"އިޝާން ސަމީރު" މުސްކާންއަށް ވިސްނުނުގޮތަށް އެދެއަކުރުން ދޭހަވާ އެއްޗެއް ކިޔާލިއެވެ.

ކުޑަ އަނބުރާ ބަހައްޓާފައި އޭނާ ގޮސް ހެދުން ބަދަލުކޮށްގެން އެނދަށް އެރިފަހުންވެސް ސިކުނޑީގައި ވީ އިޝާންގެ ހިޔާލެވެ. ހިތަށް އަރަނީ އެއީ އިޝާންގެ އެއްޗެއް ނަމަ އެރޭ ކުޑަ ހަވާލުކުރިއިރު އެކަން ނޭންގީ ކީއްވެ ހެއްޔެވެ؟ މުސްކާން ވިސްނާލުމުން ރަނގަޅަށް އެރޭ މަތިން ހަނދާންވިއެވެ. އެއީ އައިޒަންގެ މަރަށްފަހު އޭނާ ޕޮލިސް ޓްރެއިނިން ނިންމާފައި އައިސް ވަޒީފާ އަދާކުރަންފެށިތާ ދުވަސްކޮޅެއް ފަހެވެ. އަދި އެއީ އިޝާން ޑޮކްޓަރީކަން ކިޔަވާ ނިންމާފައި އައިތަނާއެވެ. އެކަމުގެ އުފަލުގައި ބޭއްވި ޕާޓީއަށް އޭނާ ދިޔައީވެސް ޖެހިގެން އައި ދުވަހެވެ. އެރޭ އޭނާ ކޮފީ ދަޅެއް ގަނެލަން ކަންމަތީ ފިހާރައަށް ދިޔައީ ވިއްސާރަ ހަދާފައި ވަނިކޮށެވެ. ވާރެއިން ސަލާމަތްވެގެން އާދެވޭނެ ކަމަށް ހީކޮށްގެން ކުޑައެއްނުލާ ދިއުމުން ލިބުނީ ލަނޑެކެވެ. ފިހާރައިން ނިކުތް ގަޑިއަށް ވާރޭ އޮއްސައިލީ ކުރިމަތީ ހުންނަ މީހާ ފާހަގަ ނުވާހާ ބޯކޮށެވެ. ދެން އެކަމާއި ވީ ފޫހިން ވާރޭ ހުއްޓާތޯ އިންތިޒާރުގައި ހުއްޓާ އެހެން ދިޔަ ކާރެއް ތަންކޮޅެއް ދުރަށް މަޑުކުރީއެވެ. އަދި އެކާރުން ނިކުމެގެން އައި ޒުވާނާ ކުޑަ ދީފައި ބުނީ ސާހަބް ދިން އެއްޗެއް ކަމަށެވެ. މުސްކާންއަށް ކުޑައިގައި ހިފުނުއިރަށް އެމީހާ ގޮސް ކާރާއި ހަމަވެފައި އެހިސާބުން ކާރު ގޮސް ލޯމަތިން އޮބައިލީއެވެ. ސުވާލަކީ އެއީ އިޝާންނަމަ އަނެއްދުވަހު އޭނާ ފެނުމުން ،ކުރިން ފެނުނު ވާހަކަ ނުބުނީ ކީއްވެ ހެއްޔެވެ؟

"މުސްކާން؟" މަންމަ ގޮވާލިއަޑާއެކު މުސްކާންގެ ހިޔާލުތައް ވިއްސި ވިހާލިވެގެން ދިޔައެވެ. އޭނާ ރަޖާ ތިރިކޮށްލާފައި ބަލާލިއިރު މަންމަ ދޮރު ހުޅުވާލައިފައި ވަނީއެވެ. "ފެން އެބަހުރިތަ؟" މަންމަ އަތުގައި ހުރި ޖަގާއެކު ވަދެފައި އަހައިލިއެވެ. މުސްކާން އެއްޗެއް ނުބުނެ އުޅެނިކޮށް މަންމައަށް އެތާހުރި ހުސް ޖަގު ފެނިގެން އައިސް ދެޖަގު ބަދަލުކޮށްލާފައި ނިކުމެގެން ދިޔައެވެ. ގަޑި ބަލާލައިފައި މުސްކާން އަނެއްކާވެސް ނިދޭތޯ ދެލޯ މަރައިލިއެވެ. ބޯކޮށް ވެހެންފެށި ވާރޭގެ އަޑާއެކު މިފަހަރު ހަނދާނުގައި އާލާވެގެން ދިޔައީ ލޯބިވާ އައިޒަންއެވެ. މުސްކާންގެ އެދުމަކަށް ވީ ހުވަފެނުގައި ނަމަވެސް އައިޒަންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމެވެ.

