"ޖަނާއަށް މިކަން ވާނެތަ؟" ޒަލަފް ވަދެގެން އައިސް މޭޒެއްގެ ދޮށުގައި އިށީންތަން ބަލަން އިނދެފައި ރަފާހް ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ހީކުރީ ފެށުމުގެ ކުރީން ޖަނާ އިސްތިއުފާ ދޭނެ ކަމަށެވެ. އެވަގުތު އޭނާ ހައިރާން ކޮށްލާފައި ޖަނާ ހުސް ތަބައް ހިފައިގެން ފްރިޖް ކައިރިއަށް ޖެހިލައި އެއިން ނެގި ފެންފުޅިއާއެކު ތަށިތައް ބަހައްޓާފައި ހުރި ތަނުން ބިއްލޫރި ތައްޓެއް ލައިގެން ޒަލަފް އިން މޭޒާއި ދިމާއަށް ހިނގައްޖެއެވެ. ގޮސް ހުއްޓުނުއިރު ޒަލަފް ފޯނުގެ ސްކްރީނަށް ބަލަން އިނދެފައި ޖަނާ ތަބައް ހުސްކުރިވަގުތު އިސްއުފުލައިލިއެވެ. "ޖާން؟" ޒަލަފް ހައިރާންވިވަރު އަޑުންވެސް ދޭހަކޮށްދިނެވެ. ޖަނާ ވީހާވެސް އާދައިގެ ގޮތެއް ބަހައްޓަން ކުރިހާ މަސައްކަތް ބޭކާރުކޮށްލީ ޒަލަފްގެ ތޫނު ބެލުމެވެ. ހިތް އަވަސްވެގެން ދިޔަ ހިނދު އަވަސް އަވަސްކޮށް ދެތިންފަހަރު އެސްފިޔަ ޖަހާލެވުނެވެ. އޭނާ، ޒަލަފް ބޭނުންވާ އެއްޗެއް އަހާފައި ނޯޓްކުރަން ތައްޔާރުވިވަގުތު ބުނެލީ ހަމައެކަނި ކޮފީއެއް ގެނައުމަށެވެ. ވާހަކަދައްކަންވެސް ނޫޅެ ބީރަތްޓެއްސެއްހެން ބަލަން އިންގޮތުން ޒަލަފްއަކާ ނުވެސް ގުޅެއެވެ. ޖަނާ އެވަގުތުވެސް ހަނދާންވީ މާކިން މަތިންނެވެ. އެމަޤާމުގައި އިންނަން ޖެހޭނީ މާކިންއެވެ. އަަބަދު ބަސްމަދުވެފައި ބުމަ ކައިރިކޮށްލައިގެން އިންނައިރުވެސް އަންހެންކުދިން މާކިންއާ ހެދި އުޅޭތީ ޖަނާ ހައިރާންވެއެވެ. ލޯއްބަކީ އަޅައިލުމާއި ލޯބި ދިނުމޭ ކިޔާ ބަހައްޓާފައި ރީތިވެއްޖެއްޔާ ހިޓްލަރގެ އުޅުން ހުއްޓަސް ފަހަތުން އުޅޭނެއެވެ. އެފަދަ ކުދިންނަށް އެމީހުންގެ ހަޤީޤީ މޮޔަަކަން އިހްސާސް ވާނީ އެފަދަ ފިރިހެނެއްގެ ރުޅިއާ ކުރިމަތިލާން ޖެހުނީމައެވެ.

