..މުސްކާން އަނެއްކާވެސް ނުތަނަވަސްވީ ގެއަށް ފޮނުވާލި ފަހުން ޝައިލީންއާ ދެމީހުން އެކަނިވެގެން ޝައިލީން އެދުވަހު ކަންވީ ގޮތުގެ ތަފްޞީލު ކިޔައިދޭން ފެށުމުންނެވެ. ދެލޯ ބޮޑުވެފައި މުސްކާން އިނީ ނޭވާވެސް ނުލެވިފައެވެ. ރަނގަޅަށް ހުރިހާ ކަމެއް ފައުޅު ވީއެވެ. ދެން އިތުރަށް ސިއްރު ކުރާކަށްވެސް ކަމެއް ނެތެވެ. އިފްހާމް ގުޅައިގެން ޝައިލީން ނިކުމެގެން ދިއުމުން މުސްކާން އަދިވެސް އިނީ އެނދަށް ދެފައި ނެގި ގޮތަށް ގަނޑުވެފައެވެ. ކަންފަތުގައި ޝައިލީންގެ ޖުމްލަތައް ތަކުރާރު ވޭވޭ ހުރިއިރު ހިތް ހީވަނީ މޭފަޅާފައި ނިކުމެދާނެ ހެންނެވެ. އިޝާންގެ އިހްސާސްތައް ފައުޅުވީ އެކަނި އޭނާއަކަށް ނޫނެވެ. އާއިލާގެ އެންމެންގެ ކުރިމަތީގައެވެ. އެޕާޓީއަށް ހާޟިރުވެ ތިބި އެންމެންގެ ކުރިމަތީގައެވެ. އޭނާ ވޭނުން ތެޅިފޮޅެމުން ދިޔަ މަންޒަރު ފެނުމުން އެހިތް ކޮންޓްރޯލް ނުކުރެވުނީއެވެ. ފިރިހެނަކަށް ވެ ހުރެވެސް އިޝާންގެ ހިތްވަރު އެލުނީ އޭނާ ގެއްލިދާނެ ކަމުގެ ބިރު އެހިތުގައި އަށަގަތް ވަރުންނެވެ. ފިޓް ޖެހޭ ކަހަލަ ގޮތެއް ވުމުން އިޝާން މަސައްކަތް ކުރީ އެހަށިގަނޑަށް އިތުރަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރާށެވެ. އެންމެން އެހެން ނުހަދާށޭ ކިޔަ ކިޔާ ހުއްޓާ އިޝާންގެ އަތް އޭނާގެ ދެދަތްޕިލަ ދޭތެރޭ ތާށިކޮށްލާއިރު ކިހާ ޕްރެޝަރެއްގައި ދަތް އެޅިފައި ހުންނާނެ ހެއްޔެވެ؟ އެވަރުން ނުވެގެން އިޝާން މޮޔައެއްހެން އެންމެން ތެރޭ އޭނާ ދޫކޮށްފައެއް ނުދެވޭނެއޭ، ލޯބިވެއޭ ކީ އިރު އެންމެން ހުންނާނީ ހައިރާންވެފައިކަން ޔަޤީނެވެ.

ހަމައެކަނި އެހިޔާލުންވެސް މުސްކާންގެ ހިތަށް އުދަނގޫވިއެވެ. ދެލޯމަރައި ބާރުކޮށްލުމަށްފަހު ދެކަންފަތުގައި އަތް އަޅައި ބޯ ހޫރާލެވުނެވެ. ދެން އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އިޝާންއާ ކުރިމަތިލާނީ ކޮން މޫނަކައިގެން ހެއްޔެވެ؟ އިޝާންގެ ހިތް ލޯބިން ފުރިފައިވާކަން އެނގިހުރެ ކުރިމައްޗަށް އަރާނީ ކިހިނެތް ހެއްޔެވެ؟ އެކަން އެއްކިބައިގައި އޮތްވާ އެއާއިލާ މީހުން ކައިރިއަށް ދާން ކެރިދާނެ ހެއްޔެވެ؟

