"އަހަރެންގެ ދަރިފުޅުގެ ބައްޕައަކީ ނާއިކްއެއް ނޫން. އެހެން މީހެއް." ޖަނާ ބުނެލިއެވެ. އެސިއްރު ހާމަވުމުން ޝިވަމްއަށްވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފަސް އަހަރު ވަންދެން އެހާ ބޮޑު ސިއްރެއް އެކުގައި ގެންގުޅެން ޖަނާ ކިތަންމެހާވެސް ހުޝިޔާރެވެ. އަދި އެސިއްރުގެ ހައްޤުގައި އޭނާ އެއައީ މީހަކު ހިތަށްވެސް ނާރުވާނެފަދަ ހިތި ދުވަސްތަކެއް ދެކެފައެވެ.
"އަހަރެންނަށް ކުރެވުނީ ބޮޑު ފާފައެއް. ނާއިކްއާ އަހަރެން ދިމާވެ އަހަރެމެންގެ ދިރިއުޅުން އެކުގައި ލިޔެވިގެން ދިޔަ ދިއުން އެއީ އެފާފައިގެ ސަޒާ ކަންނޭނގެ. ކައިވެންޏާއި ހަމައަށް އަހަރެން ދިޔައީ މާޒީ މުޅިން ފުހެލަން ނިންމައިގެން. އެކަމަކު ކައިވެންޏަށް ހަފްތާއެއް ނުވަނީސް މާބަނޑު ވި ކަމުގެ އަލާމާތްތައް ފެންނަން ފަށައިފި. އެހިސާބުން ނާއިކް ބޭނުންނަމަ އަހަރެން ދޫކޮށްލައިފަ ދިއުމުގެ ފުރުސަތު ދިނިން. އޭގެ ބަދަލުގައި އޭނަ ބޭނުންވީ އަހަރެންނާއެކު ކުރިއަށް ދާން. އަހަރެން ހީކުރީ އެއީ އޭނާ އަހަރެންދެކެ ވާލޯބިން އަހަރެންނާއެކު ދިރިއުޅެން ކަމަށް. އަހަރެން ހީކުރީ އަހަރެންނަށް ނާއިކްއަށް ޓްރަސްޓް ކުރެވިދާނެ ކަމަށް. އެކަމަކު އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީމަ އޭނަ އަހަރެން ބްލެކްމެއިލް ކުރީ. އޭނައަށް ބޯ ނުލަނބައިފިނަމަ އަހަރެންގެ ސިއްރު އަހަރެންގެ ގާތްމީހުންގެ ކުރިމައްޗަށް ގެންނާނެ ކަމަށް ބުނެ ބިރުދެއްކީ. އޭގެ ބަދަލުގައި އަހަރެން އެކު އުޅެން އެދޭނަމަ ދަރިފުޅަށް އަމިއްލަ ނަންދީގެން ގެންގުޅެން އެއްބަސްވި. މާބަނޑުވެގެން ބަލިވެގެން އުޅުނު ދުވަސްވަރު އޭނަގެ ރަނގަޅު ފަރާތްވެސް ފެނުނު. އަކްޔަން ލިބެންދެން އޭނަ އަހަރެންނަށް އަޅައިލި. އަމިއްލައަށްވެސް ހިތަށްއެރި އޭނަ ރަނގަޅުވީއޭ. އަހަރެން އަޒުމް ކަނޑައެޅިން މާޒީ ހަނދާން ނައްތާލައިފަ ނާއިކްއާއެކު ކުރިއަށްދާން. މުޅި އުމުރަށް އޭނަގެ އަންބެއްގެ ގޮތުގައި ހުންނަން. ނާއިކް ރަނގަޅު ކުރަން ކުރި މަސައްކަތް އެވަރުންވެސް ކާމިޔާބު ވާތަނެއް ނުފެނުނު. އަކްޔަން ލިބުމުން އަނެތްފަރާތް ދައްކާކަށް ގިނަ ދުވަހެއް ނުނެގި. ފަހުން އޭނަ މައްސަލަ ޖައްސަނީ އޭނައަށް އަހަރެންގެ ހިތް މިލްކެއް ނުވެއޭ ކިޔައިގެން. ނާއިކް ޝައްކު ކުރަނީ އަހަރެންގެ ހިތުގައި ހިލޭ ފިރިހެނެއްގެ ލޯބި އޮތްކަމަށް ބުނެ. ފަހުން އޭނަ ހަލާކު ކުރި އެއްޗަކީ ޝައްކު." ޖަނާ ތަފްޞީލު ދިނެވެ.
