ފާޚާނާ ދޮރު ހުޅުވުނު އަޑަށް ހިޔާލުތައް ވިއްސިވިހާލިވެގެން ދިއުމާއެކު ހުމާ ފުންމައިގެން ތެދުވެފައި އަވަހަށް ކޮޓަރިން ނިކުތެވެ. އޭނާ ހޭވިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅައި ހުޅިއެއް ޖަހާލައިފައި ނިކަން ބާރަށް ސިޑިން ފައިބައިގެން ގޮސް ގެއިން ނިކުތެވެ.
ހުމާ އައިސް ވާހަކަތަކެއް ދައްކާފައި ދިޔަ ފަހުން ޖަނާ ކޮޓަރިއަށް ވަނީ އަކްޔަން ނިންދަވަން ވެގެންނެވެ. ދީނާ ފިލާވަޅުތައް ނިންމާފައި ނިކުތްއިރު އޭނާއަށް ފެނުނީ ހުމާ ނިކަން ހަރުކޮށް ނިކުމެގެން ދިޔަ ތަނެވެ. އެދެމީހުން ދެއްކީ ކޮން ވާހަައެއް ބާވައޭ ހިތަށް އަރާފައި އަނގައަށް ގޮތެއް ހަދާލައިގެން ހުރެ ގޮސް ބަދިގެއަށް ވަންއިރު މޭޒުމަތީ ކޮތަޅެއް ހުއްޓެވެ. ކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓާލައި ކޮނޑުން ތިރިއަށް އެލުވާލައިގެން އޭނާ މޭޒާއި ކައިރިވެލައި ކޮތަޅު ތެރެ ޗެކްކޮށްލިއިރު އެއީ ޕާސްތާ ޕެކެޓާއާއި އެ ކައްކަން ބޭނުންވާނެ އެހެނިހެން ސާމާނެވެ. ޖަނާ ނުބުންޏަސް ފަސޭހަކޮށްދޭން ނިންމައިގެން އޭނާ ފިޔާ ކޮށައި ކުދި ކުދި ކަންތައް ކޮށްލަދިނެވެ.ޖަނާ އައީ ދީނާ ނިކުންނަން އެނބުރިލިތަނާއެވެ. އޭނާ އަކްޔަން ނިދީތޯ އެހުމުން ބޯ ޖަހާލައިފައި އައިސް ފެން ހޫނު ކުރަން އުދާފައި، މޭޒުމަތީ ހުރި ކޮތަޅުން ނެގި ޕާސްތާ ޕެކެޓްގެ އެއްބައި މަޑުކުރަން ޖެއްސިއެވެ. އެނބުރި ދިއުމުގެ ހިޔާލު ދޫކޮށްލައިފައި ދީނާ ހުރީ ދޮންތަ ކައްކާތަން ބަލާށެވެ. އެހެން ހުރެގެން އޭނާ ޖަނާ ބުނާ އެއްޗެހި ގެނެސް ދީ އަތް ގާތްކޮށްދެމުން ދިޔައެވެ.
"މަންމަ ގުޅި ކުޑައިރުކޮޅެއް ކުރިން. ބުނީ ދޮންތަ ފޯނު ނުނެގީމައޭ އަހަރެންނަށް ގުޅީ." ދީނާ ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. "އަޑު ކަނޑާލެވިފަ އޮތީމަ އަޑު ނީވުނީ ކަމަށް ތިވާނީ. މަންމަ ކީކޭ ބުނީ؟" ޖަނާ ސޯސްގަނޑު ތެރޭ އޮތް ދޭފަތް ހިއްލާލަމުން ޝަހާދަތް އިނގިލިން އެތިކޮޅެއް ނަގައި ރަހަ ބަލައިލިއެވެ. "މަންމަ ކީ އަހަރެމެން އެގެއަށް ނުގޮސްގެން. ބުނީ މާދަން ހުކުރު ވީމަ މެންދުރު ކައިގެން އަންނަ ގޮތަށް އެގެއަށް ދާންވީއޭ." ކޮއްކޮގެ ޖަވާބު އިވިފައި ޖަނާގެ މެއަށް ހީވީ ގަނޑުފެން އެއްޗެއް އޮއްސައިލިހެންނެވެ. އޭނާއަށް ބާރުކޮށްލެވުނީ އަތުގައި އޮތް ދޭފަތަށެވެ. ދީނާ ފަހަތުގައި ހުރީ ނަސީބޭ ހިތަށްއެރިއެވެ. އެހެންނޫންނަމަ ދީނާއަށް އޭނާގެ މޫނުގެ ކުލަ ފެނިގެން އިތުރު ޝައްކެއް ވީހެވެ. މިހާރުވެސް ދީނާ އޭނާގެ ދިރިއުޅުމާއިމެދު ޝައުޤުވެރިވެފައި ހުރީ ޖާސޫސެއް ހެންނެވެ. "ކީއްވެ އެއްޗެކޭ ނުބުނީ؟ ދޮންތަ ދާން ބޭނުން ނޫނީތަ؟" ދީނާ ދޮންތަގެ މަޑުޖެހުނު ހަރަކާތްތަކަށް ބަލަމުން އެހިއެވެ. "ނޫނޭ. ކީއްވެ ދާން ބޭނުން ނުވާނީ. އައިފަހުން މަންމަ އާއެކު އެކަށީގެންވާ ވަރަށްވެސް ވަގުތު ކޮޅެއް ހޯދައެއް ނުކުރެވޭ އަދި. ވަރަށް ބޭނުން ދާން." ޖަނާ ދޮގެއް ހަދާލައިފައި ފެންހިއްކަން ބަހައްޓާފައި ހުރި ޕާސްތާކޮޅު ސޯސްގަނޑާއި އެއްކުރަން ފެށިއެވެ. "އެހެންވިއްޔާ އަހަރެން މަންމައަށް ގުޅާފަ ބުނާނަން މާދަމާ ހެނދުނުން ދާނެ ވާހަކަ." ދީނާ އަނެއްފަރާތަށް އެނބުރިފައި ތަށިތައް ނަގައި ކެވޭނެހެން މޭޒުމަތި ތައްޔާރު ކުރަމުން އުފާވެރި އަޑަކުން އިއްވައިލިއެވެ.
