މާކިން ވާހަކަ ކުރުކޮށްލާފައި އަނެއްފަރާތަށް އެނބުރި ހުއްޓާ ޝަރުމީލާ ނިކުމެގެން ދިޔަ އަޑު އަހާފައި ހީކުރީ ޖަނާވެސް ދިޔައީ ކަމަށެވެ. އޭރު ޖަނާ ހުރީ ކަޅި އަޅާލައިގެން މާކިންގެ ފުރަގަހުގައެވެ. މަންމަ ގޮސް ގެއްލޭއިރަށް އޭނާ ބުމަ ކައިރިކޮށްލައިފައި ކުރިއަށް ފިޔަވަޅެއް އެޅިގޮތަށް މާކިންގެ މުލައްދަނޑީގައި ހިފާ މަގަަތަށް އަނބުރާލިއެވެ. އެއަތުގެ ބީހުމުން ސިހުންވެގެން އެނބުރުނުއިރު ކުރިމަތިން އެސޫރަ ފެނުމުން މާކިން އަދި މާބޮޑަށް ސިހުނެވެ.

"ކޮން ހައްޤަކާއި ލައިގެން މާކިން އަހަރެންގެ މަންމައާ މުޚާތަބުކޮށް އަޑު ހަރުކޮށް ތި ވާހަކަދެއްކީީ؟" މާކިންއަށްވުރެ ކުރިން ޖަނާ ފެށިއެވެ. "ބުނެބަލަ! ކޮބާ މާކިންގެ މައްސަލައަކީ؟ އަހަރެންގެ މަންމަ ވީމަތަ ތިހާ އަދަބު ކުޑަކޮށްލައިގެން ވާހަކަ ދައްކަނީ؟ ހަމައެހާ ރުޅިއާދޭތަ އަހަރެންދެކެ؟" ޖަނާ ސުވާލު ކުރަން ފެށުމުން މާކިން ރައްދު ދޭން އަތް ފޮޅުވާލައިފައި ފަހު ޖުމްލަ އިވިގެން ހުއްޓުން އަރާގޮތްވިއެވެ. އާއެކޭ ބުނެ ފަސޭހައިން ސަލާމަތް ވެވެން އޮތްވާވެސް އެގޮތާއި ހިތް ދެކޮޅުވީ ކީއްވެ ކަމެއް ނޭނގުނެވެ. މާކިންގެ މި ހިމޭންކަން ދެކެފައި ޖަނާ ގަތީ ފާޑެއްގެ ބިރެކެވެ. ކަންތައް މިވަނީ އޭނާ އުންމީދު ކުރި ގޮތާއި ޚިލާފަށެވެ. ރުޅި އައިސް ހަޅޭތްލަވައި ގަތުމުގެ ބަދަލުގައި މާކިން ހިމޭނުން އެހުރީ ކީއްވެ ހެއްޔެވެ؟ ވިސްނަންވީ އެއްޗެއް ނޭނގިފައި އަވަސް އަވަސްކޮށް ދެތިންފަހަރު އެސްފިޔަ ޖަހާލިތަނާ މާކިން އަތުގައި ހިފެހެއްޓުމުން ފިނިވާގޮތްވެގެން އެއަތަށް ބަލައިލެވުނެވެ. "ކިހާ ދެރަކަމެއް މާކިން. އަތުން ދޫކޮށްލާ. ތިހާ ބާރަށް ހިފެހެއްޓިމަ ތަދުވެއޭ." މާކިން އޭނާ އަތަށް ކުއްލިއެއް ޖަހާފައި ދޮރާއި ދިމާއަށް ގެންދިޔައިރު ޖަނާ ކިއެވެ.

"ޖަވާބު އެނގޭ ސުވާލުތައް ނުކުރިއްޔާ މާ ރަނގަޅުވާނެ." ބޭރަށް ނެރެފައި އަތުން ދޫކޮށްލަމުން މާކިން ކިޔައިލިއެވެ. ޖަވާބު އަންނާނީ އެހެންކަން މާ ކުރިއްސުރެ އެނގިފައި އޮތަސް އެޖަވާބުން ޖަނާގެ ހިތަށް ވީ ފުން ތަދެކެވެ. މާކިން މޫނު މައްޗަށް ދޮރުޖަހާލައިފައި ދިއުމުން އަތުގައި ފިރުމަން ހުރެފައި ތުން ފިތާލެވުނެވެ. މާކިން އެކަންޏެއް ނޫނެވެ. އެހެން އެއްވެސް މީހަކު ސަބަބެއްނެތި އެގޮތަށް ތިމާއަށް ނަފްރަތު ކުރަންޏާ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެއެވެ. މީގައި އޭނާއަށް މާކިން މުހިންމުވަނީއެއް ނޫނެވެ. ޖަނާ އަމިއްލަ ނަފްސަށް އެއްޗެއް ވިސްނައިދޭން އުޅޭހެން ހިތާއި ހިތުން ބުނެލިއެވެ.