ގަޑި ހަމަވުމުން ސެޝަން ނިންމާލައިފައި ޖަނާ ގެއަށް އައިއިރު ބޮލުން ހީވަނީ ބަރެއް ނެގިގެން ލުއިވެފައިވާ ހެންނެވެ. އޭނާ ހަމަޖެހިލައިގެން ސޯފާގައި އިންދާ އަކްޔަން ހޭލައިގެން ރޮމުން ދޮރު ހުޅުވާލައިފައި ނިކުތްތަން ފެނުނެވެ. ޖަނާގެ ހިތް ހީވީ މީހަކު ފިތްތައިލި ހެންނެވެ. ތުއްތު ދަރިފުޅުގެ ލޮލުން ކަރުނަ ފެނިގެން އޭނާގެ ލޮލުގައިވެސް ކަރުނަ ހިނގާލައިފިއެވެ. އަވަހަށް ތެދުވެފައި ގޮސް އަކްޔަން އުރާލައިގެން ހުރެ ސުވާލު ކުރުމުން ރޮއި ރޮއިފައި ކިޔައިދިނީ ހުވަފެނެއް ފެނުނު ވާހަކައެވެ. ޖަނާ އެދަރިފުޅު ހަމައަކަށް އަޅުވަން އެތައް ވާހަކައެއް ދައްކާފައި ގެންގޮސް ބޭއްވުމުން ނިދަން އޮވެފައި ބުނީ ބައްޕަގެ ވާހަކައެވެ. ބޮޑަށް އަސަރު ކުރީ އެހިސާބުންނެވެ. އަކްޔަން ރޮއި ރޮއިފައި ސުވާލު ކުރީ ބައްޕަ ނާންނަނީ އަކްޔަން ބަސްނާހާތީ ހެއްޔޭ ކިޔައިފައެވެ. ޖަނާއަށް ބުނާނެ އެއްޗެއް ނޭނގިފައި އޮތްވާ އަކްޔަން އިތުރަށް ވާހަކަ ދެއްކީ ދެން ދުވަހަކުވެސް ބައްޕަ ރުޅި އަންނަ ގޮތަށް ނޫޅޭނެ ކަމަށެވެ. އެހިސާބުން އިތުރަށް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. އޭނާ އެނބުރި ރާއްޖެ އައުމުގެ ފަހަތުގައިވެސް ވަނީ އަކްޔަންގެ ސަލާމަތެވެ. އޭނާ ނާއިކް ދޫކޮށްލީ އަކްޔަން ނާއިކްގެ ގަޔަށް އަތް އިސްކުރީމައެވެ. އެގޮތް މިގޮތަށް އޭނާއަށް ކުރި އަނިޔާތަކަށް އޭނާ ހޭނެން ފެށުމުން ނާއިކް ބޭނުންވީ އޭނައަށް އަނިޔާދޭނެ އިތުރު ގޮތެކެވެ. ކުޑައިރުއްސުރެ އެހާ ލޯބިން އަކްޔަންއާމެދު ކަންތައް ކޮށްފައި އެގޮތަށް ޖަހަން ކެރުނީތީ ޚުދު ޖަނާވެސް ހައިރާންވިއެވެ. އެހިސާބުން އޭނަ އަމިއްލަ ނަފްސަށް ބުނެލީ ފުދިއްޖެ ކަމުގައެވެ. ހަމަ އެދުވަހު ނާއިކް ކުއްލިއަކަށް ވަރިކުރީވެސް ޤަބޫލު ނުކުރެވޭ ފަދަ ގޮތަކަށެވެ. ފުރާނަ ހުއްޓާ އަތްދަށުން ދިޔަ ނުދޭނެ ކަމަށް ނިންމައިގެން ހުއްޓާ ނާއިކް އޭނާ ދޫކޮށްލީ އަކްޔަންއަށް އަތް އިސްކުރެވުމުން އެކަމާއި ދެރަވެގެން ކަމަށްވެސް ވެދާނެއެވެ.
