"ކައިވެނިކޮށްގެން އަހަންނާ ނާއިކް ބަދަލުވީ އެހެން ގެއަކަށް. އެއީ ހަމަ އެރޭއިން އެރޭ. އަދި އެހިސާބުން ދެން ފެށިގެން އައީ މުޅިން ތަފާތު ވާހަކައެއް." ޖަނާ ވާހަކަ ކުރިއަށް ނުގެންދަންވެގެން މެދުކަނޑާލިއިރު އެލޮލުން ބިރުވެރިކަމުގެ އެތައް ކުލައެއް ޝިވަމްއަށް ފެނުނެވެ.އިތުރަށް ބާރު އެޅުމުގެ ބަދަލުގައި ޝިވަމް ޖަނާގެ އެއަތާއެކު ކޮފީތަށި އުފުލާލަ ދިނުމުން މޫނަށް ބަލާލައިފައި އަނެއްކާވެސް ކޯވަރެއް ބޯލިއެވެ. "މިރެއަށް ދެން މި ނިމުނީއެއް ނޫންތަ؟ ބަލާ ގަޑިވެސް ހަމަވަނީ." ޖަނާ ކުރިއަށް ގެންދަން އުޒުރުވެރިވެފައި ގަޑި ބަހަނާއަކަށް ހެދުމުން ޝިވަމް ހީލިއެވެ. އޭނާ ބޯ ޖަހާލައިފައި އެގޮތް އެންމެ ރަނގަޅު ކަމަށް ބުނުމުން ޖަނާ އަވަހަށް ދަބަސް ހިފައިގެން ދާން ތެދުވެފައި ކޮފީ ތައްޓަށް ހަދާނެ ގޮތެއް ނޭނގިގެން އުޅުނެވެ. ގެއަށް ވަންގޮތަށް ދޮރު ލައްޕާފައި އައިސް އެނދަށް ވެއްޓިގަންއިރު ހިތް ތެޅެމުން ދިޔައީ އެންމެ ބާރުމިނުގައެވެ. ބޭނުންވިއަސް މިރޭ ލޮލަށް ނިންޖެއް ނާންނާނެއެވެ. ޝިވަމް އިރުޝާދާއި އެއްގޮތަށް ސިއްރުތައް މިނިވަން ކޮށްގެން ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ. އެކަމަކު އެލުޔާއެކު ދެން އެލިބޭ ވޭންވެސް ވަކިން ކުޑައެއް ނުވާނެއެވެ. އެވާހަކަތައް ދެއްކުން އެއީ ދެވަނަ ފަހަރަށް އެދުވަސްތައް ތަކުރާރު ކުރުންފަދަ ކަމެކެވެ. އަނިޔާ ލިބެމުން ދިޔައިރު އޭނާ އެންމެ ގިނައިން ހިތަށް އެރުވި އެއްޗަކީ ފެންނަނީ ހުވަފެނެއް ކަމުގައެވެ. އަދި އެހުވަފެނުން ހޭލަން އޭނާ ކުރިހާ މަސައްކަތުން އުންމީދުތައް ވިއްސިވިހާލިވެ ލޯ ކަރުނުން ތެންމައިލިއެވެ. ސިންގާ ކޮށްޓަކަށް ލައިފައި އޮތް އިންސާނެއް ފަދައިން ބިރުވެރި ކަމުގެ އެތައް ރެއެއް ހޭދަ ކުރިއެވެ. އޯގާތެރިކަން ދައްކާފައި މިޒާޖު ބަދަލުވާނީ ކޮންއިރަކު ކަން ނޭނގިފައި ނޭވާ ނުލައި ހުރެވެއެވެ. އަނިޔާގެ ވަގުތު ހޭން މަޖުބޫރު ކުރުމުން ގަދަކަމުން ހޭއިރު ލޮލުން ފޭދޭ ކަރުނަތަކުގެ ސަބަބުން އަދަބު އިތުރުވީ ކިތައް ފަހަރު ހެއްޔެވެ؟
ހިޔާލުތައް އެދިމާއަށް ގޮސް ދުރަށް ނުދެވިދާނެހެން ހީވާން ފެށުމުން ޖަނާ އެނދުން ފުންމާލައިގެން ނިކުތީ ބޭރަށެވެ. އޭނާ ބޭނުމީ އެއަނިޔާވެރިޔާގެ ހިޔާލުވެސް މިރޭ ދެން ހިތަށް ނުގެނައުމަށެވެ. ބާރު ބާރަށް ގޮސް ފްރިޖުން ފެން ފުޅިއެއް ނަގައި ތުން ޖަހާފައި އެއްފަހަރުން މެދާކަށް ހަމައަށް ދުއްވާލުމުން ހިތުގެ އުދާސްގަނޑު ފިންޏެއް ނުވިއެވެ. އޭރު ނިއްކުރިން ދާހިލި ހެދުންވެސް ގައިގައި ތަތްލަވާހެން ހީވާން ފެށިއެވެ. ޖަނާ ފުން ނޭވާތަކެއް ލާން ހުރެފައި ބެލްކަންޏަށް ނިކުމެ ރެއިލިންގައި ހިފާލައިގެން ހުއްޓާ ޖެހިލި ވައިރޯޅިން މޫނުގައި ފިރުމާލިއެވެ. ލޯ މަރައިލަމުން އުޑާއި ދިމާއަށް އުފުލާލެވުނީ އަދިވެސް އެއްފަހަރު އެފަދަ ރޯޅިއެއްގެ އަރާމަށް ބޭނުންވި ވަރުންނެވެ.
