ހީވީ ހަމަ އައިޒަން ފެނުނު ހެންނެވެ. މުސްކާން ލޯ ބޮޑުކޮށްލައިގެން ހުރެ ދެފަރާތަށް ބޯހޫރަ ހޫރާފައި އެނބުރި ކޮޓަރި ދޮރާއި ދިމާއަށް ބަލަން ހުރީ އެމީހަކު އަންނަނީ އޭނާ ކައިރިއަށްތޯ ބަލަންވެގެންނެވެ. އިރުކޮޅެއް ނުވެ ފިޔަވަޅުގެ އަޑު އަންނަ އަޑު އިވިގެން ހިތުގެ ހިނގުން އެންމެ ބާރު ވެގެން އައެވެ. އެހިތް މޭ ފޫއަޅުވާލައިފައި ނިކުމެދާނެތީވެސް ބިރުގަތް ވަގުތުކޮޅެކެވެ. ދެން އިވުނީ އެމީހަކު ދޮރުކައިރިއަށް ހުއްޓި ތަޅުގައި ހިފާ އަނބުރައިލި އަޑެވެ. މުސްކާން ލައިލައި ހުރި ނޭވާ ކަރުތެރޭގައި ތާށިވެގެން ދިއުމާއެކު ކަޅި ޖަހާނުލާ ބަލަން ހުއްޓާ ހުޅުވިއްޖެއެވެ.

"އިޝާން؟... އިޝާންތަ؟" ކުރިމަތިން އިޝާން ފެނުމުން މުސްކާންގެ އަޑަށް މާޔޫސްކަން ވެރިވެގެން އައެވެ. ދެމީހުންގެ ކަންތައްތައް އެއްގޮތް ކަމުން އިޝާން އެއީ އައިޒަންގެ ހިޔަނިކަމަށް އެންމެން ކިޔަސް މިގޮތަށް ދެމީހުން އޮޅިދާނެ ކަމަކަށް ހިއެއް ނުކުރެއެވެ. އެހެންނޫނަސް ސިފައަށްވުރެ ބޮޑަށް ވައްތަރީ ގެންގުޅޭ އުސޫލުތަކެވެ. "ލީވާން ބިޒީކޮށް އުޅޭތީ މިއައީ؟ މުސްކާން ތައްޔާރެއް ނުވަންތަ؟" އިޝާން ހީކުރީ މުސްކާން އެހެން މީހެއްގެ އިންތިޒާރުގައި ހުއްޓާ އޭނާ އައުމުން ކުރި ސުވާލެއް ކަމަށެވެ. އިތުރު ވަގުތު ބޭކާރު ކުރުމަކާ ނުލާ މުސްކާން ތައްޔާރުވަނީއޭ ބުނެލާފައި ގޮސް ފާޚާނާއަށް ވަނުމުން އިޝާން ނިކުމެ އިނީ ސިޓިންރޫމް ސޯފާގައެވެ. ގޭތެރޭގައި އެވަގުތު އިތުރު އެކަކުވެސް ނެތްކަން އިޝާންއަށް ފާހަގަވިއެވެ. އޭނާ ވަށައިގެން ލޯ ހިންގަން އިނދެލާފައި ތެދުވެގެން އައިސް ހުއްޓުނީ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯލޯގަނޑުތައް ކައިރިއަށެވެ. މުސްކާން ތުއްތު އުމުރުން ފެށިގެން ނަގާފައިވާ އެއާއިލާގެ އެކި އެކި ފޮޓޯތައް ފެނިގެން ޝައުޤުވެރިވެފައި ބަލަން ހުރެވުނެވެ.

ތައްޔާރުވެގެން ކޮޓަރިން ނިކުމެފައި އިޝާން ފުރަގަސްދީގެން ހުރިގޮތް ފެނިގެން އެވަގުތުވެސް މުސްކާން ސިހުނެވެ. ޖީބަށް އަތް ޖަހާލައިގެން ފޮޓޯތަކަށް ބަލަން ހުރި މަންޒަރުން ސިފަވެގެން ދިޔައީ އޭނާއާ ފުރަތަމަ ދިމާވި އައިޒަންއެވެ. އެއީ އަދި ބަލީގެ ސަބަބުން ހަށިގަނޑު އަނަރޫފަ ވުމުގެ ކުރިއެވެ. ފިނިވެގެން މުސްކާންއަށް ހިނގައިވެސް ނުގަނެވުނެވެ. ކަންފަތުގައި އިން އެސް ރަނގަޅު ކުރަމުން ނިކުތް ކުއްޖާއަށް ދެއަތް ތިރިކޮށްލި ގޮތަށް ފާޑަކަށް ބަލަން ހުރެވުނީއެވެ.

