"އިޝާން ތި ވާލޯބި ދުވަހަކުވެސް ވެވޭނެ ކަމެއް ނޭނގެ. އެކަމަކު ތީ މިދުނިޔެމަތީން އަހަރެން އެންމެ ޤަދަރު ކުރާ އިންސާނާ. އަދި މިރޭ އެޤަދަރު ކުރިއަށްވުރެވެސް ބޮޑަށް އުފުލިއްޖެ." މުސްކާން ހިތާއި ހިތުން ކިޔާލައިފައި ގުދުވެ އިޝާންގެ ނިތުގައި ތުންފަތް ޖައްސާލިއެވެ.ދެން ހިންދެމިލާފައި ތެދުވެގެން ގޮސް ބެލްކަންޏަށް ހުޅުވާލެވިފައިވާ ދޮރުފަތް ލެއްޕިއެވެ. ފޮތިގަނޑު ކަހާލުމުގެ ބަދަލުގައި އޭނާ އައިސް އިށީންދެލީ އެއްފަރާތެއްގައި ހުރި ސޯފާގައެވެ. މުސްކާން އެތާ އޮތް ކުޝަންއެއް ނަގައި ބުރަކަށި ދަށަށް ލައްވާލައިގެން ދިގުދެމިލުމުން ހަނދު ހުރީ އެންމެ ރީތިކޮށް ފެންނާށެވެ. އޭނާ އެހަނދަށް ނަޒަރު ހުއްޓާލައިގެން އިނދެ އިރުގަނޑެއް ފަހުން ލޮލަށް ނިދީގެ އަސަރު ކުރަން ފެށުމުން ތެދުވެގެން ދިޔައީ އަނެއްކާވެސް އެނދާއި ދިމާއަށެވެ. ފުން ނިދީގައި އިޝާން އޮތްވާ ފެނުމުން އެމޫނަށް ބަލަން އޭނާ އިނީ އަނެއްފަރާތުން އަރައި ބާލީސްތަކުގައި ލެނގިލައިގެންނެވެ. އެހެން އިނދެ ނިދި ލޮލަށް ސަވާރުވީ ކިހިނެތް ކޮންއިރަކު ކަމެއް ނޭނގުނެވެ.

ފަތިހު ހޭލަން އާދަވެފައިވާ މުސްކާންއަށް އެރޭވެސް ތެދުވެވުނެވެ. ހޭލެވިގެން އެނދުން ހިއްލާލިއިރު އަދި ލޮލުގައި ނިދީގެ އަސަރު ހުއްޓެވެ. އޭނާ އާ ފުރިލާފައި މަޑު ހިނގުމެއްގައި ގޮސް ފާޚާނާ ދޮރުމައްޗަށް އެރިތަނާ އެދޮރު ހުޅުވިފައި ކުރިމަތިން ފެނުނީ އިޝާންއެވެ. "އިޝާން؟" މުސްކާން ސިއްސައިގެން ގޮއްސައި އަނގަމަތީ އަތް އަޅާލެވުނުއިރު އަދި ކިރިޔާ ރަނގަޅަށް ހޭލެވުނީއެވެ. ނިދިން ހޭލެވުނުއިރު ކުރެވުނު ކައިވެނީގެ މަތިން އޭނާ ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. އެގަޑީގައި ކުރިމަތިން އިޝާން ފެނުމުން އެވަރަށް ސިހުނީ އެހެންވެއެވެ. އެކައިވެނީގެ ކަންކަން އާދައަކަށް ވާން ހާދަ ދުވަހެއް ނަގާނެއޭ ހިތަށް އެރިއެވެ. "ކިހިނެތްވީ؟" އިޝާން ގެ ދެކޮނޑުމަތިން ކުރިމައްޗަށް ވައްޓާލައިފައި އޮތް ތުވާލީގެ އެއްކޮޅުން މޫނު ފުހެން ހުރެފައި ކުއްލިއަކަށް ތިރިކޮށްލިއެވެ. "މްމްމް...ކަމެއް ނުވޭ." މުސްކާން ނުބުނަންވެގެން އިސްޖަހާލި ގޮތުން އިޝާންވެސް ގަދަ އަޅާކަށް ނޫޅުނެވެ. އޭނާ ބުމަ އަރުވާލައިފައި މުސްކާން ވަންނަން ތަންދެއްކުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ.

