ދޮރު ނުލެއްޕި ހުރުމުން ޖަނާ ގޮސް ކައިރިވެލީއިރު މާކިން ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގައެވެ. ދެން ކުއްލިއަކަށް އެފޯނު ކަންފަތާއި ވަކިކޮށްލާފައި ފާރަށް ޖެހިތަން ފެނިފައި ސިއްސައިގެންގޮސް ތޫލިކޮށް ހަޅޭތްލަވައިގަނެވުނެވެ. މާކިން އެނބުރި ބަލާލުމުން ޖަނާ ކަންބޮޑުވެފައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ބަލަހައްޓައިގެން ހުއްޓާ އައިގޮތަށް އައިސް މޫނުމައްޗަށް ދޮރު ޖަހާލުމުން ޖަނާއަށް ހީވީ އޭނާގެ މޫނުމަތީ މާކިން އެތިފަހަރެއް ޖެހިހެންނެވެ.
"ކިހިނެތް އެވީ؟" ފަހަތުން މަންމަ ވާހަކަދެއްކި އަޑަށް ޖަނާ ތެޅިގަނެފައި ބަލާލިއިރު ޝަރުމީލާ ހުއްޓެވެ. "ނޭނގެ." ޖަނާ އަވަހަށް އެނބުރިފައި އެތަނުން ދުރަށް ދިޔައެވެ. ކާކޮޓަރިއަށް ވަދެ ފެންތައްޓެއް ބޯން ހުރެގެން އޭނާއަށް ތަފާތު ގޮތް ގޮތަށް ހިޔާލު ކުރެވުނެވެ. ކުއްލިއަކަށް މާކިން އެހާ ރުޅިއެއް އައިސް އޭނާއަށް ބޮނޑިއެބޭލީ އިއްތިފާޤަކުން އެތަނަށް ދެވިގެން ހެއްޔެވެ؟ ނޫނީ މާކިންގެ ރުޅީގެ އަމާޒުފަތްގަނޑަކަށް ހަޤީޤަތުގައިވެސް އޭނާ ވީ ކަމަށް ވެދާނެބާވައެވެ. ޖަނާއަށް ގޮތެއް ނިންމަން އުދަނގޫވިއެވެ. އޭނާ ނިކުމެފައި އިތުރަށް މަޑުވެސް ނުކޮށް އަވަހަށް ދިޔައީ ގެއަށެވެ.
ރޭގަނޑު ވެގެން އައިއިރު ލައިލަކް ވިއުގެ މާހައުލު ފެންނަނީ މުޅިން ބަދަލުވެފައި އޮތްވައެވެ.ހަވީރު ހިނގި ހަމަނުޖެހުން ގަނޑަށްފަހު ދެމީހުން އެއްތަންވެ ވާހަކަދައްކާތަނެއް ނުފެނެއެވެ. ނައީމު ރުޅި އައިސްގެން ގެއިން ނިކުމެގެން ދިޔަފަހުން ނާސިހާއަށް ޒަލަފްއާވެސް ވާހަކަ ދައްކާލެވޭ ގޮތެއް އަދި ނުވެއެވެ. ބައްޕަގެ އަމަލު ހުރިގޮތުން ޒީކް ހުރީ ވަކި ކޮޅަކަށް ޖެހެން ނުކެރިފައެވެ. އަށެއް ޖެހުމާއެކު އޭނާ ކޮޓަރިން ނިކުމެގެން ދިޔައީ އޮފީހަށޭ ކިޔައިފައެވެ. ޒަލަފް އޭރު އޮތީ ކުޑަކޮށް ނިދާލައިފައި ތެދުވެ ފޯނުން މެސެޖެއް ލިޔާށެވެ.ކޮޓަރީގެ ތަރުތީބު ގެއްލިފައި އޮތް ގޮތުން އެތަނަށް ހީވަނީ ތޫފާނެއް އައިއްސައި އޮތް ހެންނެވެ. ވަން ގޮތަށް ވަދެ އޭނާ ހުރިހާ ރުޅިއެއް ބޭލީ އެތަކެއްޗަށެވެ. ޑްރެސިންޓޭބަލް މަތީ ހުރި ފުޅިތަކުގައި އަތުން ޖަހާ ބުރުއްސާލައިފައި ލެޕްޓޮޕާއެކު ލިޔާމޭޒުމަތީ ހުރިއްޔާ ހުރި ފޮތެއްވެސް ބުރުއްސައިލިއެވެ. މާކިންއަށް ގުޅާފައި އެޚަބަރު ދިނުމުން އެއްޗެއް ނުބުނެ ހުރިގޮތުން ހައިރާންވިކަން އެނގުނެވެ. ވާނީވެސް އެހެންނެވެ. އޭނާ އެކުވެރިޔާއަށް ކިޔައިދިނީ ޖަނާ ކައިރިން މަޢާފަށް އެދެން ބޭނުންވި ވާހަކައާ ހަމައަށެވެ. ކޮންމެވެސް ވަރަކަށް އެއެކުވެރިޔާގެ ނުފޫޒު ފޯރީ ނޫންކަމެއްވެސް ނޭނގެއެވެ. މިއަދު އޭނާ ޕްރޮޕޯސް ކުރިއިރު، ޖަނާއަށް އެހިތް ދެވަނަ ފަހަރަށް ލެނބެމުން ދިޔަ ވާހަކަވެސް މާކިން ކައިރިއަކު ނުބުނެވެއެވެ. ޚުދު އޭނާވެސް މިހާތަނާ ޖެހެންދެން ހުރީ ދެފިކުރެއްގައެވެ. އަދި މާކިން ޖަނާއާ މާގަޔާ ނުވާކަން އެނގޭތީ އެކުން އެހިޔާލު ހިތަށްވެސް ނައީއެވެ.
