އިރުކޮޅަކުން، ތައްޔާރުކޮށްފައި ހުރި އެހެން އެއްޗެހި ކެއުމާއިގެން އެންމެން މަޝްއޫލުވި ވަގުތު އައިޒަން ކައިރިވެލާފައި މުސްކާންއަށް އިއްވަން ބުނެލި ވާހަކައިން އޭނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. "އައި ލަވް ޔޫ މުސްކާން. ކެރިދާނެތަ އަހަރެންގެ ގާރލްފްރެންޑަށް ވާން؟"

ގުޑިލަން ނޭނގިފައި މުސްކާން ހުރިއިރު އައިޒަންގެ ތޫނު ލޯވެސް އެމޫނަކުން ނުނެއްޓެއެވެ. ޖަވާބުދޭން ބޭނުންވި ނަމަވެސް މުސްކާންގެ ސިކުނޑި މަސައްކަތެއް ނުކުރިއެވެ. އަނގައިގައި އޮތް ދުލަށް އޭގެ އިޚުތިޔާރު ނުލިބުމުން އެވަގުތު ހިތް އެސުވާލަށް ޖަވާބުދިނެވެ. އާއެކެވެ. އައިޒަން ހާސްފަހަރު އެސުވާލު ކުރިއަސް އޭނާގެ ޖަވާބަކަށް ވާނީ އާއެކެވެ. ބަލަހައްޓައިގެން ހުއްޓާ އިޝާން އައިސް އައިޒަން އަތުގައި ހިފައިގެން ދުރަށް ގެންދިޔައެވެ. އެހިސާބުން މުސްކާން ބޭނުންވިއަސް ޖަވާބެއް ނުދެވުނެވެ. ކެތްމަދުވެފައި ހުރެގެން އައިޒަންގެ މޫނަށް ނޫން ތާކަށް އޭނާއަށް ދެން ނަޒަރެއް ނުދެވުނެވެ. ދުރުގައި ހުރެގެން އެކޮންމެ ހަރަކާތަކަށް ބަލަމުން ބައެއްފަހަރު އެބުނި ވާހަކަ ސިކުނޑީގައި ތަކުރާރުވާ ހިނދު ހިނިތުންވެލެވެއެވެ. އެކަމަކު ކޮންމެ ފަހަރަކު އައިޒަން ހުސްވާތަން ދެކިގެން ޖަވާބުދޭން އެދިމާއަށް ދާން ހީކޮށްލާއިރަށް ކޮންމެވެސް ބަޔަކު އައިޒަން ވަށާލައެވެ. ނޫނީ އެހެން ބަޔަކު އައިސް އޭނައާ ވާހަކަދައްކަން ފަށައެވެ.

"މުސްކާންވީއެއްނު މިރޭދެން މިކޮޅުގައި މަޑުކުރަން؟ މާދަން ބަންދު ދުވަހެއް. ތެދުވެ ނާސްތާ ކޮށްގެން ދިޔައީމަ ވީ. ކިހިނެތްވާނެ އެގޮތް؟" މުސްކާން ބުދެއްހެން ހުއްޓާ ސަނާ އައިސް ވާހަކަދެއްކި އަޑަށް ސިހޭގޮތްވިއެވެ. އޭނާ ތެޅިގަނެފައި ސަނާ ދެއްކި ވާހަކަ ސާފު ވުމުން ހިތަށް ލިބުނު ނުތަނަވަސްކަމާއި އެއްވަރަށް އުފާވެރި އިހްސާސެއްވެސް ކުރެވިގެން ދިޔައެވެ. މަންމަ ހުއްދަ ދީފިއްޔާ އެއީ ލިބޭނެ ކިހާ ބޮޑު ނަސީބަކަށް ވާނެ ހެއްޔެވެ؟ ލޯބިވާ އައިޒަންއާ އެއްފުރާޅެއްގެ ދަށުގައި ނިދާލަން ލިބުންވެސް އޭނާއަށް ވެގެންދާނީ އަގު މާތް ޝަރަފަކަށެވެ.

