"ބުނެފިއްޔާ މުޝް ޕޮޓޭޓޯ ހޭނެތޭނެ." ލީވާން ގޮތް ދައްކާލައިފައި ބުނެލި ގޮތުން މުސްކާންގެ ޝައުޤުވެރިކަން އިތުރުވިއެވެ. އޭނާ ބަލާލިއިރު އައިޒަން ލޮލުގެ އިޝާރާތުން ނުބުނާށޭ ބުނިތަންވެސް ފެނިއްޖެއެވެ. "އޯކޭ ނައު އައެމް ކިއުރިއަސް." މުސްކާން ނިންމީ އޮޅުންފިލުވުމަށެވެ. ލީވާން ޖަވާބު ދޭންވެގެން އައިޒަންއާ ދެމީހުންވެގެން ނަޒަރު ބަދަލުކޮށްލިއެވެ. "އެއީ ތިއްތޭގެ އެކްސްއެއް." ލީވާންގެ ޖަވާބު އިވުމުން މުސްކާން ލޯބޮޑުކޮށްފައި ބަލައިލީ އައިޒަންއަށެވެ. އައިޒަން ސީރިއަސްވެފައި އިން ގޮތުން ތެދެއްކަން ޔަޤީންވިއެވެ. މުސްކާންއަށް އެވަގުތު ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. "އެތަނުން ކާކު؟" މުސްކާން އިތުރަށް އެހިއެވެ. ލީވާން އެވަގުތު އެދިމާއަށް އެނބުރުނުތަނާ އެތާ އިން އަންހެންކުއްޖެއްގެ ނަޒަރު ސީދާވިތަން ފެނިގެން އަތުން ހަނާ އަޅާލުމާއެކު ތެދުވެއްޖެއެވެ. މުސްކާންގެ މެއަށް ފިނިވެގެން ދިއުމާއެކު އެނބުރެވުނީ އަނެއް ފަރާތަށެވެ. އައިޒަން އޭރު ގުޅުވާލެވިފައިވާ ދެއަތްތިލަ ތުންފަތާއި ހިސާބުގައި ޖައްސައި ނިވާކޮށްލައިގެން އެކުއްޖާ ކައިރިވާތަން ބަލަން އިނެވެ.

"ހެލޯ ލީވާން. ހެލޯ އަޒް. ކިހިނެތްތަ؟" އަންހެންކުއްޖާ ހިނިތުންވެފައި ވާހަކަދެއްކީ ދެކެފަރިތަ އެކުވެރިއެއް ހެންނެވެ. "އަހަރެމެން ރަނގަޅު. ޝެލީ ކޮންއިރަކު ރާއްޖެ އައިސް ތިއުޅެނީ؟" އައިޒަންގެ ކޮނޑުގައި ޖަހާލަމުން ދެމީހުންގެ ފަރާތުން ޖަވާބުދީފައި ލީވާން އެހިއެވެ. "ދެދުވަހެއް ވެއްޖެ. މީ ކޮންކުއްޖެއްތަ؟" ޖަވާބުދިންއިރު ޝެލީގެ ޝައުޤުވެރިކަން ގުޅުނީ އިސްޖަހައިގެން އިން މުސްކާންއަށެވެ. އައިޒަން އިންތިޒާރުގައި އިނީ އެވަގުތަށެވެ. އޭނާ އަނގަމަތީން އަތް ނަގާފައި ވާންއުޅޭ އަނބިމީހާއޭ ބުނި ވަގުތު މުސްކާންގެ މެއަށް ފިނިވެގެން ދިޔައެވެ. އޭނާ ކުއްލިއަކަށް އިސްއުފުލާލައިފައި ބަލާލިވަގުތު އުނގުމަތީ އޮތް އަތުގައި އައިޒަން ހިފައިލިއެވެ. އެވަގުތު ޝެލީ ހަމަތެދެއްހޭ އަހައިލިއިރު އަޑަށް ވެރިވި ހައިރާންކަމާއެކު އައިޒަން މޫނަށް ވެރިވި އުފާވެރިކަން މުސްކާން ފާހަގަކުރިއެވެ. އެވަރުން ނިމުނީ ކަމަށް ހުއްޓާ އައިޒަން ދެން ބުނެލީ އޭނާ ކުޑަކޮށް އުންމީދުވެސް ނުކޮށް ހުރި ވާހަކަތަކެވެ. ޝެލީ އިތުރަށް ކުރި ސުވާލުގެ ޖަވާބުގައި އައިޒަން ކިޔައިދިނީ މުސްކާންއަށް އަށާރަ ފުރުމާއެކު ކައިވެނި ކުރެވޭނެ ކަމަށާއި މައިންބަފައިންގެ ރުހުންވެސް މިހާރު ލިބި ތައްޔާރީތައް ފެށިފައިވާ ކަމަށެވެ. މުސްކާން ހައިރާންވީ އެކަންތައްތައް އޭނާއަށް އެނގިފައި ނުވާތީ އެވެ. ނޫނީ އައިޒަން ޝެލީއަށް ކަމެއް ސާބިތުކޮށްދޭން ބޭނުންވެގެން ވާހަކައެއް ހަދައިލީ ހެއްޔެވެ؟ ވިސްނަން ވީ އެއްޗެއް ނޭނގިފައި މުސްކާން އިންދާ ޝެލީ ހިނިތުންވެފައި ސަލާމަށް ދިއްކޮށްލިއިރު އަމިއްލަ ތައާރަފް ދިނެވެ. "މުސްކާން." ހިނިތުންވުމަކުން ރައްދުދީފައި ޝެލީގެ އަތުގައި މުސްކާން ހިފައިލިއެވެ.

