ތަދުވެގެން އަނގައިން އަޑެއް ލައްވާލައިފައިވެސް އެތާ މީހުން ތިބިކަން ހަނދާންވެގެން ދެތުންފަތް ޖައްސާ ބާރުކޮށްލެވުނެވެ. އެވަގުތު އިޝާން އަވަހަށް ޓިޝޫއަކަށް އައިސްކިއުބްކޮޅެއް އަޅާފައި ހޫނުވިތާ ޖައްސާބާރުކޮށްލިއިރު މުށުތެރޭ އެއަތްތިލަ ފިއްތައިލިއެވެ. "އިޝާން. މިހާރު އޯކޭ އޭ." މުސްކާން އިރުކޮޅަކުން އަތް ދުރަށްލާން އުޅުނުއިރު ކަންބޮޑުވެފައި ބަލައިލީ ވަށައިގެންވި މާހައުލަށެވެ. އެއެންމެން އެދެމީހުންނާއި ދޭތެރޭ ދެކޭނީ ކިހިނެތް ހެއްޔެވެ؟ މުސްކާންގެ މޫނަށް އެރި ކުލަވަރުން އެހިތުގައި އޮތް އެއްޗެއް އެވަގުތު އިޝާންއަށްވެސް ދޭހަވިއެވެ. ހިތަށް ވީ ތަދުން އެއަތުން ދޫކޮށްލައިފައި ބާރުބާރަށް ހިފަހައްޓާލެވުނީ މޭޒު ކަނުގައެވެ. އެވަރުގެ ކުޑަ ކަމަކުން މުސްކާން ހިތަށް ތަކުލީފު ލިބެންޏާ އަދި އޭނާގެ ހިތް ޤަބޫލު ކުރެވޭނީ ކޮންފަދަ އަކުންނެވެ. ދެރައީ ނާކާމީޔާބީ ޔަޤީންވާއިރުވެސް ހިތުން ލޯބި ފުހެވެން ނެތުމުންނެވެ.

އޮފީހަށް އެނބުރި ދިޔަ މަގުމަތީ މުސްކާން އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އިޝާން ސެޓު އޮން ކޮށްލުމުން އިވެންފެށީ އެންމެ ގުޅޭ ލަވައެކެވެ. "އެ ޑްރޮޕް އިން ދި އޯޝަން. އަ ޗޭންޖް އިން ދި ވެދަރ. އައި ވޯޒް ޕްރޭއިން ދެޓް ޔޫ އެން މީ މައިޓް އެންޑް އަޕް ޑުގެދަރ. އިޓްސް ލައިކް ވިޝިން ފޯ ރެއިން އެޒް އައި ސްޓޭންޑް އިން އެ ޑެޒާޓް.ބަޓް އައެމް ހޯލްޑިން ޔޫ ކްލޯސަރ ދެން މޯސްޓް. ކޯޒް ޔޫއާ މައި ހެވަން."

"ތޭންކްސް އިޝާން. ބަބައި." އޮފީސް ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން މުސްކާން ފައިބާފައި ހަނާ އަޅާލުމަށްފަހު ވަދެގެން ދިޔައެވެ. އިޝާން ކަޅިޖަހާނުލާ އިނދެފައި މުސްކާން ގޮސް ގެއްލުމުން ކާރު އަނބުރާލައިފައި ދިޔައިރު އަދިވެސް އެއްފަހަރު ކުރިން އަޑު އެހި ލަވަ ރިޕީޓްކޮށް ޖެހިއެވެ. ހޮސްޕިޓަލަށް ގޮސް ވަންއިރު ބަލިމީހުން ކިއޫ ހަދާލައިފައި ތިއްބެވެ. ހަމަޖެހިލަން މިނިޓެއް ބޭނުންވި ނަމަވެސް އިޝާން އިސްކުރީ މަސައްކަތެވެ. ބަލިމީހުންނަށް ފަރުވާދިނުމަކީ މިހާރު އޭނާގެ ހަމަޖެހުމެވެ. އަނެއްކޮޅުން މުސްކާންވެސް ހުރިހާ ވަގުތެއްހެން ހޭދަ ކުރަނީ މަސައްކަތުގައެވެ. ލިބޭ މަދު ވަގުތުތަކުގައި އޭނާ ގްރީންލޭންޑަށް އައިސް އުޅުނަސް ދުވަސް ވީ ވަރަކަށް ފެންނަން ފެށީ ބޮޑުމީހަކަށް ވަމުން އައި ތަނެވެ. ހަމައެކަނި ބަދަލު ނުވީ މުސްކާންގެ ހިތުގައި އައިޒަންއަށް އޮތް ލޯއްބެވެ.

