"ގެއްލުމެއް ނުދޭނަމޭ. ބަސްއަހައިގެން އިނދޭ އިނގޭ!" އިޝާން އިއްވައިލިއެވެ. މުސްކާން ހަމަޖެހިލަން މަސައްކަތް ކުރިއެވެ. އެހަމަޖެހުން އިތުރަށް ގެއްލިގެން ދިޔައީ ކާރު ދާންފެށި މިސްރާބު ފެނިފައެވެ. މިހާރު އެދާގޮތުން އަމިއްލަ ގެއަށްވުރެ ކުރިން ދެވޭނީ އޯކިޑްލޭންޑް ކުރިމައްޗަށެވެ.

"ފިނިވެފަ ތިއިނީ؟" މުސްކާން އަތާއި އަތް މޮޑެން ފެށި ގޮތުން އިޝާން އެހިއެވެ. އޭނާ ހަތަރުކަޅި ހަމަކޮށްލިއިރު އިޝާން އިނީ ކަޅިޖަހާ ނުލާ ބަލާށެވެ. ދޭނެ ޖަވާބެއް ނޭނގިގެން މުސްކާން އިނީއެވެ. ދެން ފެނުނީ އޯކިޑްލޭންޑް ކުރިމައްޗަށް ކާރު މަޑުކޮށްލިތަނެވެ. އިޝާން ފައިބާފައި މުސްކާން އެނބުރެން ވާއިރަށް އައިސް ދޮރުފަތް ހުޅުވާލަދިނެވެ. ލީވާންއާ ދެން ހުރި ޒުވާނާވެސް ފައިބާފައި މުސްކާން ނިކުންނަތަން ދެކެން ހުރި ގޮތުން ހިތް އަވަސް ކުރުވިއެވެ. އެމީހުން އޭނާއަށް ފަހަތުން އައުމަށް އިޝާރާތްކޮށްފައި ގޮސް ގޭޓުން ވަނުމުން މުސްކާން ފިނިވެފައިވާ ދެފައިން ހިނގާފައި ދިޔައިރު ފުރަތަމަ ފަހަރަށް މައިދޮރުގައި ބޮޑު ތަޅެއް ފެންނާކަށް ނެތެވެ. އޭރު އޭނާގެ ހިތް މޭގެތެރޭގައި އޮވެ ފުމެމުން ދިޔައީ ބޭރަށް ނިކުމެދާނެތީ ބިރުގަންނަހާ ބާރަށެވެ. ވާން މިއުޅެނީ ކީއް ހެއްޔެވެ؟ މިމީހުން އޭނާ މިތަނަށް މިގެނައީ ކީއްކުރަން ހެއްޔެވެ؟ އަދި އައިޒަން... އައިޒަން ކޮބާ ހެއްޔެވެ؟ މުސްކާންއަށް ހުއްޓެވިއްޖެއެވެ.

"ކީއްވެ ތިހުއްޓުނީ. އާދޭ އެތެރެއަށް!" މުސްކާން ނާންނަކަން އިހްސާސްވެގެން އެނބުރި ބަލާލައިފައި އިޝާން ބުނެލިއެވެ. ލީވާން އެވަގުތު ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި އައިސް މުސްކާންގެ އަތުގައި ހިފައިފިއެވެ. ލީވާންގެ މިއަމަލުން ސިހިގެން މުސްކާންއަށް ބަލައިލެވުނީ ފުރަތަމަ އެއަތަށެވެ. އެއަށްފަހު މޫނަށެވެ. ލީވާން ކަމަކަށް ނުހަދައި އޭނާގެ އަތުގައި ހިފައި ދަމާލައިފައި ގެންގޮސް އެތެރެއަށް ވެއްދިތަނާ ސިޓިންރޫމް ސޯފާގައި އިން މީހަކު ތެދުވެ މަގަތަށް އެނބުރިލައިފިއެވެ. މުސްކާންގެ ނަޒަރު އެމީހަކަށް ހުއްޓުމާއެކުހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ހެންނެވެ. ދެލޯ ބޮޑުވެ މުޅިހަށިގަނޑު ރޫރޫ އަޅައިގަތްއިރު ލީވާން އަތުން ދޫކޮށްލިކަމެއްވެސް އިހްސާސެއް ނުވިއެވެ.