ޝެލީ ދަނީއޭ ބުނެފައި ގޮސް އިށީންނުމުން އެމީހުން ތެދުވެގެން ދާން އުޅުނުއިރު މުސްކާން ބޭނުންވެފައި ހުރީ އައިޒަންއާއެކު އެކަހެރި ވަގުތުކޮޅެކެވެ. އޭނާގެ ހިތުގައި ސުވާލުތައް ގިނައެވެ. އެކަމަކު ބޭނުންވި ފަދަ ވަގުތުކޮޅެއް ލިބުނުއިރު އަނެއްކޮޅުން ސުކޫލަށް ދާ ގަޑި ކައިރިވެއްޖެއެވެ. ފަހުން ބައްދަލުވާނެ ކަމަށް ބުނެ ހަނާ އަޅާލުމަށްފަހު އޭނާ ގެއަށް ވަނެވެ. އައިޒަންމެން އެގޭ ދޮރުމަތީ ތިބެފައި ހިނގައިގަތީވެސް މުސްކާން ލޯމަތިން ގެއްލުނީމައެވެ.

އެރޭ ގެއަށް އާދެވުނުއިރު ޖައްސާލަން ކިތަންމެ ބޭނުންވެފައި ހުއްޓަސް އައިޒަން ދެކެލުމުގެ އެދުން އެއަށްވުރެ އިތުރެވެ. ނަމާދުކޮށްލުމަށްފަހު ބަނޑަށް އެއްޗެއް ލައިގެން ގެއިން ނިކުތްއިރު އަށެއްގެ ޚަބަރު ބަލަން ސިޓިންރޫމްގައި ބައްޕަމެން ތިއްބެވެ. "ދަރިފުޅު އާދެބަލަ މިކޮޅަށް! ތަނަކަށް ދާންތަ ތިނިކުންނަނީ؟" މުސްކާން ތައްޔާރުވެލައިގެން ހުރިތަން ފެނުމުން ބައްޕަ ސުވާލުކުރިއެވެ. އޭނާ ރަކިގޮތަކަށް ޖަވާބުދީފައި ގޮސް ކައިރީގައި ހުރި ގޮނޑީގައި އިށީންއިރު މަންމަވެސް ބަދިގޭގައި އުޅެފައި ނިކުތީއެވެ. އެވަގުތު ކޮންމެވެސް މީހަކު ބެލް ޖެހުމުން މަންމަ ނުހުއްޓި އެދިމާއަށް ދިޔައެވެ.

"އައިޒަން ރަނގަޅުތަ؟ ދަރިފުޅު އަބަދު އެގެއަށް ގޮސް ތިއުޅޭއިރު އޭނަވެސް ބައެއްފަހަރު މިގެއަށް ގެނެސްބަލަ. ހުކުރު ދުވަސް ދުވަހު ކަހަލަ ހާއްސަ ދުވަސްދުވަހު ކާއެއްޗެއް ތައްޔާރުކޮށްލައިގެން ގެނައީމަ މިއާއިލާޔާ އޮންނަ ގުޅުންވެސް ބަދަހިވާނެއެއްނު." ބައްޕަގެ ވާހަކަ ހުރިގޮތުން މުސްކާންގެ ހިތް ނަށައިލިއެވެ. އޭނާފަދައިން އޭނާގެ އާއިލާގެ މެމްބަރުންވެސް އައިޒަން ބަލައިގަނެއެވެ.

