ގަނޑުވެފައި މުސްކާން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަން ދެމީހަކު ފެނުމުން ކުއްލިއަކަށް ތެދުވެފައި ބަލާކަށް ނުހުރެ ގޮސް އެތަނުން އެކެއްގެ ގައިގައި ހިފައިގެންފިއެވެ.. "މުސްކާން!" ނުވިސްނާ ހުއްޓާ މުސްކާން މިކުރިކަމަކުން ލީވާންއަށް ކިޔައިލެވުނެވެ. ކައިރީގައި ބަލަން ހުރި އިޝާންއަށް ނަޒަރެއް ދީފައި އެދެއަތުން މުސްކާން ވަށައިލެވުނުއިރު އަމިއްލަ ހިތަށްވެސް ފުން އަސަރެއް ކޮށްފިއެވެ. އައިޒަން ވަކިވުމަށްފަހު މުސްކާން ލޮލުން ފުރަތަމަ ފަހަރަށް ކަރުނަ ހިލިގެންދިޔަ ވަގުތުކޮޅަށް އެވަގުތުކޮޅު ވެގެން ދިޔައެވެ. ފެންކަޅިވެފައި ހުރެގެން ލީވާން އޭނާއަށް ހިތްވައިރުލައިދޭން ކުރި މަސައްކަތުން ކަރުނަތައް ވީ އިތުރެވެ. ހިތަށް ކުރި އަސަރު ވީ ފުނެވެ. އޭނާ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ހިތުގެ ރިހުން ލުއި ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ އައިޒަން ނެތުމުން ލިބޭ ފަޅުކަން ފޫބައްދާނީ ކިހިނެތް ހެއްޔެވެ؟

"މުސްކާން! ދެން ހުއްޓާލާ! ހިތްވަރު ކުރަންވާނެ. އިނގެއެއްނު ތިއްތޭ ލޯބިވިވަރު. ތިއްތޭ ބޭނުމެއް ނުވާނެ ތިއްތޭ ނެތް ދުނިޔެއެއްގައި މުސްކާން ދެރަވެ ހިތާމަ ކުރާކަށް. ތިއްތޭގެ ރޫޚަށްވެސް ހަމަޖެހުމެއް ނުލިބޭނެ މުސްކާން ހިތާމަ ކުރާހާ ހިނދަކު." ލީވާން ވިސްނޭމީހަކު ފަދައިން ދެއްކި ވާހަކަކޮޅު އަހާފައި މުސްކާން ކުއްލިއަކަށް ހިމޭންވިއެވެ. އޭނާ ދުރަށް ޖެހިލާފައި ތުރުތުރު ލަމުންދިޔަ ތުންފަތުގައި ބާރުބާރަށް ދަތްއަޅައިލިއިރު ދެލޯ ހުރީ ދުޅަވެފައެވެ. އެވަގުތު އެމޫނަށް ބަލަން އުދަނގޫވީ އެކަނި ލީވާންއަކަށް ނޫނެވެ. ކައިރީގައި އިޝާން ހުރެފައި އަނެއްފަރާތަށް މޫނު އަނބުރާލިގޮތަށް ދޮރުކަނީގައި ބާރަށް ހިފަހައްޓާލައިފިއެވެ.