ސިޓިންރޫމަށް ނިކުތްއިރު ދީނާ ފޯނެއްގައި އޮވެފައި ޖަނާ ފެނިގެން ތެދުވެ އެއްފަރާތަކަށް ޖެހިލިއެވެ. "ތީ ހަމަ ހީވާގޮތް. އަހަރެން ނޫޅެން މީޓް ކުރާ ހިތުން ކެތްމަދު ވެގެނެއް." ދީނާ ގަދަކޮށްލާފައި ވާހަކަދެއްކީ ނާއިކްއާއެވެ. ބެލްކަންޏަށް ނިކުމެ ހުރެގެން އޭނާ އެއް އަތުން ގަހުގައި ފޮޅިފައި ހުރި ފިނިފެންމަލެއްގެ ފިޔަތަކާއި ކުޅެލިއެވެ. ހަވީރުގެ ފިނި ރޯޅިތައް އައިސް ފަން އިސްތަށިކޮޅާއި ކުޅެލާފައި އިރު އިރުކޮޅާ ދޮން ކޯތާފަތުގައި ބޮސްދެއެވެ. "އެކަމަކު ރޭގަ ފޯނުގަ އޮވެފަ ބުނި ބޭނުމީ އަހަރެންގެ ކައިރީގައޭ ނިދަން އޮންނަން. ޑީ ބުނީމަ އަހަރެން ނިދަން އޮވެފަ ތެދުވެ އެއްޗެހި ލައިގެން ތިގޭ ދޮރާއި ހަމައަށްވެސް ދިޔައިން." ނާއިކް ދިން ޖަވާބު އަހާފައި ދީނާގެ އަނގަ ހުޅުވުނެވެ. އޭނާ ނިދީގައި ފޯނު ނަގައި ވާހަކަ ދައްކާ ކަމަށް މަންމަވެސް ކުރިން ބުނެއެވެ. "ދޮގު؟" ޔަޤީންކަމެއް ނެތް ރާގަކަށް ދީނާ ބުނެލިއެވެ. "ދޮގެއް. އެކަމަކު އަހަރެން ގުޅި ދެފަހަރުވެސް ފޯނު ނެގި. ދެން އަހަރެން އޮތީ ޑީގެ ނޭވާ އަޑު އަހަން." ނާއިކް ހަޤީޤަތް ހާމަ ކުރުމުން ދީނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ދޮންތަ އަންނަތަން ފެނިގެން އޭނާ ފޯނު ބޭއްވީ ފަހުން ގުޅާނެ ކަމަށް ބުނެފައެވެ.

"ކާކަށް ގުޅައިގެން ހާދަ ވަރަކަށް ތި ވާހަކަދައްކަނީ؟" ކައިރިއަށް ހުއްޓިފައި ޖަނާ ބަަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. ދީނާ މިހާރަކަށް އައިސް ތަންކޮޅެއް ގިނައިން ފޯނުގައި ހުންނަކަން އޭނާއަށް އޮތީ ފާހަގަ ކުރެވިފައެވެ. "މީހަކާ ނޫން ދޮންތާ.. ހޫމް އެކަމަކު ކޮންމެވެސް މީހަކާތާ ފޯނުން ވާހަކަދެއްކޭނީ. މިބުނީ ދޮންތަ ތިހީކުރާކަހަލަ މީހަކާ ނޫނޭ." ދީނާ ޖަވާބުދީފައި ދޮންތަ ބަލަން ހުރިގޮތް ވިސްނިގެން އަދި އިތުރަށް ތަފްޞީލު ކޮށްދިނެވެ. ޖަނާ ބަލަން ހުރެލާފައި ގެއަށް ދާންވީއޭ ބުނެ އެތެރެއަށް ވަދެގެން ދިއުމުން އޭނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