ބޭރުން ގެއަށް އައިސް ވަންއިރު ފަޔާޒްއާ ޝަރުމީލާ އިނީ ކައިގެން ނިކުމެ ސިޓިންރޫމްގައި ޓީވީ ޕްރޮގްރާމެއް ބަލާށެވެ. މާކިން އެތެރެއަށް ވަދެގެން ދާތަން ފެނުމުން ފަޔާޒް ގޮވާލިތަނާ ހުއްޓިއްޖެއެވެ. "އާދެބަލަ މިތާ އިށީންނަން. ޝަރުމީލާ ދޭބަލަ ނިކަން ފިނި ފެންތަށްޓެއް ގެނެސްދޭން!" ފަޔާޒް ސޯފާގެ ހުސްތަނުގައި އަތުން ތަޅާލައިފައި މާކިންއަށް އިޝާރާތްކޮށް ޝަރުމީލާ ފޮނުވައިލާނެ ގޮތެއް ހޯދިއެވެ. ޝަރުމީލާއަށް ފަޔާޒްގެ މަޤްސަދު ވިސްނިގެން އޭނާ ބޯ ޖަހާލައިފައި ވަދެ މޭޒުދޮށުގައި އިށީންދެލީ އިރުކޮޅަކުން ނިކުންނަން ވެގެންނެވެ. މާކިން ބައްޕަ ކުރިމަތީ އިށީންދެ ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންދާ ބައްޕަ ޓީވީގެ އަޑު މަޑުކޮށްލިއެވެ. "ކޮބާ ދެން ދިޔައިންތަ ބައްޕަ ބުނި ކުއްޖާއާ ބައްދަލު ކުރަން؟" ފަޔާޒް ކުރީ މާކިން ހިތުގައި އޮތް ސުވާލެވެ. އޭނާ ހަތަރުކަޅި ހަމަކޮށްލާފައި މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލުމުން ފަޔާޒްގެ ކުލަ ފަނޑުވިއެވެ. "ބައްޕާ. އަހަރެން އަދިވެސް ޤަބޫލެއް ނުކުރަން ތީ ރަނގަޅު ހިޔާލެއް ކަމަކަށް. ހަޤީޤަތް އެނގިގެން އެއްވެސް އަންހެންކުއްޖަކު ބޭނުމެއް ނުވާނެ އަހަރެންގެ އަންބަކަށް ވާކަށް. ނުކިޔައިދީފިއްޔާ އެވާނީ ދެވޭ ކެއްސަކަށް." މާކިން ވާހަކަ ހުރީ ފަޔާޒް އެންމެ ބޭނުން ނުވާ ގޮތަށެވެ. "މާކިން! ބައްޕަ ކިތައްފަހަރު ވިސްނައިދިނިއްޔާތަ ޤަބޫލުކުރާނީ. ކީއްވެތަ އަނެއްކާ ތި ދިމާއަށް ވާހަކަ ގެންދަނީ؟ އެހެންނޫނަސް ކީއްވެތަ ކެއްސަކަށް ވާނީ. އެނގެން ނުޖެހޭ ވާހަކަތައް އަންގައިގެން ލިބެން އޮތް ގެއްލުމަކުން ސަލާމަތް ވުމަކީ ކެހި ދިނުމެއް ނޫނޭ." ފަޔާޒް ސޯފާގެ ކުރިއަށް ޖެހިލާފައި އަކުރުތަކަށް ބާރުލަމުން ވާހަކަދެއްކިއެވެ. މާކިން ބަލަން އިނދެފައި ކުއްލިއަކަށް ތެދުވުމަށްފަހު ފަޔާޒް ގޮވާލިފަހުންވެސް ދެން ނުހުއްޓެވެ. އޭނާ ބޯ ހާސްވެގެން ނިތުގައި ފިރުމާލައިފައި ޝަރުމީލާއަށް ގޮވާލުމުން ނިކުމެ ދިއްކޮށްލި ފެންތަށި އެއް ނޭވައިން ދަމާލެވުނެވެ.
ނިދުމުގެ ކުރިން މާކިން ބޭނުންވީ ފެންވަރާލުމަށެވެ. އޭނާ ފާޚާނާއަށް ވަދެ މާގަނޑު ދަށުގައި ހުރިއިރު ދެއަތް ތަތްކޮށްލެވިފައި އޮތީ މުށިޖަހާފައިވާ ފާރުގައެވެ. ބޮލަށް އެޅެމުންދިޔަ އެތައް ހާސް ފެންތިކިތައް އެރީތި މޫނާއި ހަށިގަނޑުގައި ބީހިލައިފައި ފައިދޮށަށް އެޅެމުން ދިޔައިރު ސިކުނޑިއާ ގުޅިގެން ދިޔައީ ކުރީގެ ހަނދާނެކެވެ. ގްރޭޑް އަށެއްގައި ކިޔެވި ފަހު ޓާމްގެ ރިޕޯޓް ފޯމް ހަވާލު ކުރި ދުވަހު އާދައިގެ މަތިން މާކިން ގެއަށް އައީ އެންމެމަތިން ފާސްވެގެންނެވެ. ބައްޕަ ދުވަހަކުވެސް އޭނާގެ މަސައްކަތް ފާހަގަކޮށް ހަދިޔާ ނުދޭތީ މާކިން އަޅައެއް ނުލައެވެ. ފުރާވަރަށް އެރި ފަހުން ބައްޕަގެ ކަންތައް ހުންނަ ގޮތަށް ވުރެ ބޮޑަށް އޭނާ އަމިއްލަ ޝައުޤުވެރިކަން ހުންނަ އެހެން ކަންތައްތައް ގިނައެވެ. މިޒާޖު ހުންނަ ގޮތުން