"މާކް. ފޯނު ބާއްވަނީ އިނގޭ. ބެލް ޖަހާ އެބަ. ދީނާގެ ބޯއިފްރެންޑް އައީ ކަންނޭނގެ." ޖަނާ ފޯނު ބާއްވާފައި ދޮރު ހުޅުވަން އެދިމާއަށް ދިޔައިރު ދީނާ އަދި ތައްޔާރުވެގެން ނުއެއް ނިކުމެއެވެ. ދޮރު ހުޅުވާލިއިރު ދީނާގެ ލޯބިވެރިޔާ ހުރީ ތަންކޮޅެއް ދުރުގައި ދޮރާއި ފުރަގަސްދީގެންނެވެ. ދިގު އިސްކޮޅާއި ރޫފަ ރަނގަޅު ހަށިގަނޑެއްގެ ވެރިއެކެވެ. ޖީބަށް އަތް ޖަހާލައިގެން ހުއްޓި ހުރިއިރު ފުރަގަހުންވެސް ސްމާޓެވެ.ދޮރު ހުޅުވާލި އަޑާއެކު އޭނާ ހަމައެކަނި އެއްފަރާތަކަށް މޫނު އަނބުރާލައިފައި ހުރީ ހީވާގޮތުން ޖަނާގެ އިޝާރާތެއްގެ އިންތިޒާރުގައެވެ. "ހެލޯ! އަހުމަދު!" އެމޫނު ދަންނަ ގޮތެއް ހުރިހެން ހީވެގެން ބޯއަރިކޮށްގެން ބަލަމުން ޖަނާ ވާހަކަދެއްކިއެވެ. "ކާކު އަހުމަދަކީ؟" އެއިވުނީ ދަންނަ އަޑެކެވެ. އިސާހިތަކު ހަތަރެސްފައިން ދާ ހިއްލާލައިފިއެވެ. އަބަދު ހާސްވެގެން އެވާ ގޮތަށް ބަނޑުތެރޭ ކޮކާ އުދުހެން ފެށިއެވެ. ކެތްމަދުވެފައި ބަލަހައްޓައިގެން ހުއްޓާ އިރުކޮޅަކުން ނާއިކް އެނބުރި ބަލާލައިފިއެވެ.
"ވަޓް ދަ........" ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިނަމަވެސް ނުސިހޭ ވަރަށް ޖަނާ ސިހުނެވެ. އަނގައިން ބޭރުވި ޖުމްލަ ފުރިހަމަ ނުވަނީސް ހުރިގޮތަށް ހުރެ ފަހަތަށް އަޅާލެވުނު ފިޔަވަޅާއެކު ބޯމަތިން ގުގުރާލިހެން ހީވިއެވެ. ނޫނީ ބިންފަޅާފައި އޭނާ އަޑިއަށް ދަނީއެވެ. ޖަނާއަށް ނޭނގުނީ ފަހަތަށް ފިޔަވަޅު އެޅުނު ގޮތަކުން އޭނާ އަރިއަޅާލި ކަމެވެ. ބަލަ ބަލާ ހުއްޓާ މޫނު މައްޗަށް އަނދިރިވަމުން ދިޔައިރު ފެނުނީ ނާއިކް ހުޝިޔާރުކަމާއެކު ކުރިއަށް ޖެހިލާފައި އޭނާ ވެއްޓުނަ ނުދީ އަތުގައި ހިފެހެއްޓިތަނެވެ.
"ގޯޑް. އައި މިސްޑް ޔޫ..." ލޯމެރުނު ވަގުތު ޖަނާގެ އަތަށް ދަމާލުމުން ބާރެއް ނެތް ހަށިގަނޑު އައިސް މޭ މޭގައި ލައްވިއިރު ނާއިކް އެއިސްތަށިގަނޑުން މީރުކަން ލިބިގަތެވެ. ވެއްޓުނަ ނުދީ އަތްދަނޑި މައްޗަށް އުފުލާލައިފައި މޭގައި ޖައްސައި ބޮނޑިކޮށްލެވުނެވެ. ހިތް އެދުނީ އެވަގުތުވެސް އެތަނުން ދުރަށް ، މާދުރަށް ގޮސް ފިލާށެވެ. އެކަމަކު...