ޖެހިގެން އައި ދުވަހު އިރު އަރައިގެން އައިއިރު ދުނިޔެމަތި ފެނުނީ ބަނަކޮށެވެ. ދީނާ ހޭލައިގެން މޫނަށް ފެންކޮޅެއްވެސް ނުލައި ކޮޓަރިން ނިކުތްއިރު ކޮފީގެ މީރުވަސް ނޭފަތުގައި ހަރުލިއެވެ. އޭނާ ލޯ އުނގުޅަމުން ޖަނާ ކޮބައިތޯ ހޯދަން ދިޔައިރު ވާހަކަ ދައްކާ އަޑު އިވުނީ ބެލްކަނިކޮޅާއި ދިމާއިންނެވެ. ނިކުތްއިރު ޖަނާ އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން އަނެއް އަތުން ކޮފީ މަގެއް ހިފަހައްޓާލައިގެން ބެލްކަނީގައި ހުރެފައި އެނބުރި ބަލައިލިއެވެ. ގަޔަށް ދޫ ޓީޝާޓް ކޮޅަކާއި ހަރުވާޅެއްގައިވެސް ދޮންތަ ރީއްޗެވެ. އަބަދު ހުންނަ ގޮތާއި ޚިލާފަށް އިސްތަށިގަނޑު ދޫކޮށްލައިފައި އޮތުމުން ވައިރޯޅިވެސް ހީވަނީ އެރީތި ފަން އިސްތަށިގަނޑުން އުފާ ހޯދަމުން ދިޔަ ހެންނެވެ. ހެނދުނު ފަދައިން ތާޒާވެފައި ދޮން މޫނު އޮމާނެވެ. މަސްނޫއީ ކުލަތައް ފަނޑުކޮށްލާފަދަ މަޑު ފިޔާތޮށި ކުލައިގެ ދެ ތުންފަތެވެ. ބޮޑު ބޮޑު ދެލޯ ކަޅުކުލަ ގަދަވެފައި ބިއްލޫރިހާ ސާފެވެ. ހީލާއިރު ކޮލުން ފައުޅުވާ އަޑިކޮޅު އެކަނިވެސް ހިތްތައް ކަތިލުމުގައި ކާމިޔާބު ހޯދާނެކަން ކަށަވަރެވެ. ދީނާ ހިތާއި ހިތުން ތައުރީފް ކުރަމުން އައިސް ކައިރިއަށް ހުއްޓުނު ވަގުތު ޖަނާ ފޯނު ބާއްވައިފައި ކޮފީ މަގުން ކޯވަރެއް ބޯލުމަށްފަހު އެމޫނަށް ބަލައިލިއެވެ.
"މަންމަ އެގުޅީ. އަކްޔަން ހޭލީމަ އަވަހަށް ދާށޭ ބުނީ. މަންމަ މިހާރު އެންމެނަށް ނާސްތާވެސް ތައްޔާރުކޮށްފީމޯ." ޖަނާ އޮޅުންފިލުވައިދިނެވެ. "ދޮންތަ ރެޑީވީތަ؟" ދީނާ އަހައިލިއެވެ. ޖަނާ ހޫމ އަޅުވާލައިފައި އެތެރެއަށް ވަދެގެން ދިއުމުން ދީނާ ހޭވިފައި އޮތް އިސްތަށިގަނޑު އަތަށް އޮޅަން ހުރެފައި އެއްލި ކަޅިއަކުން ދުރުގައި ބަލަން ހުރި ޒުވާން ފިރިހެނަކު ފެނިފައި އަތްތިރިކޮށްލެވުނެވެ. ޒުވާނާ ރަކި ގޮތަކަށް ހިނިތުންވެލި ވަގުތު އޭނާއަށް ލޯ ހިމަކޮށްލެވުނީ ކޮންމެވެސް ތާކުން ފެނުނު މޫނެއްހެން ހީވެފައެވެ. އެކަމަކު ހަނދާން ކުރާކަށް ފަސޭހައެއް ނުވިއެވެ. އޭނާ ދެވަނަ ފަހަރަށް ހިނިތުންވެލުމުން ދީނާ އަނެއްފަރާތަށް އެނބުރިފައި އަވަހަށް ވަނީ އެތެރެއަށެވެ.