ވަޒީފާއަށް ނިކުންނަންވެގެން ބާޒާރުކޮށްލަން މުސްކާން ދިޔައީ ވާން އުޅޭ ފަހަރި ގޮވައިގެންނެވެ. ނައުރާއާ ދެމީހުންވެގެން ފިހާރަތަކަށް ވަދެލާފައި ކާންވެގެން ރެސްޓޯރެންޓަކަށް ވަނެވެ. ކާއެއްޗެއްސަށް އޯޑަރ ދީފައި ނައުރާ ޝުހާދުއަށް ގުޅައިގެން ވާހަކަދައްކަން ފެށުމުން މުސްކާން ފޯނާއި ކުޅެން ފެށިއެވެ. އިރުކޮޅަކުން ކާއެއްޗެހި ގެނައިރު އެމީހުން އޯޑަރ ނުކުރާ ކަހަލަ ފޮނި ކާއެއްޗަކާއި ސައިޑް ޑިޝްއެއްގެ އިތުރުން ސެލެޑްއެއްވެސް ގެނެސް ބެހެއްޓިތަން ފެނުނެވެ. މުސްކާން ހީކުރީ ވޭޓަރަށް އޮޅިގެން އެހެން މީހެއްގެ އޯޑަރ ގެނެސް އެތާ އަތުރާލީ ކަމަށެވެ. އޭނާ ސުވާލު ކުރުމުން ވޭޓަރ ބުނީ އެއީ އޯޑަރު ކުރި އެއްޗެއްސާއެކު ހިލޭ ލިބޭ ބާވަތްތަކެއް ކަމަށެވެ. މުސްކާންއަށް އެވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. އޭނާ ދުރު ދުރަށް ދާންދެން ލޯ ހިންގައިލީ ދަންނަ އެކުވެރިއަކު ނަމަވެސް މީހަކު ފެންނަ ހިސާބުގައި އިނދެގެން ސަމާސައެއް ކޮށްލަނީ ކަމަށް ހީކޮށްފައެވެ. އެކަމަކު ފެންނަ ހިސާބުންވެސް ދަންނަ މޫނެއް ނުފެނުނެވެ.

ގެއަށް ގޮސްވަންއިރު ސަނާއާ ނާޝިދު ފެނިގެން މުސްކާން ފުރަތަމަ ފަހަރަށް ހިތް ނުތަނަވަސްވިއެވެ. އެމީހުން މާ އޮލަ ވާހަކައެއްގައި ތިބެފައި އޭނާ ފެނިގެން ހުއްޓާލިކަން ފާހަގަ ވުމުން ހިތް ތެޅެން ފެށީ އަމަށަކު ވަރަކަށް ނޫނެވެ.