"މުސްކާން އައީތަ؟" އިޝާންއަށް ހިލަންވެގެން އެނބުރި ބަލައިލުމާއެކު މުސްކާން ސިހިފައި އަވަހަށް މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. އޭނާ އެމޫނަށް ނުބަލަންވެގެން ކުރީގައި ހުރެގެން ގޮސް ގެއިން ނިކުމެފައި އިޝާން ނިކުތުމުން ދޮރު ތަޅުލިއެވެ. ގޭގައި މީހަކު ނެތުމުން ތަޅުދަނޑި ބޭއްވީ އެތާހުރި ގަސްމުށިގަނޑެއްގެ ތެރޭގައެވެ.

ކާރުގައި އިންއިރު މުސްކާންގެ ހިމޭންކަން އިޝާން ފާހަގަ ކުރިއެވެ. އޭނާ ހީކުރީ އެކައިވެނީގެ ސަބަބުން މުސްކާން އައިޒަން މަތިން ހަނދާންވެގެން އެކަމާ ވިސްނަނީ ކަމަށެވެ. އެހެންވެ ޚުދު އޭނާވެސް ނިންމީ މުސްކާންއަށް އުދަނގޫނުކޮށް އެކަނި ބެއިންދުމަށެވެ.

ހޯލަށް ވަންނައިރު އަލަތު ދެމަފިރިން ތިބެން ހާއްސަކޮށްފައިވާ ތަންކޮޅު ޒީނަތްތެރިކުރުމަށްޓަކައި ގިނަ އަދަދެއްގެ ފެހި ވެލާއި މާތައް ބޭނުންކޮށްފައި ހުރި ގޮތުން ހީވަނީ ބަގީޗާއެއްގެ ތެރެހެންނެވެ. އަދި އިފްހާމްއާ ޝައިލީން އެއީ އެބަގީޗާގެ ރަސްގެފާނާއި ރާނީއެވެ. ހުދު ކައިވެނީގެ ހެދުމުގައި ޝައިލީން ހުރިއިރު އިފްހާމް ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައި އެހާމެ ފުރިހަމައެވެ. އެންމެ ގުޅޭ ޖޯޑެކެވެ. އިތުރަށް މަސްނޫއީ ތަނބުތައްވެސް ބަހައްޓާފައި އެތަނބުތަކުގައި އޮޅާފައިވާ ވެލާއި އަދި ބިންގަނޑު ފޮރުވެންދެން އަޅާފައިވާ ހިކިފަތްތަކުގެ ސަބަބުންވެސް އެއީ ޖަންގަލީގެ ތެރެ ނޫންކަމަކަށް ލަފައެއް ނުކުރެވެއެވެ. މުސްކާންއާ އިޝާން އެކުއެކީގައި ވަދެގެން ދިޔައިރު ފެނުނު ބައެއް މީހުން ހީކުރީ އެއީ ލޯބިވެރިންގެ ޖޯޑެއް ކަމަށެވެ. އިފްހާމްއާ ޝައިލީން ނޫނަކަސް މުސްކާންމެންގެ ޖޯޑުވެސް ގުޅޭވަރުން އެމީހުން އެކަން ފާހަގަކޮށް ހިތާއި ހިތުން ތައުރީފް ކުރިއެވެ. އެކަމަކު އެތެރެއަށް ވަދެވުނުހާއިރުން މުސްކާންގެ ފިޔަވަޅުތައް ހުރީ އިޝާންއާ ދުރަށެވެ.

