މުސްކާން ބިރުން ހުރެވެސް ގޮސް އެމީހެއްގެ ފުރަގަހުގައި ހުއްޓިއްޖެއެވެ. ބަލަން ހުއްޓަ ދެން ފެނުނީ އެމީހަކު އެނބުރި ބަލައިލި ތަނެވެ. ވަގުތުން އެސިކުނޑީގެ ނުތަނަވަސްކަން އުދުހި ދިޔައީ އިޝާންގެ ހިނިތުންވެފައިވާ މޫނު ދެކެފައެވެ. އެކަމަކު އިޝާން ލަންކާގައި ކުރަނީ ކީއް ހެއްޔެވެ؟ އައިޒަންގެ މަރަށްފަހު އިޝާން ބުނެފައި އޮތީ ކިޔެވުން ފުރިހަމަ ކުރަން އަނެއްކާވެސް ރަޝިޔާއަށް ދާ ވާހަކައެވެ. އަނެއްކާ އިޝާން އެއައީ ރަޝިޔާގައި ހުރެފައި ހެއްޔެވެ؟

"މުސްކާން! ކިހިނެތް ހާލު؟" މުސްކާންއަށް ސުވާލެއް ނުކުރެވެނީސް އިޝާން އަހައިލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އަތް އުފުލާލި ގޮތުން ހީވީ މުސްކާންގެ ކޯތާފަތުގައި ހިފަހައްޓާލަން އުޅުނުހެންނެވެ. އިޝާންގެ އެހަރަކާތް ހުއްޓުނީ މުސްކާން ކުރި ސުވާލަކުންނެވެ. އޭނާ ހިތް އަވަސްވެފައި ހުރެގެން އެހީ އިޝާން ލަންކާއަށް އައިސް އުޅެނީ ކީއްކުރަންތޯއެވެ. "ޓު ސީ ޔޫ." އިޝާން އަތް ތިރިކޮށްލާފައި ޖީބަށް ޖަހާލިއިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެއީ މުސްކާން އަބަދުވެސް ފާހަގަކުރާ ހިތް ހެޔޮ ހިނިތުންވުމެވެ. "ރަޝިޔާގަ ހުރެފަ ތިއައީ އަހަރެން ދެކިލަން؟" މުސްކާންގެ އަޑުގައި ހައިރާންކަން އެކުލެވުނެވެ. "މްމްމް...." އިޝާން ހޫމ އަޅުވާލިއިރު އަދިވެސް ހުރީ ހިނިތުންވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައި މުސްކާން ހަމައެކަނި ކުރިކަމަކީ އަވަސް އަވަސްކޮށް ދެތިންފަހަރު އެސްފިޔަ ޖަހައިލުމެވެ. އިޝާން ފެނިގެން ވާންވީ އުފާކަމެއް ނޭނގިފައި ބަލަން ހުރެވުނެވެ.