ކާރަކަށް ގުޅާފައި ދެބެން ނިކުމެ މަގުމަތީ ތިއްބާ އެހެން ދިޔަ ޕްރައިވެޓް ކާރެއް ކައިރިއަށް މަޑުކޮށްލާފައި ނާސިހާ ނިކުތްތަން ފެނިގެން ޖަނާ ފިނިވިއެވެ. އެހާ ދުވަސް ފަހުން ޒަލަފް މަންމައާ އެގޮތަށް ދިމާވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެމީހުން އެތިބީ ޓެކްސީގެ އިންތިޒާރުގައި ކަމަށް ބުނުމުން ނާސިހާ ކުރުނުކޮށް އެދުނީ އެކާރަށް އެރުމަށެވެ. ނާސިހާގެ އެދުން ބޮލާލައި ޖަހަން ނުކެރިގެން ޖަނާ އެންމެ ފަހުން އެއްބަސްވިއެވެ. ކާރު ތެރޭ އޭނާ އިނީ ނާސިހާ ކައިރީ ފަހަތުގައެވެ. ދީނާ އިނީ ކުރީގައި ޑްރައިވަރ ގާތުގައެވެ.

"ދަރިފުޅުތަ މީ؟ ކޮބާ ފިރިމީހާ؟" ނާސިހާ އަކްޔަންގެ ފަން އިސްތަށިގަނޑާއި ކުޅެލާފައި ސުވާލު ކުރިއެވެ. ޖަނާ ހޫމ އަޅުވާލައިފައި ފަހުން ކުރި ސުވާލެއް ރައްދު ނުދީގެން ބެލިއިރު އިނީ އިސްޖަހައިގެންނެވެ. "ކިހިނެތްވީ؟" ނާސިހާއަށް ޖަނާގެ މޫނުން މޮޅިވެރިކަން ފާހަގަވިއެވެ. ހީވާ ގޮތުން އެއީ ޖަނާ ދައްކަން ގަޔާވާ ވާހަކައެއް ނޫނެވެ. "ވަރިކޮށްފަ ހުންނަނީ." ޖަނާ އެންމެފަހުން ބުނެލިއެވެ. އޭނާ ހަތަރުކަޅި ހަމަކޮށްލިއިރު ނާސިހާގެ ލޯ ފެންކަޅިވިތަން ދެކެފައި ހިތަށްވީ އެހެން ގޮތެކެވެ. ޒަލަފްގެ ލޯބިވެރިއެއްގެ ގޮތުގައި އޭނާ އުޅުނުއިރު ނާސިހާ އޭނާ ގެންގުޅުނީ އަމިއްލަ ދަރިއެއްހާ ލޯބިންނެވެ. އެކަމަކު މިއަދި ފަސް އަހަރު ފަހުން ހަމައެކަނި ދެކެފަރިތަ މޫނެއް ފަދައިން ފެނުމުންވެސް ނާސިހާ އޭނާއަށް ހަމްދަރްދީ ވަނީ ހެއްޔެވެ؟ ވިސްނަންވީ އެއްޗެއް ނޭނގިފައި ޖަނާއަށް ބަލަން އިނދެވުނެވެ.

"ދެން ކޮންއިރަކުން މީހަކާ އިންނަނީ؟" ނާސިހާ ދެންވެސް ކުރީ އެހާ އުދަނގޫ ސުވާލެކެވެ. "ދެން ގަސްތެއް ނުކުރަން މީހަކާއި އިންނާކަށް. މިހާރު އަހަރެންގެ ހުރިހާވެސް މީހަކީ އަކްޔަން. ބޭނުމަކީ މިދަރިފުޅު ރަނގަޅު ގޮތުގައި ބަލާ ބޮޑުކުރުން." ޖަނާ ދަރިފުޅުގެ ކޮނޑާ ހަމައިން އަތް އަޅުވާލައި ގެނެސް ގައިގައި ޖައްސާލައިފައި ބުނެލިއެވެ. އޭނާ ތުއްތު އަކްޔަންގެ ބޮލުގައި ތުންފަތް ޖައްސާލައިފައި އަނެއްފަރާތަށް އެނބުރި ބޭރު ބަލަން ފެށުމުން ނަސީބަކުން ނާސިހާވެސް އިތުރު ސުވާލެއް ނުކުރެއެވެ.
*****

އަތުގައި ހުރި ބާޒާރު ކޮތަޅުތައް ކޮޓަރިއަށް ގެންދަން ނޯކަރާއި ހަވާލުކޮށްފައި ނާސިހާ ގޮސް ފްރިޖުން ފެން ތައްޓެއް އަޅައިގެން ބޯން ހުއްޓާ ޒަލަފް އެތެރެއަށް ވަނެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓާއެކު ލައިގެން ހުރި ގަމީސް ރޫޖެހިފައި ހުރިވަރުން އެއައީ ނިދާފައިކަން ދޭހަވެއެވެ. އިސްތަށިގަނޑުވެސް ހޭވި ލޮލުގައި ނިދީގެ އަސަރު ފެންނަން ހުއްޓެވެ. ނާސިހާ ފެންބޯން ހުރެގެން ޒުވާން ދަރިފުޅަށް ފުން ނަޒަރެއް ދީފައި ޒަލަފް މޭޒު ދޮށުގައި އިށީންދެލުމުން ނަމުން ގޮވާލައިފިއެވެ.

