އިރުކޮޅަކުން އެންމެން އަޑުގަދަކޮށްލުމުން ބަލާލިއިރު ޝައިލީންއާ ނައުރާ ދެފަރާތުގައި ހުރެގެން މުސްކާން ގޮވައިގެން ސިޑިން ފައިބަނީއެވެ. އެވަގުތު މުސްކާން ފެނިގެން އެންމެންނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. މުސްކާން ލައިގެން ހުރީ އައިޒަންގެ ކައިވެންޏަށް ފެހި ހެދުމެވެ.ތަފާތަކީ ކުރިން ކުރު އަތްކޮޅެއްލާފައި ހުރި ހެދުމާއެކު މިހާރު ހަރުކޮށްފައިހުރި އަތްދިގު ޖެކެޓްކޮޅާއި ފަރިކޮށް އަޅާފައިވާ ޝޯލްއެވެ. ހެދުމާއި ގުޅޭ ފޮއްޗާއި ޑިޒައިން ބޭނުންކޮށްފައިވާ ގޮތުން ޖެކެޓްކޮޅު އެއީ ފަހުން ގުޅާފައިވާ ބައެއްކަން ދުރުމީހަކަށް ނޭނގޭނެއެވެ.އިރުއޮއްސުނުފަހުން މުސްކާން ކުއްލިއަކަށް ގޮސް ކުރިކަމަކީ އެއީކަން އެންމެންނަށްވެސް އެވަގުތު ފަހުމްވިއެވެ.

އަލަތުދެމަފިރީންނަށް ހާއްސަވެފައިވާ ގޮނޑިތަކުގައި އިށީންއިރު ދެ ހިތްވެސް ތެޅެމުން ދިޔައީ އެންމެބާރުމިނުގައެވެ. މުސްކާން އިސްޖަހާލައިގެން އިންއިރު މާކުރިން ފެނިފައިވާ ހުވަފެން ސީދާވެގެން އައިކަމާމެދު ހިޔާލުކޮށްލެވުނެވެ. އެހުވަފެނުގައިވެސް އޭނާ ތައްޔާރުވެގެން އައީ އައިޒަންގެ ކައިވެންޏަށް ތައްޔާރުވެގެން އައި ކުއްޖަކު ފަދައިންނެވެ. ތަފާތަކީ އައިޒަންގެ ބަދަލުގައި އިޝާންގެ އަޑުން އަނބި ޤަބޫލުކޮށްފީމޭ ބުނެލިކަމެވެ.އަދި މިއަދު މީ އެހުވަފެނުގައި ހަޤީޤީ ކުލަޖެހިގެން ދިޔަ ދުވަހެވެ.

ގާޟީ ކައިވެނި ލައިދިނުމާއެކު އިޝާން ހިމޭން އަޑަކުން އަނބި ޤަބޫލު ކޮށްފީމޭ ބުނެފައި ބަލައިލީ މުސްކާންގެ މޫނަށެވެ. މުސްކާން އަދިވެސް އިސްއޮބާލައިގެން އިންގޮތުން ހީވަނީ ފިނިވެފައި އިންހެންނެވެ. އެއެންމެންގެ ތެރޭގައި ނޫންނަމަ އިޝާން ބޭނުންވީ ވަގުތުން މުސްކާން ގެނެސް ނިތުގައި ބޮސްދިނުމަށެވެ. ތަކުރާރުކޮށް ހާމަކޮށްދޭން ބޭނުންވީ އޭނާއަށް ދިން އެފުރުސަތުގެ ސަބަބުން ހިތް އުފާވެފައިވާ މިންވަރެވެ.

