"އެހެންޏާ ނުވާކަހަލަ ގޮތެއް ވާތީ މިއުޅެނީ." އައިޒަން އެންމެފަހުން ކިޔައިދޭން ނިންމިއެވެ. މުސްކާން ނޭވާ ހިފަހައްޓާލައިގެން އިނީ އެބުނަން އުޅޭ އެއްޗެއް އަހަން ކެތްމަދުވެފައެވެ."ފާޑަކަށް މުޅިގައި ކަހާތީ މިއުޅެނީ." އައިޒަން އޮޅުންފިލުވައިދިނެވެ. "ދެން..ދެން ކިހިނެތްވާނީ؟ ޑޮކްޓަރަށް ދެއްކިންތަ؟ ޑޮކްޓަރ ކީކޭ ބުނީ؟" މުސްކާން އެސުވާލު ކުރިއިރު ހިމޭނުން ނުހުރެވިގެން ދެކޮޅަށް ހިނގަން ފެށިއެވެ. ހިތް އޭގެ އެންމެބާރު މިނުގައި ތެޅެމުން ދިޔައިރު އަތްފައި ދާހިތްލާލައިފިއެވެ. އައިޒަންއަށް ކަމެއް ވާކަށް އޭނާ ފަހަރެއްގައިވެސް ނޭދެއެވެ. "ކީކޭ ބުނާނީ މުސްކާން. ޑޮކްޓަރަށް ދެއްކިއަސް ފަރުވާ ކުރެވޭ ބަލިތަކެއްނު ރަނގަޅު ކުރެވޭނީ." އައިޒަންގެ އަޑުގައި މޮޅިވެރިކަން ވިއެވެ. އެކަމަކު އެއީ އޭނާގެ އަމިއްލަ ހާލަތާ މެދުގައެއް ނޫނެވެ. އެވާހަކަ އަހައިގެން މުސްކާންއަށް ވާނެގޮތް ލަފާ ކޮށްލެވިފައެވެ. "ތިބުނީ ދެން ޑޮކްއަށްވެސް ނުދައްކަނީއޭތަ؟ ތީ ކިހިނެތް ރަނގަޅުވާނެ ގޮތެއް. އެޓްލީސްޓް އެމީހުން ބުނާ އެއްޗެއް އެނގިދާނެއެއްނު. އަހަރެންވެސް ނުބުނަމޭ އަޒްގެ ބަލި އެމީހުންނަށް ރަނގަޅު ކުރެވޭނެއެކޭ. އެކަމަކު ތި ކެހުން މައިތިރި ކޮށްލެވޭވަރުގެ ފަރުވާއެއް ދިފާނެއެއްނު." ރައްދުދިންއިރު މުސްކާންއަށް ރޮވޭގޮތްވިއެވެ. އުންމީދު ނެތް ބަލީގައި އައިޒަން ދެންވީ އެއްވެސް ވޭނަކަށް ލުއި ނުހޯދާ ހުންނަން ހެއްޔެވެ؟ ނޫނެކެވެ. އެއީ އެގޮތަށް ހިނގަން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

"ކަންބޮޑުނުވެބަލަ ބޭބީ ގާރލް. ލުއި ވާ ކަހަލަ ބޭހެއް ހަދައިގެންނޭ މަންމަ އައިސް އެއުޅެނީ. އިރާދަ ކުރެއްވިއްޔާ ރަނގަޅުވެދާނެ އިރުކޮޅަކުން. މިވަގުތު އިހަށް ބާއްވަނީ އިނގޭ. މަންމަ އެބަ ގޮވާ. ދެން މިކަމާ ނުވިސްނާ ބަސްއަހައިގެން ނިދާލާ!" އައިޒަން ޖަވާބަކަށްވެސް މަޑުކުރުމަކާ ނުލާ ފޯނު ކަނޑާލުމުން އެފޯނު ކަންފަތުން ނައްޓާލައިގެން މުސްކާން ޖެހިގަތީ އެނދަށެވެ. ހިމޭނުން އިނދެ ތުންފިއްތާލެވުނުއިރު ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެރޭ އޭނާއަށް ރަނގަޅަށް ނުވެސް ނިދުނެވެ. ހިތްހަމަޖައްސާލަން ބޭނުންވިއަސް އެކަމެއް ނުވިއެވެ. ހިތަށް އަރަނީ އައިޒަންއަށް ވާ އުދަނގުލުގައި ނުނިދިގެން އުޅޭނެ ގޮތެވެ. އެވަގުތު އޭނާ ހުންނަން ބޭނުންވި މަޤާމަކީ އައިޒަންގެ އެންމެ ގާތުގައެވެ. ކުރެވޭނެ ކަމެއް ނެތިއްޔާ އެހަށިގަނޑުގައި ފިރުމައިދިނަސް ކީއް ހެއްޔެވެ؟