އަކްޔަން ނިންދަވާފައި ތެދުވަން އުޅެނިކޮށް ޖަނާގެ ފޯނަށް މެސެޖެއް އައެވެ. އޭނާ ފޯނު ހިފައިގެން ނިކުމެގެން ދަމުން މެސެޖް ކިޔައިލިއެވެ. "އާ ޔޫ އޯކޭ؟" ޒަލަފް ލިޔެފައި އޮތެވެ. ޖަނާ އެމެސެޖަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ސޯފާއަށް ވެއްޓިގަނެގެން އިންދާ ދީނާ ނިކުތީ ފޮތްތަކެއް ހިފައިގެންނެވެ. "ދޮންތާ އަހަރެން ޤުރޫޕް ސްޓަޑީ ހަދަން ބޭރަށް ދިޔަސް އެންމެރަނގަޅުތަ؟" ދީނާ ވާހަކަދެއްކި އަޑަށް ޖަނާ ބަލައިލިއެވެ. "ކޮންއިރަކުން ގެއަށް އަންނާނީ؟" ޖަނާ އިންގޮތަށް އިނދެ އަހައިލިއެވެ. "އަމް...ދޮންތާ އަހަރެން މިގަސްތުކުރަނީ މިރޭ އެކޮޅުގަ ނިދާގޮތަށް. އެކަމަކު ދޮންތަ ހުއްދަދިނިއްޔާ." ދީނާ އިސްޖަހައިލަމުން ތަންކޮޅެއް މަޑުން ބުނެލިއެވެ. "އަހަރެން ހުއްދައެއް ނުދޭނަން." ޖަނާ ދިން ޖަވާބުން ދީނާ ސިއްސައިގެންދިޔައެވެ. އިސްއުފުލާލިއިރު ދޮންތަ އިނީ އެމޫނަށް ބަލާށެވެ. "އެއީ ކީއްވެ؟" ދީނާ ހަމަޖެހިލިއެވެ. އޭނާގެ މޫނަށް އަރާ ކުލައިން ދޮންތައަށް ޝައްކެއް ވާކަށް ބޭނުމެއް ނޫނެވެ. "ނޭނގެ ކީއްވެކަމެއް. އަހަރެން ހަމަ ހިތްހަމަ ނުޖެހެނީ ދީނާ އެހެންތާކަށް ނިދަން ފޮނުވަން. ބައެއްފަހަރު ހީވޭ ދީނާ މިހާރު ކުރިއާ ތަފާތުހެން. ހީވޭ ކަމެއް ސިއްރުކުރާހެން. ދޮންތަ ބޭނުމެއް ނުވޭ ރިސްކެއް ނަގާކަށް. އެއީ ޖަވާބަކީ." ޖަނާ ތަފްޞީލު ދީފައި ތެދުވެގެން ގޮސް ބަދިގެއަށް ވަނުމުން ދީނާ ކޮޓަރިއަށް ވަދެ ދޮރު ޖަހައިލިއެވެ.
"ކޮންމެމީހަކު ލެވުނުހާ ބާރެއް ލައިފަ ދޮރުޖަހާއިރު ހީވަނީ ކަންނޭނގެ ދެން މާމޮޅު ކަމެކޭ." އެހާ ކިޔަމަންތެރިކޮށް ހުރެފައި ކޮއްކޮ ކަންތައް ކުރި ގޮތުން ޖަނާ ރުޅިގަދަވިއެވެ. މާކިންއަށް ވީ ގޮތެއް ނޭނގިފައި ހުއްޓާ އަދި ކޮއްކޮވެސް އޭނާ ނުތަނަވަސް ކުރަނީއެވެ.ކޮންމެ މީހަކަށްވެސް ހީވެފައި އޮންނަނީ އެނޫނީ އުދަނގޫ ވަގުތެއް ތަހައްމަލް ކުރަމުންދާ މީހަކު ނެތީ ކަމަށް ކަންނޭނގެއެވެ. އެހެންނޫންނަމަ އެގޮތަށް ކަންތައް ކުރުމުގެ ކުރިން އޭނައާމެދު ވިސްނައިލާނެއެވެ. މިއަދު އޭނާވެސް އެހުރީ ނުހަނު އުދަނގޫ ފައްތަރެއްގައެވެ.