"މުސްކާން ބަލާބަލަ ކޮންބައެއް މިތިބީ؟" މަންމަ އެނބުރި އައިއިރު ގޮވާލުމުން މުސްކާން އެދިމާއަށް ބަލައިލާފައި ކުއްލިއަކަށް ތެދުވެވުނެވެ. މަންމަގެ ކައިރީގައި ހުރެގެން އެއަންނަނީ އައިޒަންއާ އޭނާގެ މައިންބަފައިންނެވެ. މުސްކާން އަވަހަށް އެމީހުން އިށީންނަން ތަންދިނުމުގެ ގޮތުން ދުރަށް ޖެހިލުމުން އައިޒަންއާ ނާޝިދު އިށީންދެލީ ޣަފޫރު ކައިރީގައެވެ. މުސްކާން ކޮޅަށް ހުއްޓާ ސަނާ އައިސް އޭނާގެ އަތުގައި ހިފާލައިގެން ދެން ހުރި ސޯފާގައި ޖައްސައިލިއެވެ. ރަމްލާ ކޯއްޗެއްހޭ ގެންނަންވީ ކިޔަމުން އެތެރެއަށް ދާން އުޅުމުން ސަނާ އެކަން މަނާކޮށްފައި އެދުނީ އިހަށް އެތަނުގައި މަޑުކުރުމަށެވެ. މުސްކާންގެ ހިތް ތެޅިގަތީ ދެނެވެ. ޔަޤީނުންވެސް ވާން އުޅެނީ ބޮޑު ކަމެކެވެ. އަނެއްކާ ކީއްހެއްޔެވެ؟ އޭނާ ފިނިވެފައި އިނދެގެން ސިއްރުން އައިޒަންއަށް ނަޒަރެއް ދިންއިރު އައިޒަން އިނީ ބަލާށެވެ. އެތޫނު ދެލޯ ބުނަމުންދިޔަ ވާހަކަވެސް އޭނާއަށް މިފަހަރު ދެނެއެއް ނުގަނެވުނެވެ.

"އަހަރުމެން މިރޭ ކުއްލިއަކަށް މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން." ނާޝިދު ވާހަކަ ފެށިއިރު ސަނާއަށް ނަޒަރެއް ދިނުމުން ސަނާ ހިނިތުންވެލި ގޮތް މުސްކާންއަށް ފާހަގަވިއެވެ. އެއީ ދައްކަން އުޅޭ ވާހަކައަށް ބާރު ދޭފަދަ ހިނިތުންވުމެކެވެ.

އަހަރުމެން ބޭނުންވަނީ މުސްކާންއަށް އަށާރަ އަހަރު ވާއިރަށް އައިޒަންއާ ދެކުދިންގެ ކައިވެނި ކުރުވަން. އެހެންވެ އެކަމާމެދު މުސްކާން މަންމަމެން ދެކޭގޮތް އަހަރުމެން ބަލަން ބޭނުންވަނީ." ނާޝިދުގެ ވާހަކަ ނިމުނުއިރަށް ރަމްލާ ސިހުނެވެ. ޣަފޫރުވެސް ފާޑަކަށް ތެޅިގަނެފައި އަނބިމީހާއަށް ބަލާލައިފިއެވެ. މުސްކާން އެއިރު ދެފަހަރު ދެމީހުންގެ މޫނަށް ބަލަބަލާ އިނީ އެމީހުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭނާއަށް ލިބުނު ހައިރާންކަމަށްވުރެ މަންމަމެން ދީފާނެ ޖަވާބަކާމެދު ހިތުގައި އުފެދުނު ހާސްކަން އިތުރެވެ.

"މުސްކާންގެ މަންމަމެން އެހާ އަވަސް ކުރަން ބޭނުން ނުވަންޏާ އަހަރުމެން ކޮންމެހެން ބާރެއް ނާޅާނަން. އެކަމަކު ދެކުދިންވެސް އެގޮތް ބޭނުންވެގެން ހުށައަޅާފައި އޮތީމަ އަހަރުމެން މިވާހަކަ މިދެއްކީ. އަނެއްކޮޅުން ބަލާއިރު އައިޒަންގެ ހާލު ހުރިގޮތުން މާގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ ޔަޤީންކަމެއް ނުދެވޭނެ. އެކަމަކު އެހެން ވިއަސް ގޮތެއް ނިންމާނީ ހަމަ ތިދެމީހުން. " ނާޝިދުގެ ވާހަކައާ ގުޅުވައިގެން ސަނާ ފަށާފައި ފަހުން ބުނެލި ޖުމްލައިން މުސްކާންގެ ހިތުގައި ރިއްސައިގަތެވެ. ލޯ ފެންކަޅިވެގެން ދިއުމާއެކު އޭނާއަށް ބަލައިލެވުނީ އައިޒަންއަށެވެ. އައިޒަން އޭރު އިސްޖަހާލައިގެން އިނީ ކޮންފަދަ ހިޔާލެއްގައި ކަމެއްވެސް ނޭނގެއެވެ.

