ދެފިކުރެއްގައި އޭނާ ހުރެގެން ދުވެފައި ގޮސް ދޮރު ހުޅުވާލިއިރު ގޭގެ އެހެން މީހަކަށް ހޭލެވިދާނެތީ ސަމާލުވިއެވެ. އޭރު އިޝާން ފޯނު ކަންފަތުގައި ޖަހައިގެން ހުރެފައި ތިރިކޮށްލިއެވެ. ހަތަރުކަޅި ހަމަކޮށްލައިގެން ދެމީހުން ތިބިގޮތުން ހީވަނީ ވާހަކަ ނުދައްކަން ހުވާކޮށްގެން ތިބިހެންނެވެ. ނޫނީ ކޮންމެ މީހަކުވެސް އަނެކަކު އިސްވެ ފަށާތޯ ބަލަން ހުރީއެވެ. "ވަޓްސް ގޯއިން އޮން؟" އިޝާން އެންމެފަހުން އިސްނެގިއެވެ. "އަހަންނަކަށް ނޭނގެ. އިޝާން ބުނެބަލަ!" ސުވާލުކޮށްލާއިރަށް މުސްކާން ބުނެލައިފިއެވެ. އޭނާ އިޝާން ވަންނަން ތަންވެސް ނުދީ އެހުރިގޮތަށް ހުއްޓެވެ. ހީވަނީ ކުށެއް ކޮށްގެން އަދަބެއްގެ ގޮތުން އިޝާން ގެއަށް ނުވައްދަންވެގެން ހުރި ހެންނެވެ. އިޝާން ފުންކޮށް ބަލައިލުމުން އެލޮލުން ފުރަތަމަ ފަހަރަށް ނުރުހުން ފައުޅުވާން ހުއްޓެވެ.

"އޯލްރައިޓް. އަހަރެމެންނަށް އެތެރޭގައި ވާހަކަދެއްކިދާނެތަ؟" އިޝާން އެންމެފަހުން އެދުނެވެ. އެތާ ހުއްޓާ ގެއިން މީހަކަށް ނިކުމެވުނަސް ހީކުރާނެ އެއްޗެއް ނޭނގެއެވެ. ހުރެވުނު ތަނާމެދު މުސްކާންއަށްވެސް ވިސްނައިލަން އެނގުނީ އެހިސާބުންނެވެ. އޭނާ އެއްޗެއް ނުބުނެ ދުރަށް ޖެހިލާފައި އިޝާން ވަނުމުން ދޮރުލައްޕާލުމަށްފަހު ދާން ފެށީ ކޮޓަރިއާ ދިމާއަށެވެ. "ވެއިޓް! މިތާކު ނޫންތަ ތިބޭނީ؟" އިޝާންގެ އަޑުގައި ހާސްކަން އެކުލެވުނެވެ، މުސްކާން ސިޓިންރޫމް ހުރަސްކޮށްފައި ދާންފެށުމުން އޭނާއަށް އެއްޗެއް ނުބުނެ ކެތްނުވީއެވެ. އެއަޑަށް މުސްކާން އެނބުރި ބަލައިލިއިރު އިޝާން ހުއްޓި ހުރީ ސޯފާތަކުގެ މެދުގައެވެ. "އިޝާން ތިއައީ އަހަރެން މަންމަމެން ހޭލައްވަންތަ؟" ރައްދު ދިންއިރު ކިތަންމެ އަޑުމަޑަސް އެއަޑުގައިވި ރުންކުރުކަން ފާހަގަވިއެވެ. މުސްކާން އެހުރީ ރަނގަޅަށްވެސް ރުޅި އައިއްސައެވެ. ނޭނގެނީ ސަބަބެވެ. އެވަގުތު އިޝާންއަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް ވިއަސް ފަހަތުން ދާށެވެ.