އެއީ ހަމަ އެއިސްކޮޅެވެ. އެމޫނެވެ. އެދެލޮލެވެ. އެކަމަކު މުޅިން ތަފާތެވެ. ހަށިގަނޑު އެހުރީ ހިކި އަނަރޫފަވެފައެވެ. ގައިގެ ކުލަ ކަޅުވެފައެވެ. ފަން އިސްތަށިކޮޅުގެ ބަދަލުގައި ބޯ އޮތީ ހާމައަށެވެ. ރީތި ލޮލަށް ހިޔާއަޅާފައި ހުންނަ އެސްފިޔަތަކެއް ނެތެވެ. ފެންނަ ކޮންމެ ފަހަރަކު އިނގިލި ހިންގައިލަން ހިތް އެދޭފަދަ ރީތި ބުމަ ހުރި މަޤާމު އެވަނީ ހުސްކޮށެވެ. ކުރިމަތީގައި މިހާރު އެހުރީ އެދެލޯ ދުށުމަށް އެދި ކެތްމަދުވެފައިވާ ލޯއްބެވެ. އާދެ! އައިޒަންއެވެ. އެހެނަސް އެއީ މުޅިން ބަދަލުވެފައިވާ އައިޒަންއެކެވެ. އެހެން މީހެކެވެ.އެކަމަކު ކީއްވެ ހެއްޔެވެ؟ އެހާ ބޮޑު ބަދަލެއް އައިޒަންއަށް އައީ ކީއްވެ ހެއްޔެވެ؟ އެބަދަލުގެ ފަހަތުގައިވާ ސަބަބަކީ ކޮބާ ހެއްޔެވެ؟ ދުވަސްތަކެއް ކުރިން ދޮންބެގެ ކިބައިން ފެނުނު ކުލަތައް އައިޒަންގެ ކިބައިން އެފެންނަނީ ކީއްވެ ހެއްޔެވެ؟ސުވާލުތަކުން މުސްކާންގެ ސިކުނޑިއަށް ވާންވެގެން އައިއިރު ލޯ ފުސްވެގެން ދިޔައީ ކަރުނައިންނެވެ.

ހީވެސް ނުކުރާފަދަ ގޮތަކަށް ކުއްލިއަކަށް ކުރިމަތިން މުސްކާން ފެނުމުން އައިޒަންވެސް ހުރީ ސިހުމެއް ލިބިފައެވެ. ދޮޅު އަހަރުތެރޭ މުސްކާންވެސް ހުރީ ބަދަލުވެފައެވެ. ކުރިން ހުރި ފުށްކަން ނެތި ހިކިއްޖެއެވެ. ބުޅި އިސްތަށިގަނޑު ފަންކޮށްލާފައި އޮތްއިރު އިތުރަށް ޒުވާންވެ އަންހެންވަންތަ ކުލަ ޖަހާލައިފިއެވެ.

"އައި......! ވާހަކަދައްކަން ބޭނުންވި ނަމަވެސް މުސްކާން އަނގައިން އަޑެއް ނުނިކުތެވެ. ކައިރިއަށް ދާން ފިޔަވަޅެއް ނަގާފައި ވާނުވާ އެނގުނުއިރު ދުވެގޮސް ހުރެވުނީ އައިޒަންގެ އަތުތެރެއަށް ވަދެއެވެ. ލަދުގަންނާކަށް ޖެހިލުންވާކަށް އެވަގުތު ނޭނގުނެވެ.އެމޭގައި މޫނު ފޮރުވާލުމާއެކު މުސްކާންފެ ބަޑި ފަޅައިގެން ދިޔައީއެވެ. ހޯސްލާފައި ލޮލުން އޮހިގަތް ކަރުނައިން އައިޒަންގެ ގަމީސް މޭމަތި ތެންމާލަން ނެގީ ހިނދުކޮޅެކެވެ. ނުވިސްނާ ހުއްޓާ މުސްކާން އައިސް ގައިގައި ހިއްޕައިގަތް ގޮތުން ސިހުމެއް ލިބުނު ނަމަވެސް އައިޒަންއަށްވެސް ކުރެވުނު ކަމަކީ އެދެއަތުގެ ތެރޭ މުސްކާން ފިއްތާލުމެވެ. ހިފައްޓަން މަސައްކަތް ކޮށް ކޮށް ހުއްޓާވެސް ލޮލުން ކަރުނަ ހިލިއްޖެއެވެ. އޭރު ދެންތިބި ތިންމީހުން އެކަކު އަނެކަކަށް ސިއްރުން އިޝާރާތް ތަކެއް ކޮށްފައި ކޮންމެވެސް ދިމާއަކުން އެތެރެއަށް ދެމިގަނެގެން އެތަނުން ފިލައިފިއެވެ.