"ނުރޯނަން. ދެން ނުރޯނަން. އަހަރެން ބޭނުމެއް ނޫން އައިޒަން ދެރަވާނެ އެއްވެސް ކަމެއް ކުރާކަށް." މުސްކާން ދެލޯ ފުހެލާފައި ނޭފަތް ދަމާލިއިރު ގަދަކަމުން ތުންފަތަށް ވެރިކޮށްލި ހިނިތުން ހާސް ކަރުނައަށްވުރެ ވޭން ގަދައެވެ. "ގުޑް ގާރލް." ކައިރީގައި ތިބި ދެޒުވާނުން އެމޫނަށް ބަލައިލާފައި ހިމޭންކަމާއެކު އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލިއިރު އިޝާން ބުނެލިއެވެ. މުސްކާން އެވަގުތު ފުރަގަސްދީފައި ގޮސް އެނދުމަތީ އޮތް ކާޑު ނަގައިގެން އެއަށް ބަލަން އިރުކޮޅަކު ހުއްޓެވެ."އަހަރުމެންނަށްވެސް އޮތް އިންވިޓޭޝަން އައިއްސަ އެކަމަކު މުސްކާން ބޭނުން ނޫނިއްޔާ ދާނެ ކަމެއް ނެތް. ހިއެއްނުވޭ މަންމަމެންވެސް ދާނެ ހެނެއް." ލީވާންއަށް އެކާޑު ފެނިގެން އެނގުނެވެ. އޭނާ ކުރިއަށް ޖެހިލާފައި އައިސް ކައިރިއަށް ހުއްޓުނު އިރަށް މުސްކާން ދެފަރާތަށް ބޯހޫރާލީ އެދެއްކި ވާހަކައާ ދެކޮޅު ހެދުމަށެވެ. "މީ އަޒްގެ އެންމެ ފަހު ޕްރޮޖެކްޓް. އަހަރެން ބޭނުން ދާން. އަހަރެން ދާނަން." މުސްކާން އެހާ ބާރުލައިފައި ހާމަކުރުމުން އެކަކަށްވެސް ދެކޮޅު ހެދުނެވެ. އިރުކޮޅެއް ފަހުން އެމީހުން ދާންވެގެން ދިޔައީ އިރުއޮއްސުމުން މުސްކާން ބަލައި އަންނާނެ ވާހަކަ ބުންޏެވެ.

މަޣްރިބް ނަމާދަށްފަހު ދަބަހަށް ބޭނުންވާނެ އެއްޗެހި ހަމަކޮށްލައިގެން އޭނާ ތައްޔާރުވެލިއެވެ. ހީކުރި ވަރަށްވުރެވެސް އަވަހަށް ލީވާން އައިސް ކާރު މަޑުކޮށްލިތަން ފެނިގެން އޭނާ ދުވެފައި ދިޔައެވެ. ލޯންޗް އަނަންތަރާއަށް މަޑުކޮށްލިއިރު އެރަށުގެ ރީތިކަން ފެނިފައި ކޮންމެ ލޮލެއް އާޝޯހު ކުރުވާވަރު ވެއެވެ. އެންމެފުރަތަމަ އަރައިގެންދާ ފާލަމުގެ ވަށައިގެން ބެހެއްޓިފައިވާ އުއްބައްތި ތަކުގެ އިތުރަށްވެސް ދުރު ދުރަށް ދާންދެން ފެތުރިފައިވާ ދޮންވެލިގަނޑުގެ ބޮޑު ސަރަހައްދެއް އޮތީ ރަސްމިއްޔާތަށް ތައްޔާރު ކުރެވިފައެވެ. މޭޒުތަކާއި މޫނު ދިމާވާގޮތަށް ހަދާފައިވާ ސްޓޭޖްކޮޅުގައި ޕޯޑިއަމްއެއް ބަހައްޓައި އިސްމީހުން އިށީންނާނެ ގޮނޑިތައް ހުއްޓެވެ. ސްޓޭޖްގެ ފަހަތުގައި އަނަންނަތަރާ ހުޅުވުމުގެ ރަސްމިއްޔާތު ކަނޑާނަގާފައި ވަނީ ނިކަން ފަރި ބޮކިތަކެއް ހަރުކޮށްފައެވެ. އަދި އަތުރާފައިވާ ކޮންމެ މޭޒެއްގެ މަތީ އުނބުގަނޑަކަށް ލައިފައި ބެއްޓިފައިވާ ފަތްނެތް ގަހުގައި ރޯކޮށްފައިވާ ފުޅިބައްތިތައް އެލުވާފައި ހުންނައިރު ނިކަން ފުރިހަމައެވެ.

