ބޯޓުން ފައިބައިގެން ބިމުގައި އެޅި ފުރަތަމަ ފިޔަވަޅާއެކުވެސް ޖަނާގެ ސިކުނޑީގައި ހިޔާލުތައް ބުރު ޖަހައިލި އެވެ. މީގެ ފަސް އަހަރު ކުރީގެ ހަނދާންތަކެވެ. ތުއްތު އަކްޔަން ތިރީގައި ބަހައްޓާފައި ދެއަތުން ޓްރޯލީ ދުއްވަމުން އަންނަ މީހުން ނިކުންނަ ދޮރުން ނިކުތްއިރު އަކްޔަންވެސް އޭނާގެ ހެދުމުގެ ފަސްބައިން ތަންކޮޅެއްގައި ހިފައިގެން އެއްވަރަށް އައެވެ. ނަސީބަކުން ގިނައިރެއް ނުވެ، ބަލާ އައިސް ތިބި މަންމަ އާއި އަންހެން ކޮއްކޮ ފެނިއްޖެއެވެ. ޖަނާ ގޮސް ކައިރިއަށް ހުއްޓުމުން މަންމަގެ ފަރާތުން ފެނުނީ އޭނާ އުންމީދު ނުކޮށް ހުރި އަމަލެކެވެ. ހުއްދައަކާވެސް ނުލައި އެހުރިހާ މީހުން ތެރޭ މަންމަ އޭނާ މޭގައި ޖައްސައިލީއެވެ. ފަސްއަހަރު ދުވަހުގެ ދިގު މުއްދަތު ތެރޭގައި މަންމައަށް އޭނާ ނެތްކަމުގެ ފަޅުކަން މާބޮޑަށް އިހްސާސް ކުރެވުނީ ކަމަށް ވެދާނެއެވެ. އެއާއި ޚިލާފަށް އޭނާ ހެދި ބޮޑުވެގެން އައި ދުވަސްވަރު މަންމަ އަބަދުވެސް އަވަދިނެތި އުޅުނީ ފިރިންނާއި ދޮންދަރިން ރުއްސުމުގައެވެ. ބައްޕަ ނިޔާވިފަހުން މަންމަ އިތުރަށް ދެ ކައިވެންޏެއް ކޮށް މިހާރު އިނދެގެން އުޅެނީ ތިންވަނަ މީހާ އާއެވެ. ފަހު ކައިވެނި ކުރިއިރު ޖަނާ ހުރީ ބޭރުގައެވެ. ކަން މިހެން ހުރުމުން އޭނާއަށް ދޮންބައްޕަ އާއި މިއަދު ބައްދަލު ވެވޭނީ ފުރަތަމަ ފަހަރަށެވެ.

"އަކްޔަން ލޯބިކަން. ފޮޓޯއަށްވުރެވެސް މާ ރީތި. ހީވަނީ ހަމަ ބޭރު ކުއްޖެއްހެން." ސޯޅައަހަރުގެ ކޮއްކޮ ދީނާއަށް އަކްޔަން ފެނިގެން އުރާނުލައެއް ނުހުރެވުނެވެ. އޭނާ އަކްޔަންގެ ފަންފަން މުށި އިސްތަށިގަނޑާއި ކުޅެމުން ދެއްކި ވާހަކަ އިވިގެން ޖަނާ މަންމަ އާއި ދުރަށް ޖެހިލައިފައި ހިނިތުންވެލިއެވެ. ފަސްއަހަރު ތެރޭ ކޮއްކޮވެސް ޒުވާން އަންހެން ކުއްޖަކަށް ވެއްޖެއެވެ. އަބަދު ކޮނޑާއި ހަމައަށް ކޮށާލައިފައި އޮންނަ ފަން އިސްތަށިގަނޑު މިހާރު އޮތީ ފުދޭވަރަކަށް ދިގުކޮށެވެ. ފަސް ފޫޓުގެ އިސްކޮޅާއި އެކަށީގެންވާ ލޫޅާފަތި ހަށިގަނޑަކާއި އަލި މޫނެކެވެ.

