އަހަރެން ބޭނުންވަނީ އައިޒަން ދުނިޔޭގައި ހުރިހާ ހިނދަކު އައިޒަންގެ ބައިވެރިއެއްގެ ގޮތުގައި ހުންނަން. އޭނަ ފަހު ނޭވާ ދޫކުރަންދެން އަހަރެން އޭނަ ދޫކޮށެއް ނުލާނަން." މުސްކާން ހަޤީޤަތް ހާމަކޮށްފައި މަންމަގެ މޫނަށް ބަލައިލީ މަންމަ ބުނާ އެއްޗެއް އަޑުއަހަން ވެގެންނެވެ. އެވަގުތު މަންމަ ދެތުންފަތް ޖައްސާ ބާރުކޮށްލައިގެން އިންދާވެސް ލޯ ފުރިގެން ފައިބަން ފެށި ކަރުނަތައް ދެކެފައި މުސްކާންގެ ހިތްވެސް ރޮތްވާލައިފިއެވެ. އެހުރިހާއިރު އޭނާ ހިފަހައްޓައިގެން ހުރި ހުރިހާ ކަރުނައެއް އޭގެ މަޤާމު ދޫކޮށްފައި އޮހިގަތެވެ. މަންމާއޭ ބުނެވުމާއެކު ޅަކުއްޖެއްހެން އެމަންމަގެ އުނގަށް ވެއްޓިގަނެވުނެވެ. "ހިތްވަރުކުރޭ ދަރިފުޅާ! ހިތްވަރުކުރޭ. ދުނިޔޭގައި އުޅޭއިރު މިފަދަ ކިތަންމެ ކަމަކާ ދިމާވާނެ. މަންމަ އުފާކޮށްފިން އައިޒަންގެ ބަލިހާލު އެނގުމަށްފަހުވެސް ދަރިފުޅު އައިޒަންއާއެކު އުޅެން ނިންމީމަ. މަންމަ ފަޚުރުވެރިވަން ދަރިފުޅާމެދު. ތީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން. ދަރިފުޅުގެ ހިތުގައި އައިޒަން އަށް އޮތް ލޯބި ތިކަމުންވެސް ސާބިތުވެގެން ތިދިޔައީ. މަންމަ ނުބުނާނަން ދަރިފުޅު އައިޒަންއާ ދުރަށް ދާށެކޭ. ބަދަލުގައި މަންމަ އެދޭނީ ދަރިފުޅަށް ވީވަރަކުން އައިޒަން އުފަލުގަ ބަހައްޓަން." ރަމްލާ ކަރުނަ އޮއްސަމުން މުސްކާންގެ އިސްތަށިގަނޑުގައި ފިރުމާލައިފައި ވާހަކަދެއްކިއެވެ. ދެމައިންގެ ރުއިން މެދުކެނޑި ހިތްކަށް ހަމަޖެހުން ލިބުމުން ރަމްލާ މުސްކާން ކޮޅަށް ނަގާފައި ނިދަން ދާން ބުނެލިއެވެ. ކިޔަމަންތެރި ކުޑަކުއްޖެއް ފަދައިން މަންމަގެ ބަސް އަހައިގެން މުސްކާން އައިސް ވަންއިރު އެގާރަ ޖަހަން ދަނީއެވެ. ބޮކި ނިވާލައިފައި ރަޖާ ދަށަށް ވަދެ ލޯމަރައިލުމުން ހުވަފެނުގައިވެސް ފެންނަން ފެށީ އައިޒަންގެ ސޫރައެވެ.

ޖެހިގެން އައި ދުވަހު މުސްކާން ސުކޫލް ނިންމާފައި އައިސް އިންދާ ފޯނު ރިންގްވިއެވެ. މަންމަ ގޮސް ފޯނު ނަގާފައި އިރުކޮޅަކުން ގޮވާލީ އޭނާއަށެވެ. މުސްކާން އަވަހަށް ދުވެފައި ގޮސް އަތްގަނޑު ގައި ހިފާފައި ހަލޯއޭ ބުނެލިއެވެ. "ހަލޯ މުސްކާން. މީ ސަނާ އިނގޭ. އައިޒަންގެ މަންމަ." އެކޮޅުން ވާހަކަދެއްކި މީހާ ކާކުކަން ބުނެދިނުމުން މުސްކާންގެ ހިތް އިތުރަށް އަވަސްވިއެވެ. ސަނާ އެދުނީ މުސްކާން ހަވީރު ސަޔަށް އެގެއަށް ދިއުމަށެވެ. އޭރު ޚުދު މުސްކާންވެސް އެދި އެދި ހުރީ އައިޒަން ކައިރިއަށް ދިއުމަށެވެ. އޭނާ އާއެކޭ ބުނެ އެއްބަސްވެފައި ބަލައިލިއިރު މަންމަ ހުރުމުން އައިޒަން މަންމަ ބުނި ވާހަކަ އޮޅުންފިލުވައިދިނެވެ.