"ވާއު..." މިނިޓެއްގެ ތެރޭގައި ޖެހިލި ދެވަނަ ވައިރޯޅިއާއެކު ޖަނާއަށް ކިޔާލެވުނެވެ. ލަސްލަހުން އެސްފިޔަތައް ދުރުކޮށްލާފައި މޫނު ތިރިކޮށްލިވަގުތު ދުރުން މީހަކު ހަރަކާތް ކުރިހެން ހީވިއެވެ. ޖަނާ ސަމާލުވެފައި ބަލައިލިއިރު ކުރިމަތީ ހުރި ގޭގެ ބެލްކަނީގައި މީހަކު އެބަހުއްޓެވެ. ގަސްތަކުގެ ހިޔަނިން މީހަކު ފާހަގަ ނުވިއެއް ކަމަކު ފިރިހެނެއްކަން އެނގުނެވެ. ޖަނާ އެވަގުތު ހަނދާންވީ ދީނާ މަތިންނެވެ. ދީނާ އެބެލްކަންޏަށް ބަލަން ހުއްޓާ އާދެވިގެން އަހައިލާ ކޮންމެ ފަހަރަކު ނޫންކަމަށް ހެދިފައި އެނބުރި ގެއަށް ވަންނަ ގޮތެވެ. އަނެއްކާ އެތަނުގައި އުޅޭ މީހަކާއި ދީނާ ކޮއްކޮގެ ސިއްރު ގުޅުމެއް ކުރިއަށް ހިނގައިދާނެ ބާވައެވެ؟ ނޫނެކެވެ. ދީނާ އެއީ އެހާ ސިއްރުވެރި ކުއްޖެއް ނޫނެވެ. ދީނާ ކަމެއް ކުރަންޏާ އޭނާއަށް އިޝާރާތެއް ނުވެއެއް ނުދާނެއެވެ. އަދި އޭނާ އަމިއްލައަށްވެސް ހުންނާނީ ދީނާ ކައިރީ ފިރިހެން ކުދިންގެ ވާހަަކަ ކުޑަކޮށް ދައްކާފައެވެ. ކަމެއް އުޅެންޏާ އޭނާއަށް އަންގާނެއެވެ. ޖަނާ ހިތްހަމަ ޖައްސާލައިފައި ނިދަންވެގެން އެތެރެއަށް ވަނެވެ.
ހެނދުނު ތައްޔާރުވެގެން ނިކުތްއިރު ފައިއަޅާތަނުގައި ބާއްވާފައި އޮތް މާބޮނޑި ފެނިގެން ޖަނާ ސިހުނެވެ. އޯކިޑްމަލަށް ކިތަންމެ ލޯބި ކުރިއަސް ޖަނާ އެވަގުތު އުފަލެއް ނުވިއެވެ. އޭނާ ހިތުން ޒަލަފް ކައިރީ ކުރީ ދުވަހު ސާފު ބަހުން އޭނާ ބޭނުންވާ ގޮތް އޮންނާނީ ބުނެފައެވެ. ދެން މިއަދު އަނެއްކާ މި މާބޮނޑި ގެނެއްސައި މިއޮތީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟
"އަހަރެން ހީކުރީ އަހަރެންނަށް ބުނެވުނު ކަމަށް އިތުރަށް މާ ހަދިޔާ ނުކުރަން." ޖަނާ ރެސްޓޯރެންޓް ތެރެއަށް ވަދެގެން ގޮސް ކައުންޓަރު ކައިރީ ހުރި ޒަލަފްއަތަށް މާބޮނޑި ދިންއިރު ރަފާހްވެސް ބަލައިލިއެވެ. ރަފާހް އަވަހަށް އެދެމީހުންނަށް ފުރުސަތު ދީފައި އަކްޔަން އަތުގައި ހިފައިގެން ދުރަށް ޖެހިލިއެވެ. "ހަނދާން އެބަހުރި. އެއަށްވުރެ ރަނގަޅަށް ހަނދާން އެބަހުރި ޖަނާ އެދުވަހު އެހެން ބުނީ ކީއްވެކަން." ޒަލަފް މަގަތަށް އެނބުރިލައިފައި ހިނިތުންވެލަމުން ރައްދުދިނެވެ. "ދެން ކީއްވެ މިގެންގޮސް އަހަރުންގޭ ކުރިމަތީ ބާއްވާފަ މިއޮތީ؟" ޖަނާ ސުވާލު ކުރީ އަދިވެސް ހިތްހަމަ ނުޖެހިފައި ހުރި ރާގެއްގައެވެ. "ތެދަށް ބުނަންޏާ އަހަރެން ބުނާނީ މިއަދުން ފެށިގެން އަހަރެން ކަންތައްކުރާނީ އެދުވަހު ބުނި ގޮތުގެ އިދިކޮޅަށޭ. މާނައަކީ އަހަރެން ނިންމައިފިން ކޮންމެދުވަހަކު އެއްފަހަރު ޖަނާއަށް މާ ހަދިޔާ ކުރަން. އިރާދަ ކުރެއްވިއްޔާ ޖަނާއަށް ދުވަހަކުވެސް ނުޖެހޭނެ މިނިންމުމާ އަހަރެން ޚިލާފުވެގެން ހިތުގައި ޖެހޭކަށް." ޒަލަފް މާބޮނޑީގައި ދެއަތް ޖައްސާލައި ޖަނާގެ ކައިރިއަށް ޖައްސާލަމުން ޖަވާބުދިނެވެ. އޭރު ޖަނާ ހުރީ އިތުރަށް ބުނާނެ އެއްޗެއް ނޭނގި ކުޑަކޮށް އަނގަ ހުޅުވިފައެވެ. "ކީއްވެ؟" ޖަނާ ސުވާލު ކޮށްލުމުން ޒަލަފް އަދިވެސް ހިނިތުންވެފައި ހުރެގެން ބަލައިލީ ދޮރުން ވަން ފުރަތަމަ ކަސްޓަމަރަށެވެ. "މިތާ އެންމެންތެރޭ ބުނަންވީ؟" ޒަލަފް ލޮލުން ކޮށްލި އިޝާރާތް ވިސްނިގެން ޖަނާ އެނބުރި ބަލައިލާފައި ބަހެއް ނުބުނެ ގޮސް އެތެރެއަށް ވަނެވެ.
"ޒަލަފް ހީކުރީ އަދިވެސް އެއްފަހަރު އަހަރެން ހައްލައިލެވޭނެ ކަމަށް ކަންނޭނގެ. އޭނަ ކޮންމެދުވަހަކު އަހަރެންގެ އުނގު ފުރެންދެން މާ އެޅިއަސް ދެން ނުވާނެ އެކަމެއް." ޖަނާ އަތުގައި އޮތް މާބޮނޑި މޭޒުމައްޗަށް އެއްލާފައި އެތާ ހުރި ގޮނޑިއަށް ވެއްޓިގަންއިރު ހުމާ ހުރީ ޖޯޑުތަކެއް ހިއްކާށެވެ. "އަހަރެން އެއްޗެއް ބުނިއްޔާ ރުޅި އަންނާނަންތަ؟" ހުމާ ވާހަކަދެއްކި އަޑަށް ޖަނާ ބަލައިލިއެވެ. އޭނާ އެހިމޭންކަން ހުމާ ދުށީ އޭނާގެ ޖަވާބު ކަމުގައެވެ. "އަހަންނަށް ހީވަނީ ޒަލަފް ވަރަށް ބަދަލުވެއްޖެހެން. ހީވަނީ އޭނަ މިފަހަރު ވަރަށް ސީރިއަސްހެން." ހުމާގެ ޖުމްލަ ނިމޭއިރަށް ޖަނާ ލޯ އަޅައިލިއެވެ. "އަހަންނަށް އިނގޭ އަހަރެން މީ މިހެން ބުނަން އެންމެ އެކަށީގެންވާ ފަރާތް ނޫންކަން. އެކަމަކުވެސް ހަމަ ތެދަށް މިބުނީ. ޖާންއަށް އެނގޭތަ އޭނަ މަރީއާވެސް ރުޅިވެއްޖެ. މަރީ ބުނި ޒަލަފް މަޢާފަށް އެދިފައޭ ވަކިވީ. އަދި މިހުރީ މިވާހަކަ ނުބުނަން އެކަމަކު ޒަލަފް އަހަރެން ކައިރިންވެސް މަޢާފަށް އެދުނު." ހުމާ ވާހަކަދައްކަމުން މަސައްކަތް ހުއްޓާލައިފައި އައިސް އެކުވެރިޔާގެ ކުރިމައްޗަށް ހުއްޓުނުއިރު ޖަނާ އިނީ އިސްޖަހައިގެންނެވެ.