ލޯބި ސިއްރުކޮށްގެން ހުންނަން ކިތަންމެ އުދަނގޫ ވިއަސް އިޝާން އެކަންވެސް ކުރިއެވެ. ގާތްކޮށް އުޅުނު ވަރަކަށް އެހެން އެކަކަށް ނޭނގޭވަރަށް އޭނާއަށް މުސްކާން އެނގެން ފެށިއެވެ. މުސްކާން ވިސްނާ ގޮތާއި މުސްކާންގެ ރޭވުންތެރިކަން ހުންނަ ގޮތެވެ. ކިޔެވުމަށްއަދި ކުރިއެރުމަށް އެހުންނަ ފޯރިއެވެ. ވަޒީފާ އަދާ ކުރަމުން މުސްކާން ކޮލެޖަށް ގޮސް ޑިޕްލޮމާ ހަދަން ފެށުމުން އިތުރަށް ކިޔެވުމަށްވެސް ވަގުތު ހޭދަވާން ފެށިއެވެ. އޭރު މުސްކާންގެ ވިސްނުން ހުރީ އަނެއްކާވެސް ޑިގްރީއާ ދިމާއަށެވެ. ހީވަނީ ދިރިއުޅުމުގައި އެނޫނީ އެއްވެސް މަޤްސަދެއް ނެތީ ހެންނެވެ. އެކަމަކު އޭނާ މަޑުކުރީ އަނެއްކާވެސް މާ އަވަހަށް މަންމަ ދޫކޮށްލާފައި ނުދާންވެގެންނެވެ.

ހަވީރެކެވެ. މުސްކާން ތައްޔާރުވަމުން ދިޔައީ ހަތަރެއް ޖަހާއިރަށް ގްރީންލޭންޑަށް ދާންވެގެންނެވެ. ދޮންބެދައްތަ މާބަނޑު ވި ފަހުން އެގޭގައި ބާއްވާ ގިނަ ސައި ޕާޓީތަކު ތެރެއިން މިއަދަކީވެސް ހާއްސަ ދުވަހެކެވެ. ނުނިކުމެ އުޅެނިކޮށް މަންމަ ގޮވައިލުމުން މުސްކާން ޖަވާބުދިނެވެ. އަދިވެސް އެއްފަހަރު ލޯގަނޑަށް ކަޅިއެއް އެއްލާފައި ނިކުންނަނިކޮށް ދޮރާއި ހަމައިން ސާމީ ފެނިގެން އޭނާގެ ދެފައި ތަތްލީ ބިމުގައެވެ. ލިބުނު ސިހުމާއި ހައިރާންކަމުގައި ބަހެއް ނުބުނެ ލޯ ބޮޑުކޮށްގެން ހުރެވުނެވެ.

ދުވަސްގަނޑެއް ފަހުން ސާމީވެސް ހުރީ ކުރިއަށްވުރެ ހަރުކުލަ ޖަހާލައިފައެވެ. ތުނބުޅި މަތިމަސް ބަހައްޓައި ފިރިހެންވަންތަ ގޮތްގަނޑު ހުއްޓެވެ. އެކަމަކު ކުރިއަށްވުރެ ހިކިފައި މޫނުގެ އުޖާލާކަން ފަނޑުވެފައިވާހެން ހީވިއެވެ.