ތާޒާވެލަން ވެގެން މުސްކާން ގަސްތުކުރީ ހޫނު ފެނުން ފެންވަރާލުމަށެވެ. ބޮލަށް އެޅެންފެށި އެތައް ހާސް ފެންތިކިތަކުގެ ދަށުގައި ހުރެ ހިތްހަމަޖައްސާލައިގެން ފެން ހިއްކަން ބެލިއިރު ތުވާލި ގެނެވިފައެއް ނެތެވެ. "ޝިޓް." މުސްކާންއަށް ކިޔައިލެވުނެވެ. ދާދި ދެންމެއަކު އިޝާން ކުރިމަތިން ފެނުނީމައިވެސް ތުވާލި ގެންނާކަށް ހަނދާނެއް ނުވިއެވެ. އިޝާން ކޮޓަރީގައި އުޅެނިކޮށް އެތުވާލި ހޯދަން އޭނަ ނިކުންނާނީ ކިހިނެތް ހެއްޔެވެ؟ އެކަން އެއްކިބައިގައި އޮތްވާ ތުވާލި ގެންނަން އިޝާންގެ އެހީއަށް އެދޭކަށްވެސް ލާހިކެއް ނޫނެވެ.

ވިސްނަވިސްނާފައި މުސްކާން ގަސްތުކުރީ އިރުކޮޅެއް ވަންދެން އިންތިޒާރު ކުރުމަށެވެ. އިޝާން މިސްކިތަށް ދާން ނިކުމެގެން ދިއުމުން އޭނާ ތުވާލި ހޯދަން ނިކުންނާނީއެވެ.

ދިހަވަރަކަށް މިނިޓް ފާއިތުވެ ދިޔަފަހުން މުސްކާން ދޮރުފަތް ކުޑަކޮށް ކަހާލައިފައި ކޮޓަރިތެރެއަށް ބޯދިއްކޮށްލައިފިއެވެ. އިޝާން ފެންނަން ހުރިތޯ ވަށައިގެން ލޯ ހިންގާލައިފައި ނިކުންނަން އުޅެނިކޮށް މެއަށް ފިނިވެގެން ދިޔައެވެ. އޭނާއަށް ފެނުނީ ބޭރުގައި ހުރެ އެދޮރުފަތް ކަހާލަން ހިފާ ތަންކޮޅުގައި އިޝާން އޭނާގެ ތުވާލި ގެނެސް އަޅުވާލައިފައި ހުއްޓައެވެ. ހުސްއަތާ އައިސް ފާޚާނާއަށް ވަންތަން ފެނިފައި ފެންވަރާ އަޑު އިވުމުން އިޝާން އަމިއްލައަށް ތުވާލި ގެނެސް އަތުޖެހޭ ހިސާބުގައި ބެހެއްޓީއެވެ. ކޮންފަދަ ތޯހިރު ހިތެއްގެ ވެރިއެއް ހެއްޔެވެ؟ އޭނާ އެއީ އިޝާންގެ ހަލާލު އަނބިމީހާއަށްވެ ހުރެވެސް އިޝާން އިސްކުރީ އޭނާގެ އިހްސާސްތަކެވެ.

