "މާކް އަހަރެންނަކަށް ނޭނގެ ބުނާނެ އެއްޗެއްވެސް. މީ ޔަޤީނުންވެސް މިދުވަހު އަހަރެންނަށް ދެވޭނެ އެންމެބޮޑު ހަދިޔާ. މިރަށާއި މިތަނަކީ އަހަރެންނަށް މާކްދެކެ ފުރަތަމަ ލޯބިވެވުނުތަން. ތެދަށް ބުނަންޏާ އަހަރެންނަށް އަދިވެސް ހީވަނީ ހުވަފެނެއްގައި އުޅެވޭހެން." އެގެއާއި އެމަންޒަރުން ނަޒަރު ވަކިކޮށްނުލެވިފައި ހުރެގެން ޖަނާ ކިޔެވެ. "ވެލް... އަހަރެން ޔަޤީންކޮށްދީފާނަން މީ ހުވަފެނެއް ނޫންކަން." މާކިން ރައްދު ދިން އަޑު އިވިގެން ޖަނާ ބަލައިލިއިރު ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިތަން ފެނުނެވެ. އޭނާ ވިސްނަން ހުއްޓާ މާކިން އެއްލި އަތުން އޭނާގެ މުލައްދަނޑީ ހިފައި ގެނެސް ކައިރިކޮށްލުމާއެކު އަނެއް އަތުން މޫނުގައި ހިފާފައިލައި ތުންފަތުގައި ބޮސްދިނެވެ. އިސާހިތަކު ވައިރޯޅި ބީހެމުންދިޔަ ދެޖިސްމުގައި އަލިފާން ރޯކޮށްލައިފިއެވެ. ނޭވައަކަށްވެސް ހުއްޓުމެއްނެތި އެއަތުތެރެއަށް ޖަނާ ލައިގެން މާކިން ގެއާއި ދިމާއަށް ހިނގައިގަތްއިރު ޖަނާ އިނީ މާކިންގެ އުނަގަނޑުގައި ދެފައި އަޅުވާލައި ރީތިކޮށް ހަމަޖެހިލައިގެންނެވެ. ދޮރުހުޅުވާލައިފައި ވަންއިރު ފައިދަށުގައި އޮތް ފިނިފެންމާ ފިޔައިގެ ރަތް ދޫލައާއެކު ދެމީހަކަށް އެންމެ އަރާމުކޮށް ނިދާލެވޭނެ އެނދެއް ބަހައްޓާފައި ހުރީ އެންމެ ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ. ހަތަރުފަރާތުން އެލިފައި އޮތް ތުނި ސަނދުވާއާއެކު އެނދުމަތީގައި ރަތް ހިތެއްގެ ސިފަ ޖައްސާފައި ހުރީ އަނެއްކާވެސް ފިނިފެންމާ ފިޔައިންނެވެ. އޭރު ތިރީގައި ބަހައްޓާފައި ހުރި އުއްބައްތިތަކުގެ މީރުވަހުން މަސްތުކަން އިތުރު ކުރުވަނީއެވެ. މާކިން ސަނދުވާ އެއްފަރާތް ކޮށްލާފައި ޖަނާ ގޮވައިގެން އެނދުމައްޗަށް ވެއްޓިގަތުމާއެކު މަތީން އިތުރު ފިޔަތައް އޮހިގަތީ އެދެމީހުންގެ މޫނާއި ހަށިގަނޑަށެވެ. އެވަގުތު ޖަނާ ވާހަކަދައްކަން އުޅުނުތަނާ މާކިން އޭނާގެ ކަނދުރާގައި ބޮސްދިނުމުން އަޑު ދިޔައީ ގެނބިގެންނެވެ. ބޭނުންވިއަސް އިތުރު ބަހެއް ދުލާއި ހަމައަށް ގެންނާނެ ވަގުތެއް މާކިން ނުދިނެވެ. ކޮންމެ އަމަލެއްގައި މާކިން އޭނާދެކެ ވާ ލޯބި ހާމަކުރަމުން އެއަތުތެރޭ އޭނާ ގެންގުޅުނީ ނާޒުކް މަލަކަށްވެސް ކަމޭހިތާނެހާ އޯގާތެރިކޮށެވެ. އިސާހިތަކު ޖަޒުބާތުގެ އޮއިގައި ދެޖިސްމުގައި ބެހިގެންދިޔައީ އޭގެ އެންމެމަތީ ދަރަޖައަށެވެ. ފަތިސްވުމާއި ގާތްވެފައި ވަނިކޮށް ދެމީހުން ނިދަން ތިބެފައި މާކިން އޭނާގެ ކަޅު މާޒީގެ ސިއްރުކުރެވިފައި އޮތް ސަފްހާވެސް ޖަނާގެ ކުރިމަތީ ހުޅުވައިލިއެވެ. އެވާހަކަ އަހާފައި ޖަނާ ރޮމުން ތަކުރާރުކޮށް މާކިންގެ މުޅި މޫނުގައި ބޮސްދީފައި ވަޢުދު ކުރުވީ ދުވަހަކުވެސް މާކިން އެމާޒީ މަތިން ހަނދާން ނުކުރުމަށެވެ.