ސައިގަޑި ކައިރިވެފައި ހުރުމުން އެމީހުން ކާކޮޓަރިއަށް ވަންއިރު ލީވާންމެންގެ މަންމަ ސަނާ އުޅެނީ މޭޒުމައްޗަށް އެއްޗެހި ނަގާށެވެ. އެހީތެރިވާން ނޯކަރު ކުއްޖަކުވެސް ހުއްޓެވެ. "މަންމާ ބޭރުގަ ހުންނާނެ ކުޑަ ސުކޫލު ކުއްޖަކު ގެނެއްސަ." ލީވާން އެލާނެތްކަމުގައި ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލާފައި ބުނެލިއެވެ. ސަނާ ބަލައިލުމުން އިޝާންއާ ދެމީހުން އެކަކު އަނެކަކަށް ބަލާލައިފައި ސައިބޯން އިށީންދެއްޖެއެވެ.

"އަޒް ކޮންތާކު މިއޮތްހުރިހާ ދުވަހު އުޅުނީ؟ ކީއްވެ އަހަރެން ފެންނަ ހިސާބަށް ނުދިޔައީ؟ ކީއްވެ އަހަރެންނަށް އެކައްޗެއްވެސް ނޭންގީ؟" ރޮއިރޮއި އުދާސްތައް ބޭރުވުމުން މުސްކާން ދުރަށް ޖެހިލާފައި ޝަކުވާތައް ބަންޑުން ކޮށްލައިފިއެވެ. "މާފުކުރޭ މުސްކާން. އެކަމަކު އަހަރެން ބޭނުން ނުވީ ހާޓް ކުރަން. އަހަރެން ހީކުރީ މުސްކާން މިހާރު ހަނދާންވެސް ނުހުންނާނެ ކަމަށް އަހަރެން މައްޗަކުން." ހަތަރުކަޅި ހަމަކޮށްފައި ޖަވާބުދިންއިރު އައިޒަންގެ ދެއަތުން މުސްކާންގެ ކަރުނަތައް ފުހެދިނެވެ. ރުއިމުގެ ސަބަބުން ނޭފަތު ކުރިއަށް ފިޔާތޮށި ކުލަ އަރާފައި ހުރުމުން އައިޒަންގެ ހިތަށް ތަދުވިއެވެ. އޭނާގެ ސަބަބުން ކުށެއްނެތް އަންހެންކުއްޖަކަށް މިކުރިމަތިވީ ކިހާބޮޑު ހިތާމައެއް ހެއްޔެވެ؟ "ކީއްވެ ހަނދާން ނުހުންނާނީ؟ އަޒް މަތިން އަހަރެން ހަނދާން ނުކުރާ އެންމެ ދުވަހެއް ނާދޭ. ތެދަށް ބުނަންޏާ އަހަރެން ހީކުރީ އަޒްކަމަށް އަހަރެން މަތިން ހަނދާން ނެތުނީ. އެވަރުންވެސް އަހަރެން މިހުންނަނީ އުންމީދު ކަނޑައިނުލާން. ހިތް ބުނީ ކޮންމެވެސް ދުވަހަކުން ބައްދަލުވާނެ ކަމަށް." މުސްކާން ރައްދު ދީފައި އައިޒަން އަތަށް ބާރުކޮށްލީ ދެން އަލުން ދޫކޮށްނުލާން ނިންމިފަދަ ގޮތަކަށެވެ. ކާކޮޓަރިން ލީވާންމެންގެ އަޑު އިވުމުން އައިޒަން އެދިމާއަށް ބަލައިލާފައި އެތެރެއަށް ހިނގާށޭ ބުނެ މުސްކާން ގޮވައިގެން ހިނގައިގަތެވެ.

ދޮރާއި ހަމައަށް ދެވޭންދެން މުސްކާން ބެލީ އަދިވެސް އައިޒަންގެ މޫނަށެވެ. އަތާއި އަތް ގުޅުވާލައިގެން ހުރިއިރުވެސް ހީވަނީ ލޯކުރިމަތިން ފެންނަ ހުރިހާ ކަމެއް ބިލާހަކަށް ވެދާނެތީ ބިރުން އުޅޭހެންނެވެ.