ކައިވެނިކޮށްދިން މީހުން ގޮވައިގެން ބޮޑެތި މީހުން ދާން ފެށުމުން ދެންތިބި މީހުން އައިސް މުސްކާންމެން ވަށާލައިގެން މުބާރިކްބާދީ ދޭން ފެށިއެވެ. ލީވާން އެންމެ ދުރުގައި ހުރެފައި އައިސް ކުއްލިއަކަށް މުސްކާންގެ ގައިގައި އޮޅުލައިގެންއިރު ފުރަގަހުގައި ހުރި އިޝާންއަށް އެއްލޯ މަރައިލިއެވެ. "އިނގޭތަ ތިއްތި އެބަހުރި ވަރަކަށް ޖޭވެފަ. މުޝް ޕޮޓޯޓޭ ޖެހޭނެ ތިއްތި ދޭނެ އަދަބަކުން އަހަރެން ސަލާމަތްކޮށްދޭން." ލީވާން ހެމުން މުސްކާންގެ ކަންފަތްދޮށުގައި ކިޔާލިއެވެ. އެވަގުތު މުސްކާންވެސް އެމާހައުލާއި ބައިވެރިވާން ހިނިގަނޑެއް ޖަހާލައިފިއެވެ. ލީވާން ދުރަށް ޖެހުނުވަގުތު ބަލާފައި އިޝާން މަޖަލަކަށް އަތް އުފުލާލުމުން އެދުއްވައިގަތްމީހާ ގޮސް ވަނީ ދުރުގައި ހުރި ސަމީރު ފުރަގަހަށެވެ. އެތަން ފެނުނު އެންމެންނަށްވެސް ލީވާންމެންގެ މިސަމާސާ މަޖާވެގެން ހޭން ފެށިއެވެ.

"އޭ ތިއްތި ޖޭވާނެ ކަމެއް ނެތް. މިރެއިން ފެށިގެން މުޝް އަމިއްލަ ކުރާއިރު އަހަރުމެންނަށްވެސް އޭނަގެ މައްޗަށް ކޮންމެވެސް ހައްޤެއް އޮންނާނެ އިނގޭ. އެންމެފުރަތަމަ ތިއްތިއަށް މުޝް ލިބިފަވެސް ތިހުރީ އަހަރެން އޭނައާ ނީނދެ ދޫކޮށްލީމަ." ލީވާން ސަމީރުގެ ހިމާޔަތުގައި ހުރެގެން އަދިވެސް ދޫނުކޮށް ކިޔެވެ.

ދާދި މަދު ވަގުތުކޮޅަކަށް ކުރިއަށް ދިޔަ ހަފްލާ ނިމި މެހުމާނުން ހުސްވިއިރު އަލަތުދެމަފިރީންގެ ސަވާރީވެސް އޮތީ ތައްޔާރުގައެވެ. ކައިވެނީގެ ހަދިޔާއަކަށް ނާޝިދު ހަދިޔާކުރި ކާރު އޮތީ ނުހަނު ފުރިހަމައަށް ޒީނަތްތެރި ކުރެވިފައެވެ. ކުރީގައި އޮތީ ސަމީރުމެންގެ ކާރެވެ. ވަކިވުމުގެ ވަގުތު ޖެހުނުއިރު މުސްކާން ހުރީ ފެންކަޅިވާގޮތް ވެފައެވެ. ޅަކުއްޖެއްހެން މަންމަގެ ގޭގައި ހޭދަކުރި ދުވަސްތަކަށް ނިމުމެއް އައީއެވެ. އުޅެބޮޑުވި ގެއާއި އާއިލާ ދޫކޮށްފައި ދާން ޖެހުނީއެވެ. އެކަމަކު އެވަގުތުވެސް މުސްކާންއަށްވުރެ ރަމްލާގެ ހާލު ދެރައެވެ. ޣަފޫރު އެކަމަށް ވިސްނައިގެން ރަމްލާ އަތުގައި ހުރިއިރުވެސް ރަމްލާ ހީވީ މުސްކާން ފަހަތުން ގޮސް ކާރުގައި އިށީންދެފާނެ ހެންނެވެ.

ކާރު ސްޓާޓްކޮށްލިއިރު މުސްކާން ކަޅިޖަހާނުލާ ބަލަން އިނީ ދުރުވަމުންދިޔަ ގެއާއި އެތާތިބި މީހުންނަށެވެ. އޭނާގެ ހުވަފެނުގައި މުޅިން އެހެން ކުލައެއްޖެހި ހީކުރިގޮތާއި ޚިލާފަށް އައިޒަންގެ ގެއާއި އެއާއިލާ އެންމެން ދުރުވަމުންދާތަން ފެނުމުން ހިތަށް ކުރީ ނުބައި އަސަރެކެވެ. ތަޤްދީރު ހިނގާގޮތް ނިކަން ދެކެބަލާށެވެ. އިރެއްގައި އޭނާ ތައްޔާރުވީ އައިޒަންގެ އަންބަކަށް ވުމަށެވެ. ސަނާގެ ޅީދަރިއަކަށް ވުމަށެވެ. އެގެއާއި އެއާއިލާގެ މެމްބަރަކަށް ވުމަށެވެ. އެކަމަކު އެހުވަފެން ސީދާވުމުގެ މަދު ދުވަސްކޮޅެއް ކުރިން އައިޒަން ވަނީ މިފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. އަދި މިއަދު އޭނާއަކީ އިޝާންގެ އަނބިމީހާއެވެ.

