"އަހަރެން އޭނައާ އަލުން މެރީ ކުރަން އެދުނީ." ޖަނާ ހާމަކޮށްލިއެވެ. "ވަޓް؟ އަލުން މެރީ ކުރާށޭ؟ ދެން ޖަނާ ކީކޭ ބުނީ؟" ނާއިކް ތެޅިގަނެފައި އައިސް ޖަނާ އަތުގައި ހިފެހެއްޓިލެއް ބާރުކަމުން އެހިސާބުން ވިންދު ޖަހައިގަތެވެ. "އަހަރެން ބުނީ ފަހުންނޭ ޖަވާބެއް ދެވޭނީ." ޖަނާ އުދަނގުލުން ޖަވާބުދީ ނިމުމާއެކު މާކިން އެއަތް ފޮޅުވާލައިފައި ދުރަށް ޖެހުނީ ހީވާގޮތުން ހިތްހަމަ ނުޖެހިގެންނެވެ. އަތުގައި ފިރުމާލަމުން ޖަނާ ބަލާލިއިރު މާކިން ނިތުގައި ފިރުމާލައިފައި ވިސްނުމެއްގައި ހުރި މީހަކު ފަދައިން ގޮސް ބެލްކަންޏަށް ނިކުތެވެ. ދެން ފެނުނީ ޖީބުގައި އޮތް ފޯނު ނަގައި ކޮންމެވެސް މީހަކަށް ގުޅާފައި ވާހަކަތަކެއް ދައްކާ ތަނެވެ. ޖަނާ ކަރުނަ ފުހެލާފައި އަތުގައި ރަތްވެފައި ހުރި ތަނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އެންމެ ފަހުން މާކިން ފޯނު ނުނިމުމުން އޭނާ ގޮސް ފަހަތުން ބެލްކަންޏަށް ނިކުތްތަނާ ހިލަންވެގެން މާކިން އެނބުރި ބަލާލައިފައި އަނެއްކާ އެނބުރުނީ މަގުމައްޗާއި ދިމާއަށެވެ. ޖަނާ ވަރަށް ސަމާލުވެގެން ހަމައެކަނި ސާފުވީ މާކިން ދެފަހަރަކު "އާރީ" އޭ މުޚާތަބު ކުރިކަމެވެ. ދެން ފޯނު ބާއްވާފައި އެނބުރުނު ތަން ފެނިގެން އަވަހަށް ސަމާލުވިއެވެ.
"ކިހިނެތްވީ؟ ކާކަށް ތި ގުޅީ؟ މާކިން ވާހަކަދެއްކުމުގެ ކުރިން ޖަނާ ކެތްމަދުވެފައި އެހިއެވެ. "ޖަނާ އަހަރެންނަށް ޓްރަސްޓް ކުރަންތަ؟" މާކިން ކޮށްލީ މުޅިން އެހެން ސުވާލެކެވެ. "ގުޑް." ޖަނާ ފާޑަކަށް ބަލަން ހުރެލާފައި ބޯ ޖަހައިލުމުން މާކިން ބުނެލިއެވެ. އެމޫނުގައި އަސަރެއް ނެތަސް އަޑުގައިވި ސާބިތުކަން ޖަނާގެ ހިތްހަމަޖެހުމާއި ގުޅުނެވެ. "މިހިސާބުން ދެން ޖަނާ ތިނާއިކްގެ ކަންތަކާ ވިސްނުން ހުއްޓާލާ. ލެޓް މީ ހޭންޑްލް އިޓް. ވިލް ޔޫ؟" ނާއިކް ވާހަކަދައްކަމުން ޖަނާ ކޯތާފަތުގައި ހިފަހައްޓާލައިފައި ސުވާލުކޮށްލި ގޮތުން ހިތް އެކީ ވިރިގެންދިޔައެވެ. މާކިންގެ ފަރާތުން މިފަދަ އޯގާތެރި ކަމަކަށް އޭނާ އިތުބާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ވަގުތުން ޖަނާއަށް ބޯ ޖަހައިލެވުނެވެ. މާކިން އެވަގުތު ޖަނާ ހިތްހަމަޖައްސަދޭން ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި ނިކުންނަންދިޔައިރު އެތެރެ ހަށި އަނދަމުން ދިޔަވަރު އެނގޭނީ ޚުދު އޭނާއަށެވެ. ޖަނާގެ ކުރިމަތީ ކިތަންމެ ކެތްތެރި ރުޅިމަޑު މީހަކަށް ހެދުނަސް ހިތް އެދެމުން ދިޔައީ ހަމަ މިހާރުވެސް ގޮސް އެނާއިކްގެ މޫނަށް ގޮށްމުށުގެ އެތިފަހަރުތައް ދޫކުރީނުން ލޭ ހިލުވައިލާށެވެ. އޭނާއަށް ވެގެން ވާނަމަ ކަމާއިބެހޭ ފަރާތާއި ހަވާލު ކުރުމުގެ ބަދަލުގައި ނާއިކް ކުރިމަތިލާން ޖެހޭނީ އޭނާގެ މުލައްދަނޑީގައި ހުރިއްޔާ ހުރި ބާރަކާއެވެ.
ވިސްނުމެއްގައި ހުރެފައި ޖަނާ ނިކުތްއިރު މާކިން ހުރީ ސިޓިންރޫމްގައި ތިބި ބޮޑުދެމީހުންނާ ވާހަކަ ދައްކާށެވެ. ދީނާ ހޭއަރާއިރު ޑޮކްޓަރ ޝިވަމްގެ އެހީ ހޯދުމާއި ބެހޭގޮތުން މަޝްވަރާ ކުރާ އަޑު އިވުމުން ޖަނާގެ ހިތް ތެޅިގަތެވެ. ޝިވަމްއަކީ ކިތަންމެ ޕްރޮފެޝަނަލް މީހަކަށް ވިއަސް އެއާއިލާ ތެރެއަށް އައިސް ހުރިހާ ގޮތަކުން ގުޅުން ހުރި ކޭސްއަކާއި ހަވާލުވެ އުޅެން ފެށުމުން އޭނާގެ ސިއްރެއް ހާމަ ކުރެވިދާނެތީ ޖެހިލުންވިއެވެ. ހިތުގައި އެބިރު އޮތަސް ކޮއްކޮއަށް ޝިވަމްފަދަ ޤާބިލު ޑޮކްޓަރެއްގެ އެހީ މިހާރު އެވަނީ ބޭނުންވެފައެވެ. ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ އެއީއެވެ.