"ނުބުނާނަންތަ އެތެރެއަށް ވަންނާކަށް؟" ސާމީ ދޮރުކަނީގައި އަތް އަޅުވާލައިފައި ސުވާލު ކުރިގޮތުން މުސްކާން ލަދުގަތެވެ. އޭނާ އަންނާށޭ ބުނެފައި އަވަހަށް ފުރަގަސްދީގެން އެނބުރިފައި އެތެރެއަށް ވަނެވެ. ފަހަތުން ސާމީ ވަދެ ދޮރުލައްޕައިލި އަޑަށް އޭނާގެ ހިތް އަވަސްވިއެވެ. ސާމީ އަނެއްކާ މިއުޅެނީ ކީއްކުރަން ހެއްޔެވެ؟

މުސްކާން ފިނިވެފައި ދެއަތް ދެއަތާއި އުނގުޅަމުން ގޮސް އެނދުގައި އިށީންދެލުމުން ސާމީ ގޮސް ހުއްޓުނީ އޭނާގެ ކުރިމައްޗަށެވެ. ދެން ފާޑަކަށް ބަލަން ހުރެފައި ގަމީހު ޖީބުން ނެގި ސިޓީއުރައެއް މުސްކާން އަތަށް ދިއްކޮށްލައިފިއެވެ. "މީ ކޯއްޗެއް؟" ސިޓީއުރައިގައި ހިފާފައި މުސްކާން އަހައިލިއެވެ. ސާމީ އެއްޗެއް ނުބުނުމުން އޭނާ ސިޓީ އުރަތެރެއިން ނެގި ކާޑަށް ބަލައިލިއިރު އެއީ ސާމީގެ ކައިވެނީގެ ދައުވަތެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިނދެގެން އޭގައި އޮތް ލިއުން ކޮޅު ކިޔާ ނިމުނުތަނާ މެއަށް ފިނިވެގެން ދިޔައީ ސާމީ ދެކަކޫމައްޗަށް ތިރިވެފައި އޭނާގެ ފައިމަތީ ބޯއަޅައިގެން އޮވެ ރޯން ފެށީމައެވެ. އެހާބޮޑު ފިރިހެނަކު އެގޮތަށް ދެރަވެގެން ރޯނީ ހިތަށް ހާދަ ވަރެއް ވީމައެވެ. މުސްކާންގެ ހިތަށް ކުރި ފުން އަސަރަކުން އޭނާގެ ލޮލުންވެސް ކަރުނަ ހިލިއްޖެއެވެ. ސާމީގެ ކުށަކީ ކޮބައި ހެއްޔެވެ؟ އޭނާދެކެ ލޯބިވުން ހެއްޔެވެ؟

"ހަމައެންމެ ފަހަރަކު. އެންމެފަހަރަކު މިއުނގުގައި ބޯއަޅައިގެން ރޯލަން ދީ! އެއިރުން ދެން ދުވަހަކުވެސް އަހަރެން މުޝްއަށް އުދަނގޫ ކުރާކަށް ނާންނާނަން." މުސްކާން ކާޑު ބާއްވާފައި ސާމީގެ ބޮލުގެ ދެފަރާތުން ހިފަހައްޓާލި ވަގުތު ސާމީ ރުއިމުގެ ތެރެއިން ބުނެލިއެވެ. އިޚުތިޔާރަކާ ނުލާ މުސްކާންއަށް އެދެއަތް ވަކިކޮށްލެވުނެވެ. ދެން އިރުކޮޅަކުން އޭނާ ސާމީގެ އިސްތަށިގަނޑުގައި ނުހަނު ލޯބިން ފިރުމައިދޭން ފެށިއެވެ. ހިތަށްލުއި ދޭން ކޮށްދެވޭނެ ކަމެއް ނެތްއިރު އެވަރުވެސް ރަނގަޅެވެ. އޭނާ ނުހަނު އަޅައިލާ އެކުވެރިއަކަށް ސާމީ ވީތީ އެގޮތަށް ހިތާމަކޮށް ރޯތަން ދެކޭކަށް ބޭނުމެއް ނޫނެވެ. އެކަމަކު މިއަދު އޭނާ ބުނާ އެކައްޗަކުންވެސް ސާމީގެ ކަރުނައެއް ނުހުއްޓުވޭނެއެވެ.

