"މިދަނީ ތިގޭ ކައިރިއަށް. އިރުކޮޅަކުން ނިކުމޭ!" އިޝާން ވިސްނާލައިފައި ޖަވާބު ދިނެވެ. އޭނާ ފޯނު ކަނޑާލައިފައި އެފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ހަރުކޮށް ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ.އިރުކޮޅެއް ފަހުން ކާރުގައި އައިސް މަގުގެ އަނެއްފަރާތަށް މަޑުކޮށްލިއިރު މުސްކާން ދޮރުމަތީ ހުރެފައި ދެކޮޅު ބަލާލުމަށްފަހު ކައިރިއަށް އައެވެ. މުސްކާން އެވަގުތު ލައިގެން ހުރި ޓީޝާޓްކޮޅާއި ހަރުވާޅުގެ މަތިން ޖެކެޓްކޮޅެއްލައި ކައިރިކޮށްލައިގެން ހުރިއިރު އެއިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލައިފައެވެ. އަރައި އިށީންނުމުން ހިތާއި ހިތުން އިޝާންއަށް ތައުރީފް ކޮށްލެވުނީ އެސިފައިގައިވެސް މުސްކާންގެ ފުރިހަމަކަމަށް އުނިކަމެއް އައިސްފައި ނުވާތީއެވެ. ރުއިމުގެ ސަބަބުން ރަތްވެފައިވާ ނޭފަތު ކުރިއާ ތެމިފައިވާ އެސްފިޔަތަކުންވެސް ރީތިކަން އިތުރުކޮށްދެނީއެވެ. އިޝާންއަށް ވާނެނަމަ މުސްކާން ބޮނޑިކޮށްލީހީ އޭނާގެ އަތުތެރޭގައެވެ.

"އިޝާން އަހަރެން މިވާހަކަ ދައްކަން ތިނޫން ފަރާތެއް ނެތް. އިޝާން ނޫނީ އަހަރެން މިދައްކަން އުޅޭ ވާހަކަ އަންޑަސްޓޭންޑް ވާނެ އެހެން މީހަކު ނެތް. އެކަމަކު މީ އަހަރެންގެ ސެލްފިޝްކަން ކަމަށްވެސް ވެދާނެ މިގޮތަށް އިޝާން ކައިރީ މިވާހަކަ ދެއްކުން." މުސްކާން ދުރުބަލަން އިނދެގެން ވާހަކަ ފެށުމުން އިޝާންވެސް މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. "އިޝާން އަހަރެން ޒުވާންވެގެން އައި ދުވަސްވަރުވެސް ހަމައެކަނި ދެކުނީ ކިޔަވައިގެން މޮޅުމީހަކަށް ވުމުގެ ހުވަފެންތައް. ޒަވާޖީ ހަޔާތެއް ފެށުމާއި އާއިލާއެއް ބިނާކުރުމުގެ ހުވަފެން އަހަރެންގެ ހިތާއި ގުޅިލާމެހުނީ އަޒް ފެނުނު ހިސާބުން. އެކަމަކު އަހަރެންނަށް ލޯއްބަކީ އަޒްއާ އަހަރެން އެކުގައި ކުރިމަތިލި ދަތި ދުވަސްތައް. މީހުން ހިތަށް އަރައިފާނެ މަރުބަލީގައި އުޅޭ މީހަކާ އެކުގައި އުޅޭ މީހަކުވެސް ކަރުނައަޅައި ރޯނީއޭ. އެކަމަކު އެހެނެއް ނޫން. އަހަރެންގެ ކުރިމަތީ އަޒް ފެންނަން ހުރުންވެސް އަހަރެންނަށް ވީ އަދަދު ނުކުރެވޭ ބޮޑު އުފަލަކަށް. އޭނަ ވޭނުގައި އުޅޭއިރު ލުއިކޮށްދޭން ކޮށްދެވޭ ކަންތައް އެއީ އަހަރެންގެ އުފާ. އަހަރެންނަށް އެންމެ ޕްރިޝަސް އެއްޗަކަށް ވީ އޭރު އެކުގައި ހޭދަކޮށްލަން ލިބުނު ކޮންމެ މިނިޓެއް. އެހެންވެ އެއީ ހަމައެކަނި ހަނދާންތަކެއް ނޫން. އެއީ އަހަރެންގެ ދިރިއުޅުމުގެ އެއްބައި. އަހަރެން ދިރިހުރިހާ ހިނދަކު އެހަނދާންތައް އަބަދު އެންމެ ކައިރީގައިވާނެ. އަދި އެހެންވެ އަހަރެން ބޭނުންވިއަސް އެހެން މީހަކާ ދޭތެރޭ ވިސްނުމުގެ އިޚުތިޔާރެއް ނެތް.