"ދެން ކީއްވެ މިހާރު އަހަރެން ކައިރީ ތިވާހަކަ ތިބުނީ؟" ޖަނާ ސުވާލުކޮށްލައިފައި އިސްއުފުލައިލިއެވެ. ޖާން އަދިވެސް ތީ ޒުވާނެއް. އުމުރުން ސައުވީސް ނުވޭ. އެއްވެސް މީހަކު ޑިޒާވްއެއް ނުކުރޭ ތިހާ ޅައުމުރުގައި އެކަނިވެރި ދިރިއުޅުމެއް އުޅޭކަށް. އަކްޔަންއަށް ބައްޕައެއްވެސް ބޭނުންވާނެއެއްނު. އެނުލަފާ މީހާ ހިޔާލު ބަދަލުވެގެން ފަހަތުން އަތުވެއްޖެއްޔާ ޖަނާ ރައްކާތެރި ކުރާނީ ކާކު؟" ހުމާ އެކުވެރިޔާގެ ކޮނޑުގައި ފިރުމާލަމުން ވިސްނަދޭން މަސައްކަތް ކުރާ މީހަކު ފަދައިން ވާހަކަދެއްކިއެެވެ. ދެކޮޅު ހެދުމުގެ ގޮތުން އެއްޗެއް ނުބުނި ނަމަވެސް ޖަނާ އެވާހަކަ ތެދެއްވެސް ނުކުރެއެވެ. ހިމޭނުން އިނދެފައި އިރުކޮޅަކުން ތެދުވެގެން މަސައްކަތަށް ނިކުމެ އުޅުނުއިރު ޒަލަފްގެ ހަރަކާތްތަކަށް ބައެއްފަހަރު ބަލާލެވެއެވެ. ހުމާ ބުނިހެން ޒަލަފްގެ މިޒާޖު ތަފާތު ވެފައިވާ ވަރާއި އެމޫނުން ފެންނަ ސީރިއަސްކަން ޚުދު އޭނާވެސް ވަނީ ފާހަގަ ކޮށްފައެވެ. އެކަމަކު އޭނާ އެކަމާ ވިސްނަން ޒަލަފް އަދި އެފަދަ ހުށައެޅުމެއް ހުށައެޅީއެއްވެސް ނޫނެވެ.
ޖަނާ ހަވީރު އަކްޔަންގެ އެދުމަށް މަންމަގެއަށް ދިޔައިރު މަގުގެ އެއްފަރާތުގައި އޮތް ޕްރައިވެޓް ކާރު ލޮލުގައި އަޅައިގަތެވެ. އޭނާ ގޮސް މަންމަމެން އެޕާޓްމެންޓް ބެލް ޖަހަން ހަދާލިތަނާ ދޮރު ހުޅުވާލައިފައި ނާސިހާ ނިކުތުމުން ހިތް ތެޅިގަތެވެ. "އަހަ ޖަނާ!" ދޮރުމަތީ ހުރި މަންމައާ ނާސިހާ އެއްއަޑުން ކިޔައިލާފައި ނާސިހާ ގުދުވެލީ އަކްޔަންއާ ދިމާއަށެވެ. ނުދަންނަ މީހަކު އަތުގައި ހިފައި ސުވާލު ކުރަން ފެށުމުން އަކްޔަން ރަކިވެފައި ހުރީ ޖަވާބު ދޭން ނުކެރިފައެވެ. "ދަނީ އިނގޭ ޖަނާ. ޝަރުމީލާ! ވާނެ އަހަރެން ދެއްކި ވާހަކައާމެދު ރަނގަޅަށް ވިސްނާލަން." ނާސިހާ ހިންދެމިލާފައި އެއްފަހަރު ޖަނާއަށް އަނެއްފަހަރު މަންމައަށް މުޚާތަބުކޮށް ދެއްކި ވާހަކައިން ޖަނާގެ ހިތް އިތުރަށް އަވަސްވިއެވެ. އޭނާ ހުރީ މަންމަ ކައިރީ ސުވާލު ކުރާ ހިތުން އެތެރެއަށް ނުވަދެވިފައެވެ. މަންމަ އަކްޔަން ގޮވައިގެން ދާން ފެށުމުން އަވަހަށް ދޮރު ލައްޕާފައި ފަހަތުން ދާން ފެށިތަނާ އަނެއްކާ ބެލް ޖެހުމުން ޖެހުނީ ފުރަތަމަ ދޮރު ހުޅުވަން ދާށެވެ.