އިރު އަރައިގެން އައިއިރު އެންމެ ލަހުން ހޭލެވުނީ ޖަނާއަށެވެ. އޭނާ ތެދުވެ އިށީންދެފައި ބަލައިލިއިރު މާކިން ނެތުމުން ކަންބޮޑުވެފައި އެނދުން ތިރިއަށް ދެފައި ބޭލިތަނާ ބޭރުގައި މީހަކު އުޅޭ ކަހަލަ އަޑެއް އިވުނުހެން ހީވިއެވެ. ގަޔަށް އަންނައުނު ލާން ބެލިއިރު އެންމެ ފަސޭހައިން އަތުޖެހެން އޮތީ މާކިން ބޭލި ހުދު ގަމީހެވެ. ކައިވެނި ޕާޓީގައި ލީ ހެދުން އެހެންނޫނަސް ގަޔަށް ފަސޭހައެއް ނުވާނެއެވެ. ޖަނާ ގަމީސް ނަގައި ލީއިރު ބުޑުފޮރުވޭވަރަށް ދިގު މިން ހުއްޓެވެ. ދިގު ދެއަތުކުރި އޮޅަމުން ދޮރު ހުޅުވާލައިފައި ނިކުތްއިރު މާކިން ފެނުނީ ރާޅުޖަހާ ހިސާބުގައި ބަހައްޓާފައި ހުރި ދެ ބީޗްގޮނޑިން ކުރެ އެއް ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އޮތްވައެވެ. އިރު ކިރިޔާ ދައްކާލައިފައި ހުރިއިރު ފަސްގަނޑާއި އެމާހައުލުވެސް ފިނިކަމުން ޖަނާ ހީކަރުވާގޮތްވިއެވެ.

"މޯނިން ސްލީޕީ ހެޑް." ޖަނާ ދުވެލާފައި ގޮސް ފުރަގަހަށް ހުއްޓުނުތަނާ މާކިން ނުވެސް ބަލައި އޮވެގެން އިއްވައިލިއެވެ. "ކިހިނެތް އެނގުނީ އަހަރެން އައި ކަމެއް؟" ޖަނާ ހައިރާންވެގެން ލޯބޮޑުކޮށްލައިފައި ކުރިމައްޗަށް ހުއްޓުނުތަނާ މާކިން ހެވިލާފައި އަތަށް ދަމާލުމުން އިށީންދެވުނީ މާކިންގެ އުނގުގައެވެ. އެވަގުތު ވަޔާއެކު ޖަނާގެ މޫނަށް ނިވާއެޅި އިސްތަށިކޮޅުތައް އެއްފަރާތް ކޮށްދޭންވެގެން އަތް އުފުލާލައިފައި ރަތްވަމުން އައި މޫނު ފެނުމުން އަދިވެސް އެއްފަހަރު މާކިންގެ ހަމުގައި ހުޅުހިފިއެވެ. އޭނާ މޫނު ކައިރިކޮށްލުމުން ހައިރާންކޮށްލާފައި މިފަހަރު އިސްނެގީ ޖަނާއެވެ.

"މާކްއަށް ޔަޤީންތަ މިރަށުގައި އަހަރުމެން ނޫންބަޔަކު ނޫޅޭކަން؟" މާކިން އޭނާ ލައިގެން ހުރި ގަމީސް ގޮށްނައްޓަން ފެށުމުން ޖަނާ މޫނު ދުރުކޮށްލާފައި ވަށައިގެން ހޯދައިލިއެވެ. "ޔަޤީން." މާކިން ޖަވާބުދީފައި ތެދުވެ ޖަނާ ބޭއްވީ ބީޗްގޮނޑީގައެވެ. ފަހަތުން އަރަން ފެށި އިރާއި ދެމެދަށް ހުރަހަކަށް ވެގެން ގުދުވެލާފައި އަދިވެސް އެއްފަހަރު ޖަނާގެ ނަފްސް މާކިންގެ ކޮންޓްރޯލްގެ ދަށަށް ގެނައެވެ.

*****

އެނބުރި ދިޔައިރު މާކިން ބުނެލީ އަދިވެސް އެއް ސަޕްރައިޒް ޖަނާއަށްޓަކައި އިންތިޒާރު ކުރަމުންދާ ވާހަކައެވެ. ޖަނާ ތައްޔާރުވާން އެޕާޓްމެންޓަށް ލައިފައި މާކިން ދިއުމުން އޭނާ ތައްޔާރުވާން ހުރެގެން އަކްޔަންގެ ޚަބަރު ބަލަން ގުޅިއެވެ. ދީނާ ފޯނު ނަގާފައި ބުނީ އަކްޔަން ތެދުވެ ސައިބޯން އިން ވާހަކައެވެ. އޭނާ ނިމިގެން އިންތިޒާރުގައި އިންދާ މާކިން އައިސް އޭނާ ގެންދިޔައީ ދުވަހަކު ނުދާ ހިސާބަކަށެވެ. ފެންވަރު ރަނގަޅުކޮށް ހަދާފައިވާ އިމާރާތުގެ ފަސްވަނަ ބުރިއަށް އަރާފައި ފުރަތަމަ މޫނު ޖެހުނު ދޮރުކައިރީ ފާރުގައި ހަރުކޮށްފައި ހުރީ މާކިންއާ އޭނާގެ ނަމެވެ.

"މިއަދުން ފެށިގެން މީ އަހަރުމެންގެ ގެ." މާކިން ޖަނާގެ ހައިރާންކަން ދުރުކޮށްދީފައި ކޯޑު ޖަހާލުމާއެކު ހުޅުވިގެން ދިޔަ ދޮރުން އޭނާ އެތެރެއަށް ވަނެވެ. ތަނަވަސް ރީތި ސިޓިންރޫމްގެ އެއްފަރާތުން ދެކޮޓަރިއާއި އަނެއްކޮޅުގައި ބަދިގެ ހުއްޓެވެ. ޖަނާ ސިޓިންރޫމް މެދުގައި ހުއްޓާ މާކިން ގޮސް އެތަނުން ކޮޓަރިއެއްގެ ދޮރުގައި ޓަކި ޖަހާލިތަނާ ފަޔާޒްމެން ދެމަފިރިންނާއެކު ދީނާ ނިކުތީ އަކްޔަން އުރާލައިގެންނެވެ. އެމީހުން ފެނިފައި ޖަނާއަށް އަތް އަޅައިލެވުނީ އަނގަމަތީގައެވެ. މަންމަ އައިސް ކައިރިވެފައި ޖަނާގެ ކޯތާފަތުގައި ފިރުމާލި ވަގުތު ލޮލުން ކަރުނަ ހިލުނެވެ. ބެލްޖަހާލުމުން މާކިން ޖެހިލީ ދޮރު ހުޅުވަން ވެގެންނެވެ.