"ހަމައެކަނި އަހަރެންނެއް ނޫން ލީވާންވެސް އައިސް އެބަހުރި. ބޭނުންތަ ބައްދަލު ކުރަން؟" އިޝާން އިތުރަށް ވާހަކަ ފަށާފައި މަގާއި ދިމާއަށް އެނބުރިލުމާއެކު އެއްފަރާތުގައި އޮތް ކާރަކުން ލީވާންއާ މިރާހް ނިކުމެފައި ދޮރުފަތުގައި ލެނގިލައިގެން ހުއްޓިއްޖެއެވެ. "އޯ އެމް ޖީ. ލީވާން! މިރާހް!" މުސްކާންއަށް ލިބުނު ހައިރާންކަމާއެކު އަނގަމަތީ އަތް އަޅާލައިގެން ހުރެ ބުނެލިއެވެ. އޭނާ ބާރު ބާރަށް ހިނގައިގެންފައި އެދިމާއަށް ދާން ފެށުމުން އިޝާންވެސް ހެވިފައި ހުރެގެން ފަހަތުން ހިނގައިގަތެވެ. "ހެލޯ މުޝް ޕޮޓޭޓޯ! ވަރަށް ދުވަހު އުޅެވިއްޖެ ދޯ ފިލައިގެން." ކައިރިއަށް ގޮސް ހުއްޓުމާއެކު ލީވާން އެއްލޯމަރާލައިފައި ވާހަކަދެއްކީ އޭނާ އަބަދުވެސް ކަންކުރާ އުސޫލުންނެވެ. އޭރު ކައިރީގައި މިރާހްވެސް ހުރީ ހިނި އައިއްސައެވެ. "ވަރަށް ހެއްވާ. އަހަރެން ނޫޅެން ފިލައިގެނެއް. އެހެންނޫނަސް ހޯދަން އުޅުނު ނަމަތާ ފެންނާނީ." މުސްކާން ހީލާފައި ލީވާންގެ ކޮނޑުގައި ޖަހާލައިފިއެވެ. ކުރިމަތިން އެމީހުން ފެނުމުން ހިނދުކޮޅަކަށް ނަމަވެސް ހިތް އުފާވިކަން ޔަޤީނެވެ. އެއީ އެވަގުތު އޭނާގެ ތުންފަތުގައި ހުރި ހިނިތުންވުމަކީ ފާއިތުވި ހަމަސް ދުވަސްތެރޭ އެއްފަހަރުވެސް އެތުންފަތަށް ނާރާހާ އުފާވެރި ހިނިތުންވުމެކެވެ. ނޭނގިހުއްޓާ އެމީހުން އެއީ އޭނާގެ އެންމެ ގާތް މީހުންނަށް ވީ ކޮން އިރަކު ހެއްޔެވެ؟

"އަސްލު ބުނެބަލަ ކިހިނެތް އަހަރެން ހުންނަ ގޭގެ މައުލޫމާތު ހޯދީ؟" ބޮޑުދައިތަގެ ހުއްދަލިބުމުން މުސްކާން އެތިން ޒުވާނުންނާއެކު ގޮސް ކައިރި ރެސްޓޯރެންޓެއްގައި ސައިބޯން ތިބެފައި އެހިއެވެ. ޖަވާބުދިނުމުގެ ކުރިން އިޝާންއާ ލީވާން ނަޒަރު ބަދަލުކޮށްލިތަން ފެނުމުން މުސްކާން ސީރިއަސްވިއެވެ. "މުސްކާން ނުބުންޏަސް އެނގުނު އަހަރުންނާ ކޮންޓެކްޓެއް ނެތި މިހާ ދުވަސް މިދަނީ މަންމަ ނަމަވެސް މީހެއްގެ ނުފޫޒުންކަން. އެހެންވެ މަންމަ ކައިރިއަށް އަހަރުމެން ނުގޮސް އެހެން ކުއްޖަކު ފަރާތުން ހޯދީ." ލީވާން ޖަވާބު ދިނުމުން މުސްކާން އިތުރަށް ޝައުޤުވެރިވިއެވެ. އޭނާ އަދިވެސް ސުވާލު އުފެދިފައި އެމައުލޫމާތު ދިނީ ކާކުތޯ އޮޅުންފިލުވާހިތުން ކެއުން ހުއްޓާލައިގެން ބަލަން އިނެވެ. "މާވީ ކަންނޭނގެ ކިޔަނީ. އެއްދުވަހަކު ތިއްތޭއާ މީޓްވާން ގެއަށް ދިޔައެއްނު ކުއްޖެއް." ލީވާން ގެ ދުލުން މާވީގެ ނަން ކިޔައިލި އަޑާއެކު މުސްކާން އަތުގައި އޮތް ސަމުސާ ތިރިއަށް ދޫކޮށްލެވުނެވެ. އޭނާ ލޯބޮޑުކޮށްގެން އިނދެފައި އެކަން އިހްސާސް ވެގެން އަވަހަށް ސަމުސާ ނަގަން ތިރިބަލާލުމާއެކު އިތުރަށް ހައިރާންވީ އިޝާން ހުޝިޔާރުކަމާއެކު ސަމުސާ ހިފާފައި ނަގައި މޭޒުމަތީ ބޭއްވިތަން ފެނިފައެވެ. ހީވީ އޭނާއަށް އެހެން ވެދާނެކަން އެނގިގެން އިޝާން ސަމާލުވެ އިންހެންނެވެ. ދެވަނަ ސިކުންތުގައި މުސްކާން ހަނދާންވިއެވެ. އެދުވަހު މާވީ ދެއްކި ހުރިހާ ވާހަކައެއް އަޑު އެހީ އިޝާންއެވެ. ސިއްސައިގެން ދާ ފަދަ ގޮތަކަށް މޫނު އަނބުރާލައިފައި އޭނާއަށް އިޝާންގެ މޫނަށް ބަލައިލެވުނެވެ. ކޮފީ ޖޯޑުން ކޯވަރެއް ބޯލާފައި އިޝާން ދުރު ބަލައިލީ ގަސްތުގައި ނޭނގޭ ކަމަށް ހެދެން ކަހަލައެވެ. ބޭނުމަކީ އޭނާއަށް ލިބިދާނެ ނުތަނަވަސްކަން ދުރުކޮށްދިނުން ކަންނޭނގެއެވެ. އިރުކޮޅެއް ނުވެ މައުޟޫ ބަދަލުކޮށްލީވެސް އިޝާންއެވެ. އެރޭ ފުރުމުގެ ކުރިން މުސްކާން ގޮވައިގެން އިތުރު ތަންތަނަށް ގޮސް މަޖާކޮށްލަން ހުށައެޅުމުން އަނެއް ދެމީހުންވެސް އެއްބަސްވިއެވެ.