މުސްކާން ނަމާދުކޮށްލައިގެން ބެލްކަންޏަށް ނިކުތްއިރު އަދި ބިންގަނޑު އަލިވާން ކައިރިވެސް ނުވެއެވެ. އިތުރަށް ނިދާ ހިޔާލެއް ނެތުމުން އޭނާ ތިރިއަށް ދާން މިސްރާބު ޖެހިއެވެ. ސިޑިން ފޭބިއިރު ބަދިގެ ތެރެއިން އަލިކަން ވެއެވެ. މުސްކާން ގޮސް ބޯދިއްކޮށްލިއިރު ހަފްނާ އުޅެނީ ކޮންމެވެސް މީހަކަށް ކޮފީ ތައްޔާރު ކުރާށެވެ. މުސްކާން ގޮވާލަން ނުކެރިފައި ހުއްޓާ ހަފްނާ އެނބުރިލިވަގުތު އޭނާ ފެނިގެން އަވަހަށް ނަމުން ގޮވާލައިފިއެވެ. "ކާކަށް ތި ކޮފީ ތައްޔާރުކުރަނީ؟ ބައްޕައަށްތަ؟" މުސްކާން އެތެރެއަށް ވަދެގެން އައިސް ހަފްނާ ކައިރިއަށް ހުއްޓުނެވެ. "ހޫމ އެދެބަފައިން ފަތިސް ނަމާދުން އައިސް މިގަޑީގައި ކޮފީ ބޯނެ. މުސްކާން ބޭނުންތަ؟" ހަފްނާ ބުނީ އިޝާންއާ ދެމީހުންގެ ވާހަކަކަން މުސްކާންއަށް ވިސްނުނެވެ. އޭނާ ބޯޖަހާލުމުން ހަފްނާ ހިނިތުންވެފައި އިތުރަށް އެއްކޮފީތަށި ތައްޔާރުކޮށްދީފައި ގެނެސް ދިއްކޮށްލިއެވެ. މުސްކާން އޭގައި ހިފުމުން ހަފްނާ ނިކުމެގެން ދިޔައީ ސިޓިންރޫމަށެވެ. އިރުކޮޅަކުން ދެބަފައިން މިސްކިތުން ގެއަށް އައިސް ވަންކަން އެނގުނީ ބޭރުން ވާހަކަދައްކާ އަޑު އިވެން ފެށީމައެވެ. މުސްކާން ކޮފީތަށިން ކޯވަރެއް ރަހަ ބަލާލައިފައި ގޮސް އިނީ މޭޒު ކައިރީގައެވެ.

ނޯކަރުންގެ ދެމީހުން ހޭލައިގެން އައިސް މުސްކާން ފެނިގެން ބަލައިލާފައި ހިނިތުންވެލިއެވެ. މުސްކާންވެސް އެދެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްފައި އެއިން ގޮތަށް އިނދެ ކޮފީތަށި ހުސްކޮށްލުމަށްފަހު ތެދުވެއްޖެއެވެ. އޭނާ ދެން ބޭރަށް ނިކުތްއިރު ސިޓިންރޫމްގައި އެކަކުވެސް ނެތެވެ. ހަފްނާއާ ސަމީރު ވާހަކަދައްކަމުން ސިޑިން އަރައިގެން ދާތަން ފެނުނު ނަމަވެސް އިޝާންގެ ހިލަމެއް ނުވިއެވެ. އެމީހުން ފަސްފަހަތުން ކަހަލަ ގޮތަކަށް އޭނާ އެރިއިރު އިޝާން އޮތީ އަނެއްކާވެސް އެނދަށް ވެއްޓިގަނެގެންނެވެ.