"ދޮންތާ! ދޮންތާ!" ދުރުން ދީނާ ގޮވަމުން އަންނަ އަޑު އިވިގެން ނާއިކް ސީރިއަސްވެލައިފިއެވެ. އޭނާ ޖަނާ މޫނުން ނަޒަރު ވަކިކޮށްލައިފައި ދޮރާއި ދިމާއަށް ކަޅި ހުއްޓާލިއިރު ދީނާ އައިސް އެދިމާއަށް ނިކުންނަނީއެވެ. އެވަގުތު ނާއިކް އަތުތެރޭގައި ހޭ ހުސްވެފައި އޮތް ޖަނާ ފެނިގެން ދީނާ ލޯބޮޑުކޮށްލައިފައި ދެއަތްތިލައިން އަނގަމަތި ފޮރުވާލައިފިއެވެ. ދީނާ ދުވެފައި އައިސް ދޮންތަ މޫނުގައި މަޑުމަޑުން ތަޅަމުން ދެފަހަރަކު ގޮވައިލިއެވެ. "ކިހިނެތްވީ ދޮންތައަށް؟" އޭނާ ނާއިކް މޫނަށް ބަލައިލީ ޝައްކުގެ ނަޒަރަކުންނެވެ. "އަހަރެން ފެނުނީމަ ފެއިންޓް ވީ. މޫނުގަ ފެން ހާކަން ހިނގާ އެތެރެއަށް." ނާއިކް ކޮންމެހެން ސިއްރު ކުރާކަށް ނޫޅެއެވެ. ސުވާލު ތަކުން ސިކުނޑި ފުރިގެން އައި ނަމަވެސް ދީނާ އިސްކަން ދިނީ ދޮންތައަށް ފަރުވާ ދިނުމަށެވެ. އޭނާ ބޯ ޖަހާލައިފައި ކުރީގައި ގޮސް ފެންތައްޓެއް ބަލައި ބަދިގެއާ ދިމާއަށް ގޮސް ވަންނަމުން ދެތިން ފަހަރު ފަސްއެނބުރި ބަލައިލެވުނެވެ. އޭނާ ބިރުގަތީ ނާއިކް އެއީ ދޮންތަގެ ކުރީގެ ފިރިމީހާއަށް ވެގެން އެދެމެދުގައި އޮތް ގުޅުން ކަނޑާލަން ޖެހިދާނެތީއެވެ. އެއާ ޚިލާފަށް ދޮންތަ ނާއިކް ސިފަކޮށްދޭން ކިޔައިދީފައިވާ އެއްވެސް ވާހަކައެއް އޭނާގެ ސިކުނޑި ހުރަސްކޮށްފައެއް ނުދެއެވެ. ދޮންތަ ކޮންމެ އެއްޗެއް ކިޔައިދީފައި ވިއަސް އޭނާއަށް ނާއިކްދެކެ ބިރެއް ނުގަނެއެވެ. ބިރުގަންނަން އެނގޭނީ އެފަދަ އެއްވެސް ކުލައެއް ނާއިކް ދައްކާފައި ވާނަމަ ނޫން ހެއްޔެވެ؟ ނާއިކް އެއީ އޭނާދެކެ ލޯބިން އެހަށިގަނޑުގައި ކޫރުމެއްވެސް އެޅިދާނެތީ އުޅޭ މީހެކެވެ.
"ކީއްވެ ދޮންތަ ފެއިންޓް ވީ؟" ދީނާ ސުވާލު ކުރީ ދުރުންނެވެ. ނާއިކް ފެންތަށި އަތުލާފައި ދޮންތަގެ މޫނުގައި ހާކަން ފެށި ގޮތުން އޭނާގެ ހިތަށް އެތައް ގޮތެއްވިއެވެ. ކުރަން ބޭނުންވި ސުވާލު އަދިވެސް އޮތީ ހިތުގައެވެ. ނާއިކް ފެން ހޭކުން ހުއްޓާލައިފައި އިސްއުފުލައިލީ އެއަޑަށެވެ. ލޮލުގައި ވިދަމުން ދިޔަ ކަރުނަތާއެކު ދީނާ ބަލަން ހުރި ގޮތުން ދޭނެ ޖަވާބަކާމެދު ނާއިކްއަށް ޖެހުނީ ވިސްނައިލާށެވެ ދީނާ ހީވަނީ ބުނެވޭ ބަހަކުން ބަޑި ފަޅައިގެން ދާން ތައްޔާރުވެފައި ހުރި ހެންނެވެ. "މާފުކުރޭ ޑީ. މާފުކުރޭ މިވާހަކަ ބުނާ މީހަކަށް އަހަރެން ވީތީ. އަހަރެން...." ނާއިކް ވާހަކަދައްކަމުން ވަކި ހިސާބަކަށް ދިޔަތަނާ ދީނާ އަތް އުފުލާލައިފައި ހުއްޓުވައިފިއެވެ. "އަހަރެން ބޭނުމެއް ނޫން އިތުރަށް އަޑުއަހާކަށް. ޕްލީޒް ޑޯން ސޭ އިޓް!" ދީނާގެ ލޮލުން ކަރުނަ އޮހިގަތުމުން އަވަހަށް އެނބުރެވުނީ އަނެއްފަރާތަށެވެ. އޭނާ ގަދަކަމުން ރުއިން ކޮންޓްރޯލް ކުރަމުން ތުންފަތުގައި ދަތް އަޅާފައި ދެއަތުން ކަރުނަ ފުހެން ފެށިއެވެ. "ޑީ. އަހަރެންނަށް އިނގޭ މީ އިންސާފެއް ނޫންކަން. އަހަރެންވެސް ޤަބޫލު ކުރަން. އެކަމަކު ކީއްކުރާނީ؟ އެކަކަށްވެސް ތަޤްދީރަކާއި ނުކުޅެވޭނެ." ނާއިކް ތެދުވެ ހުރެގެން ވާހަކަދެއްކީ ދީނާގެ ހިތަށް ތަސައްލީއެއް ދޭން މަސައްކަތް ކުރާ މީހަކު ފަދައިންނެވެ. "އަހަރެންނަށް ކިހިނެތް އެނގެނީ މީ ނިކް ގަސްތުގަ ކުރިކަމެއް ނޫންކަމެއް؟ ކިހިނެތް އެނގެނީ އަހަރެންގެ ދޮންތައާ ހަމައަށް ވާސިލްވާން އަހަރެން ޔޫސްކުރީ ނޫންކަމެއް؟" ދީނާ ބޭނުންވީ ނާއިކް ބުނާ އެއްޗެއް އަހާށެވެ. ކުރިއްސުރެ ދެމީހުންގެ ވާހަކަ ދެގޮތަށް ހުރުމުން ވަކި ކޮޅަކަށް ޖެހެން އޭނާއަށް އުދަނގޫވެފައި ވެއެވެ. ދޮންތަވެސް އެއީ ސިއްރުވެރިއެކެވެ. އަދި ފަހުން ދުވަހަކު ދޮންތައާ ބެހޭގޮތުން ނާއިކް ބުނި ވާހަކައަށްފަހު އޭނާއަށް މިހާރު ދޮންތައަށް އިތުބާރު ކުރަން ކުޑަކޮށް އުދަނގުލެވެ.
