"ކިހިނެތްވީ؟" އައިޒަން އައިސް ސުވާލު ކުރީ މުސްކާން އޮށޯވެ އޮތް ބީޗްގޮނޑީގެ އެއްފަރާތުގައި އިށީންދެފައެވެ. "ކީއްވެ ތިހެން ތިއެހީ؟" މުސްކާން މަސައްކަތް ކުރީ ނުބުނެވޭތޯއެވެ. ރޭ ފެނުނު ފާޑެއްގެ ހުވަފެނަކާއިހެދި އޭނާ އައިޒަންގެ ރައްކާތެރި ކަމާމެދު ކަންބޮޑުވެގެން އުޅޭކަން އަންގާކަށް ބޭނުމެއް ނުވިއެވެ. އެއިރުން އައިޒަންގެ މޫޑު ގޯސްވެ ދަތުރުގެ މަޖާ ކެނޑިދާނެއެވެ. މުސްކާންއަށް ވެގެންވިއްޔާ އައިޒަންގެ މޫނުން މިހާރު ފެންނަން އެހުރި އުފާވެރި ހިނިތުންވުން ފިލުވާލާކަށް ބޭނުމެއް ނޫނެވެ. އައިޒަން ޖެހޭނީ އަބަދުވެސް އުފަލުގައި ހުންނާށެވެ. "އަހަރެންނަށް ފަތަން ނޭނގެއޭ ބުނެފިއްޔާ ޤަބޫލު ކުރާނަންތަ؟" މުސްކާން ވިސްނާލައިފައި އެންމެފަހުން ވާހަކަދެއްކިއެވެ. "ފަތަން ނޭނގޭ ބައިވަރު އަންހެން ކުދިން އުޅޭ." އައިޒަންއަށް އެއީ ކަމަކަށް ނުވިއެވެ. އޭނާ މުސްކާން އަތަށް ދަމާލަމުން ތެދުވެފައި ބުނެލީ އޭނާ މުސްކާން ރައްކާތެރިކޮށްދޭނެ ކަމުގައެވެ. މުސްކާންގެ ހިތް އިތުރަށް އަވަސްވީ އެވަގުތުއެވެ. އައިޒަން ފެންނަ ފެނުމަށް ކިތަންމެ ރަނގަޅަށް ހުއްޓަސް އެހަށިގަނޑުގައި އެވަރުގެ ބާރު ނުހުންނާނެކަން މުސްކާން ދަނެއެވެ. އެކުގައި އުޅޭއިރު ވެވުނު ވަރަކުން އައިޒަންއަށް އެހީވުމަށްޓަކައި އޭނާ ލޭގެ ކެންސަރާއި ބެހޭ މައުލޫމާތުތައް އެއްކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފަހު ސްޓޭޖްގެ ބޮޑެތި އަލާމާތްތައް އަދި ނުފެނުނަސް އައިޒަންގެ ހަށިގަނޑުގައި އެހެން ފިރިހެނުންގެ ބާރެއް ނުހުންނާނެއެވެ. ނުދާންވެގެން މުސްކާން ދެފަރާތަށް ބޯ ހޫރާލުމުން އައިޒަން އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. އޭނާ ހީކުރީ އޭނާ ދެކޮޅު ހެދުމުން އައިޒަންވެސް މޫދަށް ނޭރޭނެ ކަމަށެވެ. ނަސީބަކުން ކަންތައްވީ މުސްކާން އުންމީދު ކުރި ގޮތަށެވެ. އެންމެން މޫދުގައި މަޖާ ކުރިގަޑީ އޭނާ އެކަނިމާއެކަނި ވެލިގަނޑުގައި ބައިންދާފައި ދާކަށް އައިޒަންގެ ހިތެއް ނުރުހުނެވެ.

"އިނގޭތަ ބިރުފިލާނީ ކުރިމަތިލީމަ." ކައިރިން އައިޒަން ވާހަކަދެއްކި އަޑަށް މުސްކާން ބަލައިލިއިރު ދާދި ކައިރީގައި ހުއްޓެވެ. ބޮލަށް ހޫނުވާނެތީ ތޮފި އަޅާލައިގެން ހުރުމުން ފެންނަލެއް ސްމާޓެވެ. މުސްކާން ލުއި ހިނިތުންވުމެއް ވެރިކޮށްލައިފައި އަތުގައި ހިފާލުމުން އައިޒަންވެސް ކައިރީގައި އިށީންދެއްޖެއެވެ. އެކަމަކު ލީވާންގެ ސަކަރާތް ބޮޑު ކަމުން އެތާގައި ހަމަޖެހިލާނެ ފުރުސަތެއް ނުދިނެވެ. ލީވާން އެދެމީހުން ތެންމަން ފެންއުކަން ފެށުމުން ދެމީހުން ސަލާމަތްވާންވެގެން ދުވެފައި ދިޔައީ އެއްގަމަށެވެ.