ދޮރުފަތުގައި މީހަކު ޓަކި ޖަހައިލުމުން ބަލާލިއިރު އިޝާން ހުއްޓެވެ. ރަސްމީވެލައިގެން ހުރުމުން ހީވަނީ ޑިއުޓީއަށް ދަމުން ކައިރި ކުރިހެންނެވެ. މުސްކާންގެ މެއަށް ފިނިވެގެން ދިއުމާއެކު މޫނު އަނބުރާލެވުނީ އަނެއްފަރާތަށެވެ. އޭނާ އަދި އިޝާންއާ ބައްދަލު ކުރާކަށް ތައްޔާރެއްވެސް ނޫނެވެ. މިހާ އަވަހަށް އިޝާން އައީ ހެއްޔެވެ؟

"ވަންނަންތަ؟" މުސްކާން ދުރުބަލަން އިންގޮތުން އިޝާން އަހައިލިއެވެ. ހުއްދަ ލިބުމުން އެތެރެއަށް ވަދެގެން އައިއިރު މުސްކާން ނޫނަކަސް އޭނާގެ ހިތްވެސް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. މިއަދު ވީ ކަންތައް ތަކަށްފަހު މުސްކާން ބުނާނެ އެއްޗެއްވެސް އެނގެނީއެއް ނޫނެވެ.

"ޑިއުޓީއަށް ދަމުން ހިތަށް އެރީ ކޮބައިތޯ ބަލައިލާނަމޭ. އެއްވެސް ތަނެއްގަ ރިއްސާތަ؟ މާބާރަށް ހިފެހެއްޓި ހިފެހެއްޓުމުގަވެސް ހުރެދާނެ ތަނަކަށް އަނިޔާވެފަ." އިޝާން ކޮޅަށް ހުރެގެން ވާހަކަދެއްކިއިރު އެއަޑު އެކަނިވެސް ވަނީ އޯގާތެރިކަމުން ފުރިފައެވެ. މުސްކާން އެމޫނަށް ނުބަލަން އިނދެގެން ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލައިލިއެވެ. ބަހެއް ނުބުނެ ހޭދަވި މަދު ސިކުންތުކޮޅު ތަނުގެ ހިމޭންކަމާހުރެ ދެމީހުންނަށްވެސް އުދަނގޫވިއެވެ. މުސްކާން ހަމަޖެހިލަން މަސައްކަތް ކުރަމުން ކޮޅަށް ތެދުވެފައި ގޮސް ކުޑަދޮރު ހުޅުވާލުމުން މޫނުގައި އައިސް ބީހުނު ވައިރޯޅިއާއެކު އިސްތަށިތައްވެސް އުދުއްސައިލިއެވެ. ރޭގަނޑުގެ ފިނި ރޯޅީން ހީކަރުވާގޮތް ވުމުން އިޚުތިޔާރެއްނެތި ހަށަން ބަނދެލެވުނެވެ.

"އޯލްރައިޓް. އަހަރެން ދެން ދަނީ. ގޯހެއް ވަންޏާ ވާނެ ހަނދާންކޮށް އަހަރެންނަށް ގުޅަން." އިޝާން އެންމެފަހުން ދާންވެގެން ބުނެލިއެވެ. ވަދާޢު ކިޔަންވެގެން އެނބުރުނުވަގުތު މުސްކާންގެ ލޮލުގައި އަޅައިގަތީ މަލަން އަޅައިފައި އޮތް އަތެވެ. "ވެއިޓް!" އެތަން ފެނިގެން މުސްކާންއަށް ގޮވާލެވުނެވެ. އިޝާން ހުއްޓިފައި ހައިރާންކަމުގެ ނަޒަރަކުން ބަލަމުން ދަނިކޮށް އޭނާ އައިސް ކައިރިއަށް ހުއްޓިފައި އެއަތުގައި ހިފާ އުފުލާލެވުނުއިރު ދެހިތުގެވެސް ވިންދު އަވަސްވިކަން ޔަޤީނެވެ. އެކަމަކު އެއީ މުޅިން ތަފާތު ގޮތަކަށެވެ.