ފަޔާޒް ގެއަށް އައިއިރު ޝަރުމީލާ ތައްޔާރުވީ މާކިންގެ ވާހަކަ ދައްކާށެވެ. ހަވީރު މަސައްކަތް ނިންމާފައި ގެއަށް ވަން މީހާ ޚަބަރެއް ނުވެ ކޮޓަރިތެރޭ ކުރަނީ ކީއްކަމެއް ނޭނގެއެވެ. "މާކިން ބައްޕަ މިހާރު ފުރީތަ؟" ރޭގަނޑު ކާންހަދައިގެން ހުރެފައި ފަޔާޒް އައިސް އިށީނުމުން ޝަރުމީލާ ކުރިމަތީ އިނދެގެން އެހިއެވެ. އަނބިމީހާގެ މިކުއްލި ސުވާލުން ފަޔާޒް ހައިރާންވިއެވެ. ވެގެން އުޅޭގޮތެއް ސާފުކޮށްދޭން އެދުމުން އޭނާ ކިޔައިދިނީ ހަވީރު ފެނުނު މަންޒަރުގެ ވާހަކައެވެ. "ރަޝާދު ފުރިފަހުން މިހާރު ދުވަސްކޮޅެއް ވެއްޖެ. ކޮންމެވެސް އެހެން ކަމަކާ ކަންނޭނގެ ތި ރުޅިއައީ." ފަޔާޒްއަށް ހީވާގޮތް ހާމަކޮށްފައި ފެންތަށިން އެތިފޮދެއް ބޯލިއެވެ. އިރުކޮޅެއް ނުވެ މާކިން އެދޮރު ހުރަސްކޮށްފައި ނިކުންނަން ދިޔަތަން ފެނިގެން ފަޔާޒް ގޮވައިލިއެވެ.
"ކީކޭ ބައްޕާ؟" މާކިން އައިސް ދޮރުކައިރީ ހުއްޓުނުއިރު އެމޫނުން ތަފާތު ކަމެއް ފާހަގައެއް ނުވިއެވެ. ގަދަ ފެހި ކުލައިގެ އަތްދިގު ޓީޝާޓާއި ޖިންސްގައި މޫނުވެސް ފެންނަނީ ތާޒާކޮށެވެ. ނިދާލައިފައި ތެދުވެ އެނިކުންނަނީ ބޭރަށް ދާން ކަންނޭނގެއެވެ. "ކޮންތާކަށް ތިދަނީ؟ އާދެބަލަ ސައިބޯން!" ފަޔާޒް ވާހަކަދެއްކިއެވެ. "ސައެއް ނުބޯނަން މިހާރަކު. މިދަނީ ޒަލަފް ކައިރިއަށް." މާކިން ރައްދު ދީފައި ފަޔާޒް އެގޮތާއި އެއްބަސްވެ ބޯ ޖަހައިލުމުން ނިކުމެގެން ދިޔައެވެ.
މާކިން ލައިލަކް ވިއުއަށް ވަންއިރު ސިޓިންރޫމްގައި ނާސިހާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. "ކޮބާ؟ ނާސިހާއަށް އޭނާ ފެނިގެން ކައިރިއަށް އަންނަން ފެށުމާއެކު މާކިން އަހައިލިއެވެ. "ވެއްޖެ ކޮޓަރީގަ. ހަވީރު ވަންގޮތަށް އަހަރެން ގޮވާ ގޮވާވެސް ނުނިކުތް." ނާސިހާ މޮޅިވެފައި ހުރެގެން ކިޔައިދިނެވެ. މާކިން ބޯ ޖަހާލައިފައި ސިޑިން އަރައިގެން ގޮސް ޒަލަފް ކޮޓަރީ ޓަކި ޖަހާލިއެވެ. އޭނާ ނިދަން އޮތްވާ ނާސިހާ ގުޅާފައި ޒަލަފްއާމެދު ކަންބޮޑުވުން ފައުޅު ކުރުމުން ގުޅާ ގުޅާ ފޯނު ނުނެގުމުން އެންމެފަހުން ބައްދަލު ކުރަން އައީއެވެ.
"މާކް؟" ބޭރުން އެކުވެރިޔާގެ އަޑު އިވިގެން ޒަލަފް އައިސް ދޮރު ހުޅުވާލައިފައި ހައިރާންކަމާއެކު ކިޔައިލިއެވެ. "މަންމަ އެބަހުރި ކަންބޮޑުވެފަ. އަހަންނަށް ގުޅާފަ ކިޔައިފި ޒަލަފް މޮޔަކަމެއް ނުކުރާނެހޭ." މާކިން އެތެރެއަށް ވަދެ ކޮޓަރީ ތެރެއަށް ނަޒަރު ހިންގައިލާފައި އެއްފަރާތުގައި ހުރި ބީންބޭގް ގައި ޖައްސައިލިއެވެ. "މޮޔަކަންތައް ކުރާނީ ނުވިސްނޭ އަންހެންކުދިން." ޒަލަފް ވެއްޓިގަތީ އެނދަށެވެ. އޭނާ އެތާ އޮތް ފޯނަށް ބަލައިލާފައި އިސްއުފުލާލއިރު މާކިން އިނީ ބަލާށެވެ. "ބައްޕަ ކީކޭ ބުނީދެން؟" މާކިން އެހިއެވެ. "ބައްޕަ ބުނީ ޖަނާއާ އިނދެގެން އަހަރެން އަމިއްލައަށޭ އުޅެން ޖެހޭނީ." ޒަލަފް އޮޅުންފިލުވައިދިނެވެ. "ދެން؟" މާކިން އެހެން ބުނެލީ އޭނާގެ ނިންމުމަކީ ކޮބައިތޯ އަހައިލާ އުސޫލުންނެވެ. "ބައްޕަ ކޮންމެ އެއްޗެއްކިއަސް އަހަރެން އަޅައެއް ނުލަން. ކުރިންވެސް ބައްޕަ އުޅޭގޮތް ނުބަލައި ޖަނާއާ މެރީކުރެވުނު ނަމައޭ މިހާރު ހިތަށް އަރަނީ. އޭރު އެކަން ނުކުރީ ބައްޕަ މާބޮޑަށް ޖަނާއާ ހިތްހަމަޖެހިގެން އުޅޭކަން އެނގިގެން. އެކަމަކު ބަލާބަލަ މީހުންގެ ހިޔާލު ބަދަލު ވާގޮތް. އެންމެ ދަރިއަކު ހުރުން އެއީ އެހާބޮޑު މައްސަލައެއްތަ؟" ޒަލަފް ޖަވާބު މާކިންއަށް ވީ މުޅިން އާ ވާހަކައަކަށެވެ. ޒަލަފް ބައްޕައާ ދެކޮޅުވާން ޖަނާއާ ނުގުޅެން ނިންމިކަމެއް އޭނާއަށް ކުރިއަކުން އެނގިފައެއް ނެތެވެ.