"އަހަރުމެން ކީއްވެ ދެކޮޅު ހަދަންވީ؟ މުސްކާންއާ އައިޒަންގެ އުފަލަކީ އަހަރުމެންގެވެސް އުފާ. އައިޒަން ދުނިޔޭގައި ހުރިހާ ދުވަހަކު އޭނަ އުފާވާނެ ހުރިހާ ކަމެއް ކޮށްދިނުމަކީ އަހަރެމެންގެ އެންމެބޮޑު އެދުން." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޣަފޫރު ޖަވާބުދިނެވެ. ރަމްލާއާ ދެމީހުން ނަޒަރު ބަދަލުކޮށްލާފައި އެކަކު އަނެކަކަށް ހިނިތުންވެލިއިރު ސަނާގެ ލޮލުން ކަރުނަ ނީރާލައިފިއެވެ. "ހާދަ އުފާވެއްޖޭ މިރޭ. ދެން އިރާދަކުރެއްވިއްޔާ އަވަހަށް މުސްކާން ތީ މަންމަގެ ކައިރިއަށް ގެންދެވިދާނެ." ސަނާ އެކަރުނަތިކި ފުހެލާފައި މުސްކާން ގެނެސް މޭގައި ޖައްސައިލިއެވެ. މުސްކާންދެކެ އެމީހުން ވާލޯއްބާމެދު ކުރިއްސުރެ ޝައްކުވެފައި ނެތަސް އެމަންޒަރު ފެނުމުން އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނުވިއެވެ. ކޮންމެފަދަ ހާލަތެއް އަޔަސް އެމީހުން ތިބިއްޔާ މުސްކާން އެކަންޏެއް ނުވާނެއެވެ.

އެކަނި އެވާހަކަދައްކާލައިފައި ތެދުވެގެން ދިއުމުގެ ހުއްދައެއް ރަމްލާ ނުދިނެވެ. އެންމެފުރަތަމަ ފަހަރަށް އެއާއިލާ އެކުގައި އައިފަހަރު ކޮންމެވެސް އެއްޗެއް ކާން ޖެހޭނެ ކަމަށް ބުނެ އެންމެން ގޮވައިގެން ކާކޮޓަރިއަށް ދިޔައިރު އައިޒަންވެސް ތެދުވިއެވެ. އެކަމަކު މުސްކާން ތަންވަޅު ބަލާފައި އައިޒަން އެންމެފަހަތުގައި ހުއްޓާ އަތުގައި ހިފާ ދަމައިގަނެފައި ގެންގޮސް ކޮޓަރިއަށް ވައްދައިފިއެވެ.

"ކިހިނެތްވީ؟ ކީއްވެ ފާޑަކަށް ތި ހެނީ؟" އަތުގައި ހިފައިގެން ގެންގޮސް އެނދުގައި އައިޒަން ބައިންދާފައި ކުރިމައްޗަށް ހުއްޓުނުއިރު ލާނެތް ގޮތަކަށް ހީލުމުން މުސްކާން އެހިއެވެ. "އެހާ ސިއްރުން މިތަނަށް ގެނެސް ވެއްދިގޮތުން އެހެން މީހުން ހީކޮށްފާނެ ހަގެއް ދޭން ކަމަށްވެސް." އައިޒަން ހުރީ ސަމާސަ މޫޑެއްގައެވެ. "އެހެންތަ އެހެންވިއްޔާ ހަގެއްވެސް ދީފާނަމޭ. އެއިރުން ކަންނުވެ ނަންވި ކަމަކަށް ނުވާނެއެއްނު." މުސްކާންވެސް ދެރަނުވާން އެސަމާސާގައި ބައިވެރިވެފައި ބައްދައިލި ވަގުތު އައިޒަން ކުއްލިއަކަށް ފަހަތަށް ވެއްޓިގަތުމުން އޭނާއަށް އޮވެވުނީ އައިޒަންގެ ގައިމަތީގައެވެ. އައިޒަންއަށް ތަދުވެދާނެތީ އޭނާ އަވަހަށް ދުރަށް ޖެހިލަން އުޅުމުން އެދެއަތުގެ ތެރޭ ހައްތަހާ ބޮޑަށް އޭނާ ހައްޔަރުކޮށްލީއެވެ.

"އަޒް..." ނުހަނު ކައިރިން ފެންނަމުންދިޔަ ލޮލަށް ބަލަމުން މުސްކާން ކިޔައިލިއެވެ. އެތޫނު ލޮލުގައި ކުލައަކުން އޭނާ ރަކިވެ މޫނު ރަތްވާން ފެށިއެވެ. އޭނާ ބަލަން އޮތްވާ އައިޒަން ކުޑަކޮށް ބޯހިއްލާލައި މޫނު ކައިރިކޮށްލުމުން ލަސްލަހުން އެސްފިޔަތައް ކައިރިކޮށްލިއެވެ. އެވަގުތު އައިޒަން ދިން ލުއި ހަދިޔާއިން ހަށިގަނޑުގައިވި ހުރިހާ ނާރުތަކަށް ދަންދެން އެނގުންވެލިއެވެ. އައިޒަން މޫނު ދުރުކޮށްލި ފަހުންވެސް އޭނާ ލޯ ނުހުޅުވައި ބޯއަޅައިލީ އެމޭގައެވެ.