"ގޯޑް.ނޯ." ނާއިކް ދެކޮޅުހެދި އަޑަށް ދީނާ ކުއްލިއަކަށް އެނބުރިފައި ކުރިމަތިލިއެވެ. ލޯބިވެރިޔާގެ ލޮލުން އޭނާއަށް ފެނުނީ ބިއްލޫރިފަދަ ސާފުކަމެވެ. ކަރުނަ ވިދަމުން ދިޔަ ދެލޮލުން ލޯއްބެވެ. "އެހެންވިއްޔާ އަހަރެންގެ ދޮންތައަށް ނިކް އެއްވެސް ވަރަކަށް އަނިޔާ ކޮށް ބިރުދެއްކިންތަ؟" ދީނާ ޔަޤީން ކުރީ ނާއިކް ދޮގު ހަދައިފިނަމަ އެލޮލުން އޭނާއަށް އެނގޭނެ ކަމުގައެވެ. އޭނާއަށް ނުވިސްނުނީ ނާއިކް އެއީ ކިހާވަރެއްގެ އެކްޓަރެއް ކަމެވެ. "އެއީތަ ޑީގެ ދޮންތަ ޑީއަށް އަހަރެން ސިފަކޮށްދޭން ބުނި އެއްޗަކީ؟ އަހަރެންނަކީ އަނިޔާވެރިއެކޭތަ؟" ނާއިކްގެ ނިތަށް ރޫގިނަވެ މޫނުގެ އުޖާލާކަން ގެއްލުނީ ބަލަބަލާ ހުއްޓައެވެ. ހިތްހަލާކުވާފަދަ ގޮތަކަށް ކަރުއެލުވާލައިފައި އޭނާ އެތާ ވަކިން ހުރި ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. ދީނާ ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ހުރެ އެދެއަތް ވަކިކޮށް ނުލުމުން ކައިރީގައި ކުޑަކަކޫ ޖަހާލިއެވެ. އެކަން އިހްސާސްވެގެން ނޫންކަމެއްވެސް ނޭނގެއެވެ. ނާއިކް ދެއަތް ތިރިކޮށްލާފައި ބަލާލައިފިއެވެ. ފިރިހެނަކު ކަރުނަ ފުހެލިތަން ފުރަތަމަ ފަހަރަށް ފެނުނު ވަގުތުކޮޅަކީ އެއީއެވެ. އެއްފަހަރާ އެތައް ހާސް ކަށިތަކެއް ހަރައިލެވުނު ނަމަވެސް ނުވާވަރަށް ހިތުގައި ވޭން އަޅައިގަތެވެ.އޭނާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ޖެހޭނީ ކާކުގެ ކޮޅަކަށް ހެއްޔެވެ؟ ޤަބޫލު ކުރާނީ ކާކުގެ ވާހަކައެއް ހެއްޔެވެ؟
"ޑީ. އަހަރެން ޤަބޫލެއް ނުކުރަން ދެވަނަ ފަހަރަށް އެކްސްޕްލެނޭޝަން ދޭވަރުގެ ކުށެއް އަހަރެންނަށް ކުރެވުނު ކަމަކަށް. ކުރިންވެސް އަހަރެން ކިޔައިދީފަ އޮންނާނީ އަހަރެންގެ ކުރީގެ އަނބިމީހާ ކަންތައް ކުރިގޮތް. އެކަމަކު މިހާރު އެއީ ޑީގެ ދޮންތައަށް ވީމަ ހުރިހާ ކަމެއްވެސް ބަދަލުވާނެ. އެންމެ ރަނގަޅުވާނީ ޑީ ދޮންތަގެ ވާހަކަ ޤަބޫލު ކުރިއްޔާ. ދޮންތައާ އަޅާކިޔޭވަރު މީހެއް ނޫން އަހަރެން މީ. އަހަރެން މީ ހިލޭ މީހެއް. އިއްޔެ ބައްދަލުވި ސްޓްރޭންޖަރ އެއް. މޮޅު ގޮތަކީ އަހަރެމެން އިތުރަށް ބައްދަލު ނުކުރުން." ނާއިކް ބަލަން އިނދެލާފައި ދެއްކި ވާހަކަތައް އަހަން އިނދެގެން ދީނާއަށް ކުރެވުނުހާވެސް ކަމަކީ ދެފަރާތަށް ބޯ ހޫރުވަމުން ރުއިމެވެ. އޭނާ އެއަތުގައި ހިފެހެއްޓުމުން ނާއިކް އަތް ފޮޅުވާލައިފައި ތެދުވެގެން ދާން ފެށުމުން ފަހަތުން ދާންވެގެން ތެދުވިތަނާ އެއަތުގައި ހިފެހެއްޓީ ޖަނާއެވެ. ސިހިފައި ބަލައިލިއިރު ޖަނާ އޮތީ ލޯ ހުޅުވައިގެންނެވެ. ދީނާ އެއްފަހަރު ދޮންތައަށް ބަލައިލާފައި އަނެއްފަހަރު ދޮރާއި ހަމައަށް ބަލާލިއިރު ނާއިކް ނިކުމެގެން ގޮސް ލޯމަތިން ގެއްލެނީއެވެ. ކަރުނަ ފުހެމުން އޭނާ ތިރީގައި އިށީންދެފައި ދޮންތަގެ ތެދުވަން އުޅޭހެން ހީވެގެން އެހީވެދިނެވެ.
