"ހުމާ އަހަރެންނަށް މާފުކުރޭ. އަހަރެންނަށް މިވާހަކަ ބުނަން ނުކެރުނީ ކުރެވުނު ކުށުގެ ގޮތުން. އެކަމަކު އައި ސްވިއަރ އަހަރެން އެރޭ ޖަނާއަށް އެއްވެސް ކަމެއް ނުކުރަން. އަހަރެން ހަމައެކަނި އެކަން ރޭވިކަން. އައި އޮންލީ ޑްރަގްޑް ހަރ. އެފޭލިގެއަށް ޖަނާ ލައިފަ އެހެން ބަޔަކު އަންނަ އަޑު އިވިގެން ގަސްތަކުތެރެއަށް ވަދެ ފިލާ ހުއްޓާ އެކަނި ނިކުމެގެން ދަނިކޮށް ދެން ފެނުނީ. ދެން އަހަރެންނަށް ނިކުމެވޭވަރު ވުމުން ތެދުވެގެން ހޯދަން ދަނިކޮށް އަހަރެންނަށް ފެނުނީ އެހެން މީހަކު ޖަނާ ކޮނޑުމައްޗަށް ލައިގެން ގޮސް ގަސްތަކުތެރެއަށް ވަންތަން. ދެން ނުކެރުނު ދާކަށް. އެއީ އަހަރެންނަށް އެނގޭ ވަރަކީ." ރަފާހް މޮޅިވެފައި އިނދެގެން މާޒީގެ އެކަޅު ސަފްހާއިން ބައެއް ނިއުޅާލިއެވެ. ދެވަނަ ފަހަރަށް އަތުގައި ހިފަން ނުކެރިގެން އެއަތްތިލަ އޭނާ ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. ހުމާ ރައްދުގައި ކޮންމެވެސް އެއްޗެއް ބުނާ އަޑު އަހަން ކެތްމަދުވެފައި ކައިރީގައި އިށީންދެލިއިރު ރޮނީއެވެ. ހުމާ އެވަގުތު ރަފާހްގެ ކައިރީގައިވެސް ނީންނަން ތެދުވިއެވެ.

"އެކަމަކު ކީއްވެ؟ ކީއްވެ ޖަނާ؟ އޭނަ ރަފާހްއަށް ކޮން ގެއްލުމެއް ދިނީ؟" ރަފާހް ހުމާ ފަހަތުން އަންނަކަން އެނގިގެން އޭނާ އެނބުރި އިތުރަށް އައުން މަނާކުރާ ގޮތަށް އަތް ހުރަސްކޮށްފައި ސުވާލު ކުރިއެވެ. ހުމާގެ އެސުވާލުން ރަފާހްއަށް ޖެހުނީ އަދިވެސް އެއްފަހަރު އިސްޖަހައިލާށެވެ. އޭނާއަށް އެނގޭ އެއްޗަކީ މިހާ ހިސާބުންވެސް ހުމާ ރުއްސަން ފަސޭހަ ނުވާނެކަމެވެ. އަދި އިތުރަށް ދުލުން ބޭރުވާ ކޮންމެ ލަފުޒަކާއެކު އެދެމެދުގައި އޮތް ދުރުމިން ހައްތަހާ ބޯވެގެންދާނެކަން ކަށަވަރެވެ. "ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟ މިބުނީނު ބުނާށޭ ޖަނާގެ ކުށަކީ ކޮބައިކަން." ރަފާހް ހިމޭންކަން އިހުތިޔާރު ކުރުމުން ހުމާ ގާތަށް އައީ ރުޅިއެވެ. އޭނާ ރޮމުން ހަޅޭތްލަވަމުން ދެވަނަ ފަހަރަށް އެސުވާލު ތަކުރާރުކޮށްލުމުން ރަފާހްއަށް މަޖުބޫރުވީ ކިޔައިދޭށެވެ. "އަހަރެން ކުރި ކަމެއްވިއްޔާ ކުރީ ޒަލަފްދެކެ ރުޅި އައިސްގެން އޭނައަށް ފިލާވަޅެއް ދޭން. ޖަނާގެ ކުށެއް ނެތް. ޒަލަފް ހުމާ ގޮވައިގެން އުޅުނުތަން ފެނުނީމަ އަހަރެންނަށް ކުރެވުނު އިހްސާސް އޭނައަށް ކުރެވެން އަހަރެން ބޭނުންވީ. އެކަމަކު އަހަރެން އަދިވެސް ބުނެފާނަން އަހަރެން އެރޭ ޖަނާއަށް އެއްވެސް ކަމެއް ނުކުރަން. ޕްލީޒް ބިލީވް މީ!" ރަފާހް މަސައްކަތް ކުރީ ހުމާގެ ކުރިމަތީ އޭނާގެ ކުށެއްނެތްކަން ހާމަކޮށްދޭށެވެ.