ޖަނާ އެނބުރި ދިއުމުން ކައުންޓަރ ކައިރީ ބައިންދާފައި ކޮފީ ތައްޔާރު ކުރަން ވަނީ ހުމާއެވެ. ތަންވަޅު ބަލާފައި ރަފާހް ތެދުވެގެން އެތެރެއަށް ވަނެވެ. "ހުމާ ކައިރީ އަހަރެން ކީކޭ ބުނީ؟" ރަފާހް ދިޔަ ގޮތަށް ގޮސް ހުމާގެ ކައިރިއަށް ހުއްޓިފައި ވާހަކަދައްކަން ފެށިއެވެ. އެކަމަކު ހުމާ އުޅުނީ ޖަވާބު ނުދީ ހުރެގެން ޒަލަފްއަށް ކޮފީ ތައްޔާރު ކޮށްދެވޭތޯއެވެ. "ބުނެބަލަ ނިކަން؟ އަހަރެން ނުބުންނަންތަ ޖަނާއަށް މިތަނުން ވަޒީފާ ނެތް ވާހަަކަ އޭނާއަށް އަންގާށެކޭ.." ހުމާ ރައްދު ނުދިނުމުން ރަފާހް ގާތަށް ރުޅި އައިސްގެން ބާރުބާރަށް އެއަތުގައި ހިފައި ފިއްތައިލިއެވެ. ވީ ތަދުން ލޮލަށް ކަރުނަ ގިނަވި ނަމަވެސް ހުމާ ނުރޯންވެގެން ތުންފަތުގައި ދަތް އެޅިއެވެ. "އަހަންނަކަށް ނުކެރޭނެ ބުނާކަށް. އަދި އަހަރެންނަށް ހެޔޮ ޖާން މިތާ މަސައްކަތް ކުރިއަސް. ރަފާހްއަށް ކަމުނުދަންޏާ ރަފާހްއެއްނު ބުނަން ޖެހޭނީ." ފަހުން ލިބޭނެ އަދަބެއް ނޭނގުނަސް ހުމާ ޖަވާބު ދިނީ ހިތުގައި އޮތް ގޮތަށެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފައި ވަނީ ނަސީބެވެ.ހިތާއި ދެކޮޅަށް ނަމަވެސް ރަފާހްއަށް ވާހަކަ ހުއްޓާލައިފައި ނިކުމެގެން ދިއުމުން ހުމާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

ހުމާ ކޮފީ ޖޯޑު ގެންގޮސް ބެހެއްޓިއިރު ޒަލަފް އިނީ ފޯނެއްގައެވެ. ޖަނާ ކައުންޓަރގައި އިނދެގެން ސިއްރުން ޒަލަފް ހަދާ އެއްޗެއް ބަލަން އިންދާ ކުއްލިއަކަށް އެދިމާއަށް މޫނު އަނބުރާލިއެވެ. ޖަނާ އަވަހަށް ނޫންކަމަށް ހަދާފައި ބަލަން ފެށީ ދުރެވެ.
ޖަނާ މަސައްކަތް ނިންމާފައި އިރު އޮއްސުނު ފަހުން ގެއަށް ވަންއިރު ދީނާ އަކްޔަން ކައިރީގައި ބައިންދައިގެން ސިޓިންރޫމް ސޯފާގައި ކާޓޫން ބަލަން އޮތެވެ. ޖަނާ ފެނުމާއެކު އަކްޔަން ފޮނިވެގެން ދުވެފައި އެދިމާއަށް އައެވެ. "މަންމި ކޮންތާކަށް ދިޔައީ؟ އަކްޔަން މަންމި ނުފެނިގެން." ޖަނާ އެކުއްޖާ އުރާލުމާއެކު އަކްޔަން ޖަނާގެ ކަރުގައި ދެއަތް އަޅުވާލައިގެން އެމޫނަށް ބަލަން އިނދެފައި ޝަކުވާ ކުރިއެވެ. "ކުޑާ ނުބުނޭތަ މަންމި ދިޔައީ ވަޒީފާއަށޭ." ޖަނާ ސުވާލު ކޮށްލުމުން އަކްޔަން ނިކަން ލޯބިކޮށް ހޫމ އަޅުވައިލިއެވެ. "އޯކޭ. އަކްޔަން މަންމި މިބުނާ ވާހަކަ ރަނގަޅަށް އަޑުއަހާ. މިއަދުން ފެށިގެން މަންމި ކޮންމެ ދުވަހަކު ކޮންމެވެސް އެއްގަޑިއެއްގައި ވަޒީފާއަށް ދާނަން. އެގަޑީގައި އަކްޔަން ވާނެ ވަރަށް ބަސް އަހަން. ވަޒީފާގައި އުޅެގެން ފައިސާ ލިބުނީމަ މަންމިއަށް އަކްޔަންގެ ބޭނުންތައް ފުއްދަދެވޭނީ. އަކްޔަން ސުކޫލަށް ގެންދަން ޖެހޭ އެއްޗެއްސާ ، އަކްޔަންއަށް މީރު ކާއެއްޗެހިވެސް ކެއްކޭނީ އޭރުން. އެހެންވީމަ އަކްޔަން ބަސް އަހައިގެން ކުޑާ ކައިރީ ހުންނާނަން ދޯ." ޖަނާ ގޮސް ސޯފާގައި އިށީނުމުން އަކްޔަން އެވާހަކަތައް އަހައިގެން ބޯ ޖަހައިލިއެވެ. ދަރިފުޅުގެ ކިޔަމަންތެރިކަމުން ޖަނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ މޫނު ކައިރިކޮށްލާފައި އަކްޔަންގެ ކޮލުގައި ވަސްގަނެލިއެވެ. އެތަން ބަލަން އޮވެފައި ތެދުވެ ދީނާވެސް ދޮންތަ ފަދައިން ކަންތައް ކުރިއެވެ.