އެރޭ މުސްކާންއަށް ވަރަށް ފަސޭހައިން ނިދުނެވެ. އޭނާ ނަމާދުކޮށްލައިގެން ވަރުބަލި ފިލުވާލަން އެނދުގައި ޖައްސާލިތަނާ ލޯމެރުނީ ކިހިނެތްކަމެއްވެސް ނޭނގުނެވެ. އައިޒަން ކާންވެގެން މުސްކާން ހޯދަން އައިސް ކޮޓަރީގައި ޓަކި ޖަހާލައިފައި އިރުކޮޅެއް ވަންދެން އިންތިޒާރު ކުރުމަށްފަހު ތަޅުގައި ހިފާލިއިރަށް ނިކަން ފަސޭހައިން ހުޅުވުނެވެ. އެތެރެއަށް ބޯދިއްކޮށްލިއިރު މުސްކާން ބަންޑުން ކަހަލަ ގޮތަކަށް ނިދިފައި އޮތް ގޮތް ފެނުމުން އޭނާއަށް ބަލަން ހުރެވުނެވެ. ކައިރިއަށް ގޮސް ގުދުވެލާފައި ކޯތާފަތުގައި ބޮސްދެމުންދިޔަ އިސްތަށިކޮޅެއް ދުރުކޮށްލަ ދިނުމުން ނިދީގައި ތުންކޮޅަށް ހަދައިލި ގޮތް އައިޒަންއަށް ކަމުދިޔައެވެ. އޭނާ ދުރަށް ނުދާންވެގެން އެތާހުރި ގޮނޑިއެއް އަނބުރާލައިގެން އިށީންދެ އިނީ ލެނގޭބައިގައި ހުރަހަށް ބާއްވާލި ދެއަތުގައި ދަތްދޮޅި ވިއްދާލައިގެންނެވެ. ފަރިވަމުން އަންނަ މުސްކާންގެ ޒުވާންކަމަށް ބަލަން އެހެން އިނދެ އުމުރު ހުސްވިއަސް އޭނާ ފޫހިވާނެ ހެނެއް ހިއެއްނުވެއެވެ. ޤުދުރަތުން ދެއްވާފައިވާ ސާދާ ރީތި ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މުސްކާންގެ އަހްލާޤެވެ. އެއޯގާތެރިކަމާއި އަޅާލުން ބަހައްޓާ މިންވަރެވެ. އެހެންނޫންނަމަ އޭނާފަދަ މަރާއި ހަނގުރާމަ ކުރަމުންދާ ފަރާތަކާއި ގުޅެން ޤަބޫލު ވާނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ މުސްކާން ލިބިފައިނުވާ ނިޢުމަތެއް ނެތެވެ. ލޯބިވާ އާއިލާއަކާއި ތަނަވަސް ދިރިއުޅުމެކެވެ. ތޫނުފިލި ވިސްނުމާއި ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމުގެ ފުރުސަތެވެ. އެހުރިހާ ކަމެއް އެހެން ހުރިއިރު އަނެއްކޮޅުން އޭނާ އެދެފިނަމަ ލޯއްބަށް ފުރަގަސްދޭނެ ފިރިހެނަކު ނުހުންނާނެއެވެ. އެކަމަކު މުސްކާންގެ އަމަލުތައް ހުރިގޮތް ދެކެބަލާށެވެ. އެކުގައި ހޭދަކުރާނެ ދުވަސްތަކަކީ އަނބުރާ ލިބުމެއްނެތް ބޭކާރު ދުވަސްތަކެއްކަން އެނގި ހުރެވެސް މުސްކާން އެހުރީ އޭނާގެ ލޯބީގައި ފިދާވާން ތައްޔާރަށެވެ. ދުނިޔޭން މިއަށްވުރެ ތެދުވެރި، ތޯހިރު ލޯއްބެއް ފެންނާނެ ހެއްޔެވެ؟

އަރާމު ނިންޖަކުން ނިދާލައިފައި އޭގެ އިރުގަނޑެއް ފަހުން މުސްކާން ލޯ ހުޅުވާލިއިރަށް ކުރިމަތިން އައިޒަން ފެނުމުން އޭނާ ހިނިތުންވެލީ އެއީ ލޯދައްކާލި ވަހުމެއް ކަމަށް ހީކޮށްގެން އޮވެއެވެ. އައިޒަންގެ ލޮލުން ނީރާލައިފައި ހުރި ކަރުނަތިކި ފާހަގަ ނުވަނީސް އަވަހަށް ފުހެލާފައި "ހެލޯ" އޭ ބުނެލުމުން ސިއްސައިގެން ގޮއްސައި ފުންމައިގެން ތެދުވެ އިށީންދެއްޖެއެވެ.