"މުސްކާން ކީއް ތިކުރަނީ؟" މަލަންގަނޑުގެ އެއްކޮޅުގައި ހިފާ ނައްޓަން އުޅެނިކޮށް އިޝާން އަވަހަށް އަތް ދުރުކޮށްލަން އުޅުނެވެ. އެކަމަކު މުސްކާން ގަދަކޮށްލާފައި އަވަހަށް މަލަންގަނޑު ދަމައިގަތުމާއެކު ހަލާކުވިތަން އޮތްގޮތުން ފާޑަކަށް ހަޅޭތްލަވައިގަނެވިއްޖެއެވެ. އެވަރުވީއިރު އިޝާން އެހުންނަނީ އެތާގައި ބޭސްވެސް ނާޅައި އެކަނި ބޭސް މަލަންގަނޑެއް ޖަހައިގެންނެވެ. "އިޝާން އެކަމަކު ޑޮކްޓަރަށްވެ ހުރެ އަމިއްލަ ނަފްސަށް ފަރުވާކުޑަ ކުރަންވާނެތަ؟ މަލަންގަނޑަކުން ރަނގަޅުވާނެތަ މިހާވަރުވެފަ އޮތްވާ؟" ޝަކުވާކޮށްގެން އިރު މުސްކާންގެ ލޯ ފެންކަޅިވިއެވެ. އިޝާންއަށް އަނިޔާވެފައި ހުއްޓާ ފެނުމުން ހަޤީޤަތުގައިވެސް ދެރަވެއްޖެއެވެ. އަދި އެވެސް އޭނާގެ ސަލާމަތަށް އެދި އިޝާން ލިބިގަތް އަނިޔާއެކެވެ. ހެޔޮވާނީ ކިހިނެތް ހެއްޔެވެ؟

"ހޮސްޕިޓަލަށް ގޮސް ބޭސް އަޅާނީ." އިޝާން ޖަވާބުދިނީ ހިނިތުންވެފައެވެ. އޭނާއާމެދު މުސްކާން އަޅާލާ މިންވަރު ހާމަވުމުން ހިތަށް ލިބުނީ އަޖައިބެއްފަދަ އުފަލެކެވެ. "އެންމެރަނގަޅު. ދެން އަހަރެންނަށް ފެންނައިރު ބޭސް އަޅާފަ ހުންނަން ވާނީ. ހޮސްޕިޓަލަށް ގޮސް އެހެން މީހުންނަށް ޓްރީޓްކުރުމުގެ ކުރިން ފުރަތަމަ ތި އަތަށް ޓްރީތް ކުރަން ޖެހޭނީ!" މުސްކާން ހަރުކަށި ވައްތަރަކަށް އަމުރުކޮށްލާފައި ކަންކުރަންވީ ގޮތް ބުނެދިނެވެ. އެއަތުން ދޫކޮށްލުމުން އިޝާން ދާންވެގެން އަނެއް އަތުން އޭނާގެ ކޯތާފަތުގައި ހިފަހައްޓާލި ގޮތުން އެވަގުތުވެސް ފިނިވިއެވެ. ކުރިން އިޝާން އެގޮތަށް ކަންތައް ކުރާއިރު ފިނިވަނީ އައިޒަން ހަނދާންވެގެންނެވެ. އެކަމަކު މިހާރު އިޝާންގެ ހިތް އޮތް ގޮތް އެނގިހުރެ އެގޮތަށް ކަންތައް ކުރުމުން ހިތްވެސް އެފުށް މިފުށަށް ޖެހުނެވެ. ބިރުގަތީ އަމިއްލަ އިހްސާސްތައް ފައުޅު ވުމަށްފަހު އިޝާން އިތުރު ކަމެއް ކުރަން އުޅެފާނެތީއެވެ.

"ގުޑް ނައިޓް." އިޝާން އަތް ތިރިކޮށްލާފައި ގޮސް ފުރަގަސްދިނުމުން މުސްކާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދޮރު ލައްޕާލައިފައި އޭނާ ބެލީ އަވަހަށް އެނދަށް ވެއްޓިގަނެވޭތޯއެވެ.

*****

"މަށަކަށް ވައްތަރެއް ނޫން މީ އިންސާނެއްގެ ކަމަކާ. އިޝާންއަށް ޔަޤީންތަ މީ އިންސާނެއްގެ ހަމަލައެއްކަން؟" އަތުގައި ބޭސް އަޅައިދޭން އިނދެފައި ނާރސް ލީޒާ ދެއްކި ވާހަކައިން އިޝާން ގާތަށް ހިނި އައެވެ. "ވައްތަރު ނޫނަކަސް އަހަރެންނަށް ޔަޤީން އިންސާނެއްކަން އަހަރެން އަތުގައި ދަތް އެޅީ." އިޝާން ރައްދު ދިނެވެ. "ކޮންމެ ގޮތެއްވިއަސް ވަރަށް ލަކީ ކުއްޖެއް އެއީ." ލީޒާ މަސައްކަތް ނިންމާފައި ތެދުވަމުން ބުނެލި އެއްޗެއް އިޝާންއަކަށް ނުވިސްނުނެވެ. "ތިއަތުގައި އެކުއްޖާގެ އަމިއްލަ ނިޝާނެއް ހުންނާނެތީ. ރަނގަޅުވިއަސް ލަކުނު ހުންނާނެއެއްނު." އިޝާން ނިތް އަރުވާލުމުން ލީޒާ ދިމާކޮށްލައިފައި ނިކުމެގެން ދިޔައެވެ.