"ދޮންތަ އަހަރެންނަށް އެންމެ ސުވާލެއްގެ ޖަވާބު ދީ. އަހަރެން ކައިރީ ތެދަށް ބުނެދީ އަކްޔަންގެ ބައްޕައަކީ ނާއިކް ކަން ނުވަތަ ނޫންކަން." ދީނާ ނޭފަތް ދަމައިލާފައި ކޮށްލި ސުވާލުން ޖަނާގެ މޫނު ދިޔައީ ހުދުވެގެންނެވެ. ވާހަކަ ނުދެއްކި ގަނޑުވެފައި އޭނާ އިންދާ ދީނާ ކުއްލިއަކަށް ތެދުވީ އެހިމޭންކަމުން ޖަވާބު ލިބިގެންނެވެ. އޭނާގެ ދޮންތަ އެންމެންނަށް ހެދީ ދޮގެވެ. މަކަރެވެ. ބޭވަފާތެރިކަން ފައުޅު ވުމަށްފަހުވެސް ނާއިކް ދިން ލޯބި ގަބޫލު ނުކޮށް ބޭނުންވީ އެހެން މީހެއްގެ ލޯއްބެވެ. ހަޤީޤަތް އެނގިއްޖެނަމަ މީހުންގެ ނަފްރަތު ލިބޭނެކަން އެނގޭތީ ރަށަށް އައީ ނާއިކްއަކީ އަނިޔާވެރިއެކޭ ބުނެ މޮޅު ވާހަކައެއް ހަދައިގެންނެވެ. އެކަމަކު ތެދަކީ އަބަދު ފޮރުވާފައި ބޭއްވޭނެ އެއްޗެއް ނޫނެވެ. އެކަން މިއަދު ރަނގަޅަށް ސާބިތުވެގެން ހިނގައްޖެއެވެ. ދުނިޔޭގައި އެއޮތް ހުރިހާ މީހުންގެ އޮތްވާ އޭނާގެ ލޯބިވެރިއަކަށް ނާއިކް އެވީ އެކަންކަން ފަޅާ އަރަންވެގެންނެވެ. ހައްތަހާވެސް ތަޤްދީރުގެ މޮޅު ރޭވުމެވެ.
"އަހަރެން ދޮންތަ ކައިރީ ބުނަން އޮތީ އެންމެ ވާހަކައެއް. އެއީ ދޮންތަ ރުހުނަސް ނުރުހުނަސް އަހަރެން ނާއިކްއާ ދުރަކަށް ނުދާނަން. އެކަމަކު އެކަން ހުއްޓުވަން ދޮންތަ އުޅެފިނަމަ ހުވާކޮށްފަ މިބުނަނީ، އަހަރެން ދޮންތަގެ ތި މުޑުދާރު ހަޤީޤަތް އެންމެންނަށް ފަޅާ އަރުވާލާނަން." ދީނާ ބުނަންވި ވާހަކަ އިއްވާފައި ސިކުންތަކަށްވެސް މަޑުނުކޮށް ދުވެފައި ގޮސް ކޮޓަރިއަށްވަނެވެ. އޭނާ ދޮރު ޖަހާލި އަޑު މުޅިތަނުގައި ގުގުމައިގެން ދިޔަލެއް ބާރުކަމުން ނިދާފައި އޮތް އަކްޔަންވެސް ހޭލައިގެން ކޮޓަރިން ނިކުމެއްޖެއެވެ. ނިދި ނުފިލާ ހުރުމުން ރޮވިފައި ހުރެގެން އައިސް ކައިރިވީއިރު މަންމަވެސް ރޮނީއެވެ. މަންމަގެ ލޮލުން ކަރުނަ ފެނުމުން ތުއްތު އަކްޔަންގެ ހިތަކަށް ކެތެއް ނުވިއެވެ. ތުންފިތާލުމާއެކު ބާރަށް ރޯން ފަށައިފިއެވެ.