"އަޒް މިތާގަ؟" މުސްކާން ލައިގެން ހުރި ހެދުމަށް ދަމާ އެއްވަރުކޮށްލާފައި ބޮލުގެ އިސްތަށިގަނޑުގައިވެސް އަތް ފުނާ އަޅައިލިއެވެ. އައިޒަން އެތާ އިނީ ކިހާ އިރަކުން ފެށިގެން ކަމާމެދު ސުވާލު އުފެދިފައި އޭނާ ކަންބޮޑުވިއެވެ. ނިދިފައި އޮވެގެން އޭނާއަށް އުޅެވުނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. ބައެއްފަހަރު ނިދީގައި ހީ، ވާހަކަ ދައްކާ ކަމަށް މަންމަ ބުނެއެވެ. "އިރުކޮޅެއް ވެއްޖެ. އަހަރެން އައީ ކާންވެގެން މުސްކާން ބަލައި. ހިނގާ ދާން!" އައިޒަން ލުއި ހިނިތުންވުމަކާއެކު ކޮޅަށް ތެދުވިއިރު އޮޅުންފިލުވައިދިނެވެ. މޫނު ދޮވެލައިގެން އަންނާނަމޭ ކިޔާފައި މުސްކާން ފާޚާނާއަށް ވަދެލުމަށްފަހު ނިކުތްއިރު އައިޒަން ހުރީ ބޭރުގައެވެ. ދެޒުވާނުން އަތާއި އަތް ގުޅުވާލައިގެން މަގު ދިގަށް ގޮސް އަތިރިމައްޗަށް ނިކުތްއިރު ނިކަން ރީތިކޮށް ޑިޒައިން ކޮށްފައިވާ ވަށައިގެން ވައިވަންނަ ރެސްޓޯރެންޓެއްގައި ކެވޭނެ އިންތިޒާމު ހަމަޖެހިފައި ހުއްޓެވެ. ވަށްކޮށް އަރާމު ސޯފާތައް ބަހައްޓާފައިވާ މޭޒު ދޮށުގައި ހުރީވެސް ރަތް އުއްބައްތީގެ އައްޔެވެ. އޭރު އެހެން މީހުން ކައި ނިމިގެން ގޮސް ތިބީ ދުރުގައި ހުރި ހަމައެކަހަލަ މައިޒާނެއްގެ ދޮށުގައި ކޮފީ ބޯށެވެ.

"މިރޭ އިލެވެން އެހާއިރު ހަނދުއަރާނެ. ވާނެ ދޯ ބީޗްގަ ހިނގާލަން ދާން!" ވޭޓަރު އައިސް ތަށިތަކުގެ މަތި ނަގައި ކެވޭނެހެން ތައްޔާރުކޮށްދިންއިރު އައިޒަން ބުނެލިއެވެ. މުސްކާން ބޯޖަހާލައިފައި ބަލައިލީ އަތުކުރީ ގަޑިއަށެވެ. އެގާރަ ޖަހަން ދެން ގިނައިރެއް ނެތެވެ. ކިތަންމެ މީރުކޮށް ކެއުން ހުރި ނަމަވެސް އައިޒަން ކެއިލެއް ކުޑަކަން މުސްކާން ފާހަގަ ކުރިއެވެ. ބޭނުންވިއަސް ބާރު އަޅާކަށް ނުކެރުނެވެ. އައިޒަން އެހެން ކަންތައް ކުރާނީ އޭގެ ފަހަތުގައިވާ ކޮންމެވެސް ސަބަބަކާ ހުރެކަން ޔަޤީންވިއެވެ. އެބަލީގެ ފަހުކޮޅަށް ދާން ފަށާއިރު ކާހިތްކެނޑޭކަން އޭނާއަށް އެނގެއެވެ.

އައިޒަން ބުނިފަދައިން އެގާރަ ޖެހިއިރަށް ހަނދު އަރައިގެން އަންނަން ފެށިއެވެ. މަންމަމެންގެ ހުއްދަ ހޯދައިގެން އެޒުވާން ޖޯޑު ގޮނޑުދޮށަށް ފައިބައިގެން ދާން ފެށިއިރު އަތާއި އަތް އޮތީ ލާމެހިފައެވެ. ދޮންވެލީގައި ހިނގާހިތުން މުސްކާން ހުރީ ދެފައިވާންކިބަ އަނެއް އަތަށް ނަގައިގެންނެވެ. އައިޒަން ފުރަތަމަ ފެށިއިރު ފައިވާން ވެލިގަނޑަށް ދޫކޮށްލައިފިއެވެ.