ޖަނާމެން ގެއިން ނިކުމެގެން ދަތުރު ފެށިއިރު ނުވައެއް ޖަހަން ކައިރިވެއްޖެއެވެ. އަކްޔަން ލަހުން ނިދުމުން ހޭލިލެއް ލަސްވީއެވެ. ޓެކްސީ ގެއާއި ކައިރި ކުރިއިރު ޝަރުމީލާ ނިކުމެ ހުރީ ގޯޅިގަނޑު ކައިރީގައެވެ. ޖަނާ ތުއްތު އަކްޔަންގެ ކޮނޑުގައި ދަބަސް އަޅުވައި ދީފައި ބޭލުމުން ދުވެލާފައި ގޮސް ޝަރުމީލާ އަތުތެރެއަށް ވަނެވެ. ފަހަތުން ޖަނާ އާއި ދީނާ އަތް ދަބަސް ކޮނޑުގައި އަޅުވާލައިގެން ނިކުމެ މަންމަ ފަހަތުން ގޯޅިގަނޑަށް ވަދެގެން ދިޔައެވެ. "ދަރިފުޅުމެން ލަސްވެގެން މިހާރު ބައްޕަ ނާސްތާވެސް ކޮށްފި." ޝަރުމީލާ އެޕާޓްމެންޓްގެ ދޮރުން ވަދެ ފައިވާން އެއްފަރާތެއް ބަހައްޓާފައި ދަމުން ވާހަކަދެއްކިއެވެ. ދީނާގެ މިސްރާބު ހުރީ ފުރަތަމައިނުންވެސް އޭނާ އުޅުނު ކޮޓަރިއާ ދިމާއަށެވެ. ދީނާ އެދުމުން ކޮނޑުގައި އޮތް ދަބަސް ހަވާލުކޮށްފައި ޖަނާ ގޮސް ވަނީ މަންމަ ފަހަތުން ބަދިގެއަށެވެ. ފްރިޖު ހުޅުވައިގެން ޖޫސްތައްޓެއް ބޯން މާކިން ހުރެފައި އެނބުރި ބަލައިލީ އެމީހުންގެ ފިޔަވަޅު އަޑަށެވެ. އެވަގުތު ޖަނާއަށް މާކިން ފެނިފައި ނޭވާ ކަރުތެރޭގައި ތާށިވެއްޖެއެވެ. އެކަނި ހަރުވާޅާއެކު ބޮކްސާ ރަބަރުވެސް ހުރީ ފެންނާށެވެ. ހާމަވެފައި އޮތް ކަސްރަތީ ހަށިގަނޑުގެ މޭމަތީ ގަ އާއި ފޫޅުން ތިރިއަށް ބޮކްސާއާ ޖެހެންދެން ތުނިކޮށް އިސްތަށި ހުރުމުން ނިކަން ފިރިހެންވަންތައެވެ. ކުޑަކޮށް ދިގުކޮށްފައި އޮތް ބުޅިކަމެއް ހުންނަ އިސްތަށިކޮޅު ތަރުތީބެއްނެތި ހާވާލައިފައި އޮތްއިރު ތުނބުޅި މަތިމަސްވެސް ހުރީ އެންމެ ރީތިވަރަށް ބަހައްޓާފައެވެ.ހެނދުނު ނިދި މޫނާއެކުވެސް ހިތް ހުއްޓޭހާ ފުރިހަމައެވެ.
"މާކިންއަށް ސައި ހަދައިދެންތަ؟" ޝަރުމީލާ ގޮނޑިއެއް ދަމާލައިފައި އަކްޔަން ބައިންދަމުން އަހައިލިއެވެ. ޖަނާ އަދިވެސް ބުދެއްހެން ހުއްޓި ހުއްޓާ މާކިންގެ ތޫނު ނަޒަރު އެމޫނުން ވަކިކޮށްލާފައި ފްރިޖް ލައްޕާލަމުން ފަހުންނޭ ބުނެ އިއްވައިލިއެވެ. އެވަގުތު މާކިން ނިކުންނަން ވެގެން އެދިމާއަށް އަންނަން ފެށުމުން ހަދާނެ ގޮތެއް ނޭނގިގެން ޖަނާއަށް ކުރެވުނު ކަމަކީ އިސްޖަހާލުމެވެ. މާކިން އައިސް އަރާ ހަމަވެފައި އޭނާ ގައިގައި ނުޖެހި ވާނެހެންހިމަވެލައިގެން ބޭރަށް ނިކުތުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހީވީ ބޮލުން އެތައް ޓަނެއްގެ ބަރެއް ނެގުނުހެންނެވެ.
"މަންމާ!" ދަބަސްތައް ބަހައްޓާފައި ފޯނެއްގައި ހުރެގެން އައިސް ވަން ދީނާ ގޮވައިލި ގޮތުން ޖަނާ އާއި ޝަރުމީލާ ދެމީހުންގެ ނަޒަރު އެމޫނަށް އަމާޒުވިއެވެ. ދީނާ ގޮވައިލީ ބޮޑު ބޭނުމަކުންކަން އެމީހުންނަށް އިނގުނީއެވެ. "މަންމަ އެނގެއެއްނު އަހަރެންގެ އެކުވެރި އަޝްވާ. އަހަރެން މިއަދު އޭނަ މިގެއަށް ގެނަޔަސް އޯކޭތަ؟ އަޝްވާ އުޅެނީ ގޭގައި ފޫހިވެގެން." ދީނާ މަންމަ ކައިރިއަށް ހުއްޓި ފޯނުގައި އަތްއަޅައިލަމުން އާދޭހާއެކު އެދުނެވެ. "ބުނޭ އަވަހަށް އަންނާށޭ. މީހުން ގިނަވި ވަރަކަށެއްނު ގޭތެރޭގައި މަޖާވާނީ." ޝަރުމީލާއަށްވުރެ ކުރިން ފަޔާޒް އެތަނަށް ވަދެފައި ޖަވާބުދިނެވެ. ދޮންބައްޕަގެ ހިތްހެޔޮކަން ދެކެފައި ޖަނާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ދީނާ ފޮނިވެގެން އަލުން ފޯނު ކަންފަތުގައި ޖަހާފައި އެކުވެރިޔާ އާއި ވާހަކަ ދައްކަމުން ނިކުތެވެ. ފަޔާޒް އައިސް އަކްޔަން ކައިރިއަށް ހުއްޓި ކޮލުގައި ކޮށްޓާލައިފައި ދެތިން ވާހަކައެއް ބުނެލާއިރަށް އަކްޔަންގެ އަނގަ ފަޅައިގެން ވާހަކަ ފަށައިފިއެވެ. އެންމެން އެކުއްޖާގެ ތުއްތު ވާހަކަ އިވިގެން ހިނި އައިސްފައި އިންއިރު ޖަނާގެ ހިތް އަދިވެސް އޮތީ ތެޅި ތެޅިއެވެ. މާކިންއާ އެއް ފުރާޅެއްގެ ދަށުގައި އިނދެގެން އޭނާއަށް ފަހަރެއްގައިވެސް ހަމަޖެހުމެއް ނެތެވެ. ދެރައީ، ދީނާ އަޝްވާއަށް ފުރުސަތު ދިން ފަދައިން މާކިން ޒަލަފް ނުގެނައިއްޔާއެވެ.