"މަންމަ ކައިރީ އަހައިލަން ޖެހޭނީ." މުސްކާން ރަކިވެފައި ހުރެގެން ޖަވާބުދިނެވެ. " މަންމަ ކައިރީ އަހަރެން އަހައިފާނަން." ސަނާ ހުށައެޅި ގޮތް މުސްކާންއަށް އަދި މާބޮޑަށް ކަމުދިޔައެވެ. އޭނާ އުފަލުން ބޯޖަހާލައިފައި އެނބުރުނީ އައިޒަން ހުރި ދިމާއަށެވެ. ސަނާ އެތަނުން ދުރަށް ޖެހިލާފައި ގޮސް ރަމްލާއަށް ގުޅައިގެން ވާހަކަ ދައްކާލުމުން ރަމްލާ އެގޮތާއި ރުހިއްޖެއެވެ. ސަނާ އެނބުރި އައިސް އެވާހަކަ ބުނި ވަގުތު މުސްކާން އުދުއްސައި ނުގަތީ ކިރިޔާއެވެ. ހުރިހާ ދަތެއް ފެންނަ ވަރަށް ހީލާފައި އެކަން އިހްސާސްވެގެން ލަދުން އިސްޖެހުނެވެ. މުސްކާންގެ މިމައުސޫމު ކަން ދެކެފައި ސަނާގެ ހިތް ފުރިގެން އައި ވަގުތު ކޯތާފަތުގައި ފިރުމާލައިފައި ދިޔައެވެ. މުސްކާން އިރުކޮޅެއް ވަންދެން އިސްޖަހައިގެން ހުރެފައި އެނބުރުނުއިރު އައިޒަން ފެންނަން ނެތިގެން ހޯދާލިއިރު އެއްތާކުވެސް ނެތެވެ. އޭރު ބޭރުން އައިސް ތިބި މީހުންގެ ތެރެއިންވެސް އިޝާންއާ މިރާހް ނޫން އެންމެން ހިނގައްޖެއެވެ. ހީވާގޮތުން އެމީހުންވެސް ގަސްތުކޮށްފައި ވަނީ ރޭގެ ބާކީބައި އެގޭގައި ހޭދަ ކުރުމަށެވެ.

މުސްކާން އެކި މީހުންގެ ކަޅިމަތި ބަލާފައި މަޑު ހިނގުމެއްގައި އެތެރެއަށް ދަނިކޮށް ތަނބެއްގެ ފުރަގަހުން އަތެއް ނިކުމެފައި އޭނާގެ މުލައްދަނޑީގައި ހިފާ ދަމައިގަތެވެ. މެއަށް ފިނިވެގެން ދިއުމާއެކު ހަޅޭތްލަވައި ގަންނަން ތައްޔާރުވެލިއިރަށް އައިޒަން އޭނާ ތަނބުގެ ފުރަގަހުގައި ތަތްކޮށްލާފައި އަތްއެޅީ އަނގަމަތީގައެވެ. ދާދި ގާތުން އެމޫނު ފެނުމުން ހިތް އަވަސްވިއެއް ކަމަކު ކާކުކަން އެނގުމުން މުސްކާންގެ ބިރު ކެނޑުނެވެ. އެކަމަކު އަވަސްވެފައިވާ ވިންދަކަށް ބަދަލެއް ނާދެއެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނާ ހުއްޓާ އައިޒަން އެއްމިޔަކަނުން ހެވިލާފައި އަނގަމަތިން ވަކިކޮށްލި އަތްތިލަ ވިއްދާލީ އޭނާގެ ބޮލާއި ދިމާ މަތިން ތަނބުގައެވެ.

"މިހިސާބަށް ތިއައީ އަހަރެން ހޯދަން ކަމަށް ވަންޏާ އަހަރެން މިހުރީ ކަމަނާގެ ޚިދުމަތުގައި. އަވަހަށް ބުނޭ ތިބުނަން އުޅޭ ވާހަކައެއް." އައިޒަން ލާނެތްކޮށް ވާހަކަދެއްކި ފުރަތަމަ ފަހަރަށްވުމުން މުސްކާން ހުރީ ހައިރާންވެފައެވެ. އެކަމަކު އޭނާ ދޭން އޮތް ޖަވާބު ހިތަށް އަރާފައި އެވަގުތުވެސް މޫނަށް ރަތްކުލަ ވެރިވެގެން އައެވެ. ރަކި ހީލުމަކާއެކު އިސްޖަހައިލުމުން އައިޒަން އަނެއް އަތުން ދަތްދޮޅީ ހިފާ އުފުލާލައިފިއެވެ. ޖަވާބު ނުދީ ހުންނަން ފެށުމުން، އަދިވެސް އެއްފަހަރު ސުވާލު ކޮށްލާފަދަ ގޮތަކަށް އައިޒަން ބުމަ އަރުވައިލިއެވެ.