ގޮނޑުދޮށަށް ބީއްސަމުންދިޔަ ކުދި ރާޅުތަކުގެ މިއުޒިކީ އަޑުން މާހައުލު ފަޅުފިލުވަމުން ދިޔައިރު ހަނދުގެ ރިހިއަލީން މުޅިތަން އޮތީ ރިހިކޮށްފައެވެ. ވެލިގަނޑުމަތީ ދުވެދުވެފައި އުޅޭ ކިރު ކަކުނިތައް ފެނިގެން މުސްކާން ބައެއްފަހަރު ކުރިއަށް ދާން ފަސްޖެހިލައެވެ. ފިޔަވަޅު އެޅި ވަރަކަށް އޭއްޗިހިން ދުރަށް ދުވެގޮސް ހޮރަށް ވަންނަނީ ނަސީބެވެ.

"ވަރުބަލިވެއްޖެތަ؟ ހިނގާ އިށީންނަން!" ވަކި ހިސާބަކުން މުސްކާން ސުވާލު ކުރިއެވެ. "ޖައްސާލަންވީ ކަންނޭނގެ. މިހާރު އާދެވިއްޖެއެއްނު ފުދޭވަރަކަށް ދުރަށް." އައިޒަން އެއްބަސްވެފައި ތިރީގައި އިށީންނަންވެގެން މުސްކާން އަތުން ދޫކޮށްލިއެވެ. ފައިވާން އެއްފަރާތުގައި ބަހައްޓާފައި މުސްކާން ދެފައި ދަމާލައިގެން އިށީނުމުން އައިޒަން ކުއްލިއަކަށް އުނގުގައި ބޯއެޅުމުން އޭނާގެ މެއަށް ފިނިވެގެން ދިޔައެވެ. އެކަމަކު އައިޒަން ދުރަށްލާކަށް ހިތެއް ނުރުހުނެވެ. އަވަސްވެފައިވާ ހިތަކާއެކު މަޑުމަޑުން އައިޒަންގެ މޫނާއި ބޮލުގައި ދެއަތުން ހިފާލިއިރު އެތޫނު ދެލޯ ހުރީ ސީދާ އޭނާގެ މޫނަށެވެ.

"މިރޭ ތެދުވެގެން މިދަނީ އަހަރެންގެ ވަރަށް ހާއްސަ ހުވަފެނެއް." ބަލަން އޮވެފައި އައިޒަން އިސްވެ ވާހަކަދެއްކިއެވެ. ސުވާލު އުފެދިފައި މުސްކާން ނިތްއަރުވައިލި ނަމަވެސް ވާހަކައެއް ނުދެއްކިއެވެ. "އަހަރެން ވަރަށް ލޯބިކުރަން ހަނދުވަރު އައްޔަށް. އަބަދުވެސް ބޭނުންވޭ އަހަރެންގެ ހަޔާތަށް އަންނަ އެންމެ ހާއްސަ އަންހެންކުއްޖާ އަތުގައި ހިފާލައިގެން ހަނދުވަރު އަލީގައި މިކަހަލަ ހިތްފަސޭހަ ބީޗެއްގައި ހިނގާލަން. އަދި މިރޭ އެކަން ހާޞިލްވެގެން މިދަނީ." އައިޒަން އުފަލާއެކު އޮޅުންފިލުވައިދިންއިރު މުސްކާންގެ ތުންފަތަށްވެސް ހިނިތުންވެރިވިއެވެ. އައިޒަންއަށް އުފަލެއް ދެވުމަށްވުރެ މޮޅުކަމެއް އޭނާއަކަށް ނުކުރެވޭނެއެވެ. "ހިތަށް އަރާ މިކަހަލަ އެތައް ފުރުސަތެއް ލިބޭނެ ނަމައޭ. ދެރައީ އަހަރެން ކިތަންމެ ބޭނުންވިއަސް މި ފުރުސަތަކީ އަހަރެންނަށް މަދުން ލިބޭނެ އެއްޗަކަށް ވާތީ." އައިޒަން ދެން ބުނެލި ޖުމްލަ އަހާފައި މުސްކާން މެއަށް ގުޑުން އަރައިގެން ދިޔައިރު ކުއްލިއަކަށް އަތް އެޅުނީ އައިޒަން އަނގަމަތީގައެވެ. އޭނާ ދެބުމަ ކައިރިކޮށްލައިގެން އިނދެ އެހެން ނުބުނާށޭ ބުނާފަދައިން ދެފަރާތަށް ބޯ ހޫރާލިއިރު ލޮލަށް ކަރުނަ ގިނަވިއެވެ.