"ރަފާ ކޮންމެ އެއްޗެއް ކިއަސް ރަފާ ވާނީ ކުށްވެރިއަކަށް. އެމީހާ ނުގެންދިޔަނަމަ ޖަނާ އެރޭ ހައްޔަރުވާނީ ރަފާގެ މުށުތެރޭގައި. އަހަރެންނަކަށް ނޭނގެ ރަފާ ރާވައިގެން ހުރީ ޖަނާއަށް ކީއްކުރަން ކަމެއްވެސް. އަދި އެމީހާ ޖަނާއަށް ކަމެއްކޮށްފަ ހުރިއްޔާ އެހުރިހާ ކަމެއްގެވެސް ޒިންމާ އުފުލަން ޖެހޭނެ މީހަކީ ތީ. ތިވާހަކަ އިވުނީމަ އަހަރެންނަށް މިހާރު ހީވަނީ ޖަނާ އެރޭ އަހަރެމެން އެންމެން ދޫކޮށްފަ އެދާނީ ޒަލަފްގެ ބޭވަފާތެރިކަން ފަޅާއަރައިގެނެއް ނޫނޭ. އަހަރެން ހިތް ބުނަނީ ޖަނާ އެދިޔައީ އެރޭ އޭނައަށް ކުރިމަތިވި ކަންތައްތަކެއްގެ ސަބަބުންނޭ. އޯ ގޯޑް. އަހަރެން މީ ކޮންކަހަލަ އެކުވެރިއެއް. އެންމެ ބޭނުންވި ވަގުތު އަހަރެން އަހަރެންގެ އެކުވެރިޔާ އެކަނި ދޫކޮށްލީ. އެރޭ ޖަނާ ރޮމުން ދިޔައިރު އޭނަ ފަހަތުން ދެވުނު ނަމަ ހުރިހާ ކަމެއްވެސް ތަފާތުވާނެކަން ކަށަވަރު." ރަފާހްއަށް އެތިވަރު ގޮވަމުން ދެއްކި ވާހަކައިގެ ތެރޭގައި އަމިއްލަ ކުށް އިހްސާސްވުމުން ހުމާގެ ކަރުނަތައް އިތުރުވިއެވެ. އޭނާ ކުރިއަށްވުރެ ބާރަށް ރޮއިގެންފައި ގެއިން ނިކުންނަން ދިމާކޮށްލިތަން ފެނިގެން ރަފާހްއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އެހާލަތުގައި ހުރެގެން ނިކުމެ ހުމާ މޮޔަކަމެއް ކޮށްފާނެތީ ޖެހިލުންވިއެވެ. ހުމާ ގޮސް ދޮރާއި ހަމަވީއިރު އޭނާ އަވަހަށް އެއަތުގައި ހިފައި ހުއްޓުވިއެވެ. "ރަފާ ޕްލީޒް އަހަރެން ދިޔަދީ. މިގޭ ހަތަރުފާރު ތެރޭގައި ރަފާގެ މޫނު ފެންނަ ހިސާބުގައި އަހަރެންނަށް ދެން ހަމަޖެހުމުގެ އެންމެ ނޭވައެއްވެސް ނުލެވޭނެ. ރަފާ ފެންނަންޏާ އަހަރެންނަށް އަހަރެންގެ ކުށް ހަނދާންނައްތައެއް ނުލެވޭނެ. ރަފާގެ ގާތުގައި ހުރެގެން އަހަރެންނަށް އަހަރެންގެ ނަފްސަށް މަޢާފެއް ނުކުރެވޭނެ. ޕްލީޒް އަހަރެން އަތުން ދޫކޮށްލާ!" ހުމާގެ ހަރުކަށި ބަސްތަކުން ރަފާހް ހިތަށްވެސް އަސަރު ފޯރުވައިފިއެވެ. ލޮލަށް ގިނަވެގެން އައި ކަރުނަތައް ފޭބިއަނުދޭން ތުންފަތުގައި ދަތް އަޅާލެވުނުއިރު ހައްތަހާ ބޮޑަށް އެއަތަށް ބާރުކޮށްލެވުނެވެ. ހުމާ ބުންޏަސް އެއަތުން ދޫކޮށްލާނީ ކިހިނެތް ހެއްޔެވެ؟ އެއީ އޭނާގެ ފުރާނައެވެ. އެފުރާނައާ ނުލާ ދިރިހުންނާނީ ކިހިނެތް ހެއްޔެވެ؟ އަމާންކަމުގައި އެތައް އަހަރެއް ދިޔަ ފަހުން މިހާ ބޮޑު ތޫފާނެއް އަންނަން މިއެނގުނީވެސް އެންމެ ނާޒުކް ފައްތަރުގައި ހެއްޔެވެ؟