"ދޮންތަ ކައިރީ ބުނިތަ މަންމަ ބަލިވެ އުޅޭ ވާހަކަ؟" ދީނާ ކުއްލިއަކަށް ބުނި ވާހަކައިން ޖަނާ ސިހުނެވެ. "ކިހިނެތްވީ މަންމައަށް؟" އޭނާ އަކްޔަން އަނެއްފަރާތުގައި ބައިންދާފައި ކޮއްކޮއާ ދިމާއަށް އެނބުރުނެވެ. "އަހަރެން ގުޅިތަނާ ބުނީކަނދުރާއަށް ތަދެއް އަރައިގެން އުޅޭ ވާހަކަ. ހެނދުނު ހޭލީއްސުރެ ވެފަ ހުރި ކަމެކޯ. އަހަރެން ކިޔައިފިން މަންމަ ނިދަން އޮތް ގޮތަކުން ވީ ކަމެއް ކަންނޭނގެއޭ." ދީނާ ތަފްޞީލުކޮށްދިނެވެ. "މިހާރު ދެން ކިހިނެތްބާ؟" ޖަނާ ހިތް އަވަސްވެފައި ދަބަހުން ފޯނު ނަގައިގެން މަންމަ ނަންބަރަށް ގުޅައިލިއެވެ. ޖަނާއަށް އެފޯނު ބާއްވަން ޖެހުނީ މަންމަ ޖަވާބު ނުދިނުމުން މާޔޫސްވެ ހުރެއެވެ. ވަގުތުގެ ގޮތުން އޭނާ ދެން ބެލީ އަކްޔަންއަށް ޤުރުޢާން ކިޔަވައި ދީފައި އެކުއްޖާއަށް ކާންދޭށެވެ. ރޭގަނޑު އެގެއަށް ދާން އޭނާއަށްވެސް ފަސޭހައެއް ނުވާނެއެވެ. ޚަބަރެއް ނުވިއްޔާ ހެނދުނުން ބައްދަލު ކުރާނީއެވެ.

މެންދުރު ފަހު ކޮފީއެއް ބޮއިގެން އައިސް ނިދި މީހާ ލޯ ހުޅުވައިލީ އިރު އޮއްސި އަނދިރިވީ ފަހުންނެވެ. ކަނުއަނދިރީގައި އޮވެ ޒަލަފް އެނދުކައިރީ ކަބަޑްކޮޅު މަތީ ހުރި ބޮކި ދިއްލައިލިއެވެ. އާފުރިލާފައި ފޯނު ނަގައި ގަޑި ބަލަން ބެލިއިރު ފުރަތަމަ ފެނުނީ މާކިން ގުޅާފައި ހުއްޓައެވެ. ގަޑިން އޭރު ހަތެއް ޖަހަން ދަނީއެވެ. ޒަލަފް އެނދުން ތެދުވެ މޯޅިއަކަށް ދެމިލާފައި ވަދެ ފެންވަރަން ހުއްޓާ މަންމަ އައިސް ގޮވާއަޑު އިވުނެވެ. 