"ވަރަށް ލޯބިވޭ އައިޒަންދެކެ. އަދި އެއަށްވުރެ ބޮޑަށް އެދެން އައިޒަންގެ ގާރލްފްރެންޑް އަކަށް ވާން. އަހަރެންގެ ބާރެއް ހިނގާނަމަ ސިކުންތަކަށްވެސް އަޒް ނުފެންނަ ހިސާބަކަށް ނުދާނަން." މުސްކާން ޖަވާބު އިއްވާލި ވަގުތު އައިޒަން މަޑުޖެހުނުކަން އިހްސާސްވިއެވެ. ބަލަން ހުރެލާފައި ދެވަނަ ސިކުންތުގައި މޫނު ކައިރިކޮށްލިތަން ފެނިގެން މުސްކާން ހާސްވިއެވެ. ކުރާނެ ކަމެއް ނެތިގެން އޭނާއަށް ލޯމަރައިލެވުނީއެވެ. އެވަގުތު އައިޒަން ނުހަނު ލުއިކޮށް އޭނާގެ ތުންފަތުގައި ބޮސްދީފައި ދުރަށް ޖެހުނުއިރު މުސްކާންގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އައިޒަންގެ ފުށުން ލިބުނު ފުރަތަމަ ހަދިޔާއިން ހިތަށް ލިބުނު ފޮނިމީރުކަމާއި އެއްވަރަށް ޖަޒުބާތީ ކޮށްލައިފިއެވެ. އެމޫނަށް ބަދަލު އައިތަން ފެނިގެން އައިޒަން ނިތަށް އަރުވާލި ވަގުތު އޭނާ ކުއްލިއަކަށް އައިޒަން މޭގައި މޫނު ފޮރުވާލައި ދެއަތުން އެހަށިގަނޑު ވަށައިލައިފިއެވެ. މުސްކާން ރޯހެން ހީވުމުން އައިޒަން އެއް އަތުން އެއިސްތަށިގަނޑުގައި ފިރުމަމުން ދެފަހަރު މަތިން "ޝްޝްޝް" އޭ ކިޔާލައިފައި އިރުކޮޅަކުން ދެކޮނޑުގައި ހިފާ ދުރުކޮށްލިއެވެ.

"ކީއްވެ ތި ރޮނީ ބޭބީ ގާރލް؟ އަހަރެން ކިސްކުރީމަ ކަމުނުދިޔައީތަ؟" ކަރުނުން ތެމިފައިވާއިރު އެދެލޯ ރީތިކަމުން ހިތާއި ހިތުން ތައުރީފް ކޮށްލާފައި އައިޒަން އެހިއެވެ. ޖަވާބުގައި މުސްކާން އަވަހަށް ދެފަރާތަށް ބޯ ހޫރާލީ ދެކޮޅު ވުމުގެ ގޮތުންނެވެ. ހިތަށް ކުރި އަސަރު ބުނެދޭން ނޭނގިގެން އުޅެނިކޮށް ކޮންމެވެސް މީހަކު އައިޒަންއަށް ގޮވާ އަޑަށް ދެމީހުން އެތަނުން ނިކުމެގެން ދިޔައިރު އައިޒަން ހުރީ މުސްކާންގެ އަތުގައި ހިފާލައިގެންނެވެ. އެންމެންގެ ތެރެއަށް އެގޮތަށް ނިކުންނަން ކުޑަކޮށް ޖެހިލުންވިއަސް މުސްކާން ކޮންމެހެން އެއަތް މިނިވަން ކުރާކަށް މަސައްކަތެއް ނުކުރެއެވެ. އައިޒަން ކުރާ ކަމަކާ އޭނާ ފަހަރެއްގައިވެސް ދެކޮޅެއް ނުވާނެއެވެ. އެއަށްވުރެ މާބޮޑަށް ލޯބިވެއެވެ. ލޯކުރިމަތިން ގެއްލޭނީ މާދަން ނޫން ކަމެއްވެސް ނޭނގޭތީ އޭނާ އެދެނީ އައިޒަން އެދޭ ކޮންމެ އެދުމެއް ފުއްދަ ދިނުމަށެވެ. ބޭނުންވަނީ އައިޒަންގެ ހިތް ފުރާލަ ދޭށެވެ.