"މާކިން!" ޖަނާ ފޫހިވެފައި ހުރެގެން ދޮރު ހުޅުވާލުމާއެކު ކުރިމަތިން މާކިން ފެނިގެން ސިހިފައި އެނަން ކިޔާލެވުނެވެ. "ޖަނާ!" މާކިން ހަތަރުކަޅި ހަމަކޮށްލާފައި ފަސްދިނުމުން ޖަނާ އެނބުރުނުއިރު ކުރަން އުޅުނީ ކީއްކަމެއް ހަނދާނެއް ނެތެވެ. އޭނާ މާކިން ގޮސް ކޮޓަރިއަށް ވަންނަންދެން ބަލަން ހުރެފައި ސޯފާގައި އިންދާ ޝަރުމީލާ އަކްޔަން ގޮަވައިގެން ބަދިގެއިން ނިކުތީ ބޯތަށްޓަކަށް އަޅާފައި ހުރި ޕޮޕްކޯންތަކެއް ހިފައިގެންނެވެ.
"މަންމާ! ޒަަލަފްމަންމަ ކީކޭތަ އެކީ؟ ކޮންކަމަކާ ވިސްނާ ވާހަކައެއް؟" ޝަރުމީލާ ފެނުމާއެކު ޖަނާ ހަނދާންވިއެވެ. އޭނާ ޝައުޤުވެރިވެފައި ސޯފާއަށް ދެފައި ނަގައިގެން އިނދެ މަންމަ ގެނަ ތަށިން ޕޮޕްކޯން ކޮޅެއް ކާލިއެވެ. ޖަވާބުދޭން އުޅެނިކޮށް އަކްޔަން ވާހަކައެއް ކިޔަން ފެށުމުން ދެމައިން ސަމާލުވީ އެވާހަކައަށެވެ. އަކްޔަން އެވަގުތު ކާޓޫނެއްގައި އަންނަ މަޖާ ތަންކޮޅެއް ކިޔާފައި ހީގަތުމުން ދެމައިވެސް އަކްޔަންއާ ބައިވެރިވާން ހީލިއެވެ. "ނާސިހާ އެދެއްކީ ޔުނީފޯމްތަކެއް ފަހާ ވާހަކަ. އެމީހުން ކޮމްޕެނީގެ ސެކިއުރިޓީންނަށް އާ ޔުނީފޯމެއް ތައާރަފް ކުރަނީއޭ ކީ." ނާސިހާ ދިން ޖަވާބު އަހާފައި ޖަނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނާ އެހާ ހާސްވީ ޒަލަފްއާ އޭނައާ ގުޅުވައިގެން ކޮންމެވެސް އެއްޗެއް ކީ ކަމަށް ހިތައެވެ. "ދެން މަންމަ ކީއްވެ އެއްބަސް ނުވީ؟ މާލޭގައި އެހުރިހާ ފަހާ ތަންތަން ހުރެފަ ނުވިތާކަށް ބޭރުން އޯޑަރ ކުރެވެން ހުއްޓާ ނާސިހާދައްތަ މަންމަ ކައިރިއަށް އެއައީ ކަމެއްވެއެއްނު." ޖަނާ އިތުރަށް އެހިއެވެ. "މަންމަ މިހާރު ނުފާހާތާ ކޮން ދުވަހެއް. އެހެން ނޫނަސް އެހާ ބޮޑު މަސައްކަތަކާއި ހަވާލުވެގެން ގޭގެ ކަންކަން ކުރަން ކާކު ހުންނާނީ؟" ޝަރުމީލާ ޖަވާބު ދޭން ފެށުމުން ޖަނާ އެއަޑު އަހަން އިންދާ މާކިން ކޮޓަރިން ނިކުމެގެން ގޮސް ބަދިގެއަށް ވަންތަން ފެނުނެވެ. މަންމަގެ ވާހަކަ ނިމޭއިރަށް ޖަނާވެސް ފެންބޯށޭ ކިޔާފައި އަވަހަށް ތެދުވެގެން ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ހަޤީޤަތުގައި އޭނާގެ ބޭނުމަކީ މާކިންއާ ވާހަކަދެއްކުމެވެ. ކުރީ ދުވަހު ކުރި މެސެޖްތަކަށްފަހު މާކިން އޭނައާ ދޭތެރޭ އެބަހައްޓާ ހަރުކަށި ގޮތްގަނޑު މަޑުމަޑުން ބަދަލުކޮށްލެވިދާނެ ކަމުގައި ހިތް ބުނަނީއެވެ.