"މާކް ކަމެއް ނެތިއްޔާ އާދެބަލަ މިގެއަށް ކޮފީއެއް ބޯލަން!" ޒަލަފް ރީތިވާން ހުރެފައި ބޮލުން ވައްޓާލި ޓީޝާޓާއެކު ގުޅީ މާކިންއަށެވެ. ބޭނުންވި ޖަވާބު ލިބުމުން އޭނާ ކޮޓަރިން ނިކުމެގެން އައިސް ސިޑި ކައިރީ ހުރެގެން ގޭގައި މަސައްކަތް ކުރަން އުޅޭ އަންހެންކުއްޖާ ފެނޭތޯ ހޯދައިލިއެވެ. "ހޭލެވިއްޖެ ދޯ ދަރިފުޅަށް." ފަހަތުން މަންމަ ވާހަކަދެއްކި އަޑަށް ޒަލަފް ދިޔައީ ސިއްސައިގެންނެވެ. އޭނާ ކުއްލިއަކަށް އެނބުރި ބަލައިލިއިރު ނާސިހާ އައިސް އަރާ ހަމަވަނީއެވެ. ގޭތެރޭގައި އުޅޭއިރު ބުރުގާ ނަގައި ގަޔަށް ފަސޭހަ ވާނެހެން ކުރުތާއަކާއި ހަރުވާޅެއްގައި ހުންނައިރު 28 އަހަރުވީ ޒުވާން ފިރިހެން ކުއްޖެއްގެ މަންމައަކަށްވުރެ އެއްބަނޑު މީހަކާއި ވައްތަރެވެ. އުމުރުން ދުވަސްވީއިރުވެސް ނާސިހާގެ ދޮން މޫނު އޮމާންވެފައި ލޮލުގެ ވިދުން ގަދައެވެ. ހަށިގަނޑު އެއްވަރެއްގައި ހުންނާތީ އެއުމުރުގެ އެހެން މީހުންނަށްވުރެ ހެލިފެލި އުޅޭއިރުވެސް ހަލުއްވެވެ. "މަންމަ ތިކުރި ކަމަކުން މުޅިން ސިހިއްޖެ. ކީއްކުރަންތަ އަހަރެން ހޯދީ؟" ޒަލަފް މަންމަގެ ކޮނޑަށް އަތް ވައްޓާލައިފައި ވާހަކަދެއްކިއެވެ. "އިޝާ ނަމާދަށް ނުގޮވަނީސް މަަޣްރިބު ނަމާދު ކުރަން ދާށޭ ކިޔަންވެގެން ގޮވީ. ތިދަނީ މިސްކިތަށް ދާންތަ؟" ނާސިހާ ސުވާލު ކުރުމުން ޒަލަފް ހިނިތުންވެލިއެވެ. "މަންމަ ކޮންދުވަހަކުންތަ ކުޑަކުދިންނަށް ކަންތައް ކުރާހެން އަހަރެންނާ ދޭތެރޭ ކަންތައް ކުރުން ހުއްޓާލާނީ. ކޮންމެ ފަހަރަކު ތިގޮތަށް އަހަރެން ހޯދަން ދުވާކަށް އުދަނގުލެއްވެސް ނުވޭތަ؟" ދެމައިން ސިޑިން ފައިބަމުން ޒަލަފް ވާހަކަދެއްކިއެވެ. "ކުޑަކުދިންނާ ދޭތެރޭ ކުރާގޮތަށެއްނު ކުރަން ޖެހޭނީ. އުމުރުން ދޮށިވިއެއް ކަމަކު އަދިވެސް ހަރުދަނާ ވާކަށް ނުވޭވިއްޔަ. ގޭގައި އޮތްކަން ނޭނގޭތީ ހޯދަން ނާދެވުނީމަ މިއަދު އަޞުރުވެސް ނުކޮށެއްނު ތިހުރީ." ނާސިހާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއިރުވެސް އަޑުގައި ހުރީ މަޑުމައިތިރި ކަމެވެ. ޒަލަފް ހިނިގަނޑެއް ޖަހާލައިފައި ނިކުންނަން ދިޔައިރު މަސައްކަތް ކުރާ ކުއްޖާ ފެނިގެން، އިރުކޮޅަކުން ކޮފީއެއް ބޭނުންވާނެ ވާހަކަ ބުނެލިއެވެ.