"މިއަދު ޝެލީ ކައިރީ ބުނިއިރު ހިއެއް ނުކުރަން ދޯ އަހަރެން މިވާހަކަ މިހިސާބަށް ގެނެއްސާނެ ކަމަކަށް؟" އައިޒަން އިރުކޮޅަކުން ވާހަކަދެއްކުމުން މުސްކާން ހޫމ އަޅުވައިލިއެވެ. "ޓުބީ އޮނެސްޓް އޭރުވެސް އަހަރެން އޮންނާނީ މަންމަމެން ކައިރީ ބުނެފަ." އައިޒަން ހަޤީޤަތް ހާމަކުރި ވަގުތު މުސްކާން ހައިރާންވިއެވެ. އޭނާ ބޯހިއްލާލައިފައި ކޮންއިރަކުތޯ އެހިއެވެ. "ދަތުރު ގޮއްސައި އައިފަހުން އިއްޔެ." އައިޒަން ޖަވާބުދިނެވެ. "އަހަންނަށް ބުނެދީފާނަންތަ ޝެލީއާ ރުޅިވީ ކީއްވެކަން؟" މުސްކާން އެންމެފަހުން އަހައިލިއެވެ. އައިޒަން ލުއި އަޑަކުން ހީލީ މުސްކާން އެސުވާލު ކުރާނެ ކަމަށް އަމިއްލައަށްވެސް ވިސްނާފައި އޮތުމުންނެވެ. "އަހަރުމެން ރަތްޓެއްސެއް ނުވަން. ޝެލީ އުޅުނީ އަހަރެން ފަހަތުން. އަހަރެންނަށް ކެންސަރ ޖެހުނުކަން އެނގުނީމަ ޝެލީ އަމިއްލައަށް ދުރަށް ދިޔައީ. އެކަމަކު އޭނަގެ ނިންމުމާމެދު އަހަރެން ހިތް ބުރައެއް ނުކުރަން. އަހަރެން ޤަދަރު ކުރަން އޭނަގެ ނިންމުމަށް." އައިޒަން ކިޔައިދީ ނިމުނުއިރު މުސްކާންގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އައިޒަން ކިހާ ރަނގަޅު ހެއްޔެވެ؟ ކިހާ ހިތްތިރި ހެއްޔެވެ؟ އެމަޤާމުގައި އެހެން މީހަކު ހުރިނަމަ ޝެލީއާ ދޭތެރޭ ދަންނަ މީހުންވެސް ދެކޭގޮތް ބަދަލު ކުރުވާނެކަން ޔަޤީނެވެ.

"ހިނގާދޯ މަންމަ ނާންނަނީސް ބޭރަށް ނިކުންނަން." މުސްކާން ހަނދާންވެގެން ބުނެލުމުން އައިޒަންވެސް އެއްބަސްވެ ބޯޖަހައިލިއެވެ. ނަސީބަކުން ރަމްލާ އައިޒަން ހޯދަމުން އައީ އެމީހުން ނިކުތްތަނާއެވެ. އައިޒަންއަށް ކާން އުދަނގޫވެ ޖޫސްތައްޓެއް ގެނެސް ދިނުމުން ސިޓިންރޫމް ސޯފާގައި މުސްކާން ކައިރީ އިނދެގެން ބޯލިއެވެ. ގިނައިރެއްނުވެ ސަނާމެންވެސް އައިސް ދާންވެގެން އުޅެގެންފިއެވެ. ކައިވެނީގެ ތައްޔާރީގެ ކަންތައް ތަކުގައި މަޝްވަރާ ކުރުމަށް އަދިވެސް ބައްދަލުވާނެ ކަމަށް ބުނަމުން އެއާއިލާ ވަކިވެގެން ދިޔައީ އަނެއްކާވެސް މުސްކާންގެ ހަމަޖެހުން ނަގާލައިފައެވެ.

ކޮޓަރިއަށް ވަނުމުން މުސްކާންއަށް ހިޔާލު ކުރެވެން ފެށީ ކައިވެންޏާ މެދުގައެވެ. އުއްޑުން އޮށޯވެ ސީލިންގަށް ލޯ ހުއްޓާލައިގެން އޮތްއިރު ހިޔާލީ ލޯގަނޑަށް އަރާ ފައިބަމުންދިޔައީ އެދުވަހު ހިނގާނެ ކަންތައް ތަކެވެ. އައިޒަންގެ ހައްޤަކަށް އޭނާ ވުމަށްފަހު ހުރިހާ ވަގުތެއް އައިޒަންގެ ކައިރީގައި ހޭދަވާނެ ގޮތެވެ. ކޮންމެ ދަތި ވަގުތެއްގައި އެންމެ ގާތުން އެހީވާން އަބަދުވެސް އޭނާއަށް ހުރެވޭނެއެވެ. އެދުވަހުން އޭނާ ވާނީ އެންމެ ނަސީބުގަދަ ކުއްޖާއަށެވެ. އޭނާއަށް އޭނާގެ ފުރަތަމަ ލޯބި ކާމިޔާބު ވެގެން ދާނެއެވެ.