އިރު އޮއްސުމުން ހިތާއި ދެކޮޅަށްވެސް ޖަނާއަށް ޖެހުނީ އެނބުރި ދާށެވެ. ކޮއްކޮގެ ކަންތަކާ ކަންބޮޑު ނުވުމަށް މާކިން ތަކުރާރުކޮށް ހަނދާންކޮށްދިނެވެ. ޖަނާ އަކްޔަން ގޮވައިގެން ގޮސް އާދައިގެ މަތިން ކިޔަވައިދީ، ކާން ދީ ހަދައިފައި ނިދަން ބޭއްވުނުއިރު ނުވައެއް ޖަހަން ދަނީއެވެ. އޭނާ ނިކުމެ ފިނި ފެންތައްޓެއް ބޯން ހުރެފައި ކޮއްކޮ ހޭލައިފިތޯ ގުޅަން އުޅެނިކޮށް ބެލް ޖެހި އަޑަށް އެދިމާއަށް ދެވުނެވެ. ކައިރީގައި ނާއިކް އުޅެތީ ގެއަށް އަތުވެދާނެ ކަމުގެ ބިރު އޮތުމުން ދޮރު ހުޅުވީ ނިކަން މަޑުމަޑުން ނެވެ. ކުރިމަތީ ކަމުނުދާ މީހަކު ހުރެއްޖެނަމަ ކުއްލިއަކަށް ލައްޕާ ތަޅުލާފައި އެތެރެއަށް ދުވަން އޭނާ ހުރީ ރާވައިގެންނެވެ.
"އަހަ. ހުމާ؟ ރަފާ؟" ޖަނާއަށް ދޮރުމަތިން ހުމާމެންގެ ޖޯޑު ފެނުމުން ހައިރާންވެފައި ކިޔައިލެވުނެވެ. "ހާދަ ސަރޕްރައިޒް ވީ. އަނެއްކާ އެހެން މީހެއްގެ އިންތިޒާރުގައިތަ؟" ހުމާ ދިމާކޮށްލަމުން ނިތްއަރުވައިލީ ރަފާހްއަށެވެ. ރަފާހްވެސް އަންހެނުންނާ ބައިވެރިވެގެން ހިނިތުންވެލާފައި ޖަނާ ނޫނެކޭ ބުނެ ތަންދެއްކުމުން ވަދެގެން އައެވެ. ރަފާހް ކަޅުކުލައިގެ އަތްދިގު ޓީޝާޓެއް ލައިފައި ހުމާ ހަމައެކުލައިގެ ހެދުމެއްގައި ހުރުމުން ނިކަން ގުޅެއެވެ. އިސްކޮޅުވެސް ދެމީހުންގެ ދާދި އެއްވަރެވެ. ހުމާ ދިގު ކުދިންގެ ތެރޭގައި ހިމެނޭތީ ރަފާހް ފަދަ ޒުވާނަކާއިވެސް އެއްވަރު ނުވެ ހުންނަނީ ކިރިޔާއެވެ. ކިރިޔާވެސް އައިބު ތަންކޮޅަކަށް ފާހަގަ ވަނީ ރަފާހް ފަތި ހަށިކޮށް ވަރުގަދަކޮށް ހުރެފައި ހުމާ މާބޮޑަށް ހިކި ހޯލިކޮށް ހުންނާތީއެވެ.
"ކޮބާ އަކްޔަން ނިދީތަ؟ އަހަރެން އަދި އަކްޔަން ކާން އެއްޗެއް ހިފައިގެން މިއައީ؟" ހުމާ ސޯފާގައި އިށީންނަމުން ވަށައިގެން ހޯދާލައިފައި އަތުގައި ހުރި ކަރުދާސް ކޮތަޅު ތެރެއިން ނެގި ތަށި ކުޑަމޭޒުމަތީ ބަހައްޓައިލިއެވެ. ރަފާހް އިށީންދެލީ ވަކިން ހުރި ސޯފާގައެވެ. އޭނާ އެއްފައި މައްޗަށް އަނެއްފައި ނަގައިގެން ދެއަންހެން ކުދިންގެ ހަރަކާތްތަކަށް ބަލަން ހިމޭނުން އިނެވެ. ޖޮގްކޮށްފައި ދެންމެ ފެންވަރާލައިގެން އައިސް އިނުމުން ނިކަން ތާޒާވެފައި މޫނުމަތި އުޖާލާ ކަމަށް ދައްކައެވެ. ބޭރުފުށުން ފެންނަ ސިފައަށް ބަލާފައި މާކިންއާ ޒަލަފްއަށްވުރެ ކުރި ނުލިބުނަސް އަންހެން ކުދިން ކާމިޔާބު ކުރުމުގައި ރަފާހްގެ އުކުޅުތައްވެސް އެންމެ ތަންކޮޅެއް ދޫ ނުކުރެއެވެ. ތިން މީހުން އެކުގައި އުޅުނުއިރު ޒަލަފްއާ ދެމީހުން ހީވާނީ ލިސްޓަށް ނަން އިތުރު ކުރުމުގެ މުބާރާތެއްގައި ބައިވެރިވެގެން އުޅުނު ދެމީހުން ހެންނެވެ. އެއާދަ ކެނޑުނީ ރަފާހްއަށް ހުމާ ފެނުނު ފަހުންނެވެ. ޒަލަފްއަށް ވީ ގޮތަކީ އެރޮނގުން ބައްޕަގެ ސަމާލުކަން ހޯދަން މާބޮޑަށް ބޭނުންވުމެވެ. ރަނގަޅު އަންހެންކުއްޖަކު ހަޔާތަށް އައި ނަމަވެސް ރަނގަޅު ވަގުތަކީ އެމީހަކު އަމިއްލައަށް ކަނޑައަޅާ އެއްޗެއްކަން އޭރު ނުވިސްނުނީއެވެ. އެރަނގަޅު ވަގުތު ގެއްލުވާލުމުން އޭގެ ހިތި މިއަދު ރަނގަޅަށް ޒަލަފްގެ ކަރުބުޑުގައި ލައިފިއެވެ. ރެއާއި ދުވާލު އޭނާ ކެތްމަދުވެފައި އިންތިޒާރު ކުރަމުން ދަނީ ޖަނާގެ ފުށުން އާބަސް ލިބޭނެ ވަގުތަކަށެވެ. އެހާ ވަރަށް އުންމީދުކޮށްފައި ޖަނާ ދެބަސް ވެއްޖެނަމަ ހިތް ކުދި ކުދި ވެދާނެއެވެ.