ބޮޑުދައިތައަށް ފޯނު ކޮށްލުމުން ހީކުރި ވަރަށްވުރެ ފަސޭހައިން އެއްބަސްވިއެވެ. އެތައް ދުވަހަކަށްފަހު މުސްކާން އެހާ އުފާވެފައި ހުރެގެން ކަމަކަށް އެދުމުން ދެކޮޅު ހަދާކަށް ބޮޑުދައިތަގެ ހިތެއް ނުރުހުނެވެ. އެހިސާބުން ރެސްޓޯރެންޓުން ނިކުމެ އެމީހުން ކާރު ދުއްވާލައިފައި ދެން އުޅުނީ ޝޮޕިން ކުރުމުގައެވެ. މުސްކާން ދެކޮޅުހަދަހަދާ ހުއްޓާވެސް އިޝާންއާ ލީވާންވެގެން އޭނާއަށް ހަދިޔާތައް ގަނެ ކޮތަޅުތައް ފުރައިލިއެވެ. ސިނަމާގައި އަޅުވަން ތައްޔާރުވެފައި އޮތް ހެއްވާ މަޖާ ފިލްމެއް ބަލައިލަން ވަނީ އެންމެ ފަހުންނެވެ. ފިލްމު ފެށިގެން ވަކި ހިސާބަކަށް ދިޔައިރު ހީހީ އެންމެން ބަނޑަށް ތަދުވިއެވެ. ލީވާންއާ މިރާހްވެގެން ޕޮޕްކޯން އުކަ އުކާފައި ޖަހާ ސަކަރާތުން މުސްކާންއަށް އިތުރަށް މަޖާވިއެވެ. އިޝާން އެންމެ ކައިރީގައި އިންއިރުވެސް ހިނި އައިއްސައި އިންނަނީ އަނެއް ދެމީހުންނަށްވުރެ މަޑުންނެވެ.