"ކުރިން ދުވަހަކުވެސް ނުބުނޭ ތި ވާހަކައެއް؟" މާކިން ސީރިއަސްވިވަރު ދެކެފައި ޒަލަފްވެސް ހިނދުކޮޅަކަށް ހިމޭންވިއެވެ. ބައްޕަ އަންހެން ކުދިން ގޮވައިގެން އުޅޭ ވާހަކައަކީ މީހުން ކައިރީ ދައްކަންވެސް މާ ފަސޭހަ ވާހަކައެއް ނޫން ދޯ މާކް. ޗުއްޓީއަށް އައިސް އުޅޭ ދުވަސްތަކުގަ އެކަހަލަ މަންޒަރެއް ފެނިފަ ނެތަސް އަހަރެންނަށް އަބަދު ފެނޭ ބައްޕަ އުޅޭގޮތް." ޒަލަފްގެ ވާހަކަ ހުރިގޮތުން މާކިންއަށްވެސް އިސްޖަހައިލެވުނެވެ. ޒަލަފްއަށް ނޭނގުނަސް އެއީ ކިހާ ލަދުވެތި ކަމެއްކަން އެންމެ ކައިރިން އިހްސާސްކުރި އެކަކީ ޚުދު އޭނާއެވެ. ބައްޕަ ކައިރީ ގޭގައި އުޅުނުއިރު ފަހަރަކު އަންހެނަކު ގެނެސްގެން އުޅުނު ގޮތް ފެނިފައި އެކަނި އުޅޭއިރުވެސް ލަދުގަނެ ކަންބޮޑުވި ދުވަސްތަކެއް އޭނާ ވަނީ ދެކެފައެވެ.
ޖަނާ އާއެކޭ ބުނެފިނަމަ ޒަލަފް ބައްޕައާ ދެކޮޅަށްވެސް ކައިވެނި ކުރާނެ ވާހަކަ ބުނުމުން މާކިންއަށް އިނދެވުނީ އަތް މުށްކަވާލައިގެންނެވެ. އެކަމަކު އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރިއެވެ. އެހިތަށް ވިސްނައިދިނެވެ. މިއަދު މިއެނގުނީ ޒަލަފްގެވެސް ނުފެނި އޮތް ފަރާތެކެވެ. މާކިން ހިމޭންވެފައި އިންދާ ޒަލަފް ވަރަށް އަސަރާއެކު ކިޔައިދިނީ އޭނާ ޖަނާގެ ލޯބިވެރިއެއްގެ ގޮތުގައި ހޭދަ ކުރިއިރު ކުރެވުނު އިހްސާސްތަކުގެ ވާހަކައެވެ. އެހެން އަންހެނުން އެއީ އޭނާއަށް ތުންފުއްސަކަށް ވީ ނަމަވެސް ޖަނާގެ ރުހުމުގައި ނޫނީ އެއްފަހަރުވެސް އެހަށިގަނޑުގައި ބީހެން ބޭނުން ނުވި ވާހަކައެވެ. އެހެން މީހުން އެއީ ވަގުތު ކުރުކޮށްލަން އުފާ ހޯދަން ވަސީލަތެއް ކަމަށް ދެކުނަސް އޭނާ އަބަދުވެސް ދެކުނީ ޖަނާ އެއީ ކައިވެނީގެ ގޮށް ޖަހަން އެކަށީގެންވާ ވައްތަރު ކުއްޖެއް ކަމުގައެވެ. ޖަނާގެ މައުސޫމުކަމާއި ރަނގަޅު ކަމުން ދޫކޮށްލަން އުޅެފައިވެސް ދެރަވަނީ ޖަނާއަށް ލިބޭނެ ހިތާމަ ހިތަށް އަރާފައެވެ. އޭރު އޭނާ ބޭނުންވީ ޖަނާއަށް އަޅައިލާށެވެ. ހިމާޔަތް ދޭށެވެ. ކީއްވެކަން ނޭނގުނަސް އޭރުވެސް އޭނާ ޖަނާ އުފަލުގައި ހުންނަތަން ދެކެން ބޭނުންވިއެވެ. އެތުންފަތުން ހިނިތުންވުން ފެނުމުން ހިތް ހަމަޖެހުނެވެ. ހަމައެކަނި ބަދަލު ނުކުރެވުނީ ކަށީގައި ހިފާފައިވާ ނުބައި އާދައެވެ. އެވަރަށް ޖަނާއަށް ހިތް ނޭދެނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ އެއްޗެއްވެސް އަގު ވަޒަން ކުރެވޭނީ އެއެއްޗެއް އަތުން ބީވެގެން ދިޔައީމައޭ ކިޔައެއް ނޫން ހެއްޔެވެ؟