"ދެންމެ ހަމަ އެނިދީ. ދެން މާދަން ދޭނީ. އަންނާނަން ފްރިޖަށް ލައިފަ. ބޭނުންތަ ކޮފީއެއް؟" ޖަނާ ތަށީގެ މަތި ހިއްލާލައި ކޯއްޗެއްތޯ ބަލާފައި ތެދުވަމުން ވާހަކަދެއްކިއެވެ. ހުމާ ރަފާހްއަށް ދޯދެމުން ކެއީ ދެންމެއޭ ބުނެ މަނާވެގަތުމުން ޖަނާ ބޯ ޖަހާލައިފައި އެތެރެއަށް ވަނެވެ. އޭނާ އެތަށި ފްރިޖަށް ލައިފައި ނިކުތްއިރު ދެމީހުން ސިއްރެއް ކިޔާލައިފައި ދުރަށް ޖެހިލިއެވެ. ޖަނާ ކައިރިވީއިރު ހުމާގެ ތުންފަތުގައިވި ހިނިތުންވުން ސިއްރެއް ނުވިއެވެ. އޭނާ ވެގެން އުޅޭ ގޮތް ސާފުކޮށް ދިނުމަށް އެދުމުން ހުމާ ފެށީ ހޭށެވެ. "އަހަރެން ބަނޑުބޮޑު." އިރުކޮޅަކުން ހުމާ ޖަވާބުދިންއިރު މޫނުގައިވި އުޖާލާކަމާއެކު ލަދުވެތިކަމުގެ ރަތްކުލަ ވެރިވިއެވެ. "ވާއު! ކޮންގްރާ. އަޅެ ހާދަ އުފާވެއްޖޭ..." ޖަނާއަށް ލިބުނު ހައިރާންކަމާއި އުފާވެރިކަން ހާމަކޮށްފައި އެކުވެރިޔާގެ ކައިރިއަށް ގުދުވެ ކުޑަކޮށް ބައްދާލިއެވެ. ރަފާހް އެމަންޒަރު ބަލަން ފާޑަކަށް އިނދެފައި އިސްޖަހައިލި ކަމެއް އެމީހުން ނުދެނެހުއްޓެވެ. "އަހަރެން އަދި އަހާނަމޭ ހިތާ މިހުންނަނީ ކޮންއިރަކުންތޯ ކިޑެއް ހޯދަނީ." ދުރަށް ޖެހިލާފައި ޖަނާ އިތުރަށް ވާހަކަދެއްކިއެވެ. އޭނާ ރަފާހްއަށް ބަލާލައިފައި އޭނައާއި މުޚާތަބުކޮށް އަދި އެއްފަހަރު މަރުހަބާ ކިޔާލުމުން އިސްއުފުލާލައިފައި ގަދަކަމުން ހިނިތުންވެލިއެވެ.
ހުމާ ދީނާގެ ވާހަކަ އެހުމުން ޖަނާ ނާއިކްގެ ވާހަކަ ނުބުނީ މާހައުލުގެ އުފާވެރިކަން ގެއްލިދާނެ ކަމަށްޓަކައެވެ. އޭނާ ހަމައެކަނި ބުނީ ދީނާ ހަމައަކަށް އެޅެންދެން މަންމަ ގޭގައި ބޭއިންދި ވާހަކައެވެ. ގޭގައި ޖަނާ އެކަނި އިނުމުން ހުމާ ކަންބޮޑުވުން ފައުޅު ކުރީ އެހިސާބުންނެވެ. ޖަނާގެ ޖަވާބަކަށް ވީ އޭނާ ރޭވެސް ނިދީ އެކަނި ކަމުގައެވެ. ހުމާއަށް އެވަރުން އަދި ހިތްހަމަ ޖެހޭ ޖަވާބަކަށް ނުވިއެވެ. ރަފާހްގެ ހުއްދަ އަތުލައިގެން އެގޭގައި މަޑުކުރާ ގޮތަށް ވުމުން ޖަނާވެސް ހަޤީޤަތުގައި އުފާވިއެވެ. އޭނާގެ އެކުވެރިޔާއަކީ ބުނެ ކިޔައިގެންވެސް އަމިއްލައަށް އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނަ އިހުލާސްތެރިއެކެވެ.
*****
ފުން ނިންޖަކުން ނިދާލައިފައި ދީނާއަށް ހޭލެވުނުއިރު ކުރިމަތީގައި ގޮނޑިއެއް ބަހައްޓައިގެން އިނީ ކުރިން ދުވަހަކުވެސް ނުދެކޭ ޒުވާނެކެވެ. ދީނާ ތެދުވަން އުޅުމުން ޑޮކްޓަރ ޝިވަމް ކައިރިއަށް އައިސް އެހީވެދިނުމުން އޭނާ ލޯބޮޑުކޮށްގެން އެމޫނަށް ބެލިއެވެ.
"ދީނާ. މީ ޑރ.ޝިވަމް. ސައިކޭޓްރިސްޓެއް. އަހަރެން މިއައީ ދީނާއަށް އެހީވާން." ޝިވަމް އަމިއްލަ ތައާރަފް ދިނުމުން ދީނާ ބުމަ ގޮށް ޖަހާލައިފައި އަނެއްފަރާތަށް މޫނު އަނބުރާލީ އަހަރެން އަދި މޮޔައެއް ނުވެއޭ މީހެއްގެ އެހީއެއް ބޭނުމެއް ނޫނޭ ކިޔައިފައެވެ. "އެކަކުވެސް ނުދެކެއޭ ދީނާ މޮޔަ ވީ ކަމަކަށް. އޭގެ ބަދަލުގައި އެންމެން އެތިބީ ދީނާއާމެދު ކަންބޮޑުވެފަ. އެމީހުން ދީނާ ދެކެ ވަރަށް ލޯބިވޭ. ކޮންމެފަދަ ތާކަށް ގޮސްގެންވެސް، ކޮންފަދަ ޑޮކްޓަރެއްގެ އެހީ ހޯދައިގެންވެސް އެމީހުން އެތިބީ ދީނާއަށް އެހީވާން ތައްޔާރަށް." ޝިވަމް އޯގާތެރި އަޑަކުން ފަށައިގެން ވާހަކަ އެހިސާބަށް ދިޔަތަނާ ދީނާ ފެށީ ރޯށެވެ. އޭނާ މޫނުގައި އަތް އަޅާފައި ބުނަން ފެށީ އޭނާގެ ކުރިކަންކަން އެނގިއްޖެނަމަ އެމީހުން އޭނާއަށް ބަލައިވެސް ނުލާނެ ކަމަށެވެ. "ނޫނޭ. ތީ އެއްގޮތަކަށްވެސް ރަނގަޅު ވާހަކައެއް ނޫން. ކުށްކުރެވޭނީވެސް އިންސާނުންނަށް. ހާއްސަކޮށް ތި އުމުރުގައި. ދީނާގެ ދޮންތައާއި ދޮންބެ އެހުރީ ދީނާއަށްޓަކައި އެސިއްރު މަންމަމެނަށްވެސް ނާންގާ. އެމީހުން އެތިބީ އެކަން ދީނާ އަތްމައްޗަށް ދޫކޮށްލައިގެން." ޝިވަމް އިތުރަށް ވާހަކަދެއްކި އަޑު އަހާފައި ދީނާ ކަރުނަ ފުހެލާފައި ބަލަން ފެށީ ޔަޤީން ނުކުރެވިގެން ބަލާފަދަ ނަޒަރަކުންނެވެ.