"ދަރިފުޅު އެގެއަށް ތިދާހެން ކޮންއިރަކުން ދެން މަންމައާ ބައްދަލު ކުރަން އައިޒަން ގެނެސްދޭނީ؟ މަންމަ ވަރަށް ބޭނުން ބައްދަލު ކޮށްލަން." ރަމްލާ ފޮޅަން ހުރެފައި ހިންދެމިލުމަށްފަހު ސުވާލު ކުރިއެވެ. "ގެންނާނަމޭ މަންމާ. އައިޒަން ކައިރީ އަހާފަ ގެންނާނަން." މުސްކާން ޖަވާބު ދީފައި އަވަހަށް އެތެރެއަށް ދުވީ ދިއުމުގެ ކުރިން ނަމާދު ކޮށްލެވޭތޯއެވެ. އޭނާ ގަޑިއަށް ތައްޔާރުވެލައިގެން ޓެކްސީއެއް ހޯދަން ނިކުމެ ނިކުމެ ހުއްޓާ ކާރު މަޑުކޮށްލާފައި އައިޒަންގެ ޑްރައިވަރ ނިކުމެ ބުނީ އެއައީ ސަނާ ފޮނުވައިގެން ކަމަށެވެ. މުސްކާން ހިނިތުންވެލާފައި ގޮސް އެރުމުން ޑްރައިވަރ ކާރު ދުއްވާލައިފައި އޯކިޑްލޭންޑް ގޭޓުން ވަދެގެން ގޮސް ގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ

ފައިބައިގެން ގޮސް މައި ދޮރުން އެތެރެއަށް ފައި އެޅުމާއެކު ސަނާއަށް ފެނިގެން އަވަހަށް އައެވެ. އޭރު ސިޓިންރޫމްގައި އިތުރު މީހަކު ފެންނާކަށް ނެތެވެ. މުސްކާންގެ ދެލޯ ކެތްމަދުވެފައި އައިޒަން ހޯދި ނަމަވެސް ސަނާ ކުރެން އަހަން ނުކެރިފައި ހިމޭނުން ހުރީއެވެ. "އައިޒަން ވެއްޖެ އިޝާންއާއެކު އެގެއަށް ގޮސް. އަންނާނެ އިރުކޮޅަކުން." ސަނާއަށް މުސްކާންގެ މޫނުން ވިސްނިގެން ބުނެލިއެވެ. ނުބުނެ ހުއްޓާވެސް ސަނާ ދެނެގަތުމުން މުސްކާން ރަކިވެގެން ދަތް އަޅައިލީ ތުންފަތުގައެވެ.

"ނާޝިދު! މީ މުސްކާންއަކީ." ސަނާ މުސްކާން ގޮވައިގެން ގޮސް ކާކޮޓަރިއަށް ވަދެ ތިއްބާ ދޮރުން ވަން މެދު އުމުރަށްދާ ފިރިހެނަކަށް ބުނެލިއެވެ. މުސްކާން ބަލައިލިއިރު ނާޝިދު އެންމެ ވައްތަރުވީ އައިޒަންއާއެވެ. ބޮލުން މަދު އަދަދަކަށް ހުދު އިސްތަށި ފެންނަން ހުއްޓަސް ހަށިގަނޑު ވަރުގަދަކޮށް ހުރި މީހެކެވެ. އެވަގުތު ނާޝިދުއަށް މުސްކާން ފެނުމުން ހިނިތުންވެފައި ކުރިމައްޗަށް ހުއްޓި ސަލާމަށް އަތް ދިއްކޮށްލިއިރު އެއީ އައިޒަންގެ ބައްޕައޭ ބުނެލިއެވެ. "އައްސަލާމް އަލައިކުމް. ކިހިނެތް ހާލު؟" މުސްކާން އެއަތުގައި ހިފާލިއިރު ލަދުން ހުރެވެސް ވާހަކަދެއްކިއެވެ. މުސްކާންގެ މިމައުސޫމު ކަމާއި އަޚުލާޤު ރަނގަޅުކަން ފެނިފައި ނާޝިދުއަށް ހެވިއްޖެއެވެ. "ވައަލައިކުމުއްސަލާމް. އިރާދަ ކުރެއްވީތީ ވަރަށް ރަނގަޅު ދަރިފުޅާ." ނާޝިދު އެއަތުން ދޫކޮށްލައިފައި އެނބުރި ގޮސް ސަނާ ކައިރީ އިށީންއިރު ދަރިން ކޮބައިތޯ އެހިއެވެ.