އިންޓަވަލް ވެގެން ނިކުންނަން ބެލިއިރު މުސްކާން މާ ހިމޭންވެފައި އިނުމުން އެކަން ފުރަތަމަ ފާހަގަވީ އިޝާންއަށެވެ. އޭނާ ކޮށްޓާލިއިރު އެއަތް ފިނިކަމުންވެސް ސިހުން ލިބުނެވެ. ބޮކިތައް ދިއްލިގެން ދިއުމާއެކު މުސްކާންގެ ލޮލުން ފައިބާފައި ހުރި ކަރުނަތައް ފެނިގެން ތިންމީހުންވެސް ސީރިއަސްވިއެވެ. އެމީހުން މުސްކާން ގޮވައިގެން ނިކުމެފައި ޖެހިލީ މީހުން މަދު ހިސާބަކަށެވެ. ކެންޓީނުގެ އެއްފަރާތެއްގައި ހުރި ހިލަގޮނޑިއެއްގައި މުސްކާން ބައިންދާފައި ލީވާން އިށީންދެލީ ކައިރީގައެވެ. އަނެއް ދެމީހުން ކައިރީގައި ކޮޅަށް ތިއްބެވެ. މުސްކާން އޭރު މޫނުގައި އެއްއަތް އަޅާލައިގެން އިނދެގެން އަދިވެސް ހީވަނީ ރޮނީހެންނެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން އެމީހުން އެކަކު އަނެކަކަށް ބަލާލައިފައި އިޝާން ކުރި އިޝާރާތަކަށް ލީވާން އެންމެފަހުން މުސްކާންއަށް ގޮވައިލިއެވެ.

"އިޓްސް އަޒް. އައި މިސް ހިމް. ހަނދާންވަނީ ގޭގައި އޭނައާއެކު ސިނަމާ ހަދައިގެން ފިލްމް ބަލާ ރޭތައް. އެކަމަކު މިހާރު... މިހާރު އަޒް އެއް ނެތް. އަހަރެންގެ ކުރިމަތީ ތި ތިންމީހުން ތިބިއްޔާ އިތުރަށް އެކަކަށް އަބަދުވެސް ހުންނަނީ އަޒް. އެކަމަކު މިއަދު އަޒް ނެތް ދުނިޔެއަކު. އަދި އޭނަ ވަކިވިފަހުން އެހާ ކުޑަ ދުވަސްކޮޅެއް ވީއިރު އަހަރެން މިހެން ހީ މަޖާކުރުމަކީ ކިހިނެތް އިންސާފަކަށް ވާނެ ކަމެއް؟" މުސްކާންގެ ކަރުނައާ ގުޅިފައިވާ ސަބަބު އެނގުމުން އެއިން ކޮންމެ މީހެއްގެ ހިތަށްވެސް ގޮތްވިއެވެ. ލީވާންއަށް ރައްދު ދޭން ދަތިވެގެން ހިމޭންކަން އިޚުތިޔާރު ކުރިއިރު މިރާހް މޫނު އަނބުރާލީ އަނެއްފަރާތަށެވެ. "ނޫން މުސްކާން. ތިހެން ހީނުކުރޭ. މުސްކާން ހީ އުފާވެރިކޮށް އުޅުމަކީ އޭގައި އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން. އަޒް މިދުނިޔޭގައި ހުރިއިރު އަޒް އެންމެ ދެކެން ބޭނުންވީ މުސްކާންގެ ހިނިތުންވެފައިވާ މޫނު. މުސްކާންގެ އުފާވެރިކަން. ވީއިރު ކީއްވެ އޭނަ ނެތް ދުނިޔެއެއްގައި އެއުފާވެރިކަމާ ހިނިތުންވުން ދެމިގެންދާން އަޒް ބޭނުން ނުވާނީ؟ ޓްރަސްޓް މީ މުސްކާން އަޒްގެ ރޫޚަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުސްކާންގެ އުފާވެރިކަން އެކުލެވޭ ހީލުން" އިޝާން ތިރީގައި ކުޑަކަކޫ ޖަހާލައިފައި ކަކޫމަތީ އޮތް މުސްކާންގެ ދެއަތުގައި ހިފާލައިގެން އިނދެ ނުހަނު އޯގާތެރި އަޑަކުން ވިސްނައިދިނެވެ. އެވާހަކަތަކުން އަސަރުކޮށްގެން މުސްކާން ހަތަރުކަޅި ހަމަކޮށްލިއިރު ދެލޮލުގައި އިތުރު ކަރުނަތައް ވިދަމުން ދިޔައީ ކުދި ތަރިތަކެއް ފަދައިންނެވެ. "ސޯ ބީ ހެޕީ. އެން ސްމައިލް މޯ!" އިޝާން އެދެއަތަށް ބާރުކޮށްލަމުން އިތުރަށް ބުނެލި ދެ ޖުމްލައާއެކު މުސްކާން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލުމުން ލީވާންއާ މިރާހްއަށްވެސް ހެވިއްޖެއެވެ. އިޝާން އެއަތުން ދޫކޮށްލާފައި ތެދުވުމުން މުސްކާން އެވަގުތު ކަރުނަ ފުހެލާފައި ތެދުވެ ހިފެހެއްޓީ ލީވާންގެ މުލައްދަނޑީގައެވެ.