"ޔޫ އޯކޭ؟" އެންމެން ލޯމަތިން އޮބާލުމުން މުސްކާން އެނބުރުނުވަގުތު އިޝާން އަހާލިއެވެ. ހުންގާނަށް ސަމާލުވެ މަގަށް ބަލަން އިންއިރުވެސް އޭނާއަށް މުސްކާންގެ ހިތުގެ ހާލު ސިއްރެއް ނުވިއެވެ. މުސްކާން ބޯޖަހާލިއިރު ލޮލުން ފޭދުނު ކަރުނަތިކި އޭނާ ފުހެލީ ހިތުން އިޝާންއަށް ނޭނގޭނެ ހެންނެވެ. އެވަގުތު އިޝާން މައްޗަށް އެއް އަތް ފޯރުވާލައިފައި ޓިޝޫއެއް ނަގައި ދިއްކޮށްލުމުން މުސްކާންއަށް ހައިރާންވެފައިވެސް އޭގައި ހިފިއެވެ. އިޝާންއަށް އޭނާގެ އެއްވެސް ކަމެއް ސިއްރު ނުވާނެކަން އަދިވެސް އެއްފަހަރު ސާބިތުވެގެން ދިޔަ ވަގުތުކޮޅެކެވެ.

"ޗެރީ ބްލޮސޮމް" ގޭޓުން ވަންއިރު އެގެވެސް އޮތީ ފުދޭވަރަކަށް ޒީނަތްތެރި ކޮށްލާފައެވެ. އިޝާން ކާރު ޕާކްކޮށްފައި އަނެއް ފަރާތަށް ގޮސް މުސްކާން ނިކުންނަން ދޮރު ހުޅުވާލަދީފައި ރަނިކަނބަލެއްގެ އިއްޒަތުގައި މުސްކާން ނެރެގެން ގޭގެ މައިދޮރާއި ހަމައަށް ގެންދިޔައެވެ. އެމަގުގެ ދެފަރާތުގައި ހެދިފައިވާ ގަސްތަކުގައި ފޮޅިފައިވާ މާމެލިމެލިވެސް އަލަތު ކައިވެންޏަށް މަރުހަބާ ކިޔަމުން ދިޔަ ކަހަލައެވެ. ވައިރޯޅި ތަކާއެކު އެގަސްތައް ހަލުވަމުން ދިޔަގޮތުން ހީވީ އުފާވެރި ލަވައެއް ކިޔަމުން ނަށަމުން ދިޔަ ހެންނެވެ. މުސްކާން ފިނިވެފައި ހުރިހެން ހީވެގެން އިޝާން އެއަތުގައި ހިފާލުމުން ސިހިފައި ބަލައިލެވުނެވެ. އެވަގުތު އިމާރާ ދޮރު ހުޅުވާލުމުން ދެމީހުންނަށްވެސް ސަމާލުކަން ދެވުނީ އިމާރާއަށެވެ.

"ދޮންބެދައްތާ! އަވަހަށް އާދޭ އެތެރެއަށް!" އިމާރާ އުފަލުން ފޮޅިފައި މުސްކާންގެ އަނެއް އަތުގައި ހިފައިލުމުން އިޝާންގެ އަތުތެރޭ އޮތް އަތްތިލަ މިނިވަން ކުރިއެވެ. "ދޮންބެގެ އިންތިޒާރުގައި ބައްޕަ އެބައިން ކާކޮޓަރީގަ." އިމާރާ މުސްކާން ގޮވައިގެން ހިނގައިގަންނަމުން އިއްވައިލިއެވެ. އެވާހަކަ އިވިގެން މުސްކާންއަށްވެސް އެނބުރި އިޝާންގެ މޫނަށް ބަލައިލެވުނެވެ. އިޝާން ކޮނޑު އަރުވާލައިފައި ކާކޮޓަރިއާ ދިމާއަށް ދާން ފެށުމުން އޭނާ އިމާރާ ދެއްކި މަގުން ގޮސް ސިޑިން އެރިއިރު ސިކުނޑީގައި ސުވާލުތައް ވިއެވެ.