"ލީވާން ވެއްޖެ ކޮޓަރީގަ. ބުނި އިރުކޮޅަކުން އަންނާނަމޭ. އައިޒަން ވީ އިޝާންއާއެކު ގޮސް. މިހާރު އަންނާނެ. އިފްހާމްވެސް އެބައުޅޭ ގޭގަ." ސަނާ ވަކިވަކިން ތަފްޞީލު ދިނެވެ. ދަރިން އުޅޭ ނޫޅޭ ގޮތް ބެލުމަށް އެދެމަފިރިން ދޭ އަހައްމިއްޔަތުކަން އެވާހަކައިންވެސް ދޭހަކޮށްދިނެވެ. އެއާއިލާގެ ހުރިހާ ކުދިންވެސް އެހާ ރަނގަޅީ ސަބަބެއް ނެތިއެއް ނޫނޭ މުސްކާން ހިތަށް އެރިއެވެ.

"އަހަ މުޝް ޕޮޓޭޓޯވެސް އެބައިންތަ؟ ވަޓް އެ ޕްލެސެންޓް ސަރޕްރައިޒް." ކުދިންގެ އިންތިޒާރުގައި ސައިބޯން ނުފަށައި ތިއްބާ އެންމެ ކުރިން ވަން ލީވާންއަށް މުސްކާން ފެނިގެން ބުނެލިއެވެ. މޭޒު ދޮށުގައި ބައްޕަ އިންދާ ފެނުނީ އޭގެ ފަހުންނެވެ. އެވަގުތު ބައްޕަގެ މޫނުން ކުޑަވަރެއްގެ ހިތްހަމަ ނުޖެހުމެއް ފެނުމުން ލީވާން ނޫންކަމަށް ހެދިފައި އައިސް ކިހިނެތްހޭ އަހަމުން އިށީންދެލީވެސް މުސްކާންގެ ކައިރީގައެވެ. "މުސްކާންއާ ބައްދަލު ކުރަން ބޭނުންވެފަ ހުއްޓާ އިނގޭ ތިއައީވެސް. ސައިބޮއެ ނިމުނީމަ ވާނެ އަހަރެންނާއެކު އެއްފަރާތަކަށް ޖެހިލަން." ލީވާން ވާހަކަދެއްކިއިރު މުސްކާން އަދިވެސް އިނީ ރަކިވެފައެވެ. އޭނާ ނާޝިދުއަށް އަވަސް ނަޒަރެއް ދީފައި ލީވާންގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. ނާޝިދު ފަދައިން ލީވާންވެސް ސައިބޯން ނުފަށައި އިންތިޒާރު ކުރަން ފެށީ ހީވާގޮތުން ބޮޑު ދެބެންނަށެވެ. އިރުކޮޅެއް ނުވެ ފިޔަވަޅުގެ އަޑު އިވިފައި އިފްހާމްގެ ފަހަތުން ކަހަލަ ގޮތަކަށް އައިޒަންއާ އިޝާންވެސް އައިސް ވަދެއްޖެއެވެ.

މުސްކާން ފެނުމުން އައިޒަންއަށް ލިބުނު ހައިރާންކަމާއެކުވެސް އުފަލުން އެދެލޯ ވިދައިލިއެވެ. އޭނާ އައިސް ބައްޕަ ކައިރީ މުސްކާންއާ ދިމާވާގޮތަށް ހުރި ގޮނޑީގައި އިށީންއިރު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެ އެކަކު އަނެކަކަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. "މަންމަ ބުނެގެން މުސްކާން އައީ. ބައްޕަ ކައިރީ މުސްކާންގެ ވާހަކަ ބުނީމަ ބައްދަލު ކުރާ ހިތުން މާވަރަކަށް ކީމަ ގުޅާފަ އަވަހަށް ދައުވަތު ދިނީ." ސަނާ ޖޯޑުތަކަށް ސައި އަޅާފައި އެކި މީހުންނަށް ބަހަމުން ކިޔައިދިނެވެ. އައިޒަން އެއަޑު އަހާފައި ހިނިތުންވެލި ގޮތުން މުސްކާންއަށް ދަތް އަޅައިލެވުނީ ތުންފަތުގައެވެ. އެންމެން އޭނައާހެދި އުޅޭވަރުން އޭނާ އިނީ ކުޑަކޮށް އުދަނގޫވެފައެވެ. ބޭނުންވީ ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން ނަމަވެސް އެމީހުންގެ ސަމާލުކަން އެހެން ފަރާތަކަށް އަނބުރާލުމަށެވެ.