އައިޒަންގެ އެކުވެރިޔަކަށް މުސްކާންމެން ފެނިގެން އައިސް އެދެމީހުން ތިބެން ޖެހިޖެހިގެން ހުރި ދެކޮޓަރި ހަމަޖައްސައި ދިނެވެ. ތައްޔާރު ވާން ވަގުތު ދީފައި ލީވާން ނިކުތުމުން މުސްކާން ހުރީ ފުރަތަމަ ލޯގަނޑު ކުރިމަތީގައެވެ. ހިތް ރޮއްވައިލީ އެވަގުތުވެސް އައިޒަންގެ ހަނދާނުންނެވެ. އައިޒަން ހުރިނަމަ މިރޭ އޭނާއެކު އެރަސްމިއްޔާތުގައި ބައިވެރިވާނެ ފަރާތަކީ އެއީ ކަމާމެދު ޝައްކެއް ނެތެވެ. ފަހަރުގައި އެދެމީހުންގެ ކައިވެނިވެސް އެތާގައި ކުރެވުނީހެވެ. އެކަމަކު އާހް! މުސްކާން ގަދަ ހިތްވަރުން ކަރުނަތައް ކޮންޓްރޯލް ކޮށްފައި ތައްޔާރު ވާން ފެށިއެވެ. އިރުކޮޅެއް ފަހުން ލީވާން އައިސް ޓަކި ޖެހުމުން އޭނާ ހުއްދަ ދީފައި ލޯގަނޑު ކުރިމަތީ ހުއްޓާ ލީވާން ފުރަތަމަ ފެނުނީ ލޯގަނޑުންނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހާއި ފަޓްލޫނާއެކު ބެގީކޮށްލައި ރީތިވެލައިގެން ހުރިއިރު ނިކަން ހިތްގައިމެވެ. "ވާއު!" މުސްކާން ބުނަން އުޅުނު ޖުމްލަ ބޭރުކޮށްލީ އެވަގުތު ލީވާންގެ އަނގައިންނެވެ. ފައިގެ ތަނބިކަށްޓާއި ހަމައަށް އަންނަ މެކްސީގައި މުސްކާން ސާދާވެފައި ހިތް ކިޔާހާ ފަރިއެވެ. "އޭ ޕޮޓޭޓޯ ކިޔާވަރެއް ނުވޭ މިހާރު. ހާދަ ސްލިމްއޭ ކުރިއާ ބަލާފަ." ލީވާން މަސައްކަތް ކުރީ މުސްކާން ހެއްވާލުމަށެވެ. އެކަމުގައި ކާމިޔާބުވެސް ވިއެވެ. "އަދި ކިރިޔާތަ އެނގުނީ އަހަރެން ހިކުނުކަން." މުސްކާން ފާޑަކަށް ހިނި އައިއްސައި އަނގައަށް ވައްތަރެއް ޖައްސައިލިއެވެ. އޭނާ ކްލަޗް ނަގައިގެން އެނބުރިލުމުން ދޮރާއި ދިމާއަށް ދާންވެގެން ލީވާން އަތްދިއްކޮށްލުމުން އެއަތުގައި ހިފައިގެން ނިކުތެވެ.