މާބޮޑަށް ކުދިންނާ އެކުވެގެން ނޫޅުނަސް ފަހަކަށް އައިސް ތަންކޮޅެއް ގާތްކޮށް ދެ އެކުވެރިއަކު ގެންގުޅެއެވެ. ސުޒާން އާ އަމަންއަކީ އެއްމާބަނޑު ދެބެންނެވެ. ސުޒާން އަންހެންކުއްޖަކަށް ވިއަސް އަމަންގެ ސަބަބުން ގުޅުން އުފެދުނީއެވެ. ފަހަކަށް އައިސް އޭނާ ހުރިހާ ވަގުތެއްހެން ހޭދަ ކުރަން ފެށީ އެމީހުންނާއެކު އެމީހުންގެ ގޭގައެވެ. އެކުދިންގެ މަންމަމެން ހުރިހާ ކަމެއް ލޯބިންކޮށްދޭއިރު މާކިންއަށްވެސް ނިކަން ކަމޭހިތައެވެ.ނަސީބަކުން ސިކުނޑި ރަނގަޅުވެ މާބޮޑު މަސައްކަތަކާ ނުލާވެސް ކިޔެވުމުގައި މާކިން ކާމިޔާބު ހޯދައެވެ. ފަހު ޓާމްގެ ނަތީޖާ ލިބުމުން ސުޒާންމެން ވަރަށް އެދިގެން އޭނާ ތައްޔާރުވީ ކުލާސް ޕާޓީ ބޭއްވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމަށެވެ. އުފާވެރި މޫޑެއްގައި ހުރި މާކިންގެ މޫޑު ބަދަލުވީ އިވުނު ވާހަކަތަކަކުންނެވެ. އޭނާ އެތަނުގައި ފުރަތަމަ ތައްޔާރީ ތަކުގައި ގޮސް އުޅުނުއިރު ހުރިހާ ކުދިންވެގެން އެމީހުންގެ ނަތީޖާ ރަނގަޅުވެ މަންމަމެން ބައްޕަމެން ދިން ހަދިޔާތަކުގެ ވާހަކައިވުމުން އޭނާވެސް ބައްޕަ ފުށުން ކަމަކަށް އެދެން ބޭނުންވިއެވެ. އެރޭ މަސައްކަތް ނިންމާފައި ގެއަށް ގޮސް ވަންއިރު ބައްޕަ އައު ލޯބިވެރިޔާއެކު ކޮޓަރިން ނިކުންނަނީއެވެ.
"ބައްޕާ މިއަދު އަހަރެމެންނަށް ރިޕޯޓް ފޯމް ހަވާލުކޮށްފި." މާކިން އެދެމީހުން ކުރިމައްޗަށް ހުއްޓި އެވާހަކަ ބުނުމުން ރަޝާދު ބަރު އަޑަކުން ހޫމ އަޅުވާލައިފައި ދިޔައީ ގެއިން ނިކުންނާށެވެ. "ބައްޕަ އަހަރެން ރަނގަޅު ނަތީޖާއެއް ހޯދީމަ ހަދިޔާއެއްވެސް ނުދޭނަންތަ؟" މާކިން އިތުރަށް ވާހަކަދެއްކިއަޑަށް އެއަންހެންމީހާ އެނބުރިފައި ހަމްދަރްދީ އެކުލެވިފައިވާ ލޮލަކުން ބަލައިލިއެވެ. "އެއީ ތެދެއް ރަޝާދު. މާކިންއަށް ވާނެއެއްނު ހަދިޔާއެއް ދޭން. އަހަރެންގެ ދަރިފުޅު ރިމާއަށްވެސް ދިނިން މިފަހަރު ރަނގަޅު އެއްޗެއް. އޭނަ ބުނި މާކިން އަދި އޭނައުރެވެސް މޮޅޭ ނަތީޖާ." އަންހެންމީހާ މާކިންއާ އެއްކޮޅަށް ވާހަކަދެއްކުމުން ރަޝާދު ބަލަން ހުރެފައި ބޭނުންވަނީ ކޯއްޗެއްތޯ އަހައިލީ ފަރުވާކުޑަ ރާގެއްގައެވެ.
"އަހަރެންނަށް ބުނެދޭންވީނު މަންމަ ވީތަނެއް. އަހަރެން ބޭނުން މަންމައާ ބައްދަލު ކުރަން ދާ...." މާކިންގެ ޖުމްލަ ފުރިހަމަ ނުވަނީސް ރަޝާދު ފުންމައިގެންފައި އައިސް މޫނުމަތީ ޖެހިއަޑު މުޅި ތަނުގައި ގުގުމާލިއެވެ. ބައްޕަގެ ލޯބިވެރިޔާވެސް ސިއްސައިގެން ގޮއްސައި ހުރީ އަނގަމަތީ އަތް އަޅާލައިގެންނެވެ. "ހުރި ނުބައިކަން ބަލާބަލަ. މައެކަނި ކަލޭ ބޮޑުކޮށް ތިވަރު ކުރީމަ ލަދެއް ނުގަނޭތަ މަންމައޭ ކިޔާކަށް.." ރަޝާދު ރުޅިގަދަވެފައި ދެވަނަ ފަހަރަށް ތަޅައިގަންނަން އުޅެނިކޮށް އަންހެންމީހާ އެދެމެދަށް ވަދެ ރަޝާދު އަތުގައި ހިފައިގެން ގޮސް ބޭރަށް ނެރުނެވެ. ކޯތާފަތުގައި ފިރުމާލަން މާކިން ހުރެފައި އެނބުރުނުއިރު ލޮލުން ކަރުނަ އައެވެ. ރަނގަޅަށް ހަދިޔާ ލިބިއްޖެއެވެ.