"މަންމާ! ބައްޕާ! އަހަރެން ވާހަކައެއް ބުނަން ބޭނުން." އައިޒަން ގޮސް އެންމެންގެ މެދަށް ހުއްޓިފައި އެމީހުންގެ ސަމާލުކަން އަތުލިއެވެ. އައިޒަން ބުނަން އެއުޅޭ އެއްޗެއް ލަފާ ކޮށްލެވުމުން މުސްކާންއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ލީވާން އެވަގުތުވެސް އަޑު ފޯރާ ހިސާބުގައި ހުއްޓި ހުރެގެން އެކަނި އޭނާއަށް އިވޭ ވަރަށް ދިމާ ކުރަނީއެވެ. އިޝާންއާ މިރާހް ތިބީ އައިޒަން ބުނާ އެއްޗެއް އަހަން ތައްޔާރުގައެވެ. ނާޝިދު ހުއްދަ ދިނުމުން އައިޒަން އަދިވެސް އެއްފަހަރު މުސްކާންގެ އަތަށް ބާރުކޮށްލާފައި ކަންބޮޑު ނުވާށޭ ބުނެލީ އިޝާރާތުންނެވެ. މުސްކާން ބޯ ޖަހާލައިފައި ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލިއެވެ.

"އަހަރެންނާ މުސްކާން ނިންމައިފިން އަހަރެމެންގެ ގުޅުމަށް ނަމެއް ދޭން. މިރެއިން ފެށިގެން މުސްކާންއަކީ އަހަރެންގެ ގާލްފްރެންޑް." އައިޒަންގެ ޖުމްލަ އަނގައިގެ އެއްކޮޅުގައި އޮތްވާ ސަނާ، ހުރިހާ ދަތެއް ފެންނަވަރަށް ހެވިލާފައި އައިސް މުސްކާންގެ ގައިގައި ބައްދާލައިފިއެވެ. "ދަރިފުޅުމެންގެ ތި ނިންމުމާމެދު ވަރަށް އުފާކޮށްފިން. މުސްކާންއަކީ މަންމަގެ ދަރިއެއްކަހަލަ ކުއްޖެއް. މިގެއަށް މުސްކާން އައި ފުރަތަމަ ދުވަހުން ފެށިގެން މަންމަ ދެކެނީ ތީ މަންމަގެ އަންހެންދަރިފުޅު ކަމަށް. މިރެއިން ފެށިގެން ތީ ހަމަ އަހަރެންގެ އަންހެންދަރިއެއް." ސަނާ ދުރަށް ޖެހިލާފައި ފެންކަޅިވެ ހުރެގެން ދެއްކި ވާހަކައިން އެންމެންނަށްވުރެ ފުން އަސަރެއް ކުރީ މުސްކާންގެ ހިތަށެވެ. ނާޝިދުވެސް ސަނާ ފަދައިން އެމީހުންގެ ގުޅުމަށް މަރުހަބާ ކީއިރު އިފްހާމްއާ ދެންތިބި ތިން ޒުވާނުންވެސް އެފަދައެވެ. މުސްކާންއަށް އިހްސާސްވީ އޭނާ އެއީ ޝާހީ އާއިލާއެއްގެ ހުރި އެކަނި އަންހެންދަރިއެއް ފަދައިންނެވެ. ދުވަހަކުވެސް ބައެއްގެ ތެރޭ އެވަރުގެ ހާއްސަ ކަމެއް އިހްސާސް ކުރެވުނު ދުވަހެއް ނާދެއެވެ.

މަތީ ބުރީގައި ހުރި ގެސްޓްރޫމްގައި މުސްކާންއަށް ނިދޭނެހެން ތައްޔާރު ކޮށްދީފައި ސަނާ ނިކުމެގެން ދިޔައިރު އޭނާ އިނީ އައިޒަންއާ ވާހަކަދައްކަން ސިޓިންރޫމް ސޯފާގައެވެ. ސަނާ އެވާހަކަ ބުނެފައި މުސްކާން ގޮވައިގެން ދިއުމުން އައިޒަން މައްޗަށް އެރިއިރު ލީވާންގެ ކޮޓަރިން ސަކަރާތުގެ އަޑުފަތްގަނޑު އާދެއެވެ. އޭނާ ދޮރު ހުޅުވާލައިފައި ވަންއިރު ލީވާންއާ މިރާހް ވާދައަށް ގޭމް ކުޅެނީއެވެ. އިޝާން އެނދަށް ވެއްޓި ގަނެގެން އޮތީ ނިދި އައިއްސަހެން ހީވިއެވެ.