މުސްކާންއަށް ހަމަނޭވައެއް ލެވުނީ ލީވާން ކައިރިއަށް ދެވުމުންނެވެ. އެކަމަކު ދެންވެސް އިޝާން އުޅޭ ނޫޅޭ ގޮތް ނުބަލައި ފަރެއް ނުޖެހުނެވެ. ދޭތެރެއަކުން އޭނާ ސިއްރުން ބަލައިލާއިރު އިޝާން ފެންނަގޮތުން ހަމަ ހީވަނީ އައިޒަން ފެންނަ ހެންނެވެ. ކުރިން ދުވަހަކު ފާހަގަ ނުކުރެވޭ ކަމެއް ކުއްލިއަކަށް މިހާރު ފާހަގަ ކުރެވެން ފެށުމުން މުސްކާން ވަނީ ހައިރާންވެފައެވެ. އެކުން ބޮޑަށް އައިޒަންއާ އިޝާން އަޅާ އެކިޔެނީ މާބޮޑަށް އައިޒަން މަތިން ހަނދާން ކުރެވޭތީ ކަމަށްވެސް ވެދާނެއެވެ. ނޫނީ އަދިވެސް އެއީ ފެނުނު ހުވަފެނުގެ ސަބަބުން ވެގެން އުޅޭ ގޮތެއް ކަމަށް ބެލެވެއެވެ. މުސްކާން ނިންމީ ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެގެއާއި އިޝާންއާ ދުރުގައި ހުރުމަށެވެ. އެއިރުންވެސް ހިތުގެ ނުތަނަވަސް ކަމަށް ޝިފާއެއް ލިބުން ގާތެވެ.

ވަޒީފާއަށް އަހަރެއް ވުމުން ދިހަ ދުވަހުގެ ޗުއްޓީއެއް ނަގައިގެން މުސްކާން ދިޔައީ ލަންކާއަށެވެ. އެތާގައި ބޮޑުދައިތަމެންގެ ކައިރީގައި އޭނާ އުޅެން ފެށީ ހަމަޖެހިލާފައެވެ. ނަބާވެސް ހުސްކޮށް ހުރުމުން ދެއެކުވެރިން އެކީގައި ތަންތަނަށް ކާލަން ގޮސް މަޖާކޮށް ހެދިއެވެ.

އެއީވެސް އެފަދަ ހަވީރެކެވެ. މުސްކާންއާ ނަބާ ތައްޔާރުވެލައިގެން ގެއިން ނިކުތީ އެކުވެރި ކުއްޖެއްގެ ދައުވަތަކަށް ހަވީރު ސަޔަށް ދިއުމަށެވެ. މުސްކާން އެނބުރި އައިސް އުޅޭކަން އޭނާގެ އެކުވެރިއަކަށް އެނގުނީއެވެ. ރެސްޓޯރެންޓްތެރެއަށް ވަދެގެން ދިޔައިރު ދަންނަ މޫނެއް ފެނުނުހެން ހީވިއެވެ. މުސްކާން ފަރުވާތެރިކަމާއެކު ބަލައިލާފައި ތެޅިގަނެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ބާރުބާރަށް ގޮސް ހުރީ ސާމީ އިން މޭޒު ކުރިމަތީގައެވެ. އެވަގުތު ސާމީވެސް އޭނާ ފެނުމުން ސިހިފައި ތެދުވެ ހުރީ ކޮޅަށެވެ.

"މުޝް ކޮންއިރަކު އައިސްގެން ތިއުޅެނީ؟" ސާމީ ހިނިތުންވެފައިވާ މޫނަކާއިގެން ސުވާލު ކުރިއެވެ. ކުރިމަތިން މުސްކާން ފެނުމުން އޭނާގެ ލޮލުގެ ވިދުންވަނީ ގަދަވެފައެވެ. ހީވެސް ނުކޮށް ހުއްޓާ މިދިމާވީ ހާދަ ރަނގަޅު ގޮތެކެވެ. "ޗުއްޓީއަށް އައިސް މިއުޅެނީ. ނޭނގެވިއްޔަ ސާމީ އަދިވެސް މިކޮޅުގައި ކަމެއް." މުސްކާން ކިޔައިދިނެވެ. އޭނާ ނިމިގެން ބައްދަލުވާނެ ވާހަކަ ބުނެފައި ނަބާ ގޮވައިގެން ދިޔައީ ދުރުގައި އިން އެކުވެރިޔާގެ ކައިރިއަށެވެ.