"މަންމަ އަހަރެންނަށް މާފުކުރީތަ؟" ޖަނާ ރޮވިފައިވާ އަޑަކުން އެހިއެވެ. "ކީއްވެ ނުކުރަންވީ. އެހެންނޫނަސް ޖަނާއަށް ބަޔަކު ދިން ލަނޑެއްގެ ސަބަބުންނެއްނު ވީކަމެއް ވީ. މާކިން ގުޅައިފަ ހުރިހާ ވާހަކައެއް ކިޔައިދިން. އަދި މަންމައަށް ހީވަނީ ޖަނާ ނާއިކްގެ އަންބެއްގެ ގޮތުގައި ހުރެގެން އޭގެ ސަޒާ ލިބިގެންފިހެން. ދެން އިތުރަށް ޖަނާ ބާކީކުރާކަށް މަންމަ ބޭނުމެއް ނޫން. މަންމަ ބޭނުމީ ޖަނާ އުފަލުގަ އުޅެން." ޝަރުމީލާ ދަރިފުޅުގެ ލޮލުން ކަރުނަ ފުހެދީފައި ގެނެސް މޭގައި ޖައްސާލިތަން ފެނިގެން ދީނާވެސް އަކްޔަން ތިރީގައި ބަހައްޓާފައި އައިސް އެދެމައިން ގައިގައި އޮޅުލައިގަތެވެ. އަކްޔަން އޭރު އަނގައަށް އިނގިލި ލައިގެން ބަލަން ހުރީ ހުމާއާއި ރަފާހް ގޮވައިގެން އެތެރެއަށް އައި މާކިންއަށެވެ.

ހައުސް ވޯމިން ޕާޓީއަށް އޯޑަރ ކުރި ކާއެއްޗެހިތައް ހިފައިގެން އައީ އެންމެން ސޯފާތަކުގައި ތިއްބައެވެ. އެމީހުންގެ ހަޔާތުގައި އެންމެ މުހިންމު އެންމެން ހާޟިރުވެފައިވާ ހަފްލާގައި ނެތީ އެކަނި ޒަލަފްއެވެ. އެފަޅުކަން ދެމީހުންވެސް ފާހަގަ ކުރިއެވެ. މާކިން ގުޅިއިރު ޒަލަފްގެ ފޯނުވެސް އޮތީ ނިއްވާލައިފައެވެ. އިރުގަނޑެއް ފަހުން އެންމެން ނިކުމެގެން ދިޔައިރު އަކްޔަން އަދިވެސް މާކިންއަށް ބަލަން އިނީ ވިސްނުމެއްގައި އިން ކުއްޖަކު ފަދައިންނެވެ. ޖަނާ ސުވާލު ކުރުމުން މާކިންވެސް އަކްޔަން ބުނަން އުޅޭ އެއްޗަކަށް ސަމާލުވިއެވެ.

"އަކްޔަންގެ ޑެޑީ ދިޔަތަނާ މާކިންބޭބެ ކީއްވެ ބުނީ އަކްޔަން ޑެޑީއަކީ އެއީއޭ؟" އަކްޔަންގެ ސިކުނޑީގައި ސުވާލު އުފައްދަމުންދިޔަ ވާހަކަ ހުށައަޅާލުމުން ޖަނާއަށް ފުރަތަމަ ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ދަރިފުޅަށް ހައަރު ފުރެން ކައިރިވެފައި ހުރުމުން މިހާރު ބޮޑެތި މީހުން ދައްކާ އެކަހަލަ ހުރިހާ ވާހަކައެއް ސިކުނޑިއަށް ނަގައިގަންނާނެކަން ވިސްނާނުލެވުނީއެވެ. "މާކިންބޭބެއަކީ އަކްޔަން ޑެޑީތަ؟" އަކްޔަން އިތުރަށް އަހައިލިއެވެ. ޖަނާ ބޯޖަހައިލާފައި އެކަން ތެދުކޮށްދިނުމުން މާކިން އައިސް އަކްޔަން އުނގަށް އަރުވާފައި ޑެޑީ ކިޔަން އެދުމުން މަޑުމަޑުން އެނަމުން ގޮވައިލިއެވެ. ދެހިތް ލޯބިން ފުރިގެން އައިވަގުތު އުފާވެރިކަން ސިއްރު ނުކުރެވިގެން ހީގަތެވެ. އެމީހުންގެ އެއުފާވެރިކަން ދެކެފައި އަކްޔަންއަށްވެސް ވީ އެއީ ކުރެވުނު މޮޅު ކަމަކަށެވެ. އަކްޔަން ތަކުރާރުކޮށް ޑެޑީއޭ ގޮވާލައިފައި ރަކިވެގެން ތެދުވެ މާކިންގެ ކަރުގައި އެލިގަތެވެ.