"ގަބޫލު ކުރަން އުމުރުދުވަހު އަޒްގެ ހަނދާނުގައި އެކަނި ނުހުރެވޭނެކަން. އެނގޭ މީހަކާއިވެސް އިންނަން ޖެހޭނެކަން. ބޭނުން އަހަރެން ބަލައިބޮޑުކުރި މައިންބަފައިންގެ އެދުން ފުރިހަމަކޮށްދޭން. ކޮންމެ މަޔަކާއި ބަފަޔަކުވެސް އެންމެ ދެކެން ބޭނުންވާނީ އެމީހުންގެ ދަރިން ބޮޑެތިވުމަށްފަހު މީހަކާއި އިނދެ އުފާވެރި ދިރިއުޅުމެއް އުޅޭތަން. އަހަރެންވެސް ބޭނުން އަހަރެން މަންމަމެންގެ ހިތުގައި މިހާރު އޮތް ބުރަ ލުއިކޮށްދޭން. އެކަމަކު އިޝާން. އަހަރެން ބިރުގަނޭ އަހަރެންނާއި ކައިވެނިކޮށްގެން އިޝާންގެ ދިރިއުޅުމުން އުފާވެރިކަން އަލްވަދާޢު ކިޔާފާނެތީ. އަންބެއްގެ ވާޖިބު އަދާކުރަން އަހަރެން ދުވަހަކުވެސް ރެޑީ ނުވެއްޖެއްޔާ ކިހިނެތް ހަދާނީ؟ އެކައިވެނި ވެދާނެ އިޝާންގެ އެންމެބޮޑު ރިގްރެޓަށްވެސް. އެކަމަކު އޭގެ ބަދަލުގައި އެކަން އެހެންވުމުގެ ކުރިން އިޝާންއަށް މޫވްއޮން ކުރެވިދާނެ. އަހަރެން އިޝާން ކުށްވެރިއެއް ނުކުރާނަން. ހަމަތެދެއް." މުސްކާން ވާހަކަދައްކަމުން ދަނިކޮށް އިޝާން ކުއްލިއަކަށް އަތުގައި ހިފާލުމުން މެދުކެނޑުނެވެ. އޭނާ ބަލާލިއިރު އިޝާން އަދިވެސް އިނީ ދުރުބަލާށެވެ.

"މުސްކާން ދައްކަން ހުރި ވާހަކަ ނިމުނިއްޔާ ދެން އަހަރެން ފަށަންތަ؟"އިޝާން އެނބުރި ހަތަރުކަޅި ހަމަކޮށްލި ގޮތުން ހިތް އަވަސް ކުރުވިއެވެ. މުސްކާންއަށް ވީގޮތަކީ ޖަވާބު ނުދެވިފައި ބަލަން އިނދެވުނީއެވެ. އިޝާން އެވަގުތު އެއަތަށް ފިތާލައިފައި ތިރިކޮށްލުމަށްފަހު ދެސީޓު ދެމެދު މަތިޖެހޭގޮތަށް އިން ތަނުން ނެގި ކޮންމެވެސް އަނެއްއަތުތެރޭ ބޮނޑިކޮށްލިއެވެ.

"މުސްކާން އަހަރެންނަށް ޓްރަސްޓް ކުރަންތަ؟" އިޝާން ކޮށްލީމާނައިން ފުރިގެންވީ ސުވާލެކެވެ. އެކަމަށް ހެކިދިނީ އެތޫނު ލޮލުން ބަލައިލި ގޮތެވެ. ނުވިސްނާ އިނދެފައި މުސްކާން މަޑުމަޑުން ބޯޖަހައިލިއެވެ. އިޝާން އެވަގުތު ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި އޭނާގެ ކަށި އިނގިލީގައި އަޅުވާލިތަން ފެނުނީ ކުޑަ އެހެން ޖަހާފައި އިން އަނގޮޓިއެކެވެ. މެއަށް ފިނިވެގެން ދިއުމާއެކު މުސްކާންއަށް އަތްދަމައިގަނެވުނެވެ. ދެލޯ ބޮޑުކޮށްގެން އަތަށް ބަލަން އިންއިރު ކަރުތެރެ ހިކި ބަސްބުނަން އުދަނގޫވީ ލިބުނު ޝޮކެއްގެ ސަބަބުންނެވެ. އޭނާ އެހުރިހާ ވާހަކައެއް ދެއްކި ފަހުންވެސް އިޝާން އެފަދަ ކަމެއް ކޮށްފާނެ ކަމަކަށް ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ.