"މުސްކާން ބޭރުންތަ ތިއައީ؟" ދޮރު ހުޅުވިއަޑަށް އިޝާން އެނބުރި ބަލައިލާފައި ވާހަކަދެއްކިއެވެ. މުސްކާން ބޯޖަހާލައިފައި ދެއަތް ދެއަތާއި ގުޅުވާލައިގެން އައިސް ޑްރެސިންޓޭބަލް ކައިރީ އިށީންދެ އިންދާ އިޝާން ތެދުވެގެން ގޮސް އަލަމާރި ހުޅުވާލައިފިއެވެ. އިޝާން ކުރަން ފެށި ކަމަކަށް މުސްކާން ބެލީ ލޯގަނޑުންނެވެ. ކޮނޑެއްގައި އަޅުވާފައި ހުރި ފަޓްލޫނު ނެގިއިރު އެއީ ރޭގައި ލީ އެއްޗެވެ. އިޝާން އޭގެ ޖީބުން ކޮންމެވެސް އެއްޗެއް ނަގައިގެން އައިސް މުސްކާން ފުރަގަހަށް ހުއްޓުމުން އޭނާ އަވަހަށް އެސްފިޔަތައް ތިރިކޮށްލިއެވެ.

"ބައްޕަ ރޭގައި ގޮވާފައި ގެންގޮސް މީދިން އެއްޗަކީ." މުސްކާންގެ ކުރިމަތީ ބާއްވައިލި ކަރުދާސްތަކާއިއެކު އިޝާން އޮޅުންފިލުވައިދިނެވެ. މުސްކާން ބަލާލިއިރު ހަނީމޫން ޕެކޭޖެކެވެ. އަދި އެވެސް އިޓަލީއަށެވެ. "ކިހިނެތްވީ؟ ކަމަކުނުދޭތަ؟" މުސްކާން ކުއްލިއަކަށް ބަލައިލުމުން އިޝާން އެހިއެވެ. "އެހެނެއް ނޫން." މުސްކާންއަށް ބުނެދޭނެ ގޮތެއް ނޭނގުނެވެ. "ބޭނުމިއްޔާ ޑެސްޓިނޭޝަން ޗޭންޖްވެސް ކޮށްލެވިދާނެ. ނޫނީ މިޓްރިޕް މިއަށްވުރެ ލަސްކޮށްލަން ވީތަ؟" އިޝާން އެހެން ބުނެލިގޮތުން ހީވީ މުސްކާންގެ ހިތުގައި އޮތް އެއްޗެއް އެނގިގެން ބުނެލިހެންނެވެ. މުސްކާން ކުއްލިއަކަށް ތެޅިގަނެފައި ދެވަނަ ފަހަރަށްވެސް ހަތަރުކަޅި ހަމަކޮށްލިއެވެ. "ނޯ ވޮރީސް ބޭބީ. އަހަރެންވެސް ބޭނުމެއް ނޫން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ނިންމާކަށް. އިޓް ކެން ވެއިޓް." މުސްކާން ހާސްވެދާނެތީ އިޝާން ނުހަނު ލޯބިން އެއަތުގައި ހިފާލައިފައި ބުނެލިއެވެ. އެޖުމްލައިން ހިތަށް އަސަރުކޮށްގެން މުސްކާންގެ ލޯ ފެންކަޅިވެގެން ދިޔަ ހިނދު އިޝާން އޭނާގެ އަތުން ދޫކޮށްނުލައި އުފުލާލައިފައި ތުންފަތް ޖައްސާލިއެވެ.

"ދެން މިދަނީ ނިދިގަނޑެއް އަޅާލަން. ގިނައިރު ވަންޏާ ގޮވާލާތި އިނގޭ! އަދި ޗުއްޓީއަށް ވާ ގޮތެއްވެސް އިނގޭނީ އާދީއްތަ ދުވަހު އޮފީސް ހުޅުވުނީމަ." އިޝާން އެއަތުން ދޫކޮށްލައިފައި ގޮސް އެނދަށް ވެއްޓިގަންއިރު މުސްކާން ކައިރީ އެދުނެވެ.