"ދެން ކިޔާބަލަ ތިކިޔާއެއްޗެއް!" އެތެރެއަށް ވަދެފައި މުސްކާން ގޮސް ހުއްޓުނީ ފުރަގަސްދީގެން ކުޑަދޮރު ކައިރިއަށެވެ. އެވަގުތު އިޝާން އެތަން ވަށައިގެން ހޯދާލައިފައި ގޮސް އެނދު ކޮޅުގައި އިށީންދެލިއެވެ. "ކޮންކަމަކާ ރުޅިއައިސްގެން ތިއުޅެނީ؟"އިޝާން ސުވާލު ކުރިއެވެ. "އަހަންނަށް ހީވަނީ އިޝާންހެން އަހަރެންދެކެ ރުޅި އައިސްގެން ތިއުޅެނީ." މުސްކާން ޖަވާބުދިން އަޑަށް އިޝާން ބަލައިލިއެވެ. އޭނާ ތެދުވެގެން ގޮސް ފަހަތުން މުސްކާންގެ ދެކޮނޑުގައި ހިފަހައްޓާލަން އުޅެފައިވެސް ދެއަތް ކޮށްޕާލެވުނީ ޖީބަށެވެ. "ނުވިސްނުނު." އިޝާން އިސް އޮބައިލިއެވެ. "ނުވިސްނޭ ކަމަށް ހެދުނީމަކާ ނުވިސްނޭނެ. އެކަމަކު އިޝާންއަށް މިހާރު އަހަރެން ފެންނަ ހިސާބަށް އައުންވެސް ވަނީ ބޮޑު ކަމަކަށް. ހީވަނީ މޫނު ފެންނަންވެސް ނޭދޭހެން. އަދި ކިރިޔާ މިއެނގުނީ އަމިއްލައަށް ބުނެ ކިޔައިގެން މަންމަ ކައިރިއަށް މިގެއަށް އަހަރެން ފޮނުވާލީ ކީއްވެކަންވެސް. ތިވަރަށް ދުރުމިން ބޭނުންވިއިރު އެންމެ ފަހަރަކުވެސް ބުނެނުލީމަ ދެރައީ" ހަމައެކަނި ފުރަތަމަ ޖުމްލަ އިއްވާލައިފައި ބާކީ ވާހަކަތައް ބޭއްވީ މުސްކާންގެ ހިތުގައެވެ. އޭނާ މެދުކަނޑާލައިފައި ތުންފަތުގައި ދަތް އަޅައިލިއިރު ލޮލުގައި ކަރުނައިގެ އަސަރު ފައުޅުވާން ފެށިއެވެ.

"ފޯނު ނުނެގުނީ ހޮސްޕިޓަލުން ގުޅައިގެން ހުރީމަ." އިޝާން ވިސްނާލައިފައި ހީވާގޮތަށް ވާހަކަދެއްކިއެވެ. މުސްކާންއަށް ޤަބޫލު ކުރެވުނީ އިޝާންވެސް އެހެން ފިރިހެނުން ފަދައިން ބަހަނާ ދައްކަނީ ކަމަށެވެ. "އައި ހޭޓް ޔޫ." މުސްކާން ހިމޭނުން ހުރެލާފައި އިރުކޮޅަކުން އިއްވައިލިއެވެ. އެވަގުތު އިޝާންއަށް ހީވީ މީހަކު އޭނާގެ ހިތުގައި ހިފައި ފިއްތައިލި ހެންނެވެ. ދުވަހެއްގެ ކޮޅުންވެސް މުސްކާން އެހެން ބުނެފާނެ ކަމަކަށް ހިއެއް ނުކުރެއެވެ. "ކީއްވެ؟" ހިތަށް ކުރި ފުންއަސަރާއި ލޮލަށް ގިނަވި ކަރުނަތަކާއެކު އިޝާންގެ އަނގައިން ނިކުތެވެ. ކެތްތެރިވެފައި ފަހަތަށް ޖެހިލަން ބޭނުންވިއަސް ހިތް އެކަމަކަށް އެއްބަހެއް ނުވިއެވެ. ބޭނުންވީ ޖަވާބެވެ.