ބޭރުގައި ހުރި ގޮނޑިތައް މެހުމާނުންތަކުން ފުރެމުން ދިޔައިރު ތަނުގެ އަޑުވެސް ދިޔައީ ގަދަވަމުންނެވެ. އެދެމީހުން ގޮސް ހުސް މޭޒެއް ހޯދައިގެން ގިނައިރު އިންތިޒާރު ކުރަން ނުޖެހި ރަސްމިއްޔާތު ފެށުނެވެ. އިސް ދެތިން މީހެއްގެ ވާހަކައަށްފަހު ޝުކުރު އަދާކުރިއިރު ލިސްޓްގައި އައިޒަންގެ ނަން ހާއްސަކޮށްފައި ކިޔާލިއިރު ލީވާން މުސްކާންގެ އަތަށް ބާރުކޮށްލިއެވެ. މުސްކާން އޭރު ކަޅި ޖަހާނުލާ ބަލަން އިނީ ވާހަކަދައްކަން ހުރި މީހާއަށެވެ. ރަސްމިއްޔާތު ނުނިމެނީސް މުސްކާން އެތަނުން ދުރަށް ދާން ބޭނުންވެގެން ދެމީހުން ތެދުވެގެން ގޮނޑުދޮށަށް މިސްރާބު ޖެހިއެވެ. މެދު އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދާއި ރާޅުގެ މިއުޒިކީ އަޑުގެ އިތުރުން މޫނުގައި ބީހެން ފެށި ލުއި ވައިރޯޅިތައްވެސް ހަނދާންކޮށްދިނީ އެންމެ ފަރާތެކެވެ. އައިޒަންއެވެ. ވަކި ހިސާބަކުން މުސްކާން ހިނގުން ހުއްޓާލައިފައި ވެލިގަނޑުމަތީ އިށީންދެލައިފިއެވެ. ލީވާންވެސް އޭނާއަށް ފުރުސަތުދީފައި ހިމޭނުން އިނީ ދުރުބަލަން އަމިއްލަ ވިސްނުމެއްގައެވެ. މުސްކާން އެވަގުތު ވައިރޯޅި ބީހެމުންދިޔަ މޫނު މައްޗަށް އުފުލާލައިގެން އިނދެ ލޯމަރައިލުމުން އިއްޔެ ވީ ކަމެއްހެން އައިޒަންއާއެކު ހޭދަކުރި ރޭ ސިފަވެގެން ދިޔައެވެ.

""މިރޭ ތެދުވެގެން މިދަނީ އަހަރެންގެ ވަރަށް ހާއްސަ ހުވަފެނެއް.އަހަރެން ވަރަށް ލޯބިކުރަން ހަނދުވަރު އައްޔަށް. އަބަދުވެސް ބޭނުންވޭ އަހަރެންގެ ހަޔާތަށް އަންނަ އެންމެ ހާއްސަ އަންހެންކުއްޖާ އަތުގައި ހިފާލައިގެން ހަނދުވަރު އަލީގައި މިކަހަލަ ހިތްފަސޭހަ ބީޗެއްގައި ހިނގާލަން. އަދި މިރޭ އެކަން ހާޞިލްވެގެން މިދަނީ.ހިތަށް އަރާ މިކަހަލަ އެތައް ފުރުސަތެއް ލިބޭނެ ނަމައޭ. ދެރައީ އަހަރެން ކިތަންމެ ބޭނުންވިއަސް މި ފުރުސަތަކީ އަހަރެންނަށް މަދުން ލިބޭނެ އެއްޗަކަށް ވާތީ." ވައިރޯޅި އައިސް ކިޔައިލި ސިއްރެއްހެން އައިޒަންގެ ބަސްކޮޅު ކަންފަތްދޮށުގައި ތަކުރާރުވެގެން ދިއުމުން ސިހިފައި ލޯހުޅުވައިލެވިއްޖެއެވެ. މުސްކާން ބަލައިލިއިރު ލީވާންއަށް ފޯނެއް އައިސްގެން އޭނާއަށް އުދަނގޫ ނުކުރަން ގޮސް ހުރީ ތަންކޮޅެއް ދުރުގައެވެ. މުސްކާން ދެއަތުން ވެލި ފޮޅާލައިފައި ތެދުވެ ދުރުބަލަން ހުއްޓާ ގަސްތަކު ތެރެއިން އެދިމާއަށް ބަލަން ހުރި މީހަކު ފެނުނުހެން ހީވިއެވެ. މުސްކާންގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. އެއީ އަނެއްކާ ކާކު ހެއްޔެވެ؟ މިރޭގަނޑު މީހަކު އޭނާއަށް ފާރަލަނީ ހެއްޔެވެ؟އޭނާ ޔަޤީންނުވެފައި ހުއްޓާ ލީވާން އެނބުރި އައިސް ފުރާ ގަޑި ކައިރިވާ ވާހަކަ ބުނުމުން އަދިވެސް އެއްފަހަރު އެދިމާއަށް ކަޅިއެއް އެއްލާފައި ހިނގައިގަތެވެ.