"ނޭނގެ އެކުއްޖާ ލަކީ ކަމެއް. އެކަމަކު އަހަރެންނަށް ޔަޤީން އަހަރެންގެ އަތުގައި މުސްކާންގެ ނިޝާނެއް ހުރުން އެއީ އަހަރެންގެ އުފާވާނެ ކަމެއްކަން." އިޝާން އެކަނި އިނދެގެން ކިޔައިލިއެވެ. މޭޒުމަތީ އޮތް ފޯނު ނަގާފައި ފޮޓޯތަކު ތެރެއިން މުސްކާން ހޯދައިގެން ބަލަން އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ.

މުޅި ރޭ މުސްކާން އޮންނަން ޖެހުނީ އެނދުގައި ދެކޮޅަށް ފުރޮޅިލަ ފުރޮޅިލައެވެ. ހިޔާލުތަކުން ސިކުނޑިއަށް ވާން ކުރާވަރުން ބޮލުގައިވެސް ރިއްސިއެވެ. ބަނޑުހައިވެގެން ތެދުވެ ބަދިގެ ތެރޭ ކޮފީއެއް ބޯން އިންދާ ފަތިސް ނަމާދު ބަންޤީގެ އަޑު އިވެން ފެށިއެވެ. އިރުކޮޅަކުން މަންމަ ނިކުމެފައި އޭނާ ފެނިގެން ކައިރިއަށް އައެވެ. މޫނަށް ބަލައިލުމުން ރަމްލާއަކަށް، މުސްކާން ނިދާފައި ހުރި ވައްތަރެއް ނުޖެހިއެވެ.

"ކިހިނެތްވީ؟" ރަމްލާ ސުވާލު ކުރިއެވެ. ދޭނެ ޖަވާބެއް ނޭނގިގެން ބަލަން އިނދެލާފައި މުސްކާން އިސްއޮބައިލީ ނޭނގޭ ކަމަށް ހަދަމުންނެވެ. "ކޯއްޗެއް މަންމާ؟" މުސްކާންވެސް މަންމައާ ކުރީ ސުވާލެކެވެ. "ތި ވިސްނަނީ އިއްޔެ އެގޭގައި ދިމާވި ކަންތައްތަކާ ދޯ. މަންމައަށް ކުރިންވެސް އިނގޭ އިޝާން ދަރިފުޅާ ގަޔާވާކަން. އެކަމަކު މިއަދު ނޫނީ މާދަން ދަރިފުޅު ކުރިމައްޗަށްވެސް އެކަން އަންނާނެތީ އެވަރަކުން ނޭންގީ." ރަމްލާ ވާހަކަދައްކަމުން މުސްކާންގެ ކުރިމަތީ އިށީނެވެ. އިސްޖަހައިގެން އިނދެ ކޮފީގެ ކޯވަރުތައް ބޯން މުސްކާން އިނީ އަނގައިން ބުނާ ހިތް ނުވެފައެވެ. އޭނާ އެމައުޟޫއަށް ވާހަކަދައްކާ ހިތެއް ނެތެވެ.