ޝިވަމް އިތުރަށް ވާހަކަދެއްކީ އަމިއްލައަށް މަރުވުމުގެ މޮޔަކަމުގެ މައްޗަށެވެ. އިންސާނާގެ ފުރާނައަކީ ލޯބިވެރިއަކު ނުލިބުމުން ނޫނީ ވީޑިއޯއެއް ލީކްވުމުން ނަގައިލާ ވަރަށްވުރެ އަގުބޮޑު އެއްޗެއް ކަމުގައެވެ. އެއިން ކޮންމެ ކަމަކަށްވެސް ކޮންމެވެސް ހައްލެއް އޮންނާނެ ކަމަށާއި އެކަމަކު މަރަކީ ހައްލެއް ނޫން ކަމުގައެވެ. އެނގި އެނގިހުރެ ނަރަކައަށް ފުންމާލުމުން އެއީ ފިލުނީއެއް ނޫން ކަމެވެ. ދީނާ ހިތްހަމަ ޖައްސައިދޭން އޭނާ ނާއިކްއާ ދެކޮޅަކަށްވެސް ވާހަކައެއް ނުބަހައްޓައެވެ. އޭނާ ބުނީ ފުރަތަމަ ކަމަކަށް އެންމެ ލޯބިވާ ފަރާތެއް ކަމުގައި އަމިއްލަ ނަފްސް ހަދައި އެނަފްސަށް އިތުބާރު ކުރުމަށެވެ. ހަޤީޤަތް ގިނަފަހަރު ހިތިވާނެ ކަމަށް ބުނެ އެފަދަ ހަޤީޤަތް ބަލައިގަންނާނެ ގޮތްތައް ކިޔައިދިނެވެ. އޭގެ ކުރިން ދީނާ ބޭނުންނަމަ މީހަކު ބުނާހާ އެއްޗެއް ގަބޫލު ކުރުމުގެ ބަދަލުގައި ކަން އޮންނަގޮތް އެންމެ ރަނގަޅަށް ބަލައި ކަށަވަރު ކުރަން ލަފާ ދިނެވެ.
ދެގަޑިއެއްހާއިރު ފަހުން ޝިވަމް ނިކުމެގެން ދިޔައިރު ދީނާ އިނީ ހިސާބަކަށް ހަމަޖެހިފައެވެ. ދޮންތަގެ ވާހަކައިން އޭނާއަށް ޔަޤީންވި އެއް ކަމަކީ ނާއިކް އެމީހުންގެ ގުޅުމާއި ބެހޭގޮތުން ކޮންމެވެސް މިންވަރެއް ފައުޅުކޮށްގެން ނޫނީ ދޮންތައަށް އެގޮތަށް ވީޑިއޯއެއްގެ ވާހަކަ ބުނަން ނޭނގޭނެ ކަމެވެ. ފަހަރުގައި ނާއިކް އެހެން ބުނީ ރަނގަޅު މަޤްސަދެއްގައި ކަމަށްވެސް ވެދާނެއެވެ. ނާއިކްގެ ބޭނުމަކީ ދޮންތައަށް ބިރުދައްކައިގެން ނަމަވެސް ރުހުން އަތުލައި އޭނާގެ ލޯބި ހާސިލް ކުރުން ކަމުގައި ވެދާނެއެވެ. ދޮންތަ އެވާހަކަ އަނެއްކޮޅަށް އަނބުރައިގެން ނުކިޔާނެ ކަމުގެ ޔަޤީންކަމެއް ނެތެވެ. އެއީ ފަސް އަހަރު ވަންދެން އަކްޔަންގެ ސިއްރު ފޮރުވައިގެން ހުރި މީހާއެވެ.