"ޕްލީޒް ހުމާ. ޕްލީޒް ޑޯން ލީވް މީ. އަހަރެން މިހުރީ ހުމާއަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް. އަހަރެން ޖަނާއާ ޒަލަފް ކައިރިން މަޢާފަށް އެދެންވެސް ތައްޔާރު. އެންމެންގެ ކުރިމަތީ އަހަރެން ކުށަށް އިއުތިރާޒު ވާނަން. އަހަރެމެންނަށް ލިބެން އުޅޭ ތުއްތު ދަރިފުޅަށްޓަކައި ނަމަވެސް ތިހިޔާލު ދޫކޮށްލާ!" ރަފާހް ކުރި އެއާދޭހަކަށްވެސް ހުމާ މިފަހަރު އިޖާބައެއް ނުދިނުނެވެ. ކުޑަމިނުން އެނބުރި ބަލައިވެސް ނުލިއެވެ. އުދަނގުލުން އެތައް އިރަކު ކުރި މަސައްކަތުން އަތްތިލަ ސަލާމަތް ވުމުން ދޮރުން ބޭރަށް ދެމިގަތް ގޮތަށް ބާރު ބާރަށް ގޮސް ރަފާހް ލޯމަތިން ގެއްލުނީއެވެ.

*****

ކަމެއް ބޭނުންވެއްޖެނަމަ ގުޅަން ބުނެފައި ޒަލަފް ނިކުމެގެން ދިއުމުން ޖަނާ އަކްޔަން ގޮވައިގެން ސިޓިންރޫމް ސޯފާގައި އިނީ ސުކޫލަށް ގެންދިއުމާމެދު ވަގުތުކޮޅެއް އޮތީމައެވެ. ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ދިޔަ ފަހުންވެސް އަދިވެސް ހިތް މުޅިން ހަމައަކަށް ނޭޅެއެވެ. އަކްޔަން ތިރިއަށް ދާން އުޅުމުން ޖަނާ އުނގުން އެކުއްޖާ ފޭބިޔަނުދީ ބާރަށް ހިފަހައްޓާފައި އިރުކޮޅަކު ބަސްއަހައިގެން އިނުމަށް އެދުނެވެ. އަކްޔަން ދެކޮޅު ހެދުމަކާ ނުލާ ޖަނާގެ މޭގައި ލައްވެލުމުން ޖަނާ ކުޑަކޮށް މޫނު ގުދުކޮށްލައި އެއިސްތަށިގަނޑުގައި ބޮސްދިނެވެ. އިސާހިތަކު ލޮލުން ކަރުނަ ފައިބަން ފެށުމުން އަތުގެ ނުފުށުން ފުހެލެވުނެވެ. އެކަރުނަ އެއީ މިއަދު އުފަލާއި ހިތާމަ އެކުލެވިފައިވާ އެއްޗަކަށް ވިއެވެ. އޭނާ އުފާވީ ނާއިކްގެ ފަރާތުން ސަލާމަތްވީތީއެވެ. އެކަމަކު އެވަރުން އަދި ހިތްހަމަ ޖައްސައިލެވޭކަށް ނެތެވެ. ނާއިކްގެ ފަތިފުށް ފަޅާ އެރުމުން ދީނާއަށް ވެދާނެ ގޮތަކާއިމެދު ކަންބޮޑުވެއެވެ. ދެން ހުރީ އަކްޔަންއެވެ. އަލުން ބައްޕަގެ އޯގާތެރިކަން ލިބިދާނެ ކަމުގެ އުންމީދުގައި ހުރި ތުއްތު ދަރިފުޅަށް ބުނެދޭން ހަދާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ނާއިކްއަށް އެކުޑަހިތުން ދެވިފައި އޮތް މަޤާމު އެހެން މީހަކަށް ދެވޭނެ ކަމެއްވެސް ނޭނގެއެވެ. "މަންމި ކީއްވެ ރޮނީ؟" އަކްޔަންއަށް ޖަނާ ރޯކަން އިހްސާސްވެގެން މޫނު މައްޗަށް ޖަހައިގެން އޮވެ އެކުޑަ ދެއަތް އުފުލާލައިފައި ކޯތާފަތުން ކަރުނަ ފުހެދެމުން އެހިއެވެ. "މަންމި މިރޮނީ އުފާވެގެން. އަދި ދެރަވެގެން." ޖަނާ ދިން ޖަވާބު ތުއްތު ސިކުނޑިއަށް ނަގައިގަންނާނެ ކަމެއް ނޭނގެއެވެ. އަކްޔަން އިތުރު ސުވާލެއް ކުރުމުގެ ބަދަލުގައި އޮތްގޮތަށް ބަލަހައްޓައިގެން އޮތީއެވެ.