"މަންމަ ބުނަންތަ ވާހަކައެއް. އިޝާންއަކީ ރަނގަޅު ޒުވާނެއް. މަންމައަށް ޔަޤީން އިޝާން ދަރިފުޅަށް ދެރަގޮތެއް ނުހަދާނެކަން. އެކަމަކު މަންމައަށް އެނގޭ ދަރިފުޅުގެ ހިތް އޮތް ގޮތް. އެނގޭ އައިޒަންއަށް ދިން މަޤާމު އެހެން މީހަކަށް ނުދެވޭނެކަން. އައިޒަންއާ ދެމީހުންވެގެން ކުރިމަތިލީ ކަންތައްތަކަށްފަހު ފަސޭހައެއް ނުވާނެ އެކަންކަން ހަނދާން ނައްތާލައިފަ ކުރިއަށް ދާކަށް. އެކަމަކުވެސް މީ ދުނިޔެ. އެކަކު އަދި ނެތިގެނެއް ދުނިޔެއެއް ނުހުއްޓޭނެ. ދިރި ހުރީތީ އަހަރެމެން ޖެހޭނީ ދިރިއުޅެން. އެކަމަކު މަންމަ އަދިވެސް ބުނާނީ މަންމަ މުސްކާންއަށް އެއްވެސް ކަމަކަށް މަޖުބޫރު ކުރާކަށް ނެތީމޭ. ބޭނުމީ މުސްކާން އަމިއްލައަށް އެދިގެން ކުރާ ހިތުން ކޮންމެ ކަމެއް ވިއަސް ކުރަން." ރަމްލާގެ ވާހަކަ ނިމުނުއިރު އަޑަށް ބަދަލު އައިސް ލޯ ފެންކަޅިވިއެވެ. އޭނާ އެއްޗެއް ނުބުނެ އިންދާ މަންމަ ތެދުވެގެން ދިއުމުން އިސްއުފުލާލިއިރު އެދިގު އެސްފިޔަތައްވެސް ހުރީ ތެމިފައެވެ.

މަންމަ އެބުނިހެން ދިރިހުރީތީ ދިރިއުޅެން އެބަ ޖެހެއެވެ. އެކަމަކު އެހެން މީހުންގެ އުފަލަކަށްޓަކައި ދިރިއުޅުމަކީ ކިހާ އުދަނގޫ ކަމެއް ހެއްޔެވެ؟ ދެއާއިލާއިން އެގޮތަށް އެދޭނަމަ ކައިވެނިވެސް ކުރެވިދާނެއެވެ. އެކަމަކު އޭނާއަށް އޮތީ ކޯއްޗެއް ހެއްޔެވެ؟ އެކައިވެނީގެ ސަބަބުން އިޝާންއާ އޭނާގެ މެދުގައި އޮތް ގާތް ގުޅުމަށްވެސް ބުރޫ އެރުން ނޫންކަމެއް ނުވާނެއެވެ. ގާތް މީހަކުދެކެ ވާލޯބި އޭނާ މިހާރުވެސް އިޝާންދެކެ ވެއެވެ. އާއިލާ މީހަކަށް އަޅައިލާހެން އިޝާންއަށް އަޅައިލައެވެ. ނުފެނިއްޖެނަމަ ހަނދާންވެއެވެ. އެކަމަކު އެއީ އިޝްޤީ ލޯއްބާއި މުޅިން ތަފާތު ކަންތައް ތަކެކެވެ. ދުވަހަކުވެސް އިޝްޤީ ނަޒަރަކުން އިޝާންގެ މޫނަކަށް ނުބެލޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

ގްރީންލޭންޑަށް ގޮއްސިނަމަ ލީވާންމެން ދިމާކުރާނެތީ ބިރުން މުސްކާން އުޅެން ފެށީ އެގެއަށް ނުގޮހެވެ. މަސައްކަތުގެ ބަހަނާ ދައްކާފައި ލިބޭ ހުސް ވަގުތުވެސް އުޅެނީ ކޮންމެވެސް އެކުވެރިއަކާ އެކުގައެވެ. ލީވާންމެން އޭނާ ހޯދަން އަންނަ ރެއަކު ވިއްޔާ އަވަހަށް ދޮރު ތަޅުލައިގެން ނިދާފައި ކަމަށް ހެދިގެން އޮވެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކީ ދާއިމީ ހައްލެއް ނޫންކަން ވިސްނުމުން މުސްކާން ޚިޔާރު ކުރީ އެއަށްވުރެ މޮޅު ގޮތެކެވެ. އޭނާ ޑިގްރީ ހަދަން ދާން ކޯހަށް އެޕްލައި ކޮށްގެން ހުރީ އެކަކު ކައިރީވެސް ބުނެ ނުލައެވެ.