ރަފާހް ފޮނުވާލައިފައި ނިދަން ތައްޔާރުވެގެން ސޯފާގައި ތިބެ މާޒީގެ ބައެއް މަޖާ ވާހަކަތައް ދައްކާފައި ޖަނާ ގޮސް ކޮޓަރި ތެރޭ ހުރި ފޮށިގަނޑު ނެރެގެން އޭގައި ހުރި އެއްޗެހިތައް ބެލިއިރު ދެމީހުން ތިބީ ނިކަން ހަމަޖެހޭ މޫޑެއްގައެވެ. ކުރީގެ ފޮޓޯތަކުގައި މަޖާ ގޮށްގޮތަށް ހުއްޓި ހުރުމުންނާއި ލޯމެރިފައި ހުންނަ ގަނޑުތައް ފެނިގެން ވަރަކަށް ހުނެވެ. މާހައުލު ސީރިއަސްވީ ހުމާ ފަހުން ގެނެސް ދިނުމުން ޖަނާ ބަލާވެސް ނުލައި ފޮށިގަނޑު ތެރެއަށް ލާފައި ހުރި ފަހުގެ ފޮޓޯތައް ފެނިފައެވެ. އެއީ ޖަނާ ފުރައިގެން ދިޔަ ރޭގެ ޖެހި ސަކަރާތުގެ ބައެއް ފޮޓޯއެވެ. ޖަނާ އެހުންނަނީ އެމަތިން ހަނދާންވެސް ނެތިފައެވެ. ޖަނާ ނުތަނަވަސްވިތަން ދެކެފައި ހުމާ ކުރިކަމަކީ އެފޮޓޯތައް ވަކިން ބަހައްޓާފައި ދެން ހުރި އެއްޗެހި ބަލައިގެން އަނެއްކާވެސް ކޮންމެވެސް ޖޯކެއް ޖަހާފައި ހޭން ފެށީއެވެ. އެންމެފަހުން ނިދުނީވެސް ދެމީހުން ސޯފާގައި ތިއްބައެވެ. ޖަނާއަށް ހޭލެވިގެން އޭނާ ހުމާއަށް ގޮވައި ނެގުމުން މީގެ ފަސްއަހަރު ކުރިން ފެނުނު މަންޒަރު އަލުން ތަކުރާރުވިއެވެ. ކޮޅަށް ތެދުވެފައި ހުމާ ހުރީ ލޯމަރައިގެންނެވެ. ޖަނާ ހިނިއައިސް ހުރެގެން ހުމާ އަތުގައި ހިފާފައި ގެންގޮސް އަކްޔަން ކައިރީ ބާއްވައި ރަޖާ އަޅައިދިނުމުން ޅަކުއްޖެއްހެން އޮވެ ފުން ނިދީގެ ތެރެއަށް ފީނާލައިފިއެވެ. ހުމާ އަކީ ފެށުނީއްސުރެވެސް ނިދުމަށްފަހު ލޯ ހުޅުވާ ކުއްޖެއް ނޫނެވެ. ކޮޅަށް ތެދުވިއަސް ހުންނާނީ ލޯމަރައިގެންނެވެ.
އެހިސާބުން ޖަނާގެ ލޮލާއި ނިދި ރުޅިވެގެން އޭނާ ނިކުމެލީ އަނެއްކާވެސް ބޭރަށެވެ. ސޯފާ ކައިރީ ހުރި ފޮށިގަނޑަށް ފޮޓޯތަކާއި ފޮތްތައް ލާން ހުރެފައި އެއްކައިރީ ހުރި އެއްޗެހި ފެނިގެން ނަގައި އިށީންދެލެވުނީ ސޯފާގައެވެ. އޭނާ ފަހަރަކު ފޮޓޯއެއް ބަލަމުން ދަނިކޮށް ފެނުނު މަންޒަރަކުން ފުންމައިގެން ތެދުވެވުނެވެ. ބަލާކަށް ނުހުރެ އެފޮޓޯ ކުދި ކުދިކޮށް ވީދާލައިފައި ގެންގޮސް ޑަސްބިނަށް އަޅައިލީ އިތުރު މީހަކަށް ފެނުމުގެ ކުޑަވެސް ޗާންސެއް ނުދޭންވެގެންނެވެ. ނޭވާ އަވަސްވެފައި ހުރެގެން އައިސް އިތުރު ފޮޓޯތައް ބެލިއިރު އެކަހަލަ އެހެން ފޮޓޯއެއް ނެތެވެ. ފޮށިގަނޑު އެތެރެއަށް ލައި ރައްކާކޮށްފައި އަދިވެސް ވަގުތު އޮތުމުން ހުމާއާ އަކްޔަން ކައިރީ ޖައްސާލައިގެން އޮތްވާ ނަސީބަކުން ގިނައިރުތަކެއް ނުވެ ނިދޭގޮތްވިއެވެ.
*****
ހެނދުނު ހޭލެވުނުއިރު އެހާ އަވަހަށް ރަފާހް މެސެޖްކޮށްލާފައި އޮތީ ބޭސްކާން ހަނދާންކޮށްދީފައެވެ. އުފަލުން ހުމާއަށް ހިނިތުންވެލެވުނެވެ. ބަނޑު ބޮޑުވި ފަހުން ރަފާހް މިހާރު އެއްގޮތަކަށްވެސް ރުޅިއެއް ނުދައްކައެވެ. ހީވަނީ މާބޮޑަށް ލޯބިވާހެންނެވެ. ހުމާ ބަލާލިއިރު އަކްޔަންއާ ޖަނާ ކައިރީގައި ނެތުމުން ފާޚާނާއަށް ވަދެލާފައި ނިކުތްއިރު ދެމައިން ތިބީ ސައިމޭޒު ދޮށުގައެވެ.
"ހުމާއަށް ކޯއްޗެއް ދޭންވީ؟ މިލްކް ތަށްޓެއްތަ؟" ޖަނާ ދިން އަތްކުރު ޓީޝާޓްކޮޅާއި ހަރުވާޅުގައި އިސްތަށިގަނޑު އަތަށް އޮޅަމުން ހުމާ އަންނަތަން ފެނިގެން ޖަނާ ސުވާލު ކުރިއެވެ. އޭނާ އަކްޔަންއަށް ކާންދިނުން ހުއްޓާލައިފައި ހުމާއަށް ޚިދުމަތް ކޮށްދޭން ހުސްވެލުމުން އަކްޔަން އަމިއްލައަށް ސީރިއަލް ތަށިން ސަމުސާ ނަގައިގެން ކާން ފެށިއެވެ. އަކްޔަންއަށް ދަސްކޮށްދޭން ޖަނާ ބައެއްފަހަރު އެކަނި ޖައްސާތީ ނަސީބަކުން މިހާރު ކުޑަކޮށް އެނގެއެވެ. "ސާބަހޭ ޖާން. ޕްރެގްވުމަކީ ބައްޔެއް ނޫނޭ. އަހަރެންނަށް އެކަނި ނުވާވަރެއް ނޫނެއްނު އަދި." ހުމާ މަނާވެގެންފައި ކިރުތަށި ހަދަން ދިމާކުރީ އަމިއްލައަށެވެ. ޖަނާ ހީލާފައި އަލަމާރިން ނެގި ދޮންކެޔޮ ވަކަކާއި ކިވީ ފްރުޓެއް ކޮށާލައިފައި މޭޒުމަތީ ބެހެއްޓިއެވެ. ނާސްތާއިން ނިމިގެން އަކްޔަން ގޮވައިގެން ދަމުން އޭނާ ތަޅުލަން ހަނދާންކޮށްދިނެވެ. ބޯ ޖަހާލައިފައި ހުމާ އިނީ ނާސްތާގެ މީރުކަން ލިބިގަތުމުގައެވެ. އޭނާއަށް ނޭނގުނީ ކިތަންމެ އުފާވެރިކޮށް ފެށޭ ދުވަހެއްވެސް ހީނުކުރާފަދަ ގޮތަކަށް ބަނަވެގެން ހިނގައިދާނެ ކަމެވެ.