މުޅި ރޭ ހިޔާލު ކުރުމުގައި ހޭދަކޮށްފައި ޖަނާއަށް ނިދުނީ ކުޑަ ހިނދުކޮޅަކަށެވެ. އެވަރުންވެސް ކުރިމަތިވެފައި އޮތް ސުވާލަށް ދޭނެ ޖަވާބެއް ކަނޑައެއް ނޭޅުނެވެ. ދީނާ ތައްޔާރުވެގެން ނިކުމެގެން ދިއުމުން އޭނާ އަކްޔަން ރީތިކުރަން ހުއްޓާ ކޮންމެވެސް މީހަކު ބެލް ޖަހައިލިއެވެ. ގޮސް ހުޅުވާލިއިރު ފައި އަޅާތަނުގައި އޮތީ އަނެއްކާވެސް މާބޮނޑިއެކެވެ. ޖަނާ މާބޮނޑި އަތަށް ނެގީ އޭގެ އެތެރޭ އޮތް ނޯޓު ފެނިފައެވެ. އެތެރެއަށް ވަދެގެން ގޮސް މާބޮނޑި މޭޒުމަތީ ބާއްވާފައި ކަރުދާސްކޮޅު ނިއުޅާލިއިރު ޒަލަފްގެ އިބާރާތްކޮޅުގައި އޮތީ އޭނާ ޖަނާގެ ކުރިމަތީ މަސައްކަތް ކުރަން ފެށީ ފަހަރެއްގައިވެސް އަލުން އޭނަގެ ދިރިއުޅުމަށް ވަންނަން ރާވައިގެން ނޫންކަމުގައެވެ. އޭގެ ބަދަލުގައި އޭނާ ހަމައެކަނި ބޭނުންވީ ޖަނާގެ މަޢާފެވެ. އެކަމަކު ދެވަނަ ފަހަރަށް އެހިތް ޖަނާއަށް ލެނބުނީ އަނެއްކާވެސް އަމިއްލަ ބާރަކާ ނުލައެވެ. މިއަދު ޖަނާ ކޮންމެ ޖަވާބެއް ދިނަސް އޭނާ ހިތުން ރުހުމުން ޤަބޫލު ކުރާނެއެވެ. ގޮތެއް ނިންމާނީ ޖަނާއެވެ. އަދި ޖަނާ ބޭނުންނަމަ ވިސްނަން ކިތަންމެ ވަގުތެއް ނެގިއަސް އޭނާ ހުންނާނީ އިންތިޒާރުގައެވެ. ދާދި ފަހުން ރޫޅުނު ކައިވެންޏަށްފަހު ޖަނާ ދެވަނަ ކައިވެންޏަކަށް ތައްޔާރު ނޫންނަމަ އެކަންވެސް އޭނަ ބަލައިގަންނާނެއެވެ. ހަމައެކަނި ބޭނުންވަނީ އެހިތް އޮތް ގޮތް ޖަނާއަށް އަންގާށެވެ. އޭނާއަށް އެދި އެދި މީހަކު ހުރިކަން ބުނެދޭށެވެ.
ނޯޓު ކިޔާފައި ޖަނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސިކުނޑިއަށް ލިބުނު އެއީ އިތުރު ވާންކަމެކެވެ. އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ ޒަލަފްއަށް އާއެކޭ ބުނަންވީ ހެއްޔެވެ؟ ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ ބާވައެވެ.