"ހިނގާދެން އަވަހަށް ސުކޫލަށް ދާން ތައްޔާރުވާން ދޯ." އެއްލިކަޅިއަކުން ޖަނާއަށް ގަޑި ފެނިގެން އަވަހަށް އަކްޔަން ނަގާފައި ތެދުވިއެވެ. ކުޑައިރުކޮޅެއް ތެރޭ ދަރިފުޅު ތައްޔާރުކޮށްގެން ސުކޫލު ދޮށަށް ގޮއްސައި އެނބުރި އައިސް ވަންނަން ދިމާކުރިއިރު ރެސްޓޯރެންޓް ހުރީ ތަޅުލައި ބަންދު ބޯޑުވެސް އަޅުވައިފައެވެ. ޖަނާ ހައިރާންވެފައި ހުރެގެން ހޫމާ ފޯނަށް ގުޅައި ޖަވާބެއް ނުދިނެވެ. ތޫބާއަށް ގުޅާލުމުން ބުނީ ރަފާހް ކުއްލިއަކަށް އެތަން ބަންދުކޮށްފައި ބޭރަށް ދިޔަ ވާހަކައެވެ. ޖަނާ ވިސްނުމެއްގެ ތެރޭގައި ހުރެގެން އެހިސާބުން މިސްރާބު ބަދަލުކޮށްލީ މަންމަގެއާ ދިމާއަށެވެ. ދީނާގެ ހާލު ހުރި ގޮތެއް ބެލުން އޭނާއަށް މުހިންމެވެ.

ބެލް ޖެހުމުން ދޮރު ހުޅުވީ މަންމައެވެ. ޖަނާ ދީނާގެ ވާހަކަ އެހުމުން މަންމަ ބުނީ ދީނާގެ ކޮޓަރީގައި ޝިވަމް އިން ވާހަކައެވެ. އެދިމާއަށް ބަލަމުން ޖަނާ އައިސް އިށީންދެލީ ސޯފާގައި މަންމަ ކައިރީގައެވެ. "ގޭގައި އެހެން މީހަކު ނެތީތަ؟" ނުސީދާ ބަހުން ޖަނާ އެހީ މާކިންގެ ވާހަކައެވެ. "ދަރިފުޅު ކީއްވެ މަންމަ ކައިރީ އެއްވެސް ވާހަކައެއް ނުބުނީ؟" ޖަނާ ނޫންގޮތަކަށް މާކިން ކޮޓަރިއަށް ބަލައިލިތަނާ މަންމަ ކުރި ސުވާލުން އެމޫނަށް ބަލައިލެވުނެވެ. "ވަރަށް ރަނގަޅު މާކިން ކައިރީނަމަވެސް ބުނެލިކަން." ޖަނާ ބަލަން އިންދާ މަންމަ އޭނާގެ ކޮނޑުގައި ފިރުމާލައިފައި އެހެން ބުނުމުން ހިނިތުންވެލެވުނެވެ. މާކިން ކައިރީ ބުނެވުނީ މާކިން މާބޮޑަށް ބާރު އަޅައިގެން ކަމަށްވިއަސް ޚުދު އޭނާވެސް އެކަމާ އުފާވެއެވެ. މާކިންއަށް ނޫންނަމަ އޭނާ މިއަދުވެސް އިންނާނީ އެއަނިޔާވެރިޔާގެ ވަކިތަކުގެ ދަށުގައި ހައްޔަރުވެފައެވެ.