މަސައްކަތުގައި ޖަނާ އުޅެނިކޮށް އެގާރަ ޖަހަން ކައިރިވެފައި ހުއްޓާ މާކިން މެސެޖްކުރީ އިތުރު ސުވާލެއް ނުކޮށް ނާއިކްއަށް ޖަވާބު ދޭން އެގެއަށް ދާންވީ ކަމަށް ބުނެފައެވެ. މެސެޖް ކިޔާފައި ޖަނާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. މާކިން އަމިއްލައަށް ހަމައަކަށް އަޅުވާނަމޭ ކިޔާފައި މިހާރު މިކުޅެނީ ކޮން ކުޅިގަނޑެއް ހެއްޔެވެ؟ ހުމާ ކައިރީ އަކްޔަން ބައިންދާފައި އޭނާ ގޮސް ބެލް ޖަހާލިއިރު ހިތުގައި އަމިއްލަ ޖަވާބު އޮތީ ވަރަށް ސާފުކޮށެވެ. އެއީ އެކެއްގެ އެއްބާރުލުން ނުލިބުނަސް ދެވަނަ ފަހަރަށް ނާއިކްގެ އަތްދަށު ނުވުމެވެ. ކޮއްކޮގެ ދިރިއުޅުމާއި ގުޅިގެން ދިން އިންޒާރަށް ފަހުވެސް އޭނާ ބޯ ނުލަނބާނެކަން ސާބިތުކޮށްދިނުމުން ދެން ވާނެ ގޮތެއްވެސް އެނގިދާނެތާއެވެ.
"ވޯހ!" ނާއިކް ދޮރު ހުޅުވާލައިފައި ޖަނާ ފެނިގެން ކިޔައިލިއެވެ. ކަކުލާއި ހަމައަށް އަންނަ ސޯޓަކާއެކު އެހަށިގަނޑު ހާމަކޮށްލައިގެން ހުރިގޮތުން ހީވަނީ ނިދިން ހޭލިތާ ވީ މަދު މިނިޓްކޮޅެއް ކަމެވެ. "އަހަރެންގެ ޖަވާބު ހިފައިގެންތަ ތިއައީ؟" ނާއިކް ޖަނާ ވަންނަން ތަން ދީފައި އަނެއްފަރާތަށް އެނބުރި ހިނގައިގަތުމުން ޖަނާ ދޮރު ކައިރިކޮށްލިއިރު ފަހަތުން މީހަކު އެދޮރު ލެއްޕުނަ ނުދީ ހިފެހެއްޓިކަމެއް ނޭނގެއެވެ. ޖަނާ ފިނިވެފައި ހުރެގެން އަމިއްލަ ފިޔަވަޅު ތަކަށް ބަލަމުންގޮސް އެތަނުން ސޯފާއެއްގައި ލައި ނުގަތީ ކިރިޔާއެވެ. އޭނާ އަވަހަށް ހުއްޓިފައި އިސްއުފުލައިލީއިރު ނާއިކް ސޯފާއަށް ވެއްޓިގަނެގެން އިނީ ހިނިތުންވެފައެވެ.
"ކީއްވެ މަންމަނުވެފަ ތިހުންނަނީ؟ދެން އަވަހަށް ބުނޭ އަހަރެންނާ މެރީ ކުރާނަމޭ. އެނގެއެއްނު އަހަރެން މީ ކިހާ ކެތްމަދު މީހެއްކަން." ނާއިކް ވާހަކަދައްކަން ފަށާފައި ޖަނާ އަތުގައި ހިފައި ދަމާލި ގޮތަށް ގެނެސް ބެއިންދީ އުނގުގައެވެ. ޖަނާ ބާރުބާރަށް ހަޅޭތްލަވައިގެންފައި ސަލާމަތް ވާން ކުރި މަސައްކަތުން ހައްތަހާ ބޮޑަށް ނާއިކް އޭނާ ގަޔާއި ތަތްކޮށްލުމުން ފަސޭހައިން އަނގަ ޖެހުނު ދިމާ ކޮނޑުގައި ދަތް އަޅައި ކަނޑާލައިފިއެވެ. ނާއިކްއަށް ތަދުވެގެން އަތަށް ދޫދިން ވަގުތު އޭނާ ފުންމައިގެން ތެދުވިއެވެ. އެވަރުންވެސް ފަސްދީ އެޅުނީ ދެފިޔަވަޅެއް ވަރެވެ. ނާއިކް ގޮނޑީގައި އިންގޮތަށް އިނދެފައި ފައިދިއްކޮށްލައިފައި ފަހަތުން ޖަނާގެ ކަކުލާއި ދިމާގައި ޖެހުމުން ކުއްލިއަކަށް އަނގަވަތަށް ވެއްޓި ޖެހިއްޖެއެވެ. އޭނާ ރޮއިގަތް އަޑަށް ދޮރުކައިރީ ހުރި މާކިންއަށް އިތުރަށް ކެތްކުރެވުނީއެއް ނޫނެވެ. އަތް މުށްކަވާލައިފައި ފާރުގައި ތަތްކޮށްލެވުނީ އަމިއްލަ އިހްސާސްތައް ކޮންޓްރޯލް ކުރުމަށްޓަކައެވެ.