"މުސްކާން ނިމުނީދޯ. ހަނދާން އެބަހުއްޓެއްނު އަހަރެން ބުނި ވާހަކަ. ހިނގާ އަވަހަށް!" ލީވާން ނިންމާފައި މުސްކާން ސައިތަށި ހުސްވެސް ނުކުރަނީސް އަތުގައި ހިފާފައި ކޮޅަށް ނަގައިފިއެވެ. ނާޝިދުއާ ސަނާ އަޑަށް ބާރުލާފައި ލީވާންއޭ ގޮވާލިއިރު އައިޒަންވެސް މުސްކާން ގެންދާތީ ކަންބޮޑުވެފައި ނިތަށް ރޫގިނަކޮށްލިއެވެ. ލީވާން އެކަމަކު އެއިން އެއްވެސް މީހަކަށް ފަރުވާލެއް ނުބަހައްޓާ މުސްކާން އަތަށް ދަމާލައިފައި އެތަނުން ނެރެގެން ގެންގޮސް ސިޑިން އަރަން ފަށައިފިއެވެ. ފަސްއެނބުރުނު ފަހުންވެސް މުސްކާންއަށް ބެލުނީ ކާކޮޓަރި ދޮރާއި ދިމާއަށެވެ. އައިޒަން ނުނިކުތުމުން އޭނާ އަނެއްފަރާތަށް އެނބުރިފައި ފުރަތަމަ ފަހަރަށް އެގޭގެ ވަށައިގެން ލޯހިންގައިލިއެވެ. ސިޑީގެ މަތީ ހަރުފަތާއި ޖެހޭންދެން ތިރިން މައްޗަށް ވާގޮތަށް ފާރުގައި ހަރުކޮށްފައިވާ އާއިލާ ފޮޓޯތައް ފެނިފައި ހުރެވުނީ ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ތިންފިރިހެން ކުދިންނާއި އެކުދިންގެ މަންމައާއި ބައްޕަ އެކުގައި ނަގާފައިވާ ފޮޓޯތައް ކިތަންމެހާވެސް ފުރިހަމަވެފައި އެއިން އެމީހުންގެ މެދުގައި އޮތް ލޯބި ރަމްޒު ކޮށްދެއެވެ.

"ނެކްސްޓް މަންތް އެކެއް އެއީ ތިއްތޭގެ ބާތްޑޭ. އެހެންވެ އަހަރުމެން މިވިސްނަނީ ތިއްތޭއަށް ސަޕރައިޒެއް ދޭން. އެވާހަކަ ބުނަން މުސްކާން މިގެނައީ." ކޮޓަރިއަށް ވަދެފައި މުސްކާން ގެންގޮސް އެނދުގައި ބެއިންދުމަށްފަހު ކައިރީގައި ޖައްސާލައިގެން އިނދެ ލީވާން ފެށިއެވެ. އައިޒަންގެ އުފަންދުވަސް ކައިރިވެފައި އޮތްކަން އެނގުމުން އެވަގުތު މުސްކާންގެ މޫނުންވެސް ޝައުޤުވެރިކަން ފެނިގެން ދިޔައެވެ. އައިޒަންއަށް އުފަލެއް ލިބިގެންދާނެ ކޮންމެ ކަމެއްގައި އޭނާގެ ހިއްސާއެއް އޮތުމަކީ މިހާރު މުސްކާންގެ އެންމެބޮޑު އެދުމެވެ. "އަހަރެންނަށް ޔަޤީން ތިއްތޭގެ ޕާޓީ ތެރެއިން މުސްކާން ފެނުން ވާނީ ތިއްތޭއަށް ލިބޭނެ އެންމެ އުފާވެރި ސަޕްރައިޒްއަށްކަން. އެހެންވީމަ މުސްކާން ކޮށްދޭންވީ ކަމަކީ ތިއްތޭއަށް މިކަން ސިއްރުކޮށްދީފަ އަހަރެމެންނާ ބައިވެރިވުން. އޯކޭއެއްނު؟" ލީވާންގެ ވާހަކަ ނިމޭއިރަށް މުސްކާން އަވަހަށް ބޯޖަހާލައިފިއެވެ. "ގުޑްގާރލް." ލީވާން ހިތްހަމަޖެހިގެން ތެދުވަން އުޅެފައި މުސްކާންގެ ނޭފަތުގައި ހިފާލަމުން ކިޔައިލިއެވެ.

ކާކޮޓަރިން ނިކުމެގެން އިޝާންއާ ދެމީހުން ގޮސް ސިޓިންރޫމް ސޯފާގައި އިށީންއިރު އައިޒަންގެ ލޯ ހޯދީ މުސްކާންއެވެ. އޭނާ ކެތްމަދުވެފައި މުސްކާން ފެނޭތޯ ބަލަން ތެދުވެގެން ދާންވެސް ހިޔާލުކޮށްލެވުނެވެ. ނަސީބަކުން ގިނައިރެއް ނުވެ ލީވާންއާ ދެމީހުން ސިޑިން ފައިބައިގެން އަންނާތީ ފެނިއްޖެއެވެ. އައިޒަން ހަމަޖެހުމުގެ ނޭވައެއް ލައިފައި ބުރަކަށި ތެދުކޮށްލިއިރު އިޝާންއަށްވެސް ފާހަގަވިއެވެ.