ޖުމައިލާގެ ފޮނުވި ފޮޓޯތަކުގެ ސިއްރު މާކިންއަށް އެނގުނީ އޭގެ ހަފްތާއް ފަހުން އޭނާއަށް މީހަކު ގެނެސްދިން ސީޓިއަކުންނެވެ. މާކިން ސިޓީ ހިފައިގެން ގެއަށް އައިސް ޖަނާއާ ދެމީހުން ވެގެން ކީއިރު ލިޔެފައި އޮތީ މާކިން ބައްޕައާއި ޖުމައިލާގެ ކައިވެނީގެ ހަޤީޤަތެވެ. ބައްޕައަށް ޖުމައިލާ އަސްލު ނުބުނެދީ ކައިވެނި ކުރީ އޭނާގެ ކަޅު މާޒީގެ އަނދިރިކަން ހަޔާތަށް ވެރިނުވާނެ ކަމަށް ނިންމައިގެންނެވެ. އެކަމަކު ހަޤީޤަތް އެނގުމުން ރަޝާދު އޭނާ ނިކަމެތި ކޮށްލާފައި ދިޔައީ ދަރިފުޅަށް ދެއަހަރުވެސް ވީ ފަހުންނެވެ. ރަޝާދުދެކެ އައި ރުޅި ޖުމައިލާ ބޭލީ ދަރިފުޅަށެވެ. އޭނާ މާކިން ގެންގޮސް ބޮލަށް ޖެހީ ރަޝާދުގެ ހިތަށް އަނިޔާދޭންވެގެންނެވެ. ފަހުން އެދަރިފުޅު ދޫކޮށްލެވުނީތީ ހިތާމަ ކުރަން ފެށުނުއިރު އޭނާގެ މާޒީގެ ކަޅުކަން އަނެއްކާވެސް އައިސް އޮތީ ވަށާލައިފައެވެ. ޖުމައިލާ ދެން ނިންމީ މާކިން މަތިން ހަނދާން ނައްތާލުމަށެވެ. ސާދަ އަހަރުގައި ކުއްލިއަކަށް ގޮސް ކުރިމަތިން ބައްދަލު ކުރުމުން އޭނާ ހިތާއި ދެކޮޅަށްވެސް މާކިން ފޮނުވައިލީ އެއްފަހަރު އެދަރިފުޅަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުންނެވެ. އެކަމަކު އޭރު މާ ލަސްވެއްޖެއެވެ. ވިޔަފާރީގައި އެކުގައި މަސައްކަތް ކުރާ ދެވަނަ މީހާއަށް މާކިން ފެނުމުން ބޭނުންވީ އޭނާގެ ރީތިކަމުން ފައިދާ ނަގާށެވެ. ޖުމައިލާއަށް ދެކޮޅު ހެދޭނެ މަގެއް ނުފެނުނެވެ. އޭނާ ކިރިޔާވެސް ފިޔަވަޅެއް އަޅައިފިއްޔާ ރީމާ ކިޔައިދިންހެން ދިރިއުޅުމުން އަތްދޮވެލަން ޖެހޭނެއެވެ. ފަސޭހަ ވާނެހެން ޖުމައިލާ ހަނދާނަށް ގެނައީ ރަޝާދުދެކެ އަންނަ ރުޅިއެވެ. އޭނާ ދެކުނީ މާކިންއަށް ދެވޭ ދެރައަކީ ރަޝާދުއަށް ދެވޭނެ ދެރައެއް ކަމުގައެވެ. އެދުވަހު މާކިންގެ އަނިޔާވެރިކަން ދެކެފައި އެމީހުން ބިރުނުގަތްނަމަ ދުވަހެއްގާވެސް މާކިން ދޫކޮށްލަން އެތަނުން އެކަކުވެސް ހުރީ ތައްޔާރަކަށް ނޫނެވެ. ނަސީބަކަށް ވީ މާކިން އެދުވަހު ކުރި ހިތްވަރެވެ. އަދި މިއަދު ޖުމައިލާއަށް ޖެހިފައިވަނީ ދުވަހަކުވެސް ފަސޭހަ ނުވާނެ ބައްޔެކެވެ. ދުނިޔޭގައި ކުރި ފާފަތަކުގެ އަޒާބު އެއިޑްސްގެ ސިފައިގައި އައިސް ބައްދަލު ކުރީއެވެ. އިތުރު ދެތިން މީހެއްގެ ކިބައިންވެސް އެބަލި ފެނި އެމީހުންގެ މުޅި ވިޔަފާރި އަޑިއަށް ދިޔައީއެވެ. ސިޓީގައި ޖުމައިލާ އެންމެފަހުން ލިޔެފައި އޮތީ އަތުގައި ހުރި ފައިސާކޮޅު ހިފައިގެން ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރަން ބޭރު ޤައުމަކަށް ހިޖްރަ ކުރި ވާހަކައެވެ. ކިތަންމެ އަނިޔާވެރިއަސް އެސިޓީ ކިޔާފައި މާކިންގެ ލޮލުގައި ކަރުނަ ހިނގާލިއެވެ. ކޮންމެ ގޮތެއްވިއަސް އެއީ އޭނާގެ މަންމައެވެ. އެހީއަކަށް އެދުނު ނަމަ އަދިވެސް އެކަމަށް ފުރަގަހެއް ނުދެވުނީހެވެ. އެކަމަކު ޖުމައިލާ އެދިޔައީ މާކިން ބޭނުން ވިއަސް އޭނާ ނުހޯދޭނެހެން ހުރިހާ ފިޔަވަޅެއްގެ ނިޝާންވެސް ފުހެލާފައެވެ.