މާކިން އާއި ބައްދަލުވީ ޒަލަފް މިސްކިތުން އައިސް ގެއަށް ވަންނަން ދިމާކުރި ގަޑީގައެވެ. އެހިސާބުން ދެމީހުން ގެއަށް ވަނީ އެކުއެކީގައެވެ. ނާސިހާއަށް މާކިން ފެނިގެން މާލެ އައީ ކޮންއިރަކުތޯ ސުވާލު ކުރިއެވެ. މާކިން ކުޑައިރުއްސުރެ ގިނަ ވަގުތު އެގޭގައި ހޭދަ ކުރާތީ ނާސިހާ މުޚާތަބު ކުރަނީވެސް ދަރިފުޅާއޭ ކިޔައިގެންނެވެ. ދެން ހުރީ ޒަލަފްގެ ބައްޕަ ނައީމެވެ. ނައީމުއަށް ކަމުދަނީ މާކިންގެ އަހްލާޤެވެ. ހަރުދަނާ ވެފައި އަމިއްލަ މަސައްކަތުން ދިރިއުޅުން ކުރިއަށް ގެންދަން ކުރާ މަސައްކަތެވެ. އޭގެ ބަދަލުގައި ޒަލަފް އަދިވެސް އުޅެނީ ފިކުރެއް ހިޔާލެއް ނެތް ކުޑަކުއްޖެއް ހެން އެއްވެސް ޒިންމާއެއް ނުނަގައެވެ. މަސައްކަތެއްގެ ވާހަކަ ބުނާއިރަށް ފުރަތަމަވެސް ބަލަނީ ފިލައިގެން ދާނެ ގޮތެކެވެ. އޭގެ ބަދަލުގައި ޒަލަފްގެ ދައްތަ ޒީކް މިހާރުއްސުރެ ބައްޕަ ފަދައިން ހުރިހާ ކަމެއްގައި ބައިވެރިވެ ޒިންމާ ނަގަން ފަށައިފިއެވެ. ނައީމުއަށް މައްސަލައަކަށް ވަނީ ޒީކް އަކީ އަންހެންކުއްޖަކަށް ވެފައި މީހަކާއި އިނުމުން ފިރިމީހާގެ ބެލުމުގެ ދަށަށް ދާންޖެހޭ ކުއްޖަކަށް ވާތީއެވެ. 

ނައީމު ފޯނެއްގައި ހުރެގެން ކޮޓަރިން ނިކުތްތަން ފެނިގެން ޒަލަފް އެންމެ އިރުކޮޅަކުވެސް މަޑުކޮށްނުލައި މާކިން ގޮވައިގެން މައްޗަށް ދިޔައެވެ. ބައްޕަ މިހާރަކަށް އައިސް އޭނާދެކެ ހިތްހަމަ ނުޖެހިފައި ހުންނާތީ ޒަލަފް ބައްޕަ ފެންނަ ހިސާބަށް ދާހިތެއް ނުވެއެވެ. ވިވިއަން ކޮފީ ގެންގޮސް ދިނުމުން ދެމީހުން ނިކުމެ ތިބީ ބެލްކަނީގައެވެ. އުޑުގައި ތަރި ގިނަވެފައި މޫނުގައި ލުއި ވައިރޯޅިތައް ބީހިލާއިރު ހިތަށް ފިނިކަން ގެނެސްދިނެވެ. އެކަމަކު ޒަލަފް ހުރީ ބުމަ ކައިރިކޮށްލައިގެން ވިސްނުމަކަށް ގެއްލިފައި ހުރި މީހަކު ފަދައިންނެވެ. ޒަލަފް ނުބުންޏަސް އޭގެ ސަބަބު މާކިންއަށް ވިސްނުނެވެ. އޭނާ އައީ އެންމެ ކުރިއްސުރެ ހާމަ ކުރުމަކާ ނުލާ އެކުވެރިޔާގެ ހިތް އޮތް ގޮތް ދެނެގެން އެހީވި ފަރާތެވެ.

"ޖަނާއާއި ދޭތެރޭތަ ތި ވިސްނަނީ؟" މާކިން އެންމެފަހުން ބުނެލިއެވެ. އިތުރަށް ސިއްރު ކުރުމުގެ ބޭނުން ނެތުމުން ޒަލަފް އެއްބަސްވިއެވެ. އޭނާ އެވަރަކުން މާކިން ގެނައީވެސް އެވާހަކަ ދައްކަންވެގެންނެވެ. "މާކް އަހަންނަަކަށް ނޭނގެ ކީއްވެކަމެއް. އެކަމަކު ޖަނާ ފެނުނީއްސުރެ އަހަރެންނަށް ހަމަ ވިސްނެނީ. މިއޮތް ހުރިހާ ދުވަހު ނުކުރެވުނު އިހްސާސެއް ކުރެވެން ފަށައިފި. އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވެނީ. އެކަމާހުރެ ހިތްހަމަ ޖެހުމެއް ނުލިބޭ. ހިތަށް އަރަނީ ޖަނާ ކައިރިން މާފަށް އެދެންވީއޭ. ހީވޭތަ އޭނަ އަހަންނަށް މާފު ކުރާނެހެން؟" ޒަލަފްގެ ވާހަކަ ނިމިގެން ބަލައިލިއިރު މާކިން ހުރީ ތިރި ބަލަހައްޓައިގެންނެވެ. އޭނާގެ ކުރިމަތީ ޒަލަފް އެތައް އަންހެން ކުދިންނަކާއި ގުޅުން ބާއްވައި ފޫހިވުމުން ދޫކޮށްލިއެވެ. އެކަމަކު ޖަނާ އެއީ އެގޮތަށް އޭނާ ދެރަދިން ފަހުން އެކުއްޖެއްގެ ވާހަކަ ދުލާއި ހަމައަށް ގެނަ ފުރަތަމަ އަންހެންކުއްޖާއެވެ. ފަސްއަހަރުފަހުން ޒަލަފްއަށް ފުރަތަމަ ފަހަރަށް ބަދަލެއް އައީ ހެއްޔެވެ؟