"އަޒް. އަހަރެން ފަހުން ޖައްސާލާނަން. މުސްކާން. ދަނީ އިނގޭ!" އިޝާން ތެދުވެފައި އެއްފަހަރު އައިޒަންއަށް އަނެއްފަހަރު އެހިސާބަށް އައިސް ހުއްޓުނު މުސްކާންއަށް ބަލައިލާފައި ބުނެލިއެވެ. ދެމީހުންވެސް ބޯޖަހައިލުމުން އޭނާ ދިޔައީ ނިކުންނަން ވެގެން ދޮރާއި ދިމާއަށެވެ. ވަގެއްހެން ދެކޮޅު ބަލާލައިފައި ލީވާން ކުރިކަމަކީ މުސްކާން އަތުގައި ހިފާ ކުއްލިއެއް ޖަހާފައި ގެންގޮސް އައިޒަން ކައިރިއަށް ސޯފާއަށް ވައްޓައިލީއެވެ. "ނުފެނިގެން ތިހޯދާ ކުއްޖާ މިހުރީ ގެނެއްސަ. އުނގަށްލައިގެން އިނދޭ ދެން!" ދެމީހުން އެކަކު އަނެކަކާއި ކޮނޑާއި ކޮނޑު ޖެހިގެން ދިޔަ ތަން ބަލާފައި ހީގަންނަމުން ލީވާން ދުވީ ބޭރަށެވެ. އޭނާ ފަހަތުން ގޮސް އިޝާންއާ އެއްވަރުކޮށްފައި ދެމީހުން އެކުގައި ނިކުތެވެ. އޭރު މުސްކާންއާ އައިޒަން ތިބީ ހަތަރުކަޅި ހަމަކޮށްލި ގޮތަށް ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ލޯބިވެރިޔާގެ ލޮލުގެ ފުންކަން ދެކެފައި މުސްކާން ބޭނުންވީ އެލޮލުގެ ތެރެއަށް ގެނބިގެން ދާށެވެ. ހިތް އެދުނީ އުމުރު ހުސްވަންދެން ބަލަހައްޓައިގެން އިންނާށެވެ. އެވަރުންވެސް އޭނާގެ ހިތް ފުރޭނެ ކަމެއް ނޭނގެއެވެ. އެހާ ދުވަހު ބަލަން ލިބުނަސް ފޫހިނުވާނެކަން ގައިމެވެ.

ސައިކޮޓަރިން ނިކުތް ދެމަފިރީންނަށް އެތަން ފެނިގެން އެކަކު އަނެކަކަށް ބަލާލައިފައި ލާނެތް ގޮތަކަށް ހިނިތުންވެލީއިރު އިފްހާމްވެސް ފަހަތުގައި ހުއްޓެވެ. އެމީހުން ގޮސް ކައިރިވެފައި ނާޝިދު ކުޑަކޮށް ކަރުކެހިލި އަޑަށް ދެމީހުން ސިހިފައި އަވަހަށް ދުރަށް ޖެހިލި ގޮތުން އެންމެންގާތަށް ހިނިއައެވެ. އެކަމަކު އެކަކުވެސް އަޑުވީއްލައެއް ނުހެއެވެ. ކޮންމެ މީހަކުވެސް ކޮންމެވެސް ގޮތަކުން ހިނިގަނޑު ހިންދައިލީ ބަނޑަށެވެ.

"އައިޒަން ދާންވީނު މުސްކާން ގެއަށްލާން. އިރުއޮއްސެން ވާއިރަށް ނުދިޔައިއްޔާ މުސްކާން މަންމަ ފަހަރެއްގަ ކަންބޮޑުވެދާނެ ދޯ." ސަނާ އެމީހުންގެ ކުރިމަތީގައި ހުރި ސޯފާގައި އިށީންދެފައި މޭޒުމަތީ ހުރި ފޯއް ތަބައް ނަގައި، ކައިރީގައި އިށީން ނާޝިދު އަށް ދިއްކޮށްލިއެވެ. އައިޒަން ބޯޖަހާލައިފައި ތެދުވުމުން ފަހަތުން މުސްކާންވެސް ތެދުވެއްޖެއެވެ. އައިޒަން ކުރީގައި ހިނގައިގަތުމުން އޭނާވެސް ބޮޑުދެމީހުން ކައިރީ ދަނީއޭ ބުނެފައި އެމީހުންގެ ހުއްދަ ލިބުމުން ފަސްފަހަތުން ގޮސް ނިކުމެއްޖެއެވެ.