ނާސްތާއިން ނިމިގެން އެންމެން ސިޓިންރޫމަށް ނިކުތުމުން ޖަނާ އުޅުނީ ކައްކަން ތައްޔާރު ކުރާށޭ ކިޔައިގެން ބަދިގޭގައެވެ. މާކިން ފެންނަ ހިސާބަށް ނިކުންނާކަށް އޭނާގެ ހިތެއް ނުރުހުނެވެ. މަންމަ އައިސް އޭނާ ބޭރަށް ފޮނުވަން ނިކަން މަސައްކަތް ކުރިއެވެ. މިއަދު އެމީހުން ހަމައެކަނި ކުރަން ޖެހޭ ކަމަކީ ގޭގައި މަޖާ ކުރުން ކަމަށް ބުނުމުން ޖަނާ ރައްދު ދިނީ އޭނާ އެގެއަށް އައީ މަންމައަށް ބުރަ ޖައްސަން ނޫންކަމާއި އެކުގައި މަސައްކަތް ކޮށް އުފާވެރި ވަގުތުކޮޅެއް ހޯދުމުގެ ނިޔަތުގައި ކަމެވެ.
ކުޑަދޮރު ހުޅުވައިގެން ފިޔާ ނޮޅަން ހުއްޓާ މާ ބާރު ވައިރޯޅިތަކެއް ކުޑަދޮރުން ވަންނަން ފެށުމުން ޖަނާ ބަލާލިއިރު އުޑުމަތި މުޅިން ބަނަކޮށްލައިފިއެވެ. ހީވާގޮތުން މިއަދު ވާރޭ ވެހޭނެއެވެ. އެކަމަކު އެހާ ގަދަޔަށް ވައި ޖެހެންޏާ ވިލާގަނޑު ވަޔަށް އަރައިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެވަގުތަށް ކުރެވެން ހުރި މަސައްކަތް ނިންމާފައި ސިއްރުން ބޯދިއްކޮށްލިއިރު ނަސީބަކުން މާކިންއެއް ނެތެވެ. އެވަގުތު ދޮންބައްޕަ ދެއްކި ވާހަކައެއްގެ ތެރޭގައި އިވުނީ މާކިން ސައިވެސް ނުބޮއެ ބޭރަށް ދިޔަ ވާހަކައެވެ. ޖަނާއަށް ޔަޤީންވިއެވެ. މާކިން ބޭރަށް އެދިޔައީ އޭނާ އައިސް އުޅޭތީއެވެ.
އަޝްވާ އައުމާއެކު ދީނާ އާއި ދެމީހުން ވަނީ ކޮޓަރިއަށެވެ. އިރުކޮޅަކުން އަކްޔަންވެސް ގޮސް އެމީހުންނާއި ބައިވެރިވެގެން އެކޮޓަރިތެރޭ ކޮންމެވެސް ސަކަރާތެއް ގަންނަ އަޑު އިވުނެވެ.