*****

އަކްޔަންއަށް ހައަހަރު ފުރިގެން ބޭއްވި ޕާޓީއަށް އެންމެން އައެވެ. ނުވަ މަހުގެ ބަނޑާއެކު ހުމާވެސް އައިސް ފަހަރަކު އެއްޗެއް ކައިކައިފައި އުޅޭތަން ފެނިގެން ޖަނާ ގާތަށް ހިނިއައެވެ. ރަފާހް އާ މާކިން ވާހަކަދައްކަން ދޫކޮށްލައިފައި އޭނާ ގޮސް ހުރީ ހުމާގެ ކައިރީގައެވެ. ވަގުތު ޖެހުމުން ކޭކު ފަޅަން ވެގެން އެންމެން އެއްވެތިއްބާ ގޭގެ ބެލްޖަހާ އަޑަށް ދޮރު ހުޅުވަން ދިޔައީ ޝަރުމީލާއެވެ. އަކްޔަންގެ ކުޑަ އަތުން މަންމަ އާއި ބައްޕައަށް ކޭކު ކޮޅު ލަވާދީފައި ތިރިނުކޮށްލަނީސް ދުރުން އަޑު އައީ ބޭބެއަށް ކޮބާހޭ ކިޔައިފައެވެ. އެންމެން އެދިމާއަށް ބަލައިލިއިރު ޒަލަފް ޝަރުމީލާގެ ކުރީގައި ހުރެގެން އައީ އެމީހުން އަދި ނުދެކޭ އަންހެންކުއްޖަކު ގޮވައިގެންނެވެ. ފަން އިސްތަށިކޮޅަކާއި ކަޅު ލޮލެއްގެވެރި އަންހެންކުއްޖާގެ ރީތި ހިނިތުންވުން އެކަނިވެސް އެންމެންގެ ހިތުން ޖާގަ ހޯދައިފިއެވެ. ޖަނާ އިތުރު ކޭކުކޮޅެއް އަކްޔަން އަތަށް ދީފައި ޒަލަފްއަށް ލަވަން ބުނުމުން އަކްޔަން މަންމަ ބުނިގޮތަށް ކަންތައް ކުރިއެވެ. އަންހެންކުއްޖާ އަތުގައި އޮތް ޕާރސަލް އަކްޔަންއަށް ދީފައި އެދެމީހުން ދެން ކުރިމަތިލީ މާކިންމެންނާއެވެ. ރަފާހް އާއި ހުމާވެސް ގެނެސް ކައިރީ ބަހައްޓައިގެން އަންހެންކުއްޖާގެ ތައާރަފް ދިނެވެ. ޒީނާއަކީ ޒަލަފްގެ ބައްޕަ އެދިގެން ކައިވެނި ކުރަން އެއްބަސްވި އަންހެންކުއްޖާއެވެ. ފުރަތަމަ ކިތަންމެ ނުރުހުނަސް ޒީނާއާ ބައްދަލުވި ހިސާބުން ޒަލަފްއަށްވެސް ޒީނާ ކަމުހިނގައްޖެއެވެ. އޭނާ ޤަބޫލު ކުރި ގޮތުގައި ހުރިހާ އެންމެންނަކަށް ފުރަތަމަ ލޯއްބެއް ނުލިބޭނެއެވެ. އެކުގައި އުޅެން ފެށުމުން ޒީނާދެކެ ލޯބިވެވިދާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.