"އައެމް ސޮރީ ސާމީ. ސޯ ސޮރީ. އަހަރެންނަށް އިނގޭ އަހަރެން މިހެން ބުނެގެން ސާމީއަށް ލިބޭނެ ހަމަޖެހުމެއް ނޫނީ މޮޅެއް ނެތްކަން. ބަޓް އައި ކެއަރ ފޯ ޔޫ. އެހެންވެ އަހަރެން ދެރަވޭ ސާމީއަށް މިގޮތަށް ދިމާވީމަ. ދެރަވޭ ސާމީއަށް އަހަރެންދެކެ ލޯބިވެވުނީމަ. އަދި ލޯބިވާ ނުވާ ކުއްޖަކާ ގުޅެން ޖެހުނީމަ ވަރަށް ދެރަވޭ." ރުއިމުގެ އަޑު ކެނޑި ހިމޭންވިފަހުން މުސްކާން މަޑުމަޑުން ކިޔައިލިއެވެ. ސާމީ އެވަގުތު ބޯހިއްލައިލިއިރު އެދެލޯ ރަތްވެފައިވާވަރު ފެނިގެން ޚުދު މުސްކާންގެ ހިތަށްވެސް ލޮޅުން އެރިއެވެ.

"އަހަރެން ދެން ދަނީ. ވަގުތު ވިއްޔާ ޕާޓީއަށް ގޮސްދިނުން އެދެން." ސާމީ ކުއްލިއަކަށް ކޮޅަށް ތެދުވިގޮތުން ހީވީ މިއޮތް ހުރިހާއިރު ކުރިކަމެއް ވިއްޔާ ކުރީ އަމިއްލަ އިޚުތިޔާރުން ބޭރުން ހެންނެވެ. މުސްކާން ތެދުވެފައި ސާމީ ފުރަގަސްދިން ވަގުތު އެއަތުގައި ހިފާލުމުން ހުއްޓުނެވެ. އެކަމަކު އެނބުރި ބަލައެއް ނުލައެވެ.

"ބާއްޖަވެރި މުސްތަޤްބަލަކަށް އެދެން." މުސްކާން އެއަތަށް މަޑުމަޑުން ފިތާލައިފައި ބުނެލިއެވެ. ސާމީ ބޯޖަހާލައިފައި އޭނާގެ އަތް ނައްޓުވާލުމަށްފަހު ނިކުމެގެން ދިޔައީ ދެވަނަ ފަހަރަށް ފަސްއެނބުރި ބަލައިނުލައެވެ.

އޭރު މުސްކާން ހުރީ ބޭރަށް ދާ މޫޑު ގެއްލިފައެވެ. ނިކުތުމުގެ ބަދަލުގައި ދޮރު ލައްޕާލައިގެން އައިސް އެނދަށް އަރައި އޮތްއިރު އިރު އިރުކޮޅާ ސާމީގެ ކައިވެނި ކާޑަށް ނަޒަރެއް ދެވެއެވެ. ދެން ފެނުނީ ވާނެއް ނުދީ ފޯނު ރިންގްވާން ފެށި ތަނެވެ. ލީވާންއާ އެންމެން އޭނާގެ ޚަބަރެއް ނުވެގެން އުޅެނީކަން ކަށަވަރެވެ. މުސްކާން ފޫހި ގޮތަކަށް ބަލަން އޮތުމަށްފަހު ފޯނު ކޮށްޕައިލީ ބާލީސް ދަށަށެވެ.

އިރު އޮއްސިގެން އައިރު ކޮޓަރިތެރެ ފުރާލީ އަނދިރިންނެވެ. މުސްކާން އޭރުވެސް ކަރުނަ ފުހެލަ ފުހެލާ އެނދުގައި އޮތެވެ. ދޮރު ހުޅުވާލައިފައި ކޮންމެވެސް މީހަކު ވަނީ އޭނާ އެހެން އޮތްވައެވެ. މުސްކާން އަނގައިންވެސް ނުބުނެ އޮތްވާ އެމީހަކު ވަދެގެން އަންނަން ފެށުމުން ނޭފަތުގައި ޖެހުނު ލުއި ސެންޓްގެ ވަސް ފާހަގަ ކުރެވުނެވެ. "މިރާހް!" މުސްކާން ގޮވައިލިތަނާ މިރާހް ލައިޓް ޖައްސާލުމުން ކޮޓަރިތެރެ އަލިވެގެން ދިޔައެވެ.