އޭލެވެލް ފަހު އިމްތިހާނާއި ކައިރިވަމުން އައިއިރު އެއަހަރުގެ ރަމަޟާން މަސްވެސް އައިސް ކުރިމަތިވެއްޖެއެވެ. ގްރީންލޭންޑްގައި އޮތް މާ ހެފުމަކަށް މުސްކާން ތައްޔާރުވެލައިގެން ދިޔައީ ރޭގަނޑު އަށް ގަޑި ބައިވި ފަހުންނެވެ. ގޯތިތެރޭގައި އޭރު ކުރިއަށް ދިޔައީ ބާބެކިއު ޕްރޮގްރާމްއެކެވެ. ނާޝިދުއާ ސަނާގެ އިތުރުން ހަފްނާއާ ސަމީރުގެ އިތުރުން އިޝާންވެސް ކުޑަ ޗުއްޓީއެއް ލިބިގެން އައިސް ހުއްޓެވެ. ދެން އުޅެނީ އައިޒަންމެން ތިން ބެއިންނާ އިތުރަށް މިރާހްއެވެ.

"ހެލޯ މުސްކާން. ކިހިނެތްތަ ހާލު؟ ރަމަޟާން މުބާރިކް އިނގޭ!" މުސްކާން ގޮސް އައިޒަންގެ ކައިރިއަށް ހުއްޓުނުއިރު އިޝާންއަށް ފެނިގެން އައިސް ވާހަކަދެއްކިއެވެ. "ރަނގަޅު. އިޝާންއަށްވެސް ރަމަޟާން މުބާރިކް." މުސްކާން ޖަވާބުދިނީ ހިނިތުންވެފައެވެ. އޭނާ އައިޒަންގެ ހުއްދަ ހޯދައިގެން އެތެރެއަށް ވަންއިރު ސަނާމެން ބޮޑު ދެމީހުން ފިހާ ތަކެތީގައި މިރުސްލާން ތިބުމުން ބައިވެރިވިއެވެ. ނޯކަރު ކުއްޖާ އޫތަކަށް އަލުއްވާއި ރަންގުފަދަ އެއްޗެހި އަމުނާތީ ފެނިގެން އޭނާ ކައިރިވެފައި އެހީވާން ފެށިއެވެ. އެމީހުން ނިކުމެ އެއެއްޗެހި އެތުރުމުން ފިހުމުގެ މަސައްކަތުގައި އުޅެން ފެށީ ފިރިހެނުންނެވެ.