"އަޒް ބޭނުމިއްޔާ ކޮންމެ މަހެއްގެ ހަނދުއަރާ ރޭތައް އަހަރެން އަޒްއާއެކު މިކަހަލަ ކޮންމެވެސް ތާކު ހޭދަކުރަން ތައްޔާރު." މުސްކާން ރައްދު ދިން ގޮތުން އައިޒަން އެއަތް ދުރުކޮށްލާފައި އަނެއްކާވެސް ހިނިތުންވެލިއެވެ. މުސްކާން ދޭނީ އެފަދަ ޖަވާބެއްކަން އޭނާއަށް ކުރިންވެސް އެނގެއެވެ. އޭނާ އުފާކޮށްދިނުމަށްޓަކައި މުސްކާން ކޮންމެފަދަ ހިސާބަކަށްވެސް ހިނގައިދާނެ ކަމާމެދު އޭނާ ޝައްކެއް ނުކުރެއެވެ.

"އެހެންވިއްޔާ މުސްކާން އެންމެ ގަޔާވަނީ ކޮންކަހަލަ ކަންތައްތަކެއް؟" އައިޒަން އިރުކޮޅަކުން މައުޟޫ ބަދަލުކޮށްލިއެވެ. "އަހަރެން... އަހަރެންވެސް ވަރަށް ގަޔާވާ ކަމެއް މީ ހަނދުވަރުއަލީގައި ބީޗަށް އައުން. ދެން އަހަރެން އެންމެ ގަޔާވަނީ ގޮނޑުދޮށުގައި ރެދަންލާފައި ހުންނަ ވަގުތު އައިސް ރެދަނާއި ކުޅެން. އަޒް ދުށިންތަ ރެދަން ލައިފަ ހުއްޓާ. އިޓްސް ހެވެންލީ." ޖަވާބުދިންއިރު މުސްކާން އިނީ ހަމަޖެހިފައެވެ. އައިޒަން ނޫނެކޭ ބުނުމުން މުސްކާން ޝައުޤުވެރިވެފައި ކިޔައިދޭން ފެށީ އެކުވެރިއެއްގެ ރަށަށް ގޮސް ހުރި ދުވަސްވަރެއްގައި ރެދަން ބަލަން ދިޔަ ރޭގެ ވާހަކައެވެ. އެމަންޒަރުގެ ހިތްގައިމު ކަމާއި ރީތިކަން ކިޔައިދީފައި އެއްރެއަކުން އައިޒަން ގޮވައިގެން ރެދަން ބަލަން އަންނާނެ ކަމަށް ވަޢުދުވިއެވެ.

ބާރަ ޖަހަން ކައިރިވެފައި ހުއްޓާ ނާޝިދު ގުޅާފައި ނިދަން އަންނަން ބުނުމުން ދެޒުވާނުން ކިޔަމަންތެރިކަމާއެކު އައެވެ. އެހިސާބުން އެކަކުނ އަނެކަކަށް ވަދާޢު ކިޔާފައި ކޮންމެ މީހަކުވެސް ނިދަންވެގެން އެމީހެއްގެ ކޮޓަރިއަށް ވަދެއްޖެއެވެ. އެނދުގައި އޮށޯތްނަމަވެސް މުސްކާންގެ ނިދި ވަނީ އޭރު ލޮލާއި ރުޅިވެފައެވެ. އިރާކޮޅު ނިދުނީމައި ކަމަށްވެސް ވެދާނެއެވެ. ފޮތިގަނޑު ކަހާލައިގެން ހަނދާއި ދިމާއަށް ބަލަން އޮތްއިރު އައިޒަންގެ ވާހަކަތައް ކަންފަތް ދޮށުގައި ތަކުރާރުވިއެވެ. އަބަދު އެކުގައި އުޅޭއިރުވެސް މަދުން ނޫނީ ހިތަށް ނާރާ ވާހަކައާމެދު ފުންކޮށް ވިސްނުނީ އެހެން އޮވެއެވެ. އައިޒަން ބުނި ފަދައިން މިރީތި ރޭތައް ވަގުތީ އެއްޗަކަށް ވެގެން ނިމިގެން ދިއުމުން ވާނީ ކިހިނެތް ހެއްޔެވެ؟ ވަކިވުމުގެ ވަގުތު އައުމުން އޭނާ ކެތްކުރާނީ ކިހިނެތް ބާވައެވެ. ހިތަށް ކުރި ފުން އަސަރަކުން އޭނާ އެހީއަށް އެދި ދަންނަވަން ބޭނުންވީ ހެއްދެވި ފަރާތުގައެވެ. އިތުރު ވަގުތު ބޭކާރުނުކޮށް ވުޟޫކޮށްލައިގެން ދަމު ނަމާދު ކުރުމަށްފަހު ދެއަތް ނަގައި ހެއްދެވި ފަރާތުގައި ދެންނެވީ އައިޒަންގެ އުމުރު ދިގުކޮށްދެއްވުމަށެވެ.