"މުސްކާން. ބާޒާރުކޮށްގެންތަ ތިއައީ؟" ސަނާ އޭނާ އަތުގައި އޮތް ކޮތަޅަށް ކަޅިއެއް އެއްލާފައި ސުވާލު ކުރިއެވެ. މުސްކާން ބޯ ޖަހައިލާފައި ކައިރިއަށް ދާ ހިޔާލެއް ނުކުރިއެވެ. އޭނާގެ މިސްރާބު ހުރީ ފުރަތަމަ ،ކޮޓަރިއާ ދިމާއަށެވެ. "ދަރިފުޅު ކާންވީއެއްނު." ފަސްދިންފަހުން މަންމަ ގޮވާލިއެވެ. "ކައިގެން މިއައީ މަންމާ. މުސްކާން އަވަހަށް ރައްދުދީފައި އެތެރެއަށް ވަދެ ދޮރުލައްޕައިލިއެވެ. އެހިސާބުން އަތުގައި ހުރި ކޮތަޅުތައް އެނދުމައްޗަށް އަޅާލައިފައި ނިކުމެވުނީ ބެލްކަންޏަށެވެ. ރޭގަނޑުގެ ތާޒާ ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށުމުން ނޭވައަށް ފަސޭހަވިއެވެ. އެކަމަކު ހިތުގެ ނުތަނަވަސްކަމަކަށް ބަދަލެއް ނައެވެ. ކުރިން އެމީހުން ފެނިގެން ހިތް އުފާވިއަސް މިހާރު އެމީހުން އެގޮތަށް މަންމަ ކައިރިއަށް އަންނަނީ ކޮން ބޭނުމެއްގައިކަން މުސްކާންއަށް އެނގެއެވެ. އެމީހުން މަންމަ ކައިރީ ދައްކާނީ އިޝާންގެ ވާހަކަ ކަން ޔަޤިނެވެ.

"ދަރިފުޅު ކީއްކުރަނީ؟ ނުނިކުންނާނަންތަ ބޭރަކަށް. ސަނާމެން އެބަތިބި ދަރިފުޅު ނިކުންނަންދެން." ގިނައިރެއްނުވެ ރަމްލާ ވަދެފައި ވާހަކަދެއްކި އަޑު އިވުނެވެ. މުސްކާން ބޯދިއްކޮށްލާފައި އެނބުރި އައިސް ކޮޓަރިއަށް ވަންއިރު މަންމަގެ މޫނަށް ފުންކޮށް ބަލައިލިއެވެ. ބޭނުމަކީ ބަސްބުނުމަކާ ނުލާ ނަމަވެސް މަންމަ ކައިރީ އެމީހުން ދެއްކި ވާހަކައެއް އޮޅުންފިލުވުމެވެ. "ހިނގާ." މުސްކާން މަންމައާއެކު ނިކުންނަންވެގެން ބުނެލިއެވެ. އޭނާ ފެނުނުހާއިރުން ސަނާ އަތުން އިޝާރާތްކޮށްފައި ކައިރީ އޮތް ހުސްތަނުގައި މަޑުމަޑުން ތަޅާލިތަން ފެނިގެން ގޮސް އިށީންނީ އެތާގައެވެ.

"ކޯއްޗެއް ގަނެލައިގެންތަ ތިއައީ؟ މަންމަ ބުނި މަސައްކަތަށް ނިކުންނަން އުޅޭ ވާހަކަ." ސަނާ މުސްކާންގެ ކޮނޑުގައި ފިރުމާލައިފައި ވާހަކަދެއްކީ ދުރުންނެވެ. "އާ. އެހެންވެ ނިކުންނަން ތައްޔާރުވާތީ މިދިޔައީ." މުސްކާން ބޯޖަހާލައިފައި ކިޔައިދިނެވެ. އޭނާ އިސްއުފުލާލި ވަގުތު ނާޝިދު ބަލަން އިނުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. "މުސްކާން މަންމަ ކައިރީ މުހިންމު ވާހަކައެއް ދައްކަންވެގެން މިރޭ މިއައީ. މުސްކާން ބޭނުމިއްޔާ މަންމަ ކުރެން އެހިއަސް އެންމެރަނގަޅު." ސަނާ ވާހަކަދެއްކި ވަގުތު މުސްކާން ކުއްލިއަކަށް ހަތަރުކަޅި ހަމަކޮށްލިއެވެ. އެކަމަކު އެތާގައި އެދެމީހުން ތިއްބާ އޮޅުންފިލުވާކަށް ހިތެއް ނުރުހުނެވެ. ޝައްކުވެފައި އޮތަސް އިޝާންގެ ވާހަކަ އިވޭ ވަގުތު ކޮންމެފަދަ އެއްޗެއްވެސް އަނގައިން ނިކުމެދާނެތީ ޖެހިލުންވީއެވެ. ކޮންމެ ގޮތެއްވިއަސް ސަނާއާ ނާޝިދު ހިތްހަމަނުޖެހިގެން ދާކަށް އޭނާ ނޭދެއެވެ.