"ހައި!" ޖަނާ ވަންއިރު މާކިން ތައްޓަކަށް ފެން އަޅައިގެން ބޯން ހުރެފައި އޭނާ ވަންއަޑަށް އެނބުރި ބަލައިލުމުން އަތް އުފުލާލައިފައި ހައި ކިޔާލިއެވެ. މާކިން ތަށީގައި ތުންޖަހައިގެން ހުރުމުން އެއްޗެއް ނުބުނެއެވެ. ޖަނާ ފްރިޖުން ފެން ފުޅިއެއް ނަގައިގެން ތައްޓެއް ބަލައި ކައިރިވީއިރު މާކިން ފެންތަށި ހުސްކޮށްލާފައި މޭޒުމަތީ ބަހައްޓަނީއެވެ. "ފެން ބޯންތަ ތިއައީ؟" ޖަނާއަށް ވާހަކަ ފަށާނެ އިތުރު ގޮތެއް ނުވިސްނުނެވެ. އޭނާ ތަށްޓަށް ފެން އަޅާފައި ބަލާލިއިރު މާކިން އެތޫނު ލޮލުން ބަލަން ހުރި ގޮތުން ރަކިވާގޮތްވިއެވެ. ދުވަހަކު ވާހަކަ ނުދައްކާ މީހަކު ކުއްލިއަކަށް މާ އެކުވެރިގެން އުޅެނީ ކީއްވެހެއްޔޭ މާކިން ހިތަށް އަރާނެކަން ގައިމެވެ. "ހަމައެކަނި ފެންބޯކަށް ނޫން. ކޮފީއެއް ބޯހިތުން." މާކިން ވާހަކަ ނުދައްކާނެ ކަމަށް ނިންމާފައި ފެންތަށީގައި ތުން ޖެހިތަނާ ބުނި އަޑު އިވުނެވެ. ޖަނާ އެވަގުތު ރައްދު ދޭން ބޭނުންވި ގޮތް ހިތަށް އަރާފައި އަމިއްލައަށްވެސް ނޭވާ ހިފަހައްޓާލެވުނެވެ. މިހާރުވެސް މަތިން ބައިން ވާހަކަދެއްކުނީއެވެ. ދެން އަދި ކޮފީ ހަދައިދެންހޭ ބުނެފިއްޔާ ވާނެ ގޮތެއްވެސް ނޭނގެއެވެ. އެކަމަކު އޭގެ އިދިކޮޅުވެސް އެބައޮތެވެ. މާކިން ކަަހަލަ މީހުންނާ ގުޅުން އުފެއްދޭނީ ދެވަނަ މީހާ އިސްނަގައިގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ޖަނާ ހިޔާލު ކުރަމުން ފެންތަށި ދަމާލައިފައި އެނބުރުނުއިރު މާކިން ގޮސް ހުރީ އޭނާއަށް ފުރަގަސްދީގެން ކޮފީމޭކަރު ކައިރީގައެވެ.
"އަހަރެން ކޮފީ ހަދައިދެންތަ؟" ޖަނާ ހިތްވަރުކޮށްފައި އެހެން ބުނެލިއިރު އަޑު ނިކުތީ ކުރެހިގެންނެވެ. މާކިން އެނބުރި ބަލާލަންވާއިރަށް އޭނާ ދެތިންފަހަރު ފުންކޮށް ނޭވާލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. މާކިން ކޮންމެފަދަ ރައްދެއް ދިނަސް އޭނާ ހުންނަން ބޭނުމީ ހިތްވަރުގަދަ ކުއްޖެއް ފަދައިންނެވެ. "މިދެން އެވަރު ކަމެއް ނޫނެއްނު." މާކިން އެނބުރުނުއިރު އަތުގައި ކޮފީމަގު ހުއްޓާ ފެނުމުން ޖަނާގެ ކުލަ އޮއްސުނެވެ. އޭނާ މޮޅިވެފައި އިސްޖަހާލަމުން ދޮރާއި ދިމާއަށް ގޮސްގޮސް ހުއްޓާ މާކިން ފަހަތުން އައިސް ހަމަކޮށްފައި ދެން އިއްވައިލީ ކުޑަކޮށްވެސް އުންމީދު ނުކޮށްހުރި ޖުމްލައެކެވެ.