"ކީކޭ މަންމާ؟" ޒަލަފް ވާހަކަ ދެއްކީ އާފުރިލައިފައެވެ. އޭނާ އަނގައާއި ކައިރިކޮށްލި އަތްތިލަ ހުޅުވާލައިފައި ބަލައިލިއިރު މަންމަ ހުރީ ހަތަރުކަޅި ހަމަކޮށްލައިގެންނެވެ. "ދަރިފުޅަށް އެނގޭތަ ޖަނާ މާލެ އައިކަން؟" ނާސިހާ އަހައިލި އަޑަށް ޒަލަފް ސިހުނެވެ. "މަންމަ ކީއްވެ ތިހެން ތިއެހީ؟" ޒަލަފް ބޭނުންވީ ސަބަބު އޮޅުންފިލުވާށެވެ. މަންމަ އެކުރި ސުވާލަކުން ލޮލުގައި ހުރި ނިދިވެސް ފިލައިފިއެވެ. "މަންމަ މިއައި މަގުމަތިން ބައްދަލުވީ. ވަރަށް ކިޔައިގެން ކާރަށްވެސް އެރީ." ނާސިހާ ޖަވާބު ދިންއިރު ޒަލަފް އިސްޖަހައިލި ގޮތުން އެއްޗެއް ވިސްނުނެވެ. ޖަނާ އައިސް އުޅޭކަން ޒަލަފްއަށް އެނގިގެން އެއުޅެނީ އަލަކަށް ނޫނެވެ. ޖީބުގައި އޮތް ފޯނު ރިންގް ވެގެން ނަގައި ބަލައިލާފައި ޒަލަފް ނިކުމެގެން ދިއުމުން ނާސިހާ އިށީންދެލީ މޭޒު ދޮށުގައެވެ. އޭނާގެ ހިތަށް އަރަމުން ދިޔައީ ޒަލަފްއަށް އަންނަން ފަށާފައިވާ ބަދަލާއި ޖަނާ މާލެ އައުމާއި ދެމެދު ގުޅުމެއް ވެދާނެ ކަމުގައެވެ. އެހެންވެއްޖެނަމަ ޒަލަފްއަށް އައި ހެޔޮ ބަދަލުގެ ފަހަތުގައި ވަނީ ޖަނާއެވެ.

ދެވަނަ ފަހަރަށް ޝިވަމްއާ ބައްދަލު ކުރަން ދާން ޖަނާ ނިކުތް ރޭ އުޑުމަތި އޮތީ ބަނަކޮށެވެ. އޭނާ ދީނާ ކައިރީ އަކްޔަންއަށް ސަމާލު ވުމަށް އަންގާފައި ގެއިން ނިކުމެގެން ވަކި ހިސާބަކަށް ދެވުނުތަނާ ވާރޭ ކަނި ޖަހަން ފެށިއެވެ. މަގު ހުރަސް ކުރަން އާދެވުނުއިރު ލައިޓް ރަތްވެފައި ހުރުމުން މަޑުކޮށްލައިގެން ހުރެފައި އިސްއުފުލާލެވުނު ގޮތަކުން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ޖަނާއަށް ފެނުނީ މަގުގެ އަނެއް ފަރާތުގައި ހުރަސް ކުރަން ތައްޔާރަށް ތިބި ބައިގަނޑުގެ ކުރީގައި ހުއްޓި ހުރި ނާއިކްއެވެ. ކަޅު ކުލައިގެ އަތްދިގު ގަމީހާއި ޖިންސްގައި ޖީބަށް އަތް ޖަހާލައިގެން ހުރިއިރު އެދެލޯ ހުރީ ސީދާ އޭނާއަށެވެ. ހޭލާ ހުއްޓާ ހުވަފެން ފެންނަނީ ކަމަށް ހީކޮށްގެން އެހުވަފެނުން ހޭލަން މަސައްކަތް ކުރާ މީހަކު ފަދައިން ދެފަހަރު މަތިން ދެފަރާތަށް ބޯ ހޫރައިލި ނަމަވެސް މަންޒަރު ބަދަލެއް ނުވިއެވެ. އެވަގުތު ފެހި މީހާ ދިއްލިފައި އެތާތިބި މީހުންތައް ނާއިކްގެ ފަހަތުން ނިކުމެގެން އަންނަން ފެށުމުން ޖަނާއަށް ނާއިކް ގެއްލޭ ގޮތްވިއެވެ. ޖެހިލުންވިއަސް ޖަނާ ބޭނުންވީ ޔަޤީން ކުރާށެވެ. ތުރު ތުރު އަޅަމުން ދިޔަ ދެފައިން ހިނގާލައިފައި އޭނާ އެދިމާއަށް ގޮސް ހުއްޓުނުއިރު އެކަކުވެސް ނެތެވެ. 