"އަކްޔަން ނިދީތަ؟" އެކުވެރިންނާއެކު ބޭރުގައި ތިބެތިބެފައި މާކިން އައިސް އަކްޔަންގެ ކޮޓަރިއަށް ވަދެފައި އަހައިލިއެވެ. ޖަނާ ބޯޖަހާލައިފައި އައިސް ކައިރިއަށް ހުއްޓުމުން މާކިން އެދުނީ ކޮފީއެއް ހަދައިދިނުމަށެވެ. އޭނާ ބަދިގެއަށް ވަންނަން ދިއުމުން މާކިން ވަނީ ކޮޓަރިއަށެވެ. އިރުކޮޅެއް ފަހުން ޖަނާ ދިޔައިރު ބެލްކަނީގައި މާކިން ހުރީ ހީވާގޮތުން ވިސްނުމަކަށް ގެއްލިފައެވެ. "ކޮފީ." ޖަނާ ކައިރިއަށް ހުއްޓިފައި ބުނެލިއެވެ. މާކިންއަށް ހޭވެރިކަން ވެގެން ބަލައިލާފައި ކޮފީޖޯޑުގައި ހިފުމަށްފަހު ބޭރުބަލަން ފެށިއެވެ. ކޯވަރެއް ބޯލާފައި ކޮފީތަށި އޭނާ ބެހެއްޓީ ރެއިލިންގެ ތިރިން ފާރުކޮޅު މަތީގައެވެ. "ޒީނާ އެއީ ވަރަށް ނައިސް ކުއްޖެއް. އަހަރެން ވަރަށް އުފާވެފަ މިހުރީ ޒަލަފްއަށް އުފާވެރިކަން ލިބުނީމަ." މާކިންގެ ހިތުގައި އޮތް އެއްޗެއް ހާމަ ކުރިވަގުތު ޖަނާވެސް ހިނިތުންވެ ބޯޖަހައިލިއެވެ. މާކިން އެމޫނަށް ބަލައިލާފައި ދެން އައިސް ފުރަގަހަށް ހުއްޓި ދަތްދޮޅި އަޅުވައިލީ ޖަނާގެ ކޮނޑުގައެވެ. އެދެއަތުން އޭނާ ޖަނާ ވަށައިލީ އުމުރަށް އެކު އުޅެން ވަޢުދުވަމުންނެވެ. ކަންފަތް ދޮށުގައި އިއްވައިލި ލޯބިން ފުރިގެންވީ ބަސްތަކުން ޖަނާގެ ހިތާއިއެކު ލޯވެސް ކަރުނުން ތެންމައިލިއެވެ. ހަ އަހަރު ކުރިން "އެރޭ" އޭނާގެ ދިރިއުޅުން ބަދަލުކޮށްލުމަށްފަހު މިއަދު ދުނިޔޭގެ ހުރިހާ އުފަލެއް އޭނާގެ އުނގުތެރެއަށް ޖަމާވެފައިވެއެވެ.

ނިމުނީ

ކޮމެންޓް 0