ބޯހިއްލައި ނުލެވި އުޅެނިކޮށް ދެން އެމީހާ އައިސް އިށީންދެލީ އޭނާގެ މަގަތުގައެވެ. އެވަގުތު ނޭފަތުގައި ޖެހުނު ސެންޓް ވަސް ޖަނާއަށް އެނގުނެވެ. އެއީ އޭނާ ދަންނަ ވަހެކެވެ. އެހިނދު ބިރުވެރިކަން އޭގެ ދެގުނައަށް ދިއުމުން ސަލާމަތަށް އެދި އަޑުގާ ނެތްތަނަށް ދީނާއަށް ގޮވާލެވުނެވެ.

"ދޮންތާ! ދޮންތާ! ހޭލަބަލަ. އަހަރެން އައިހޭ މިއިނީ." ކޮއްކޮ ވާހަކަދައްކާ އަޑަށް ޖަނާ ލޯ ހުޅުވައިލިއިރު އައިސް މަގަތުގައި އިނެވެ. ފެނުނީ އަނެއްކާވެސް ހުވަފެނެއްކަން އެނގުމުން ޖަނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ތެދުވެ އިށީންއިރު މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. ހުވަފެނުގައިވެސް އެމީހާ އޭނާގެ މައްޗަށް ކޮންޓްރޯލް ހޯދަނީ ކިހިނެތް ހެއްޔެވެ؟
"އަހަންނަށް ކިޔައިއެއް ނުދޭނަންތަ ހުވަފެނުގައި ވީ ކީއް ކަމެއް؟" ޖަނާ ގަޑިން ވީއިރެއް ބަލާފައި އެނދުން ފައިބައިގެން ފާޚާނާއާ ދިމާއަށް ދާން ފެށުމުން ދީނާ ބުނެލި އަޑު އިވުނެވެ. ކޮއްކޮ އެފަދަ ސުވާލެއް ކުރުމުން ޖަނާ ކަންބޮޑުވެފައި ބަލައިލެވުނެވެ. ފަނޑު އަލީގައި ކޮއްކޮގެ މޫނުން ފެންނަން ހުރީ ސީރިއަސް ކަމެވެ. ތަކުރާރު ކޮށް އެއް މަންޒަރެއް ފެންނަން ފެށުމުން ކޮންމެ މީހަކު ނަމަވެސް ހުންނާނީ އޮޅުންފިލުވާ ހިތް ވެފައެވެ. "ކިޔައިދޭނަން." ޖަނާ ކުރު ޖަވާބެއް ދީފައި ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕައިލިއެވެ.

ފަތިސް ނަމާދު ކޮށްގެން ޖަނާ ނިކުތްއިރު ދީނާ އިނީ ސޯފާގައި ހިންދީ ލަވަ ޗެނަލްއަކަށް އަޅުވައިގެންނެވެ."ނަމާދު ކުރީތަ؟" ޖަނާ ބަދިގެއާ ދިމާއަށް ދަމުން ސޯފާ ކައިރިއަށް ހުއްޓިލިއެވެ. ދީނާ ހޫމ އަޅުވާލައިފައި ބަލައިލިއިރު ދޮންތަގެ މޫނުގައި މިހާރު ހުރީ ހެނދުނު ފަދަ ތާޒާ ކަމެވެ. އެގަޑީ ފެންވެރުމުން އަދިވެސް ތެތްކަން ހުރި އިސްތަށިގަނޑު ފެންނަނީ ކަޅު ދިހުން ކުލައިގައެވެ.