އެންމެ ނުބައި ގަޑިއަށް ނިދި ފުންވުމުގެ ނަތީޖާއެއްގެ ގޮތުން މުސްކާންއަށް ފަތިސް ނަމާދަކަށް ނުހޭލެވުނެވެ. ލޯ ހުޅުވާލިއިރު އަލި ކަމުން ގަޑި ބަލާލީ ހައިރާންވެފައި އޮވެގެންނެވެ. އެވަގުތު އޭނާއަށް ފުންމައިގެން ތެދުވެވުނީ ސުކޫލަށް ދާ ގަޑި ކައިރިވެފައި ހުއްޓާ ފެނިގެންނެވެ. އަދި އޭނާ ނިދިއިރު ރާވައިގެން ހުރީ ސުކޫލަށް ދިއުމުގެ ކުރިން އައިޒަންގެ ހާލު ދެކެލަން ދިއުމަށެވެ. މިވީގޮތުން ދެން އައިޒަން ފެންނާނީ ހަވީރެވެ. ހިތް ނުތަނަވަސްވެފައި ހުރެގެން ތައްޔާރުވެ ނިމުނުއިރު މަންމަ ނާސްތާ ކުރަން ގޮވާ އަޑު އިވުނެވެ. މުސްކާން ނިކުމެ ހަމައެކަނި މައިލޯތަށި ދަމާލައިގެން ދުވެފައި ދިޔައީ ވަގުތު ނެތްކަން މަންމައަށް އަންގައިދީފައެވެ.

ކުލާސް ނިންމި ގަޑިއަށް މާހެފުމުގެ ވާހަކަ ހޫނުވިއެވެ. ދެކޮޅު ހަދަން ނުކެރިގެން އެއްބަސްވިއެއް ކަމަކު މުސްކާންގެ ހިތް އޮތީ އެހެން ތަނެއްގައެވެ. އެކުވެރިންނާއެކު އެހުރިހާއިރު އުޅުނުއިރު އޭނާ އެންމެ ގިނައިން ކުރި ކަމަކީ އަތުކުރީ އޮތް ގަޑިއަށް ބެލުމެވެ. އަވަސް އަރުވާލައިފައި އަންނަމުން މިއަދު ފޯނު ގެންނާކަށްވެސް ހަނދާނެއް ނުވިއެވެ.