ޑްރައިވަރ ކާރު ދުއްވާލިއިރު ދެޒުވާނުން ފަހަތުގައި ތިބެފައި އައިޒަން ކުއްލިއަކަށް އަތުގައި ހިފައިލުމުން މުސްކާން ސިހޭގޮތްވިއެވެ. މުސްކާން ބަލައިލިއިރު އައިޒަން އެއަތަށް ބަލަން އިނދެގެން އަނެއް އަތުން ފިރުމައިލި ގޮތުން ހިތަށް އެތައް ގޮތެއްވިއެވެ. ޑްރައިވަރ ނެތްނަމަ އޭނާ އިނީހީ އައިޒަންގެ ކައިރިއަށް ޖެހި އެމޭގައި މޫނު ޖައްސާލައިގެންނެވެ. އެއީ މިހާރު އޭނާ އެންމެ ގަޔާވާ މަޤާމެވެ. ކޮންމެ ދުވަހަކު ތަކުރާރުކޮށް އެތައް ފަހަރަކު ހެއްދެވި ފަރާތަށް އޭނާ ޝުކުރު ކުރަނީ އައިޒަންގެ ނޭވާ ހިނގާތީއެވެ. އެހަށިގަނޑުގެ ދިރުމަކީ އޭނާގެ ފުރާނައިގެ ދިރުމެވެ. އެމޫނުގެ ހިނިތުންވުމަކީ އޭނާގެ އުފަލެވެ.

"ގެއަށް އާދެވުނީ!" ކަޅިޖަހާ ނުލާ އެމޫނަށް ބަލަން ގެއްލިފައި އިންދާ އައިޒަން ވާހަކަދެއްކި އަޑަށް މުސްކާންއަށް ހޭވެރިކަން އަތުވެއްޖެއެވެ. ދެފަރާތަށް ބޯހޫރާލައިފައި ފައިބަންވެގެން އަނެއްފަރާތަށް އެނބުރުނުއިރު އައިޒަން އަދިވެސް ބޮޑަށް މުށުތެރޭ އޭނާގެ އަތްތިލަ ބޮނޑިކޮށްލި ގޮތުން މަޑުޖެހިލެވުނެވެ. "ތެންކިއު." އެނބުރި ބަލައިލުމުން އައިޒަން ހިނިތުންވެލާފައި ބުނެލީ މިހެންނެވެ. މުސްކާން ސުވާލު ކުރާފަދަ ގޮތަކަށް ނިތް އަރުވައިލުމުން އައިޒަން ލުއި ހިނިތުންވުމަކާއެކު މަޑުމަޑުން ބޯ ހޫރާލީ ދެފަރާތަށެވެ. މުސްކާން ފޭބިޔަދޭން އޭނާ އަތުން ދޫކޮށްލިއެވެ. އެވަގުތުއައިޒަން އެވާހަކަ ބުނަން ނޫޅުމުން މުސްކާންވެސް ކޮންމެހެން ބާރެއް ނާޅައެވެ. "ވެލްކަމް" އޭނާ ޖަވާބުގައި ހިނިތުންވެލާފައި އެބަސް އިއްވާލުމަށްފަހު ފޭބިއެވެ.

ގެއާއި ހަމައަށް އައިޒަން އައިއްސައި އަނެއްކާވެސް ބައްދަލުނުކޮށް ދިއުމުން ރަމްލާ ޝަކުވާ ކުރީ މުސްކާން އެތެރެއަށް ވަންތަނާއެވެ. މުސްކާން ހެވިލާފައި މަންމަ ކޮނޑުގައި އެލިގަތުމަށްފަހު ކުރިންވެސް ދިން ޖަވާބު ދިނުމަށްފަހު އެތެރެއަށް ވަންނަން ދިޔައެވެ. އެވަގުތު މަޣްރިބް ނަމާދު ބަންޤި ގޮވަން ފެށުމުން ރަމްލާ ފަހަރަކު ކުއްޖަކު ކައިރީ ނަމާދަށް ދާން ބުނަން ވެގެން އައިސް އެކި ކޮޓަރި ތަކުގެ ދޮރު ހުޅުވިއެވެ. މުސްކާންވެސް އެނދުގައި ޖައްސާލުމުގެ ހިޔާލު ދޫކޮށްލައިފައި ފުރަތަމަ ވަނީ ވުޟޫ ކުރާށެވެ.