"އަހަރެން އަބަދުވެސް ޤަބޫލު ކުރަނީ ކައިވެނީގެ ގުޅުމުގެ ކުރިން އަހަރުމެންނަކީ ދެއެކުވެރިން ކަމަށް. އަހަރެން އުންމީދު ކުރީ އިޝާން ކޮންމެ ކަމެއްވެސް އަހަރެންނަށް ހިއްސާ ކުރާނެ ކަމަށް. ހިއެއް ނުކުރަން ތިގޮތަށް ސިއްރު ކުރަން މަސައްކަތް ކުރާނެ ކަމަކަށް. ރީތިކޮށް ބުނި ނަމަވެސް އަހަރެން އިޝާންއަށް ދުރުމިން ދޭން މިހުރީ ތައްޔާރަށް. އިތުރަށް އިޝާން ބޭނުން އެހެން ކޮންމެ ނިންމުމެއް ނިންމިއަސް އަހަރެން ހުންނާނީ އިޝާންއާ އެއްކޮޅަށް." މުސްކާން އެންމެފަހުން އެނބުރި ހަތަރުކަޅި ހަމަކޮށްލާފައި މިފަހަރު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އެއަޑު އަހާފައި އިޝާންއަށް ހަމައެކަނި އިއްވާލެވުނު އެއްޗަކީ "އޯހ" މިއެވެ. މުސްކާން ރުޅި އައިސްގެން އުޅޭ ސަބަބު އަދި ކިރިޔާ އެނގުނީއެވެ.

"ބޭނުންތަ އެނގެން؟ އެނގެން ބޭނުންތަ އަހަރެން މުސްކާންއާ ދުރުން މިއުޅެނީ ކީއްވެކަން؟" ފަހަކަށް އައިސް އިޝާންގެ ހިތުގައި ސިއްރުކޮށްގެން އުޅުނު ކަންތައް ދުލާއި ހަމައަށް ގެންނަން ކުއްލިއަކަށް ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ބޭނުންވީ އެވާހަކަ ބުނެގެން މުސްކާންގެ މޫނަށް ވާގޮތެއް ބަލާލުމަށެވެ. އިތުރަށް އެދެމެދުގައި އޮތް އޮޅުންބޮޅުމުގެ ހަނި ފާރުވެސް ނެތިގެންދާނީ އެއިރުންނެވެ. މުސްކާން ހަމައެކަނި ބޯޖަހާލައިފައި އިޝާން ބުނާ އެއްޗެއް ބަލަން ހުއްޓާ ކައިރިއަށް ފިޔަވަޅެއް އަޅައިލުމުން އެދެމެދުގައި އޮތް ދުރުމިން އިތުރަށް ހަނިވެގެން ދިޔައެވެ. މުސްކާން މައުސޫމު ކުއްޖެއްހެން ބަލަހައްޓައިގެން ހުރިއިރު އިޝާން ކުރަން އުޅޭކަމެއް ކުޑަކޮށްވެސް ރޭކާ ނުލައެވެ.

"ކޯޒް ވެން އައިމް ވިތް ޔޫ... އޯލް އައި ވޯނަ ޑޫ އިޒް ދިސް." އިޝާން މަޑުމަޑުން ބުނެލާފައި މުސްކާންގެ ތުންފަތުގައި ބޮސްދިނުމަށްފަހު ދުރަށް ޖެހިލީ ހުއްދައަށް އެދޭ މީހަކު ފަދައިންނެވެ. އިތުރަށް ކުރިއަށް ގެންދަން ވިއަސް ނޫނީ އެހިސާބުން ހުއްޓާލަންވިއަސް އެނގޭނީ މުސްކާންގެ ހަރަކާތް ހުންނަ ގޮތަކުންނެވެ. އެވަގުތު އޭނާއަށް ފެނުނީ މުސްކާން ލޯ މަރައިލިގޮތަށް އޭނާ ދުރަށް ޖެހިލި ފަހުންވެސް އެދެލޯ ނުހުޅުވަން ގަސްތުކޮށްގެން ހުއްޓައެވެ. އިޝާން އިތުރަށް އެންމެ މިނިޓަކަށްވެސް ދުރުގައި ހުންނާކަށް ގަސްތެއް ނުކުރިއެވެ. ދެވަނަ ފަހަރަށް އެދެމެދުގައި އޮތް ދުރުމިން ނެތިގެން ދިޔައިރު އިޝާން އެބާރުގަދަ އަތުތެރޭ ފިއްތާލައި ބިމުން ހިއްލައިލިކަން އެނގުނެވެ. މިނިޓެއް ނުވެ މުސްކާންގެ ބުރަކަށީ ޖެހުނުކަން އިހްސާސް ވީ މަޑު ތަންމަތީގައެވެ. އޭނާ ލޯ ހުޅުވައިލީ އިޝާން އިރުކޮޅަކަށް މޫނު ދުރުކޮށްލީމައެވެ. އެވަގުތު ފަނޑު އަލީގެ ތެރެއިން އެމަސްތީ ދެލޯ ދެކެފައި ކުރިން ނުވާ އެތައް އަސަރެއް ނާރުތަކުގައި ދުއްވައިގަތެވެ. އިޚުތިޔާރެއްނެތި އުފުލުނު ދެއަތުން އިޝާންގެ މޫނުގައި ހިފާލުމަށްފަހު ގެނެސް ކައިރިކޮށްލެވުނީ މުޅިން އެހެން ބާރަކުންނެވެ.