އެމީހުން ސައިން ނިމިގެން ނިކުތްއިރު ސާމީ ނިކުމެ އިނީ މުސްކާންގެ އިންތިޒާރުގައެވެ. "ސާމީ ނުދަންތަ؟" މުސްކާން ނަބާއަށް އިޝާރާތެއް ދީފައި ގޮސް ސާމީ ކުރިމައްޗަށް ހުއްޓުނެވެ. "މުސްކާން ނިކުމޭތޯ މިހުންނަނީ؟ ހިނގާ ދެން އަހަރެންނާއެކު." ސާމީ ދައުވަތު ދިނުމުން ދެކޮޅުހަދާކަށް މުސްކާން ބޭނުމެއް ނުވިއެވެ. އޭނާ ނަބާއަށް އިތުރު އިޝާރާތެއް ދީފައި ސާމީގެ ސައިކަލު ފަހަތަށް އަރައިގެން އެގެއަށް ދާން ނައްޓައިލިއެވެ.

އައިޒަން ވަކިވެދިޔަ ގޮތުގެ ވާހަކަ މުސްކާން ކިޔައިދިނީ އެގެއަށް ގޮސް ސާމީގެ ކޮޓަރިތެރޭ ތިބެފައެވެ. މުސްކާން ގަދަ ހިތްވަރުން ކަރުނަތައް އޮއްބާލަން މަސައްކަތް ކުރަނިކޮށްވެސް ލޮލުން ތިއްކެއް ވެއްޓުމުން ފުހެލިއެވެ. އޭރު އަނެއްކޮޅުން ސާމީގެ ހިތަށް ކޮށްފައިވާ އަސަރުވެސް ފުނެވެ. ލޯބިވެރިއަކު ވަކިވެގެން ދިއުމުގެ ހިތާމަ ތަޖުރިބާ ކޮށްފައި ނެތަސް ލޯބިވެރިޔަކާ ދުރުގައި ހުންނަން ޖެހުމުން ކުރާ އަސަރު އޭނާއަށް ރަނގަޅަށް އެނގެއެވެ. މުސްކާންގެ ހިތް އައިޒަންއަށް ދެވުނުކަން އެނގުނު ދުވަހުން ފެށިގެން އޭނާ ކުރަމުން ދަނީ އެމަސައްކަތެވެ. ދެރައީ ކިތަންމެ ވަރަށް ވިސްނައިދޭން މަސައްކަތް ކުރިއަސް ހިތް އެކަން ޤަބޫލު ނުކުރާކަމެވެ. މުސްކާން ނޫން ކުއްޖަކަށް ހިތުން ރުހުމުން ބަލައިލަންވެސް ނުރުހެވެނީއެވެ.

ވަގުތުގެ ނާޒުކްކަން ހިތަށް އަރާފައިވެސް ސާމީ ކެތްމަދުވިއެވެ. ދެވަނަ ފަހަރަށް ފުރުސަތު ނުގެއްލެނީސް މުސްކާން އަމިއްލަ ކުރަން ހިތް އެދުނުވަރުންނެވެ. އޭނާ ވިސްނަން އިނދެފައި އަތުގައި ހިފައިލި ގޮތުން މުސްކާން އަޅައެއް ނުލައެވެ. އެހާ ދުވަހު އެކުވެރިއެއްހެން އުޅުނު ސާމީގެ ހިތުގައި އެހެން އިހްސާސްތަކެއް އުތުރިލަމުން އަންނަކަން އޭނާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ އިރުކޮޅަކުން މުސްކާން ސިއްސުވައިލީ ސާމީ އެއަތްތިލަ ނަގައި ތުންފަތް ޖައްސައިލިތަން ފެނިފައެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިއުމާއެކު އަތް ފޮޅުވާލައިފައި ކޮޅަށް ތެދުވެވުނެވެ.

"ސާމީ ކީއްތިކުރީ؟" މުސްކާން ލޯބޮޑުކޮށްގެން ހުރެ ސުވާލު ކުރިއެވެ. ސާމީ ޖަވާބެއް ނުދީ ފުރަތަމަ އިސްޖަހާލައިގެން ހުރެފައި ކައިރިއަށް ފިޔަވަޅެއް އަޅައިލުމުން މުސްކާންއަށް ޖެހިލެވުނީ ފަހަތަށެވެ. ސާމީގެ ނިޔަތާމެދު އޭނާ ޖެހިލުންވި އެއީ ފުރަތަމަ ފަހަރެވެ. ދެމީހުންގެ އެކުވެރިކަމަށް އެތައް އަހަރެއް ވީއިރުވެސް ދުވަހަކު ޝައްކެއް ނުކުރެވެއެވެ.