ހެނދުނުގެ ނާސްތާއަށް އެންމެން އެއްވެ ތިބީ ކޮޓަރިތަކުގެ މެދުގައި އޮތް ފަތާފެންގަނޑެއްގެ ކައިރީ ބަހައްޓާފައި ހުރި ވަށް މޭޒެއްގެ ދޮށުގައެވެ. ނަން ހުސްކޮށް ތަފާތު ބާވަތްތައް މޭޒުމަތީ އަތުރާފައި ހުއްޓަސް އައިޒަންގެ އާދައިގެ މަތިން އޭނާ ކެއީ މޭވާ ކޮޅަކާއެކު ދެން ޖޫސްތަށްޓެކެވެ. އައިޒަން އެހާ އަވަހަށް ނިންމާލި ތަން ފެނިގެން މުސްކާންވެސް ތެދުވިއެވެ. "އައްދޭ ހާދަ އަވަހަކަށް މުސްކާން ތި ނިންމައިލީ؟" މުސްކާން ހިނގައިގަތްއިރު ސަނާ ސުވާލުކުރިއެވެ. އޭނާ ޖަވާބުދޭން ވެގެން ފަސްއެނބުރި ބަލަމުން ފިޔަވަޅަ އަޅާލެވުނު ގޮތަކުން ފައި އަރިއަޅައިލީ ނުވިސްނާ ހުއްޓައެވެ. ނަތީޖާއަކަށް ވީ މުސްކާންއަށް އެހަށިގަނޑު ނުހިފޭއްޓިގެން ދާދި ކައިރީ އޮތް ފެންގަނޑަށް ވެއްޓިޖެހުމެވެ. ސަލާމަތްވާން ތެޅިތެޅި އޮތްވާ ހަތްބޮކި ޖަހާފައި މުޅިކުއްޖާ ދިޔައީ އަޑިއަށެވެ. އޭރު ސަނާއާ ނާޝިދު އޭނާއަށް ގޮވާ އަޑު ކަންފަތުގައި ހަރުލިއެވެ. އަދި ކޮންމެވެސް މީހަކު އޭނާ ސަލާމަތް ކުރަން އެފެންގަނޑަށް ފުންމާލިކަން އެނގުނެވެ.

މުސްކާންއަށް ހޭވެރިކަން ވީއިރު އޭނާ ވަށާލައިގެން ތިބި އައިޒަން އާއިލާގެ އިތުރުން އެތާގައި މަސައްކަތް ކުރާ ޑޮކްޓަރ ކައިރީގައި އިނެވެ. އޭނާ ލޯ ހުޅުވާލިތަން ފެނިގެން އެންމެން އެކަކު އަނެކަކަށް ބަލާލިއިރު ޑޮކްޓަރ ކުޑަކޮށް ގުދުވެފައި ކުދި ކުދި ސުވާލުތައް ކުރިއެވެ. މުސްކާން ޖަވާބު ދިނުމުން އެތާތިބި މީހުންނަށް އޭނާގެ ހާލު ރަނގަޅު ކަމުގެ އުފާވެރި ޚަބަރު ދީފައި ތެދުވެގެން ދިޔައިރު ނާޝިދު އެކުގައި ދިޔައެވެ. އެހިސާބުން އައިޒަން އަވަހަށް މުސްކާންގެ މަގަތުގައި އިށީންދެފައި އަތުގައި ހިފާލިއިރު ލޮލުގައިވި ކަންބޮޑުވުން ފެނިގެން މުސްކާންގެ ހިތަށް ތަދުވިއެވެ. ކަމަކާ ނުލާ އޭނާއަށް އައިޒަން ހާސްކޮށްލެވުނީއޭ ހިތަށް އެރިއެވެ.