އެރޭ ފުރަތަމަ އެމީހުން ދިޔައީ އިޝާން ފުރުވަން އެއަރޕޯޓަށެވެ. އެއަށްފަހު ލީވާންމެން ރާއްޖެ ދިއުމުގެ ކުރިން މުސްކާން ގެއަށް ލިއެވެ. އެނބުރި ރާއްޖެ ދާން މުސްކާން ނިންމީވެސް ހަމަ އެރެއެވެ. ޖެހިގެން އައި ދުވަހު އޭނާ މަންމައަށް ގުޅާފައި މާލެ ގެންދަން އެދުމުން މަންމަ ފުރަތަމަ ހެދީ ދެކޮޅެވެ. "މަންމަ އަހަރެން ނުގެންދަން ތިއުޅެނީ އަހަރެން އަޒް ހަނދާން ކޮށްފަ ރޯނެތީތަ؟ އެހެންވިއްޔާ ބުނަން އަހަރެން އަޒުމް ކަނޑަ އަޅައިފިން އަޒްގެ ހަނދާނުގަ ނުރޯން. އޭގެ ބަދަލުގަ އަހަރެން އަޒް ހަނދާން ކުރާނީ މަދު ދުވަސްކޮޅެއް ތެރޭ އުމުރު ދުވަހުގެ އުފާވެރިކަން އަހަރެންނަށް ހޯދަދިން ފަރާތެއްގެ ގޮތުގައި އެކަނި. އަޒްގެ ހަނދާނުގައި އަހަރެން ހަމައެކަނި ހިނިތުން ވާނީ. އެއުފާވެރިކަން ދިރުވާނީ. އެކަމަކު ބަދަލުގަ މަންމަ ޖެހޭނެ އަހަރެން ބުނާ އެއް ކަންތައް ކޮށްދޭން. އެއީ އަޒްގެ ފެމެލީއާ އަހަރެންނާ އޮންނަ ގުޅުމަށް ހުރަސް ނޭޅުން." ޖަވާބުގައި މުސްކާން ދެއްކި މިވާހަކަތައް އަހައިގެން ރަމްލާ އިރުގަނޑެއް ވަންދެން އަނގައިން ނުބުނެ ހުރެފައި ބުނީ މާލެ ދިޔަސް އެންމެ ރަނގަޅު ކަމުގައެވެ.