" ބަލާބަލަ ހުރި ނުލަފާކަން. ކަލޭ ހީކުރީތަ މަގޭ އެދުމަކަށް ދެކޮޅު ހަދާފަ ފިލައިގެން ދެވޭނެއޭ. އެކަމަކު ހަމަތެދެއް އަހަރެން ހައިރާންވެއްޖެ ކަލޭގެ ހިތަށް ކޮއްކޮއާމެދު ރަހުމެއް ނުވަނީމަ. ދީނާގެ ވީޑިއޯ ލީކް ކޮށްލަން އަހަރެންނަށް ނުކެރޭނެ ކަމަށް ހީވަންޏާ ތީ ކުށްހީއެއް. އަހަރެން ހިތަށް އެކައްޗެއް ނާރާނެ އެކުއްޖާގަނޑު މަރުވިއަސް. އަހަރެން އެކުއްޖާ ޔޫސްކުރީ ހަމައެކަނި ކަލޭ ހާސިލް ކުރަން." ނާއިކް ތެދުވެގެން އައިސް ޖަނާ ކައިރިއަށް ގުދުވެ އެއިސްތަށިގަނޑު އަތަށް އޮޅާލައި ވާންކޮށްލައިގެން ބާރުބާރަށް ވާހަކަދެއްކިއަޑު ބޭރުގައިތިބި މީހުންނަށް ރީތިކޮށް އިވުނެވެ. މާކިން ފުން ނޭވައެއް ލައިފައި ކައިރީގައި ހުރި ދީނާގެ މޫނަށް ބަލާލިއިރު ދީނާ ހުރީ އަތުން މޫނު ނިވާކޮށްލައިގެންނެވެ. އޭނާ ދީނާ ގެނައީ ނާއިކްއާ ބައްދަލު ކުރުވާށޭ ކިޔައި ދޮގެއް ހަދައިގެންނެވެ. ދޮރާއި ހަމައިން ދީނާ ވަންނަން އުޅުމުން ގަދަކަމުން ހިފަހައްޓާފައި އެންމެފަހަރަކު އޭނާއަށް އިތުބާރުކޮށް ނާއިކް ބުނާ އެއްޗެއް އަޑު އަހާލަން އެދުމުން ދީނާ ހިމޭންވީ މާކިންއަށް ދެވިފައިވާ ޤަދަރަކުންނެވެ. އެކަމަކު އޭގެ ނަތީޖާ ފެނުނީ ދުވަހަކު ހީނުކުރާހާ ހިތިކޮށެވެ. ނާއިކް އަމިއްލަ ކުށަށް އިއުތިރާފް އެވީ އަމިއްލަ ދުލުންނެވެ. އިތުރަށް ބޭނުންވާނީ ކޮން ހެއްކެއް ހެއްޔެވެ؟
އެތެރެއަށް ދާންވީ ވަގުތު ޔަޤީންވީ ސިޑިންއެރި ޕޮލިހުންގެ ދެމީހުންނާއި ޒަލަފް ފެނުނީމައެވެ. މާކިން ދޮރު ހުޅުވާލިއަޑަށް ނާއިކް ޖަނާ ދޫކޮށްލައިފައި ކުއްލިއަކަށް ހިންދެމިލުމާއެކު ދޮރުން ވަދެގެން އައި ހަތަރު މީހުން ފެނިފައި ސިހިއްޖެއެވެ. ޓައިލްސްމަތީ ބަންޑުން އޮތް ޖަނާ ފެނިގެން މާކިންގެ ފިޔަވަޅުތައް ގަނޑުވިއިރު ޒަލަފް ދުވެލާފައި ގޮސް ޖަނާގެ ކައިރީ ކުޑަކަކޫ ޖަހާލައި ކޮނޑުގައި ހިފާ ނެގިއެވެ. ނާއިކް ހާސްވެގެން ދެކޮޅު ބަލާލައިފައި ފިލަން ދުއްވައިގަތުމުން މާކިން ހުޝިޔާރު ކަމާއެކު ފުންމައިގެންފައި ގޮސް ނާއިކް ހިފެހެއްޓިއެވެ. ލިބުނު ފުރުސަތުގައި އޭނާ ނާއިކް މޫނަށް ގޮށްމުށުގެ ދެތިން އެތިފަހަރު ދޫކޮށްލުމުން އަދިވެސް ހިތެއް ނުފުރުނެވެ. ބޭނުންވީ އެމުޑުދާރު ލޮލުން ދެން އެއްފަހަރުވެސް ޖަނާއަށް ނުބެލޭވަރު ކޮށްލާށެވެ.އެހިސާބުން ޕޮލިހުންގެ އިސްމީހަކަށް ހުރި އާރިން ގޮސް ކޯޓް އަމުރު ދައްކާފައި ގެ ފާސްކުރުމުގެ މަސައްކަތް ދެން ހުރި މީހާ ލައްވާ ކުރުވަމުން ނާއިކް އަތުގައި ބިޑިއަޅުވައި އަމިއްލަ ބާރުގެ ދަށަށް ގެންދިޔައެވެ. މާކިން ޖަނާއަށް ބަލާލިއިރު ޒަލަފް އޭނާ ގެންގޮސް ސޯފާގައި ބައިންދައިގެން ނިއްކުރީ ލެވިފައިވާ ޒަޚަމްއިން ލޭ މަނާ ކުރެވޭތޯ މަސައްކަތް ކުރަނީއެވެ. އެއޮމާން މޫނުގައި ފުރަތަމަ ފަހަރަށް ޒަޚަމެއް ލެވިފައިވާތީ ފެނިގެން މާކިންގެ ހިތުގައި ރިހުމެއް އުފެދުނެވެ. ނުފެންނަ ހިސާބުގައި އުޅުނުއިރު ޖަނާ އަދި މިފަދަ ކިތައް ދުވަސް ދެކެފައި ހުންނާނެ ހެއްޔެވެ؟ އެމޫނަށް ބަލަން ނުކުޅެދިގެން އޭނާ އަނެއްފަރާތަށް އެނބުރިފައި ދިޔައީ ދީނާ ބަލައެވެ. ދީނާ ގިސްލަމުން ތިރިވެ އިނީ ފާރުގައި ބުރަކަށި ޖައްސާލައިގެން ޓައިލްސް މަތީގައެވެ. އަމިއްލަ ނަފްސް ކުށްވެރި ކުރެވުނު ވަރުން އިސްއުފުލާ މީހަކަށް ބަލާކަށް އޭނާ މިހާރު ބޭނުމެއް ނޫނެވެ. މާކިން ގޮސް ކައިރިއަށް ހުއްޓިފައި އުޑަފައިން އިށީންދެ އިނދެގެން ހިތްވަރު ދިނުމުގެ ވާހަކަތަކެއް ދައްކައި ނެގުމުން ދީނާ ކޮޅަށް ހުރީ މާކިން ކޮނޑުގެ ހިމާޔަތް ލިބިގަނެގެންނެވެ.
ކުޑައިރުކޮޅެއްގެ މަސައްކަތުން އެމީހުންނަށް ނާއިކްގެ ލެޕްޓޮޕާއި ފޯނުގައި ހުރި ވީޑިއޯތައް ފެނިއްޖެއެވެ. ނިކުމެގެން ދިޔައިރު އަދިވެސް ނާއިކް ބަލައިލީ ބިރުވެރި ނަޒަރަކުންނެވެ. ކުރި ކަންތަކާ ފަހުން ހިތާމަކުރާނެއޭ ބުނެ ދިން އިންޒާރެއް ފަދައެވެ.