ތަންކޮޅެއް ދުރުގައި ދެ ޤުރޫޕްކަށް އަތުރާފައިވާ ގޮނޑިތަކުން ގޮނޑިއެއްގައި އޮށޯވެ މަތި ބަލާލުމުން މުސްކާންގެ ލޯ ހައިރާންކޮށްލީ އުޑުގައި ރަސްކަން ކުރަމުންދިޔަ އެތައް ސަތޭކަ ތަރިތައް ފެނިފައެވެ. މޫނު އުފުލައިލި ގޮތަށް ތިރިކޮށްލަން ނޭނގިފައި އެތަރިތަކަށް ބަލަން އޮތްވާ މޫނުގައި އައިސް ބީހުނު ރޯޅިއާއެކު ކަންފަތް ކައިރިން ވަކިވެފައިވާ އިސްތަށިކޮޅެއް އެކޯތާފަތަށް ނިވާ އެޅިއެވެ. "ވަރަށް ރީތި ދޯ." ކައިރިން އައިޒަން ވާހަކަދެއްކި އަޑާއެކު އެއިނގިލިތަކުން އޭނާގެ ކޯތަފަތުގައި ބޮސްދެމުން ދިޔަ އިސްތަށިކޮޅު ދުރުކޮށްލަދިނެވެ. މުސްކާން ބަލައިލިއިރު އައިޒަން އޮށޯވެ އޮތީ ޖެހިގެން ހުރި ގޮނޑީގައެވެ. "ފެނޭތަ އެތާ އެންމެ އަލިގަދަކޮށް އެހުރި ތަރި؟ އެއީ ޕްރިންސެސް މުސްކާން." އައިޒަން ބުނި އެއްޗަކުން މުސްކާން އަނެއްކާވެސް މައްޗަށް ނަޒަރު ހުއްޓައިލިއެވެ. އައިޒަން އެބުނާ ތަރި ފާހަގަ ވުމުން އޭނާއަށް ހީލެވުނެވެ. "ދެން އެތާ ކައިރީގައި އަދި އެހުރީނު އެއަށްވުރެ އަލިމަޑު އެހެން ތަރިއެއް. އެއީ އަހަރެން. މުސްކާންގެ ބޮޑީގާޑު." އައިޒަން އިތުރުކޮށްލިއެވެ. މުސްކާންއަށް މަޖާވެގެން ހިނިގަނޑެއް ޖަހާލައިފައި ބަލާލިއިރު އައިޒަންވެސް އިނީ ބަލާށެވެ. "އިރާދަ ކުރެއްވިއްޔާ އަހަރެން ނެތް ދުވަހެއް އަޔަސް އެތަރި ޕްރިންސެސް މުސްކާން ހިމާޔަތް ކުރަން ހުންނާނެ." މަޑުން އިނދެފައި އައިޒަން ބުނި ވާހަކައިން މުސްކާންގެ މޭގަނޑު ރޫރޫއަޅައިގަތެވެ. އޭނާ ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލާފައި އައިޒަންގެ އަނގަމަތީ އަތް އަޅާލުމަށްފަހު ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ދެން ދުވަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނާތި. އަހަރެންނަށް އިނގޭ އަދި ޤަބޫލު ކުރަން ކޮންމެ މީހަކުވެސް ނެތިދާނެކަން. އެކަމަކު އަހަރެން ބޭނުމެއް ނުވޭ އަހަރުމެން އުފާވެރި ވަގުތު ތަކުގައި އައިޒަން ތިކަހަލަ ވާހަކަ ދައްކާކަށް." މުސްކާން ބޭނުންވާ ގޮތް ހާމަ ކުރުމުން އައިޒަން މަޑުމަޑުން ބޯޖަހައިލިއެވެ.

އައިޒަންއަށް ގިނަ އެއްޗެހި ނުކެވުނަސް ކެއުމުގެ ވަގުތުގައި އެންމެ ހަމަޖެހިލާފައި ހުރި އެކަކީ އެއީއެވެ. ނާޝިދުމެން އެމީހުން ކުޑައިރު ރަމަޟާން މަހު ކަން ހިނގާގޮތް ކިޔައިދިންއިރު ދިމާވެފައި ހުރި މަޖާ ކަންތައް ކިއުމުން އެންމެން ހުނެވެ. ބޮޑެތި މީހުން ދިއުމުން ދެންތިބީ ޒުވާން ކުދިން ކޮޅެވެ. ރަމަޟާން މަސް ފެށުމާއެކު އެހެން އަހަރުތަކެކޭ އެއްފަދައިން ތަރާވީސް ޕާޓީތައް ބާއްވަން އެމީހުން ރޭވިއެވެ. އެންމެ ހާއްސަ ކަމަކަށް އެމީހުން ފާހަގަ ކުރީ މިއަހަރުގެ ތަރާވީސް ތަކުގައި މުސްކާން ބައިވެރިވާނެ ކަމެވެ. "އަދި ކޮބާ ރޯދަމަސް ނިމިގެން ގިނަ ދުވަހެއް ނުވެ މުސްކާން އަހަރުމެންގެ ފަހަރިއަކަށްވެސް ވާނެއެއްނު." މިރާހް އަވަހަށް އެމީހުންނާ ދިމާ ކުރަން އެވާހަކަ މައުޟޫއަކަށް ނެގިއެވެ. "ތެދެއް ތެދެއް. އެކަމަކު މުސްކާން ހަނދާން ކުރާތީ އަޒްއާ އިނީމަ އެކަނި އޭނައާ ނޫންކަން ގުޅުން އެއުފެއްދެނީ. އެންމެ ހާއްސަ ވާނީ އަހަރެންނާ އޮންނަ ގުޅުން. ފެނެއެއްނު މަންމަ ބަލާ ސީރީސްތަކުގަވެސް ކޮއްކޮމެންގެ ހުރިހާ ކަމެއް ކޮށްދޭތަން. މުސްކާންވެސް ވާނެ އެކަހަލަ ފަހަރިއަކަށް ވާން." ލީވާން ގުޅުވާލައިފައި ބުނި ވާހަކައިން އެންމެންނަށް މަޖާވިއެވެ. "ތިކިޔާ އެއްޗަކުން ހީވަނީ މުސްކާން އިންނަން އުޅެނީ އެއްފަހަރާ ދެމީހުންނާހެން." އިޝާން ހުރެފައި އިތުރުކޮށްލިއެވެ. "އޮހޮހޯ މަގޭ އަންހެނުން އަމިއްލަ ކުރާނީ މަ އެކަނި. ލީވާން ޖަހާހާ ބެރަކަށް އޭނަ ނުނަށާނެ. އެކަހަލަ ކުއްޖެއް ބޭނުމިއްޔާ އަމިއްލައަށް ހޯދާ." އައިޒަން ހެވިފައި އިނދެގެން ރައްދުދިނެވެ. "ދެން އެހެންވިއްޔާ ތިއްތޭއަށްވުރެ ކުރިން އަހަރެން މުސްކާންއާ ކައިވެނި ކުރީމަ އޯކޭވާނެއެއްނު." ލީވާން ކުއްލިއަކަށް އެހެން ބުނެލާފައި އައިޒަން ފުންމައިގެން ތެދުވެ ވަގުތު ދުވެ ރައްކާވެއްޖެއެވެ. އޭރު އެންމެން ތިބެގެން ހެނީއެވެ. އައިޒަން އެނބުރިފައި ބަލާލުމުން މުސްކާން އިންދާ ފެނުނީ އަނގަމަތީގައި އަތް އަޅާލައިގެންނެވެ. "ލެޓްސް ގެޓް ޔޫ ހޯމް ބޭބީގާރލް." އައިޒަން ކައިރިވެލާފައި އެއަތުގައި ހިފައިގެން ހިނގައިގަންނަމުން ބުނެލިއެވެ. މުސްކާން އެނބުރި ދެންތިބި މީހުންނަށް ވަދާޢު ކިޔާލައިފައި ދިޔައެވެ.