ކާރުގައި ގެއަށް ދިޔަ މަގުމަތީ މަންމަ ކިޔައިދިނީ ޖަނާ ހުންނަން ހަމަޖެހިފައިވާ ތަންކޮޅު އަދި މުޅިން ތައްޔާރު ނުވާ ވާހަކަ އާއި އިރު އޮއްސެން ވާއިރަށް ބަދަލު ވެވޭވަރު ވާނެ ކަމުގައެވެ. ބައްޕަ ނިޔާވުމަށްފަހު މަންމަ ފަހަރަކު މީހަކާއި އިނދެގެން ދެއަންހެން ކުދީންވެސް އުޅުނީ މަންމަގެ ކައިރީ އެކި ފަހަރު އެކި ގޭގައެވެ. އޭރުއްސުރެ ބައްޕައަށް ލިބުނު ތަންކޮޅު ހުރީ ކުއްޔަށް ދީފައެވެ. އެހާ ކުއްލިއަކަށް އަންނަ ވާހަކަ ބުނުމުން މަންމައަށްވެސް ބުނި ދުވަހަށް އެތަން ތައްޔާރު ނުކޮށް ނުދެވުނީއެވެ. ޖަނާ ޝަކުވާއެއް ނުކުރެއެވެ. ދެތިން ގަޑިއިރަކީ އެސްފިޔަ ޖަހާލާހައި ހިނދުން ފާއިތުވެދާ އެއްޗެކެވެ.

ގޯޅިގަނޑެއް ކައިރިއަށް ކާރު މަޑު ކުރުވާފައި މަންމަ ކުރީގައި ނިކުތެވެ. ޖަނާ އަކްޔަން އުރާލައިގެން ނިކުމެ އެކުއްޖާ ތިރީގައި ބެހެއްޓުމުން ދީނާ އަކްޔަން އަތުގައި ހިފާލައިލިއެވެ. އަލަށް ބައްދަލުވި ބަޔަކާއި ބަލާފައި އަކްޔަންގެ އަމަލުތައް ހުރީ އެކުވެރިކޮށެވެ. އެހެންނޫންނަމަ ޖަނާ ޖެހޭނީ އެކުއްޖާ މަތަ ނުވެގެން އުޅޭށެވެ. ޑްރައިވަރ ފޮށި ބާލައި ދިނުމުން ޖަނާ އޭގެ އަތްގަނޑުގައި ހިފާ ދަމަމުން މަންމަގެ ފަހަތުން ގޯޅިގަނޑަށް ވަދެގެން ދިޔައެވެ. ޖަނާ ފަދައިން އަކްޔަންވެސް ޝައުޤުވެރިވެފައި އެތަން މިތަން ހޯދިއެވެ. އެއަށްފަހު އެމީހުން އެތަނުން ދޮރެއް ހުޅުވާލައިފައި ސިޑިން އަރައިގެން ދެވަނަ ބުރީގައި ހުރި އެޕާޓްމެންޓަކަށް ވަދެއްޖެއެވެ. މާބޮޑު ނޫނަސް ސާފުތާހިރު ރީތި ތަންކޮޅެކެވެ. ފުދޭވަރެއްގެ ސިޓިންރޫމްއަކާއި ބަދިގެއެއްގެ އިތުރުން ތިންކޮޓަރި ހުއްޓެވެ. 

"ކޮންބައެއް އުޅެނީ މިގޭގައި؟" ޖަނާ ފޮށި ބަހައްޓާފައި ސޯފާގައި އިށީންނަމުން ސުވާލު ކުރިއެވެ. "ޖަނާގެ ދޮންބައްޕަ އާއި ދޮންބައްޕަގެ ފިރިހެން ދަރިފުޅު." ޝަރުމީލާ ޖަވާބު ދީފައި ގޮސް ބަދިގެއަށް ވަނެވެ. އިރުކޮޅަކުން އެނބުރި އައީ އެދެމައިންނަށް ޖޫސް ހިފައިގެންނެވެ. "އަކްޔަން ނުބޯނެ ޖޫހެއް." ޖަނާ ޖޫސްތަށީގައި ހިފާފައި އޮޅުންފިލުވައި ދިނެވެ. އޭނާ ކޯވަރެއް ރަހަ ބަލާލައިފައި މަންމަ ކުރި ސުވާލުގެ ޖަވާބުގައި އަކްޔަންއަށް ބުއްތައްޓެއް ހަދައިދޭން ބުނެލިއެވެ. ދީނާގެ އުނގުގައި އަކްޔަން އިންލެއް މަޑުމައިތިރި ކަމުން ޖަނާ ހިތްހަމަ ޖެހުނެވެ. ދީނާ ލޯބިން ކުރި ކޮންމެ ސުވާލަކަށް އެ ތުއްތު އަޑުން ކޮންމެވެސް ޖަވާބެއް ދެއެވެ. 