"މިދަނީ ކޮފީ ހަދަން. ދީނާ ބޭނުންތަ؟" ޖަނާ އަލުން ދާން ހިނގައިގެންފައި އެހިއެވެ. ކޮއްކޮގެ ޖަވާބު ލިބުމުން އޭނާ ބަދިގެއަށް ގޮއްސައި ދެތަށި ކޮފީ ހިފައިގެން އެނބުރި އައިއިރު ފެންނާކަށް ނެތެވެ. "ދީނާ ކޮންތާކު؟" ޖަނާ ގޮވާލުމުން ޖަވާބު އައީ ބެލްކަނިންނެވެ. އޭނާ އެދިމާއަށް ގޮސް ހުއްޓުނުއިރު ދީނާ ދުރުބަލަން ހުރި ގޮތުން އެދިމާއަށް ބަލައިލެވުނެވެ. "ކީއްވެ އެދިމާއަށް ތިބަލަނީ؟ އެތާ މީހަކުވެސް ނެތެއްނު." ޖަނާ އެއް ޖޯޑު ދީނާ އަތަށް ދެމުން ސުވާލު ކުރިއެވެ. ދީނާ ހޫމ އަޅުވާލިއިރު ސިއްރު ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އޭނާ ކޮފީތަށީ ތުން ޖެހުމުން ނަސީބަކުން ޖަނާއަކަށް ނުފެނެއެވެ. "ދޮންތަ ދެން މިގަޑީގަ ނުކިޔައިދީ ހުރެގެން ހަނދާން ނެތޭނީ. ބުނެބަަލަ! ކޮންމެ ރެއަކު އެއްކަހަލަ ހުވަފެންތަކެއްތަ ފެންނަނީ؟ ކާކު ފެންނަނީ؟" ދީނާ އިތުރަށް އެންމެ އިރުކޮޅަކުވެސް މަޑުނުކޮށް ހުވަފެނުގެ ވާހަކަ އޮޅުންފިލުވަދޭން ބާރު އެޅިއެވެ. އޭނާ ބަލާލިއިރު އެވާހަކަ އިވިގެން އަނެއްކާވެސް ޖަނާގެ މޫނު ބަނަވިއެވެ.

"ހުވަފެނުގައި ފެންނަނީ ނާއިކް. ކުރީގެ ފިރިމީހާ." ދޮންތަގެ ޖަވާބު އަހާފައި ދީނާ ސިހުނެވެ. ދޮންތަގެ ފިރިމީހާ އާމެދު ކުރިއްސުރެ ނުރަނގަޅު ޝައްކުތަކެއް ހިތުގައި އޮތެވެ."އެއީ ވަރަށް ނުބައި މީހެއްތަ؟ އޭނަ ދޮންތައަށް އަނިޔާ ކުރޭތަ؟" ދީނާ އެންމެ ކުރަން ބޭނުން ނުވި ސުވާލުވެސް ދުލާއި ހަމައަށް ގެނައެވެ. އެ މޫނަށް އަރާ ކުލަތައް ބަލައިލަން އެދިމާއަށް މޫނު އަނބުރާލިއިރު ޖަނާ ހުރީ ނޭވާ އަވަސްވާ ގޮތްވެފައެވެ. ހީވަނީ ނާއިކްގެ ހިޔާލުން އެކަނިވެސް ހިތަށް އޮބި ނޯވެގެން އުޅޭ ހެންނެވެ.

"އަހަރުމެންގެ ކައިވެންޏަށް އަހަރެއް ފުރިގެން ނާއިކް އަހަރެން ސަޕްރައިޒް ކޮށްލީ ގޭގައި ތައްޔާރު ކޮށްފައި އޮތް ކެއުމަކުން. އަހަރެން އަކްޔަން ނިންދަވަން ވަންގޮތަށް ނިދިފަ އޮތްވާ އޭނަ އަހަރެން ނަގައިގަނެގެން ބޭރަށް ނެރުނީ. އޭނަ ނުރުހިދާނެތީ މޫނުގަ ފެންކޮޅެއްވެސް ނުލައި އެހުރި ގޮތަށް ދިޔައީ ޓެރެސްއަށް. ކެއުން ތައްޔާރުކޮށްފަ އޮތީ އެތާ. ކާން ތިބެފަ އޭނަ އިޝާރާތް ކުރީ ރެއިލިން ކައިރީ ހުރި ގަސްތަކާއި ދިމާއަށް. ބުނީ ގަސްތަކު ތެރޭ ހަދިޔާއެއް އިންނާނެ ކަމަށް. އަހަރެން ގޮސް ހޯދަނިކޮށް ފަތްތަކު ތެރޭ އިން ކުޑަ ފޮށި ވެއްޓުނީ ތިރީގައި އޮތް ފަތާ ފެންގަނޑަށް." ޖަނާ ވާހަކަދައްކަމުން އެހިސާބަށް ގޮއްސައި ބަލައިލިއިރު ދީނާ ، ދެން ވާނެ ގޮތެއް ނޭނގިފައި އެއް އަތުން ހޭދުމުގެ މޭމަތީ ހިފާ ބޮނޑިކޮށްލައިގެން ހުއްޓެވެ.