"ލީވާން ގުޅި. ބުނި މުޝް ދާނަމޭ ކިޔައިފަ ޚަބަރެއް ނުވި ވާހަކަ. ނިދިގަނޑެއް އަޅައިލީ ދޯ." މިރާހް ވަދެގެން އައިސް އެތާހުރި ގޮނޑި ކައިރިކޮށްލައިގެން އިށީންދެފައި ވާހަކަދެއްކިއެވެ. މުސްކާން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި ބޯ ހޫރާލީ ދެފަރާތަށެވެ. "ކުޑަ ކަމަކާ ވިސްނާލަން އޮތީ." މުސްކާން ދޮގެއް ނުހަދައެވެ. އައިޒަންއަށްފަހު މިރާހްއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާފަދަ ޒުވާނެކެވެ. އައިޒަންގެ ބެސްޓްފްރެންޑްގެ މަޤާމުގައި ހުރެފައި މިއަދު މިރާހް އެމަޤާމް ދީފައިވަނީ އޭނާއަށެވެ. ލީވާންމެނަށް ނުކިޔައިދޭ އަމިއްލަ ވާހަކަތައްވެސް ބައެއްފަހަރު އައިސް އޭނާއަށް ކިޔައިދީ ލަފާ ހޯދައެވެ.

"މޫނަށް ބަލާފަ ހީވަނީ ކުޑަކަމަކާ ނޫންހެން ވިސްނީ. އަސްލު ކިހިނެތްވީ؟" މިރާހް ފަރުވާތެރިކަމާއެކު ބަލައިލާފައި އިތުރަށް އެހިއެވެ. ކިޔައިދޭން މާ ބޭނުންނުވެފައި އިނދެވެސް މުސްކާން އެންމެފަހުން ސާމީގެ ވާހަކަ ކުޑަކޮށް ބުނެލަދިނެވެ. "ތިހެން ބުނީމަ އަހަރެން ހިތަށް އަރާ ސުވާލެއް ކުރަންތަ؟ މުސްކާން ދެންހަމަ ތިހެން ހުންނާނީތަ؟ އައިޒަން ނޫނިއްޔާ އެގޭ އެހެން މީހަކާ ނަމަވެސް ގުޅެން ވީނު." މިރާހްގެ ވާހަކަ ނިންމައިލީ ސަމާސައަކުންނެވެ. މުސްކާންއަށް އެނގުނީ ޖަހައިލި ހިނިގަނޑުގެ ސަބަބުންނެވެ. "ތީދެން މީހުން ސަމާސައަށް ދައްކާ ވާހަކަތަ؟ ބުނަންތަ ރަނގަޅަށް. އަހަރެން ހުސްކޮށް މިހުންނަނީ މިރާ އަހަރެންނާ ނީނދެގެން. މިރާ މަށާ އިންނަން އެއްބަސްވި ދުވަހަކުން މަ މީހަކާ ރަތްޓެހިވާނީވެސް އިންނަން އުޅޭނީވެސް." މުސްކާން ހީގެންފައި ވާހަކަބެހެއްޓީ އެކުވެރިޔާގެ ވާހަކައާ ގުޅުވާފައެވެ. ދެމީހުން ހީފައި ޖަހާނެ ސަކަރާތެއް ޖަހާފައި ނިކުތްއިރު ލީވާންމެން ތިބީ އޭނާ ހޯދަން އައިހެވެ.

"މީ ދޯ މިވާ ގޮތަކީ. އަހަރުމެންނަށް އަންގާ ނުލާ ދެމީހުން ކަމެއް ހިންގާލަނީ ދޯ." މިރާހް ސިއްރުން ކޮށްލި އިޝާރާތް ވިސްނިގެން ލީވާން ފެށީ ދިމާ ކުރާށެވެ. މުސްކާން އަނގައަށް ގޮތެއް ހަދާލައިފައި ހިމާޔަތް ހޯދީ އިޝާންގެ ފުރަގަހުންނެވެ. އެހެން މީހުން އަބަދު ދިމާކޮށް ރުޅިއެރުވިއަސް އިޝާންގެ އެގޮތެއް ނުހުންނާނެއެވެ. އިޝާން ހިނިއައިސްފައި ހުރެގެން ލީވާން އިތުރަށް ކުރިއަށް ގެންދިޔަ ނުދީ ވާހަކަ ހުއްޓުވުމުން މުސްކާން ހިތްހަމަޖެހުނެވެ.