*****
ދީނާ ގޮވައިގެން މާކިން ގެއަށްދާން ނައްޓާލިއިރު ޖަނާ ހުރީ ހަމައަކަށް އެޅިފައެވެ. އޭނާ އައީ ޒަލަފްއާއެކު ރެސްޓޯރެންޓަށެވެ. ހުމާ އޭނާގެ ޒަޚަމް ސާފުކޮށްދީ ބޭސް އަޅައިދިނުމުން ހުމާއަށް ޝުކުރު އަދާކޮށްފައި އަކްޔަން ގޮވައިގެން ނިކުމެގެން ދިއުމުން ހުމާ ކުއްލިއަކަށް ތެދުވީ އެއްޗެއް ހަނދާންވެގެންނެވެ. އޭނާ އަތްދަބަސް ހާވާލައިފައި ނެގި ކުދި ކަރުދާސްކޮޅުތައް ހިފައިގެން އައިސް ސިޓިންރޫމް ސޯފާގައި އިނދެ މޭޒުމަތީ އެކަރުދާސްތައް ރާވަން ފެށީ ޝައުޤުވެރިވެފައެވެ. ޖަނާ ކަންތައްތަކެއް ސިއްރު ކުރާހެން އަބަދު ހީވެފައި ވަނިކޮށް މިއަދު އެގޭގައި އުޅެފައި އަންނަން އުޅެނިކޮށް ޑަސްބިނުން ފެނުނު ވީދާލައިފައިވާ ފޮޓޯގަނޑު އޭނާ ގެނައީއެވެ. ރާވާ ނިމުމާއެކު ހުމާއަށް ދެތިންފަހަރު ތަކުރާރުކޮށް އެސްފިޔަ ޖަހާލެވުނެވެ. ފޮޓޯގަނޑުގައި ހުރީ ފަސްއަހަރު ކުރިން އެމީހުންގެ ފަހު ބައްދަލުވުން އޮތް ރޭގެ މަންޒަރެކެވެ. ފަނޑުއަލީގައި ނަގާފައިވާ ފޮޓޯގަނޑުގައި ޖަނާ އޮތީ ފިރިހެނެއްގެ އަތްދަނޑި މަތީގައެވެ. ހީވަނީ ނިދިފައި ނޫނީ ޚަބަރު ހުސްވެފައި އޮތް ހެންނެވެ. އަދި އެޒުވާނާގެ ހަރަކާތްތައް ހުރީ ކައިރީގައި ހުރި ފޭލިގެއަށް ޖަނާ ގޮވައިގެން ވަންނަން ދިމާކުރާފަދަ ގޮތަކަށެވެ. އެތަނާއި އެފޭލިގެއަށް ބަލާލުމުން ޖަނާ ރަނގަޅަށް ހަނދާންވިއެވެ. އެއީ އެހެންމީހުންގެ ފޭލިގެތަކާއި ވަކިން ހުރި ދެތަނުން އެއްތަނެވެ. އެކީގައި ގޮސް އުޅުނު ކޮންމެވެސް ޒުވާން ޖޯޑަކަށް ހާއްސަކޮށްފައި ވަކިން ޖެހި ތަނެކެވެ. އަދި އެއަށްވުރެ ބޮޑަށް ހުމާ ހަނދާންވީ ފޮޓޯގައި ޒުވާނާ ލައިގެން އެހުރި ގަމީސް ލައިގެން އެރޭ އުޅުނީ ކާކު ކަމެވެ.
"ރަފާހް!" ފަހަތުން ފިޔަވަޅުގެ އަޑު އިވިގެން ހުމާ އެނަން ކިޔާލުމާއެކު ރަފާހްއަށް މޭޒުމަތީ ރާވާފައި އޮތް ފޮޓޯ ފެނިގެން ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. "އަހަރެން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި ރަފާހް މިގަމީސް ލައިގެން އުޅުނު ހަނދާން. އެހާ ރަނގަޅަށް އިނގުނީ މިގަމީސް ރަފާހްގެ އުފަންދުވަހު ދިނީ އަހަރެން ވީމަ. އެންމެން ހަދިޔާ ދޭތީ ކޮންމެހެން މަޖުބޫރުވެގެން އޭރު މި ހަދިޔާ ކުރީ." ހުމާ ވާހަކަ ދައްކަން އިނދެފައި އިސްއުފުލާލއިރު ލޮލަށް ކަރުނަތައް ބޮނޑިވެފައި ވެއެވެ. ރަފާހް އެވަގުތު ތުންފަތުގައި ދަތް އަޅާލައިފައި އައިސް ހުމާގެ ކައިރީ އިށީންދެ އެއަތުގައި ހިފާލުމުން ހުމާ އަތް ފޮޅުވައިލީ ވިހަގަދަ އެއްޗެއް ކަށި ޖެހުމުން ފޮޅައިލިހެންނެވެ. "ހުމާ އަހަރެންނަށް މާފުކުރޭ. އަހަރެންނަށް މިވާހަކަ ބުނަން ނުކެރުނީ ކުރެވުނު ކުށުގެ ގޮތުން. އެކަމަކު އައި ސްވިއަރ އަހަރެން އެރޭ ޖަނާއަށް އެއްވެސް ކަމެއް ނުކުރަން. އަހަރެން ހަމައެކަނި އެކަން ރޭވިކަން. އައި އޮންލީ ޑްރަގްޑް ހަރ. އެފޭލިގެއަށް ޖަނާ ލައިފަ އެހެން ބަޔަކު އަންނަ އަޑު އިވިގެން ގަސްތަކުތެރެއަށް ވަދެ ފިލާ ހުއްޓާ އެކަނި ނިކުމެގެން ދަނިކޮށް ދެން ފެނުނީ. ދެން އަހަރެންނަށް ނިކުމެވޭވަރު ވުމުން ތެދުވެގެން ހޯދަން ދަނިކޮށް އަހަރެންނަށް ފެނުނީ އެހެން މީހަކު ޖަނާ ކޮނޑުމައްޗަށް ލައިގެން ގޮސް ގަސްތަކުތެރެއަށް ވަންތަން. ދެން ނުކެރުނު ދާކަށް. އެއީ އަހަރެންނަށް އެނގޭ ވަރަކީ." ރަފާހް މޮޅިވެފައި އިނދެގެން މާޒީގެ އެކަޅު ސަފްހާއިން ބައެއް ނިއުޅާލިއެވެ.