ހަވީރުވެގެން އައިއިރު ވިއްސާރަ ކުލަ ދައްކަން ފެށިއެވެ. އުޑުމަތި ބަނަވެ ވާރޭ އަންނަން އުޅޭކަން އިޢުލާން ކޮށްފިއެވެ. މުސްކާން ގެއަށް ވަންއިރު ވަރުބަލި ކަމުންވެސް ހީވަނީ އެހެން ކަމެއް ހެންނެވެ. އެކަމަކު ފުރަތަމަވެސް އޭނާ އަޞުރު ނަމާދު އަދާކުރިއެވެ. މަޣްރިބަށް ބަންޤި ގޮވީ މުސައްލަ މަތީ އިންތިޒާރުގައި އިންދައެވެ. އިރުކޮޅަކުން ބޭރަށް ނިކުތްއިރު ވާރޭގެ އަޑު އިވެން ފަށައިފިއެވެ. މުސްކާން ފޯނު މުށަށް ލައިގެން އައިސް އިށީންދެލީ ސިޓިންރޫމް ސޯފާގައެވެ. ފޮތިގަނޑު ކަހާލައިފައި ހުރުމުން ބޭރުގެ ތޫފާން ރީތިކޮށް ފެންނަން ފެށިއެވެ. ވަޔާއެކު އަންނަމުންދިޔަ ވާރޭގެ ހަމަލާތަކަށް ކެތް ނުކުރެވިގެން ގަސްތައް ހެލިފެލިވާތަން ފެނުމުން ހިތުގައި ހަމްދަރްދީ އުފެދުނެވެ. ފޯނު ރިންގްވާން ފެށީ އައިޒަންއަށް ގުޅަން ނަންބަރު ޖަހަނިކޮށެވެ.

"ހެލޯ އަޒް." އެންމެ ރިންގަކުން މުސްކާން ފޯނު ނަގާފައި އަވަސް އަވަހަށް ކިޔައިލިއެވެ. ޖަވާބުގައި އެކޮޅުން އައިޒަން ހަލޯއޭ ކިޔައިލި އަޑާއެކު ހުރިހާ ނާރުތަކަށް ފިނިވެލީ މިވިއްސާރައިގައި ވެހެމުންދިޔަ ފެނުން ބިންގަނޑަށްވެސް ފިނިވެލާނެ ފަދައިންނެވެ. އެކަނި އައިޒަންގެ އަޑުންވެސް އޭނާގެ ނުތަނަވަސްކަމަށް ޝިފާ ލިބިއްޖެއެވެ. އައިޒަންގެ ހާލު އިހަށްވުރެ ރަނގަޅު ކަމަށް ބުނުމުން ހިތްހަމަޖެހިގެން އިރުކޮޅަކު ވާހަކަދައްކާލައިފައި ބޭއްވީ ފަހުން ގުޅާ ގޮތަށެވެ. އެރޭ އިޝާ ނަމާދަށްފަހު މުސްކާން ކައިގެން ކޮޓަރިއަށް ވަން މީހާ މެންދަން ވަންދެން އެނދަށް އަރާ އޮތީ ފޯނުގައެވެ. އެންމެފަހުން ނިދެމުން ގޮސް ފޯނު އަތުން ދޫވެގެން އެނދުމައްޗަށް ވެއްޓުނު އިރެއްވެސް ނޭނގެއެވެ.

އެނޭވާގެ އަޑު އަހަން އައިޒަން އޮވެފައި އިރުކޮޅަކުން ހިނިތުންވެލައިފިއެވެ. އޭނާ ފޯނު ކަނޑާލައިފައި ތެދުވެގެން ކޮޓަރިން ނިކުތްއިރު އިޝާން ސިޓިންރޫމްގައި އިނެވެ. "އަޒްނުނިދަންތަ؟" އިޝާންގެ މޫނުގައިވި ނުތަނަވަސްކަން ފޮރުވާލަން މަސައްކަތް ކުރަމުން ވާހަކަދެއްކިއެވެ. "ކޮންކަމަކާ އޮފްވެފަ ތިއިނީ؟" އިޝާން އެހާ މަސައްކަތް ކުރީމައިވެސް އައިޒަންއަށް ސިއްރެއް ނުވިއެވެ. "ސިއްރުން ކަމެއް ހިންގާލައިގެން ދޯ ތިއުޅެނީ." އިޝާން ނުބުނަން އިނުމުން އައިޒަންއަށް ޝައްކުވިއެވެ. އޭނާ ދިމާކޮށްލައިފައި ކައިރީގައި އިށީންއިރު އިޝާން ފުން ނޭވައެއް ދޫކޮށްލިއެވެ. "ހިތަށް އަރަނީ ހުރިހާ އަންހެންކުދިންނަނީ މުސްކާން ކަހަލަ ކުދިންނަށް ނުވަނީ ކީއްވެބާއޭ." އިޝާން އިއްވައިލިއެވެ. "ހުރިހާ ކުދިންނާ މުސްކާން އެއްގޮތް ވާނީ ކިހިނެތް؟ ވަންޕީސްއެކޭ އަހަރެން ހޯދައިގެން މިއުޅެނީ." އައިޒަން ދިން ޖަވާބުން އިޝާން އެއްބަސްވެ ބޯޖަހާލިއެވެ.