"މިއެއް ނޫން އަހަރެން މިވާހަކަ ބުނަން ބޭނުންވި ގޮތަކީ. އެކަމަކު ތެދެއްމީ އަހަރެން މުސްކާންދެކެ ވަރަށް ލޯބިވޭ. އަދި އެއީ މިއަދަކު އިއްޔެއަކު ވީކަމެއް ނޫން. މުސްކާންގެ ހަޔާތަށް އައިޒަން އައުމުގެވެސް ކުރިން. އޭރު އަހަރެން މިކަން ފައުޅު ކުރަން ބޭނުންވި ވަގުތު މުސްކާން އައިޒަންގެ ވާހަކަ ބުނީމަ ދެން ގަސްތުކުރީ ދުވަހަކު ނުބުނަން." ސާމީ ކުށްވެރިއެއް ފަދައިން ހުރެގެން ކިޔައިދީފައި ތުންފަތުގައި ދަތް އަޅައިލިއެވެ. އިވުނު ވާހަކަ ތަކާމެދު ކަންފަތަށް އިތުބާރު ނެތިގެން މުސްކާންއަށް އެވަގުތު ބޯހޫރާލެވުނީ ދެފަރާތަށެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އެހެން ވެގެނެއް ނުވާނެއެވެ. ސާމީ ވާން ޖެހޭނީ އޭނާގެ އެކުވެރިއަކަށެވެ. އޭނާ ސާމީ ބޭނުމީ އެކުވެރިއެއްގެ ގޮތުގައެވެ. ފަހަރެއްގައިވެސް އެއެކުވެރިކަމަށް ބުރޫއަރާކަށް ނޫނީ އެއެކުވެރިކަން ގެއްލޭކަން ނޭދެވޭނެއެވެ.

"މާފުކުރޭ ސާމީ. އެކަމަކު އަހަރެން ބޭނުމެއް ނޫން އަހަރެމެންގެ އެކުވެރިކަމަށް ބުރޫ އަރާކަށް. އެހެންވެ މިބުނަނީ ދެން ދުވަހަކުވެސް ތިފަދަ ވާހަކައެއް އަހަރެން ކައިރީ ނުބުނާތި. ސާމީ ގޯހީއެއް ނޫން. އެކަމަކު އަހަރެންނަށް ސާމީދެކެ ލޯއްބެއް ނުވެވޭނެ. މާފުކުރޭ ސާމީ." މުސްކާން މޮޅިވެރިއަޑަކުން ޖަވާބު ދީފައި ގޮސް އެކޮޓަރިން ނިކުންނަން ދެން ސާމީ ހުރި ފިޔަވަޅުމަތީ ގަނޑުވެފައި ހުއްޓެވެ.

އެދުވަހަށްފަހު މުސްކާން އަނެއްކާވެސް ލަންކާ މަތިން ފޫހިވިއެވެ. އެނބުރި ރާއްޖެ ދާން އޮތް ދުވަހު ދޮންބެގެ މަހާނަ ކައިރިއަށް ދިޔައީ ހެނދުނުގެ ވަގުތެއްގައެވެ. ކައިރީގައި ވިނަ ފަޅާފައި އޮތަސް އެމަހާނަ ހުރި ސަރަހައްދު އޮތީ ސާފުކޮށެވެ. މުސްކާން ބަލަހައްޓައިގެން ހުރިއިރު ދޮންބެގެ އެކި ހަނދާންތައް ސިކުނޑިއަށް އަރާ ފައިބައިގެން ދިޔައެވެ. އެދޮންބެވެސް އެއީ އިރެއްގައި އޭނާގެ އެންމެ ކައިރީގައި ހުރި އެކަކެވެ. އެކަމަކު ދޮންބެގެ އުންމީދުތައްވެސް ފުރިހަމަ ނުވަނީސް ވަކިވެގެން ދާން ޖެހުނީއެވެ. މަރަކީ އެކަހަލަ އެއްޗެކެވެ. އެމަރު އެކަކަށްޓަކައިވެސް މަޑު ނުކުރެއެވެ. އެކެއްގެ އުންމީދުތައް ފުރިހަމަ ވަންދެންވެސް މަޑު ނުޖެހެއެވެ.