ހަނީމޫން ދަތުރު ލަސްކުރަން އިޝާން ދެއްކީ މޮޅު ބަހަނާއެކެވެ. އެދުވަސްވަރު ހޮސްޕިޓަލުގައި ތިބި އާންމު ޑޮކްޓަރުންގެ ގިނަ މީހުން ޗުއްޓީއަށް ދާން ހަމަޖެހިފައި އޮތުމުން އޭނާގެ ޗުއްޓީ ލިބެން ނެތް ވާހަކަ ބުނުމުން އެކަކުވެސް ޝައްކެއް ނުކުރެއެވެ. މުސްކާން ފޫހިވެއްޖެނަމަ ކޮންމެ އިރަކުންވެސް ގެއަށް ދެވޭނެ ކަމަށް ބުނެފައި އޭނާ މެދުކެނޑުމެއްނެތި ވަޒީފާއަށް ނިކުންނަން ފެށީއެވެ. ކައިވެންޏަށް ފަހުވެސް މުސްކާންގެ މިނިވަން ކަމަކަށް އިޝާން ހުރަހެއް ނާޅައެވެ. ބަދަލުގައި މުސްކާންއަށް އިހްސާސްވީ އޭނާ ކުރިއަށްވުރެވެސް މިހާރު މިނިވަން ވެފައިވާ ކަމެވެ. ގޭގައި އުޅުނުއިރު ރޭގަނޑު ލަހުން ބޭރަށް ނިކުތަސް މަންމަ ހުންނާނީ ހިތްހަމަ ނުޖެހިފައެވެ. މިހާރު އޭނާ ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ކޮންމެތާކަށް ގެންގޮސް ގެންނަނީވެސް އިޝާންއެވެ.

އެއްރެއަކު މުސްކާން މަންމަ ގޭގައި ބައިންދާފައި އިޝާން ދިޔަ ގޮތަށް ޚަބަރެއް ނުވިއެވެ. ގަޑިން އެގާރަ ޖަހަން ކައިރިވީއިރު އަނެއްކޮޅުން މޫސުން ގޯސްވާން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. މުސްކާން ސިޓިންރޫމް ސޯފާގައި ގަޑިއަށް ބަލާލަ ބަލާލާ އިންއިރު މަންމަވެސް ދެފަހަރެއްގެ މަތިން އިޝާން ނާންނަނީތޯ އަހައިފިއެވެ. އަނެއްކާ މަންމަމެން އެދެމީހުންގެ ގުޅުން ހީނަރުވީއޭ ވިސްނަފާނެތީ މުސްކާން ކަންބޮޑުވިއެވެ. އޭނާ ދެފަހަރަކު ގުޅާފައި ޖަވާބު ނުދިނުމުން އެހާ ގިނައިން ގުޅަން ޖެހިލުންވިއެވެ. ލަސްވާން ފެށުމުން އޭނާ ފޯނަށް ބަލަން އިނދެ އިނދެފައި އަނެއްކާވެސް ގުޅިތަނާ ފޯނު ނެގިއަޑު އިވުނީ ލީވާންއެވެ.

"އޭ މުޝްޕޮޓޭޓޯ ތިއްތިއަކީ އެކަނި މުޝްޕޮޓޭޓޯގެ މީހެއް ނޫން އިނގޭ. ތިއްތިގެ މައްޗަށް އަހަރުމެންގެ ހައްޤުވެސް އޮންނާނެ. ތިއްތިއަށް މިހާރު އަހަރުމެންނާއެކު ވަގުތުކޮޅެއް ހޭދަކޮށެއް ނުލެވޭ މުޝްޕޮޓޭޓޯ ގުޅާވަރުން..." ލީވާން ސަމާސަ މޫޑެއްގައި ހުރެގެން އެއްފައްޗަކަށް އަމުނާލިފަހުން އިޝާން އެފޯނު ޖަހައިގެންފައި އަވަސް އަވަހަށް ހަލޯއޭ ބުނެލިއެވެ. "މުސްކާން އައެމް ސޯ ސޮރީ. ފޯނު ސައިލެންޓްގަ އޮތީމަ ނޭނގުނީ ގުޅިކަމެއް. ވިއްސާރަ ވާންވެސް އެބައުޅޭ ދޯ. މިދަނީ އިނގޭ ބަލާ!" މުސްކާންއަށް އެއްޗެއް ނުބުނެވެނީސް އިޝާން ދައްކަން ހުރި ވާހަކަ ދައްކާފައި ފޯން ކަނޑާލިއެވެ. މުސްކާން އެވަގުތު ފާޑަކަށް އިނދެފައި އެފޯނު ތިރިކޮށްލިއިރު އަދިވެސް ނަޒަރު ހުރީ ތިރިއަށް ހުއްޓިފައެވެ. ނުސީދާ ބަހުން ނަމަވެސް އިޝާން އެބުނީ ފުރަތަމަ ފަހަރަށް އޭނާ މަތިން ހަނދާން ނެތުނު ވާހަކަކަން އެނގުމުން ހިތަށް ކުރީ ނުބައި އަސަރެކެވެ.