ޖަނާއަށް ގުޅައިގެން ދީނާގެ ވާހަކަ ދެއްކިއިރު އެކޮޅުން ޖަނާ ދިން ޚަބަރަށްފަހު މާކިން ހުރީ އެގެއަށް ދާން ބޭނުންވެފައެވެ. ޖަނާ ފަދައިން އޭނާވެސް ދީނާގެ ބޯއިފްރެންޑާ ބައްދަލު ކުރަން ވިސްނިއެވެ. އެކުގައި އެހާ ދުވަހު އުޅެވުމުން ދީނާއާ މެދު ދެކެވެނީ ކޮއްކޮއެއްގެ ގޮތުގައެވެ. ވީއިރު އެކޮއްކޮގެ ދިރިއުޅުމަށް އަންނަ މީހެއްގެ ހަޤީޤަތް ނުބަލައި ދޫކޮށްލެވޭކަށްނެތެވެ. މާކިން ސައިކަލު މަޑުކޮށްލިއިރު ނާއިކް ނިކުމެގެން ދަނީއެވެ. ދެމީހުން ދިމާވުމުން ހަމައެކަނި ނުދަންނަ ދެމީހުން ފަދައިން އެކަކު އަނެކަކާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެއަށްފަހު ދެމީހުންވެސް މިސްރާބު ޖެހީ ދެކޮޅަށެވެ. ނާއިކް އަމިއްލަ ގެއާއި ދިމާއަށް ދިޔައިރު މާކިންގެ ދޮރުން ވަދެގެން ސިޑިން އަރަން ފެށީ ޖަނާމެން ބަޔަށް ދާށެވެ.
ދޮރާއި ކައިރިވުމުން ހައިރާންކަމެއް ލިބުނީ އެދޮރު ހުޅުވާލައިފައި ހުރުމުންނެވެ. ނުވަދެވެނީސް ކަންފަތުގައި ހަރުލީ އަކްޔަންގެ ރުއިމުގެ އަޑެވެ. ދިގު ފިޔަވަޅު ތަކެއް އަޅާލައިފައި ތަންކޮޅަކަށް ދެވުނުތަނާ ސޯފާގައި ރޯންތިބި ދެމައިން ފެނި ހިތް ހީވީ ގެނބިގެން ދިޔަ ހެންނެވެ. އެތަނަށް ދެވުނު ގޮތެއްވެސް ނޭނގި މާކިން އައިސް ހުއްޓުނީ ސޯފާ ކައިރިއަށެވެ.
"ޖާން؟ ކިހިނެތްވީ؟" މާކިން ވާހަކަދެއްކި އަޑަށް ދެމައިން ބަލާލައިފައި ޖަނާ އަވަހަށް ދެއަތުން މޫނު ފޮރުވާލިއިރު އަކްޔަން ކުރިއަށްވުރެ އަޑުގަދަ ކޮށްލިއެވެ. މާކިން އަވަހަށް ގުދުވެފައި އަކްޔަން ނަގައި އުރާލައިގެން ލޮލުން ކަރުނަ ފުހެދެމުން ދުރަށް ގޮސް ހުއްޓުނެވެ. އޭނާ އަކްޔަން މަސަލަސް ކުރަން ދެތިން ވާހަކައެއް ބުނެލާއިރަށް ނަސީބަކުން ހުއްޓައިލިއެވެ. "އަކްޔަން ނުނިދަންތަ؟" މާކިން ސުވާލު ކުރަމުން ޖަނާ ކޮބައިތޯ ހޯދައިލިއިރު ތެދުވެގެން ގޮސް ބަދިގެއަށް ވަންނަނީއެވެ. އެވަގުތު އަކްޔަން ޖަވާބު ދިނީ ނިދަން އޮވެފައި ބިރުވެރި އަޑެއް އިވިގެން ހޭލެވުނީ ކަމަށެވެ. މަންމައާ ބެހޭގޮތުން ސުވާލު ކުރަން ނުހަދައި މާކިން ދާން ފެށީ ކޮޓަރިއާ ދިމާއަށެވެ. އޭނާ އަކްޔަން އެނދުގައި ބާއްވާފައި ނިދަން ބުނުމުން ތުއްތު އަޑުން އެދުނީ ވާހަކަ ކިޔައިދިނުމަށެވެ. މާކިން ކަންބޮޑުވީ އެހިސާބުންނެވެ.