"މުސްކާން އައި ސްވިއަރ މުސްކާންގެ ފެންނަ ހިސާބުގައި އެންމެގާތުގައި ހުންނަން ލިބިގެން އެކަން އަހަރެން ދުވަހަކުވެސް ރިގްރެޓެއް ނުކުރާނަން. ފަހަރުގައި އަހަރެން އުންމީދުކުރާ ހުރިހާ އުފާތައް ނުލިބުނަސް އަހަރެން ހުންނާނީ އުފަލުން. އެއަށްވުރެ އަހަރެން އުފާވާނީ މުސްކާންއަށް ރީތި ދިރިއުޅުމެއް ހޯދައިދެވިއްޖެއްޔާ. ކުރިން ހިއެއް ނުކުރަން މިގޮތަށް މިހާ ކުއްލިގޮތަކަށް މިހެން ބުނަން ޖެހިދާނެ ކަމަކަށް. މުސްކާން! އައިޒަންފަދައިން މުސްކާންގެ ހިތް ފުރާދެވޭނެ ކަމުގެ ޔަޤީންކަމެއް ނެތަސް މެރީ މީ! ކުޑަމިނުން މެރިޖް ވޯކްއައުޓް ކުރޭތޯ ދެމީހުންނަށް މަސައްކަތް ކުރެވިދާނެއެއްނު. އެއިރުން ގައިމުވެސް ޓްރައި ކުރި ކަމުގެ ހިތްހަމަޖެހުން އޮންނާނެ." އިޝާން އާދޭހާއެކު ދެއްކި ވާހަކަތަކަށްފަހު މުސްކާން އަދިވެސް އިނީ ކަށި އިނގިލީގައި އޮތް އަނގޮޓިއަށް ބަލަހައްޓައިގެންނެވެ. އިރުކޮޅަކުން އޭނާ އިސްއުފުލާލައިފައި އިޝާންއަށް ޖަވާބެއްވެސް ނުދީ އެނބުރުނީ ކާރުން ނިކުންނަން ވެގެންނެވެ. މުސްކާންއަށް އެވަގުތު ކުރާނެ އަސަރާއި ލިބޭނެ ހައިރާންކަން އިހްސާސް ކުރެވިފައި އިޝާންވެސް އޭނާ ހުއްޓުވާކަށް ނޫޅުނެވެ. މުސްކާން ކާރުން ފައިބައިގެން ދުވެފައިގޮސް ގެއަށް ވަންނަތަން ބަލަން އިނދެފައި އޭނާ މިސްރާބު ޖެހީ އެނބުރިދާށެވެ.

ކޮޓަރިއަށް ވަދެވުނުއިރު މުސްކާން ހުރީ ގުނބުހިލިފައެވެ. ބިރެއް ފެނިގެން އުޅޭމީހަކު ފަދައިން އޭނާ ގޮސް އެނދަށް ވެއްޓިގަނެ ރަޖާތެރޭ ފޮރުވިގަތެވެ. އެހެން އޮވެ އަތްތިލަ އުފުލާލުމުން އަނދިރީގެ ތެރެއިން އަނގޮޓީގައި އިން އެސް ވިދައިގަތެވެ. ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވެ އިށީންދެއްޖެއެވެ. އޭނާ އަވަހަށް އަނގޮޓި ނަގައި ސައިޑު ޓޭބަލްމަތީ ބާއްވާފައި ނިދަން އޮށޯތީވެސް ފުރަގަސްދީގެން އަނެއްފަރާތަށް އެނބުރި އޮވެއެވެ.