"ކަންބޮޑުނުވޭ އަޒް. އަހަރެން ރަނގަޅު މިހާރު. ފަތަން ނޭނގޭތީ މާބޮޑަށް ބިރުގަތީމަ ޚަބަރު ހުސްވީ. ޑޮކްޓަރވެސް ބުންޏެއްނު އެހެން." މުސްކާން ތެދުވެ ބާލީސް ތަކުގައި ލެނގިލާފައި ހިނިތުންވެ ވާހަކަދެއްކިއެވެ. އެދެމީހުންނަށް ފުރުސަތު ދީފައި ސަނާއާ ލީވާން ނިކުމެގެން ދިއުމުން އައިޒަން ބަލާކަށް ނީނދެ އޭނާ ގެންގޮސް ޖައްސާ ބާރުކޮށްލީ މޭގައެވެ. "އަހަރެން ހާދަ ބިރެއްގަތޭ މުސްކާންއަށް ކަމެއް ވެދާނެތީ." އައިޒަން އޭނާ ވަށާލައިގެން އިނދެ ކަންފަތް ދޮށުގައި ކިޔެވެ. ދުރަށް ދާން ބޭނުން ނުވެ އިނދެ އެމޭގައި މޫނު ފޮރުވާލިއިރު މުސްކާންގެ ހިތުގައި ކުރިން އޮތް ނުތަނަވަސްކަން ފިލިއެވެ. އެއީ ރޭ ފެނުނު ހުވަފެނުގެ ޝިކާރައަކަށް އައިޒަން ނުވެ އޭނާ ވީތީއެވެ. އައިޒަންއަށް ކަމެއް ވީނަމަ އޭނާއަށް ވާނީ ކިހިނެތް ހެއްޔެވެ؟

ގެއަށް ދިޔައިރަށް މުސްކާންގެ ބޭބެ އޭނާ ހައިރާންކޮށްލީ ވަޒީފާއިން ލިބުނު ފުރަތަމަ މުސާރައިން ގަނެދީފައި އޮތް ފޯނު ދައްކާފައެވެ. މުސްކާން ވީ އުފަލުން ބޭބެއަށް ޝުކުރު އަދާކޮށްފައި ފޯނު ހިފައިގެން ކޮޓަރިއަށް ވަދެ ފުރަތަމަވެސް މެސެޖް ކޮށްލީ އައިޒަންގެ ނަންބަރަށެވެ. އިރުކޮޅެއް ނުވެ އައިޒަން ގުޅިއެވެ. ގެއަށް އައިސް އަރާމުކޮށްލަން ކޮޓަރީގައި އޮތް ވާހަކަ ބުނުމުން މުސްކާން ގިނައިރުނުކޮށް ބޭއްވިއެވެ. އޭނާ ފެންވަރާލައިގެން ދެން ދިޔައީ ސުކޫލަށެވެ.

އިއްޔެއާއި އިއްޔެރޭގެ ހުރިހާ ވަގުތެއްހެން އައިޒަންއާއެކު ހޭދަ ކުރުމަށްފަހުވެސް ހަވީރު ސުކޫލުން އާދެވުނުއިރު މުސްކާންއަށް އިހްސާސްވީ އައިޒަން ނުފެންނަތާ ޤަރުނެއްވެފައިވާ ހެންނެވެ. އެކަމަކު މަސައްކަތްތައް ހުރުމުން ބައްދަލު ކުރަން ދެވޭ ގޮތެއް ނުވިއެވެ. "މިސިން ޔޫ." ޖަހާފައި މެސެޖެއް ކޮށްލުމުން ޖަވާބެއް ނައެވެ. އޭނާ ފޮތްތައް ހުޅުވައިގެން އިނދެވެސް އިރުއިރުކޮޅާ ނަޒަރެއް ދެވެނީ ކައިރީގައި އޮތް ފޯނަށެވެ. އެންމެފަހުން ކެތްތެރިކަން ކޮޅުންލުމުން އެފޯނަށް ގުޅިއިރު ބިޒީއެވެ. ދެފަހަރު ގުޅިއިރުވެސް އެއް ނަތީޖާއެކެވެ. ފޯނު ހިފައިގެން އެންމެފަހުން ވެއްޓިގަތީ އެނދަށެވެ. ފޮތްތަކަށް ހުރި ސަމާލުކަންވެސް ކުއްލިއަކަށް އުދުހިގެން ހިނގައްޖެއެވެ. އައިޒަން ގުޅީ އޭގެ މިނިޓެއްވަރު ފަހުންނެވެ. މުސްކާން ހިތްހަމަ ނުޖެހިފައި ސުވާލު ކުރިއިރަށް އައިޒަން ކިޔައިދިނީ އޭނާވެސް މުސްކާން ނަންބަރަށް ގުޅަން އުޅެ ބިޒީވެގެން ނުގުޅުނު ވާހަކައެވެ. ވީގޮތް އެނގުމުން މުސްކާން ގާތަށް ހިނި އައެވެ. އެހާ ލަސްވުމުން ދެން ބައްދަލު ނުކުރެވޭނެތީ އެމީހުން ގަޑި ކީ ހެނދުނު ސަޔަށް ސީހައުސް އިން ބައްދަލު ކުރުމަށެވެ.