"އަހަރެން އެއްބަސް ނުވިއެއް ކަމަކު ކޮފީ ހަދައިދޭން ހުށައެޅީތީ ތޭންކްސް. އައެމް ގްލެޑް ޔޫ ޑިޑް." ކަންފަތުގައި ހަރުލި އެއަޑާއެކު ވަގުތުން ޖަނާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނާ އެހުރިގޮތަށް ދޫކޮށްލައިފައި މާކިން ނިކުމެގެން ދިއުމުން ފުން ފުން ނޭވާތަކެއް ލާން ހުރެގެން ދެފަރާތަށް ބޯ ހޫރާލެވުނީ ފެންނަނީ ހުވަފެނެއް ކަމަށް ހީކޮށްފައެވެ. އެހެން ނޫންނަމަ މާކިން އެފަދަ އެއްޗެއް ބުނަންވީ ކީއްވެ ހެއްޔެވެ؟ ނޫނީ ހަމަ ރަނގަޅަށްވެސް އޭނާގެ އެހުށައެޅުމުން މާކިން އުފާވީ ހެއްޔެވެ؟
"އޯހ މައި މައި. އަހަރެން އަދި މާ އުފާވެއްޖެ އަހަރެންނަށް އެހެން އެހުނީތީ. ޔެސްސްސް." ކުޑަކުއްޖަކު ފޮނިވެގެން އުޅޭހެން އުފަލުން ދެއަތް ތަޅާލައިފައި ޖަނާ އެކަނިމާއެކަނި ވާހަކަދެއްކިއެވެ. އޭނާ ބަދިގެއިން ނިކުތްއިރު އަދިވެސް ހުރީ ހިނިތުންވެފައެވެ. ނަސީބަކުން މަންމައަކަށް ނުފެނެއެވެ.
ޑްރާމާ ހުށައަޅަން އޮތް ދުވަހަކީ ހޮނިހިރު ދުވަހެކެވެ. ހެނދުނުއްސުރެ ދީނާ ހުރީ ހާސްވާ ގޮތް ވެފައެވެ. ނާސްތާ ކުރަން އިން ގަޑީގައި އޭނާ ޖަނާ ކައިރީ އެވާހަކަ ދެއްކުމުން ޖަނާވެސް އަމިއްލަ ތަޖުރިބާ ކޮއްކޮއާ ހިއްސާ ކުރިއެވެ. ބަލަން ތިބޭ މީހުންނަށް ސަމާލުކަން ނުދީ ޑްރާމާގެ ކެރެކްޓަރ ތެރެއަށް ވަދެގެން ހުރެ ކުރިއަށް ދާން ލަފާ ދިނެވެ. މެންދުރު ރިހާސަލްއަށް ގޮއްސައި އައިސް ދަބަސް ތައްޔާރު ކުރަން ހުއްޓާ ފެނުނީ އިމާން ގުޅާތަނެވެ. ދީނާގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާ ފޯނު ނެގިއެވެ. ފާއިތުވީ މަދު ދުވަސްކޮޅު ތެރޭގައި އިމާން އާއި އޭނާ ވަނީ ނުހަނު ގާތްވެފައެވެ. ދުލުން ނުބުންޏެއް ކަމަކު އިމާންގެ ހިތުގައިވެސް އޭނާއާ މެދު ހާއްސަކަމެއް އޮންނަކަން ދީނާއަށް އިހްސާސްވިއެވެ. އެހެން ހުރިހާ ކުދިންނަށް ފަރުވާލެއް ނުބަހައްޓާ އިމާން އުޅެނީ އަބަދުވެސް އޭނާގެ އެންމެ ކައިރީގައެވެ. ގިނަ ރޭރޭ ގެއަށް ލައިދޭންވެސް އާދެއެވެ. އެކަނިވި ވަގުތު އިމާންގެ މި ގާތްކަން ދީނާއަށް ވީ ބައްޔަށް ލިބުނު ޝިފާއެއްފަދަ އެއްޗަކަށެވެ. ވީނުވީއެއް ނޭނގި ނާއިކް ގެއްލުމުން އެހިތާމައިގައި އޭނާ މަރުނުވީ އިމާންގެ ސަބަބުންނެވެ.
އިމާން ވާހަކަ ދައްކަން ފަށާފައި ބުނީ ޑްރާމާ ނިމިގެން އޭނާ ކައިރީ ވަރަށް މުހިންމު ވާހަކައެއް ބުނަން ތައްޔާރުވެގެން ހުރި ވާހަކައެވެ. ދީނާ ކެތްމަދުވެފައި ސުވާލު ކުރުމުން ބުނީ އެއީ ސަރޕްރައިޒެއް ކަމުގައެވެ.