ހެނދުނު ހޭލައިގެން މުސްކާން ޑިއުޓީއަށް ދިޔައީ ގޭމީހަކަށް މޫނުވެސް ދައްކައިނުލައެވެ. އޭނާއަށް ހީވަނީ އެއިން މީހަކަށް މޫނު ފެނިގެން އެމޫނުގެ ކުލަވަރުންވެސް ރޭވީ ކަންތައް ފަޅައިއަރާފާނެ ކަމަށެވެ. އެހެންވެއްޖެނަމަ އިޝާންއާ ކައިވެނިކުރަން އަދި ކުރިއަށްވުރެ އެމީހުން ބާރު އަޅާނެއެވެ. މިހާރުވެސް އެމީހުން މަޑުން އެތިބެނީ އިޝާން އެކަމަށް މާބޮޑު އެއްބާރުލުމެއް ނުދޭތީއެވެ.

ނާސްތާ ކުރަންވެގެން މުސްކާން ދިޔައީ އޮފީހުގައި އުޅޭ އެކުވެރިއަކުން ގޮވައިގެންނެވެ. ކާއެއްޗެހި ގެނެސް އަތުރާލިއިރު މުސްކާން ހުރީ ކެއުމުގެ މޫޑު ގެއްލިފައެވެ. ދުރުބަލަން އިންއިރު ސިކުނޑީގައި ވީ އިޝާންގެ ހިޔާލެވެ. "އަހަރެން ވާހަކައެއް އަހައިލަންތަ؟" ޝިފާއަކީ ޒާތީ ވާހަކަތައް ދައްކާއުޅޭ ކުއްޖަކަށް ނުވިއަސް މުސްކާން ހުރީ ކޮންމެވެސް މީހަކު ކައިރީ އެވާހަކަ ދައްކަން ބޭނުންވެފައެވެ. "އަހާބަލަ!" ޝިފާ ކޮފީ ޖޯޑު ތިރިކޮށްލައިފައި ހުއްދަދިނެވެ. "މެރީކޮށްގެން އެއްވެސް ފިރިހެނަކު ހުންނާނެތަ އަންހެންކުއްޖާގެ ހުއްދަ ނުލިބިގެން ދުރުގަ؟" މުސްކާން ކުރި ސުވާލުން ޝިފާ ގާތަށް ހިނިއައެވެ. "މުސްކާން ހާދަ އިނޮސެންޓޭ އަދިވެސް. ތީދެން ކުރާ ކަހަލަ ސުވާލެއްތަ؟ ނުހުންނާނެ އެކަކުވެސް. ބާރުލިބުނީމަ ފިރިހެނުން ވަރަށް ކަންތައް ހުންނާނެ. ބިރުދައްކައިގެން ވިއަސް އަމިއްލަ ބޭނުންތައް ފުއްދާފަ ދޫކުރާނީ." ޝިފާ ދިނީ މުސްކާން އުންމީދު ކުރި ގޮތާއި އިދިކޮޅު ޖަވާބެކެވެ. ދެކޮޅަށް އެއްޗެއް ނުބުނި ނަމަވެސް ޝިފާގެ އެޖަވާބާއި މުސްކާން މުޅިން އެއްބައެއް ނުވެއެވެ. އެއީ ހުރިހާ ފިރިހެނުންގެ ތެރެއިންވެސް އިޝާން އެއީ ތަފާތު މީހެއްކަން އޭނާއަށް ޔަޤީން ކުރެވޭތީއެވެ. މުސްކާން ހަޤީޤަތުގައި ބޭނުންވީ ޝިފާވެސް އެފަދަ މީހަކު އުޅެފާނެ ކަމަށް ބުނާ އަޑު އަހާލުމަށެވެ.

ވިސްނިވަރަކަށް މުސްކާންގެ ހިޔާލުތައް އެގޮތް މިގޮތަށް އެނބުރެން ފެށިއެވެ. އިޝާން ބުނިހެން މަސައްކަތް ކުރުމަކުން ގޯހެއް ނެތް ކަމުގައި ހިތް ވިސްނައިދޭން އުޅުނެވެ. އޭނާގެ އުފާވެރިކަން އެއްކިބައިގައި އޮތްވާ މަންމަމެންނާއި އައިޒަންގެ އާއިލާގެ މީހުންގެ ކިހާ ހިތްހަމަޖެހޭނެ ހެއްޔެވެ؟ އައިޒަންގެ އަންބަކަށް ނުވެވުނަސް އޭނާ ވާނީ އެއިރުން އެއާއިލާ ކުއްޖަކަށެވެ.