ރައްދު ދޭން ނޭނގިފައި ޖަނާ އިންދާ ޝިވަމް ނިކުތްތަން ފެނުނެވެ. އެހިސާބުން މަންމަގެ ހުއްދަ ހޯދައިގެން އޭނާ ދާން ފެށީ ކޮއްކޮގެ ކޮޓަރިއާ ދިމާއަށެވެ. "އަހަރެން ދީނާ ކައިރިއަށް ދިޔަސް އެންމެރަނގަޅުތަ؟" ޖަނާ ޝިވަމްއާ ހަމަކޮށްފައި ސުވާލު ކުރިއެވެ. ޝިވަމް ހިނިތުންވުމަކާއެކު ބޯ ޖަހައިލުމުން އުފަލުން ހީލެވުނެވެ. ޝަރުމީލާ ޝިވަމްއާ ވާހަކަދައްކަމުން ދޮރާއި ދިމާއަށް ދިޔައިރު ޖަނާ ކޮއްކޮ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަންނަނީއެވެ. ކުޑަދޮރު ކައިރީ ބޭރު ބަލަން އިނދެފައި ދީނާ އެނބުރި ބަލައިލީ އެއަޑަށެވެ. ދެވަނަ ސިކުންތުގައި އޭނާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ނުރުހިގެން ކަމެއް ނޫނީ ލަދުން ކަމެއް ވަކިކުރާކަށް ނޭނގުނެވެ. ދެފިކުރެއްގައި ހުރެގެން ޖަނާ ގޮސް އެނދުގައި ކުޑަގޮތަކަށް އިށީންދެލައިފައި ނަމުން ގޮވާލުމުން ދީނާ އިރުކޮޅެއް ވަންދެން އިނީ އެނބުރި ނުބަލަން ވެގެންނެވެ. ބޮލުގައި އެހުރިހާ އިލްޒާމެއް އެޅުވީމައިވެސް ދޮންތަ އޭނާއަށް ހެޔޮއެދިގެން ހާލު ބަލަން އައުމުން ދީނާ ލަދުގަންނަ ގޮތްވީއެވެ.

"ކޮއްކޮ މިހާރު ރަނގަޅުތަ؟ ދޮންތަ މިއައީ ހާލު ބަލައިލަން." ޖަނާ ވާހަކަދެއްކި އަޑަށް ދީނާ އެނބުރިފައި ކައިރިއަށް އައިސް އިށީންދެލީ އެނދުގެ މަގަތުގައެވެ. ޖަނާ ބަލަން ފެށުމުން އޭނާ އިސްޖަހައިގެން އަތުގެ އިނގިލިތަނާ ކުޅެން އިނެވެ. "ކަމެއްވެފަ ތިހުރީ ދޮންތައަށެއްނު. އަހަރެންނަށް އަނިޔާވެފަ ހުރީ ހަމައެކަނި އަހަރެންގެ ބަސްނާހާ ހިތަށް." ދީނާ އިރުކޮޅަކުން އިސްއުފުލާލިއިރު އިޝާރާތް ކުރީ ޖަނާ ނިތުގައި އިން ޒަޚަމަށެވެ. ޖަނާ ލުއި ހީލުމަކާއެކު އެއީ އާދައިގެ ޒަޚަމެކޭ ބުނަމުން މަލަންގަނޑުގައި އަތް ޖައްސައިލިއެވެ.

"ދޮންތަ އަހަރެންދެކެ ކުޑަކޮށްވެސް ރުޅިއެއް ނާދޭތަ؟" ދީނާ ސުވާލުކުރިއިރު ހަތަރުކަޅި ހަމަވިއެވެ. "ކީއްވެ ރުޅި އަންނަންވީ؟ ދޮންތައަށް އެނގޭ ކޮއްކޮ ކުރިކަމެއް ވިއްޔާ ކުރީ ނާއިކްގެ ސަބަބުންކަން. އޭނަ ކޮއްކޮގެ ސިކުނޑިއާ ކުޅެލާފަ ހުރީމަކަން ނުވިސްނުނީ. އެހެނެއްނޫން. ވަރަށް ބިރުގަތް ކޮއްކޮއަށް އޭނަ އަނިޔާކޮށްފާނެތީ. ތެދަށް ބުނެބަލަ. އޭނަ އެއްވެސް ވަރަކަށް އަނިޔާ ކުރިތަ؟" ޖަނާ ވާހަކަދައްކަމުން ކައިރިވެލާފައި ދީނާގެ ދަތްދޮޅީހިފައި އުފުލާލިއިރު ދެލޮލުން ކަރުނަ ވިދަން ފެށިތަން ރީތިކޮށް ފެނުނެވެ. "އުހު. ނުކުރޭ." ދީނާ ދޮންތަގެ އަތުގައި ހިފާ ތިރިކޮށްލައިފައި ގަދަކަމުން ހިނިތުންވެލިއެވެ. ކޮއްކޮގެ ޖަވާބު ލިބުމުން ޖަނާގެ ބޮލުންވެސް ބޮޑު ބަރެއް ނެގުނު ކަހަލައެވެ. ވީ އުފަލެއްގެ ބޮޑުކަމުން ކޮއްކޮ ގެނެސް މޭގައި ޖައްސާލެވުނެވެ. އިސާހިތަކު ދީނާއަށްވެސް އިތުރަށް ކެތްނުވެގެން ރޯން ފަށައިފިއެވެ. ދޮންތަގެ އޯގާތެރިކަން ލިބުމުން ބަޑި ފަޅައިގެން ދިޔައީއެވެ.