އިތުރަށް ދެހަފްތާއެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު މުސްކާންއާ އައިޒަންގެ އާއިލާގެ މެދުގައި އޮތް ބީރަތްޓެހިކަން މުޅިން ފިލައިފިއެވެ. މުސްކާން މަންމަ ކުރިއްސުރެ އޭނާ ތަނަކަށް ނުފޮނުވާ މީހާވެސް އޯކިޑްލޭންޑަށް ދާން ވެއްޖެއްޔާ ކޮންމެ ވަގުތަކުވެސް ހިތުން ރުހުމުން ފޮނުވައެވެ. ސަނާއާ ރަމްލާގެ ގުޅުން ބަދަހި ކަމުން އެދެމީހުން ހީވަނީ ދެބެން ހެންނެވެ. ސަނާ އެއްދުވަހު އެގެއަށް އައިސްވެސް ރަމްލާއާ ވާހަކަދައްކައިފިއެވެ. އިތުރަށް އެމީހުން ވާހަކަދައްކަނީ ފޯނުންނެވެ. މުސްކާން ގެންދަން ސަނާ ފޯނު ކުރާ ދުވަސްދުވަހު ހާލު އަހުވާލު އަހަމުންގޮސް ގުޅުން ބަދަހިވީއެވެ. ހުސްކޮށް ހުކުރު ހޮނިހިރެއް ލިބިއްޖެއްޔާ ދުވަހުގެ ބޮޑުބައި މުސްކާން ހޭދަ ކުރަނީ އޯކިޑްލޭންޑްގައެވެ. އެކަމަކު އައިޒަންއާ އޭނާ އަދިވެސް ބައްދަލުވެ އުޅެނީ އާއިލާގެ އެހެންމީހުން ކުރިމަތީގައެވެ. ބައެއްފަހަރު ގެއަށް ލާން ދާ ގަޑީގައި ނޫނީ އެހެން މީހަކު ސިޓިންރޫމްގައި ފެންނަން ނެތިއްޔާ އެކަނިވެ ކުޑަކޮށް ވާހަކަދައްކައިލައެވެ.

މަސް ނިމުނު ދުވަހުރޭ ލީވާން ގުޅާފައި އޮތީ ބަލައި އަންނާނެ ވާހަކަ ބުނެފައެވެ. ރަމްލާގެ ހުއްދަ ލިބިފައި އޮތުމުން މުސްކާން ހުރީ ތައްޔާރުގައެވެ. އެރޭ އެގާރަގަޑި ސާޅީސް ފަހެއް ހާއިރު ލީވާން ބަލާ އައެވެ. މުސްކާން ގޮސް ކާރަށް އެރިއިރު އިޝާންވެސް އިނެވެ. "މުސްކާން!" އިޝާން ގޮވާލި ގޮތުން މުސްކާން ހަނދާންވީ އިޝާން ނުފެންނަތާ ދެތިން ދުވަހެއް ވެއްޖެކަމެވެ. އިޝާން އެހެން ގެއެއްގައި އުޅުނަސް ގިނަ ވަގުތު އޯކިޑްލޭންޑްގައި ހޭދަކުރާތީ އެއީ އެގޭ ކުއްޖެއް ކަމަށް ހީވާފަހަރު އާދެއެވެ. އަދި ދެބެންގެ ދެދަރި ކުއްޖެއް ކަމަށް ވެފައި ސަނާއާ ނާޝިދުވެސް ދަރިފުޅާއޭ ކިޔައިގެން އިޝާންއަށް މުޚާތަބު ކުރާތީ ދުރު މީހުންނަށްވެސް ހުންނަނީ އޮޅިފައެވެ.

ގަރާޖަށް ކާރު މަޑުކޮށްފައި ތިންމީހުން ގޮސް ވަންއިރު ސިޓިންރޫމު އޮތީ ކަނު އަނދިރީގައެވެ. އައިޒަންއަށް އޮޅުވައިލަން އެމީހުން އެންމެން އުޅެނީ މުޅި ގެ ނިދީކަމަށް ހަދައިގެންނެވެ. މުސްކާންއަށް ހިނގައިގަންނަން ނޭނގިފައި ހުއްޓާ ލީވާން އޭނާގެ އަތުގައި ހިފައިގެން ގެންގޮސް ކޮންމެވެސް ހިސާބެއްގައި ބަހައްޓައިފިއެވެ. ގުޑިލަން ނޭނގިފައި އޭނާ ހުރިއިރު ކައިރިން މީހުން ސިއްރުން ވާހަކަދައްކާ އަޑު އިވެއެވެ. ދެން ފެނުނީ ކޮންމެވެސް މީހަކު ޓޯޗެއް ހިފައިގެން ގޮސް ސިޑިން މައްޗަށް އެރިތަނެވެ. މުސްކާން އިންތިޒާރު ކުރީ އައިޒަން ކޮޓަރިން ނިކުމެގެން އަންނާނެ އިރަކަށެވެ.