ދޮރުމައްޗަށް އެމީހުން ހުއްޓުނުއިރު ލީވާންއާ އިޝާންއެކު އައި އެމީހުންގެ އެކުވެރިޔާގެ އިތުރުންވެސް ތަންކޮޅެއް ހަރުކުލަޖަހާ ޒުވާނަކު މޭޒުދޮށުގައި އިނެވެ. "މަމް. މީ މުސްކާން!" މުސްކާން ފިނިވެފައި ހުއްޓާ އެއަތަށް ދަމާލައިގެން ގެންގޮސް މޭޒުކައިރީ ބަހައްޓާފައި އައިޒަން ތައާރަފް ކޮށްދިނެވެ. މުސްކާން ރަކިވެފައި ހުއްޓާ ސަނާ ހިނިތުންވެލާފައި ބުނީ އެނގޭ ކަމަށެވެ. މުސްކާންއަށް އެޖަވާބުން ހައިރާންކަމެއް ލިބުނަސް ސުވާލު ކުރާކަށް ނުކެރުނެވެ. ލީވާންމެންގެ އެކުވެރިޔާގެ އިތުރުން ދެން އިނީ އާއިލާގައި ދޮށްޓަށް ހުރި އިފްހާމްއެވެ. އައިޒަން ތައާރަފްކޮށްދިން ވަގުތު އިފްހާމްވެސް ގާތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. އޭރު ލީވާންއާ އިޝާން އެކަކު އަނެކަކަށް ލޮލުގެ އިޝާރާތް ފޮނުވާފައި ސިއްރުން ހީލަ ހީލާ ތިއްބެވެ.

ސައިބޯން ތިބި ގަޑީގައި ސަނާގެ ސުވާލުތަކާއި މުސްކާން ކުރިމަތިލާން ޖެހުނެވެ. އާއިލާއާ ކިޔެވުމާއި ބެހޭ ގޮތުން ސުވާލުކޮށް ވާހަކަދެއްކިއިރު ސަނާވެސް ހީވަނީ ކުރިއްސުރެ މުސްކާން ދެކެފަރިތަ މީހެއް ހެންނެވެ. އައިޒަން މަންމަ ކައިރީވެސް އޭނާގެ ވާހަކަ ބުނީ ކަންނޭނގެއޭ ހިތަށް އެރިއެވެ.

"މުސްކާން. ކަމް! އަހަރެން ދައްކަން ބޭނުން އެއްޗެއް ހުންނާނެ!" ސައިން ނިމިގެން ތެދުވެފައި އެތާތިބި މީހުންނަށް ނުބަލައި އައިޒަން އަތުގައި ހިފައިލުމުން މުސްކާންއަށް އެކި މީހުންގެ މޫނަށް ބެލުނެވެ. އައިޒަން ގެންދާނެ ދިމާއަކަށް ގެންދަން ދޫކޮށްލައިގެން ހުއްޓާ އެތަނުން ނެރެގެން ގެނެސް ކޮޓަރިއެއްގެ ކައިރިއަށް މަޑުކޮށްފައި ދޮރު ހުޅުވާލިއެވެ.

"މީ އަހަރެންގެ ރޫމް." އެތެރެއަށް ވަންނަމުން އައިޒަން ބުނެދިނެވެ. މުސްކާން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ވަށައިގެން ހޯދައިލި ގޮތަށް ނަޒަރު ހުއްޓުނީ އެނދާއި ދިމާލުގައި ބިތުގައި ކުރަހާފައި ހުރި ތަސްވީރަށެވެ. އާދެ! މީގެ އެތައް ދުވަހެއް ކުރިން އަމީނިއްޔާގައި ޔުނީފޯމްގައި އޭނާ ނަގާފައި ހުރި ފޮޓޯއެކޭ އެތަސްވީރެކޭ ކުޑަވެސް ތަފާތެއް ނެތެވެ. ހަމަ އެބުޅި އިސްތަށިކޮޅެވެ. ކުޑަކޮށް ފަލަކޮށް ހުރެފައި އޭރުގެ ޅަކަން އެންމެ ރަނގަޅަށް އެކުރެހުމުން ދައްކައިދެއެވެ. އައިޒަންގެ ކިބައިގައި އެކަހަލަ ހުނަރެއް ހުރެދާނެ ކަމަށް މުސްކާން ހިއެއް ނުކުރެއެވެ. މަންމައާއި އިފްހާމްވެސް ބީރަތްޓެއްގެ ނަޒަރުން އޭނާއަށް ނުބެލީ ކީއްވެކަން އެނގުމުން މުސްކާންގެ މޫނު ރަތްވިއެވެ. އޭނާ އެގެއަށް އައުމުގެ މާކުރިން އެމީހުންނަށް އޭނާ ހުރީ ފެނިފައެވެ.