 

މުސްކާން ގްރީންލޭންޑަށް ގެންދަން ސަނާ ގުޅީ ޖެހިގެން އައި ދުވަހެވެ. އައިޒަން ވަކިވިއަސް އެގެއާ މުސްކާން އޮތް ގުޅުން ދުވަހަކު ކެނޑިގެން ނުދާނެ ކަމުގައި ސަނާ ޤަބޫލު ކުރިއެވެ. މުސްކާންއަކީ އޭނާގެ ދަރިއެއްކަހަލަ ކުއްޖެކެވެ. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އެދަރިފުޅަށް އޭނާގެ ލޯއްބާއި އަޅާލުން ބޭނުން ވާނެއެވެ.

ޑްރައިވަރު ކާރު މަޑުކޮށްލުމާއެކު ބިމުގައި އެޅި ފުރަތަމަ ފިޔަވަޅާއެކު މުސްކާން އިސްއުފުލާލައި އެގެއަށް ދިމާއަށް ބަލައިލީ މުޅިން ތަފާތު ނަޒަރަކުންނެވެ. އައިޒަންއަށްފަހު ހުރިހާ ކަމެއްވެސް ދެން ތަފާތު ވާނެއެވެ. ކުރިން އެއީ އޭނާއަށް އުފާވެރިކަން ގެނެސް ދިން ގެއެވެ. އެކަމަކު ދެން އެގެ ވާނީ އައިޒަންގެ ހަނދާނުން އޭނާ ރޮތްވާލާނެ މެދުވެރިއަކަށެވެ. މަޑު ފިޔަވަޅުތަކެއްގައި ގޮސް މައި ދޮރުން ވަންއިރު ސަނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ހީވާގޮތުން އޭނާގެ އިންތިޒާރުގައެވެ.

"މުސްކާން މަގޭ ދަރިފުޅު އައީތަ؟" ސަނާއަށް މުސްކާން ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް އައިސް ދެއަތުގައި ހިފާލައިފިއެވެ. މަދު ވަގުތުކޮޅެއްގެ ތެރޭ ސަނާއަށް އައިސްފައި ހުރި ބަދަލު ފެނުމުން މުސްކާންގެ ހިތަށް އަސަރުކުރިއެވެ. އެކަމަކު އޭނާ މަސައްކަތް ކުރީ ކެތްތެރިވުމަށެވެ. ސަނާ އޭނާ ކައިފިންތޯ އަހައި އޮޅުންފިލުވާފައި ކޮޓަރިއަށް ގެންގޮސް ދެއްކީ އިއްޔެގެ ވާހަކައެވެ. އައިޒަން ވަޅުލުމުގެ ކުރިން މޫނު ދައްކާލަން މުސްކާންއަށް ނާދެވުނު ވާހަކަ ކިޔައި ހިމާތަ ފައުޅު ކުރަން ފެށުމުން މުސްކާންއަށް ރޮވޭގޮތްވިއެވެ. އެންމެ ލޯބިވާ ފަރާތާއި ވަދާޢު ކިޔާނެ ފުރުސަތު ނުލިބޭނީ ކިހާ ނަސީބު ދެރަވީމައި ހެއްޔެވެ؟