ޖަނާއަށް ދެވުނުއިރު ވާރޭގައި ޖެހިގެން އޭނާ ހުރީ ހިސާބަކަށް ތެމިފައެވެ. ތެތް އިސްތަށިގަނޑު އަތުން ފޮޅައިލަން ހުއްޓާ ޝިވަމް އެދިމާއަށް އައިސް ޓިޝޫ ފޮށި ދިއްކޮށްލިއެވެ. "ޝުކުރިއްޔާ." ޖަނާ ޓިޝޫއެއް ނަގާފައި މޫނު ފުހެން ތައްޔާރު ކޮށްލުމާއެކު ދެފަހަރު މަތިން ކިބިހި އެޅުނެވެ. ޝިވަމް ހިނިތުންވެލައިފައި ޖަނާ ކުރިމަތީ އިށީންގޮތަށް ސުވާލު ކުރަން ފެށީ ޒަލަފްގެ އެކުވެރިންނާ ޖަނާގެ ގުޅުން ފުރަތަމަ ބަދަހިވެގެން އައި ގޮތާ ބެހޭ ގޮތުންނެވެ. ޒަލަފް ފަދައިން ރަފާހް ހިތް ހެޔޮވެފައި އަޅައިލާ ވާހަކަ ބުނިއިރު މާކިން ފުރަތަމަ ދުވަހުން ފެށިގެންވެސް އޭނާދެކެ ރުޅި އަންނަ ވާހަކަ ކިޔައިދިނެވެ. މާކިން ސަބަބެއް ނެތި ރުޅި އަންނާތީ އެކަމަކާއި އެއްވެސް ވަރަކަށް ދެރަވޭހޭ އަހައިލުމުން ޖަނާ އިރުކޮޅެއް ވަންދެން އިސްޖަހައިގެން އިނދެފައި ބުނީ ދެރަވާ ކަމުގައެވެ.

"އެހެންވިއްޔާ އެއްފަހަރުވެސް މަސައްކަތް ކުރިންތަ އެރުޅީގެ ފަހަތުގައިވާ ސަބަބު އޮޅުން ފިލުވަން؟" ޝިވަމް އަތުގައި އޮތް ނޯޓު ފޮތުގައި އެއްޗެއް ލިޔަން އިނދެފައި އިސްއުފުލައިލިއިރު ޖަނާ އަދިވެސް އިނީ އިސްޖަހައިގެންނެވެ. "ކުރިން ދުވަހަކުވެސް މަސައްކަތެއް ނުކުރަން. ޒަލަފްގެ ވާހަކައަށް އިތުބާރު ކޮށްފަ އަޅައިނުލާ ދޫކޮށްލީ. އެކަމަކު މިފަހަރު މާލެ އައި ފަހުން އެކަން އޮޅުންފިލުވަން ވަރަށް ބޭނުންވެގެން އެހިން." ޖަނާ ކިޔައިދިނެވެ. "ކީއްވެ ކުއްލިއަކަށް މިހާރު އެކަން އޮޅުންފިލުވަން ބޭނުންވީ؟" ޝިވަމް ސުވާލު ކުރި އަޑަށް ޖަނާ ސިހިފައި އިސްއުފުލާލިއިރު އިނީ ކަންބޮޑުވެފައެވެ. ކުރި ސުވާލެއް އަހާފައި ޖަނާ ފުރަަތަމަ ފަހަރަށް އެހާ ކަންބޮޑުވިތަން ފެނުމުންޝިވަމްއަށްވެސް ހާއްސަ ސަމާލުކަމެއް ދެވުނެވެ. "މާކިންގެ ވާހަކަ ހުއްޓާފަ ޒަލަފްއާ ބެހޭގޮތުން ސުވާލު ކުރަންވީއެއްނު. ނާއިކްއާ އަހަރެން ގުޅެން ޖެހުމުގެ ކުރިން ވީ ކަމެއް ވިއްޔާ ވީ ޒަލަފްގެ ސަބަބުން." ޖަނާ ކުއްލިއަކަށް ވާހަކަ ބަދަލުކޮށްލަން އެހާ ބޭނުންވި ސަބަބެއްވެސް އޮންނާނެ ކަމުގައި ޝިވަމް ގަބޫލު ކުރިއެވެ. އެކަމަކު އެސުވާލު އޭނާ ބޭއްވީ އަނެއްކާވެސް ފަހުން ކުރާ ގޮތަށެވެ. ޝިވަމް އެއްބަސްވިތަން ދެކެފައި ޖަނާ ކިޔައިދޭން ފެށީ ޒަލަފްގެ ފުށުން އޭނާއަށް ލިބުނު އަޅާލުމާއި ލޯބީގެ ފުންކަމުގެ ވާހަކައެވެ. ސިއްރުން އެހެން ކުދިންނާ ގުޅުން އަދި ބޭއްވިއެއް ކަމަކު އޭނާއަށް ޒަލަފް ދިން ރައްކާތެރި ކަމާއި އެނަފްސްގެ މުހިންމުވަރު އަންގައި ދިން ގޮތުން ހުރިހާ އުފަލެއް އޭރު އޭނާއަށް ލިބުނެވެ.
*****