"ވަރަށް ރީތި." މުސްކާން ފިޔަވަޅެއް އަޅާލައިފައި ގޮސް ފާރު ކައިރީ ހުރެގެން އިއްވައިލިއެވެ. އިރުކޮޅަކުން އައިޒަން އޭނާގެ ފަހަތުން އައިސް މަގަތަށް އަނބުރާލައިފައި މޫނު ކައިރިކޮށްލި ގޮތަށް ތުންފަތް ޖައްސައިލީ ނިއްކުރީގައެވެ. އެއަތުގެތެރޭ ބޮނޑިކޮށްލުމުން ދުނިޔޭގެ ހުރިހާ އުފަލެއް މުސްކާންގެ އުނގުތެރެއަށް ޖަމާވިފަދަ އިހްސާސެއް ކުރެވުނެވެ. ލޯމަރާލައިގެން ހުރެ އެޖިސްމުގެ މީރުވަސް ލިބިގަންނަމުން ދިޔައިރު ދުރަށް ދާން އޭނާ ކުޑަކޮށްވެސް ނުވިސްނައެވެ. އަމިއްލަ ބާރެއް ހިނގަންޏާ އައިޒަން ނުފެންނަ ހިސާބަށް ދެން ފިޔަވަޅެއްވެސް އަޅާކަށް ބޭނުމެއް ނޫނެވެ. އެގޮތުގައި ގިނައިރެއް ނުވެ ލީވާން އައިސް އުދަނގޫކޮށްގެން އެމީހުން ބޭރަށް ނިކުތެވެ. މުސްކާން ގެއަށް ފޮނުވާލަންވެގެން ސަނާވެސް ދޮރާއި ހަމައަށް މުސްކާން އަތުގައި ހިފައިގެން އައެވެ. އަމިއްލަ ދަރިއަކަށް ނަސޭހަތް ދޭން ކިޔަވަން މަސައްކަތް ކުރަން ބުނެފައި ނުހަނު ލޯބިން ބުރަކަށީގައި ފިރުމައިލިއެވެ.

ލީވާން ނިކުމެ ގަރާޖާއި ދިމާއަށް ދިޔައިރު އައިޒަންއާ މުސްކާން ހިނގާލައިފައި ދިޔައީ ގޭޓާއި ދިމާއަށެވެ. "އަހަރެންނަށް އިނގޭ މުސްކާން ނާހައި ހުއްޓަސް ބައިވަރު ސުވާލުތައް ހުންނާނެކަން. އަހަރެންވެސް ކިޔައިދޭން ބޭނުން ބައިވަރު ވާހަކަ އެބަހުރި. އެހެންވީމަ މާދަން މެންދުރު ކެއުމަށް މުސްކާން ބަލައިދާނަން އެކެއް ޖަހާއިރަށް. ރެޑީވެގެން ހުންނާތި އިނގޭ!" ލީވާން އައިސް ކާރު މަޑުކުރި ވަގުތު ވަދާޢު ކިއުމުގެ ކުރިން އައިޒަން ވާހަކަދެއްކިއެވެ. މުސްކާން ބޯޖަހައިލުމުން ހިނިތުންވުމަކާއެކު އެއްއަތުން އެއޮމާން ކޯތާފަތުގައި ފިރުމާލައިފައި އައިޒަން ފަހަތަށް ޖެހިލިއެވެ. ކާރަށް އަރާފައި ލީވާން އެކާރު ދުއްވާލުމަށްފަހު ފަހަތަށް ގޮސް ގެއްލޭންދެން މުސްކާން ބަލަން އިނެވެ.