މަންމަގެ ހުއްދަ ލިބުމުން މުސްކާން ދިޔައިރު އެނގުނީ ގޭގައި އޮތީ ހަވީރު ސައެއް ނޫންކަމާއި ކުޑަވަރެއްގެ ބާބެކިއު ޕާޓީއެއް ކަމެވެ. ސަމީރުއާ ހަފްނާގެ އިތުރުން އިމާރާވެސް އައިސް އުޅެއެވެ. ޝައިލީން އަށްމަހުގެ ބަނޑާއެކު ބައިންދާފައި އިނީ އެންމެންގެ މެދުގައެވެ. ކައިރީގައި އިފްހާމް އިންއިރު މަސައްކަތުގައި އިސްކޮށް އުޅުނީ ގޭގެ ނޯކަރުންނާއެކު ލީވާންމެންނެވެ. ޓެރެސްއެއް ކަމަކު ވައިރޯޅި ނެތުމުން ނުހަނު ހިތްފަސޭހައެވެ. އުޑުގައި ތަރި ގިނަވެފައި ހެއުވަރު ވަރަކަށް ފިނި ހޫނުމިން ހުއްޓެވެ.

"އޭ ކޮބާތަ ރަންގުތަށި. މުސްކާން ދޭބަލަ މަންމައަށް ރަންގުތަށި ގެނެސްދޭން. ހުންނާނެ ބަދިގޭގަ ބަހައްޓާފަ. ސޯސްވެސް ހާކައިފަ ހުންނާނީ." ސަނާ ކުއްލިއަކަށް ހަނދާންވެގެން ބުނެލުމުން މުސްކާން ކުރަން ހުރި މަސައްކަތް ހުއްޓާލައިފައި ތެދުވިއެވެ. "އިޝާން ދޭބަލަ އޭނައާއެކު. ދެއަތުން އެހިފައިގެން އަންނައިރު އެކަނި އުދަނގޫވާނެ." ސަނާ މާނަފުން ގޮތަކަށް ހީލާފައި އިޝާންއަށް ގޮވާލިއެވެ. އިޝާން ބޯޖަހާލައިފައި ފަހަތުން އަންނަން ފެށުމުން މުސްކާންވެސް ހިނގައިގަތެވެ.

ތިރިއަށް އެރިއިރު ލިފްޓަށް އެހެންކަހަލަ ލޮޅުމެއް އެރިހެން ހީވެގެން މުސްކާން ޖެހިލުންވިއެވެ. ނަސީބަކުން ކަމެއް ނުވެ ތިރިއަށް ފޭބުނެވެ. އޭނާގޮސް ބަދިގެއަށް ވަންއިރު ސަނާ ބުނިހެން ތަށި ހުރީ ތައްޔާރުގައެވެ. އެވަގުތު ކޮންމެވެސް މީހަކު ބެލް ޖަހާލުމުން އިޝާން އެދިމާއަށް ދިޔައެވެ. މުސްކާން ހުއްޓިލައިގެން ހުރީ އިޝާން އެނބުރި އަންނަން ދެނެވެ.