"ދަރިފުޅުގެ ހާލު ރަނގަޅުތަ؟" ފަޔާޒް ހުކުރަށް ދާން ފެންވަރަން ދިޔަފަހުން ސިޓިންރޫމްގައި ދެމައިން އެކަނިވުމުން ޝަރުމީލާ އަހައިލިއެވެ. ޖަނާ މަންމަގެ މޫނަށް ބަލައިލާފައި ބޯ ޖަހައިލިއިރު ތުންފަތަށް ހިނިތުންވުމެއް ވެރިކުރެވޭތޯ އުޅެ ކާމިޔާބެއް ނުވިއެވެ. ދޮގު ހަދައިގެން މަންމަ ހިތްހަމަޖައްސައި ދޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ އެންމެ ފުރަތަމަ ހިތުގެ އުދާސްތައް ކޮންމެވެސް މީހެއްގެ ކުރިމަތީ ފައުޅު ކުރަންވެސް އެބަޖެހެއެވެ. އެހެންނޫނީ އޭނާ ހޯދަން އައި ހަމަޖެހުމެއް މިތާގައިވެސް ނުލިބޭނެއެވެ."ދަރިފުޅަށް ފެންނަ އިރަކުން ކިޔައިދޭންވީ. މަންމަ އަބަދުވެސް ހުންނާނީ އެންމެ ކައިރީގައި. ކޮންމެ އިރަކު ކިޔައިދިނަސް އަޑުއަހާނަން." ޝަރުމީލާ ތެދުވެގެން އައިސް ޖަނާގެ ކައިރީގައި އިށީނުމުން ޖަނާ ފެންކަޅިވެފައި އިނދެގެން މަންމަގެ ކޮނޑުގައި ބޯއެޅިއެވެ. "ނިދާއިރު އަދިވެސް ކޮންމެރެއަކު ހުވަފެނުގައި ފެނޭ. އެއްރޭ ދީނާއަށްވެސް ފެނިއްޖެ އަހަރެން ރޯތަން." ޖަނާ އިރުކޮޅަކުން ވާހަކަދެއްކިއެވެ. ނޭނގި އިންދާ އިރުކޮޅަކުން ލޮލުން ކަރުނަތިއްކެއް ވެއްޓިގެން ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމުނެވެ. "ކޯއްޗެއް ފެންނަނީ؟" ޝަރުމީލާ އިތުރު ތަފްޞީލު ހޯދަންވެގެން އެހިއެވެ. "އެއްބައި ފަހަރު ފެންނަނީ ކުރިން ހިނގާފައި ހުރި ކަންކަން. އަނެއްބައި ފަހަރު ފެންނަނީ އޭނަ އަހަރެން ހޯދަމުން މާލެ އަންނަތަން. އައިސް އަހަރެމެން ދެމައިން ގޮވައިގެން ދާން މަސައްކަތް ކުރަނިކޮށް އަހަރެން އުޅެނީ ސަލާމަތްވާން. އެކަމަކު ކޮންމެވެސް ފަހަރަކުވެސް ސަލާމަތް ނުވަނީސް ހޭލެވޭ." ޖަނާ ކިޔައިދިނެވެ. "މަންމަ ބުނަންތަ ތި ހުވަފެންތައް ހުއްޓޭނެ ގޮތެއް؟ ފުރަތަމަ ދަރިފުޅުވީ މިތަނަށް އައުމާމެދު ހިނގާފައި ހުރި ކަންކަމާއި އޭރުގެ ހުރިހާ އުދާހެއް ބޭރުކޮށްލަން. މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފަސްޖެހެންޏާ އެކުވެރިއަކަށް ނަމަވެސް ކިޔައިދޭން. ހުވަފެން ފެންނަނީ އެކަންކަން އަބަދު ހިތުގަ ހުންނާތީ. އަބަދު އެކަމާ ހިޔާލު ކުރާތީ." ޝަރުމީލާ ލަފާދިނެވެ. ޖަނާ އެއަޑު އަހާފައި ބޯ ހިއްލާލައި ބުރަކަށި ތެދުކޮށްލައިގެން މަންމަގެ މޫނަށް ބަލައިލިއެވެ. "ދެން އޭނަ އަހަރެން ހޯދަން އަންނަ ހުވަފެންތަކޯ؟ އެހުވަފެންތައްވެސް ހުއްޓޭނެތަ އޭރުން؟" ޖަނާ ސުވާލު ކުރީ އެކަން ޤަބޫލު ކުރަން ބޭނުން ނުވެފައި އިން މީހަކު ފަދައިންނެވެ. "ފުރަތަމަ މަންމަ މިބުނި ގޮތް ހަދާބަލަ. އޭރުން އެނގިދާނެއެއްނު ދެންވާ ގޮތެއްވެސް." ޝަރުމީލާ ލަފާދިނީ މިހާރުން މިހާރަށް ކަންތައް ކުރަންވީ ގޮތަށެވެ. ޖަނާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ފަޔާޒް ތައްޔާރުވެގެން ނިކުމެ އަތްކުރި އޮޅަން ހުރެފައި އަދިވެސް މާކިން ނާންނަނީތޯ އެހިއެވެ. ޝަރުމީލާ ބޯ ޖަހާލުމުން ހިތްހަމަ ނުޖެހިފައި ހުރެގެން ފޯނު ނަގާފައި މާކިންއަށް ގުޅައިގެން ވާހަކަ ދައްކަން ފެށުމުން ޖަނާ ވަނީ އަނެއްކާވެސް މަންމަ ފަހަތުން ބަދިގެއަށެވެ.
ޖަނާ ހީކުރި ގޮތަށް މާކިން ހުކުރުން ފައިބައިގެން އެނބުރި ގެއަކަށް ނައެވެ. ތަފާތު ކާނާތަކުން ފަޅުފިލުވާ ލެވިފައި އޮތް މޭޒު ވަށައިގެން ތިބީ ގޭގައި ދެންތިބި މީހުންނެވެ. އަކްޔަންވެސް ފަޔާޒް އާއެކު ހުކުރަށް ގޮއްސައި އައިސް އިނީ ނިކަން އުފާވެފައެވެ. އުފާވެރި މާހައުލެއްގައި ކައި ނިންމާފައި ނިކުމެ ބަނޑު ދަމަން ތިއްބާ ވާރޭ އައީ އެންމެ ބާރުމިނުގައެވެ. އެހާ އިރަށް ވައިރޯޅި ހިނދިފައި އޮތުމުން ހުއްޓާނެ އިރެއްވެސް ލަފާ ކޮށްލަން ދައްޗެވެ. ގެއަށް ދާންވީ ވަގުތު އެތާގައި ތާށި ވުމުން ކަންބޮޑުވެފައި އިނީ އެކަނި ޖަނާއެވެ. އަކްޔަން އާއި ދީނާ ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެމީހުން ބެލްކަންޏަށް ނިކުމެ ވާރެއާ ތެމުނުއިރު އެންމެފަހުން ޖަނާވެސް ތެންމައިލިއެވެ. ތެތް އެއްޗެހި ބަދަލު ކުރަން ބެލިއިރު އެންމެ ހެދުމެއް ފިޔަވައި ދީނާ ބަހައްޓާފައި ހުރީ މުޅިންވެސް ބާރުވެގެން ނުލާން ހުރި ހެދުން ތަކެވެ. ދީނާއަށްވުރެ ޖަނާ އަދި ލޫޅާފަތިކޮށް ހުންނައިރުވެސް އެތަނުން ހެދުމެއް ލައިގެން ނޭވާ ހަށްޓަށް ފެތޭ ގޮތެއް ނުވިއެވެ. އޭނާއަށް އެންމެ ކަމުނުދިޔައީ ހެދުން ބާރުކަމުން ހުރިހާ ވަނާތަކެއް މާބޮޑަށް އިޝްތިހާރުވެފައި ހުރީމައެވެ.