ނާޝިދުއަށް އެތަނަށް އާދެވިގެން ސަނާ އަތުގައި ހިފައިގެން ދުރަށް ގެންގޮސް ހިތްހަމަނުޖެހުން ފައުޅު ކުރިއެވެ. މުސްކާންއަށްވެސް މިވަގުތު ރަނގަޅު ވާނީ އެގެއާއި ދުރުގައި ހުރުން ކަމުގައި ނާޝިދު ވިސްނަދޭން މަސައްކަތް ކުރިއެވެ. އެކަމަކު ސަނާގެ ހިޔާލު އިދިކޮޅެވެ. ސަނާ ދެކޭ ގޮތުގައި ހިތާމަ ލުއި ވާނީ ހިއްސާ ކުރެވިގެންނެވެ. ބެހިގެންނެވެ. ހިތަށް ދަތިވިއަސް ގާތްމީހުންގެ ލޯއްބާއި އަޅާލުން ލިބުމުން ކުރިއަށް ދާން ވާނީ ފަސޭހައެވެ.

ސަނާމެން ދިޔަގޮތަށް ގިނައިރުވާން ފެށުމުން މުސްކާން ނިކުމެގެން މަޑު ފިޔަވަޅުތަކެއްގައި ދިޔައީ އައިޒަންގެ ކޮޓަރިއާ ދިމާއަށެވެ. ދޮރާއި ހަމައަށް ހުއްޓުނުއިރު ހަތަރެސްފައި ފިނިވެ އަތް ތުރުތުރުލާން ފެށިކަން އިހްސާސްވިއެވެ. މުސްކާން ދޮރު ހުޅުވާލައިފައި ވަންއިރު ހުރިހާ އެއްޗެއް ހުރީ އައިޒަން ދޫކޮށްފައި ދިޔަ ގޮތަށެވެ. ފާރުގައި ހުރި އޭނާގެ ތަސްވީރެވެ. އަލާމާރީގައި ހުރި އަންނައުނެވެ. އައިޒަން ނިދި އެނދާއި މަސައްކަތް ކުރި މޭޒާއި ގޮނޑިއެވެ. އަލަމާރި ހުޅުވާލައިފައި އެތަނުން ގަމީހެއް މޭގައި ޖައްސާލައިގެން އައިސް އެނދުގައި އިށީންދެވުނުއިރު ކަރުނަތައް އޮހިގެންފިއެވެ. ދެން އޭނާ ރޯ ކޮންމެފަހަރަކު ކަރުނަ ފުހެދޭނީ ކާކު ހެއްޔެވެ؟ ލޯބިން އިރުއިރުކޮޅާ ނިތުގައި ބޮސްދޭނެ ފަރާތެއް ދެން ނުހުންނާނެއެވެ. އަމިއްލަ އުފާތައް ހަނދާން ނައްތާލައިފައި އޭނާގެ އުފާ ކުރިއަށް ނެރޭނެ މީހެއް ނެތެވެ. އެންމެ ހިތްދަތި ވަގުތުގައި ކިތަންމެ ބޭނުންވެގެންވެސް މޫނު ފޮރުވައިލަން އައިޒަންގެ މެއެއް ނުލިބޭނެއެވެ. އެދެއަތުން ދެން ދުވަހަކުވެސް އޭނާގެ ހަށިގަނޑު ވަށައިލާކަށް ނާންނާނެއެވެ. ބަދަލުގައި ފެންނަން ހުރީ އެކަނި މަހާނައެކެވެ. ދޫކޮށްފައި ދިޔަ ހަނދާން ތަކެކެވެ. ބޭނުން ކޮށްފައި ހުރި ތަކެއްޗެވެ.

ރޮއިރޮއި ވަރުބަލިވެގެން މުސްކާން އޮށޯވެ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އަދިވެސް އައިޒަންގެ ގަމީސް އަތުގައި އޮތެވެ. ސަނާ މުސްކާން ނުފެނިގެން ހޯދަމުން އައިސް ދޮރު ހުޅުވާލައިފައި ދުވެފައި އައެވެ. "މުސްކާން؟ ކިހިނެތްވެފަ ތިއޮތީ؟" މުސްކާން ހުއްޓިފައި އޮތް ގޮތުން ސަނާ ބިރުގަތެވެ. އެދެކޮނޑުގައި ހިފާ ނެގިހާއިރުން މުސްކާން އަވަސް އަވަސްކޮށް އެސްފިޔަޖަހާލިތަން ފެނިފައި އެކުއްޖާ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ. އެއަށްފަހު ކަރުނަ އޮހިގެން އައީ އެކަނި މުސްކާން ލޮލަކުންނެވެ. ސަނާވެސް އޭނާ ފަދައިން ގިސްލާފައި ރުއެވެ.