"ހިނގާ ދާން." އިރުކޮޅެއް ފަހުން އިޝާން އައިސް ބުނެލިއެވެ. މުސްކާން ރަންގު ތަށީގައި ދެއަތުން ހިފައިގެން ދާން ފެށުމުން އިޝާން ކުރީގައި ގޮސް އޭނާ ވަންނަން ތަންދައްކާފައި ފަހަތުން ވަދެ ޓެރެސްއަށް ފިއްތައިލިއެވެ. ކުރީ ފަހަރުހެން މިފަހަރުވެސް ލިފްޓަށް ލޮޅުން އަރާގޮތްވިއެވެ. އެކަން އިޝާންއަށްވެސް އެނގުނެވެ. މުސްކާން ކަންބޮޑުވެދާނެތީ ، ހަތަރުކަޅި ހަމަވީއިރަށް އޭނާ ވެރިކޮށްލީ ހިނިތުންވުމެކެވެ. "ކިހިނެތް އެވަނީ؟" ދެވަނަ ފަހަރަށް އަދި ކުރިއަށްވުރެ ބޮޑަށް ލިފްޓަށް ލޮޅުން އެރިއިރު ލައިޓްވެސް ނިވި ދިއްލުނެވެ. މުސްކާން ސުވާލު ކޮށްލައިފައި އިޝާންއަށް ޖަވާބު ނުދެވެނީސް ހަޅޭތްލަވައިގަތެވެ. ދެން ފެނުނީ ކުއްލިއަކަށް މުޅިތަން އަނދިރިވެގެން ދިއުމާއެކު ލިފްޓް ހިނގުން ހުއްޓުނު ތަނެވެ.

"އިޝާން. އިޝާން!" މުސްކާން އިޝާން ނުފެނިގެން ރޮއިގަތެވެ. "ކާމް ޑައުން މުސްކާން." އިޝާން އަވަހަށް ފޯނު ދިއްލާފައި މުސްކާން މޫނަށް އަލި އަޅުވާލިއިރު ހުރީ ދެލޯމަރާ ބާރުކޮށްލައިގެންނެވެ. އިޝާން އެވަގުތު ފުރަތަމަ ކަމަކަށް މުސްކާން އަތުގައި ހުރި ތަށީގައި ހިފާފައި ދުރުގައި ބެހެއްޓިއެވެ. އިޝާންގެ އަތުގެ ބީހުން އިހްސާސް ވެގެން މުސްކާން ކުރިކަމަކީ ދުރަށް ދިޔަ ނުދޭން ބާރުބާރަށް މުލައްދަނޑީގައި ހިފެހެއްޓީއެވެ.

"އިޝާން އަހަރެން ބިރުގަނޭ. ޕްލީޒް ޑޫ ސަމްތިން." މުސްކާން ރޮމުންދިޔައިރު އަދިވެސް ހުރީ ލޯމަރައިގެންނެވެ. އިޝާން އެކުއްޖާއަށް ވިސްނަދޭން ދެތިން އެއްޗެއް ބުނެފައި ލީވާން ނަންބަރަށް ޑައިލްކޮށްލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިލިއެވެ. އެހާ ކުޑަ ޖާގައެއްގެ ތެރޭ އެހާ ކައިރީ ހުންނަން ޖެހުމުން ހިތް ތެޅެނީ އަމަށަކު ވަރަކަށް ނޫނެވެ. އެމޫނަށް ބެލި ބެލިހެން އިޝާންގެ ހިތް އެދެމުންދިޔައީ އެވަގުތު އެންމެ ކަމަކަށެވެ. ލީވާން ފޯނު ނެގުމުން އޭނާ ވީގޮތް ކިޔައިދިންއިރު ގަސްތުގައި މުސްކާން މޫނަށް ނުބަލާން މޫނު އަނބުރާލިއެވެ.

"ކީކޭ ލީވާން ބުނީ؟" ފޯނު ބޭއްވުމުން މުސްކާން ސުވާލު ކުރިއެވެ. "ޑޯން ވޮރީ. ލީވާން ބުނީ އޭނަ އެބަބަލަމޭ ރަނގަޅު ވޭތޯ." އިޝާން އޮޅުންފިލުވައިދިނެވެ. ކަރަންޓް އަންނާނެ އިރަކަށް އިންތިޒާރު ކުރުމުގައި ދެން ހޭދަވި ވަގުތުކޮޅު ދެމީހުންގެ ނޭވާގެ އަޑު ނޫން އަޑެއް އެތާކު ނެތެވެ. އިޝާން ފޯނާއި ކުޅެން ހުރެފައި ބަލާލިއިރު މުސްކާން އަދިވެސް ލޯމަރައިގެން ހުރެފައި ކުރިއަށްވުރެ ކައިރިއަށް ޖެހިލިގޮތުން އެމޫނަށް ހުއްޓުނު ނަޒަރު ވަކިކޮށެއް ނުލެވުނެވެ.

 

ކޮމެންޓް 0