އެރޭ އައިޒަން އައިސް އޭނާ ލައިފައި ދިއުމުން ކޮޓަރިއަށް ވަންއިރު އެހާ އަވަހަށް ގުޅަނީއެވެ. "ހާދަ ރީތިކޮށް ހެވިލާފައި ތިހުރީ." ފޯނު ނެގިއިރު އައިޒަން ބުނި އެއްޗަކުން މުސްކާން ހައިރާންވިއެވެ. އޭނާއަށް ވަށައިގެން ހޯދައިލެވުނީ އައިޒަން ފެންނަ ހިސާބުގައި ބަލަން ހުރީ ކަމަށް ހީކޮށްފައެވެ. އެކަމަކު ނެތެވެ. "ކިހިނެތް އެނގުނީ އަހަރެން ސްމައިލް ވި ކަމެއް؟" މުސްކާން އެހިއެވެ. "ޕްރިންސެސް މުސްކާންގެ ވާހަކަ މިކިޔަނީ." އައިޒަން ރައްދު ދީފައި ހިނިގަނޑެއް ޖަހާލުމުން މުސްކާން ގާތަށްވެސް ހިނިއައެވެ. އޭނާ ފޮތިގަނޑު ކަހާލައިގެން ބެލްކަންޏަށް ނިކުމެ ބަލާލިއިރު ކައިރީގައި ހުރި އެންމެ އަލިގަދަ ދެތަރި އަދިވެސް ހުރީ ފެންނާށެވެ.

ދެފަޔަށް ތަދުވާ ގޮތްވުމުން އޭނާ އެނބުރި އައިސް އޮށޯވެ އޮތްވާ އެކޮޅުން އައިޒަންގެ މަންމަ ވަދެފައި މިއައީ ބޭސް ހިފައިގެންނޭ ބުނި އަޑުން ސަމާލުކަން އަތލިއެވެ. އައިޒަން އެވަގުތު މަޑުކޮށްލާށޭ ކިޔާފައި ދުރަށް ދިޔަ މީހާ އައީ އިރުގަނޑެއް ކޮށްލައިފައެވެ. މުސްކާން އެހުރިހާއިރު ހިމޭންކަން އަހަން އޮވެފައި އައިޒަން ހަލޯއޭ ކިޔައިލުމުން ފުންމައިގެން ތެދުވިއެވެ. "ކިހިނެތްވީ؟ ކޮން ބޭހެއްގެ ވާހަކައެއް މަންމަ އެކިޔަނީ؟" މުސްކާން ކަންބޮޑުވެފައި ސުވާލު ކުރިއެވެ. އައިޒަން ޖަވާބުގައި ފުރަތަމަ ހިމޭންކަން އިޚުތިޔާރު ކުރި ގޮތުން އޭނާ އިތުރަށް ބިރުގަތެވެ. "އެހެންޏާ ނުވާކަހަލަ ގޮތެއް ވާތީ މިއުޅެނީ." އައިޒަން އެންމެފަހުން ކިޔައިދޭން ނިންމިއެވެ. މުސްކާން ނޭވާ ހިފަހައްޓާލައިގެން އިނީ އެބުނަން އުޅޭ އެއްޗެއް އަހަން ކެތްމަދުވެފައެވެ.

ކޮމެންޓް 0