"ދާން ވީ ދޯ." ނާޝިދު ގަޑި ބަލާލައިފައި އިރުކޮޅަކުން ބުނެލިއެވެ. ސަނާ ބޯޖަހާލުމުން ދެމީހުން ތެދުވިއިރު ރަމްލާވެސް ބަދިގެއިން ބޭރަށް ބޯދިއްކޮށްލަނީއެވެ. ޣަފޫރު އޭރު އިނީ ވަދެ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. "ރަމްލާ އަހަރުމެން ދަނީ. މުސްކާން އަހައިފިއްޔާ އޭނައަށް ކިޔައިދޭތި އަހަރެމެން ދެއްކި ވާހަކަ." ސަނާ ރަމްލާއަށް ބަލައިލާފައި ވާހަކަދެއްކުމުން ރަމްލާ ބޯޖަހައިލިއެވެ. އެއަށްފަހު މުސްކާން ފަހަތުގައި ހުރެގެން ގޮސް ދޮރާއި ހަމައިން އެދެމީހުންނަށް ވަދާޢު ކިޔާފައި އައިއިރު މަންމަ އިނީ ބައްޕަ ކައިރީ ކޮންމެވެސް އެއްޗެކޭ ކިޔާށެވެ.

"މަންމާ އަހަރެން ނިދަން މިވަންނަނީ." މުސްކާން ދޮރާއި ކައިރިވެލާފައި ގޮވާލިއެވެ. "މުސްކާން އިހަށް އާދެބަލަ!" އަނގައިގައި އެއްކޮޅުގައި އޮތްވާ މަންމަ އެދުނެވެ. މުސްކާންގެ ހިތް ތެޅިގަތުމާއެކު އަތުން ދާ ހިއްލައިލިއެވެ. އޭނާ ފާޑަކަށް ހުރެގެން ގޮސް ކައިރިވުމުން މަންމަ އެދުނީ ކައިރީގައި އިށީންނުމަށެވެ. މުސްކާން އެންމެ ޖެހިލުންވީ ކުރިމަތީގައި ބައްޕަ އިނުމުންނެވެ. މަންމަ މީގެ ކުރިން އަބަދުވެސް ހާއްސަ ވާހަކަތައް ދައްކަނީ އެކަނި އިނދެގެންނެވެ. އެކަމަކު މިއަދު އޭނާގެ ލަފާވެސް އަހައިނުލައި އެވާހަކަ އިއްވަން އެއުޅެނީ ބައްޕަވެސް ކުރިމަތީ ބައިންދައިގެންނެވެ. ދެން އޭނާ ބޭނުންވިއަސް ދެކެވޭ ވާހަކައަކަށް ދެކޮޅުވާނީ ކިހިނެތް ހެއްޔެވެ؟

"ދަރިފުޅަށް އެނގޭތަ އެމީހުން އެއައީ ކޮން ވާހަކައެއް ދައްކަން ކަމެއް؟" ރަމްލާ ފުރަތަމަވެސް ސީދާ މައުޟޫއަށް ދިޔައެވެ. މުސްކާން ހާސްވީވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައި އިސްއޮބައިލެވުނީއެވެ. ހިތް މޭގެ ތެރޭ އޮވެ ތެޅޭލެއް ބާރުކަމުން މެއާ ދިމާލުގައި ހިފަހައްޓާލެވުނެވެ. "އެމީހުން އެދެއްކީ ކައިވެނީގެ ވާހަކަ." މަންމަގެ ޖުމްލަ އަހާފައި މުސްކާން މެއަށް ފެން އެއްޗެއް އޮއްސައިލިހެން ހީވިއެވެ. ތެޅިގެންފައި އެމަންމަގެ މޫނަށް ބަލަން ފެށުނެވެ.