"އެހާ ގިނަ ދުވަސް ފަހުން ފެނުނީމަ ވީގޮތެއް ކަންނޭނގެއެއްނު. ފެނި ފެނި އާދައަކަށް ވީމަ ރަނގަޅު ވެދާނެ. އެކަމަކު މަޢާފަށް އެދުމަކީވެސް ގޯހެއް ނޫން. ޒަލަފް މަންމަ ބުނާ ވާހަކަ ހަނދާން އެބަހުރިތަ؟ މާފު ކުރާ މީހާއަށްވުރެ މަޢާފަށް އެދޭމީހާ ހެޔޮކަންބޮޑޭ." މާކިން އެމާހައުލުގެ ސީރިއަސްކަން ނައްތާލަންވެގެން ނާސިހާގެ ވާހަކަ ބުނުމުން ޒަލަފް ހިނިގަނޑެއް ޖަހައިލިއެވެ. "ތެދެއް ތިބުނީ. އެހާ ދުވަސް ފަހުން ކުއްލިއަކަށް ފެނުނީމަ ވީގޮތެއް ކަމަށް ވާނީ. ދެން އެވާހަަކަ ދައްކައިގެން ޖަނާވެސް ރުޅި ކަންނޭނގެ އަންނާނީ. އަޅާނުލާ." ޒަލަފް ރައްދު ދިންއިރު މާކިން ބަލައިލިއެވެ. މިހާރު އެޖަވާބު ދިނީ އޭނާ ދަންނަ ޒަލަފްއެވެ. 

"އަދި ހަނދާން ނެތިފަ މިހުންނަނީ. މަރީ ބުނި ކުލާހަށް ލައިދޭން ދާންވާނެއޭ. މާކް މަޑުކޮށްލާ އަންނާނަން އޭނަ ވައްޓާލައިފަ." ޒަލަފް ކުއްލިއަކަށް ހަނދާންވެގެން އަވަހަށް އެތެރެއަށް ވަނެވެ. ކޮފީ މަގު ހުރި ގޮތަށް ބަހައްޓާފައި ސެންޓް ބުރުވާލައިގެން އޭނާ ނިކުންނަން ދިޔައިރު މާކިން އެނބުރި ބަލަން ހުރެފައި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެއިރަކު ރަތްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ ހިތް އެކީ މިލްކު ކުރުމަށްޓަކައި ޒަލަފް ކޮންމެކަމެއްވެސް ކޮށްފާނެއެވެ. އެކަމަކު އެއީ ފޫހިވަންދެންނެވެ. ޒަލަފް ގޮސް ގެއްލުމުން މާކިން އަނެއްފަރާތަށް އެނބުރިފައި ކޮފީ ކޯވަރެއް ރަހަ ބަލާލުމާއެކު އުޑަށް ނަޒަރު ހުއްޓާލިއެެވެ. އެވަގުތު އެއުޑުން ފެންނަމުން ދިޔަ އެތައް ހާސް ތަރިއެއްގެ ތެރެއިން އޭނާގެ ސިކުނޑީގައި ފަސް އަހަރު ކުރީގެ ހަނދާންތައް އާވެގަތެވެ.
*****