"އަހަރެން ބިރުން ހުރެ ފޮށި ފެންގަނޑަށް ވެއްޓުނު ވާހަކަ ބުނީމަ އޭނަ ފުންމައިގެން އައިސް ބުނަނީ ހަމަމިހާރު ފޮށި ހޯދައިގެން ހިފައިގެން އަންނާށޭ. އަވަހަށް ބޯ ޖަހާލައިފައި ދާން އެނބުރިލީމަ ކުރި ކަމަކީ އަހަރެން އުފުއްލާލައިފަ އެދަންވަރު ގޭގެ ދެވަނަ ބުރިން ފެންގަނޑަށް ވައްޓާލީ." ޖަނާ ވާހަކަ ނިންމާލައިފައި ލޮލުން ފޭދެން ތައްޔާރުވި ކަރުނަތިކި މާކުރިން ފުހެލައިފިއެވެ. ދީނާ އޭރު ހުރީ ލޯ ބޮޑުވި ގޮތަށް ހުއްޓިފައެވެ.

"ދޮންތަ ވަރަށް އުފާވާނެ ދީނާ އެމީހާއާއި ގުޅޭ ގޮތުން އިތުރު އެއްވެސް ސުވާލެއް ނުކުރިއްޔާ. ދޮންތަ ހިއެއް ނުުކުރަން ދުވަހެއްގެ ކޮޅުންވެސް ދީނާއަށް މިހާ ކުޑަމިންވަރެއްވެސް ކިޔައިދޭން ބޭނުންވެދާނެ ކަމަކަށް. އެކަަމަކު މިއަދު ހަމަ ކުއްލިއަކަށް ހިތަށް އެރީ ދޮންތަގެ ތަޖުރިބާއިން ދީނާއަށްވެސް ފައިދާއެއް ކޮށްފާނެއޭ. ދޮންތަ ބުނަން މިއުޅޭ އެއްޗަކީ މީހެއްގެ ސިފައަށް ބަލާފަ، ބޭރުފުށުން ދައްކާ ކަންތައް ތަކަށް ބަލާފައި ނޭނގޭނެ އެއީ ކޮންކަހަލަ މީހެއް ކަމެއް. ދޮންތަ ބުނާ ވާހަކައެއް އަހަންޏާ ނުދަންނަ މީހަކަށް އެހާ ފަސޭހައިން އިތުބާރު ނުުކުރާތި. ނުދަންނަ މީހެއްގެ އަތްމައްޗަށް ތިމާގެ ދިރިއުޅުން ދޫކޮށްލުމުގެ ކުރިން އެއީ ކާކުކަން ވަރަށް ރަނގަޅަށް ދަސް ކުރަން އެބަޖެހޭ." ޖަނާ އަމިއްލަ ތަޖުރިބާއިން ކޮއްކޮއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ދީނާ އެވަގުތު ބޯ ޖަހާލައިފައި އެތެރެއަށް ވަދެގެން ދިއުމުން ޖަނާ ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލިއިރު ބޮލުން ބޮޑު ބަރެއް ނެތިގެން ދިޔަ ކަހަލައެވެ. ނާއިކްގެ ވާހަކަ ދެއްކިއިރު އޭނާ މަސައްކަތް ކުރީ ވީހާވެސް އާދައިގެ ގޮތެއް މޫނުން ދެއްކޭތޯއެވެ. ތެޅި ތެޅި އޮތް ހިތާއި ދިމާލުގައި އަތް ފިރުމަމުން އޭނާ ރެއިލިންއާ ދުރަށް ޖެހިލައިފައި އެތާ ހުރި ގޮނޑީގައި އިށީންދެލިއިރު ވާހަކައިން ނުކިޔައިދީ ދޫކޮަށްލި ބައި ހަނދާނާއި ގުޅިގެން ދިޔައެވެ.
*****