"މަންމަ ބުނިންތަ ދީނާ ކައިރީ؟" ޝަރުމީލާ އެނބުރި އައުމުން ޖަނާ އެހިއެވެ. އެއަޑަށް ދީނާ ސުވާލު އުފެދިފައި މަންމަގެ މޫނަށް ބަލައިލި ގޮތުން އޭނާއަށް ޖަވާބު ލިބުނެވެ. މަންމަ އަދިވެސް ނުބުނަނީއެވެ. "އަހަރެން މަންމަ ކައިރިން އެދުނީ ދީނާ އަހަރެންނާއެކު އަހަރެންގެ ގެއަށް ބަދަލުު ވާން. އަކްޔަން ގޮވައިގެން އުޅޭއިރު އެހެން މީހެއްގެ އެހީއަށް އަހަރެން ބޭނުންވާތީވެ. ކީކޭ ބުނަނީ؟" ޖަނާ ކޮއްކޮގެ މޫނަށް ބަލައިލުމުން ހަތަރުކަޅި ހަމަވެފައި ވީ މަދު ސިކުންތުކޮޅު ދީނާ ހިނިތުންވެލީ އުފަލުންނެވެ. "މަންމަ ޤަބޫލިއްޔާ އަހަރެން ހަމަ ހޭވައްލާ ތައްޔާރު." ދީނާ ދެން ބަލައިލީ މަންމަގެ މޫނަށެވެ. "އެހެންވިއްޔާ ތި ނިމުނީ. މަންމަގެ މައްސަލައެއް ނެތް." މަންމައަށްވުރެ ކުރިން ޖަނާ ބުނެލިއެވެ. 

ހީކުރިވަރަށް ވުރެވެސް އަވަހަށް ތަން ތައްޔާރުވުމުން ޖަނާމެން އެތަނަށް ދާން ނިކުތްއިރު ފިރިހެނަކު ސިޑިން އަރައިގެން އައިސް ދޮރާއި ހަމަވީއެވެ. "ޖަނާ؟ ފަޔާޒް. ދަރިފުޅުގެ ދޮންބައްޕަ." މަންމަ ތައާރަފް ދިނުމުން ޖަނާ ކުރިމަތީ ހުރި އިސްކޮޅުން ދިގު މީހާއަށް ރަނގަޅަށް ބަލައިލިއެވެ. އޭނާއަށް ކުރިން ދިމާވި އެންމެންނަށްވުރެ ފަޔާޒް ހިތްހެޔޮވާނެ ކަމަށް ހިތް ބުނެލީ ތުންފަތުގައި ކުޅެލަ ކުޅެލާ ހުރި ހިނިތުންވުމެވެ. ބޮލުގައި މަދު އަދަދަކަށް ހުދު އިސްތަށި ހުރި ނަމަވެސް އަތްދިގު ގަމީހާއި ފަޓްލޫނުގައި އުމުރަށްވުރެ ޒުވާންކަމަށް ދައްކައެވެ. "އެތައް ދުވަހަކަށްފަހު އެންމެ ފަހުން ބައްދަލު ވެވުނީ މި. މަންމަ ވަރަށް ކިޔާ ޖަނާގެ ވާހަކަ." ފަޔާޒް ސަލާމަށް އަތް ދިއްކޮށްލުމުން ޖަނާއަށް ދެކޮޅެއް ނުހެދުނެވެ. އޭނާ ފަޔާޒް އާއި ސަލާމް ކޮށްލަމުން ލުއި ހިނިތުންވުމެއް ތުންފަތަށް ގެނައެވެ. ފަޔާޒް އެވަގުތު ގުދުވެފައި އަކްޔަންއާ ވާހަކަދައްކަން ފެށުމުން ޖަނާއަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. ޝަރުމީލާ ހިނިތުންވެފައި ހުރީ ނުހަނު އުފާވެރި ގޮތަކަށެވެ. އެމީހުން އެނިކުންނަނީ ދާންވެގެން ކަން އެނގުމުން ފަޔާޒްވެސް އެހިސާބުން އަތުގައި އޮތް ދަބަސް އެތެރެއަށް ލައިފައި ޝަރުމީލާ ބަންދުކޮށްފައި ހުރި ދެ ފޮށިގަނޑު ތިރިއަށް ގެންގޮސް ދިނެވެ. ކާރު އައުމުން ދެއަންހެން ކުދިން ފޮނުވާލައިފައި އެހިސާބުން ގެއަށް ވަނީ ދެމަފިރީން އެކީގައެވެ.