"މުޝް ޕޮޓޭޓޯ ނިދީތަ މިހާ އަވަހަށް؟ އަދިވެސް ބޭބީއެއް ދޯ އެއީ." ލީވާން ގޭމުގެ މެދު ތެރެއިންވެސް އައިޒަންއާ ދިމާކޮށްލަން ވަގުތުކޮޅެއް ހޯދިއެވެ. އައިޒަން ވަކި ޖަވާބެއް ނުދީ އައިސް އިޝާން ކައިރީ އެނދުގެ އަނެއްކޮޅުގައި ޖައްސާލައިފައި ލޯ ހުއްޓައިލީ ސީލިންގަށެވެ. އޭރު އޭނާއަށް ޔަޤީންވާ އެއްޗަކީ އޮވެ ފަރިތަވެފައިވާ ތަންމައްޗެއްގައި އޮތަސް މިރޭ ލޮލަށް ނިދި ނާންނާނެ ކަމެވެ. މުސްކާން އެގޭގައި އެކަނި ކޮޓަރިއެއްގައި އޮވެގެން ނިދޭނެ ކަމާމެދު އޭނާ ދިޔައީ ވިސްނަމުންނެވެ.

"އެއީ ތެދެއް މުސްކާން ނިދީތަ؟" އިޝާންވެސް އޮވެފައި ސުވާލު ކުރިއެވެ. "މަންމައާއެކު ހިނގައްޖެ ކޮޓަރިއަށް." އައިޒަން ޖަވާބު ދިނެވެ. އޭނާ އިރުކޮޅަކު އޮވެލާފައި އެއިން އެކަކުވެސް ތެދުވެގެން ނުދިއުމުން ނިދަން ދަނީއޭ ބުނެ ބޭރަށް ނިކުތެވެ. އައިޒަން ނިކުތް ފަހުން ސަނާ އައިސް ދޮރު ހުޅުވާލައިފައި އެމީހުންވެސް ގިނައިރު ނުކޮށް ނިދަން ހަނދާންކޮށްދިނެވެ.

އެނދުގައި އޮށޯތް ނަމަވެސް މުސްކާންގެ ލޮލަކަށް ނިންޖެއް ނައެވެ. ސަބަބެއް ނެތިވެސް ހިތް ނުތަނަވަސް ވާން ފެށީ ފާއިތުވެދިޔަ ދޮޅު އަހަރުތެރޭ އެކަނި އޮވެ ނިދުމުގެ އާދަ ދޫވެފައިވާތީއެވެ. އެކަނި އޮންނަން ކެރޭނެތޯ ސަނާ އެހި ވަގުތު މުސްކާންއަށް ހަޤީޤަތް ހާމަ ކުރަން ނުކެރުނީ ފުރަތަމަ މަޑުކުރާ ވާހަކަދެއްކި އިރު އެކަން ހަނދާން ނުކުރެވުނީތީއެވެ. މިހާރު ދެން އެހެން ބުނެފިއްޔާ ސަނާ އެހެން މާނައެއްވެސް ނަގައިފާނެއެވެ.

ލޯމަރައިގެން އޮތްއިރު ގަޑީގެ ކަށީގެ އަޑުވެސް ކަންފަތަކަށް ސިއްރެއް ނުވިއެވެ. އިރުކޮޅެއް ފަހުން ދެން އިވެން ފެށީ މީހަކު އައިސް ބޭރުގައި މަޑުކޮށްފައި އެނބުރި ދާން ހިނގައިގަތް އަޑެވެ. އައިޒަން އައިސް އޭނާގެ އިޝާރާތެއް ނުވުމުން ދަނީބާވައޭ ހިތަށް އަރާފައި މުސްކާންއަށް ފުންމައިގެން ތެދުވެވުނެވެ. އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު އައިޒަން ފަސްދީފައި ދަނީއެވެ. ކޮރިޑޯއަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރެއިންވެސް އެސޫރަ ފާހަގަ ކުރަން ދައްޗެއް ނުވިއެވެ. އެވަގުތު އޭނާ ދޮރު ހުޅުވި އަޑަށް އައިޒަން ހުއްޓިފައި ފަސްއެނބުރި ބަލައިލިއެވެ. މުސްކާން އިތުރު މީހަކު ހުރިތޯ ބަލަން ދެކޮޅު ބަލާލައިފައި ދޮރުން ބޭރަށް ނިކުމެ ހުއްޓުނުތަން ފެނިގެން އައިޒަން ދެން އައީ ކައިރިއަށެވެ.