މަތިން ވެއްޓި ޖެހުނު ގޮތުން ނޭވާ ހުއްޓޭނެކަމަށް އެރޭ ހީކުރެވުނެވެ. އެކަމަކު ފަތަން އެނގޭތީ ނުގެނބި ސަލާމަތްވިއެވެ. ބޯ ހިއްލައިލިއިރު ނޫ ކުލައިގެ މަހުމާ ފޮށި ފެންމަތީ އޮވެ ފެންގަނޑުގައި ހެދިފައިވާ ހަލަބޮލި އޮއެވަރާއި އެއް މިސްރާބަކަށް ދަތުރުކޮށްފައި ދެއެވެ. ޖަނާ ފޮށި އަތަށް ލައިގެން ފެންގަނޑު އަރައި ކައިރި ފަށުގައި އިށީންދެ އިންދާ ފަހަތުން ނާއިކްގެ ފިޔަވަޅު އަޑު އިވުނެވެ. ފަސްއެނބުރި ބަލައިލުމުގެ ބަދަލުގައި ޖަނާ އިން ގޮތަށް އިނީއެވެ. "ޖެން. ހިއެއްވެސް ނުކަރުވާތަ ތިއިންނަނީ؟ ހިނގާ ދެން އެތެރެއަށް. އަދި އެއް ސަޕްރައިޒް ކޮޓަރީގަ އެބަ އިންތިޒާރު ކުރޭ." ނާއިކް ޖަނާ ފަހަތުގައި އުޑަފައިން އިށީންދެފައި ވައިއަޑުން ކަންފަތްދޮށުގައި ބުނެލިއެވެ. އަމިއްލަ ހާލަށް ކަރުނަ އަޅަމުން އޭނާ ތެދުވުމުން ނާއިކް އޭނާ އަތުތެރެއަށްލީ ،މަތިން ވެއްޓުމުން ހުންނާނީ ވަރުބަލިވެފައޭ ކިޔައިފައެވެ. ކަރުނައިގެ ސަބަބުން ފުސްވެފައިވާ ލޮލުން ޖަނާ ބަލާލިއިރު ނާއިކްގެ ރީތި ތުންފަތުގައި ކުޅެލަ ކުޅެލާ ހުރީ ވިހަ ހިނިތުންވުމެކެވެ. އެންމެ ބަލައިލުމަކުން އަންހެން ކުދިން ފިދާވާފަދަ މޫނެކެވެ. އެކަމަކު އެމޫނުގެ އަނެއްފަރާތް ކިހާ އަނދިރިކަން ވިސްނައިލާން ވަގުތުކޮޅެއް ހުސްކޮށްލާނީ ކިތައް އަންހެން ކުދިން ހެއްޔެވެ؟

ކޮޓަރިއަށް ގޮސް ކުރަން އެއުޅޭ ކަމަކާމެދު ޖަނާ ކަންބޮޑުވިއެވެ. ނާއިކް އެންމެ ހިތްހަމަ ޖެހެނީ އޭނާއަށް ތަދުކޮށް ރޮއްވާލެވުމުން ނޫނީ ބިރުން ހަޅޭތްލަވާ ވަރުކޮށްލެވުނީމައެވެ. ފޫހި ވެގެންނޭ ކިޔާފައި އައިސް މީހާ ހިނދޭންދެން ފައިކޮށްޓަ ފާނެއެވެ. ނޫނީ ޓަބްއެއް ފުރޭންދެން އައިސްކިއުބް އަޅާފައި އޭގެ ތެރެއަށް އޭނާ ހަތަރެސްފައި އައްސާފައި ލައިގެން ބަލަން ހުރެދެއެވެ. އެއްދުވަހަކު ގޭގައި ހުއްޓާ މީހަކު ގެނައީ ނިކަން ޝާހީކޮށް ފަރުމާކޮށްފައި ހުރި ކަޅު ސަންދޯކެކެވެ. ބައެއް ދުވަސްދުވަހު އޭނާދެކެ ހިތްހަމަ ނުޖެހުމުން ނާއިކް އޭނާ އެސަންދޯކަށް ލައި ނޭވާ ހާސްވަންދެން ބާއްވައެވެ. ބުޅާދެކެ ބިރުގަންނާތީ ބުޅަލެއް ގެނެސްގެން ގޭގައި ގެންގުޅުނެވެ. ބައެއް ދުވަސްދުވަހު ނިދާ ނުހޭލަނީސް ބުޅާ ގެންގޮސް ގައިމަތީ ބޭއްވުމުން ހޭލެވެއެވެ. އެބުޅާވެސް ހީވަނީ ނާއިކްގެ ބަހުރުވަ އެނގިގެން އުޅޭ އެއްޗެއް ހެންނެވެ. އޭނާ ބިރުން ދުވި ވަރަކަށް ފަހަތުން ދުވެއެވެ. ފަހުން ނާއިކް ފޫހިވެގެން އޭތި މަރައިލީ ޖަނާ ކުރިމަތީގައެވެ.