"ދެން ބުނެބަލަ ކިހިނެތް ވެގެން ތިއުޅެނީ؟" އައިޒަން އިތުރަށް ބާރު އެޅިއެވެ. "އޭނައަށް ކިޔަނީ ޝިފްރާ. ދެމީހުން ރަތްޓެހިވިތާ މަންތެއް ކިރިޔާ މިވީ. އެކަމަކު މިހާރުވެސް އިރުއިރުކޮޅާ ޒުވާބުކޮށްފަ ރުޅިވެފަ ރަތްޓެހިވާތަން މިފެންނަނީ." އިޝާން ކިޔައިދިނެވެ. އަންހެން ކުދިންގެ ކަންތަކުގައި މާބޮޑު ތަޖުރިބާތަކެއް ކުރެވިފައި ނެތުމުން އައިޒަން ހަމައެކަނި ބުނެލީ ވަގުތު ދެނިކޮށް ފަހުން ރަނގަޅުވެދާނެ ކަމުގައެވެ. އޭނާ އެކުވެރިޔާގެ ކޮނޑުގައި ޖަހާލައިފައި ތެދުވެ ފެންބޯން ކާކޮޓަރިއަށް ވަންއިރު އިޝާން އަނެއްކާވެސް އިސްޖަހައިގެން ފުން ވިސްނުމެއްގައި އިނެވެ.

ޖެހިގެން އައި ދުވަހުގެ އިރު އަރައިގެން އައިއިރު އަދިވެސް ވިއްސާރައިގެ ކުލަވަރު މުޅިން ނުފިލައެވެ. ދޭތެރެއަކުން ވާރޭ ހުއްޓާފައިވެސް އަނެއްކާ ވެހެން ފަށައެވެ. މުސްކާންއަށް ވަގުތު ވެގެން ހަވީރު ގްރީންލޭންޑަށް ދިޔައިރު ސިޓިންރޫމްގައި ސަނާ އިނެވެ. އައިޒަންގެ ވާހަކަ އެހުމުން ސަނާ ދިން ޖަވާބުން ސިހުމެއް ލިބުނެވެ. އައިޒަން މިހާތަނަށްވެސް މަދު ވަގުތެއް ނޫނީ ކޮޓަރީގައި ހޭދަނުކުރާ މީހާ މިއަދު ކޮޓަރީގައި އޮތީ އަނެއްކާ ހާލު ގޯސްވީ ހެއްޔެވެ؟ ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރި ހުޅުވާލިއިރު ލޯމަރާލައިގެން އޮވެފައި އައިޒަން ލޯ ހުޅުވައިލިއެވެ. ނުބުންޏަސް އެމޫނުން މުސްކާންއަށް ވަރުބަލިކަން ފެނުނެވެ. އައިޒަން ރަނގަޅޭ ބުނެ އޭނާގެ ހިތްހަމަ ޖައްސައިދިނަސް ހާލު އެވަނީ އިތުރަށް ދަށަށް ދާން ފަށައިފައެވެ. އެކަމަކު އެޝަކުވާ ކޮށްގެން ހިތް ނުތަނަވަސް ކުރާކަށް މުސްކާން އެވަގުތު ބޭނުމެއް ނުވިއެވެ. އުފާވެރި ކަމަކީ ހަމައެކަނި ހެޔޮ ސިއްހަތެއްގައި ހުންނަ ދެމީހަކު ބައްދަލުވެ ދެކެވޭ ލޯބީގެ ވާހަކަތަކެއް ނޫނެވެ. ބަލިހާލުގައި އޮތް ލޯބިވެރިޔާގެ މޫނު ފެންނަ ހިސާބުގައި ކައިރީގައި އިނުމަކީވެސް އޭނާއަށް މިއަދު އެންމެ ބޮޑެތި އުފާތަކު ތެރެއިން އުފަލެކެވެ.