"ނުނިދަންތަ؟" އައިޒަން ކައިރިވެލުމުން މުސްކާން އަވަހަށް މުލައްދަނޑީގައި ދެއަތުން ހިފައިލި ގޮތުން ސަމާލުކަން ދެވުނެވެ. އެދެއަތް ފިނިވެފައިވާވަރު އިހްސާސް ވުމުން އައިޒަން ކަންބޮޑުވެއްޖެއެވެ. "ކިހިނެތްވީ ބޭބީ ގާރލް؟ ހުވަފެނެއް ފެނުނީތަ؟" އައިޒަން އަނެއް އަތުން މުސްކާންގެ ކޯތާފަތުގައި ހިފަހައްޓާލައިފައި ސުވާލުތައް އަމުނައިލިއެވެ. "ނުވެސް ނިދަން އަދި. ނޭނގެ ފާޑަކަށް ޖެހިލުންވަނީ އެކަނި އޮންނަން ޖެހުނީމަ. ލަންކާގައި ކަޒިންއަކާއެކު ރޫމް ޝެއަރކޮށްފަ އައިފަހުން އެކަނި ނިދުމުގެ އާދަ ދޫވެފަ މިހާރު ހުރީ. ގެއާ މިތަނާ އަދި ތަފާތެއްނު." މުސްކާން ކިޔައިދިންއިރު އަޑުންވެސް ހާސްވެފައިވާވަރު ދޭހަކޮށްދިނެވެ.

"މަންމަ ކައިރީ ނުބުނަންދޯ ތިވާހަކައެއް؟" އައިޒަން ކުޑަކޮށް ހިނި އައިސްގެން އަހައިލުމުން މުސްކާން ޅަކުއްޖެއް ފަދައިން ރަކިވެފައި އިސްޖެހިއެވެ.

"ހިނގާ އެތެރެއަށް. މުސްކާންއަށް ނިދެން ދެން އަހަރެން އިނދެފާނަން ކައިރީގައި." އައިޒަން އޭނާ އެތެރެއަށް ވައްދަން ކޮނޑާއި ހިސާބުން އަތް ވަށާލުމުން ހިތް ތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. އައިޒަންގެ އެގައިގޯޅި ކަމުން ހިއްސުތަކަށް ވާންވެލައިފިއެވެ. މުސްކާން ދެކޮޅު ނުހަދަން އެކުގައި ދިޔައިރު އެހިތް ކޮންޓްރޯލް ކުރަން ހުރިހާ މަސައްކަތެއް ކުރިއެވެ. އެނދުގެ މެދާކަށް ހިސާބުގައި އޭނާ ބާއްވާފައި ރަޖާ އަޅައި ދިނުމަށްފަހު އައިޒަން އިށީންދެލީ މަގަތުގައެވެ.

"ބޭނުމިއްޔާ އޮށޯތަސް އެންމެ ރަނގަޅު." އައިޒަން އެހެން އިނދެ ވަރުބަލިވެދާނެ ކަމަށްޓަކައި މުސްކާން ކަންބޮޑުވިއެވެ. އޭނާ ފުރުސަތު ދިނުމުން ނަސީބަކުން ދެކޮޅު ހެދުމަކާ ނުލާ އެނދުގެ މަގަތުގައި ދިގު ދިގަށް އޮށޯވެލައިފިއެވެ. މުސްކާން އޭރު އޮތީ އަރިއަކަށް އެނބުރިގެން ކަޅިޖަހާ ނުލާ އެމޫނަށް ބަލާށެވެ.