ކޮޓަރިއަށް ވަން ހިސާބުން ފުރަތަމަ ފެނުނީ ނާއިކްގެ އޯގާތެރި ފަރާތެވެ. އެކަމަކު އެއީ އޭނާގެ އެދުން ފުރިހަމަވެ ހިތް ފުރޭންދެންނެވެ. އެހެން ރޭރޭ ވަރުބަލި ކަމުގައި ނިދާ މީހާ އެރޭ ކުއްލިއަކަށް ތެދުވެގެން ފާޚާނާއަށް ވަނުމުން ޖަނާ ވިސްނަން އޮތެވެ. އިރުކޮޅެއްނުވެ އެނބުރި އައީ އަތުގައި އޮތް އެތެރެ އެނގޭ ފުޅިއެއް ހިފައިގެންނެވެ. ފެންއަޅާފައި ހުރި ފަލަ ފުޅިތެރޭ އޮތީ ހީވާގޮތުން ކޮންމެވެސް ދިރޭ އެއްޗެކެވެ. ޖަނާއަށް އެކަން އެނގުމުން ހަޅޭތްލަވައިގެންފައި ފުންމައިގެން ތެދުވިތަނާ ނާއިކް ފުޅި އެއްފަރާތުގައި ބަހައްޓާފައި ސިންގާއެއް ފަދައިން އޭނާ ގައިމައްޗަށް ޖެހިގެންފިއެވެ. ސަލާމަތްވާން ތެޅި ތެޅި އޮތްވާ ދެފައި އެއްކޮށް އައްސާފައި ދެއަތް އެއްސީ އެނދުގެ ފަޑިއާއެކުގައެވެ. ކިތަންމެ ބާރެއް ލިއަސް ނާއިކްގެ ކުރިމަތީ އޭނާ ގަދަ ނުވާނެކަން އަދިވެސް އެއްފަހަރު ސާބިތުކޮށްދިނެވެ. ޖަނާ ރޮއި ރޮއި އޮތްވާ ނާއިކް ތެދުވެގެން ގޮސް ކެމެރާ ނަގައި އެނދު ފެންނާހެން ސެޓު ކުރިއެވެ. ދެން ކައިރިއަށް އައީ ބިއްލޫރި ފުޅި ހިފައިގެންނެވެ. ފުޅި މަތި ނަގާފައި އެއިން ނެގި ޅަ ހަރުފަ ފެނިފައި ޖަނާ ހޭ ހުސް ނުވީ ކިރިޔާއެވެ. އޭނާ އެހެން ނުހެދުމަށް އެދި އާދޭސް ކުރަމުން އޮތް ގޮތަށް އޮވެވެސް ހަށިގަނޑު ހިއްލައި ދުރަށް ދެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނާއިކްގެ ހިތަށް ރަހުމްގެ ކަންފުޅެއްވެސް ނުވަނެވެ. އޭގެ ބަދަލުގައި އޭނާ ދިޔައީ އެކަން ކަމުން އުފާ ހާސިލް ކުރަމުންނެވެ. ޖަނާ ބިރުން ހަޅޭތްލަވާ އަޑާއި ރޮއި ހޭރޭ މަންޒަރު ފެނިގެން އޭނާއަށް ލިބެނީ އަޖައިބެއްފަދަ ހަމަޖެހުމެކެވެ.

"ތިހާ ބިރުނުގަނެބަލަ ބޭބީ. ހަމަ ކުޑަކުޑަ ހިތްވަރެއް ކޮށްލާ. އަހަރެން މިހެން މިކަންތައް ކުރަނީ ހަމަ ޖެންއަށް ރަނގަޅަކަށް. ކިޑްނެޕްވެފަ އޮތްވާ ހަރުފައެއް ދިމާވެއްޖެއްޔާ ސަލާމަތްވާން ހަދާނެ ގޮތެއް އެނގޭނީ އެއްފަހަރުވެސް ތަޖުރިބާކޮށްލީމައެއްނު." ނާއިކް މަގަތުގައި އިށީންދެފައި އަނެއް އަތުން ޖަނާ ފައިގައި ހިފާ ކައިރިއަށް ގެނައެވެ. ދެން އަނެއް އަތުގައި އޮތް ޅަ ހަރުފަ ޖަނާގެ ހިނދިބަނޑުމައްޗަށް ދޫކޮށްލައިފިއެވެ. ކުރިއަށްވުރެ ބާރަށް ހަޅޭތްލަވައިގެންފައި ޖަނާ ރޮއިގަތްއިރު ނާއިކް އަދިވެސް އިނީ ދެފައި ގުޑުވާލިއަ ނުދޭން ބާރަށް ހިފަހައްޓައިގެންނެވެ ހަރުފަ ގުދުލަމުން ކުރިއަށް ދިޔައިރު ހީލިކަރުވަން ފެށީވެސް މިހެނަކުން ނޫނެވެ.