"މަންމި ކޮން ވާހަކައެއް ކިޔައިދެނީ؟" މާކިން އެނދުގެ މަގަތުގައި އޮށޯވެލަމުން އެހިއެވެ. އަކްޔަން އޭރު އޮތީ އޭނާގެ މޭގައި ބޯ އަޅައިގެން ވާހަކަ ކިޔައިދޭން އުޅޭތީ ނިކަން ޝައުޤުވެރިވެފައި ބަލާށެވެ. "ބައިވަރު ވާހަކަ. ލަޔަން މައުސް ވާހަކަޔާ ފްރޮގް ވާހަކަ." އަކްޔަން ތުއްތު އަޑުން ޖަވާބުދިނެވެ. އަދި އެވަރުން މާކިންއަށް އެއީ ކޮން ވާހަކައެއްކަމެއް ނޭނގުނެވެ. އޭނާ ވިސްނާލައިފައި ކިޔައިދޭން ފެށުމުން އަކްޔަން އޮވެފައި ތަންކޮޅެއް ރަނގަޅުކޮށްލަ ދިނުމުން ހިނި އައެވެ. އެވަރު ކުދިންވެސް ޝައުޤުވެރިކަން ހުރެއްޖެނަމަ ކުޑަ ގޯހެއް ހެދިއަސް ދެނެގަންނަނީއެވެ. އޭނާ އަކްޔަން ބުނިގޮތަށް ބަދަލުކޮށްގެން ވަކި ހިސާބަކަށް ގޮއްސައި ބަލައިލިއިރު އެހާ އަވަހަށް އޮތީ ނިދިފައެވެ. މޭމަތިން ނަގައި ތަންމަތީ ބާއްވާފައި މޫނަށް އެޅިފައި އޮތް އިސްތަށިތައް އެއްފަރާތް ކޮށްލިއިރު އަކްޔަން މައުސޫމުކަމުން ބޮސްދޭ ހިތްވިއެވެ. މާލެއަށް އައިއިރު ރަންކޮށްފައި ހުއްޓެއް ކަމަކު އަކްޔަން އިސްތަށިކޮޅު މިހާރު ހުރީ ސީދާ ގަދަ ކަޅު ކުލައިގައެވެ. އެހެންވެ ކުރިން އޭނާއަށްވެސް ހީވެފައި އޮތީ އަކްޔަން ބައްޕައަކީ ރާއްޖެއިން ބޭރު މީހެއް ކަމަށެވެ.
މާކިން ގުދުވެ ކުޑަ ކުޑަ ނިތުގައި ތުންފަތް ޖައްސާލައިފައި ތެދުވިއިރު އަޖައިބެއްފަދަ ހަމަޖެހުމެއް ލިބުނެވެ. ނޭނގިވެސް ހުރެވުނީ ހިނިތުންވެފައެވެ. އެހިނިތުންވުން ފިލީ ކޮޓަރިން ނިކުމެ ޖަނާ މަތިން ހަނދާންވެފައެވެ. އޭނާ ޖަނާ ހޯދަމުން ގޮސް ބަދިގެއަށް ވަންއިރު މޭޒު ދޮށުގައި އިނީ ފެންތަށްޓެއް ކައިރިކޮށްލައިގެންނެވެ. ފިޔަވަޅުގެ އަޑު އިވުމުން އެއަޑަށްވެސް އޭނާ މިފަހަރު ބަލައެއް ނުލިއެވެ. މާކިން ގޮސް ކުރިމަތިވާ ގޮތަށް ހުރި ގޮނޑި ދަމާލައިފައި އިށީނުމުން ޖަނާ އަދިވެސް ބޮޑަށް އިސްޖެހިއެވެ. އޭރު ދެލޯ ހުރީ ރޮއިރޮއި ރަތްވެފައެވެ ނޭފަތު ކޮޅާއި މޫނުގެވެސް ބޮޑު ބަޔަކަށް ފިޔާތޮށި ކުލަ އަރައިފައެވެ. މާކިން ބަލަހައްޓައިގެން އިންދާ ޖަނާ ނޭފަތް ދަމާލައިފައި ފެންތަށިން އިތުރު ކޯވަރެއް ދިރުވައިލިއެވެ.
"މާފުކުރޭ މާކިން. މާކިން އެހިއަސް އަހަރެންނަށް އަދި އެއްވެސް ވާހަކައެއް ކިޔައިދެވޭކަށް ނެތް. މާކިންވެސް އަމިއްލަ ސީކްރެޓްތައް ފޮރުވާފަ ބަހައްޓަން އެދޭހެން މީ އަހަރެންވެސް ރައްކާތެރިކުރަން ޖެހިފައިވާ ސީކްރެޓްއެއް." ފަސްވަރަކަށް މިނިޓްގެ ހިމޭންކަމަށްފަހު ޖަނާ އިސްވެ ފެށިއެވެ. މާކިން ރައްދު ނުދިނުމުން އޭނާ އިސްއުފުލައިލިއިރަށް ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. މާކިން އޭރު އިނީ މޭޒުމަތީ އޮތް އަތް މުށްކަވާލައިގެންނެވެ. ޖަނާގެ ވާހަކަ އެބެހެއްޓީ އޭނާއަށް ސުވާލު ނުކުރެވޭނެ ގޮތަށެވެ. ޖަނާގެ ސިއްރު ހޯދަން އެދޭނަމަ އޭނާ ޖެހޭނީ އޭނާގެ ސިއްރުތައް ހާމަ ކުރާށެވެ. އަދި ޖަނާ އެއީ އެސިއްރުތައް އަންގަން އޭނާ އެދޭނެ ފަހު މީހާއެވެ. ހަޤީޤަތް އެނގިއްޖެނަމަ މިހާރު އެބަލާ ގޮތަށް އެމޫނަށް ބަލައިވެސް ނުލާނެކަން ކަށަވަރެވެ.