ދޮރު ހުޅުވާލައިފައި ވަންއިރު އިޝާންގެ ކޮޓަރި ތައްޔާރުކޮށްފައިވާ ގޮތުން މުސްކާންގެ ހިތް އިތުރަށް އަވަސްވިއެވެ. އެފަދަ މާހައުލެއްގައި ލޯބިވާ ފަރާތާއެކު އެކަނިވެލަން ލިބިއްޖެނަމަ ކިތަންމެ އީމާންތެރި ހިތެއްވެސް ގުޑައިގެން ދާނެ ކަން ކަށަވަރެވެ. އަދި އިޝާންއަކީ އޭނާދެކެ ހިތާއި ފުރާނައިން ލޯބިވާ ފަރާތެކެވެ.

ވާހަކަ ދައްކާލަން އިނދެފައި އިމާރާ ނިކުމެގެން ދިއުމުން މުސްކާން އެނދުން ތެދުވެގެން މިސްރާބު ޖެހީ ބެލްކަންޏާއި ދިމާއަށެވެ. ފައިދަށު ވަމުންދިޔަ މަޑު ފިނިފެންމާ ފިޔަތަކުން ހިތަށް އަޖައިބެއްފަދަ އަރާމެއް ލިބުނެވެ. ހުޅުވާފައިވާ ބެލްކަނީ ދޮރުން ވަން ލުއި ވައިރޯޅިވެސް ނުތަނަވަސްކަން ފިލުވާލަ ދިނެވެ. ވަޔާއެކު ނަށަމުން ދިޔަ ދޮރުފޮތިގަނޑުގައި އަތުން ހިފަހައްޓާލައިގެން ހުއްޓި އުޑާއި ދިމާއަށް ނަޒަރު ހުއްޓާލިއިރު ބުރުހަމަ ހަނދު އޭގެ ޝާއްބަކަމާއެކު މެދު އުޑުގައި ރަނިކަން ކުރަނީއެވެ.

"އެންޖޯއިން ދި ވިއު؟" ދޮރު ހުޅުވި އަޑަކާ ނުލާ ފަހަތުން އިޝާން ވާހަކަދެއްކި އަޑު އިވުމުން މުސްކާން ސިއްސައިގެން ދިޔައެވެ. އޭނާ ހަޅޭތްލަވައިގެންފައި އަވަހަށް އެނބުރިލިގޮތުން ވަދެވުނީ އިޝާންގެ އަތުތެރެއަށެވެ. އެވަގުތު އިޝާން އަވަހަށް މަޢާފަށް އެދިފައި އެދެއަތުން ވަށައިލުމުން ބޭނުންވިއަސް ދުރަކަށް ނުދެވުނެވެ. "އަހަރެން އެއްގޮތަކަށްވެސް މުސްކާން ބިރުގެންނެވުމުގެ ގަސްތެއްގައެއް ނޫން." އިޝާން ބުރަކަށީގައި މަޑުމަޑުން ފިރުމާލައިފައި މުސްކާން ދުރަށް ދާން ބޭނުންވެދާނެތީ އެފުރުސަތު ދިނެވެ. އިސްއުފުލާލިއިރު ހިތް ނުތަނަވަސް ވުމުގެ އިތުރަށް މުސްކާން ހުރީ ކުޑަކޮށް ލަދުވެސް ގަނެފައެވެ. އޭނާ ކުރާނެ ކަމެއް ނޭނގިގެން ތުންފަތުގައި ދަތް އަޅާލައިފައި ގޮސް އެނދުގެ ކައިރިފަށުގައި އިށީންދެ އަތުގެ އިނގިލިތަކުން ބެޑްޝީޓާ ކުޅެން ފެށިއެވެ.