އެރޭ މާކިން ނިދަން އޮތީ ސިޓިންރޫމްގައި ހުރި ފިލާ ގޮނޑިއެއްގައެވެ. ބޭރަށް ގޮއްސައި ބައްޕަމެން އެނބުރި އައިސް އޭނާ ބޭރުކޮށްލީއެވެ. ކަންފަތުގައި ހަރުލާން ފެށި އަޑު ތަކުން ނިދަން އުދަނގޫވެގެން އޭނާ އޮތީވެސް ދެކަންފަތް މަތީ އަތް އަޅައިގެންނެވެ. ފަތިސް އަތަށް އަޅާފައި ހުއްޓާ މީހަކު އައިސް މޫނުގައި ކޮށްޓަން ފެށުމުން ބަލާލިއިރު ބައްޕަގެ ލޯބިވެރިޔާއެވެ. އަންހެންމީހާ ފަސްއެނބުރި ބަލަބަލާފައި އޭނާ އަތަށް ލައިދިނީ ކަރުދާސްކޮޅެކެވެ. ބުނީ އެއީ މަންމަގެ މައުލޫމާތު ކަމަށާއި އޭނަ ދިން އެއްޗެއްކަން ނަމަ ނަމަވެސް ބައްޕަ ކައިރީ ނުބުނުމަށެވެ. ހެނދުނު ތެދުވެ ސުކޫލަށް ދިޔައިރު މާކިން ރާވައިގެން ހުރީ ނިމޭ ގަޑީގައި އަންހެންމީހާ ދިން އެޑްރެހަށް ދިއުމަށެވެ. އޭނާ ނިންމައިގެން ހުރި ގޮތަށް ސުކޫލުން ނިކުމެ ޓެކްސީއެއް ހޯދައިގެން ގޮސް އެގޭ ކައިރިއަށް ފޭބިއެވެ.
ކުރީގެ އެންމެ ފޮޓޯއެއް ލޮލަށް ފެނިލާފައި ހުއްޓަސް މަންމަ ފާހަގަ ކުރަން އެނގޭނެ ކަމާމެދު މާކިންއަށް ޝައްކުވިއެވެ. ބެލްޖަހައިގެން ހުއްޓާ މެދުއުމުރުގެ އަންހެނަކު ދޮރު ހުޅުވާލުމުން އޭނާ ސުވާލު ކުރީ "ޖުމައިލާ އަޒީޒު" އުޅޭތޯއެވެ. އަންހެންމީހާ ބީރަތްޓެހި ގޮތަކަށް ބަލަން ހުރެފައި އެނބުރި ނިކަން ބާރަށް "ޖުމޭ"އަށް ގޮވަމުން އެތެރެއަށް ވަދެގެން ދިޔައެވެ. މާކިން އެހުރިތަނުގައި ހުރެފައި ބަލާއިރު ކަނާތް ފަރާތުން ކުޑަ ސިޓިންރޫމެއް ގޮތަށް ސޯފާ ބަހައްޓާފައި އޭގެ ކުރިމައްޗަށް ވާގޮތަށް ހުރީ ހީވަނީ ރިސެޕްޝަނެއް ހެންނެވެ. ދެން އޭނާގެ ދިމާ ކުރިމަތިން މޫނު ޖެހެން ނިކަން ދިގު ކޮރިޑޯއެއް ހުރިއިރު ދެފަރާތުގައި ކޮޓަރިތަކަށް ވަދެވެން ދޮރުތައް ހުއްޓެވެ. މާކިން އިންތިޒާރުގައި ވަގުތު ގުނަން ހުއްޓާ އެތަނުން ކޮޓަރިއެއް ހުޅުވާލައިފައި ކުރިމައްޗަށް އައިސް ހުއްޓުނީ ނިކަން ރީތި އަންހެނެކެވެ. ފަރިވެގެން ހުރިގޮތުން ހީވަނީ މިހާރުވެސް ޕާޓީއަކަށް ނިކުންނަން ތައްޔާރުވެފައިވާ ހެންނެވެ. "ޖުމޭ ހޯދަން އައިސް ހުރި ކުއްޖެއް މީ." ކުރިން ފެނުނު އަންހެންމީހާ އައިސް ޖުމައިލާއަށް މާކިން ތައާރަފް ކޮށްދީފައި ގޮސް ހުރީ އެންމެ ކައިރީ ހުރި ކޮޓަރި ކައިރީގައި ބަލާށެވެ. އެވަގުތު އޭނާގެ ފަހަތުންވެސް ފަރިވެގެން ތިބި އެކި