"ދޮންބައްޕަ ހީވަނީ ވަރަށް ރަނގަޅުހެން." އެމީހުން ލޯމަތިން ގެއްލުމުން ޖަނާ ދީނާއަށް ބުނެލިއެވެ. ދީނާ ބޯ ޖަހައިލީ އެވާހަކައަށް ބާރު ދިނުމުގެ ގޮތުންނެވެ. އޭނާ އެވަގުތު ސުވާލު ކުރަން ބޭނުންވީ ދޮންތަގެ ކައިވެނި ރޫޅުނު ސަބަބާ ބެހޭ ގޮތުންނެވެ. މަންމަ ފަރާތުން އެކަން އެގުނީއްސުރެ ހިތް އޮތީ އެސުވާލަށް ޖަވާބު ހޯދަން ބޭނުންވެފައެވެ. ދޮންތަ ފުރައިގެން ދިޔައީވެސް އެގޮތަށް ކުއްލިއަކަށް ކަމުގައި މަންމަ ކިޔައިދިނެވެ. އެއަށްފަހު ފަސް އަހަރު ވަންދެން ހާހަކުން ފަހަރަކު ނޫނީ ޚަބަރެއް ވެ ނުލައި އުޅެފައި މިއަދު އަނެއްކާ ކުއްލިއަކަށް ފުރައިގެންވެސް އައީއެވެ. ދޮންތަގެ އެ މަޑުމައިތިރި މިޒާޖުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ފޮރުވިފައިވާނެ ކަމުގައި ދިނާގެ ހިތް ބުނެއެވެ. 

އެމީހުން ކާރު މަޑުކޮށްފައި ފޮށިގަނޑުތައް ބާލަން މަޑުކޮށްލައިގެން ތިބިއިރު މަގުގެ އަނެއް ފަރާތުގައި ހުރި އަންހެން ކުއްޖަކު އެމީހުންނަށް ވަރަށް ބެލިކަން ދީނާއަށް ފާހަގަވިއެވެ. އޭނާ ޖަނާ ކައިރީ އެވާހަކަ ބުނަން އުޅެފައި އެހިޔާލު ދޫކޮށްލީ ގެއަށް ވަންނަން ދިމާ ކުރީމައެވެ. ޑްރައިވަރ ފޮށިތައް ގެންގޮސް ތިންވަނަ ބުރިއަށް އަރުވައި ދިނުމުން ޖަނާ އުފަލާއެކު ޝުކުރު އަދާކުރިއެވެ. އެކަން އެގޮތަށް ކުރުވަން ވެގެން ޝަރުމީލާ އެމީހުން ފޮނުވީވެސް ރަތްޓެއްސެއްގެ ކާރުގައެވެ.