މުސްކާން މާލެ ދިއުމަށްފަހުވެސް މަންމަ ކައިރީ ބުނިހެން ގިނަ ވަގުތު ހޭދަ ކުރަން ފެށީ ފުރަތަމަ ގްރީންލޭންޑްގައެވެ. އަދި އޭލެވެލް އިން ލިބުނު ނަތީޖާއާއިގެން ދިރިއުޅުމުގައި ކުރިއަށް ދާނެ ރޮނގެއް ކަނޑައެޅިއެވެ. ޕޮލިހަކަށް ވާން ބޭނުންވީ އެއީ ކުރިއްސުރެ ދެކެމުން އައި ހުވަފެނަކަށް ވީތީއެވެ. އެދުވަސްކޮޅު މާ ކާއެއްޗެއްސާ ދުރުވެގެން އުޅުމުގެ ނަތީޖާއެއްގެ ގޮތުން ފިޒިކަލް ޓެސްޓް ތަކުން ކުރި ލިބުނީ ކިރިޔާއެވެ. ދެން އޮތީ ޓްރެއިނިންގެ ދައުރެވެ. ހަމަސް ދުވަސް ވަންދެން އައްޑޫގައި ހުރިއިރު ތަފާތު ކަންތައްތަކާއި ކުރިމަތިވެއެވެ. އާ ތަޖުރިބާތަކާއެކު ދިރިއުޅުމުގައި އިތުރު ކުރިއެރުންތައް ފެންނަން ފެށިއެވެ. އެކަމަކު އެއިން ހިސާބަކުންވެސް އޭނާގެ ހިތާއި ހަމައަށް ވާސިލް ވެވޭފަދަ ޒުވާނަކާ ދިމައެއް ނުވެއެވެ. އެކުގައި އުޅޭ އެކުވެރި ކުދިންތައް އޭނަގެ ލޯބިވެރިއެއް ހުންނަނީތޯ އަހުމުން އޭނާ ނޫނެކޭ ބުނާތީ ހައިރާން ވެގެން އުޅެއެވެ. ހުހަށް ހުންނައިރުވެސް އެއްވެސް ފިރިހެނަކަށް ހިތް ނުކިޔަންވީ ސަބަބެއް އޮންނާނެއެވެ. އެކުވެރިން އަބަދު ސުވާލު ކުރިއަސް އައިޒަންގެ ވާހަކަ އޭނާ އެކަކު ކައިރީވެސް ނުބުނެއެވެ. ނުދަންނަ ބައެއްގެ ކައިރީ އެވާހަކަ ދައްކައިގެން އެމީހުން އޭނާއާމެދު ހާއްސަކަމެއް ބަހައްޓާކަށް ބޭނުމެއް ނޫނެވެ.

އެއީ ޓްރެއިނިން ނިންމާފައި މާލެ އައިސް މަސައްކަތް ކުރަން ފެށިފަހުންވެސް އެތައް ދުވަހެއް ފަހެވެ. ވިއްސާރަ ކަމުން ގެއަށް ނުދެވިގެން އުޅެނިކޮށް ނިކަން އުދަނގުލުން ޓެކްސީއެއް ލިބުނެވެ. ގެއަށް ގޮސް ވަންއިރު އަދި ކޮފީދަޅު ހުރީ ހުސްވެފައެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް ކޮފީއަކުން ސިކުނޑި ތާޒާ ކޮށްލަން ބޭނުންވިއެވެ. ވާރޭ ތުނިކޮށްލި ވަގުތު ބަލާފައި މުސްކާން ދުވެލާފައި ގޮސް ކަންމަތީ ފިހާރައިން ކޮފީ ދަޅެއް ގަނެގެން ނިކުތް އިރަށް ވާރޭ ބޯކޮށްލީ ކުރިމަތީ ހުންނަ މީހުން ނުފެންނަ ވަރަށެވެ. ކިތަންމެ ގެ ކައިރިއަސް ކުޑަ އަކާ ނުލާ އެހިސާބަށްވެސް ނުދެވޭނެކަން ކަށަވަރެވެ. އަސްކަނިން ތިރިއަށް ފައިބަމުންދިޔަ ފެންތިކިތަކަށް ބަލަން ފޫހިވެފައި ހުރެގެން އިރު އިރުކޮޅާ ދެއަތު މުލައްދަނޑީގައިވެސް ފިރުމާލެވެއެވެ. ފިނި ކަމުންވެސް މީހާ ހަލާކުވާވަރުވިއެވެ.