އިފްހާމްއާ ޝައިލީން ހަނީމޫނަށް ގޮއްސައި އައިފަހުން ގޭތެރެ އޮންނަނީ ގިނަ ވަގުތު ހަލަބޮލި ކޮށެވެ. އާއިލާ އެންމެން އެކުގައި އަބަދުވެސް ކޮންމެވެސް ޕްރޮގްރާމެއް ރާވައިގެން ކުރިއަށް ގެންދެއެވެ. މުސްކާން ގްރީންލޭންޑަށް ގޮސް އުޅެން ފެށުމުން ޝައިލީންއާ މުސްކާންގެ މެދުގައިވެސް އެކުވެރިކަން އުފެދިއްޖެއެވެ. ސަނާމެން މުސްކާންދެކެ ވާލޯބިން ދަރިއެއްހެން ގެންގުޅުނަސް ޝައިލީން އެކަމާއި ހަސަދަލައިގެން ނޫޅެއެވެ. އޭގެ ބަދަލުގައި ޚުދު ޝައިލީންވެސް މުސްކާންއާ ދޭތެރޭ ދެކެނީ ކޮއްކޮއެއްގެ ނަޒަރުންނެވެ. ޝައިލީންގެ ހިތުގައި މުސްކާންއަށް އޮތް ޤަދަރު އުފުލިގެން ދިޔައީ މުސްކާންއާ އައިޒަންގެ ވާހަކަ އޮޅުންފިލި ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އޭނާގެ ހިތުގައި މިހާރު އެންމެ ގިނައިން އުފެދޭ ސުވާލަކީ މުސްކާން ދެން ހަޔާތުގެ ބައިވެރިއަކަށް ހޮވާނެ ފަރާތަކާމެދުގައެވެ. ނޫނީ މުސްކާން އުމުރަށް އައިޒަންގެ ހަނދާނުގައި ހުސްކޮށް ހުންނާނީ ހެއްޔެވެ؟ އެހިޔާލުން ޝައިލީންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ އެގޮތް ބޭނުމެއް ނޫނެވެ. މުސްކާން ޖެހޭނީ އައިޒަން ކަހަލަ އިތުރު ބައިވެރިއަކު ހޯދައިގެން ހަޔާތުގައި ކުރިއަށް ދާށެވެ.

"އެކަނި ހުރެގެން ކޮން ބޮލެއް ތިހޫރަނީ؟" ކައިރިން މީހަކު ވާހަކަދެއްކި އަޑަށް ޝައިލީން ސިހިފައި ބަލައިލިއިރު އިޝާން ހުއްޓެވެ. "އިޝާން ކޮފީ ބޭނުންތަ؟" ޝައިލީން ހެވިލާފައި ވާހަކަ ބެހެއްޓީ އެހެން މައުޟޫއަކަށެވެ. އިޝާން ބޯޖަހައިލުމުން އޭނާ އެނބުރި ގޮސް ކޮފީތަށްޓެއް ހިފައިގެން އައިއިރު އިޝާންގެ ނަޒަރު ހުރީ ތިރީގައި ލީވާން ކައިރީ އިން މުސްކާންއަށެވެ. މުސްކާން މާ އުފާވެރިކޮށް ހީހީފައި އުޅޭތަން ފެނުމުން އެކަނި ހުރެވެސް އިޝާންއަށް ހެވުނެވެ. ޝައިލީން ކޮފީއޭ ކިޔައިލިއަޑަށް އޭނާ ކުޑަކޮށް ސިހިފައި އަވަހަށް ނޫންކަމަށް ހެދުނެވެ. އިފްހާމް ގޮވާލި އަޑަށް ޝައިލީން އެނބުރިފައި އެތެރެއަށް ދިޔައިރު އަދި އެއްފަހަރު އެނބުރި އިޝާންއަށް ބަލައިލެވުނީ ކުރެވުނު ޝައްކަކުންނެވެ. އިޝާން އޭރު ކޮފީތަށީގައި ތުނބު ޖެހިގޮތަށް އަނެއްކާވެސް ބަލަން ހުރީ މުސްކާންއަށެވެ.