"އެހެންވީމަ އަހަރެންނާ އަޒް އަލުން މީޓް ކުރުވުމުގެ އައިޑިއާ އަކީ ލީވާންމެންގެ އައިޑިއައެއް ދޯ." މުސްކާން އަމިއްލަ ސިކުނޑިން ވިސްނައިގެން އިއްވާލި ވާހަކައަށް ލީވާން ޖަވާބުދިނީ ބޯޖަހައިލުމަކުންނެވެ. އައިޒަން ހުރީ ހުރިހާ ހިތާމައެއް އެކަނި އުފުލަން ޖެހުނަސް މުސްކާން ކުރިމައްޗަށް އަލުން ނާރާށެވެ. އެކަން ބަދަލުކޮށްލީ އިޝާންއާ ލީވާންއަށް އޭނާ ފެނިގެންނެވެ.

މުސްކާން ގެއަށް ވަންއިރު ޝުހޫދު ހާސްވެގެން ދެކޮޅަށް ދުވެ ދުވެ ހުރީ އޭނާ ވީތަނެއް ނޭނގިގެންނެވެ. މުސްކާން ހަމަ ފެނުމާއެކު ދެކޮނޑުގައި ހިފާލައިފައި ލޮލާލޯ ގުޅުވާލަމުން އައީ ކޮންތާކުންތޯ އަހަން ފެށިއެވެ. ޝުހޫދުގެ އަޑުގަދަވެ ރަމްލާވެސް ތެޅިގެންފައި އެތަނަށް ނިކުމެއްޖެއެވެ. "އަހަރެން މިއައީ އެކުވެރި ކުއްޖެއްގެ ގެއިން." ބޭބެ ހާސްވެފައި ހުރިވަރުން މުސްކާންއަށްވެސް އުދަނގޫވިއެވެ. "މުސްކާންއަށް އެނގޭތަ ބޭބެ މުސްކާން ހޯދަން ކުރިވަރެއް. ހުރިހާ އެކުވެރިންނަށް ގުޅައިފިން. އެމީހުންގެ ގޭގެއަށް ގޮއްސިން. ނުފެނުނު އެއްތާކުންވެސް. އެންމެފަހުން ޕޮލިހަށް ގުޅަން އުޅެނިކޮށް ތިއައީ." ޝުހޫދުގެ ރުޅިއާ ގުޅިފައިވީ މުސްކާންދެކެ އޭނާ ވާ ލޯއްބެވެ. ކޮއްކޮއަށް ދެރަގޮތެއް ވެއްޖެއްޔާ އޭނާ ހިތާމައިން ހަލާކުވެދާނެއެވެ. ދޮންބެ ބީވެގެން ދިއުމަށްފަހު އެހާ އަވަހަށް އިތުރު ހިތާމައަކާއި ކުރިމަތިލާނެ ހިތްވަރެއް ނެތެވެ.

"ދޮންބޭ ތަދުވެއޭ..." ޝުހޫދު އޭނާގެ ކޮނޑުގައި ހިފަހައްޓާފައި ހުރިލެއް ބާރުކަމުން މުސްކާންގެ ލޯ ފެންކަޅިވިއެވެ. ރަމްލާ އެދޭތެރެއަށް ވަދެފައި އެމީހުން ދުރުކުރުމުން އޭނާ ދުވެފައި ދިޔައީ ކޮޓަރިއަށެވެ. ކުރެވުނު ކަންތައް އިހްސާސް ވުމުން ޝުހޫދުވެސް ކަންބޮޑުވެގެން އެތަނުން ނިކުމެގެން ދިޔައެވެ.