ފަތިސްވެގެން އައިއިރު އިޝާންއަށް ހޭލެވުނެވެ. ކުޑައިރު ކޮޅަކަށް ވިއަސް ފުން ނިންޖަކުން ނިދާލެވުމުން ހަށިގަނޑު ހުރީ ކަންނެތް ވެފައެވެ. އޭނާ ބަލައިލިއިރު ކައިރީގައި މުސްކާންވެސް އޮތީ ހަމައެހާ އަރާމުކޮށް ނިދާފައެވެ. ގައިމަތީ އޮތް ރަޖައިން މެއާއި ހަމައިން ނިވާވެފައި އޮތްއިރު އޮމާން މޫނާއި ކަނދުރާ ފަނޑު އަލީގައި ނިކަން ހިތްގައިމެވެ. ބާލީސް މައްޗަށް ފެތުރިފައިވާ ފަން އިސްތަށިކޮޅުގެ ބައެއް ކޯތާފަތަށްވެސް އުދަނގޫ ކުރަނީއެވެ. އިޝާން ބަލަން އޮވެލާފައި އިނގިލި ތަކުން އެއިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަ ދިންއިރު ކޯތާފަތުގައި ބީހުނެވެ. ނިދީގައި މުސްކާން އަނގައަށް ގޮތެއް ހަދާލައިފައި ހިމޭންވީ އެވަގުތުއެވެ. އިޝާންއަށް އެތަން ފެނިގެން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އޭނާ ތިރީގައި އެއްއަތް ވިއްދާފައި ކުޑަކޮށް ގުދުވެލައި މުސްކާންގެ ނިތުގައި ބޮސްދިނުމަށްފަހު އެނދުން ފައިބައިގެން ގަޔަށް އަންނައުނުތައް މަހަން ފެށިއެވެ. ކޮޓަރިން ނިކުތުމުގެ ކުރިން އެތެރެއިން ތަޅުލާފައި ވަގެއްހެން ބޭރަށް ދެމިގަތްއިރު ޣަފޫރު ފަތިސް ނަމާދަށް ދާން ގެއިން ނިކުންނަނީއެވެ. އިޝާން އިރުކޮޅަކު މަޑުކޮށްލާފައި ޣަފޫރުއަށް ނުފެންނަހާ ވުމުން ހަމަ އެހާ ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނިކުތެވެ.

******

ހޭވަނިވިއިރު މުސްކާންގެ ކަންފަތުގައި ފުރަތަމަ ޖެހުނީ ރިންގްވަމުން ދިޔަ ފޯނުގެ އަޑެވެ. އޭނާ ކަންނެތް ގޮތަކަށް ލޯ ހުޅުވާލައިފައި ތެދުވެ އިށީންވަގުތު ސިއްސައިގެން ދިޔައީ ސައިޑު ޓޭބަލް މަތީ ކުރިމަތިވާ ގޮތަށް ބަހައްޓާފައި ހުރި އައިޒަންގެ ފޮޓޯ ފްރޭމް ފެނިފައެވެ. އިޚުތިޔާރަކާ ނުލާ ތިރިއަށް ސޮހިފައި އޮތް ރަޖާގައި ދެއަތުން ހިފާ މެއާއި ހަމައިން ނިވާކޮށްލެވުނެވެ. އެހާލަތުގައި އޮތްވާ އައިޒަންގެ ފޮޓޯ ފެނުމުން ކަންބޮޑުވީ ކުރިމަތީ ޚުދު އައިޒަން ހުއްޓަސް ވާނެ ވަރަށެވެ. އަދި ރޭގައި އިޝާންއާ ދެމެދު ހިނގި ހުރިހާކަމެއްވެސް ހިނގީ އެފޮޓޯ އެތާ ހުއްޓާ ހެއްޔެވެ؟ މުސްކާން އަވަހަށް ފޮޓޯ ފްރޭމް ބަންޑުން ބާއްވާފައި ދުވެފައި ގޮސް ފާޚާނާ ދޮރުމަތިން ރަޖާ ދޫކޮށްލުމަށްފަހު ވަދެ ދޮރު ލައްޕައިލިއެވެ.