"ދޮންތަވީއެއްނު ދޮންބެގެ ޓީޝާޓެއް ލާން. އޭރުން ގައިމުވެސް ބާރެއް ނުވާނެ." ޖަނާ ލޯގަނޑު ކުރިމަތީ މޫނު ކުނިކޮށްގެން ހެދުމަށް ބަލަން ހުއްޓާ ދީނާ ބުނެލިއެވެ. އޭނާ ވަގުތުން ބޯ ހޫރާލައިފައި މަނާ ވެގަތެވެ. "ދޮންބެ ނޭނގެ އިރު ނޯއްސެނިސް އަންނާނެ ކަމެއްވެސް. ދެން އޯކޭވާނެއޭ. އެލައިގެން ގެއަށް ގޮއްސަ ފަހުން މިކޮޅަށް ފޮނުވީމަ ދޮންބެއަށް ނޭނގޭނެ ތަނެއްދޮރެއް." ދީނާ ޖަނާ އެއްބަސްކުރުވަން ވެގެން ބާރު އެޅިއެވެ. އަޝްވާވެސް އެނދު ކޮޅުގައި އިނދެފައި ދީނާގެ ވާހަކައަށް ތާއީދުކުރިއެވެ. އެހެން ގޮތެއް ނެތުމުން ޖަނާ އެއްބަސްވެ ބޯ ޖަހައިލިއެވެ. އޭނާ ސިޓިންރޫމްގައި ފަޔާޒް އުޅޭތޯ ބަލާފައި ނެތްކަން ޔަޤީންވުމުން ނިކަން ހަރުކޮށް ގޮސް މާކިންގެ ކޮޓަރި ހުޅުވާލައިފައި އެތެރެއަށް ދެމިގަތެވެ. ވަށައިގެން ކަޅި ހިންގާލިއިރު ކުޑައެއް ކަމަކު ނިކަން ސާފު ތާހިރު ކޮޓަރިއެކެވެ.
ޖަނާ ހައިރާންވީ އެކޮޓަރީގައި ހުރި ފަރުނީޗަރު ތަކުގެ އިތުރުން ޒީނަތްތެރި ކުރުމަށް އެކައްޗެއްވެސް ބޭނުން ކޮށްފައި ނެތީމައެވެ. ކުޑަމިނުން ފާރުތައްވެސް ހުރީ ހުހަށެވެ. ފޮޓޯ ލޯގަނޑެއް ކުރެހުމެއްހާ ހިސާބުވެސް ނެތެވެ. މިއަދުވެސް އެއީ އޭނާ ފަސްއަހަރު ކުރިން ދުށް ބަސްމަދު ސިއްރުން ފުރިގެންވާ ޒުވާނާއެވެ. ޚުދު ޒަލަފްއަށްވެސް މާކިންގެ ހަޔާތާއި ބެހޭ ގޮތުން އެނގެނީ ކުޑަމިންވަރެއް ކަމުގައި ބުންޏެވެ. މާކިން އަބަދުވެސް ވާހަކަ ނުދައްކައި ރުޅިއައިސް ހުންނަ މީހަކު ފަދައިން ދެބުމަ ކައިރިކޮށްގެން ހުންނާތީ އޭނާ ޝަކުވާ ކުރާ ކޮންމެފަހަރަކު ޒަލަފްގެ ކިބައިގައި އޮންނަނީ އެންމެ ޖަވާބެކެވެ. އެއީ މާކިން އެހެން އެއުޅެނީ އޭނާގެ ޒާތީ ދިރިއުޅުމުގައި ހުރި މައްސަލަތަކެއްގެ ކަމުން ކަމަށާއި ހިތް ރަނގަޅުވާނެ ކަމުގައެވެ. ގިނަ ދުވަސްވުމުން އަދި އޭނާއާވެސް މާކިން އެކުވެރިވާނެ ކަމަށެވެ. ޒަަލަފްގެ އެންމެ ގާތް އެކުވެރިޔާއަށް ވާތީވެ އެމީހުންނާއެކު އެހުރިހާ ދުވަހު އުޅުނުއިރު އެދުވަހެއް ނުފެނުނެވެ. ރަފާހް އާއި ޒަލަފް އާއި އެހާ ގާތް ގުޅުން އޮވެފައި އަދި ހުމާ އާއިވެސް މަދުފަހަރަކު ނަމަވެސް އަނގައިން ބުނެލައެވެ. އެކަމަކު އޭނާއަށް ހިނިތުންވުމެއް ދައްކާލުންވެސް ހަރާމެވެ.