ޑޮކްޓަރ ޝިވަމްގެ އިރުޝާދުގެ މަތިން ދީނާ ބަދަލުވީ ދޮންތަ ކައިރިއަށް އެގެއަށެވެ. ޝިވަމް ބުނެފައި އޮތީ ކަންތައްތައް ހަމައަކަށް އެޅުށްޓަކައި ބޭނުންވަނީ ދީނާގެ އަމިއްލަ ހިތްވަރު ކަމުގައެވެ. ސުކޫލަށް ގޮސް މީހުންގެ ތެރެއަށް ނިކުމެ އުޅެން ފެށުމުން މަޑުމަޑުން ހާލަތު ރަނގަޅުވެގެން އަންނާނެ ކަމުގައެވެ. އެގޮތުން ޖެހިގެން އައި ދުވަހު ދީނާ ހެނދުނު ހެނދުނާ ސުކޫލަށް ދާން ތައްޔާރުވެގެން ނިކުތެވެ. ޖަނާ ހުރީ ކޮއްކޮއަށް އެންމެ މީރު ނާސްތާ ތައްޔާރުކޮށް ކޮއްކޮގެ އިންތިޒާރުގައެވެ. އަކްޔަންވެސް ނިދާ ހެދުންކޮޅާއެކު ނިކުމެ ސިޓިންރޫމްގައި ދުވެ ދުވެފައި އުޅެއެވެ. އިރުކޮޅަކުން ދީނާ ނާސްތާ ކޮށްގެން ނިކުމެގެން ދިއުމުން ޖަނާ ހިތާއި ހިތުން ދުޢާކޮށްލީ ހުރިހާ ކަމެއްވެސް ރަނގަޅަށް ދިއުމަށެވެ.

ގެއިން ނިކުމެގެން އާދައިގެ ހިނގުމެއްގައި ކުރިއަށްދިޔައިރު ކިތަންމެ ފަހަރަކު އަނބުރާލައިފައި ގެއަށް ދާން ދީނާގެ ހިތް ލަފާދިނެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް އޭނާ އަޅަނީ އެއްފިޔަވަޅު ކުރިއަށެވެ. ނާއިކް އުޅުނު އެޕާޓްމެންޓާ ހަމަވުމުން އަތް މުށްކަވާލައިފައި ހުރެގެން އެތަން ހުރަސްކޮށްފައި ދިޔައީ އެފަރާތަށް މޫނުވެސް ނުލައެވެ. ސުކޫލަށް ފޯރަންދެން އޭނާ ސިކުނޑިއަށް ވައްދާފައި ހުރީ ޝިވަމްގެ ވާހަކަތަކެވެ. ހިތް ނުތަނަވަސްކުރަން އުޅޭ ހުރިހާ ކަމަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް ލޯބިކުރަން ދީނާ އަޒުމް ކަނޑައެޅިއެވެ.