"ބަނޑުހައިތަ؟ ބޭނުންތަ އެއްޗެއް ކާން؟" ހުރިފިޔަވަޅު މަތީ ހުރެފައި އިޝާން އެވަގުތުވެސް ދެއްކީ އެހެން ވާހަކައެކެވެ. މުސްކާން ހަމައެކަނި ދެފަރާތަށް ބޯ ހޫރާލައިފައި އިންދާ ދެން އިވުނީ އިޝާން ގޮސް ފާޚާނާއަށް ވަންއަޑެވެ. ހެދުން ބަދަލު ކުރަންވިއަސް އެހިތްވަރެއްވެސް މުސްކާންއަކަށް އެވަގުތަކު ނުލިބުނެވެ.

"ދޭ ހެދުން ބަދަލުކުރަން." އިޝާން ނިކުމެފައި ބުނެލިއަޑު އިވުނެވެ. މުސްކާން ކައްޓެއްހެން ތެދުވެފައި ގޮސް އެތާހުރި ފޮށީގައި އަތްލީއިރު އެހުރީ ހުހަށެވެ. ހައިރާންވެފައި ހުރެގެން އަލަމާރި ހުޅުވާލިއިރު ހުރިހާ އެއްޗެއް ހުރީ ފަތްޖަހާފައި އަލަމާރިއަށް ލައިފައެވެ. މުސްކާން އެތަނުން ކޮޓަން ފޮތީގެ ހަރުވާޅަކާއި ޓީޝާޓެއް ނަގައިގެން ދަމުން އެނބުރި ބަލާލިއިރު އިޝާން ހުސްގަޔާ އޮތީ އެނދުގައި އޮށޯވެ ފޯނަށް ބަލަހައްޓައިގެންނެވެ. މުސްކާން އަވަހަށް ފާޚާނާތެރެއަށް ދެމިގެންފައި ހުރެވުނީ ދޮރުގައި ބުރަކަށި ޖައްސާލައިގެންނެވެ. ދެތިންފަހަރު ދެލޯމަރާލައިފައި ހުޅުވައިލިއެވެ. ދެން އައިސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ބުރުގާގައި ހުރި ޕިންތައް ނައްޓަން ފެށިއިރު ލޮލަށް ކަރުނަ ގިނަވާން ފަށައިފިއެވެ.އެސްފިޔަތަކަށް ނުކުޅަދާނަވުމުން ދެން ފެނުނީ އޮހިގަތްތަނެވެ. ކުއްލިއަކަށް ހިތަށް އެހާ އަސަރު ކުރީ ކީއްވެ ކަމެއް ވިސްނާ ވިސްނާވެސް ނޭނގުނެވެ. އަޖައިބަކަށް ވީ ކިތަންމެ ވަރަށް ފުހުނަސް އެކަރުނަތަކަށް ހުއްޓުމެއް ނައީމައެވެ. ގިނައިރުވެއްޖެނަމަ އިޝާން ކަންބޮޑުވެދާނެތީ ނިކުންނަން ހިތަށް އަރުވާލައިފައި ތުންފަތުގައި ދަތް އަޅާލައިގެން ހުއްޓާ އަނެއްކާވެސް ރޮވެނީއެވެ. އެގޮތުގައި އިރުގަނޑެއް ވުމުން އިޝާން އައިސް ދޮރުގައ ޓަކި ޖަހާލައިފިއެވެ.