"އިޝާންތަ އެގުޅީ؟" މަންމަ އަނެއްކާވެސް ބޯދިއްކޮށްލާފައި އެހިއެވެ. މުސްކާން ބޯޖަހާލައިފައި ދަބަސް ހިފައިގެން ތެދުވިއެވެ. އޭނާ ދަނީއޭ ބުނެލުމަށްފަހު އާދައިގެ ހިނގުމެއްގައި ގޮސް ދޮރު ކައިރީ މަޑުކޮށްލައިގެން ހުއްޓާ ގިނައިރެއް ނުވެ އިޝާންގެ ކާރު އައިސް މަޑުކުރިއެވެ. އެވަގުތު އިޝާން ކުޑަ ހިފައިގެން ނިކުންނަންވީއިރަށް މުސްކާން ދުވެލާފައި ގޮސް ކާރުގެ ދޮރުފަތް ހުޅުވާލައިފައި އަރައިފިއެވެ. "ކީއްވެ ތެމިގެން ތިއައީ؟ އަހަރެން ދަންދެން ހުރިނަމައެއްނު." އިޝާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އޭނާ އަތުގައި އޮތް ކުޑަ ފަހަތު ސީޓގައި ބާއްވާފައި އެނބުރިލީއިރަށް މުސްކާން ކިބިއްސެއް އަޅައިލިއެވެ. "ނޭނގޭނެއެއްނު އިޝާން ކުޑަ ހިފައިގެން ކަމެއް އިންނާނީ." މުސްކާން ރައްދު ދިންއިރު އިޝާން އަވަހަށް ޓިޝޫ ފޮށި ނަގާފައި އޭނާގެ އުނގުމަތީ ބޭންދިއެވެ. ޓިޝޫއިން މޫނު ފުހެން އިނދެފައި މުސްކާން އަނެއްކާވެސް ކިބިހި އަޅައިލުމުން އިޝާން އެމޫނަށް ބަލައިލިއެވެ. އޭނާ ކާރު ދުއްވާލިއިރު އިތުރު އެއްޗެއް ނުބުންޏެވެ.

ގެއަށް ވަދެފައި މުސްކާން ސިޑިން އަރައިގެން ގޮސް ވަކި ހިސާބަކުން އިޝާން ނާންނަކަން އިހްސާސްވިއެވެ. އެނބުރި ބަލައިލިއިރު އިޝާން ފެންނަންވެސް ނެތެވެ. އޭނާ ކަންބޮޑުވެފައި ވަށައިގެން ހޯދާލުމަށްފަހު މައްޗަށް އަރައިގެން ގޮސް އިށީންދެލީ އެނދުގައެވެ. އެހިސާބުން އަނެއްކާވެސް ތަކުރާރުކޮށް ކިބިހި އެޅެން ފެށުމުން ނޭފަތުންވެސް ފެންވެސް އަންނަން ފަށައިފިއެވެ. މުސްކާން ފަހަރަކު ޓިޝޫއެއް ނަގައި ނޭފަތް ފޮޅަން އިންދާ އިޝާން ވަދެގެން އައީ ތަބަކެއްގައި ބަހައްޓާފައި ހުރި ސައިތައްޓެއް ހިފައިގެންނެވެ.