"އަހަރެން ދަނީ. ގުޑްނައިޓް." މާކިން ކުއްލިއަކަށް ތެދުވެފައި ބުނެލިއެވެ. ބޭނުންވީ އެގޮތް ކަމަށްވިއަސް ފަސްދީފައި މާކިން ދާން ފެށުމުން ޖަނާގެ ހިތަށް ތަދުވިއެވެ. އޮޅުން ފިލުވަދޭން ބާރު ނޭޅިއެއް ކަމަކު އޭނާ ހީކުރީ މާކިން އޭނާއަށް ހިތްވަރުލައިދޭނެ ކަމަށެވެ. ހިތްހަމަޖައްސައިދޭން ކޮންމެވެސް އެއްޗެއް ބުނެލާނެ ކަމަށެވެ. އެހެނަސް..... އެހެންމީހުން ހިތްހަމަޖައްސައި ދިނުމަކީ މާކިން ދަންނަ ކަމެއް ނޫނެވެ. އޭނާއަށް އުންމީދު އެކުރެވުނީ ނުބައި ފަރާތެއްގެ ކިބައިންނެވެ. އަދި އެވެސް މާބޮޑަށެވެ.
މުޅި ރޭ ޖަނާ ހޭދަކުރީ ވިސްނުމުގައެވެ. ކުއްލިއަކަށް ފެނުމުން ހެއަށް ގޮތްވިއެއް ކަމަކު ކުރިން އެގަންނަ ބިރެއް މިފަހަރު ނުގަތެވެ. ސެޝަން ތަކުގެ ފައިދާ އެނގެން މިފެށީ ކަމަކާ ކުރިމަތި ވީމައެވެ. އޭނާ އޮވެގެން ވިސްނީ ނާއިކް ފަރާތުން ކޮއްކޮ ސަލާމަތް ކުރަން ހަދާނެ ގޮތަކާ މެދުގައެވެ. އަދި އެވެސް އޭނާގެ ސިއްރު ރައްކާތެރިކޮށްފައި ބާއްވައިގެންނެވެ. ހެނދުނު ތެދުވެގެން ދީނާ ކޮބައިތޯ ބަލަން ދިޔައިރު ކޮޓަރި ހުރީ ތަޅުލައިފައެވެ. ޖަނާ ގޮވާ ގޮވާ ދީނާ ތެދުވާ ހިޔާލެއް ނުކުރިއެވެ. ޑަބަލް ތަޅުދަނޑިން ހުޅުވައިގެން ވަންއިރު އޮތީ ބަންޑުން އެނދުގައެވެ. ތެދުވާށޭ ބުނުމުން ރޮއިގެންފައި ބުނީ ސުކޫލަށް ނުދާނެ ވާހަކައެވެ. ޖަނާ ރުޅި ގަދަވެގެން މަންމައަށް ގުޅާނެ ވާހަކަ ބުނީމައިވެސް ގޮތެއް ދުލެއް ނުކުރިއެވެ. ގަދަކަމުން މީހަކު ލައްވާ ކަމެއް ކުރުވާނީ ކިހިނެތް ހެއްޔެވެ؟ ނާސްތާ ކުރަން ބުނެފައި އޭނާ ގޮސް އަކްޔަން ގޮވައިގެން ރެސްޓޯރެންޓްގައި އުޅުނުއިރު އަބަދު ވިސްނެނީ ދީނާއާ މެދުގައެވެ. ބްރޭކް ގަޑި ޖެހުމުގެ މާކުރިން އޭނާ ވަގުތުކޮޅެއް ހޯދައިގެން ގެއަށް އައެވެ. ބަދިގެއަށް ވަދެ ބެލިއިރު ނާސްތާ ކޮށްފައެއް ނެތެވެ. ކަންބޮޑުވެފައި ހުރެގެން ގޮސް ކޮޓަރި ބެލިއިރު ކޮޓަރިއަކުވެސް ނެތެވެ. ނާއިކް ކައިރިއަށް ދިޔައީނޫންބާވައޭ ހިތަށް އެރުމުން ތެޅިގަނެވުނެވެ. އަވަހަށް ކޮޓަރިން ނިކުންނަން ގޮސް ގޮއްސައި ހުއްޓެވުނީ ޝައްކެއް ވެގެންނެވެ. އަނބުރާލައިފައި އައިއިރު ތެދެކެވެ. ފާޚާނާގެ ބޮކި ހުރީ ދިއްލައިފައެވެ. އޭނާ ދޮރުފަތުގައި އަތް ޖައްސާލުމާއެކު ހުޅުވިގެން ދިޔަ ދޮރުން ފެނުނު މަންޒަރުން އަނބުރައި ނުގަތީ ކިރިޔާއެވެ. ފެންއަޅާ ފުރިފައި އޮތް ބިލިގާގެ ފެންގަނޑުގައި ލޭ ކުލަ ޖެހިފައި އޮތްއިރު އެބިލިގާއިން ބޭރަށް އެލިފައި އޮތީ ހަމައެކަނި ދީނާގެ އަތެވެ. ހަށިގަނޑުގެ ބާކީބައި ބިލިގާ ތެރޭގައި ފެންގަނޑުގެ އަޑީގައެވެ.