"ހާދަ މިސްވެގެންނޭ މިއައީ. އެކަމަކު އަޒް ތި އޮންނަނީ ކޮޓަރީގަ. ހިނގާބަލަ ބޭރަށް ޖައްސާލަން." މުސްކާން ހިނިތުންވެފައި ގޮސް އައިޒަންގެ މަގަތުގައި އިށީންދެ އަތުގައި ހިފައިލިއެވެ. ދެކޮޅު ހެދުމަކާނުލާ އައިޒަން ތެދުވުމުން މުސްކާން ހިތްހަމަ ޖެހުނެވެ. ދެމީހުން އަތާއި އަތް ގުޅުވާލައިގެން ނިކުތްއިރު ނާޝިދުމެން ދެމަފިރީންވެސް ސިޓިންރޫމްގައި ތިއްބެވެ. "ކޮންތާކަށް ދާނީ މިގަޑީގަ؟" ސިޑިން ފައިބަމުން މުސްކާން އެހިއެވެ. އޭރު ތިރީގައި ތިބި މީހުންގެ ނަޒަރު އެދެމީހުންނަށް ހުއްޓިފައި ހުއްޓެވެ. "ހިނގާ އިޝާން ކައިރިއަށް ދާން. އޭނަ ބުނި ހަވީރުން އެގެއަށް ޖައްސާލަ ބަލާށޭ." އައިޒަންގެ ހިޔާލު މުސްކާންއަށްވެސް ކަމުދިޔައެވެ.

"ޗެރީ ބްލޮސޮމް"އަށް އައިޒަންމެން ދިއުމުން އެންމެން އައިސް އެދެމީހުން ވަށައިލިއެވެ. އިޝާންގެ މައިންބަފައިންގެ އިތުރުން ދެން ހުންނަނީ އިޝާންގެ ކޮއްކޮ އިމާރާއެވެ. ހަފްނާ ސައިތައްޔާރު ކުރަން ދިޔައިރު ފަހަތުން އިމާރާވެސް ވަނެވެ. ސަމީރު އިނީ އެދެމީހުން ސޯފާގައި ބައިތިއްބައިގެން އެމީހުންނާ ވާހަކަދައްކާށެވެ. އިޝާން އައީ އޭގެ ކުޑައިރުކޮޅެއް ފަހުން ބޭރުންނެވެ. ސައިގެ ވަގުތު މޭޒުމަތީ އެހުރިހާ އެއްޗެއް ހުރެވެސް އައިޒަންއަށް ކެވޭ ކަހަލަ މަދު އެއްޗެއް ހުރުމުން މުސްކާން ހިތަށް ތަދުވިއެވެ. އޭނާއަށް ފާހަގަވީ އެވަގުތު އިޝާން ކަންތައް ކުރި ގޮތެވެ. އައިޒަން ފަދައިން އޭނާވެސް ބުއީ އެތަނުން ޖޫސްތައްޓެކެވެ. ދެން ކޮށާފައި ހުރި މޭވާއިން އާފަލު ފޮއްޗެކެވެ. އައިޒަންއަށް އިޝާން ބަހައްޓާ ހާއްސަކަން ފެނިފައި ހިތާއި ހިތުންނަމަވެސް މުސްކާންއަށް ތައުރީފް ކޮށްލެވުނެވެ. އިޝާންއާމެދު ހިތުގައި އޮތް ޤަދަރު ދެގުނައަށް އުފުލިއްޖެއެވެ.