ނާއުންމީދުވެފައި ގަޑި ބަލައިލިތަނާ އެހެން ދިޔަ ކާރެއް އޭނާ ފުރަގަސްދީ ގޮއްސައި މަޑުކޮށްލިއެވެ. މުސްކާން އަޅައެއް ނުލައެވެ. ދެން ފެނުނީ ކުޑައެއް ހިފައިގެން އައިސް ކައިރިއަށް ހުއްޓުނު ނުދަންނަ މީހެކެވެ. ބަލާ ބެލުމަށް ތިރީހަކަށް އަހަރުހެން ހީވެއެވެ. ސްމާޓްކޮށް ހެދުން އަޅާފައި ހުއްޓަސް ދިވެއްސަކާއި ވައްތަރެއް ނޫނެވެ. މުސްކާން ހައިރާންވެފައި ހުއްޓާ އެމީހާ ކުޑަ މުސްކާން އަތަށް ދީފައި ސާހަބް ދިން އެއްޗެއް ކަމަށް ބުންޏެވެ. އޭނާ ކުޑައިގައި ހިފުމާއެކު ގޮސް ކާރަށް އެރުމުން މިނިޓެއް ނުވެ ފެނުނީ އެކާރު ގޮސް ލޯމަތިން އޮބައިލިތަނެވެ. ނުދަންނަ މީހަކަށް އޭނާ ވެހުރެ ހިޔާވަހިކަމެއް ދޭން ބޭނުންވީ ކާކުތޯ ބަލަން ބޭނުންވިއަސް ފުރުސަތެއް ނުލިބުނެވެ.

ގެއަށް ގޮސް ވަދެފައި ކުޑަ ބޭންދީ ފެންހިއްކާށެވެ. އެކަމަކު ހިކުނަސް ރައްދު ކުރަންވެސް އިނގޭނީ އެމީހަކު ދެވަނަ ފަހަރަށް ބައްދަލު ވެގެންނޭ ހިތަށް އެރިއެވެ.

ޖެހިގެން އައި ދުވަހުގެ ރޭ މުސްކާން ގްރީންލޭންޑަށް ދިއުމުން އެންމެން މަރުހަބާ ކިއެވެ. އިތުރަށް ފާހަގަވީ އެންމެން މާ އަވަސް ކޮށްލާފައި ތަނަކަށް ދާން ތައްޔާރު ވަމުން ދިޔަ ކަމެވެ. މުސްކާން ސުވާލު ކުރުމުން އެނގުނީ އިޝާން ޑޮކްޓަރކަށް ވެގެން އައުމުގެ އުފަލުގައި ބާއްވާ ހާއްސަ ޕާޓީއަކަށް ތައްޔާރު ވަމުން ދިޔަ ކަމެވެ. އެތައް ދުވަހަކަށްފަހު އިޝާން ރާއްޖެ އައިކަން އެނގުމުން ބައްދަލު ކުރާ ހިތުން މުސްކާންގެ ހިތްވެސް އެވަގުތު ތެޅިލިއެވެ. އޭނާ އެމީހުންނާއެކު އެގެއަށް ދާން ތައްޔާރު ވަނިކޮށް އައީ މަސައްކަތާއި ގުޅޭ ފޯނެކެވެ. މުސްކާން ބޭނުން ނުވިއަސް އެހިސާބުން ޖެހުނީ ވަކިވެގެން ދާށެވެ. އާއިލާ މީހުން ކާރުތަކަށް އަރަން ނިކުތްއިރު އޭނާ އެމީހުންނާއި ވަދާޢު ކިޔާލައިފައި ސައިކަލުގައި ނައްޓައިލިއެވެ.