ތައްޔާރުވެގެން ބޭރަށް ނިކުންނަމުން ފޯނު ނެގިއިރު ޝައިލީންގެ ދެ މިސްކޯލު ފެނުމުން އެއަށް ބަލަން ހުއްޓާ ދޮރުގައި ޓަކި ޖަހައިލިއެވެ. މުސްކާން ދޮރު ހުޅުވާލިއިރު ނޯކަރު ކުއްޖާ އައިސް ހުރީ މަންމަ ފޮނުވައިގެންނެވެ. އޭނާ ފޯނަށް ޖަވާބު ދިނުން ފަސްކޮށްލާފައި މަންމަގެ ޚިދުމަތުގައި އަވަސްވެގަތެވެ.

"އިޝާން ނާންނާނެތަ މިއަދަކު؟ ބަންދު ދުވަހެކެއްނު." މަންމައަށް ސައިދޭން އިންދާ އެކުރި ސުވާލުން މުސްކާންގެ ހިތް ތެޅިގަތެވެ. އިޝާންގެ ނަން އިވުމުންވެސް އަތްފައި ދާހިއްލާ ލައިފިއެވެ. "އަދި ނުހޭލާނެ." މުސްކާން ހަމަޖެހިލަން މަސައްކަތް ކުރަމުން ޖަވާބުދިނެވެ.

އެތައް ދުވަހަކަށްފަހު ހުކުރު ދުވަހު ގޭގައި ހޭދަ ކުރަން ލިބުމުން މުސްކާން ހާއްސަ ކެއުމެއް ތައްޔާރު ކުރަން ނިންމިއެވެ. މުސްކާން މަސައްކަތުގައި އުޅެނިކޮށް ބޭބެ ނައުރާ ގެނައުމުން ނައުރާވެސް އެހީތެރި ވެދޭން ފެށިއެވެ. މަންމަގެ އެދުމުގެ މަތިން އޭނާ ކެއުމަށް ދައުވަތު ދޭން އިޝާންއަށް ގުޅީ ދިހައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ފޯނު ކަންފަތުގައި ޖަހައިގެން ގޮސް ބޭރު ފެންނަ ހިސާބުގައި ހުއްޓުނުއިރު ކޮންމެ ރިންގަކާއެކު ހިތް ހީވަނީ ބޭރަށް ނިކުމެދާނެ ހެންނެވެ.

"ހަލޯ..." އެކޮޅުން އިޝާން އެފިރިހެންވަންތަ އަޑު އިއްވާލި ވަގުތު ފޯނު އަތުން ދޫވާން އުޅުނެވެ. "އަމް.. އިޝާން.." މުސްކާންއަށް ވާހަކަދައްކަން ދަތިވިއެވެ. "ކީކޭ މުސްކާން؟" އިޝާން ސުވާލުކޮށްލީ އާދައިގެ ގޮތަކަށެވެ. ކަމެއް ވީހެންވެސް ހީނުވެއެވެ. "މަންމަ ބުނެގެން މިގުޅީ. މިއަދު ހުކުރުން ފައިބައިގެން ކާން އަންނާށޭ ބުނަން." މުސްކާން އުދަނގުލުން ހާމަކޮށްލިއެވެ. އޭނާ އިޝާން ދަންނަން ފެށިތާ މިހާ ދުވަސްވީއިރު މިނޫނީ ވާހަކަދައްކަން އެހާ އުދަނގުވި ކަމެއް ނޭނގެއެވެ. ނަސީބަކުން އިޝާން ދެބަހެއްނެތި ދައުވަތު ޤަބޫލު ކުރިއެވެ. އެވަގުތު އޭނާ އަވަހަށް ފޯނު ބާއްވާފައި ހުރެވުނީ ނޭވާ ހަމައަކަށް އަޅުވާށެވެ.