އުމުރު ފުރައިގެ އަންހެނުންތައް ބޯ އަރުވައިގެން އެމީހުންނަށް ބަލަން ތިއްބެވެ. އެންމެންގެ ދުލުން މާކިންއަށް ތައުރީފް އޮހެމުން ދިޔައީ އެހާ ޅައުމުރައިވެސް ލިބިފައިވާ ރީތިކަން ފެނިފައެވެ. މާކިން ހައިރާންވީ އެހުރިހާ މީހުންނަކީވެސް ޖުމައިލާގެ އާއިލާ މީހުން ކަމަށް ހީވެފައެވެ. އިރުކޮޅަކުން ޖުމައިލާގެ ނަޒަރު މާކިންގެ މޫނަށް ހުއްޓުނުއިރު އޭނާ ހުރީ ކަޅި ޖަހާނުލާ މަންމަގެ މޫނަށް ބަލާށެވެ. ފޮޓޯއަށްވުރެވެސް އެމަންމަ ފެންނަނީ ރީތިކޮށެވެ. ޒުވާން ހަންގަނޑާއި ރީތި މޫނު އެއީ މިއަދުވެސް އެތައް ބަޔަކު ފިދާވާނެ ފަދަ މޫނެކެވެ. ފަން އިސްތަށިގަނޑު މިނިވަން ކަމާއެކު ދޫކޮށްލާފައި އޮތްއިރު ގަޔަށްބާރު ހެދުން ހުރީ ކަކުލުން މައްޗަށެވެ. ހަށިގަނޑަށް ބަލާފައިވެސް ދަރިއަކު ވިހާފައި ހުރި މީހެކޭ ބުނާވަރެއް ނޫނެވެ.
"ކާކު؟" މަންމަގެ ސުވާލުން މާކިންގެ ހިތަށް ތަދުވިއެވެ. އޭނާ ހިތާއި ހިތުން އެދުނީ ތައާރަފަކާ ނުލާ މަންމަ އޭނާ ފާހަގަ ކުރުމަށެވެ. އެހެނަސް...
"މަންމާ މީ އަހަރެން. މާކިން." މާކިން ހިތްވަރުކޮށްފައި ހާމަކޮށްލިއެވެ. އޭނާގެ ޖުމްލަ ނިމޭއިރަށް ޖުމައިލާގެ ދެބުމަ ގޮށްޖެހިގެން ދިޔަތަން ފެނުނެވެ. "ކާކު ކަލޭ މިތަނަށް ފޮނުވީ؟" ޖުމައިލާ ހަރުކަށިކޮށް އަހައިލި ގޮތުން މާކިންގެ ކުލަ ފަނޑުވެއްޖެއެވެ. އޭނާ ދޭނެ ޖަވާބެއް ނޭނގި ބަލަން ހުއްޓާ މަންމަ އެނބުރުނުތަން ފެނުނީ އަނެއްފަރާތަށެވެ. "ކަލޭ މިތަނުން ދޭ. ދެން ނާންނާތި އަހަރެން ހޯދަން. އަހަރެން މީ ކަލޭ މަންމައެއް ނޫން. އަހަރެން ނުދަންނަން ތިނަން ކިޔާ ކުއްޖެއް." ޖުމައިލާ ގޮސް ކޮޓަރިތެރެއަށް ދެމިގަތްއިރު ފައްޗަކަށް އަމުނާލި ބަސްތަކުން މާކިންގެ ހިތުގައި ވަކި އަޅުވައިލިއެވެ. ހިތުން ލޭ އޮހިގެން އިރު ހިފެހެއްޓުމެއްނެތި ލޮލަށް ޖަމާވި ކަރުނަތައް އޮހިގަންނަން ތައްޔާރުވިއެވެ. އޭނާ ހިތްވަރުކޮށްފައި އެނބުރި އައި ދިމާއަށް އެނބުރުނުއިރު ދެފައިކޮޅުންވެސް ވާގި ދޫވާން އުޅޭހެން ހީވެއެވެ. ނެތް ހިތްވަރާއެކުވެސް އެތަނުން ނިކުންނަން ގަސްތުކޮށްގެން ދޮރާއި ހަމައަށް ދެވުނު ފަހުން ދެން އިވުނީ ނިކަން ބާރަށް މީހަކު އޭނާގެ ނަމުން ގޮވާލި އަޑެވެ. މާކިން އެނބުރުނުއިރު އެއްކަލަ އަންހެންމީހާ ނިކަން ހަރުކޮށް އާދެއެވެ.