"އަހަރެން ބުނަންތަ ވާހަކައެއް. ބައެއްފަހަރު މެރީކުރީމަވެސް ލޯބިވެވޭނެ. އެބަހުރި އެފަދަ ކިތަންމެ ކަމެއް ހިނގާފަ. އަހަރެންގެ އެކުވެރި ކުއްޖަކުވެސް އޭނަ މަންމަ އެދިގެން ކައިވެނި ކުރީ. މިހާރު އެދެމީހުން އުޅެނީ ނުލާހިކު ލޯބިން. އަދި އަހަރެން ބުނަންތަ ކިޑެއް ލިބުނީމަވެސް މިހާ ހަމަޖެހޭނެ. އެއިރުން އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތޭނެ. އެއިރުން ޔަޤީނުންވެސް މުސްކާން ހުންނާނީ އުފަލުން." މުސްކާން އެންމެފަހުން ޝައިލީންގެ މަޝްވަރާއަށް އެދުމުން ބުނި ވާހަކަތަކުން މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާ ބެލްކަންޏަށް ނިކުމެ ހުރީ ތާޒާ ވައިކޮޅެއް ހޯދާލުމަށެވެ. ވިސްނާލިއިރު އަތްފައި ފިނިވެ ހިތްވެސް ހުރީ އަވަސްވެފައެވެ. އިޝާންއާ ގާތްވާން ހިތަށް އަރުވާލިއަސް އެހާ ނުތަނަވަސް ވަންޏާ އަދި ކައިވެންޏާއި ދަރިއަކު ހޯދުމަކީ ޝައްކެއްވެސް އުފެދޭނެ ކަންކަމެއް ނޫނެވެ. "ނޫން. ނޫން. ނުކެރޭނެ." މުސްކާން ދެފަރާތަށް ބޯ ހޫރާލިއިރު އަނގައިން އަޑު ނިކުތެވެ.

"ކޮންކަމެއް ކުރަން ނުކެރޭނެއޭ؟" ފަހަތުން ލީވާން ސުވާލުކުރިއަޑަށް މުސްކާން ދިޔައީ ސިއްސައިގެންނެވެ. އޭނާ ބޭއިޚުތިޔާރުގައި ހަޅޭތްލަވައިގަނެފައި މަގަތަށް އެނބުރުނެވެ "އައްދެ ހާދަ ބިރެއްގަތީ. ޔަޤީނޭ ރަނގަޅު ކަމަކާ ނޫން ވިސްނަން ތިހުރީ." ލީވާން އޮޅުންފިލުވަންވެގެން އައިސް ކައިރީގައި ހުއްޓުނެވެ. މުސްކާން ނުކިޔައިދޭންވެގެން ދެފަރާތަށް ބޯ ހޫރާލައިފައި އެނބުރުނީ އަނެއްފަރާތަށެވެ.

"ތިއްތި އައިސް އެބައުޅޭ. މިތަނަށް ގެންނަންތަ؟" ލީވާން ގަސްތުގައި މުސްކާން ތަޅުވާލަންވެގެން ބުނެލިއެވެ. މުސްކާން އެވަގުތު ކުރިއަށްވުރެވެސް ބޮޑަށް ސިހޭގޮތްވެފައި އަވަހަށް ގޮސް ޝައިލީންގެ ކޮޓަރިތެރެއަށް ދެމިގަތެވެ. ލީވާން ހެމުން ހެމުން ބަނޑުއަޅައިލީ ރެއިލިންގައެވެ. ދިމާކުރިމަތީ ހުރި ގޭގެ ބެލްކަނިން ނިކުތް އަންހެންކުއްޖާ ފެނިގެން އޭނާ ކަޅިޖަހާނުލާ ބަލަން އޮތެވެ.