ކޮޓަރިއަށް ވަދެ އެނދަށް ވެއްޓިގަން ގޮތަށް މުސްކާން އޮތީ އަމިއްލަ ހިޔާލުތަކަށް ގެއްލިފައެވެ. އެތައް ދުވަހެއް ފަހުން އައިޒަންއާ ބައްދަލުވުމުން އޭނާއަށް ހިނިތުން ވެވުނެވެ. އެކަމަކު އައިޒަންއަށް ޖެހިފައިވާ ނިކަމެތި ހާލު ހަނދާންވެފައި ލޮލުން އަންނަން ފެށި ކަރުނަތައް ހުއްޓުވުންވީ ނުކުރެވުނު ކަމަކަށެވެ. ދޮންބެ ފަދައިން އައިޒަންވެސް އޭނާގެ ކުރިމަތީގައި ނިމިދާނީ ހެއްޔެވެ؟ އޭނާ ޖެހޭނީ އިނާލް ފަދައިން ދުރުގައި ދެކެން ހުންނަން ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. މުސްކާންގެ ޟަމީރު އަޑުގެ ކޮޅަށް ހަޅޭތްލަވައިގަތެވެ. އޭނާ އެއީ އިނާލްއެއް ނޫނެވެ. އޭނާއަކީ މުސްކާންއެވެ. އަދި މުސްކާންގެ ހިތަކީ އައިޒަންގެ އެއްޗެކެވެ. މަރަކީ އެކަކަށްވެސް ބާރުނުފޯރުވޭނެ އެއްޗަކަށް ވީތީ އެކަމެއް ނުހުއްޓުވޭނެއެވެ. އެކަމަކު ދޮންބެ ފަދައިން ލޯބި ނުލިބުނު މީހެއްގެ ގޮތުގައި އައިޒަން ނިމިގެންދިޔަކަ ނުދޭނެއެވެ. އެހެން ނޫނަސް ދުނިޔޭގެ ޤާނޫނު އެނގެނީ ކާކަށް ހެއްޔެވެ؟ މަރުބަލީގައި އޮންނަ މީހާއަށްވުރެ ކުރިން ސިއްހަތު ރަނގަޅު މީހާ މަރުވެގެން ދަނީ ކިތައް ފަހަރު ހެއްޔެވެ؟ އޭނާ ދެން އެންމެ ދުވަހަކުވެސް އައިޒަންއާ ދުރަކު ނުހުންނާނެއެވެ. އޭނާ ވާނީ އައިޒަންގެ ހިތްހަމަޖެހުމަށެވެ. އައިޒަންގެ ހަޔާތުގެ ބައިވެރިޔާއަށެވެ. ވަގުތު ޖެހުމުން ނިމިދިއުމާއި ހަމައަށް އައިޒަން ހުންނާނީ އުފަލުންނެވެ.

ހެނދުނު އިރު އެރީއްސުރެ މުސްކާން ހުރީ މެންދުރު ނުވެގެންނެވެ. ވަގުތު ގުނާލަ ގުނާލާ ހުރެފައި ގަޑި ކައިރިވުމުން އަވަހަށް ފެންވަރާލައިގެން ނިކުތެވެ. އެތައް ދުވަހަކަށްފަހު މިއަދު ފުރަތަމަ ފަހަރަށް ޒީނަތްތެރިވާންވެސް އޭނާ ބޭނުންވިއެވެ. މަޑުނޫކުލައިގެ ގަމީސް ކޮޅާއެކު ތިރިން ލައިގެން ހުރި ޖިންސްގައި އޭނާ ހިތްގައިމެވެ. ފަންފަން އިސްތަށިކޮޅު ފަހަތަށް ދޫކޮށްލުމަށްފަހު ތުންފަތުގައި މަޑު ކުލައެއް ޖައްސައިލިއެވެ. އަނދުން އަޅައިލުމުން ލޯ ފެންނަނީ ކުރިއަށްވުރެވެސް ބޮޑު ކޮށެވެ.

ކާރުގެ ބަރުގޮނު އަޑާއެކު އުފާވެރި ކޮކާލެއް ފަދައިން ދުވެލާފައި ތިރިއަށް ދިޔައިރު އައިޒަން ކާރުގައި ލޯގަނޑު ތިރިކޮށްލައިގެން އިނެވެ. މުސްކާން އަތުން ހަނާ އަޅާލުމަށްފަހު ފަހަތުގައި އައިޒަން އިން ސީޓާއި ޖެހިގެން ހުރި ސީޓުގެ ދޮރުފަތް ހުޅުވާލައިފައި އަރައި އިށީންދެއްޖެއެވެ. ޑްރައިވަރު ކާރު ދުއްވާލިއިރު ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ.

ކާއެއްޗެއްސަށް އޯޑަރ ދީފައި އައިޒަން ތަފްޞީލަށް ދިޔައެވެ. އައިޒަންގެ ބައްޔަކީ ލޭގެ ކެންސަރެވެ. އޭރު އޭނާ ޗުއްޓީއަށް އައިސް އެއުޅުނީވެސް ފަރުވާގެ މެދުތެރެއިންނެވެ. ޗުއްޓީއަށް އައީ ކެންސަރ އިތުރަށް ފެތުރޭތޯ ބަލަން ހެދި ޓެސްޓްގެ ނަތީޖާ ނުލިބެނީހެވެ. އެނބުރި ދިއުމަށްފަހު ބަލި އިތުރަށް ފެތުރޭތީ ސަލާމަތް ވާން ބޯންމެރޯ ހަދަން ކުރި މަސައްކަތުގެ ނަތީޖާ ފެނުނީ ވަރަށް ހިތިކޮށެވެ. އެމީހުން ކުރިހާ މަސައްކަތުން އައިޒަންއާ ގުޅޭ ބޯންމެރޯއެއް ނުލިބުނެވެ.ޑޮކްޓަރުން އުންމީދު ކަނޑާލުމަށްފަހު އެމީހުން އަލުން ރާއްޖެ ބަދަލުވީ އައިޒަންގެ ފަހު ދުވަސްތައް ހަމަޖެހިގެން އާއިލާއެކު ހޭދަކުރުމަށްޓަކައެވެ.