"މުސްކާން. އާ ޔޫ އޯކޭ؟ ކިހިނެތްވަނީ އެހާ ލަސްވަނީ؟" އިޝާން ސުވާލު ކުރުމުން މުސްކާން ސިއްސައިގެން ގޮއްސައި ދެއަތް އަޅައިލެވުނީ މޭގައެވެ. މޫނު ރީތިކޮށްލަން ވެގެން ލޯގަނޑު ބަލާލިއިރަށް ރުއިން ކޮންޓްރޯލްވެފައި ހުރިކަން އިހްސާސްވިއެވެ. "މި ނިކުންނަނީ." މުސްކާން ހިތްވަރުން ޖަވާބުދީފައި އަވަހަށް ހެދުން ބަދަލުކޮށްލުމަށްފަހު ފެންކޮޅަކުން މޫނު ދޮވެލިއެވެ. ތުވާލިން މޫނު ހިއްކަންވެގެން ޖައްސާ ބާރުކޮށްލިއިރު ނިކަން ހިތްގައިމު ވަހެއް ނޭފަތުގައި ޖެހުނެވެ. މުސްކާން ފުން ނޭވައެއް ދޫކޮށްލައިފައި ދޮރު ހުޅުވާލިއިރު އިޝާން ހުރީ ތެދުވެ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މުސްކާން އެމޫނުގެ ކުލަވަރު ސިއްރު ކުރަންވެގެން އަވަހަށް ގޮސް އަލަމާރިން ކޮނޑެއް ނަގައި ހެދުން އެޅުވިއެވެ. ދެން އެނބުރުނުއިރު އިޝާން ގޮސް އެނދުގައި އިނުމުން އޭނާވެސް ދިޔައީ އެދިމާއަށެވެ.

"މިތާ އިށީންދެބަލަ!" މުސްކާން ގޮސް ކައިރިވީއިރަށް އިޝާން މަގަތުގައި އަތުން ތަޅާލައިފައ ތަން ދެއްކިއެވެ. ކިޔަމަންތެރިއެއްހެން މުސްކާން އިށީންދެލުމުން އިޝާން ކުރިއަށްވުރެވެސް ކައިރިވެލާފައި ދެއަތުން ހިފެހެއްޓީ އޭނާގެ މޫނުގައެވެ. މުސްކާންއަށް ލިބުނު ސިހުމުގައި ނޭވާލާންވެސް ނޭނގިފައި އިންދާ އިޝާން މޫނު ކައިރިކޮށްލި ގޮތަށް ހަމައެކަނި ބީހޭހާ ލުއި ބޮސްދިނުމަކުން އެތުންފަތުގައި ބޮސްދީފައި ދުރަށް ޖެހިލައިފިއެވެ. "މުސްކާން ބޭނުން ވަރަށް ރޯންވީ. ހިތް ފުރޭންދެން ރޮއެ ހުރިހާ އުދާހެއް ނެރެލަން ވީ. އެކަމަކު ދެން ފަހަރަކުންވެސް ތިތުންފަތަށް އަނިޔާ ނުދޭތި!" އިޝާން އެމޫނުން ނަޒަރު ވަކިކޮށްނުލައި އިނދެފައި ވާހަކަދެއްކިއެވެ. ރައްދު ދޭނެ ގޮތެއް ނޭނގިގެން މުސްކާން ބަސް ހުސްވެފައި ބަލަން އިނީއެވެ.

ހިނގާދެން ނިދަން." އިޝާން ފަހަތަށް ޖެހިލާފައި ބާލީސްތަކުގައި ލެނގިލަމުން ކިޔާލިއެވެ. މުސްކާންއަށް ލިބުނު ހައިރާންކަމުގައި ކުއްލިއަކަށް އެނބުރި ލޯ ބޮޑުކޮށްލުމުން އިޝާން ބުމަ އަރުވާލިތަން ފެނުނެވެ. "ކިހިނެތްވީ؟ އިތުރު ކަމެއް ކުރަންވީތަ؟" އިޝާން ގަސްތުގައި މުސްކާން ތަޅުވާލަންވެގެން އެހެން އަހާލުމުން ރަކިވެފައި މުސްކާންއަށް ބޯ ހޫރާލެވުނީ ދެފަރާތަށެވެ. ދެވަނަ ސިކުންތުގައި އެގޮތަށް ކަންތައް ކުރެވުނީތީވެސް ކަންބޮޑުވިއެވެ. އިޝާން ހީކުރާނީ ކީކޭ ހެއްޔެވެ؟ ކައިވެންޏަށް އެއްބަސްވުމުން އިޝާން އުންމީދު ކުރާނީ ކައިވެނީގެ ގުޅުންވެސް ފުރަތަމަ ރެއިން ފެށިގެން ކުރިއަށް ގެންދާނެ ކަމުގައެވެ. އެހެން އެކަން އޮތްވާ އޭނާއަށް މިކުރެވުނު ކަމަކުން އިޝާން ރުޅިއަތުވެދާނެތީ ޖެހިލުންވެއްޖެއެވެ.