"ސަނާ ބުނީ ހިއެއްނުވެއޭ ކިތަންމެ ދުވަހެއް ވިއަސް އިޝާން އަމިއްލައަށް ކައިވެންޏަށް އެދޭނެ ހެނެއް. އެހެންވެ ގޭގެ ބޮޑެތިމީހުން އިސްނަގައިގެން އެވާހަކަ ދައްކަންވީއެއް ނޫންހޭ އައިސް ކީ. މަންމަދެން ކީކޭ ބުނާނީ؟ މަންމަ ކުރިންވެސް މުސްކާން ކައިރީ ބުނިން މަންމަ އެދޭ ގޮތް. އެކަމަކު މިފަހަރު މަންމައަކަށް ނެތް އެއްޗެއް ނުބުނެ ދޫކޮށްލެވޭކަށް. އެއީ މަންމަ ބޭނުންވޭ މުސްކާންއަށްވެސް ރަނގަޅު ގޮތެއް ވާން. މަންމައަކަށް ހިއެއްނުވޭ އަޅައިނުލާ ހުރެގެން ކިތަންމެ ދުވަހެއް ވިއަސް މުސްކާން ޒަވާޖީ ހަޔާތަކާއި ދިމާއަށް ދާން ވިސްނަފާނެ ހެނެއް. އެއަށްވުރެ ރަނގަޅެއްނު މަންމައަށް ފެންނަ ރަނގަޅު މީހަކާ ގުޅުވިއްޔާ. އެހެންވެ މިބުނަނީ މުސްކާން އިންނަން ބޭނުންވާ މީހަކު ހުރިއްޔާ އަދިވެސް އެއް ފުރުސަތު ދޭނަން. އިޝާންއާ އިންނަން ބޭނުން ނޫނިއްޔާ މަންމަ އެހެން މީހަކުވެސް ދައްކަފާނަން. އެކަމަކު ތިހެން އުމުރު ދުވަހު މީހަކާއި ނީނދެ ހުންނާކަށް ދޫކޮށެއް ނުލެވޭނެ." ރަމްލާ ވާހަކަދެއްކިއިރު ޣަފޫރުވެސް ކެއުން ނިންމާފައި އަޑުއަހަން އިނެވެ. މުސްކާން ކަޅިޖަހާނުލާ މަންމަގެ މޫނަށް ބެލިއިރު އެލޮލަށް ކަރުނަތައް ގިނަވެ އޮހިގަންނަން ތައްޔާރުވިއެވެ. މަންމަ ބުނިހެން ދިރިހުރީތީ ދިރިއުޅެން ޖެހެއެވެ. އެކަމަކު އެހެންމީހުންގެ އުފަލަށްޓަކައި ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ؟ އެހެންމީހުން ހިތް އުފާކޮށް ދިނުމަށްޓަކައި ކައިވެނި ކުރާފަހުން އޭނާ އިޝާންއާ ކުރިމަތިލާނީ ކިހިނެތް ހެއްޔެވެ؟ ކަމަކާ ނުލާ އިޝާންގެ ހިތް ހަލާކު ކޮށްލުމަށްވުރެ ދުރުގަ ހުރުން މާ ރަނގަޅު ނޫން ހެއްޔެވެ؟ އެކައިވެނީގެ ސަބަބުން އިޝާންއަށް ދޮގު އުންމީދުތަކެއް ދައްކާފައި ދުވަހަކު ނިމުމެއްނުވާ ހިތާމައިގައި އިޝާން ބަނދެލަންވީ ހެއްޔެވެ؟

"މަންމާ އަހަރެން..... އަހަރެން........." މުސްކާންއަށް ވާހަކައެއް ނުދެއްކުނެވެ. އަނގައިގެ އޮތް ބަހަށްވުރެ ކުރިން ލޮލުން ކަރުނަތިކި ވެއްޓުމުން ފުންމައިގެން ތެދުވެފައި ދުއްވައިގަނެވުނީ ކޮޓަރިއާ ދިމާއަށެވެ. އެތެރެއަށް ދެމިގަތުމާއެކު ދޮރުފަތުގައި ލައްގަނެލި ކުއްޖާ ތިރިއަށް ސޮހިގެންގޮސް ކާޕެޓްގަނޑުމަތީ އިށީންދެވިއްޖެއެވެ.