ހޯލްތެރެއިން ހިނގާލައިފައި ދިޔައިރު ކުދިންތައް އޭނާ ފެނިގެން ބެލީ ފާޑަކަށެވެ. ސުކޫލަށް ނައިސް ގިނަ ދުވަސްވުމުން އެކަން ފާހަގަ ކުރީކަން ޔަޤީނެވެ. ދޮރާއި ހަމައިން ކުއްޖަކު ކޮޑަށް އަތް ވައްޓާލުމުން ބަލާލިއިރު އަޒޫއެވެ. "ކޮންތާކު އުޅެފަ ތިއައީ؟" އަޒޫ ދީނާ ކޮނޑަށް އަތް ވައްޓާލައިފައި ވާހަކަދެއްކި ގޮތުން ދީނާ ހިތްހަމަޖެހުނެވެ. ބަލިވެ އުޅުނު ވާހަކަ ބުނެ ރައްދު ދީފައި ދެމީހުން އެކީ ކުލާސް ރޫމް ދޮރު ހުޅުވާލައިފައި ވަނުމާއެކު އެތެރޭ ތިބި ކުދިންތައް ހަޅޭތްލަވައިގަތް އަޑާއި ފުއްޕާހަންތަކެއް ފަޅާލި އަޑާއި އައީ އެކުއެކީގައެވެ. ސިހިފައި ބަލާލިއިރު ބޯޑުގައި "ވެލްކަމް ބެކް ދީނާ" ލިޔެލާފައި އިނީ ނިކަން ރީތިކޮށެވެ. ހައިރާންވެފައި ދީނާ ހުއްޓާ ކުދިންތައް މާބޮނޑިތައް ހިފައިގެން އައިސް ދިއްކޮށްލިއިރު އެންމެ ދުރުގައި ހަށަން ބަނދެލައިގެން ހިނިތުންވެފައި އެހުރީ އިމާންއެވެ. އެހުރިހާ ކަމެއްގެ މުގުލުގައި ހުރީ އިމާންކަން ވަގުތުން ދީނާއަށް ވިސްނުނެވެ. ލިބުނު އުފާވެރިކަން ކަރުނައިގެ ސިފަ އިޚުތިޔާރުކުރަން ތައްޔާރުވިއިރު މާބޮނޑިތަކުގައިވެސް ހިފަން ނޫޅެ އޭނާ ބާރު ބާރަށް ދިޔައީ އިމާންގެ ކައިރިއަށެވެ.

"އެފްބީ ސްޓޭޓަސްގަ ސުކޫލަށް އަންނަ ވާހަކަ އިނީމަ ހިތަށްއެރީ އެހާ ދުވަސް ފަހުން ގްރޭންޑް ވެލްކަމްއެކޭ ލިބެން ވާނީ." ދީނާގޮސް ކުރިމައްޗަށް ހުއްޓުނުތަނާ އިމާން ހަށަން މޮހާލައިފައި ހިތުގައި އޮތް ސުވާލަށް ޖަވާބުދިނެވެ. "އޯހ އިމާން. ކީއްވެ ތިހާ ރަނގަޅީ. އަހަރެން އެހާ ގޯސްކޮށް ކަންތައް ކުރީމަވެސް ކީއްވެ އަހަރެންދެކެ ތިހާ ލައިކްވަނީ. ކީއްވެ؟" ދީނާގެ ޝަކުވާތައް ބަންޑުން ކޮށްލަމުން އިމާންގެ މޭގައި ދެއަތުން ތަޅާލިއެވެ. އިމާންއަށް ޖަވާބެއް ނުދެވެނީސް ކުލާހަށް ޓީޗަރު ވަދެގެން އަޑުގަދަކޮށްލުމުން އޭނާ ގޮނޑީގައި އިށީންނަން ދިޔައީ ދީނާގެ އަތުގައި ހިފައިގެންނެވެ.

މެންދުރު ފަހު ނާސިހާ ގުޅާފައި ޒަލަފްގެ އުފަންދުވަހަށް ސަޕްރައިޒް ޕާޓީއެއް ތައްޔާރު ކުރަން އުޅޭ ޚަބަރު ދިނެވެ. ޖަނާ ވިސްނާލިއިރު ތެދެކެވެ. ކުރިއަށް އޮތީ ޒަލަފްގެ ނަވާވީސް ވަނަ އުފަންދުވަހެވެ. ނާސިހާ އިތުރަށް އެދުނީ ޒަލަފްއަށް ސަޕްރައިޒްދޭއިރު އެކެއްގެ ގޮތުގައި އޭނާ ހުރެދިނުމަށެވެ. ދެކޮޅު ހަދަން ނުކެރިގެން ޖަނާ އެއްބަސްވިއެވެ. އެކަމަކު މައްސަލައަކީ ޒަލަފްއަށް ޖަވާބު ނުދީ ހުރެގެން އިރުއިރުކޮޅާ އޭނާގެ ކުރިމައްޗަށް ދާން ޖެހުމެވެ.