"މާކިން ދަރިފުޅާ އިހަށް މަޑުކޮށްބަލަ. އަދި ދާކަށް ނުވެއޭ. ދަރިފުޅުގެ މަންމަ ދަރިފުޅު ނުފެންނާނެ ކަމަށް ހީކޮށްގެން ހުއްޓާ އައިސް ތިވާހަކަ ދެއްކީމަ މީހަކު ކުރި ސަމާސައެއް ކަމަށް ހީކޮށް އެ ރުޅި އައީ. ކުރިންވެސް ތިހެން ކިޔާފަ ކުއްޖަކު އައި. އާދެބަލަ އެތެރެއަށް." އަންހެންމީހާ މާކިން އަތުގައި ހިފައިގެން ގޮސް އެންމެ ކައިރީ ހުރި ކޮޓަރިއަށް ވެއްދިއިރު ޖުމައިލާ އިސްޖަހައިގެން އިނީ އެނދުގައެވެ. އެވަގުތު އަންހެންމީހާ އެނބުރި އެތާ ތިބި އަންހެނުންނަށް އިޝާރާތް ކުރުމުން އެމީހުން މާކިން ބަލަމުން ފާޑަކަށް ހެވިފައި ތިބެގެން ނިކުމެގެން ދިޔައެވެ. ކޮޓަރީގައި ތިން މީހުން އެކަނިވިފަހުން ޖުމައިލާ އިސްއުފުލާލައިފައި އަތުގައި ހިފާ ގެންގޮސް ކައިރީ ބެއިންދުމުން މާކިންއަށް ހީކުރެވުނީ އެއީ ފެންނަ ހުވަފެނެއް ކަމަށެވެ.
"ދަރިފުޅު ދެން ދުވަހަކުވެސް މަންމަ ދޫކޮށްފައި ނުދާތި! ދެން މިގޭގައި އުޅޭނީ މަންމަ ކައިރީ އިނގޭ." ޖުމައިލާ މާކިން ދަތްދޮޅީގައި ހިފާ ހަތަރުކަޅި ހަމަކޮށްލަމުން އެހާ ލޯބިން ވާހަކަދެއްކުމުން މާކިންއަށް ވަގުތުން ބޯ ޖަހައިލެވުނެވެ. ޖުމައިލާ އުފަލުން ހީލައިފައި އޭނާގެ ގައިގައި ބައްދާލުމުން މާކިންގެ ކަރުނަތައް އިތުރަށް މައިތިރިއެއް ނުވިއެވެ.
ފާޚާނާ ދޮރުފަތުގައި މީހަކު ތަޅައިގަތް އަޑަށް މާކިންގެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ. އޭނާ ތުވާލި އަނދެލައިގެން ދޮރު ހުޅުވާލިއިރު ޒަލަފް އޮތީ ނިދާ އެނދުމައްޗަށް އުޑުން ވެއްޓިގަނެ ބޯދަށަށް އެއް އަތް ލައްވާލައިގެންނެވެ. "ނިދަންތަ ތިއުޅެނީ؟" މާކިން ގޮސް ލޯގަނޑު ކައިރިއަށް ހުއްޓުނުއިރު ޒަލަފް އަހައިލިއެވެ. "ހޫމ މިރޭ ދެން ނުނިކުންނާން. ކިހިނެތްވީ؟" މާކިން ޒަލަފްގެ މޫނަށް ބަލައިލީ ލޯގަނޑުންނެވެ. އޭނާ އެނބުރި ގޮސް އަލަމާރިން ނެގި އިތުރު ތުވާއްޔަކުން މޫނު ފުހެލާފައި އިސްތަށިގަނޑު ހިއްކަންމުން ޒަލަފްއާ ކުރިމަތިލިއެވެ. "އެއްޗެކޭ ކިޔަންވެގެން މިއައީ." ޒަލަފް ތެދުވެ އިށީންދެފައި ޖަވާބުދިނެވެ. އެމޫނުން ސީރިއަސްކަން ފެނުމުން މާކިން ލިޔާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީންދެ އެވާހަކައަށް ސަމާލުވިއެވެ. "ހެނދުނު ފެނުނު މަންޒަރެއްގެ ވާހަކަ މީ. ކުރިން ހިތަށްއެރި އާދައިގެ ކަމަކަށޭ ވާނީ. އެކަމަކު ފަހުން ހަމަ ހިތަށް އަރަނީ އާދައިގެ ކަންކަމުންނޭ ބޮޑެތި ކަންތައް ފެށޭނީ." ޒަލަފްގެ ވާހަކަ ހުރީ ދުރުންނެވެ. މާކިން އަޑު އަހަން އިނެއްކަމަކު އޭނާއަށް އަދި އެއިން