އެރޭ ތަންކޮޅެއް ލަސްވިފަހުން ލީވާން ގުޅާފައި ޕާޓީއަށް އަންނަން އެދުނުއިރު އެގާރަ ޖަހައިފިއެވެ. މަސައްކަތް ނިމުނަސް މޫސުން އުޅެނީ ގޯސްކޮށެވެ. މުސްކާން ފަސްޖެހެން ފެށުމުން ލީވާން ބުނީ އޭނާ ކާރުގައި ބަލައިވެސް ހިނގައިދާނެ ކަމުގައެވެ. އޭރުން ޔަޤީނުންވެސް ތެމިދާނެތީ އުޅޭކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ ލީވާން ގޮތް ދޫ ނުކުރާނެކަން އެނގޭތީ މުސްކާން އެންމެފަހުން އެއްބަސްވިއެވެ. ގެއަށް ވަންއިރު މެހުމާނުންގެ ގިނަ ބަޔަކު ނިކުމެގެން ހިނގައްޖެއެވެ. ދޮރުން ވަންތަނާ ލީވާންއަށް މުސްކާން ފެނިގެން ދުވެފައި އައެވެ. އޭރު މުސްކާން ހުރީވެސް ކުޑަކޮށް ތެމިފައެވެ.

"އިޝާންވެސް ހިނގައްޖެ މައްޗަށް. ހިނގާ އޭނައަށް ގޮވަން ދާން." ލީވާން މުސްކާން އަތުގައި ހިފިގޮތަށް ދުލެއް ނުކުރިއެވެ. ދެމީހުން އަވަސް ފިޔަވަޅު ތަކެއްގައި މައްޗަށް އަރައިގެން ދަނިކޮށް މުސްކާންގެ ބޫޓު ތެމިފައި ހުރެގެން އޭނާގެ ފައި ކަހާލި ގޮތަކުން ތެޅިގަނެވުނެވެ. ލީވާން އޭނާ އަތުގައި ހިފަހައްޓައިގެން ހުއްޓާވެސް ވެއްޓެން ދިޔަ ގޮތަކުން ދަތްދޮޅި ސިޑީގެ އަތްގަނޑުގައި ބާރަކަށް ޖެހުނެވެ. ލޭ އަންނަކަން ނޭނގުނަސް މުސްކާންއަށް ވަރަށް ތަދުވިއެވެ. ލޮލުން ހުރީ ފެން އައިއްސައެވެ. ތިރީގައި ތިބި ނާޝިދުއަށާއި ސަނާއަށް ފެނިގެން ހަޅޭތްލަވައިގެންއިރު ލީވާންވެސް ހުއްޓިފައި މުސްކާން މޫނަށް ބަލައިލިއެވެ. "އިޓްސް އޯކޭ." މުސްކާން ބެލީ ތަދުވިކަން ނާންގާށެވެ. "ނޯ އިޓްސް ނޮޓް. ތިއޮތް ލޭ އަންނަނީ. ހިނގާ އަވަހަށް ބޭސް އަޅަން." ލީވާން ކަންބޮޑުވެފައި އޭނާ އަތަށް ދަމާލުމަށްފަހު މިފަހަރު ދިޔައީ ތަންކޮޅެއް ބަލައިގެންނެވެ. އިޝާން ކޮޓަރި ދޮރުމައްޗަށް ގޮސް ދޮރުގައި ލީވާން އެއްފަހަރު ޓަކި ޖަހާލައިފައި ދޮރު ހުޅުވާލުމަށްފަހު މުސްކާން ގޮވައިގެން ވަނެވެ.

ކޮމެންޓް 0