"އަވަހަށް އާދޭ ކައިރިއަށް! އެއިރުން ކަމެއް ކުރެވޭނީ." އިޝާން އަދިވެސް އިނީ ސަމާސަ މޫޑެއްގައެވެ. އޭނާ ސިއްރުން ހީލައިފައި މުސްކާން ހަދާ ގޮތެއް ބަލަން އިންދާ ފަސްއެނބުރި ބަލައިވެސްނުލައި އިނދެގެން ކައިރިއަށް ޖެހިއްޖެއެވެ. "ގުޑް ގާރލް." އިޝާން ހިނިތުންވެފައި ފަހަތުން އެއުނަގަނޑު ވަށާލައި ކުރިއަށްވުރެވެސް ކައިރިކޮށްލުމުން މުސްކާންގެ ނޭވާ ކަރުތެރޭ ތާށިވިއެވެ.

"އިތުރު ކަމެއް ކުރަންޏާ ކުރަން މުޅި ލައިފް ކުރިއަށް އޮތީނު. އެކަމަކު މިރޭ އަހަރެން ބޭނުމީ ތިކުއްޖާ އަތުތެރޭ ބާއްވާލައިގެން އަރާމު ނިންޖަކުން ނިދާލަން." އިޝާން އޭނާގެ ކަންފަތްދޮށުގައި ސިއްރެއް ބުނެލާފައި އަނެއްފަރާތަށް އަނބުރުވާލުމަށްފަހު މޭމަތީ ބާއްވައިގެން ހަމަޖެހިލައިފިއެވެ. މުސްކާންގެ ހާސްކަމުން ބައެއް ލުއިވެގެން ދިޔަ ނަމަވެސް ހިތުގެ ތެޅުން މަޑެއް ނުވިއެވެ. އިޝާން އެއްފަރާތަކަށް އަތް ފޯރުވާލައިފައި ލައިޓް ނިއްވާލުމުން ކޮޓަރިތެރޭ ދިއްލާފައި ހުރި އުއްބައްތީގެ އައްޔާއި ބެލްކަނިން އެޅިފައިވާ ހަނދުވަރުގެ އަލިން ޖަރީ ކުރެވިފައިވާ ގޮތުން ހިތްގައިމެވެ. އިޝާން އެހެން އޮވެ ލޯމަރާލުމުން މުސްކާންވެސް އެމޭގައި ބޯއަޅައިގެން އޮވެ ނިދޭތޯ މަސައްކަތް ކުރަން ފެށިއެވެ.

އިޝާންއަށް ނިދޭހާއިރުކޮށްފައި އޭނާ ތެދުވަން އުޅެގެން ފުރަތަމަ ކާމިޔާބެއް ނުވިއެވެ. ނިދީގައިވެސް އިޝާން އޭނާ ދުރަށް ދާން ނޭނދޭ ފަދައެވެ. މުސްކާން ގަދަކަމުން އެދެއަތް ނައްޓުވާލައިފައި އެނދުގެ އަނެއްފަރާތަށް ފުރޮޅިގަތެވެ. ތެދުވެގެން ދަމުން އިޝާންގެ ގައިމަތީ ރަޖާ އަޅާލަދިންއިރު އެމޫނަށް ނަޒަރު ހުއްޓޭ ގޮތްވިއެވެ. އެވަގުތު ބޭއިޚުތިޔާރުގައި އުފުލުނު އަތްތިލައިން އިޝާންގެ ކޯތާފަތުގައި ފިރުމާލިއެވެ. "އިޝާން ތި ވާލޯބި ދުވަހަކުވެސް ވެވޭނެ ކަމެއް ނޭނގެ. އެކަމަކު ތީ މިދުނިޔެމަތީން އަހަރެން އެންމެ ޤަދަރު ކުރާ އިންސާނާ. އަދި މިރޭ އެޤަދަރު ކުރިއަށްވުރެވެސް ބޮޑަށް އުފުލިއްޖެ." މުސްކާން ހިތާއި ހިތުން ކިޔާލައިފައި ގުދުވެ އިޝާންގެ ނިތުގައި ތުންފަތް ޖައްސާލިއެވެ.

 

ކޮމެންޓް 0