ޖަނާ ކަންބޮޑުވެފައި މާކިން އޭނާއާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ސަބަބުގެ ވާހަކަ ދެއްކި ދުވަހެއްގައި ހުމާ ބުނީ ހެއްވާ ވާހަކައެކެވެ. އެއީ މާކިން ވާހަކަ ދައްކައި ގުޅުން ނުބާއްވަނީ އެކަނި އޭނާ އާއި ނޫންކަމަށާއި އިތުރު އެއްވެސް އަންހެން ކުއްޖަކަށް ހިތުން ރުހުމުން ބަލައި ނުލާ ކަމަށެވެ. ހުމާ ބުނީ މާކިން އޭނާދެކެ ރުޅިއަންނަނީ ޒަލަފްއާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ކަމަށެވެ. އަދި އޭނާގެ ހިތުގައި ޒަލަފްއަށް އޮތް މަޤާމު މާކިންގެ ހިތުންވެސް ޒަލަފްއަށް ދެވިފައި ވަނީ ކަމަށެވެ. އެކުވެރިޔާގެ އެ ވާހަކަ ޖަނާ އޭރުވެސް ޤަބޫލެއް ނުުކުރެއެވެ. އޭނާ ދެކޭ ގޮތުގައި މާކިންއަށް އޭނާގެ ކިބައިގައި ކަމުނުދާ ސިފައެއް ހުންނަނީއެވެ. އެކަކުވެސް ފެންނަ އެންމެންނާ ގަޔާވެ އެކުވެރިއެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް ގަޔާނުވާ ގުޅުން ބާއްވަން ބޭނުން ނުވާ މީހުން އުޅޭނެއެވެ. އެގޮތުން އޭނާ އެއީ މާކިން ގަޔާނުވާ ފަރާތެވެ. ނޫނީ އޭނާއަށް ނޭނގުމުގެ ތެރޭގައި މާކިން ހިތްހަމަނުޖެހޭ ކަމެއް ކުރެވިފައި ވަނީއެވެ.
ފާރުތަކަށް ބަލަން ވިސްނުމަކަށް ގެއްލިފައި ޖަނާ ހުއްޓާ އިރުކޮޅަކުން އިވުނީ ދޮރު ހުޅުވާލި އަޑެވެ. އޭނާ ސިއްސައިގެން ގޮއްސައި އެނބުރި ބަލައިލިއިރު ވާރެއާއި ތެމިގެން މާކިން އައިސް ވަނީއެވެ. ލައިގެން ހުރި ގަމީސް އެރީތި ހަށިގަނޑު ތަތްވެފައި އޮތްއިރު ތެމިފައި އޮތް އިސްތަށިގަނޑާއި މޫނުން ފެންތިކި ތަޅަނީއެވެ. ފެނުގެ ސަބަބުން ކަޅުކުލަ ގަދަވެފައިވާ ތޫނު ދެލޯ އަމާޒުވުމުން ޖަނާއަށް ހީވީ ބިންފަޅާފައި އަޑިއަށް ދެވުނުހެންނެވެ. އިސާހިތަކު ތަލިން ކުޅު ހިކި ދޫ ތަޅުލެވިއްޖެއެވެ. "މިތާ ކީއްތި ކުރަނީ؟" މާކިން ބަރުއަޑުން ސުވާލުކޮށްލައިފައި ކައިރިއަށް ފިޔަވަޅެއް އަޅައިލުމުން ޖަނާއަށް ޖެހިލެވުނީ ދެފިޔަވަޅު ފަހަތަށެވެ. "އަހަރެން ނެތްވަގުތު ވައްކަން ކުރަންތަ ތިއައީ؟" މާކިން ގަމީސް ގޮށް ނައްޓަން ފަށާފައި އަލަމާރިއާ ދިމާއަށް އެނބުރުމުން ޖަނާ ބެލީ އެތަނުން ރައްކާވާނެ ގޮތެކެވެ. އޭނާއަށް ނޭނގުނީ ލޯގަނޑުގައި ހަރުކޮށްފައި ހުރި ލޯގަނޑުން މާކިން އޭނާގެ މޫނަށް އަރާފައިބަމުންދިޔަ ކޮންމެ ކުލައެއް ރަނގަޅަށް ބަލަމުން ދިޔަކަމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޖަނާ ނިކަން ސިއްރުން އިނގިލި ކުރި ޖައްސައިގެން ގޮސް މާކިން ފަސްދިނުމާއެކު މެއަށް ހީވީ ފެންއެއްޗެއް އޮއްސައިލިހެންނެވެ. ފުރަގަސްދީގެން އެހުރިގޮތަށް ހުރެފައި އެއްލި އަތުން މާކިން ހިފައިލީ އޭނާގެ ކަނާތު ކުޑަހުޅުގައެވެ. ޖަނާއަށް އެވަރުންވެސް ވާހަކައެއް ނުދެއްކުނެވެ. އޭނާ އަތް ފޮޅުވާލަން އުޅުމުން މާކިން ހައްތަހާ ބޮޑަށް އަތައް ފިތާލުމުން ވީ ތަދަށްވުރެ ގަތްބިރާއި ހިތަށް ކުރި އަސަރު ފުންވެގެން އިސާހިތަކު ބާރަށް ރޮވިއްޖެއެވެ. އޭނާ ރޯން ފެށުމުން މާކިންވެސް ސިހިފައި އަތުން ދޫކޮށްލިއެވެ. އޭނާ ދޮރާއި ދިމާއަށް ދުއްވައިގަތުމުން ދެން އަލުން ހުއްޓުވަންވެސް ނޫޅެ ކަންބޮޑުވެފައި ލޯގަނޑުން ބަލަން ހުރީއެވެ.