ސައިން ނިމިގެން އެމީހުން އެރީ މައްޗަށެވެ. އިޝާންގެ ކޮޓަރިން ނިކުމެވޭ ބެލްކަނިކޮޅު ހިތްފަސޭހަ ކަމުން ދޫކޮށްފައި އަންނަ ހިތެއްވެސް ނުވިއެވެ. ކުޑަވަރެއްގެ ބަގީޗާއެއްހެން ސިފަ ކުރެވޭ ގޮތަށް މާމެލާމެލި ހައްދާފައި އޮތްއިރު ދުރުން ރާޅުތައް ފެންނަން އޮތް ގޮތުން ނިކަން ހިތްގައިމެވެ. ބީޗް ގޮނޑީގައި އައިޒަން ބައިންދާފައި އިޝާން އެވަގުތުވެސް ހުރީ ކޮޅަށެވެ. މުސްކާން އައިޒަންގެ މަގަތުގައި އިނެވެ. ދެއެކުވެރިން އައިޒަންގެ މަސައްކަތުގެ ވާހަކަ ފަށައިގެން ކުރިއަށް ދިއުމުން އޭނާ އަޑު އަހަން އިނެވެ.

ރޯދަމަސް ފެށިގެން އައިއިރު އައިޒަންގެ ހާލަތު ދިޔައީ ހައްތަހާ ދަށަށެވެ. ނަތީޖާއެއްގެ ގޮތުން އައިޒަންއަށް ރޯދައެއްވެސް ނުހިފެއެވެ. އެކަމާއި ދެރަވެގެން އަބަދު ސަނާ ކައިރީ ކިޔާ އަޑު މުސްކާންއަށްވެސް ބައެއް ފަހަރު އިވެއެވެ. ކިރިޔާވެސް ދެވެންޏާ މިހާރުވެސް ނަމާދަށް ދަނީ މިސްކިތަށެވެ. އެކަމަކު މާބޮޑަށް ވަރުބަލި ދުވަހެއް ވެއްޖެއްޔާ ގޭގައިވެސް ނަމާދު ކުރެއެވެ. އިމްތިހާނު ކުރިމަތި ވެގެން އުޅޭތީ މުސްކާންއަށްވެސް ބޭނުންވާ ހުރިހާ ގަޑިއެއްގައި އެގެއަށް ދެވޭކަށް ނޯވެއެވެ. އެކަމަކު ކިރިޔާވެސް ވަގުތެއް ވާއިރަށް އޭނާ އަވަހަށް އައިޒަން ދެކެން ދެއެވެ.

އެއްރެއަކު އެގޭގައި އޮތް ތަރާވީހަކަށް މުސްކާން ދިޔައިރު އައިޒަން ކޮޓަރިތެރޭގައި އިނީ މަސައްކަތެއްގައެވެ. މޫނުމައްޗަށް ބަލައިލުމުން ތަންކޮޅެއް ހާލު ރަނގަޅުކަން އެނގުނެވެ. މުސްކާން ހިތްހަމަ ޖެހިފައި ހުރެގެން ސުވާލު ކުރީ ކުރަމުންދިޔަ މަސައްކަތާއި ބެހޭގޮތުންނެވެ. އައިޒަން ބުނީ އެއީ އަލަށް ހުޅުވުމަށް ތައްޔާރު ވަމުންދާ ރިސޯޓެއްގެ މަސައްކަތް ކަމުގައެވެ. އަދި އެތަން ހުޅުވުމުން އައިޒަން ބޭނުން ނަމަ އޭނާގެ ކައިވެނީގެ ހަފްލާ ބާއްވަން އެމީހުން އެތަނުގެ ދެގުނަ ދަށް އަގަކަށް ދޭން މިހާރުވެސް ހުށައަޅާފައި އޮތް ވާހަކައެވެ. ކައިވެނީގެ ލަފްޒާއެކު މުސްކާންގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން އައިއިރު ކުޑަކޮށް ގުދުވެފައި އައިޒަންގެ ކޮނޑުގައި ދަތްދޮޅި އަޅުވާލައިފިއެވެ.