*****

އެކުވެރިންތަކަކާއެކު ކާން ތިބެފައި އިޝާން އައިސް ގެއަށް ވަންއިރު ހަފްނާ ފޯނުން ދެއްކި ވާހަކައެއް އިވިގެން ހުއްޓެވުނެވެ. ހަފްނާ ފޯނު ނިންމާފައި ދަރިފުޅަށް އަޑު އިވުނުކަން އެނގުމުން ތަފްޞީލުކޮށްދޭކަށް ފަހެއް ނުޖެހުނެވެ. އޭނާ ފޯނުން ވާހަކަދެއްކީ ސަނާއާއި ކަމާއި އަދި ސަނާގެ ފުށުން މުސްކާންމެން ގޭގައި ހިނގި ކަންތައް އެނގުމުން އިޝާންއަށް ހުރެވުނުތަންވެސް ނޭނގުނެވެ.

"އަޅެ މަންމާ. ސަނާދައްތަ އަހަރެން ކައިރީވެސް އަހާނުލައި އެވާހަކަ އެދެއްކީ ކީއްކުރަންތަ؟ އަދި ލަހެއް ނުވެއެއްނު އެއްވެސް ކަމެއް ކުރާކަށް." އިޝާންއަށް ބުނެވޭ އެއްޗަކުން މުސްކާންގެ ހިތް އޮތް ގޮތް ސާފުވެދާނެތީ މާބޮޑު އެއްޗެއް ބުނާކަށް ނުކެރުނެވެ. އެކަމަކު އޭނާ ސަނާ ކަންތައް ކުރިގޮތާމެދު ނުރުހުނުކަން ފައުޅު ކުރިއެވެ. "ކޮބާތަ މައްސަލައަކީ؟ މަންމައަށް ހީވަނީ ސަނާ އެކަންތައް ކުރީ ރަނގަޅަށްހެން. އެހެންނޫނީ....." މަންމަގެ ވާހަކަ ނުނިމެނީސް އިޝާން ގޮސް ސިޑިން އަރަން ފެށިއެވެ. ހަފްނާ ވާހަކަ މެދުކަނޑާލައިފައި ދަރިފުޅު ގޮސް ލޮލުކޮޅަށް އޮބާލަންދެން ބަލަން ހުއްޓެވެ.

"ޑޭމް އިޓް." އެތެރެއަށް ވަންގޮތަށް އިޝާން ގޮސް ވެއްޓިގަތީ އެނދުކޮޅުގައި ހުރި އަރާމު ގޮނޑިއަށެވެ. އޭނާ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އޮވެލާފައި ކަނާތްފަރާތު ޖީބުގައި އޮތް ފޯނު ނަގައި މުސްކާން ނަންބަރަށް ގުޅަން އުޅެލާފައި ފަސްޖެހެވުނެވެ. މުސްކާންގެ ހިތް އޮތް ގޮތް އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ. ވީއިރު މުސްކާންއަށް އެވާހަކައިން ކުރާނެ އަސަރުވެސް އެންމެ ބޮޑަށް ލަފާ ކުރެވޭނީ އޭނާއަށް ނޫން ހެއްޔެވެ؟ އިޝާން ނިންމައިގެން ހުރީ އަދިވެސް މުސްކާން ބޭނުން ވަރަށް ވަގުތު ދިނުމަށެވެ. ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނަސް މުސްކާންއަށް މަޖުބޫރުކޮށްގެން ކައިވެންޏަކާ ހަމައަކަށް ދާކަށް ނުރުހެވޭނެއެވެ. އަދި ކައިވެންޏަކީ މުސްކާން ހަމައެކަނި އައިޒަންއާއެކު ޖަހާލަން ބޭނުންވި ގޮށެކެވެ.