"ދޮންތާ؟ ކޯއްޗެއް ތި ވިސްނަނީ؟" އެޕާޓްމެންޓްގެ ދޮރު ހުޅުވާލައިފައި އެޅި ދެތިން ފިޔަވަޅާއެކު ޖަނާ ހުއްޓިފައި ހުރުމުން ދީނާ ގޮވައިލިއެވެ. ޖަނާ އެއަޑަށް ސިިހިފައި އެނބުރި ބަލައިލަމުން ކަމެއް ނުވެއޭ ބުނެލިއެވެ. އޭނާ އަކްޔަން އަތުގައި ހިފައިގެން ގޮސް ބަދިގެ އާއި ދެކޮޓަރި ބަލައިފައި އެނބުރި އައިސް ސިޓިންރޫމް ސޯފާގައި އިށީންއިރު ދީނާ އިނީ ތިރީގައި ކުޑަ ކަކޫ ޖަހާލައިގެން އެތަނުން ފޮށިގަނޑެއް ކަނޑާށެވެ. ދީނާ ބުނީ އެތަނުން އެއް ފޮށިގަނޑުގައި ހުންނާނީ މަންމަ ގޭގައި ބޭނުން ކުރަން ފޮނުވާފައި ހުރި ބައެއް އެއްޗެހި ކަމުގައެވެ. އަދި އަނެއް ފޮށިގަނޑުގައި އެއީ ޖަނާ ކިޔަވަން އުޅުނު ނިކަން ލޯބިން ފޮރުވައިގެން ގެންގުޅުނު އެއްޗެހިތަކެއް މަންމަ ރައްކާކޮށްފައި ބެހެއްޓި ފޮށްޓެކެވެ. ދީނާ ކަނޑާލި ފޮށިގަނޑު ހިފައިގެން ބަދިގެއަށް ދިއުމުން ޖަނާ އަނެއް ފޮށިގަނޑު ހިފައިގެން ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ފޮށިގަނޑު ކައިރީ ކުޑަކަކޫ ޖަހާލައިގެން ޓޭޕްތައް ނައްޓަން ފެށުމުން އަކްޔަންވެސް ނިކަން ޝައުޤުވެރިވެފައި އެއީ ކޯއްޗެއްތޯ އާއި އޭގައި ހުންނާނީ ކޯއްޗެއްތޯ އަހަމުން ތިރީގައި ދެފައި ވަށްކޮށްލައިގެން އިނެވެ. ޖަނާ ދަރިފުޅަށް ޖަވާބެއް ދީފައި ފޮށިގަނޑު ހުޅުވާލި ގޮތަށް އޭގައި ހުރި ފޮތްތަކާއި ޕޯސްޓްކާޑް ތަކާއި އެއްޗެހި ބަލަމުން ދަނިކޮށް ފޮޓޯ ފްރޭމެއްގައި އަޅައިގަތެވެ. ފްރޭމް ނަގައި އަނެއް ފުށަށް ޖަހާލިއިރު އެއީ ޒުވާންދެ އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން އެކީ ނަގާފައި އިން ފޮޓޯއެކެވެ. އަދި އެތަނުން އެކަކީ ޚުދު އޭނާއެވެ.

ފޮޓޯގައި އިން މޫނުތަަށް ކަޅި ހިންގާލުމާއެކު ސިކުންތު ކޮޅެއްގެ ތެރޭގައިދެލޯ ފެންކަޅި ވެގެން އައެވެ. ފަސް އަހަރު ކުރީން އޭނާގެ އެންމެ ގާތް އެކުވެރީންގެ ތެރޭގައި ހިމެނުނު އެމީހުން މިހާރު ވީ ހިސާބެއްވެސް ނޭނގެއެވެ. ކުރަނީ ކީއްކަމެއް އަދި އެމީހުންގެ ދިރިއުޅުން ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ލަފާ ކޮށްލާކަށްވެސް ނޭނގެއެވެ.
******