ދެތުންފަތް ޖައްސާ ބާރުކޮށްގެން ގަދަކަމުން ރުއިން ކޮންޓްރޯލް ކޮށްގެން ޖަނާ ގޮސް ވަނީ ބަދިގެއަށެވެ. ފެންތައްޓެއް ދަމައިލުމުން އަމިއްލަ ނަފްސްގެ މައްޗަށް ކޮންޓްރޯލް ހޯދަން ފަސޭހަވިއެވެ. އެހެން މީހަކަށް ފަޅާ އަރާފާނެތީ ކޮޓަރިއަށް ދިއުމުގެ ކުރިން ސިންކާއި ކައިރިވެލާފައި މޫނުގައި ފެންފޮދެއް ހާކާލައި ޓިޝޫއަކުން ހިއްކައިލިއެވެ. އެނބުރި ގޮސް ވަންއިރު ދެފަހަރަކު ހިނިތުންވެލައި ތައްޔާރުވެލިއެވެ. ދީނާ ސުވާލު ކުރުމުން އޭނާ ޖަވާބުދިނީ ވާރޭ ތުނިކޮށްލައިފައި އޮތުމުން ގެއަށް ދާން ބޭނުންވާ ކަމަށެވެ. އަކްޔަންވެސް ނިދި އައިއްސައި ހުރުމުން ނަސީބަކުން އެކަކުވެސް އިތުރަށް މަޑުކުރާކަށް ބާރެއް ނާޅައެވެ.
ގެއަށް ދެވުމުން އަކްޔަން ނިންދަވާފައި ޖަނާ ތައްޔާރުވީ މެންދުރު ފަހު ފެށޭ ޑިއުޓީއަށް ދާށެވެ. ރޭގައި ހުމާ އައިސް ބުނީ މިއަދުން ފެށިގެން ނިކުންނަންވީ ވާހަކައެވެ. ޖަނާ ތައްޔާރުވެލައިގެން ނިކުންނަމުން ދީނާ ކައިރީ އަކްޔަން ބަލަން ހަނދާންކޮށްދިނެވެ. ވާރޭ ތުނިކޮށްލާފައި ހުރުމުން އޭނާ ރެސްޓޯރެންޓާއި ދިމާއަށް ދިޔައީ ދުވެލައިފައެވެ. ދޮރުން ވަންއިރު އެތައްބައެއްގެ ލޯތައް އެމޫނަށް އަމާޒުވިއެވެ. ޖަނާ އެލޯތަކުން ސަލާމަތްވެގެން ގޮސް ކައުންޓަރ ކައިރިއަށް ހުއްޓުމުން ރަފާހް އެތާ އިނދެފައި ބަލައިލީކުޑަކޮށް ހައިރާންވެފައެވެ. "ވަޒީފާގެ ފުރަތަމަ ދުވަހަށް މަރުހަބާ!" ހުމާ ހުސް ތަބަކެއް ހިފައިގެން އައިސް އެދެމީހުން ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އަޑަށް ރަފާހްގެ ކުލަ ރީނދޫވިއެވެ. ހުމާގެ އެހިތްވަރު ދެކެފައި އޭނާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ހިނގާ ޖާންގެ ޔުނީފޯމް ދޭނަން. ކުޑަކޮށް ކިޔާލަދޭން ޖެހޭ އެއްޗެހިވެސް އެބަހުރި." ހުމާ ރަފާހްއަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ޖަނާ އަތުގައި ހިފައިގެން އެތެރެއަށް ދިޔައެވެ. އޭގެ އިރުކޮޅަކުން އެނބުރި އައިއިރު ހުމާ ފަދައިން ޖަނާވެސް ހުރީ ތަނުގެ ނިޝާން ޖަހާފައި ހުރި އަތްކުރު މަޑުފެހި ޓީޝާޓް ލައިގެންނެވެ. "ދޮރުން އެންމެ އަވަަހަށް ވަންނާނީ ޖަނާގެ ފުރަތަމަ ކަސްޓަމަރު." ހުމާ އެކުވެރިޔާގެ ކޮނޑުގައި ޖަހާލައިފައި ރަފާހްއަށް ބަލައިލިއެވެ. ދޮރު ހުޅުވުނު އަޑަށް ޖަނާގެ ނަޒަރު އެދިމާއަށް ގޮސް ހުއްޓިފައި ފުރަަތަމަވެސް ދެފަރާތަށް ބޯ ހޫރާލެވުނީއެވެ. "ޖަނާއަށް މިކަން ވާނެތަ؟" ޒަލަފް ވަދެގެން އައިސް މޭޒެއްގެ ދޮށުގައި އިށީންތަން ބަލަން އިނދެފައި ރަފާހް ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ހީކުރީ ފެށުމުގެ ކުރީން ޖަނާ އިސްތިއުފާ ދޭނެ ކަމަށެވެ. އެވަގުތު އޭނާ ހައިރާން ކޮށްލާފައި ޖަނާ ހުސް ތަބައް ހިފައިގެން ފްރިޖް ކައިރިއަށް ޖެހިލައި އެއިން ނެގި ފެންފުޅިއާއެކު ތަށިތައް ބަހައްޓާފައި ހުރި ތަނުން ބިއްލޫރި ތައްޓެއް ލައިގެން ޒަލަފް އިން މޭޒާއި ދިމާއަށް ހިނގައްޖެއެވެ.