ޖަނާ އެވާހަކަ ދައްކަން ހުމާއަށް ގުޅިއިރު ފޯނެއް ނުނަގައެވެ. އިއްޔޭންސުރެ ހުމާމެން ކުރެ އެކެއްގެވެސް ޚަބަރެއް ނުވާކަން ހަނދާންވެގެން ރަފާހްއަށްވެސް ގުޅިއެވެ. އިރުކޮޅަކުން ރަފާހް މެސެޖްކޮށްފައި އޮތީ ހުމާ ދުވަސްކޮޅަކަށް މަންމަގެއަށް ގޮސް މަޑުކުރީ ކަމަށެވެ. އަދި އޭނާވެސް އުޅެނީ ރަށުން ބޭރުގައި ކަމަށެވެ. އެކުގައި ދާނެ މީހަކު ނުވުމުން ޖަނާ އެރޭ ހުރީ ކަންބޮޑުވެފައެވެ. ދެން ހިތަށް އެރީ މާކިން މަތިންނެވެ. އެތާގައި މާކިންވެސް ހުންނާނެއޭ ހިތަށްއެރިއެވެ. އަކްޔަން ނިންދާފައި ދީނާ އެކަނި ނުބާއްވަން މަންމަ ގެނެސް ގެއަށްލިއެވެ. އެގާރަ ޖަހާކަށްހާއިރު އޭނާ ތައްޔާރުވެގެން ދިއުމުން ނާސިހާ ކޮތަޅެއް ދީފައި ބުނީ އޭނާ ލާންޖެހޭ ހެދުން އޮތީ އޭގައި ކަމަށެވެ. ޖަނާ ދެކޮޅު ހަދަން އުޅުމުން ނާސިހާ އެފުރުސަތެއް ނުދިނެވެ. އޭނާ ބެލިއިރު ޒީނަތްތެރި ކުރެވެމުން ދިޔައީ ގޭގެ މަތީގައި ހުންނަ ޕިއާނޯ ރޫމެވެ. އެތަން ބޮޑުވެފައި އާންމުކޮށް މީހުން ވަދެ ނޫޅޭ ތަނަކަށް ވުމުން ޒަލަފްއަށްވެސް ޝައްކެއް ނުވާނެއެވެ. ޖަނާ ހެދުން ލައިގެން ނިކުމެ ޑްރެސިންޓޭބަލް ކުރިމަތީ އިންދާ ފަހަތުން ނާސިހާ އައިސް ހުއްޓުނުތަން ފެނުނީ ލޯގަނޑުންނެވެ.

"މާޝަﷲ!" މަޑު ނޫކުލައިގެ މެކްސީގައި ޖަނާ ރީތިކަމުން ނާސިހާ ތައުރީފް ކޮށްލިއެވެ. ޖަނާ ރަކި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްފައި ކޮޅަށް ތެދުވެ ނާސިހާއާ ކުރިމަތިލުމުން ކުއްލިއަކަށް ދެއަތުގައި ހިފައިލި ގޮތުން ސިހުނެވެ. "ޖަނާ ކައިރިއަށް މިއައީ ބޮޑު ކަމަކު." ނާސިހާގެ ޖުމްލަ ނިމުނުއިރަށް ޖަނާގެ ހިތް އަވަސްވެއްޖެއެވެ. "ޖަނާގެ ޖަވާބަކީ އާއެކޭ ކަމަށް ވާނަމަ ދައްތަ އެދެނީ އެޖަވާބު މިރޭ ޒަލަފްއަށް ދޭން. އެއަށްވުރެ އަގުބޮޑު ހަދިޔާއެއް މިރޭ ޒަލަފްއަކަށް ނުލިބޭނެ. އަދި ޖަނާ އެގޮތް ނޭދެންޏާވެސް ދައްތަ ބާރެއް ނާޅާނަން. ހަމައެކަނި ބުނެލަން އޮތީ ޒަލަފް ބައްޕަދެކެ ބިރުން ޖަވާބު ބަދަލު ނުކުރާށޭ." ނާސިހާ ހިނިތުންވެފައި ކިޔައިދިނެވެ. ޖަނާ ބަހެއް ނުބުނެވިފައި ހުއްޓާ އަތުގައި އޮތް ކްލަޗް ހުޅުވާލައިފައި ނެގި އަނގޮޓި އަތުތެރެއަށްލައިދިނެވެ. އެއީ އޭނާ އާބަސް ބުނެފައި ޒަލަފް އަތުގައި އަޅުވަން ނާސިހާ ދިން އަނގޮޓިއެކެވެ.

ކޮމެންޓް 0