އެއްޗެއް ދޭހަ ވާވަރެއް ނުވެއެވެ. "މިއަދު މެންދުރުކޮޅު ޖާންމެންގޭ މަގުން ދަނިކޮށް އޭނަ ކޮއްކޮ ފެނުނީ އެތާ ކައިރީ ހުރި ގެއަކުން ނިކުތްތަން. އަސްލު އަހަރެން އަޅައިގަތް ތަންކޮޅަކީ އެގަޑީ ސުކޫލު ނިންމާފައި އައި ކުއްޖަކާ އޭނަ ވައްތަރު ނުވުން. ނިކަން ފްރެޝްކޮށް ހުރީ. ހީވަނީ އެގަޑީ ފެންވަރާލައިގެން ނިކުތްހެން. ދެން މިބުނަނީ އަހަރެން ހިތަށް އެރި އެއްޗެއް. ހިތަށް އެރީ ސުކޫލަށް ނުގޮސް އެގޭގައި ހުރެފަ ގެއަށް ހިނގައިދާނެބާވައޭ." ޒަލަފް ތަފްޞީލުކޮށްދީ ނިމުމުން މާކިން ވިސްނަން އިނދެފައި ތެދުވިއިރު ޝުކުރު އަދާކުރިއެވެ. އޭނާ ބުނީ ޖަނާ އާއި ޝަރުމީލާ ކައިރިން ބުނެގެން އެކަން ވާގޮތް އޮޅުންފިލުވާނެ ކަމުގައެވެ. ގޮތެއް ނިންމަން އަވަސްވެ ދެމީހުންވެސް އެވާހަކަ ކުރުކޮށްލީ ވާގޮތެއް ބަލާފައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށެވެ.
ހެނދުނު ދީނާ ސުކޫލަށް ދާން ތައްޔާރުވެގެން ނިކުމެފައި މިއަދުވެސް ދިޔައީ ނާއިކް ކައިރިއަށެވެ. ފާރުކައިރީ ހުރި ފައިވާން ހަރުގަނޑު ތެރޭ ނާއިކްގެ ބޫޓެއް ތެރޭ އޮތް ޑަބަލް ތަޅުދަނޑިން ހުޅުވައިގެން ވަންއިރު ނާއިކް އޮތީ އަދި އެނދުގައެވެ. ދީނާ ދަބަސް ބާއްވާފައި ގޮސް ނާއިކްގެ ކައިރީ އޮށޯވެ އިރުކޮޅަކު އޮތެވެ. އޭނާ ބަނޑުހައިވެގެން ތެދުވެ ފްރިޖް ހުޅުވާލައިފައި އެއިން ފެނުނު ކާއެއްޗެހިން ނާސްތާ ކުރަން އިންދާ ނާއިކް އައިސް ހޭލައިގެން އައިސް އެތިވަރު ގޮވަން ފެށިއެވެ. ދީނާ ހިތްދަތިވެގެން ރޯން ފެށުމުން އޭނާއަށް ޖެހުނީ އަލުން ކީއެއްޗެހި އަނބުރާ ގެންދާށެވެ. މައުސޫމު ކަމުންވެސް ރުޅިއާދެވޭ ކަހަލަ ކުއްޖެއް ނޫނެވެ.
ނިމޭގަޑި ކައިރިވުމުން ދީނާ އެގެއިން ނިކުމެގެން ގެއާއި ދިމާއަށް ގޮސް ގޮސް ހުއްޓާ ފަހަތުން ކާރެއް އައިސް މަޑުކޮށްލާފައި ލޯގަނޑު ތިރިކޮށްލި ގޮތަށް މީހަކު އެނަމުން ގޮވާލައިފިއެވެ. ސިހިފައި ބަލާލިއިރު ޒަލަފްއެވެ. "ވާހަކައެއް ދައްކާލަން އެބައޮތް. ކާރަށް އަރަންވީނު." ޒަލަފް ފުރަތަމަ ފަހަރަށް ވާހަކަދެއްކުމުން ދީނާ އެކަމާއި ދެކޮޅު ހެދުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. "ދޮންތައަށް އެނގޭނެތަ ކޮންމެދުވަހަކު ކިޔަވަނީ ދެންމެ ނިކުތް ގެއިންކަން؟" ޒަލަފް ބޭނުންވާ ގޮތް ނުވާތަން ދެކެފައި އަހައިލިއެވެ. އެއަޑަށް ދީނާ ބިރުން ޒަލަފް މޫނަށް ބަލައިލާފައި އަވަހަށް ގޮސް އަނެއްފަރާތުން ކާރަށް އަރައިފިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ވަންހަނާ ކޮށްލާފައި ޒަލަފް ކާރު ދުއްވާލިއެވެ.