"އައި ލަވް ޔޫ އައިޒަން ނާޝިދު." މުސްކާން އުފާވެރި އަޑަކުން އައިޒަންގެ ކަންފަތްދޮށުގައި ކިޔައިލިއެވެ. "އައި ލަވް ޔޫ މޯ.. މުސްކާން." އައިޒަންގެ މަސައްކަތް ހުއްޓާލައިފައި އެދެއަތުގައި ހިފާލައިގެން އިނދެ ރައްދު ދިނެވެ. އައިޒަން ތެދުވަން އުޅުމުން މުސްކާން ދުރަށް ޖެހިލާފައި އެފުރުސަތު ދިނެވެ. އެވަގުތު އައިޒަން ތެދުވެ ހިންދެމިލާފައި ފުރަތަމަވެސް މުސްކާންގެ ނިތުގައި ބޮސްދިނެވެ. އައިޒަން އާންމުކޮށް ކުރާ ކަމަކަށް ވިއަސް އެވަގުތުވެސް މުސްކާން ނާރުތަކުގައި ފޮނި ފޮނި ރާޅެއް ދުވެލިއެވެ. އައިޒަންގެ އެހަރަކާތަކީ އޭނާއަށް އެންމެބޮޑު އުފަލެއް ލިއްބައިދޭ އެއް ކަންތަކެވެ. ލޮލަށް އުފާވެރި ކަމުގެ މުތީތައް އެއްވާން ފެށުމުން މުސްކާން އަވަހަށް މޫނު ފޮރުވައިލީ އައިޒަންގެ މޭގައެވެ.

ތިރިއަށް ގޮސް މޭޒުދޮށުގައި އިށީންއިރު ފުރަތަމަ ފަހަރަށް ކޮންމެ މީހެއްގެ މޫނުގައިވާ ފޮރުވައިފާ ހިތާމައެއްގެ ކުލަވަރު މުސްކާންއަށް ފާހަގަވިއެވެ. އައިޒަންއަކީ ބަލި މީހެއްކަން ނާންގައި އުޅެން އެންމެ އިސްކަންދޭ ނާޝިދުވެސް މިރޭ އެކަމެއް ހަނދާނެއް ނެތެވެ. އައިޒަން އައުމުން އައިޒަންއަށް ގޮނޑި ދަމައިދީފައި އިށީނުމުން ހުރިހާ ސަމާލުކަމެއް ހުރީ އެދަރިފުޅަށޭ ބުނެގެން ދޮގަކަށް ނުވާނެއެވެ. އެކަމަކު އައިޒަން މަސައްކަތް ކުރަމުން ދިޔައީ ނެތް ހިތްވަރުންވެސް ހަމަޖެހޭ ގޮތް ދެއްކުމަށެވެ. ލީވާންމެން ދެއްކި ވާހަކައިގައި ބައިވެރިވާން ދޭތެރެއަކުން ބަހެއް އިތުރުކޮށްލާފައި ގަދަކަމުން ހިނިގަނޑެއް ޖަހައިލައެވެ.