ހަވީރު ގަޑިއަށް ބައިގިނަ ކޮށްލުމުން ރެސްޓޯރެންޓް ތެރޭ ހުސްވެފައި އަނގަތަޅާލަން ތިބި މީހުން އަވަހަށް ހިންދެމިލައިފައި މަސައްކަތަށް އެނބުރުނެވެ. ކައުންޓަރ ގައި އިށީން ޒުވާނާއަށް ދޮރުން ވަދެގެން އައި އަންހެންކުއްޖާ ފެނިގެން ބަލަން އިންދާ އޭނާ އައިސް ކުއްލިއަކަށް ބުނެލީ އަތުގައި ވިކައި ގަތުމަށެވެ. "އެ ކީއްކުރަން؟" ޒުވާނާ ހައިރާންވިއެވެ. "މިބުނީނު. ރަފާ ދެން ސުވާލު ނުކޮށް ވިކާލަބަލަ!" އަންހެންކުއްޖާ އާދޭސްކުރާ ރާގަށް އެދުނެވެ. ރަފާހް އެވަގުތު ދެފަރާތް ބަލައިލާފައި ނިކަން ބާރަށް އެއަތުގައި ވިކައިލުމުން މުޅިތަނުގައި ތިބި އެންމެން ސަމާލުކަން ގެނުވާހާ ބާރަށް ހަޅޭތްލަވައިގެންފައި އެކަން ވިސްނިގެން އަނގަމަތީ އަތް އަޅައިފިއެވެ. ""ނުބުނަމެއްނު ތިހާ ބާރަށް ވިކާށެކޭ." އަންހެންކުއްޖާ އަނގަމަތީން އަތް ނުނަގައި ހުރެގެން ޝަކުވާ ކުރިއެވެ. "ހުމާވެސް ނުބުނަމެއްނު ވިކަން ވީ ބާރުމިނެއް." ރަފާހް ގާތަށް ހިނި އައިސްގެން މުށްކަވާލި އަތްތިލަ އަނގަމަތީ އަޅައިލިއެވެ. "އެންމެރަނގަޅޭ ދެން. އަހަރެން ވިކާށޭ ބުނީ މިފެންނަނީ ހުވަފެނެއްބާއޭ ހިތަށް އަރައިގެން. އެކަމަކު މިހާރު ޔަޤީންވެއްޖެ އަހަންނަށް އެ ފެނުނީ ހަޤީޤީ މަންޒަރެއްކަން. ރަފާއަށް އިނގޭތަ އަހަންނަށް ދެންމެ ޖަނާ ފެނިއްޖެ." ހުމާ އަތްތިރިކޮށްލާފައި ތަފްޞީލު ކޮށްދިނެވެ. އެއަޑު އަހާފައި ރަފާހް އިނީ ހިނދު ކޮޅަކަށް ލޯ ބޮޑުކޮށްލައިގެންނެވެ. 

"ކައިރީގައި ހަތަރެއް ނޫނީ ފަސް އަހަރަށް ދާ ކުޑަ ފިރިހެންކުއްޖަކުވެސް ހުރި. ޖަނާ އެކޮޅަށް ގޮސް މެރީ ކުރީ ކަންނޭނގެ ދޯ." ހުމާ އިތުރަށް ކިޔައިދިނެވެ. ރަފާހް ވިސްނަން އިނދެފައި ކުރިމައްޗަށް އައިސް މަޑުކޮށްލި މީހާއަށް ޚިދުމަތް ދޭން ފެށުމުން ހުމާ ދުރަށް ޖެހިލާފައި ބަދިގެ ފަރާތުން އެމީހުން އުޅޭ ގެއަށް ވަދެވެން ހުންނަ ދޮރު ހުޅުވާލައިފައި ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. އޭނާ ހުއްޓިވެސް ނުލައި ގޮސް ކޮޓަރިއަށް ވަދެ ރީތިވާ މޭޒުގެ ވަތްގަނޑުން ނެގި އަލްބަމްއެއް ހުޅުވާލައިގެން އިށީންދެލީ އެނދުގައެވެ. ދެތިން ހަތަރު ގަނޑެއް އެއްލި ފަހުން ހުމާގެ އަތުގެ ހަރަކާތް ހުއްޓާލެވުނީ ކުރިމަތިން ފެންނަން ހުރި ފޮޓޯތަކުގެ ސަބަބުންނެވެ. އެއީ ފަޅު ރަށެއްގެ ގޮނޑުދޮށުގައި ރޯކޮށްފައިވާ އަލިފާންގަނޑެއްގެ ކައިރީ ތިބި ޒުވާން ޤުރޫޕެއްގެ ފޮޓޯއެވެ. އެއީ ޖަނާ އާއި އޭނާ އެންމެ ފަހުން ބައްދަލުވި ރޭ ނެގި ފޮޓޯތަކެވެ. އެފޮޓޯތައް އޭނާއަށް ލިބުނުއިރު ޖަނާ ފުރައިގެން ދިޔަތާ މަހެއްވަރު ވެއްޖެއެވެ. 