އެންމެން ހުކުރަށް ފޮނުވާފައި ދެއަންހެންކުދިން ވާހަކަދައްކާލަން ތިބީ ބެލްކަނީގައެވެ. ހޫނު ދުވަހެއްގައި ޖެހެމުންދިޔަ ތާޒާ ވައިރޯޅިތައް ނިކަން އަރާމެވެ. ގިނައިރެއް ނުވެ ފެނުނީ ފަހަރަކު މީހަކު ހުކުރުން ފައިބައިގެން އަންނަން ފެށި ތަނެވެ. މުސްކާން ތެދުވީ ޝުހޫދުއާއެކު އައިސް މަޑުކޮށްލި އިޝާން ދެކެފައެވެ. މަޑު ފެހިކުލައިގެ އަތްދިގު ގަމީހާ ކަނޑު ނޫ ފަޓްލޫނުގައި ނިކަން ތާޒާވެފައި ސްމާޓެވެ. މުސްކާން އަވަހަށް އަނެއްފަރާތަށް ގޮސް ކާކޮޓަރިއަށް ވަންއިރު ހިތް ތެޅެން ފެށިއެވެ. އިޝާން އައިސް ނުވަންނަނީސް މޫނު ރަތްވާން ފެށިއެވެ. އަދި އިޝާން އައިސް ކުރިމައްޗަށް ހުއްޓުމުން ދެން ވާނީ ކިހިނެތް ހެއްޔެވެ؟

"މިއޮތް އައީނު އިޝާންވެސް. އަވަހަށް އާދޭ!" ޣަފޫރުއަށް އިޝާން ފެނުމުން އުފަލާއެކު މަރުހަބާ ކިއެވެ. މުސްކާން އިސްޖަހައިގެން ހުރެ ފަހަރަކު މީހަކަށް ޖޫސް އަޅައިދޭން ހުއްޓާ އިޝާން އައިސް އިށީންދެލީ އޭނާގެ ކުރިމަތީގައެވެ. އިރުކޮޅަކުން ސިއްރުން ބަލައިލިހެންވެސް ހީވިއެވެ. ނޫނީ އެއީ ވަހުމެކެވެ. އޭނާ އެތަނުން ނިކުންނަން ވެގެން މަންމައަށް ކާން ދިނުމުގެ ބަހަނާގައި ތަށިމަތި ހަވާލު ކުރީ ނައުރާއާއެވެ.

"މަންމާ! ކިހިނެތް މިހާރު؟" އިޝާން ކައި ނިންމާފައި އައިސް ކޮޓަރިތެރެއަށް ބޯދިއްކޮށްލިއެވެ. "ހީވޭ ކުޑަކޮށް ރަނގަޅުވާހެންވެސް." ރަމްލާ ވާހަކަދެއްކިއިރު ކުޑަކޮށް ހިނިތުންވެލިއެވެ. "މުސްކާން. އިހަށް ދާންވެގެން މިދަނީ އިނގޭ. ގޮއްސަ ގުޅާނަން." އިޝާން ގޮވާލުމުން ފިނިވެފައި ހުރެގެން އެވާހަކަތައް އަޑު އަހާފައި އޭނާއަށް ހަމައެކަނި ކުރެވުނު ކަމަކީ ބޯޖަހައިލުމެވެ. ފަހަރުގައި އިޝާން އެގޮތަށް ވާހަކައެދެއްކީ މަންމަ އިނުމުން ކަމަށްވެސް ވެދާނެއޭ ހިތަށް އެރިއެވެ. އެވަގުތު އިޝާން ނިކުމެގެން ގޮސް ގެއްލުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ.