"އަޒް އަހަރެން ބޭނުމެއް ނޫން މިރޭ ގެއަށް ދާކަށް. މިގޭގަ އަޒް ކައިރީ އޮންނަން ބޭނުމީ." ކާކޮޓަރިން ނިކުމެ ސިޓިންރޫމްގައި ދެމީހުން އެކަނިވި ވަގުތު މުސްކާން ބުނެލިއެވެ. " އަހަރެން މާ ބަލީ ކަމަށް ހީކޮށްފަ ދޯ ނުދާން ތިއުޅެނީ. މުސްކާން ތިހީކުރާހާ ގޯހެއް ނޫނޭ އަދި." އައިޒަން މަސައްކަތް ކުރީ ސިއްރުކުރާށެވެ. "އަޒް ކީއްވެތަ އަހަރެންނަށް ސިއްރު ކުރަން ތި މަސައްކަތް ކުރަނީ؟ އަހަރެން އަޒްއާ ރަތްޓެހިވީއިރު އެއްފަހަރުވެސް ޝަރުތުކުރިންތަ އަހަރެން އަޒް ބޭނުމީ އެކަނި ހެޔޮހާލުގަ ހުންނައިރުއޭ. އިޓްސް އޯކޭ ޓު ޓެލް، ޔޫއާ ނޮޓް އޯކޭ. އަހަރެން ދެރަވާނީ އަޒް އަހަރެންނަށް ސިއްރު ކުރަންޏާ. އޭގެ ބަދަލުގަ އަހަރެން ބޭނުމީ އަޒްގެ ހުރިހާ ކަމެއް އެނގިގެން އެންމެ ކައިރީގައި ހުންނަން. ވެވުނުވަރަކުން އެހީވާން. އަހަރެން ބޭނުމީ އަހަރެންނަކީ އަޒްއަށް ބޭނުންތެރި މީހަކަށް ވާން." މުސްކާންގެ ވާހަކަ ނުނިމެނީސް އައިޒަން އޭނާގެ އަނގަމަތީ އަތް އަޅާލުމުން މެދުކެނޑުނެވެ. ކަންބޮޑުވެފައިވާ ދެލޮލުން ބަލަން އިންދާ އައިޒަން އޭނާ ކޮޅަށް ނަގާފައި ގެންދަން ފެށީ ސިޑިއާ ދިމާއަށެވެ. މުސްކާން ހައިރާންވެފައި ހުއްޓާ އައިޒަން އޭނާ ކޮޓަރިއަށް ގެންގޮސް އެނދުގައި ބައިންދާފައި ލެޕްޓޮޕް ގެނެސް އެނދުމަތީ ބަހައްޓަމުން ސްކްރީނުގައި އިން ފޮޓޯގަނޑެއް ދައްކާލުމުން މެއަށް ފިނިވިއެވެ. މެރޫން ކުލަ އާއި ކަޅުކުލަ ބޭނުންކޮށް ހަދާފައިވާ ކައިވެނީގެ ކާޑު ވަރަށް ޝާހީވެފައި ރީއްޗެވެ.

"މިއަދު މީތި ލިބުނީ. މުސްކާންއަށް ދައްކާފަ އޯޑަރ ދޭން މިހުންނަނީ. އެހެން މީހުންނަށްވެސް ވަރަށް ކަމުގޮއްސަ ހުރީ." އައިޒަން އޮޅުންފިލުވައި ދިންއިރު މުސްކާން ބޯޖަހައިލީ އެކާޑު ކަމުދާކަން ހާމަކުރުމަށެވެ. "މުސްކާންގެ ހެދުން ފަހާނެ މީހަކުވެސް މަންމަ ހަމަޖައްސައިފި. މަންމަ އަދި އެވާހަކަ ދައްކާނެ." އައިޒަން އެވާހަކަތައް ކިޔައިދިންއިރު ބޭނުމަކަށް ވީ މުސްކާން ހިތްހަމަޖައްސައި ދިނުމެވެ. އިތުރަށް އެދެމީހުންގެ ދުރުގައި ހުންނަންވީ ދުވަސްތައް ނިމުމަކަށް އަންނަކަމުގެ ޔަޤީންކަން ދިނުމެވެ.

"އެހެންވީމަ ދެން ދުވަހަކުވެސް ހިތަށް ނާރުވާތީ ތީ އަހަރެންނަށް ބޭނުންތެރި ކުއްޖެއް ނޫންކަމަށް. ތެދަށް ބުނަންޏާ އަހަރެންނަށް ދިރިހުރުމުގެ އުންމީދު އާކޮށްދޭ ފަރާތަކީ ތީ. އަހަރެންގެ ފުރާނައިގެ ދިރުމަކީ ތީ. މާދަން ވާނެނަމަ މާދަންވެސް އަހަރެން މުސްކާންއާ ކައިވެނި ކުރަން ތައްޔާރު." އައިޒަން ލެޕްޓޮޕް ދުރަށް ޖައްސާލައިފައި އެނބުރި މުސްކާންގެ ދަތްދޮޅީ ހިފައިގެން އިނދެ ހަތަރުކަޅި ހަމަކޮށްފައި ބުނެލިއެވެ.

ކޮމެންޓް 0