"ކިތަންމެ ފަހަރަކު ހިތަށްއެރި މުސްކާން ކޮބައި ބާވައޭ. ވަރަށް ބޭނުންވި ހޯދަން. އެކަމަކު ދެން ހިތަށް އެރީ ބުނެގެން އިތުރު ހިތްދަތި ކަމެކޭ ދެވޭނީ. އަދި މިހާރު ހަނދާންވެސް ނުހުންނާނެ ކަމަށް ޤަބޫލު ކުރެވުނީ." އައިޒަންގެ ވާހަކަ ނިންމާލުމަށްފަހު ހިތުގެ ހާލު މުސްކާންގެ ކުރިމަތީ ހާމަކުރިއެވެ. އޭނާ ފަދައިން އައިޒަންގެ ހިތްވެސް އޭނާއަށް އެދޭކަށް ހާމަވުމުން ކަރުނައާއެކުވެސް މުސްކާންއަށް ހިނިތުންވެލެވުނެވެ.

އެރޭ ކެއުމުން އަވަދިވެގެން ފިލާވަޅު ހަދަން ހުރެފައި މުސްކާން އައީ މަންމަގެ ކޮޓަރިއަށެވެ. ރަމްލާ އެނދު ތަންމަތި ރީތިކޮށްފައި ހިންދެމިލިއިރު އަންހެން ދަރިފުޅު ދޮރުމަތީ ހުރުމުން ސަމާލުކަން ދެވުނެވެ. "ދަރިފުޅާ މުސްކާން. ކިހިނެތްވެފަ ތިހުރީ؟ އާދޭ އެތެރެއަށް!" މަންމަގެ އިޝާރާތާއެކު މުސްކާން އަވަހަށް ވަދެގެން އައެވެ. "އަހަރެން މިއައީ މަންމަ ކައިރީ ވާހަކައެއް ބުނަން." މަންމަގެ ކައިރީ އެނދުގެ މަގަތުގައި އިށީންއިރު މުސްކާން ވާހަކަދެއްކިއެވެ. "މަންމަ ކުރިން އަހަރެން ދެރަވެފައި ހުއްޓާ ސުވާލު ކުރި ދުވަހެއްގަ ބުނީމެއްނު އައިޒަންގެ ވާހަކަ. އަހަރެންނަށް މިއަދު އައިޒަންއާ ބައްދަލުވެއްޖެ." މުސްކާން ކިޔައިދޭން ފެށިއެވެ. އެވާހަކަ އިވުމުން ރަމްލާގެ މޫނުންވެސް ޝައުޤުވެރިކަން ފައުޅުވިއެވެ. "އެކަމަކު މަންމާ، އައިޒަން އަކީ ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ފަރާތެއް. އަހަރެންނަށް އެނގޭ އެއްޗަކީ ކޮންމެފަދަ ފައްތަރެއްގައި އައިޒަން ހުއްޓަސް ދެވަނަ ފަހަރަށް އޭނަ އަހަރެންގެ ލޯމަތިން ގެއްލެން ބޭނުން ނޫންކަން. އަހަރެން ބޭނުންވަނީ އައިޒަން ދުނިޔޭގައި ހުރިހާ ހިނދަކު އައިޒަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން. އޭނަ ފަހު ނޭވާ ދޫކުރަންދެން އަހަރެން އޭނަ ދޫކޮށެއް ނުލާނަން." މުސްކާން ހަޤީޤަތް ހާމަކޮށްފައި މަންމަގެ މޫނަށް ބަލައިލީ މަންމަ ބުނާ އެއްޗެއް އަޑުއަހަން ވެގެންނެވެ.

ކޮމެންޓް 0