"ނާއިކް ހެޔޮނުވާނެ އޭތި ނަގާ. ހެޔޮނުވާނެ އަހަރެންނަށް ތިހެން ނުހަދާ. އަހަރެން ދޫކޮށްލާ. ތިގޮތަށް ބިރުނުގަންނަވާ އެއްފަހަރުން މަރާލިއަސް ހެޔޮ." ހަޅޭތްލަވައި ކަރުން ހަންދިއުމުން ޖަނާގެ އަޑުވެސް ނިކުތީ މިފަހަރު ތަފާތު ކޮށެވެ. ކައިރީގައި ނާއިކް އިނދެފައި އައިސް ބޯލާ ކޮޅުގައި ހުއްޓިލީ އެވާހަކަތައް އަހައިފައެވެ. "ޖެން އަހަރެން ކިހިނެތް ޖެން ދޫކޮށްލާނީ. އޭރުން ކިހިނެތް އަހަރެން ފޫހިވީމަ ހިތް އުފާކޮށްލާނީ؟ އަދި އަހަރެން ބޭނުމެއް ނުވެއޭ ޖެން މަރާލާކަށް. އަހަރެން ބޭނުމެއް ނުވޭ ވަކިވާކަށްވެސް. އަހަރެން ބޭނުމީ ދެމީހުން އެކީ މުޅި އުމުރު ދުވަހު އުޅެން." ނާއިކް ޖަނާ މޫނާއި ދިމާއަށް ގުދުވެ އޮވެ ވާހަކަދައްކާފައި ނިތުގައި ތުންފަތް ޖައްސާލި ވަގުތު ޖަނާ ކުއްލިއަކަށް މާ ބާރަށް ހަޅޭތްލަވައިގަތުމުން ބަލައިލިއިރު ހަރުފަ ވިހަލާފައި ބޯ ހިއްލައިލަނީއެވެ. ނާއިކް އެވަގުތު ނިކަން ހުޝިޔާރުވެފައި ހަރުފައިގެ ބޮލުގައި ހިފީނުން ކުޑަދޮރުން ބޭރަށް ހޫރާލައިފައި ޖަނާގެ އަތާފައި މޮހައި ރަޖާ އަޅައި ދީފައި ފަރުވާ ދޭން އަވަސްވެގަތެވެ. އިތުރަށް އަޑު ނިކުންނަ ވަރު ނެތުމުން ކުކުރަ ކުރާ އޮތްއިރު ޖަނާގެ އެސްފިޔަތަކަށް ބަރުވެ ލޯ މެރުނީއެވެ.
*****

"މަންމީ! މަންމީ!" އަކްޔަންގެ ތުއްތު އަޑުން ހިޔާލުތައް ވިއްސި ވިހާލިވެގެން ބަލައިލިއިރު އެކުއްޖާ އައިސް ހުރެފައި އާފުރިލިއެވެ. ޖަނާ ދެއަތުން މޫނު ފުހެލައިފައި އަކްޔަން އުރާލައިގެން އެތެރެއަށް ވަންނަން ދިޔައިރު އަދިވެސް ހިތުގެ ތެޅުން ހަމައަކަށް ނޭޅެއެވެ. 

ކުރީ ދުވަހު މާކިންއާ ޖެހުނު މައްސަލައަށްފަހު އެގެއަށް އަކްޔަން ގެންދަން ޖަނާ ބޭނުމެއް ނުވިއެވެ. އެހެންވެ އޭނާ ރެސްޓޯރެންޓަށް ދިޔައިރު އަކްޔަންވެސް އެކުގައި ގެންދިޔައީއެވެ. ޖަނާ މަސައްކަތުގައި އުޅޭއިރު އަކްޔަން ބައިންދާނެ ތަނަކާއި ބެހޭ ގޮތުން ހުމާ އާއި މަޝްވަރާ ކުރަނިކޮށް ރަފާހް އައެވެ. ރަތް ސްކިނީ ކޮޅަކާއި ހުދާއި ރަތުން ހުރަސް ރޮގުދެމި އަތްދިގު ޓީޝާޓް ކޮޅެއްގައި އަކްޔަން ހުރިލެއް ލޯބިކަން ފެނިފައި ރަފާހްއަކަށްވެސް ދުރަކު ނުހުރެވުނެވެ. މުށި އިސްތަށިކޮޅު ހުރީ މެދުން ރާޅެއް ހެން ހިއްލައިފައެވެ. އެވަގުތު އޭނާ އަކްޔަން ކައިރީ އުޑަފައިން އިށީންދެ ގަޔާވަނީ ކޮންކަހަލަ ގޭމްތަކެއްތޯ އަހަން ފެށުމުން ޖަނާމެންނަށްވެސް ތިބެވުނީ ބަލާށެވެ.