ފުރަތަމަ ނިކުތްއިރު ފިނިވިއަސް އިރުކޮޅެއްވީއިރު ދީނާ ހުރީ ހަމަޖެހިފައެވެ. ދޮންތަ ބުނިހެން އޭނާ ހުރީ ކެރެކްޓަރ ހިފަހައްޓައިގެންނެވެ. އެންމެ ގާތުން އިމާން ފެނުމުން އެލިބޭ ހިތްހަމަ ޖެހުންވެސް އެހާ ބޮޑެވެ. ޖަނާ އޭރު ކުރީ ބަރީގައި ދީނާގެ ބެލެނިވެރިޔާއަށް ހާއްސަކޮށްފައި ހުރި ގޮނޑީގައި އިނީ އަކްޔަން އުނގަށް ލައިގެންނެވެ. ޑްރާމާ ފެށުނީއްސުރެ އަކްޔަން އިރުއިރުކޮޅާ ކުޑާ އެހެރީއޭ ކިޔައިގެން ޖަނާއަށް ދީނާ ދައްކައެވެ. އަކްޔަން އަނގަ ހުއްޓާނުލާ އެކި އެއްޗެހި ކިޔާތީ ކައިރީ ތިބި އެހެން މީހުންވެސް ބެލިއެވެ. ޖަނާ ލަދުން އަކްޔަން ކަންފަތް ދޮށުގައި ބަސް އަހައިގެން އިންނަން އެންގުމުން ނަސީބަކުން ދެން އިނީ ތަންކޮޅެއް މައިތިރިވެފައެވެ.
"ޔޫ ލުކް ބިއުޓިފުލް." ޑްރާމާ ނިމިގެން ހުރިހާ ބައިވެރިން އަތު ގުޅާލައިގެން ތިބެފައި އިމާން ސިއްރުން ބުނެލި އަޑު އިވުނެވެ. އެންމެންގެ ތަރުހީބުގެ އަޑާއި އެއަޑު ދިޔައީ އެކުވެގެންނެވެ. ދީނާ އެވަގުތު ސިހިފައި ބަލާލުމާއެކު އިމާން ހިނިތުންވެފައި ބަލަން ފެށީ ގޮނޑިބަރީ ތިބި މީހުންނަށެވެ. ފޮނިވެގެން ތުންފަތުގައި ދަތް އަޅާލައިފައި ދީނާއަށް އިސްޖަހާލެވުނެވެ. އޭނާ ދެވަނަ ފަހަރަށް އިސްއުފުލާލުމާއެކު ދުރުން ފެނުނު މޫނަކުން މެއަށް ހީވީ ފެން އެއްޗެއް އޮއްސައިލިހެންނެވެ. އިސާހިތަކު އެތުންފަތުގައިވާ ހިނިތުންވުން ފިލައިފިއެވެ. "ނިކް؟" ދީނާއަށް ޤަބޫލު ނުކުރެވިފައި ވައި އަޑުން އެނަން ކިޔައިލިއެވެ. އެންމެ ފަހަތުގައި ނާއިކް ހުރެފައި އޭނާއަށް ފެނުނުކަން ޔަޤީންވުމުން އަނެއްފަރާތަށް އެނބުރިފައި ގޮސް ދޮރާއި ދިމާއަށް ހިނގައިގަތީ ފަހަތުން އަންނަން ދައުވަތު ދިން ފަދަ ގޮތަކަށެވެ. ދީނާ ނާއިކް ނިކުންނަ ދިމާއެއް ބަލަން ހުއްޓާ ފަރުދާ ދަމާލުމާއެކު އެންމެން އެކި ދިމާއަށް ދާން ދުއްވައިގަތްއިރު ސްޓޭޖް މުޅިން ހަލަބޮލި ކޮށްލައިފިއެވެ. އޭނާވެސް އަނެއްފަރާތަށް އެނބުރިފައި ބެކް ސްޓޭޖާއި ދިމާއަށް ދުއްވައިގެންފިއެވެ. އެހެން ކުދިން ހެދުން ބަދަލު ކުރަން ޗޭންޖިން ރޫމާއި ދިމާއަށް ދިޔައިރު ދީނާ ގެ މިސްރާބު ހުރީ ބޭރަށް ނިކުމެވެން ހުރި ދޮރާއި ދިމާއަށެވެ. އޭނާ ފޯނުން ނާއިކް ނަންބަރަށް ޑައިލް ކުރަމުން އަނެއް އަތުން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފާ ކޮށިކޮށްގެން ދުވެފައި މަގުމައްޗަށް ނިކުތުމާއެކު އެފޯނަށް މެސެޖެއް އައެވެ. ކިޔާލިއިރު އިމާން މެސެޖްކޮށްފައި އޮތީ ހެދުން ބަދަލުކޮށްގެން ބައްދަލު ކުރުމަށެވެ. އޭނާ އެމެސެޖް ކިޔާފައި އިސްއުފުލާލި ގޮތަށް މަގުގެ ދެކޮޅު ހޯދާލުމާއެކު ނާއިކް ނިކުތީ މަގުގެ އަނެއްފަރާތުގައި އޮތް ކަޅު ކާރަކުންނެވެ.