މުސްކާން އެނބުރި ގެއަށް އައިއިރު ހާލު ހުރިގޮތް ފެނިފައި ރަމްލާ ނިންމީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދެން އެގެއަށް ނުފޮނުވުމަށެވެ. ގެއަށް ވަން ގޮތަށް ކޮޓަރިއަށް ވަދެ އިންނަން ފެށީ ކެއުމެއް ބުއިމެއް ނެތި އައިޒަންގެ ގަމީސް ހިފަހައްޓައިގެންނެވެ. ރަމްލާ އުޅެ އުޅެވެސް އެގަމީސް އަތު ނުލެވިގެން ހަދާނެ ގޮތް ހުސްވިއެވެ. ރަމްލާ އެންމެފަހުން ޣަފޫރުއާއި ވާހަކަދައްކާފައި މުސްކާން ނުރުހުމުގައި ވިއަސް ރަށުން ފޮނުވައިލަން ރޭވިއެވެ. ހިތާމައަށް ލުއި ވެލުމުން އަނބުރާ ގެންނާނީއެވެ. އެގޮތުން ރަމްލާ މުސްކާން ފޮނުވީ ލަންކާއަށެވެ. ފިއުޒާއާއި އަބްދުﷲގެ ބެލުމުގެ ދަށުގައި އެގޭ ކުދިންނާއެކު އުޅެން ފެށުމުން މުސްކާން ހަމައަކަށް އެޅިދާނެ ކަމުގައި ރަމްލާ ޤަބޫލު ކުރިއެވެ.

ލަންކާގައި މުސްކާން އިންނަނީ ގޭގައެވެ. ބޭރަށް ދިއުމެއް ހިތް އުފާކޮށްލުމެއް ނުވެއެވެ. އެކަމަކު ނަބާގެ ގާތްކަން ލިބޭތީ މުސްކާން މަދުމަދުން ވިއަސް ހިތުގެ އުދާސްތައް ބޭރު ކުރަން ފެށިއެވެ. ހަގަށް ހުންނަ ދެފިރިހެން ކުދިން ބާރު އަޅައިގެން އެމީހުންގެ ކުޅިވަރުގައި ބައިވެރިވެ އުޅޭ ވަގުތު މަދުން ހޭތަން ފެނެއެވެ. އޭލެވެލް ނިމިފައި ހުރުމުން މުސްކާން ކުރިއަށް ދާނެ ވަކި ދާއިރާއެއް ކަނޑައެޅައިގެން ކިޔަވަން ފެށުމަށް ބޮޑުދައިތަމެން ލަފާ ދިނުމުން މުސްކާން ދެކޮޅު ހެދިއެވެ. އޭނާ ހަމައެކަނި ހުންނަން އެދޭ ތަނަކީ މާލެ ކަމާއި ހަމައެކަނި ބޭނުންވަނީ އައިޒަންގެ އާއިލާ މީހުން ފެންނަ ހިސާބުގައި އެމީހުންގެ ތެރޭގައި އުޅުން ކަމުގައި ބުނެލިއެވެ. ތަނަކަށް ކިޔަވަން ދާންވެސް ބޭނުން ނުވަނީ އެމީހުންނަށް ވަގުތު ނުދެވިދާނެތީއެވެ. ފިއުޒާ ގުޅާފައި އެވާހަކަތައް ރަމްލާއަށް ކިޔައިދިނުމުން ރަމްލާ ބޭނުން ވީ އިތުރަށް އަދި ދުވަސްގަނޑެއް ވަންދެން މުސްކާން މާލެ ނުގެނެސް ބެހެއްޓުމަށެވެ. މުސްކާން އެކަން އެނގުމުން ބޮޑާ ހާކާފައި ރުއެވެ. ރުޅި އައިސް ގަދަވެސް ދެއްކިއެވެ. އެކަމަކު އެންމެ ފަހުން އެގޮތާއި ރުހިގެން ހުންނަން ފެށީ އެހެން ގޮތެއް ނެތީމައެވެ. ކިތަންމެ ބޭނުންވިއަސް މަންމަގެ އެދުމަކާއި ދެކޮޅު ވާނީ ކިހިނެތް ހެއްޔެވެ؟ އެހެންނޫނަސް މަންމަ ކަންތައް ކުރާނީ އަބަދުވެސް އެންމެ ރަނގަޅަށެވެ. މިވީހާ ތަނަށްވެސް މަންމަ އޭނާގެ އެދުމެއް ފުއްދައި ނުދީފައެއް ނެތެވެ. އައިޒަންގެ ހާލަތު އެނގިހުރެ އޭނާ އައިޒަންއާ ގުޅެންވެސް މަންމަ ވަނީ ހުއްދަ ދީފައެވެ.