އައިޒަންއާ ބައްދަލު ކުރާ ހިތުން މުސްކާންއަށް ރަނގަޅަކަށް ނުނިދުނެވެ. އިރު އިރުކޮޅާ ހޭލެވިގެން ގަޑިބަލާފައި އަނެއްކާ ނިދަނީއެވެ. ފަތިސް ނަމާދަށްފަހު ގަޑި ޖެހޭންދެން އިނީ ފޮތް ކިޔާށެވެ. މަންމަގެ ހުއްދަ އަތުލައިގެން ނިކުތްއިރު ހެނދުގެ އެގަޑީ މަގުމަތި ނިކަން އަމާނެވެ. ދުއްވާ އެއްޗެއްވެސް އަތުން ގުނާލެވޭހާ މަދުން ނޫނީ ނުފެނެއެވެ. މުސްކާން އާދައިގެ ހިނގުމެއްގައި ކުރިއަށްދިތޔައިރު ހެނދުނުގެ ތާޒާ ރޯޅިތައް އެމޫނާއި ހަށިގަނޑުގައި ބޮސްދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ގޮސް ވަންއިރު މޭޒު ދޮށުގައި އޭނާގެ އިންތިޒާރުގައި ތިބި އައިޒަންއާ ލީވާން ފެނުމުން މޫނު އުޖާލާ ވެގެން އައެވެ.

"އަޑު އެހިން ކުއްޖަކު އާ ފޯނެއް ގެންގުޅޭ ވާހަކަ. ހިތަށް އަރަނީ އަހަރުން އެކުއްޖާގެ ނަންބަރު ހޯދަން ކުރަންވީ ކީއްބާއޭ." ލީވާން ފެށީ ފުރަތަމަވެސް ސަމާސަ ކުރާށެވެ. މުސްކާން އެވަގުތު އަނގައަށް ގޮތެއް ހަދާލައިފައި ލީވާން ކޮނޑުގައި ޖެހުމުން އައިޒަން ހިނިގަނޑެއް ޖަހައިލިއެވެ. ވޭޓަރ އައިސް ކާއެއްޗެހި އަތުރާލިއިރު މުސްކާން ނާސްތާއަށް އެންމެ ކާން ބޭނުން އެއްޗެހި ހުރީ ކުރިމަތީގައެވެ. "ތޭންކްސް." މުސްކާން ވަކިވަކިން އެދެމީހުންނަށް ބަލާފައި ޝުކުރު އަދާކުރިއެވެ. އިރުކޮޅަކުން ލީވާން އިނދެފައި ދުރުން ފެނުނު ކުއްޖަކަށް ބަލާކަން ފާހަގަ ވެގެން އައިޒަން އެމީހަކަށް ބަލާފައި މޫނު ހަދައިލި ގޮތް މުސްކާންއަށް ފާހަގަވިއެވެ. "ކާކަށް ތިބަލަނީ؟" މުސްކާން އެނބުރުނުއިރު ދުރުގައި ހުރި މޭޒެއްގެ ދޮށުގައި ތިބި ތިން މީހުން ތެރެއިން އެމީހުން އެބަލަނީ ކާކަށް ކަމެއް ފާހަގައެއް ނުކުރެވުނެވެ. "ބުނެފިއްޔާ މުޝް ޕޮޓޭޓޯ ހޭނެތޭނެ." ލީވާން ގޮތް ދައްކާލައިފައި ބުނެލި ގޮތުން މުސްކާންގެ ޝައުޤުވެރިކަން އިތުރުވިއެވެ. އޭނާ ބަލާލިއިރު އައިޒަން ލޮލުގެ އިޝާރާތުން ނުބުނާށޭ ބުނިތަންވެސް ފެނިއްޖެއެވެ. "އޯކޭ ނައު އައެމް ކިއުރިއަސް." މުސްކާން ނިންމީ އޮޅުންފިލުވުމަށެވެ. ލީވާން ޖަވާބު ދޭންވެގެން އައިޒަންއާ ދެމީހުންވެގެން ނަޒަރު ބަދަލުކޮށްލިއެވެ.

ކޮމެންޓް 0