"ތިވަރަށް ކިބިހި އަޅާއިރު އަދި ދޮރުވެސް ނުލައްޕާ ދޯ ތިއިންނަނީ." އިޝާން ސައިތަށި ގެންގޮސް ސައިޑު ޓޭބަލްމަތީ ބަހައްޓާފައި އަވަހަށް ދިޔައީ ދޮރު ލައްޕާށެވެ. އޭނާ ދޮރުލައްޕައި ފޮތިގަނޑު ދަމާލައިފައި އައިސް މުސްކާން ކައިރިއަށް ހުއްޓި ސައިތަށި ދިއްކޮށްލުމުން މުސްކާން އިސްޖަހައިގެން އިނީ އޭގައި ނުހިފަން ވެގެންނެވެ. "ޑްރިންކް އިޓް މުސްކާން! ކުޑަކުއްޖެއްހެން ބޮޑާ ތިހާކަނީ ކީއްވެ؟" އިޝާންގެ އަޑުގައި ކުރިން ދުވަހަކުވެސް ނުވާ ރުންކުރު ކަމެއް ވިއެވެ. މުސްކާން އިސްއުފުލާ ނުލައި އިނދެފައި ބޯ ހޫރާލީ ދެފަރާތަށެވެ.

"އެއީ ކީއްވެ؟" އިޝާންގެ އަޑަށް ކުއްލިއަކަށް އޯގާތެރިކަން ވެރިވިއެވެ. އޭނާ ސައިތަށި ބަހައްޓާފައި މުސްކާންގެ ކައިރިއަށް ޖެހިލައި ދަތްދޮޅީ ހިފާ އުފުލާލުމުން ސިހުމެއް ލިބުނެވެ. މުސްކާންގެ ބޮޑު ދެލޯ ފުރިފައިވަނީ ބޮޑެތި ކަރުނަތިކި ތަކުންނެވެ. އެސްފިޔަ ޖަހާލިއަސް އެކަރުނަތައް ފައިބައިގެންދާނެކަން ކަށަވަރެވެ. "އިޝާން ކީއްވެ އަހަރެންދެކެ ރުޅި އައިސްގެން ތިއުޅެނީ؟" މުސްކާންއަށް ކެތްނުވެގެން އެންމެފަހުން ސުވާލު ކުރިއެވެ. އިޝާންގެ އެހަރުކަށިކަމުން އޭނާގެ ހިތަށް ކޮށްފައިވާ އަސަރު ބަޔާން ކުރެވޭވަރަށްވުރެ ފުނެވެ. މީގެ ކުރިން އޭނާ ދުށީ އަބަދުވެސް އިޝާންގެ އޯގާތެރި ފަރާތެވެ. "ރުޅި އައިސްގެނެއް ނޫނޭ ބޭބީ. އެނގެއެއްނު މުސްކާންއަށް ކަމެއް ވެއްޖެއްޔާ އަހަރެން ހާސްވާނެވަރު." އިޝާން ކުޑަކުއްޖަކަށް ވިސްނަދޭހެން މުސްކާން ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. އޭނާ ދެވަނަ ފަހަރަށް ސައިތަށި ނަގާފައި ދިއްކޮށްލުމުން މުސްކާން ދެބަހެއްނެތި އޭގައި ހިފިއެވެ.