"ނިދޭނީ ލޯމެރީމަ!" އައިޒަންވެސް މުސްކާންއާ ވީ ފަރާތަށް އަރިވެލާފައި ދެލޯ ހުޅުވައިގެން އޮތުމުން ހީލިއެވެ. އަތުން ލޯމަތީ އަތް އަޅާފައި ނެގުމުން މުސްކާން ހިނިތުންވެލާފައި އަދިވެސް ބަލަން އޮތީއެވެ. "އަހަރެން ވާހަކައެއް އަހައިލަންތަ؟" ހިމޭންކަމުގެ ތެރެއިން މުސްކާން އެހިއެވެ. އައިޒަން ބަހެއް ނުބުނުމުން އޭނާ ދެނެގަތީ އެއީ އައިޒަންގެ އާބަސްކަމުގައެވެ. "މީގެ ގާތްގަނޑަކަށް މަންތެއްވަރު ކުރިން އަޒް މަންމަ ފުރަތަމަ އިންވައިޓް ކޮށްގެން މިގެއަށް އައި ދުވަހު، އެދުވަހު ގެއަށް ގެންދިޔައިރު ބުނީމެއްނު ތެންކިއު އޭ. އަހަރެން ސުވާލު ކުރީމަވެސް އޭރު ނުބުނި ކީއްވެ ކަމެއް. ހަމަ ކުއްލިއަކަށް މިރޭ އެކަން ހަނދާންވެފަ ބޭނުންވީ އޮޅުން ފިލުވަން. ބުނެދީފާނަންތަ އެދުވަހު އެހެން ބުނީ ކީއްވެކަން؟" މުސްކާން ހަނދާން ކޮށްފައި ކިޔައިދީ ނިމުމުން އައިޒަންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭނާ މައްޗަށް އޮތް އަތުން މުސްކާންގެ ކޯތާފަތުގައި ފިރުމާލައިފައި މޫނު ކައިރިކޮށްލި ގޮތަށް ނިތުގައި ބޮސްދީފައި ދުރަށް ޖެހިލުމުން މުސްކާން އޮތީ އިންތިޒާރުގައެވެ.

"އަހަރެން ޝުކުރު އަދާކުރީ މުސްކާން ތީ މުސްކާންއަށް ވީތީ. މުސްކާން މުސްކާންގެ ގޮތުގައި ހުރީތީ. ދުވަހަކު އުންމީދެއް ނުކުރަން ކެންސަރ ޖެހުމަށްފަހު އަލުން އަހަރެންގެ ދިރިއުޅުމަށް އުފާވެރިކަން އަތުވެދާނެ ކަމަކަށް. އެކަމަކު މުސްކާންއާ ބައްދަލު ވި ވަގުތުން ފެށިގެން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ. ސޯ ވަންސް އަގެއިން ތެންކިއު. ތެންކިއު ފޯ ބީއިން ޔޫ." އައިޒަން އަސަރާއެކު ޖަވާބުދިންއިރު އެއަނގައިން ނިކުތް ކޮންމެ ޖުމްލައެއް މުސްކާންގެ ހިތާއި ކުޅެލިއެވެ. ލޮލަށް އޭރު ނިދީގެ އަސަރު ވެރިވަމުން އައިކަން އިހްސާސްވި ނަމަވެސް ލޯމަރާ ހިތެއް ނުވިއެވެ. އެކަމަކު ނިންޖާއި ހަނގުރާމަ ކުރެވޭނީ ކާކަށް ހެއްޔެވެ؟ މުސްކާންއަށްވެސް ވީ އެހެންނެވެ. އެސްފިޔަތަކަށް ކެތް ނުކުރެވޭވަރުވުމުން މަޑުމަޑުން ލެއްޕި ނިދީގެ ފުންކަމުގެ ތެރެއަށް ފީނަން ފެށިއިރު އަދިވެސް އޮތީ އައިޒަންއާ މަގަތަށް ވާގޮތަށް އަރިއަކަށެވެ.

ނިދިފައި އޮތްއިރު މުސްކާން މައުސޫމު ކަމުން ދޫކޮށްފައި ދާހިތެއްވެސް އައިޒަން ނުވިއެވެ. އެކަމަކު އޭނާއަށް އެނގޭ އެއްޗަކީ އޭނާ އެތާ އޮވެގެން މުސްކާންއަށް ލިބެންވީ އަރާމު ނިދިކޮޅުގެ ބަދަލުގައި އެނިންޖަށް ބުރޫ އެރުން އެކަށީގެންވާ ކަމެވެ. ފަހަކަށް އައިސް ނިދަން އުދަނގޫވެގެން އުޅެން ޖެހޭ ރޭރޭ މަދެއް ނޫނެވެ. ހިތާއި ދެކޮޅަށް ނަމަވެސް އޭނާ ތެދުވެގެން އެކޮޓަރިން ނިކުތެވެ.

ކޮމެންޓް 0