އެއް ދުވަހެއްގެ ހަވީރެވެ. ކުދިވެރިން ސުކޫލުން އައިސް ސިޓިންރޫމްގައި ވީޑިއޯ ގޭމް ކުޅެން އިންއިރު މުސްކާން އެމީހުން ފެންނަ ހިސާބުގައި އިނީ ފޯނާއި ކުޅޭށެވެ. ނުދަންނަ ނަންބަރަކުން ގުޅުމުން މުސްކާން ބަލަން އިނދެލާފައި ނަގަން އުޅެނިކޮށް ކެނޑިއްޖެއެވެ. ދެވަނަ ފަހަރަށް ރިންގްވުމުން އޭނާ ނެގިތަނާ ވާހަކައެއް ނުދެއްކިއެވެ. ދެން އައީ މެސެޖެކެވެ. ލިޔެފައި އޮތީ ގޭ ދޮރުމައްޗަށް ނިކުތުމަށެވެ. މުސްކާން ހާސްވިއެވެ. އޭނާ މޫނު ފުހެލާފައި ތެދުވެގެން ގޮސް ފުރަތަމަ ފޮތިގަނޑު ކަހާލައިގެން ބެލިއިރު މީހަކު ފެންނާކަށް ނެތެވެ. ވިސްނަން ހުރެފައި އެންމެ ފަހުން ދޮރު ހުޅުވާލިއެވެ. ޖެހިލުންވެފައި ހުރެގެން ނިކުމެ ތަންކޮޅަކަށް ދިޔަތަނާ ފުރަގަސްދީގެން ހުރި ފިރިހެނަކު ހުއްޓާ ފެނުނީ ތަންކޮޅެއް ދުރުގައި ހުރި ގަހެއް ކައިރީގައެވެ. އެމީހާގެ އަތުގައި އޮތް ފޯނަށް ބަލަން ހުރި ގޮތުން އެއީ މުސްކާންއަށް މެސެޖް ކުރި މީހާކަން ޔަޤީނާއި ގާތަށް ހީވިއެވެ. ކައިރިއަށް ދިޔަ ވަރަކަށް ދަންނަ ވައްތަރެއް ޖަހާހެންވެސް ހީވާން ފަށައިފިއެވެ. ކޮންމެއަކަސް މުސްކާން ބިރުން ހުރެވެސް ގޮސް އެމީހެއްގެ ފުރަގަހުގައި ހުއްޓިއްޖެއެވެ. ބަލަން ހުއްޓަ ދެން ފެނުނީ އެމީހަކު އެނބުރި ބަލައިލި ތަނެވެ.

 

ކޮމެންޓް 0