އެތައް ދުވަހަކަށްފަހު އޭނާ އެގެއަށް ދިޔައީ ސަނާ ގުޅައިގެން އެދުނީމައެވެ. ކިތަންމެ އަވަދިނެތި އުޅެން ޖެހުނަސް ސަނާގެ އެދުމަކަށް ނޫނެކޭ ބުނުމުގެ ހިތްވަރެއް މުސްކާންގެ ނުހުރެއެވެ. މުސްކާން ތައްޔާރު ވެލައިގެން ދިޔައިރު އިޝާންވެސް އުޅެއެވެ.

ރޭގަނޑު ކެއުމަށް އިންސާފު ކުރަން އެންމެން ޖަމާވެފައިވާ މޭޒުމަތީގައި އޭނާ އިންނަން ޖެހުނީ އިޝާންއާ ޖެހިގެންނެވެ. ލީވާން ނޫންކަމަށް ހެދިފައި އިނދެގެން އެދެމީހުންނަށް ބަލާފައި ސިއްރުން ހެއެވެ. "މުޝް ޕޮޓޭޓޯ ކީއްވެތަ މިހާރު މިގެއަށް ނާންނަނީ؟ މާ ބިޒީތަ؟" ލީވާންގެ ސުވާލުން އެންމެންގެ ސަމާލުކަން މުސްކާންއަށް ހުއްޓުނެވެ. އެތަން ފެނުމުން މުސްކާން އަނގައިގައި ހުރި ކާއެއްޗެހިވެސް އަވަހަކަށް ދިރުވާލެވިއްޖެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ކޮށި އަރައި ކެއްސަން ފެށިއެވެ. އިޝާން އަވަހަށް ފެންތަށި ދިއްކޮށްލުމުން އެފެންތަށީގައި ހިފިއިރު ކަންބޮޑުވެފައި އެކި މީހުންގެ މޫނަށް ބަލައިލެވުނެވެ. އެއެންމެންގެ ނަޒަރު އެދެމީހުންނަށް ހުރިއިރު ކޮންމެ މޫނެއްގައިވި ހިނިތުންވުން މުސްކާންގެ ހިތް ނުތަނަވަސް ކުރުވިއެވެ. އޭނާ ފެންތަށިން އެތިކޮޅެއް ބޯލާފައި ދެން ގިނައެއްކޮށް ނުވެސް ކެއެވެ. އެންމެ ކުރިން ތެދުވެގެން ދިޔަ ކުއްޖާ ގިނަ ވަގުތު އުޅުނީ ޝައިލީން ކައިރީ އެކޮޓަރީގައެވެ.

"މުޝް ޕޮޓޭޓޯ ކޮންތާކުތަ ތިއުޅެނީ؟ އާދެބަލަ ބޭރަށް. މިހާރު ކޮންދުވަހެއް ގޭމް ގަނޑެއްވެސް ޖަހައިނުލާތާ." ލީވާން އިރުކޮޅަކުން މުސްކާން ހޯދަމުން އައިސް ވަނެވެ. މުސްކާން ދެކޮޅުހެދި ނަމަވެސް ލީވާން އެއަޑެއް ނޭހިއެވެ. ގަދަކަމުން އަތުގައި ހިފައިގެން ގެންދަން ފެށުމުން މުސްކާން އެންމެފަހުން ރުހުމުގައި ދާން ނިންމިއެވެ. އެކަމަކު އެއިރުވެސް ހިތް ތެޅި ތެޅި އޮތީ ލީވާން ކޮށްފާނެ ކަމަކާމެދުގައި ކަންބޮޑު ވެގެންނެވެ.

ލީވާން މަކަރުން އޭނާ ގޮވައިގެން ކޮޓަރިއަށް ވަދެފައި ވައި ޖެހެއޭ ކިޔައިގެން ބެލްކަނި ދޮރުލައްޕަން ފޮނުވިއެވެ. މުސްކާން ގޮސް ދޮރު ކައިރިކޮށްލަން ތައްޔާރުވިތަނާ ފަހަތުން ލީވާން އޭނާގެ ބުރަކަށީ އަތް އަޅައި ބެލްކަންޏަށް ކޮށްޕާލައިފައި ފެނުނީ އެތެރެއަށް ނުވަދެވޭނެހެން އެދޮރު ތަޅުލިތަނެވެ. މުސްކާން ހަޅޭތްލަވައިގެންފައި ދޮރުގައި ތަޅަން ފެށުމުން ހީހީފައި ދުރަށް ދިޔައީ އެތެރެ ނުފެންނާނެހެން ދޮރުފޮތިތައްވެސް ދަމާފައެވެ. މުސްކާން ރުޅިގަދަވެފައި ހުރެގެން އެނބުރުވަގުތު އޭނާ ސިއްސައިގެން ދިޔައީ ތަންކޮޅެއް ދުރުގައި ފޯނު ކަންފަތުގައި ޖަހައިގެން އޭނާއަށް ބަލަން ހުރި އިޝާން ފެނިފައެވެ. ލީވާން މިކުރިކަމެއް މުސްކާންއަށް ވިސްނުނީ އެހިސާބުންނެވެ.