"މަންމި ކައިރީ ބުނޭ. މަންމި ހާސްނުވެ މަސައްކަތުގަ އުޅޭށޭ!" އަކްޔަންގެ ފަރާތުން ބަހެއް ލިބުމުން ރަފާހް އެކުއްޖާ އުރާލައިފައި ޖަނާމެނާއި ދިމާއަށް އެނބުރެމުން ބުނެލިއެވެ. އަކްޔަން ތުއްތު އަޑުން ރަފާހްގެ ޖުމްލަ ތަކުރާރުކޮށްލުމުން އޭނާ ގެއާއި ދިމާއަށް ދިޔައިރު ޖަނާ އާއި ހުމާ އަދިވެސް އެގޮތުގައި ތިބެގެން ހިނިތުންވެލިއެވެ. އިރުކޮޅަކުން ރަފާހް އެނބުރި އައިސް އޭނަ ކައިރީ ކައުންޓަރ ދަށުގައި އަކްޔަން ބައިންދާފައި ގޭމް ކުޅެން ޓެބްލެޓް ދިނުމުން އަކްޔަން އެތާ އިންކަމެއްވެސް ރޭކައެއް ނުލައެވެ. ޖަނާ ދެކޮޅަށް ހިނގަމުން އިރު އިރުކޮޅާ ބަލައިލާއިރު ރަފާހް އާއި އަކްޔަން ބޯ ކައިރިކޮށްލައިގެން ޓެބްލެޓަށް ބަލަމުން ގޭމް ކުޅޭތަން ފެނިފައި ހިނިތުން ވެލެވެއެވެ. އޭނާ ނަސީބު ދެރަކަމުން އަކްޔަންއަށް ބައްޕަގެ ލޯބިވެސް ހޯދައި ދެވޭކަށް ނެތެވެ. އެހެން ނޫންނަމަ މިއަދު އަކްޔަން އެހެން އިންނާނީ އެކުއްޖާގެ ބައްޕަ ކައިރީގައެވެ.

"ދީނާ މިއަދު ސުކޫލަށް ނުދާ ދުވަހަކީތަ؟" ހެނދުނު ނާސްތާ ކުރަން މޭޒު ދޮށުގައި އިނދެފައި ފަޔާޒް ވާހަކަދެއްކިއެވެ. "ކީއްވެ ތިހެން ތިއެހީ؟ އަކްޔަން މިއަދު ނާންނާތީތަ؟" ޝަރުމީލާ ޖޯޑަށް ސައި އަޅާފައި ކައިރި ކޮށްލަދެމުން ކޮށްލީ އިތުރު ސުވާލެކެވެ. "އަހަންނަށް ހީވަނީ ޖަނާ ބޭނުން ނުވީހެން އޭނަ ގެންނަން. ވެދާނެ އެކުގައި ގެންދިޔައީ ކަމަށް." ފަޔާޒް ބޯ ޖަހައިލުމުން ޝަރުމީލާއަށް ހީވާގޮތް ހާމަ ކުރިއެވެ. އެވަގުތު ދެމީހުންގެ ވިސްނުންވެސް ދިޔައީ މާކިންއާ ދިމާއަށެވެ. 