ސަނާ ގޮސް އައިޒަންއަށް ގޮވާފައި ލީވާންއަށް ގޮތެއް ވީއޭ ބުނުމުން އައިޒަން ފުންމައިގެން ތެދުވިއެވެ. "ކިހިނެތްވީ ލީވާންއަށް؟" ލޮލުގައި ހުރި ނިންޖާއެކުވެސް އައިޒަން އަޑުގައި ހާސްކަން އެކުލެވުނެވެ. ސަނާ ޖަވާބެއް ނުދީ ހުރެފައި ބުނީ އެކުގައި އައުމަށެވެ. މަންމަ ފަހަތުން ނިކުމެގެން ތަންކޮޅަކަށް އައިފަހުން މަންމަ ގޮސް ސިޑިއާ ހަމަވެފައި އަނދިރީގެ ތެރެއަށް ގެއްލުނެވެ. ދެން އިވުނީ ހަޅޭތްލަވައިގަތް އަޑެވެ. އައިޒަންގެ މެއަށް ހީވީ އެވަގުތު ފިނި ފެން އެއްޗެއް އޮއްސައިލިހެންނެވެ. އޭނާ ހީކުރީ މަންމަ ވެއްޓުނީ ކަމަށެވެ. އަވަހަށް ސިޑިއާ ދިމާއަށް ގޮސް މަތީ ހަރުފަތުގައި ފައިއެޅުމާއެކު ތިރީގައި އެކަމަށް ހާއްސަވެފައި ހުރި މީހަކު ބޮކިތައް ދިއްލާލައިފިއެވެ. ހުދުއަލީން މުޅިތަން އަލިވެގެން ދިޔައިރު އައިޒަންއަށް ފެނުނީ ޒީނަތްތެރި ކުރެވިފައިވާ ސިޓިންރޫމަށް އެއްވެފައިވާ އޭނާގެ ލޯބިވާ އާއިލާއެވެ. މޫނުގެ ނުތަނަވަސްކަން ހައިރާންކަމާއި އުފާވެރި ކަމަކަށް ބަދަލުވެ ތިރިއަށް ފައިބަމުން ދަނިކޮށް އެތަނުން މުސްކާން ފާހަގަ ވުމުން އެދެލޯ ކުރިއަށްވުރެވެސް ބޮޑަށް ވިދައިގަތެވެ.

"މާފުކުރޭ ދަރިފުޅު ބިރުގަންނަވާލެވުނީމަ. އުފާވެރި އުފަން ދުވަހަކަށް މަރުހަބާ." ސަނާ އެންމެކުރިން ކައިރިވެފައި އައިޒަންގެ ކޮނޑުގައި ހިފައި ވާހަކަދެއްކިއެވެ. އައިޒަން ހެވިފައި ހުރެގެން އެއީ ކަމެއް ނޫނޭ ބުނެފައި އެވަގުތުވެސް ބަލައިލީ މުސްކާންއަށެވެ. މުސްކާން އޭރު ކަޅިޖަހާނުލާ އެމޫނަށް ބަލަހައްޓައިގެން ހުއްޓެވެ. ފަހަރަކު މީހަކު ކައިރިވެ އުފަންދުވަހުގެ ތަހުނިޔާ ކިޔާ ނިމުމާއެކު މުސްކާން ކައިރިއަށް ދާނެ ފުރުސަތެއްވެސް ނުދީ ލީވާން ކުރުނުކޮށް ކިޔަން ފެށީ ކޭކު ފެޅުމަށެވެ. އައިޒަން ކޭކު ކައިރިއަށް ޖެހިލުމުން ސަނާ ގޮސް މުސްކާން އަތުގައި ހިފާލައިފައި އައިޒަންގެ އެންމެ ކައިރީ ގެނެސް ބެހެއްޓިއެވެ. އައިޒަން ކޭކު ފަޅާފައި ފުރަތަމަ އެތިކޮޅު މަންމައަށް ލަވަން އުޅުމުން ސަނާ މުސްކާން ފުރަގަހަށް ވަދެފައި އެފުރުސަތު ދިނީ މުސްކާންއަށެވެ. އައިޒަން ހިނިތުންވެފައި ކޭކުކޮޅު ލެވުމުން މުސްކާން އެއިން އެތިކޮޅެއް ރަހަ ބަލާލިއިރު ލޮލަށް ކަރުނައިގެ މުތީތައް ޖަމާވިއެވެ. އެންމެން އުފަލާއެކު ހީހީފައި އައިޒަން އަތުން ކޭކު ކޭއިރު އޭނާ ހުރީ ބަލާށެވެ. ދުރުގައި ހުރި މީހަކު ފޮޓޯވެސް ނަގައެވެ.

އިރުކޮޅަކުން، ތައްޔާރުކޮށްފައި ހުރި އެހެން އެއްޗެހި ކެއުމާއިގެން އެންމެން މަޝްއޫލުވި ވަގުތު އައިޒަން ކައިރިވެލާފައި މުސްކާންއަށް އިއްވަން ބުނެލި ވާހަކައިން އޭނާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

 

 

ކޮމެންޓް 0