ޖަނާ ބަލާކަށް ނުހުރެ ދުވެފައި ގޮސް ބިލިގާގެ ކައިރީ ކުޑަކަކޫ ޖަހާލައިފައި ފެންގަނޑު ތެރޭ އޮތް ދީނާގެ ދެއަތުގައި ހިފާ ހިއްލާލިއިރު ރޮވިއްޖެއެވެ. "ދީނާ. ދީނާ. ޕްލީޒް ލޯ ހުޅުވަބަލަ. ލޯ ހުޅުވަބަލަ ދީނާ." ޖަނާ ރޮމުން ގޮވަމުން ކައިރިފަށުގައި އިށީންދެފައި ދީނާގެ ބޯ އުނގުގައި ބާއްވާލައިގެން މޫނުގައި ތެޅިއެވެ. ހިތަށް އެރި އެއްޗަކުން ބިރުން އިނދެ ޗެކްކޮށްލުމުން ވިންދު ޖަހާހެނެއްވެސް ހިއެއް ނުވިއެވެ. އުދަނގުލުން ވިއަސް ދީނާ ބިލިގާއިން ނަގައިތިރީގައި ބާއްވާފައި ފޮތިގަނޑެއް ހޯދައިގެން ޒަޚަމްގައި ބާރަށް ބަނދެލިއެވެ. ދެން އޭނާ ދުވީ ފޯނު ބަލައެވެ. ގައިގައި ދެއަތް ފުހެލާފައި ފޯނުގައި ހިފިއިރު ދެއަތް ތުރުތުރު އަޅަނީއެވެ. އެހާލުގައި ހުރެގެން ގުޅިއިރު އަދި މަންމަ ފޯނެއް ނުނަގައެވެ. ކުރިއަށްވުރެވެސް ބޮޑަށް ރޮވުނީ އެހެންވެއެވެ. މާކިންއަށް ގުޅިތަނާ އެއްފަހަރުން ނެގިއެވެ. ޖަނާ ރޮއި ރޮއިފައި ދީނާގެ ވާހަކަ ބުނުމުން މާކިން ފޯނު ބޭއްވީ މިއަންނަނީ ކަމަށް ބުނެފައެވެ.
ބެލް ޖަހާ އަޑަށް ޖަނާ ގޮސް ހުޅުވާލިއިރު ދޮރުމަތީ ހުރީ ޒަލަފްއާ މާކިންއެވެ. ހީވާގޮތުން ޖަނާއަށް ގުޅުނީ ދެމީހުން އެއްތާކު ތިއްބައެވެ. މާކިން އަވަހަށް ގޮސް ދީނާ ބަލާފައި ފުރާނަ ހުރި ވާހަކަ ބުނުމުން ޖަނާއަށް ހީވީ އަލުން ފުރާނަ އެޅުނުހެންނެވެ. ތަކުރާރުކޮށް އޭނާ ހެއްދެވިފަރާތަށް ޝުކުރު އަދާކުރިއެވެ. މާކިންގެ އަތްދަނޑިމަތީގައި ދީނާ ނެރުނުއިރު ޒަލަފްއާ އޭނާ ނިކުތީ އަކްޔަން ގޮވައިގެން ފަހަތުންނެވެ. ހުމާ އާ އަކްޔަން ހަވާލުކޮށްފައި އައިސް ދީނާގެ ކައިރިއަށް ފަހަތަށް އެރުމުން ޒަލަފްމެން ކުރީގައި ތިބެފައި ހޮސްޕިޓަލަށް ދާން ނައްޓައިލިއެވެ.
ފަޔާޒްމެނަށް ދެވުނުއިރު ދީނާ ހޭއަރައިފިއެވެ. ނަސީބަކުން ބޮޑު ގެއްލުމެއް ނުވެއެވެ. މާކިން ނިކުމެފައި އެޚަބަރު ދިނުމުން ޖަނާ ލޮލުން އޮހިގަތް ކަރުނަތަކާއެކު އެނބުރެވުނީ އަނެއްފަރާތަށެވެ. އޭނާ ގޮސް ގޮނޑިބަރީގައި އެހެން މީހުންނަށް ފުރަގަސްދީގެން އިނދެގެން އަޑު ބޭރުވެދާނެތީ އަނގަމަތީ އަތްއަޅައި ބާރުކޮށްލިއެވެ. ޒަލަފް ދުރުގައި ހުރެފައި އައިސް ޖަނާއަށް ހިތްވަރުދޭން ކައިރީގައި އިށީންދެފައި ބުނެލި ދެތިން ޖުމްލައާއެކު އިތުރަށް އަސަރުކޮށްގެން އަޑު ބޭރުވާން ފެށުމުން ސަލާމަތް ހޯދަން މޫނު ޖައްސާ ބާރުކޮށްލެވުނީ ޒަލަފްގެ މޭގައެވެ. ދެންތިބި މީހުން ފަދައިން މާކިންއަށްވެސް އެމަންޒަރު ފެނިގެން ބަލަން ހުރެވުނެވެ.