ގެއިން ނިކުމެގެން ނިކަން ހަރުކޮށް ހިނގާފައި ގޮސް ދީނާ ހުއްޓުނީ ނާއިކް އުޅޭގޭ ދޮރާށި ކައިރިއަށެވެ. ފެންނަ ހިސާބުގައި އޭނާ ދަންނަ މީހަކު ހުރިތޯ ހޯދައިލާހެން ދުރު ދުރަށް ދަންދެން ލޯ ހިންގައިލިއެވެ. ދެން ކުއްލިއަކަށް އެދޮރާށި ހުޅުވާފައި އެތެރެއަށް ވަދެގެން ދާން ފެށީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. ބިރެއް ނެތި ސިޑިން އަރާފައި ނާއިކް އުޅޭބައިގެ ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއިން މީހަކު ހިނގާ އަޑު އިވިފައި ދޮރު ހުޅުވައިލިއެވެ. "ޑީ؟" ރަނގަޅަށް ލޯވެސް ނުހުޅުވި ހުއްޓާ ނާއިކްއަށް ދީނާ ފެނުމާއެކު ވަގުތުން ނިދިފިލިއެވެ. އެކަނި ބޮކްސާކޮޅާއެކު އެރީތިހަށިގަނޑު ފެނުމުން ދީނާގެ ހިތް އަވަސްވިއެވެ. "އެއްވެސް ސުވާލެއް ނުކޮށް އަހަރެން ވަންނަން ތަން ދައްކަފާނަންތަ؟" ދީނާ ހިންދިރުވާލައިފައި ޖެހިލުން ކުޑަކޮށް އަހައިލުމުން ނާއިކް ފަހަތަށް ޖެހިލިއެވެ. "ތޭންކްސް." އެތެރެއަށް ވަދެގެން ދަމުން ދީނާ ކިޔައިލިއެވެ. އެކުޑަ ކުޑަ ކުއްޖާގެ ހުރި ހިތްވަރު ދެކެފައި ނާއިކްވެސް ހައިރާންވިއެވެ. އޭނާ ދޮރު ލައްޕާލައިފައި އެނބުރުނުއިރު ދީނާ ގޮސް އިނީ ސޯފާގައި އިށީންދެ އެތަން ވަށައިގެން ލޯ ހިންގާށެވެ. ކައިރީގައި ދަބަސް އޮތެވެ. "ދެން ބުނެބަލަ ސުކޫލަށް ނުގޮސް ތިއައީ ކީއްކުރަން؟ ގަޑިއެއް ނުޖެހޭނެތަ؟" ނާއިކް ގޮސް ކޮޓަރިއަށް ވަދެ ޖިންސްލާން ހުރެގެން ވާހަކަދެއްކިއެވެ. ދީނާ ޖަވާބު ނުދިނުމުން އޭނާ ޓީޝާޓް ހިފައިގެން ނިކުތީ ބޭރަށެވެ.
"ރޭގަ ނާދެވުނީމަ އެހެންވެ މިއައީ." ދީނާ ތެދުވެގެން އައިސް ކައިރިއަށް ހުއްޓިފައި ނާއިކް އަތުން ޓީޝާޓް ޖަހައިގަތެވެ. "ވަޓް؟" ނާއިކްއަށް އަހައިލެވެން ވާއިރަށް ދީނާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލި އަޑު އިވުނެވެ. އިރުކޮޅަކުން ނިކުތީ ޔުނީފޯމް ބާލާފައި އެޓީޝާޓް ލައިގެންނެވެ. ދިގުމިން ފައިގެ ފަލަމަސްގަނޑާއި ހަމައަށް ހުރިއިރު ދޮންދޮން ދެފައި ހާމަވެފައި އޮތް ގޮތުން ނާއިކްގެ އިހްސާސްތަކާއި ކުޅެލިއެވެ. އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ދީނާގެ އެއަމަލު ކުށްވެރި ކޮށްފައި ރައްދުދިނެވެ. "ތިބުނީ އަހަރެން އައީމަ އުފަލެއް ނުވެއޭތަ؟" ޓީޝާޓްގެ އަތްއޮޅަން ހުރެފައި އެއަޑު އިވިގެން ދީނާ އިސްއުފުލައިލިއެވެ. "ޑީ ތިކުރި ކަމަކުން އަހަރެންނަކަށް ދެން ނުކެރޭނެ ޑީގެ ފެމެލީއާވެސް ބައްދަލު ކުރާކަށް." ނާއިކް އަނެއްފަރާތަށް އެނބުރިފައި ގޮސް ސޯފާގައި އިށީންދެލިއެވެ. ދީނާ އެވަގުތު ތުންފަތުގައި ދަތް އަޅާލައިފައި އައިސް ކުރިމަތީ ހުރި ސޯފާގައި، އެއްފައި ނަގައިގެން އިށީންދެ ޓީޝާޓް އެރިއަ ނުދޭން ދެއަތުން ހިފައި ދަމައިލިއިރު ނާއިކްގެ ނަޒަރު ހުރީ އަނެއްކާވެސް އެދެފަޔަށެވެ. އެކަމަކު ދީނާ ހަމަ ބަލައިލާއިރަށް ނޫންކަމަށް ހެދިފައި ދުރު ބަލާލައިފިއެވެ. "މީ އަހަރެންގެ އަމިއްލަ ނިންމުމެއް. ދެން ކީއްވެ ނިކް ކުށްވެރިވާންވީ؟" ދީނާ ކަންބޮޑުވީ ނާއިކް އަނެއްކާވެސް އޭނާދެކެ ރުޅިއަތުވެދާނެތީއެވެ. "ކީއްވެ ނުވާންވީ؟ އަހަރެންގެ ސަބަބުން ޑީ ސުކޫލަށް ނުގޮސް މިތާ ތިއިނީ. އަހަރެން ބޭނުމެއް ނުވޭ އަހަރެމެން މެދުގައި އޮތް ގުޅުމަކާ ހެދި ޑީގެ މުސްތަޤްބަލް އަނދިރިވާކަށް." ނާއިކް ރައްދު ދިނުމުން ދީނާއަށް ނީނދެވިގެން އައިސް މަގަތުގައި އިށީނެވެ. "އަހަރެން މިތަނަށް މިއައީ އަހަރެން ނިކްދެކެ ލޯބިވާވަރުން. ނިކް އަހަރެންދެކެ ހިތްހަމަ ނުޖެހިދާނެތީ. ނިކް އަހަންނަށް ގެއްލިދާނެތީ ބިރުން. ޓްރަސްޓް މީ ނިކް. އަހަރެމެންގެ މިގުޅުމުގައި ކުނި ޖެހިފައި އޮތްހާ ހިނދަކު އަހަރެންނަށް ރަނގަޅަށް ނުކުރެވޭނެ އެއްކަމެއްވެސް. ނުވެސް ކިޔެވޭނެ. ނުވެސް ނިދޭނެ. ރޭވެސް އެހާ ކުޑަކޮށް ނިދުނީ. ބޮލުގައިވެސް އެބަ ރިއްސާ." ދީނާ ވާހަކަ ދައްކަމުން ބޮލުގައި އަތް ޖައްސާލިއިރު ނާއިކް މޫނު އަނބުރާލިއެވެ. "ވަރަށް ތަދުވޭތަ؟" ނާއިކް އަތް އުފުލާލައިފައި މަޑުމަޑުން ބޯ މޮޑެދޭން ފެށިއެވެ. ދީނާ ހީކުރީ އޭނާ އެވާހަކަ ބުނެގެން ނާއިކްގެ ހިތް މަޑުވީ ކަމަށެވެ. އޭނާ ނާއިކްއަށް ފަސޭހަވާނެހެން އެމޭގައި ބޯ ޖައްސާލައިގެން ކަޅި ޖަހާނުލާ މޫނަށް ބަލަން އޮތެވެ.
"މިހާރު އޯކޭ." ދީނާ ވާހަކަ ދެއްކުމުން ނާއިކް ބަލާލިއެވެ. ހަތަރުކަޅި ހަމަވުމުން ނަޒަރު ވަކިކޮށްލާކަށް އެކަކުވެސް ބޭނުމެއް ނުވިއެވެ. އިތުރަށް ދެތިން ސިކުންތު ވީއިރުނޭނގުމުގެ ތެރޭގައި އައިސް ތިބެވުނީ އެންމެ ކައިރީގައެވެ. އެކެއްގެ ނޭވާ އަނެކެއްގެ މޫނަށް އެޅެން ފެށުމުން އިތުރަށް ކެތެއް ނުވިއެވެ. ނާއިކް އިސްނެގިއިރު ދީނާވެސް ފަހެއް ނުޖެހެއެވެ. އެބާރުގަދަ އަތުތެރޭ އޭނާ ފިއްތާލިއިރު ދީނާގެ ދެއަތް އަޅުވާލެވިފައި އޮތީ ނާއިކްގެ ކަރުގައެވެ. ބައެއްފަހަރު އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލައި ވާންކޮށްލެވެއެވެ.
"ޑީ! އައި ވޯނަ ޓޭކް ޔޫ ޓު ބެޑް......ވިޗް އިޒް......ކޮމްޕްލީޓްލީ ރޯންގް. އެހެންވީމަ ދެން އެންމެރަނގަޅު ވާނީ މިހިސާބުން ހުއްޓާލިއްޔާ." އިރުކޮޅަކުން މޫނު ދުރުކޮށްލައި ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ނާއިކް ބުނި ވާހަކަ އިވިގެން ދީނާ މޫނު ބަނަވިގޮތް ދެކެފައި އަވަހަށް އަނެއްކޮޅަށް ބަދަލުކޮށްލައި އެތަނުން ތެދުވިއެވެ.ކައިރީ ހުރެއްޖެނަމަ އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވިދާނެ ކަމާމެދު ޚުދު އޭނާވެސް ބިރުގަތީއެވެ. އޭރު ދީނާ ކުށްވެރިއެއްހެން ތުންފަތުގައި ދަތް އަޅާލައިގެން އިނދެފައި ނާއިކް ހަމަ ތަންކޮޅަށް ދާއިރަށް ތެދުވެފައި އެނަމުން ގޮވާލައިފިއެވެ.