ޓެންޓް ތެރޭ އޮވެ ނުނިދިގެން މާކިން ނިކުމެ ވެލިގަނޑުގައި ޖައްސާލިއިރު އުޑުގައި ތަރިތައް ގިނަކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އިރުކޮޅަކުން މޫނުގައި އައިސް ބީހުނު ލުއި ވައިރޯޅިއާއެކު ހިތްގައިމު ސެންޓެއްގެ ވަސް ނޭފަތުގައި ހަރުލިއެވެ. "ޖަނާ؟" މާކިން އަށް ވަގުތުން ކިޔައިލެވުނެވެ. ބޯދަށުގައި އޮތް އަތް ނަގާފައި ތެދުވެ އިށީންއިރު ކަމަކު ދާކަށް ނެތެވެ. ޖަނާ މިހިރަ އައިސް ކައިރިވީއެވެ. "ކޮބާ ޒަލަފް؟ ނިދީތަ؟" މާކިން ހީކުރިގޮތަށް ޖަނާ އެހީ ޒަލަފްގެ ވާހަކައެވެ. އޭނާ ޖަނާ ހުއްޓުވަން ވެގެން ބޯ ޖަހާލުމުން ޖަނާ ދިޔައީ ޓެންޓާއި ހައްތަހާ ކައިރިއަށެވެ. މާކިން ފުންމައިގެން ތެދުވެފައި ގޮސް ޖަނާ އަތުގައި ހިފުމުން ސިއްސައިގެން ގޮއްސައި އެނބުރި ބަލައިލިއެވެ. "ކަލޭތީ އަހަރެންގެ މޫނު ފެނުނަސް ރުޅި އަންނަ މީހެއްނު. ކީއްކުރަން އަތުގަ ތިހިފީ؟ ދޫކޮށްލާ!" ޖަނާ ކަޅި އަޅާލުމުން މާކިން އަނެއްފަރާތަށް މޫނު އަނބުރައިލި ނަމަވެސް އަތުން ދުލެއް ނުކުރެއެވެ. "ޒަލަފް ބޮލުގަ ރިއްސާތީ އުޅެފަ ނިކަން އުދަނގުލުން ނިދީ. އެހެންވެ މިބުނަނީ ނުގޮވާށޭ." މާކިން އިތުރު ދޮގެއް ހަދައިލިއެވެ. އޭނާ ހީކުރީ ޖަނާ، އެވާހަކަ ބުނުމުން ފަސްއެނބުރި ހިނގައިދާނެ ކަމަށެވެ. އެކަމަކު އަތުން ދޫކޮށްލިހާއިރުން އަނެއްކާ ޖެހީ ކުރިއަށެވެ. މާކިން އަނެއްކާވެސް އެއްލި އަތުން ޖަނާ ހުއްޓުވުމުގައި ކާމިޔާބު ހޯދިއެވެ. "ކިހާ ދެރަކަމެއް މާކިން. މިބުނީނު ދޫކޮށްލާށޭ. އޭނަ ބަލިވެ އޮންނައިރު އޭނައަށް އަހަރެންގެ އެހީ ބޭނުންވާނެ. އަހަރެން މިދަނީ ޒަލަފް ހޭލައްވާކަށް ނޫން. އޭނަގެ ބޯ މޮޑެލަދޭން." ޖަނާގެ ވާހަކަ ހުރިގޮތުން ކުރި ނުލިބޭނެކަން އެނގިގެން މާކިން އެއަތުން ދޫކޮށްލުމާއެކު ބާރު ބާރަށް ގޮސް ޓެންޓްގެ ޒިބު ކަހާލައިފައި އެތެރެއަށް ބޯދިއްކޮށްލައިފިއެވެ. އެވަގުތު މާކިންއަށް އިސްޖަހާލައިފައި ދެއަތް ކޮށްޕައިލެވުނީ ލައިގެން ހުރި ޖިންސްގެ ޖީބަށެވެ. 