ޝައިލީންގެ ހުއްދަ ލިބުމުން މުސްކާން ސިއްރު ސިއްރުން ނިކުމެގެން ދާން އުޅެނިކޮށް ސަނާ ބޭރުން އައިސް ގެއަށް ވަނެވެ. "މުސްކާން ދަނީތަ؟ އިހަށް މަޑުކޮށްލަންވީނު. ހިނގާބަލަ މަންމައާއެކު ސައިބޯން!" ސަނާ އެދުމުން މުސްކާންއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ބޯޖަހައިލާފައި ދެމީހުން އެކީގޮސް ބަދިގެއަށް ވަނުމުން ނޯކަރުމީހާ ސައި ހަދައިދިނެވެ. "މަންމަ ކައިރީ އެހިންތަ އެރޭ ދެއްކީ ކޮންވާހަކައެއްތޯ؟" ސަނާ އެހީ މުސްކާން، އަހައިފާނެތީ ބިރުން އިން ވާހަކައެވެ. އޭނާ ހަމައެކަނި ބޯޖަހާލައިފައި އިނީ އިތުރު އެއްޗެއް ނުބުނެއެވެ. "ދެން މުސްކާން ޖަވާބެއް ދިނިންތަ އެވާހަކައަށް؟" ސަނާ އިތުރު ސުވާލުތައްވެސް ކުރިމަތި ކުރުވިއެވެ.

"މުސްކާން ގޯސްކޮށް ނުދެކެއްޗޭ! އެކަމަކު މަންމަ ދެއްކި ވާހަކައެއްވިއްޔާ ދެއްކީ މުސްކާންއަށް ރަނގަޅަކަށް. މިހާރު ދެން ދެމީހުން ދަސްވާހާ ދުވަސްވެސް ވެއްޖެއެއްނު. ކިހާ ދުވަހެއް ގޭތެރޭ އުފާވެރި ކަމެއް ނުހިނގަނީވެސް. ތިކައިވެންޏާއެކު އަނެއްކާވެސް އެންމެން އެކުވެ އުފާވެރި ވަގުތުކޮޅެއް ހޭދަވެގެން ދާނެ." މުސްކާން އަނގައިން ނުބުނެ ޖޯޑުގެ ކައިރިފަށުގައި އިނގިލި ހާކަން ފެށުމުން ސަނާ ވާހަކަދެއްކިއެވެ. އެއަޑު އަހާފައި މުސްކާން ހަމައެކަނި ބުނެލީ "އެނގޭ" މިހެންނެވެ. މާހައުލަށް ވެރިވެފައިވާ އަސަރު ބަދަލު ކުރުމަށްޓަކައި ނަސީބަކުން ސަނާވެސް ދެން ފެށީ އެހެން ވާހަކައެކެވެ.

ގެއަށް ގޮސް މުސްކާން އޮތީ ކޮޓަރިން ނުނިކުމެއެވެ. މޫނުގައި ބާލީސް އަޅައިގެން އޮތްއިރު އޭނާއަށް ވިސްނެނީ އެކި މީހުން ދެއްކި ވާހަކަތަކާމެދުގައެވެ. އިޝާންގެ ވާހަކަތަކާއި ޝައިލީން ދެއްކި ވާހަކަތަކެވެ. އެއަށްފަހު ސަނާގެ ވާހަކައާ މަންމަގެ ނަސޭހަތެވެ. އެއެންމެންގެ އެދުމުގެ ކޮޅުފައިން ޖަހާފައި އަމިއްލަ އެދުން އިސްކުރުމަކީ ގޮތްދޫ ނުކުރުން ނޫން ދެން ކޮންކަމެއް ބައެއް ހެއްޔެވެ؟ އެއްފަހަރު އެމީހުން ބުނާ ގޮތެއްވެސް ހެދީމައި ދެން ވާނެ ގޮތެއް އެނގިދާނެ ނޫން ހެއްޔެވެ؟ މީގެ ކުރިން މަންމަވެސް ދުވަހަކު އޭނާގެ އެދުމަކަށް ދެކޮޅެއް ނުހަދައެވެ. އައިޒަން އެއީ ބަލިމީހެއްކަން އެނގިހުރެ އައިޒަންއާ ގުޅެންވެސް މަންމަ އެއީ ހުއްދަދިން ފަރާތެވެ. އެއީވެސް އޭނާގެ އުފަލަށްޓަކައެވެ. ވީއިރު އެމީހުންގެ އުފަލަށްޓަކައި އޭނާއަށް ވަކި ކަމެއް ކޮށްނުދެވޭނެ ހެއްޔެވެ؟ އަމުދުން އޭނާ ހާސިލްކުރަން އެދޭ އެހެން ފަރާތެއް މިދުނިޔެމަތީ ހުރީއެއްވެސް ނޫނެވެ.