"ޓޭކް މީ!" ފިޔަވަޅުތަކެއް ހުއްޓުމެއް ގެނަ ނަމަވެސް އެނބުރި ބަލައިނުލާން ހުއްޓާ ދީނާ ބުނި އެއްޗަކުން ނާއިކް ސިހިފައި ކުއްލިއަކަށް އެނބުރެވުނެވެ. ދީނާ ހުރީ ކޮޅަށް ތެދުވެއެވެ. އެލޮލުން އެއްފަހަރާ އެތައް އަސަރުތަކެއް ފައުޅުވަމުން ދިއުމުން ހިތުގައި އޮތް އެއްޗެއް ހޯދަން އުދަނގޫވިއެވެ. "ޓޭކް މީ ޓު ބެޑް ނިކް." ދީނާ ފިޔަވަޅެއް އަޅާލައިފައި އައިސް ކުރިމަތީ ހުއްޓުމުން ނާއިކް ވާހަކަދައްކަން ތައްޔާރުކޮށްލިތަނާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލިއެވެ. "ޕްލީޒް...!" ދީނާ އާދޭސް ކުރާ ވައްތަރަށް އެހެން ބުނެލާފައި ތިރީ ތުންފަތުގައި ދަތް އަޅާލި ގޮތުން ނާއިކްގެ ކެތްތެރިކަމުގެ ހުރިހާ އިމެއް ފޫއަޅުވައިލިއެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ދީނާ ގެނެސް އެއަތުތެރެއަށް ލައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
ރެސްޓޯރެންޓަށް ވަދެގެން ދިޔައިރު ޖަނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު އެހާ އަވަހަށް ޒަލަފްއާ ކުރިމަތިލާކަށް އޭނާ ތައްޔާރެއް ނޫނެވެ. އެކަމަކު އެހެންނޭ ކިޔާފައި ވަޒީފާއަށް ފަރުވާކުޑަ ކުރާކަށް ބޭނުމެއް ނޫނެވެ. ހޯދާލިއިރު ނަސީބަކުން ޒަލަފް އަދި ނާދެއެވެ. ޖަނާ ފުން ނޭވައެއްލައިފައި މަސައްކަތް ފަށަން ތައްޔާރީތައް ކުރަނިކޮށް ހުމާ އައިސް ދިއްކޮށްލީ އިތުރު މާބޮނޑިއެކެވެ. ޖަނާ ސުވާލެއް ނުކުރެއެވެ. މާބޮނޑި ބާއްވާފައި އެތެރޭ އޮތް ލިއުން ކިޔަން ވެގެން ޖެހުނީ އެއްފަރާތަކަށެވެ. ޒަލަފް ލިޔެފައި އޮތީ އޭނާ ވަޒީފާއަށް އައުން ހުއްޓައިލީ ޖަނާއަށް އިތުރު ނުތަނަވަސްކަމެއް ދޭން ބޭނުން ނުވާތީކަމުގައެވެ. އެއީ އޭނާ ކުރިމަތިން ފެނުމުން ޖަނާއަށް އުދަނގޫ ލިބި މިނިވަންކަމާއެކު ވިސްނާނެ ފުރުސަތު ގެއްލިދާނެތީއެވެ.
ކަސްޓަމަރުންތައް މަދުވެލީ ވަގުތު އެތަނަށް މާކިން ވަދެގެން އަންނަތަން ފެނިގެން ޖަނާ ހައިރާންވިއެވެ. އޭނާ އެތާ މަސައްކަތް ކުރަން ފެށި ފަހުން މާކިން އައިފަހަރަކުވެސް އައީ ޒަލަފް ނޫނީ ކޮންމެވެސް އެކުވެރިޔަކާ އެކުގައެވެ. މިއަދު އަދި އޮފް ދުވަހު އެހާ ހެނދުނާ ހޭލައިގެން އޭނާ ކުރިމައްޗަށް އެއައީ ކީއްކުރަންބާވައެވެ. ޖަނާ ތަށިތަކެއް ހިފައިގެން ގޮސް ބަދިގެއަށް ވަންއިރު މާކިން ކައުންޓަރު ކައިރިއަށް އައިސް ރަފާހް ކައިރީ ކޮންމެވެސް އެއްޗެއް ކިޔާފައި ގޮސް އިނީ އެންމެ ދުރުގައި ހުރި މޭޒުގައެވެ. އޭނާ އެމޭޒު ދޮށަށް ނުދާންވެގެން ތޫބާއަށް ފުރުސަތު ދީގެން ނުނިކުމެ އިންދާ ތޫބާ އައިސް ބުނީ ރަފާހް ގޮވާ ވާހަކައެވެ.
"މާކްއަށް ކޮފީ ހިފައިގެން ދޭބަލަ އޭނަ އެދައްކާ ވާހަކައެއް އަޑުއަހަން." ޖަނާ އައިސް ހުއްޓިފައި ރަފާހް ބުނި ވާހަކައަކުން ސިއްސައިގެން ދިޔައެވެ. ހާސްވިކަން ނާންގަން ކިޔަމަންތެރި ކަމާއެކު ބޯ ޖަހާލައިފައި އަވަހަށް މަސައްކަތަށް އެނބުރުނެވެ. ތަބަކުގައި ކޮފީ ޖޯޑު ހިފައިގެން ގޮސް ކައިރިވީއިރު މާކިން ފޯނާއި ކުޅެން ހުރެފައި ބަލައިވެސް ނުލާ އެދުނީ ކައިރީ އިށީނުމަށެވެ. ހެނދުގަޑީ އެއަޑު އިތުރަށް ބަރުވެފައި ހިތްގައިމުހެން ޖަނާއަށް ހީވިއެވެ. ހީވީ ދެންމެ ނިދާހޭލައިގެން އައިސް ވާހަކަދެއްކި ހެންނެވެ. ޖަނާ އެވަގުތު ބޯ ޖަހާލައިފައި އިށީންދެ އިނދެގެން އެމޫނަށް ބަލަން ފެށިތަނާ މާކިން އިސްއުފުލާލުމުން ހަތަރުކަޅި ބައްދަލުވިއެވެ.