"ހުމާ! ހުމާ!" ފޮޓޯގަނޑަށް ބަލަން އިންދާ ހުމާގެ ކަންފަތުގައި ޖަނާގެ އަޑު ހަރުލިހެން ހީވިއެވެ. ދެން މަދު ސިކުންތުކޮޅެއް ވީއިރު އޭނާގެ ހިޔާލުތައް ގުޅިގެން ދިޔައީ އެރޭގެ ބައެއް ހަނދާނާއެވެ. އެއީ އެމީހުން އޭލެވެން ނިންމާފައި އެކުގައި އުޅުނު ހުރިހާ ކުދިން ރާވައިގެން ދިޔަ ދަތުރެކެވެ. ރޭވާ ގޮތަށް ދިޔަ މި ދަތުރުގައި އެންމެން ރާވައިގެން ތިބީ އަލިވިލޭންދެން ނުނިދާ ކޮންމެވެސް ސަކަރާތެއްގައި ވަގުތު ހޭދަ ކުރުމަށެވެ. އެކަމަކު ހުމާއަށް ވީ ގޮތަކީ ދުވާލު މާބޮޑަށް ސަކަރާތް ޖެހުމުން ވަރުބަލި ވެެގެން ނިދުނީއެވެ. އޭނާއަށް ދެން ހޭލެވުނީ ޖަނާ އައިސް ގައިގައި ކޮށްޓަނިކޮށެވެ. ލޯ ހުޅުވާލިއިރު އަދި ޖަނާ ރޮނީކަމެއް ނޭނގުނެވެ. "ހުމާ ޒަލަފް.... ޒަލަފް....." ޖަނާއަށް ވާހަކަ ނުދެއްކިގެން ކުއްލިއަކަށް ރޯން ފެށުމުން ހުމާ ފުންމައިގެން ތެދުވެފައި ޖަނާ ގޮަވައިގެން ޓެންޓުން ނިކުތްއިރު ރަފާހްވެސް ދުރުން އައިސް އެދެމީހުންނާއި އަރާ ހަމަވީއެވެ. ވެގެން އުޅޭ ގޮތެއް ސާފުކޮށްދިނުމަށް އެދުމުން ޖަނާ ތަކުރާރުކޮށް ކީ ޒަލަފްގެ ނަމެވެ. ދެން ކުއްލިއަކަށް ދުއްވައިގެންފައި ގޮސް ލޯމަތިން ގެއްލުމުން ދެމީޙުން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ވީ ގޮތެއް އޮޅުން ފިލުވަން އެމީހުން ޒަަލަފް ހޯދަން ގޮސްގެން އެއްވެސް ތާކުން އެރޭ ޒަލަފްއެއް ނުފެނުނެވެ. ރަށް ބޮޑުވެފައި އެކި މީހުން އެކި ތަނުގައި ވުމުން ޒަލަފްގެ ކައިރިއަށް ފޯރާވަރެއް ނުވިއެވެ. އެދެމީހުން ކޮންމެވެސް މައްސަލައެއް ޖެހުނީ ކަމަށް ބަލާފައި ހެނދުނުން ބައްދަލުވެގެން ވާހަކަ ދައްކާނީ ކަމަށް ބުނެފައި އެރޭ ދެމީހުން އެހިސާބުން ވަކިވީއެވެ.

ފޯނު ރިންގް ވާއަޑަށް ހުމާއަށް ހޭވެރިކަން ވެގެން ފޯނަށް ބަލައިލިއިރު ރަފާހް މެސެޖް ކޮށްފައި އޮތީ ކަސްޓަމަރުން ގިނަވެގެން އޭނާ އެތަނަށް ދިއުމަށެވެ. ހުމާ އަވަހަށް އަލްބަމް އޮތްތަނަށް ލައިފައި ނިކުމެގެން ދިޔައެވެ.

ކޮމެންޓް 0