އިޝާން ގުޅީ މުސްކާން ކައިގެން ކޮޓަރިއަށް ވަދެ އިންދައެވެ. "ކީކޭ؟" ފޯނު ކަންފަތުގައި ޖެހިއިރު އިޝާން ފެންނަން ނެތިވެސް މުސްކާންގެ އަތްތިލަ ހުރީ ފިނިވެފައެވެ. "ބުނީމެއްނު ގުޅާނަމޭ." އިޝާން ހަނދާންކޮށްދިނެވެ. "ހޫމ." މުސްކާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. "ކައިފިންތަ މިހާރު؟ ކީއްތި ކުރަނީ؟" އިޝާންގެ ރާގު ހުރީ ކުރިންވެސް ހުންނަ ގޮތަށެވެ. "ހޫމ ކައިފިން. ދެންމެ ކައިގެން އައިސް ކޮޓަރިއަށް މިވަނީ. ފެންވަރަން ދެން މިއުޅެނީ." މުސްކާން ކިޔައިދިނެވެ. "ހޫމ ދޭ އެހެންވިއްޔާ ފެންވަރަން. ބާއްވަނީ." އިޝާން ރައްދު ދީ ނިމުނުއިރަށް މުސްކާންއަށް ތުންކޮޅު އޫކޮށްލެވުނެވެ. ހަމަ އެއްޗެކޭ ބުނާއިރަށް އެހުރީ ފޯނު ބާއްވަން ލަސްވެފައޭ ހިތަށް އެރިއެވެ. އެކަމަކު އެފޯނު ބޭއްވުމުގެ ކުރިން މިސްވާ ވާހަކަ ބުނެލުމުން މެއަށް ފިނިވެގެން ދިޔައެވެ. އެންމެ ހިތް ނުތަނަވަސްވެފައި ހުއްޓާވެސް ތުންފަތަށް ހިނިތުންވުން ގެނެސްދޭން އިޝާން ދަނެއެވެ.

ތިން ދުވަސްފަހުން ބަލި ރަނގަޅުވާ އަތަށް އެޅުމުން މުސްކާން ގެއަށް ފޮނުވަން ބުނީ ޚުދު ރަމްލާ އަމިއްލައަށެވެ. މަންމަ ކައިރީ ހުންނަން ބޭނުންވިއަސް މުސްކާންވެސް މަންމަގެ އެއެދުމަކާ ދެކޮޅެއް ނުހަދައެވެ. އެރޭ އިޝާން ޑިއުޓީ އޮންނާތީ މުސްކާން ގެއަށް ދިޔައީ އެކަންޏެވެ. އަންގާވެސް ނުލާ އައިސް ކޮޓަރީ އިންދާ ފެނުމުން އިޝާން ބުނާ އެއްޗެއް ބަލައިލަން އޭނާ ހުރީ ބޭނުންވެފައެވެ. އެކަމަކު ކޮޓަރިއަށް ވަންހާއިރުން ހިތް ތެޅެން ފެށީ މިހެންނަކުން ނޫނެވެ. އޭނާ ނިކުމެގެން ދިޔަ އިރާއި މިހާރު އެތައް ކަމެއް ބަދަލު ވެފައިވާކަން ހަނދާންވެފައި ތަފާތު އެތައް އިހްސާސެއް ކުރެވުނެވެ. ކުރިން އެދެމެދުގައި އޮތް ދުރުމިން މިހާރު ވަނީ ނެތިގޮއްސައެވެ. އެކަމަކު އިޝާން އަދިވެސް އެރެއާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ. ކުޑަމިނުން ވީކަމެއް ކަމަށްވެސް ހަދާނުލައި އެއުޅެނީ އޭނާ ރުޅި އައީ ހީކޮށް ކަންނޭނގެއެވެ.

މުސްކާން އަތްދަބަހުން އެއްޗެހިތައް ނެގިއިރު އައިޒަންގެ ފްރޭމް ފެނިގެން އެތައް އިރަކު ބަލަން ހުރެވުނެވެ. އެފްރޭމް ހިފައިގެން ގޮސް ސައިޑު ޓޭބަލް މަތީ ބައިންދާފައި އެނދުގައި އިށީންދެ އިންދާ ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. އެނބުރި ބަލާލިއިރު ކުރިމަތިން އިޝާން ފެނުމުން ފުންމައިގެން ތެދުވެވުނެވެ. އެވަގުތު އިޝާންވެސް އޭނާ ފެނިގެން ސިހިފައި ހުއްޓިއްޖެއެވެ.

ކޮމެންޓް 0