"މާކިން....!!!!" ޖަނާ އެނބުރި އައިސް ބާރުބާރަށް ހަޅޭތްލަވައިގަތެވެ. "ކޮންކަމެއް އަހަރެންނަށް ފޮރުވަން ތި މަސައްކަތް ކުރަނީ؟ ބުނޭ ޒަލަފް ވީތަން. ކީއްވެ އަހަރެންނަށް ދޮގު ހެދީ؟" ޖަނާ ރުޅިގަދަވެފައި ދެއްކި އެއްވެސް ވާހަކައަކަށް މާކިން ޖަވާބެއް ނުދެއެވެ. ބަލަން ހުރެލާފައި އޭނާ އަނެއްފަރާތަށް އެނބުރި ތަންކޮޅަކަށް ދިޔަފަހުން ޖަނާގެ ޚަބަރެއް ނުވެގެން ބެލިއިރު ވަދެގެން ދާތަން ފެނުނީ ގަސްތަކުތެރެއަށެވެ. އެވަގުތު މާކިން ކަންބޮޑުވީ އެއަނދިރި ގަސްތަކު ތެރެއަށް ޖަނާ އެކަނި ވަދެގެން ދާތީއެއް ނޫނެވެ. އެކަމަކު އެގަސްތަކު ތެރެއިން ފެންނާނީ ކޮން މަންޒަރެއްކަން އެނގޭތީއެވެ. އަތްނުފޯރާ ހިސާބަށް ނުދަނީސް އަދިވެސް ކަންކަން ބަދަލު ކުރެވިދާނެ ކަމުގައި ނިންމައިގެން އޭނާ ޖަނާ ދިޔަ ދިމާއަށް ދުއްވައިގަތެވެ. ތަންކޮޅަކަށް ދިޔަ ފަހުން ފެނުނީ ހުއިގަނޑުމަތީ ޖަހާފައި ހުރި ޓެންޓް ކައިރީ ޖަނާ ގަބުވެފައި ހުއްޓައެވެ. އެތެރޭގައި ދިއްލާފައި ހުރި ބައްތީގެ އަލީގައި އަންހެނަކާއި ފިރިހެނެއްގެ ހިޔަނި ހަރަކާތްތެރި ވަމުން ދިޔައެވެ. މާކިން ގޮސް ޖަނާ ފުރަގަހަށް ހުއްޓުނުއިރު ޓެންޓްގެ ޒިބު ކޮންމެވެސް ވަރަކަށް ތިރިވެފައި ހުރި ތަންކޮޅުން އެތެރޭ އުޅޭ މީހުން ރީތިކޮށް ފާހަގަވިއެވެ.
*****

"ތި އައީތަ؟" ޒަަލަފް އެނބުރި އައިސް ދޮރު ހުޅުވާލިއަޑަށް މާކިންގެ ހިޔާލުތައް ވިއްސި ވިހާލިވެގެން ދިޔައެވެ. ހުސްވެފައި ހުރި މަގު ހިފައިގެން އޭނާ އެތެރެއަށް ވަދެފައި ޑްރެސިން ޓޭބަލް މަތީ ހުސްތަންކޮޅެއްގައި ބެހެއްޓިއެވެ. ބައްޕަ ގުޅާތަން ފެނުމުން ފަހުން އަންނާނެ ވާހަކަ ބުނެފައި ދެން އެނބުރުނީ އެގެއިން ނިކުންނާށެވެ.

ހުމާގެ އެދުމުގެ މަތިން ޖަނާ ޖެހިގެން އައި ދުވަހު ހެނދުނު ނިކުންނަން ތައްޔާރުވިއެވެ. ޖަނާ ކޮފީ ތައްޓެއް ބޯލައިގެން ދީނާ ނިކުންނަން ވާއިރަށް ޓޯސްޓް ހެދިއެވެ. ހެނދުނު ގުޅާލިއިރު މަންމަ މުޅިން ރަނގަޅުކަން އެނގުމުން އަކްޔަން އެގެއަށް ގެންދަން ހަމަޖެއްސިއެވެ. ދީނާ ނިކުމެގެން ދިޔަތަނާ އަކްޔަންވެސް ލޯ އުނގުޅަމުން ކޮޓަރިން ނިކުތެވެ. ޖަނާ އެކުއްޖާ ފެންވަރުވާ ރީތިކޮށްލައިފައި ބުއްތައްޓެއް ދީގެން ގެންގޮސް އެގެއަށް ލިއެވެ. ނިކުންނަން ދަނިކޮށް މަންމަ ފުއްމޮޑެން ހުރެފައި ދޮންބައްޕައަށް ގޮވާލަ ބަލާށޭ ބުނުމުން އޭނާ ޖެހިލުންވެ ހުރެ ގޮސް އެކޮޓަރީ ޓަކި ދިނުމުން ޖަވާބެއް ނައެވެ. ދޮރު ހުޅުވާލިއިރު ފެންނާކަށް ނެތެވެ. ޖަނާ ސުވާލު އުފެދިފައި ސިޓިން ރޫމަށް އަންނަނިކޮށް ފަޔާޒް ވާހަކަދައްކާ އަޑު އިވުނުހެން ހީވީ މާކިންގެ ކޮޓަރިންނެވެ. އޭނާ ދެކޮޅު ހޯދައިލައިފައި ގޮސް ކައިރިވެލީއިރު ދޮރު ހުރީ މުޅިން ނުލެއްޕި ކައިރިކޮށްލައިފައެވެ. އަދި އެތެރޭގައި ފަޔާޒް ހުރެގެން ދެއްކި ވާހަކަ އަހާފައި ޖަނާ ހައިރާންވެގެން ލޯ ބޮޑުކޮށްލިއެވެ.

ކޮމެންޓް 0