އިރުކޮޅަކުން ނޯކަރަކު އައިސް ޓަކި ޖަހާލުމުން އިޝާން އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު އައިސް ހުރީ އޮރެންޖް ތައްޓެއް ހިފައިގެންނެވެ. އިޝާން ނޯކަރަށް ޝުކުރު އަދާކޮށްފައި އެތަށިވެސް ގެންގޮސް މުސްކާން އަތުޖެހޭ ހިސާބުގައި ބެހެއްޓިއެވެ. "އިހަށް މަޑުކޮށްބަލަ!" އިޝާން ބަލަން އިނދެފައި ތެދުވިއެވެ. މުސްކާން އަތުން ސައިތަށި އަތުލާފައި ކުރިން ހުރިތާ ބޭންދުމަށްފަހު އޭނާ ތުވާލި ހިފައިގެން އައުމުން މުސްކާން އަތްދިއްކޮށްލިއެވެ. އެކަމަކު އިޝާން އެތުވާލި އަތަށް ދިނުމުގެ ބަދަލުގައި ކައިރީގައި އިށީންދެގެން އިސްތަށިގަނޑު ހިއްކައިދޭން ފެށީއެވެ. އިޝާން ގަޔާވެފައި އިންތަން ފެނިގެން މުސްކާންއަށްވެސް ކަޅި ޖަހާނުލާ އިނދެގެން އެމޫނަށް ބެލުނެވެ. އިޝާން އެހާ ލޯބިން ބޯހިއްކައިދޭތީ އޭނާ އިނީ ނިދި އަންނަ ގޮތްވެފައެވެ. މަޑުމަޑުން އިނދެގެން ލޯމެރުނުތަނާ އިޝާންގެ ނަޒަރު އެމޫނަށް ހުއްޓިފައި އަތުގެ ހަރަކާތަށް ހުއްޓުމެއް އަތުވެއްޖެއެވެ. އިޝާން އެވަގުތު އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަންވެގެން އަނެއްފަރާތަށް މޫނު އަނބުރާލައިފައިވެސް ހިތް މަޖުބޫރު ކުރުވީ އިދިކޮޅަށެވެ. މުސްކާންގެ އުނގަށް ވެއްޓުނު ތުވާލި ދޫކޮށްލައިފައި އޭނާ މޫނު ކައިރިކޮށްލިތަނާ މުސްކާން ކުއްލިއަކަށް ލޯ ހުޅުވައިލީ ބޯހިއްކުން ހުއްޓުނީމައެވެ. އެވަގުތު ކައިރިން ފެންނަން ހުރި އިޝާންގެ މޫނު ދެކެފައި މޭގަނޑު ފިނިވެގެން އައެވެ. ދާހިއްލަންފެށި އަތްތިލައިން ބެޑްޝީޓްގައި ބާރަށް ހިފައި ބޮނޑިކޮށްލާފައިވެސް ލޯމަރާކަށް މިފަހަރު ގަސްތެއް ނުކުރިއެވެ. ދެން ފެނުނީ އިޝާން ކުއްލިއަކަށް އިސްޖަހާލައިފައި މޫނު ދުރުކޮށްލި ތަނެވެ. މުސްކާންއަށް މިވީގޮތެއް ނޭނގި ހައިރާންވެފައި އިންދާ އިޝާން ކުއްލިއަކަށް ކިބިއްސެއް އަޅައިލިއެވެ.

"ކޮބާ އެހެންވާނީ." އިޚުތިޔާރެއްނެތި މުސްކާންގެ އަނގައިން ނިކުތެވެ. ދެވަނަ ސިކުންތުގައި އޭނާ އަވަހަށް އަނގަމަތީ އަތް އަޅައި ބާރުކޮށްލިއެވެ. ބުނެވުނު އެއްޗަކުން ރަކިވެގެން އިސްޖަހާލިތަނާ އިޝާން ލާނެތް ގޮތަކަށް ހިނިތުންވެލިއެވެ. "ދެން ވެސް މި ސައިތަށީގައި ބާކީބައި ހުސްކުރޭ!" މުސްކާން އަވަސް އަވަސްކޮށް އެސްފިޔަޖަހާލަން އިނދެފައި އިރުކޮޅަކުން ސައިތަށި ނަގައި އިޝާންއަށް ދިއްކޮށްލިއެވެ.

ކޮމެންޓް 0