މުސްކާން ވިސްނަން އޮވެފައި ތެދުވެގެން ގޮސް ސައިޑު ޓޭބަލް ކުރިމައްޗަށް ހުއްޓި އެތާ އޮތް އަނގޮޓިއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ދެން އެއަނގޮޓި ނަގާފައި ކަށި އިނގިލީގައި އަޅުވާލުމަށްފަހު އެނބުރި ގޮސް ކޮޓަރިން ނިކުމެއްޖެއެވެ.

"މަންމާ!" ގޭތެރެއިން މަންމަ ފެންނަން ނެތިގެން މުސްކާން ގޮވައިލިއެވެ. ރައްދު ނައުމުން އޭނާގޮސް ކޮޓަރިތެރެ ބަލައިލިއެވެ. ކޮޓަރިތެރެއަކުވެސް މަންމައެއް ނެތެވެ. އެންމެފަހުން ނިކުމެ ސިޓިންރޫމްގައި އިންދާ ބޭރުން އައީ ކޮންމެވެސް އެއްޗެއް ގަނެގެންނެވެ. "މަންމާ އަހަރެން ވާހަކައެއް ބުނަން ބޭނުން." މުސްކާން ކޮޅަށް ތެދުވެފައި ބުނެލިއެވެ. "އަހަރެން އިޝާންއާ އިންނަން ތައްޔާރު." މުސްކާން މަންމަ ސިއްސުވައިލިއެވެ. އެޖުމްލަ އަހާފައި ރަމްލާ ތެޅިގެން ގޮތަށް އަވަހަށް އޭނާ ކުރިމައްޗަށް ޖެހިގެންފައި އަތުގައި ހިފާލައިފިއެވެ. "ހަމަތެދެއްތަ ދަރިފުޅާ!" ރަމްލާއަށް ޤަބޫލު ކުރަން ދަތިވިއެވެ. ލޯ ފެންކަޅިވެގެން ދިޔައީ ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. "މަންމަ އަވަހަށް މިދަނީ ތިޚަބަރު ސަނާއަށް އަންގަން." މުސްކާން އެހުރިތަނަށް ދޫކޮށްލައިފައި ސަނާ ގޮސް ނެގީ ފޯނެވެ. އޭނާ ސަނާއަށް ގުޅައިގެން އެވާހަކަ ދެއްކިއިރު މުސްކާން ކުދި ފިޔަވަޅުތަކެއްގައި ގޮސް ގެއިން ނިކުތެވެ.

ޑިއުޓީ ނިމެން ކައިރިވެފައި ހުއްޓާ ލީވާން ގުޅައިގެން ދިމާކުރަން ފެށުމުން އިޝާން ހީކުރީ ލީވާންކޮށްލި ސަމާސައެއް ކަމަށެވެ. އެޚަބަރުގެ ތެދުކަން އެނގުނީ ގެއަށް ގޮސް ވަންއިރު މަންމަގެ ދަތްޕިލައެކީ އިޝްތިހާރުވެފައި ވަނިކޮށް ފެނުނީމައެވެ. މެއަށް ފިނިވެގެން އައިއިރު އިޝާންއަށް ވާހަކަވެސް ނުދެއްކުނެވެ. އޭނާ ފާޑަކަށް ހުރެފައި ސިޑިން އަރައިގެން ގޮސް އެއްޗެހި ބަދަލުކުރިއިރު މުސްކާން ނަންބަރަށް ގުޅޭތޯ ދެފަހަރު މަތިން މަސައްކަތް ކޮށްލިއެވެ. އެމަސައްކަތް ނާކާމިޔާބުވުމުން ހައްތަހާ ހިތް ނުތަނަވަސްވީއެވެ. ގެއިން ނިކުމެވުނީ މުސްކާން ނުފެންނަނީސް ހިތަށް ހަމަޖެހުން ނުލިބޭނެކަން ޔަޤިންކުރެވޭތީއެވެ. ބޭނުންވަނީ މުސްކާންގެ ދުލުން އެހެން ބުނެލާ އަޑު އަހާލުމަށެވެ.

ކޮމެންޓް 0