ފަޅު ރަށަށް ދަތުރު ދިޔަ ރޭގެ ކުރިއަށް ވީ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ކިޔައިދީފައި ގަޑި ހަމަވުމުން ޖަނާ ނިކުމެގެން ދިއުމާއެކު ޝިވަމް ތެދުވެފައި ޖެހިލީ އޭނާގެ ޑެސްކު ކައިރިއަށެވެ. އަތުގައި އޮތް ފޮތް ވަތްގަނޑަށް ލައިފައި ހުޅުވާފައި ހުރި ލެޕްޓޮޕުން މާކިން ޖަހާފައިވާ ފޯލްޑަރ ހުޅުވާލިއެވެ. އޭގައި ހުރި އެތައް ބައިވަރު ވީޑިއޯ ކްލިޕްތަކެއްގެ ތެރެއިން ކޮންފެޝަންގެ ނަން ދީފައިވާ ވީޑިއޯ ޕްލޭ ކޮށްލުމާއެކު ޖަނާ އިން މަޤާމުގައި އިންދާ ފެންނަން ފެށީ މާކިންއެވެ. މާކިން ވާހަކަދައްކަން ފެށުމާއެކު ޝިވަމް ދެފަހަރެއްގެ މަތިން ކުޑަކޮށް ކުރިއަށް ދުއްވާލައިފައި ބެހެއްޓިއެވެ.

"އެދުވަހު ގެއިން ނިކުތީ ޒަލަފް ބުނެގެން. ސައިކު ހަލާކުވެފަ ހުރީމަ ހިނގާފަ ދިޔައީ. ވަރަށް ކައިރިވެފަ ހުއްޓާ ގޭގެ ދޮރު ހުޅުވާލައިފަ އޭނަ ނިކުތީ. ނިކުތްގޮތަށް އަހަރެން ގައިގަ ލައިގެންފަ ވެއްޓެން ދަނިކޮށް އަހަރެން ސަލާމަތް ކޮށް ދިނީ. އަހަރެންގެ އަތުތެރޭ އޭނަ ލޯމަރައިގެން އޮތް އެންމެ ދެތިން ސިކުންތު އަހަރެންނަށް އެމޫނަށް ބަލައިލަން ލިބުނީވެސް. އެކަމަކު އެދެތިން ސިކުންތު އެދުވަހު އަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލީ. އެސޫރަ އަހަރެންގެ ސިކުނޑިއަށް ވެރިވީ އެންމެ ނަޒަރަކުން. އަދި އެންމެ ނަޒަރަކުން އަހަރެންނަށް އޭނަދެކެ އިންތިހާއަށް ލޯބިވެވުނީ." މާކިންގެ ވާހަކަ އެހިސާބަށް ދިއުމާއެކު ޝިވަމް އަނެއްކާވެސް ކުޑަކޮށް ކުރިއަށް ޖައްސާލިއެވެ. މިފަހަރު މާކިން އިނީ އިސްޖަހައިގެންނެވެ. އެހެން އިނދެގެން ދެފަހަރެއްގެ މަތިން އަތް މުށްކަވާލައިފައި ތެެދުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކުން އެނބުރި އައިސް ގޮނޑީގައި އިށީންދެފައި އަނެއްކާވެސް ޝިވަމްއާ ކުރިމަތިލީއިރު ދެން އިނީ ކުޑަކޮށް ހަމަޖެހިފައެވެ.