"އިފްހާމް! އަހަރެން ވާހަކައެއް އަހައިލަންތަ؟" ޝައިލީން އެނބުރި ގޮސް ކާގޭގައި އިނދެފައި ސުވާލު ކުރިއެވެ. ތަށްޓަށް ބަތް އަޅަމުން އިފްހާމް ބޯޖަހައިލިއެވެ. "މުސްކާންއާ ދޭތެރޭ ދެކެނީ ކިހިނެތް؟" ޝައިލީން ކުރި ސުވާލު އިފްހާމްއަށް ނޭނގިގެން ބުމަ އަރުވައިލިއެވެ. "އަހަރެން މިއަހަނީ އައިޒަން ނިޔާވިފަހުން އޭނަ އެހުންނަނީ ހުހަށެއްނު. އަދި މިގޭ އެންމެން މުސްކާންއާ ދޭތެރޭ ކޮއްކޮއެއްހެން ދެކޭއިރު އެކަކުވެސް ނުވިސްނަންތަ އޭނަގެ ޒަވާޖީ ހަޔާތާމެދަކުއެއް. އަހަންނަށް ހިއެއް ނުވޭ މުސްކާން އެކަހަލަ ހިޔާލެއް ގެންގުޅޭ ހެނެއް. އޭނަ ކައިރީ ކުރިން ދުވަހަކު ވާހަކަ ދައްކާލީމަ ދެއްކި ވާހަކައިން ހިއެއް ނުވޭ ދުވަހަކު މީހަކާ އިންނަން ނިންމާފައި ވާހެނެއް. އެހެންވެ މިބުނަނީ ތިމީހުން މުސްކާންގެ އެކަންތައްތަކާމެދު ނުވިސްނަންތަ؟" ޝައިލީން ތަފްޞީލު ދީފައި ބަލައިލުމުން އިފްހާމް އިނީ އިރުކޮޅެއް ވަންދެން ހިމޭންވެފައެވެ.

"އަހަންނަށް ހީވަނީ އަހަރުމެން އެކަމާ ނޫޅުނަސް މުސްކާންގެ ފެމެލީން އެކަމާ ވިސްނާނެހެން. އޭނައާ އަޒް ގުޅިގެން އިރެއްގައި އުޅުނަސް އަހަރުމެން މާބޮޑަށް އެކަމާ އުޅުނީމަ ކަމަކުނުދާނެ ޝައި." އިފްހާމް އިތުރަށް އިއްވައިލިއެވެ. "ތި ނޫން ވާހަކައެއް ނޫނޭ. އެކަމަކު އަހަރުމެން ވިއަސް އޭނައަށް ރަނގަޅު ކުއްޖަކު ހޯދަ ދީފިއްޔާ އެމީހުންވެސް ނޭނގެއެއްނު ނުގަބޫލު ވާނެ ކަމެއް." ޝައިލީން ހުރީ އެވާހަކަ ހުއްޓައިލާ ގޮތަކަށް ނޫނެވެ. "ކީކޭ ބުނަން ތިއުޅެނީ؟" އިފްހާމް ކެއުން ހުއްޓާލައިފައި ބަލަން ފެށިއެވެ.

"އަހަންނަށް ޔަޤީނެއް ނޫން އަދި. އެކަމަކު އަހަރެންނަށް ހީވަނީ އިޝާންއާ މުސްކާންއާ ގަޔާވާހެން." ޝައިލީން އެންމެފަހުން ހާމަކޮށްލިއެވެ. އިފްހާމް އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޖަހައިލީ ހިނިގަނޑެކެވެ. "އައި ޑޯން ތިންކް ސޯ." އިފްހާމް ދެކޮޅު ހެދިއެވެ.

މުސްކާން ގެއަށް އައިސް ވަންއިރު ރަމްލާ އޭނާ ލަސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިގޮތުން ސަމާލުކަން ދެވުނެވެ. "ދަރިފުޅު ކައިރީ ވާހަކައެއް ބުނަންވެފަ މިހުރީ." މުސްކާން ހަމަ ފެނުނުއިރަށް ރަމްލާ ބުނެލިއެވެ.

ކޮމެންޓް 0