"އަޅައިނުލާ ހުރިއްޔާ އޭނާ އެންމެ އަވަހަށް ދޮރު ހުޅު ވާނީ." އިޝާން ފޯނު ކަންފަތާއި ވަކިކޮށްލާފައި އިއްވައިލިއެވެ. މުސްކާން ހަމައެކަނި ބޯޖަހާލައިފައި ގޮސް ހުއްޓުނީ އިޝާންއާ ދުރުގައެވެ. އޭނާ ރެއިލިންގައި ދެއަތް އަޅުވާލައިގެން އޮވެ ތިރި ބަލަ ބަލާފައި މަތި ބަލާލިއިރު އުޑުގައި ތަރިތައް ގިނައެވެ. "ދެންމެ ޝޫޓިން ސްޓާރ އެއް ފެނުނު." އިޝާން ވާހަކަދެއްކި އަޑަށް މުސްކާން ބަލާލިއިރު ހުރީ އުޑާއި ދިމާއަށް މޫނު އުފުލާލައިގެންނެވެ. "އިޝާން ޤަބޫލު ކުރަންތަ؟" މުސްކާން އޮޅުންފިލުވާ ހިތްވިއެވެ. "ޝޫޓިން ސްޓާއެއް ނުފެނުނަސް ވާން ހުރި ކަމެއް ވާނީ." އިޝާންގެ ޖަވާބު ތަފާތެވެ. މުސްކާން ބަލަން ހުރެލާފައި އެމޫނުން ނަޒަރު ވަކިކޮށްލައިގެން ހުއްޓާ އިޝާން ސޮރީއޭ ބުނެލި އަޑަށް ސިހުނެވެ.

ދެވަނަ ފަހަރަށް އެމޫނަށް ކަޅި ހުއްޓާލައިފައިވެސް ސުވާލު ކުރާނެ ހިތްވަރެއް ނުލިބުނެވެ. "އެހެން މިބުނީ މުސްކާން ބޭނުން ނުވާ ކަންތައްތަކަކާ ކުރިމަތިލާން ޖެހުނީމަ. ލީވާންމެން އެގޮތަށް ދިމާކޮށް އުޅޭތީ އަހަރެންނަށް އިނގޭ މުސްކާންއަށް އުދަނގުވާނެކަން. ތެދަށް ބުނަންޏާ އެހުރިހާ ކަމެއްވެސް އެވަނީ އަހަރެންނާ ހެދި. އެހެންވެ މިބުނީ އަހަރެންނަށް މަޢާފު ކުރާށޭ." އިޝާން ދުރުބަލަން ހުރެ ތަފްޞީލު ދީފައި ހަތަރުކަޅި ހަމަކޮށްލިއިރު އެމޫނުގައި ވަކި ތަފާތު ކަމެއް ނެތެވެ. މުސްކާން އެވަގުތު ހައިރާންވީ އިޝާން ދެއްކި ވާހަކަ ތަފާތު ކަމުންނެވެ. އޭނާ ހީކުރީ ލިބުނު ފުރުސަތުގެ ބޭނުން އިޝާން ހިފާނީ އޭނާއަށް ނޭނގުމުގެ ތެރޭ ބޭރުކުރެވުނު އިހްސާސްތައް އެއީ ތެދުކަން ހާމަ ކުރުމަށް ކަމަށެވެ. އިޝާން ބުނާނީ އޭނާދެކެ ލޯބިވާ ކަމަށް ކަމަށެވެ. އެކަމަކު އިޝާން އެކަހަލަ އެއްވެސް އެއްޗެއް ނުބުންޏެވެ. ކީއްވެ ހެއްޔެވެ؟

ކޮމެންޓް 0