"ދުނިޔޭގައި އުޅޭ އެއޮތް ހުރިހާ މީހުންގެ ތެރެއިން އަހަރެންގެ އެންމެގާތް އެކުވެރިޔާގެ ލޯބިވެރިއަކަށް ޖަނާ ވީ ކީއްވެ؟ އަދި އެނގޭތަ އެންމެ އަސަރު ކުރަނީ ކީއްވެކަން؟ އެއީ ޖަނާދެކެ ކުޑަކޮށްވެސް ލޯބިނުވާ މީހަކާ ހެދި ޖަނާ މޮޔަވެފަ ހުންނަ ތަން ދެކެފަ." މާކިން ވާހަކަދެއްކިއިރު އެރީތި ލޮލުގައި ކަރުނަ ވިދަން ފެށިއެވެ. ތެމިފައިވާ އެސްފިޔަތަކާއެކު ލޮލުގެ ކުލަ ގަދަވެ އިހުނަށްވުރެވެސް ރީއްޗެވެ. ފޯނު ރިންގް ވާން ފެށުމުން ޝިވަމް ވީޑިއޯ ހުއްޓާފައި ވާހަކަ ދައްކަން އިނދެގެން ބެލުނީ މާކިންގެ ހުއްޓިފައިވާ އެތަސްވީރަށެވެ. އެއީ ބަސް ބުނުމަކާ ނުލާ އެތައް އަސަރަކާއި ވާހަކައެއް ދޭހަ ކޮށްދޭ ތަސްވީރެކެެވެ.

ފުރަތަމަ މަހު މުސާރަ ނަގައިގެން ޖަނާ ގޭގައި ކެއުމެއް ތައްޔާރުކޮށްފައި މަންމަމެނަށް ދައުވަތު ދިނެވެ. އޭނާ މާކިންގެ ނަން ސީދާ ނުބުނެ އެންމެން އަންނާށޭ ބުނިއިރު ހިތާއި ހިތުން ދުޢާ ކުރެވުނީ މާކިން އެތަނަށް ނައުމަށެވެ. ހުމާގެ ބޮޑު އަނގައާ ހެދި ޒަލަފްއަށް ސިއްރެއް ނުވިއެވެ. ޒަލަފް މެސެޖް ކޮށްލާފައި ދައުވަތުގެ އިންތިޒާރުގައި ހުރި ވާހަކަ ބުނުމުން ޖަނާއަށް ނޫނެކޭ ބުނަން ނުކެރިގެން އަޔަސް އެންމެ ރަނގަޅު ކަމުގައި ޖަވާބު ލިޔެލިއެވެ. ފަޔާޒްމެން ދެމަފިރިން ބުނެ ކިޔައިގެން ނޫންކަމެއްވެސް ނޭނގެއެވެ. ޖަނާއަށް ފެނުނީ އެމީހުންނާއެކު މާކިންވެސް އައިސް ވަންތަނެވެ. އަކްޔަން ފޮނިވެގެން ގޮސް ޝަރުމީލާ ގައިގައި ބައްދާލުމުން ޝަރުމީލާ އެސޮރު އުރައިގެން ވަންއިރު ފަޔާޒް އެކުގައި އައެވެ. މާކިން އެވަގުތު އެއްފަރާތަކަށް ޖެހިލާފައި އެމީހުންގެ ފަސް ފަހަތުން ކަހަލަ ގޮތަކަށް ގޮސް އިނީ ސޯފާގެ އެއް ކަނެއްގައެވެ.

ދީނާ ކާތަށިމަތި ތައްޔާރުކޮށްފައި ނިކުތުމުން ޖަނާ އެތަން އޮތް ގޮތް ބަލާލައިފައި ނިކުންނަން ވާއިރަށް ރަފާހްމެން އައެވެ. އެހިސާބުން ޖަނާ ކަންބޮޑުވީ ޒަލަފް އަންނާނެ ވަގުތަކާމެދު ވިސްނާފައެވެ. އެމީހުން ތިއްބާ އަތުވެއްޖެއްޔާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ކުރިން އޭނަ ޒަަލަފްއާ ގުޅިގެން އުޅުނުއިރު މަންމައަށް އެވަރެއް ނޯންނާނެއެވެ. މިހާރު ދެން ކުއްލިއަކަށް ޒަލަފް އެތަނުން ފެނިގެން ދެމީހުން ގުޅުވުމުގެ ހިޔާލު ނުކޮށްފިއްޔާ ރަނގަޅެވެ.