"އަހަރެން މާކިން ކައިރީ ރަޝާދު މާލެ އައި ވާހަކަ ބުނިފަހުން އެހާ ރުޅިގަދަވެގެން އެއުޅެނީ. އަހަރެން ބެލީ އޭނަ ބަލާ ބޮޑުކުރި މީހެއްގެ ހައިސިއްޔަތުން އެމައުލޫމާތު ދޭން ޖެހޭ ކަމަށް. ބަލި އެނދުގައި އޮވެ ނިޔާވާ ދުވަހެއް އަޔަސް ބައްދަލު ނުކުރެވުނީތީ ފަހުން މާކިން ހިތާމަ ކުރަން އަހަރެން ބޭނުމެއް ނުވޭ. އެކަމަކު އޭނަ ހުރީ ނުދާން ފައިވިއްދައިގެން. ރަޝާދު ނަން ބުންޏަސް ލޮލުން އަލިފާންކަނި ބުރާ." ފަޔާޒް ހިމޭނުން އިނދެގެން ހިތުގެ އުދާސްތަކުން ބައެއް ބޭރު ކުރިއެވެ. އޭރު ޝަރުމީލާ އިނީ ޖަނާ ނޫނަކަސް އިތުރަށް އޮޅުންފިލުވަން ބޭނުންވެފައެވެ. އޭނަ ފަޔާޒްއާ އިނދެގެން އައިއިރު ހީކުރީ މާކިން އެއީ ފަޔާޒްގެ ދަރިއެއް ކަމަށެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެދެބަފައިން ދެއްކި ވާހަކައެއް އިވުނީއެވެ. ޔަޤީން ކުރަން އެހުމުން ފަޔާޒް ހަމައެކަނި ބުނީ އެއީ ތެދެއް ކަަމަށެވެ. އިތުރަށް ތަފްޞީލެއް ނުދެއެވެ.
*****

ހުސް ވަގުތެއް ލިބުމުން ގޮނޑީގައި ހަމަޖެހިލައިގެން އިނދެ ލޯމަރައިލިތަނާ މާކިންގެ ސިކުނޑިއާ ގުޅިގެން ދިޔައީ ކުރީގެ ހަނދާނެކެވެ. ބިރުވެރި ހުވަފެނެއް ފެނިގެން މާކިންއަށް ހޭލެވުނުއިރު ދުލުގައި ވީ މަންމަގެ ނަމެވެ. ތެދުވެ އިށީންއިރު އަނދިރި ކަމުން އިތުރަށް ބިރުގަނެގެން އަނެއްކާވެސް ގޮވައިލެވުނީ މަންމައަށެވެ. އޭރު ފުރާޅަށް ވާރޭ ވެހޭއަޑު ގަދައަށް އިވެއެވެ. އިރުކޮޅެއް ނުވެ ދުރުގައި ނިދާފައި އޮތް ރަޝާދު ހޭލައިގެން ސްވިޗް ޖައްސާލިތަން ފެނިފައި ކުޑަކުޑަ މާކިން ސިހުނެވެ. އޭނާއަށް ފެނުނީ ބައްޕަގެ ރަތްވެފައިވާ ދެލޮލެވެ. "މަންމައޭ؟ ކޮން މަންމައެއް؟ ކަލޭގެ މަންމަ ހުރިނަމަ ކައިރީގަ އޮތީހެއްނު." ރަޝާދު ދިގު ފިޔަވަޅުތަކެއް އަޅާފައި ކައިރިއަށް އަންނަން ފެށުމުން މާކިން ބިރުން ފަހަތަށް ޖެހިލި ނަމަވެސް ތެދުވެގެން ދުވާނެ ވަގުތެއް ނުލިބުނެވެ. ދެން އެނގުނީ ބައްޕަ އޭނާގެ ގިރުވާނުގައި ހިފައި ދަމާ ކޫއްތަމުން ދޮރާއި ދިމާއަށް ގެންދަން ފެށިކަމެވެ. ކުރި އަސަރުން މާކިންއަށް ރޮވެން ފެށުމުން ލޮލުން ކަރުނަތައް އޮހިގަތެވެ. އެހެން ނަމަވެސް ބައްޕަގެ ހިތަށް އޭނާގެ މިކަރުނައަކުން އަސަރެއް ނުކުރިއެވެ. ދޮރު ހުޅުވާލި ގޮތަށް ފަސްޖެހުމަކާ ނުލާ އެބައްޕަ އޭނާ ހޫރާލީ ވާރެއަށެވެ. 

"ދެން ތިތާ ހުރެގެން މަންމައަށް ގޮވާ! ތިހާ ރަނގަޅު އޯގާތެރި މަންމައެއް ވިއްޔާ ކަލޭ ގޮވާއަޑު އިވިގެން އަންނާނެ!" މާކިން ތެދުވެގެން ދޮރާއި ދިމާއަށް އަންނަން ވާއިރަށް ރަޝާދު އެތެރެއަށް ދެމިގަނެފައި ބާރަށް ދޮރު ޖަހައިލިއެވެ.
"މާކް ބުމަ ކައިރިކޮށްގެން ކޮން ހިޔާލެއްގަ؟" ކައިރިން މީހަކު ވާހަކަދެއްކި އަޑަށް މާކިން ސިހިފައި ލޯ ހުޅުވައިލިއެވެ.

ކޮމެންޓް 0