އިޝާން ވިސްނަން ނުހަދައި ދެވަނަ ފަހަރަށް ފޯނު އަތަށް ނެގުމާއެކު ޖެހިލުމެއްނެތި މުސްކާންގެ ނަންބަރަށް ޑައިލްކޮށްލައިފިއެވެ. ކަންފަތުގައި ޖަހާލައިގެން އިންއިރު ކޮންމެ ރިންގެއް އޭނާގެ ހިތް އަވަސްކޮށްލާފައި ހިތުގެ ހަމަޖެހުން ނަގާލަމުން ދިޔައެވެ. "ހަލޯ މުސްކާން؟" ފޯނު ނެގިއިރަށް އިޝާންއަށް އަވަސްއަވަހަށް ބުރަކަސި ތެދުކޮށްލެވުނެވެ. މުސްކާން ޖަވާބުނުދީގެން އަޑުއަހަން އިންދާ އިރުކޮޅަކުން އިވެންފެށީ ހިތްހަލާކުވާފަދަ ހިމޭން ރުއިމެއްގެ އަޑެވެ. މުސްކާން ކިތަންމެ ސިއްރުކުރަން އުޅުނަސް އެކަން އިޝާންއަށް ސިއްރެއް ނުވިއެވެ.

"މުސްކާން ރޮނީތަ؟" އިޝާން އެސުވާލުކޮށްލިއިރު ހިތް ހީވީ ފިތިގެން ދިޔަހެންނެވެ. "ބުނެބަލަ ކިހިނެތްވީ؟ މަންމަ އެއްޗެކޭ ބުނީތަ؟ ނޫނީ އައިޒަން މަންމަ..." އިޝާން ފަށާފައިވެސް ކުރިއަށް ނުގެންގޮސް ހުއްޓައިލިއެވެ. އެކަމަކު އޭރު މާލަސްވެއްޖެއެވެ. ކުއްލިއަކަށް މުސްކާންގެ ރުއިމުގެ އަޑު ކަނޑައިގެން ދިޔައީވެސް ހީވާގޮތުން އެއަޑު އަހާފައެވެ. "މުސްކާން ޓްރަސްޓް މީ. އަހަރެން ދުވަހަކުވެސް މުސްކާން ނުރުހޭ ކަމަކަށް ފޯސްއެއް ނުކުރާނަން. ހަމައެގޮތަށް ސަނާ ދައްތަގެ ވާހަކައަކީވެސް އަހަރެން ބޭނުންވެގެން ދެއްކި ވާހަކައެއް ނޫން. މުސްކާން ނުޖެހޭނެ އެމީހުން ބުންޏެކޭ ކިޔާފައި ގަދަކަމުން ކައިވެނީގެ ގޮށް ޖަހާކަށް." އިޝާންގެ ވާހަކަ ނިމުމުން މުސްކާން އިރުކޮޅެއް ވަންދެން ހިމޭންކަން އިޚުތިޔާރު ކުރިއެވެ. އިޝާން ހީކުރީ ފޯނު ކެނޑުނީ ކަމަށެވެ. އޭނާއަށް ފޯނު ކަންފަތާއި ވަކިކޮށްލައިފައި ބަލައިވެސް ލެވިއްޖެއެވެ.

"އަހަރެންނާ ބައްދަލު ކުރެވިދާނެތަ؟... މިހާރު!" އިޝާން ދެވަނަ ފަހަރަށް ފޯނު ކަންފަތާއި ކައިރިކޮށްލި ވަގުތު މުސްކާން ބުނެލި ވާހަކައިން ސިހުން ލިބުނެވެ. "މިދަނީ ތިގޭ ކައިރިއަށް. އިރުކޮޅަކުން ނިކުމޭ!" އިޝާން ވިސްނާލައިފައި ޖަވާބު ދިނެވެ. އޭނާ ފޯނު ކަނޑާލައިފައި އެފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ހަރުކޮށް ސިޑިން ފައިބައިގެން ތިރިއަށް ދިޔައެވެ.

ކޮމެންޓް 0