ކަންތައްވީ ޖަނާ އެންމެ ބިރުން އުޅުނު ގޮތަށެވެ. ޒަލަފް އައިސް ބެލް ޖެހީ އެންމެން ކާން އެރި ތަނާއެވެ. ދީނާ ދާން އުޅުމުން ޖަނާ ދީނާ ހުއްޓުވާފައި އަވަހަށް ގޮސް ދޮރު ހުޅުވާލުމާއެކު ޒަލަފް ދިއްކޮށްލީ އޯކިޑް މާބޮނޑިއެވެ. "އަދި މިވެސް. މީ މަންމަ ޖާންއަށް ފޮނުވި ހަދިޔާއެއް." ޒަލަފް އަތުގައި ހުރި ކަރުދާސް ކޮތަޅެއް ދިއްކޮށްލަމުން އޮޅުންފިލުވައިދިނެވެ. ޖަނާ ފާޑަކަށް ހުރެގެން ކޮތަޅުގައި ހިފާފައި ޝުކުރު އަދާކުރިއެވެ. ދެމީހުން އެކުގައި ގޮސް ވަނުމާއެކު ޝަރުމީލާއަށް ފެނިގެން ހައިރާންވެފައި ނަމުން ގޮވައިލިއެވެ. "ޝަރުމީލައްތަ ކިހިނެތް؟" ޒަލަފް ހިތްހެޔޮ ކަމާއެކު ވާހަކަދެއްކި ނަމަވެސް ހުރީ ކުޑަކޮށް ރަކިވެފައެވެ. އޭނާ ޖަނާ ދެއްކި ގޮނޑީގައި މާކިންގެ ކައިރީ އިށީނުމުން ޖަނާ ތަށިތައް ކައިރިކޮށްދޭން ހުރެފައި ބަލައިލި ވަގުތު މާކިން ބަލަން އިންދާ ފެނުނެވެ. އެކަމަކު އޭނާ ހަމަ ބަލައިލިއިރަށް އިސްޖަހައިގެން ކާން ފެށިއެވެ. 

ކެއުމުގެ ވަގުތުގައި ބޮޑަށް ވާހަކަދެއްކީ ޝަރުމީލާމެން ދެމަފިރިންގެ އިތުރުން ހުމާމެންނެވެ. ފަޔާޒް ރެސްޓޯރެންޓާއި ބެހޭ ގޮތުން އެހުމުން ހުމާ ބައެއް ސުވާލު ތަކަށް ޖަވާބު ދިންއިރު ރަފާހްވެސް ބަހެއް އިތުރުކޮށްލިއެވެ. ޝަރުމީލާ އަމިއްލައަށް ހަވާލުވެގެން އަކްޔަންއަށް ކާންދެމުން ދިޔަ ނަމަވެސް ޖަނާއަށް ކާން އުދަނގުވީ ކުރިމަތީ ޖެހި ޖެހިގެން އިން މާކިންއާ ޒަލަފް ފެންނަން އިނީމައެވެ. މުޅިން ނުނިމި އުޅެނިކޮށް އަނެއްކާވެސް އިވުނީ ގޭގެ ބެލް ޖަހާލި އަޑެވެ. "އިތުރު މީހަކަށް ދައުވަތު ދިނިންތަ؟" ޝަރުމީލާ ސުވާލު ކޮށްލުމުން ޖަނާ ދެފަރާތަށް ބޯ ހޫރާލިތަން ދެކެފައި އެންމެންގެ ނަޒަރު ދީނާއަށް ހުއްޓުނެވެ. ނާއިކް މަތިން ހަނދާންވެފައި ދީނާ އެވަގުތު ގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ނާންނާށޭ ބުނެފަ އޮތަސް ފޯނުން ދެއްކި ވާހަކައިގައި ކައްކާ ވާހަކަ ބުނެވިފަ އޮތުމުން އާއިލާ މީހުންނާ ބައްދަލު ކުރަން އަމިއްލައަށް އަތުވެދާނެއެވެ. 

"ހުރޭ އަހަރެން އަންނާނަން ބަލާފަ." ދީނާ ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ޖަނާ ތެދުވެގެން އަތް ދޮންނަން ޖެހިލިއެވެ. އޭނާ އެތަނުން ނިކުމެގެން ގޮސް ދޮރާއި ހަމައަށް ދެވޭހާއިރު ކޮށްފައި ދެން އިވުނީ ނިކަން ބާރަށް ހަޅޭތްލަވައިގަތް އަޑެވެ.

ކޮމެންޓް 0